ބިސްހޮޅި
ކޮންމެ ބިސް ދަތުރުކުރާ ހޮޅިއެއްގެ ދިގުމިނަކީ ގާތްގަނޑަކަށް 14-7 (އެވްރެޖްކޮށް 10ސމ) ސެންޓިމީޓަރެވެ. ނުވަތަ 13-10 ސެންޓިމީޓަރު (5-4 އިންޗި) އެވެ. ބިސްހޮޅީގެ ވަށަމިނަކީ 1.2-0.5 ސެންޓިމީޓަރެވެ. ނުވަތަ 4-1 މިލިމީޓަރެވެ. ބިސްހޮޅީގެ ވަށަމިން ބިސްހޮޅީގެ އެކި ހިސާބުތަކުގައި ތަފާތުކަން ފާހަގަ ކުރެވެއެވެ. އެގޮތުން ރަހިމާ އެންމެ ކައިރީ ބައި ނުވަތަ އިންޓަސްޓިޝިއަމްގެ ވަށަމިނުގައި 1 މިލިމީޓަރު ހުރެއެވެ. އެޖެހިގެން އިންނަ ބައި އިސްމަސް ގައި ހުންނަނީ 2.5 މިލިމީޓަރެވެ. އަދި އެމްޕިޔުލާގައި ހުންނަނީ 6 މިލިމީޓަރެވެ. މިއީ ޖޭ(J) އަކުރުގެ ބައްޓަމަށް އޮންނަ ގުނަވަނެކެވެ. ބިސްހޮޅި އޮންނަނީ ރަހިމުގެ ދެއަރިމަތިން ބްރޯޑް ލިގަމެންޓްގެ މަތީ ބޯޑަރުގައެވެ.
ބިސްހޮޅި
އުފެދިފައިވާގޮތް
ބިސްހޮޅި
އެކުލެވިގެންވަނީ މައިގަނޑު 5 ބައެއްގެ މައްޗަށެވެ. މިބައިތައް
ތަރުތީބުކުރެވިފައިވާ ގޮތް (އަރިމަތިން ރަހިމާއި ދިމާލަށްވާގޮތަށް) ތިރީގައި
މިވަނީ އެވެ.
(ހ) ފިމްބްރީއޭ
(Fimbriae): މިއީ ބިސް
ދަތުރުކުރާ ހޮޅީގެ ނިމޭ ހިސާބުގައި "އިގިލިތަކެއް ސިފަޔަށް ނިކުމެފައި ހުންނަ
ނިކުތުން"(finger-like projections) ތަކެކެވެ. މިނިކުތުންތަކަށް ކިޔަނީ
"ފިމްބްރީއޭ"(fimbriae) އެވެ. މިއީ ފެންނަ ފެނުމަށް މާގަނޑެއްގެ
ސިފަޔަށް ހުންނަ އެއްޗެކެވެ. މީގެ ބޭނުމަކީ ބިސްރަވައިގެ ސަތަހައިން ބިސް
އަތުލައިގަތުމެވެ. މިކަން ކުރުމަށްޓަކައި ބިސްދޫކުރާ ދުވަސްވަރު މިބައި ކުރުގެޅި
ހަދާނެއެވެ. ބިސްހޮޅީގެ ކޮޅުގައި މިފަދަ 25 ފިމްބްރިއާ ވެއެވެ.
(ށ)
އިންފަންޑިބިޔުލަމް (Infundibulum): މިއީ
ދޯރިއެއްގެ ބައްޓަމަށް (މާނައަކީ މައްޗަށް ފުޅާކޮށް، ތިރިއަށް ހިމަކޮށް)
ބިސްރަވައިގެ ކައިރީގައި އިންނަ ހުޅުވުމެކެވެ. ފިމްބްރީއޭ ތަތްލާފައި ހުންނަނީ
މިބައިގައެވެ. އާންމު ގޮތެއްގައި އިންފަންޑިބިޔުލަމް ހުޅުވިފައިވަނީ
"ޕެރިޓޯނިއަލް ކެވިޓީ"(peritoneal cavity) ނުވަތަ އެތެރެހަށީގެ ތެރެއަށެވެ.
(ނ) އެމްޕިޔުލާ
(Ampulla): މިއީ
ބިސްހޮޅީގެ އެންމެ ފުޅާ ހިސާބެވެ. މިބައި އިންނަނީ އިންފަންޑިބިޔުލަމް
ޖެހިގެންނެވެ. އާންމު ގޮތެއްގައި ދަރިފަންޏާއި، ބިސް މުޑުވައްވަނީ މިތަނުގައެވެ. އާންމު
ގޮތެއްގައި ރަހިމުން ބޭރުގައި ގަރުބަގަތުން ނުވަތަ ބިސްހޮޅީގައި ދަރި ގަރުބަގަތުން
ދިމާވެއްޖެނަމަ، ގިނަ ފަހަރު އެކަން ހިނގަނީ (ދަރި ގަރުބަތުން ހިނގަނީ)
މިތަނުގައެވެ،
(ރ) އިސްމަސް (Isthmus): މިއީ
ބިސްހޮޅީގެ އެންމެ ހިމަ ހިސާބެވެ. އެމްޕިޔުލާ ރަހިމާއި ގުޅުވައިދޭ ބަޔަކީ މިއީ
އެވެ. ނޫނީ ރަހިމަށް ބިސްހޮޅިން ހުޅުވިފައިވާ ބަޔަކީ މިއީ އެވެ. މިބައިގެ
ދިގުމިނަކީ އެންމެ 3-2 ސެންޓިމީޓަރެވެ.
(ބ) އިންޓަސްޓީޝިއަމް ނުވަތަ އިންޓްރަމިޔުރަލް ސެގްމެންޓް (Intramural segment / Interstitium): މިއީ ބިސްހޮޅިން ރަހިމުގެ ތެރޭގައިވާ ބައެކެވެ. އެހެންކަމުން މިބަޔާއި ގުޅި ކުރިޔަށް ގޮސްފައި އިންނާނީ ރަހިމެވެ.
ބައެއް ރިފަރެންސް ތަކުގައި(https://www.bartleby.com/107/267.html ) ބިސްހޮޅި ބެހިގެންވަނީ މައިގަނޑު 3 ބަޔަކަށް ކަމަށް ބަޔާންކޮށްފައި ވެއެވެ. އެއީ ރަހިމާއި އެންމެ ކައިރީގައިވާ ހިމަކޮށް އިންނަ އިސްމަސް، މެދުގައި ފުޅާކޮށް އިންނަ އެމްޕިޔުލާ އަދި އިންފަންޑިބިޔުލަމް އާއި އެއާއި ގުޅިގެން ބަނޑުގެ ތެރެއަށް ނޫނީ އެތެރެހަށިގެ ތެރެއަށް ހުޅުވިފައިވާ އޭގެ ހޮޔެވެ. މިބުނި ހޮއިގެ ވަށައިގެން ފިމްބްރިއާ ކިޔާ އިގިލިތައް ސިފަޔަށް ހުންނަ ނިކުތުންތަކެއް ހުރެއެވެ. އޭގެތެރެއިން އެއް ފިމްބްރީއާ އިންނަނީ ބިސްރަވައިގައި ތަތްލާފައި ވެއެވެ.
ބިސްހޮޅި
އެކުލެވިގެންވާގޮތް
ބިސްހޮޅި
އެކުލެވިގެންވަނީ 3 ފަށަލައެއްގެ މައްޗަށެވެ. އެއީ އަންނަނިވި ފަށަލަތަކެވެ.
(ހ) ބޭރުގައި
ދުލިފަށަލަ (outer
serous coat): މިއީ އާންމު
ގޮތެއްގައި އެތެރެހަށީގެ ގުނަވަންތަކުގެ ނޫނީ ސެލޯށިތަކުގެ ބޭރުގައިވާ ތުނި
ދުލިފަށަލަ އެވެ.
(ށ) މެދުގައިވާ
މަސްފަށަލަ (middle
muscular coat): ބިސްހޮޅީގެ
މަޑުމަހުގެ މަސްފަށަލަ އެތުރިފައިވަނީ ދެބަޔަކަށެވެ. އެއީ ބޭރުގައި ދިގަށް
އެތުރިފައިވާ މަސް ފަށަލަ އަކާއި، އެތެރޭގައި ވަށްކޮށް އެތުރިފައިވާ މަސްފަށަލަ
އެކެވެ. މިމަސްފަށަލަތައް ކުރިޔަށް ގޮސް ގުޅެނީ ރަހިމުގެ މަސްފަށަލަ ތަކާ އެވެ.
(ނ)
އެތެރޭގައިވާ ބަތާނަ ފަށަލަ (Internal mucous coat):
މިބަތާނަފަށް ވެސް ކުރިޔަށް ގޮސްފައިވަނީ ރަހިމުގެ ބަތާނަ ފަށާއި އެކުގައެވެ.
އެތެރެހަށްޓަށް ހުޅުވިފައިވާ ހޮއިގެ މިބަތާނަ ފަށް ކުރިޔަށް ގޮސްފައިވަނީ އެތެރެ
ހަށީގެ ގުނަވަންތަކުގެ ބޭރުގައިވާ ދުލިފަށަލަ އާއި އެކުގައެވެ.
ބިސްހޮޅީގެ
މަސައްކަތް ނުވަތަ ވަޒީފާ
އާންމު
ގޮތެއްގައި ބިހާ ދަރިފަނި ތަތްވެ މުޑުވައްވަނީ ބިސް ދަތުރުކުރާ ހޮޅީގެ ތެރޭގައެވެ.
އަދި އެއަށްފަހު މުޑުވައްވެފައިވާ ބިސް ރަހިމަށް މިހޮޅި ކަނޑަތުކޮށް ގެންގޮސް،
ރަހިމުގައި ފާރުގައި އަށަގަންނުވައެވެ. ބިސްހޮޅީގެ މައިގަނޑު މަސައްކަތަކީ
މުޑުވައްވެފައިވާ ބިސް، ބިސްރަވައިން ރަހިމަށް ގެންގޮސްދިނުމުގައި އެހީތެރިވެ
ދިނުމެވެ. ބިސްދަތުރުކުރާ ހޮޅި ނުވަތަ ބިސްހޮޅި އުފެދިފައިވާ ގޮތުން
މުޑުވައްވެފައިވާ ބިސް ރަހިމަށް ގެންދިއުމަށް ނުވަތަ ދިއުމަށް ފަސޭހަކޮށްދެއެވެ.
·
ބިސްހޮޅީގެ ބަތާނަފަށުގައި ހުންނަނީ
"ސިލިއޭޓެޑް ކޮލަމްނަރ އެޕިތީލިއަލް"(ciliated
columnar epithelium) ސެލް ތަކާއި، ދިޔަ ދޫކުރާ ސިކްރީޓަރީ ސެލް(Secretory
cells) ތަކާއި، "ޕެގް" ސެލް(peg cell)
އަދި އިންޑިފަރެންޓް ސެލް(Indifferent cells) ތަކެވެ. މިސެލްތައް މުޑުވައްވެފައިވާ ބިސް
ރަހިމާ ދިމާލަށް ކޮށްޕައި، އެއަށް ބޭނުންވާ ކާނާ ފޯރުކޮށްދެއެވެ. ނަމަވެސް
މައިގަނޑު ގޮތެއްގައި ހުންނަ ފުރަތަމަ ބަޔާންކުރެވުނު ދެ ވައްތަރުގެ ސެލްތަކެވެ.
ބިސްހޮޅީގެ ބަތާނަ ފަށަކީ މައްސަރު ދުވަސްވަރާއި، މާބަނޑު ދުވަސްވަރު، އަދި
އިއްދައިން ކެނޑުމަށްފަހު އަންހެނާގެ ޖިންސީ ހޯރމޯންތަކަށް (އެސްޓްރަޖަން ހޯރމޯން
އަދި ޕްރޯޖެސްޓަރޯން ހޯރމޯން) އަންނަ ބަދަލަށް ނުވަތަ މިންވަރަށް އީޖާބީ ތަނެކެވެ.
·
ބިސްހޮޅީގައި ހިމެނޭ މަޑުމަހުގެ ފަށަލަ(smooth muscle
layer)
ކުރުގެޅުމުން ބިސް، އަދި ދަރިފަނި އެއްކޮޅުން އަނެއްކޮޅަށް ދަތުރުކުރުމަށް ނޫނީ
ދިއުމަށް އެހީތެރިވެދެއެވެ. ބިސްހޮޅީގެ މަޑުމަހުގެ ފަށަލަ އަކީ ޖިންސީ ސްޓީރޮއިޑް
އަށް ނާޒުކު އެއްޗެކެވެ. މާނައަކީ އެސްޓްރަޖަން ހޯރމޯންގެ މިންވަރު މަތިވުމުން
ބިސްހޮޅީގެ ތެރޭގައި ދަރިފަނި، އަދި ބިސް ދަތުރުކުރުން ހަލުވިކޮށްދެއެވެ.
·
ބިސްހޮޅީގެ ބަތާނަފަށުގައި ހިމެނޭ ސެލްތަކުގެ
ތެރެއިން ދިޔަ ދޫކުރާ ސެލްތަކުން ބިސް، އަދި ދަރިފަނި ދިރިހުރުމަށާއި، އޭގެ
ނަގުލުވުމަށް އެހީތެރިވެދޭ ދިޔަ ދޫކުރެއެވެ. މިދިޔައިގެ ތެރޭގައި ހިމެނޭ
މާއްދާތަކުގެ ތެރޭގައި ކެލްސިއަމް، ސޯޑިއަމް، ކްލޮރައިޑް، ގުލްކޯޒް، ޕްރޮޓީން،
ބައިކާބޮނޭޓް އަދި ލެކްޓިކް އެސިޑް ހިމެނެއެވެ. ބައިކާބޮނޭޓް އަދި ލެކްޓިކް އެސިޑް
އަކީ ދަރިފަނި އޮކްސިޖަން ބޭނުންކުރުމަށް އެހީތެރިވެދޭ މުހިއްމު ދެ މާއްދާ އެވެ.
މީގެ އިތުރުން ބިސް މުޑުވައްވުމަށްފަހު، ބިހުގެ ހެދިބޮޑުވުމަށް ވެސް މި ދެ މާއްދާ
އެހީތެރިވެދެއެވެ. ގުލްކޯޒް ނުވަތަ ހަކުރަކީ ބިސް އަދި ދަރިފަނީގެ ކާނާއެވެ. ބާކީ
ހުރި ކެމިކަލްތަކަކީ ބިހާއި، ދަރިފަނި ގުޅި މުޑުވައްވުމަށް އެކަށޭނަ މާހައުލެއް
ފަހިކުރުމަށް އެހީތެރިވެދޭ މާއްދާ ތަކެކެވެ.
·
ބިސްހޮޅީގެ ބަތާނަފަށުގައި ހުންނަނީ
"ސިލިއޭޓެޑް ކޮލަމްނަރ އެޕިތީލިއަލް"(ciliated
columnar epithelium) ސެލް ތަކުގައި ހިމެނޭ ނަރުވާ ތަކުން ބިސް
އަދި ދަރިފަނި ބިސްހޮޅީގެ ތެރޭގައި ދަތުރުކުރުމަށް އެހީތެރިވެދެއެވެ. ޖިންސީ
ގުޅުން ހިންގުމުގެ ތެރޭގައި އަންހެނާގެ ދަރިމައިވުމުގެ ނިޒާމަށް އެތެރެވާ ދަރިފަނި
އާންމު ގޮތެއްގައި ޖިންސީ ގުޅުން ހިންގާތާ ދެތިން ގަޑިއިރުގެ ތެރޭގައި ބިސްހޮޅީގެ
އިންފަންޑިބިޔުުލަމް އަށް ވާޞިލްވެއެވެ. ބިސްރަވަ އިން ދޫކުރާ ބިސް
(މުޑުވައްވިޔަސް/ ނުވިޔަސް) ރަހިމަށް ވާޞިލްވުމަށް 4-3 ދުވަސް ނަގައެވެ.
ބިސްހޮޅިއަށް
ލިމްފް އަދި ލޭފޯރުކޮށްދިނުން
ބިސްހޮޅިއަށް ސާފުލޭ
ފޯރުކޮށްދެނީ ރަހިމާއި، ބިސްރަވައަށް ލޭފޯރުކޮށްދޭ ސާފުލޭ އުފުލައިދޭ
ލޭހޮޅިތަކުންނެވެ. ޔުޓެރައިން އާޓަރީ އަކީ "އިންޓާނަލް އިލެއެކް އާޓަރީ"
އިން ނިކުމެފައިވާ ލޭހޮޅި އެކެވެ. އަދި ބިސްހޮޅިން އަނބުރާ ނުސާފުލޭ ވެސް
ފޯރުކޮށްދެނީ ބިސްރަވައާއި، ރަހިމުން ވެސް ނުސާފުލޭ އުފުލައިދޭ ލޭހޮޅިތަކުންނެވެ.
ލިމްދިޔަ ހުސްވަނީ އިލިއެކް ލިމްފް ގޮށްތައް، ސެކްރަލް ލިމްފް ގޮށްތައް އަދި
އެއޯޓިކް ލިމްފް ގޮށްތަކަށެވެ.
ނޯޓް : މިއީ މައުލޫމާތު
ފެތުރުމުގެ ނިޔަތުގައި ލިޔެފައިވާ ލިޔުމެކެވެ.
މައުލޫމާތު :
·
https://teachmeanatomy.info/pelvis/female-reproductive-tract/fallopian-tubes/
·
https://www.britannica.com/science/fallopian-tube
·
https://www.ncbi.nlm.nih.gov/books/NBK547660/
No comments:
Post a Comment