މުހިއްމު ސަފުހާތައް

Monday, June 10, 2013

އުރަވަޅި



އުރަވަޅި

ފިރިހެނާގެ ނަސްލު އުފައްދާ ނިޒާމްގެ ބައިތަކުގެ ތެރޭގައި ހިމެނޭ އުރަވަޅި(scrotum) އަކީ އޮށް، އަދި ސްޕަމެޓިކް ކޯޑު އެއެއްޗެއްގެ ތެރޭގައި އޮންނަ ކޮތަޅެވެ. ފިރިހެނާ ބާލިޣުވުމުން އުރަވަޅީގެ ހަންގަނޑުގައި އިސްތަށި ފަޅައެވެ. އުރަވަޅީ އަކީ ފުރަގަސްފަރާތު ދޮރު ނުވަތަ ދުރަނާއި، ޒަކަރާއި ދެމެދުން ހަށިގަނޑުން ބޭރަށް އެލިފައި އޮންނަ ފައިބްރޯމަސްކިޔުލަރ ކޮތަޅެކެވެ.

އިންސާނާގެ އުރަވަޅި އަކީ ވަރަށް އިހުސާސް މަތި އެއްޗެކެވެ. އެއީ އޭގައި ބީހުމުން ހިތްހަމަޖެހުން ލިއްބައިދޭ މަސްދަރެއް ކަމުގައި ބެލެވެއެވެ. ޖިންސީ ގުޅުން ހިންގުމުގެ ތެރޭގައި އުރަވަޅީގައި އަތްލައި، މަސާޖުކޮށް، މޮޑެ ހެދުމަކީ ފިރިހެނާއަށް ޖިންސީ ހިތްހަމަޖެހުން ލިއްބައިދޭނެ ކަމެކެވެ.

އުރަވަޅިން ހަށިގަނޑުން ބޭރުގައި އިނުމުގެ ހިކުމަތަކީ އުރަވަޅި އަކީ ހަށިގަނޑުގެ އެހެން ހިސާބުތަކަށްވުރެ ދަށް ފިނިހޫނުމިނެއް ބޭނުންވާ ތަނަކަށްވުމެވެ. މިގޮތަށް ދަށް ފިނިހޫނުމިނެއް ހުރުމަކީ ފިރިހެނާގެ ދަރިފަނި އުފެއްދުމަށް މުހިއްމު ކަމެކެވެ. 

އުރަވަޅި އެކުލެވި އުފެދިފައިވާގޮތް

ބަނޑުގައި ދަރިފުޅު އޮންނައިރު އުރަވަޅި އުފެދިގެން އަންނަނީ ލޭބިއޯސްކޮރޮޓަލް ސްވެލިންގ(labioscrotal swelling) ނުވަތަ ޖެނިޓަލް ސްވެލިންގ އިންނެވެ. މިއީ ތުއްތު ދަރިފުޅު ބަނޑުގައި އަށަގަންތާ 4 ހަފްތާއާއި ހިސާބުގައި އުފެދޭ ބައެކެވެ. އުރަވަޅީގެ ފާރުގެ ބޯމިނަކީ ގާތްގަނޑަކަށް 8 މިލިމީޓަރެވެ. ލޭބިއޯސްކޮރޮޓަލް ސްވެލިންގ އިން ފިރިހެނުންގެ ހަށިގަނޑުގައި އުރަވަޅި ހެދި ބޮޑުވެގެން އަންނައިރު، އަންހެނުންގެ ހަށިގަނޑުގައި ހެދިބޮޑުވެގެން އަންނަނީ ފަރުޖުގެ އަރިމަތީ ބޮޑު ތުންފަތެވެ. މާބަނޑުވުމަށްފަހު ގާތްގަނޑަކަށް 32 ހަފްތާ ހިސާބުގައި ދަށްބަނޑުން ތިރިއަށް އުރަވަޅީގެ ތެރެއަށް އޮށްފައިބާނެ އެވެ.

އުރަވަޅި މެދުން ދެބަޔަށް ބަހާލަނީ ސްކޮރޮޓަލް ރޭފީ(scrotal raphe) އިންނެވެ. މިބައި ކުރިޔަށް ގޮސް ގުޅެނީ ޒަކަރުގެ ދަށު ސަތަހައާއެވެ. ފަހަތުން ގޮސްފައިވަނީ މެދު ރޮނގުން ފުރަގަސްފަރާތާއި ދިމާލަށެވެ. ބޭރުފުށުން އުރަވަޅި ދެބައިކޮށްދެނީ ސްކޮރޮޓަލް ރޭފީ އިން ކަމަށްވިޔަސް އެތެރެއިން ދެއުރަވަޅި ވަކިކޮށްދޭ ބަޔަކީ  ސްކޮރޮޓަލް ސެޕްޓަމް(scrotal septum) އެވެ. އުރަވަޅި އެކުލެވިގެންވަނީ ދެ ފަށަލައެއްގެ މައްޗަށެވެ. އެއީ ހަން، އަދި އޭގެ ދަށުގައިވާ ޑާރޓޯސް ޓިޔުނިކާ ނުވަތަ ޑާރޓޯސް މަސްކޮޅެވެ.

ހަން (integument): އުރަވަޅިގެ ހަމަކީ އަނދިރި ، ތުނި އެއްޗެކެވެ. ހަންގަނޑު ހުންނަނީ ރޫޖެހިފައި ހުންނަ ފާޑަކަށެވެ. އުރަވަޅީގެ ހަމުގައި ހުންނަ "ސެބަޝިއަސް ފޮލިކަލް"(sebaceous follicle) ތަކުން ޚާއްޞަ ވަހެއް އެކުލެވޭ ދިޔައެއް ދޫކުރެއެވެ. އުރަވަޅީގެ ހަމުން ތެޔޮމާއްދާ، އަދި ދާ ދޫކުރެއެވެ. އުރަވަޅީގެ ހަމުގައި ވަރަށް ތުނިތުނިކޮށް އިސްތަށި ފަޅާފައި ހުރެއެވެ. މިއިސްތަށިތަކުގެ ބުޑުތައް އުރަވަޅީގެ ހަމުގެ ތެރެއިން ފާޅުވެ ފެންނަށް ހުރެއެވެ.

ޑާރޓޯސް މަސްކޮޅު (dartos muscle): މިއީ އުރަވަޅީގެ ހަމުގެ ދަށުގައި އިންނަ މަސްކޮޅެކެވެ. މިމަސްކޮޅަށް ޑާރޓޯސް ޓިޔުނިކާ(dartos tunica) މިހެން ވެސް ކިޔައެވެ. މިމަހުގެ ފައިބަރު ކުރިޔަށް ގޮސްފައިވަނީ ފުރަގަސްފަރާތާއި، އުކުޅުވަޅުގެ ސްޕަފިޝަލް ފޭޝިއާ މިދެފަށަލަ އާއި އެކުގައެވެ. އުރަވަޅީގެ ފިނިހޫނުމިން ކޮންޓްރޯލްކުރުމުގައި މިމަސްކޮޅު ޝާމިލް ވެއެވެ. އެގޮތުން އުރަވަޅީގެ ފިނިހޫނުމިން އެއްވަރެއްގައި ހިފެހެއްޓުމަށް މިމަސްކޮޅު ކުރުގެޅިލުމުން ހަމުގައި ރޫޖެހޭނެއެވެ. މިގޮތަށް ރޫޖެހި ކުރުގެޅި ލުމުން އުރަވަޅީގެ ސަތަހީ ސަރަހައްދު ކުޑަވެ، އުރަވަޅީގެ ހަމުން ހޫނު ބޭރުވުން ދަށްކޮށްދޭނެ އެވެ.

އުރަވަޅީގެ ވަޒީފާ

އުރަވަޅީގެ ވަޒީފާ އަކީ އޮށުގެ ފިނިހޫނުމިން ވަކި މިންވަރެއްގައި ބެހެއްޓުމެވެ. އަދި އޮށް ރައްކާތެރިކޮށްދިނުމެވެ. އާއްމު ގޮތެއްގައި އޮށުގެ ފިނިހޫނުމިން ހަށިގަނޑުގެ އެހެން ހިސާބު ތަކަށްވުރެ ތަންކޮޅެއް ދަށްވާނެއެވެ. އޮށުގައި ހުންނަން ޖެހޭ ނަމޫނާ ފިނިހޫނުމިނެއް ކަމަށް ބެލެވެނީ 34.4 ޑިގްރީ ސެލްޒިއަސް އެވެ. ހަށިގަނޑު ޢާންމު ފިނިހޫނުމިނަ (36.7 ޑިގްރީ ސެލްޒިއަސް)ށް، ނުވަތަ އެއަށްވުރެ މައްޗަށް، އޮށުގެ ފިނިހޫނުމިން (ގިނަ އިރުތަކެއްވަންދެން/ ދިގުމުއްދަތަކަށް) ހިނގައްޖެ ނަމަ ފިރިހެނާގެ ދަރިފަންޏަށް ގެއްލުން ލިބެއެވެ. އެހެންކަމުން ފިރިހެނާގެ ދަރިފަނީގެ ދުޅަހެޔޮކަމަށްޓަކައި ހަށިގަނޑުގެ އާންމު ފިނިހޫނު މިނަށްވުރެ ދަށް ފިނިހޫނުމިން އޮށުގައި ހުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ.

ބައެއް ކަހަލަ ހާލަތްތަކުގައި މިސާލަކަށް ކަސްރަތުކުރުން، މާބޮޑަށް ފިނިވުން، އަދި ޖިންސީ އެދުންވެރިކަން އައުން ފަދަ ހާލަތްތަކުގައި އުރަވަޅީގައި ހުންނަ މަސްކޮޅުތައް ފިތި ކުރުގެޅޭގޮތް ވެއެވެ. މިހެންވުމުން މިފަދަ ހާލަތުގައި އޮށް ހަށިގަނޑާ ކައިރިއަށް(ގާތަށް) ޖެހިލާގޮތް ވެއެވެ. މިހެންވުމުން އޮށުގެ ފިނިހޫނުމިން މައްޗަށްދާނެއެވެ. ހޫނުވުން، ނުވަތަ އަރާމުކުރުން (ކަމެއްނުކޮށްހުރުން) ފަދަ ހާލަތްތަކުގައި އުރަވަޅީގެ މަސްތައް ދޫވެ، ހަމައަކަށްއެޅި، ތިރިއަށްދެމި(ޖެހި) މަޑުކަމެއް އުރަވަޅިއަށް އަންނަގޮތް ވެއެވެ. މިހެންވުމުން އޮށް ހަށިގަނޑާ ފެއަށް(ދުރަށް) ޖެހޭގޮތް (ތިރިއަށް އެލިފައި އިންނަގޮތްވުން) ވެއެވެ. އަދި އޮށުގެ ފިނިހޫމިން ދަށްކޮށްލާނެއެވެ. މިބަދަލުތައް މިގޮތަށް އައުމުން ދޭހަކޮށްދެނީ އުރަވަޅީގެ މައި މަސައްކަތަކީ އޮށުގެ ފިނިހޫނުމިން ވަކި މިންގަނޑެއްގެ ތެރޭގައި ހިފަހައްޓައިދިނުން ކަމެވެ. އެހެންކަމުން އުރަވަޅިން އަބަދުވެސް އޮށުގެ ފިނިހޫނު މިން ހުރި މިންވަރު ބަލަމުންގެންދާނެ އެވެ. އަދި ދުޅަހެޔޮ ދަރިފަންޏެއް އުފެއްދުމަށް ބޭނުންވާނެ ފިނިހޫނު މިން އޮށުގައި ހިފެހެއްޓުމަށް މަސައްކަތްކުރަމުން ގެންދާނެ އެވެ.

އުރަވަޅީގައި ހިމެނޭ ބައިތައް

އުރަވަޅީގެ ތެރޭގައި މައިގަނޑު 3 ބައެއް ހިމެނެއެވެ. އެއީ ސްޕަމެޓިކް ކޯޑު، އޮށް، އަދި މަނި ރައްކާކޮށްދޭ ގުދަނެވެ. މީގެ އިތުރުން އުރަވަޅީގެ ތެރޭގައި ހުންނަ ބައިތަކުގެ ތެރޭގައި މަނި ހޮޅި ،  އެކްސްޓާރނަލް ސްޕަމެޓިކް ފޭޝިއާ، މަހުގެ ފައިބަރުތައް ފަދަ ބައިތައް ހިމެނެއެވެ.

އޮށް (testes): އޮށަކީ ދަރިފަނި ނުވަތަ މަނި އުފައްދައިދޭ މަރުކަޒެވެ. ކޮންމެ އޮށަކުން ވެސް ހޯރމޯން ވެސް އުފައްދާނެ އެވެ. އެންމެ އާންމުކޮށް އުފައްދާ ހޯރމޯން އަކީ ފިރިހެން ހޯރމޯން ޓެސްޓޮސްޓަރޯން އެވެ. އޮށުން މިހޯރމޯންތައް އުފައްދަނީ ސިކުނޑީގައިވާ ހައިޕޯތަލަމަސް އަދި ޕިޓޫއިޓަރީ ގްލޭންޑްގެ އެހީގައެވެ. އޮށުގައި އުފައްދާ ދަރިފަނި ދެން ދަތުރުކުރަނީ އުރަވަޅީގެ ތެރޭގައިވާ މަނިގުދަނަށެވެ. މަނި ބޭރުވަންދެން ނޫނީ ބޭރުވާން ޖެހެންދެން މަނިކޮށާރުކޮށް ގުދަން ކުރެވިފައި ހުންނަނީ މަނިގުދަނުގައެވެ.

ސްޕަމެޓިކް ކޯޑް (spermatic cord): ސްޕަމެޓިކް ކޯޑަކީ ބަނޑުގެ ތިރިން ފެށިގެން އުރަވަޅި އަށް ފައިބައިފައިވާ ނަސްލު އުފައްދާ ނިޒާމްގެ ބައިތައް ހިމެނޭ ނުވަތަ އުފުލައިދޭ ކޯޓެއް ފަދަ އެއްޗެކެވެ. ސްޕަމެޓިކް ކޯޑްގެ ތެރެއިން ތިރިއަށް އުރަވަޅިއާއި ދިމާލަށް ގޮސްފައިވާ ބައިތަކުގެ ތެރޭގައި ތަފާތު ނާރުތައް، ލޭހޮޅިތައް، ލިމްފް ހޮޅިތައް، އަދި މަނި ހޮޅި ހިމެނެއެވެ.

މަނިގުދަން (epididymis): މިއީ ކޮންމެ އޮށެއްގެ ބޮލުގައިވާ ނުވަތަ ބޯމަތީގައިވާ އެއްޗެކެވެ. ނުވަތަ ތަނެކެވެ. އާންމު ގޮތެއްގައި މަނި އުފެއްދުމަށްފަހު ހަށިގަނޑު ބޭރުކުރަންވަންދެން، ގުދަންކޮށް ކޮށާރުކޮށްފައި ހުންނަނީ މިތަނުގައެވެ.

ޑާރޓޯސް މަސްކޮޅު (dartos muscle): މިއީ އުރަވަޅީގެ ހަމުގެ ދަށުގައި އިންނަ މަސްކޮޅެކެވެ. އުރަވަޅީގެ ފިނިހޫނުމިން ކޮންޓްރޯލްކުރުމުގައި މިމަސްކޮޅު ޝާމިލް ވެއެވެ. އެގޮތުން އުރަވަޅީގެ ފިނިހޫނުމިން އެއްވަރެއްގައި ހިފެހެއްޓުމަށް މިމަސްކޮޅު ކުރުގެޅިލުމުން ހަމުގައި ރޫޖެހޭނެއެވެ. މިގޮތަށް ރޫޖެހި ކުރުގެޅި ލުމުން އުރަވަޅީގެ ސަތަހީ ސަރަހައްދު ކުޑަވެ، އުރަވަޅީގެ ހަމުން ހޫނު ބޭރުވުން ދަށްކޮށްދޭނެ އެވެ.

ކްރިމަސްޓެރިކް މަސްކޮޅު (cremasteric muscle: މިއީ ވެސް އުރަވަޅީގެ ތެރޭގައި އިންނަ މަސްކޮޅެކެވެ. ރައްކާތެރިކޮށްދިނުމުގެ މަސައްކަތް ކޮށްދޭ މިމަސްކޮޅަކީ ދެބަޔަށް އިންނަ މަސްކޮޅެކެވެ. އަދި ކޮންމެ ފަރާތެއްގެ އުރަވަޅީގައި ވެސް މިމަސްކޮޅު އިންނާނެ އެވެ. މިމަސްކޮޅު ބެހިފައިވާ ދެބައިން، އެއްބަޔަކީ ގަޔާއި ގާތަށްވީ ބައެވެ. މިބައި ފެށިގެން އަންނަނީ "ޕިޔުބިކް ޓިޔުބާރކްލް"(pubic tubercle) އިންނެވެ. ދެވަނަ ބަޔަކީ ގަޔާއި ދުރުވީ ބައެވެ. މިބައި ފެށިގެން އަންނަނީ އިންޓާރނަލް އޮބްލިކިޔޫ(internal oblique) މަސްކޮޅުންނެވެ.

ލޭދައުރުވުން / ފަތިނާރުތައް

އުރަވަޅިއަށް ސާފުލޭ ގެނެސްދެނީ އެކްސްޓާރނަލް ޕިޔުޑެންޑަލް އާޓަރީ(external pudendal artery) އިން ނިކުމެފައިވާ އެންޓީރިއަރ ސްކޮރޮޓަލް އާޓަރީ(anterior scrotal artery) ގެ އިތުރުން އެހިސާބުގައިވާ އިންޓާނަލް ޕިޔުޑެންޑަލް އާޓަރީ(internal pudendal artery އިން ނިކުމެފައިވާ ޕޯސްޓީރިއަރ ސްކޮރޮޓަލް އާޓަރީ(posterior scrotal artery) އިންނެވެ. އުރަވަޅިން ނުސާފުލޭ އަނބުރާ ގެންގޮސްދެނީ ސްކޮރޮޓަލް ވެއިން(scrotal veins) ތައް މެދުވެރިގެން، އެކްސްޓާރނަލް ޕިޔުޑެންޑަލް ވެއިން(external pudendal veins) ތަކަށެވެ.

އުރަވަޅީގެ ކުރިމައްޗާއި އަރިމައްޗަށް އައިސްފައިވާ ފަތިނާރަކީ އެންޓީރިއާ ސްކޮރޮޓަލް ނާރވް(anterior scrotal nerve) ތަކެވެ. މިއި އިލިއޯއިންގުއައިނަލް ނާރވް(ilioinguinal nerve) އަދި ޖެނިޓޯފެމޯރަލް ނާރވް(genito femoral nerve) އިން ނިކުމެފައިވާ ޖެނިޓަލް ބްރާންޗް(genital branches) ތަކުން އައިސްފައިވާ ފަތިނާރު ތަކެކެވެ. އުރަވަޅީގެ ފަހަތަށް އައިސްފައިވާ ފަތިނާރަކީ ޕޯސްޓީރިއަރ ސްކޮރޮޓަލް ނާރވް(posterior scrotal nerve) ތަކެވެ. މިއީ ޕޯސްޓީރިއަރ ފެމޯރަލް ކިޔުޓެނިއަސް ނާރވް(posterior femoral cutaneous nerve) އަދި ޕިޔުޑެންޑަލް ނާރވް(pudendal nerve) އިން ނިކުމެފައިވާ ޕެރިނިއަލް ބްރާންޗް(perineal branches) ތަކުން އައިސްފައިވާ ފަތިނާރު ތަކެކެވެ.

ނޯޓް : މިއީ މައުލޫމާތު ފެތުރުމުގެ ނިޔަތުގައި ލިޔެފައިވާ ލިޔުމެކެވެ.

މައުލޫމާތު :

Anatomy, G. (2013, 06 10). http://education.yahoo.com/reference/gray/. Retrieved from http://education.yahoo.com/: http://education.yahoo.com/reference/gray/

 Anne Waugh, A. G. (2009). Ross and Wilson ANATOMY and PHYSIOLOGY in Health and illness. Galasgow: CHURCHIL, LIVINGSTONE.

https://teachmeanatomy.info/pelvis/the-male-reproductive-system/scrotum/

https://www.bartleby.com/107/258.html

https://www.ncbi.nlm.nih.gov/books/NBK549893/

https://www.kenhub.com/en/library/anatomy/the-scrotum

 

 

No comments:

Post a Comment