ކާޕަލް
ޓަނެލް ސިންޑްރޯމް
އަތްތިލަ އައްސިވާ ބަލި ނުވަތަ ކާޕަލް ޓަނެލް
ސިންޑްރޯމް(Carpal Tunnel Syndrome) އަކީ އަތުކުރީގައިވާ
ފަތިނާރަކަށް ފިތުމުން ކުރިމަތިވާ ހާލަތެކެވެ. އާންމު ގޮތެއްގައި ކާޕަލް ޓަނެލް
ސިންޑްރޯމް ކުރިމަތިވަނީ އަތުކުރީގައިވާ "މީޑިއަން ނާރވް"(median nerve) އަށް ފިތިގެންނެވެ. ނޫނީ އެފަތިނާރަށް ބާރުވެ،
ފިތޭތީ އެވެ. ކާޕަލް ޓަނެލް ސިންޑްރޯމް އަށް ބައެއް ފަހަރު "މީޑިއަން ނާރވް
ކޮމްޕްރެޝަން"(median nerve compression) މިހެން ކިޔައި އުޅެއެވެ.
ކާޕަލް
ޓަނެލް
ކާޕަލް ޓަނެލް(Carpal tunnel) އަކީ އަތްތިލައިގެ ބަނޑުފުށުގައި އިންނަ، އޭގެ ތެރެއިން ފަތިނާރުތައް އަތުގެ އިގިލިތަކަށް ގޮސްފައިވާ ހަނި މަގެކެވެ. އެގޮތުން އަތްދަނޑިން ފެށިގެން ގޮސް އަތްތިލައިގެ ތެރެއަށް މީޑިއަން ނާރވް ވަދެފައިވަނީ މިހަނިމަގު ނުވަތަ ޓަނެލްގެ ތެރެއިންނެވެ. މިޓަނެލްގެ ފުޅާމިނަކީ ގާތްގަނޑަކަށް އިންޗި އެކެވެ. މިޓަނެލްގެ ފުލާއި، އަރިމަތީގައިވަނީ އަތުކުރީގެ ކަށި(carpal bones) ތަކެވެ. ޓަނެލްގެ މަތި ނިވާކުރެވިފައިވަނީ ގުޅުވާދެނިވި ސެލޯށިތަކުން އުފެދިފައިވާ ވަރުގަދަ ލިގަމެންޓެއް ކަމުގައިވާ "ޓްރާންސްވާރސް ކާޕަލް ލިގަމެންޓް"(transverse carpal ligament) އިންނެވެ. އަތްތިލައިގެ އިގިލިތައް ލެންބުމަށް ބޭނުންވާ 9 ޓެންޑަން(tendons) ގެ އިތުރުން މީޑިއަން ނާރވް ވެސް ގޮސްފައިވަނީ މި ޓަނެލްގެ ތެރެއިންނެވެ.
ކުޑަވައި އިގިލި ފިޔަވައި އަތުގެ އިގިލިތަކުގެ ބަނޑުފުށަށް
އިހުސާސް ގެނެސްދެނީ މިފަތި ނާރުންނެވެ. މީގެ އިތުރުން ބޮޑުވައި އިގިލީގެ ބުޑުގައި
ވަށައިގެން ހުންނަ މަސްކޮޅުތައް ހަރަކާތް ކުރުމަށް ވެސް މީޑިއަން ނާރވް
އެހީތެރިވެދެއެވެ. ކުޑަވައި އިގިލި ފިޔަވައި އެހެން އިގިލިތަކުގެ ހަރަކާތާއި،
އިހުސާސް ގައި ވެސް މީޑިއަން ނާރވް ބައިވެރިވެއެވެ.
މީޑިއަން ނާރވް އަށް ފިތި ވާންވެ ބާރުވުމުން
ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި އަތްތިލައިގައި ރިހުން، އައްސިވުން، އަތްތިލައިގައި
ކަށިހަރާހެން ހީވުން، އަދި އަތްތިލައިގެ ބާރުދޫވުން ފަދަ ކަންތައްތައް ހިމެނެއެވެ.
ކުރިމަތިވާގޮތް
ކާޕަލް ޓަނެލް ސިންޑްރޯމް ކުރިމަތިވަނީ އަތްތިލައިގައި
ކާޕަލް ޓަނެލްގެ ތެރޭގައި ހުންނަ ޓެންޑަންތަކުގެ ވަށައިގެން ހުންނަ ސެލޯށި ތައް
ނުވަތަ ޓިޝޫތައް ދުޅަވެ، މީޑިއަން ނާރވް އަށް ފިތޭގޮތްވުމުންނެވެ. ނުވަތަ މީޑިއަން
ނާރވް ފިތި ބާރުވުމުންނެވެ. މިސެލޯށި ތަކަށް ކިޔަނީ "ސައިނޯވިއަމް"(synovium) އެވެ. ސައިނޯވިއަމް
އަކީ ބަޔާންކުރެވުނު ޓެންޑަންތައް "ތެޔޮކަންމަތީ ބަހައްޓައިދީ"(Lubrication) އިގިލިތައް
ފަސޭހައިން ހަރަކާތްތެރިކުރުމަށް އެހީވެދޭ އެއްޗެކެވެ. ސައިނޯވިއަމް ދުޅަވުމުން
ކާޕަލް ޓަނެލްގެ ތެރޭގައި މީޑިއަން ނާރވް އަށް އިންނަ ޖާގަ ކުޑަވެ، މީޑިއަން ނާރވް
އަށް ފިތޭގޮތް ވެއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން އަތްތިލައިގައި ރިހުން،
އައްސިވުން، ކަށިހަރާހެންހީވުން، އަދި ބާރުދެރަވުން ކުރިމަތިކުރުވައެވެ.
ސަބަބު
ކާޕަލް ޓަނެލް ސިންޑްރޯމް ކުރިމަތިވަނީ
އަތުކުރީގައިވާ ފަތިނާރުތަކުގެ ތެރެއިން "މީޑިއަން ނާރވް'' އަށް ފިތި
ބާރުވުމުންނެވެ. ކާޕަލް ޓަނެލް އަށް ފިއްތައި، ބާރުކުރާ ކޮންމެ ކަމެއްގެ ސަބަބުން
މީޑިއަން ނާރވް އަށް ފިތި، ކާޕަލް ޓަނެލް ސިންޑްރޯމް ކުރިމަތިކުރުވުމަކީ އެކަށީގެންވާ
ކަމެކެވެ. އަތުގެ ނުވަތަ އަތްތިލައިގެ އިގިލިތައް ތަކުރާރުކޮށް ބޭނުންކުރަންޖެހޭ
ފަދަ ކަންތައްތައް މިސާލަކަށް ޓައިޕުކުރުން ފަދަ ކަންތައްތަކުގެ ސަބަބުން ކާޕަލް
ޓަނެލް ސިންޑްރޯމްގެ އުދަނގޫތައް ފެށިގެން އައުމަކީ އެކަށީގެންވާ ކަމެކެވެ. އަތުކުރި
ބިއްދައިގެން ދިއުން، ނޫނީ އަތުކުރީގެ ކަށިތަކުގައި ރެނދުލުން ފަދަ ކަންކަމުގެ
ސަބަބުން ކާޕަލް ޓަނެލް ހިމަވެ ނޫނީ ހަނިވެ އޭގެތެރެއިން ގޮސްފައިވާ މީޑިއަން
ނާރވް އަށް ހިލިގަތުން ކުރިމަތިކުރުވައި، ކާޕަލް ޓަނެލް ސިންޑްރޯމް ކުރިމަތި
ކުރުވައެވެ. ރޫމަޓޮއިޑް އާތުރައިޓިސް ނުވަތަ ރާއްޖެ ބަލި ފަދަ ބަލިތަކުގެ ސަބަބުން
އަތުކުރީގެ ހުޅުތައް ދުޅަވުމަކީ ވެސް ކާޕަލް ޓަނެލް އަށް ފިތި، ކާޕަލް ޓަނެލް
ސިންޑްރޯމް ކުރިމަތިކުރުވަފާނެ ކަމެކެވެ. ތައިރޮއިޑްގެ މައްސަލަތަކުގެ ތެރެއިން
ތައިރޮއިޑްގެ މަސައްކަތްތައް ދަށްވުން ނުވަތަ ހައިޕޯތައިރޮއިޑިޒަމް،މާބޮޑަށް
ފަލަވެ ބަރުހެލިވުން، ހަކުރު ބަލި، އަދި މާބަނޑުވުން ފަދަ ކަންކަމުގެ ސަބަބުން
ވެސް ކާޕަލް ޓަނެލް ސިންޑްރޯމް ކުރިމަތިވުމަކީ އެކަށީގެންވާ ކަމެކެވެ.
ވަރަށް ގިނަ ފަހަރު އެންމެ ކަމެއްގެ ސަބަބުން
ކާޕަލް ޓަނެލް ސިންޑްރޯމް ކުރިމަތިނުވެ ހިނގައިދާނެ އެވެ. ނަމަވެސް ބައިވަރު ކަންކަން
އެއްވުމުން ކާޕަލް ޓަނެލް ސިންޑްރޯމް ކުރިމަތިވުމުގެ ފުރުޞަތު އިތުރުވެގެންދާކަން
ފާހަގަ ކުރެވެއެވެ.
މަގުފަހިކުރާ
ކަންތައްތައް
ކާޕަލް ޓަނެލް ސިންޑްރޯމް ކުރިމަތިވުމާއި، ވަރަށް
ގިނަ ކަންތައްތަކާއި ގުޅުން އޮތުމަކީ އެކަށީގެންވާ ކަމެކެވެ. މިފަދަ ކަންތައްތަކަކީ
ސީދާ ގޮތެއްގައި ކާޕަލް ޓަނެލް ސިންޑްރޯމް ކުރިމަތިކުރުވާ ކަންކަމުގައި
ނުވިކަމުގައި ވިޔަސް، އެކަންކަމުގެ ސަބަބުން މީޑިއަން ނާރވް ހިލިގަނެ،
އެފަތިނާރަށް ގެއްލުންކުރުވައިފާނެ ކަންކަމަށްވުމަކީ އެކަށީގެންވާ ކަމެކެވެ.
އެގޮތުން އަންނަނިވި ކަންތަކަކީ ކާޕަލް ޓަނެލް ސިންޑްރޯމް އަށް
މަގުފަހިކުރުވައިފާނެ ކަންތައްތަކެވެ.
(ހ) އެނަޓަމިކަލް ފެކްޓަރ : އަތްތިލައިގެ ކުޑަހުޅު ނުވަތަ އަތުކުރި ބިނދުން ނޫނީ
ރެނދުލުން، އަތުލުކުރީގެ ހުޅު ނެއްޓުން ، އަތުކުރީގެ ކުދި ކަށިތައް
އައިބުކުރުވައިދޭ އާތުރައިޓިސް ކުރިމަތިވުން ފަދަ ކަންކަމަކީ ކާޕަލް ޓަނެލްގެ
އެތެރޭގެ ޖާގަޔަށް ބަދަލު ގެނެސް، މީޑިއަށް ނާރވް އަށް އޮއްބައި، ފިތޭގޮތް
މެދުވެރިކުރުވާ ކަމެކެވެ.
(ށ)
ޖިންސް : ކާޕަލް ޓަނެލް ސިންޑްރޯމް
ފިރިހެނުންނަށްވުރެ އަންހެނުންގެ ތެރޭގައި އާންމުކަން ފާހަގަ ކުރެވެއެވެ. އެގޮތުން
އަންހެނުންނަށް ކާޕަލް ޓަނެލް ސިންޑްރޯމް ކުރިމަތިވުމުގެ ފުރުޞަތު
ފިރިހެނުންނަށްވުރެ 3 ގުނަ އިތުރެވެ. މިއީ ފަހަރުގައި އަންހެނުންގެ ކާޕަލް ޓަނެލް
ނިސްބަތުން ފިރިހެނުންނަށްވުރެ ކުޑަވުމުން ވެދާނެ ގޮތެއް ކަމަށް ބެލެވެއެވެ.
(ނ) ފަތިނާރު ތަކަށް ގެއްލުން ލިބެނިވި
ހާލަތްތައް : ހަކުރު ބަލި ފަދަ ދާއިމަށް ބޭސްކާ
ބަލިތަކުގެ ސަބަބުން ނާރުތަކަށް ގެއްލުންވުމަކީ އެކަށީގެންވާ ކަމެކެވެ. އެގޮތުން
މީޑިއަން ނާރވް އަށް ވެސް ގެއްލުން ލިބި، ކާޕަލް ޓަނެލް ސިންޑްރޯމް ކުރިމަތިވުމަކީ
އެކަށީގެންވާ ކަމެކެވެ.
(ރ) އިންފްލެމޭޝަންތައް : ރާއްޖެ ބަލި ފަދަ ބަލިތަކުގެ ސަބަބުން އަތުކުރީގެ ޓެންޑަން
ތަކުގެ ބަތާނަފަށަށް ގެއްލުންދީ، ކާޕަލްޓަނެލްއަށް ފިތި، މީޑިއަން ނާރވް އަށް
ފިތި، ބާރުވުމަކީ އެކަށީގެންވާ ކަމެކެވެ. މިގޮތަށް ދިމާވެއްޖެނަމަ ކާޕަލް ޓަނެލް
ސިންޑްރޯމްގެ އުދަނގޫތައް ކުރިމަތިވުން ގާތެވެ.
(ބ) ބައެއް ކަހަލަ ބޭސްތައް : އުރަމަތީގެ ކެންސަރުގެ ފަރުވާގައި ބޭނުންކުރާ
"އެނަސްޓްރޮޒޯލް" އާއި ކާޕަލް ޓަނެލް ސިންޑްރޯމް ކުރިމަތިވުމާއި
ގުޅުމެއްވާކަމަށް ބައެއް ދިރާސާތަކުން ފާހަގަ ކުރެވިފައި ވެއެވެ.
(ޅ) މާބޮޑަށް ފަލަވުން : މާބޮޑަށް ބަރުހެލިވެ ފަލަވުމަކީ ކާޕަލް ޓަނެލް ސިންޑްރޯމް
އަށް މަގުފަހިކުރާ ކަމެކެވެ.
(ކ) ހަށިގަނޑުގައި ހިމެނޭ ދިޔާތަކެތީގެ
މިންވަރަށް ބަދަލުއައުން : ހަށިގަނޑުގައި
ދިޔާތަކެތި ޖަމާވެ، ފޮއްސިވުމަކީ ކާޕަލް ޓަނެލްގައި ޕްރެޝަރު މަތިވެ، މީޑިއަން
ނާރވް އަށް އޮއްބައި ފިއްތައިފާނެ ކަމެކެވެ. މިއީ މާބަނޑު ދުވަސްވަރު، އަދި
އިއްދައިން ކެނޑުމަށްފަހު އާންމު ކަމެކެވެ. މާބަނޑު ދުވަސްވަރު ކުރިމަތިވާ ކާޕަލް
ޓަނެލް ސިންޑްރޯމްގެ އުދަނގޫތައް ވިހެއުމަށްފަހު އޭގެ ޒާތުގައި މަޑުމަޑުން
ރަނގަޅުވެގެން ދެއެވެ.
(އ) އެހެން ބައެއް ޞިއްޙީ މައްސަލަތައް :
އިއްދައިންކެނޑުން، ތައިރޮއިޑް މައްސަލަތައް،
ގުރުދާ ފޭލްވުން، އަދި ލިމްފްއެޑީމާ ފަދަ މައްސަލަތަކަކީ ކާޕަލް ޓަނެލް ސިންޑްރޯމް
ކުރިމަތިވުމުގެ ހިރާސް އިތުރުކުރާ ކަންކަމެވެ.
(ވ) މަސައްކަތުގެ މާހައުލުން ދިމާވެދާނެ
ކަންތައްތައް : ވައިބްރޭޓްވާ ފަދަ އާލާތެއް އަތާއި
އިގިލިތަކުގެ އެހީގައި ބޭނުންކުރަން ޖެހޭނަމަ، ނޫނީ އަބަދު އަތުގެ ކުޑަހުޅު
ލަންބަންޖެހޭ ކަހަލަ މަސައްކަތެއް ކުރާނަމަ، މިސާލަކަށް ޓައިޕުކުރުން، ފެހުން،
ވިޔުން، ބޯކޮށުން، މިއުޒިކުކުޅުން، ބޭކަރީގައި މަސައްކަތްކުރުން ފަދަ ކަންކަމުގެ
ސަބަބުން ކުރިން ވެސް ގެއްލުން ލިބިފައިވާ ފަތިނާރަކަށް ނޫނީ ނާރަށް އިތުރަށް
ވާންވެ، ފިތޭގޮތް ވުމަކީ އެކަށީގެންވާ ކަމެކެވެ. ޚާއްޞަކޮށް އެފަދަ ކަމެއް ކުރަނީ
ފިނި މާހައުލެއްގައި ކަމުގައިވާނަމަ އެކަން އިތުރުވެގެން ދެއެވެ. ނަމަވެސް މިފަދަ
ކަންތައްތަކުގެ ސަބަބުން ސީދާ ގޮތެއްގައި ކާޕަލް ޓަނެލް ސިންޑްރޯމް
ކުރިމަތިކުރުވާކަން އިލްމީ ގޮތުން ޔަގީންކަމާއެކު އަދި ހޯދިފައެއް ނުވެއެވެ.
ކޮމްޕިއުޓަރު ބޭނުންކުރުމާއި، ކާޕަލް ޓަނެލް
ސިންޑްރޯމް ކުރިމަތިވުމާއި ގުޅުމެއް ވޭތޯ ބެލުމަށް ވަރަށް ގިނަ ދިރާސާތައް
ހެދިފައި ވެއެވެ. އެގޮތުން ހެދިފައިވާ ބައެއް ދިރާސާތަކުން ދައްކާގޮތުގައި މައްސަލަ
ކުރިމަތިވަނީ ކީބޯޑު ބޭނުންކުރުމަކުން ނޫނެވެ. އޭގެ ބަދަލުގައި މައުސް
ބޭނުންކުރުމުންނެވެ. ދިގު މުއްދަތަކަށް ކޮމްޕިއުޓަރު ބޭނުންކުރުމުން އަތުކުރީގައި
ރިއްސުން ކުރިމަތި ކުރުވި ނަމަވެސް އެކަމުގެ ސަބަބުން ސީދާ ގޮތެއްގައި ކާޕަލް
ޓަނެލް ސިންޑްރޯމް ކުރިމަތި ކުރުވާ ކަމެއް ޔަގީންކަމާއެކު އަދި ހޯދިފައެއް
ނުވެއެވެ.
(މ) ވާރުތަވުން : ކާޕަލް ޓަނެލް އުފެދުމުގައި ކުޑަކޮށް ހުންނަ މީހުންނަށް ކާޕަލް ޓަނެލް
ސިންޑްރޯމް ކުރިމަތިވުމުގެ ފުރުޞަތު ބޮޑުކަން ފާހަގަ ކުރެވެއެވެ. މިފަދަ
ހާލަތްތަކާއި ގުޅިގެން އާއިލާގެ ތެރޭގައި ކާޕަލް ޓަނެލް ސިންޑްރޯމް ދައުރުވުމަކީ
އެކަށީގެންވާ ކަމެކެވެ.
(ފ) އަތުގެ އިގިލިތައް ތަކުރާރުކޮށް
ބޭނުންކުރަންޖެހުން : މަސައްކަތުގެ ގޮތުން ނަމަވެސް އަތުގެ
ނުވަތަ އަތްތިލައިގެ އިގިލިތައް ތަކުރާރުކޮށް ބޭނުންކުރަންޖެހޭ ފަދަ ކަންތައްތައް
މިސާލަކަށް ޓައިޕުކުރުން، ވިޔުން، ފެހުން ފަދަ ކަންތައްތަކުގެ ސަބަބުން ކާޕަލް
ޓަނެލް ސިންޑްރޯމްގެ އުދަނގޫތައް ފެށިގެން އައުމަކީ އެކަށީގެންވާ ކަމެކެވެ.
(ދ) މާބަނޑުވުން : މާބަނޑުވުމުގެ ސަބަބުން ހަށިގަނޑުގެ ހޯރމޯންތަކަށް އަންނަ ބަދަލުތަކުގެ
ފޮއްސިވުމަކީ އެކަށީގެންވާ ކަމެކެވެ. އެގޮތުން ފޮއްސިވުން ކުރިމަތިވުމުން ކާޕަލް
ޓަނެލް ސިންޑްރޯމްގެ އުދަނގޫތައް ކުރިމަތިވާކަން ފާހަގަ ކުރެވެއެވެ.
އަލާމާތްތައް
ކާޕަލް ޓަނެލް ސިންޑްރޯމްގެ އަލާމާތްތައް
ފެންނަމުން އަންނަނީ މަޑުމަޑުން ލަސްލަހުންނެވެ. އެގޮތުން އަތްތިލައާއި އިގިލިތައް
އައްސިވުން، ކަށިހަރާހެންހީވުން، ދިލަނެގުން އަދި ރިހުން މިއީ އެންމެ ފުރަތަމަ
ފެންނަށް ފަށާނެ އަލާމާތްތަކެވެ. މިއުދަނގޫތައް ކުޑަވައި އިގިލި ފިޔަވައި އެހެން
ހުރިހާ އިގިލިތަކަކުން ފާހަގަ ކުރެވިދާނެ އެވެ. މިކަންކަން ބައެއް ފަހަރު
އަތްދަނޑިން ވެސް ފާހަގަ ކުރެވިދާނެ އެވެ.
ކާޕަލް ޓަނެލް ސިންޑްރޯމްގެ އަލާމާތްތައް ފުރަތަމަ
ފާހަގަވާން ފަށަނީ ރޭގަނޑުގައެވެ. އެއީ ރޭގަނޑު ނިދާގަޑީގައި ގިނަ މީހުން އަތުކުރި
ލަންބާލައިގެން އޮވެ ނިދާތީ އެވެ. އެކަމުގެ ސަބަބުން މީޑިއަން ނާރވް ފިތޭތީއެވެ.
ނޫނީ ފިއްތާތީ އެވެ. ބައެއް ފަހަރު މިއުދަނގޫތައް ވާތީ ނިދިން ހޭލެވި އަތްތިލަ
ތަޅުވާލަން ނޫނީ ހަރަކާތްކޮށްލަށް ބޭނުންވެދާނެ އެވެ. އުދަނގޫތައް އިތުރުވަމުން
އަންނަވަރަކަށް ދުވާލު ގަޑީގައި ވެސް މިއުދަނގޫތައް ފާހަގަކުރެވެން ފަށާނެ އެވެ.
ދުވާލުގަޑީގައި މިއުދަނގޫތައް ބޮޑަށް ފާހަގަކުރެވެނީ އަތްތިލައާއި އިގިލިތައް
ބޭނުންކޮށްގެން ކުރަންޖެހޭ (ފެހުން، ވިޔުން، ފޮތެއްހިފައިގެން އިނުން، ނޫސްކިޔުން،
ޓައިޕުކުރުން، ފޯނާއި ކުޅުން ފަދަ ) ކަމެއް ކުރުމުގެ ތެރޭގައެވެ.
ކާޕަލް ޓަނެލް ސިންޑްރޯމްގެ އަލާމާތްތައް ފެންނަށް
ފަށާތާ ކުރީކޮޅު އަލާމާތްތައް ފެނިލާފައި ރަނގަޅުވެލާފައި ނޫނީ އައިސްފައި
ގޮސްދާނެއެވެ. ނަމަވެސް ދުވަސްވާ ވަރަކަށް އުދަނގޫތައް ކުރިމަތިވާ މިންވަރު
އިތުރުވެގެންދެއެވެ.
ބައެއް ފަހަރު ކުރިން ބަޔާންކުރެވުނު
ކަންތައްތަކުގެ އިތުރުން އަންނަނިވި ކަންތައްތައް ވެސް ކުރިމަތިވެދާނެ އެވެ.
·
އަތުގެ އިގިލިތައް ދުޅަވެފައި ހުންނަހެން ހީވުން
·
އަތްތިލައިގައި ހުންނަ ރިހުން މައްޗަށް ގޮސް އަތްދަނޑި، މުލައްދަނޑި އަދި
ކޮނޑުހުޅާއި ހަމައަށް ފޯރުން
·
ކުޑަވައި އިގިލި ނޫން އެހެން އިގިލިތަކަށް "ޝޮކެއް" އަންނަ ކަހަލަ
އިހުސާސްވުން
ކާޕަލް ޓަނެލް ސިންޑްރޯމް ކުރިމަތިވެ، ގިނަ
ދުވަސްވާވަރަކަށް އަތްތިލައިގެ ހުންނަ މުށްކެވުމުގެ ބާރަށް ބަދަލު އާދެއެވެ. އޭގެ
ނަތީޖާއެއްގެ ގޮތުން އަންނަނިވި ކަންތައްތައް ކުރިމަތިވުމަކީ އެކަށީގެންވާ
ކަމެކެވެ.
·
އަތުން ހިފައިގެން ހުންނަ އެއްޗެއް އަތުން ދޫވެ، ވެއްޓުން
·
ގަމީހުގައި ގޮށްއެޅުވުން، ވިޔުން ފަދަ ކަވި މަސައްކަތްތައް ކުރަން
އުދަނގޫވުން
·
ކުރިން މުށްކެވި ގޮތަށް މުށްކަވަށް އުދަނގޫވުން
އާންމު ގޮތެއްގައި ކާޕަލް ޓަނެލް ސިންޑްރޯމް
ފެންނަން ފަށަނީ ލަސްލަހުން މަޑުމަޑުންނެވެ. ކާޕަލް ޓަނެލް ސިންޑްރޯމް ހުރިނަމަ
ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ.
(ހ) އައްސިވުން ނުވަތަ / އަދި
ކަށިހަރާހެންހީވުން : އަތްތިލަ ނޫނީ އިގިލިތައް
(ކުޑަވައި އިގިލި ފިޔަވައި) އައްސިވެ، އަތްތިލައާއި އިގިލިތަކުގައި ކަށިހަރާހެން
ހީވެދާނެއެވެ. އާންމު ގޮތެއްގައި މިގޮތަށް އައްސިހުރުމާއި، ކަށިހަރާހެން ހީވުން
ކުރިމަތިވަނީ ކުޑަވައި އިގިލި ނޫން އެހެން އިގިލިތަކަށެވެ. އެހެންކަމުން ކުޑަވައި
އިގިލި ނޫން އެހެން އިގިލިތަކުގައި އިލެކްޓްރިކް ޝޮކެއް ދިނުމުން ވާކަހަލަ
އިހުސާސެއް ހުރުމަކީ އެކަށީގެންވާ ކަމެކެވެ. އައްސިވެ، ކަށިހަރާހެން ހީވުމާއެކު
ބައެއް ފަހަރު ދިލަނަގައި ހިރުވައިފާނެ އެވެ. ކާޕަލް ޓަނެލް ސިންޑްރޯމް އާއި
ގުޅިގެން އަތްތިލައިގައި ހުންނަ ކަށިހަރާހެން ހީވާ ކަހަލަ އިހުސާސް އަތްތިލައިން
މައްޗަށް ގޮސް އަތްދަނޑީގައި ވެސް ކަށިހަރާހެން ހީވުމަކީ ވެދާނެ ގޮތެކެވެ. އަދި
މައްޗަށް ގޮސް ކޮނޑުހުޅާއި ހަމައަށް ވެސް އައްސިވުމާއި ކަށިހަރާހެންހީވުމުގެ
އިހުސާސް ފެތުރިގެންދިއުމަކީ އެކަށީގެންވާ ކަމެކެވެ.
އައްސިވުމާއި ކަށިހަރާހެންހީވުން އެންމެ ފުރަތަމަ
ފާހަގަވަނީ ނިދާ ގަނޑީގައެވެ. އެހެންކަމުން ބައެއް ފަހަރު މިއުދަނގޫތަކުގެ
ސަބަބުން ނިދާފައި އޮއްވައި ހޭލެވުމަކީ އެކަށީގެންވާ ކަމެކެވެ.ދުވާލު ގަޑީގައި މިއުދަނގޫތައް
ބޮޑަށް އިހުސާސްވާނީ ފޯނާއިކުޅުން، ފޯނުގެންގުޅުން، ފޮތްކިޔަން ފޮތެއްގައި ހިފުން،
ނޫސް ކަރުދާހެއް ހިފައިގެންއިނުން، ނުވަތަ ދުއްވާ އެއްޗެއްގެ ހުންގާނުގައި
ހިފައިގެން އިނުން ފަދަ އަތުގެ ކުޑަހުޅު ލަންބާލައިގެން ފުރިހަމަކުރަންޖެހޭ ކަންތައްތައް
ކުރުމުގެ ތެރޭގައެވެ.
ކާޕަލް ޓަނެލް ސިންޑްރޯމް ކުރިމަތިވާތާ ކުރީކޮޅު
އަތްތިލަ ތަޅުވާލުމުން ފަހަރުގައި އައްސިވުން ފަދަ ބަލީގެ އުދަނގޫތައް ލުއިވެދާނެ
އެވެ. ނަމަވެސް ގިނަ ދުވަސްވުމުން މިގޮތަށް އަތްތިލަ ތަޚުވާ ހެދިޔަސް އައްސިކަން
ފިލައިނުދެއެވެ. ކާޕަލް ޓަނެލް ސިންޑްރޯމް ގިނަ ދުވަސްވާވަރަކަށް އަތްތިލައިގައި
ހުންނަ މުށްކެވުމުގެ ބާރު ކުޑަވަމުން ދެއެވެ. ގިނަ ދުވަސްވާވަރަކަށް އަތްތިލައިގައި
ރިހުމާއި، ވާޅުވުން އިތުރުވެގެން ދެއެވެ.
ކާޕަލް ޓަނެލް ސިންޑްރޯމް ކުރިމަތިވުމުން
އާންމުކޮށް މީޑިއަން ނާރވް މަސައްކަތް ކުރަމުން އައިގޮތަށް (މީޑިއަން ނާރވް އަށް
ފިތޭތީ) އޭގެ ވަޒީފާ އަދާކުރުމަށް ނުކުޅެދެއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން
އަންނަނިވި ކަންތައްތައް ކުރިމަތިވެއެވެ.
·
ފަތިނާރުން ފޮނުވާ ސިގުނަލް ފޮނުވުން ލަސްވުން
·
އިގިލިތަކުގެ އިހުސާސް ދަށްވުން
·
އަތުގެ ބޮޑުވައި އިގިލި ބޭނުންކުރަން ދަތިވުން
(ށ) ބާރުދޫވުން ނުވަތަ ވަރުދެރަވުން : އަތުގެ ބާރު ދޫވެ، އަތުން ހިފައިގެން ހުންނަ އެއްޗެއް
އަތުން ދޫވެ ވެއްޓުމަކީ އެކަށީގެންވާ ކަމެކެވެ. ނުވަތަ އަތުން އެއްޗެތި ހިފައިގެން
ހުރުމަށް ނުވަތަ އުޅުމަށް އުދަނގޫވެދާނެ އެވެ. މިއީ އަތްތިލަ އައްސިވެފައި
ހުރުމުގެ ސަބަބުން ނުވަތަ ބޮޑުވައި އިގިލީގައި އެއްޗެތީގައި ހިފުމަށް ހުންނަ
މަސްތަކުގެ ބާރުދޫވުމުގެ ސަބަބުން ކުރިމަތިވާ ކަމަކަށްވުމަކީ އެކަށީގެންވާ
ކަމެކެވެ.
ދެނެގަތުން
ކާޕަލް ޓަނެލް ސިންޑްރޯމް ދެނެގަތުމަށްޓަކައި
މައިގަނޑު ގޮތެއްގައި ކުރެވޭ ކަންތައްތައް ތިރީގައި މިވަނީ އެވެ.
(ހ) ބަލިމީހާގެ ގާތުގައި އަހައި އޮޅުން
ފިލުވޭ މައުލޫމާތުތައް : ބަލިމީހާގެ ކިބައިން ބަލިމީހާއަށް ކުރިމަތިވެފައިވާ
އުނދަގޫތަކާ ބެހޭގޮތުން ޑޮކްޓަރުން ސުވާލުކޮށް މައުލޫމާތު އޮޅުން ފިލުވައި
ހަދާނެއެވެ. އަތުގެ ކުޑަވައި އިގިއްޔަކީ މީޑިއަން ނާރވް އިން އިހުސާސް ފޯރުކޮށްދޭ
ފަތިނާރަކަށް ނުވުމުން އެއިގިލި އައްސިވުމާއި، ރިހުން ފަދަ ކަންކަމަކީ ކާޕަލް
ޓަނެލް ސިންޑްރޯމް ނޫން އެހެން މައްސަލައަކަށް ވުމަކީ ގާތް ކަމެކެވެ.
ކާޕަލް ޓަނެލް ސިންޑްރޯމްގެ އުދަނގޫތައް އާންމުކޮށް
ފާހަގަވާން ފަށަނީ ނޫސް ކަރުދާސް، ފޯނު، އުޅަނދެއްގެ ހުންގާނު ފަދަ އެއްޗެއް
ބޭނުންކުރާ ވަގުތުގައެވެ. ނޫނީ އެފަދަ އެއްޗެއް ބޭނުންކުރުމުގެ ތެރޭގައެވެ.
މިއުދަނގޫތައް ރޭގަނޑު ކުރިމަތިވެ، އެކަމުގެ ސަބަބުން ރޭގަނޑު ނިދާފައި އޮއްވައި
ހޭލެވުމަކީ އެކަށީގެންވާ ކަމެކެވެ. ނޫނީ ހެދުނު ހޭލާއިރު އަތްތިލަ އާއި،
އިގިލިތައް އައްސިވެފައި ހުރިކަން ފާހަގަ ކުރެވިދާނެ އެވެ.
(ށ) ޖިސްމާނީ ގޮތުން ބަލިމީހާގެ
ހަށިގަނޑު ބެލުން (physical
examination): ޖިސްމާނީ ގޮތުން ބަލާބެލުމުގައި އިގިލިތައް، އަތްތިލަ،
އަތްދަނޑި، މުލައްދަނޑި، އަދި ކޮނޑު ގެ މަސްތަކާއި، ނާރުތަކުގެ މަސައްކަތް
ހުރިނެތްގޮތް ބަލާނެއެވެ. ޖިސްމާނީ ގޮތުން ބަލިމީހާ ބެލުމުގައި އަތުގެ
އިގިލިތަކުގެ އިހުސާސް ހުރިނެތްގޮތް، އަދި އަތްތިލައިގެ މަސްތަކުގެ ބާރު
ހުރިނެތްވަރު ޑޮކްޓަރުން ބަލާނެއެވެ. އަތުކުރި ލެންބުމާއި، ފަތިނާރަށް އޮއްބުން،
ނޫނީ ފިތައި ހެދުން ފަދަ ކަންކަމަކީ ވަރަށް ގިނަ މީހުންނަށް ބަލީގެ އުނދަގޫތައް
ފެންނަށް ނޫނީ ފާހަގަވާން ފަށާނެ ކަމެކެވެ.
(ނ) ޓިނެލް ސައިން (Tinel Signs): މިޓެސްޓު ހެދުމަށްޓަކައި ރިފްލެކްސް ހެމަރ (ޑޮކްޓަރުން
ބޭނުންކުރާ މަރުތެޔޮ ފަދަ އާލާތް) އަކުން އަތުކުރީގައިވާ މީޑިއަން ނާރވް ގައި
މަޑުމަޑުން ޖަހާލާނެއެވެ. ނޫނީ ރިފްލެކްސް ހެމަރ އިން މީޑިއަން ނާރވް މައްޗަށް
އޮއްބައި ފިއްތާލާނެ އެވެ. މިގޮތަށް ފިއްތާލުމުން ކަށިހަރާހެން ހީވާނަމަ، ނޫނީ
ކަރަންޓް ޝޮކެއް ލިބުނު ކަހަލަ އިހުސާސެއްވާނަމަ އޭގެ މާނައަކީ ޓެސްޓު ޕޮޒިޓިވް
ވުމެވެ. މާނައަކީ ފަހަރުގައި ކާޕަލް ޓަނެލް ސިންޑްރޯމް އެމީހަކަށް ކުރިމަތިވެފައި
ވުމެވެ.
(ރ) ފެލެންސް މެނޫވަރ (Phalen’s Maneuver): މިއީ ވެސް އަތުކުރި ލަންބާލައިގެން
ހަދާ ޓެސްޓެކެވެ. ނުވަތަ "ރިސްޓް ފްލެކްޝަން ޓެސްޓް" އެކެވެ. މިޓެސްޓު
ހެދުމަށްޓަކައި އަތްތިލަކުރިޔަށް އިގިލިތައް ތިރިޔަށް ވާގޮތަށް ( 90 ޑިގްރީ
ވާގޮތަށް) ލަންބާލައިގެން 2-1 މިނިޓް ވަންދެން ހުންނާނީ އެވެ. މިގޮތަށް ހުރުމުން
އިގިލިތައް އައްސިވެ، ކަށިހަރާހެން ހީވާނަމަ އޭގެ މާނައަކީ ކާޕަލް ޓަނެލް
ސިންޑްރޯމް ހުރުމެވެ.
(ބ) ޓޫ-ޕޮއިންޓް ޑިސްކްރިމިނޭޝަން ޓެސްޓު
(Two point
discrimination test): މިޓެސްޓު ހެދުމަށްޓަކައި އަށް ފަރާތް ހުންނަ، ކޮންމެ
ފަރާތަކުން ތިނޯހެއް ފަދަ އެއްޗެއް ނުވަތަ އެއްޗެތި ތަކެއް ހަރުކޮށްފައިވާ
ފަތާކޮށް އޮންނަ ކުޑަ އަދަވާތެއް ބޭނުންކުރާނެއެވެ. މިއަދަވާތަށް ކިޔަނީ " ޓޫ
ޕޮއިންޓް ޑިސްކް-ކްރިމިނޭޓަރ"(2point disk criminator) އެވެ. މިއަދަވާތުގައި ތިނޯސް ފަދަ އެއްޗެތި ހަރުކޮށް ހުންނަނީ
ކޮންމެ ދޭތި ދެމެދުގައި ވަކި ދުރުމިނެއް ހުންނަ ގޮތަށެވެ. މިސާލަކަށް ފުރަތަމަ ދެ
ތިނޯސް ހަރުކޮށްފައިވަނީ ¼ ސެންޓިމީޓަރު ދުރުމިނުގައި ނަމަ، 2 ވަނަ 2 ތިނޯސް ހަރުކޮށްފައި ހުންނަނީ ½ ސެންޓިމީޓަރު ދުރުމިނުގައެވެ. 3 ވަނަ
ދެތިނޯސް ހަރުކޮށްފައި ހުންނަނީ 1 ސެންޓިމީޓަރުގެ ދުރުމިނުގައެވެ. އަދި ޖެހިގެން
އިންނަ 2 ތިނޯސް ހަރުކޮށްފައި އިންނަނީ 1.5 ސެންޓިމީޓަރުގެ ދުރުމިނުގައެވެ. އަދި
އަށްފަރާތުން ކޮންމެވެސް އެއް ފަރާތެއްގައި ތިނޯސް ފަދަ އެންމެ އެއްޗެއް
ހަރުކޮށްފައި ހުރެދާނެ އެވެ. މިޓެސްޓު ހަދާއިރު ބަލިމީހާގެ ގައިގައި މިއަދަވާތް
ޖެއްސުމަށްފަހު (ނުފެންނަހެން / ލޯމަރައިންހުރުމަށްބުނެފައި) ބަލިމީހާއަށް
އިހުސާސްވަނީ ކިތައް ޕޮއިންޓްތޯ އޮޅުން ފިލުވާނެއެވެ. އެގޮތުން ދުރުން ހުރި
ޕޮއިންޓްތަކުން ( 1.5 ސެންޓިމީޓަރުން) ޖައްސަމުން ، އަހަމުން ގެންގޮސް، އެންމެ
ފަހުން އެންމެ ޕޮއިންޓެއް ގައިގައި ޖެއްސުމަށްފަހު އިހުސާސްވާގޮތް އަހައި އޮޅުން
ފިލުވާނެއެވެ. މީގެ ބޭނުމަކީ ކައިރި ދެޕޮއިންޓެއް އިހުސާސްވޭތޯ ދެނެގަތުމެވެ.
އެގޮތުން އެންމެ ޕޮއިންޓެއް އިހުސާސްވަނީ ކޮން ދުރުމިނެއްގައި ހަރުކޮށްފައިވާ ދެ
ތިނޯހެއް ޖެއްސުމުންތޯ ބަލާނެއެވެ. އެގޮތުން ފާހަގަވާ ދުރުމިނަކީ
"ތްރެސްހޯލްޑް ފޮރ ޑިސްކްރިމިނޭޝަން"(threshold
for discrimination) އެވެ. އާންމު ގޮތެއްގައި 0.5 ސމ ދުރުމިނުގައި ދެ
ޕޮއިންޓް ހުރިނަމަ، ވަކި ދެޕޮއިންޓެއްގެ ގޮތުގައި ( ވަކި ދޭއްޗެއް ޖެހުނުކަމުގެ
އިހުސާސް) ފާހަގަކުރެވޭނެ އެވެ. ނޫނީ އިހުސާސް ކުރެވޭނެ އެވެ. ނަމަވެސް ދެޕޮއިންޓް
ޖެއްސި ކަމުގައި ވިޔަސް އެންމެ ޕޮއިންޓެއް ޖެހުނުކަމުގެ އިހުސާސް ކުރެވޭނަމަ އެއީ
ކާޕަލް ޓަނެލް ސިންޑްރޯމް ހުރުން ކަމަށްވުމަކީ އެކަށީގެންވާ ކަމެކެވެ.
(ޅ) ނާރވް
ކޮންޑަކްޝަން ސްޓަޑީ (Nerve conduction study): މިއީ ކާޕަލް ޓަނެލް ސިންޑްރޯމް
އާއި އަދި ބައެއް އެހެން ފަތިނާރު ތަކާއި ގުޅޭ ބަލިތައް ދެނެގަތުމަށް ހަދައިފާނެ
ޓެސްޓެކެވެ. މިޓެސްޓު ހެދުމަށްޓަކައި 2 އިލެކްޓްރޯޑް އުޅަބޮށީގެ ކައިރިން ހަމުގައި
ހަރުކުރެވެއެވެ. އެއަށްފަހު ޑިވައިސް އެއްގެ އެހީގައި މީޑިއަން ނާރވް އަށް
އިލެކްޓްރިކް ކަރަންޓް ފޯރުވައިދެވެއެވެ. އެއަށްފަހު ކާޕަލް ޓަނެލްގެ ތެރޭގައި
ފަތިނާރުގެ އިލެކްޓްރިކް އިމްޕަލްސް ނުވަތަ ކަރަންޓް ސިގްނަލް ދައުރުވުމުގައި
ލަސްކަމެއް ހުރިތޯ ނުވަތަ ނެތްތޯ ބެލޭނެ އެވެ. ނާރވް ކޮންޑަކްޝަން ސްޓަޑީ ގެ އެހީގައި
ފަތިނާރެއްގައި ކަރަންޓް ސިގުނަލް، ނުވަތަ ފަތިނާރަކުން މަސްކޮޅަކަށް ކަރަންޓް
ސިގުނަލް ގެންގޮސްދެނީ ކިހާ އަވަހަކަށްކަން މިންކޮށްދޭނެ އެވެ. ކުރިން ބުނި ގޮތަށް
އުޅަބޮށީގެ ކައިރީގައި 2 އިލެކްޓްރޯޑް ހަރުކުރުމަށްފަހު، އާދައިގެ މިންވަރަކަށް
މީޑިއަން ނާރވް އަށް ކަރަންޓް ފޯރުކޮށްދިނުމަށްފަހު، ކަރަންތް ސިގުނަލް އުޅަބޮށިން
ފެށިގެން އަތުގެ އިގިލިތަކާއި ހަމައަށް ދިއުމަށް ހޭދަވާ ވަގުތު މިންކުރެވެއެވެ.
އެގޮތުން އުޅަބޮއްޓާއި ހަމައިން އަތުގެ އިގިލިތަކާއި ހަމައަށް ކަރަންޓް ސިގުނަލް
ދިއުމަށް ވަގުތު ނަގާ މިންވަރު ގިނަވާވަރަކަށް އޭގެ މާނައަކީ މީޑިއަން ނާރވް އަށް
ލިބިފައިވާ ގެއްލުން ބޮޑުވުމެވެ.
(ބ) އިލެކްޓްރޯމެޔޯގްރަފީ (Electromyography): މިއީ މީޑިއަން ނާރވް އިން
ކޮންޓްރޯލްކުރާ މަސްތަކަށް ގެއްލުން ލިބިފައިހުރިތޯ ބެލުމަށް ހެދޭ ޓެސްޓެކެވެ.
ނުވަތަ މަސްތަކުގެ އިލެކްޓްރިކަލް އެކްޓިވިޓީ ދެނެގަތުމަށް ހެދޭ ޓެސްޓެކެވެ. މިޓެސްޓު
ހެދުމަށްޓަކައި އަތާއި، އަތްތިލައިގައި މީޑިއަން ނާރވް އިން އިމްޕަލްސް ލިބޭ
މަސްކޮޅުތަކަށް ކުޑަ ތިނޯހެއް ފަދަ އިލެކްޓްރޯޑް އެއް ކޮށްޕާލާނެއެވެ. ނުވަތަ
ހަރުކޮށްލާނެއެވެ. ހަރުކުރި އިލެކްޓްރޯޑް އިން މަސްކޮޅުތަކަށް ކަރަންޓް ސިގުނަލް
ފޯރުވައިދޭނެއެވެ. މި އިލެކްޓްރޯޑް ހަރުކުރުމަށްފަހު އަތްތިލަ އެތައް ފަހަރަކު
މުށްކެވުމަށްފަހު ، އަލުން އަތްތިލަ ހުޅުވައި ހަދަންޖެހިދާނެއެވެ. މި ޓެސްޓު
ހެދުމުން މީޑިއަން ނާރވް އަށް ގެއްލުން ލިބިފައިވާނަމަ އެކަަން ދެނެގަނެވެއެވެ.
(ނ) އިމޭޖިންގ
ޓެސްޓުތައް (Imaging
tests): އަތުކުރި، ނޫނީ އަތްތިލައިގެ ކަށިތަކުގައި ރެނދުލުން،
ބިނދުން، ނޫނީ އެކަށިތަކުގައި އާތުރައިޓިސްގެ އަސަރު ހުރިތޯ ބެލުމަށް ބައެއް
ފަހަރު އަތްތިލައާއި، އަތުކުރީގެ އެކްސް ރޭ ނެގެއެވެ. ނަމަވެސް އެކްސް ރޭ ނެގުމަކީ
ކާޕަލް ޓަނެލް ސިންޑްރޯމް ދެނެގަތުމަށް އެހާ ބޭނުންތެރި ކަމެއް ނޫނެވެ. ބައެއް
ފަހަރު މިހިސާބުގެ ސްކޭން އެއް ވެސް ހަދައިފާނެއެވެ. ނޫނީ އެމްއާރުއައި ވެސް
ހަދައިފާނެއެވެ. އެކްސްރޭ އަކުން އާތުރައިޓިސްގެ އަސަރުތައް ދެނެގަނެވުމުގެ
އިތުރުން ކަށިތަކުގައި ރެނދެއް ހުރިނަމަ އެކަމެއް ދެނެގަނެވޭނެ އެވެ. އެމްއާރުއައި
ނުވަތަ އަލްޓްރާ ސައުންޑް ސްކޭންގެ އެހީގައި މީޑިއަން ނާރވް ފިތިފައިވުން، ނުވަތަ
ދުޅަވެފައިވުން ފަދަ ކަންތައްތައް ދެނެގަނެވޭނެ އެވެ.
ފަރުވާ
ކާޕަލް ޓަނެލް ސިންޑްރޯމް ގެ އުދަނގޫތައް ފެންނަށް
ފެށުމާއެކު ފަރުވާކުރަން ފެށުމަކީ މުހިއްމު ކަމެކެވެ. އަލާމާތްތައް ފެންނަށް
ފަށާތާ ކުރީކޮޅު ވަރަށް ކުދިކުދި ކަންތައްތައް ކޮށްލައިގެން ބަލީގެ އުދަނގޫތަކަށް
ލުއިކަން ހޯދިދާނެއެވެ. އެގޮތުން އަންނަނިވި ކަންތައްތައް ކުރެވިދާނެ އެވެ.
·
އަތްތިލައާއި އިގިލިތައް ބޭނުންކުރަންޖެހޭ މަސައްކަތްތައް ކުރާއިރު ދޭތެރެ
ދޭތެރެއިން ހުސްވަގުތުކޮޅު ނެގުން
·
ބަލީގެ އުދަނގޫތައް އިތުރުވެދާނެ ފަދަ ކަންކަމާއި އަމަލުތަކުން ދުރުހެލިވުން
·
އަތްތިލައިގައި އުފެދޭ ދުޅަ ތިރިކުރުމަށްޓަކައި އައިސް ޕެކް ނުވަތަ ކޯލްޑް
ޕެކް ޖެއްސުން
ފަރުވާގެ ގޮތުގައި ކުރެވޭ އެހެން ކަންތައްތަކުގެ
ތެރޭގައި އަތުކުރީގައި ހުޅުގާޑުޅުން، ބޭސް ބޭނުންކުރުން، އަދި އޮޕަރޭޝަންކުރުން
ހިމެނެއެވެ. އަތުކުރީގައި ހުޅުގާޑު އެޅުން ފަދަ ކަންކަމުން ފައިދާކުރަނީ އާދައިގެ
ވަރަކުން ފެށިގެން މެދުމިންވަރަކަށް ބަލީގެ އުދަނގޫތައް ކުރިމަތިވާނަމަ އެވެ.
ސާޖަރީ ނޫން އެހެން ފަރުވާތައް
ބަލީގެ ކުރީކޮޅު ދެނެގަނެވިއްޖެނަމަ ސާޖަރީ ނޫން
އެހެން ފަރުވާތައް ބޭނުންކޮށްގެން ކާޕަލް ޓަނެލް ސިންޑްރޯމްގެ އުދަނގޫތައް
ކުޑަކޮށް ލުއިކަން ހޯދައިދެވިދާނެ އެވެ.
(ހ) އަތުކުރީގައި ހުޅުގާޑު އެޅުން (Wrist splint or Braces): ރޭގަނޑު ނިދާއިރު އަތުކުރީގައި
ހުޅުގާޑު އެޅުމަކީ ރޭގަނޑުގެ ވަގުތުތަކުގައި ކުރިމަތިވެދާނެ އައްސިވުން، އަދި
ކަށިހަރާހެން ހީވުން ފަދަ އުނދަގޫތައް ލުއިކޮށްދިނުމަށް އެހީތެރިވެދޭ ކަމެކެވެ. އަތުކުރީގައި
ހުޅުގާޑު އަޅުވަނީ އަތްތިލައިގެ ހަރަކާތްތައް ކުޑަކޮށް، މީޑިއަން ނާރވް އަށް
ފިއްތާ ފިއްތުން ކުޑަކުރުމަށްޓަކައެވެ. އަތުކުރީގައި ހުޅުގާޑު ރޭގަނޑު ނިދާއިރު
އެޅިކަމުގައި ވިޔަސް އެކަމުގެ ސަބަބުން ދުވާލުގެ ވަގުތުތަކުގައި ވެސް ބަލީގެ
އުދަނގޫތަކަށް ލުއިކަން ލިބެއެވެ. ރޭގަނޑު ނިދާއިރު އަތުކުރީގެ ހުޅުގާޑު އެޅުމަކީ
މާބަނޑު ދުވަސްވަރު ކާޕަލް ޓަނެލް ސިންޑްރޯމްގެ އުދަނގޫތައް ލުއިކުރުމަށް
ބޭނުންކުރެވިދާނެ ވަރަށް ރަނގަޅު ގޮތެކެވެ.
(ށ) ތަދުކަނޑުވާ ބޭސްތައް ބޭނުންކުރުން (NSAIDs): ކާޕަލް ޓަނެލް ސިންޑްރޯމް އާއި
ގުޅިގެން އަތްތިލައާއި އިގިލިތަކުގައި އުފެދޭ ރިހުމާއި ތަދު ކުޑަކުރުމަށް
ތަދުކަނޑުވާ ބޭސްތައް ބޭނުންކުރެވިދާނެ އެވެ. ނަމަވެސް މިފަދަ ބޭސްތައް
ބޭނުންކުރަންވާނީ ޑޮކްޓަރެއްގެ ލަފާ ހޯދުމަށްފަހު ގައެވެ. އަމިއްލައަށް މިފަދަ
ބޭސްތައް ޑޮކްޓަރަކަށް ދެއްކުމަކާއި ނުލައި ބޭނުންކުރުމަކީ އެދެވިގެންވާ ކަމެއް
ނޫނެވެ.
(ނ) ކޯޓިކޯސްޓީރޮއިޑް (Corticosteroids): ކާޕަލް ޓަނެލް ސިންޑްރޯމް އާއި
ގުޅިގެން އުފެދޭ ރިހުމާއި ތަދު ކުޑަކުރުމަށް ބައެއް ފަހަރު ކާޕަލް ޓަނެލް އަށް
ކޯޓިޒޯން ފަދަ ކޯޓިކޯސްޓީރޮއިޑް އިންޖެކްޝަން ޖަހައިފާނެ އެވެ. މިއިންޖެކްޝަން
ޖެހުމަށް ބައެއް ފަހަރު ސްކޭންގެ އެހީ މާނައަކީ ސްކޭންކޮށްގެން ބަލަމުންގެންދަމުން
މިއިންޖެކްޝަން ޖަހަން ޖެހިދާނެ އެވެ.
ކޯޓިކޯސްޓީރޮއިޑް އަކީ ކާޕަލް ޓަނެލް ސިންޑްރޯމް
އާއި ގުޅިގެން އުފެދޭ ދުޅައާއި އިންފްލެމޭޝަން ކުޑަކޮށްދޭނެ ކަމެކެވެ. ދުޅަ
ތިރިވުމަކީ މީޑިއަން ނާރވް އަށް އިންނަ ޕްރެޝަރު (ފިތޭގޮތްވުން) ކުޑަކޮށްދޭނެ
ކަމެކެވެ. އިންޖެކްޝަން އާއި އަޅާބަލާއިރު ގުޅަ ބޭހުގެ ގޮތުގައި ކޯޓިކޯސްޓީރޮއިޑް
ބޭނުންކޮށްގެން މާބޮޑު ފައިދާއެއް ވާކަމަކަށް ނުދައްކައެވެ.
އޮޕަރޭޝަންކުރުން / ސާޖަރީ ހެދުން
ކާޕަލް ޓަނެލް ސިންޑްރޯމް ގެ އުދަނގޫތައް ވަރަށް
ބޮޑަށް ކުރިމަތިވެފައިވާނަމަ، ނޫނީ ކާޕަލް ޓަނެލް ސިންޑްރޯމް އަށް ދޭ އެހެން
ފަރުވާ ތަކުން ލުއިކަން ނުލިބުނުމަ، ދެން އޮންނަނީ އޮޕަރޭޝަން ކުރުމެވެ. ކާޕަލް
ޓަނެލް ސިންޑްރޯމް ހުރުމުން ކުރެވޭ އޮޕަރޭޝަނުގެ ބޭނުމަކީ މީޑިއަން ނާރވް އަށް
ފިއްތާ ލިގަމެންޓް ބުރިކޮށްލައިންގެ، ކާޕަލް ޓަނެލް އަށް ނުވަތަ މީޑިއަން ނާރވް
އަށް ފިތޭފިތުން ނައްތާލުމެވެ. ނުވަތަ މީޑިއަން ނާރވް ފިތި ބާރުވުމުން
ކުޑަކުރުމެވެ.
ކާޕަލް ޓަނެލް ސިންޑްރޯމް ހުރެގެން އޮޕަރޭޝަން
ކުރާއިރު ދެގޮތަކަށް އޮޕަރޭޝަން ކޮށްދާނެއެވެ.
(ހ) އެންޑޯސްކަޕިކް ސާޖަރީ (Endoscopic surgery): މިއީ އަތްތިލަ، ނުވަތަ އަތުކުރިން
ކުޑަ ތަންކޮޅެއް ކަފާލައި އޭގެތެރެއިން ކުޑަކުޑަ ކެމެރާއެއް ލައްވާފައިވާ
އެންޑްސްކޯޕް އެއް ލައްވައިގެން ކާޕަލް ޓަނެލް އަށް ފިއްތާ ކާޕަލް ލިގަމެންޓް
ބުރިކޮށްލުމަށް ކުރެވޭ ސާޖަރީ އެކެވެ. ބައެއް ފަހަރު ބައެއް ޑޮކްޓަރުން
އެންޑޮސްކޯޕް ގެ ބަދަލުގައި ސްކޭންކޮށްގެން ބަލަމުންގެންދަމުން ވެސް ކާޕަލް
ލިގަމެންޓް ބުރިކޮށްލައެވެ. މިގޮތަށް އޮޕަރޭޝަން ކުރުމުން ބަލިމީހާއަށް
ސާޖަރީއަށްފަހު ތަދު އިހުސާސް ކުރެވޭލެން ކުޑަކަން ފާހަގަ ކުރެވެއެވެ.
(ށ) އޯޕަން ސާޖަރީ (open surgery): މިއީ
އަތްތިލައިގެ ހުދުހަމުގައި ކާޕަލް ޓަނެލް އާއި ދިމާލު މަތިން ތަންކޮޅެއް
ކަފާލައިގެން ކާޕަލް ލިގަމެންތް ބުރިކޮށްލައި، މީޑިއަށް ނާރވް އަށް ފިތޭ ފިތުން
ކުރުމަށް ކުރެވޭ އޮޕަރޭޝަނެކެވެ.
ސާޖަރީ ހެދުމުގެ ކުރިން ކޮންމެ ސާޖަރީއެއްގެ ފައިދާ
އާއި ގެއްލުން އަޅާކިޔައި، ޑޮކްޓަރާއި މަޝްވަރާކުރުމަކީ މުހިއްމު ކަމެކެވެ.
ސާޖަރީއާއި ގުޅިގެން އަންނަނިވި ހިރާސްތައް ކުރިމަތިވުމުގެ ފުރުޞަތު އޮވެއެވެ.
·
ރަނގަޅަށް ކާޕަލް ލިގަމެންޓް ބުރިކޮށްނުލެވި އިނުން
·
ސާޖަރީ ކުރިތަނުގައި ލަކުނުލުން
·
ސާޖަރީ ކުރި ތަނުގެ ފާރުކޮޅުގައި އިންފެކްޝަން ހެދުން
·
އޮޕަރޭޝަން ކުރެވުނު ހިސާބުގައި ހުރި ލޭހޮޅިތަކާއި، ފަތިނާރު ތަކަށް
ގެއްލުންވުން
ސާޖަރީއަށް ފަހު ރަނގަޅުވުމުގެ މަރުހަލާގައި ކާޕަލް
ލިގަމެންޓް ކުރިއެކޭ އެއްގޮތަށް ހެދިބޮޑުވަމުން އަންނައިރު މީޑިއަން ނާރވް އަށް
ކާޕަލް ޓަނެލްގެ ތެރެއިން އެކަށޭނަ ޖާގަ ލިބިގެން ދެއެވެ. އޮޕަރޭޝަނަށްފަހު
އެތެރޭގެ ފާރުހިކި ރަނގަޅުވުމަށް ދެތިން މަސްވަރު ނަގައިފާނެއެވެ. ނަމަވެސް
ބޭރުފުށުން ހަމުގައި ހުންނަ ފާރުހިކި ރަނގަޅުވާން ނަގާނީ ގާތްގަނޑަކަށް ދެތިން
ހަފްތާ އެވެ. ސާޖަރީއަށް ފަހު ބުރިކޮށްލެވުނު ލިގަމެންޓް އެއްކޮށް ރަނގަޅުވަންދެން
އަތްތިލައާއި އިގިލިތައް ބޭނުންކޮށްގެން ކުރަންޖެހޭ ކަންތައްތައް ނުކޮށް
މަޑުޖައްސާލުމަށް ޑޮކްޓަރުން ލަފާދޭނެ އެވެ. އަތްތިލައާއި އިގިލިތައް
ބޭނުންކުރަމުން ގެންދަންޖެހޭނީ މަޑުމަޑުން ކުރަމުން ބޭނުންކުރަމުން ގޮސް، އާންމުކޮށް ކުރަމުން އައިގޮތަށް ބޭނުންކުރަން ފަށާ
ގޮތަށެވެ. މާނައަކީ ކުއްލިއަކަށް އޮޕަރޭޝަން ކުރާތާ ކުރީކޮޅުގައި، މާބޮޑަށް
އަތްތިލައާއި އިގިލިތައް ބޭނުންކޮށްގެން ކުރަންޖެހޭ ކަންތައްތައް ނުކުރުމެވެ. ނޫނީ
އެފަދަ ކަންތައްތައް ކުރުމުން ދުރުހެލިވުމެވެ.
ރައްކާތެރިވުން
ކާޕަލް ޓަނެލް ސިންޑްރޯމް އިން ރައްކާތެރިވުމަށް
ކުރެވޭނެ ވަކި ކަންތައްތަކެއް ނުހުރެއެވެ. ނަމަވެސް ތިރީގައި މިވާ ކަންތައްތަކަކީ
އެކަންކަމުގެ ސަބަބުން އަތްތިލައާއި، އިގިލިތަކަށް ކުރާ ބާރު ކުޑަކޮށްދޭނެ
ކަމެކެވެ.
(ހ) ކީބޯޑު ފަދަ އެއްޗެއް ބޭނުންކުރާއިރު އަތްތިލައާއި،
އަތުކުރި، އަދި އިގިލިތަކަށް ކުރާ ބާރުކުޑަކުރަން މަސައްކަތްކުރުން
(ށ) އަތްތިލައާއި، އިގިލިތައް ބޭނުންކޮށްގެން
ކުރަންޖެހޭ މަސައްކަތެއް ކުރާނަމަ، ދޭތެރެ ދޭތެރެއިން މަސައްކަތް މެދުކަނޑާލައި،
ހުސްވަގުތުކޮޅެއް ހޭދަކުރުން
(ނ) އިށީދެގެން މަސައްކަތެއް ކުރާނަމަ، އިށީދެގެން
އިންނަށް ޖެހޭ ރަނގަޅުގޮތް ޚިޔާރުކުރުން
(ރ) ކޮމްޕިއުޓަރު މަސައްކަތެއް ކުރާއިރު
ބޭނުންކުރަން ފަސޭހަ ކޮމްޕިއުޓަރު މައުސް އެއް ޚިޔާރުކުރުން
(ބ) ފިނި މާހައުލެއްގައި މަސައްކަތްކުރާނަމަ
އަތްތިލަ ހޫނުކޮށް ބެހެއްޓުމަށް މަސައްކަތްކުރުން
ނޯޓް: މިއީ މައުލޫމާތު ފެތުރުމުގެ ނިޔަތުގައި ލިޔެފައިވާ ލިޔުމެކެވެ.
ހަވާލާ
·
https://www.mayoclinic.org/diseases-conditions/carpal-tunnel-syndrome/symptoms-causes/syc-20355603
·
https://www.webmd.com/pain-management/carpal-tunnel/carpal-tunnel-syndrome
·
https://wa.kaiserpermanente.org/kbase/topic.jhtml?docId=hw212331
·
https://orthoinfo.aaos.org/en/diseases--conditions/carpal-tunnel-syndrome/
·
https://orthoinfo.aaos.org/globalassets/pdfs/carpel-tunnel-syndrome.pdf
No comments:
Post a Comment