މުހިއްމު ސަފުހާތައް

Thursday, October 6, 2016

ވިޓަމިން




ވިޓަމިން
ވިޓަމިން(vitamin) އަކީ ހަށިގަނޑު ސަލާމަތުން ބެހެއްޓުމަށް، އަދި ހަށިގަނޑުގެ ހެދިބޮޑުވުމަށް ވަރަށް މަދު މިންވަރަކަށް އެކަމަކު ކޮންމެހެން ބޭނުންވާ މާއްދާ ތަކެކެވެ. ވިޓަމިން މަދުވުމުން ޖެހޭ ބަލިތައް ރަގަޅުކުރެވޭނީ ހަމައެކަނި އެވިޓަމިނެއް ހަށިގަނޑަށް ލިބިގަނެވިގެންނެވެ.  ވިޓަމިން ބީގެ 8 ވައްތަރާއެކު ޖުމުލަ 13 ވައްތަރެއްގެ ވިޓަމިން ހުރެއެވެ.

އިންސާނާގެ ހަށިގަނޑަށް ބޭނުންވަނީ ތަފާތު ވިޓަމިން ތަފާތު މިންވަރަށެވެ. ތަފާތު މަސައްކަތްކުރާ މީހުން ވިޓަމިން ބޭނުންވާ މިންވަރު ވެސް ތަފާތެވެ. އެގޮތުން ކުޅިވަރު ކުޅޭ މީހުންނާއި، ދުންފަތުގެ އިސްތިއުމާލުކުރާމީހުން، އަދި މާބަނޑުމީހުން ވިޓަމިން ބޭނުންވާ ވަރު އެހެންމީހުންނަށްވުރެ އިތުރުވާނެއެވެ.


ވިޓަމިންގެ ތާރީކް
ވިޓަމިން ހަށިގަނޑަށް ބޭނުންވާކަން ފުރަތަމަ ހޯދުނީ 1912 އަހަރުގައެވެ. ޕޮލެންޑްގެ ބަޔޯކެމިސްޓް ކަސީމީރު ފުންކު ހޯއްދެވިގޮތުގައި ހަށިގަނޑުގައި ބައެއް މާއްދާތައް މަދުވުމުން ބަލިޖެހުން އިތުރުވެއެވެ. އަދި މިމާއްދާތައް ކާނާގެ ތެރޭގައި ހިމަނައިގެން ހަށިގަނޑަށް އެތެރެވުމުން އެބައްޔަކުން ފަސޭހަވެދެއެވެ. މިމާއްދާތަކަށް އޭނާދެއްވި ނަމަކީ ވިޓަމިންސް އެވެ. މިބަސް ހަދާފައިވަނީ ދިރިހުރުން (ވިޓާ) އާއި، ނައިޓްރޯޖަން(މިންސް) އާއި ގުޅުވާލައިގެންނެވެ.

ވިޓަމިން އިން ކޮށްދޭ މަސައްކަތްތައް
ހަށިގަނޑުގެ ކޮންމެ ގުނަވަނަކަށް އެގުނަވަނެއްގެ މަސައްކަތް ފުރިހަމަކުރުމަށް ވިޓަމިން ބޭނުންވެއެވެ. ހަމައެހެންމެ ހަށިގަނޑަށް ބޭނުންވާ އެހެން ބައެއް މާއްދާތައް ބޭނުންކުރެވޭނެގޮތް ހެދުމަށް ވެސް ވިޓަމިން ބޭނުންވެއެވެ. މީގެ އިތުރުން ބައެއް ވިޓަމިން ތަކަކީ އެހެން ބައިތައް ހަމައަށް އެޅުމަށްޓަކައި ވެސް ކޮންމެހެން ބޭނުންވާ އެއްޗެކެވެ. މިސާލަކަށް ކޮލެސްޓްރޯލް ލޭގައި ގިނަވެއްޖެނަމަ، ނިއަސިން (ވިޓަމިންބީ3) ބޭނުންކުރުމުން ކޮލެސްޓްރޯލް މަދުކުރެވެއެވެ. އަދި ބައެއް ވިޓަމިންތައް ބޭނުންކުރާވަރު ގިނަ ކުރުމުން، އަވަހަށް މުސްކުޅިވުން، ކެންސަރުޖެހުން، ހިތުގެ ބަލިތައް، ކަށިގިރުމުގެ ބަލިން މީހާ ދުރުކޮށްދެއެވެ.

ވިޓަމިން ތަކުން ފުރިހަމަކޮށްދޭ ބައެއް މަސައްކަތްތައް ތިރީގައި މިވަނީ އެވެ.
·         ވިޓަމިން އޭ އަކީ، ހަމާ، މަޑު ސެލޯށިތައް، ތެތް ދުލިފަށަލަތައް، ކަށިތަކާއި، ދަތްތައް އުފައްދައި، ދުޅަހެޔޮކަންމަތީ ބެހެއްޓުމަށް އެހީތެރިވެދޭ ވިޓަމިނެކެވެ.
·         ވިޓަމިން ބީ6 ނުވަތަ ޕައިރިޑޮކްސިން އަކީ ލޭގެ ރަތް ސެލްތައް އުފައްދައި، ސިކުނޑީގެ މަސައްކަތްތައް ފުރިހަމަ ކުރުމުގައި އެހީތެރިވެދޭ ވިޓަމިނެކެވެ. މިއީ ޕްރޮޓީން މެޓަބޮލިޒަމްގައި ވެސް މުހިއްމު ދައުރެއް އަދާކުރާ ވިޓަމިނެކެވެ.
·         ވިޓަމިން ބީ12 ނުވަތަ ކޯބަލަމިން އަކީ ވެސް ލޭގެ ރަތް ސެލްތައް އުފައްދައި، ނާރުތަކުގެ ނިޒާމުގެ މަސައްކަތްތައް ފުރިހަމަކުރުމަށް ބޭނުންތެރި ވިޓަމިނެކެވެ.
·         ވިޓަމިން ސީ އަކީ ދަތްތަކާއި، ހިރުގަނޑުގެ ދުޅަހެޔޮކަން އިތުރުކޮށްދޭ ވިޓަމިނެކެވެ. މިއީ ފާރު ފަސޭހަ ކޮށްދިނުމަށާއި، ހަށިގަނޑަށް ކާތަކެތީގައި ހިމެނޭ ދަގަނޑުގެ ބައި ނެގުމަށް ބޭނުންތެރި ވިޓަމިނެކެވެ.
·         ވިޓަމިން ޑީ އަކީ ހަށިގަނޑަށް ކެލްސިއަމް ނެގުމަށް އެހީތެރިވެދޭ ވިޓަމިނެކެވެ. ކެލްސިއަމް އަކީ ދަތްތަކާއި، ކަށިތައް ހެދިބޮޑުވެ، ފުރިހަމަވުމަށް ބޭނުންވާ މައުދަނެކެވެ. ވިޓަމިން ޑީ އަކީ ލޭގައި ކެލްސިއަމް އާއި، ފޮސްފަރަސްގެ މިންވަރު އެއްހަމައެއްގައި ހިފެހެއްޓުމަށް ވެސް އެހީތެރިވެދޭ ވިޓަމިނެކެވެ.
·         ވިޓަމިން އީ އަކީ ލޭގެ ރަތް ސެލްތައް އުފެއްދުމަށް އެހީތެރިވެދީ، ވިޓަމިން ކޭ ގެ ބޭނުން ހަށިގަނޑުން ހިފުމަށް އެހީތެރިވެދޭ ވިޓަމިނެކެވެ. މިއީ ދިފާއީ ބާރު ރަނގަޅުކޮށްދީ، ސެލްތަކަށް ގެއްލުން ލިބުން ކުޑަކޮށްދޭ ވިޓަމިނެކެވެ.
·         ވިޓަމިން ބީގެ ތެރޭގައި ހިމެނޭ ބަޔޮޓިން އަކީ ކާބޯހައިޑްރޭޓް އަދި ޕްރޮޓީން މެޓަބޮލިޒަމްގައި މުހިއްމު ދައުރެއް ފުރިހަމަކުރާ ވިޓަމިނެކެވެ. މިއީ ކޮލެސްޓްރޯލް އާއި، އެކި ހޯރމޯންތައް އުފެއްދުމުގައި ވެސް ބައިވެރިވާ ވިޓަމިނެކެވެ.
·         ވިޓަމިން ބީގެ ތެރޭގައި ހިމެނޭ ނިއަސިން އަކީ ހަމާއި، ނާރުތަކުގެ ދުޅަހެޔޮކަން އިތުރުކޮށްދޭ ވިޓަމިނެކެވެ. މީގެ އިތުރުން ނިއަސިން އަކީ ހަށިގަނޑުން ކޮލެސްޓްރޯލްގެ މިންވަރު ދަށްކުރުމަށް ވެސް އެހީތެރިވެދޭ ވިޓަމިނެކެވެ.
·         ފޯލިކް އެސިޑަކީ ވިޓަމިން ބީ12 އާއި ގުޅިގެން ލޭގެ ރަތް ސެލްތައް އުފެއްދުމަށް އެހީތެރިވެދޭ ވިޓަމިން ބީގެ ވައްތަރެކެވެ. ފޯލިކް އެސިޑަކީ ސެލްތަކާއި، ސެލޯށިތަކުގެ ހެދިބޮޑުވުން ކޮންޓްރޯލްކުރާ "ޑީއެންއޭ" އުފެއްދުމަށް ވެސް ބޭނުންތެރި ވިޓަމިނެކެވެ. އެހެންކަމުން މިއީ މާބަނޑު ދުވަސްވަރު ކޮންމެހެން ނަގަންޖެހޭ ވިޓަމިނެކެވެ.
·         ޕެންޓޯތެނިކް އެސިޑަކީ ކޮލެސްޓްރޯލް އާއި، އެކި ހޯރމޯންތައް އުފެއްދުމުގައި ބައިވެރިވާ ވިޓަމިނެކެވެ.
·         ރައިބޮފްލެވިން އަކީ ހަށިގަނޑުގެ ހެދިބޮޑުވުމާއި، ލޭގެ ރަތް ސެލްތައް އުފެއްދުމަށް މުހިއްމު ވިޓަމިނެކެވެ.
·         ތަޔަމިން އަކީ ހަށިގަނޑުގެ ސެލްތަކުން ހަކުރު ހަކަތައަށް ބަދަލުކުރުމަށް އެހީތެރިވެދޭ ވިޓަމިނެކެވެ. މީގެ އިތުރުން ހިތުގެ މަސައްކަތްތަކާއި، ނާރުގެ މަސައްކަތްތައް ފުރިހަމަ ކުރުމަށް ވެސް ތަޔަމިން އަކީ މުހިއްމު ވިޓަމިނެކެވެ.

ވިޓަމިން ބެހިގެންވާ ބައިތައް
ވިޓަމިން ބެހިގެންވަނީ މައިގަނޑު 2 ބަޔަކަށެވެ. އެއީ ފެނަށް ގިރިގެންދާ ވިޓަމިން އާއި، ތެލާއި އެކުވާ ވިޓަމިން އެވެ.

ފެނަށް ގިރިގެންދާ ވިޓަމިން
ފެނަށް ގިރިގެންދާ ވިޓަމިން(water-soluble vitamins) އަކީ ވިޓަމިން ބީ ގެ ބާވަތްތަކާއި، ވިޓަމިން ސީ، އަދި ފޯލިކް އެސިޑް އެވެ. މިވިޓަމިން ތަކަކީ ހަށިގަނޑަށް ބޭނުންވާ ވަރަށްވުރެ ގިނައިން ހަށިގަނޑުގައި ނުހުރެ، ކުޑަކަމުދާ އެއްޗިއްސާ އެކުވެ، ހަށިގަނޑުން ބޭރުވެގެންދާ ތަކެއްޗެވެ. އެހެން ކަމުން ފެނަށް ގިރިގެންދާ ވިޓަމިން ތަކަކީ ކެއުމުގައި އަބަދު ހިމެނުމަށް ސަމާލުކަންދޭންޖެހޭ އެއްޗެއްސެވެ. މިފަދަ ވިޓަމިންތައް ހަށިގަނޑުގައި ރައްކާ ނުކުރާނެއެވެ. އަދި ބޭނުންވާ ވަރަށްވުރެ ހަށިގަނޑުގައި މިފަދަ ވިޓަމިންތައް އިތުރުވެއްޖެނަމަ، ކުޑަކަމުދާ ތަކެއްޗާއެކު، އިތުރުވާބައި ހަށިގަނޑުން ބޭރުކުރާނެ އެވެ. މިފަދަ ވިޓަމިން ތައް ވެސް ހަށިގަނޑުގައި ރައްކާނުކުރިއެއް ކަމަކު މާގިނައިން މިބާވަތުގެ ވިޓަމިން ލިބޭ ކާނާ އެއްފަހަރާ ބޭނުންކުރުމަކީ ވެސް ރަނގަޅު ކަމެއް ނޫނެވެ. މިފަދަ ވިޓަމިން ތަކަކީ ކެއްކުމުގެ ތެރޭގައި ފެނަށް ގިރިގެންދާ ނޫނީ ގެއްލިގެންދާ ވިޓަމިން ތަކެކެވެ. އެހެންކަމުން މިފަދަ ވިޓަމިން ލިބޭ ކާނާގެ ބާވަތްތައް ކައްކައިގެން ކެއުމަށްވުރެ ރަނގަޅީ އާވިން ކައްކައިގެން ނޫނީ ފިހެލައިގެން ބޭނުންކުރުމެވެ. ނޫނީ ސުރުވާގޮތަށް ފެންގަނޑެއްގައި ކައްކައި، އެބޭނުންކުރުމެވެ. ސަބަބަކީ ކެއްކުމުން ފެނުގެ ތެރެއަށް ކާނާގެ ބާވަތްތަކުގައި ހުރި ވިޓަމިންތައް ދާތީ އެވެ.

ފެނަށް ގިރިގެންދާ ވިޓަމިންތައް އާންމުކޮށް ހުންނަ ކާނާގެ ބާވަތްތަކުގެ ތެރޭގައި މޭވާ އާއި، ތަރުކާރީގެ ބާވަތްތައް، ފަލަމަޑިއާއި، ގޮވާމުގެ ބާވަތްތައް، ކިރާއި، ކިރުގެ އުފެއްދުންތައް ހިމެނެއެވެ.

ފެނަށް ގިރިގެންދާ ވިޓަމިން ތަކުގެ ތެރޭގައި ހިމެނެނީ:-
·         ވިޓަމިން ސީ
·         ވިޓަމިން ބީ ގެ ބާވަތްތައް
o       ތަޔަމިން
o       ރައިބޮފްލެވިން
o       ނައަސިން
o       ޕެންޓޯތެނިކް އެސިޑް
o       ޕައިރިޑޮކްސިން
o       ބަޔޮޓިން
o       ފޯލިކް އެސިޑް
o       ކޯބަލަމިން

ތެލާއި އެކުވެގެންދާ ވިޓަމިން
ތެލާއި އެކުވެގެންދާ ވިޓަމިން(fat-soluble vitamins) ތަކަކީ ހަޖަމުގެ ނިޒާމްގެތެރެއިން ހަށިގަނޑަށް ނެގިގެން، މޭގަނޑުގައި 6 މަސް ދުވަސްވަންދެން ރައްކާކުރެވޭ އެއްޗެކެވެ. މިގޮތުން ރައްކާކުރެވިފައި ހުންނަ ވިޓަމިންތައް ވަގުތު ޖެހުމުން ހަށިގަނޑުން އޭގެ ބޭނުން ހިފާނެއެވެ. އެހެންކަމުން ކޮންމެ ދުވަހެއްގެ ކެއުމުގައި މިބާވަތުގެ ވިޓަމިން ލިއްބައިދޭ ކާނާ ނުހިމެނިޔަސް ރަނގަޅުވާނެ އެވެ. މާގިނައިން މިފަދަ ވިޓަމިންތައް ހަށިގަނޑުގައި ޖަމާވުމަކީ ވެސް ރަނގަޅުކަމެއް ނޫނެވެ.

ތެލާއި އެކުވެގެންދާ ވިޓަމިންތައް އާންމުކޮށް ހުންނަ ކާނާގެ ބާވަތްތަކުގެ ތެރޭގައި ތަރުކާރީ ތެޔޮ، ކިރު، ކިރުގެ އުފެއްދުންތައް، ބިސް، މޭގަނޑު، ބަޓަރު، އަދި ތެޔޮކޮށް ހުންނަ މަހުގެ ބާވަތްތައް ހިމެނެއެވެ.

ތެލާއި އެކުވެގެންދާ ވިޓަމިން ތަކުގެ ތެރޭގައި ހިމެނެނީ:-
·         ވިޓަމިން އޭ
·         ވިޓަމިން ޑީ
·         ވިޓަމިން އީ
·         ވިޓަމިން ކޭ

މައުލޫމާތު :
·         ކާނާގެ ފައިދާ – މިނިސްޓްރީ އޮފް ހެލްތު – 2003

No comments:

Post a Comment