އޮށަ(testis)ކީ އުރަވަޅީގެ
ތެރޭގައި އޮންނަ އެއްޗެކެވެ. އޮށް އުރަވަޅީގެ ތެރޭގައި ހިފެހެއްޓިފައި އޮންނަނީ
ސްޕަމެޓިކް ކޯޑު ގެ އެހީގައެވެ. އުރަވަޅީގެ ކޮންމެ ފަރާތެއްގައި އޮށެއް އޮންނާނެ
އެވެ. ދަރިފަނި (މަނި) އުފެދެނީ މިއޮށުގެ ތެރޭގައެވެ. ފިރިހެނެއްގެ އޮށްމަތީގައި
ޖެހުމަކީ އެމީހަކަށް ވަރަށް ތަދު އިހްސާސް ވާނޭ ކަމެކެވެ. އެއީ އޮށަކީ ވަރަށް
ނާޒުކު އެއްޗަކަށް ވާތީއެވެ.
އޮށުގެ ބޭރުން އޮށުގެ ފަހަތުގައި ތަތްވެފައި އިންނަ އޮޅިފައިވާ ހޮޅިއަކީ މަނި ރައްކާކޮށްދޭ މަނި ގުދަނެ(epididymis) ވެ. މިއީ އެތަނެއްގެ ތެރޭގައި މަނި ގުދަންކޮށް، ރައްކާކުރުމުގެ އިތުރުން، މަނި އިތުރަށް ފުރިހަމަވެގެންދާ މަރުކަޒެއް ވެސް މެއެވެ. މަނި ގުދަން''އިފެރެންޓް ޑަކްޓް''(efferent duct)ތަކާއި މަނި ހޮޅި(vas deferens) ގުޅުވާދެއެވެ.
އޮށް ބޮޑުވެ ފުރިހަމަވުން
ބަނޑުގައި ތުއްތު ދަރިފުޅު އަށަގަންނަތާ ކުރީކޮޅު އޮށް އިންނަނީ ދަށްބަނޑުގެ
ތިރީގައެވެ. ނުވަތަ ބަނޑުގެ ފަހަތު ފާރުގައެވެ. ދުނިޔެއަށް އުފަންވުމުގެ ކުރިން (ގާތްގަނޑަކަށް
މައިމީހާގެ ބަނޑަށް 8 މަސްވުމުން) ސްޕަމެޓިކް ކޯޑުގެ ތެރެއިން ގޮސް ތިރިޔަށް
އުރަވަޅިއަށް އޮށް ފައިބާގޮތް ވެއެވެ. އޮށުން ދަރިފަނި އުފައްދަން ފެށުމާއެކު
އޮށްވެސް ބޮޑުވާން ފަށައެވެ.
އޮށް އިންނަގޮތް
އެއް އޮށަށްވުރެ އަނެއް އޮށް ތިރީގައި އިނުމަކީ ޢާންމު ކަމެކެވެ. އާންމު ގޮތެއްގައި ކަނާތް ފަރާތަށްވުރެ ވާތް
ފަރާތުގެ އުރަވަޅި ތިރިއަށް ޖެހިފައި ނުވަތަ އެލިފައި އިންނަލެއް ބޮޑުވާނެއެވެ.
މިގޮތަށް ވާތް ފަރާތު އުރަވަޅި މާބޮޑަށް ތިރިޔަށް ޖެހިފައި އިންނަނީ ވާތް ފަރާތުގެ
ސްޕަމެޓިކް ކޯޑު ކަނާތް ފަރާތުގެ ސްޕަމެޓިކް ކޯޑަށް ވުރެ ދިގުވާތީ ކަމަށް ވެދާނެ
އެވެ.
ނަމަވެސް ކަނާތް ފަރާތު އޮށް ތިރިއަށް ގޮސްފައި ހުރުމާއި ވާތް ފަރާތު އޮށް
ތިރިއަށް ގޮސްފައި ހުރި ނިސްބަތް ބަލާއިރު ދެބައި ހަމަހަމަކަމަށް ދިރާސާތަކުން
ދައްކައެވެ. މާނައަކީ 50 އިންސައްތަ މީހުންގެ ކަނާތު އޮށް ތިރީގައި އިންނައިރު
އަނެއް 50 އިންސައްތަ މީހުންގެ ވާތު އޮށް ތިރީގައި އިނުމެވެ. އެވްރެޖް މީހެއްގެ
އޮށުގެ ދިގުމިނުގައި 4.5ސމ، ފުޅާމިނުގައި
2.5ސމ، ބޯމިނުގައި 3ސމ، އަދި ވަށަމިނުގައި 1.2- 0.8 އިންޗި ހުރެއެވެ. އެވްރެޖް
ގޮތެއްގައި އޮށުގެ ބަރުދަނުގައި ގާތްގަނޑަކަށް 14-10.5 ގްރާމް ހުރެއެވެ. ބައެއް
ރިފަރެންސްތަކުގައި އޮށުގެ ބަރުދަނުގައި 25 ގްރާމް ހުންނަކަމަށް ބަޔާންކޮށްފައި
ވެއެވެ.
އޮށުގެ ވަށައިގެން 3 ފަށަލައެއް ލެވިފައި ވެއެވެ. އެއީ:-
ޓިޔޫނިކާ ވެޖައިނަލިސް (tunica vaginalis): މިއީ އޮށުގެ އެންމެ ބޭރުން ލެވިފައިވާ ފަށަލަ އެވެ. މިއީ
އެތެރެހަށީގެ ގުނަވަންތަކުގެ ބޭރުގައިވާ ދުލިފަށަލަ(peritoneum) އިގެ ބައެކެވެ. ޓިޔުނިކާ ވެޖައިނާލިސް ބިނާވެގެންވަނީ އިތުރު 3
ފަށަލައެއްގެ މައްޗަށެވެ.
·
ވިސެރަލް ލޭޔަރ (visceral layer): މިއީ މަނިއުފައްދާ ހޮޅިތައް ރައްކާތެރިކޮށްދޭ ޓިޔޫނިކާ
އަލްބުޖިނީއާ ގެ ބޭރުން ލެވިފައިވާ ފަށަލަ އެކެވެ.
·
ކޭވަމް ލޭޔަރ (cavum layer): މިއީ ކުރިން
ބުނެދެވުނ ވިސެރަލް ލޭޔަރ އާއި ޕެރެއިޓަލް ލޭޔަރ އާއި ދެމެދުގައިވާ ހުސް ޖާގަ
އެކެވެ.
·
ޕެރީޓަލް ލޭޔަރ (parietal layer): މިއީ އެންމެ ބޭރަށް އިންނަ ފަށަލަ އެވެ.
ޓިޔޫނިކާ އަލްބުޖިނީއާ (tunica albuginea): މިއީ ކުރިން ބުނި ފަށަލައިގެ އެތެރެއިން އިންނަ ފައިބަރުގެ
ސެލޯށިތަކުން އުފެދިފައިވާ ފަށަލަ އެކެވެ. މެދުގައިވާ މިފަށަލަ އަކީ ބޯ ފަށަލަ
އެކެވެ.
ޓިޔޫނިކާ ވެސްކިޔުލޯސާ (tunica vasculosa): މިފަށަލަ އެކުލެވިގެންވަނީ ކުދިކުދި ހިމަ ލޭހޮޅިތަކުގެ
މައްޗަށެވެ. އެހެންކަމުން މިއީ ލޭހޮޅިތައް އެކުލެވޭ ތުނި ފަށަލަ އެކެވެ.
އޮށް އުފެދިފައިވާ ގޮތް ނުވަތަ އޮނިގަނޑު
އޮށުގެ ވަށައިގެން ލެވިފައިވާ ތިން ފަށަލައިގެ ތެރެއިން ދެވަނަ ފަށަލަ ''ޓިޔޫނިކާ
އަލްބުޖިނީއާ''(Tunica albuginea) ގެ އެތެރެއިން، ކޮންމެ
އޮށެއްގެ ތެރޭގައި 300-200 އާ ދެމެދުގެ އަދަދަކަށް 'ލޮބިޔޫލް" ތައް ހުރެއެވެ.
އަދި މިއިން ކޮންމެ ލޮބިޔޫލް(lobule)
އެއްގައި 4-1 އާ ދެމެދުގެ އަދަދަކަށް އޮޅިފައިވާ ތުނިތުނި ހޮޅިތަކެއް ވެއެވެ. މިއީ
މަނި އުފައްދައިދޭ ހޮޅި(Seminiferous tubules) ތަކެވެ.
މިހޮޅިތަކުގެ ދެމެދުގައި ''ލީޑިގް ސެލް''(Leydig
cell) ކިޔާ ސެލް ތަކެއް ހުރެއެވެ.
މިސެލްތަކުން ''ޓެސްޓޮސްޓަރޯން'' އަދި އެންޑްރަޖަން ބާލިޣުވުމަށްފަހު އުފައްދަމުން
ގެންދެއެވެ. މިހޮޅިތަކުގެ ކައިރިފަށުގައި ވަށައިގެން ލެވިފައިވާ ''ސާރޓޯލީ ސެލް''(Sertoli cell) ތަކުން
ބާލިޣުވުމުން ފެށިގެން ގޮސް މުސްކުޅި ވަންދެން ސްޕާމް ސެލްތައް(sperm cells) އުފައްދައެވެ.
މިއީ ދަރިފަނި ހެދިބޮޑުވުމަށް ވެސް
އެހީތެރިވެދޭ ސެލް ތަކެކެވެ. މިހޮޅިތަކުގައި އުފެދޭ މަނި، ރީޓީ ޓެސްޓިސް(rete testes) އަށް
ވާޞިލްވެ، އެއަށްފަހު އިފެރެންޓް ޑަކްޓްތައް ހުރަސްކޮށް މަނި ރައްކާކޮށް
ބަހައްޓައިދޭ މަނި ގުދަނަށް(epididymis) ވާޞިލްވެއެވެ. އަދި މަނިގުދަނުގައި މަނިތައް އިތުރަށް ފުރާ
ފުރިހަމަވެގެން ދެއެވެ. އެއަށް ފަހު މަނިހޮޅި(vas
deferens) އަށް ވާޞިލްވެއެވެ. އަދި މަނިބޭރުވުމުގެ
ތެރޭގައި ކުޑަކަމުދާ ހޮޅީގެ ތެރެއިން ކުޑަކަމުދާ ހޮޅީގެ ދޮރުން ލާފައި މަނިތައް
ހަށިގަނޑުން ބޭރުވެގެން ދެއެވެ.
އުރަވަޅީގެ ތެރޭގައި އޮށް އެއްކޮށްވެސް ނިވާކުރެވިފައިވަނީ ޓިޔޫނިކާ
ވެޖައިނާލިސް(tunica vaginalis) އިންނެވެ. މިއީ އޮށުގެ އެންމެ ބޭރުން ލެވިފައިވާ ފަށަލަ އެވެ.
މިއީ އެތެރެހަށީގެ ގުނަވަންތަކުގެ ބޭރުގައިވާ ދުލިފަށަލަ(peritoneum) އިގެ ބައެކެވެ. މިއިން ބެދިފައިވާ ކޮތަޅެއް އުފެދެއެވެ.
މިކޮތަޅުގެ ތެރޭގައި ތަތް ދިޔައެއް ހުރެއެވެ. މިކޮތަޅުން އޮށުގެ ކުރިމަތި އަދި ދެއަރިމަތި އެއްކޮށް ނިވައިކޮށްދެއެވެ.
މިކޮތަޅު އޮށުގެ ސަތަހަ ތެޔޮކަންމަތީ ދަމަހައްޓައިދެއެވެ. އެކަމުގެ ސަބަބުން
އޮށަށް ދަތިކަމެއް ނެތި ފަސޭހަކަމާއެކު ހަރަކާތްތެރި ވެއެވެ.
ކުރިން ބުނި ޓިޔޫނިކާ ވެޖައިނާލިއަސް އަށްވުރެ އެތެރެއަށް އޮށުގެ ވަށައިގެން
ލެވިފައިވާ ފަށަލަ އަކީ ޓިޔުނިކާ އަލްބުޖިނީއާ(tunica
albuginea) އެވެ. މިއީ އޮށުގެ ވަށައިގެން
ލެވިފައިވާ ފައިބަރުގެ ސެލޯށިތަކުން އުފެދިފައިވާ ކެޕްސޫލް އެކެވެ. މިފަށަލަ
އިންނަނީ އޮށުގެ އެތެރެއަށް ހުރަސްތަކެއް ވާގޮތަށް ދޭތެރެ ދޭތެރެއިން ވަކި
ދުރުމިނެއްގައި ވަދެފައެވެ. މިގޮތަށް ވަންނަ ހުރަސްތަކުން ބައިބައިވެގެން
އުފެދިގެން ދަނީ ލޮބިޔޫލް(lobule)
ތަކެވެ. ކޮންމެ އޮށެއްގައި މިފަދަ 300-200 އާ ދެމެދުގެ އަދަދަކަށް 'ލޮބިޔޫލް"
ތައް ހުރެއެވެ. މިއިން ކޮންމެ ލޯބް އެއް ނުވަތަ ލޮބިޔޫލް އެއްގެ ތެރޭގައި 10-3
އާއި ދެމެދުގެ އަދަދަކަށް ކުދި ޓިބިޔޫލް ތައް ހުރެއެވެ. މިޓިބިޔޫލް ތަކަކީ މަނި
އުފައްދައިދޭ ހޮޅި(seminiferous tubules) ތަކެވެ.
އޮށުގެ ވަޒީފާ
އޮށުން ފުރިހަމަކޮށްދޭ މަސައްކަތްތަކުގެ ތެރޭގައި، ފިރިހެނާގެ ދަރިފަނި(މަނި)
އުފެއްދުން، އަދި ފިރިހެނާގެ ޖިންސީ ހޯރމޯން "ޓެސްޓޮސްޓަރޯން"(testosterone) އުފެއްދުން
ފަދަ ކަންތައްތައް ހިމެނެއެވެ. ދަރިފަނި(މަނި) ތައް އުފައްދަނީ އޮށުގެ ތެރޭގައިވާ
ކުދިކުދި މަނި އުފައްދައިދޭ ހޮޅި ތަކުންނެވެ. އެއަށްފަހު ދަރިފަނިތައް ވާޞިލްވަނީ
ރައްކާކޮށް ބަހައްޓައިދޭ މަނި ގުދަނަށެވެ.
ފިރިހެނާގެ ހަށިގަނޑުން މަނިބޭރުކުރުމާ، ޖިންސީ ހޯރމޯން އުފެއްދުން
ކޮންޓްރޯލް ކުރަނީ ސިކުނޑީގެ ދަށުގައިވާ "ޕިޓޫއިޓަރީ ގްލޭންޑް"(pituitary gland) އިން ބޭރުކުރާ
"ގޯނަޑަޓްރޮޕިކް ހޯރމޯން"(Gonadotropic hormone) ތަކުގެ ސަބަބުންނެވެ. އެގޮތުން ހިމެނޭ ހޯރމޯންތަކަކީ
ލޫޓީނައިޒިންގ ހޯރމޯން(LH)،
އަދި ފޮލިކިޔުލަރ-ސްޓިމިއުލޭޓިންގ ހޯރމޯން(FSH) އެވެ. ލޫޓިނައިޒިންގ ހޯރމޯން ދޫކުރުމަށް ބާރުއަޅައިދޭ ހޯރމޯން
އަކީ ހައިޕޯތަލަމަސް(hypothalamus) އިން އުފައްދާ ގޯނަޑަޓްރޮޕިން ރިލީޒިންގ ހޯރމޯން(Gonadotropin releasing hormone)
އެވެ. ލޫޓިނައިޒިންގ ހޯރމޯން ދޫކުރުން މަނާކުރަނީ ޓެސްޓޮސްޓަރޯން ހޯރމޯން އެވެ،
އަދި ޓެސްޓޮސްޓަރޯން ހޯރމޯން ގޯނަޑަޓްރޮޕިން ރިލީޒިންގ ހޯރމޯން(Gonadotropin releasing hormone)
ދޫކުރުން މަނާކުރެއެވެ. ވީމާލޭގައި ޓެސްޓޮސްޓަރޯންގެ މިންވަރު ދަށްވާއިރު
ލޫޓިނައިޒިންގ ހޯރމޮން އަދި ގޯނަޑަޓްރޮޕިން ރިލީޒިންގ ހޯރމޯން ދޫކުރުން އިޔުރުވާނެ
އެވެ. އަދި ލޭގައި ޓެސްޓޮސްޓަރޯންގެ މިންވަރު މަތިވާއިރަށް ލޫޓިނައިޒިންގ ހޯރމޮން
އަދި ގޯނަޑަޓްރޮޕިން ރިލީޒިންގ ހޯރމޯން ދޫކުރުން މަދުވާނެ އެވެ.
އޮށުގައި ލޭ އަދި ލިމްފް ދައުރުވާގޮތް
އޮށަށް ލޭ ފޮނުވާ ގޮތާއި ލިމްފް އައިސްފައިވާގޮތް އުރަވަޅި އާއި ތަފާތެވެ.
އެގޮތުން އޮށަށް ސާފުލޭ ފޮނުވައިދޭ ލޭހޮޅި ތައް (testicular
arteries) އައިސްފައިވަނީ ސީދާ
''އެބްޑޮމިނަލް އެއޯޓާ''(Abdominal aorta)އިންނެވެ. މިލޭހޮޅިތައް ބަނޑުން ތިރިއަށް އުރަވަޅީގެ ތެރެއަށް
އަންނަނީ އިންގުއައިނަލް ކެނަލް ހުރަސްކޮށް، ސްޕަމެޓިކް ކޯޑުގެ ތެރެއިންނެވެ. މީގެ
އިތުރުން އިންފީރިއަރ އެޕިގެސްޓްރިކް އާޓަރީ(inferior
epigastric artery) އިން
ނިކުމެފައިވާ ކްރިމެސްޓެރިކް އާޓަރީގެ ގޮފިތަކުން ވެސް އޮށަށް ސާފުލޭ
ފޯރުކޮށްދެއެވެ. އަދި އިންފީރިއަރ ވެސައިކަލް އާޓަރީ (inferior
vesical artery)އިން ނިކުމެފައިވާ އާޓަރީ އޮފް ދަ ވެސް
ޑިފަރަންސް އިން ވެސް އޮށަށް ސާފުލޭ ފޯރުކޮށްދޭކަން ފާހަގަ ކުރެވެއެވެ.
އޮށުގެ ތެރެއިން ނުސާފުލޭ އަނބުރާ ގޮސް ހުސްވަނީ ޓެސްޓިކިޔުލަރ ވެއިން(testicular veins) ތަކަށެވެ.
މިވެއިން ތައް އުފެދިގެން އަންނަނީ އުރަވަޅީގައި ހުންނަ ޕެމްޕިނިފޯރމް ޕްލެކްސަސް(pampiniform plexus) ތަކުންނެވެ.
ވާތް ފަރާތުގެ ޓެސްޓިކިޔުލަރ ވެއިން ހުސްވަނީ އެފަރާތު ރީނަލް ވެއިން(left renal vein) އަށެވެ. އަދި ކަނާތް ފަރާތުގެ ޓެސްޓިކިޔުލަރ
ވެއިން ހުސްވަނީ ސީދާ އިންފީރިއަރ ވީނާކޭވާ(inferior
vena cava) އަށެވެ.
އުރަވަޅިއާ، މިހިސާބުގައި ހިމެނޭ އެހެން ބައިތަކަށް ލޭ ފޮނުވައިދެނީ
''އިންޓާރނަލް ޕިއުޑެންޑަލް އާޓަރީ''(Internal pudendal artery) އިންނެވެ. އޮށުން ލިމްފް ތައް ދަތުރުކުރަނީ ''ޕެރައައޮޓިކް ލިމްފް
ގޮށް''(Paraaortic lymph node)ތަކަށެވެ. އަދި އުރަވަޅިން ލިމްފް ތައް ދަތުރުކުރަނީ
''އިންގުއައިނަލް ލިމްފް ގޮށް''(Inguinal lymph node) ތަކަށެވެ.
ނޯޓް : މިއީ މައުލޫމާތު ފެތުރުމުގެ ނިޔަތުގައި ލިޔެފައިވާ
ލިޔުމެކެވެ.
މައުލޫމާތު
:
Anatomy, G. (2013, 06 10). http://education.yahoo.com/reference/gray/.
Retrieved from http://education.yahoo.com/: http://education.yahoo.com/reference/gray/
Anne Waugh, A. G. (2009). Ross and Wilson ANATOMY and
PHYSIOLOGY in Health and illness. Galasgow: CHURCHIL, LIVINGSTONE.
https://teachmeanatomy.info/pelvis/the-male-reproductive-system/testes-epididymis/
https://www.bartleby.com/107/258.html
No comments:
Post a Comment