ޖެނިޓަލް
ވޯރޓްސް
ޖެނިޓަލް ވޯރޓްސް އަކީ ޖިންސީ ގުޅުމުގެ ޒަރިއްޔާއިން
ގައިންގަޔަށް އަރައި ފެތުރޭ ބައްޔެކެވެ. މިއީ ''ހިއުމަން ޕެޕިލޯމާ ވައިރަސް''(Human Papilloma Virus) ގެ ސަބަބުން ޖެހޭ ބައްޔެކެވެ.
މިބަލި ޖެހުނަސް ގިނަފަހަރު އޭގެ އަލާމާތްތައް ނުފެނި ދެއެވެ. ނަތީޖާއެއްގޮތުން
ބަލިހުރެ، އެކަން ނޭގި އެހެންމީހުންނަށް ޖިންސީ ގުޅުމުގެ ޒަރީޢާއިން ބަލި އެރުމުގެ
ފުރުޞަތު ބޮޑުވެގެން ދެއެވެ. ޢަލާމާތްތައް ފެންނަނަމަ ބަލިޖެހިފައިވާ މީހާއާ
ޖިންސީ ގުޅުން ހިންގާތާ ދެތިން ހަތަރު ހަފްތާގެ ތެރޭގައި ބަލީގެ ޢަލާމާތްތައް
ފެންނާނެއެވެ. ބައެއް ފަހަރު މިބައްޔަށް "ކޮންޑައިލޯމާ އެކިއުމިނޭޓާ"(Condyloma acuminate) ގެ ނަމުން މުޚާތަބުކޮށް އުޅެއެވެ.
ވައިރަހުން ޖެހޭ ޖިންސީ ގުޅުމުން ފެތުރޭ ބަލިތަކުގެ ތެރެއިން އެންމެ ޢާންމު
އެއްބައްޔަކީ މިއެވެ.
ޖެނިޓަލް ވޯރޓްސް އާންމުކޮށް ޖެހެނީ ޖިންސީގޮތުން އެންމެ
ހީވާގި އުމުރު ފުރާގެ ދެޖިންސުގެ ޒުވާނުންނަށެވެ. ޚާއްޞަކޮށް އުމުރުން 33-17
އަހަރާއި ދެމެދުގެ ޒުވާނުންނަށް ކަން ފާހަގަ ކުރެވެއެވެ. މިއީ ވަރަށް ފަސޭހައިން
ގައިންގަޔަށްއަރާ ބައްޔެކެވެ. ޖެނިޓަލް ވޯރޓްސް ޖެހިފައިވާ މީހަކާއެކު އެންމެ
ފަހަރަކު ޖިންސީ ގުޅުން ހިންގުމުން ވެސް ބަލިޖެހުމުގެ ފުރުޞަތު 60 އިންސައްތަ
އޮވެއެވެ. އުމުރުން 3 އަހަރުން ދަށުގެ ކުދިންނަށް ޖިންސީ ގުޅުން ނުހިންގައި
ހަމައެކަނި އަތުން ބީހިގެން ވެސް ބަލި ޖެހިދާނެ އެވެ. މާނައަކީ ބަލިޖެހިފައިވާ
މީހެއްގެ އަތް އޭނާ ކުރިމަތި ފަރާތް ނުވަތަ ފުރަގަސް ފަރާތުގައި އަތްލައި
ހެދުމަށްފަހު ރަގަޅަށް ނުދޮވެ އަތް ބަލި ޖައްސާ ވައިރަސް އާއި ތަޣައްޔަރުވެފައި
ހުއްޓައި ކުޑަކުއްޖެއްގެ ޖިންސީ ގުނަވަނުގައި އަތްލައި ހަދައިފިނަމަ އެކުއްޖަކަށް
ބަލިޖެހިދާނެ އެވެ. ގިނަ ފަހަރު މިގޮތަށް ބަލިއަރަނީ ޖިންސީ ގޯނާކުރުން ފަދަ
އަމަލުތަކުގެ ތެރޭގައި ކަން ހަދާން ކުރަން ޖެހެއެވެ. މިބަލިޖެހޭ މީހުންގެ ތެރެއިން
20 އިންސައްތަ މީހުންނަށް ބައްޔާއެކު ޖިންސީގުޅުމުން ޖެހޭ އެހެނިހެން ބަލިތައް
ޖެހޭކަން ފާހަގަކޮށް ލެވެއެވެ.
އިގިރޭސި ވިލާތުގައި ކްލަމިޑީއާ އިންފެކްޝަން އަށްފަހު
ދެން އެންމެ އާންމު ގޮތެއްގައި ފެތުރޭ ޖިންސީ ގުޅުމުން ޖެހޭ ބައްޔަކީ ޖެނިޓަލް
ވޯރޓްސް އެވެ.
ޖެނިޓަލް ވޯރޓްސް ޖެހޭ ސަބަބު އަދި ޖެހޭގޮތް
ޖެނިޓަލް ވޯރޓްސް ޖެހެނީ ''ހިއުމަން ޕެޕިލޯމާ ވައިރަސް''(Human Papilloma Virus) އިންނެވެ. ހިއުމަން ޕެޕިލޯމާ
ވައިރަސްގެ 100 އަށްވުރެ ގިނަ ވައްތަރު މިހާތަނަށް ހޯދިފައިވާއިރު އޭގެތެރެއިން
ޖިންސީ ގުނަވަނަށް ބަލި ޖައްސަނީ 40 ވައްތަރުންކަން މިހާތަނަށް ހޯދިފައި ވެއެވެ.
ޖެނިޓަލް ވޯރޓްސްގެ 90 އިންސައްތައަށްވުރެ ގިނަ އިންފެކްޝަން ކުރިމަތިވަނީ ހިއުމަން
ޕެޕިލޯމާ ވައިރަސްގެ ޚާއްޞަ ދެވައްތަރު ކަމުގައިވާ ހިއުމަން ޕެޕިލޯމާ ވައިރަސް 6(HPV6) އަދި ހިއުމަން ޕެޕިލޯމާ ވައިރަސް 11 (HPV11)އިންނެވެ. މިވައިރަސް
ތަކާމެދު ބެލެވެނީ "ނުރައްކާ ކުޑަ"(low risk) ވައިރަސް ތަކުގެ ގޮތުގައެވެ.
ސަބަބަކީ މިވައިރަސްތަކުގެ ސަބަބުން ޖެނިޓަލް ވޯރޓްސް ޖެހި ގިނަ ދުވަސް ވިޔަސް
ކެންސަރަށް ބަދަލުވުމުގެ ނުރައްކާ ނުވަތަ ފުރުޞަތު ކުޑަވާތީ އެވެ. ބައެއް އެހެން
ވައްތަރުތަކުގެ ހިއުމަން ޕެޕިލޯމާ ވައިރަސް އިން ކެންސަރަށް ބަދަލުވުމުގެ ފުރުޞަތު
އޮވެއެވެ. އަދި ރަހިމުގެ ދޮރަށް ކެންސަރު ޖެއްސުމުގައި ހިއުމަން ޕެޕިލޯމާ
ވައިރަސްގެ ބައެއް ވައްތަރުތައް ބައިވެރި ވެއެވެ. ހިއުމަން ޕެޕިލޯމާ ވައިރަސް 16(HPV16)
އަކީ "ނުރައްކާ ބޮޑު"(high risk) ވައިރަސް އެކެވެ. ރަހިމުގެ ދޮރަށް
ޖެހޭ ކެންސަރުގެ 50 އިންސައްތަ އަކީ މިވައްތަރުގެ ވައިރަސް އިންޖެހޭ ކެންސަރެވެ. މިވައްތަރުގެ
ނުރައްކާ ބޮޑު އެހެން ވައިރަސް ތަކުގެ ތެރޭގައި ހިއުމަން ޕެޕިލޯމާ ވައިރަސް 18،
ވައިރަސް31، ވައިރަސް33، ވައިރަސް35 އަދި ވައިރަސް45 ހިމެނެއެވެ. ހިއުމަން
ޕެޕިލޯމާ ވައިރަސްގެ "ނުރައްކާ ބޮޑު" ވައްތަރު ތަކަށް "ކެންސަރު
ޖައްސަނިވި ހިއުމަން ޕެޕިލޯމާ ވައިރަސް" ގެ ވައްތަރުތަކޭ ކިޔައެވެ.
ގަބޫލުކުރެވޭ ގޮތުގައި ރަހިމުގެ ދޮރު ކެންސަރު ޖެއްސުމުގައި 100 އިންސައްތަ ހިއްސާ
ކުރަނީ ހިއުމަން ޕެޕިލޯމާ ވައިރަސް އެވެ.
އާންމުކޮށް ހަށިގަނޑުގައި އުން(Common warts) ނަގަނީ ވެސް ހިއުމަން ޕެޕިލޯމާ
ވައިރަސްގެ ހަމަށް އިންފެކްޝަން މެދުވެރިކުރުވާ ވައްތަރު ތަކުންނެވެ. ވައިރަސްގެ
ޓުކުޅުތައް ހަމާއި، ތެތްދުލިފަށަލަ ހުރަސްކޮށް ހަށިގަނޑުގެ އެތެރެއަށް ވަންނަނީ
ޖިންސީ ގުޅުމުގެ ތެރޭގައި ކުޑަކުޑަކޮށް ހަންމަށައިގެން(Microscopic abrasions) ދިއުމުންނެވެ. ހަށިގަނޑުގެ
ސެލްތަކަށް ވައިރަސް ވާޞިލްވުމަށްފަހު، އެއްވެސް އަލާމާތެއް ނުފެނި ގިނަ
ދުވަސްތަކެއް (ދެތިން ހަތަރު ހަފްތާ / ދެތިން މަހުން ފެށިގެން ދެތިން އަހަރަށް)
ހޭދަވުމަކީ އެކަށީގެންވާ ކަމެކެވެ. އަދި މިމުއްދަތުގެ ތެރޭގައި ބަލީގެ އެއްވެސް އުދަނގުލެއް
ނުވަތަ އަލާމާތެއް ނުފެންނާނެ އެވެ. ބައެއް ފަހަރު އެއްވެސް އަލާމާތެއް ނުފެނި
ހިގައިދާނެ އެވެ. އާންމުގޮތެއްގައި ބަލިޖެހިފައިވާ މީހަކާ އެކު ޖިންސީ ގުޅުން
ހިންގާ މީހުންގެ ތެރެއިން ދެބައިކުޅަ ތިންބައި މީހުންގެ ހަށިގަނޑުން ޖިންސީ ގުޅުން
ހިންގާތާ 3 މަސް ފަހުން އޭގެ އަލާމާތްތައް ފެންނާނެ އެވެ.
ބަލިޖެހުމުގެ ފުރުޞަތު ބޮޑު ފަރާތްތައް
ނުސީދާ ގޮތެއްގައި އަންނަނިވި ފަރާތްތަކަށް ބަލިޖެހުމުގެ
ފުރުޞަތު ބޮޑުކަން ފާހަގަ ކުރެވެއެވެ.
·
ދޭތެރެދުރުކުރުމަށް ބޭސް
ބޭނުންކުރާ މީހުން
·
ޖިންސީ ގުޅުން ހިންގާއިރު
ހުރަސް ބޭނުން ނުކުރާ މީހުން
·
ބައިވަރު މީހުންނާއެކު
ޖިންސީ ގުޅުން ހިންގާ މީހުން
·
ޅައުމުރުގައި ޖިންސީ
ގުޅުން ހިންގަން ފަށާ މީހުން
·
ދުންފަތުގެ
އިސްތިޢުމާލުކުރާ މީހުންނާއި މަސްތުވާތަކެތި ބޭނުންކުރާ މީހުން
·
ދިފާޢީ ބާރު ދަށްވެފައިވާ
މީހުން
ބަލިފެތުރޭގޮތް: ޖެނިޓަލް ވޯރޓްސް ޖެހެނީ
ނުވަތަ ފެތުރެނީ ބަލިޖެހިފައިވާ މީހާއާއެކު އެއްވެސް ސިފައެއްގައި ޖިންސީ ގުޅުން
ހިންގައިފި ނަމައެވެ. މިސާލަކަށް:-
·
ބަލިޖެހިފައިވާ
މީހަކާއެކު ކުރިމަތި ފަރާތް ބޭނުންކޮށްގެން ޖިމާޢުވުން
·
ބަލިޖެހިފައިވާ
މީހަކާއެކު ފުރަގަސް ފަރާތް ބޭނުންކޮށްގެން ޖިމާޢުވުން
·
ބަލިޖެހިފައިވާ
މީހަކާއެކު އަނގަ ބޭނުންކޮށްގެން ޖިންސީގުޅުން ހިންގުން
ޖެނިޓަލް ވޯރޓްސް ޖެހުމުން ފެނިދާނެ
އަލާމާތްތައް
ޖެނިޓަލް ވޯރޓްސް ޖެހުމުން ޖިންސީ ގުނަވަނާއި އޭގެ
ވަށައިގެންވާ ހިސާބުތަކުގައި އުންތަކެއް ހެން ހުންނަ ހަންކޮޅު ތަކެއް އުފެދެއެވެ.
އާންމު ގޮތެއްގައި މިހަންކޮޅުތައް އުފެދެނީ ފުރަގަސް ފަރާތް، އަދި ޖިންސީ ގުނަވަން
ފަދަ ހޫނު ތެތްކަން އެކުލެވޭ ހިސާބު ތަކުގައެވެ. މިބުނި ހަންކޮޅުތައް އެންމެ
ހަންކޮޅެއް ނުވަތަ ބައިވަރު ހަންކޮޅުތަކުގެ ސިފައިގައި ވެސް ފާޅުވެދާނެ އެވެ.
މިހަންކޮޅުތައް ކުދިކުދިކޮށް ނުވަތަ ބޮޑުކޮށް ހުރުމަކީ ވެސް ވެދާނެ ގޮތެކެވެ.
ޖިންސީ ގުނަވަން ހިމެނޭ ހިސާބުގައި އުންތަކެއްގެ
ސިފައިގައި އުފެދޭ މިހަންކޮޅުތަކަށް ތަދެއް ނުވާނެއެވެ. ނަމަވެސް އުދަނގޫތަކެއް ވެދާނެއެވެ. އެކަން ބަރޯސާވަނީ
އުމުގެ ސިފައިގައި ހުރި ހަންކޮޅުތައް ހުރިތަން، ސައިޒުގެ މައްޗަށެވެ. ބައެއް
ފަހަރު ހިރުވާތީ ވެސް އުދަނގޫ ވެދާނެ އެވެ. މިހަންކޮޅުތަކުގެ ސައިޒު އުޅެނީ އެއް
މިލިމީޓަރުން ފެށިގެން އެއް ސެންޓިމީޓަރާއި ދެމެދުގައެވެ.
އުންތަކެއްހެން އުފުލިފައި ހުންނަ މިހަންކޮޅުތަކުގެ ސަތަހަ
ހުންނަނީ މަޑު ރަތްކުލައިގައެވެ. ފަސޭހަ ކަމާއެކު މިބުނި ހަންކޮޅުތަކުން ލޭހިލޭ
ގޮތް ވެއެވެ. މިބަލި ޖެހުމަކީ އަންހެނުންގެ ކުރިމަތި ފަރާތަށް ކެންސަރު ޖެހުމުގެ
ފުރުޞަތު އިތުރުކުރުވާ ކަމެއްކަމަށް ދިރާސާތަކުން ދައްކައެވެ.
އަންހެނުންނާއި ފިރިހެނުންނަށް ވެސް ޖެނިޓަލް ވޯރޓްސް
ޖެހުމުން ފެންނަ އާންމު އަލާމާތްތަކީ، ތަދު ނުހުންނަ ދުޅައެއް އުފެދުން، ހިރުވައި
ކެހުން، އަދި ކުރިމަތިފަރާތުން ދޮސް ފަދަ ހަޑިއެއްޗެތި އައުމެވެ. ވަރަށް މަދު
ފަހަރަކު ހީސް ބޭރުވާ ހޮޅިއަށް ބަލީގެ އަސަރުކޮށްފިނަމަ، ކުރިމަތި ފަރާތުން
ލޭއައުމާއެކު ކުޑަކަމުދިއުމަށް ދަތިވެ އުދަނގޫވެއެވެ.
ނޯޓް: ބަލިޖެހިފައިވާ މީހަކާއެކު އަނގަ ބޭނުންކޮށްގެން
ޖިންސީ ގުޅުން ހިންގައިފިނަމަ ޖެނިޓަލް ވޯރޓްސްގެ އަސަރު ތުންފަތް، އަނގަ، ދޫ،
އަދި ކަރުން ފެނުމަކީ ވެދާނެ ގޮތެކެވެ.
ފިރިހެނުން: ފިރިހެނުންގެ
ހަށިގަނޑުގައި ޖެނިޓަލް ވޯރޓްސް ކުރިމަތިވަނީ ހީސްހޮޅި، ފިރިހެންހަށި، އުރަވަޅި،
އަދި ފުރަގަސް ފަރާތަށެވެ. ބައެއް ފަހަރު އުކުޅުވަޅު، ފައިވަޅު، ދުރަނުގެ
ވަށައިގެންވީ ހިސާބުގައި ބަލީގެ އަސަރު ހުރެދާނެ އެވެ. މިގޮތުން އުފެދޭ އުންފާޑުގެ
ތަންތަން މަޑުކޮށް ނުވަތަ ހަރުކޮށް ވެސް ހުރެދާނެ އެވެ. ބައެއް ފަހަރު ނިކުމެފައި
ހުންނަ އިގިލިތަކެއްގެ ސިފަޔަށް (ފުރަގަސް ފަރާތަށް ކުރިމަތިވާ ޖެނިޓަލް ވޯރޓްސް)
ވެސް ހުރެދާނެ އެވެ. ބައެއްފަހަރު ''ކޮލިފްލާވަރ''(Cauliflower) ގެ ސިފަޔަށް ވެސް މިބުނި
ހަންކޮޅުތައް އުފެދިފައި ހުރެދާނެއެވެ. އުމުގެ ސިފަޔަށް ގިނަ ތަންތަންކޮޅު
އުފުލިފައި ހުއްޓަސް ބައެއް ފަހަރު ފަތިކޮށް ވަރަށް ކުޑަ އުފުލުމެއް ހަމުގެ
މައްޗަށް ހުރެދާނެ އެވެ. ބައެއް ފަހަރު ބައްޔާއި ގުޅިގެން ނަގާ އުންފާޑުގެ
އުފުލުން އިސްތަށިތަކުގެ ތެރޭގައި ފޮރުވިފައި ވެސް ހުރެދާނެ އެވެ. ނުވަތަ ޚިތާނުގެ
ނުކުރާ ފިރިހެނުންގެ އޮމާމަސް ނިވައިކޮށްދޭ ހަންކޮޅުގެ ތެރޭގައި ފޮރުވިފައި ވެސް
ހުރެދާނެ އެވެ.
އަންހެނުން: އަންހެނުންގެ
ހަށިގަނޑުގައި ވެސް ބައްޔާއި ގުޅިގެން އުފެދޭ އުންފާޑުގެ އުފުލުން ހުންނަނީ
ފިރިހެނުންގެ ހަށިގަނޑުގައި އުފެދޭ ތަންތަންކޮޅާއި ދާދި އެއްގޮތަކަށެވެ. ނަމަވެސް
އަންހެނުންގެ ހަށިގަނޑުގައި މިތަންތަންކޮޅު ބޮޑަށް އުފެދެނީ ފަރުޖުގެ ވަށައިގެންވާ
ކުޑަ ދެތުންފަތާއި، ފަރުޖުގެ ދޮރުމަތީގައެވެ. އެހެންކަމުން ފަރުޖުގެ ހޮޅި،
ރަހިމުގެ ދޮރު، އަދި ފުރަގަސް ފަރާތް ބައްޔާއި ގުޅިގެން ނަގާފައިވާ ތަންތަންކޮޅު
ހުރިތޯ ރަގަޅަށް ބަލަން ޖެހޭނެ އެވެ. ފަރުޖަށްދިމާވާ ޖެނިޓަލް ވޯރޓްސްގެ
އަލާމާތްތައް ވަރަށް ގިނަ ފަހަރު ނުފެނި ހިގައިދާނެއެވެ. ވަރަށް މަދު ފަހަރަކު
ޖިންސީ ގުޅުން ހިންގައި ނިމުމުން ކުރިމަތި ފަރާތުން ދޮސް އަދި ލޭއައުމާއެކު
ހިރުވާކެހުން މެދުވެރިވުމަކީ ވެދާނެ ގޮތެކެވެ. ބައެއް ފަހަރު ޖިންސީ ގުޅުން
ހިންގުމުގެ ތެރޭގައި އަދި ޖިންސީ ގުޅުން ހިންގުމަށްފަހު ވެސް އަންހެނާގެ ކުރިމަތި
ފަރާތުން ލޭއައުމަކީ ވެދާނެ ގޮތެކެވެ.
ޖެނިޓަލް ވޯރޓްސް ދިގުލައިދިއުމުން މެދުވެރިވާ
މައްސަލަތައް
·
ފަރުޖުގެ ކެންސަރު
·
ރަހިމުގެ ދޮރުގެ ކެންސަރު
·
ފިރިހެން ހަށީގެ ކެންސަރު
·
ފުރަގަސް ފަރާތުގެ
ކެންސަރު
·
ކުޑަކަމުދިއުމަށް
ދަތިވުން : މިއީ ޖެނިޓަލް ވޯރޓްސްގެ އަސަރު ކުޑަކަމުދާ ހޮޅިއަށް ކުރުމުން ވެދާނެ
ގޮތެކެވެ.
·
މާބަނޑު ދުވަސްވަރު
ޖެނިޓަލް ވޯރޓްސް ޖެހުމުން ވިހެއުމުގައި ދިމާވާ މައްސަލަތައް
·
މާބަނޑު ދުވަސްވަރު
ޖެނިޓަލް ވޯރޓްސް ޖެހުމުން ބަނޑުގައިވާ ދަރިފުޅަށް ބަލީގެ އަސަރުކުރުން: އެގޮތުން
އާންމުކޮށް ބަލީގެ އަސަރު ކުރަނީ ތުއްތު ދަރިފުޅުގެ އަނގަ ނުވަތަ ކަރުތެރެއަށެވެ.
ޖެނިޓަލް ވޯރޓްސް ދެނެގަތުން
ޖެނިޓަލް ވޯރޓްސް ދެނެގަނެވެނީ ބަލިމީހާދޭ މަޢުލޫމާތާއި،
ހަށިގަނޑުބަލައިގެން ފެންނަ ކަންތައްތަކުގެ އަލީގައެވެ.
·
ބަލިޖެހުމުން ބަލި
ދެނެގަތުމަށް ބައެއް ފަހަރު ބައްޔާއި ގުޅިގެން އުފެދޭ އުންފާޑުގެ ތަންތަންކޮޅު(lesion)
ފެންނަނީ "އެސީޓޯވައިޓްނިންގ"(Acetowhitening) ކިޔާ ޓެކްނީކެއްގެ އެހީގައެވެ.
މިޓެކްނީކްގެ އެހީގައި އެސީޓިކް އެސިޑް %5 ސޮލިއުޝަން ބަލި ހުރިކަމަށް
ޝައްކުކުރެވޭ ހިސާބުގައި އުގުޅާފައި 10-5 މިނިޓްވަރު ވަންދެން ބަހައްޓާނީ އެވެ.
ބަލިހުރި ހިސާބު ހުދުކުލައަށް ބަދަލުވާނެއެވެ.
·
ކޮލޮސްކަޕީ (Coloscopy): ބައެއް ފަހަރު ޓޯޗެއް ފަދަ
އެއްޗަކުން އަލިކޮށްގެން ބަލީގެ އަސަރު ހުރިތޯ ބަލަންޖެހެއެވެ. މިސާލަކަށް
ރަހިމުގެ ދޮރު، ފަރުގެ އެތެރޭގައި ބަލީގެ އަސަރު ހުރުމަށް މިގޮތަށް
''ކޮލޮސްކޯޕް"(Coloscope) އެއްގެ އެހީގައި ބަލަންޖެހޭނެއެވެ.
·
ޕެޕް ސްމިއަރ (Pap smear): މިޓެސްޓް އަބަދުވެސް ހަދަން
ޖެހެއެވެ. ސަބަބަކީ މިއީ ރަހިމުގެ ދޮރަށް ކެންސަރު ޖެހުމުގެ ފުރުޞަތު އޮތްކަން
ނުވަތަ ނެތްކަން އަންގައިދޭނެ ޓެސްޓަކަށް ވާތީ އެވެ. މިޓެސްޓް ހެދުމަށް ޖިންސީ
ގުނަވަން ފުޅާކޮށް ހުޅުވާލުމަށް "ސްޕެކިއުލަމް"(Speculum) އެއް ބޭނުންކުރާނެ އެވެ. އެއަށްފަހު
ދިގު އަދަވާތެއް ބޭނުންކޮށްގެން ރަހިމުގެ ދޮރުން ނަމޫނާ އަކަށް ސެލްތަކެއް
ނަގާނެއެވެ. އެއަށްފަހު މިސެލްތަކުގައި އެއްވެސް ކަހަލަ އާދަޔާ ޚިލާފު ކަމެއް
ހުރިތޯ ބެލުމަށް ޓެސްޓުކުރެވެއެވެ.
·
ބަޔޮޕްސީ (Biopsy):
މިއީ ބަލީގެ އަސަރު ހުރި ހިސާބުން އެތިކޮޅެއް ނަގައިގެން ޓެސްޓުކުރުމެވެ. ބަލީގެ
އަސަރު ހުރި ހިސާބު އާދަޔާ ޚިލާފު ގޮތަކަށް ހުރިނަމަ، ނުވަތަ ފަރުވާއަށްފަހު
އަނެއްކާ ވެސް އެހިސާބަކުން ބަލީގެ އަސަރު ފެނިއްޖެނަމަ ބަޔޮޕްސީ ހެދުމަކީ
ބޭނުންތެރި ކަމެކެވެ. ބަޔޮޕްސީ ހަދަންޖެހިދާނެ ހާލަތްތަކަކީ:-
o ޖެނިޓަލް ވޯރޓްސްކަން ކަށަވަރުނުވުން
o ފަރުވާއިން ބަލިރަގަޅުނުވުން
o ފަރުވާ ކުރަމުން ދިޔައިރު އިތުރަށް ބަލިގޯސްވުން
o ބަލީގެ އަސަރު ހުރި ހިސާބު އާދަޔާ ޚިލާފަށް ހުރުން
o ބަލިމީހާގެ ދިފާޢީ ބާރު ދަށްވެފައިހުރުން
o ވޯރޓްސްގައި ކުލަޖެހި، ހަރުވެ، ލޭއައިސް ފާރުވުން
·
ހިއުމަން ޕެޕިލޯމާ
ވައިރަސްގެ ސަބަބުން ޖެނިޓަލް ވޯރޓްސް ޖެހިފައިވޭތޯ ކަށަވަރުކުރުމަށް ބައެއް
ފަހަރު އެކަމަށް ޚާއްޞަ ލެބޯޓްރީ ޓެސްޓެއް ވެސް ހަދަން ޖެހިދާނެ އެވެ.
ޖެނިޓަލް ވޯރޓްސްގެ ފަރުވާ
ގޭގައި ދެވިދާނެ ފަރުވާ
ޖެނިޓަލް ވޯރޓްސް ފެނުން ފިޔަވައި އިތުރު އުދަނގޫތަކެއް
ގިނަ ފަހަރު ނުވެއެވެ. ބައެއް ފަހަރު އެއްވެސް ފަރުވާ ނުކުރި ނަމަވެސް އޭގެ
ޒާތުގައި ބަލީގެ އަސަރު ފިލައި ދެއެވެ. އެހެންކަމުން ވޯރޓްސް ނަގައިފައި ހުރިތޯ
ބެލުމަކީ ވަރަށް މުހިއްމު ކަމެކެވެ.
·
ވޯރޓްސް އަށް އަނިޔާ
ނުވާނެ ގޮތެއް ބެލުން މުހިއްމެވެ. އަނިޔާވެއްޖެނަމަ ލޭހިލުމުގެ ފުރުޞަތު އޮވެއެވެ.
·
ހަޔާތުގެ ބައިވެރިޔާއަށް
ބަލި ވާޞިލްވިޔަ ނުދީވޭތޯ ބަލަންވާނެ އެވެ.
·
ވޯރޓްސް އަކީ
ގައިންގަޔަށް އަރާ ބައްޔެއްކަމުން ނަގައިފައިވާ ވޯރޓްސްގައި އަތްލައި ހެދުމަކީ
ރަގަޅު ކަމެއް ނޫނެވެ. ނަގައިފައިވާ ވޯރޓްސްގައި ދަމައި، ފިތައި ހެދުމަކީ ވެސް
ރަގަޅު ކަމެއް ނޫނެވެ.
ބޭހުގެ ފަރުވާ
އެންމެ ފަރުވާއަކުން ޖެނިޓަލް ވޯރޓްސް ރަގަޅުކުރެވޭނެ ގޮތެއް
ނޯވެއެވެ. ފަރުވާގައި ބޭނުންކުރާ ވަރަށް ގިނަ ގޮތްތައް ހުރެއެވެ. ވޯރޓްސް ނަގައި،
އެއްކޮށް ނައްތާލެވި، އަލުން އަނބުރާ ނުނަގާނެ ކަމުގެ 100 އިންސައްތަ ޔަގީންކަންދޭ
އެއްވެސް ފަރުވާ އަދި ހޯދިފައެއް ނުވެއެވެ. ފަރުވާގައި ކުރެވޭ ބައެއް ކަންތައްތައް
ތިރީގައި މިވަނީ އެވެ.
·
ކްރިޔޯތެރަޕީ (Cryotherapy): މިއީ ދިޔާ ނައިޓްރޯޖަން
ބޭނުންކޮށްގެން ކްރިޔޯޕްރޯބް(Cryoprobe) އެއް ގެ އެހީގައި ވޯރޓްސް ހުރި
ހިސާބު ގަނޑުކޮށްލުމެވެ. މިއީ ފުރަތަމަ ކޮޅު ދެވިދާނެ ރަގަޅު ފަރުވާއެކެވެ. ނޭދެވޭ
އަސަރު ކޮންމެވެސް ވަރަކަށް ދިމާވި ނަމަވެސް މިއީ އޭގެ ނަތީޖާ ރަގަޅަށް ފެންނަ
ފަރުވާ އެކެވެ.
·
ލޭޒަރުގެ ފަރުވާ (Laser therapy): މިއީ ވަރަށް ބޮޑަށް ވޯރޓްސް
ހުރުމުން ނުވަތަ ތަކުރާރުކޮށް ޖިންސީ ގުނަވަން ހިމެނޭ ހިސާބަށް ވޯރޓްސް
ކުރިމަތިވުމުން ކޮށްއުޅޭ ކަމެކެވެ. ނުވަތަ ދީއުޅޭ ފަރުވާ އެކެވެ. ބައެއް ފަހަރު މިފަރުވާ
ދިނުމަށް ބަލި ހުރި ހިސާބު އައްސިކުރުން، ނުވަތަ ހަށިގަނޑުގެ ތިރީބައި
އައްސިކުރުން، ނުވަތަ އެއްކޮށް ހޭނައްތާލަން ވެސް ޖެހިދާނެ އެވެ.
·
އިލެކްޓްރޯޑެސިކޭޝަން (Electrodesication): މިއީ އިލެކްޓްރިކް ކަރަންޓް
ބޭނުންކޮށްގެން ވޯރޓްސް ދުއްވާލުމެވެ. މިއީ ބަލިހުރި ހިސާބު އައްސިކޮށްގެންދޭ
ފަރުވާ އެކެވެ.
·
ސާޖަރީ (Surgery):
ވޯރޓްސް ނަގާފައިވާ ހިސާބު އައްސިކޮށްގެން ވޯރޓްސް ކަނޑައި ނަގައި ވަކިކުރެވެއެވެ.
މިގޮތަށް ހަދަނީ ވަރަށް ކުޑަކޮށް އަދި މަދުން ވޯރޓްސް ނަގާފައި ހުރިނަމަ އެވެ.
އޮޕަރޭޝަންކޮށްގެން މިގޮތަށް ވޯރޓްސް ނެގުން ބޭހުގެ ފަރުވާއަށްވުރެ މާރަގަޅުކަމަށް
ބުނެވެއެވެ. ނަމަވެސް ނިސްބަތުން އަލުން ވޯރޓްސް ނަގާ މިންވަރު މިގޮތަށް ހެދުމުން
އިތުރުކަން ވަނީ ފާހަގަ ކުރެވިފައެވެ.
ދީއުޅޭ ބޭސްތައް
ޖެނިޓަލް ވޯރޓްސް އަށް ފަރުވާކުރުމަށް އަންނަނިވި ބޭސްތައް
ދީއުޅެއެވެ.
·
ޕޯޑޯފައިލަމް ރެސިން / ޕޯޑޯފިލޮކްސް
(Podophyllum resin / podofilox): މިއީ ޖެނިޓަލް ވޯރޓްސްގެ ބާރު
ދުއްވާލާ ކްރީމެކެވެ. މިއީ ބަލިން ރައްކާތެރިވުމަށް ވެސް އުގުޅިދާނެ ކްރީމް
އެކެވެ.
·
ޓްރައިކްލޯރޯއެސިޓިކް
އެސިޑް، ބައިކްލޯރޯ އެސިޓިކް އެސިޑް (Trichloroacetic acid
/bichloroacetic acid):
މިއީ ބަލިހުރި ހިސާބުގައި އުގުޅާ ކެމިކަލް އެކެވެ. މިބޭނުންކުރި ނަމަވެސް އެއްކޮށް
ރަގަޅުނުވުމަކީ ވެދާނެ ގޮތެކެވެ. އަދި ރަގަޅުވި ނަމަވެސް އަނބުރާ ބަލީގެ އަސަރު
ފެނުމަކީ ވެދާނެ ގޮތެކެވެ. މި އުގުޅުމުން ތަދުވެ، ދިލަ ނަގާނެއެވެ.
·
އިމިކްއިމޯޑް (Imiquimod): މިއީ ދިފާޢީ ބާރު ރަގަޅުކުރުމަށް
އުގުޅާ ކްރީމެކެވެ. ކްރީމް އުގުޅާފައި ހުންނައިރު ޖިންސީ ގުޅުން ހިންގުމަކީ ރަގަޅު
ކަމެއް ނޫނެވެ.
·
5- ފްލޯރޯރެސިލް (5-fluororacil): މިއީ ވެސް އުގުޅާ ބޭހެކެވެ.
ދިގުމުއްދަތަކަށް އުގުޅަން ޖެހެއެވެ. އުގުޅުމުން ހިރުވައި ދިލަނަގާނެއެވެ. އަދި
އިތުރު ނޭދެވޭ އަސަރުތައް ފެނުމަކީ ވެދާނެ ގޮތެކެވެ.
·
އިންޓަފިރޯން އަލްފާ
އެން3 (Interferon alpha-n3): މިއީ ބައްޔަށްދެވޭ އެހެން
ފަރުވާތަކުން ރަގަޅު ނަތީޖާއެއް ނުލިބުމުން ދެވޭ ފަރުވާ އެކެވެ. އެކަމަކު މިބޭސް
ބޭނުންކުރުމުން ވެސް ވަރަށް ގިނަ ނޭދެވޭ އަސަރު ކުރިމަތި ކުރުވައެވެ.
ޖެނިޓަލް ވޯރޓްސް އިން ރައްކާތެރިވުން
ޖެނިޓަލް ވޯރޓްސް އިން ރައްކާތެރިވުމަށްދޭ
ވެކްސިން
ޖެނިޓަލް ވޯރޓްސް އިން ރައްކާތެރިވުމަށް މިހާރު ވެކްސިނެއް
އުފައްދާފައި ހުރެއެވެ. ''ގާރޑަސިލް"(Gardasil) ގެ ނަމުގައި 2006 ވަނަ އަހަރު އުފައްދާފައިވާ
މިވެކްސިނަކީ ޖެނިޓަލް ވޯރޓްސް ޖައްސާ ހިއުމަން ޕެޕިލޯމާ ވައިރަސްގެ ސްޓްރެއިން
ތަކުގެ ތެރެއިން ސީދާ ޖެނިޓަލް ވޯރޓްސް އެންމެ ގިނައިން ޖައްސާ ސްޓްރެއިންތަކާ (ސްޓްރެއިން
6،11،16،18) ދެކޮޅަށް އުފައްދާފައިވާ ވެކްސިނެކެވެ. މީގެ އިތުރުން ރަހިމުގެ ދޮރުގެ
ކެންސަރު ޖައްސާ މިވައިރަހުގެ ސްޓްރެއިންތަކާ ދެކޮޅަށް ވެސް މިވެކްސިން މަސައްކަތް
ކުރެއެވެ. "ސަރވެރިކްސް"(Cervarix) ގެ ނަމުގައި ރަހިމުގެ ދޮރުގެ
ކެންސަރާއި ދެކޮޅަށް ވެސް ވެކްސިނެއް އުފައްދާފައި ވެއެވެ. ނަމަވެސް މިވެކްސިން
އިން ޖެނިޓަލް ވޯރޓްސް އިން ރައްކާތެރިކޮށެއް ނުދެއެވެ. މިވެކްސިން ދެނީ އުމުރުން
25-10 އަހަރާއި ދެމެދުގެ އަންހެން ކުދިންނާއި މީހުންނަށެވެ.
ހިއުމަން ޕެޕިލޯމާ ވައިރަސް އާއި ދެކޮޅަށްދޭ ވެކްސިން
އެމެރިކާ ފަދަ ގައުމުތަކުގައި އުމުރުން 11 އަހަރުގައި އަންހެންކުދިންނަށް އަދި
އުމުރުން 12 އަހަރުގައި ފިރިހެން ކުދިންނަށް ގަވާޢިދުން މިހާރު ދެއެވެ. އަދި
ވެކްސިން ފުރިހަމަނުކޮށް އުމުރު ފަހަނައަޅާ މީހުންނަށް އުމުރުން 26 އަހަރުގައި
އަންހެނުންނަށް އަދި އުމުރުން 21 ގައި ފިރިހެނުންނަށް މިވެކްސިންދީ އުޅެއެވެ. އެހެން
ގޮތަކަށް ބުނާނަމަ އުމުރުން 26-9 އަހަރާއި ދެމެދުގެ ދެޖިންސުގެ ކުދިންނާއި
މީހުންނަށް މިވެކްސިން ދީއުޅެއެވެ.
ރައްކާތެރިވުމަށް ކުރެވިދާނެ ކަންތައްތައް
ޖެނިޓަލް ވޯރޓްސް އިން ރައްކާތެރިވުމަށް އަންނަނިވި
ކަންތައްތައް ކުރެވިދާނެއެވެ. ް
·
އިސްލާމީ ހަމަތަކާއި
އުޞޫލްތަކާއި އެއްގޮތްވާގޮތުގެ މަތިން ޖިންސީ ގުޅުން ހިންގުން
o އެއްޖިންސުން ގުޅުން ނުހިންގުން
o ފުރަގަސްފަރާތުން ޖިންސީގުޅުން ނުހިންގުން
o ވަފާތެރި އެކަކު ޚިޔާރުކުރުން
o ހަށިނުވިއްކުން
·
ޖިންސީ ގުޅުން ހިންގާއިރު
ހުރަސް ފަދަ ތަކެތި ބޭނުންކުރުން
·
ބަލި ޖެހިފައިވާނަމަ
ރަގަޅުވަންދެން ޖިންސީ ގުޅުން ހިންގުމާއި ދުރުހެލިވުން
·
އަހަރަކު އެއްފަހަރު ޖެނިޓަލް
ވޯރޓްސް އިންފެކްޝަން ޖެހިފައިވޭތޯ ބެލުމަށް ޓެސްޓް ކުރުން
·
ބަލީގެ އަލާމާތެއް
ފެނިއްޖެނަމަ ލަސްނުކޮށް ޑަކްޓަރެއްގެ އިރުޝާދާއި ލަފާހޯދުން
·
ރާބުއިން އަދި މަސްތުވާ
ތަކެތި ބޭނުންކުރުން ފަދަ ކަންތަކާއި ދުރުހެލިވުން: އެއީ މިފަދަ ކަންތައްތަކުގެ
ސަބަބުން ޣައިރު ޝަރުޢީ ގުޅުންތަކަށް މަގުފަހިކުރުވާތީއެވެ.
މަޢުލޫމާތު:
·
ޖިންސީ ގުޅުން ހިންގުމުން ޖެހޭ ބަލިތައް – ދުނިޔޭގެ އޭޑްސް
ދުވަސް 2004– ލީފްލެޓް – ޑިޕާޓްމަންޓް އޮފް ޕަބުލިކް ހެލްތު – 2004
·
ޖިންސީ ގުޅުމުން އަރާ ބަލިތައް - – ލީފްލެޓް –
ޑިޕާޓްމަންޓް އޮފް ޕަބުލިކް ހެލްތު – 2002
·
ކަވާސާ.ކޮމް
·
އިންޓަނެޓްގެ ބައެއް
ވެބްސައިޓް ތައް
v interesting.. thnx
ReplyDelete