މުހިއްމު ސަފުހާތައް

Wednesday, June 6, 2012

ޖެނިޓަލް ހާރޕީޒް

ޖެނިޓަލް ހާރޕީޒް
ޖެނިޓަލް ހާރޕީޒް(Genital herpes) އަކީ ޖިންސީގުޅުން ހިންގުމުން ފެތުރޭ ގައިންގަޔަށްއަރާ ބައްޔެކެވެ. މިބަލީގެ ސަބަބުން އަންހެނުންނާއި ފިރިހެނުންގެ ޖިންސީ ގުނަން ހިމެނޭ ސަރަހައްދުގައި ފެންފޮޅު އަދި ކުދި ފާރުކޮޅު ތަކެއް ނަގައެވެ. މިއީ އެއްކޮށް ރަގަޅުވާ ބައްޔެއް ނޫނެވެ. ނަމަވެސް ބަލީގެ އުދަނގޫތައް ކުޑަކުރުމަށް ބޭސްތައް ތައްޔާރުކޮށްފައި ހުރެއެވެ. މިއީ ވަރަށް ފަސޭހައިން ގައިންގަޔަށްއަރާ ބައްޔަކަށްވުމުން މިބަލި ވަރަށް ބޮޑަށް ދުނިޔޭގެ އެކި ހިސާބުތަކުގައި ފެތުރިފައި ވެއެވެ. ބަލީގެ ޖަރާސީމު ހަށިގަނޑަށް ވާޞިލްވި ނަމަވެސް ބައެއް ފަހަރު ބަލީގެ އެއްވެސް އަލާމާތެއް ނުފެނި، ބަލީގެ ޖަރާސީމު ހަށިގަނޑުގައި ހުރެ، ބަލީގެ ކެރިއަރުންގެ ގޮތުގައި އެހެން މީހުންގެ ގަޔަށް ބަލި ފަތުރަމުން ދާނެއެވެ. ބަލިޖެހޭ މީހުންގެ ތެރެއިން 90-80 އިންސައްތަ މީހުންނަށް ބަލީގެ އުދަނގޫ ދެނެނުގަނެވި ހިގައިދާނެއެވެ. ނުވަތަ ބަލިޖެހިފައިވާކަން ނޭނގި ހުރެދާނެ އެވެ. ފުރަތަމަ ފަހަރު ޖެނިޓަލް ހާރޕީޒް ޖެހުމަށްފަހު އޭގެ ފަހުން ދޭތެރެ ދޭތެެރެއިން މިބަލި ޖެހުމަކީ ވެދާނެ ގޮތެކެވެ. ނަމަވެސް ފުރަތަމަ ފަހަރަށްވުރެ ފަހުން ޖެހޭއިރު ބަލީގެ ނުރައްކާތެރިކަން ކުޑައެވެ. މިބަލި ތަކުރާރުކޮށް ޖެހެނީ ބަލީގެ ޖަރާސީމު ހަށިގަނޑަށް ވަނުމަށްފަހު އެއްކޮށް ހަށިގަނޑުން ނުފިލައި ހުންނާތީ އެވެ.

އެމެރިކާ ގައި އުމުރުން 49-14 އަހަރާ ދެމެދުގެ އުމުރުފުރާގެ މީހުންގެ ތެރެއިން ކޮންމެ 6 މީހުންގެ ތެރެއިން އެކަކީ ޖެނިޓަލް ހާރޕީޒް ޖެހިފައިވާ މީހެކެވެ. ފާހަގަކުރެވިފައިވާ ގޮތުން ޖެނިޓަލް ހާރޕީޒް އަންހެނުންގެ ތެރޭގައި މާ ބޮޑަށް ޢާންމުވެފައި ވެއެވެ. އެމެރިކާގެ އުމުރުން 49-14 އަހަރާ ދެމެދުގެ އުމުރުފުރާގެ އަންހެނުންގެ ތެރެއިން ކޮންމެ 5 އަންހެނުންގެ ތެރެއިން އެކަކަށް ޖެނިޓަލް ހާރޕީޒް ޖެހޭއިރު، މިނިސްބަތް ފިރިހެނުންގެ އުޅެނީ ކޮންމެ 9 ފިރިހެނުންގެ ތެރެއިން އެކެކެވެ.

ޖެނިޓަލް ހާރޕީޒް ޖެހޭ ސަބަބު
ޖެނިޓަލް ހާރޕީޒް ޖެހެނީ ހާރޕީޒް ސިމްޕްލެކްސް ވައިރަސް (Herpes simplex virus) ގެ ސަބަބުންނެވެ. މިވައިރަސްގެ ދެވައްތަރެއް ވެއެވެ. އެއީ ހާރޕީޒް ސިމްޕްލެކްސް ވައިރަސް1(HSV-1) އަދި ހާރޕީޒް ސިމްޕްލެކްސް ވައިރަސް2(HSV-2)  އެވެ. އާންމު ގޮތެއްގައި ޖެނިޓަލް ހާރޕީޒް ޖެހެނީ ދެވަނަ ވައްތަރުގެ ވައިރަސް ހާރޕީޒް ސިމްޕްލެކްސް ވައިރަސް 2(HSV-2)  ގެ ސަބަބުންނެވެ. ހުންއައުމުން ތުންފަތުގައި ފޮޅުނެގުން(Fever blisters) ކުރިމަތިވަނީ ހާރޕީޒް ސިމްޕްލެކްސް ވައިރަސް1 ގެ ސަބަބުންނެވެ. މިއީ ދޮންދީ ހެދުމުން ފެތުރިދާނެ ބައްޔެކެވެ. ވަރަށް މަދު ފަހަރަކު އަނގަ ބޭނުންކޮށްގެން ޖިންސީ ގުޅުން ހިންގައިފިނަމަ ހާރޕީޒް ސިމްޕްލެކްސް ވައިރަސް1 ގެ ސަބަބުން ވެސް ޖެނިޓަލް ހާރޕީޒް ޖެހިދާނެއެވެ.

ޖެނިޓަލް ހާރޕީޒް ޖެހޭގޮތް
މިބަލި ޖެހެނީ ބަލި ޖެހިފައިވާ މީހަކާއި އެއްވެސް ސިފައެއްގައި ޖިންސީ ގުޅުން ހިންގުމުންނެވެ. މިސާލަކަށް:-
·        ބަލިޖެހިފައިވާ މީހަކާއެކު ކުރިމަތި ފަރާތް ބޭނުންކޮށްގެން ޖިމާޢުވުން
·        ބަލިޖެހިފައިވާ މީހަކާއެކު ފުރަގަސް ފަރާތް ބޭނުންކޮށްގެން ޖިމާޢުވުން
·        ބަލިޖެހިފައިވާ މީހަކާއެކު އަނގަ ބޭނުންކޮށްގެން ޖިންސީގުޅުން ހިންގުން
·        ބަލިޖެހިފައިވާ މީހާގެ ހަމުގައި ހުރަހެއްނެތި (ބަލިހުރި ހިސާބުގެ) ބީހުމަކީ ވެސް ބަލިޖެހިދާނެ ކަމެކެވެ.
·        ބަލިޖެހިފައިވާ މާބަނޑު މީހާގެ ފުށުން ދަރިފުޅަށް ބަލި ޖެހުން : މާބަނޑު ދުވަސްވަރު ވިހަން ކައިރިވެފައިވަނިކޮށް މާބަނޑު މީހާއަށް ފުރަތަމަ ފަހަރަށް ބަލިޖެހިއްޖެނަމަ ބަނޑުގައި ދަރިފުޅަށް ބަލިޖެހުމަކީ ވެދާނެ ގޮތެކެވެ. ނަމަވެސް ދެވަނަ ފަހަރަށް ނުވަތަ އޭގެ ފަހުން ބަލިޖެހުނީ ވިހަން ކައިރިވެފައި ވަނިކޮށްނަމަ، ބަލިޖެހުމުގެ ފުރުޞަތު ކުޑައެވެ.

ޖެނިޓަލް ހާރޕީޒް ޖައްސާ ވައިރަސް ބައްޔާއި ގުޅިގެން އުފެދޭ ފޮޅު، އަދި ފާރުކޮޅުގެ ތެރޭގައި ހުރެއެވެ. އަދި ފާރުކޮޅުން މި ވައިރަސް ބޭރުކުރެއެވެ. މީގެ އިތުރުން ބަލީގެ އަސަރު ހުރި ނަމަވެސް ފާރުކޮޅު އުފެދިފައި ނެތް ހަމުން ވެސް އެއްފަހަރު ޖެހުމާއި އަނެއްފަހަރު ޖެހުމާއި ދޭތެރޭގައި ވެސް ބަލީގެ ވައިރަސް ބޭރުކޮށްފާނެ އެވެ. ބަލީގެ ޖަރާސީމު ހަށިގަނޑަށް ވަނުމަށްފަހު އަލާމާތްތައް ނުފެނުނު ކަމުގައި ވިޔަސް އެމީހެއްގެ ފުށުން ބަލިފަތުރަމުން ގެންދާނެ އެވެ.

ނޯޓް: ބަލިޖެހިފައިވާ އަންހެނެއްގެ ފުށުން ފިރިހެނަކަށް ބަލިވާޞިލްވުމަށްވުރެ، ބަލިޖެހިފައިވާ ފިރިހެނެއްގެ ފުށުން އަންހެނަކަށް ބަލި ވާޞިލްވުމުގެ ފުރުޞަތު ބޮޑެވެ. އަދި ބަލީގެ ވައިރަސް ހަށިގަނޑުގައިހުރެ، އެކަން ނޭނގި އެހެން މީހުންނަށް ބަލި ފަތުރަމުން ގެންދިއުމަކީ ވެސް ވެދާނެ ގޮތެކެވެ.

ޖެނިޓަލް ހާރޕީޒް ޖެހުމުން ފެނިދާނެ ޢަލާމާތްތައް
ބަލީގެ އަލާމާތްތައް ފެންނަނީ ބަލިޖެހިފައިވާ މީހަކާއެކު ހުރަހެއްނެތި ހަމާއި ހަން ބީހޭތާ 7-3 ދުވަހާއި ދެމެދުގެ (ނުވަތަ 2 ހަފްތާގެ) މުއްދަތެއްގެ ތެރޭގައެވެ.  ޖެނިޓަލް ހާރޕީޒް ޖެހުމުން ޖިންސީ ގުނަވަން ހިމެނޭ ހިސާބުގައި ފޮޅުތަކެއް ނުވަތަ ކުދި ފާރުކޮޅު ތަކެއް އުފެދެއެވެ. މިފާރުކޮޅުތަކުގެ ބޮޑުމިނުގައި 3-1 މިލިމީޓަރު ހުރެއެވެ. ބައެއް ފަހަރު ފޮޅުތައް ނުވަތަ ފާރުކޮޅުތައް އެއްެވެ، ބޮޑިވެފައި ވެސް ހުރެއެވެ. އާންމު ގޮތެއްގައި ފުރަތަމަ ނަގާނީ ފޮޅެވެ. އެއަށްފަހު އެފޮޅު ފެޅި ކުޑަ ފާރުކޮޅެއް އުފެދެނީ އެވެ. ބައެއް ފަހަރު މިފާރުކޮޅަށް ތަދުނުވެދާނެ އެވެ. ނުވަތަ ބީހުމުން ކޮންމެވެސް ވަރަކަށް ތަދު އިހްސާސް ވެދާނެ އެވެ. ނަމަވެސް އަނެއްބައިފަހަރު ފާރުކޮޅުތަކަށް ވަރަށް ބޮޑަށް ތަދުވެފައި، ރިއްސައިފާނެ އެވެ. ބައެއް މީހުންނަށް ދަށްބަނޑުގެ ތިރިން ފިއްތާ ކަހަލަ އިހްސާސެއް ވެދާނެ އެވެ.

ފުރަތަމަ ފަހަރު ބަލިޖެހުމުން:
މިބަލި ޖެހުމުން ކުރީކޮޅު ފެނިދާނެ ޢަލާމާތްތަކުގެ ތެރޭގައި ހުންއައުން،  ބޮލުގައި ރިހުން، ގައިގައި ރިއްސުން، އުނަގަނޑު މައްޗަށް ތަދުވުން، ފޫކޮޅު، ފަލަމަސްގަނޑު، އަދި ކަކުލުހުޅުމައްޗަށް ތަދުވުން، ވަރުބަލިވުން،ކާހިތްނުވުން، ނުތަނަވްސްވުން، ހަށިގަނޑުގެ އެކި ހިސާބުތަކުގައި (ޚާއްޞަކޮށް ފައިވަޅުގައި) ގޮށްލުން، އަދި ޖިންސީ ގުނަވަނާއި އޭގެ ވަށައިގެންވާ ހިސާބު ހިރުވައި ފޮޅުނެގުން ނުވަތަ ކުޑަ ފާރުކޮޅެއް އުފެދުން ފަދަ ކަންތައްތައް ހިމެނެއެވެ. ބައެއް ފަހަރު މިފޮޅުތައް ފަޅައިގެން ދިއުމުން ފާރުވެ، ކުޑަކަމުދާއިރު ރިއްސައި ތަދުވާގޮތް ވެއެވެ.

އަންހެނުންނަށް މިބަލީގެ އަސަރު އާންމުކޮށް ފޯރަނީ ފަރުޖުގެ ބޭރު ތުންފަތާއި، ފަރުޖުގެ އެތެރެ، ރަހިމުގެ ދޮރު، ފުރަގަސްފަރާތު ދޮރު، ފަލަމަސްގަނޑު، ފޫކޮޅު، އަދި ޖިންސީ ގުނަވަނުގެ އެތެރެއަށެވެ. ނަމަވެސް ބޭރުފުށުން ވެސް ބަލީގެ އަސަރު ފެނިދާނެ އެވެ. އަންހެނުންނަށް މިބަލި ޖެހުމުން ކުޑަކަމުދާއިރު ދިލަނަގައި ތަދުވެ، ފަރުޖުން ނުބައި ވަސް ހުންނަ ދިޔައެއް ބޭރުވެއެވެ. މާބަނޑުވެފައިވާ މީހަކަށް މިބަލި ޖެހި، ރަހިމުގެ ކަރަށް ބަލީގެ އަސަރު ފޯރައިފި ނަމަ، ރަހިމުގައިވާ ކުޑަދަރިފުޅަށް އޭގެ އަސަރު ފޯރައި، ބައިގެން ދިއުން ފަދަ ކަމެއް މެދުވެރިވުމަކީ ވެސް ގާތްކަމެކެވެ.

ފިރިހެނުންނަށް ޢާންމުކޮށް މިބަލީގެ އަސަރު ފޯރަނީ ފިރިހެން ހަށި އަދި އޭގެ ބޯކޮޅަށެވެ. ބައެއް ފަހަރު ކުޑަކަމުދާ ހޮޅިއަށް ބަލީގެ އަސަރު ފޯރައި، ކުޑަކަމުދާން އުދަގޫވެ، ފެންފަދަ ދިޔައެއް ކުރިމަތި ފަރާތުން ބޭރުވާ ގޮތްވެއެވެ. މިބަލީގެ އަލާމާތްތައް ދޭތެރެ ދޭތެރެއިން ފެންނާނެއެވެ. މީގެ އިތުރުން ފުރަގަސްފަރާތު ދޮރު، އުރަވަޅި، ފަލަމަސްގަނޑު އަދި ފޫކޮޅަށް ވެސް ބަލީގެ އަސަރު ފޯރާގޮތް ވެއެވެ.

ދެޖިންސުގެ މީހުންގެ ހަށިގަނޑުގައި ވަރަށް މަދު ހާލަތެއްގައި ދޫ، އަނގަ، ލޯ، ތުންފަތް، ހިރުގަނޑު، އިގިލިތައް ފަދަ ބައިތަކަށް ބަލީގެ އަސަރު ފޯރުމަކީ ވެދާނެ ގޮތެކެވެ.

މާބަނޑު ދުވަސްވަރު ވިހަން ކައިިރިވެފައިވަނިކޮށް މައިމީހާއަށް ފުރަތަމަ ފަހަރަށް ބަލިޖެހިއްޖެނަމަ ބަނޑުގައިވާ ދަރިފުޅަށް ބަލިޖެހުމަކީ ވެދާނެ ގޮތެކެވެ. މިހާލަތުގައި ދުވަސްނުފުރާ ވިހެއުމަކީ ވެދާނެ ގޮތެކެވެ. އަދި ބަނޑަށް ތުއްތު ދަރިފުޅު މަރުވުމަކީ ވެސް ވެދާނެ ގޮތެކެވެ. އަދި ފަހަރުގައި ސިކުނޑިއަށް ގެއްލުންވުމަކީ ވެސް ހަމަ ވެދާނެ ގޮތެކެވެ. ހަށިގަނޑުގައި ބިހިނެގުމުގެ އިތުރުން، ލޮލުގެ މައްސަލަތައް ދިމާވުމުގެ ފުރުޞަތު ވެސް އޮވެއެވެ.

ދެވަނަ ފަހަރު ޖެހުމުން:
ފުރަތަމަ ފަހަރު ޖެހި ރަގަޅުވުމަށް ފަހު ދެވަނަ ފަހަރު ބަލިޖެހިއްޖެ ކުރިމަތިވާ އުދަނގޫތައް ބައެއް މީހުންނަށް ބޮޑުވެފައި ތަހައްމަލުކުރަން ދަތިވެއެވެ. އަނެއްބައި މީހުންނަށް ދެވަނަ ފަހަރު ޖެހުމުން އޭގެ އުދަނގޫތައް ކުޑަކަން ފާހަގަ ކުރެވެއެވެ. ދެވަނަ ފަހަރު ޖެހުމުން  ބައެއް މީހުންނަށް އެމީހުންގެ ހަށިގަނޑުގައި ބަލީގެ އަސަރު ހުރި ހިސާބުގައި ވަރަށް ބޮޑަށް ރިއްސައި ތަދުވާނެ އެވެ. އަދި ދިލަނެގުމާއެކު، ހިރުވައި، ކަށިހަރާހެން ހީވާކަހަލަ އިހްސާސެއް ކުރެވޭނެ އެވެ. އެގޮތުން މިއުދަނގޫތައް ފޮޅުތައް ފެނުމުގެ ކުރިން ނުވަތަ ފާރުކޮޅު އުފެދުމުގެ ކުރިން ވެސް ހުރެދާނެ އެވެ. މިއީ ބަލީގެ އަސަރު ހުރި ހިސާބުގައިވާ ނާރުތަކުގައި އިންފްލެމޭޝަން އުފެދި، އެނާރުތައް ވަރުއެރުމުން ދިމާވާ ކަމެކެވެ. ފޮޅު ނުނަގައި، ނުވަތަ ފާރުކޮޅު މިމުއްދަތުގައި ނުއުފެދި ހުއްޓަސް، މިމުއްދަތުގައި ވެސް ބަލި އެހެންމީހުންގެ ގަޔަށް ފަތުރާނެ އެވެ. މިގޮތަށް ތަކުރާރުކޮށް އަހަރަކު 6-4 ފަހަރާ ދެމެދުގެ މިންވަރަކަށް ބަލީގެ އަސަރު ބަލިމީހާގެ ހަށިގަނޑުން ފެނިފައި ރަގަޅުވެފައި ހިގައިދާނެ އެވެ.

ފުރަތަމަ ފަހަރު ޖެހުމަށްފަހު ކުރިން ވެސް ބުނިހެން ފާރުކޮޅު ރަގަޅުވެ، އުދަނގޫތައް ލުއިވިޔަސް، ހަށިގަނޑުގައި ޖަރާސީމު ނުވަތަ ވައިރަސްތައް ދެމިހުރެއެވެ. މިގޮތަށް ހުންނަ ވައިރަސްތައް ދޭތެރެ ދޭތެރެއިން ހީވާގިވެއެވެ. އެގޮތުން އެ ވައިރަސްތައް ހީވާގިވުމަށް މެދުވެރިކުރުވާ ކަންތައްތަކުގެ ތެރޭގައި:-
·        މާބޮޑަށް ވަރުބަލިވެ ވާޅުވުން
·        ޖިންސީ ގުނަވަން ހިމެނޭ ހިސާބު ކޮންމެ ވެސް ކަމެއްގެ ސަބަބުން ހިލިގަތުން
·        މައްސަރު ކަންތައް ޖެހުން
·        ޖިސްމާނީ ، ނަފުސާނީ ފިއްތުންތައް
·        އަނިޔާއެއްވުން

ބަލިޖެހުމުން ދިމާވެދާނެ އިތުރު މައްސަލަތައް
·        ތަކުރާރުކޮށް ބަލިޖެހެމުން ދިއުން : އަހަރަކު 6-4 ފަހަރު
·        ނަފުސާނީ ހިތްދަތިކަން ކުރިމަތިވުން
·        އޭޑްސް ޖެހުމަށް މަގުފަހިވުން

ޖެނިޓަލް ހާރޕީޒް ޖެހިފައިވާކަން ދެނެގަތުން
ޖެނިޓަލް ހާރޕީޒްގެ ފަރުވާ ގިނަ ޑޮކްޓަރުން ފަށަނީ ބައްޔާއި ގުޅިގެން ނަގާ ފާރުކޮޅު ފެނުމައި ގުޅިގެންނެވެ. ބައެއް ފަހަރު ފާރުކޮޅުން ސްވެބް އެއް ނަގައިގެން ލެބޯޓްރީ އަށް ފޮނުވައިގެން ތަހުލީލުކޮށް އޭގައި ވައިރަސް ހުރިތޯ ބަލައެވެ. ބަލި ދެނެގަތުމަށްޓަކައި އާންމުކުރެވޭ ޓެސްޓުތަކުގެ ތެރޭގައި:-
·        ވައިރަސް ކަލްޗަރކުރުން : މިގޮތުން ވައިރަސް ކަލްޗަރ ކުރަނީ ފޮޅުން ނުވަތަ ފާރުކޮޅުން ދިޔަ ނަގައިގެންނެވެ. ކަލްޗަރ ކުރުމަށް 3-2 ދުވަސް ހޭދަވެއެވެ. ކަލްޗަރ ބޮޑަށް ހަދަނީ ފުރަތަމަ ފަހަރު ޖެހުމުންނެވެ.
·        ޕޮލިމެރޭޒް ޗެއިން ރިއެކްޝަން : މިއީ ވައިރަހުގެ ވިރާސީ މާއްދާތައް ނުވަތަ ޑީއެންއޭ ހުރިތޯ ބެލުމަށް ހެދޭ ޓެސްޓެކެވެ. މިޓެސްޓު ވެސް ހަދަނީ ފޮޅުން ދިޔަކޮޅެއް ނަގައިގެންނެވެ. މިއީ އެންމެ ކަށަވަރުކަމާއެކު ފޮޅުގެ ތެރޭގައި ހާރޕީޒް ވައިރަސް ހުރިކަން އަންގައިދޭނެ ޓެސްޓެވެ.
·        ބައްޔާއި ދެކޮޅަށް ހަށިގަނޑުގައި ހަށިދަމަނަ އުފެދިފައިހުރިތޯ ބެލުން : މިޓެސްޓުން ހާރޕީޒް ސިމްޕްލެކްސް ވައިރަސްގެ ސަބަބުން ބަލިޖެހިފައިވާކަން ނުވަތަ ނޫންކަން އަންގައިދޭނެ އެވެ.
މިޓެސްޓުތަކުގެ ނަތީޖާ ލިބުމަށް ދުވަސްކޮޅެއް ނަގައެވެ. ބައެއް ފަހަރު އިތުރު ލޭގެ ޓެސްޓުތައް ވެސް ހަދަން ޖެހެއެވެ.

ޖެނިޓަލް ހާރޕީޒްގެ ފަރުވާ
ގޭގައި ދެވިދާނެ ފަރުވާ
ޖެނިޓަލް ހާރޕީޒް ޖެހިފައިވާ މީހުން ގޭގައި އަންނަނިވި ކަންތައްތަކަށް ސަމާލުވާން ޖެހޭނެ އެވެ.
·        ބަލީގެ އަސަރު ހުރި ހިސާބު މާބޮޑަށް ހޫނުވިޔަނުދިނުން
·        ސެންޓު، އަތަރު، އެންޓިބެކްޓީރިއަލް ސާބޯނި، ޑިއޯޑްރަންޓް ޑޫޝް ފަދަ ތަކެތި ބޭނުންނުކުރުން
·        ދޫ، ގަޔަށް ފަސޭހަ އަންނައުނު ޚިޔާރުކުރުން
·        ތަދު ކެނޑުވުމަށް ޕެނަޑޯލް، އެސްޕިރިން
·        ބަލީގެ އަސަރު ހުރި ހިސާބުގައި ފިނި ފޮތިގަނޑެއް ކަހަލަ އެއްޗެއް ބޭއްވުން : މިގޮތަށް ހަދާނީ ތަދު ކުޑަވާނަމަ އެވެ.
ބޭހުގެ ފަރުވާ
ފަރުވާކުރިނަމަވެސް ޖެނިޓަލް ހާރޕީޒް އެއްކޮށް ރަގަޅުނުވުމަކީ ވެދާނެ ގޮތެކެވެ. ފުރަތަމަ ފަހަރު 4-2 ހަފްތާގެ ބޭސް ބޭނުންކުރުމުން ފާރުކޮޅު ރަގަޅުވެއެވެ، ނަމަވެސް ބަލީގެ ޖަރާސީމު ހަށިގަނޑުގައި ހުރެއެވެ. މިބައްޔަށް ހަގީގީ ފަރުވާ އެއް ނުވާތީ، ޖެނިޓަލް ހާރޕީޒް ޖެހުމުން ބޭސް ބޭނުންކުރުމަކީ ބަލީގެ މުއްދަތު ކުރުކޮށްދީ، އަލުން ބަލި އިޢާދަވުމުގެ ފުރުޞަތު ކުޑަކޮށްދީ، އަލުން އިޢާދަވި ނަމަވެސް ބަލީގެ ނުރައްކާ ކުޑަކޮށްދޭނެ ކަމެކެވެ. މިގޮތުން ދެވޭ އެންޓިވައިރަލް ބޭސްތައް 10-7 ދުވަހާއި ދެމެދުގެ މުއްދަތަކަށް ބޭނުންކުރަން ޖެހެއެވެ. ފާރުކޮޅު ފަސޭހަ ނުވާނަމަ ބައެއް ފަހަރު ފަރުވާގެ މުއްދަތު 10 ދުވަހަށްވުރެ ދިގުމުއްދަތަކަށް ދެމިގެން ދިއުމަކީ ވެސް ވެދާނެ ގޮތެކެވެ. މިގޮތުން ދެވޭ ބޭސްތަކަކީ:-
·        އެސިކްލޯވިރް
·        ފެމްސިކްލޯވިރް
·        ވެލެސިކްލޯވިރް

ފަހުން ޖެނިޓަލް ހާރޕީޒް ޖެހުމުގެ ފުރުޞަތު ކުޑަކުރުމަށް ވެސް މިބޭސްތައް ބޭނުންކުރެވިދާނެ އެވެ. އެގޮތުން ބޭހުގެ ފަރުވާ ފަށާނީ ބަލީގެ އަލާމާތްތައް ފެންނަން ފެށުމުންނެވެ. އަދި 5 ދުވަހުގެ މުއްދަތަށް ކުރިޔަށް ގެންދަން ވާނެއެވެ. މާގިނައިން ތަކުރާރުކޮށް ޖެނިޓަލް ހާރޕީޒް ޖެހޭ މީހުންނަށް ދިގުމުއްދަތަކަށް ކޮންމެ ދުވަހަކު ބޭސް ބޭނުންކުރަން އިރުޝާދު ދެއެވެ. މިއަށް ކިޔަނީ "ސަޕްރެސިވް ތެރަޕީ"(Suppressive therapy) އެވެ. މިގޮތަށް ބޭސް ބޭނުންކުރުމުން ބައިވެރިޔާއަށް ބަލިޖެހުމުގެ ފުރުޞަތު ކުޑަކޮށް ދެއެވެ.

ބައްޔަށް ބޭނުންކުރާ ބޭސްތަކުގެ ސަބަބުން ކުރިމަތިވެދާނެ ނޭދެވޭ އަސަރުތައް
·        ވަރުބަލިވުން
·        ބޮލުގައި ރިހުން
·        މޭނުބައިކޮށް ހޮނޑުލުން
·        ބިހިނެގުން
·        ފިޓުޖެހުން
·        ތުރުތުރުއެޅުން

ޖެނިޓަލް ހާރޕީޒް އިން ރައްކާތެރިވުން
ޖެނިޓަލް ހާރޕީޒް އިން ރައްކާތެރިވުމަށް އަންނަނިވި ކަންތައްތައް ކުރެވިދާނެއެވެ.
·        އިސްލާމީ ހަމަތަކާއި އުޞޫލްތަކާއި އެއްގޮތްވާގޮތުގެ މަތިން ޖިންސީ ގުޅުން ހިންގުން
o       އެއްޖިންސުން ގުޅުން ނުހިންގުން
o       ފުރަގަސްފަރާތުން ޖިންސީގުޅުން ނުހިންގުން
o       ވަފާތެރި އެކަކު ޚިޔާރުކުރުން
o       ހަށިނުވިއްކުން
·        ޖިންސީ ގުޅުން ހިންގާއިރު ހުރަސް ފަދަ ތަކެތި ބޭނުންކުރުން
·        ބަލި ޖެހިފައިވާނަމަ ރަގަޅުވަންދެން ޖިންސީ ގުޅުން ހިންގުމާއި ދުރުހެލިވުން 
·        އަހަރަކު އެއްފަހަރު ޖެނިޓަލް ހާރޕީޒް އިންފެކްޝަން ޖެހިފައިވޭތޯ ބެލުމަށް ޓެސްޓް ކުރުން
·        މާބަނޑު ދުވަސްވަރު ޖެނިޓަލް ހާރޕީޒް ޖެހިފައިވޭތޯ ބަލައި ފަރުވާކުރުން
·        ބަލީގެ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ޑަކްޓަރެއްގެ އިރުޝާދާއި ލަފާހޯދުން
·        ރާބުއިން އަދި މަސްތުވާ ތަކެތި ބޭނުންކުރުން ފަދަ ކަންތަކާއި ދުރުހެލިވުން: އެއީ މިފަދަ ކަންތައްތަކުގެ ސަބަބުން ޣައިރު ޝަރުޢީ ގުޅުންތަކަށް މަގުފަހިކުރުވާތީއެވެ.

މަޢުލޫމާތު:
·        ޖިންސީ ގުޅުން ހިންގުމުން ޖެހޭ ބަލިތައް – ދުނިޔޭގެ އޭޑްސް ދުވަސް 2004– ލީފްލެޓް – ޑިޕާޓްމަންޓް އޮފް ޕަބުލިކް ހެލްތު – 2004
·        ޖިންސީ ގުޅުމުން އަރާ ބަލިތައް - – ލީފްލެޓް – ޑިޕާޓްމަންޓް އޮފް ޕަބުލިކް ހެލްތު – 2002
·        ކަވާސާ.ކޮމް
·        އިންޓަނެޓްގެ ބައެއް ވެބްސައިޓް ތައް


3 comments:

  1. varah ragalhu maulumaathu koleh

    ReplyDelete
  2. sihheee mifadha mauloo mathu thakaky enmenah vx varah muhihmu ehcheh ae baeh meehun naky sihhee ehy therin kayri ah mifada kankamugai dhaan fas jehey bayakah vaathi

    ReplyDelete
  3. not so good information

    ReplyDelete