މުހިއްމު ސަފުހާތައް

Wednesday, June 6, 2012

ކްލަމިޑީއާ އިންފެކްޝަން

ކްލަމިޑީއާ އިންފެކްޝަން
ކްލަމިޑީއާ އިންފެކްޝަން(Chlamydia infection)  އަކީ ޖަރާސީމަކުންޖެހޭ ޖިންސީގުޅުމުންއަރާ ބައްޔެކެވެ. މިބައްޔާމެދު ބެލެވިފައިވަނީ ހިމޭން ނުވަތަ މައިތިރި ބައްޔެއްގެ ގޮތުގައެވެ. އެއީ ބަލިޖެހޭ އަންހެނުންގެ ¾ އަދި ފިރިހެނުންގެ ½ މީހުންނަށް މިބަލީގެ އަލާމާތްތައް ނުފެނިދާތީ އެވެ. އަލާމާތްތައް ފެންނަނަމަ 3-1 ހަފްތާއާއި ދެމެދުގެ މުއްދަތެއްގެ ތެރޭގައި ފެންނަށް ފަށާނެއެވެ. މިއީ އެމެރިކާ ފަދަ ގައުމުތަކުގައި ޖިންސީގުޅުމުންއަރާ އެންމެ އާންމު އެއް ބައްޔެވެ.

ފިރިހެނުންގެ ކުޑަކަމުދާ ހޮޅިއަށް އަންހެނުންގެ ކުޑަކަމުދާ ހޮޅިއާއި، ރަހިމުގެ ކަރު، އަދި ނަސްލު އުފައްދާ ނިޒާމަށް ޖެހޭ މިބައްޔަކީ ޖިންސީގުޅުމުން ފެތުރޭ އެންމެ އާންމު ބަލިތަކުގެ ތެރޭގައި ހިމެނޭ ބައްޔެކެވެ. ބޮޑަށް މިބަލި އާންމުވެފައިވަނީ 25-15 އަހަރާއި ދެމެދުގެ ޒުވާނުން (ޚާއްޞަކޮށް އަންހެނުންގެ) ގެ ތެރޭގައި ކަންވެސް ފާހަގަ ކުރެވެއެވެ. އުމުރުން ދުވަސްވީ އަންހެނުންނަށް މިބަލި ޖެހުމުގެ ފުރުޞަތު ބޮޑެވެ. ބަލިޖެހޭ 40 އިންސައްތަ އަންހެނުންނަށް އަދި 20 އިންސައްތަ ފިރިހެނުންނަށް ކްލަމިޑީއާ އިންފެކްޝަން އާއި އެކު ކިހުނުވުން ކުރިމަތިވާކަން ފާހަގަ ކުރެވެއެވެ.

ސަބަބު
ކްލަމިޑީއާ އިންފެކްޝަން ޖެހެނީ ކްލަމިޑީއާ ޓްރެކޮމެޓިސް(Chlamydia trachomatis) އޭ ކިޔާ ޖަރާސީމެއްގެ ސަބަބުން ޖިންސީ ގުނަވަނަން ޖެހޭ ބައްޔެކެވެ. އާންމުގޮތެއްގައި މިބަލީގެ ޖަރާސީމް ހަށިގަނޑަށް ވަންނަނީ ހަންގަނޑާއި އަދި ތެތް ދުލިފަށްތައް ހުރަސްކޮށެވެ. މިޖަރާސީމުގެ ތަފާތު 15 އިމިޔުނޯޓައިޕް ހުރެއެވެ. އެގޮތުން
·         އޭ އިން ފެށިގެން ސީ (A-C)އަށް : ޓްރެކޯމާ ކިޔާ ލޮލުގެ ބައްޔެއް ޖެހުމުގައި ޒިންމާ ވެއެވެ.
·         ޑީ އިން ކޭ (D-K)އަށް : ޖެނިޓަލް ޓްރެކްޓް އިންފެކްޝަން ތައް ޖެއްސުމުގައި ޒިންމާ ވެއެވެ.
·         އެލްވަން  އެލްތްރީ (L1-L2-L3)އަށް : ލިމްފޯގްރެނިޔުލޯމާ ވިނީރިއަމް ކިޔާ ޖިންސީގުޅުމުންއަރާ ބައްޔެއް ޖެހުމުގައި ޒިންމާވެއެވެ
ކްލަމިޑީއާ އާއިލަށް ނިސްބަތްވާ އެހެން ޖަރާސީމު ތަކުގެ ތެރޭގައި "ކްލަމިޑީއާ ސިޓަސީ"(Chlamydia psittaci) ، އަދި "ކްލަމިޑީއާ ނިއުމޯއާ"(Chlamydia pneumonia) އަދި "ކްލަމިޑީއާ ޕިއުރޯރަމް"(Chlamydia puerorum) ހިމެނެއެވެ.

ކްލަމިޑީއާ އިންފެކްޝަންޖެހޭ ގޮތް
·         ބަލިޖެހިފައިވާ މީހަކާއެކު އެއްވެސް ސިފައެއްގައި ޖިންސީ ގުޅުން ހިންގުން
·         ބަލިޖެހިފައިވާ މައިމީހާގެ ފަރާތުން ވިހެއުމުގެ ތެރޭގައި ކުޑަ ދަރިފުޅަށް ބަލިޖެހުން
·         ބަލިޖެހިފައިވާ ފިރިހެނަކާއެކު އެއްޖިންސުން ގުޅުންހިންގުން

ކްލަމިޑީއާ އިންފެކްޝަން ޖެހުމުން ފެނިދާނެ އަލާމާތްތައް
ކްލަމިޑީއާ އިންފެކްޝަން ޖެހުމުން ކުރިމަތިވާ އުނދަގޫތައް ދެޖިންސުގެ ދެމެދުގައި ތަފާތުވުމަކީ ވެދާނެ ކަމެކެވެ. ކްލަމިޑީއާ އިންފެކްޝަން ޖެހުމަކީ އޭޑްސް ފަދަ ބަލިތައް ޖެހުމަށް މަގުފަހިކުރުވާ ކަމެކެވެ. އާންމު ގޮތެއްގައި ބަލިޖެހޭ އަންހެނުންގެ ¾ އަދި ފިރިހެނުންގެ ½ މީހުންނަށް މިބަލީގެ އަލާމާތްތައް ނުފެނިދާކަން ފާހަގަ ކުރެވެއެވެ.

ބަލީގެ އުދަނގޫތައް ފެންނަން ހޭދަވާ މުއްދަތު (Incubation period): ބަލީގެ ޖަރާސީމް ހަށިގަނޑަށް ވަނުމަށްފަހު، ހަށިގަނޑުގައި ގިނަވެ، އިތުރުވެ، އޭގެ ސަބަބުން ބަލީގެ އުދަނގޫތައް ބަލިމީހާ އަށް ކުރިމަތިކުރުވުމަށް ވަކި މުއްދަތެއް ބޭނުން ވެއެވެ. އެގޮތުން ކްލަމިޑީއާ އިންފެކްޝަން ކުރިމަތިކުރުވާ ޖަރާސީމު ހަށިގަނޑަށް ވަނުމަށްފަހު އޭގެ އަލާމާތްތައް ފެނުމާއި ދެމެދު، 3-1 ހަފްތާއާއި ދެމެދުގެ މުއްދަތެއް ހޭދަވެއެވެ. ބައެއް ފަހަރު މިމުއްދަތު ދެތިން ދުވަހުން ފެށިގެން ދެތިން މަސް ދުވަހަށް ދިގުދެމިގެން ދިއުމަކީ ވެސް ވެދާނެ ގޮތެކެވެ.

ފިރިހެނުންނަށް ކްލަމިޑީއާ އިންފެކްޝަން ޖެހުން
އާންމު ގޮތެއްގައި ކްލަމިޑީއާ ޖެހޭ ފިރިހެނުންގެ ތެރެއިން 50-25 އިންސައްތަ މީހުންގެ ފުށުން ބަލީގެ އަލާމާތްތައް ނުފެންނަކަން ފާހަގަ ކުރެވެއެވެ. ފިރިހެނުންނަށް ކްލަމިޑީއާ އިންފެކްޝަން ޖެހުމުން ކުޑަކަމުދާ ހޮޅީގެ ކުރީބައި ހަލާކުވެ، އެހޮޅި ފިތޭގޮތް މެދުވެރި ވެއެވެ. އަދި ކުރިމަތި ފަރާތުން ދޮސް އެކުލެވޭ ފެން ނުވަތަ ދިޔަ އަންނަގޮތް ވެއެވެ. ޒަކަރުގެ ބޯގަނޑު ކައިރިން ހަންފޮޅުން، ކުޑަކަމުދާއިރު ރިއްސުން، ކުޑަކަމުދާ ދޮރުގެ ވަށައިގެންވާ ހިސާބުގައި ހިރުވައި ދިލަނެގުން، އަދި ކުޑަކަމުދާ ތަކެތި ފުސްކޮށް ހުރުން ވެސް ކުރިމަތި ކުރުވައެވެ. އުރަވަޅި ދުޅަވެ، ބީހުމުން ތަދު އިހްސާސްވުން، ލޯރަތްވުން މަދުން ނަމަވެސް ދިމާވެއެވެ.

އަންހެނުންނަށް ކްލަމިޑީއާ އިންފެކްޝަން ޖެހުން
އާންމު ގޮތެއްގައި ކްލަމިޑީއާ ޖެހޭ އަންހެނުންގެ ތެރެއިން 80-70 އިންސައްތަ މީހުންގެ ފުށުން ބަލީގެ އަލާމާތްތައް ނުފެންނަކަން ފާހަގަ ކުރެވެއެވެ. އަންހެނުންނަށް ކްލަމިޑީއާ އިންފެކްޝަން ޖެހުމުން ރަހިމުގެ ކަރު ހަލާކުވުން، ބިސް ދަތުރުކުރާ ހޮޅި ހަލާކުވުން، ކުޑަކަމުދާ ހޮޅި ހަލާކުވުން، އަދި ކުޑަކަމުދާއިރު ދިލަނެގުން، އަދި ކުޑަކަމުދާ ތަކެތި ފުސްކޮށްހުރުން، ފަދަ ކަންތައްތައް މެދުވެރި ކުރުވައެވެ. ބިސް ދަތުރުކުރާ ހޮޅި އަށް އިންފެކްޝަން ވާޞިލްވުމުން ބައެއް މީހުންނަށް އެއްވެސް އަލާމާތެއް ނުވަތަ ނިޝާނެއް ނުފެނި ހިގައިދާނެއެވެ. އަނެއްބައި މީހުންނަށް ދަށްބަނޑުގައި ރިހުން، އުނަގަނޑާއި ހިސާބުން ބުރަކަށީގައި ރިހުން، ހުންއައުން، ވަރުބަލިވުން، މޭނުބައިކުރުން، އަދި ޖިންސީ ގުޅުން ހިންގާއިރު ތަދުވުން ފަދަ ކަންތައްތައް މެދުވެރި ކުރުވައެވެ. މީގެ އިތުރުން ޖިމާޢުވެ ނިމުމުން ކުރިމަތި ފަރާތުން ލޭއައުމާއި، ފަރުޖު ހިރުވައި ކެހުން، ދެމައްސަރު ދޭތެރޭ ކުރިމަތި ފަރާތުން ލޭއައުން، ކުރިމަތި ފަރާތުން ހަޑިއެއްޗެތި އައުން ފަދަ ކަންތައްތައް މެދުވެރި ވެއެވެ. ލޯރަތްވުން ފަދަ ކަންތައްތައް ވެސް ބައެއް ފަހަރު ބައެއް މީހުންނަށް ކުރިމަތި ކުރުވައެވެ.

ތުއްތު ދަރިފުޅަށް ކްލަމިޑީއާ އިންފެކްޝަން  ޖެހުން
މާބަނޑުމީހުންނަށް ކްލަމިޑީއާ އިންފެކްޝަން ޖެހިފައިވަނިކޮށް ލިބޭ ތުއްތު ކުދިންގެ ތެރެއިން 3/2 ކުދިންނަށް ކްލަމިޑީއާ އިންފެކްޝަން ޖެހޭކަން ފާހަގަ ކޮށްލެވެއެވެ. ކްލަމިޑީއާ އިންފެކްޝަން ޖެހިފައިވާ މާބަނޑުމީހާގެ ފުށުން ބަނޑުގައިވާ ތުއްތު ދަރިފުޅަށް ބަލީގެ އަސަރު ފޯރުމުން، ތުއްތު ދަރިފުޅުގެ ލޮލަށް އަސަރުކޮށް ލޯރަތްވެ، ލޮލުގައި މަޑުލައި، ލޮލުރޯގާޖެހި އެންމެ ފަހުން ލޯއަނދިރިވުމަކީ ވެސް ވެދާނެ ގޮތެކެވެ. އެގޮތުން އުފަންވާތާ 13-5 ދުވަހާއި ދެމެދުގެ މުއްދަތެއްގެ ތެރޭގައި ލޯރަތްވެ. ލޮލުގައި މަޑުލައި ލޮލުރޯގާ ކުރިމަތިވުމަކީ ވެދާނެ ގޮތެކެވެ. ޢާންމު ގޮތެއްގައި ލޮލުރޯގާ ގެ މައްސަލަ ދެލޮލަށް ވެސް ކުރިމަތިވާކަން ފާހަގަ ކުރެވެއެވެ. އަދި ބައެއް ފަހަރު މިބަލީގެ ސަބަބުން ތުއްތު ދަރިފުޅަށް ނިއުމޯނިޔާ ޖެހި ނިޔާވުމަކީ ވެސް ވެދާނެ ގޮތެކެވެ. މީގެ އިތުރުން ނޭފަތާއި ކަރާއި، ކަންފަތަށް ބަލީގެ އަސަރުކޮށް ގެއްލުންތައް ވުމަކީ ވެދާނެ ގޮތެކެވެ. މަދުން ނަމަވެސް ހީސްހޮޅި އަށް ބަލީގެ އަސަރު ފޯރައި، ހީސްހޮޅި ދުޅަވާގޮތް ވެއެވެ.

ކްލަމިޑީއާ އިންފެކްޝަން އާއި ގުޅިގެން ކުރިމަތިވެދާނެ އެހެނިހެން އުދަގޫތައް
ފަރުވާ ނުކޮށް ދޫކޮށްލައިފިނަމަ ''ޕެލްވިކް އިންފްލެމޭޓަރީ ބަލި''(PID) ކިޔާ ބައްޔެއް ޖެހެއެވެ. މިބަލި ޖެހެނީ އިންފެކްޝަން ރަހިމު އަދި ބިސްދަތުރުކުރާ ހޮޅި، އަދި ބިސް އުފައްދާތަނަށް ވާޞިލްވުމުންނެވެ. ނަތީޖާއެއްގެ ގޮތުން މިބުނި ބައިތަކާއި އޭގެ ވަށައިގެންވާ ޓިޝޫތަކަށް ލަކުނުލައި، ގެއްލުންދީ ހަލާކު ކޮށްލައެވެ. މިކަމުގެ ސަބަބުން ދިގު މުއްދަތަކަށް އުނަގަނޑު ހިމެނޭ ހިސާބުގައި ރިއްސުން، ރަހިމުން ބޭރުގައި ކުއްޖާ އަށަގަތުން، އަދި ދަރިން ނުލިބޭގޮތް މެދުވެރި ކުރުވައެވެ. ޕެލްވިކް އިންފްލެމޭޓަރީ ބަލި ދިމާވާ 5 އިންސައްތަ އަންހެނުންނަށް މޭގަނޑުގެ ބަލިތައް ޖެހޭގޮތް ވެއެވެ. ރަހިމުގެ ދޮރު ދުޅަވުން، ހީސްހޮޅި ދުޅަވުން، ރަހިމުގެ އެތެރޭ ފަށަލަ ދުޅަވުން، ފަރުޖުގެ ދޮރުމަތީގައިވާ ބާރތޮލިން ގްލޭންޑް ތައް ދުޅަވުމަކީ ވެސް ދިމާވެދާނެ ނުރައްކާތަކެވެ. ބަލީގެ ނުރައްކާތައް ކުރިމަތިވާ މިންވަރު ނިސްބަތުން އަންހެނުންނަށް އިތުރެވެ. ހޯދިފައިވާ ގޮތުގައި ކްލަމިޑީއާ އިންފެކްޝަން ހުރުމަކީ ރަހިމުގެ ދޮރަށް ޖެހޭ ކެންސަރަށް ވެސް މަގުފަހިކުރުވާ ކަމެކެވެ.

މާބަނޑު އަންހެނަކަށް ކްލަމިޑީއާ އިންފެކްޝަން ޖެހުމުން ދިމާވެދާނެ ނުރައްކާތަކުގެ ތެރޭގައި ރަހިމުން ބޭރުގައި ގަރުބަގަތުން، ބައިގެންދިއުން، ދުވަސްނުފުރާ ވިހެއުން، ފެންދުލި މާއަވަހަށް ފަޅައިގެންދިއުން، ދަށްބަނޑުގައި ދާއިމީ ރިހުމެއް ހުރުން، އަދި ޅިނދު ހިމެނޭ ހިސާބުގައިވާ ނަސްލު އުފައްދާ ނިޒާމްގެ ބައިތަކުގައި ލަކުނުލުން ފަދަ ކަންތައްތައް ހިމެނެއެވެ.

ފިރިހެނުންނަށް މިފަދަ އުދަގޫތައް ކުރިމަތިވާލެއް މަދެވެ. ހީސްހޮޅި ދުޅަވުން، އަދި ޕްރޮސްޓޭޓް ގްލޭންޑް ދުޅަވުމުގެ އިތުރުން ބައެއް ފަަހަރު ދަރިފަނި ފައްކާކުރާ ތަނަށް ބަލީގެ އަސަރު ފޯރުމުން އޮށްދުޅަވުމާއި، ހީސްހޮޅީގައި ލަކުނުލައި ހީސްހޮޅި ބެދުން، ހުންއައުން ފަދަ ކަންތައްތައް މެދުވެރި ކުރުވައެވެ. މަދުން ނަމަވެސް އެކަމުގެ ސަބަބުން ދަރިން ނުލިބޭގޮތް ވެއެވެ. ބައެއް ފިރިހެނުންނަށް ހުޅުތައް ދުޅަވުމުގެ މައްސަލަ ވެސް ދިމާވެއެވެ.

ކްލަމިޑީއާ އިންފެކްޝަނާއި ގުޅިގެން ހޮސްޕިޓަލުގައި އެދުމަތިކުރަންޖެހޭ ބައެއް ޙާލަތްތައް
·         ކްލަމިޑީއާ އިންފެކްޝަން ޖެހުމުގެ ސަބަބުން ބިސްދަތުރުކުރާ ހޮޅިއާއި ބިސް އުފައްދާ ތަނުގައި މުލިހި އުފެދުން
·         މާބަނޑު ދުވަސްވަރު ކްލަމިޑީއާ އިންފެކްޝަން ޖެހުން
·         ޑޮކްޓަރަށް ދައްކައިގެން ދެމުން ގެންދިޔަ ފަރުވާ ފޭލްވުން
·         ބަލިޖެހިފައި ވަނިކޮށް މާބޮޑަށް ހަށިގަނޑުގެ ދިފާޢީ ބާރު ދަށްވެގެން ދިއުން
·         އާދަޔާ ޚިލާފަށް ބޮޑަށް ދަށްބަނޑުގައި ރިހުން
·         ގުޅަ ބޭހަށް ތަހައްމަލުނުކުރެވުން
·         ޕެރިހެޕަޓައިޓިސް ކިޔާ މޭގަނޑުގެ ބައްޔެއް ކުރިމަތިވުން

ކްލަމިޑީއާ އިންފެކްޝަން ޖެހިފައިވާކަން ދެނެގަތުން
ކްލަމިޑީއާ އިންފެކްޝަން ދެނެގަތުމަށް ބަލިމީހާދޭ މަޢުލޫމާތާއި، ހަށިގަނޑު ހޯދައި ބަލާ ބެލުމުން ފެންނަ ކަންތައްތައް ވެސް މުހިއްމު ދައުރެއް އަދާކުރެއެވެ. އެގޮތުން އަންހެނުންގެ ޖިންސީގުނަވަން ހިމެނޭ ހިސާބުގައި ބީހުމުން ތަދުވުން، ކުރިމަތި ފަރާތުން ދޮސް ފަދަ އެއްޗެއް އައުން، އަދި ހުންއައުން ފަދަ ކަންތައްތަކަކީ ބަލި ދެނެގަތުމަށް އެހީތެރިވެދޭ ކަންކަމެވެ. ބަލި ޔަގީންކުރުމަށް ދޮސް ނަގައިގެން، މައިކްރޮސްކޯޕުން އޭގައި ޖަރާސީމު ހުރިތޯ ބެލުމާއި، ކަލްޗަރކޮށްގެން ބަލީގެ ޖަރާސީމު ހުރިތޯ ބެލެއެވެ. މީގެ އިތުރުން ކުޑަކަމު ނަޖިސް ނަގައިގެން ވެސް ޖަރާސީމު ހުރިތޯ ބެލެއެވެ.

އާންމުކޮށް ކްލަމިޑީއާ އިންފެކްޝަން ދެނެގަތުމަށް ބަލިމީހާދޭ މައުލޫމާތާއި، ޑޮކްޓަރު ބަލާ ބެލުންތަކާއި، ހަދާ ޓެސްޓުތައް މުހިއްމު ދައުރެއް އަދާކުރެއެވެ. އާންމު ގޮތެއްގައި ކްލަމިޑީއާ އިންފެކްޝަން ޖެހިގެން ޑޮކްޓަރަށް ދެއްކުމުން އަންނަނިވި ސުވާލުތައް ޑޮކްޓަރުން އަހައި އޮޅުން ފިލުވާނެ އެވެ.
·         ޖިންސީގުޅުމުން އަރާ އެއްވެސް ބައްޔެއް ޖެހިފައިވާހެން ހީވޭތޯ؟ އެކަން އެނގުނީ ކިހިނަކުން؟ ބައިވެރިޔާ ބުނީތޯ؟
·         ކުރިމަތިވެފައިވާ އުދަނގޫތަކަކީކޮބާ؟
o       ކުރިމަތި ފަރާތުން ހަޑިއެއްޗެތި އާދޭތަ؟ އަންނަނަމަ އޭގެ ކުލަޔާއި ވަހަކީ ކޮބާ؟
o       ޖިންސީ ގުނަވަން ހިމެނޭ ހިސާބުގައި ފާރުކޮޅެއް ހުރިތޯ؟
o       މާގިނައިން ކުޑަކަމުދެވުން، މާގިނައިން ކުޑަކަމުދެވުން، ކުޑަކަމުދާއިރު ރިއްސައި ދިލަނަގާތޯ؟
o       ޖިންސީގުޅުން ހިންގާއިރު ދަންބަނޑުގައި ރިހޭތަ؟
o       ދެމައްސަރު ދޭތެރޭގައި ލޭއާދޭތޯ؟ ޖިމާޢުވެނިމުމުން ލޭއާދޭތޯ؟
·         ދޭތެރެ ދުރުކުރުމަށް ބޭނުންކުރަނީ ކޮން ކަހަލަ ވަޞީލަތެއް؟ ޖިންސީގުޅުން ހިންގާއިރު ހުރަސް ބޭނުންކުރަންތޯ؟
·         ތިބާ ނުވަތަ ތިބާގެ ހަޔާތުގެ ބައިވެރިޔާ އަކީ ޖިންސީގުޅުމުން އަރާ ބަލިތަކަށް މަގުފަހިވާ ފަދަ ޢަމަލުތައް ހިންގާ ފަރާތެއްތަ؟
·         ކުރިން ޖިންސީ ގުޅުމުން އަރާ ބައްޔެއް ޖެހި ފަރުވާކޮށްފައިވޭތަ؟
ވަރަށް ގިނަ ފަހަރު ކްލަމިޑީއާ އިންފެކްޝަން އާއެކު ޖިންސީގުޅުމުން އަރާ އެހެން ބަލިތައް ޖެހޭގޮތް ވެއެވެ. އެހެންކަމުން ޖިންސީގުޅުމުން އަރާ އެހެން ބަލިތައް ވެސް ހުރިތޯ ޓެސްޓުކުރެވެއެވެ. އެގޮތުން ކްލަމިޑީއާ އިންފެކްޝަނަށް ޓެސްޓުކުރާ އިރު އަންނަނިވި ޖިންސީގުޅުމުން އަރާ ބަލިތަކަށް ޓެސްޓުކުރެވެއެވެ.
·         ކިހުނުވުން
·         ސިފިލިސް
·         އޭޑްސް
·         ބެކްޓީރިޔަލް ވެޖައިނޯސިސް
ކްލަމިޑީއާ އިންފެކްޝަންގެ ފަރުވާ
އެކަށޭނަ ގޮތުގައި ބަލީގެ ކުރީކޮޅު ފަރުވާ ކުރެއްވިއްޖެނަމަ ކްލަމިޑީއާ އިންފެކްޝަން އަކީ އިތުރު ނުރައްކާތަކެއް ބަލީގެ ސަބަބުން ކުރިމަތިވުމަކާ ނުލައި ރަގަޅު ކުރެވޭނެ ބައްޔެކެވެ. ކްލަމިޑީއާ އިންފެކްޝަނަށް ފަރުވާ ބޭނުންވާނީ އަންނަނިވި ފަރާތްތަކަށެވެ.
·         ކްލަމިޑީއާ އިންފެކްޝަން ދެނެގަތުމަށް ހެދޭ ޓެސްޓަށް ޕޮޒިޓިވްވުން
·         ކްލަމިޑީއާ އިންފެކްޝަން ޖެހިފައިވާ މީހަކާއެކު ފާއިތުވި 2 މަސް ދުވަހުގެ ތެރޭގައި ޖިންސީގުޅުން ހިންގާފައިވާ މީހުން
·         ކްލަމިޑީއާ އިންފެކްޝަން ޖެހިފައިވާ މާބަނޑުމީހުންނަށް ލިބޭ ތުއްތުކުދިން
ކްލަމިޑީއާ އިންފެކްޝަން އަކީ ފަރުވާކުރުމުން ފަސޭހަ ކުރެވޭ ބައްޔެކެވެ. ކްލަމިޑީއާ އިންފެކްޝަންގެ ފަރުވާގައި ދެވެނީ އެންޓިބަޔޮޓިކެވެ. އެގޮތުން އެޒިތްރޯމައިސިން އެންމެ ފަހަރަކު ދީއުޅެއެވެ. މީގެ އިތުރުން ބައެއް ފަހަރު ޑޮކްސީސައިކްލިން ދުވާލަކު 2 ފަހަރު ހަފްތާއެއްގެ މުއްދަތަށް ދޭން ޖެހެއެވެ. ފަރުވާގެ ގޮތުގައި ދެވޭ އެންޓިބަޔޮޓިކް ގަވާޢިދުން ބޭނުންކުރުމަކީ ވަރަށް މުހިއްމު ކަމެކެވެ. އަދި ބަލިޖެހިފައިވާ މީހާ ފަރުވާކުރާއިރު އެއާއެކު އެކީގައި ހަޔާތުގެ ބައިވެރިޔާ ވެސް ބައްޔަށް ފަރުވާކުރުމަކީ މުހިއްމު ކަމެކެވެ. މީގެ އިތުރުން ކްލަމިޑީއާ އިންފެކްޝަން ޖެހިފައިވާކަން އެނގޭ ހިސާބުން ފެށިގެން، ތިބާ އާއެކު ޖިންސީގުޅުން ހިންގާފައިވާ މީހުންނަށް (ޚާއްޞަކޮށް ފާއިތުވި 2 މަސް ދުވަހުގެ ތެރޭގައި) އެޚަބަރުދީ ބައްޔަށް ޓެސްޓުކުރުމަށް އިރުޝާދު ދޭން ޖެހޭނެއެވެ. ފަރުވާ ނިމުމަށްފަހު 12-3 މަހާއި ދެމެދުގެ މުއްދަތެއްގެ ތެރޭގައި އަލުން ކްލަމިޑީއާ އަށް ޓެސްޓުކުރުމަކީ މުހިއްމު ކަމެކެވެ.

ކްލަމިޑީއާ އިންފެކްޝަންގެ ފަރުވާ ނެގުމަށްފަހު 7 ދުވަސް ވަންދެން ޖިންސީގުޅުން ހިންގުމާއި ދުރުހެލިވާން ޖެހެއެވެ. އަދި ފަރުވާ ނަގަމުންދާ ދުވަސްވަރު ވެސް ޖިންސީގުޅުން ހިންގުމާއި ދުރުހެލިވުމަކީ މުހިއްމު ކަމެކެވެ.

ކްލަމިޑީއާ އިންފެކްޝަން އިން ރައްކާތެރިވުން
ކްލަމިޑީއާ އިންފެކްޝަން އިން ރައްކާތެރިވުމަށް އަންނަނިވި ކަންތައްތައް ކުރެވިދާނެއެވެ.
·         އިސްލާމީ ހަމަތަކާއި އުޞޫލްތަކާއި އެއްގޮތްވާގޮތުގެ މަތިން ޖިންސީ ގުޅުން ހިންގުން
o       އެއްޖިންސުން ގުޅުން ނުހިންގުން
o       ފުރަގަސްފަރާތުން ޖިންސީގުޅުން ނުހިންގުން
o       ވަފާތެރި އެކަކު ޚިޔާރުކުރުން
o       ހަށިނުވިއްކުން
·         ޖިންސީ ގުޅުން ހިންގާއިރު ހުރަސް ފަދަ ތަކެތި ބޭނުންކުރުން
·         ބަލި ޖެހިފައިވާނަމަ ރަގަޅުވަންދެން ޖިންސީ ގުޅުން ހިންގުމާއި ދުރުހެލިވުން 
·         އަހަރަކު އެއްފަހަރު ކްލަމިޑީއާ އިންފެކްޝަން ޖެހިފައިވޭތޯ ބެލުމަށް ޓެސްޓް ކުރުން
·         ބަލީގެ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ޑަކްޓަރެއްގެ އިރުޝާދާއި ލަފާހޯދުން

މަޢުލޫމާތު:
·         ޖިންސީ ގުޅުން ހިންގުމުން ޖެހޭ ބަލިތައް – ދުނިޔޭގެ އޭޑްސް ދުވަސް 2004– ލީފްލެޓް – ޑިޕާޓްމަންޓް އޮފް ޕަބުލިކް ހެލްތު – 2004
·         ޖިންސީ ގުޅުމުން އަރާ ބަލިތައް - – ލީފްލެޓް – ޑިޕާޓްމަންޓް އޮފް ޕަބުލިކް ހެލްތު – 2002
·         ކަވާސާ.ކޮމް
·         އިންޓަނެޓްގެ ބައެއް ވެބްސައިޓް ތައް


No comments:

Post a Comment