ހައިޕޯތަލަމަސް
ހައިޕޯތަލަމަސް (Hypothalamus)އަކީ ނާރުތަކުގެ ނިޒާމް ، ހޯރމޯން އުފައްދައި ދޫކުރާ
ނިޒާމް އާ ގުޅުވައިލަދޭ ފާލަމެކެވެ. މިދެނިޒާމް ގުޅުވައިދެނީ ހޯރމޯންދޫކުރާ
ނިޒާމްގައި ހިމެނޭ ޕިޓޫއިޓަރީ ގްލޭންޑް(Pituitary Gland) ގެ އެހީގައެވެ. ހައިޕޯތަލަމަސް
އިންނަނީ ސިކުނޑީގެ މެދުތެރޭގައިވާ "ސިކުނޑީގެ މުލުގެ (Brain stem) މަތިން ތަލަމަސް(Thalamus) ގެ ތިރީގައެވެ. މިއީ
"ޑައިއެންސެފަލޯން"(Dienchepalon) ގައި ހިމެނޭ "މުތެއް"
ވަރުގެ ކުޑަކުޑަ ބައެކެވެ.
ހައިޕޯތަލަމަސް އަކީ
ހަށިގަނޑުގެ ފިނިހޫނުމިން، މެޓަބޮލިޒަމްގެ ބައެއް މަސައްކަތްތައް، އަދި ފުރިފައި
ހުންނަކަން (ބަނޑުފުރިފައިވާކަން ނުވަތަ ހައިކަން ފިލައިދިއުން) ކޮންޓްރޯލްކޮށް
ތަންޒީމުކުރުމުގައި ޝާމިލްވާ ބައެކެވެ. މީގެ އިތުރުން ހައިޕޯތަލަމަސް އިން ދޫކުރާ
ހޯރމޯންތަކުގެ ސަބަބުން، ސިކުނޑީގެ ތެރޭގައިވާ ޕިޓޫއިޓަރީ ގްލޭންޑް(Pituitary gland) އިން ތަފާތު ހޯރމޯންތައް ދޫކުރުމަށް
ބާރުއަޅައެވެ.މިސަބަބާހުރެ ހައިޕޯތަލަސް އިން ދޫކުރާ ގިނަ ހޯރމޯންތަކަށް
''ރިލީސިންގ ހޯރމޯން''(Releasing Hormone) ތަކޭ ކިޔައެވެ. މިހޯރމޯންތައް ސީދާ
ދޫކުރަނީ ސިކުނޑީގެ ތެރޭގައިވާ ލޭގެ އާރުގެ ބައެއް ކަމުގައިވާ
"ހައިޕޯފީސިއަލް ޕޯރޓަލް ސިސްޓަމް"(Hypophyseal portal
system) ގެ
ތެރެއަށެވެ. މިތަނުން އެހޯރމޯންތައް ގެންދަނީ ސީދާ ޕިޓޫއިޓަރީ ގްލޭންޑް ގެ
ތެރެއަށެވެ. ޕިޓޫއިޓަރީ ގްލޭންޑްގެ ތެރޭގައި މިހޯރމޯންތައް، ޕިޓޫއިޓަރީ ގްލޭންޑް
އިން "ސްޓިމިއުލޭޓިންގ ހޯރމޯން"(Stimulating Hormone) ތައް ދޫކުރުމަށް ބާރުއަޅައެވެ.
ނުވަތަ އެކަަމަށް ސިގްނަލް ދެއެވެ.
އަހަރެމެންގެ ބާރަކާއި
އިޚްތިޔާރަކާ ނުލައި ހަށިގަނޑުގައި ހިންގާ ބައެއް ކަންތައްތަކާއި، އަދި
ހަށިގަނޑުގައި ހިންގާ މެޓަބޮލިޒަމްގެ މަސައްކަތްތައް ތަންޒީމް ކުރުމުގައި
ހައިޕޯތަލަމަސް ބައިވެރި ވެއެވެ. މީގެ އިތުރުން އެތަކެއް ނިއުރޯން ހޯރމޯންތަކެއް ހައިޕޯތަލަމަސް
އިން ބޭރުކުރެއެވެ. އެގޮތުން ޕިޓޫއިޓަރީ ގްލޭންޑް އިން ގުރޯތު ހޯރމޯން ދޫކުރުން
ހުއްޓުވާ ހޯރމޯން އެއް ވެސް ހައިޕޯތަލަމަސް އިން ދޫކުރެއެވެ.
ހައިޕޯތަލަމަސްގެ
ވަޒީފާތައް
·
ޕިޓޫއިޓަރީ ގްލޭންޑުން
ތަފާތު 8 ހޯރމޯނެއް ދޫކުރުން ކޮންޓްރޯލްކުރުން
·
ހަށިގަނޑުގެ ފިނިހޫނުމިން
ކޮންޓްރޯލްކުރުން
·
ހަށިގަނޑަށް ކާތަކެއްޗާއި
ފެން އެތެރެވާވާރު ކޮންޓްރޯލްކުރުން
·
ނަސްލު އުފެއްދުމާއި
ޖިންސީ އަމަލުތަކުގެ ގޮތް ކޮންޓްރޯލްކުރުން
·
ކޮންމެ ދުވަހަކު
ހަށިގަނޑަށް އަންނަ ޖިސްމާނީ ނަފުސާނީ ބަދަލުތައް ކޮންޓްރޯލްކުރުން
·
ޖަޒުބާތީ އަސަރުތައް ކޮންޓްރޯލްކުރުން
·
ހައިޕޯތަލަމަސް އަކީ
އަންނަނިވި ކަންތައްތައް ކޮންޓްރޯލްކުރާ ހޯރމޯން ސިކުނޑިން ދޫކުރާ މަރުކަޒެވެ.
o ހަށިގަނޑުގެ ފިނިހޫނުމިން
o ހައިކަން
o މިޒާޖު
o ނިދުން
o ކަރުހިއްކުން
o ޖިންސީ ހަރަކާތް
o ޕިޓޫއިޓަރީ ގްލޭންޑް އިން ހޯރމޯންތައް
ދޫކުރުމަށް ބާރުއެޅުން
ހައިޕޯތަލަމަސް
ބެހިފައިވާ ސަރަހައްދުތައް
ހައިޕޯތަލަމަސް
ގައި މުހިއްމު 3 ސަރަހައްދެއް ވެއެވެ. އެއީ:-
·
ސްޕްރައޮޕްޓިކް ރީޖަން (Supraoptic region): މިބައި އިންނަނީ ކުރިމައްޗަށް
ވާގޮތަށް "އޮޕްޓިކް ޗިއޭޒަމް" އާއި އެއް ހަމައެއްގައެވެ.
·
ޓިއުބެރަލް ރީޖަން (Tuberal region): މިބައި އިންނަނީ މެދުން
"ޓިއުބާ ސިނީރިއަމް" އާއި އެއް ހަމައެއްގައެވެ.
·
މެމިލަރީ ރީޖަން (Mammillary region): މިބައި އިންނަނީ ފަހަތުން
"މެމިލަރީ ބޮޑީޒް" އާއި އެއް ހަމައެއްގައެވެ.
ސްޕްރައޮޕްޓިކް
ރީޖަން
ސްޕްރައޮޕްޓިކް ރީޖަން(Supraoptic region) އިންނަނީ ކުރިމަތިން "އޮޕްޓިކް
ޗިއޭޒަމް"(Optic chiasm) އާއި އެއްހަމައެއްގައެވެ. ސްޕްރައޮޕްޓިކް
ރީޖަން ގައި ވަރަށް ގިނަ ނިއުކްލިއަސް ތައް ހުރެއެވެ. އެގޮތުން މިހިސާބުގައި
ހުންނަ އެންމެ ފާހަގަކޮށްލެވޭ ނިއުކްލިއަސް ތަކަކީ، ''ޕެރަވެންޓްރިކިޔުލަރ
ނިއުކްލިއަސް''(Paraventricular nucleus) ، އަދި ''ސްޕްރައޮޮޕްޓިކް
ނިއުކްލިއަސް''(Supraoptic nucleus) އެވެ. މިއިން އެއްވެސް ނިއުކުލިއަސް
އަކީ ސައިޒުގެ ގޮތުން ބޮޑެތި ނިއުކްލިއަސް ތަކެއް ނޫނެވެ. ނަމަވެސް ފަސޭހަ
ކަމާއެކު މިނިއުކްލިއަސްތައް ދެނެގަނެވެއެވެ. ސަބަބަކީ ނިއުކްލިއަސް ތަކުގައި
ހިމެނޭ ސެލްތަކަކީ ވަރަށް ރީތިކޮށް ސްޓެއިން ކުރެވޭ ސެލްތަކަކަށްވުމެވެ.
މިނިއުކްލިއަސް ތަކުގައި
ހިމެނޭ ''މެގްނޯ ސެލިއުލާ ނިއުރޯސިކްރީޓަރީ ސެލް''(Magnocellular
neurosecretory cell)
ތަކުން "އޮކްސިޓޯސިން"(Oxytocin) އަދި "ވޭޒޯޕްރެސިން"(Vassopressin) އަދި "ކޯޓިކޯޓްރޮޕިން ރިލީސިނގ
ހޯރމޯން" (Corticotropin releasing hormone)އުފައްދަ އެވެ. އެއަށްފަހު ވޭޒޯޕްރެސިން އަދި އޮކްސިޓޯސިން
ރައްކާކުރަނީ ޕިޓޫއިޓަރީ ގްލޭންޑްގެ ފަހަތު ބައި(Posterior pituitrary) ގައި ހުންނަ
"ހެރިންގ ބޮޑީޒް"(Herring bodies) ތަކުގައެވެ. އެއަށްފަހު
ލޭގެތެރެއަށް މިހޯރމޯން ދޫކުރަނީ ޕިޓޫއިޓަރީ ގްލޭންޑްގެ ފަހަތު ބައިންނެވެ. ވޭޒޯޕްރެސިން
މައިގަނޑު ގޮތެއްގައި އުފެދިގެން އަންނަނީ ސްޕްރައޮޕްޓިކް ނިއުކްލިއަސްގައި ހުންނަ
މިފަދަ ސެލްތަކުންނެވެ. ހައިޕޯތަލަމަސް އަށް ލިބޭ ގެއްލުމެއްގެ ސަބަބުން ވޭޒޯޕްރެސިން
ހޯރމޯން އުފެއްދުން ހުއްޓިއްޖެނަމަ "ޑައިބެޓީސް އިންސިޕިޑަސް"(Diabetes insipidus) ކިޔާ ބައްޔެއް ޖެހެއެވެ.
ޓިއުބެރަލް
ރީޖަން
ޓިއުބެރަލް ރީޖަން(Tuberal region) އިންނަނީ "ޓިއުބަރ
ސިނީރިއަމް"(Tuber cinereum) އާއި އެއްހަމައެއްގައެވެ.
މިސަރަހައްދު އިންނަނީ ދެބަޔަކަށް ބެހިފައެވެ. އެއީ މެދުގައި އިންނަ ބަޔަކާއި
އަރިމަތީގައި އިންނަ ބައެކެވެ. މިސަރަހައްދު ދެބައި ވެފައި އިންނަނީ
"ފޯރނިކްސް" ގެ މެދުން ދުއްވާލެވިފައިވާ ޚިޔާލީ ރޮނގަކުންނެވެ. އަރިމަތީގައިވާ
ބަޔަކީ "ލޭޗްރަލް ހައިޕޯތަލަމިކް އޭރިއާ" އެވެ.
ޓިއުބެރަލް ރީޖަންގެ
މެދުބައިގައި ވަރަށް މުހިއްމު 2 ނިއުކްލިއަސް ހުރެއެވެ. އެއީ "އާކުއޭޓް
ނިއުކްލިއަސް"(Arcuate nucleus) އަދި "ވެންޓްރޯ މީޑިއަލް
ނިއުކްލިއަސް"(Ventromedial nucleus) އެވެ. ވެންޓްރޯމީޑިއަލް
ނިއުކްލިއަސް އެންމެ މުހިއްމު މަސައްކަތަކީ ކެއުން ކޮންޓްރޯލްކުރުމެވެ. ވެންޓްރޯލް
މީޑިއަލް ނިއުކްލިއަސް އަށް އަނިޔާވެ، މައްސަލަ ޖެހުމަކީ "މާގިނައިން
ކެއުން"(Hyperphagia) ކުރިމަތި ކުރުވާ ކަމެކެވެ. އަދި
އެކަމުގެ ސަބަބުން ފަލަބަލި ޖެހޭގޮތް ވެއެވެ. މީގެ އިތުރުން މިޒާޖު ގޯސްވުން، އަދި
މާބޮޑަށް ރުޅިގަދަވެގެން އުޅުން ފަދަ ކަންތައްތައް ހިމެނެއެވެ.
ލޭޗްރަލް ހައިޕޯތަލަމިކް
އޭރިއާ އަށް އަނިޔާވެ މައްސަލަ ޖެހުމަކީ "ކާހިތްނުވުން"(Anorexia)
ކުރިމަތި ކުރުވާ ކަމެކެވެ. މިސަބަބާހުރެ "ވެންޓްރޯމީޑިއަލް
ނިއުކްލިއަސް" އަށް "ސަޓައެޓީ ސެންޓަރ"(Satiety center) އަދި ލޭޗްރަލް ހައިޕޯތަލަމިކް
އޭރިއާ އަށް "ފީޑިންގ ސެންޓަރ"(feeding center) އޭ ކިޔައި އުޅެއެވެ.
ޓިއުބެރަލް ރީޖަންގެ
މެދުބައިގައި އިންނަ މުހިއްމު އަނެއް ނިއުކްލިއަސް އަކީ ''އާކުއޭޓް ނިއުކްލިއަސް''(Arcuate nucleus) އެވެ. މިނިއުކުލިއަސް އަށް
''ޕެރިވެންޓްރިކިޔުލަރ ނިއުކްލިއަސް''(Periventricular nucleus) އޭ ވެސް ކިޔައެވެ. ޕިޓޫއިޓަރީ
ގްލޭންޑް ގެ ކުރިމަތީބައިން ދޫކުރާ ވަރަށް ގިނަ ހޯރމޯންތައް ކޮންޓްރޯލްކުރުމަށް
ގިނަ ނިއުރޯންތައް މިނިއުކްލިއަސް ގައި ހުރެއެވެ. ސްޕްރައޮޕްޓިކް ރީޖަންގައި
ހުންނަ ނިއުރޯންތަކުން ދޫކުރާހެން ސީދާ ސީދާ ނިއުރޯން އިން ހޯރމޯންތައް މި
ނިއުކްލިއަސް އިން ދުލެއް ނުކުރެއެވެ. އޭގެ ބަދަލުގައި ދޫކުރަނީ "ރިލީސިންގ
ހޯރމޯން"(releasing hormone) ނުވަތަ "ރިލީސިންގ
އިންހިބިޓިންގ ހޯރމޯން"(releasing-inhibiting
hormone)
ތަކެވެ. މާނައަކީ މިހޯރމޯންތަކުގެ ސަބަބުން ޕިޓޫއިޓަރީ ގްލޭންޑްގެ ކުރިމަތީ ބައިން
ހޯރމޯންތައް ދޫކުރުން ކޮންޓްރޯލް ކުރެއެވެ. ރިލީސިންގ ހޯރމޯންތައް ދޫކުރަނީ
ނިއުރޯންތަކުގެ ކޮޅުންނެވެ. އެއަށްފަހު "ޕޯޓަލް ސިސްޓަމް" ގެތެރެއިން
ޕިޓޫއިޓަރީ ގްލޭންޑް ގެ ކުރިމަތީ ބަޔަށް ވާޞިލް ވެއެވެ. މިނިޒާމުގެ ދަށުން
ކޮންޓްރޯލް ކުރާ ހޯރމޯން ތަކަކީ:-
·
ގުރޯތު ހޯރމޯން
·
ގޯނާޑޮޓްރޮޕިން :
ލޫޓީއިނައިޒިންގ ހޯރމޯން / ފޮލިކަލް ސްޓިމިއުލޭޓިންގ ހޯރމޯން
·
އެޑްރީނޯކޯޓިކޯޓްރޮޕިން
·
ތައިރޯޓްރޮޕިން
·
ޕްރޯލެކްޓިން
މެމިލަރީ
ރީޖަން
މެމިލަރީ ރީޖަން އިންނަނީ
ފަހަތުން "މެމިލަރީ ބޮޑީޒް"(Mammillary bodies) އާއި އެއް ހަމައެއްގައެވެ. މިބައި
އެކުލެވިގެންވަނީ "ޕޯސްޓީރިއަރ ހައިޕޯތަލަމިކް ނިއުކްލިއަސް"(Posterior hypothalamic nucleus) އަދި " މެމިލަރީ
ނިއުކްލިއަސް"(Mammillary nucleus) ތަކުގެ މައްޗަށެވެ. ޕޯސްޓީރިއަރ
ހައިޕޯތަލަމިކް ނިއުކްލިއަސް އަކީ ހަށިގަނޑުގެ ފިނިހޫނުމިން ކޮންޓްރޯލް ކުރުމުގައި
ބައިވެރިވާ ސެލްތަކުގެ ގުރޫޕެކެވެ. ގަބޫލުކުރެވިފައިވާ ގޮތުގައި މެމިލަރީ
ނިއުކްލިއަސް އަކީ ހަދާނުގެ ބައިގައި މުހިއްމު ދައުރެއް އަދާކުރާ އެއްޗެކެވެ.
ހައިޕޯތަލަމަސް
އިން އުފައްދައި ދޫކުރާ ހޯރމޯންތައް
(1) -
ގޯނާޑޮޓްރޮޕިން ރިލީސިންގ ހޯރމޯން (Gonadotropin
releasing hormone):ގޯނާޑޮޓްރޮޕިން ރިލީސިންގ ހޯރމޯނަކީ ސިކުނޑީގެ ތެރޭގައިވާ
އެންމެ މުހިއްމު އެއްބައި ކަމުގައިވާ ހައިޕޯތަލަމަސްގައި އިންނަ ''ޕެރަވެންޓްރިކިޔުލަރ
ނިއުކްލިއަސް''(Paraventricular nucleus)
އިން އުފައްދައި ދޫކުރާ،ޕެޕްޓައިޑް ހޯރމޯން(Peptide Hormone) އެކެވެ.މިއީ ޕިޓޫއިޓަރީ ގްލޭންޑްގެ ކުރިމަތީ
ބައިން ފޮލިކަލް ސްޓިމިއުލޭޓިންގ ހޯރމޯން (Follicle Stimulating
hormone) އަދި
ލޫޓީއިނައިޒިންގ ހޯރމޯން (Leutenizing Hormone)ދޫކުރުމުގައި ޒިންމާވާ ހޯރމޯން އެވެ. މިހޯރމޯން އަށް
ކިޔައި އުޅޭ އެހެން ނަންތަކުގެ ތެރޭގައި ''ލޫޓީއިނައިޒިންގ ހޯރމޯން ރިލީސިންގ
ހޯރމޯން''(LHRH) ފަދަ ނަންތައް ހިމެނެއެވެ.
(2) - ގްރޯތު
ހޯރމޯން ރިލީސިންގ ހޯރމޯން (Growth hormone
releasing hormone):
ގްރޯތު ހޯރމޯން
ރިލީސިންގ ހޯރމޯން އަކީ ސިކުނޑީގެ ތެރޭގައިވާ ހައިޕޯތަލަމަސްގައި އިންނަ ''ޕެރިވެންޓްރިކިޔުލަރ
ނިއުކްލިއަސް''(Periventricular nucleus) ނުވަތަ "އާކުއޭޓް ނިއުކްލިއަސ ް"(Arcuate nucleus) އިން އުފައްދައި
ދޫކުރާ 44 އެމިނޯ އެސިޑް އެކުލެވޭ ޕެޕްޓައިޑް ހޯރމޯން އެކެވެ. މިހޯރމޯން އަކީ
ޕިޓޫއިޓަރީ ގްލޭންޑްގެ ކުރިމަތީ ބައިން ގްރޯތު ހޯރމޯން ދޫކުރުމަށް ބާރުއަޅާ
ހޯރމޯން އެކެވެ. މިހޯރމޯން އަށް ކިޔައިއުޅޭ އެހެން ނަންތަކުގެ ތެރޭގައި ''ގްރޯތު
ހޯރމޯން ރިލީސިންގ ފެކްޓަރ''(GRF/GHRF) އަދި ''ސޯމެޓަކްރިނިން''(Somatocrinin) ފަދަ ނަންތައް ހިމެނެއެވެ.
(3) -
ކޯޓިކޯޓްރޮޕިން ރިސީލިންގ ހޯރމޯން (Corticotropin
releasing hormone):
ކޯޓިކޯޓްރޮޕިން ރިލީސިންގ ހޯރމޯން އަކީ ސިކުނޑީގެ
ތެރޭގައިވާ ހައިޕޯތަލަމަސް ގައި އިންނަ ''ޕެރަވެންޓްރިކިޔުލަރ ނިއުކްލިއަސް''(Paraventricular
nucleus) އިން އުފައްދައި ދޫކުރާ،ޕެޕްޓައިޑް ހޯރމޯން އެކެވެ. ހަމަމިހެން މިއީ ''ސްޓްރެސް'' ނުވަތަ ދިމާވާ
ފިއްތުންތަކަށް އިޖާބަ ދިނުމުގައި ބައިވެރިވާ ''ނިއުރޯޓްރާންސްމިޓަރ''(Neurotransmitter) އެއްވެސް މެއެވެ. މިހޯރމޯން އަކީ
ޕިޓޫއިޓަރީ ގްލޭންޑްގެ ކުރިމަތީ ބައިން އެޑްރީނޯ ކޯޓިކޯ ޓްރޮޕިކް ހޯރމޯން
ދޫކުރުމަށް ބާރުއަޅާ ހޯރމޯން އެކެވެ.މިހޯރމޯން އަށް ކިޔައިއުޅޭ އެހެން ނަންތަކުގެ
ތެރޭގައި ''ކޯޓިކޯޓްރޮޕިން ރިލީސިންގ ފެކްޓަރ''(CRF) އަދި ''ކޯޓިކޯލިބެރިން''(Corticoliberin) ފަދަ ނަންތައް ހިމެނެއެވެ.
(4) –
ތައިރޯޓްރޮޕިން ރިލީސިންގ ހޯރމޯން (Thyrotropin
releasing hormone):
ތައިރޯޓްރޮޕިން ރިލީސިންގ ހޯރމޯން އަކީ ސިކުނޑީގެ
ތެރޭގައިވާ ހައިޕޯތަލަމަސް ގައި އިންނަ ''ޕެރަވެންޓްރިކިޔުލަރ
ނިއުކްލިއަސް''(Paraventricular nucleus) އިން އުފައްދައި ދޫކުރާ،ޓްރައި ޕެޕްޓައިޑް ހޯރމޯން އެކެވެ. މިއީ
ޕިޓޫއިޓަރީ ގްލޭންޑްގެ ކުރިމަތީ ބައިން "ތައިރޮއިޑް ސްޓިމިއުލޭޓިންގ
ހޯރމޯން" އަދި "ޕްރޯލެކްޓިން" އުފައްދައި ދޫކުރުމަށް ބާރުއަޅާ
ހޯރމޯން އެކެވެ. މިހޯރމޯން އަށް ކިޔައިއުޅޭ އެހެން ނަންތަކުގެ ތެރޭގައި
"ތައިރޯޓްރޮޕިން ރިލީސިންގ ފެކްޓަރ"(Thyrotropin releasing
factor) ، "ތައިރޯލިބެރިން"(Thyroliberin) ، "ޕްރޯޓިރެލިން"(Protirelin) ފަދަ ނަންތައް ހިމެނެއެވެ.
(5) –
ވޭޒޯޕްރެސިން (Vasopressin): ވޭޒޯޕްރެސިން އަކީ
ސިކުނޑީގެ ތެރޭގައިވާ ހައިޕޯތަލަމަސްގައި އިންނަ ''ޕެރަވެންޓްރިކިޔުލަރ ނިއުކްލިއަސް''(Paraventricular nucleus) އަދި ''ސްޕްރައޮޮޕްޓިކް ނިއުކްލިއަސް''(Supraoptic nucleus) ގައި ހުންނަ ''މެގްނޯ ސެލިއުލާ
ނިއުރޯސިކްރީޓަރީ ސެލް''(Magnocellular
neurosecretory cell)
ތަކުން އުފައްދައި ދޫކުރާ،ޕެޕްޓައިޑް
ހޯރމޯން އެކެވެ. ވޭޒޯޕްރެސިން މައިގަނޑު ގޮތެއްގައި އުފެދިގެން އަންނަނީ
ސްޕްރައޮޕްޓިކް ނިއުކްލިއަސްގައި ހުންނަ މިފަދަ ސެލްތަކުންނެވެ.
މިއީ ހައިޕޯތަލަމަސްގައި
''ޕްރީޕްރޯ ހޯރމޯން ޕްރިކޯސަރ''(Prehormone precosor) އިން އުފެދިގެން އައިސް ޕިޓޫއިޓަރީ
ގްލޭންޑްގެ ފަހަތު ބަޔަށް ވާޞިލްވާ ހޯރމޯން އެވެ. ޕިޓޫއިޓަރީ ގްލޭންޑްގެ ފަހަތު
ބައިން މިހޯރމޯން ލޭގެ ތެރެއަށް ދޫކުރެއެވެ. އަދި ބައެއް ފަހަރު ސީދާ ސިކުނޑީގެ
ތެރެއަށް ދޫކުރެއެވެ.
ވޭޒޯޕްރެސިން އަށް
ކިޔައިއުޅޭ އެހެން ނަންނަމުގެ ތެރޭގައި ''އާޖިނީން ވޭޒޯޕްރެސިން''(Arginine vasopressin)
، ''އާޖިޕްރެސިން''(Argipressin) ، އަދި ''އެންޓި
ޑައިޔުރެޓިކް ހޯރމޯން''(Antidiuretic hormone/ADH) ފަދަ ނަންތައް ހިމެނެއެވެ.
ވޭޒޯޕްރެސިން ހަށިގަނޑުން
ދޫކުރަނީ ހަށިގަނޑުގައި ފެނުގެ ނިސްބަތް މަދުވާ ހިނދުގައެވެ. ގުރުދާ ގައި ފެން
ވަކިވަރެއްގައި ހިފަހައްޓައި ދިނުމަށް މިހޯރމޯން މެދުވެރި ކުރުވައެވެ. އަދި ގުރުދާ
މެދުވެރިކޮށް، ހަށިގަނޑުން ފެން ބޭރުވެގެންދިއުން މިހޯރމޯން ކޮންޓްރޯލް ކުރެއެވެ.
އެގޮތުން ކުޑަކަމުދާ ތަކެތި ތަރުކީޒުކޮށް، އަދި ކުޑަކަމުދާ ތަކެތީގެ މިންވަރު މަދުކުރުވައެވެ.
މީގެ އިތުރުން ލޭހޮޅިތައް ހަނިކުރުވުން(Vasoconstriction) ކުރިމަތި ކުރުވައިގެން ލޭގެ
ޕްރެޝަރު މަތިކުރުވައެވެ.
(6) –
ސޯމެޓަސްޓެޓިން (Somatostatin): ސޯމެޓަސްޓެޓިން އަކީ
ސިކުނޑީގެ ތެރޭގައިވާ ހައިޕޯތަލަމަސްގައި އިންނަ ''ޕެރިވެންޓްރިކިޔުލަރ ނިއުކްލިއަސް''(Periventricular nucleus) ނުވަތަ "އާކުއޭޓް
ނިއުކްލިއަސް"(Arcuate nucleus) ، މަޢިދާ، ޗިސްމޭ، ފަދަ ގުނަވަންތަކުން އުފައްދައި ދޫކުރާ ޕެޕްޓައިޑް ހޯރމޯން
އެކެވެ. މިއީ ޕިޓޫއިޓަރީ ގްލޭންޑް އިން ގުރޯތު ހޯރމޯން އުފައްދައި ދޫކުރުން
ހުއްޓުވާ ހޯރމޯން އެކެވެ. މައިދާގައި މިހޯރމޯން ދޫކުރަނީ ''ޑީސެލް''(D Cell) ތަކުންނެވެ. މިހޯރމޯންގެ ހަރަކާތްތެރި
ދެވައްތަރެއް ވެއެވެ. އެއީ 14 އެމިނޯ އެސިޑް އެކުލެވޭ ވައްތަރަކާއި، އަދި 28
އެމިނޯ އެސިޑް އެކުލެވޭ ވައްތަރެކެވެ. މިހޯރމޯން އަށް ކިޔާއުޅޭ އެހެން ނަންތަކުގެ
ތެރޭގައި ''ގްރޯތު ހޯރމޯން އިންހިބިޓިންގ ހޯރމޯން''(GHIH) ،''ސޯމެޓަޓްރޮޕިން ރިލީސް
އިންހިބިޓިންގ ހޯރމޯން''(SRIF) ފަދަ ނަންތައް ހިމެނެއެވެ.
(7) – ޑޯޕަމީން
(Dopamine):
ޑޯޕަމީން އަކީ ސިކުނޑީގެ ތެރޭގައިވާ ހައިޕޯތަލަމަސް ގައި
އިންނަ ''ޕެރިވެންޓްރިކިޔުލަރ ނިއުކްލިއަސް''(Periventricular nucleus) ނުވަތަ "އާކުއޭޓް
ނިއުކްލިއަސް"(Arcuate nucleus) އިން އުފައްދައި ދޫކުރާ ނިއުރޯ
ހޯރމޯން އެކެވެ. ސިކުނޑީގެ ތެރޭގައި ޑޯޕަމީން މަސައްކަތްކުރަނީ ''ނިއުރޯ
ޓްރާންސްމިޓަރ''(Neurotransmitter) އެއްގެ ގޮތުގައެވެ. އެގޮތުން 5
ވައްތަރެއްގެ ޑޯޕަމީން ރިސެޕްޓަރ ތައް ހީވާގިކޮށް މުރާލި ކުރުވައެވެ. އެއީ D1,D2,D3,D4,D5 މި 5 ވައްތަރުގެ ރިސެޕްޓަރ އެވެ.
ހައިޕޯތަލަމަސް އިން ދޫކުރާ ޑޯޕަމީންގެ މައިގަނޑު މަސައްކަތަކީ ޕިޓޫއިޓަރީ
ގްލޭންޑްގެ ކުރިމަތީ ބައިން ޕްރޯލެކްޓިން ދޫކުރުން މަނާކުރުމެވެ. ނުވަތަ
އެމަސައްކަތަށް ހުރަސް އެޅުމެވެ.
(8) –
އޮކްސިޓޯސިން (Oxytocin): އޮކްސިޓޯސިން އަކީ
އިންސާނާގެ ސިކުނޑީގައި ނިއުރޯ ޓްރާންސްމިޓަރ އެއްގެ ގޮތުގައި ހަރަކާތްތެރިވާ
ހޯރމޯން އެކެވެ. އަންހެނުންނަށް ރިޢާޔަތްކުރާއިރު އޮކްސިޓޯސިން ދޫކުރަން ފަށަނީ
ވިހެއުމުގެ ތެރޭގައި ރަހިމުގެ ކަރު ، އަދި އަންހެނާގެ ޖިންސީ ގުނަވަން
ފުޅާވުމަށްފަހު ގައެވެ. އެއީ ވިހެއުން ފަސޭހަކޮށްދީ ހަލުއިކޮށްދިނުމަށްޓަކައެވެ.
ހަމަމިހެން ގާތުންދިނުން ހަލުއިކޮށް ފަސޭހަކޮށް ދިނުމަށްޓަކައި ވަށްގަނޑު
ހީވާގިކޮށް މުރާލިކުރުމުން ވެސް އޮކްސިޓޯސިން ދޫކުރަން ފަށައެވެ. އަދި އުރަމަތިން
ކިރުއުފައްދައި ބޭރުކުރުމަށް ވެސް ބާރުއަޅައެވެ.
ޖިންސީ އެދުން ފުއްދުމުގެ
ތެރޭގައި ކުންނަށް ވާޞިލްވާ ހިނދު ދެޖިންސްގެ މީހުންގެ ހަށިގަނޑުން ވެސް
އޮކްސިޓޯސިން ދޫކުރެއެވެ. ސިކުނޑީގައި އަދާކުރާ ދައުރަށް ބަލާއިރު މީހުންގެ
މެދުގައި އިޖްތިމާޢީ ގުޅުން ބަދަހިކޮށް އަދި އިތުބާރު އުފެއްދުމުގައި އޮކްސިޓޯސިން
ދައުރެއް ކުޅޭކަމަށް ބުނެވެއެވެ.
އޮކްސިޓޯސިން އަކީ އިންސާނާގެ
ސިކުނޑީގެ ތެރޭގައިވާ ހައިޕޯތަލަމަސްގައި އިންނަ ''ޕެރަވެންޓްރިކިޔުލަރ
ނިއުކްލިއަސް''(Paraventricular nucleus) ނުވަތަ "އާކުއޭޓް
ނިއުކްލިއަސް"(Arcuate nucleus) އަދި
''ސްޕްރައޮޮޕްޓިކް ނިއުކްލިއަސް''(Supraoptic nucleus) ގައި ހުންނަ ''މެގްނޯ ސެލިއުލާ
ނިއުރޯސިކްރީޓަރީ ސެލް''(Magnocellular
neurosecretory cell)
ތަކުން އުފައްދާ ހޯރމޯން އެކެވެ.
ހައިޕޯތަލަމަސް ގައި މިހޯރމޯން އުފެދުމުން، މިހޯރމޯން ރައްކާކުރަނީ ޕިޓޫއިޓަރީ
ގްލޭންޑްގެ ފަހަތު ބައިގައި ހުންނަ "ހެރިންގ ބޮޑީޒް"(Herring bodies) ތަކުގައެވެ. އެއަށްފަހު
ލޭގެތެރެއަށް މިހޯރމޯން ދޫކުރަނީ ޕިޓޫއިޓަރީ ގްލޭންޑްގެ ފަހަތު ބައިންނެވެ.
No comments:
Post a Comment