މުހިއްމު ސަފުހާތައް

Wednesday, June 6, 2012

ކަސްއެޅުން


                                      ކަސްއެޅުން

ކަސްއެޅުން(Scabies) ނުވަތަ ކަސްއެޅުމަކީ ގައިންގަޔަށްއަރާ ހަމުގެ ބައްޔެކެވެ. މިއީ ޖިންސީ ގުޅުން ހިންގުމުގެ ސަބަބުން ވެސް ޖެހިދާނެ ބައްޔެކެވެ. ކަސްއެޅުމަކީ ކޮންމެ އުމުރެއްގެ، ކޮންމެ ޖިންސެއްގެ، ކޮންމެ ނަސްލެއްގެ، ކޮންމެ ފެންވަރެއްގެ މީހަކަށް ވެސް ޖެހިދާނެ ބައްޔެކެވެ. މީގެ 2500 އަހަރުގެ ކުރިން ފެށިގެން ވެސް ރިޕޯޓްކުރަމުން އަންނަ މިބަލި މިހާރު އަހަރަކު 300 މިލިޔަން މީހުންނަށް ޖެހޭކަމަށް ތަފާތު ހިސާބުތައް ބުނެއެވެ.

ކަސްއެޅުން މެދުވެރިވާ ސަބަބު
ކަސްއެޅުމަކީ ''ސާރކޮޕިޓީސް ސްކެބައި''(Sarcoptes scabiei) ކިޔާ މައިޓެއްގެ ސަބަބުން ޖެހޭ ބައްޔެކެވެ. މި މައިޓް(Mite) އަކީ މައިކްރޮސްކޯޕެއްގެ ދަށުން ނޫނީ ނުފެންނަ ވަރުގެ ކުޑަ މަޚުލޫޤެކެވެ. އިންސާނާގެ ހަށިގަނޑުން ބޭރުގައި (ހަށިގަނޑަށް ވާޞިލްނުވެ) 3 ދުވަހަށްވުރެ އިތުރަށް މައިޓަކަށް ދިރިއެއް ނޫޅެވޭނެ އެވެ. އަދި އިންސާނާގެ ހަށިގަނޑުގައި (ހަންގަނޑުގައި) މަހަކަށް ވުރެ ގިނަ ދުވަސްވަންދެން ވެސް ސަލާމަތުން ދިރިއުޅެދާނެ އެވެ. މިމައިޓް އަކީ އިންސާނާގެ ހަމުގެ ތެރެއަށް ބިސްއަޅާ، އެއަށްފަހު އެބިސް ތުއްވައި، ބޮޑުވެފައިވާ ފުރިހަމަ މައިޓަކަށް އިންސާނާގެ ހަމުގެ ތެރޭގައި ބަދަލުވެއެވެ. މާނައަކީ ބަލީގެ އުދަނގޫތައް ދެތިން މަހުން ފެށިގެން ގޮސް އަހަރަކަށްވުރެ ގިނަ ދުވަހަށް ދެމިހުރުމަކީ ވެސް ވެދާނެ ގޮތެކެވެ.

ކަސްއެޅުން މެދުވެރިކުރުވާ މައިޓަކީ އަށްފައިލީ މަޚުލޫޤެކެވެ. ދިގުމިނުގައި 0.3-0.5 މިލިމީޓަރު ހުރެއެވެ. މިމައިޓް ގެ ދިރިހުރުމުގެ ބުރު ފެށެނީ އަންހެން މައިޓެއް އިންސާނާގެ ހަމުގައި ބިސްއަޅައި ކޮންނަމުން ފަނިދުވާހެން ދުވެ(Burrow)،ހާލި ހަދާ ހިސާބުންނެވެ. ބިހުން ލާރވާ އަކަށް ބަދަލުވުމަށް 10-3 ދުވަހާއި ދެމެދުގެ މުއްދަތެއް ނަގައެވެ. އެއަށްފަހު ލީ އަކަށް ބަދަލުވެއެވެ. ލީ ފުރާ ފުރިހަމަ ވެފައިވާ މައިޓް އަކަށް ބަދަލުވަނީ އޭގެ ފަހުންނެވެ. ފުރިހަމަވެފައިވާ މައިޓް އަނެއްކާ ވެސް ހަމުގެ ތެރެއަށް ބިސްއަޅައެވެ. އަދި އެގޮތުގައި ގާތްގަނޑަކަށް ހަމުގެ ތެރޭގައި 4 ހަފްތާ ވަންދެން ދިރިއުޅެއެވެ. މިމައިޓް އަށް ފިރުކިދާނެ އެވެ. އެކަމަކު ފުންމައި އުދުހި ނޫޅެވޭނެ އެވެ. 20 ޑިގްރީ ސެލްޒިއަސް ވުރެ ދަށުގައި މިމައިޓް ހަރަކާތެއް ނެތި ހޭދަ ކުރެއެވެ.

މިމައިޓް އިންސާނާގެ ހަށިގަނޑުގެ ހަމުގައި ކޮންނަމުން ނުވަތަ "ފަނިދުވާހެން ދުވަމުން"(Burrowing) ހަރަކާތްކުރަމުން ދިއުމަކީ ވަރަށް ބޮޑަށް ހިރުވައި ކެހުން ކުރިމަތި ކުރުވާނެ ކަމެކެވެ. ކުރިން ބަލި ޖެހިފައިނުވާ މީހަކަށް އަލަށް ބަލީގެ ޖަރާސީމު ހަށިގަނޑަށް ވަނުމަށް ފަހު އޭގެ އަލާމާތްތައް ފެނުމަށް ގާތްގަނޑަކަށް 6-4 ހަފްތާއާއި ދެމެދުގެ މުއްދަތެއް ހޭދަވެއެވެ. ނަމަވެސް ކުރިން ބަލިޖެހިފައިވާ މީހަކަށް ބަލީގެ އުދަނގޫތައް ވަރަށް އަވަހަށް ފެންނަން ފަށާނެ އެވެ. އާންމު ގޮތެއްގައި މިމައިޓް ހަމުގެ ސަތަހަ ކޮންނަމުން ދުވަން ފަށަނީ އެމައިޓް ހަށިގަނޑަށް ވަތް ހިސާބުން ނުވަތަ ތަނުންނެވެ. ޖިންސީ ގުޅުމުން ބަލި ފެތުރެނީ ޖިންސީ ގުޅުން ހިންގުމުގެ ތެރޭގައި ބަލިޖެހިފައިވާ މީހާގެ އުކުޅުވަޅުގެ ހިސާބުން ސަލާމަތުން ހުރި މީހާގެ އުކުޅުވަޅުގެ ހިސާބަށް މައިޓް ވާޞިލްވުމުންނެވެ. ނުވަތަ އެހިސާބުގެ ހަމާއި-ހަންޖެހި ހުރަހެއްނެތި ބީހުމުންނެވެ.

ކަސްއެޅުން މެދުވެރިކުރުވާ ސެއްޅި ފަދަ މަޚުލޫޤު އިންސާނާގެ ހަމުގައި ދަތްއެޅުމުން ނަގާ ބިހިތަކުގައި ވަރަށް ބޮޑަށް ހިރުވާފައި ކަހާނެއެވެ. މިސަބަބާހުރެ މިބިހިތަކަށް ބައެއް ފަހަރު "ހަތް އަހަރުގެ ހިރުވުން"(The seven-years itch) މިހެން ކިޔައި އުޅެއެވެ. މިބިހިތައް ފާހަގަކުރަން އުދަނގޫކަމުން ބައެއް ފަހަރު ކަސްއަޅާފައިވާކަން ދެނެގަތުން ވެސް އުދަނގޫ ކަމަކަށް ވެއެވެ.

ދިފާޢީ ބާރު ދަށްވެފައިވާ މީހުންގެ ހަށިގަނޑުގައި، ނުވަތަ ރަގަޅަށް ކާތަކެތި ނުލިބި ބޮޑުވަމުން އަންނަ މީހުންގެ ހަށިގަނޑުގައި ކަސްއެޅުމުގެ ވައްތަރެއް ކަމުގައިވާ "ކްރަސްޓަޑް ސްކެބީޒް"(Crusted scabies) އުފެދެއެވެ. މިވައްތަރުގެ ކަސްއެޅުން ކުރިމަތިވުމުން ހަމުގެ ފަށަލަ ބޯވެ، ބިހިތަކުގައި ތޮށިލާފައި ހުންނާނެ އެވެ.

ކަސްއެޅުން ކުރިމަތިވާގޮތް
ކަސްއެޅުމަކީ ކޮންމެ އުމުރެއްގެ، ކޮންމެ ޖިންސެއްގެ، ކޮންމެ ނަސްލެއްގެ، ކޮންމެ ފެންވަރެއްގެ މީހަކަށް ވެސް ޖެހިދާނެ ބައްޔެކެވެ. ކަސްއެޅުން މެދުވެރިވާ މައިޓް އެކަކު ގައިން އަނެކާގެ ގަޔަށް ވާޞިލްވަނީ ބަލިޖެހިފައިވާ މީހަކާއި މާބޮޑަށް ގައިގޯޅިވުމުންނެވެ. ކަސްއެޅުމަށް މަގުފަހިވާ ނުވަތަ ކަސްއެޅުން ޖެހުމަށް މެދުވެރިވާ ކަންތައްތަކުގެ ތެރޭގައި:-
·         ބަލިޖެހިފައިވާ މީހަކާއެކު ޖިންސީގުޅުން ހިންގުން
·         ބަލިޖެހިފައިވާ މީހަކާ އެއްގޭގައި ދިރިއުޅުން :
o       ބަލިޖެހިފައިވާ މީހަކާ މާބޮޑަށް ގައިގޯޅިވުން
§         މަންމަޔަކު ދަރިޔަކާ ބައްދާލުން
§         ރައްޓެއްސަކާ މާބޮޑަށް ބައްދާލުން
o       ބަލިޖެހިފައިވާ މީހެއްގެ ހަށިގަނޑުގެ ހަމާއި-ހަންޖެހި ބީހުން
o       ބަލި ޖައްސާ ޖަރާސީމް އާއި ތަޣައްޔަރުވެފައިވާ ހެދުން، ތުވާލި، ބެޑްޝީޓް ފަދަ ތަކެތީގައި ޖެހިގެން ނުވަތަ ބޭނުކޮށްގެން ގަޔަށް ބަލި ވާޞިލްވުން
މީގެ އިތުރުން މީހުންގިނަ ތަންތަނުގައި ފަސޭހަކަމާއެކު ކަސްއެޅުން ފެތުރެއެވެ. މިސާލަކަށް ސުކޫލް މަދަރުސާ ފަދަ ތަންތަން، ހޮސްޕިޓަލް، ޞިއްޙީ މަރުކަޒު ފަދަ ތަންތަން، އަދި ނާރސިންގ ހޯމް ފަދަ ތަންތަނުގައި ފެތުރޭލެން އަވަސްވެފައި އިތުރުކަން ފާހަގަ ކުރެވެއެވެ. އެހެންކަމާއެކު ކަސްއެޅުމަކީ ހަމައެކަނި ޖިންސީގުޅުން ހިންގުމުން ޖެހޭ ބައްޔެއް ނޫންކަން ވިސްނުމުގައި ބަހައްޓަން ޖެހެއެވެ.

ޖަނަވާރުންގެ ހަށިގަނޑުގައި ވެސް މިފަދަ މައިޓް ތައް ދިރިއުޅެއެވެ. ނަމަވެސް މިވައްތަރުގެ މައިޓް އިންސާނާގެ ހަށިގަނޑަށް ވާޞިލްވިޔަސް ހަމުގައި އިތުރުވެ ގިނައެއް ނުވެއެވެ. އަދި ދުވަސްކޮޅެއްގެ ތެރޭގައި މަރުވެއެވެ. އެހެންކަމުން ޖަނަވާރަކާއި ގައިގޯޅިވެ އުޅުނަސް އެކަކު ގައިން އަނެކާގެ ގަޔަށް މައިޓެއް ނުފެތުރޭނެ އެވެ.

ކަސްއެޅުމުން ފެނިދާނެ އަލާމާތްތައް
ބަލީގެ އުދަނގޫތައް ފެންނަން ހޭދަވާ މުއްދަތު (Incubation period): ބަލީގެ ޖަރާސީމް ހަށިގަނޑަށް ވަނުމަށްފަހު، ހަށިގަނޑުގައި ގިނަވެ، އިތުރުވެ، އޭގެ ސަބަބުން ބަލީގެ އުދަނގޫތައް ބަލިމީހާ އަށް ކުރިމަތި ކުރުވުމަށް ވަކި މުއްދަތެއް ބޭނުން ވެއެވެ. އެގޮތުން ކަސްއެޅުން ޖައްސާ ޖަރާސީމު ފުރަތަމަ ފަހަރަށް މީހާގެ ހަށިގަނޑަށް ވަނުމަށް ފަހު އޭގެ އަލާމާތްތައް ފެނުމަށް ގާތްގަނޑަކަށް 6-2 ހަފްތާއާއި ދެމެދުގެ މުއްދަތެއް ނަގައެވެ.

ކަސްއެޅުމުން ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި ރޭގަނޑުގެ ވަގުތުގައި ހުއްޓުމެއްނެތި، ވަރަށް ބޮޑަށް ގައިކަހައި ހިރުވުން ހިމެނެއެވެ. ގޭގެ އެހެން މީހުންނަށް ވެސް އެއް ދުވަސްވަރެއްގައި އެއްފަހަރާ މިގޮތަށް ގައިކަހައި ހިރުވުން ކުރިމަތިވާނަމަ އެއީ ކަސްއެޅުން ކަމުގައި ބެލެވިދާނެ އެވެ.

·         ކަސްއެޅުމާއި ގުޅިގެން އެންމެ ފުރަތަމަ ފެންނަ ކަމަކީ ގަދަޔަށް ހިރުވައި ކެހުމެވެ. ކަސްއެޅުމާއި ގުޅިގެން ހަމުގައި ނަގާބިހި އެއީ ދިރޭ އެއްޗެއް ދަތްއަޅާފައި ހުރީކަމަށް ހީވެދާނެ އެވެ. ހަމުގައި ނަގާ ބިހި، އޮށާޅަ އެއް ހުންނަ ބިއްސެއް ފަދައިން ހުރެދާނެ އެވެ. ހަމުގައި ރަތްކަމެއް ހުރެދާނެ އެވެ. ކެހުމުގެ ސަބަބުން ފާރުވެފައި ވެސް ހުރެދާނެ އެވެ. މިގޮތަށް ފާރުވެފައި ހުންނަ ތަންތަނުގައި ޖަރާސީމު އެޅުމުގެ ފުރުޞަތު އޮވެއެވެ. ހަމުގައި "ފަނިދުވެފައި ހުންނަ ތަންތަން"(Burrow) ފެންނަން ހުންނާނެ އެވެ. މިފަދަ ތަންތަނުގެ ދިގުމިނުގައި 15-2 މިލިމީޓަރު ހުރެއެވެ. ބަލިޖެހިފައިވާ މީހެއްގެ ހަށިގަނޑުގައި އެއްވަގުތެއްގައި އުޅޭނީ އެވްރެޖް ގޮތެއްގައި 10-5 އާއި ދެމެދުގެ އަދަދެއްގެ މައިޓެވެ. ފަނިދުވާހެން ދުވެފައި ހުންނަ ތަންތަން ބައެއް ފަހަރު ވަރަށް ކުޑަކޮށް ވެސް ފެންނަން ހުރެދާނެ އެވެ. ނަމަވެސް ފަނިދުވާހެން ދުވާތަން ހަމުގައި ފެންނަން ނެތަސް، ހަމުގައި ބިހި ނަގައިފައި ނެތަސް، ނުވަތަ އެއްޗެއް ދަތްއަޅާފައި ހުރިހެން ފެންނަން ނެތަސް، އާދަޔަށް ޚިލާފަށް ބޮޑަށް ގައިކަހައި ހިރުވާނަމަ، އެއީ ކަސްއެޅުމަށް ވެދާނެ ކަމަށް ވިސްނަން ޖެހޭނެ އެވެ.
·         ކަސްއެޅުމުގެ އުދަނގޫ ބޮޑަށް ފެންނަނީ ކުރަކިވެ ރޫޖެހިފައި ހުންނަ ހިސާބުތަކުގައެވެ. އެގޮތުން އަތްފައިގެ އިގިލިތަކުގެ ދޭތެރެއިންނާއި،އުޅަބޮށިގެ ފަހަތް، އަތުގެ ކުޑަހުޅު، ކަކޫހުޅު، ފައިގެ އަރިމަތި، ފޫޅުގެ ވަށައިގެންވާ ހިސާބު، ފިދުމަސްގަނޑު، އުނަގަނޑުމަތި، ޖިންސީ ގުނަވަން ހިމެނޭ ހިސާބު، ކިހިލިފަތް ދޮށް، ފައިވަޅު، އުކުޅުވަޅު، އަދި އަންހެނުންގެ އުރަމަތީގެ ތިރިން ދެހަން ހޭކޭ/ކޭތޭ ހިސާބު ފަދަ ތަންތަނުންނެވެ. މާނައަކީ ބޮޑަށް ހިރުވައި ކެހުން ހުންނާނީ މިހިސާބުތަކުގައެވެ. މޫނާއި ކަރުގައި، އަތްފައިގެ ހެޔޮފުށުގައި، އަދި ތުންފަތުގައި އާންމުކޮށް ނުނަގާނެ އެވެ. ނަމަވެސް ވަރަށް ކުޑަ ކުދިންނާއި ތުއްތު ކުދިންގެ ހަށިގަނޑުގައި ފަހުން މިބުނި ހިސާބު ތަކުން ވެސް ބަލީގެ އުދަނގޫ ފެނިދާނެ އެވެ.
·         ކްރަސްޓަޑް ސްކެބީޒް ޖެހުމުން މުޅި ހަށިގަނޑުގެ ހަންގަނޑު ބޯވެ، ހިކި، ކުރަކިވެ، ތޮށިލާނެ އެވެ. މިވައްތަރުގައި ބައެއް ފަހަރު ހަންގަނޑު ހިރުވައި، ކަހާއިރު، އަނެއްބައި ފަހަރު ހިރުވައި ކެހުން ކުރިމަތި ނުވެދާނެ އެވެ. ކްރަސްޓަޑް ސްކެބީޒް އަކީ ކަސްއެޅުމުގެ އެންމެ ނުރައްކާތެރި ، އެންމެ ފަސޭހައިން ގައިންގަޔަށްއަރާ އަދި އެންމެ ފަރުވާކުރަން ވެސް އުދަނގޫ ވައްތަރެވެ.
ދިގުލައި ދިއުމުން ދިމާވެދާނެ އުދަނގޫތައް
·         އިމްޕިޓައިގޯ (Impetigo): މިއީ ކަސްއެޅުމާއި ގުޅިގެން ދިމާވާ ބެކްޓީރިއަލް އިންފެކްޝަން އެވެ. އެގޮތުން މިމައްސަލަ ދިމާވަނީ ހިރުވައި ކެހުމުގެ ސަބަބުން ހަންމެށި، ޖަރާސީމު އެޅުމުންނެވެ.
·         އިސްތަށީގެ ބުޑު ދުޅަވުން (Folliculitis): މިއީ ވެސް ކަސްއެޅުމުން ދިމާވެދާނެ ހާލަތެކެވެ.
·         މަދު ފަހަރަކު ބެކްޓީރިއަލް އިންފެކްޝަން ޖެހުމަށްފަހު ގުރުދާގެ މައްސަލަ ދިމާވުމަކީ ވެދާނެ ގޮތެކެވެ.

ކަސްއެޅުން ދެނެގަތުން
ކަސްއަޅާފައިވާކަން ދެނެގަންނަނީ ބަލިމީހާ ދޭ މައުލޫމާތާއި، ބަލިމީހާގެ ހަންގަނޑު ޑޮކްޓަރު ބަލާ ބެލުންތަކުންނެވެ. ކަސްއެޅުން ދެނެގަތުމަށް ލޭގެ ޓެސްޓެއް ހަދާކަން ނުޖެހޭނެ އެވެ.
·         ބައެއް ފަހަރު ހަމުން އެތިކޮޅެއް ކަހާލައިގެން ނަގަން(Skin scraping) ޑޮކްޓަރުން ބޭނުންވެއެވެ. މިގޮތަށް ހެދުމުން ބަލީގެ އަސަރު ހުރި ހިސާބަށް ތެޔޮކޮޅެއް ނުވަތަ ނޯމަލް ސަލައިން ކޮޅެއް އެޅުމަށްފަހު، ތޫނު އަދަވާތަކުން އެހިސާބުން ހަންކޮޅު ކަހާލާނީ އެވެ. އަދި ވަކިކުރެވުނު އެތިކޮޅު ސްލައިޑެއްގެ މަތީގައި ބޭއްވުމަށްފަހު މައިކްރޮސްކޯޕަކުން ބަލާނީ އެވެ. އެގޮތުން އޭގައި މައިޓް ނުވަތަ މައިޓް ގެ ބިސް ހުރިތޯ ބަލާނީ އެވެ.
·         ބައެއް ފަހަރު އިންކް ޓެސްޓު ނުވަތަ ފެލްޓް-ޓިޕް މާރކަރ ޓެސްޓް(felt-tip marker test) ވެސް ހަދައެވެ. އެގޮތުން މާކަރެއްގެ ކޮޅުން ކަސްއެޅުމުން ނަގާފައިވާ ބިހިތަކުގެ މަތީގައި ހާކާނީ އެވެ. އެއަށްފަހް އަލްކޮހޯލް އަޅައިގެން ސާފުކުރާނީ އެވެ. މިގޮތަށް ހެދުމުން ފަނިދުވާހެން ދުވެފައި ހުރިތަންތަން ފާހަގަވާނެއެވެ. ސަބަބަކީ މާކަރުގެ ދެލިތައް ހަމުގެ ތެރެއަށް ފޭދިގެން ގޮސްފައި ހުންނާނެތީ އެވެ.
·         ބައެއް ފަހަރު ހަމުގައި ވަރަށް މަދުން މައިޓް ހުރުމުން ދެނެގަންނަން އުދަނގޫވާގޮތް ވެއެވެ. މިފަދަ ޙާލަތުގައި ސްކިން ސްކްރެޕިންގ ޓެސްޓު ނެގެޓިވްވި ނަމަވެސް ކަސްއެޅުން ކަމަށް ޝައްކު ކުރެވޭނަމަ، ފަރުވާ ކުރިޔަށް ގެންދިއުމަށް އިރުޝާދު ދިނުން ރަގަޅެވެ.
·         ބައެއް ފަހަރު ތިނޯހަކުން ފަނިދުވެފައި ހުންނަ ތަނުގައި ހުންނަ މައިޓް ނަގައެވެ.
·         ވަރަށް މަދު ފަހަރަކު ހަމުން ބަޔޮޕްސީ ނަގައިގެން ވެސް ޓެސްޓު ކުރެއެވެ.

ކަސްއެޅުމުގެ ފަރުވާ
ގޭގައި އަމިއްލައަށް ދެވިދާނެ ފަރުވާ
ބޭސް ބޭނުންކުރުމުން މެނުވީ ކަސްއެޅުން ރަގަޅު ނުކުރެވުނަސް ބަލިޖެހުމުން ގޭގައި އުޅޭ މީހުންނަށް ބަލި ވާޞިލްވުން ކުޑަކޮށް، އެމީހުން ބަލިން ރައްކާތެރިކޮށް ދިނުމަށްޓަކައި ކުރެވިދާނެ ކަންތައްތައް ހުރެއެވެ. އެގޮތުން ކުރެވިދާނެ ކަންތައްތަކުގެ ތެރޭގައި:-
·         ފާއިތުވެދިޔަ 3 ދުވަހުގެ ތެރޭގައި ބޭނުންކުރި އަންނައުނު، ބެޑްޝީޓް، ތުވާލި ފަދަ ތަކެތި ދޮންނާށެވެ. ހޫނު ފެނުން ދޮވެ ގަދަ އަވީގައި ބަހައްޓައިގެން ހިއްކާށެވެ. އިންސާނާގެ ހަމުގެ ފަށަލައިން ބޭރުގައި މިބަލި ޖައްސާ މައިޓަށް ދިރިއުޅެވޭނީ ގާތްގަނޑަކަށް 3 ދުވަހުގެ މުއްދަތަށެވެ. ވީމާ އެމުއްދަތުގެ ތެރޭގައި މެޝިނުން ނުދޮވޭ ތަކެތި، ކޯޓް، ކުޅޭތަކެތި ފަދަ އެއްޗެތި ބޮޑު ދަބަހަކަށް އެޅުމަށްފަހު ރަގަޅަށް ތަނެއްގައި ގުދަން ކުރާށެވެ.
·         ޑޮކްޓަރުގެ އިރުޝާދު ގެ މަތިން ގަވާޢިދުން ބޭސްތައް ބޭނުންކުރަމުން ގެންދާށެވެ.
·         ގޭގައި އަމިއްލައަށް ވެސް ހިރުވައި ކެހުން ކުޑަކުރުމަށް، ބެނެޑްރައިލް، ސެޓްރިޒިން، ފެނާގަން، ފަދަ އެންޓި-ހިސްޓަމައިން ތައް ބޭނުންކުރެވިދާނެ އެވެ.
·         ނިޔަފަތި ތައް ރީތިކޮށް ކަނޑައި، ނިޔަފަތީގެ ދަށް ރަގަޅަށް ސާފުކުރާށެވެ. ބައެއް ފަހަރު ނިޔަފަތީގެ ދަށުގައި ވެސް މައިޓް ނުވަތަ ބިސް ޖަމާވެފައި ހުރެދާނެ އެވެ.
·         ގޭގައި ހުންނަ ގޮނޑި، މޭޒު، އަށި، އަލަމާރި، ހަރުގަނޑު، ފަދަ ތަންތަނާއި، އެދު ތަންމަތި، ބިންމަތީގައި އަޅާ ފައިފުހި، ކާޕެޓް ފަދަ ތަންތަން ރަގަޅަށް ދޮވެ ސާފުކުރާށެވެ. ނުވަތަ ވެކިއުމް ކްލީނަރެއްގެ އެހީގައި ސާފުކުރާށެވެ. ނިމުމުން ވެކިއުމް ކްލީނަރުގެ ހަޑިޖަމާވާ ދަބަސް މީހުންނާއި ވަކި ދުރު ހިސާބަކަށް ހުސްކޮށްލާށެވެ. ނުވަތަ އޭގައި ހުރި ހަޑިތައް އަންދައި ނައްތާލާށެވެ.
·         ފާރުކޮޅެއް ހެދިފައި ހުރި ނަމަ ސާފުކޮށް ބަހައްޓާށެވެ.

ބޭހުގެ ފަރުވާ
ކަސްއެޅުން ކުރިމަތިވެފައިވާ މީހުން އަހާ ފުރަތަމަ ސުވާލަކީ އެކަމުން ސަލާމާތްވާނެ ގޮތަކީ ކޮބައިތޯ އެވެ. އެންމެ އާންމުކޮށް ދެވޭ ފަރުވާ އަކީ މައިޓް ތައް މަރާލާނެ، ކްރީމެއް ހަމުގައި އުގުޅުމެވެ. މީގެ އިތުރުން ކްރީމް އުގުޅަމުންދާއިރު ހިރުވައި ކެހުން ކުޑަކުރުމަށް އެކަމަށް ޚާއްޞަ ބޭސް ބޭނުންކުރެވިދާނެ އެވެ.
·         %5 ޕާމެތްރިން ކްރީމް (5% Permethrin): މިއީ އެންމެ އާންމުކޮށް ބޭނުންކުރެވޭ ކްރީމެވެ. ބޮލުގައި އުކުނު އެޅުމުން ބޭނުންކުރާ ކްރީމަށްވުރެ މިކްރީމްގެ ބާރުގަދަވާނެ އެވެ. ބޮލުގައި އުކުނު އެޅުމުން ބޭނުންކުރާ ކްރީމުން ކަސްއެޅުން ރަގަޅެއް ނުވާނެ އެވެ. އުމުރުން 2 މަހުން މަތީގެ ކުދިންނާއި މީހުންނަށް މިކްރީމް ރައްކާތެރިކަމާއެކު ބޭނުންކުރެވިދާނެ އެވެ. މިކްރީމް ބޮލުން ފެށިގެން ފައިގެ ދަށްފުށަށް ދާންދެން އުގުޅަން ޖެހެއެވެ. ޚާއްޞަކޮށް ދެއިގިލި ދޭތެރެއާއި، އުކުޅުވަޅު، ފައިވަޅު، ދެހަން ބައްދަލުވާ ތަންތަން، ފަދަ ހިސާބުތަކުގައި އުގުޅަންވާނެ އެވެ. ކްރީމް އުގުޅަންވާނީ ސާފު ހިކި ހަމުގައެވެ. މިގޮތަށް އުގުޅާފައި ބަހައްޓާނީ 14-8 ގަޑިއިރާއި ދެމެދުގެ މުއްދަތަކަށެވެ. އެއަށްފަހު ދޮވެ ސާފުކުރާނީ އެވެ. އެހެންކަމުން އެންމެ ރަގަޅު ގޮތަކީ ނިދަން އޮށޯންނަމުން މިކްރީމް އުގުޅާފައި ހެދުނު ހޭލައިގެން ދޮވެލުމެވެ. ބައެއް ފަހަރު 7 ދުވަހުގެ މުއްދަތަށް މިގޮތަށް ބޭސް އުގުޅަން ޖެހޭނެ އެވެ.
·         އައިވަރމެކްޓިން (Ivermectin): މިއީ ގުޅަ ބޭހެކެވެ. އެމެރިކާގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީ އިން މިބޭސް އަދި ފާސްކޮށްފައެއް ނުވެއެވެ. ސަބަބަކީ ޕާމެތްރިން ކްރީމަކީ ނިސްބަތުން ރައްކާތެރި އެއްޗަކަށްވެފައި އެބޭނުންކުރާނަމަ، މިގުޅަ ބޭސް ބޭނުންކުރަން ނުޖެހުމެވެ. މިބޭސްދެނީ ހަށިގަނޑުގެ ބަރުދަނުގެ ކޮންމެ ކިލޯއަކަށް 200މައިކްރޯގްރާމުގެ މަގުން އެއް ފަހަރު އެވެ. އެއަށްފަހު 2 ހަފްތާ ވުމުން ތަކުރާރު ކުރުމުން ނިމުނީ އެވެ.
·         ކްރަސްޓަޑް ސްކެބީޒް އަށް ފަރުވާކުރުމަކީ އުދަނގޫ ކަމެކެވެ. އެގޮތުން
o       ދިގުމުއްދަތަކަށް ބައްޔަށް ބޭނުންކުރާ ކްރީމް ނުވަތަ ލޯޝަން އުގުޅުން
o       އައިވަރމެކްޓިން ގުޅަ ބޭސް ބޭނުންކުރުން
o       ތޮށިނެއްޓި ހަލާކުވެފައިވާ ހަންގަނޑަށް އަޅާލައި ފަރުވާކުރުން
·         ބަލީގެ އުދަނގުލެއް ހުއްޓަސް ނުވަތަ ނެތަސް، ބަލިޖެހިފައިވާ މީހާއާއި އެއްގޭގައި އުޅޭ މީހުންނާއި، ދިރިއުޅުމުގެ ބައިވެރިން ބަލިމީހާ އާއި އެއްވަގުތެއްގައި ބަލީގެ ފަރުވާ ހޯދުން މުހިއްމެވެ. ހަމާއި-ހަންޖެހި ހުރަހެއްނެތި ބަލިޖެހިފައިވާ މީހަކާއި ގައިގޯޅިވެފައިވާ ކޮންމެ މީހަކު ވެސް މިފަދައިން ފަރުވާކުރަން ޖެހޭނެ އެވެ. ބަލިޖެހިފައިވާ ކުއްޖާ އަކީ ޑޭކެއަރ ސެންޓަރަކަށް ދާ ކުއްޖެއްނަމަ، ބަލިޖެހިފައިވާ މީހަކީ ނާރސިންގ ހޯމެއްގައި އުޅޭ މީހެއްނަމަ، ހޮސްޕިޓަލެއްގައި އުޅޭމީހެއްނަމަ، އެފަދަ ތަންތަނުގައި އުޅޭ އެންމެންނަށް ވެސް ފަރުވާކުރަން ޖެހޭނެ އެވެ. މިގޮތުން ފަރުވާކުރާއިރު ހުރިހާ އެންމެންނަށް އެއްވަގުތެއްގައި ފަރުވާ ދިނުމަކީ މުހިއްމު ކަމެކެވެ.
·         ބައެއް ފަހަރު ހަންގަނޑު ހިރުވައި ކެހުމުން، ފާރުވެ، ދޮސްލައި، ރަތްވެ، ހޫނުކަން އުފެދި، ޖަރާސީމު އަޅާގޮތް ވެއެވެ. މިއީ ކަސްއެޅުމުގެ ސަބަބުން ކުރިމަތިވި ސާނަވީ ބެކްޓީރިއަލް އިންފެކްޝަން އެކެވެ. މިކަމަށް ޖެހޭނީ އެންޓިބަޔޮޓިކްގެ އެހީގައި ފަރުވާކުރާށެވެ.
·         ފަރުވާއަށްފަހު ވެސް ފަހަރުގައި ބިހިތައް 2 ހަފްތާވަރު ވަންދެން ހުރެދާނެ އެވެ. އެއަށްވުރެ ދިގުމުއްދަތަކަށް ހުރިނަމަ އެއީ އަނެއްކާވެސް ކަސްއެޅުން ޖައްސާ ޖަރާސީމު ހަށިގަނޑަށް އަލުން ވަނީކަމަށް ބެލިދާނެ އެވެ. ބައެއް ހާލަތުގައި ބަލީގެ އުދަނގޫތައް އެއްކޮށް ނުފިލާނަމަ 2 ހަފްތާފަހުން އަނެއްކާ ވެސް ފަރުވާ ތަކުރާރުކުރަން ޖެހިދާނެ އެވެ.
·         ބައެއް ކަހަލަ ކްރީމް، އޮއިންޓްމެންޓް ތަކަށް ކަސްއެޅުން މެދުވެރިކުރުވާ ޖަރާސީމު ނުގުޑާކަން ވެސް ފާހަގަ ކުރެވެއެވެ
·         އުގުޅަން ދީފައި ހުންނަ އެއްވެސް ބޭހެއް، ލޯ، މޫނު ނުވަތަ ތެތްދުލި ފަށަލަތަކުގައި އުގުޅައިގެން ނުވާނެ އެވެ.
·         މާބަނޑުނަމަ، ގާތުންދޭނަމަ އެވާހަކަ ޑޮކްޓަރާއި ދައްކައިގެން ސަމާލުވާން ޖެހޭ ކަންކަން އޮޅުން ފިލުވާށެވެ.
·         ކަސްއެޅުމުން ބައެއް ފަހަރު މަދުން ނަމަވެސް އަންނަނިވި ބާވަތްތައް އުގުޅައެވެ.
o       ލިންޑޭން %1 ކްރީމް ނުވަތަ ލޯޝަން (Lindane 1% lotion or cream): ކުޑަކުދިންނަށް ބޭނުންކުރުން ރަގަޅު ނުވުމާއި، ނާރުތަކުގެ ނިޒާމަށް ނޭދެވޭ އަސަރު ކުރާތީ މިހާރު މިބޭސް ބޭނުންކުރެވެނީ ވަރަށް މަދުންނެވެ. އަދި ބައެއް ފަހަރު މިބޭހަށް ނުގުޑާކަން ވެސް ފާހަގަ ކުރެވިފައި ވެއެވެ. މިބޭސް މުޅި ހަށިގަނޑުގައި އުގުޅާފައި 8 ގަޑިއިރުގެ ފަހުން ދޮވެ ސާފުކޮށްލާނީ އެވެ.
o       މެލެތިއޯން %0.5 ލޯޝަން (Malathion 0.5% lotion): ކަސްއެޅުމަށް ފަރުވާކުރުމުގައި ބޭނުންކުރެވުނަސް އާންމުކޮށް ބޭނުންކުރެވެނީ ބޮލުގައި އުކުނު އެޅުމުގެ ފަރުވާއަށެވެ. ކުޑަކުދިން އަތުޖެހޭ ހިސާބު މިބޭސް ބެހެއްޓުން ރަގަޅެއް ނޫނެވެ. އެއީ މިބޭސް ބޮވިއްޖެނަމަ އޯގަނޯފޮސްފޭޓް ވިހަވުން ކުރިމަތިވާނެތީ އެވެ.
o       ބެންޒައިލް ބެންޒޮއޭޓް ލޯޝަން (Benzyl benzoate lotion): މިއީ ކުރިން ކަސްއެޅުމަށް ފަރުވާކުރުމަށް ބޭނުންކުރި ބޭހެކެވެ.
o       ކްރޯޓަމިން ލޯޝަން ނުވަތަ ކްރީމް (Crotamin lotion or cream): މިއީ ހަމައެކަނި ބޮޑެތި މީހުންނަށް ބޭނުންކުރެވިދާނެ ކްރީމެކެވެ. ވަރަށް ގިނަ ފަހަރު މިބޭސް ފަރުވާގައި ބޭނުންކުރުމުން އެދެވޭ ނަތީޖާ ނުލިބޭކަން ފާހަގަ ކުރެވެއެވެ.
o       ސަލްފަރ ހުންނަ ސާބޯނި، ލޯޝަން، ކްރީމް : ސަލްފަރ އަށް ނުގުޅޭ މީހުން ބޭނުންކުރުން ރަގަޅެއް ނޫނެވެ. ފަރުވާގެ ސަބަބުން އެންމެ އެކަށޭނަ ނަތީޖާއެއް ނުލިބެއެވެ.

ކަސްއެޅުމުން ރައްކާތެރިވުން
ކަސްއެޅުމުން ރައްކާތެރިވުމަކީ އެހާ ފަސޭހަކަމެއް ނޫނެވެ. ކަސްއެޅުން ކުރިމަތިވެފައިވާކަން އެނގޭ ހިސާބުން ފެށިގެން ފަރުވާކޮށް ނިމެންދެން އެހެން މީހުންނާއި ހަމާއި-ހަންޖެހި ބީހޭނޭގޮތަށް ގައިގޯޅިވެ އުޅުމަކީ ރައްކާތެރި ކަމެއް ނޫނެވެ. ގޭގެ އެކަކަށް ޖެހުނަސް އެހެން އެންމެންނަށް، އަދި އޭނާއާއި ގާތްގުޅުން ބާއްވާ އެންމެންނަށް އެއްފަހަރާ އެއްވަގުތެއްގައި ފަރުވާ ކުރުމަކީ ވަރަށް މުހިއްމު ކަމެކެވެ. ބަލިޖެހިފައިވާ މީހާގެ ހުރިހާ އަންނަ އުނާއި، ބެޑްޝީޓް، ތުވާލި ރަޖާގަނޑު ފަދަ ތަކެތި ވެސް ހޫނު ފެނުން ދޮވެ ހިއްކަން ވާނެއެވެ. ދޮންނަން އުދަނގޫ ތަކެތި މީހުންނޫޅޭ ތަނެއްގެ ގުދަނެއްގައި 3 ދުވަހުގެ މުއްދަތަށް ރައްކާކޮށްފައި ބެހެއްޓިދާނެ އެވެ. ހޮސްޕިޓަލެއްގައި މިފަދަ މީހަކަށް ފަރުވާ ކުރާއިރު މިކަމަށް ސަމާލުދީގެން ޢަމަލުތައް ބަހައްޓަން ވާނެއެވެ.  

މަޢުލޫމާތު:
·         އިންޓަނެޓްގެ ބައެއް ވެބްސައިޓް ތައް


No comments:

Post a Comment