ފެޓް
ފެޓް(fat)
ނުވަތަ ލިޕިޑް(lipid)
އަކީ އޭގެ ބަރުދަނުގެ ނިސްބަތުން އެހެން އޮށްޓަރު ތަކަށްވުރެ ގިނައިން ކެލަރީ
ނުވަތަ ހަކަތަ ލިބިދޭ އެއްޗެކެވެ. އެހެން ކަމުން އާންމު ގޮތެއްގައި ކާބޯތަކެތި
ތިޔާގި ތަނެއްގައި ދިރިއުޅޭއިރު މިބައި ހަށިގަނޑަށް އެތެރެކުރެވޭ ގޮތާއި
މިންވަރަށް ސަމާލުކަން ދޭންޖެހެއެވެ. ފެޓް އަށް ލިޕިޑް އޭ ވެސް ކިޔައެވެ.
ޞިއްހަތަށް ފައިދާހުރި ކާނާ ފުރިހަމަވާނީ އޭގައި ފެޓް އެކުލެވިގެންނެވެ. ފެޓް
އަކީ ހަށިގަނޑުގައި އެކުލެވޭ އެކި ބާވަތްތަކުގެ މައުދަންތަކާއި އެކުވެގެން ހަކަތަ
އުފައްދާ އެއްޗެކެވެ. އެހެންނަމަވެސް ހަށިގަނޑަށް ބޭނުންވާ ހަކަތައިގެ 3 ބައިން
އެއްބަޔަށްވުރެ ގިނައިން ފެޓް އިން ހަކަތަ ލިބުމަކީ ވަރަށް ގެއްލުން ހުރި
ކަމެކެވެ. ޚާއްޞަކޮށް ސެޗުރޭޓެޑް ފެޓް (ޖަނަވާރުގެ ސަރުބީ) އިން ލިބޭ ކެލަރީ
ދުވަހަކަށް ބޭނުންވާ މުޅި ކެލަރީގެ ދިހަ ބައިކުޅަ އެއްބަޔަށްވުރެ އިތުރުވިޔަދީގެން
ނުވާނެއެވެ. މިފަދަ ފެޓް މާގިނައިން ބޭނުންކުރުމަކީ މީހާ އަށް ލިބޭ ހަކަތައިގެ
މިންވަރު އިތުރުވެ، މާބޮޑަށް ފަލަވެގެންދާނެ ކަމެކެވެ.
ހަށިގަނޑުގައި އެންމެ ގިނައިން ފެޓީ އެސިޑް އުފައްދަނީ ކާބޯސް އިންނެވެ.
އެހެން ކަމުން ކާބޯސް ގިނައިން ކެއުމަކީ ވެސް ބޭނުންނުވާ ފެޓްތައް ހަށިގަނޑުގައި
ގިނަވެ ގެއްލުން ލިބޭނެ ކަމެކެވެ.
ދުވާލެއްގެ މައްޗަށް ފެޓް ބޭނުންވާ މިންވަރު
އެވްރެޖް ގޮތެއްގައި ބޮޑު މީހަކަށް ހަކަތަ ބޭނުންވާ މިންވަރަކީ ދުވާލަކަށް
2000ކެލޮރީ އެވެ. މިވަރަށް ހަކަތަ ބޭނުންވާ މީހެއްގެ ހަކަތައިގެ %30-20 އާއި
ދެމެދުގެ މިންވަރަކަށް ހަށިގަނޑަށް ބޭނުންވާ ހަކަތަ ފެޓުން ހޯދިދާނެ އެވެ.
މާނައަކީ ހަށިގަނޑަށް ބޭނުންވާ ހަކަތައިގެ ގާތްގަނޑަކަށް 3/1 ބަޔަށްވުރެ ގިނައިން
ފެޓުން ހަކަތަ ލިބިގެންނުވާނެއެވެ. އެހެންކަމުން ދުވާލެއްގެ މައްޗަށް މުޅި ޖުމުލަ
ފެޓް ހަށިގަނޑަށް ބޭނުންވާ މިންވަރަކީ ގާތްގަނޑަކަށް 78-44 ގްރާމާއި ދެމެދުގެ
މިންވަރެއްގެ ފެޓް އެވެ.
ސެޗުރޭޓެޑް ފެޓް ބޭނުންކުރެވޭ މިންވަރު ހަށިގަނޑަށް ބޭނުންވާ ހަކަތައިގެ %10
ވުރެ މަދުވާންޖެހެއެވެ. އެއީ ގާތްގަނޑަކަށް ދުވާލަކު 22 ގްރާމްގެ ސެޗުރޭޓެޑް ފެޓް
އެވެ. ސެޗުރޭޓެޑް ފެޓް ބޭނުންކުރެވޭ މިންވަރު ހަށިގަނޑަށް ބޭނުންވާ ހަކަތައިގެ %7
ވުރެ މަދުވުމަކީ ހިތުގެ ބަލިތަކުން ރައްކާތެރިކޮށްދޭނެ ކަމެކެވެ. އެއީ
ގާތްގަނޑަކަށް ދުވާލަކު 15 ގްރާމްގެ ސެޗުރޭޓެޑް ފެޓް އެވެ.
ކޮލެސްޓްރޯލް ބޭނުންކުރުން އެދެވިގެންވަނީ ދުވާލަކަށް 300 މިލިގްރާމަށްވުރެ
މަދުންނެވެ. ހިތުގެ ބަލިތަކުގެ ނުރައްކާ އޮންނަ ފަރާތްތަކުން ކޮލެސްޓްރޯލް
ބޭނުންކުރުން އެދެވިގެންވަނީ ދުވާލަކަށް 200 މިލިގްރާމަށްވުރެ މަދުންނެވެ.
ފެޓް ލިބޭ ބާވަތްތައް
ފެޓް ލިބެނީ 3 ބާވަތެއްގެ ކާނާ އިންނެވެ.
* ސަރުބީ އާއި ތެޔޮ : މީގެ ތެރޭގައި ގޮވާމުންލިބޭ ތެޔޮ، ޒައިތޫނި ތެޔޮ، ކާށިތެޔޮ، ގިތެޔޮ، ބަޓަރު
އަދި ކެއްކުމަށް ބޭނުންކުރާ ތެޔޮ ހިމެނެއެވެ.
* ޖަނަވާރުން ލިބޭ ފެޓް : މީގެ ތެރޭގައި ކުކުޅު، ކަނޑުމަސް ( ޚާއްޞަކޮށް ތެޔޮ ހުންނަ ފަރުމަސް ) ކިރު،
ޗީޒް ހިމެނެއެވެ.
* ތަރުކާރީން ލިބޭ ފެޓް : މީގެ ތެރޭގައި ބަދަން، އެކި ވައްތަރުގެ މަދު، ސޯޔާބީން ފަދަ ތަކެތި
ހިމެނެއެވެ.
ބައެއް ވައްތަރުގެ ކާނާގައި ފެޓް އެކުލެވިގެންވާކަން ފަސޭހައިން
ދެނެގަނެވެއެވެ. މިސާލަކަށް ބަޓަރު އަދި ތެޔޮ ފަދަ ކާނާ އަކީ އެންމެނަށް ވެސް ފެޓް
ހުންނަކަން ފަސޭހައިން އެނގޭނެ ކާނާ އެވެ. އަނެއް ބައި ވައްތަރަކީ އެކާނާގައި ފެޓް
އެކުލެވިގެންވާކަން އެހާ ފަސޭހައިން ނޭގޭ ކާނާ އެވެ. މިސާލަކަށް އެކިވައްތަރުގެ
މަދާއި ބަދަނަކީ އޭގައި ފެޓް އެކުލެވިގެންވާކަން އެހާ ފަސޭހައިން ނޭނގޭ
ތަކެއްޗެވެ.
ފެޓް އުފެދިފައިވާގޮތް
ފެޓް އުފެދިފައިވަނީ ފެޓީއެސިޑް(fatty acid) ތަކެއް އެކުވެގެންނެވެ. ޓްރިގްލިސެރައިޑް(triglyceride) އަކީ 3 ފެޓީއެސިޑް މޮލާރި އެކުވުމުން އުފެދޭ އެއްޗެކެވެ. އަދި
ކާތަކެތި ހަޖަމުވާއިރު، މި ޓްރިގްލިސެރައިޑް ތައް ބައިބައިވެ، ފެޓީއެސިޑް
ތަކަކާއި، ގްލައިސެރޯލް(glycerol)
ކިޔާ ބާވަތެއް އުފެދެއެވެ. މިއާއެކު ސެލިތަކުގަޔާއި، ލޭގެ ތެރޭގައި އެހެން
ވައްތަރެއްގެ ފެޓީއެސިޑް އެއްވެސް އުފެދެއެވެ. މިއަށްކިޔަނީ ''ކޮލެސްޓްރޯލް''(cholesterol) އެވެ.
ކޮލެސްޓްރޯލް އަކީ ސެލިތަކާއި ހޯރމޯން ތަކާއި، އެހެންވެސް ދިޔަވަރުތައް އުފައްދާ
ހަށިގަނޑު ހިންގުމަށް ބޭނުންވާ މާއްދާ އެކެވެ. ހަށިގަނޑުގެ ތެރޭގައި ތަފާތު 40
ވައްތަރުގެ ފެޓީއެސިޑް އެކުލެވިގެންވެއެވެ. އެކި ވައްތަރުގެ ފެޓީއެސިޑް
ހަށިގަނޑުގައި އަދާކުރާ ރޯލް ތަފާތެވެ.
ފެޓީއެސިޑް އުފެދިފައިވަނީ ކާބަން އޮލާރި(atoms) ތައް ހައިޑްރަޖަން އޮލާރި ތަކާއި ގުޅިގެން ހެދޭ އެކި ދިގުމިނުގެ
ޗޭނުބުރި ތަކަކުންނެވެ. މިޗޭނު ބުރިތަކުގައި އޮލާރިތައް ގުޅިފައި ހުންނަ ގޮތަށް
ބަލައިގެން މައިގަނޑު 2 ބަޔަކަށް ފެޓް ބަހާލެވެއެވެ. އެއީ ސެޗުރޭޓެޑް ފެޓް އާއި، އަންސެޗުރޭޓެޑް ފެޓް އެވެ. ސެޗުރޭޓެޑް ފެޓް އަކީ
އެފެޓީއެސިޑް އުފެދިފައިވާ ޗޭނުބުރީގައި ޑަބަލް ގުޅުމެއް ނުހިމެނޭ ފެޓް އެވެ.
ފެޓީއެސިޑް ޗޭނުބުރިއެއްގައި އެންމެ ޑަބަލް ގުޅުމެއްވާނަމަ، މޮނޮއަންސެޗުރޭޓެޑް
ފެޓް އެވެ. އެކަކަށްވުރެ ގިނަ ޑަބަލް ގުޅުން ޗޭނުބުރިއެއްގައި ހުރިނަމަ،
މިވައްތަރުގެ ފެޓީއެސިޑް އަށް ކިޔަނީ ޕޮލީއަންސެޗުރޭޓެޑް ފެޓް އެވެ.
ފެޓް ގެ ވައްތަރުތަކާއި ބާވަތްތައް
ފެޓް މައިގަނޑު ގޮތެއްގައި ދެބަޔަކަށް ބެހިގެންދާނެއެވެ. އެއީ ސަރުބީ އަދި
ތެޔޮ އެވެ.
ސަރުބީ : ސަރުބީ އަކީ
ހޫނުމިން ދަށްތަންތާގައި ކާނާގައި ތެރޭގައި ހިމެނޭ ދިޔާވެގެންނުދާ ފެޓް އެވެ.
ތެޔޮ : ތެލަކީ ހޫނުމިން
ދަށްތަންތާގައި ކާނާގެ ތެރޭގައި ހިމެނޭ ދިޔާކޮށް ހުންނަ ސަރުބީ އެވެ.
ފެޓް އުފެދެނީ ފެޓީ އެސިޑްތައް އެކުވެގެންނެވެ. ފެޓީ އެސިޑް ތައް
އުފެދުމުގައި ކާބަން އޮލާރިތަކާއި، ހައިޑްރަޖަން އޮލާރިތަކާއި، ގުޅިގެންހެދޭ އެކި
ދިގުމިނުގެ ޗޭނުބުރިތައް ގުޅިފައި ހުންނަ ގޮތަށް ބަލައިގެން މައިގަނޑު 2 ބަޔަކަށް
ފެޓް ބަހާލެވެއެވެ. އެއީ:-
(ހ) ސެޗުރޭޓެޑް ފެޓް (saturated fat): މިއީ ފެޓީއެސިޑް އުފެދިފައިވާ ޗޭނުބުރީގައި ޑަބަލް ގުޅުމެއް
ނުހިމެނޭ ފެޓް އެވެ.
(ށ) އަންސެޗުރޭޓެޑް ފެޓް (unsaturated fat): މިއީ ފެޓީއެސިޑް އުފެދިފައިވާ ޗޭނުބުރީގައި ޑަބަލް ގުޅުމެއް
ހިމެނޭ ފެޓް އެވެ. މީގައި ހިމެނެނީ:-
* މޮނޮއަންސެޗުރޭޓެޑް ފެޓް (monounsaturated fat): މިއީ ފެޓީއެސިޑް އުފެދިފައިވާ ޗޭނުބުރީގައި އެންމެ ޑަބަލް
ގުޅުމެއްވާ ފެޓް އެވެ.
* ޕޮލީއަންސެޗުރޭޓެޑް ފެޓް (polyunsaturated fat): މިއީ ފެޓީއެސިޑް އުފެދިފައިވާ ޗޭނުބުރީގައި އެކަކަށްވުރެ ގިނަ
ޑަބަލް ގުޅުމެއްވާ ފެޓް އެވެ.
ޞިއްޙީ ގޮތުން ފައިދާހުރި ފެޓް އަދި ޞިއްޙީގޮތުން
ގެއްލުންހުރި ފެޓް ގެ ބާވަތްތައް
ފެޓްގެ ޞިއްޙީ ފައިދާއަށް ބަލައިގެން ބަހާނަމަ 4 ބަޔަކަށް ބަހާލެވިދާނެއެވެ.
އެއީ:-
·
ފައިދާހުރި ފެޓްގެ ބާވަތްތައް (އަންސެޗުރޭޓެޑް ފެޓްގެ ބާވަތްތައް)
o
މޮނޮއަންސެޗުރޭޓެޑް ފެޓް
o
ޕޮލީއަންސެޗުރޭޓެޑް ފެޓް
·
ފައިދާ ނޫން ފެޓްގެ ބާވަތްތައް
o
ސެޗުރޭޓެޑް ފެޓް
o
ޓްރާންސް ފެޓް
އަންސެޗުރޭޓެޑް ފެޓް
އަންސެޗުރޭޓެޑް ފެޓް(unsaturated fat) އަކީ އަންސެޗުރޭޓެޑް ފެޓީ އެސިޑް(unsaturated
fatty acid) އެކުލެވިގެންވާ ފެޓް އެވެ. މިއީ
ފެޓް އުފެދިފައިވާ ގޮތަށް ބަލައިގެން ފެޓް ބަހާލާއިރު އޭގައި ހިމެނޭ މައިގަނޑު 2
ބައިން އެއްބައެވެ. ފެޓް އުފެދުމުގެ ތެރޭގައި ހުންނަ ފެޓީ އެސިޑް ޗޭނު ބުރިއެއް
ގައި ޑަބަލް ގުޅުމެއް ވާނަމަ އެއީ އަންސެޗުރޭޓެޑް ފެޓް އެވެ. ފެޓީއެސިޑް
ޗޭނުބުރިއެއްގައި އެންމެ ޑަބަލް ގުޅުމެއްވާނަމަ، މޮނޮއަންސެޗުރޭޓެޑް ފެޓް(monounsaturated fat) އެވެ.
އެކަކަށްވުރެ ގިނަ ޑަބަލް ގުޅުން ޗޭނުބުރިއެއްގައި ހުރިނަމަ، މިވައްތަރުގެ
ފެޓީއެސިޑް އަށް ކިޔަނީ ޕޮލީއަންސެޗުރޭޓެޑް ފެޓް(polyunsaturated
fat) އެވެ.
މޮނޮއަންސެޗުރޭޓެޑް ފެޓަކީ އެކިކަހަލަ ކާނާގެ ބާވަތްތަކާއި، ބައެއް ކަހަލަ
ތެލުގައި އެކުލެވޭ ފެޓްގެ ވައްތަރެކެވެ. ޕޮލީއަންސެޗުރޭޓެޑް ފެޓް މައިގަނޑު
ގޮތެއްގައި ލިބެނީ ގަސްގަހާ ގެހީގެ އުފެއްދުންތަކުން ލިބޭ ފެޓާއި، ތެލުންނެވެ.
މިވައްތަރުގެ ފެޓަކީ ލޭގެ ސަރުބީގެ މިންވަރު ހަމައަކަށް އަޅުވައި، ހިތުގެ ބަލިތައް
ޖެހުމުގެ ފުރުޞަތު ކުޑަކޮށްދޭ އެއްޗެކެވެ. ބައެއް ދިރާސާތައް ދައްކާގޮތުގައި މިވައްތަރުގެ
ފެޓްގެ ސަބަބުން ލޭގައި ހަކުރުގެ މިންވަރު ކޮންޓްރޯލް ކުރުމަށް އެހީތެރިވެދީފާނެ
އެވެ.
މޮނޮއަންސެޗުރޭޓެޑް ފެޓް އަދި ޕޮލީއަންސެޗުރޭޓެޑް ފެޓަކީ ހިތުގެ
ދުޅަހެޔޮކަމަށް އެހީތެރިވެދޭ އަދި، ރަނގަޅު ސަރުބީގެ ގޮތުގައި ބެލެވޭ
ބާވަތްތަކެވެ. ކަނޑުމަހުގައި ހުންނަ ފެޓް އާއި، އެކި ބާވަތްތަކުގެ މަދާއި، އޮށްތަކުންނާއި،
ގޮވާމުން ހާނާތެލުގައި ހުންނަ ފެޓް، އަދި މައިމީހާގެ ގާތުންދޭ ކިރުގައި ހުންނަ ފެޓަކީ
އަންސެޗުރޭޓެޑް ފެޓް އެވެ. މިވައްތަރުގެ ފެޓް އިން ލޭގައި ހުންނަ
ކޮލެސްޓްރޯލްގެމިންވަރު ރަނގަޅުކޮށްދީ، ނާރުތަކުގެ ބަލިތަކުންނާއި، ހިތުގެ
ބަލިތަކުން މީހާދުރުކޮށްދިނުމުގައި އެހީތެރިވެދެއެވެ. މިފެޓް އިން އުފެދޭ
ކޮލެސްޓްރޯލް އަށް ކިޔަނީހައިޑެންސިޓީ ލިޕޯޕްރޮޓީން(HDL)ނުވަތަރަގަޅު ކޮލެސްޓްރޯލްއެވެ.
އަންސެޗުރޭޓެޑް ފެޓް ލިއްބައިދޭ ކާނާގެ ބައެއް ބާވަތްތައް
·
އެވޮކާޑޯ
·
މަދާއި އޮށުގެ ބާވަތްތައް
o
އާމަންޑު
o
ކަޖޫނަޓް
o
ޕީކަން
o
ޕީނަޓް
o
ޕައިން ނަޓް
o
ބަރަބޯ އޮށް
o
ތިލެޔޮ އޮށް
o
ސަންފްލާވަރ އޮށް
·
ޒައިތޫނި އަދި ޒައިތޫނި ތެޔޮ
·
ތެލުގެ ވައްތަރުތައް : ގަސްގަހާގެހިން އުފައްދާ ނޫނީ ގޮވާމުގެ ބާވަތްތަކުން
ހާނާ ތެޔޮ މިސާލަކަށް ސޯޔާ ބީން، ސަން ފްލާވަރ އޮއިލް، ޒުވާރި ތެޔޮ، ކޮޓަން ސީޑް،
އަދި ސެފް ފްލާވަރ އޮއިލް
·
ޕީނަޓް ބަޓަރު
އޮމެގާ -3- ފެޓީ އެސިޑް
އޮމެގާ -3- ފެޓީ އެސިޑް އަކީ ވެސް ހިތުގެ ދުޅަހެޔޮކަން އިތުރުކޮށްދޭ ރަނގަޅު
ސަރުބީގެ ގޮތުގައި ގުނޭ ފެޓްގެ ވައްތަރެކެވެ. މިއީ ޕޮލީއަންސެޗުރޭޓެޑް ފެޓްގެ
ވައްތަރެކެވެ. މިވައްތަރުގެ ފެޓްގައި މައިގަނޑު ގޮތެއްގައި ހުންނަނީ "އޮމެގާ
-3- ފެޓީ އެސިޑް" އެވެ. މިއީ ލޭގައި ސަރުބީގެ ވައްތަރެއް ކަމުގައިވާ
"ޓްރައިގްލިސެރައިޑް" ގެ މިންވަރު ދަށްކުރުމަށް ބޭނުންކުރެވިދާނެ ފެޓް
ގެ ވައްތަރެކެވެ. މިއީ ހިތުގެ ލޭހޮޅިތަކަށް ބަލިޖެހުމުގެ ފުރުޞަތު ކުޑަކޮށްދީ،
ލޭގެ ޕްރެޝަރާއި، ހިތުގެ ވިންދުގެ ހަމަގެއްލުން ކުރިމަތިވުމުގެ ފުރުޞަތު
ކުޑަކޮށްދީފާނެ ސަރުބީގެ ވައްތަރެކެވެ.
އާންމު ގޮތެއްގައި އޮމެގާ -3- ފެޓީ އެސިޑް ހުންނަ ކާނާގެ
ބައެއް ބާވަތްތައް
·
މަހުގެ ބައެއް ބާވަތްތައް : މިސާލަކަށް މެކަރެލް، ސާރޑިންސް، ޓޫނާ، ސެލްމަން
ފަދަ މަހުގެ ބާވަތްތައް
·
ޓޮފޫ އަދި ސޯޔާބީން އިން އުފައްދާފައި ހުންނަ އުފެއްދުންތައް
·
ވޯލްނަޓް، ބަޓަރނަޓް
·
ފްލެކްސީޑް އަދި ފްލެކްސީޑް އޮއިލް
·
ކެނޯލާ ތެޔޮ
ސެޗުރޭޓެޑް ފެޓް
ސެޗުރޭޓެޑް ފެޓް(saturated fat) އަކީ ފެޓްގެ ތެރޭގައި ގިނައަދަދަކަށް ސެޗުރޭޓެޑް ފެޓީއެސިޑް
އެކުލެވިގެންވާ ފެޓް އެވެ. ސެޗުރޭޓެޑް ފެޓީ އެސިޑް ގިނައިން ހުންނަ ބާވަތްތަކަކީ،
ފިނިހޫނުމިން ދަށް ތަންތާގައި ދިޔާވެގެންނުދާ ވައްތަރުގެ ފެޓް އެވެ. މިސާލަކަށް
ސަންފްލާވަރ އޮށުން ހޭނޭ ތެލަށްވުރެ، ގެރިމަހުގައި ހުންނަ ސަރުބީއާއި ބަޓަރު،
ފިނިހޫނުމިން ދަށް ތަނެއްގައި ދިޔާވެގެން ނުގޮސް ހަރުވާނެއެވެ.
ސެޗުރޭޓެޑް ފެޓް މައިގަނޑު ގޮތެއްގައި ލިބެނީ ޖަނަވާރުގެ ސަރުބީ އިން ނުވަތަ ޖަނަވާރުން
ލިބޭ ކާބޯތަކެތީގެ މަޞްދަރު ތަކުންނެވެ. ތެލުލާފައި ހުންނަ ގިނަ ކާތަކެއްޗާއި، ބައެއް ތައްޔާރީ ކާނާގެ ބާވަތްތަކުގައި ވެސް ސެޗުރޭޓެޑް
ފެޓް ހުރެއެވެ.އާންމުގޮތެއްގައި ސެޗުރޭޓެޑް ފެޓް އެކުލެވިގެންވާ ކާނާގެ ތެރޭގައި
ހިމެނެނީ އެއްގަމު މަސް، ކިރު އަދި ކިރުން އުފައްދާ ބާވަތްތަކެވެ. ސެޗުރޭޓެޑް
ފެޓަކީ ޞިއްޙަތަށް ފައިދާހުރި އެއްޗެއް ނޫނެވެ. މިވައްތަރުން ލިބޭ ފެޓް އަކީ
ލޭގައި ހުންނަ ކޮލެސްޓްރޯލްގެ މިންވަރު މަތިކޮށް، ނާރުތަކުގެ ބައްޔާއި، ހަކުރު
ބަލި، އަދި ހިތުގެ ބަލިތަކަށް މީހާ ހުށަހަޅައިދޭ އެއްޗިއްސެވެ. މިވައްތަރުގެ
ކޮލެސްޓްރޯލް އަށް ''ލޯޑެންސިޓީ ލިޕޯޕްރޮޓީން''(LDL) ނުވަތަ ''ނުރަގަޅު ކޮލެސްޓްރޯލް'' އޭ ކިޔައެވެ. ގިނަ ސެޗުރޭޓެޑް
ފެޓީ އެސިޑް އިން ލޭގައި ހުންނަ ނުރަގަޅު ކޮލެސްޓްރޯލްގެ މިންވަރު މައްޗަށްދާ
ކަމުގައިވިޔަސް، ހުރިހާ ވައްތަރެއްގެ ފެޓީ އެސިޑް އަކުން މިހެނެއް ނުވެއެވެ.
ސެޗުރޭޓެޑް ފެޓް ގެ ގިނަ ބާވަތްތަކަކީ ހަރުކޮށް ދިޔާވެގެންނުދާ ހަރުކޮށް
ހުންނަ ފެޓްގެ ބާވަތްތަކެކެވެ. މިސާލަކަށް ސަންފްލާވަރ އޮށުން ހޭނޭ ތެލަށްވުރެ،
ގެރިމަހުގައި ހުންނަ ސަރުބީއާއި ބަޓަރު، ފިނިހޫނުމިން ދަށް ތަނެއްގައި ދިޔާވެގެން
ނުގޮސް ހަރުވާނެއެވެ.
ސެޗުރޭޓް ފެޓް ހުންނަ ކާނާގެ ބައެއް ބާވަތްތައް
·
ސަރުބީ ގިނައިން ހުންނަ ޗީޒުގެ ބާވަތްތައް
·
އެއްގަމު (ރަތްކުލައިގައި ހުންނަ) މަސް
·
ހޯލް ފެޓް މިލްކް އަދި ކްރީމް
·
ބަޓަރު
·
އައިސް ކްރީމް އަދި އައިސްކްރީމްގެ އުފެއްދުންތައް
·
ކާށިތެޔޮ
ޓްރާންސް ފެޓް
ޓްރާންސްފެޓް އަކީ ކެއްކުމުގެ ތެރޭގައި ދިޔާކޮށްހުރި ތެޔޮ، ގިނައިރު
ކެއްކުމުން ހަރު ސަރުބީ ނުވަތަ ފެޓަށް ބަދަލުވުމުން އުފެދޭ ސަރުބީ އެވެ. އެއްގަމު
މަހުގަޔާއި، ކިރުގެ އުފެއްދުންތަކުގައި ބައެއް ފަހަރު ކޮންމެވެސް ވަރަކަށް
ޓްރާންސްފެޓް ހުރެއެވެ. ނަމަވެސް ހަށިގަނޑަށް އެންމެ ނުރައްކާތެރި ޓްރާންސްފެޓް
ހުންނަނީ ދަޅުގައި ބަންދުކުރި ތައްޔާރީކާނާގެ ބާވަތްތަކުގައެވެ. ޓްރާންސް ފެޓަކީ
ލޭގައި ރަނގަޅު ސަރުބީގެ މިންވަރު ދަށްކޮށް، ނުރަނގަޅު ސަރުބީގެ މިންވަރު
މަތިކޮށްދޭ ބާވަތެކެވެ. ބައެއް ކަހަލަ ބިސްކޯދު، ކޫކީޒް، ޕައިގެ ވައްތަރުތައް،
އަދި ދަޅުގައި ބަންދުކޮށްފައި ހުންނަ ތެލުލި ބާވަތްތަކުގައި މިވައްތަރުގެ ސަރުބީ
ހުންނަކަން ފާހަގަ ކުރެވެއެވެ.
ފެޓް އިން ފުރިހަމަކޮށްދޭ މަސައްކަތްތައް
ފެޓް އިންސާނާގެ ހަށިގަނޑުގައި ތަފާތު އެކިގޮތްގޮތަށް ބޭނުންކުރެވެއެވެ.
އެއީ:-
* ހަށިގަނޑުގައި ހަކަތަ އުފެއްދުން: އިންސާނާގެ ހަށިގަނޑުގައި ކާބޯސްގެ
އެއްގްރާމުން ފޯރުވައިދޭ ހަކަތައިގެ ދެގުނަ ފެޓް އެކުލެވޭ ކާނާއެއްގެ އެއްގްރާމުން
ފޯރުވައިދެއެވެ.
* ފެޓް އަކީ ހަށިގަނޑުގައިވާ ދިރު ތައް ވަރުގަދަ ކުރުމަށާއި، ހަށިގަނޑުގެ
އެކިބައިތަކުގެ މަސައްކަތަށް އެހީތެރިވުމަށާއި، އަދި ހަށިގަނޑަށް ބޭނުންވާ
ވިޓަމިން އޭ ކޮށާރުކުރުމުގައި އެހީތެރިވާ އެއްޗެކެވެ.
* ފެޓް އަކީ ހަށިގަނޑުގައި ހަކަތަ އުފެއްދުމަށް ކޮށާރުކޮށްފައި ބެހެއްޓޭ
އެއްޗެކެވެ.
* ގުރުދާ ފަދަ ނާޒުކު ގުނަވަންތައް ހިމާޔަތްކުރުމާއި، ފިނިން ހަށިގަނޑު
ރައްކާތެރިކޮށްދިނުން
ހަށިގަނޑަށް ކޮންމެހެން ބޭނުންވާ ފެޓީ އެސިޑް ތަކެއް ވެއެވެ. އެއީ ލިނޯލެއިކް
އެސިޑް އާއި ލިނޯލެނިކް އެސިޑް އެވެ. އެއީ މިމުހިއްމު ދެބާވަތް އުފެއްދުމުގެ
ކުޅަދާނަކަން ހަށިގަނޑަށް ލިބިފައި ނުވާތީ އެވެ. މިދެބާވަތުގެ އެސިޑް
ހަށިގަނޑުގައިވާ ދިރުތައް (ޚާއްޞަކޮށް ސިކުނޑި އާއި ނާރުތަކުގެ ދިރުތައް)
އުފެއްދުމަށާއި، ހަށިގަނޑުގެ ހިންގުމުގެ
މަސައްކަތްތަކުގައި އެހީތެރިވެދެއެވެ. މިފަދަ އެސިޑް އަކީ ހަށިގަނޑަށް ކޮންމެހެން
ބޭނުންތެރި އެސިޑް ތަކެވެ. މިފަދަ އެސިޑް އަށް ކިޔަނީ ''މުހިއްމު ފެޓީ އެސިޑް''(essential fatty acid) އެވެ. އެއީ
މިބާވަތްތައް ފުދޭވަރަށް ލިބޭ ވައްތަރުގެ ފެޓް ކާނާގައި ހިމަނަން ޖެހޭތީ އެވެ.
މައުލޫމާތު :
·
ކާނާގެ ފައިދާ – މިނިސްޓްރީ އޮފް ހެލްތު – 2003
·
http://www.mayoclinic.org/healthy-lifestyle/nutrition-and-healthy-eating/in-depth/fat/art-20045550
No comments:
Post a Comment