ޓްރިކަމޮނައިއެސިސް
ޓްރިކަމޮނައިއެސިސް(Trichomoniasis) އަކީ ޖިންސީގުޅުމުންއަރާ
ޖަރާސީމަކުން ޖެހޭ ބައްޔެކެވެ. މިއީ އޭޑްސް ޖެހުމަށް މަގުފަހިކުރާ ބައްޔެއްކަމަށް
ދިރާސާތަކުން ދައްކައެވެ. ޓްރިކަމޮނައިއެސިސް އާއި ކިހުނުވުމާއި ގުޅުމެއް ވާކަމަށް
ދިރާސާތަކުން ދައްކައެވެ. އެއީ ކިހުނުވުން ކުރިމަތިވެފައިވާ 40 އިންސައްތަ
މީހުންނަށް ހަމަ އެދުވަސްވަރު ޓްރިކަމޮނައިއެސިސް ޖެހިފައިވާކަން ކުރިން ހެދިފައިވާ
ދިރާސާތަކުން ސާބިތުވެފައި ވާތީއެވެ. އެހެންކަމުން ޓްރިކަމޮނައިއެސިސް ޖެހިގެން
ޑަކްޓަރަށް ދައްކާ ހިނދު ވަރަށް ގިނަ ޑަކްޓަރުން ކިހުނުވުން ހުރިތޯ ޓެސްޓް
ކުރުމަށް އިރުޝާދު ދެއެވެ. ފިރިހެނުންނަށް ވުރެ އަންހެނުންނަށް މިބަލިޖެހޭ
ނިސްބަތް އިތުރެވެ. އަދި ޒުވާން އަންހެނުންނަށްވުރެ އުމުރުން ދުވަސްވީ
އަންހެނުންނަށް ބަލިޖެހޭ ނިސްބަތް މައްޗެވެ.
ސަބަބު
ޓްރިކަމޮނައިއެސިސް އަކީ ޕެރަސައިޓްގެ ތެރޭގައި ހިމެނޭ ޕްރޮޓޮޒޯއާ
ގެ ވައްތަރެއް ކަމުގައިވާ ''ޓްރިކަމޮނަސް ވެޖައިނާލިސް''(Trichomonas vaginalis) ގެ ސަބަބުން ޖެހޭ ބައްޔެކެވެ.
އަންހެނުންނާއި ފިރިހެނުންގެ ފުރަގަސް ފަރާތުގައި މިޖަރާސީމް ބައެއް ފަަހަރު
ދިރިއުޅެއެވެ. ބަލިޖެހިފައި ތިބޭ ފިރިހެނުންގެ ޕްރޮސްޓޭޓް ގްލޭންޑް، ކުޑަކަމުދާ
ހޮޅި، އަދި އަންހެނުންގެ ޖިންސީ ގުނަވަން، ކުޑަކަމުދާ ހޮޅި، އަދި މަސާނާގައި މިޖަރާސީމް
ދިރިއުޅެއެވެ. އަންހެނުންގެ ހަށިގަނޑުގައި މިޖަރާސީމް ބޮޑަށް އަށަގަންނަނީ
އަންހެނާގެ ޖިންސީ ގުނަވަނުގައެވެ. ފިރިހެނުންގެ ނަމަ ކުޑަކަމުދާ ހޮޅީގައެވެ.
ޓްރިކަމޮނަސް ވެޖައިނާލިސް ޕެރަސައިޓްގެ ބޮޑުމިނުގައި 10
މައިކްރޯމީޓަރު ހުރެއެވެ.މިއީ ލޭގެ ހުދުސެލް އާއި އެއްވަރު ސައިޒެއްގެ
ޕެރަސައިޓެކެވެ. އަދި މިއަށް ލިބިފައިވާ ނިގުލުގެ ސަބަބުން ކުޑަކަމުދާ ހޮޅިއާއި،
ކުރިމަތިފަރާތުގެ އެތެރޭގައި ދައުރުވުމުގެ ގާބިލިއްޔަތު ހުރެއެވެ. މިއީ އަންހެނާގެ
ޖިންސީ ގުނަވަނާއި ފިރިހެނުންގެ ކުޑަކަމުދާ ހޮޅީގެ އެތެރޭގެ ބަތާނަފަށް ހަލާކުކޮށް،
ފާރުއުފައްދައިދޭ ޖަރާސީމެކެވެ.
ޓްރައިކޮމޮނައިއެސިސް ޖެހޭގޮތް
·
ބަލިޖެހިފައިވާ
މީހަކާއެކު ޖިންސީ ގުޅުން ހިންގުން : ބަލިޖެހިފައިވާ
މީހަކާއެކު ހުރަހެއްނެތި ޖިންސީގުޅުން ހިންގުމަކީ ސަލާމަތުން ހުރިމީހާގެ
ހަށިގަނޑަށް ބަލި ވާޞިލް ކުރުވާނެ ކަމެކެވެ.
·
ބަލިޖެހިފައިވާ
މީހަކު ބޭނުންކުރާ ތުވާލި ފަދަ ތަކެތި ބޭނުންކުރުން: އެއީ މިބަލި ޖައްސާ
ޖަރާސީމް އެކަށޭނާ ފިނިހޫނު މިނެއްގައި ހަށިގަނޑުން ބޭރުގައި ވެސް ދިރިއުޅޭތީއެވެ.
ތުވާލި ފަދަ އެއްޗިހިން ޖިންސީ ގުނަވަން ހިމެނޭ ހިސާބު ސާފުކުރާއިރު ބައެއްފަހަރު
އޭގައި މިޖަރާސީމް ތަތްވެފައި ހުރެދާނެއެވެ. އަދި އެފަދަ ތުވާއްޔެއް ސަލާމަތުން ހުރިމީހާ
ބޭނުންކޮށްފިނަމަ އެމީހެއްގެ ގަޔަށް ބަލި ވާޞިލްވުމުގެ ފުރުޞަތު ބޮޑެވެ. އިންސާނާގެ
ހަށިގަނޑުން ބޭރުގައި މާގިނައިރު ދިރިހުރުމުގެ ގާބިލިއްޔަތު މިޖަރާސީމަށް
ލިބިފައިނުވާތީ މިގޮތަށް ބަލިޖެހުމުގެ ފުރުޞަތު ވަރަށް ކުޑަ އެވެ.
·
ބަލިޖެހިފައިވާ
މައިމީހާގެ ފުށުން ތުއްތު ދަރިފުޅަށް ބަލިޖެހުން : މިގޮތަށް ބަލިޖެހުމުގެ
ފުރުޞަތު ވެސް ވަރަށް ކުޑައެވެ. މިގޮތަށް ބަލިޖެހޭނީ ވިހެއުމުގެ ތެރޭގައި،
މައިމީހާގެ ފުށުން ތުއްތު ދަރިފުޅަށް ޖަރާސީމު ވާޞިލްވުމުންނެވެ.
·
ޖަރާސީމާއި
ތަޣައްޔަރުވެފައިވާ ތަންތަން ބޭނުންކޮށް އުޅުން: ފަތާ ފެންގަނޑުތަކާއި
ޢާންމު ފާޚާނާ ބަރިތައް ބޭނުންކުރުމަކީ ވެސް މިބަލި ޖެހުމަށް މަގުފަހި ކުރުވާ
ކަމެކެވެ. އެއީ ބަލި ޖެހިފައި ހުރިމީހަކު ފަތާ ފެންގަނޑު ބޭނުންކުރުމުން ފެނުގެ
ތެރެއަށް ޖަރާސީމް ވާޞިލްވެ އެގޮތުގެ މަތިން އެފެންގަނޑުގައި ފަތާ އެހެން މީހުންގެ
ހަށިގަނޑަށް ޖަރާސީމް ވާޞިލްވުމުގެ ފުރުޞަތު އިތުރުވާތީ އެވެ.
·
ސާފުތާހިރު
ނުވުން: މިއީ ސީދާގޮތެއްގައި އެމީހަކު އަމިއްލަ އަށް ބައްޔަށް
ހުށަހެޅުން ފަދަ ކަމެކެވެ. އެއީ ނުސާފު ތާހިރު ވުމުގެ ސަބަބުން ފުރަގަސް
ފަރާތުގައި ދިރިއުޅޭ ބަލި ޖައްސާ ޖަރާސީމް، ކުރިމަތި ފަރާތަށް ވާޞިލްވުމުގެ
މަގުފަހިވާތީއެވެ.
·
ދީނީ
އުޞޫލްތަކާ ޚިލާފަށް ޖިންސީ ގުޅުން ހިންގުން: މިސާލަކަށް ފުރަގަސް
ފަރާތް ބޭނުންކޮށްގެން ޖިންސީ ގުޅުން ހިންގައިފިނަމަ އެމީހަކަށް ބަލިޖެހުމުގެ
ފުރުޞަތު ބޮޑެވެ.
·
ޖިންސީ
ގުނަވަން ހިމެނޭ ހިސާބު ސާފުކުރާއިރު ފަހަތުން ކުރިމައްޗަށް ސާފުކުރުން: މިގޮތަށް ސާފުކުރުމުން ފުރަގަސް ފަރާތުގައި ހުރި ޖަރާސީމް
ކުރިމަތި ފަރާތަށް ވާޞިލްވުމަށް މަގުފަހި ވެއެވެ.
ބަލީގެ އަލާމާތްތައް
ވަރަށް ގިނަ ފަހަރު އަންހެނުންނާއި ފިރިހެނުންގެ ފުށުން
ވެސް ބަލީގެ އަލާމާތްތައް ނުފެނި ދިއުމަކީ ވެދާނެ ގޮތެކެވެ. އެގޮތުން ބަލިޖެހޭ
މީހުންގެ ތެރެއިން އަލާމާތްތައް ފެންނަނީ އެންމެ 50 އިންސައްތަ މީހުންގެ
ފުށުންނެވެ.
ބަލީގެ އުދަނގޫތައް ފެންނަން ހޭދަވާ
މުއްދަތު (Incubation period): ބަލީގެ
ޖަރާސީމް ހަށިގަނޑަށް ވަނުމަށްފަހު، ހަށިގަނޑުގައި ގިނަވެ، އިތުރުވެ، އޭގެ
ސަބަބުން ބަލީގެ އުދަނގޫތައް ބަލިމީހާ އަށް ކުރިމަތިކުރުވުމަށް ވަކި މުއްދަތެއް
ބޭނުން ވެއެވެ. އެގޮތުން ޓްރިކަމޮނައިއެސިސް ކުރިމަތިކުރުވާ ޖަރާސީމު ހަށިގަނޑަށް
ވަނުމަށްފަހު އޭގެ އަލާމާތްތައް ފެނުމާއި ދެމެދު، 28-5 ދުވަހާއި ދެމެދުގެ
މުއްދަތެއް ހޭދަވެއެވެ. މިމުއްދަތުގެ ތެރޭގައި އަދި ފަރުވާކޮށް ނިމެންދެން ހޭދަވާ
މުއްދަތުގެ ތެރޭގައި ބަލިޖެހިފައިވާ މީހާގެ ފުށުން އެހެން މީހުންނަށް
ބަލިފަތުރަމުން ގެންދާނެ އެވެ.
އަންހެނުންނަށް ޓްރައިކޮމޮނައިއެސިސް ޖެހުން
ބައެއް އަންހެނުންނަށް މިބަލީގެ ޢަލާމާތްތައް ނުފެނި
ހިގައިދާނެއެވެ. މިޖަރާސީމް ޖިންސީ ގުނަވަން،ރަހިމުގެ ދޮރު، މަސާނާ، އަދި
ކުޑަކަމުދާ ހޮޅީގެ ތެތް ދުލިފަށްތަކުގެ ސެލްތަކުން ކާނާ ހޯދައިގެން ދިރިއުޅެއެވެ.
ދިރާސާ ތަކުން ދައްކާގޮތުގައި އުމުރުން 35- 16 އަހަރާއި ދެމެދުގެ ކޮންމެ 5
އަންހެނުންގެ ތެރެއިން އެކަކަށް މިބަލި ޖެހެއެވެ. އަންހެނުންނަށް މިބަލި ޖެހުމުން :-
·
ކުރިމަތި ފަރާތުން
ވަސްގަދަ، ފެހި ރީދޫ ކުލައިގެ ދިޔައެއް ބޭރުވުން : މި ދިޔައިގައި އާދަޔާ ޚިލާފު
މަސް ވަސް ކަހަލަ ގަދަ ވަހެއް ހުންނާނެ އެވެ.
·
ކުރިމަތި ފަރާތުގައި ފާރުއުފެދި،
ދިލަނަގައި ރިއްސުން
·
ކުރިމަތި ފަރާތާއި ފަރުޖު
ހިމެނޭ ހިސާބު ހިރުވައި ކެހުން
·
ޖިންސީ ގުޅުން ހިންގާއިރު
ތަދު އިހްސާސްވުން
·
ކުޑަކަމުދާން އުދަގޫވެ،
ކުޑަކަމުދާއިރު ތަދުވުން
·
ގިނަގިނައިން
ކުޑަކަމުދާން ޖެހުން
·
ޖިންސީ ގުނަވަން ހިމެނޭ
ހިސާބު ނުވަތަ ރަހިމުގެ ދޮރު މަތީގައި ރަތްކަމެއްހުރުން
·
ދަށް ބަނޑުގައި ރިހުން :
މިއީ ވަރަށް މަދުން ދިމާވާ ކަމެކެވެ.
ފިރިހެނުންނަށް ޓްރައިކޮމޮނައިއެސިސް ޖެހުން
ގިނަފަހަރު ފިރިހެނުންނަށް މިބަލީގެ ޢަލާމާތްތައް ނުފެނި
ހިގައިދާގޮތް ވެއެވެ. ނަމަވެސް ޕްރޮސްޓޭޓް ގްލޭންޑް އަދި ނަސްލު އުފެއްދުމާއި
ކުޑަކަމުދާ ނިޒާމްގެ ބައިތަކަށް ބަލީގެ އަސަރު ފޯރާގޮތް ވެއެވެ. މިބަލީގެ އަސަރު
ބޮޑަށްކުރަނީ ކުޑަކަމުދާ ހޮޅިއަށާއި، ޚިތާނުނުކޮށް ހުރި ނަމަ އޮމާމަސް ނުވަތަ
ބޯގަނޑު ނިވައިކޮށްދޭ ހަންކޮޅަށެވެ. ފިރިހެނުންނަށް މިބަލި ޖެހުމުން:-
·
ކުޑަަކަމުދާއިރު
ދިލަނަގައި ތަދުވެ، ކުޑަކަމުދާން އުދަގޫވުން
·
ރޭގަނޑު ކުޑަކަމުދެވުން
·
ކުރިމަތި ފަރާތުގައި ފާރު
އުފެދި ތަދުވުން
·
ކުރިމަތި ފަރާތުގެ ކޮޅު
ހިރުވައި ކެހުން
·
މަނިބޭރުވުމަށްފަހު ވެސް
ދިލަނަގައި ތަދުވުން
·
ކުރިމަތި ފަރާތުން
ދިޔައައުން
·
ޕްރޮސްޓޭޓް ދުޅަވުން
ޓްރައިކޮމޮނައިއެސިސް އާއި ވިދިގެން ކުރިމަތިވާ
އެހެނިހެން އުދަގޫތައް
·
ރަހިމުގެ
ދޮރަށް ކެންސަރު ޖެހުން: މިބަލި ޖެހުމަކީ
ރަހިމުގެ ކަރަށް ކެންސަރު ޖެހުމުގެ މަގުފަހިކުރާ ކަމެއް ކަމަށް ބުނެވެއެވެ. އެހެން
ކަމުން އެދެވިގެންވަނީ ބަލީގެ ކުރީކޮޅު ބައްޔަށް ފަރުވާ ލިބިގަތުމެވެ.
·
ދަރިން
ނުލިބުން: މަދު ޙާލަތްތަކެއް ދަރިން ނުލިބޭގޮތް މެދުވެރިވަނީ ގިނަ
އަދަދެއްގެ ޖަރާސީމް ތައް ފިރިހެނާގެ މަނަވީ ހައިވާނާއި އެއްވެއްޖެނަމަ އެވެ.
ނަމަވެސް މިހާލަތުގައި ފަރުވާކޮށް ރަގަޅުވުމުން ދަރިން ލިބުމުގެ ގާބިލިއްޔަތު
އަބުރާ އެމީހަކަށް ލިބިދެއެވެ.
މާބަނޑު ދުވަސްވަރު ޓްރިކަމޮނައިއެސިސް ޖެހުން
މާބަނޑު ދުވަސްވަރު ޓްރިކަމޮނައިއެސިސް ޖެހުމަކީ ފެންދުލި
މާއަވަހަށް ފަޅައިގެންދިއުން އަދި ދުވަސްނުފުރާ ވިހެއުން ކުރިމަތިކުރުވާ ކަމެކެވެ.
މާބަނޑު ދުވަސްވަރު ގެ ތެރެއިން ފަހު 3 މަހު ޓްރައިކޮމޮނައިއެސިސް ޖެހިއްޖެނަމަ
އުފަންވާ ދަރިފުޅުގެ ބަރުދަން ލުއިވެ، އުފަންވާއިރު ރަގަޅަށް ފުރިހަމަ ނުވެ
އުފަންވުން ފަދަ ކަންތައް މެދުވެރި ކުރުވައެވެ. މާބަނޑުމީހާގެ ކިބައިން ދަރިފުޅަށް
ބަލި ވާޞިލްވެއްޖެނަމަ އުފަންވާ ދަރިފުޅަށް ނޭވާލުން އުދަގޫވުން ފަދަ ކަންތައްތައް
މެދުވެރިކުރުވައެވެ.
ޓްރިކަމޮނައިއެސިސް ޖެހިފައިވާކަން ދެނެގަތުން
ޓްރިކަމޮނައިއެސިސް ދެނެގަންނަނީ ބަލިމީހާގެދޭ
މަޢުލޫމާތާއި، ހަށިގަނޑު ބަލާބެލުންތަކުން ލިބޭ މައުލޫމާތު ތަކުގެ އެހީގައެވެ. ފާއިތުވި
ދުވަސްތަކުގައި ޖިންސީގުޅުން ހިންގައިފައިވާ ގޮތާށއި، ޖިންސީ ޢަމަލުތައް
ހުރިނެތްގޮތް ޑޮކްޓަރުން އަހައި އޮޅުން ފިލުވާނެއެވެ. ލެބޯޓަރީ ޓެސްޓެއްގެ
އެހީގައި ބަލި ޖައްސާ ޖަރާސީމު ހަށިގަނޑުގައި ހުރިތޯ ދެނެގަނެވެއެވެ.
އަންހެނުންނަށް "ޕެޕް ޓެސްޓް"(Pap test) ގެ އެހީގައި ނުވަތަ ވެޖަައިނަލް
ސްމިއަރ(Vaginal smear) ގެ އެހީގައި،
ހަށިގަނޑުގައި ޖަރާސީމު ހުރިތޯ ވެސް ދެނެގަނެ ވެއެވެ. އަދި ކަލްޗަރ ކޮށްގެން ވެސް
ޖަރާސީމު ހުރިތޯ ބަލައި އުޅެއެވެ. މީގެ އިތުރުން މިބައްޔާއި ގުޅިގެން ބައެއް
ފަހަރު އެންޓިޖެން ޑިޓެކްޝަން ޓެސްޓު އަދި ޑީއެންއޭ ޕްރޯބް ޓެސްޓު ވެސް ހަދައި
އުޅެއެވެ.
ވަރަށް ގިނަ ފަހަރު ޓްރިކަމޮނައިއެސިސް އާއެކު
ޖިންސީގުޅުމުން އަރާ އެހެން ބަލިތައް ޖެހޭގޮތް ވެއެވެ. އެހެންކަމުން
ޖިންސީގުޅުމުން އަރާ އެހެން ބަލިތައް ވެސް ހުރިތޯ ޓެސްޓުކުރެވެއެވެ. އެގޮތުން ޓްރިކަމޮނައިއެސިސްއަށް
ޓެސްޓުކުރާ އިރު އަންނަނިވި ޖިންސީގުޅުމުން އަރާ ބަލިތަކަށް ޓެސްޓުކުރެވެއެވެ.
·
ކިހުނުވުން
·
ސިފިލިސް
·
އޭޑްސް
ޓްރިކަމޮނައިއެސިސް އަށް ފަރުވާކުރުން
ޓްރިކަމޮނައިއެސިސް އަށް ފަރުވާކުރެވެނީ އެންޓިބަޔޮޓިކް
ބޭނުންކޮށްގެންނެވެ. އެގޮތުން އާންމުކޮށް ބޭނުންކުރެވެނީ މެޓްރަނިޑަޒޯލް އަދި
ޓިނިޑަޒޯލް އެވެ. މެޓްރަނިޑަޒޯލް ބޭނުންކޮށްގެން ފަރުވާ ކުރާ މީހުންގެ ތެރެއިން
95-90 އިންސައްތަ މީހުންގެ ބަލި ފަސޭހަވެ ރަގަޅުވާކަމަށް ތަފާސް ހިސާބުތަކުން
ދައްކައެވެ. އަދި ޓިނިޑަޒޯލް ބޭނުންކޮށްގެން ފަރުވާކުރާ މީހުންގެ ތެރެއިން 100-86
އިންސައްތަ މީހުންގެ ބަލި ފަސޭހަވެ ރަގަޅުވާކަމަށް ތަފާސް ހިސާބުތަކުން
ދައްކައެވެ. މީގެ އިތުރުން ނިމޯރަޒޯލް އަދި ކާރނިޑަޒޯލް ވެސް މިބައްޔަށް
ފަރުވާކުރުމަށް ބޭނުންކުރެވެއެވެ. މިއީ ބަލި ޖައްސާ ޕެރަސައިޓް މަރާލުމުގެ
ގާބިލިއްޔަތު ލިބިފައިވާ ، ގުޅަ ބޭހުގެ ގޮތުގައި
ބޭނުންކުރެވޭ ބޭސް ތަކެކެވެ. ބަލިޖެހިފައިވާ މީހާ އަށް ފަރުވާކުރާއިރު އެއާއެކު
އެކީގައި އެމީހާގެ ބައިވެރިޔާ އަށް ވެސް ފަރުވާކުރަން ޖެހެއެވެ. ފަރުވާކުރަމުންދާ
ދުވަސްވަރު ޖިންސީގުޅުން ހިންގުމާއި ދުރުހެލިވާން ޖެހެއެވެ.
ޓްރިކަމޮނައިއެސިސް އަށް ފަރުވާ ކުރުމަކީ މުހިއްމު
ކަމެކެވެ. މިބައްޔަށް ފަރުވާކުރުމުން:-
·
ބަލީގެ ޖަރާސީމު
ނައްތާލައި، ބަލި ފަސޭހަކޮށްދީ، ބަލީގެ އުދަނގޫތައް ލުއިކޮށްދިނުން
·
ބަލިޖެހިފައިވާ މީހާގެ
ފުށުން އެހެން މީހުންނަށް ބަލި ފެތުރުމުން ރައްކާތެރިކޮށްދިނުން
·
ޕެލްވިކް އިންފެކްޝަން
ޖެހުމުގެ ފުރުޞަތު ކުޑަކުރުން
·
ޕެލްވިކް ސާޖަރީ އެއް ހެދުމަށްފަހު
އިންފެކްޝަން ޖެހުމުގެ ފުރުޞަތު ކުޑަކުރުން
·
ޖިންސީގުޅުމުން އަރާ
އެހެން ބަލިތައް ފެތުރުމުގެ ފުރުޞަތު ކުޑަކުރުން
ޓްރައިކޮމޮނައިއެސިސް އިން ރައްކާތެރިވުން
ޓްރައިކޮމޮނައިއެސިސް އިން ރައްކާތެރިވުމަށް އަންނަނިވި
ކަންތައްތައް ކުރެވިދާނެއެވެ.
·
ޑޮކްޓަރެއްގެ އެހީއާއެކު
އެކަށޭނަ ދޭތެރެ ދުރުކުރާ ވަޞީލަތެއް ޚިޔާރުކުރުން
·
ޢާންމު ފާޚާނާ ބަރިތަކާ
ފަތާ ފެންގަނޑު ފަދަ ތަންތަން ބޭނުންކުރުމާއި ދުރުހެލިވުން
·
ޖިންސީ ގުނަވަން ހިމެނޭ
ހިސާބު ސާފުކުރާއިރު ފަހަތުން ކުރިމައްޗަށް ވާގޮތަށް ސާފު ނުކުރުން
·
އުނަގަނޑާއި ގަޔަށް
މާބާރުކޮށް ހުންނަ އަންނައުނު ބޭނުންކުރުމާއި ދުރުހެލިވުން
·
އިސްލާމީ ހަމަތަކާއި
އުޞޫލްތަކާއި އެއްގޮތްވާގޮތުގެ މަތިން ޖިންސީ ގުޅުން ހިންގުން
o އެއްޖިންސުން ގުޅުން ނުހިންގުން
o ފުރަގަސްފަރާތުން ޖިންސީގުޅުން ނުހިންގުން
o ވަފާތެރި އެކަކު ޚިޔާރުކުރުން
o ހަށިނުވިއްކުން
·
ޖިންސީ ގުޅުން ހިންގާއިރު
ހުރަސް ފަދަ ތަކެތި ބޭނުންކުރުން
·
ބަލި ޖެހިފައިވާނަމަ
ރަގަޅުވަންދެން ޖިންސީ ގުޅުން ހިންގުމާއި ދުރުހެލިވުން
·
ރާބުއިން އަދި މަސްތުވާ
ތަކެތި ބޭނުންކުރުން ފަދަ ކަންތަކާއި ދުރުހެލިވުން: އެއީ މިފަދަ ކަންތައްތަކުގެ
ސަބަބުން ޣައިރު ޝަރުޢީ ގުޅުންތަކަށް މަގުފަހިކުރުވާތީއެވެ.
·
މާބަނޑު ދުވަސްވަރު
ކިހުނުވުން ޖެހިފައިވޭތޯ ބަލައި ދެނެގަނެ ފަރުވާކުރުން
·
ބަލީގެ އަލާމާތެއް
ފެނިއްޖެނަމަ ލަސްނުކޮށް ޑަކްޓަރެއްގެ އިރުޝާދާއި ލަފާހޯދުން
މަޢުލޫމާތު:
·
ޖިންސީ ގުޅުން ހިންގުމުން ޖެހޭ ބަލިތައް – ދުނިޔޭގެ އޭޑްސް
ދުވަސް 2004– ލީފްލެޓް – ޑިޕާޓްމަންޓް އޮފް ޕަބުލިކް ހެލްތު – 2004
·
ޖިންސީ ގުޅުމުން އަރާ ބަލިތައް - – ލީފްލެޓް –
ޑިޕާޓްމަންޓް އޮފް ޕަބުލިކް ހެލްތު – 2002
·
ކަވާސާ.ކޮމް
·
އިންޓަނެޓްގެ ބައެއް
ވެބްސައިޓް ތައް
v helpful article....
ReplyDeletethank you
ReplyDelete