ހޯރމޯން އުފައްދައި،
ދޫކުރާ (އެންޑަކްރިން) ނިޒާމް
ހޯރމޯން އުފައްދައި، ދޫކުރާ (އެންޑަކްރިން)
ނިޒާމް (Hormonal(Endocrine) System)އަކީ އިންސާނާގެ
ހަށިގަނޑުގެ ތެރޭގައި ހިމެނޭ ތަފާތު އެންޑަކްރިން ގްލޭންޑް (Endocrine Gland) ތައް ޝާމިލްވާ ނިޒާމް އެެވެ.މިއީ އިންސާނާގެ
ހަށިގަނޑުގައިވާ މިނިޒާމްގައި ހިމެނޭ އެކިއެކި ޓިޝޫތަކުން ހަށިގަނޑުގެ ތަފާތު
މަސައްކަތްތައް ފުރިހަމަ ކުރުމުގައި ބައިވެރިވާ ހޯރމޯންތައް އުފައްދައި، ދޫކުރާ (ބޭރުކުރާ)
ނިޒާމެވެ. އެންޑަކްރިން ނިޒާމް ނުވަތަ ހޯރމޯން އުފައްދައި ދޫކުރާ ނިޒާމް ގައި ހިމެނޭ
ގޮށްތަކުން ތަފާތު އެތައް ހޯރމޯންތަކެއް ބޭރުކުރެއެވެ. މިނިޒާމް ގައި ތަފާތު
ގްލޭންޑް ތަކުގެ އިތުރުން އިންސާނާގެ ހަށިގަނޑުގެ އެތެރޭގެ ބައެއް ގުނަވަންތަކުން
ވެސް ހޯރމޯން ތައް އުފައްދައި ދޫކުރެއެވެ. އެންޑަކްރިން ގްލޭންޑް ތަކާ ގުޅޭ
ޢިލްމަށް ކިޔަނީ އެންޑަކްރިނޮލޮޖީ (Endocrinology)އެވެ. އަދި އެންޑަކްރިން
ގްލޭންޑްގެ ބަލިތަކަށް ޚާއްޞަ ޑޮކްޓަރުންނަށް ކިޔަނީ
"އެންޑަކްރިނޮލޮޖިސްޓް"(Endocrinologist) އެވެ.
ހޯރމޯން އުފައްދައި، ދޫކުރާ
ނިޒާމް އެކުލެވިގެންވަނީ ހޯރމޯންތައް އުފައްދައި، ދޫކުރާ ތަފާތު ގްލޭންޑް ނުވަތަ ގޮށްތަކެއްގެ
މައްޗަށެވެ. މި ހޯރމޯން ތަކަކީ، ހަށިގަނޑުގެ ހެދިބޮޑުވުމާއި، ހަށިގަނޑުގެ
އެތެރޭގައި ހިނގާ މެޓަބޮލިޒަމްގެ މަސައްކަތްތަކާއި، ޖިންސީ ގުނަވަންތައް ބޮޑުވެ
ފުރިހަމަވުމާއި، އެގުނަވަންތަކުގެ މަސައްކަތްތައް ކޮންޓްރޯލްކޮށް، އިންތިޒާމު
ކުރުމުގައިވާ ދައުރުއަދާކުރާ މާއްދާ ތަކެކެވެ. ހޯރމޯންތައް ގްލޭންޑްތަކުން
އުފެއްދުމަށްފަހު ދޫކުރަނީ ލޭގެ އާރު ގެ ތެރެއަށެވެ. އަދި ލޭގެ ތެރެއަށް
ދޫކުރެވުނު ހޯރމޯންގެ ސަބަބުން، އެކެއް ނުވަތަ އެއަށްވުރެ ގިނަ ގުނަވަންތަކަށް
އޭގެ އަސަރު ކުރުމަކީ ވެދާނެ ގޮތެކެވެ.
ހަށިގަނޑުގައި ހުންނަ ހޯރމޯން
ތަކުގެ މިންވަރަށް ބަދަލުގެނުވާ ކަންތައްތަކުގެ ތެރޭގައި، ދިރިއުޅުމުގައި ދިމާވާ
ފިއްތުންތައް، ހަށިގަނޑުގައި ހިސާބެއްގައި ޖަރާސީމުއެޅުން، ހަށިގަނޑުގައި ހިމެނޭ
މަޢުދަނުގެ ބާވަތްތަކާއި، ދިޔާތަކެތީގެ މިންވަރަށް ބަދަލުއައުން ފަދަ ކަންތައްތައް
ހިމެނެއެވެ.
ގްލޭންޑް ނުވަތަ ގޮށަކީ
ކެމިކަލް އުފައްދައި، ދޫކުރާ ސެލްތަކެއްގެ މައްޗަށް އެކުލެވޭ ގުރޫޕެކެވެ.
ގްލޭންޑަކުން އުފައްދާ ކެމިކަލް ނުވަތަ ހޯރމޯން ލޭގެ އާރަށް ދޫކުރުމުން
ހަށިގަނޑުގެ ކޮންމެ ވެސް ހިސާބެއްގައި އޭގެ ބޭނުން ހިފައެވެ. ބައެއް ކަހަލަ
ގްލޭންޑްތަކުން ވަކި ޚާއްޞަ ތަންތަނަށް އެއިން އުފައްދާ އުފެއްދުންތައް
ދޫކުރެއެވެ. މިސާލަކަށް ހަށިގަނޑުގައިވާ ދާބޭރުކުރާ ގްލޭންޑް ތަކުން އުފައްދާ ދާ
ދޫކުރަނީ ހަމުގެ ތެރެއަށެވެ. އަނގައިގައިވާ ކުޅު ބޭރުކުރާ ގްލޭންޑް ތަކުން ކުޅު
ދޫކުރަނީ އަނގައިގެ ތެރެއަށެވެ.
އެންޑަކްރިން
ނިޒާމްގެ ވަޒީފާ
ޙަގީގީ އެންޑަކްރިން ގްލޭންޑް
ތަކުގައި ޑަކްޓް(Duct) އެއް
ނުހުރެެއެވެ. އަދި މިގްލޭންޑް ތަކުން ސީދާ ލޭހޮޅީގެ ތެރެއަށް ތަފާތު ހޯރމޯންތައް
ދޫކުރެއެވެ. އަދި މިގޮތަށް ދޫކުރެވޭ ހޯރމޯންތައް ލޭގެ އާރުގެ ތެރޭގައި
ދައުރުވެއެވެ. އަދި މިގޮތަށް ދޫކުރެވޭ ހޯރމޯންތައް އެހޯރމޯން އެއް އަމާޒު
ކުރެވިފައިވާ ގުނަވަނަކަށް ވާޞިލްވެ، އޭގެ މަސައްކަތް ފަށައެވެ.
ކުރިންވެސް ބުނިހެން އިންސާނާ
ހެދިބޮޑުވުން، މިޒާޖާއި އުޅުން، ސުލޫކު، ޓިޝޫތަކުގެ
މަސައްކަތް، އަދި މެޓަބޮލިޒަމް ކޮންޓްރޯލް ކުރުމުގައި ހޯރމޯންތައް އެހީތެރި
ވެދެއެވެ. އެންޑަކްރިން ނިޒާމް އަކީ އިންސާނާގެ ހަށިގަނޑުގެ އެތެރޭގައި ހިނގާ
ކެމިކަލް ރިއެކްޝަންތައް ކޮންޓްރޯލްކުރުން، އުފެދި ބޮޑުވުން، އަދި ތަފާތު ޓިޝޫ
ތަކުގެ މަސައްކަތް ފުރިހަމަ ކުރުމުގައި ބައިވެރިވާ ނިޒާމެކެވެ. މީހާގެ އުޅުމާއި
ސުލޫކާއި ވެސް އެންޑަކްރިން ނިޒާމް އާ ގުޅުން ވެއެވެ.
ހޯރމޯން ތަކަކީ ހަށިގަނޑުގައި
އުފައްދާ ކެމިކަލް މެސެންޖަރު ތަކެކެވެ. ހަށިގަނޑުގެ ތަފާތު ބައިތަކުގެ މަސައްކަތް
ފުރިހަމަކުރުމަށްޓަކައި، އެއްތަނަކުން ފޮނުވާ ސިގުނަލްތަކާއި، ވިންދުތައް
އަނެއްތަނަކާއި ހަމައަށް ފޯރުކޮށް ދިނުމުގައި ހޯރމޯންތައް ބައިވެރި ވެއެވެ. ޖުމުލަ
ގޮތަކަށް ބުނާނަމަ މިނިޒާމުން އުފައްދައި ދޫކުރާ ތަފާތު ހޯރމޯން ތަކަކީ އިންސާނާގެ
ހަށިގަނޑުގެ އެކިއެކި ސެލްތަކާއި، ތަފާތު ގުނަވަންތަކާއި، އެކި ކަހަލަ
މަސައްކަތްތަކަށް ބާރު ފޯރުވާ މާއްދާ ތަކެކެވެ.
ހޯރމޯން އެއް އެއުފައްދާ
ގޮށަކުން ލޭގެ އާރުގެ ތެރެއަށް ދޫކޮށްލުމުން، ލޭގެ ތެރޭގައި ދައުރުވަމުން،
އެހޯރމޯން އެއްގެ މެސެޖު ލިބުމަށް ފަރުމާކުރެވިގެން އަމާޒުކުރެވިފައިވާ ސެލްއަކަށް
ވާޞިލްވެއެވެ. އަމާޒުކުރެވުނު ސެލްއަށް ވާޞިލްވުމަށް ކުރާ ދަތުރުގެ ތެރެއިން ލޭގެ
ތެރޭގައި ޚާއްޞަ ޕްރޮޓީން ތައް ބައެއް ހޯރމޯން ތަކާއި ތަތްވެއެވެ. މިޕްރޮޓީންގެ
ބޭނުމަކީ އަމާޒުކުރެވިފައިވާ ސެލްއަށް އެހޯރމޯންގެ އަސަރު ކުރުވުމަށްޓަކައި
ބޭނުންވާ ވަރަށް ހޯރމޯން ކޮންޓްރޯލްކޮށް، ހިފަހައްޓާފައި ބެހެއްޓުމެވެ.
ހަމަމިހެން ކޮންމެ ހޯރމޯން
އަކަށް އަމާޒުކުރެވިފައިވާ ސެލްތަކުގައި އެހޯރމޯން އަށް ޚާއްޞަ ރިސެޕްޓަރު ތައް
ހުރެއެވެ. އެހެންކަމުން ކޮންމެ ހޯރމޯން އެއް ވެސް މުޢާމަލާތްކުރާނީ އެހޯރމޯން
އަކަށް ޚާއްޞަ ކުރެވިފައިވާ ރިސެޕްޓަރު ތައް އެކުލެވޭ ސެލްތަކާ އެވެ. ހޯރމޯން އެއް
އަމާޒުކުރެވިފައިވާ ސެލް އަށް ވާޞިލްވުމުން އެހޯރމޯން އަކާއި، އެސެލްގައިވާ
ރިސެޕްޓަރާއި ތަތްވެ، އެސެލްގެ އެތެރޭގައިވާ ބައިތަކަށް ކެމިކަލް މެސެޖުތައް
ފޮނުވަމުން ގެންދާނެއެވެ. ނުވަތަ
އެންގުންތައް އަންގަމުން ގެންދާނެ އެވެ.
ހޯރމޯން އެއްގެ މިންވަރު
ބޭނުންވާ ވަރަށް ދިއުމުން، ނުވަތަ ހުންނަންޖެހޭ މިންގަނޑަށް އެރުމުން، އެހޯރމޯން
ގެ މިންވަރު ލޭގައި ހަމަހަމަ ކަންމަތީ ބެހެއްޓުމަށްޓަކައި، އެ ހޯރމޯން އެއް
ދޫކުރުން ހަށިގަނޑުން ކޮންޓްރޯލްކުރެއެވެ. މިގޮތަށް ހޯރމޯންގެ މިންވަރު ފަހަރުގައި
އެހޯރމޯން އެއް އަމިއްލަށް ވެސް ކޮންޓްރޯލް ކޮށްދާނެ އެވެ. އަނެއްބައި ފަަހަރު
ލޭގައި ހިމެނޭ ހޯރމޯން އާއި ގުޅުންހުރި
ކޮންމެ ވެސް މާއްދާއެއް ވެސް އެހޯރމޯންގެ މިންވަރު ކޮންޓްރޯލް ކުރުމުގައި
ބައިވެރިވެދާނެ އެވެ.
މިސާލަކަށް ތައިރޮއިޑް
ގްލޭންޑް އިން އެކަށޭނަ ވަރަށް ލޭގެ ތެރެއަށް ތައިރޮއިޑް ހޯރމޯން ދޫކުރުމުން،
ޕިޓޫއިޓަރީ ގްލޭންޑް އިން އެކަން ދެނެގަންނާނެ އެވެ. އަދި ތައިރޯޓްރޮޕިން ނުވަތަ
ތައިރޮއިޑް ސްޓިމިއުލޭޓިންގ ހޯރމޯން، ޕިޓޫއިޓަރީ ގްލޭންޑް އިން ދޫކުރުން
ކޮންޓްރޯލްކޮށް ހަމައަކަށް އަޅުވާނެއެވެ. ތައިރޯޓްރޮޕިން އަކީ ތައިރޮއިޑް ގްލޭންޑް
އިން ތައިރޮއިޑް ހޯރމޯން ދޫކުރުމަށް ބާރުއެޅުމަށްޓަކައި ޕިޓޫއިޓަރީ ގްލޭންޑް ގެ
ކުރިމަތީ ބައިން ދޫކުރާ ހޯރމޯން އެކެވެ. މީގެ އަނެއް މިސާލަކީ ލޭގައި ކެލްސިއަމްގެ
މިންވަރު މަތިކުރާ ޕެރަތައިރޮއިޑް ހޯރމޯން އެވެ. ލޭގައި ކެލްސިއަމްގެ މިންވަރު
މަތިވުމުން ޕެރަތައިރޮއިޑް ގްލޭންޑް އެކަން ދެނެގަނެ، ޕެރަތައިރޮއިޑް ދޫކުރާ
މިންވަރު ދަށްކުރާނެއެވެ. މިމަސައްކަތަށް ކިޔަނީ "ނެގެޓިވް ފީޑްބެކް
ސިސްޓަމް"(Negative feedback system) އެވެ.
އެހެންކަމުން ހޯރމޯން އާއި
އެއަށް އަމާޒުކުރެވިފައިވާ ސެލްގެ ރިސެޕްޓަރުގެ މިސާލަކީ ތަޅުދަނޑި އާއި
ތަޅުވަޅެއްގެ މިސާލެވެ. ތަޅުދަނޑި(ހޯރމޯން)، ތަޅުވަޅަށް (ސެލްގެ
ބޭރުފަށަލައިގައިވާ ރިސެޕްޓަރު)، ފިޓުވާނަމަ، ހޯރމޯން މަސައްކަތްކުރާނެ އެވެ.
ނުވަތަ މަސައްކަތްކުރަން ފަށާނެ އެވެ.
ބަލިތަކާއި
ހޯރމޯން އުފައްދައި ދޫކުރާ ނިޒާމް
ހަށިގަނޑުން ދޫކުރާ ތަފާތު
ހޯރމޯންތަކާއި، ގުޅުންހުރި ބަލިތަކަކީ ވަރަށް ޢާންމު ބަލިތަކަށް މިއަދު ވަނީ
ވެފައެވެ. މިސާލަކަށް ހަކުރު ބަލި، ތައިރޮއިޑް ގްލޭންޑްގެ ބަލިތައް، އަދި އާދަޔާ
ޚިލާފަށް ފަލަވުން ފަދަ ބަލިތައް ނެގިދާނެއެވެ. އެންޑަކްރިން ގްލޭންޑް ތަކަށް
ވަރަށް ގިނައިން ކެންސަރު ޖެހޭކަން ވެސް ފާހަގަ ކުރެވެއެވެ. މިގޮތުން އެންޑަކްރިން
ނިޒާމް އާއި ގުޅުން ހުރި ކެންސަރުގެ ބާވަތްތަކުގެ ތެރޭގައި ތައިރޮއިޑް ގްލޭންޑް
ކެންސަރު، އަދި އުރަމަތީގެ ކެންސަރު ފަދަ ބާވަތްތައް ފާހަގަކޮށްލެވެއެވެ.
އެންޑަކްރިން
ނިޒާމްގެ ބަލިތައް ކުރިމަތިވަން ދިމާވާ ސަބަބު ތަކުގެ ތެރޭގައި :-
·
ފުރިހަމަގޮތެއްގައި ހޯރމޯން ވަކި ގްލޭންޑް
އަކުން ދޫނުކުރުން
·
ދޫކުރެވުނު ހޯރމޯންއަށް އޭތި
އަމާޒުކުރެވުނު ގުނަވަން އެކަށޭނަ ގޮތެއްގައި އިޖާބަ ނުދިނުން
·
ހޯރމޯން ދޫކުރާ އެންޑަކްރިން
ގްލޭންޑް އެއް ހަލާކުވުން
·
އާދަޔާ ޚިލާފަށް އެންޑަކްރިން
ގްލޭންޑް އެއް ސައިޒުން ބޮޑުވުން
·
އެހެނިހެން ކަންތައްތައް
އެންޑަކްރިން
ގްލޭންޑް އެއްގެ މަސައްކަތް ފުރިހަމަކުރުން ދަށްވާ ކަންތައްތަކުގެ ތެރޭގައި:-
·
ގްލޭންޑް އަކުން ހޯރމޯން ދޫކުރުން މަދުވުން
·
އުފެދުމުގައި ގްލޭންޑް ނެތުން
·
ގްލޭންޑް ހަލާކުވުން
އެންޑަކްރިން ގްލޭންޑް އެއްގެ
މަސައްކަތް ފުރިހަމަކުރުން އިތުރުވެ ހަލުއިވެގެންދާ ކަންތައްތަކުގެ ތެރޭގައި:-
·
ގްލޭންޑް އަކުން ހޯރމޯން
ދޫކުރުން އިތުރުވުން
·
ގްލޭންޑް އެއް މާބޮޑަށް
މުރާލިވެ، ހީވާގިވުން އަދި އޭގެ މަސައްކަތްތައް އިތުރުވުން
ހޯރމޯން
އުފައްދައި، ދޫކުރާ ނިޒާމްގައި ހިމެނޭ ގްލޭންޑް،ގޮށް، އަދި ގުނަވަންތައް
ހޯރމޯން އުފައްދައި، ދޫކުރާ
ނިޒާމްގައި ހިމެނޭ މައިގަނޑު ގުނަވަންތަކަކީ :-
·
ހައިޕޯތަލަމަސް
·
ޕިޓޫއިޓަރީ ގްލޭންޑް
·
ތައިރޮއިޑް ގްލޭންޑް
·
ޕެރަތައިރޮއިޑް ގްލޭންޑް
·
އެޑްރީނަލް ގްލޭންޑް
·
ޕިނިއަލް ގްލޭންޑް
·
ތައިމަސް ގްލޭންޑް
·
ނަސްލު އުފައްދާ ގުނަވަންތައް
: އޮށް، ބިސްއުފައްދާތަން
ހަގީގީ ހޯރމޯން އުފައްދާ
ނިޒާމްގައި ނުހިމެނޭ، އެކަމަކު އެގުނަވަންތަކުން ހޯރމޯން އުފައްދައި ދޫކުރާ
ގުނަވަންތަކާއި ޓިޝޫތަކެއް ހަށިގަނޑުގައި ވެއެވެ. އެގޮތުން ހޯރމޯން އުފައްދައި،
ދޫކުރާ ގުނަވަންތަކުގެ ތެރޭގައި:-
·
ޗިސްމޭ
·
މޭގަނޑު
·
ގުރުދާ
·
ހިތް
·
މައިދާ
·
ހިމަގޮހޮރުގެ ފުރަތަމަ ބައި
·
ވިހާއިރު ފައިބާ މަސް
·
ރަހިމު
·
ހަން
·
ސަރުބީ ޓިޝޫތައް
·
ކަށީގެ މަދު
1- ހައިޕޯތަލަމަސް
ހައިޕޯތަލަމަސް (Hypothalamus)އަކީ ނާރުތަކުގެ
ނިޒާމް ، ހޯރމޯން އުފައްދައި ދޫކުރާ ނިޒާމް އާ ގުޅުވައިލަދޭ ފާލަމެކެވެ. މިދެނިޒާމް
ގުޅުވައިދެނީ ހޯރމޯންދޫކުރާ ނިޒާމްގައި ހިމެނޭ ޕިޓޫއިޓަރީ ގްލޭންޑް(Pituitary Gland)
ގެ އެހީގައެވެ. ހައިޕޯތަލަމަސް އިންނަނީ ސިކުނޑީގެ މެދުތެރޭގައިވާ ''ބްރޭން
ސްޓެމް'' ނުވަތަ "ސިކުނޑީގެ މުލުގެ (Brain stem) މަތިން
ތަލަމަސް(Thalamus) ގެ ތިރީގައެވެ.
ހައިޕޯތަލަމަސް އަކީ ހަށިގަނޑުގެ ފިނިހޫނުމިން،
މެޓަބޮލިޒަމްގެ ބައެއް މަސައްކަތްތައް، އަދި ފުރިފައި ހުންނަކަން
(ބަނޑުފުރިފައިވާކަން ނުވަތަ ހައިކަން ފިލައިދިއުން) ކޮންޓްރޯލްކޮށް
ތަންޒީމުކުރުމުގައި ޝާމިލްވާ ބައެކެވެ. މީގެ އިތުރުން ހައިޕޯތަލަމަސް އިން ދޫކުރާ
ހޯރމޯންތަކުގެ ސަބަބުން، ސިކުނޑީގެ ތެރޭގައިވާ ޕިޓޫއިޓަރީ ގްލޭންޑް(Pituitary gland)
އިން ތަފާތު ހޯރމޯންތައް ދޫކުރުމަށް ބާރުއަޅައެވެ.މިސަބަބާހުރެ ހައިޕޯތަލަސް އިން
ދޫކުރާ ގިނަ ހޯރމޯންތަކަށް ''ރިލީސިންގ ހޯރމޯން''(Releasing
Hormone) ތަކޭ ކިޔައެވެ. މިހޯރމޯންތައް ސީދާ
ދޫކުރަނީ ސިކުނޑީގެ ތެރޭގައިވާ ލޭގެ އާރުގެ ބައެއް ކަމުގައިވާ
"ހައިޕޯފީސިއަލް ޕޯރޓަލް ސިސްޓަމް"(Hypophyseal
portal system) ގެ ތެރެއަށެވެ. މިތަނުން
އެހޯރމޯންތައް ގެންދަނީ ސީދާ ޕިޓޫއިޓަރީ ގްލޭންޑް ގެ ތެރެއަށެވެ. ޕިޓޫއިޓަރީ ގްލޭންޑްގެ
ތެރޭގައި މިހޯރމޯންތައް، ޕިޓޫއިޓަރީ ގްލޭންޑް އިން "ސްޓިމިއުލޭޓިންގ
ހޯރމޯން"(Stimulating Hormone)
ތައް ދޫކުރުމަށް ބާރުއަޅައެވެ. ނުވަތަ އެކަަމަށް ސިގްނަލް ދެއެވެ.
އަހަރެމެންގެ ބާރަކާއި
އިޚްތިޔާރަކާ ނުލައި ހަށިގަނޑުގައި ހިންގާ ބައެއް ކަންތައްތަކާއި، އަދި
ހަށިގަނޑުގައި ހިންގާ މެޓަބޮލިޒަމްގެ މަސައްކަތްތައް ތަންޒީމް ކުރުމުގައި
ހައިޕޯތަލަމަސް ބައިވެރި ވެއެވެ. މީގެ އިތުރުން އެތަކެއް ނިއުރޯން ހޯރމޯންތަކެއް
ހައިޕޯތަލަމަސް އިން ބޭރުކުރެއެވެ. އެގޮތުން ޕިޓޫއިޓަރީ ގްލޭންޑް އިން ގުރޯތު
ހޯރމޯން ދޫކުރުން ހުއްޓުވާ ހޯރމޯން އެއް ވެސް ހައިޕޯތަލަމަސް އިން ދޫކުރެއެވެ.
ހައިޕޯތަލަމަސް
އިން އުފައްދައި ދޫކުރާ ހޯރމޯންތައް
(ހ) - ގޯނާޑޮޓްރޮޕިން
ރިލީސިންގ ހޯރމޯން (Gonadotropin releasing hormone): ގޯނާޑޮޓްރޮޕިން ރިލީސިންގ ހޯރމޯން އަކީ ސިކުނޑީގެ ތެރޭގައިވާ ހައިޕޯތަލަމަސްގައި އިންނަ ''ޕެރަވެންޓްރިކިޔުލަރ ނިއުކްލިއަސް''(Paraventricular nucleus)
އިން އުފައްދައި ދޫކުރާ،ޕެޕްޓައިޑް ހޯރމޯން(Peptide Hormone) އެކެވެ.މިއީ ޕިޓޫއިޓަރީ ގްލޭންޑްގެ ކުރިމަތީ ބައިން
ފޮލިކަލް ސްޓިމިއުލޭޓިންގ ހޯރމޯން (Follicle
Stimulating hormone)އަދި ލޫޓީއިނައިޒިންގ ހޯރމޯން (Leutenizing Hormone)ދޫކުރުމުގައި ޒިންމާވާ ހޯރމޯން އެވެ. މިހޯރމޯން
އަށް ކިޔައި އުޅޭ އެހެން ނަންތަކުގެ ތެރޭގައި ''ލޫޓީއިނައިޒިންގ ހޯރމޯން ރިލީސިންގ
ހޯރމޯން''(LHRH) ފަދަ ނަންތައް ހިމެނެއެވެ.
(ށ) - ގްރޯތު
ހޯރމޯން ރިލީސިންގ ހޯރމޯން (Growth hormone releasing hormone): ގްރޯތު ހޯރމޯން ރިލީސިންގ ހޯރމޯން އަކީ
ސިކުނޑީގެ ތެރޭގައިވާ ހައިޕޯތަލަމަސްގައި އިންނަ ''އާކުއޭޓް ނިއުކްލިއަސް''(Arcuate nucleus)
އިން އުފައްދައި ދޫކުރާ 44 އެމިނޯ އެސިޑް އެކުލެވޭ ޕެޕްޓައިޑް ހޯރމޯން އެކެވެ. މިހޯރމޯން
އަކީ ޕިޓޫއިޓަރީ ގްލޭންޑްގެ ކުރިމަތީ ބައިން ގްރޯތު ހޯރމޯން ދޫކުރުމަށް ބާރުއަޅާ
ހޯރމޯން އެކެވެ. މިހޯރމޯން އަށް ކިޔައިއުޅޭ އެހެން ނަންތަކުގެ ތެރޭގައި ''ގްރޯތު
ހޯރމޯން ރިލީސިންގ ފެކްޓަރ''(GRF/GHRF) އަދި ''ސޯމެޓަކްރިނިން''(Somatocrinin) ފަދަ
ނަންތައް ހިމެނެއެވެ.
(ނ) - ކޯޓިކޯޓްރޮޕިން
ރިސީލިންގ ހޯރމޯން (Corticotropin releasing hormone): ކޯޓިކޯޓްރޮޕިން ރިލީސިންގ ހޯރމޯން އަކީ ސިކުނޑީގެ ތެރޭގައިވާ ހައިޕޯތަލަމަސް
ގައި އިންނަ ''ޕެރަވެންޓްރިކިޔުލަރ ނިއުކްލިއަސް''(Paraventricular nucleus)
އިން އުފައްދައި ދޫކުރާ،ޕެޕްޓައިޑް ހޯރމޯން އެކެވެ. ހަމަމިހެން މިއީ ''ސްޓްރެސް''
ނުވަތަ ދިމާވާ ފިއްތުންތަކަށް އިޖާބަ ދިނުމުގައި ބައިވެރިވާ
''ނިއުރޯޓްރާންސްމިޓަރ''(Neurotransmitter) އެއްވެސް މެއެވެ. މިހޯރމޯން އަކީ ޕިޓޫއިޓަރީ
ގްލޭންޑްގެ ކުރިމަތީ ބައިން އެޑްރީނޯ ކޯޓިކޯ ޓްރޮޕިކް ހޯރމޯން ދޫކުރުމަށް ބާރުއަޅާ
ހޯރމޯން އެކެވެ.މިހޯރމޯން އަށް ކިޔައިއުޅޭ އެހެން ނަންތަކުގެ ތެރޭގައި
''ކޯޓިކޯޓްރޮޕިން ރިލީސިންގ ފެކްޓަރ''(CRF) އަދި ''ކޯޓިކޯލިބެރިން''(Corticoliberin) ފަދަ ނަންތައް ހިމެނެއެވެ.
(ރ) –
ތައިރޯޓްރޮޕިން ރިލީސިންގ ހޯރމޯން (Thyrotropin releasing hormone): ތައިރޯޓްރޮޕިން ރިލީސިންގ ހޯރމޯން އަކީ ސިކުނޑީގެ ތެރޭގައިވާ ހައިޕޯތަލަމަސް
ގައި އިންނަ ''ޕެރަވެންޓްރިކިޔުލަރ ނިއުކްލިއަސް''(Paraventricular nucleus)
އިން އުފައްދައި ދޫކުރާ،ޓްރައި ޕެޕްޓައިޑް ހޯރމޯން އެކެވެ. މިއީ ޕިޓޫއިޓަރީ
ގްލޭންޑްގެ ކުރިމަތީ ބައިން "ތައިރޮއިޑް ސްޓިމިއުލޭޓިންގ ހޯރމޯން" އަދި
"ޕްރޯލެކްޓިން" އުފައްދައި ދޫކުރުމަށް ބާރުއަޅާ ހޯރމޯން އެކެވެ.
މިހޯރމޯން އަށް ކިޔައިއުޅޭ އެހެން ނަންތަކުގެ ތެރޭގައި "ތައިރޯޓްރޮޕިން
ރިލީސިންގ ފެކްޓަރ"(Thyrotropin
releasing factor)
، "ތައިރޯލިބެރިން"(Thyroliberin) ، "ޕްރޯޓިރެލިން"(Protirelin) ފަދަ
ނަންތައް ހިމެނެއެވެ.
(ބ) – ވޭޒޯޕްރެސިން (Vasopressin):
ވޭޒޯޕްރެސިން
އަކީ ސިކުނޑީގެ ތެރޭގައިވާ ހައިޕޯތަލަމަސްގައި އިންނަ ''ޕެރަވެންޓްރިކިޔުލަރ
ނިއުކްލިއަސް''(Paraventricular nucleus) އަދި ''ސްޕްރައޮޮޕްޓިކް ނިއުކްލިއަސް''(Supraoptic nucleus)
ގައި ހުންނަ ''މެގްނޯ ސެލިއުލާ ނިއުރޯސިކްރީޓަރީ ސެލް''(Magnocellular neurosecretory cell)
ތަކުން އުފައްދައި ދޫކުރާ،ޕެޕްޓައިޑް
ހޯރމޯން އެކެވެ. ވޭޒޯޕްރެސިން މައިގަނޑު ގޮތެއްގައި އުފެދިގެން އަންނަނީ
ސްޕްރައޮޕްޓިކް ނިއުކްލިއަސްގައި ހުންނަ މިފަދަ ސެލްތަކުންނެވެ.
މިއީ ހައިޕޯތަލަމަސްގައި
''ޕްރީޕްރޯ ހޯރމޯން ޕްރިކޯސަރ''(Prehormone
precosor) އިން އުފެދިގެން އައިސް ޕިޓޫއިޓަރީ
ގްލޭންޑްގެ ފަހަތު ބަޔަށް ވާޞިލްވާ ހޯރމޯން އެވެ. ޕިޓޫއިޓަރީ ގްލޭންޑްގެ ފަހަތު ބައިން
މިހޯރމޯން ލޭގެ ތެރެއަށް ދޫކުރެއެވެ. އަދި ބައެއް ފަހަރު ސީދާ ސިކުނޑީގެ ތެރެއަށް
ދޫކުރެއެވެ.
ވޭޒޯޕްރެސިން އަށް ކިޔައިއުޅޭ
އެހެން ނަންނަމުގެ ތެރޭގައި ''އާޖިނީން ވޭޒޯޕްރެސިން''(Arginine vasopressin) ، ''އާޖިޕްރެސިން''(Argipressin) ، އަދި ''އެންޓި ޑައިޔުރެޓިކް ހޯރމޯން''(Antidiuretic
hormone/ADH) ފަދަ ނަންތައް ހިމެނެއެވެ.
ވޭޒޯޕްރެސިން ހަށިގަނޑުން
ދޫކުރަނީ ހަށިގަނޑުގައި ފެނުގެ ނިސްބަތް މަދުވާ ހިނދުގައެވެ. ގުރުދާ ގައި ފެން
ވަކިވަރެއްގައި ހިފަހައްޓައި ދިނުމަށް މިހޯރމޯން މެދުވެރި ކުރުވައެވެ. އަދި ގުރުދާ
މެދުވެރިކޮށް، ހަށިގަނޑުން ފެން ބޭރުވެގެންދިއުން މިހޯރމޯން ކޮންޓްރޯލް ކުރެއެވެ.
އެގޮތުން ކުޑަކަމުދާ ތަކެތި ތަރުކީޒުކޮށް، އަދި ކުޑަކަމުދާ ތަކެތީގެ މިންވަރު
މަދުކުރުވައެވެ. މީގެ އިތުރުން ލޭހޮޅިތައް ހަނިކުރުވުން(Vasoconstriction)
ކުރިމަތި ކުރުވައިގެން ލޭގެ ޕްރެޝަރު މަތިކުރުވައެވެ.
(ޅ) – ސޯމެޓަސްޓެޓިން
(Somatostatin): ސޯމެޓަސްޓެޓިން އަކީ ސިކުނޑީގެ ތެރޭގައިވާ ހައިޕޯތަލަމަސްގައި
އިންނަ ''ޕެރިވެންޓްރިކިޔުލަރ ނިއުކްލިއަސް''(Periventricular nucleus) ، މަޢިދާ، ޗިސްމޭ، ފަދަ ގުނަވަންތަކުން
އުފައްދައި ދޫކުރާ ޕެޕްޓައިޑް ހޯރމޯން އެކެވެ. މިއީ ޕިޓޫއިޓަރީ ގްލޭންޑް
އިން ގުރޯތު ހޯރމޯން އުފައްދައި ދޫކުރުން ހުއްޓުވާ ހޯރމޯން އެކެވެ. މައިދާގައި
މިހޯރމޯން ދޫކުރަނީ ''ޑީސެލް''(D
Cell) ތަކުންނެވެ. މިހޯރމޯންގެ ހަރަކާތްތެރި ދެވައްތަރެއް
ވެއެވެ. އެއީ 14 އެމިނޯ އެސިޑް އެކުލެވޭ ވައްތަރަކާއި، އަދި 28 އެމިނޯ އެސިޑް
އެކުލެވޭ ވައްތަރެކެވެ. މިހޯރމޯން އަށް ކިޔާއުޅޭ އެހެން ނަންތަކުގެ ތެރޭގައި
''ގްރޯތު ހޯރމޯން އިންހިބިޓިންގ ހޯރމޯން''(GHIH) ،''ސޯމެޓަޓްރޮޕިން ރިލީސް އިންހިބިޓިންގ ހޯރމޯން''(SRIF) ފަދަ
ނަންތައް ހިމެނެއެވެ.
(ކ) – ޑޯޕަމީން (Dopamine):
ޑޯޕަމީން
އަކީ ސިކުނޑީގެ ތެރޭގައިވާ ހައިޕޯތަލަމަސް ގައި އިންނަ ''އާކުއޭޓް ނިއުކްލިއަސް''(Arcuate nucleus) އިން
އުފައްދައި ދޫކުރާ ނިއުރޯ ހޯރމޯން އެކެވެ. ސިކުނޑީގެ ތެރޭގައި ޑޯޕަމީން
މަސައްކަތްކުރަނީ ''ނިއުރޯ ޓްރާންސްމިޓަރ''(Neurotransmitter) އެއްގެ
ގޮތުގައެވެ. އެގޮތުން 5 ވައްތަރެއްގެ ޑޯޕަމީން ރިސެޕްޓަރ ތައް ހީވާގިކޮށް މުރާލި
ކުރުވައެވެ. އެއީ D1,D2,D3,D4,D5
މި 5 ވައްތަރުގެ ރިސެޕްޓަރ އެވެ. ހައިޕޯތަލަމަސް އިން ދޫކުރާ ޑޯޕަމީންގެ މައިގަނޑު
މަސައްކަތަކީ ޕިޓޫއިޓަރީ ގްލޭންޑްގެ ކުރިމަތީ ބައިން ޕްރޯލެކްޓިން ދޫކުރުން
މަނާކުރުމެވެ. ނުވަތަ އެމަސައްކަތަށް ހުރަސް އެޅުމެވެ.
(އ) – އޮކްސިޓޯސިން
(Oxytocin): އޮކްސިޓޯސިން އަކީ އިންސާނާގެ ސިކުނޑީގައި ނިއުރޯ ޓްރާންސްމިޓަރ
އެއްގެ ގޮތުގައި ހަރަކާތްތެރިވާ ހޯރމޯން އެކެވެ. އަންހެނުންނަށް ރިޢާޔަތްކުރާއިރު
އޮކްސިޓޯސިން ދޫކުރަން ފަށަނީ ވިހެއުމުގެ ތެރޭގައި ރަހިމުގެ ކަރު ، އަދި
އަންހެނާގެ ޖިންސީ ގުނަވަން ފުޅާވުމަށްފަހު ގައެވެ. އެއީ ވިހެއުން ފަސޭހަކޮށްދީ
ހަލުއިކޮށްދިނުމަށްޓަކައެވެ. ހަމަމިހެން ގާތުންދިނުން ހަލުއިކޮށް ފަސޭހަކޮށް
ދިނުމަށްޓަކައި ވަށްގަނޑު ހީވާގިކޮށް މުރާލިކުރުމުން ވެސް އޮކްސިޓޯސިން ދޫކުރަން
ފަށައެވެ. އަދި އުރަމަތިން ކިރުއުފައްދައި ބޭރުކުރުމަށް ވެސް ބާރުއަޅައެވެ.
ޖިންސީ އެދުން ފުއްދުމުގެ
ތެރޭގައި ކުންނަށް ވާޞިލްވާ ހިނދު ދެޖިންސްގެ މީހުންގެ ހަށިގަނޑުން ވެސް
އޮކްސިޓޯސިން ދޫކުރެއެވެ. ސިކުނޑީގައި އަދާކުރާ ދައުރަށް ބަލާއިރު މީހުންގެ
މެދުގައި އިޖްތިމާޢީ ގުޅުން ބަދަހިކޮށް އަދި އިތުބާރު އުފެއްދުމުގައި އޮކްސިޓޯސިން
ދައުރެއް ކުޅޭކަމަށް ބުނެވެއެވެ.
އިންސާނާގެ ސިކުނޑީގެ ތެރޭގައިވާ
ހައިޕޯތަލަމަސްގައި އިންނަ ''ޕެރަވެންޓްރިކިޔުލަރ ނިއުކްލިއަސް''(Paraventricular nucleus)
އަދި ''ސްޕްރައޮޮޕްޓިކް ނިއުކްލިއަސް''(Supraoptic
nucleus) ގައި ހުންނަ ''މެގްނޯ ސެލިއުލާ
ނިއުރޯސިކްރީޓަރީ ސެލް''(Magnocellular
neurosecretory cell) ތަކުން އުފައްދާ ހޯރމޯން އެކެވެ. ހައިޕޯތަލަމަސް ގައި
މިހޯރމޯން އުފެދުމުން، މިހޯރމޯން ރައްކާކުރަނީ ޕިޓޫއިޓަރީ ގްލޭންޑްގެ ފަހަތު
ބައިގައި ހުންނަ "ހެރިންގ ބޮޑީޒް"(Herring bodies)
ތަކުގައެވެ. އެއަށްފަހު ލޭގެތެރެއަށް މިހޯރމޯން ދޫކުރަނީ ޕިޓޫއިޓަރީ ގްލޭންޑްގެ
ފަހަތު ބައިންނެވެ
2-
ޕައިނީއަލް ގްލޭންޑް
ޕައިނީއަލް ގްލޭންޑް(Pineal gland) އަކީ ސިކުނޑީގެ ތެރޭގައި އިންނަ ކުޑަ އިންޑަކްރިން ގްލޭންޑް އެކެވެ. ކުޑަ
ފެހި އޮށެއް ވަރުގެ މިގްލޭންޑް އިންނަނީ ސިކުނޑީގެ ދެފަޅީގެ މެދުން، މެދުތެރެއާއި
ކައިރީގައެވެ. މިގްލޭންޑް އިން ބޭރުކުރާ ހޯރމޯން އަކީ މެލަޓޯނިންއެވެ.
އިންނަ ތަން
ޕައިނީއަލް ގްލޭންޑަކީ
ފެހިއޮށެއްވަރުގެ ސައިޒަށް އިންނަ ރަތް އަޅިކުލައިގެ ޖިސްމެކެވެ. މި ގްލޭންޑް
އިންނަނީ ''ސްޓްރިއާ މެޑުލާރިސް''(Stria
medularis)ގެ ތިރިން، ''ސްޕީރިއޯ ކޮލިކިއުލަސް''(Superior colliculus)ގެ ކުރިމަތިން ''ތަލަމިކް ބޮޑީޒް''(Thalamic bodies)ގެ އެއް އަރިމައްޗެއްގައެވެ. މިގްލޭންޑް އަކީ ''އެޕިތަލަމަސް''(Epithalamus)
ގެ ބައެކެވެ.
އެކުލެވިގެންވާގޮތް
ޕައިނީއަލް ގްލޭންޑްގައި
''ޕައިނިއެލޯސައިޓް''(Pinealocyte) ކިޔާ ސެލްތަކެއް ހުރެއެވެ. މިސެލްތަކުގެ ވަށައިގެން
ކަނެކްޓިވް ޓިޝޫ އެކުލެވޭ ތަންތަން ވެއެވެ.މިގްލޭންޑްގެ ބޭރު ސަޠަޙަ ވަނީ
''ޕައިނިއަލް ކެޕްސޫލް''(Pineal
capsule) އިން ނިވާކުރެވިފައެވެ. ކުރިން ބުނި
ސެލްގެ އިތުރުން ޕައިނިއަލް ގްލޭންޑްގައި ހުންނަ ސެލްތަކުގެ ތެރޭގައި
''އިންޓަސްޓިޝަލް ސެލް''(Interstitial
cell) އަދި ''ފޭގޯސައިޓް''(Phagocyte) ފަދަ ސެލްތައް ހިމެނެއެވެ.
މެލަޓޯނިން
މެލަޓޯނިން (Melatonin)އަކީ ސިކުނޑީގެ ތެރޭގައިވާ ޕައިނިއަލް
ގްލޭންޑްގައި ހުންނަ ''ޕައިނިއެލޯސައިޓް''(Pinealocyte) އިން
އުފައްދައި ދޫކުރާ ހޯރމޯން އެކެވެ. އާންމު ގޮތެއްގައި މިހޯރމޯން ދޫކުރަނީ
ޕައިނިއަލް ގްލޭންޑް އިން ކަމަށް ވިޔަސް ބައެއް ފަހަރު ލޮލުގެ
"އަލިދުލި"(Retina) އަދި ހަޖަމުކުރާ ނިޒާމް ގެ ބައިތަކުން ވެސް މިހޯރމޯން
ދޫކުރެއެވެ.
3-
ޕިޓޫއިޓަރީ ގްލޭންޑް
ޕިޓޫއިޓަރީ ގްލޭންޑް(Pituitary gland) އަކީ ސިކުނޑީގެ ބުނޑުގަނޑުގައި ނުވަތަ ދަށުގައި
އިންނަ ފެހި އޮށެއްގެ ވަރުވާ ކުޑަ އިންޑަކްރިން ގްލޭންޑް އެކެވެ. މިގްލޭންޑް
އިންނަނީ ''ސެލާ ޓާސިކާ''(Sella
turcica) ކިޔާ ކަށިން އުފެދިފައިވާ
ހުސްތަނެއްގެ ތެރޭގައެވެ. މިބުނި ކަށީގެ ހޮހަޅަ އިންނަނީ ބޮލުގެ ނާށިގަނޑުގެ
ތެރޭގައި އެތެރެން ހުންނަ ކަށިގަނޑުތަކުގެ ތެރޭގައި ހިމެނޭ ''ސްފީނޮއިޑް
ކަށިގަނޑު''(Sphenoid bone) ގެ ތެރޭގައެވެ.
ޕިޓޫއިޓަރީ ގްލޭންޑް އިން އެހެން އިންޑަކްރިން ގްލޭންޑްތައް ހީވާގިކޮށް
މުރާލިކުރާވާ ހޯރމޯންތައް ދޫކުރެއެވެ.
ޕިޓޫއިޓަރީ ގްލޭންޑަކީ
ހޯރމޯން އުފައްދައި، ދޫކުރާ ނިޒާމްގައި ހިމެނޭ އެންމެ މުހިއްމު ބައި ކަމުގައި
ބެލެވިދާނެ އެވެ. ސަބަބަކީ މިނިޒާމްގައި ހިމެނޭ އެހެނިހެން ގްލޭންޑްތަކުގެ ވަރަށް
ގިނަ މަސައްކަތްތަކެއް ކޮންޓްރޯލްކުރާ ހޯރމޯންތައް މިގްލޭންޑުން އުފައްދައި
ދޫކުރާތީ އެވެ.
ޕިޓޫއިޓަރީ
ގްލޭންޑް ބެހިފައިވާ ބައިތައް
·
ޕިޓޫއިޓަރީ ގްލޭންޑްގެ
ކުރިމަތީބައި (Anterior pituitary lobe)
·
ޕިޓޫއިޓަރީ ގްލޭންޑްގެ
މެދުބައި (Intermediate pituitary
lobe)
·
ޕިޓޫއިޓަރީ ގްލޭންޑްގެ
ފަހަތުބައި (Posterior pituitary
lobe)
ޕިޓޫއިޓަރީ
ގްލޭންޑްގެ ވަޒީފާ
ޕިޓޫއިޓަރީ ގްލޭންޑް
އަންނަނިވި ކަންތައްތައް ކޮންޓްރޯލް ކުރުމުގައި ބައިވެރިވެ، އެހީތެރިވެދެއެވެ.
·
ހަށިގަނޑު ހެދިބޮޑުވުން
·
ލޭގެ ޕްރެޝަރު
·
މައިމީހާގެ އުރަމަތީގައި ކިރު
އުފެދުން
·
ޖިންސީ ގުނަވަންތަކުގެ
މަސައްކަތް
·
ތައިރޮއިޑް ގްލޭންޑް ގެ
މަސައްކަތް
·
ފެނާއި މަޢުދަންތައް
ހަށިގަނޑުގައި ހަމަހަމަކަންމަތީ ބެހެއްޓުން
·
މާބަނޑުވުމާއި ވިހެއުމުގެ
ތެރޭގައި ކުރިމަތިވާ ބައެއްކަންތައްތައް
ޕިޓޫއިޓަރީ
ގްލޭންޑްގެ ކުރިމަތީ ބައި ން ދޫކުރާ ހޯރމޯންތައް
(ހ) - ގްރޯތު
ހޯރމޯން (Growth hormone): ގްރޯތު ހޯރމޯން އަކީ އިންސާނާގެ ހަށިގަނޑު ބޮޑުވުމަށް ބާރުއަޅައި، ސެލްތައް އުފެއްދުމުގައި
އެހީތެރިވެދޭ ޕްރޮޓީން ހޯރމޯން އެކެވެ. 191 އެމިނޯ އެސިޑް އެކުލެވޭ ސިންގަލް
ޗެއިން ޕޮލިޕެޕްޓައިޑް ހޯރމޯން އެއްކަމުގައި ބެލެވޭ ގްރޯތު ހޯރމޯން އުފައްދައި،
ރައްކާކޮށް ދޫކުރަނީ ޕިޓޫއިޓަރީ ގްލޭންޑްގެ ކުރިމަތީ ބައިގެ އަރިމަތީ ފިޔައިގައި
ހުންނަ ''ސޯމެޓަޓްރޯޕް''(Somatotrope)ކިޔާ
ސެލްތަކުންނެވެ. މިހޯރމޯން އަށް ކިޔައިއުޅޭ އެހެން ނަންތަކުގެ ތެރޭގައި ''ސޯމެޓަޓްރޯޕިން''(Somatotropin/STH)
ހިމެނެއެވެ. މިއީ ހަށިގަނޑުގެ ޓިޝޫތަކާއި، ކަށިތައް އުފެދި ބޮޑުވުމަށް ބާރުއަޅާ
ހޯރމޯން އެކެވެ.
(ށ) – ޕްރޯލެކްޓިން
(Prolactin): ޕްރޯލެކްޓިން އަކީ ގާތުންދޭ ދުވަސްވަރު ދޫކުރާ ޕެޕްޓައިޑް ހޯރމޯން އެކެވެ. މިހޯރމޯން ޕިޓޫއިޓަރީ
ގްލޭންޑްގެ ކުރިމަތީ ބައިގައި ހުންނަ ''ލެކްޓޯޓްރޯޕް''(Lactotrope)
ސެލްތަކުން އުފައްދައި ދޫކުރެއެވެ. މީގެ އިތުރުން އުރަމަތި އަދި މާބަނޑު
ދުވަސްވަރު ރަހިމުގެ ފާރުން ވެސް މިހޯރމޯން އުފައްދައި ދޫކުރެއެވެ. ގާތުން
ކިރުދިނުމުގެ ތެރޭގައި ކުޑަ ދަރިފުޅު މައިމީހާގެ އުރަމަތީގައި އަނގަޖަހައި
ދަމާލުމުން، ޕްރޯލެކްޓިން އުފެއްދުމަށް ބާރުއަޅައެވެ. ނަތީޖާއެއްގެ ގޮތުން
އުރަމައްޗަށް ކިރުއެރި، ފުރެއެވެ. އެއީ ޖެހިގެން އަންނަ ފަހަރު ގާތުންދޭން ވާއިރު
ކިރު އުރަމަތީގައި ޖަމާވެފައި ބެހެއްޓުމަށްޓަކައެވެ. އެހެންކަމުން މިއީ އަންހެނާގެ
އުރަމަތިން ކިރު އުފައްދައި ބޭރުކުރުމަށް ބާރުއަޅާ ހޯރމޯން އެކެވެ.
(ނ) - އެޑްރީނޯ
ކޯޓިކޯ ޓްރޮޕިކް ހޯރމޯން (Corticotropin):
އެޑްރީނޯ
ކޯޓިކޯ ޓްރޮޕިކް ހޯރމޯން
އަކީ ޕިޓޫއިޓަރީ ގްލޭންޑްގެ ކުރިމަތީ ބައިގައި ހުންނަ
''ކޯޓިކޯޓްރޯޕް''(Corticotrope) ސެލްތަކުން އުފައްދައި ދޫކުރާ ޕެޕްޓައިޑް ހޯރމޯން އެކެވެ.
މިހޯރމޯން ދޫކުރަން ފަށަނީ ހައިޕޯތަލަމަސް އިން ކޯޓިކޯޓްރޮޕިން ރިލީސިންގ ހޯރމޯން
ދޫކުރަން ފެށުމުން އެއަށް އިޖާބަ ދިނުމުގެ ގޮތުންނެވެ. މިހޯރމޯން އަށް ''ކޯޓިކޯޓްރޮޕިން''(Corticotropin)
އޭވެސް ކިޔައި އުޅެއެވެ. އެޑްރީނޯ ކޯޓިކޯ ޓްރޮޕިކް ހޯރމޯން އުފެދިގެން އަންނަނީ
''ޕްރީ އޮޕިއޯމިލެނޯކޯޓިން''(POMC) އިންނެވެ. މިމާއްދާ ބައިވެގެންދަނީ އެޑްރީނޯ ކޯޓިކޯ
ޓްރޮޕިކް ހޯރމޯން އަދި ބީޓާ ލައިޕޯޓްރޮޕިން އަށެވެ. މިއީ އެޑްރީނަލް ގްލޭންޑް އިން
ތަފާތު ސްޓީރޮއިޑް ހޯރމޯން ތައް އުފެއްދުމަށް ބާރުއަޅާ ހޯރމޯން އެކެވެ.
(ނ) – ލައިޕޯޓްރޮޕިން
(Lipotropin): ލައިޕޯޓްރޮޕިން އަކީ އަކީ ޕިޓޫއިޓަރީ ގްލޭންޑްގެ ކުރިމަތީ ބައިގައި ހުންނަ ''ކޯޓިކޯޓްރޯޕް''(Corticotrope)
ސެލްތަކުން އުފައްދައި ދޫކުރާ ޕޮލިޕެޕްޓައިޑް ހޯރމޯން އެކެވެ. ލައިޕޯޓްރޮޕިން
ހޯރމޯން އުފެދިގެން އަންނަނީ ''ޕްރީ އޮޕިއޯމެލަނޯކޯޓިން''(POMC)
އިންނެވެ. މިމާއްދާ ބައިވެގެންދަނީ އެޑްރީނޯ ކޯޓިކޯ ޓްރޮޕިކް ހޯރމޯން އަދި ބީޓާ
ލައިޕޯޓްރޮޕިން އަށެވެ. ދެވައްތަރެއްގެ ލައިޕޯޓްރޮޕިން ހުރެއެވެ. އެއީ ބީޓާ
ލައިޕޯޓްރޮޕިން އަދި ގާމާ ލައިޕޯޓްރޮޕިން އެވެ.
(ރ) - ތައިރޮއިޑް
ސްޓިމިއުލޭޓިންގ ހޯރމޯން (Thyroid stimulating hormone): ތައިރޮއިޑް ސްޓިމިއުލޭޓިންގ ހޯރމޯން އަކީ ޕިޓޫއިޓަރީ ގްލޭންޑްގެ ކުރިމަތީ ބައިގައި ހުންނަ ''ތައިރޯޓްރޯޕް''(Thyrotrope)
ސެލްތަކުން އުފައްދައި ދޫކުރާ ހޯރމޯން އެކެވެ. ތައިރޮއިޑް ގްލޭންޑް ގެ މަސައްކަތް ކޮންޓްރޯލް
ކުރަނީ މިހޯރމޯން އިންނެވެ. މިހޯރމޯން އަށް ''ތައިރޯޓްރޮޕިން''(Thyrotropin)
އޭ ވެސް ކިޔައެވެ. މިހޯރމޯންގެ މައިގަނޑު މަސައްކަތަކީ ތައިރޮއިޑް ގްލޭންޑް އަށް
''ޓްރައި އައޯޑޯ ތައިރޮނީން(T3)،އަދި ތައިރޮކްސިން(T4)
އުފައްދައި ދޫކުރުމަށް ބާރުއެޅުމެވެ.
(ބ) - ފޮލިކަލް
ސްޓިމިއުލޭޓިންގ ހޯރމޯން (Follicle stimulating hormone /FSH): ފޮލިކަލް ސްޓިމިއުލޭޓިންގ ހޯރމޯން އަކީ ޕިޓޫއިޓަރީ ގްލޭންޑްގެ ކުރިމަތީ ބައިގައި ހުންނަ ''ގޮނާޑޮޓްރޯޕް''(Gonadotrope)
ސެލްތަކުން އުފައްދައި ދޫކުރާ ހޯރމޯން އެކެވެ. އަންހެނުންނަށް ރިޢާޔަތްކުރާއިރު އަންހެނުންގެ
ނަސްލު އުފައްދާ ނިޒާމްގައިވާ ބިސްއުފައްދާތަނު ގައި ފުރިހަމަނުވާ ''ގްރާފިން
ފޮލިކަލް''(Graffin follicle) ފުރިހަމަވުމަށް ފޮލިކަލް ސްޓިމިއުލޭޓިންގ ހޯރމޯން ބާރު
އަޅައެވެ. ފޮލިކަލް ފުރިހަމަވުމުން އެއިން ''އިންހިބިން''(Inhibin)
ދޫކުރެއެވެ. އިންހިބިން ދޫކުރުމުން ފޮލިކަލް ސްޓިމިއުލޭޓިންގ ހޯރމޯން ދޫކުރުން
ނުވަތަ ބޭރުކުރުން ހުއްޓުވައެވެ. ފިރިހެނުންނަށް ރިޢާޔަތްކުރާއިރު އުރަވަޅީގައި
ހުންނަ ސާރޓޯލީ ސެލް(Sertoli cells) އިން އެންޑްރަޖަން ބައިންޑިންގ ގްލޯބިއުލިން
އުފެއްދުން ހަލުއިކޮށް ފަސޭހަކޮށްދެއެވެ. އަންހެނުންގެ ހަށިގަނޑުގައި ޖިންސީ
މަސައްކަތްތަކަށް އެހީތެރިވެދޭ ސްޓީރޮއިޑް ހޯރމޯން ތައް ކަމުގައިވާ
"އެސްޓްރަޖަން" އަދި "ޕްރޮޖެސްޓީރޯން" އުފެއްދުމަށް ވެސް
މިހޯރމޯން ބާރުއަޅައެވެ. އަދި ފިރިހެނުންގެ ހަށިގަނޑުގައި ޖިންސީ މަސައްކަތް
ތަކަށް އެހީތެރިވެދޭ ސްޓީރޮއިޑް ހޯރމޯން އެއްކަމުގައިވާ ޓެސްޓޯސްޓީރޯން އުފެއްދުމަށް ވެސް މިހޯރމޯން
ބާރުއަޅައެވެ.
(ޅ) - ލޫޓީއިނައިޒިންގ
ހޯރމޯން (Luteinizing
hormone / LH): ލޫޓީއިނައިޒިންގ
ހޯރމޯން އަކީ ޕިޓޫއިޓަރީ ގްލޭންޑްގެ
ކުރިމަތީ ބައިގައި ހުންނަ ''ގޮނާޑޮޓްރޯޕް''(Gonadotrope)
ސެލްތަކުން އުފައްދައި ދޫކުރާ ހޯރމޯން އެކެވެ. ފޮލިކަލް ސްޓިމިއުލޭޓިންގ ހޯރމޯން އާއި ގުޅިގެން
ނަސްލު އުފެއްދުމުގެ މަސައްކަތުގައި ލޫޓީއިނައިޒިންގ ހޯރމޯން ބައިވެރި ވެއެވެ.
ޕިޓޫއިޓަރީ
ގްލޭންޑްގެ ފަހަތުބައިން ދޫކުރާ ހޯރމޯންތައް
(ހ) – އޮކްސިޓޯސިން
(Oxytocin): އޮކްސިޓޯސިން އަކީ އިންސާނާގެ ސިކުނޑީގައި ނިއުރޯ
ޓްރާންސްމިޓަރ އެއްގެ ގޮތުގައި ހަރަކާތްތެރިވާ ހޯރމޯން އެކެވެ. އަންހެނުންނަށް
ރިޢާޔަތްކުރާއިރު އޮކްސިޓޯސިން ދޫކުރަން ފަށަނީ ވިހެއުމުގެ ތެރޭގައި ރަހިމުގެ ކަރު
، އަދި އަންހެނާގެ ޖިންސީ ގުނަވަން ފުޅާވުމަށްފަހު ގައެވެ. އެއީ ވިހެއުން
ފަސޭހަކޮށްދީ ހަލުއިކޮށްދިނުމަށްޓަކައެވެ. ހަމަމިހެން ގާތުންދިނުން ހަލުއިކޮށް
ފަސޭހަކޮށް ދިނުމަށްޓަކައި ވަށްގަނޑު ހީވާގިކޮށް މުރާލިކުރުމުން ވެސް އޮކްސިޓޯސިން
ދޫކުރަން ފަށައެވެ. އަދި އުރަމަތިން ކިރުއުފައްދައި ބޭރުކުރުމަށް ވެސް ބާރުއަޅައެވެ.
ޖިންސީ އެދުން ފުއްދުމުގެ
ތެރޭގައި ކުންނަށް ވާޞިލްވާ ހިނދު ދެޖިންސްގެ މީހުންގެ ހަށިގަނޑުން ވެސް
އޮކްސިޓޯސިން ދޫކުރެއެވެ. ސިކުނޑީގައި އަދާކުރާ ދައުރަށް ބަލާއިރު މީހުންގެ
މެދުގައި އިޖްތިމާޢީ ގުޅުން ބަދަހިކޮށް އަދި އިތުބާރު އުފެއްދުމުގައި އޮކްސިޓޯސިން
ދައުރެއް ކުޅޭކަމަށް ބުނެވެއެވެ.
އިންސާނާގެ ސިކުނޑީގެ
ތެރޭގައިވާ ހައިޕޯތަލަމަސްގައި އިންނަ ''ޕެރަވެންޓްރިކިޔުލަރ ނިއުކްލިއަސް''(Paraventricular nucleus)
އަދި ''ސްޕްރައޮޮޕްޓިކް ނިއުކްލިއަސް''(Supraoptic
nucleus) ގައި ހުންނަ ''މެގްނޯ ސެލިއުލާ
ނިއުރޯސިކްރީޓަރީ ސެލް''(Magnocellular
neurosecretory cell) ތަކުން އުފައްދާ ހޯރމޯން އެކެވެ. ހައިޕޯތަލަމަސް ގައި
މިހޯރމޯން އުފެދުމުން، މިހޯރމޯން ރައްކާކުރަނީ ޕިޓޫއިޓަރީ ގްލޭންޑްގެ ފަހަތު
ބައިގައި ހުންނަ "ހެރިންގ ބޮޑީޒް"(Herring bodies)
ތަކުގައެވެ. އެއަށްފަހު ލޭގެތެރެއަށް މިހޯރމޯން ދޫކުރަނީ ޕިޓޫއިޓަރީ ގްލޭންޑްގެ
ފަހަތު ބައިންނެވެ
(ށ) - ވޭޒޯޕްރެސިން
(Vasopressin): ހައިޕޯތަލަމަސްގެ ބައިގައި މިބައި ލިޔެވިފައި ވެއެވެ.
ޕިޓޫއިޓަރީ
ގްލޭންޑްގެ މެދުބައި ން ދޫކުރާ ހޯރމޯންތައް
މެލަނޯސައިޓް
ސްޓިމިއުލޭޓިން ހޯރމޯން (Melanocyte stimulating hormone): މެލަނޯސައިޓް ސްޓިމިއުލޭޓިންގ ހޯރމޯން އަކީ ޕިޓޫއިޓަރީ ގްލޭންޑްގެ މެދުބައިގައި އުފައްދާ ޕެޕްޓައިޑް ހޯރމޯން
އެކެވެ. މިހޯރމޯން އިސްތަށި ތަކާއި ހަންގަނޑުގައި ހުންނަ ''މެލަނޯސައިޓް''(Melanocyte ތަކުން ''މެލަނިން''(Melanin)
އުފައްދައި ދޫކުރުމަށް ބާރު އަޅައެވެ.ސިކުނޑީގެ ތެރޭގައިވާ ހައިޕޯތަލަމަސްގައި
ހުންނަ ''އާކްއޭޓް ނިއުކްލިއަސް''(Arcuate
nucleus) އިންވެސް ބައެއް ފަހަރު މެލަނޯސައިޓް
ސްޓިމިއުލޭޓިންގ ހޯރމޯން ބޭރުކުރެއެވެ. މިސެލްތަކުން ސިކުނޑި ތެރެއަށް ދޫކުރާ މެލަނޯސައިޓް
ސްޓިމިއުލޭޓިންގ ހޯރމޯންގެ ސަބަބުން ޖިންސީ އެދުން ހިލިގަތުން، އަދި ކާހިތްވުން
ފަދަ ކަންތައްތަކަށް އަސަރު ފޯރުވައެވެ.
4-
ތައިރޮއިޑް ގްލޭންޑް
ތައިރޮއިޑް ގްލޭންޑް (Thyroid
gland) އަކީ އިންސާނާގެ ހަށިގަނޑުގައިވާ
އެންމެ ބޮޑު އިންޑަކްރިން ގްލޭންޑް އެވެ. ތައިރޮއިޑް ގްލޭންޑް އިންނަނީ ކަރުގެ މެދެއްހާ
ހިސާބުން އެޑަމްސް އެޕަލް (Adam’s
Apple) ގެ ތިރީގައެވެ. ހަށިގަނޑުގައި
މެޓަބޮލިޒަމްގެ ބައެއް މަސައްކަތްތައް ތަންޒީމު ކުރުމުގައިވާ ޝާމިލްވާ ތައިރޮއިޑް
ހޯރމޯން ތައް މިގްލޭންޑުން އުފައްދައި ދޫކުރެއެވެ.
ތައިރޮއިޑް
ގްލޭންޑް އިން އުފައްދައި ދޫކުރާ ހޯރމޯންތައް
(ހ) - ޓްރައި އައޯޑޯ ތައިރޮނީން (Tri-iodothyronine/T3): ޓްރައި އައޯޑޯ ތައިރޮނީން އަކީ ތައިރޮއިޑް ހޯރމޯން
އެކެވެ. މިހޯރމޯން އުފެދެނީ ތައިރޮއިޑް ގްލޭންޑް ތެރޭގައި ހުންނަ ''ތައިރޮއިޑް
އެޕިތީލިއަލް ސެލް''(Thyroid epithelial cell) ތަކުންނެވެ. މިއީ ތައިރޮކްސިން އާ އެއްގޮތް ކަމެއް
ހުންނަ ނަމަވެސް މާހަރަކާތްތެރި ހޯރމޯން އެކެވެ. މިހޯރމޯން އާއި ތައިރޮކްސިން އާއި
ހުރި ތަފާތަކީ މިހޯރމޯންގައި ތައިރޮކްސިން
އަށްވުރެ ކޮންމެ މޮލިކިއުލް އެއްގައި އެއް އަޔޮޑިން އެޓަމް މަދުވާނެއެވެ. އަދި
ނިސްބަތުން މިހޯރމޯން އުފައްދާ މިންވަރު ވެސް މަދުވާނެއެވެ. ތައިރޮއިޑް
ހޯރމޯންތަކުގެ ތެރެއިން އެންމެ ބާރުގަދަ ހޯރމޯން އަކީ މިއީއެވެ. ހަށިގަނޑުގެ
ފިނިހޫނުމިން، ހިތުގެ ވިންދުޖެހުން، އަދި ހަށިގަނޑު ބޮޑުވުން ފަދަ ކަންތައްތަކަށް
މިހޯރމޯން ބާރު ފޯރުވައެވެ.
(ށ) – ތައިރޮކްސިން
(Thyroxine / T4): ތައިރޮކްސިން އަކީ ތައިރޮއިޑް ގްލޭންޑް ގައި ހުންނަ
''ފޮލިކިއުލާ ސެލް''(Follicular cell) ތަކުން
އުފައްދައި ދޫކުރާ މައިގަނޑު ހޯރމޯން އެވެ. ލޭގެ ތެރެއަށް ވާޞިލްވާ 99 އިންސައްތަ
ތައިރޮކްސިން ހުންނަނީ ''ތައިރޮކްސިން ބައިންޑިންގ ގްލޯބިއުލިން''(TBG) ކިޔާ ޕްރޮޓީން އަކާ ތަތްވެފައެވެ. މީގެ އިތުރުން
''އަލްބިޔުމިން''(Albumin) އަދި ''ޓްރާންސްތައިރެޓިން''(Transthyretin)
ކިޔާ ޕްރޮޓީން ތަކާ ބާކީ ހުރިބައި ތަތްވެއެވެ.
ހަށިގަނޑުގައި ހިގާ
މެޓަބޮލިޒަމްގެ މަސައްކަތް ކޮންޓްރޯލް ކުރުމުގަޔާއި ޖިސްމާނީ ގޮތުން ހަށިގަނޑު
ބޮޑުވުމުގެ މަސައްކަތުގައި ތައިރޮކްސިން ބައިވެރި ވެއެވެ. ކުޑަކުދިންގެ ހަށިގަނޑުގައި
ކަށިތަކާއި، ސިކުނޑިއާއި ނާރުތަކުގެ ނިޒާމްގެ ބައިތައް އުފެދި ބޮޑުވުމުގައި ވެސް
މިގްލޭންޑުން ދޫކުރާ ހޯރމޯންތަކުގެ ދައުރެއް ވެއެވެ. ތައިރޮއިޑް ހޯރމޯން ދޫކުރުން
ކޮންޓްރޯލްކުރަނީ ޕިޓޫއިޓަރީ ގްލޭންޑް އެވެ. މީގެ އިތުރުން ތައިރޮއިޑް ހޯރމޯން
އަކީ ހިތުގެ ވިންދު، ލޭގެ ޕްރެޝަރު، ހަޖަމުކުރުން، މަސްތަކުގެ ހަރަކާތްތައް، އަދި
ނަސްލު އުފެއްދުމުގެ މަސައްކަތްތައް ހަމަހަމަކަންމަތީ ސާބިތުކަމާއެކު ބެހެއްޓުމަށް
އެހީތެރިވެދޭ ހޯރމޯން ތަކެކެވެ.
(ނ) – ކެލްސިޓޯނިން
(Calcitonin): ކެލްސިޓޯނިން އަކީ 32 އެމިނޯ އެސިޑް އެކުލެވޭ
ޕޮލިޕެޕްޓައިޑް ހޯރމޯން އެކެވެ. މިހޯރމޯން އުފައްދައި ދޫކުރަނީ ތައިރޮއިޑް
ގްލޭންޑް ގައި ހުންނަ ''ޕެރަފޮލިކިޔުލަރ ސެލް''(Parafollicular cell)
ތަކުންނެވެ. މިހޯރމޯން އަކީ ހަށިގަނޑުގައި ހިންގާ ކެލްސިއަމް އަދި ފޮސްފަރަސް ގެ
މެޓަބޮލިޒަމްގެ ހަރަކާތުގައި ބައިވެރިވާ ހޯރމޯން އެކެވެ. ލޭގައި ކެލްސިއަމް އެކުލެވޭ މިންވަރު ދަށްކުރުމަށް
މިހޯރމޯން ބާރުއަޅައެވެ.
5-
ޕެރަތައިރޮއިޑް ގްލޭންޑް
ޕެރަތައިރޮއިޑް ގްލޭންޑް(Parathyroid glands)
ތަކަކީ ކަރުގައި ތައިރޮއިޑް ގްލޭންޑް ގެ ސަތަހައިގެ ތެރެއިން ފަހަތުގައި
ތައިރޮއިޑް ގްލޭންޑްގެ ތެރެއަށް،ފެތިފައިވާ ކުދިކުދި ގްލޭންޑް ތަކެކެވެ.
ތައިރޮއިޑް ގްލޭންޑްގެ ކޮންމެ ފަރާތެއްގައި ޕެރަތައިރޮއިޑް ގްލޭންޑްގެ ޖޯޑެއް
ވެއެވެ. އެހެންކަމުން އާއްމު ގޮތެއްގައި 4 ޕެރަތައިރޮއިޑް ގްލޭންޑް ހުރެއެވެ.
ނަމަވެސް ބައެއް މީހުންގެ 6
ނުވަތަ 8 ޕެރަތައިރޮއިޑް ގްލޭންޑް ހުރުމަކީ ވެސް ވެދާނެ ގޮތެކެވެ. މިގްލޭންޑް އިން އުފައްދައި ދޫކުރާ މައިގަނޑު
ހޯރމޯން އަކީ ޕެރަތައިރޮއިޑް ހޯރމޯން އެވެ.
ޕެރަތައިރޮއިޑް
ހޯރމޯން (Parathyroid
hormone): ޕެރަތައިރޮއިޑް ހޯރމޯން އަކީ 84 އެމިނޯ އެސިޑް އެކުލެވޭ ޕޮލިޕެޕްޓައިޑް
ހޯރމޯން އެކެވެ. މިހޯރމޯން އުފައްދައި ދޫކުރަނީ ޕެރަތައިރޮއިޑް ގްލޭންޑްގައި
ހުންނަ ''ޕެރަތައިރޮއިޑް ޗީފް ސެލް''(Parathyroid
chief cell) ތަކުންނެވެ. ކެލްސިޓޯނިން ހޯރމޯން
އާ ޚިލާފަށް ޕެރަތައިރޮއިޑް ހޯރމޯން ލޭގައި ކެލްސިއަމް އެކުލެވޭ މިންވަރު
މަތިކުރުމަށް ބާރުއަޅައެވެ. މިއީ ލޭގައި ކެލްސިއަމްގެ މިންވަރު ތަންޒީމުކޮށްދީ،
ކަށީގެ މެޓަބޮލިޒަމްގެ މަސައްކަތްތަކުގައި ވެސް ބައިވެރިވާ ހޯރމޯން އެކެވެ.
6-
އެޑްރީނަލް ގްލޭންޑް
އެޑްރީނަލް ގްލޭންޑް(Adrenal glands) އަކީ ކޮންމެ ގުރުދާ އެއްގެ މަތީގައި ތިނެސްކަން ބައްޓަމަށް އިންނަ އެންޑަކްރިން
ގްލޭންޑް އެކެވެ. މިގްލޭންޑް ތަކަށް ''ސްޕްރަރީނަލް ގްލޭންޑް''(Suprarenal gland) އޭ ވެސް
ކިޔައެވެ. ސްޓްރެސް ކޮންޓްރޯލް ކުރުމުގައި ހަށިގަނޑުން މަސްއޫލުވާ މައިގަނޑު އެއް ގްލޭންޑް
އަކީ މިއީއެވެ. ކޯޓިކޯ ސްޓީރޮއިޑް ތައް އަދި ކެޓިކޮލަމީން ތައް އުފައްދައި ދޫކުރަނީ
މިގްލޭންޑް ގެ ސެލްތަކުންނެވެ.
އެޑްރީނަލް ގްލޭންޑް ގެ ސައިޒަށް
ބަލާއިރު އަަހަރެމެންގެ ބޮޑުވާއިގިލީގެ ނިމޭކޮޅުގައިވާ ހިސާބާއި އެއްވަރެވެ. އެޑްރީނަލް
ގްލޭންޑް އިން ދޫކުރާ ހޯރމޯންތަކުން ހަށިގަނޑު ތަފާތު ކަންތައްތައް ކޮންޓްރޯލްކޮށް،
ސާބިތުކަންމަތީ ބެހެއްޓުމުގައި ބައިވެރި ވެއެވެ. އެޑްރީނަލް ގްލޭންޑް މައިގަނޑު 2 ބަޔަކަށް
ބެހިގެން ވެއެވެ.އެއީ ގްލޭންޑްގެ އެތެރޭގައިވާ މަދު(Adrenal medulla) ނުވަތަ އަދި ގްލޭންޑްގެ ބޭރުގައިވާތޮށި(Adrenal cortex) ފަށަލަ
އެވެ.
އެޑްރީނަލް
ގްލޭންޑްގެ ބޭރުގައިވާ ތޮށީގެ ބައިން ދޫކުރާ ހޯރމޯންތައް
އެޑްރީނަލް ގްލޭންޑްގެ ބޭރުގައިވާ
ތޮށީގެ ބައިން ދޫކުރާ ހޯރމޯންތަކަށް ކިޔަނީ "ކޯޓިކޯ ސްޓީރޮއިޑް"(Corticosteroids) އެވެ. ތަފާތު 3 ވައްތަރެއްގެ ކޯޓިކޯ ސްޓީރޮއިޑް މިބައިން ދޫކުރެއެވެ.
(ހ) - ގްލޫކޯ
ކޯޓިކޮއިޑް(Glucocorticoids) : ގުލޫކޯ ކޯޓިކޮއިޑް ތަކަކީ
ސްޓީރޮއިޑް ހޯރމޯންގެ ގުރޫޕެކެވެ.
މިހޯރމޯން
ތައް އުފައްދައި ދޫކުރަނީ އެޑްރީނަލް
ގްލޭންޑްގެ ބޭރުގައިވާ ތޮށީގެ ބައިގައި ހިމެނޭ ޒޯނާ ފެސިކިޔުލޭޓާ(Zona fasciculate)
އަދި ޒޯނާ ރެޓިކިޔުލާރިސް(Zona
reticularis) ގައި ހިމެނޭ
ސެލްތަކަކުންނެވެ. ހަށިގަނޑުގެ ތެރޭގައި އުފެދޭ އެންމެ އާއްމު ގްލޫކޯ ކޯޓިކޮއިޑް އަކީ ކޯޓިޒޯލް(Cortisol) އެވެ.
(ށ) - މިނެރަލޯ
ކޯޓިކޮއިޑް
(Mineralocorticoids): މިނެރަލޯ
ކޯޓިކޮއިޑް ތަކަކީ ސްޓީރޮއިޑް ހޯރމޯންގެ ގުރޫޕެކެވެ. ހަށިގަނޑުގެ ތެރޭގައި އުފެދޭ އެންމެ އާއްމު މިނެރަލޯ ކޯޓިކޮއިޑް
އަކީ އެލްޑޮސްޓަރޯން(Aldosterone) އެވެ. މިހޯރމޯން އުފައްދައި ދޫކުރަނީ އެޑްރީނަލް ގްލޭންޑްގެ ބޭރުގައިވާ ތޮށީގެ ބައިގައި ހިމެނޭ
ޒޯނާ ގްލޯމެރިޔުލޯސާ ގެ(Zona
glomerulosa) ސެލް ތަކުންނެވެ.
(ނ) - އެންޑްރަޖަން (Androgen): އެންޑްރަޖަން އަކީ ސްޓީރޮއިޑް
ހޯރމޯން އެކެވެ. މިއީ އެސްޓްރަޖަންގެ ހުރިހާ ވައްތަރުތަކަށް ހުރި ޕްރިކޯސަރ(Precusor)
އެކެވެ. އެސްޓްރަޖަން އަކީ އަންހެނާގެ ޖިންސީ ހޯރމޯން އެވެ. ފިރިހެނާގެ އެންމެ މަގުބޫލު ޖިންސީ ހޯރމޯން
"ޓެސްޓޮސްޓަރޯން"(Testosterone) އުފެދިގެން އަންނަނީ
އެންޑްރަޖަން އިންނެވެ. އެހެންކަމުން ފިރިހެނުންނަށް ފިރިހެންވަންތަ ސިފަތައް ލިއްބައި ދިނުމުގައި މަސްއޫލުވާ
މައިގަނޑު ހޯރމޯން އަކީ މިއީއެވެ. މިގޮތުން
ފިރިހެނާގެ ޖިންސީ ގުނަވަން އުފެދި ބޮޑުވުން، ތުބުޅި ފެޅުން، ގައިން އިސްތަށި ފެޅުން، ގައިގައި މަސްޖަހައި
ވަރުގަދަވުން އަދި މިނޫނަސް ފިރިހެންވަންތަކަމާ
ގުޅޭ ސިފަތައް ފުރިހަމަވެގެން އަންނަނީ މިހޯރމޯންގެ އެހީގައެވެ.
އެޑްރީނަލް
ގްލޭންޑްގެ އެތެރޭގައިވާ މަދުގެ ބައިން ދޫކުރާ ހޯރމޯންތައް
(ހ) – އެޑްރީނަލިން :(Adrenaline) އެޑްރީނަލިން އަކީ
އެޑްރީނަލް ގްލޭންޑްގެ އެތެރޭގެ މަދުގެ ބައިގައި ހިމެނޭ ކްރޯމަފިން ސެލް(Chromaffin cell) ތަކުން އުފައްދައި ލޭގެ ތެރެއަށްދޫކުރާ ހޯރމޯން އެކެވެ. މިއީ އެމިނޯ އެސިޑް ތައިރޯސީން(Thyrosine)
އަދި ފިނައިލްއެލަނީން(Phenylalanine)
ގުޅިގެން އުފެދިފައިވާ ކެޓިކޮލަމިން(Catecholamine) އެކެވެ. މިހޯރމޯން އަށް ކިޔާ ނަންތަކުގެ ތެރޭގައި އެޕިނެފްރިން(Epinephrine)
ހިމެނެއެވެ.
(ށ) –
ނޯއެޑްރީނަލިން : ނޯއެޑްރެނަލިން
އެޑްރީނަލް
ގްލޭންޑްގެ އެތެރޭގެ މަދުގެ ބައިގައި ހިމެނޭ ކްރޯމަފިން ސެލް(Chromaffin
cell) ތަކުން އުފައްދައި ލޭގެ ތެރެއަށްދޫކުރާ ހޯރމޯން އެކެވެ. މިއީ ސެންޓްރަލް
ނާރވަސް ސިސްޓަމް އަދި ސިމްޕަތެޓިކް ނާރވަސް ސިސްޓަމް ގައި މަސައްކަތްކުރާ ނިއުރޯ
ޓްރާންސްމިޓަރ އެއްވެސް މެއެވެ. މިހޯރމޯން އަށް ކިޔާ އެހެން
ނަންތަކުގެ ތެރޭގައި ނޯއެޕިނެފްރިން(Norepinephrine) ހިމެނެއެވެ.
(ނ) – ޑޯޕަމީން (Dopamine):
ޑޯޕަމީން
އަކީ ސިކުނޑީގެ ތެރޭގައިވާ ހައިޕޯތަލަމަސް ގައި އިންނަ ''އާކުއޭޓް ނިއުކްލިއަސް''(Arcuate nucleus) އިން
އުފައްދައި ދޫކުރާ ނިއުރޯ ހޯރމޯން އެކެވެ. ސިކުނޑީގެ ތެރޭގައި ޑޯޕަމީން
މަސައްކަތްކުރަނީ ''ނިއުރޯ ޓްރާންސްމިޓަރ''(Neurotransmitter) އެއްގެ
ގޮތުގައެވެ. އެގޮތުން 5 ވައްތަރެއްގެ ޑޯޕަމީން ރިސެޕްޓަރ ތައް ހީވާގިކޮށް މުރާލި
ކުރުވައެވެ. އެއީ D1,D2,D3,D4,D5
މި 5 ވައްތަރުގެ ރިސެޕްޓަރ އެވެ. ހައިޕޯތަލަމަސް އިން ދޫކުރާ ޑޯޕަމީންގެ މައިގަނޑު
މަސައްކަތަކީ ޕިޓޫއިޓަރީ ގްލޭންޑްގެ ކުރިމަތީ ބައިން ޕްރޯލެކްޓިން ދޫކުރުން
މަނާކުރުމެވެ. ނުވަތަ އެމަސައްކަތަށް ހުރަސް އެޅުމެވެ.
(ރ) - އެންކެފަލިން (Enkephalin): އެންކެފަލިން އަކީ ޕެންޓަޕެޕްޓައިޑް
އެކެވެ. އެންކެފަލިންގެ ދެވައްތަރެއް ހުރެއެވެ.އެީ
މެޓް-އެންކެފަލިން އަދި ލިއު-އެންކެފަލިން އެވެ. މިމާއްދާ ހަށިގަނޑަށް އިހްސާސްވާ ތަނދު ކެނޑުވުމުގައި ބައިވެރި ވެއެވެ. އެޑްރީނަލް ގްލޭންޑްގެ
އެތެރޭގައިވާ މަދުގެ ބައިގައި ހުރުމުގެ އިތުރު ހަޖަމުކުރާ ނިޒާމްގައި ވެސް
އެންކެފަލިން ހުރެއެވެ. އެންކެފަލިން ބައިބައިވެގެން އެހެން މާއްދާތައް އުފެދިގެން ދަނީ އެންކެފަލިނޭސް ކިޔާ އެންޒައިމެއްގެ އެހީގައެވެ. އެޑްރީނަލް ގްލޭންޑްގެ އެތެރޭގައިވާ މަދުގެ ބައިގައި
އެންކެފަލިން އުފެދެނީ އޭގައި ހިމެނޭ
ހިމެނޭ
ކްރޯމަފިން ސެލް(Chromaffin cell) ތަކުންނެވެ.
7- ތައިމަސް
ގްލޭންޑް
ތައިމަސް ގްލޭންޑް(Thymus
gland) އަކީ ތިނަކަށިގަނޑު(sternum) ގެ ދަށުގައި ތިރިން މައްޗަށް ކަރާ
ދިމާލަށް އިންނަ ގްލޭންޑް އެކެވެ. އުފަންވާއިރު ތައިމަސް ގްލޭންޑްގެ ބަރުދަނުގައި
ހުންނާނީ 15-10 ގްރާމް ވަރެވެ. އަދި ބާލިޣުވަންދެން މިގްލޭންޑް ބޮޑުވަމުން
އަންނާނެ އެވެ. ބާލިޣުވުމުން މިގްލޭންޑް ވަޅޯވެ ހިނދެން ފަށާނެ އެވެ. ބާލިޣުވާ
އުމުރުގައި މިގްރާމު ބަރުދަނުގައި 40-30 ގުރާމުވަރު ހުރެފައި މެދު އުމުރު ފުރާ
އަށް އަޅާއިރު އުފަންވިއިރު ހުރި ބަރުދަނަށް އަނބުރާ ދާނެއެވެ. މިއީ އަޅި-ފިޔާތޮށި
ކުލައަކަށް އިންނަ ގްލޭންޑެކެވެ. މިގްލޭންޑުން އުފައްދައި ދޫކުރާ ހޯރމޯން އަކީ
"ތައިމޯސިން"(Thymosin)
އެވެ.
8-
އޮށް
އޮށް ނުވަތަ އޮށަކީ
އުރަވަޅީގެ ތެރޭގައި އޮންނަ އެއްޗެކެވެ. ކޮންމެ އުރަވަޅި އެއްގެ ތެރޭގައި ދެ އޮށް
އޮވެއެވެ. މަނި އުފެދެނީ މިއޮށުގެ ތެރޭގައެވެ. ފިރިހެނެއްގެ އޮށްމަތީގައި ޖެހުމަކީ
އެމީހަކަށް ވަރަށް ތަދު އިހްސާސް ވާނޭ ކަމެކެވެ. ސަބަބަކީ އޮށަކީ ވަރަށް ނާޒުކު
އެއްޗަކަށް ވާތީއެވެ. އޮށުން މަނި ފެށުމާއެކު އޮށްވެސް ބޮޑުވާން ފަށައެވެ. ބާލިޣު
ވުމަށްފަހު އޮށުގެ ސައިޒު އޭގެ ކުރިން ހުންނަ ވަރަށްވުރެ 500 ގުނަ މަތިވެގެން
ދެއެވެ. އެވްރެޖް މީހެއްގެ އޮށުގެ ދިގުމިނުގައި 2 އިންޗި، ފުޅާ މިނުގައި 0.8
އިންޗި، އަދި ވަށަމިނުގައި 1.2 އިންޗި ހުރެއެވެ. އެއް އޮށަށްވުރެ އަނެއް އޮށް
ތިރީގައި އިނުމަކީ ޢާންމު ކަމެކެވެ. މިގޮތުން ކަނާތް ފަރާތު އޮށް ތިރިއަށް
ގޮސްފައި ހުރުމާއި ވާތް ފަރާތު އޮށް ތިރިއަށް ގޮސްފައި ހުރި ނިސްބަތް ބަލާއިރު
ދެބައި ހަމަހަމަކަމަށް ދިރާސާތަކުން ދައްކައެވެ. މާނައަކީ 50 އިންސައްތަ މީހުންގެ
ކަނާތު އޮށް ތިރީގައި އިންނައިރު އަނެއް 50 އިންސައްތަ މީހުންގެ ވާތު އޮށް
ތިރީގައި އިނުމެވެ.
އޮށުން ދޫކުރާ
ހޯރމޯންތައް
(ހ) - އެންޑްރަޖަން
(Androgen): އެންޑްރަޖަން އަކީ ސްޓީރޮއިޑް ހޯރމޯން އެކެވެ. މިއީ
އެސްޓްރަޖަންގެ ހުރިހާ ވައްތަރުތަކަށް ހުރި ޕްރިކޯސަރ(Precusor)
އެކެވެ. އެސްޓްރަޖަން އަކީ އަންހެނާގެ ޖިންސީ ހޯރމޯން އެވެ. ފިރިހެނާގެ އެންމެ މަގުބޫލު ޖިންސީ ހޯރމޯން
"ޓެސްޓޮސްޓަރޯން"(Testosterone) އުފެދިގެން އަންނަނީ
އެންޑްރަޖަން އިންނެވެ.
ޓެސްޓޮސްޓަރޯން (Testosterone): ޓެސްޓޮސްޓަރޯން އަކީ އެންޑްރަޖަން އިން އުފެދިގެން އަންނަ ސްޓީރޮއިޑް
ހޯރމޯން އެކެވެ. މިއީ ފިރިހެނާގެ އަސާސީ ޖިންސީ ހޯރމޯން އެކެވެ. އަދި މިއީ
އެނަބޮލިކް ސްޓީރޮއިޑް އެއްވެސް މެއެވެ. ފިރިހެނުންނަށް ފިރިހެންވަންތަ ސިފަތައް ލިއްބައި ދިނުމުގައި މަސްއޫލުވާ
މައިގަނޑު ހޯރމޯން އަކީ މިއީއެވެ. މިގޮތުން
ފިރިހެނާގެ ޖިންސީ ގުނަވަން އުފެދި ބޮޑުވުން، ތުބުޅި ފެޅުން، ގައިން އިސްތަށި ފެޅުން، ގައިގައި މަސްޖަހައި
ވަރުގަދަވުން އަދި މިނޫނަސް ފިރިހެންވަންތަކަމާ
ގުޅޭ ސިފަތައް ފުރިހަމަވެގެން އަންނަނީ މިހޯރމޯންގެ އެހީގައެވެ.
(ށ) - އެސްޓްރަޑައިއޯލް
(Estradiol): އެސްޓްރަޑައިއޯލް އަކީ ޖިންސީ ހޯރމޯން އެކެވެ. މިއީ
އަންހެން ހޯރމޯން އެއްގެ
ގޮތުގައި ލޭބަލްކުރެވިފައިވާ ހޯރމޯން އަކަށް ވިޔަސް ފިރިހެނުންގެ ހަށިގަނޑުގައި ވެސް މިހޯރމޯން ހުރެއެވެ.
އިންސާނާގެ ހަށިގަނޑުގައި ހިމެނޭ މައިގަނޑު އެސްޓްރަޖަން އަކީ މިއީ އެވެ. އަންހެނާގެ ބިސް
އުފައްދާތަނުން ވެސް މިހޯރމޯން ދޫކުރެއެވެ.
(ނ) - އިންހިބިން (Inhibin): އަކީ ފޮލިކަލް
ސްޓިމިއުލޭޓިންގ ހޯރމޯން އުފައްދައި ބޭރުކުރުން މަނާކޮށް އެކަމަށް ހުރަސްއަޅާދޭ ޕެޕްޓައިޑް އެކެވެ. މައްސަރު ކަންތައް ޖެހުން ތަންޒީމްކޮށް
ބަރާބަރަށް ގެންދިއުމުގައި
އިންހިބިން ބައިވެރި ވެއެވެ. ޑައިސަލްފައިޑް ބޮންޑް(Disulphide bond) އަކުން ގުޅިފައިވާ އަލްފާ އަދި ބީޓާ ޔުނިޓް އިންހިބިން ގައި
އެކުލެވިގެން ވެއެވެ. އިންހިބިން އުފައްދާ
ތަންތަނުގެ ތެރޭގައި ބިސް ދޫކޮށްލުމަށްފަހު ބިސް އުފައްދާތަނުގެ ތެރޭގައި އުފެދޭ ކޯޕަސް ލޫޓިއަމް(Corpus luteum) ، މާބަނޑު ދުވަސްވަރު ބަނޑުގައި އުފެދޭ މަސް(Placenta) ހިމެނެއެވެ.
މަހުން މިހޯރމޯން ދޫކުރަނީ އޭގައި ހިމެނޭ "ޓްރޮފޮބްލާސްޓް"(Trophoblast)
ކިޔާ ސެލްތަަކަކުންނެވެ. އަދި އުރަވަޅީގެ ތެރޭގައިވާ އޮށުގައި ވެސް މިހޯރމޯން އުފެދެއެވެ. އޮށުގެ ތެރޭގައި މިހޯރމޯން ދޫކުރަނީ
އޭގައި ހިމެނޭ ސާރޓޯލީ ސެލް(Sertoli
cell) ތަކުންނެވެ.
9- ބިސްއުފައްދާތަން
ބިސްއުފައްދާތަން އަކީ
އަންހެނާގެ ނަސްލު އުފައްދާ ނިޒާމްގައި ބިސް އުފައްދައިދޭ މައި ތަނެވެ. ކޮންމެ
އަންހެނެއްގެ ބިސްއުފައްދާ ދެތަން އިނދެއެވެ. ފިރިހެނުންގެ ހަށިގަނޑުގައި
ބިސްއުފައްދާ ތަނާއި، އެއްގޮތް ވަޒީފާއެއް އަދާކުރާ އެއްޗަކީ އޮށެވެ. އެއީ އޮށުގެ
ތެރޭގައި މަނި އުފައްދާތީ އެވެ. ބިސް އުފައްދާ ތަނުން ބިސް އުފެއްދުމުގެ އިތުރުން
ބައެއް ކަހަލަ ހޯރމޯންތައް އުފައްދައެވެ. މިގޮތުން ބިސް އުފައްދާތަނުން އުފައްދައިދޭ
އެންމެ އާއްމު އަދި މުހިއްމު ދެ ހޯރމޯން އަކީ އެސްޓްރަޖަން(Oestrogen)އަދި ޕްރޮޖެސްޓަރޯން(Progesterone) އެވެ.
ބިސްއުފައްދާ
ތަނުން ދޫކުރާ ހޯރމޯންތައް
(ހ) - ޕްރޯޖެސްޓަރޯން
(Progesterone): ޕްރޯޖެސްޓަރޯން އަކީ ސްޓީރޮއިޑް ހޯރމޯން އެކެވެ.
މިހޯރމޯން އަކީ މައްސަރު
ކަންތައް ލައިގަތުން، މާބަނޑުވުން، އަދި ތުއްތު ދަރިފުޅު ބަނޑުގައި ބޮޑުވަމުން އަންނަ އައުން ފަދަ ކަންތައްތަކުގައި
ޝާމިލްވާ އެއްޗެކެވެ. ބޭހުގެ ގޮތުގައި ބޭސް
ކާރުޚާނަތަކުން އުފައްދައި ވިއްކަން ހުންނަ ޕްރޯޖެސްޓަރޯން އަށް ކިޔަނީ "ޕްރޯޖެސްޓަޖަން"(Progestogen) އެވެ.
ޕްރޯޖެސްޓަރޯން އުފައްދާ ތަންތަނުގެ ތެރޭގައި ބިސް ދޫކޮށްލުމަށްފަހު ބިސްއުފައްދާ ތަނުގައި އުފެދޭ ކޯޕަސް ލޫޓިއަމް ، މާބަނޑު ދުވަސްވަރު
ބަނޑުގައި އުފެދޭ މަސް ހިމެނެއެވެ. މީގެ އިތުރުން ސިކުނޑި، އަދި އެޑްރީނަލް ގްލޭންޑް ގައި ވެސް މިހޯރމޯން އުފެދެއެވެ.
(ށ) - އެންޑްރަސްޓިނެޑިއޯން
(Androstenedione): އެންޑްރަސްޓިނެޑިއޯން އަކީ އެޑްރީނަލް
ގްލޭންޑް، އަދި ބިސް އުފައްދާ ތަނުގެ ތެރޭގައި އުފެދޭ
ސްޓީރޮއިޑް ހޯރމޯން އެކެވެ. ބިސް އުފައްދާ ތަނުގެ ތެރޭގައި މިހޯރމޯން އުފެދެނީ ތިކާ ސެލް(Theca cells) ތަކުންނެވެ. މިއީ އަންހެނުންނާއި ފިރިހެނުންގެ ހޯރމޯން އަށް ވެސް ވަރަށް ޢާންމު
ޕްރިކޯސަރ އެކެވެ.
(ނ) – އެސްޓްރަޖަން (Estrogen): އެސްޓްރަޖަން
ތަކަކީ ސްޓީރޮއިޑް ކަމްޕައުންޑް ގެ ގުރޫޕެކެވެ. މިގްރޫޕްގައި ހިމެނޭ ހޯރމޯންތަކަކީ އެސްޓްރަޑައިއޯލް(Estrodiol) ،އެސްޓްރައިއޯލް(Estriol)، އަދި އެސްޓްރޯން(Estrone) އެވެ. މިއީ އަންހެނުންގެ އަސާސީ ޖިންސީ ހޯރމޯން އެވެ.
ދޭތެރެ ދުރުކުރުމަށްދޭ ގުޅަބޭހުގެ ގޮތުގައި އެސްޓްރަޖަން ބޭނުންކުރެއެވެ.
އަދި އިއްދައިން ކެނޑުމަށްފަހު
ކުރިމަތިވާ އުދަގޫތައް ކުޑަކުރުމަށް ދޭ ފަރުވާއެއްގެ ގޮތުގައި ވެސް އެސްޓްރަޖަން ބޭނުންކުރެއެވެ. އެސްޓްރަޖަން
އުފައްދާ ތަންތަނުގެ ތެރޭގައި ބިސް
ދޫކޮށްލުމަށްފަހު ބިސްއުފައްދާ
ތަނުގައި އުފެދޭ ކޯޕަސް ލޫޓިއަމް، މާބަނޑު ދުވަސްވަރު ބަނޑުގައި އުފެދޭ މަސް ހިމެނެއެވެ.
މަހުން އާއްމުކޮށް ދޫކުރަނީ އެސްޓްރަޖަންގެ ވައްތަރުތަކުގެ ތެރެއިން
އެސްޓްރައިއޯލް(Estriol) އެވެ. ކޯޕަސް ލޫޓިއަމް ގައި
އުފެދެނީ އެސްޓްރަޑައިއޯލް(Estrodiol) އެވެ.
އެސްޓްރަޑައިއޯލް (Estradiol): އެސްޓްރަޑައިއޯލް އަކީ ޖިންސީ ހޯރމޯން އެކެވެ. މިއީ އަންހެން ހޯރމޯން އެއްގެ ގޮތުގައި ލޭބަލްކުރެވިފައިވާ
ހޯރމޯން އަކަށް ވިޔަސް ފިރިހެނުންގެ ހަށިގަނޑުގައި ވެސް މިހޯރމޯން ހުރެއެވެ. އިންސާނާގެ ހަށިގަނޑުގައި ހިމެނޭ
މައިގަނޑު އެސްޓްރަޖަން އަކީ މިއީ
އެވެ. އަންހެނާގެ ބިސް އުފައްދާތަނުން ވެސް މިހޯރމޯން ދޫކުރެއެވެ.
(ރ) - އިންހިބިން (Inhibin): އަކީ ފޮލިކަލް
ސްޓިމިއުލޭޓިންގ ހޯރމޯން އުފައްދައި ބޭރުކުރުން މަނާކޮށް އެކަމަށް ހުރަސްއަޅާދޭ ޕެޕްޓައިޑް އެކެވެ. މައްސަރު ކަންތައް ޖެހުން
ތަންޒީމްކޮށް ބަރާބަރަށް ގެންދިއުމުގައި
އިންހިބިން(Inhibin) ބައިވެރި ވެއެވެ. ޑައިސަލްފައިޑް ބޮންޑް(Disulphide bond) އަކުން ގުޅިފައިވާ އަލްފާ އަދި ބީޓާ ޔުނިޓް އިންހިބިން ގައި
އެކުލެވިގެން ވެއެވެ. އިންހިބިން އުފައްދާ
ތަންތަނުގެ ތެރޭގައި ބިސް ދޫކޮށްލުމަށްފަހު ބިސް އުފައްދާތަނުގެ ތެރޭގައި އުފެދޭ ކޯޕަސް ލޫޓިއަމް(Corpus luteum) ، މާބަނޑު ދުވަސްވަރު ބަނޑުގައި އުފެދޭ މަސް(Placenta) ހިމެނެއެވެ.
މަހުން މިހޯރމޯން ދޫކުރަނީ އޭގައި ހިމެނޭ "ޓްރޮފޮބްލާސްޓް"(Trophoblast)
ކިޔާ ސެލްތަަކަކުންނެވެ.
ތަފާތު ހޯރމޯންތައް ދޫކުރާ
އެހެނިހެން ގުނަވަންތައް
1-ހިތް
ހިތަކީ އިންސާނާގެ
ހަށިގަނޑުގައިވާ އެންމެ ނާޒުކު ގުނަވަނެވެ. ހިތަކީ ހަމައެކަނި ހިތަށް ޚާއްޞަ
މަހުގެ ވައްތަރަކުން (Cardiac muscle) އުފެދިފައި އޮންނަ ގުނަވަނެކެވެ. ހަށިގަނޑު އެކި
ހިސާބުތަކަށް ބޭނުންވާ ލޭ ފޮނުވައިދެނީ ހިތުން ކުރިފަޅައި ނިކުމެފައިވާ ބޮޑު
ލޭނާރަކުންނެވެ. ބޭސްވެރިކަމުގެ ދުނިޔޭގައި ބޭނުންކުރާ ''ކާޑިއެކް'' (Cardiac)މިބަހުން ދޭހަވަނީ ''ހިތާއި ގުޅުންހުރި''
މިހެންނެވެ. ހިތް އުފެދިފައިވަނީ ކުރިންވެސް ބުނިހެން ހިތަށް ޚާއްޞަ މަހުގެ (Cardiac muscle)
ވައްތަރަކުންނެވެ. އިންސާނާގެ ހަށިގަނޑުގެ ހުރިހާ ހިސާބުތަކަށް ލޭފޮނުވައިދީ، ލޭގެ
ޒަރީޢާއިން ހަށިގަނޑުގެ ޓިޝޫތައް އޮކްސިޖަން ފޯރުކޮށްދެނީ ހިތް މެދުވެރިގެންނެވެ.
(ހ)
- އެޓްރީއަލް ނެޓްރީޔުރެޓިކް ޕެޕްޓައިޑް (Atrial natriuretic peptide): އެޓްރީއަލް ނެޓްރީޔުރެޓިކް ޕެޕްޓައިޑް
އަކީ ހަށިގަނޑު ގައި ފެން، ލޮނު، އަދި ސަރުބީ ހަމަހަމަކަންމަތީ
ބެހެއްޓުމުގައި ބައިވެރިވާ ޕޮލިޕެޕްޓައިޑް ހޯރމޯން އެކެވެ. ލޭގެ ޕްރެޝަރު އާދަޔާ
ޚިލާފަށް މަތިވެގެންދާ ހިނދު ހިތުގެ އެޓްރީއަމް ތަކުގައި ހުންނަ ''މެޔޯސައިޓް''(Myocyte) ކިޔާ ސެލްތަކަކުން މިހޯރމޯން ދޫކުރަން ފަށައެވެ.
މެޔޯސައިޓް ތަކަކީ ހިތުގެ އެޓްރީއަމް ގައި ހުންނަ މަހު ސެލް ތަކެކެވެ. އެޓްރީއަލް
ނެޓްރީޔުރެޓިކް ޕެޕްޓައިޑް، ލޮނާއި، ފެނާއި ސަރުބީގެ މިންވަރު ހަށިގަނޑުގައި
މަދުކޮށްގެން ލޭގެ ޕްރެޝަރު ދަށްކުރުވައެވެ.
(ށ) - ބްރޭން
ނެޓްރީޔުރެޓިކް ޕެޕްޓައިޑް (Brain natriuretic peptide): ބްރޭން ނެޓްރީޔުރެޓިކް ޕެޕްޓައިޑް އަކީ 32 އެމިނޯ އެސިޑް އެެކުލެވޭ
ޕޮލިޕެޕްޓައިޑް ހޯރމޯން އެކެވެ. ހިތުގެ ވެންޓްރިކަލް ގައި ހުންނަ މެޔޯސައިޓް
ތަކަށް ދެމިވާންވުމުން ވެންޓްރިކަލްތަކުގައި ހުންނަ މެޔޯސައިޓްތަކުން މިހޯރމޯން
ދޫކުރަން ފަށައެވެ.
2-
މަޢިދާ
މައިދާ (Stomach) އަކީ ތޮޅިއެއްގެ ބައްޓަމަށް
އެތެރެ ހުސްކޮށް އޮންނަ މަޑު މަސް ނުވަތަ ހޮޅި މަހުން (Smooth Muscle)
އުފެދިފައިވާ ގުނަވަނެކެވެ. ކާތަކެތި ހަފައި ދިރުވުމަށްފަހު،
އަންނަ ހަޖަމުކުރުމުގެ
ދެވަނަ މަރުޙަލާ ފުރިހަމަ ކުރަނީ މައިދާގެ ތެރޭގައެވެ. ބޭސްވެރިކަމުގެ ދުނިޔޭގައި
ބޭނުންކުރާ ގެސްޓްރިކް، ގެސްޓްރޯ(Gastric/Gastro)މިބަސްތަކުން
ދޭހަކޮށްދެނީ ''ބަނޑާއި ގުޅުންހުރި''، ނުވަތަ ''މައިދާއާ ގުޅުންހުރި'' މިހެންނެވެ.
މައިދާއިން ދޫކުރާ ހޯރމޯންތައް
(ހ) - ގެސްޓްރިން (Gastrin):ގެސްޓްރިން އަކީ
މައިދާގެ ''ޕެރައިއިޓަލް ސެލް''(Parietal cell) ތަކުން
''ގެސްޓްރިކް އެސިޑް'' ބޭރުކުރުމަށް ބާރުއަޅާ ހޯރމޯން އެކެވެ. މިހޯރމޯން ދޫކުރަނީ މަޢިދާ
އަދި ކުޑަ ގޮހޮރުގައި ހިމެނޭ ''ޖީސެލް''(G Cell) ތަކުންނެވެ. ގެސްޓްރިން ހޯރމޯން
ދޫކުރަނީ ލޭގެ ތެރެއަށެވެ. މައިގަނޑު 3 ވައްތަރެއްގެ ގެސްޓްރިން ހުރެއެވެ. އެއީ
* ގެސްޓްރިން-34
* ގެސްޓްރިން-17
* ގެސްޓްރިން-14
(ށ) – ޣްރެލިން (Ghrelin): ޣްރެލިން އަކީ މަޢިދާގައި
ހުންނަ ''ޕީޑީ1''(P/D1) ސެލްތަކުން ދޫކުރާ ހޯރމޯން އެކެވެ. މިހޯރމޯންގެ ސަބަބުން
ކާހިތްވުމަށް ބާރުއަޅައެވެ. ނުވަތަ ކާތަކެތި
ކެއުމަށް ހިތްޖެހޭގޮތް ވެއެވެ. ހަށިގަނޑުގައި ޣްރެލިން ގެ ލެވެލް ކެއުމުގެ ކުރިން މަތިވެ، އަދި
ކެއުމަށްފަހު ދަށްވެގެން ދެއެވެ.
އެންޓީރިއޯ ޕިޓޫއިޓަރީ ގްލޭންޑް
އިން ''ގްރޯޘް ހޯރމޯން'' ދޫކުރުމަށް ވެސް ޣްރެލިން ބާރުއަޅައެވެ. ބަލީގެ ބައެއް ޙާލަތްތަކުގައި
ޣްރެލިންގެ ލެވެލް ދަށްވެ، މާއަވަހަށް ފުރިފައި ހުންނަ އިހްސާސް
ބަލިމީހާއަށް ވާގޮތްވެއެވެ.
(ނ) –
ސޯމެޓަސްޓެޓިން (Somatostatin): ސޯމެޓަސްޓެޓިން އަކީ ސިކުނޑީގެ ތެރޭގައިވާ ހައިޕޯތަލަމަސްގައި
އިންނަ ''ޕެރިވެންޓްރިކިޔުލަރ ނިއުކްލިއަސް''(Periventricular nucleus) ، މަޢިދާ، ޗިސްމޭ، ފަދަ ގުނަވަންތަކުން
އުފައްދައި ދޫކުރާ ޕެޕްޓައިޑް ހޯރމޯން އެކެވެ. މިއީ ޕިޓޫއިޓަރީ ގްލޭންޑް
އިން ގުރޯތު ހޯރމޯން(Growth hormone) އުފައްދައި ދޫކުރުން ހުއްޓުވާ ހޯރމޯން އެކެވެ.
މައިދާގައި މިހޯރމޯން ދޫކުރަނީ ''ޑީސެލް''(D Cell) ތަކުންނެވެ. މިހޯރމޯންގެ ހަރަކާތްތެރި
ދެވައްތަރެއް ވެއެވެ. އެއީ 14 އެމިނޯ އެސިޑް އެކުލެވޭ ވައްތަރަކާއި، އަދި 28
އެމިނޯ އެސިޑް އެކުލެވޭ ވައްތަރެކެވެ. މިހޯރމޯން އަށް ކިޔާއުޅޭ އެހެން ނަންތަކުގެ
ތެރޭގައި ''ގްރޯތު ހޯރމޯން އިންހިބިޓިންގ ހޯރމޯން''(GHIH) ، "ސޯމެޓަޓްރޮޕިން
ރިލީސް އިންހިބިޓިންގ ހޯރމޯން" (SRIF) ފަދަ ނަންތައް ހިމެނެއެވެ.
3-
ހިމަގޮހޮރުގެ ފުރަތަމަ ބައި
ހިމަގޮހޮރުގެ ފުރަތަމަ ބައި (Duodenum)
އަކީ މައިދާ އާއި، ހިމަގޮހޮރުގެ މެދުބައި ގުޅުވައިދޭ
ހޮޅިއެވެ. މިއީ ހިމަގޮހޮރުގެ އެންމެ ކުރު އަދި އެންމެ ފުރަތަމަ ބައި ވެސް މެއެވެ.
އިގިރޭސި ''ސީ'' (C)
އަކުރުގެ ބައްޓަމަން އިންނަ މިބަޔަކީ ގިނަ ކެމިކަލް މާއްދާތައް ހަޖަމުކޮށް
ހަށިގަނޑަށް ބޭނުން ބައި ނަގައިދޭ ތަނެވެ. މިބަޔަށް ކުޑަގޮހޮރުގެ ފުރަތަމަ ބައި
މިހެން ވެސް ކިޔައެވެ. އިންސާނުންގެ ޑުއަޑީނަމް ގެ ދިގުމިނުގައި އެވްރެޖް
ގޮތެއްގައި ހުންނަނީ 26 ސެންޓި މީޓަރެވެ.
ހިމަ ގޮހޮރުގެ ފުރަތަމަ ބައިން ދޫކުރާ
ހޯރމޯންތައް
(ހ) - ސިކްރީޓިން (Secretin): ސިކްރީޓިން އަކީ ކުޑަ ގޮހޮރުގެ (ހިމަ ގޮހޮރުގެ) ފުރަތަމަ
ބައިގައި ހުންނަ ''އެސް ސެލް''(S-Cell) ތަކުން ދޫކުރާ ޕެޕްޓައިޑް
ހޯރމޯން އެކެވެ. މިހޯރމޯން ގެސްޓްރިކް އެސިޑް ، ބައިކާބޮނޭޓް އާ ބަފަރކޮށްގެން،
ކުޑަ ގޮހޮރު ގެ ފުރަތަމަބައި ގައި ހުންނަ ތަކެތީގެ ޕީއެޗް ކޮންޓްރޯލް ކުރުމުގައި
އެހީތެރި ވެއެވެ. ސިކްރީޓިން ދޫކުރަން ފަށަނީ ކުޑަ ގޮހޮރުގެ ފުރަތަމަ ބައި ޕީއެޗް
ދަށްވެއްޖެ ހާލަތެއްގައި އެތާގެ ޕީއެޗް ހަމަހަމަކަން މަތީ ބަހައްޓައިދީ ކޮންޓްރޯލް
ކުރުމަށްޓަކައެވެ.
(ށ) – ކޯލިސިސްޓަކައިނިން (Cholycystokinin):
ކޯލިސިސްޓަކައިނިން
އަކީ ކުޑަ ގޮހޮރުގެ ފުރަތަމަ ބައި ގައި
ހުންނަ ''އައި ސެލް''(I-Cell) ތަކުން އުފައްދައި ދޫކުރާ ޕެޕްޓައިޑް ހޯރމޯން އެކެވެ.
އިންސާނާގެ ހަށިގަނޑުގައި ޕްރޮޓީން އަދި ސަރުބީ ހަޖަމުކުރުމަށް ބާރުއަޅައި،
ވާގިވެރިވެ ދިނުމުގައި ޒިންމާވާ ހޯރމޯން އަކީ ވެސް މިއީއެވެ. މިހޯރމޯންގެ ސަބަބުން
ޗިސްމޭ އިން ''ހަޖަމުކުރާ އެންޒައިމް'' ތައް އަދި ފިތުގެ ތެރޭގައި އުފެދޭ
''ބައިލް''(Bile) ބޭރުވުން މެދުވެރި ކުރުވައެވެ. ކުރިން މިހޯރމޯން އަށް
''ޕެންކްރިއޯޒައިމިން''(Pancreozymin) އޭ ކިޔާފައި ވެއެވެ.
4-
މޭ ނުވަތަ މޭގަނޑު
މޭގަނޑު
(Liver)ނުވަތަ މެޔަކީ އިންސާނާގެ
ހަށިގަނޑުގައިވާ އެންމެ ބޮޑު ގުނަވަނެވެ.މިއީ ހަށިގަނޑުގައި ހިންގާ މެޓަބޮލިޒަމްގެ
މަސައްކަތުގައި މުހިއްމު ދައުރެއް އަދާކުރާ ގުނަވަނެކެވެ. މީގެ އިތުރުން ހަށިގަނޑުގައި
ތަފާތު އެތައް މަސައްކަތްތަކެއް މިގުނަވަނުން އަދާކުރެއެވެ. އޭގެ ތެރޭގައި ގްލައިކަޖަން(Glycogen)ރައްކާކުރުން، ''ޕްލާޒްމާ ޕްރޮޓީން''(Plasma
protein)
އުފެއްދުން، އަދި ލޭގެ ތެރޭގައި ހުންނަ ވިހަސާފުކުރުން ހިމެނެއެވެ.
މޭގަނޑުން ދޫކުރާ
ހޯރމޯންތައް
(ހ) – އިންސުލިން ލައިކް ގްރޯތު ފެކްޓަރ (Insulin like growth factor): އިންސުލިން ލައިކް ގްރޯތު ފެކްޓަރ ތަކަކީ އިންސުލިން އާއި،
ވައްތަރު ގޮތެއް ހުންނަ ޕޮލިޕެޕްޓައިޑް ތަކެކެވެ. އިންސުލިން ލައިކް ގްރޯތު
ފެކްޓަރ އަކީ ''ކޮމްޕްލެކްސް ސިސްޓަމް''(Complex system)
ބައެކެވެ. މިހޯރމޯން އުފައްދައި ދޫކުރަނީ މޭގަނޑުގެ ތެރޭގައި ހުންނަ ''ހެޕަޓަސައިޓް''
ތަކުންނެވެ. މިހޯރމޯންގެ ދެވައްތަރު ވެއެވެ. އެއީ އިންސުލިން ލައިކް ގްރޯތު
ފެކްޓަރ1 އަދި އިންސުލިން ލައިކް ގްރޯތު ފެކްޓަރ2 އެވެ.
(ށ)
– އެންޖީއޯޓެންސިން (Angiotensin): އެންޖީއޯޓެންސިން އަކީ މޭގަނޑުގެ ތެރޭގައި ހުންނަ ''ހެޕަޓަސައިޓް''
ތަކުން އުފައްދައި ދޫކުރާ އޮލިގޯޕެޕްޓައިޑް އެކެވެ. މިމާއްދާ ގެ ސަބަބުން ލޭހޮޅިތައް
ހަނިވުން(Vasoconstriction) ، ކުރިމަތިކުރުވައި، ލޭގެ ޕްރެޝަރު މަތިކުރުވައި، އެޑްރީނަލް ގްލޭންޑް ގެ ކޯޓެކްސް(Adrenal
cortex)އިން ''އަލްޑޮސްޓަރޯން''(Aldosterone) ދޫކުރުން މެދުވެރި ކުރުވައެވެ. އެންޖީއޯޓެންސިން އަކީ
ބާރުގަދަ ''ޑިޕްސަޖަން'' (Dipsogen) އެކެވެ.
އެންޖީއޯޓެންސިން އުފެދިގެން އަންނަނީ އޭގެ ޕްރިކޯސަރ މޮލިކިއުލް ކަމުގައިވާ މޭގަނޑުގައި
އުފެދޭ ''އެންޖީއޯޓެންސިނަޖަން''(Angiotensinogen)
އިންނެވެ.
(ނ)
– ތްރޮމްބޯޕޮއިއިޓިން
(Thrombopoietin): ތްރޮމްބޯޕޮއިއިޓިން އަކީ މޭގަނޑު، އަދި ގުރުދާއިން އުފައްދާ
ގްލައިކޯޕްރޮޓީން ހޯރމޯން އެކެވެ. މިހޯރމޯން އަކީ ކަށީގެ މަދުގައި ''ޕްލޭޓްލެޓް''ތައް
އުފެއްދުން ތަންޒީމްކުރާ ހޯރމޯން އެކެވެ. ކަށީގެ މަދުގައި ސްޓްރޯމާ ސެލް ތަކުން
ވެސް މިހޯރމޯން އުފައްދައެވެ. ކަށީގެ މަދުގައި ހިމެނޭ ''މެގަކެރީއޯސައިޓް''(Megakaryocyte) ތައް އުފެދި ބައިބައިވެގެން ދިއުމަށް ބާރު އަޅައެވެ. ޕްލޭޓްލެޓްތައް
އުފެދިގެން އަންނަނީ މިބުނި ސެލްތައް ބައިބައިވެގެން އައުމުގެ ތެރޭގައެވެ.
5-
ޗިސްމޭ
ޗިސްމޭ (Pancreas) އަކީ ހަޖަމުކުރާ ނިޒާމް ގައި ހިމެނޭ
ގުނަވަނެކެވެ. އަދި އެންޑަކްރިން ނިޒާމް ގައި ހިމެނޭ ގޮށެއް ވެސް މެއެވެ. ޗިސްމޭ
އަކީ އެންޑަކްރިން އަދި އެކްސަކްރިން ގްލޭންޑެއްގެ ގޮތުގައި ބެލެވޭ ގުނަވަނެއް
ވެސް މެއެވެ. ޗިސްމޭ އަކީ އެންޑަކްރިން ގްލޭންޑް (Endocrine gland)
އެއްގެ ގޮތުގައި ބެލެވެނީ ތަފާތު ހޯރމޯންތައް ޗިސްމޭގައި އުފައްދައި ދޫކުރާތީއެވެ.
އެކްސަކްރިން ގްލޭންޑް (Exocrine gland)
އެއްގެ ގޮތުގައި ބެލެވެނީ ހަޖަމުކުރާ އެންޒައިމްތައް ހިމެނޭ ޗިސްމޭ ޖޫސް
އުފައްދައި ދޫކުރާތީ އެވެ.
ޗިސްމޭ އިން ދޫކުރާ
ހޯރމޯންތައް
(ހ) - އިންސުލިން (Insulin): އިންސުލިން އަކީ
ޗިސްމޭގައި ހުންނަ ''ބީޓާ އައިލިޓް ސެލް''(β islet cell)
ތަކުން އުފައްދައި ދޫކުރާ، ކާބޯހައިޑްރޭޓް މެޓަބޮލިޒަމް ކޮންޓްރޯލްކުރާ އެނަބޮލިކް
ޕޮލިޕެޕްޓައިޑް ހޯރމޯން އެކެވެ. މީގެ އިތުރުން ފެޓް މެޓަބޮލިޒަމް ކޮންޓްރޯލް
ކުރުމުގައިވެސް އިންސުލިން ބައިވެރި ވެއެވެ. މޭގަނޑުގައި ގުލްކޯޒް ރައްކާކޮށް
ބޭރުކުރުމުގެ މަސައްކަތަށް ބަދަލު ގެނުވުމުގައި ވެސް މިހޯރމޯން ބައިވެރި ވެއެވެ.
އޮނިގަނޑުގައި 51 އެމިނޯ އެސިޑް އެކުލެވޭ އިންސުލިންގެ މޮލިކިއުލަރ ބަރުދަން ގައި
5808 ޑެލްޓޯން ހުރެއެވެ. ހަކުރު ބަލީގެ ބައެއް ވައްތަރުތަކަށް ފަރުވާކުރުމަށް
އިންސުލިން ބޭނުންކުރެއެވެ. މިފަދަ މީހުންނަށް އިންސުލިން އެމީހުންގެ ހަށިގަނޑުގައި
ނުހުންނާތީ އަބަދުވެސް ފަރުވާގެ ގޮތުގައި އިންޖެކްޝަންގެ ސިފައިގައި އިންސުލިން
ނަގަން ޖެހެއެވެ.
(ށ) – ގްލޫކަގޮން (Glucagon): ގްލޫކަގޮން އަކީ
ޗިސްމޭގެ ''އަލްފާ އައިލިޓް ސެލް''(α islet cell)
ތަކުން އުފައްދައި ދޫކޮށް ކާބޯހައިޑްރޭޓް މެޓަބޮލިޒަމް ގައި ޝާމިލްވާ ވަރަށް
މުހިއްމު ހޯރމޯން އެކެވެ. ޗިސްމޭ އިން ގްލޫކަގޮން ދޫކުރަން ފަށަނީ ލޭގައި
ގުލްކޯޒްގެ މިންވަރު ދަށްވުމުންނެވެ. އަދި ގްލޫކަގޮން ދޫކުރަން ފެށުމުން މޭގަނޑުގައި
ރައްކާކޮށްފައި ހުންނަ ''ގްލައިކަޖަން''(Glycogen) ގުލްކޯޒް އަށް ބަދަލުވުން މެދުވެރި ކުރުވައެވެ.
އަދި މިގޮތުން ބަދަލުކުރެވުނު ގުލްކޯޒް ލޭގެ ތެރެއަށް ފޮނުވާލައެވެ.
(ނ) – ސޯމެޓަސްޓެޓިން (Somatostatin):
ސޯމެޓަސްޓެޓިން
އަކީ ސިކުނޑީގެ ތެރޭގައިވާ ހައިޕޯތަލަމަސްގައި އިންނަ ''ޕެރިވެންޓްރިކިޔުލަރ
ނިއުކްލިއަސް''(Periventricular nucleus) ، މަޢިދާ، ޗިސްމޭ، ފަދަ ގުނަވަންތަކުން އުފައްދައި ދޫކުރާ ޕެޕްޓައިޑް ހޯރމޯން އެކެވެ. މިއީ ޕިޓޫއިޓަރީ
ގްލޭންޑް އިން ގުރޯތު ހޯރމޯން އުފައްދައި ދޫކުރުން ހުއްޓުވާ ހޯރމޯން އެކެވެ.
މައިދާގައި މިހޯރމޯން ދޫކުރަނީ ''ޑީސެލް''(D Cell) ތަކުންނެވެ. މިހޯރމޯންގެ ހަރަކާތްތެރި
ދެވައްތަރެއް ވެއެވެ. އެއީ 14 އެމިނޯ އެސިޑް އެކުލެވޭ ވައްތަރަކާއި، އަދި 28
އެމިނޯ އެސިޑް އެކުލެވޭ ވައްތަރެކެވެ. މިހޯރމޯން އަށް ކިޔާއުޅޭ އެހެން ނަންތަކުގެ
ތެރޭގައި ''ގްރޯތު ހޯރމޯން އިންހިބިޓިންގ ހޯރމޯން''(GHIH) ،''ސޯމެޓަޓްރޮޕިން ރިލީސް އިންހިބިޓިންގ ހޯރމޯން''(SRIF) ފަދަ
ނަންތައް ހިމެނެއެވެ.
(ރ) - ޕެންކްރިއެޓިކް ޕޮލިޕެޕްޓައިޑް (Pancreatic polypeptide): ޕެންކްރިއެޓިކް
ޕޮލިޕެޕްޓައިޑް އަކީ ޗިސްމޭގައި ހުންނަ ''ޕެންކްރިއެކްޓިކް ޕޮލިޕެޕްޓައިޑް
ސެލް"(PP Cells) ތަކުން އުފައްދައި ދޫކުރާ، ޕޮލިޕެޕްޓައިޑް އެކެވެ.
އާއްމު ގޮތެއްގައި ޕެންކްރިއެޓިކް ޕޮލިޕެޕްޓައިޑް ދޫކުރަނީ ޗިސްމޭގެ ބޮލުންނެވެ.
އޮނިގަނޑުގައި 36 އެމިނޯ އެސިޑް އެކުލެވޭ ޕެންކްރިއެޓިކް ޕޮލިޕެޕްޓައިޑް ގެ
މޮލިކިއުލަރ ބަރުދަނުގައި 4200 ޑެލްޓޯން ހުރެއެވެ.
6-
ގުރުދާ
ގުރުދާ (Kidney)
އަކީ ކުޑަކަމުދާ ނިޒާމްގައި ހިމެނޭ އަސާސީ އެއް
ގުނަވަނެވެ. ކޮންމެ އިންސާނެއްގެ ހަށިގަނޑުގެ ތެރޭގައި ދެ ގުރުދާ ވެއެވެ.އެއީ ހަށިގަނޑުގެ
ކޮންމެ ފަރާތެއްގައި ގުރުދާ އެކެވެ. ތޮޅި-އޮށެއްގެ ބައްޓަމަށް، ސާބޯނި ބުރިއެއް ވަރުވާ ގުރުދާ އިންސާނާގެ ހަށިގަނޑުގެ ތެރޭގައި އޮންނަނީ
ހަޖަމުކުރާ ނިޒާމްގައި ހިމެނޭ ގުނަވަންތަކުގެ ފަހަތުގައެވެ. އެއީ ގާތްގަނޑަކަށް
މޭކަށިތައް ނުވަތަ އަރިކަށިތައް ނިމޭ ހިސާބު ގައެވެ. އަދި މައިބަދައިގެ ކަށިތަކުގެ
ތެރެއިން ''ބަނޑު ހިމެނޭ ހިސާބުގައިވާ ކަށި''(Lumbar Vertebrae) ތައް
ހުންނަ ތަނާއި ކައިރީގައެވެ. ގުރުދާގެ ވަށައިގެން މަތީގައި ކޮންމެވެސް ވަރަކަށް
''ޕެރިނެފްރިކް ފެޓް''(Perinephric
fat) އޭ ކިޔޭ ސަރުބީގެ ވައްތަރެއް
ޖަމާވެފައި ހުރެއެވެ. މިބުނި ސަރުބީތަކުގެ ތެރޭގައި ކޮންމެ ގުރުދާއެއްގެ މަތީގައި
ހޯރމޯން ދޫކުރާ ނިޒާމްގައި ހިމެނޭ ''އެޑްރީނަލް ގްލޭންޑް''(Adrenal gland)އޭ ކިޔޭ ހޯރމޯން ބޭރުކުރާ ގޮށެއް އިދެއެވެ.
ގުރުދާއިން ދޫކުރާ ހޯރމޯންތައް
(ހ)- ރީނިން (Renin): ރީނިން އަކީ ގުރުދާގައިވާ
''ޖަކްސްޓަގްލޯމެރީޔުލަރ އެޕަރޭޓަސް'' ގައި ހުންނަ ''ޖަކްސްޓަގްލޯމެރީޔުލަރ ސެލް''(Juxtaglomerular cell) ތަކުން އުފައްދައި ބޭރުކުރާ އެންޒައިމް އެކެވެ. މިއެންޒައިމް
ބޭރުކުރަން ފަށަނީ ލޭގެ ވޮލިއުމް ދަށްވުން ނުވަތަ ސޯޑިއަމް ކްލޮރައިޑް ލޭގައި ދަށްވާ
ޙާލަތްތަކުގައެވެ. މިއެންޒައިމް އަށް ''އެންޖީއޯ ޓެންސިނަޖިނޭސް''(Angiotensinogenase) އޭ ވެސް ކިޔައެވެ.
(ށ) - އިރިތްރޯ ޕޮއިއިޓިން
(Erythropoietin): އިރިތްރޯޕޮއިއިޓިން އަކީ ގްލައިކޯޕްރޮޓީން ހޯރމޯން އެކެވެ.
މިއީ ކަށީގެ މަދުގައި ހުންނަ ލޭގެ ރަތް ސެލްތަކުގެ ޕްރިކޯސަރ ތަކަށް ހުންނަ ''ސައިޓޯކީން''(Cytokine) އެކެވެ.އިރިތްރޯޕޮއިއިޓިންއަށް''ހީމަޓަޕޮއިއިޓިން''(Haematopoietin)އަދި''ހީމަޕޮއިއިޓިން''(Hemapoietin)
އޭ ވެސް ކިޔައެވެ. އިރިތްރޯޕޮއިއިޓިން އުފެދެނީ ގުރުދާގައި ހުންނަ ''އެކްސްޓްރާ ގްލޯމެރީޔުލަރ
މިސަންޖިއަލް ސެލް'' (Extarglomerular
mesangial cell) ތަކުންނެވެ. މިއީ ލޭގެ ރަތް ސެލްތައް އުފެއްދުން
ތަންޒީމް ކޮށްދޭ މައި ހޯރމޯން އެވެ.
(ނ) - ކެލްސިޓްރިއޯލް (Calcitriol): ކެލްސިޓްރިއޯލް އަކީ ހަށިގަނޑުގައި ހުންނަ ވިޓަމިންޑީ ގެ ހަރަކާތްތެރި ވައްތަރު
އެވެ. މިހޯރމޯން އަށް ވަން-ޓްވެންޓީ ފައިވް ޑައިހައިޑްރޯކޯލިކެލްސިފެރޯލް''(1-25 Dihydrocholecalciferol) އަދި ''ވިޓަމިންޑީ3''(Vitamin D3) އޭވެސް ކިޔައެވެ. މިހޯރމޯން ހަށިގަނޑުގައި އުފެދެނީ
ގުރުދާގެ ތެރޭގައެވެ. އެގޮތުން ގުރުދާގެ ތެރޭގައި ''ކެލްސިޑިއޯލް''(Calcidiol)
ކެލްސިޓްރިއޯލް އަށް ބަދަލުވަނީ ޚާއްޞަ އެންޒައިމެއްގެ އެހީގައެވެ. ބޭސް އުފައްދާ ކާރުޚާނާ
ތަކުން މިހޯރމޯން ބޭހެއްގެ ގޮތުގައި އުފައްދައި ބާޒާރުގައި ވިއްކަން ހުރެއެވެ.
(ރ) - ތްރޮމްބޯޕޮއިއިޓިން
(Thrombopoietin): ތްރޮމްބޯޕޮއިއިޓިން އަކީ މޭގަނޑު، އަދި ގުރުދާއިން އުފައްދާ
ގްލައިކޯޕްރޮޓީން ހޯރމޯން އެކެވެ. މިހޯރމޯން އަކީ ކަށީގެ މަދުގައި ''ޕްލޭޓްލެޓް''ތައް
އުފެއްދުން ތަންޒީމްކުރާ ހޯރމޯން އެކެވެ. ކަށީގެ މަދުގައި ސްޓްރޯމާ ސެލް ތަކުން
ވެސް މިހޯރމޯން އުފައްދައެވެ. ކަށީގެ މަދުގައި ހިމެނޭ ''މެގަކެރީއޯސައިޓް''(Megakaryocyte) ތައް އުފެދި ބައިބައިވެގެން ދިއުމަށް ބާރު އަޅައެވެ. ޕްލޭޓްލެޓްތައް
އުފެދިގެން އަންނަނީ މިބުނި ސެލްތައް ބައިބައިވެގެން އައުމުގެ ތެރޭގައެވެ.
7-
ރަހިމު
ރަހިމު(Uterus) އަކީ އަންހެނާގެ ނަސްލު އުފައްދާ ނިޒާމްގައި ހިމެނޭ
މައި ގުނަވަނެވެ. ނުވަތަ މިއީ މިނިޒާމްގައި ހިމެނޭ އެންމެ މުހިއްމު
އެއްގުނަވަނެވެ. ރަހިމުގެ މަތިން ކުރިންވެސް ބުނިހެން ދެފަރާތުގައި ދެ
ބިސްދަތުރުކުރާ ހޮޅި ރަހިމާއި ގުޅިފައި ވެއެވެ. ރަހިމުގެ ތިރީ ބަޔަކީ ރަހިމުގެ
ކަރެވެ. މިބައި އިންނަނީ އަންހެނާގެ ޖިންސީ ގުނަވަނަށް ހުޅުވޭ ގޮތަށެވެ.
ބިސްރަވައިގައި އުފައްދާ ބިސް ބިސްދަތުރުކުރާ ހޮޅި ކަނޑަތުކޮށް ރަހިމަށް ވާޞިލްވެ،
ފިރިހެނާ ޖިންސީ ގުޅުމުގެ ތެރޭގައި އަންހެނާގެ ހަށިގަނޑަށް ދޫކޮށްލާ މަނަވީ
ޙައިވާން އާ ބައްދަލުވެއްޖެނަމަ ބިސް ރަހިމުގައި ފާރުގައި މުޑުވަށްވެ، އިންދައެވެ.
އަދި ރަހިމުގެ ތެރޭގައި ދަރިފުޅު އަށަގަނެ ބޮޑުވަމުން އާދެއެވެ. މާބަނޑުވުމުން
ރަހިމުން ވެސް ބައެއް ހޯރމޯންތައް ދޫކުރެއެވެ.
ރަހިމުން ދޫކުރާ
ހޯރމޯންތައް
(ހ) – ޕްރޯލެކްޓިން
(Prolactin): ޕްރޯލެކްޓިން އަކީ ގާތުންދޭ ދުވަސްވަރު ދޫކުރާ ޕެޕްޓައިޑް ހޯރމޯން އެކެވެ. މިހޯރމޯން ޕިޓޫއިޓަރީ
ގްލޭންޑްގެ ކުރިމަތީ ބައިގައި ހުންނަ ''ލެކްޓޯޓްރޯޕް''(Lactotrope)
ސެލްތަކުން އުފައްދައި ދޫކުރެއެވެ. މީގެ އިތުރުން އުރަމަތި އަދި މާބަނޑު
ދުވަސްވަރު ރަހިމުގެ ފާރުން ވެސް މިހޯރމޯން އުފައްދައި ދޫކުރެއެވެ. ގާތުން
ކިރުދިނުމުގެ ތެރޭގައި ކުޑަ ދަރިފުޅު މައިމީހާގެ އުރަމަތީގައި އަނގަޖަހައި
ދަމާލުމުން، ޕްރޯލެކްޓިން އުފެއްދުމަށް ބާރުއަޅައެވެ. ނަތީޖާއެއްގެ ގޮތުން
އުރަމައްޗަށް ކިރުއެރި، ފުރެއެވެ. އެއީ ޖެހިގެން އަންނަ ފަހަރު ގާތުންދޭން ވާއިރު ކިރު
އުރަމަތީގައި ޖަމާވެފައި ބެހެއްޓުމަށްޓަކައެވެ. އެހެންކަމުން މިއީ އަންހެނާގެ
އުރަމަތިން ކިރު އުފައްދައި ބޭރުކުރުމަށް ބާރުއަޅާ ހޯރމޯން އެކެވެ.
(ށ) - ރިލަކްސިން (Relaxin): އަކީ 1926 ވަނަ އަހަރު ފުރަތަމަ ފަހަރަށް ހޯދުނު ހޯރމޯން އެކެވެ. ތަފާތު 3 ވައްތަރެއް މި ހޯރމޯންގެ
ހުރެއެވެ. އަންހެނުންނަށް ނިސްބަތްކުރާއިރު
މިހޯރމޯން އުރަމަތީގައި ވެސް އުފެދެއެވެ. އަދި ބިސް އުފައްދާ ތަނުގައި އުފެދޭ ކޯރޕަސް ލޫޓިއަމް އިންވެސް
ދޫކުރެއެވެ. މާބަނޑު ދުވަސްވަރު ރަހިމުގެ
ފާރުންނާއި، އަދި ވިހާއިރު ތުއްތު ދަރިފުޅާއެކު ފައިބާ މަހުން ވެސް މިހޯރމޯން ދޫކުރެއެވެ.
8-
ވިހެއުމުގެ ތެރޭގައި ފައިބާ މަސް
ވިހާއިރު ފައިބާ މަސް(Placenta) އަކީ
މާބަނޑު ދުވަސްވަރު އަންހެނުންގެ
ހަށިގަނޑުގައި
އަށަގަންނަ ވަގުތީ ގުނަވަނެކެވެ. ކުޑަ ދަރިފުޅާ މައިމީހާ އާ ދެމެދު ގޭސްތައް ބަދަލުކުރުވައި، އަދި ކުޑަ ދަރިފުޅަށް
ބޭނުންވާ ކާނާގެ ބައިތައް މަންމަގެ
ހަށިގަނޑު
ކުޑަދަރިފުޅުގެ ހަށިގަނޑަށް ވާޞިލްވަނީ މަސް ހުރަސް ކޮށެވެ. މަހަކީ މާބަނޑުވުމުން
ރަހިމުގައި އަށަގަަންނަ ގުނަވަނަކަށްވާތީ މިތަނުން ހޯރމޯން ދޫކުރާނީ ހަމައެކަނި
ބަލިވެއިންނަ ޙާލަތުގައެވެ.
ވިހެއުމުގެ ތެރޭގައި
ފައިބާ މަހުން ދޫކުރާ ހޯރމޯންތައް
(ހ) - ޕްރޯޖެސްޓަރޯން
(Progesterone): ޕްރޯޖެސްޓަރޯން އަކީ ސްޓީރޮއިޑް ހޯރމޯން އެކެވެ.
މިހޯރމޯން އަކީ މައްސަރު
ކަންތައް ލައިގަތުން، މާބަނޑުވުން، އަދި ތުއްތު ދަރިފުޅު ބަނޑުގައި ބޮޑުވަމުން އަންނަ އައުން ފަދަ ކަންތައްތަކުގައި ޝާމިލްވާ
އެއްޗެކެވެ. ބޭހުގެ ގޮތުގައި ބޭސް
ކާރުޚާނަތަކުން އުފައްދައި ވިއްކަން ހުންނަ ޕްރޯޖެސްޓަރޯން އަށް ކިޔަނީ "ޕްރޯޖެސްޓަޖަން"(Progestogen) އެވެ.
ޕްރޯޖެސްޓަރޯން އުފައްދާ ތަންތަނުގެ ތެރޭގައި ބިސް ދޫކޮށްލުމަށްފަހު ބިސްއުފައްދާ ތަނުގައި އުފެދޭ ކޯޕަސް ލޫޓިއަމް ، މާބަނޑު ދުވަސްވަރު
ބަނޑުގައި އުފެދޭ މަސް ހިމެނެއެވެ. މީގެ އިތުރުން ސިކުނޑި، އަދި އެޑްރީނަލް ގްލޭންޑް ގައި ވެސް މިހޯރމޯން އުފެދެއެވެ.
(ށ) – އެސްޓްރަޖަން (Estrogen): އެސްޓްރަޖަން
ތަކަކީ ސްޓީރޮއިޑް ކަމްޕައުންޑް ގެ ގުރޫޕެކެވެ. މިގްރޫޕްގައި ހިމެނޭ ހޯރމޯންތަކަކީ އެސްޓްރަޑައިއޯލް(Estrodiol) ،އެސްޓްރައިއޯލް(Estriol)، އަދި އެސްޓްރޯން(Estrone) އެވެ. މިއީ އަންހެނުންގެ އަސާސީ ޖިންސީ ހޯރމޯން އެވެ.
ދޭތެރެ ދުރުކުރުމަށްދޭ ގުޅަބޭހުގެ ގޮތުގައި އެސްޓްރަޖަން ބޭނުންކުރެއެވެ.
އަދި އިއްދައިން ކެނޑުމަށްފަހު
ކުރިމަތިވާ އުދަގޫތައް ކުޑަކުރުމަށް ދޭ ފަރުވާއެއްގެ ގޮތުގައި ވެސް އެސްޓްރަޖަން ބޭނުންކުރެއެވެ. އެސްޓްރަޖަން
އުފައްދާ ތަންތަނުގެ ތެރޭގައި ބިސް
ދޫކޮށްލުމަށްފަހު ބިސްއުފައްދާ
ތަނުގައި އުފެދޭ ކޯޕަސް ލޫޓިއަމް، މާބަނޑު ދުވަސްވަރު ބަނޑުގައި އުފެދޭ މަސް ހިމެނެއެވެ.
މަހުން އާއްމުކޮށް ދޫކުރަނީ އެސްޓްރަޖަންގެ ވައްތަރުތަކުގެ ތެރެއިން
އެސްޓްރައިއޯލް(Estriol) އެވެ. ކޯޕަސް ލޫޓިއަމް ގައި
އުފެދެނީ އެސްޓްރަޑައިއޯލް(Estrodiol)
އެވެ. ސަރުބީ އެކުލެވޭ ޓިޝޫތަކުން އުފައްދަނީ އެސްޓްރޯން(Estrone) އެވެ.
(ނ) - އިންހިބިން (Inhibin): އަކީ ފޮލިކަލް ސްޓިމިއުލޭޓިންގ ހޯރމޯން އުފައްދައި
ބޭރުކުރުން މަނާކޮށް އެކަމަށް ހުރަސްއަޅާދޭ ޕެޕްޓައިޑް އެކެވެ. މައްސަރު ކަންތައް ޖެހުން ތަންޒީމްކޮށް
ބަރާބަރަށް ގެންދިއުމުގައި
އިންހިބިން ބައިވެރި ވެއެވެ. ޑައިސަލްފައިޑް ބޮންޑް(Disulphide bond) އަކުން ގުޅިފައިވާ އަލްފާ އަދި ބީޓާ ޔުނިޓް އިންހިބިން ގައި
އެކުލެވިގެން ވެއެވެ. އިންހިބިން އުފައްދާ
ތަންތަނުގެ ތެރޭގައި ބިސް ދޫކޮށްލުމަށްފަހު ބިސް އުފައްދާތަނުގެ ތެރޭގައި އުފެދޭ ކޯޕަސް ލޫޓިއަމް(Corpus luteum) ، މާބަނޑު ދުވަސްވަރު ބަނޑުގައި އުފެދޭ މަސް(Placenta) ހިމެނެއެވެ.
މަހުން މިހޯރމޯން ދޫކުރަނީ އޭގައި ހިމެނޭ "ޓްރޮފޮބްލާސްޓް"(Trophoblast)
ކިޔާ ސެލްތަަކަކުންނެވެ. އަދި އުރަވަޅީގެ ތެރޭގައިވާ އޮށުގައި ވެސް މިހޯރމޯން އުފެދެއެވެ. އޮށުގެ ތެރޭގައި މިހޯރމޯން ދޫކުރަނީ
އޭގައި ހިމެނޭ ސާރޓޯލީ ސެލް(Sertoli
cell) ތަކުންނެވެ.
(ރ) - ހިއުމަން
ކޮރިއޮނިކް ގޯނާޑޮޓްރޮޕިން (Human chorionic gonadotropin): ހިއުމަން ކޮރިއޮނިކް ގޯނާޑޮޓްރޮޕިން އަކީ ބަލިވެ އިންނަ ތަނާހެން ބަނޑުގައި އުފެދެން ފަށާ ކުޑަ ދަރިފުޅުގެ
ހަށިގަނޑުން އަދި ފަހުން މާބަނޑުވުމާއި ގުޅިގެން އުފެދޭ މަހުން އުފައްދައި ދޫކުރާ ޕެޕްޓައިޑް ހޯރމޯން އެކެވެ.
މިހޯރމޯން އަދާކުރާ މައިގަނޑު
ވަޒީފާ އަކީ ބިސް އުފައްދާ ތަނުގައި އުފެދޭ ކޯޕަސް ލޫޓިއަމް ހަލާކުވެބައިބައިވެގެން ދިޔަނުދީ ހިފެހެއްޓުމެވެ.
މިހެންވުމުން ކޯޕަސް ލޫޓިއަމް
އިން
ޕްރޯޖެސްޓަރޯން ދޫކުރަން ފަށައެވެ. ބަލިވެއިނުމަށްޓަކައި މިބުނި ކަންތައްތަކަކީ ވަރަށް މުހިއްމު އެހާމެ
ބޭނުންތެރި ކަންކަމެވެ.
(ބ) - ހިއުމަން
ޕްލަސެންޓަލް ލެކްޓަޖަން (Human placental lactogen): ހިއުމަން ޕްލަސެންޓަލް ލެކްޓަޖަން އަކީ މަހުން އުފައްދައި ދޫކުރާ ޕޮލިޕެޕްޓައިޑް ހޯރމޯން އެކެވެ.
މިހޯރމޯންގެ އޮނިގަނޑާއި، މިހޯރމޯން އިން ކޮށްދޭ
މަސައްކަތް ގުރޯތު ހޯރމޯން
އާއި، ވަރަށް އެއްގޮތެވެ. ކުޑަ ދަރިފުޅަށް މާބަނޑު ދުވަސްވަރު ބޭނުންވާ ހަކަތަ ފޯރުކޮށް ދިނުމަށްޓަކައި މާބަނޑު
އަންހެނާގެ މެޓަބޮލިކް ސްޓޭޓް މާބަނޑު ދުވަސްވަރު މިހޯރމޯން މޮޑިފައި ކުރުވައެވެ. މިއީ އިންސުލިން
އާއި
ދެކޮޅު ހޯރމޯން އެކެވެ. މިހޯރމޯން އަށް ހިއުމަން ކޮރިއޮނިކް
ސޯމަޓަމެމޯޓްރޮޕިން އޭ ވެސް ކިޔައެވެ.
9- ކަށީގެ މަދު
ކަށީގެ މަދުގެ ދެވައްތަރެއް ވެއެވެ. އެއީ ރީދޫ މަދު(Yellow marrow)އަދި ރަތް މަދު(Red marrow)
އެވެ.
ކަށީގެ ރީނދޫ މަދު (Yellow bone marrow)
: މިއީ
ލޭގެ ސެލްތައް އުފެއްދުމުގައި ބައިވެރިނުވާ ކަށީގެ މަދު އެވެ. މިވައްތަރުގެ ކަށީގެ
މަދު ހުންނަނީ ބޮޑެތި މީހުންގެ ހަށިގަނޑުގައިވާ ދިގުކަށި(Long bone)ތަކުގެ ތެރޭގައެވެ. މިވައްތަރުގެ މަދު އެކުލެވިގެންވަނީ
ރެޓިކިއުލާ ސެލް(Reticular cell)ތަކާއި، ލޭގެ
ހަތާތައް އުފައްދާ ސްޓެމް ސެލް(Haematopoietic
stem cell)ތަކާއި، އަދި ގިނަ އަދަދެއްގެ ފެޓްސެލް(Fat cell)ތަކެއްގެ މައްޗަށެވެ. ލޭއުފެއްދުމުގެ މަސައްކަތުގައި
ބައިވެރިވާ ޓިޝޫ ތަކުގެ ރިޒާވަރެއްގެ ގޮތުގައި ރީނދޫ މަދު ހަރަކާތްތެރި ވެއެވެ.
ނުރައްކާތެރި މިންވަރަކަށް ހަށިގަނޑުން ލޭބޭރުވުން ފަދަ ހާލަތްތަކުގައި
މިވައްތަރުގެ މަދު ރަތްމަދަށް ބަދަލުވުމަކީ ވެދާނެ ކަމެކެވެ.
ކަށީގެ ރަތް މަދު (Red bone marrow)
:ތުއްތު
ދަރިފުޅުގެ ހަށިގަނޑުގެ ގިނަ ކަށިތަކުގެ ތެރޭގައި ހުންނަނީ މިވައްތަރުގެ މަދު
އެވެ. ފުރާ ފުރިހަވެފައިވާ މީހުންގެ ހަށިގަނޑުގައި މިވައްތަރުގެ މަދު ހުންނަނީ
ތިނަ ކަށިގަނޑު(Sternum)،ބޮލުގެނާށިގަނޑު(Skull)،އުކުޅު ކަށިގަނޑު(Pelvic
bone)،ކޮނޑުކަށިގަނޑު(Clavicle)އާއި، މޭމަތީގެ އަރިކަށި(Rib)ތަކާއި، އަދި މައިބަދައިގެ ކަށި(Vertebra)ތަކުގެ ތެރޭގައެވެ.
ކަށީގެ މަދުން
ދޫކުރާ ހޯރމޯންތައް
ތްރޮމްބޯޕޮއިއިޓިން (Thrombopoietin): ތްރޮމްބޯޕޮއިއިޓިން
އަކީ މޭގަނޑު، އަދި ގުރުދާއިން އުފައްދާ ގްލައިކޯޕްރޮޓީން ހޯރމޯން އެކެވެ. މިހޯރމޯން
އަކީ ކަށީގެ މަދުގައި ''ޕްލޭޓްލެޓް''ތައް އުފެއްދުން ތަންޒީމްކުރާ ހޯރމޯން އެކެވެ.
ކަށީގެ މަދުގައި ސްޓްރޯމާ ސެލް ތަކުން ވެސް މިހޯރމޯން އުފައްދައެވެ. ކަށީގެ މަދުގައި
ހިމެނޭ ''މެގަކެރީއޯސައިޓް''(Megakaryocyte) ތައް އުފެދި
ބައިބައިވެގެން ދިއުމަށް ބާރު އަޅައެވެ. ޕްލޭޓްލެޓްތައް އުފެދިގެން އަންނަނީ މިބުނި
ސެލްތައް ބައިބައިވެގެން އައުމުގެ ތެރޭގައެވެ.
10-
ހަށިގަނޑުގައި ހިމެނޭ ސަރުބީ
ހަށިގަނޑުގައި އެކުލެވޭ
ސަރުބީގެ ގޮތުގައި ބަލަނީ ލޭގައި ހުންނަ ސަރުބީ އާއި، ތަފާތު ޓިޝޫތަކުގައި ހުންނަ
ސަރުބީ އެވެ. ނުވަތަ ސަރުބީ އެކުލެވޭ ޓިޝޫ(Adipose tissue)
ތަކުގައި ހުންނަ ސަރުބީ އެވެ. ސަރުބީ އެކުލެވޭ ޓިޝޫ ތަކަކީ ދޫކޮށް ހުންނަ ސަރުބީ
ސެލް(Adipocyte)
ތައް އެކުލެވޭ "ކަނެކްޓިވް ޓިޝޫ"(Connective tissue)
ތަކެކެވެ. ހަށިގަނޑުގައި އެކުލެވޭ ސަރުބީގެ 80 އިންސައްތަ ހިއްސާ ކުރަނީ މިބުނި
ޓިޝޫ ތަކުގައި ހުންނަ ސަރުބީ އެވެ. މީގެ މައިގަނޑު މަސައްކަތަކީ ސަރުބީގެ ގޮތުގައި
ހަށިގަނޑުގައި ހަކަތަ ރައްކާކޮށް ދިނުމެވެ. އަދި ހަށިގަނޑުގައި ހޫނު ހިފަހައްޓައި
ދެއެވެ. ސަރުބީ އެކުލެވޭ ޓިޝޫ ތައް ހޯރމޯން ދޫކުރާ ނިޒާމްގެ ބައެއްގެ ގޮތުގައި
ސިފަކުރެވެނީ ބައެއް ކަހަލަ ހޯރމޯން އެޓިޝޫތަކުން އުފައްދައި ދޫކުރަމުން ގެންދާތީ
އެވެ. ދެގޮތަކަށް މިކަހަލަ ސަރުބީ ހުރެއެވެ. އެއީ ހުދުކުލައިގެ ސަރުބީ(White fat)
އާއި، މުށިކުލައިގެ ސަރުބީ(Brown
fat) އެވެ.
ސަރުބީ އެކުލެވޭ
ޓިޝޫތަކުން ދޫކުރާ ހޯރމޯންތައް
(ހ) – ލެޕްޓިން (Leptin): ލެޕްޓިން އަކީ ހަށިގަނޑުގައި ހިމެނޭ ސަރުބީ
ތަކުން ދޫކުރާ ޕްރޮޓީން ހޯރމޯން އެކެވެ. މިއީ ހަކަތަ ހަށިގަނޑަށް ހޯދުމާއި، ހަކަތަ
ހަށިގަނޑުން ބޭނުންކުރުން ތަންޒީމުކޮށް ދިނުމުގައި ބައިވެރިވާ ހޯރމޯން އެކެވެ.
މީގެ އިތުރުން ކާހިތްވުމާއި، މެޓަބޮލިޒަމްގެ މަސައްކަތްތައް ވެސް ތަންޒީމުކޮށް
ހިންގުމުގައި ލެޕްޓިންގެ ދައުރެއް ވެއެވެ. ލެޕްޓިން ފުރަތަމަ ފަހަރަށް ހޯދާފައިވަނީ 1994
ވަނަ އަހަރު ޖެފްރީ އެމް ފްރައިޑްމޭން ކިޔާ ޢިލްމު ވެރިއެކެވެ.
(ށ) – އެސްޓްރަޖަން (Estrogen): އެސްޓްރަޖަން
ތަކަކީ ސްޓީރޮއިޑް ކަމްޕައުންޑް ގެ ގުރޫޕެކެވެ. މިގްރޫޕްގައި ހިމެނޭ ހޯރމޯންތަކަކީ އެސްޓްރަޑައިއޯލް(Estrodiol) ،އެސްޓްރައިއޯލް(Estriol)، އަދި އެސްޓްރޯން(Estrone) އެވެ. މިއީ އަންހެނުންގެ އަސާސީ ޖިންސީ ހޯރމޯން އެވެ.
ދޭތެރެ ދުރުކުރުމަށްދޭ
ގުޅަބޭހުގެ ގޮތުގައި އެސްޓްރަޖަން ބޭނުންކުރެއެވެ. އަދި އިއްދައިން ކެނޑުމަށްފަހު ކުރިމަތިވާ އުދަގޫތައް
ކުޑަކުރުމަށް ދޭ ފަރުވާއެއްގެ
ގޮތުގައި
ވެސް އެސްޓްރަޖަން ބޭނުންކުރެއެވެ. އެސްޓްރަޖަން އުފައްދާ ތަންތަނުގެ ތެރޭގައި ބިސް ދޫކޮށްލުމަށްފަހު ބިސްއުފައްދާ ތަނުގައި އުފެދޭ ކޯޕަސް ލޫޓިއަމް،
މާބަނޑު ދުވަސްވަރު ބަނޑުގައި އުފެދޭ މަސް ހިމެނެއެވެ. މަހުން އާއްމުކޮށް ދޫކުރަނީ
އެސްޓްރަޖަންގެ ވައްތަރުތަކުގެ
ތެރެއިން އެސްޓްރައިއޯލް(Estriol) އެވެ. ކޯޕަސް ލޫޓިއަމް ގައި އުފެދެނީ އެސްޓްރަޑައިއޯލް(Estrodiol) އެވެ.
ސަރުބީ އެކުލެވޭ ޓިޝޫތަކުން އުފައްދަނީ އެސްޓްރޯން(Estrone) އެވެ.
އެސްޓްރޯން(Estrone) : އެސްޓްރޯން އަކީ ބިސް އުފައްދާތަން އަދި ސަރުބީ އިން އުފައްދައި ދޫކުރާ
އެސްޓްރަޖަން އެކުލެވޭ ހޯރމޯން އެކެވެ. އިއްދައިން ކެނޑުމަށްފަހު އަންހެނުންގެ
ހަށިގަނޑުގައި ހުންނަ މައިގަނޑު އެސްޓްރަޖަން އަކީ ވެސް މިއީ އެވެ. އެސްޓްރޯން
އަކީ "އެސްޓްރޯން ސަލްފޭޓް"(Estrone
sulphate) އަށް ބަދަލުވާ ހޯރމޯން އެކެވެ.
ހަށިގަނޑަށް އެސްޓްރަޑައިއޯލް ބޭނުންވުމުން އެސްޓްރޯން ސަލްފޭޓް އެސްޓްރަޑައިއޯލް
އަށް ބަދަލުވެއެވެ.
11-
ހަން
ހަމަކީ އިންސާނާގެ
ހަށިގަނޑުގެ ވަށައިގެން ލެވިފައިވާ ފަށަލައެވެ. ހަމަކީ އިންސާނާގެ ފަސް ހިއްސުގެ
ތެރެއިން ބީހުމުގެ ހިއްސު ގެނެސްދިނުމުގައި މަސްއޫލުވާ މައިގަނޑު އެއް ޓިޝޫ އެވެ.
އިންސާނާގެ ހަށިގަނޑު އުފެދިފައިވާ ގޮތުން ހަމުގެ ފަށަލަ ބަހާލެވެނީ 3 ބަޔަކަށެވެ.
އެއީ ހަމުގެ އެންމެ ބޭރަށް އިންނަ ތުނިފަށަލަ(Epidermis) ، އަދި ހަމުގެ އެތެރޭގައިވާ ބޯފަށަލަ(Dermis) ، އަދި ހަމުގެ ދަށުގައި ހުންނަ ޓިޝޫ(Subcutaneous
tissue) ތަކެވެ. ހަމުގެ އެންމެ ބޭރުން
އިންނަ ތުނިފަށަލައިގެ ތެރޭގައި "މެލަނިން"(Melanin)
ހުރެއެވެ. ހަމަށް އޭގެ ކުލަ ގެނެސްދެނީ މެލަނިންގެ ސަބަބުންނެވެ. މިފަށަލައިގެ
ތެރޭގައި ''ކެރަޓިން''(Keratin) ވެސް ހުރެއެވެ. ނިޔަފަތި އުފެދެނީ މިބުނި
މާއްދާއިންނެވެ. ހަމުގެ އެތެރޭގައިވާ ބޯފަށަލައިގެ ތެރޭގައި ލޭހޮޅިތައް، ނާރުތައް،
ލިމްފް ހޮޅިތައް، ދާބޭރުކުރާ ގްލޭންޑްތައް، އިސްތަށީގެ ބުޑުތައް، ކަނެކްޓިވް ޓިޝޫ
އަދި ތަފާތު ރިސެޕްޓަރ ތައް ހުރެއެވެ.
ހަމުން ދޫކުރާ
ހޯރމޯންތައް
ކެލްސިޑޯލް (Calcidol): ކެލްސިޑޯލް އަކީ ހަމުގައި އުފެދޭކަމަށް ފާހަގަ ކުރެވިފައިވާ ހޯރމޯން އެކެވެ.
މިއީ ހަށިގަނޑުގައި ހިމެނޭ ވިޓަމިން ޑީގެ ވައްތަރެކެވެ. މިއީ މޭގަނޑުގެ ތެރޭގައި
ވިޓަމިން ޑީ3 އަށް "ކޯލިކެލްސިފިރޯލް -25- ހައިޑްރޮކްސީލޭޒް"(Cholecalciferol – 25- hydroxylase) ކިޔާ އެންޒައިމެއްގެ އެހީގައި،
"ހައިޑްރޮކްސީލޭޝަން"(Hydroxylation(OH)) ކުރިމަތިކުރުވައިގެން، ނުވަތަ "ހައިޑްރޮކްސައިލް
އެއްކުރުމުން" އުފެދިގެން އަންނަ "ޕްރީހޯރމޯން"(Prehormone)
އެކެވެ. ގުރުދާގެ ތެރޭގައި ''ކެލްސިޑިއޯލް''(Calcidiol)
ކެލްސިޓްރިއޯލް އަށް ބަދަލުވަނީ ޚާއްޞަ އެންޒައިމެއްގެ އެހީގައެވެ. މިހޯރމޯން އަށް
ކިޔާ އެހެން ނަންތަކުގެ ތެރޭގައި " 25 ހައިޑްރޮކްސީވިޓަމިން ޑީ"(25 hydroxyvitamin D) ، "ކެލްސިފިޑިއޯލް"(Calcifedol)، "25 ހައިޑްރޮކްސީކޯލިކެލްސިފިރޯލް"(25 Hydroxycholecalciferol)
ފަދަ ނަންތައް ހިމެެނެއެވެ. ހަށިގަނޑުގައި ވިޓަމިން ޑީ ހުރި މިންވަރު ބެލުމަށް
ކެލްސިޑޯލް ލޭގައި ހުރި މިންވަރު ބަލައި އުޅެއެވެ.
No comments:
Post a Comment