ލިމްފޯގްރެނިއުލޯމާ
ވިނީރިއަމް
ލިމްފޯގްރެނިއުލޯމާ ވިނީރިއަމް(Lymphogranuloma venereum) އަކީ ޖިންސީގުޅުމުން ފެތުރޭ
ގައިންގަޔަށްއަރާ ބައްޔެކެވެ. މިއީ މުޅި ދުނިޔެއަށް ބަލާއިރު އާންމު ބައްޔެއް
ނޫނެވެ. ނަމަވެސް އެފްރިކާ، ދެކުނު އިރުމަތީ އޭޝިޔާ، ދެކުނު އެމެރިކާ،
ކެރީބިއަންގެ ހޫނު ގަދަ ގައުމުތަކުގައި ނުވަތަ ސަރަހައްދު ތަކުގައި މިބަލި
އާންމުކަން ފާހަގަ ކުރެވެއެވެ. ފިރިހެނުންނަށް ޖެހޭ ނިސްބަތް ރިޕޯޓްކުރެވޭ
މިންވަރު މަތިވިޔަސް މިއީ ދެޖިންސުގެ މީހުންނަށް ވެސް ޖެހޭ ބައްޔެކެވެ. ކޮންމެ
އުމުރެއްގެ މީހަކަށް ވެސް ބަލިޖެހިދާނެ އެވެ. ނަމަވެސް އެންމެ އާންމުވެފައިވަނީ
ޖިންސީގޮތުން ހަރަކާތްތެރި އުމުރުފުރާ (އުމުރުން 40-15 އަހަރާ ދެމެދުގެ) ގެ
މީހުންގެ މެދުގައެވެ.
ލިމްފޯގްރެނިއުލޯމާ ވިނީރިއަމް ޖެހޭ ސަބަބު
ލިމްފޯގްރެނިއުލޯމާ ވިނީރިއަމް ޖެހެނީ ކްލަމިޑީއާ
ޓްރެކޮމެޓިސް(Chlamydia trachomatis) އޭ ކިޔާ ޖަރާސީމެއްގެ ސަބަބުންނެވެ.
ކްލަމިޑީއާ ޖަރާސީމުގެ ތަފާތު 15 އިމިއުނޯޓައިޕް ހޯދިފައިވާ އިރު
ލިމްފޯގްރެނިއުލޯމާ ވިނީރިއަމް ޖައްސަނީ ތަފާތު 3 ސީރޯޓައިޕަކުންނެވެ. އެއީ
އެލްވަން(L1)
، އެލްޓޫ(L2)
، އަދި އެލްތްރީ(L3) އޭ ކިޔޭ ސީރޯޓައިޕް ތަކެވެ. މިއީ
ކްލަމިޑީއާގެ އެހެން ސީރޯޓައިޕްތަކާ އަޅާކިޔާއިރު ބަލި އުފެއްދުމުގެ ގާބިލިއްޔަތު
މަތި ސީރޯޓައިޕް ތަކެކެވެ.
ބަލިޖެހުމަށް މަގުފަހިކުރާ ކަންތައްތައް
·
ބަލި ޢާންމު
ހިސާބުތަކުގައި ދިރިއުޅުން ނުވަތަ އެފަދަ ތަނަކަށް ދަތުރުކުރުން
·
އެއްޖިންސުން ގުޅުން
ހިންގުން
·
ފުރަގަސް ފަރާތް
ބޭނުންކޮށްގެން ޖިންސީ ގުޅުން ހިންގުން
·
ހަށިވިއްކުމުގެ
ވިޔަފާރިކުރުން
·
ޖިންސީގުޅުން ހިންގާއިރު
ހުރަސް ބޭނުންކުރުން
·
އޭޑްސް ބަލިޖެހިފައިވުން
ލިމްފޯގްރެނިއުލޯމާ ވިނީރިއަމް ޖެހޭގޮތް
ލިމްފޯގްރެނިއުލޯމާ ވިނީރިއަމް ޖެހެނީ ބަލިޖެހިފައިވާ
މީހަކާއެކު ޖިންސީގުޅުން ހިންގުމުންނެވެ. ލިމްފޯގްރެނިއުލޯމާ ވިނީރިއަމް ޖެހެނީ
ބަލިޖެހިފައިވާ މީހެއްގެ ހަމުގައި ނުވަތަ ތެތް ދުލިފަށަލައިގައި ސީދާ ގޮތެއްގައި
ހުރަހެއްނެތި ބީހުމުންނެވެ. ސަލާމަތުން ހުންނަ ހަމުގެ ތެރެއަށް ޖަރާސީމަކަށް
ނުވަދެވޭނެ އެވެ. ހަށިގަނޑަށް ޖަރާސީމު ވަނުމަށްފަހު ލިމްފު ހޮޅިތަކުގެ ތެރޭގައި
ލިމްފްގެ ދިޔައިގެ އޮއިވަރުގައި ދައުރުވަމުން ގޮސް އެކި ހިސާބުތަކުގައިވާ ލިމްފް
ގޮށްތަކަށް ވާޞިލް ވެއެވެ. އެތަނުގައި މެކްރަފޭޖް ތަކުގެ ތެރޭގައި ޖަރާސީމު
ގިނަވެ، އިތުރުވެ، ބަލީގެ ހާލަތު މެދުވެރި ކުރުވައެވެ. މިއީ މައިގަނޑު ގޮތެއްގައި
ޖިންސީގުޅުމުން ފެތުރޭ ބައްޔަކަށް ވިޔަސް ވަރަށް މަދުން ނަމަވެސް ލެބޯޓްރީގައި
ހިނގާ ހާދިސާއެއްގެ ތެރޭގައި، ނުވަތަ ޖަރާސީމާއި ތަޣައްޔަރުވެފައިވާ އެއްޗަކުން
ބަލި ފެތުރުމަކީ ވެދާނެ ގޮތެކެވެ.
ލިމްފޯގްރެނިއުލޯމާ ވިނީރިއަމް ޖެހުމުން ފެންނަ
އަލާމާތްތައް
ބަލީގެ އުދަނގޫތައް ފެންނަން ހޭދަވާ މުއްދަތު (Incubation period): ބަލީގެ ޖަރާސީމު ހަށިގަނޑަށް
ވަނުމަށްފަހު، ހަށިގަނޑުގައި ގިނަވެ، އިތުރުވެ، އޭގެ ސަބަބުން ބަލީގެ އުދަނގޫތައް
ބަލިމީހާ އަށް ކުރިމަތިކުރުވުމަށް ވަކި މުއްދަތެއް ބޭނުން ވެއެވެ. އެގޮތުން ލިމްފޯގްރެނިއުލޯމާ
ވިނީރިއަމް ޖައްސާ ޖަރާސީމް ފުރަތަމަ ފަހަރަށް މީހާގެ ހަށިގަނޑަށް ވަނުމަށް ފަހު
އޭގެ އަލާމާތްތައް ފެނުމަށް 12-7 ދުވަހާއި ދެމެދުގެ މުއްދަތެއް ނަގައެވެ.
ލިމްފޯގްރެނިއުލޯމާ ވިނީރިއަމް 3 މަރުހަލާއަކަށް
ބަހާލެވިފައި ވެއެވެ. ފުރަތަމަ މަރުހަލާ މާބޮޑަށް ފާހަގަނުވެ ހިގައިދާނެ އެވެ.
މިމަރުހަލާގައި ޖިންސީ ގުނަވަަން ހިމެނޭ ހިސާބުގައި ބިއްސެއް ނުވަތަ ފޮޅެއް ފަދަ
އެއްޗެއް ފެނިލާފައި ވަރަށް އަވަހަށް ރަގަޅުވެ ހިގައިދާނެ އެވެ. ދެވަނަ
މަރުހަލާގައި އުކުޅުވަޅުގައި ގޮށްލާފައި ތަދުވާނެ އެވެ. މިކަން ކުރިމަތިވާނީ
ކުރިން ބުނި ބިހި ނުވަތަ ފޮޅުނަގާތާ 6-2 ހަފްތާ ފަހުންނެވެ. ތިންވަނަ މަރުހަލާ
އަކީ ބަލިޖެހޭތާ އެތަކެއް ދުވަހެއް ފަހުން ފެންނަ ފުރަގަސްފަރާތާއި ފުރަގަސްފަރާތު
ދޮރު ފާރުވެ ހަލާކުވުމެވެ. މިކަން އެއްޖިންސުން ގުޅުންހިންގާ މީހުންގެ މެދުގައި
އިތުރުވެފައި ގިނައެވެ.
ލިމްފޯގްރެނިއުލޯމާ ވިނީރިއަމް ޖެހުމުން ބިއްސެއް ނުވަތަ
ފޮޅެއް ފަދަ އެއްޗެއް ޖިންސީ ގުނަވަނުގައި އުފެދި، އެފަޅައިގެން ގޮސް ފާރުކޮޅަކަށް
ބަދަލުވެއެވެ. މިފާރުކޮޅުގައި ތަދެއް ނުހުންނާނެއެވެ. ބައެއް ފަހަރު މިބިހި ނުވަތަ
ފޮޅު ފާހަގަ ނުވެވެސް ހިގައިދާނެއެވެ. ފަރުޖުގެ ދެތުންފަތް ވެސް ރަތްވެ ދުޅަވެދާނެ
އެވެ. ފާރުކޮޅު ރަގަޅުވާތާ ދުވަސް ކޮޅެއް ފަހުން އުކުޅުވަޅާއި، ނަސްލު އުފައްދާ
ނިޒާމްގެ ބައިތަކުގެ ތެރޭގައި ހިމެނޭ ލިމްފް ގޮށްތަކަށާއި، އެހެނިހެން
ހިސާބުތަކަށް އިންފެކްޝަން ފެތުރިގެން ދެއެވެ. ފައިވަޅުގައި ހުންނަ ލިމްފް
ގޮށްތައް ބޮޑުވެ، ފަޅައިގެން ގޮސް ދޮސް އައުމަކީ ވެދާނެ ގޮތެކެވެ.
ލިމްފޯގްރެނިއުލޯމާ ވިނީރިއަމް ޖެހުމުން ބައެއް ފަހަރު
ފުރަގަސްފަރާތު ދޮރާއި ފުރަގަސްފަރާތް ފާރުވެ ހަލާކުވުމަކީ ވެދާނެ ގޮތެކެވެ.
މިހެން ދިމާވާނީ ފުރަގަސް ފަރާތް ބޭނުންކޮށްގެން ޖިންސީ ގުޅުން ހިންގުމަށްފަހު
ބަލިޖެހުނު ނަމައެވެ. އެގޮތުން ބޮޑުކަމުދާއިރު އަދި ބޮޑުކަމު ނުދާއިރު ވެސް ފުރަތަސް
ފަރާތުގައި ރިއްސައި، ތަދުވެ، ދޮސް އައުމާއެކު ލޭއައުމަކީ ވެސް ވެދާނެ ގޮތެކެވެ.
މަދުން ނަމަވެސް ލިމްފޯގްރެނިއުލޯމާ ވިނީރިއަމް ޖެހުމުގެ
ސަބަބުން ބަނޑުގައި ރިހުމާއި ބޭރަށްހިންގުން ކުރިމަތިވެއެވެ.
ލިމްފޯގްރެނިއުލޯމާ ވިނީރިއަމް ބަހާލެވިފައިވާ 3
މަރުހަލާ
ފުރަތަމަ މަރުހަލާ
·
މިމަރުހަލާ ފެށެނީ
ޖަރާސީމު ހަށިގަނޑަށް ވަންނަތާ 30-3 ދުވަހާއި ދެމެދުގައި
·
މިމަރުހަލާގައި ޖިންސީ
ގުނަވަން ހުންނަ ހިސާބުގައި ތަދު ނުހުންނަ ކުޑަ ބިއްސެއް ނުވަތަ ފޮޅެއް
އުފެދެއެވެ. އަދި މިފޮޅު ފެޅި ކުޑަ ފާރުކޮޅެއް އުފެދި، ވަރަށް އަވަހަށް
ރަގަޅުވެއެވެ. ރަގަޅުވާއިރު ލަކުނެއް ނުލާނެއެވެ.
·
ފިރިހެނުން: އެންމެ
އާންމުކޮށް ބަލީގެ އަސަރު ފެންނަނީ ހީސްބޭރުވާ ހޮއި، އޮމާމަސް އަދި އެނިވައިކޮށްދޭ
ހަންކޮޅު، އަދި އުރަވަޅިންނެވެ. ވަރަށް މަދުފަހަރަކު ހީސްހޮޅިއަށް އަސަރުކުރުމުން
އޭގެ އުދަނގޫ ފެނިދާނެ އެވެ.
·
އަންހެނުން: އެންމެ
އާންމުކޮށް ބަލީގެ އަސަރު ފެންނަނީ ޖިންސީ ގުނަވަނުގެ ފަހަތު ފާރު، ރަހިމުގެ
ދޮރުގެ ފަހަތުބައި، އަދި ފަރުޖުންނެވެ.
·
ފުރަތަމަ ނަގާ ބިހި،
ނުވަތަ އުފެދޭ ފާރުކޮޅު އާންމުކޮށް (ޚާއްޞަކޮށް އަންހެނުންގެ) ފާހަގަނުވެ
ހިގައިދާނެ އެވެ.
ދެވަނަ މަރުހަލާ
·
ދެވަނަ މަރުހަލާ ފެށެނީ
ފުރަތަމަ ބިހި ނުވަތަ ފޮޅު ނަގާތާ 6-2 ހަފްތާގެ ފަހުންނެވެ.
·
މިމަރުހަލާގައި ފައިގެ
ފަލަމަސްގަނޑާއި އުކުޅުވަޅުގައި ގޮށްލައި ތަދުވެ ރިއްސާނެ އެވެ.
·
ދުޅަވެ ގޮށްލާފައިވާ
ގޮށްތައް އެއްވެ، ''ބިއުބޯ"(Buboes) އަކަށް ބަދަލުވެ ބަލިޖެހޭ މީހުންގެ
ތެރެއިން 3/1 މީހުންގެ މިބިއުބޯ ފަޅައިގެން ދެއެވެ. ފަޅައިގެން ނުދާ ބިއުބޯ ތައް
ހަރުވުމަށްފަހު ރަގަޅުވެދެއެވެ.
·
ބަލިޖެހޭ 30-20
އިންސައްތަ އަންހެނުންގެ އުކުޅުވަޅު ނުވަތަ ފައިވަޅުގައި ގޮށްލައެވެ.
·
ބަލިޖެހޭ ގިނަ
ފިރިހެނުންގެ ބަލި ދެނެގަނެވެނީ މިމަރުހަލާގައެވެ.
·
މިމަރުހަލާގައި ފެނިދާނެ
އެހެން އަލާމާތްތަކުގެ ތެރޭގައި، ހުންއައުން، ހީކެރުވުން، ނުތަނަވަސްވުން، އަދި
ގައިގައި ިރހުން ހިމެނެއެވެ.
ތިންވަނަ މަރުހަލާ
·
މިމަރުހަލާއަށް
"ޖެނިޓޯއޭނޯރެކްޓަލް ސިންޑްރޯމް"(Genitoanorectal syndrome) މިހެން ކިޔައެވެ.
·
މިމަރުހަލާ ބޮޑަށް
ފާހަގަވަނީ އަންހެނުންގެ ފުށުންނެވެ. ފުރަތަމަ 2 މަރުހަލާ އަންހެނުންގެ ފުށުން
ފެނުން މަދެވެ.
·
ފުރަގަސް ފަރާތާއި
ފުރަގަސް ފަރާތު ދޮރު ފާރުވެ ހަލާކުވުމުގެ މައްސަލަ އެއްޖިންސުން ގުޅުން ހިންގާ
ފިރިހެނުންނާއި، ފުރަގަސް ބޭނުންކޮށްގެން ޖިންސީގުޅުން ހިންގާ އަންހެނުންނަށް
އިތުރެވެ.
·
މިމަރުހަލާގައި ފާހަގަވާ
އެންމެ މުހިއްމު ކަމަކީ ފުރަގަސްފަރާތު ދޮރާއި، ފުރަގަސްފަރާތް އަދި ގޮހޮރުގައި
އިންފްލެމޭޝަން އުފެދި ދުޅަވުމެވެ.
·
ސަބަބު ނޭނގޭގޮތަށް
ހުންއައުން
·
މިމަރުހަލާގައި ފެންނަ
އަލާމާތްތަކުގެ ތެރޭގައި:-
o ފުރަގަސް ފަރާތުން ލެޔާއެކު ދޮސްއައުން
o ފުރަގަސް ފަރާތުގައި ރިއްސައި ތަދުވުން
o ބޮޑުކަމުދާއިރު ތަދުވެ އުދަނގޫވުން
ދިގުލައިދިއުމުން ދިމާވެދާނެ މައްސަލަތައް
·
ފުރަގަސް ފަރާތު ދޮރުގެ
ކައިރީގައި އުފެދޭ ބިއުބޯ ތައް ފަޅައިގެން ދިއުމުން ފިސްތުލާ(Anal fistula) އުފެދުން
·
ފުރަގަސްފަރާތާއި
ގޮހޮރުގައި އިންފެކްޝަން ހެދުން
·
ފުރަގަސްފަރާތް
ކަނޑައިގެންދިއުން
·
ފުރަގަސްފަރާތުގައި
މުލިހި ނެގުން
·
ފުރަގަސް ފަރާތުގައި
ލަކުނުލައި، ފުރަގަސްފަރާތު މަގު ހަނިވުން
ލޭގެ ތެރެއަށް ޖަރާސީމު ގޮސް ހަށިގަނޑަށް
ފެތުރިއްޖެނަމަ އަންނަނިވި ކަންތައްތައް ކުރިމަތިވެއެވެ.
·
ހުޅުތައް ދުޅަވުން
·
ލޮލުގެ އިންފެކްޝަން
އަށަގަތުން
·
ހިތުގެ މައްސަލަ
ކުރިމަތިވުން
·
ފުއްޕާމޭގެ އިންފެކްޝަން
·
ސިކުނޑީގެ ވަށައިގެންވާ
ދުލިފަށަލަ ދުޅަވުން
·
ހެޕަޓައިޓިސް
ނޯޓް: މިކަންތައްތައް ދިމާވާނީ ނުވަތަ މެދުވެރިވާނީ
ބަލިޖެހޭތާ އެތަކެއް ދުވަސް ފަހުންނެވެ.
ލިމްފޯގްރެނިއުލޯމާ ޖެހިފައިވާކަން ދެނެގަތުން
ލިމްފޯގްރެނިއުލޯމާ ވިނީރިއަމް އާއި ގުޅިގެން ހަދާ
ލެބޯޓްރީ ޓެސްޓް ބިނާވެގެންވަނީ ކްލަމިޑީއާ ޓްރެކޮމެޓިސް އަށް ޚާއްޞަ ޑީއެންއޭ
ވަކިކުރުމާއި އޭގެ ފަހުން ބަލިޖެހުނީ ކޮން ސީރޯޓައިޕަކުންތޯ ބެލުމުގެ މައްޗަށެވެ.
އާންމު ގޮތެއްގައި ބަލިޖެހުމުން ފެންނަ އުދަގޫތަކާއި، ބަލިމީހާދޭ މަޢުލޫމާތުގެ
އިތުރުން "ނިއުކްލިކް އެސިޑް އެމްޕްލިފިކޭޝަން ޓެސްޓުތައް"(NAATs)
ބަލި ކަށަވަރު ކުރުމަށް ހެދެއެވެ. މިޖަރާސީމު ކަލްޗަރކުރުން އުދަނގޫވުމާއި،
ސީރޯޓައިޕް ތަކުގެ މެދުގައި ކްރޮސް ރިއެކްޓިވިޓީ މެދުވެރިވާތީ ސިރޮލޮޖިކަލް
ޓެސްޓްތައް ހެދުން އޮންނަނީ އުދަނގޫކަމަކަށް ވެފައެވެ.
·
ދުޅަވެފައިވާ ގޮށްތަކުން ކައްޓެއްގެ
އެހީގައި ދިޔަކޮޅެއް ނެގުން: މިދިޔަކޮޅު ބޭނުންކޮށްގެން ކަލްޗަރ ކުރެވެއެވެ.
·
ލިމްފް ގޮށުގެ ބަޔޮޕްސީ
ހެދުން
·
ކްލަމިޑީއާ ޓްރެކޮމެޓިސް
ހުރިތޯ ބެލުމަށް ކަލްޗަރ ހެދުން
·
ޖަރާސީމު ހުރިތޯ ބެލުމަށް
ލޭގެ ޓެސްޓުހެދުން
ލިމްފޯގްރެނިއުލޯމާ ވިނީރިއަމް ޖެހުމުން ބަލިމީހާގެ
ހަށިގަނޑު ބަލާ ބެލުންތަކުން އަންނަނިވި ކަންތައްތައް ފާހަގަވެދާނެ އެވެ.
·
ފުރަގަސްފަރާތު ދޮރު
ކައިރީގައި ފިސްތުލާ ހެދިފައި ހުރުން
·
ޖިންސީ ގުނަވަނުގައި
ފާރުކޮޅެއް އިނުން
·
އުކުޅުވަޅުގެ ގޮށްތަކުން
ދޮސް ފަދަ ތަކެތި އައުން
·
އަންހެނުންގެ ފަރުޖުގެ
ތުންފަތް ދުޅަވުން
·
އުކުޅުވަޅުގައި ގޮށްލައި
ގޮށްތައް ދުޅަވުން
ލިމްފޯގްރެނިއުލޯމާ ވިނީރިއަމް ގެ ފަރުވާ
ބޭހުގެ ފަރުވާ
ލިމްފޯގްރެނިއުލޯމާ ވިނީރިއަމް އަށް ރަގަޅަށް
ފަރުވާކުރެވޭނީ އެބައްޔަށް އެކަށޭނަ އެންޓިބަޔޮޓިކް ދިނުމާއެކު، ދުޅަވެ
ދޮސްލާފައިވާ ބިއުބޯތައް ފަޅައި ސާފުކޮށްގެންނެވެ. ބޭހުގެ ފަރުވާގެ މައިގަނޑު
އަމާޒަކީ ބަލީގެ ޖަރާސީމު ހަށިގަނޑުން ފުހެލުމެވެ.
·
ލިމްފޯގްރެނިއުލޯމާ
ވިނީރިއަމް އަށް ދިނުން އެދެވިގެންވާ ބޭސްތަކަކީ:-
o ޑޮކްސީސައިކްލިން 100މގ ދުވާލަކު 2 ފަހަރު 21 ދުވަހުގެ
މުއްދަތަށް
o އެރިތްރޯމައިސިން 500މގ ދުވާލަކު 4 ފަހަރު 21 ދުވަހުގެ
މުއްދަތަށް
·
ޑޮކްސީސައިކްލިން އަކީ
މާބަނޑު ނޫން އެހެން މީހުންނަށް ބަލިޖެހުމުން ދޭން އެންމެ ރަގަޅު ބޭހެވެ. މާބަނޑު
މީހުންނާއި ކިރުމައިންނަށް އެރިތްރޯމައިސިން ދެވިދާނެ އެވެ. އޭޑްސް ޖެހިފައިވާ
ތިބޭ މީހުންނަށް ވެސް ފަރުވާކުރާނީ އޭޑްސް ނުޖެހި ތިބޭ މީހުންނެކޭ އެއް
އުޞޫލަކުންނެވެ. ނަމަވެސް މިފަދަ މީހުންނަށް ދިގު މުއްދަތަކަށް ފަރުވާކުރަން
ޖެހިދާނެއެވެ.
·
ބަލިޖެހިފައިވާ މީހުން
ބޭސް ބޭނުންކުރާ ދުވަސްވަރު ޖިންސީގުޅުން ހިންގުމާއި ދުރުހެލިވާން ޖެހޭނެ އެވެ.
·
ބަލިޖެހިފައިވާ
މީހަކާއެކު ފާއިތުވި 2 މަސްދުވަހުގެ ތެރޭގައި ޖިންސީގުޅުން ހިންގާފައިވާނަމަ،
އެމީހެއްގެ ހާލަތު ދެނެގަނެ، ކަމެއް ފާހަގަވާނަމަ ފަރުވާކުރަން ވާނެއެވެ. ކަމެއް
ނެތްތަނަމަ، ބަލިމީހަކާ ގައިގޯޅިވުމުން ބަލީގެ ނުރައްކަލަށް ހުށަހެޅުނު
ކަމަށްޓަކައި، އަންނަނިވި އުޞޫލުން ބޭސް ބޭނުންކުރަން ޖެހޭނެ އެވެ.
o ޑޮކްސީ ސައިކްލިން 100މގ ދުވާލަކު 2 ފަހަރު 7 ދުވަހުގެ
މުއްދަތަށް
o އެޒިތްރޯމައިސިން 1 ގުރާމް އެންމެ ފަހަރަކު
ސާޖަރީ : ދުޅަވެ ދޮސްލާފައިވާ
ގޮށްތައް ފަޅާލައިގެން ސާފުކުރަން ވާނެއެވެ. މިގޮތަށް ހެދުމުން ތަދު ކުޑަވެ، ފާރު
އުފެދުމަށް ހުރަސްއަޅާނެ އެވެ.
ލިމްފޯގްރެނިއުލޯމާ ވިނީރިއަމް އިން
ރައްކާތެރިވުން
ލިމްފޯގްރެނިއުލޯމާ ވިނީރިއަމް އިން ރައްކާތެރިވުމަށް އަދި
މިހާތަނަށް ވެކުސިނެއް އުފައްދާފައެއް ނުވެއެވެ.
ލިމްފޯގްރެނިއުލޯމާ ވިނީރިއަމް އިން ރައްކާތެރިވުމަށް
އަންނަނިވި ކަންތައްތައް ކުރެވިދާނެއެވެ.
·
އިސްލާމީ ހަމަތަކާއި
އުޞޫލްތަކާއި އެއްގޮތްވާގޮތުގެ މަތިން ޖިންސީ ގުޅުން ހިންގުން
o އެއްޖިންސުން ގުޅުން ނުހިންގުން
o ފުރަގަސްފަރާތުން ޖިންސީގުޅުން ނުހިންގުން
o ވަފާތެރި އެކަކު ޚިޔާރުކުރުން
o ހަށިނުވިއްކުން
·
ޖިންސީ ގުޅުން ހިންގާއިރު
ހުރަސް ފަދަ ތަކެތި ބޭނުންކުރުން
·
ބަލި ޖެހިފައިވާނަމަ
ރަގަޅުވަންދެން ޖިންސީ ގުޅުން ހިންގުމާއި ދުރުހެލިވުން
·
އަހަރަކު އެއްފަހަރު ލިމްފޯގްރެނިއުލޯމާ
ވިނީރިއަމް އިންފެކްޝަން ޖެހިފައިވޭތޯ ބެލުމަށް ޓެސްޓް ކުރުން
·
ބަލީގެ އަލާމާތެއް
ފެނިއްޖެނަމަ ލަސްނުކޮށް ޑަކްޓަރެއްގެ އިރުޝާދާއި ލަފާހޯދުން
މަޢުލޫމާތު:
·
ޖިންސީ ގުޅުން ހިންގުމުން ޖެހޭ ބަލިތައް – ދުނިޔޭގެ އޭޑްސް
ދުވަސް 2004– ލީފްލެޓް – ޑިޕާޓްމަންޓް އޮފް ޕަބުލިކް ހެލްތު – 2004
·
ޖިންސީ ގުޅުމުން އަރާ ބަލިތައް - – ލީފްލެޓް –
ޑިޕާޓްމަންޓް އޮފް ޕަބުލިކް ހެލްތު – 2002
·
ކަވާސާ.ކޮމް
·
އިންޓަނެޓްގެ ބައެއް
ވެބްސައިޓް ތައް
No comments:
Post a Comment