ލޮލަށް މަސްއެރުން ނުވަތަ ލޮލުގައި މަސްކޮޅުރޯވުން
ލޮލަށް މަސްއެރުން(pterygium) ނުވަތަ ލޮލުގައި މަސްކޮޅުރޯވުމަކީ ވަރަށް އާންމު ކަމެކެވެ. ލޮލުގައި މަސްކޮޅުރޯވުން
ނިސްބަތްކުރެވެނީ ލޮލުގެ ހުދުކަޅީގެ މަތީގައިވާ ތުނިދުއްޔާއި، ލޮލުގެ ހާމަދުލީގެ
މަތީގައި ޣައިރު ތަބީޢީ ގޮތެއްގައި މަސްކޮޅެއް އުފެދި ރޯވުމެވެ. އެހެންކަމުން މިއީ
ލޮލުގައި އުފެދޭ ނުވަތަ ރޯވާ މަސްކޮޅެކެވެ. އާންމު ގޮތެއްގައި ލޮލަށް މަސްއަރަނީ ނުވަތަ
ލޮލުގައި މަސްކޮޅުރޯވަނީ ލޮލުގެ ނޭފަތާއި ކައިރިވީ ފަރާތުން ފެށިގެން ލޮލުގެ ކޮއި އާއި
ވީ ދިމާލަށެވެ. ނަމަވެސް ލޮލުގެ ނޭފަތާއި ދުރުވީ ފަރާތުގައި ނުވަތަ ކަށްކައްޓާއި ވީ
ފަރާތުގައި ވެސް މަސްކޮޅު ރޯވުމަކީ ވެދާނެ ގޮތެކެވެ.
އާންމު ގޮތެއްގައި ލޮލުގައި
ރޯވެފައިވާ މަސްކޮޅު އިންނާނީ ތިނެސްކަން ބައްޓަމަށެވެ. މިމަސްކޮޅު ރޯވާއިރު އޭގެ ތެރޭގައި
ކުދިކުދި ލޭހޮޅިތައް ހުންނަކަން ފާހަގަ ކުރެވެއެވެ. ލޮލުގައި މަސްކޮޅު ރޯވުމަށް ބައެއް
ފަހަރު "ސާރފަރސް އައި" މިހެން ކިޔައި އުޅެއެވެ. އެއީ ރާޅާ އަޅާ މީހުންނަށް
އާންމުކޮށް ލޮލަށް މަސްއެރުމުގެ މައްސަލަ ދިމާވާ މިންވަރު އިތުރުވާތީ އެވެ.
ލޮލުގައި މަސްކޮޅުރޯވުމަކީ
ކެންސަރުގެ ވައްތަރެއް ނޫނެވެ. އަދި މިއީ ކެންސަރު ޖެހުމަށް ވެސް މަގުފަހިކުރާ ކަމެއް
ނޫނެވެ. ލޮލުގައި މަސްކޮޅެއްރޯވެ، ލޮލުގެ ކޮއި މައްޗަށް ރޯވެފައިވާ މަސްކޮޅު އަރައިފިނަމަ
ލޮލުގެ ފެނުމަށް އަސަރުކުރުމަކީ އެކަށީގެންވާ ކަމެކެވެ. ދެލޮލުގައި ނުވަތަ އެއް ލޮލުގައި
ވެސް މަސްކޮޅު ރޯވެދާނެ އެވެ. ލޮލުގައި މަސްކޮޅުރޯވުމަކީ ގިނަ ވަގުތު އަވީގައި ނުވަތަ
ބޭރު ތެރޭގައި އުޅޭ މީހުންނަށް އާންމުކޮށް ކުރިމަތިވެދާނެ ކަމެކެވެ.
މަގުފަހިކުރާ
ކަންތައްތައް
(ހ) އުމުރު
: އުމުރުން 40-20 އަހަރާއި
ދެމެދުގެ އުމުރާގެ މީހުންނަށް ލޮލުގައި މަސްކޮޅު ރޯވުމުގެ ފުރުޞަތު ބޮޑެވެ. ނަމަވެސް
ހޫނު ހިސާބުތަކުގައި ދިރިއުޅޭ ކޮންމެ މީހަކަށް ވެސް މިކަން ކުރިމަތިވެދާނެ އެވެ. އުމުރުން
20 އަހަރުވުމުގެ ކުރިންނާއި، އުމުރުން 40 އަހަރުވުމަށްފަހު ލޮލުގައި މަސްކޮޅު ރޯވުމަކީ
ވަރަށް މަދުން ނޫނީ ނުވާނެ ކަމެކެވެ. ނަމަވެސް ބައެއް ރިފަރެންސް ތަކުގައި ލޮލުގައި
މަސްރޯވުން ބޮޑަށް އާންމީ އުމުރުން 40 އަހަރުވުމަށްފަހުގައި ކަމަށް ބަޔާންކޮށްފައި
ވެއެވެ (ސަދަންކްރޮސް.ކޯ.އެންޒެޑް).
(ށ)
ޖިންސް : ލޮލުގައި
މަސްކޮޅު ރޯވުން ނުވަތަ ލޮލަށް މަސްއެރުން އަންހެނުންނަށްވުރެ ފިރިހެނުންގެ ތެރޭގައި
އާންމުކަން ފާހަގަ ކުރެވެއެވެ. އެގޮތުން ފިރިހެނުންނަށް މިކަން ކުރިމަތިވާ މިންވަރު
އަންހެނުންނަށްވުރެ 2 ގުނަ އިތުރެވެ. މިއީ ފަހަރުގައި އަންހެނުންނަށްވުރެ ފިރިހެނުން
ބޭރުތެރޭގައި ނުވަތަ އަވީގައި އުޅޭ ވަގުތު ގިނަވުމާއި، އަވީގައި ގިނައިރު އުޅެންޖެހޭ
ކަހަލަ މަސައްކަތްތައް ފިރިހެނުން ބައިވެރިވާ މިންވަރު އިތުރުވުމުން ވާކަމަކަށް ވުމަކީ
ވެދާނެ ގޮތެކެވެ.
(ނ) ހޫނު ހިސާބުތަކުގައި
ދިރިއުޅުން : އެންމެ އާންމުކޮށް
މިކަން ފާހަގަކުރެވެނީ ހޫނު ހިސާބުތަކުގައި އުޅޭ މީހުންގެ ފުށުންނެވެ. (ރ) އަވީގައި ގިނައިރު އުޅުން : ދިގުމުއްދަތަކަށް އިރުގެއައްޔަށް
(އަލްޓްރާ ވައިލެޓް ދޯދިތަކަށް) ހުށަހެޅުން ނުވަތަ އަވީގައި ގިނައިރު އުޅުމަކީ ލޮލުގައި
މަސްކޮޅުރޯވުމަށް މަގުފަހިކުރާ ކަމެކެވެ. އެހެންކަމުން އަވީގައި ގިނައިރު އުޅެންޖެހޭ
ކަހަލަ މަސައްކަތްތައް މިސާލަކަށް މަސްވެރިކަން، ދަނޑުވެރިކަން، ފަދަ މަސައްކަތްތައް
ކުރާ މީހުންނަށް ފަހަރުގައި ލޮލުގައި މަސްކޮޅުރޯވުމުގެ މައްސަލަ ދިމާވުމަކީ ވެދާނެ
ގޮތެކެވެ. ލޮލުގައި މަސްކޮޅުރޯވާން ދެތިން މަހުން ފެށިގެން ގޮސް ދެތިން އަހަރު ވެސް
ނަގައިފާނެއެވެ.
(ބ) ވާރުތަވުން
: ލޮލުގައި މަސްކޮޅުރޯވުމަކީ
ބައެއް ފަހަރު ވިރާސީ ބަހާ އަކާއި ގުޅުމެއް އޮންނަ ކަމަކަށްވުމުން ބައެއް އާއިލާތަކުގެ
ތެރޭގައި ވާރުތަވަމުން އަންނަ ކަމެއްގެ ގޮތުގައި ލޮލަށް މަސްއެރުން ދައުރުވަމުން އައުމަކީ
އެކަށީގެންވާ ކަމެކެވެ.
(ބ) ދިރިއުޅޭ
މާހައުލުން އެކި ކަހަލަ މާއްދާތަކަށް ލޯ ހުށަހެޅުން
ނުވަތަ ލޮލަށް އެކި ކަހަލަ މާއްދާތައް ހުށަހެޅުން : ދިރިއުޅޭ މާހައުލުން ތަކުރާރު ގޮތެއްގައި ލޮލުގައި ހިރަފުސްޖެހުން، އެކިކަހަލަ
ދުމަށް ހުށަހެޅުން، ބާރުގަދަ ވަޔަށް ލޯ ހުށަހެޅުން، އެކި ކަހަލަ ކެމިކަލްތަކަށް ލޯ
ހުށަހެޅުން، އަދި ވައި ނުސާފުވުން ފަދަ ކަންތައްތަކުގެ ސަބަބުން ވެސް ލޮލުގައި މަސްކޮޅު ރޯވުމަށް
މަގުފަހިކުރެއެވެ.
އަލާމާތްތައް
ލޮލުގައި މަސްކޮޅު ގިނަ
ފަހަރު ރޯވާން ފަށަނީ ލޮލުގެ ނޭފަތާވީ ދިމާލުގެ ކަނުންނެވެ. އާންމު ގޮތެއްގައި ރަތްކުލައިގައި
އިންނަ ކުޑަކުޑަ މަސްކޮޅެއްގެ ސިފައިގައެވެ. އެއަށްފަހު އެމަސްކޮޅު ބޯވެ، ލޮލުގެ ކަޅުކަޅި
އާއި ލޮލުގެ ކޮޔާއި ދިމާލަށް ރޯވާވަރަކަށް ބޮޑުވެ ފެތުރެމުންދެއެވެ.
ލޮލުގައި މަސްކޮޅު ރޯވި
ނަމަވެސް ބައެއް ފަހަރު އެއްވެސް ވަރަކަށް އޭގެ އުދަނގޫތައް ކުރިމަތި ނުވެދާނެ އެވެ.
ނުވަތަ އަލާމާތްތައް ނުފެނިދާނެ އެވެ. އާންމު ގޮތެއްގައި ފެނިދާނެ އަލާމާތްތައް ތިރީގައި
މިވަނީ އެވެ.
·
ލޯރަތްވުން
·
ލޯހިރުވައި، ލޮލަށް އުދަނގޫވުން
·
ލޮލުން ދިލަނެގުން އަދި ލޮލުން ފެންއައުން
·
ލޯދުޅަވުން
·
ލޮލުގައި ވެލިފުކެއް ޖެހޭހެން ހީވުން / ލޮލުގައި އެއްޗެއް
އިންނަހެން ހީވުން
·
ލޮލުން ކަރުނަ އުފައްދާ މިންވަރު މަދުވެ، ލޯހިކުން
·
ލޮލުގެ ބޭރުފުށުން ފެންނަ ފެނުމަށް ބަދަލުއައުން
·
ލޮލުގެ ފެނުން ފުސްވުން ނޫނީ ލޮލުގެ ފެނުމަށް ބަދަލުއައުން
·
ލޮލުގެ ކުރިމަތީގައި ހުދު ނޫނީ މަޑު ފިޔާތޮށި ކުލައިގެ
ރޯވުމެއް (އުފެދުމެއް) ހުރުން
·
އެއްލޮލުގައި ނުވަތަ ދެލޮލުގައި މަސްކޮޅުރޯވުން
ލޮލުގައި މަސްކޮޅު ރޯވުމުގެ
ކުރިން އެއާއި ވައްތަރު އެހެން ހާލަތެއް ބައެއް ފަހަރު ކުރިމަތި ކުރުވައެވެ. މިހާލަތަށް
ކިޔަނީ "ޕިންގްވެކިޔޫލާ"(pinguecula) އެވެ. ޕިންގްވެކިޔޫލާ އަކީ ލޮލުގެ
ހުދުކަޅި ނިވައިކޮށްދޭ ތުނިދުލީގެ މަތީގައި ރޯވާ ނުވަތަ އުފެދޭ ރީނދޫކުލައިގެ ޕެޗް
އެކެވެ.
ލޮލުގައި މަސްކޮޅު ރޯވުން
ދެގިންތިއަކަށް ބަހާލެވިދާނެއެވެ. އެއް ގިންތި އަކީ ވަރަށް ކުޑަކޮށް ލޮލުގައި މަސްރޯވުމެވެ.
މިގޮތަށް މަސްކޮޅު ރޯވެފައި އިންނައިރު ހުންނާނީ ނިސްބަތުން ތުނިކޮށް، ފަތާކޮށް، ހިނދިފައި
ނޫނީ އެއްޗެއް ހިނދި ވަޅޯވެފައި ހުންނަ ސިފަޔަށެވެ. މިވައްތަރުގެ މަސްކޮޅު ރޯވާނީ ވަރަށް
ލަސްލަހުންނެވެ. އަދި އޮޕަރޭޝަންކޮށްގެން މަސްކޮޅު ކަހާލުމަށްފަހު އަލުން ރޯވެ އާލާވުމަކީ
ވަރަށް ނާދިރު ކަމެކެވެ.
ލޮލުގައި މަސްކޮޅު ރޯވުމުގެ
ދެވަނަ ގިންތި އަކީ ވަރަށް ބޮޑަށް ލޮލުގައި މަސްކޮޅު ރޯވުމެވެ. ނޫނީ ވަރަށް ބޮޑަށް
ލޮލަށް މަސްއަރާފައި ހުރުމެވެ. މިގޮތަށް މަސްކޮޅު ރޯވެފައި ހުންނާނީ ނިސްބަތުން ބޯކޮށެވެ.
އަދި މަސްކޮޅު ރޯވަމުން އަންނާނީ ވަރަށް އަވަހަށެވެ. އޮޕަރޭޝަން ކޮށްގެން މަސްކޮޅު
ކަހާލި ނަމަވެސް އަލުން އަނބުރާ މަސްކޮޅު ރޯވުމުގެ ފުރުޞަތު މިވައްތަރުގައި އިތުރުކަން
ފާހަގަ ކުރެވެއެވެ.
ނުރައްކާތައް
ލޮލުގައި ރޯވެފައިވާ މަސްކޮޅު
ލޮލުގެ ހާމަދުލި މައްޗަށް ނުވަތަ ލޮލުގެ ކޮއި މައްޗަށް އަރައިފިނަމަ، ލޮލުގެ ފެނުމަށް
ބަދަލުއައުމަކީ އެކަށީގެންވާ ކަމެކެވެ. އެގޮތުން ލޮލުގެ ލޮލުގެ ފެނުން ފުސްވެ، ނޫނީ ލޮލުގެ
ފެނުމަށް ދަތިވެ، އަދި އެއްޗެއް ތަކުރާރުކޮށް ( ދޭއްޗެއްގެ ގޮތަށް) ފެނުމަކީ އެކަށީގެންވާ ކަމެކެވެ.
ލޮލުގައި މަސްކޮޅު ރޯވުމުން އޮޕަރޭޝަންކުރުމަށްފަހު ލޮލުގެ ހާމަދުއްޔާއި، ލޮލުގެހުދުކަޅީގެ
މަތީގައިވާ ތުނިދުލީގައި ލަކުނުލުމަކީ އެކަށީގެންވާ ކަމެކެވެ. މީގެ އިތުރުން އޮޕަރޭޝަން
ނުކުރަނީސް ވެސް ބައެއް ފަހަރު ލޮލުގެ އެހިސާބުގެ މަސްކޮޅެއް ކަމުގައިވާ "މީޑިއަލް
ރެކްޓަސް މަސްކޮޅު"ގައި ލަކުނުލުމަކީ އެކަށީގެންވާ ކަމެކެވެ. އާންމު ގޮތެއްގައި
އެއްޗެއް ދެއެއްޗެއްގެ ގޮތުގައި ފެންނަނީ މިމަސްކޮޅުގައި ލަކުނުލުމުންނެވެ.
ލޮލުގައި މަސްކޮޅުރޯވެ، މަސްކޮޅު
ކަހާލުމަށްފަހު ( އޮޕަރޭޝަނަށްފަހު) ދިމާވެދާނެ ނުރައްކާތަކުގެ ތެރޭގައި މަސްކޮޅު ކަހާލިތަނުގައި
އިނފްކެޝަންހެދުން، މަސްކޮޅު ކަހާލުމަށްފަހު ފަހާލުމަށް ބޭނުންކުރެވޭ ރޮއްޖާއި ނުގުޅުން، އެއްޗެއް
ދެއެއްޗެއްގެ ގޮތުގައި ފެނުން، ލޮލުގެ ހާމަދުލީގައި ލަކުނުލުން، ލޯފޫގޮސް، ވިޓްރީއަސް
ބޮޑީ އަށް ލޭއެޅި، ލޮލުގެ އަލިދުލި ނެއްޓިގެންދިއުން ފަދަ ކަންތައްތައް ހިމެނެއެވެ.
ލޮލުގައި މަސްކޮޅު ރޯވުމުން
މަސްކޮޅު ކަހާލުމަށްފަހު އެންމެ އާންމުކޮށް ދިމާވާނެ ކަމަކީ އަލުން އަނބުރާ ލޮލުގައި
މަސްކޮޅު ރޯވުމެވެ. ނުވަތަ އަނބުރާ ލޮލަށް މަސްއެރުމެވެ. އެގޮތުން މަސްކޮޅު ކަހާލިނަމަވެސް
%80-50 މީހުންގެ ލޮލުގައި އަނބުރާ މަސްކޮޅު ރޯވާކަން ފާހަގަ ކުރެވެއެވެ. ނަމަވެސް މިގޮތަށް
އަނެއްކާވެސް ލޮލުގައި މަސްކޮޅު ރޯވުމުގެ ފުރުޞަތު %15-5 "ކޮންޖަންކްޓައިވަލް
ނުވަތަ ލިމްބަލް އުޓޯގްރާފްޓް"(Conjunctival
or limbal autograft)ގެ އެހީގައި
ކުޑަކުރެވެއެވެ.
ދެނެގަތުން
އާންމު ގޮތެއްގައި ލޮލަށް
މަސްއެރުމުން ބޭރުފުށުން ރީތިކޮށް ފެންނަށް ހުންނާނެ އެވެ. އަދި ލޮލަށް މަސްއަރާފައި
ހުންނަ ހުރުމަށް ބަލާފައި ބޭރުފުށުން އެއީ ލޮލަށް މަސްއެރުންކަން ދެނެގަނެވޭނެ އެވެ.
ނަމަވެސް ލޮލުގައި މަސްކޮޅު ރޯވާތާ ކުރީކޮޅު ޕިންގްވެކިޔޫލާ ފަދަ ހާލަތްތަކާއި، ލޮލަށް މަސްއެރުން
ވަކިކުރަން ދަތިވެދާނެ އެވެ. ލޮލަށް މަސްއެރުން ނުވަތަ ލޮލުގައި މަސްކޮޅުރޯވުން ''ސްލިޓް
ލޭމްޕް އެގްޒަމިނޭޝަން"(Slit
Lamp Examination)ގެ އެހީގައި
ދެނެގަތުމަކީ ވަރަށް ފަސޭހަ ކަމެކެވެ. މިއީ ބަލިމީހާ ޑޮކްޓަރުގެ ކުރިމަތީގައި އެއްލެވެލް
އެއްގެ ގޮނޑިއެއްގައި ބެއިންދުމަށްފަހު، ސްލިޓް ލޭމްޕް އަކާއި މައިކްރޮސްކޯޕެއް ހިމެނޭ ޚާއްޞަ ޑިވައިސް އެއްގެ (ޢާންމު ގޮތެއްގައި
ލޮލުގެ ޑޮކްޓަރުންގެ ކޮޓަރީގައި ބަލިމީހާގެ ލޯ ބެލުމަށްޓަކައި ބެހެއްޓިފައި ހުންނަ
މެޝިން ނުވަތަ ޑިވައިސް) އެހީގައި ލޮލުގެ އެތެރެ ހުރިނެތްގޮތް ބެލުމެވެ.
އާންމު ގޮތެއްގައި ސާޖަރީ
ހެދުމަށްފަހު ކަހާލެވޭ މަސްކޮޅުން އެތިކޮޅެއް ބަޔޮޕްސީ ހެދުމަށްޓަކައި ލެބޯޓަރީ އަށް
ފޮނުވޭނެ އެވެ.
ފަރުވާ
ލޮލުގެ މަސްކޮޅު ރޯވުމުގެ
ސަބަބުން ބަލިމީހާއަށް މާބޮޑު އުދަނގޫތަކެއް ކުރިމަތިނުވާނަމަ އެއްވެސް ފަރުވާއެއް
ބޭނުމެއް ނުވާނެއެވެ. ނަމަވެސް ލޮލަށް އަންނަ ބަދަލުތައް ބަލަމުން ގެންދިއުމަކީ މުހިއްމު
ކަމެކެވެ. ލޮލަށް މަސްއަރައި ލޯ ރަތްވެ، ހިރުވައި އުދަނގޫތައް ވާނަމަ، (ލޮލުގައި މަސްކޮޅުރޯވެއްޖެނަމަ ކުރެވޭ އެއްކަމަކީ) ލޮލުގެ ތެތްކަން ނުވަތަ ތެޔޮކަން
އިތުރުކުރުމަށްޓަކައި ލޮލަށްއަޅާ އާޓިފިޝަލް ޓިއަރ، ޖެލް، ނުވަތަ އޮއިންޓްމަންޓް
ބޭނުންކުރެވެއެވެ. މީގެ ސަބަބުން ލޮލުގައި ހުންނަ ރަތްކަމާއި، ލޯހިރުވާ
ކެހުން ފަދަ އުދަނގޫތައް ކުޑަކޮށްދެއެވެ. މަދުން
ނަމަވެސް ސްޓީރޮއިޑް އެކުލެވޭ ލޮލަށްއަޅާ ތިކި ލޮލަށް އެޅުމަށް ބޭނުންކުރެވެއެވެ. ސްޓީރޮއިޑް
އެކުލެވޭ ލޮލަށް އަޅާ ތިކި ބޭނުންކުރުމަކީ އެކަމުގެ ސަބަބުން ލޯރަތްވުން، ލޮލުގައި
ރިހުން، ލޯދުޅަވުން، އަދި ލޯހިރުވުން ފަދަ ކަންތައްތައް ކުޑަކޮށްދޭނެ ކަމެކެވެ.
ލޮލުގައި މަސްކޮޅު ރޯވުމުން
ފަރުވާގެ ގޮތުގައި ބައެއް ފަހަރު އޮޕަރޭޝަން ކުރަންޖެހެއެވެ. އާންމު ގޮތެއްގައި އޮޕަރޭޝަން
ކުރަނީ އެހެން ފަރުވާތައް ކޮށްގެން ރަނގަޅުނުވާނަމަ އެވެ. ނުވަތަ ލޮލުގެ މަސްރޯވުމުގެ
ސަބަބުން އުދަނގޫވެ، ނުތަނަވަސްވެ، ނުވަތަ ލޮލުގެ ފެނުމަށް ބަދަލުއަންނަ ނަމައެވެ. ނަމަވެސް އޮޕަރޭޝަންކޮށްގެން ރޯވެފައިވާ
މަސްކޮޅު ކަހާލިނަމަވެސް އަނބުރާ މަސްކޮޅު ރޯވުމަކީ އެކަށީގެންވާ ކަމެކެވެ. އަދި ބައެއް
ފަހަރު އޮޕަރޭޝަން ކުރުމަށްފަހު ލަކުނު ލުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. ލޮލުގެ
ބޮޑީގެ ދަށުން ލޮލުގެ ހުދުކަޅީގެ މަތީގައިވާ ތުނިދުލިން ތަންކޮޅެއް ނެގުމަށްފަހު ލޮލުން
މަސްކޮޅު ކަހާލެވުނު ތަނުގައި އިންދެއެވެ. އާންމު ގޮތެއްގައި ލޯ ހިމެނޭ ހިސާބު އެކަނި
ކޮށްގެން ހެދޭ މިސާޖަރީއަށް ހޭދަވަނީ ގާތްގަނޑަކަށް 30 މިނިޓުކަން ފާހަގަ ކުރެވެއެވެ.
ރައްކާތެރިވުން
1. ބޭރު ތެރޭގައި އުޅޭއިރު
(އަވީގައި އުޅޭއިރު) އަބަދުވެސް އަވިއައިނު އެޅުން : އަވިއައިނު އަޅާއިރު އެންމެ ރަނގަޅީ
ލޯ އެއްކޮށް ފޮރުވޭގޮތަށް ހުންނަ އައިނު އެޅުމެވެ. މިފަދަ އައިނު އެޅުމުން ލޮލަށް ހިރަފުހާއި، ގަދަ ވައިގެ
އަސަރުކުރުމުން ރައްކާތެރި ކޮށްދެއެވެ.
2. ބޭރު ތެރޭގައި އުޅޭއިރު
(އަވީގައި އުޅޭއިރު) ތޮފިއެޅުން
3. ނަންބަރު އައިނު ހައްދާއިރު
އިރު އަލިން ރައްކާތެރިވެވޭނެ ގޮތަށް ފަރުމާކޮށްގެން އައިނުހެދުން
4. ހިކި، ހަނަފަސް، ހޫނު ހިސާބުތަކުގައި
އުޅޭއިރު ލޮލުގެ ތެތްކަން އިތުރުކުރުމަށްޓަކައި އާޓިފިޝަލް ޓިއަރ ބޭނުންކުރުން
5. ބޭރުތެރޭގައި އުޅޭއިރު
އަވީގައި އުޅޭ ވަގުތު މަދުކުރުން
6. އަވީގައި ގިނައިރު
އުޅެންޖެހޭ ކަހަލަ މަސައްކަތްތަކާއި ދުރުހެލިވުން، އަދި އެފަދަ މަސައްކަތެއް ކުރާނަމަ
އަވިން ލޯ ރައްކާތެރިކޮށްދޭފަދަ އާލާތްތައް ( އަވިއައިނު، ތޮފި) ބޭނުންކުރުން
7. މަސައްކަތުގެ މާހައުލުގައި
ލޯ ރައްކާތެރިކުރުމަށް ހުންނަ އަދަވާތްތަކާއި އާލާތްތައް ބޭނުންކުރުން
8. ދިރިއުޅޭ މާހައުލުން
ތަފާތު މާއްދާތައް ލޮލަށް ހުށަހެޅުމުން ރައްކާތެރިކުރުމަށް މަސައްކަތްކުރުން
ނޯޓް: މިއީ މައުލޫމާތު ފެތުރުމުގެ ނިޔަތުގައި ލިޔެފައިވާ ލިޔުމެކެވެ.
ހަވާލާ
·
https://www.aoa.org/healthy-eyes/eye-and-vision-conditions/pterygium?sso=y
·
https://www.webmd.com/eye-health/pterygium-surfers-eye
·
https://www.guysandstthomas.nhs.uk/resources/patient-information/eye/pterygium.pdf
·
https://emedicine.medscape.com/article/1192527-clinical#showall
·
https://assileye.com/pterygium
·
https://eyecancer.com/eye-cancer/conditions/conjunctival-tumors/pterygium/
·
https://www.southerncross.co.nz/group/medical-library/pterygium-causes-symptoms-treatment-prevention
No comments:
Post a Comment