އެޑްރީނަލް
ގްލޭންޑް
އެޑްރީނަލް ގްލޭންޑް(Adrenal gland) އަކީ ކޮންމެ
ފަރާތެއްގެ ގުރުދާގެ މަތީގައި ތިނެސްކަން- ބައްޓަމަށް އިންނަ އެންޑަކްރިން ގްލޭންޑް
އެކެވެ. ކޮންމެ އެޑްރީނަލް ގްލޭންޑެއްގެ ދިގުމިނުގައި 4 ސެންޓިމީޓަރު އަދި
ބޯމިނުގައި 3 ސެންޓިމީޓަރު ހުރެއެވެ. އެޑްރީނަލް ގްލޭންޑް ގެ ސައިޒަށް ބަލާއިރު
އަަހަރެމެންގެ ބޮޑުވާއިގިލީގެ ނިމޭކޮޅުގައިވާ ހިސާބާއި އެއްވަރެވެ. މިގްލޭންޑް
ތަކަށް ''ސްޕްރަރީނަލް ގްލޭންޑް''(Suprarenal
gland)
އޭ ވެސް ކިޔައެވެ. ސްޓްރެސް ކޮންޓްރޯލް ކުރުމުގައި ހަށިގަނޑުން މަސްއޫލުވާ
މައިގަނޑު އެއް ގްލޭންޑް އަކީ މިއީއެވެ. ކޯޓިކޯ ސްޓީރޮއިޑް ތައް އަދި ކެޓިކޮލަމީން
ތައް އުފައްދައި ދޫކުރަނީ މިގްލޭންޑް ގެ ސެލްތަކުންނެވެ. އެޑްރީނަލް ގްލޭންޑް އިން
ދޫކުރާ ހޯރމޯންތަކުން ހަށިގަނޑު ތަފާތު ކަންތައްތައް ކޮންޓްރޯލްކޮށް،
ސާބިތުކަންމަތީ ބެހެއްޓުމުގައި ބައިވެރި ވެއެވެ. ކޮންމެ އެޑްރީނަލް ގްލޭންޑަކަށްމެ
ލޭފޯރުކޮށްދެނީ އެބްޑަމިނަލް އެއޯޓާ އަދި ގުރުދާއަށް ލޭފޯރުކޮށްދޭ
ލޭހޮޅިތަކުންނެވެ.
އެޑްރީނަލް ގްލޭންޑު ބެހިގެންވާ ބައިތައް
ކޮންމެ އެޑްރީނަލް ގްލޭންޑެއް އެކުލެވިގެންވަނީ ދެބަޔަކަށެވެ.
އެއީ ބޭރުގައިވާ އެޑްރީނަލްގެ ގްލޭންޑްގެ ތޮށި(Adrenal cortex) ، އަދި އެތެރޭގައިވާ
އެޑްރީނަލް ގްލޭންޑްގެ މަދު(Adrenal medulla) މިދެބައެވެ.
އެޑްރީނަލް ގްލޭންޑްގެ ތޮށި (Adrenal cortex): އެޑްރީނަލް ގްލޭންޑްގެ
ތޮށި ނުވަތަ ބޭރު ބައިން ކޮލެސްޓްރޯލް އިން އުފައްދާ 3 ގުރޫޕެއްގެ ސްޓީރޮއިޑް
ހޯރމޯންތައް އުފައްދައެވެ. އެއީ:-
·
ގްލޫކޯކޯޓިކޮއިޑް :
ކޯޓިޒޯލް ، ކޯޓިކޯސްޓީރޯން ، ކޯޓިޒޯން
·
މިނެރަލޯކޯޓިކޮއިޑް : އެލްޑޮސްޓަރޯން
·
ޖިންސީ ހޯރމޯން : އެންޑްރަޖަން
އެޑްރީނަލް ގްލޭންޑްގެ މަދު (Adrenal medulla): އެޑްރީނަލް ގްލޭންޑުގެ
މަދުގެ ވަށައިގެން އޭގެ ބޭރުން އިންނަނީ އެޑްރީނަލް ގްލޭންޑްގެ ތޮއްޓެވެ. މިބައި
ހީވާގިވެ ހަރަކާތްތެރިވަނީ އެއަށް އައިސްފައިވާ "ސިމްޕެތެޓިކް ނާރު"
ފައިބަރުތަކުގެ ސަބަބުންނެވެ. މިބައިން އުފައްދައިދޭ ހޯރމޯން ތަކަކީ
"އެޑްރީނަލިން"(Adrenaline) އަދި "ނޯރއެޑްރީނަލިން"(Noradrenaline) އެވެ.
އެޑްރީނަލް ގްލޭންޑްގެ ބޭރުގައިވާ ތޮށީގެ ބައިން
ދޫކުރާ ހޯރމޯންތައް
އެޑްރީނަލް ގްލޭންޑްގެ ބޭރުގައިވާ ތޮށީގެ ބައިން ދޫކުރާ
ހޯރމޯންތަކަށް ކިޔަނީ "ކޯޓިކޯ ސްޓީރޮއިޑް"(Corticosteroids) އެވެ. ތަފާތު 3 ވައްތަރެއްގެ ކޯޓިކޯ
ސްޓީރޮއިޑް މިބައިން ދޫކުރެއެވެ.
(1) - ގްލޫކޯކޯޓިކޮއިޑް(Glucocorticoids)
: ގުލޫކޯ ކޯޓިކޮއިޑް
ތަކަކީ ސްޓީރޮއިޑް ހޯރމޯންގެ ގުރޫޕެކެވެ. މިހޯރމޯން ތައް
އުފައްދައި ދޫކުރަނީ އެޑްރީނަލް ގްލޭންޑްގެ
ބޭރުގައިވާ ތޮށީގެ ބައިގައި ހިމެނޭ ޒޯނާ ފެސިކިޔުލޭޓާ(Zona
fasciculate) އަދި ޒޯނާ ރެޓިކިޔުލާރިސް(Zona reticularis)
ގައި ހިމެނޭ ސެލްތަކަކުންނެވެ. ހަށިގަނޑުގެ ތެރޭގައި އުފެދޭ
އެންމެ އާއްމު ގްލޫކޯ
ކޯޓިކޮއިޑް އަކީ ކޯޓިޒޯލް(Cortisol)
އެވެ. މީގެ އިތުރުން މަދު މިންވަރަކަށް ކޯޓިކޯސްޓީރޯން(Corticosterone)
އަދި ކޯޓިޒޯން(Cortisone)
ވެސް އުފައްދައެވެ. މިއީ ހަށިގަނޑުގައި ހިނގާ މެޓަބޮލިޒަމްގެ މަސައްކަތް
ތަންޒީމުކޮށް ކޮންޓްރޯލް ކުރުމާއި، ކުރިމަތިވާ ފިއްތުންތަކަށް އިޖާބަ ދިނުމުގައި
އެހީތެރިވެދޭ ހޯރމޯން ތަކެކެވެ.
ގްލޫކޯކޯޓިކޮއިޑް ހޯރމޯން ތައް ދޫކުރުން ކޮންޓްރޯލްކުރަނީ
ހައިޕޯތަލަމަސް(Hypothalamus)
އިންނާއި، ޕިޓޫއިޓަރީ ގްލޭންޑް އިންނެވެ. މިހޯރމޯން އުފައްދައި ދޫކުރުމަށް
ބާރުއަޅަނީ ޕިޓޫއިޓަރީ ގްލޭންޑްގެ ކުރިމަތީ ބައިން އުފައްދައި ދޫކުރާ
"އެޑްރީނޯކޯޓިކޯޓްރޮޕިކް ހޯރމޯން"(ACTH)
އަދި ކުރިމަތިވާ ފިއްތުން ތަކެވެ. ރެޔަކާއި ދުވާލުގެ ތެރޭގައި މިހޯރމޯންތައް
އުފެއްދުމުގައި ބަދަލުތަކެއް އާދެއެވެ. އެގޮތުން އެންމެ ގިނައިން ހޯރމޯން ދޫކުރާނީ
ފަތިހު 4:00 އާއި ހެދުނު 8:00 އާއި ދެމެދުގައެވެ. އަދި ހޯރމޯންތައް އުފެއްދުން
އެންމެ ދަށްވާނީ މެންދަމު 12:00 އާއި ފަތިހު 3:00 އާއި ދެމެދުގައެވެ.
ހަށިގަނޑުގައި ހިނގާ މެޓަބޮލިޒަމްގެ ތަފާތު
ހަރަކާތްތަކުގައި ގުލޫކޯކޯޓިކޮއިޑް ހޯރމޯންތައް ބައިވެރިވެއެވެ. މައިގަނޑު
ގޮތެއްގައި ބައިވެރިވަނީ ކެޓަބޮލިޒަމް
(Catabolism)ގެ މަސައްކަތުގައެވެ.
މާނަ އަކީ ޕްރޮޓީން އަދި ފެޓް ބައިބައިގެން ކޮށްގެން ހަކުރާއި ހަކަތަ އުފެއްދުމުގެ
މަސައްކަތުގައެވެ. މިގޮތުން ޝާމިލްވާ ބައެއް ކަންތައްތަކުގެ ތެރޭގައި:-
·
ގްލޫކޯނިއޯޖީނެސިސް (Gluconeogenesis):
މާނައަކީ ޕްރޮޓީން ފަދަ އެއްޗަކުން ހަކުރު ނުވަތަ ގުލްކޯޒު އުފެއްދުމެވެ.
·
ލިޕޯލައިސިސް (Lipolysis):
މާނައަކީ ހަކަތަ އުފެއްދުމަށްޓަކައި، ޓްރައިގްލިސެރައިޑް(Triglyceride)
ފެޓީ އެސިޑް(Fatty acids)، އަދި ގްލިސެރޯލް(Glycerol) އަށް ވަކިވެގެންދާނެ ގޮތް ހެދުމެވެ.
·
ޕްރޮޓީން ބައިކޮށްގެން އެމިނޯއެސިޑްތައް ވަކިކުރުމަށް
ބާރުއެޅުން : މިގޮތަށް ހެދުމުން އެހެން އެންޒައިމް ތަކާއި، ހަކަތަ އުފެއްދުމުގައި
ވަކިކުރެވުނު އެމިނޯއެސިޑް ތައް ބޭނުންކުރެވޭނެ އެވެ.
(2) - މިނެރަލޯކޯޓިކޮއިޑް
(Mineralocorticoids): މިނެރަލޯ ކޯޓިކޮއިޑް ތަކަކީ ސްޓީރޮއިޑް ހޯރމޯންގެ ގުރޫޕެކެވެ. ހަށިގަނޑުގެ ތެރޭގައި އުފެދޭ އެންމެ އާއްމު
މިނެރަލޯ ކޯޓިކޮއިޑް އަކީ އެލްޑޮސްޓަރޯން(Aldosterone) އެވެ. މިހޯރމޯން އުފައްދައި
ދޫކުރަނީ
އެޑްރީނަލް ގްލޭންޑްގެ ބޭރުގައިވާ ތޮށީގެ ބައިގައި ހިމެނޭ
ޒޯނާ ގްލޯމެރިޔުލޯސާ ގެ(Zona glomerulosa) ސެލް ތަކުންނެވެ.
އެލްޑޮސްޓަރޯން އަކީ ފެނާއި މަޢުދަންގެ ހަމަހަމަކަން
ހަށިގަނޑުގައި ހިފެހެއްޓުމުގައި ބައިވެރިވާ ހޯރމޯން އެކެވެ. ގުރުދާގެ ހޮޅިތަކުން
ހަށިގަނޑަށް ސޯޑިއަމް އަނބުރާ ނަގައިދީ، އަދި ކުޑަކަމު ނަޖިހާއެކު ޕޮޓޭސިއަމް
ހަށިގަނޑުން ބޭރުކުރުމަށް މިހޯރމޯން ބާރުއަޅައެވެ. ސޯޑިއަމް އަނބުރާ ހަށިގަނޑަށް
ނެގުމާއި، ފެން ހަށިގަނޑުގައި ޖަމާވެފައި ހުރުމާއި ގުޅުމެއް ވުމުން ލޭގެ ޕްރެޝަރު
ކޮންޓްރޯލްކޮށްދީ، ލޭގެ ވޮލިޔުމް ހިފެހެއްޓުމުގައި ވެސް އެލްޑޮސްޓަރޯން މުހިއްމު
ދައުރެއް ކުޅެއެވެ. އެޑްރީނަލް ގްލޭންޑްގެ ބޭރުގައިވާ ތޮށިން އެލްޑޮސްޓަރޯން
އުފައްދާ މިންވަރު ތަންޒީމުކުރަނީ ލޭގައި ހިމެނޭ ޕޮޓޭސިއަމް އެވެ. ލޭގެ ޕޮޓޭސިއަމް
މަތިވުމުން އެލްޑޮސްޓަރޯން ދޫކުރުން އިތުރުވާނެ އެވެ. އަދި ލޭގެ ޕޮޓޭސިއަމް
މަދުވުމުން އެލްޑޮސްޓަރޯން ދޫކުރުން ދަށްވެ މަދުވާނެ އެވެ. އެލްޑޮސްޓަރޯން
އުފައްދައި ދޫކުރުމަށް ފުރަމޭ އިން އުފައްދާ "އެންޖީއޯޓެންސިން"(Angiotensin) ވެސް ބާރުއަޅައެވެ.
(3) - އެންޑްރަޖަން (Androgen): އެންޑްރަޖަން އަކީ
ސްޓީރޮއިޑް ހޯރމޯން އެކެވެ. މިއީ އެސްޓްރަޖަންގެ ހުރިހާ ވައްތަރުތަކަށް ހުރި
ޕްރިކޯސަރ(Precusor) އެކެވެ. އެސްޓްރަޖަން އަކީ
އަންހެނާގެ ޖިންސީ ހޯރމޯން އެވެ. ފިރިހެނާގެ އެންމެ މަގުބޫލު ޖިންސީ ހޯރމޯން
"ޓެސްޓޮސްޓަރޯން"(Testosterone) އުފެދިގެން އަންނަނީ އެންޑްރަޖަން އިންނެވެ. އެހެންކަމުން
ފިރިހެނުންނަށް ފިރިހެންވަންތަ ސިފަތައް ލިއްބައި ދިނުމުގައި މަސްއޫލުވާ
މައިގަނޑު ހޯރމޯން އަކީ މިއީއެވެ. މިގޮތުން
ފިރިހެނާގެ ޖިންސީ ގުނަވަން އުފެދި ބޮޑުވުން، ތުބުޅި ފެޅުން، ގައިން އިސްތަށި ފެޅުން، ގައިގައި މަސްޖަހައި ވަރުގަދަވުން
އަދި މިނޫނަސް ފިރިހެންވަންތަކަމާ ގުޅޭ ސިފަތައް ފުރިހަމަވެގެން އަންނަނީ
މިހޯރމޯންގެ އެހީގައެވެ.
އެޑްރީނަލް ގްލޭންޑްގެ އެތެރޭގައިވާ މަދުގެ
ބައިން ދޫކުރާ ހޯރމޯންތައް
(1) – އެޑްރީނަލިން :(Adrenaline) އެޑްރީނަލިން އަކީ އެޑްރީނަލް ގްލޭންޑްގެ އެތެރޭގެ މަދުގެ
ބައިގައި
ހިމެނޭ ކްރޯމަފިން ސެލް(Chromaffin cell) ތަކުން އުފައްދައި ލޭގެ ތެރެއަށްދޫކުރާ ހޯރމޯން އެކެވެ. މިއީ އެމިނޯ އެސިޑް
ތައިރޯސީން(Thyrosine) އަދި ފިނައިލްއެލަނީން(Phenylalanine) ގުޅިގެން އުފެދިފައިވާ ކެޓިކޮލަމިން(Catecholamine) އެކެވެ. މިހޯރމޯން އަށް ކިޔާ
ނަންތަކުގެ ތެރޭގައި އެޕިނެފްރިން(Epinephrine) ހިމެނެއެވެ.
(2) –
ނޯއެޑްރީނަލިން (Noradrenaline): ނޯއެޑްރެނަލިން އެޑްރީނަލް ގްލޭންޑްގެ
އެތެރޭގެ މަދުގެ ބައިގައި ހިމެނޭ ކްރޯމަފިން ސެލް(Chromaffin cell) ތަކުން އުފައްދައި ލޭގެ ތެރެއަށްދޫކުރާ ހޯރމޯން އެކެވެ. މިއީ ސެންޓްރަލް ނާރވަސް
ސިސްޓަމް އަދި ސިމްޕަތެޓިކް ނާރވަސް ސިސްޓަމް ގައި މަސައްކަތްކުރާ ނިއުރޯ ޓްރާންސްމިޓަރ އެއްވެސް މެއެވެ. މިހޯރމޯން އަށް ކިޔާ އެހެން ނަންތަކުގެ ތެރޭގައި ނޯއެޕިނެފްރިން(Norepinephrine) ހިމެނެއެވެ.
ސިމްޕެތެޓިކް ނާރު ތަކުގެ ނިޒާމުގެ ސަބަބުން އެޑްރީނަލް
ގްލޭންޑްގެ މަދު ހީވާގިވެ، ހަރަކާތްތެރިވުމުން އެޑްރީނަލް ގްލޭންޑުގެ މަދުން
ލޭގެތެރެއަށް އެޑްރީނަލިން އަދި ނޯއެޑްރީނަލިން ދޫކުރެއެވެ. މި ދެހޯރމޯން ގުޅިގެން
އަންނަނިވި ކަންތައްތައް ފުރިހަމަ ކުރެއެވެ.
·
ލޭގެ ޕްރެޝަރު
މައްޗަށްގެންދިއުން
·
ހިތުގެ ވިންދު
އަވަސްކުރުވުން
·
މެޓަބޮލިކް ރޭޓް
މަތިކުރުވުން
·
ލޮލުގެ ކޮއި ފުޅާކުރުވުން
·
ހިތާއި ސިކުނޑިއާއި
މަސްތައް ފަދަ މުހިއްމު ގުނަންތަކަށް ގޮސްފައި ހުންނަ ލޭހޮޅިތައް ފުޅާކޮށްލައިގެން
އެ ބައިތަކަށް ލޭގިނައިން ދާނެގޮތް ހެދުން
އެޑްރީނަލިން ބޮޑަށް ބާރު ފޯރުވަނީ ހިތުގެ މަސައްކަތާއި،
މެޓަބޮލިޒަމްގެ މަސައްކަތްތަކަށެވެ. ނޯރއެޑްރީނަލިން ބޮޑަށް ބާރުފޯރުވަނީ
ލޭހޮޅިތަކުގެ މަސައްކަތަށެވެ.
(3) – ޑޯޕަމީން (Dopamine): ޑޯޕަމީން އަކީ ސިކުނޑީގެ
ތެރޭގައިވާ ހައިޕޯތަލަމަސް ގައި އިންނަ
''އާކުއޭޓް ނިއުކްލިއަސް''(Arcuate nucleus) އިން އުފައްދައި ދޫކުރާ ނިއުރޯ
ހޯރމޯން އެކެވެ. ސިކުނޑީގެ ތެރޭގައި ޑޯޕަމީން މަސައްކަތްކުރަނީ ''ނިއުރޯ
ޓްރާންސްމިޓަރ''(Neurotransmitter) އެއްގެ ގޮތުގައެވެ. އެގޮތުން 5
ވައްތަރެއްގެ ޑޯޕަމީން ރިސެޕްޓަރ ތައް ހީވާގިކޮށް މުރާލި ކުރުވައެވެ. އެއީ D1,D2,D3,D4,D5 މި 5 ވައްތަރުގެ ރިސެޕްޓަރ އެވެ.
ހައިޕޯތަލަމަސް އިން ދޫކުރާ ޑޯޕަމީންގެ މައިގަނޑު މަސައްކަތަކީ ޕިޓޫއިޓަރީ
ގްލޭންޑްގެ ކުރިމަތީ ބައިން ޕްރޯލެކްޓިން ދޫކުރުން މަނާކުރުމެވެ. ނުވަތަ
އެމަސައްކަތަށް ހުރަސް އެޅުމެވެ.
(4) -
އެންކެފަލިން (Enkephalin): އެންކެފަލިން އަކީ ޕެންޓަޕެޕްޓައިޑް އެކެވެ.
އެންކެފަލިންގެ ދެވައްތަރެއް ހުރެއެވެ.އެީ މެޓް-އެންކެފަލިން އަދި
ލިއު-އެންކެފަލިން އެވެ. މިމާއްދާ ހަށިގަނޑަށް އިހްސާސްވާ ތަނދު ކެނޑުވުމުގައި
ބައިވެރި ވެއެވެ. އެޑްރީނަލް ގްލޭންޑްގެ އެތެރޭގައިވާ މަދުގެ ބައިގައި ހުރުމުގެ
އިތުރު ހަޖަމުކުރާ ނިޒާމްގައި ވެސް އެންކެފަލިން ހުރެއެވެ. އެންކެފަލިން
ބައިބައިވެގެން އެހެން މާއްދާތައް އުފެދިގެން ދަނީ އެންކެފަލިނޭސް ކިޔާ އެންޒައިމެއްގެ
އެހީގައެވެ. އެޑްރީނަލް ގްލޭންޑްގެ އެތެރޭގައިވާ މަދުގެ ބައިގައި
އެންކެފަލިން އުފެދެނީ އޭގައި ހިމެނޭ ހިމެނޭ ކްރޯމަފިން ސެލް(Chromaffin cell) ތަކުންނެވެ.
އެޑްރީނަލް ގްލޭންޑަށްޖެހޭ ބައެއް ބަލިތައް
ކުޝިންގ ސިންޑްރޯމް (Cushing’s
syndrome): ކުޝިންގ ސިންޑްރޯމް އަކީ
އެޑްރީނަލް ގްލޭންޑް ބޭރު ތޮށީގެ މަސައްކަތް ހަލުވިވެ، އިތުރުވުމާއި ގުޅިގެން
ކުރިމަތިވާ ބައްޔެކެވެ. ގިނަ ފަަހަރު މިބައިގެ މަސައްކަތް ހަލުވިވެ، އިތުރުވަނީ
އެހެން ކޮންމެ ވެސް ބައްޔެއްގެ ސަބަބުންނެވެ. މިބައިގެ މަސައްކަތް ހަލުވިވެއްޖެނަމަ
ކޯޓިޒޯލް ނުވަތަ ހައިޑްރޯކޯޓިޒޯން ދޫކުރާ މިންވަރު އިތުރުވެގެން ދެއެވެ. އަދި
މިބަލި ކުރިމަތި ކުރުވައެވެ. މިބުނި ގޮތަށް އެޑްރީނަލް ގްލޭންޑްގެ ތޮށީގެ
މަސައްކަތް ހަލުވިވެ، އިތުރުވެގެން ދިޔައީ ޕިޓުއިޓަރީ ގްލޭންޑް ގެ ޓިއުމަރެއްގެ
ސަބަބުން ނަމަ، މިބައްޔަށް 'ކުޝިންގ ބަލި މިހެން ކިޔައެވެ.
ކުޝިންގ ސިންޑްރޯމް ޖެހުމުން ފެނިދާނެ އުދަގޫ
ތަކުގެތެރޭގައި ، ހަށިގަނޑުގެ މެދުހަށި (ބުރަކަށި އަދި ބަނޑާއި މޭމަތި ހިމެނޭބައި
) މާބޮޑަށް ފަލަވުން، މަސްތައް ދޫވެބާރުނެތިފައި ހުރުން، ލޭމައްޗަށްދިއުން ،
ހަންގަނޑު ދޫވެ ހިނދުން ކުރިމަތިވުމުން ބަނޑުގައި ރޫޖެހި، ލޭނާރުތައް ފެންނަން
ހުރުން، ކަށި ފީވުން، ހަކުރު ބަލި، ޖެހުން ފަދަ ކަންތައްތައް ހިމެނެއެވެ. އަދި
މޫނުމަތި ފަލަވެ ''ހަނދެއްގެ ސިފަޔަށް''(Moon face) ބަދަލު ވެއެވެ. އަދި ދެކޮނޑު
ދޭތެރެއިން ބުރަކަށީގައި ސަރުބީ ޖަމާވެ، ''ބަފަލޯ ހަމްޕް''(Buffalo hump) އޭ ކިޔޭ ސިފަޔަކަށް ހުރެއެވެ.
މާނައަކީ ބަފަލޯގެ ބުރަކަށިމަތި ހުންނަ ސިފަޔަށް ހުރުމެވެ. މީގެ އިތުރުން ބޮޑެތި
ލޭހޮޅި ތަކުގައި ސަރުބީ ޖަމާވެ، ލޭހޮޅިތައް ހަރުވުން، އަދި ގުރުދާގެ ލޭހޮޅީގައި
ކެލްސިއަމް ނުވަތަ ސަރުބީ ޖަމާވުން ހިމެނެއެވެ.
ކޯންސް ސިންޑްރޯމް (conn’s
syndrome): މިއީ އެޑްރީނަލް ގްލޭންޑްގެ ބޭރު ތޮށިން ދޫކުރާ
މިނެރަލޯކޯޓިކޮއިޑް ހޯރމޯން އެއް ކަމުގައިވާ އެލްޑޮސްޓަރޯން ދޫކުރުން އާދަޔާ
ޚިލާފަށް ގިނަވެ އިތުރުވުމުގެ ސަބަބުން ޖެހޭ ބައްޔެކެވެ. އެލްޑޮސްޓަރޯންގެ
ސަބަބުން ލޮނު އަދި ފެން ހަށިގަނޑުގައި ޖަމާވެ، ގުރުދާއިން ޕޮޓޭސިއަމް ބޭރުކުރާ
މިންވަރު މަތިވެގެން ދެއެވެ. ނަތީޖާއެއްގެ ގޮތުން ލޭމައްޗަށްދިއުން
މެދުވެރިކުރުވައެވެ. ގުރުދާއިން ޕޮޓޭސިއަމް ބޭރުކުރާ މިންވަރު އިތުރުވުމުން ލޭގައި
ޕޮޓޭސިއަމްގެ މިންވަރު ދަށްވެގެން ދެއެވެ.
އެޑިސެންޒް ބަލި (Addison’s disease): އެޑިސެންޒް ބައްޔަކީ
އެޑްރީނަލް ގްލޭންޑްގެ ބޭރު ތޮށި ހަލާކުވެ، އޭގެ މަސައްކަތް ފުރިހަމަ ނުކުރެވުމުގެ
ސަބަބުން، މަސައްކަތަށް ބުރޫއަރައި، އެއިން ދޫކުރާ ސްޓީރޮއިޑް ހޯރމޯންތައް
ކަމުގައިވާ "ގުލޫކޯކޯޓިކޮއިޑް ހޯރމޯން" އަދި "މިނެރަލޯކޯޓިކޮއިޑް
ހޯރމޯން" ތައް އެކަށޭނަ ގޮތުގައި އުފައްދައި ނުދިނުމުގެ ސަބަބުން ޖެހޭ
ބައްޔެކެވެ. މިބަލިޖެހެނީ އެޑްރީނަލްގެ ގްލޭންޑުގެ ބޭރު ތޮށީގެ 90
އިންސައްތައަށްވުރެ ބޮޑު ބައެއް ހަލާކު މަސައްކަތްނުކުރާ ގޮތް ދިމާވެއްޖެނަމަ
އެވެ.
No comments:
Post a Comment