ވެއްޓޭބަލި
ވެއްޓޭބައްޔަ(epilepsy)ކީ ސިކުނޑީގެ ބައްޔެކެވެ. މިއީ ތަކުރާރުކޮށް ފިޓްޖެހޭ ބައްޔެކެވެ. ފިޓް
ޖެހުމަކީ ސިކުނޑީގެ ކަރަންޓް މަސައްކަތަށް އަންނަ ބަދަލެއްގެ ސަބަބުން
ކުއްލިއަކަށް އުޅުމަށް ނޫނީ ބިހޭވިއަރ އަށް ބަދަލެއް އައުމެވެ. އާންމު ގޮތެއްގައި ސިކުނޑިން
އޭގެ މަސައްކަތް ފުރިހަމަކުރުމުގެ ތެރެއިން ވަކި ތަރުތީބަކުން ކުދި ކަރަންޓް
ސިގުނަލްތައް އުފައްދަމުން ގެންދާނެއެވެ. މިކަރަންޓް ސިގުނަލް ތައް ދަތުރުކުރަނީ
ސިކުނޑީގެ ނާރު ސެލް ތަކުގެ ވިއުގަ އިން އުފެދިފައިވާ ނިއުރޯން ތަކުގެ މެދުގައެވެ.
އަދި މުޅި ހަށިގަނޑުގައި މިފަދަ ކަރަންޓް ސިގުނަލްތައް ދަތުރުކުރަނީ ނުވަތަ
ސިކުނޑިން ހަށިގަނޑަށް އެކިކަންކަން ފުރިހަމަ ކުރުމުގައި މިފަދަ ކަރަންޓް
ސިގުނަލްތައް ފޮނުވަނީ ސިކުނޑިން އުފައްދާ ކެމިކަލް މެސެންޖަރުތައް ކަމުގައިވާ
ނިއުރޯޓްރާންސްމިޓަރު ތައް ބޭނުންކޮށްގެންނެވެ.
ވެއްޓޭބައްޔަކީ ނިއުރޮލޮޖިކަލް ޑިސްއޯޑަރ އެކެވެ. ކޮންމެ އުމުރެއްގެ ކޮންމެ ޖިންސެއްގެ އަދި ކޮންމެ ނަސްލެއްގެ މީހަކަށް ވެސް ވެއްޓޭބަލި ޖެހިދާނެ އެވެ. ވެއްޓޭބަލީގެ އަލާމާތްތައް އެކި މީހުންނަށް ތަފާތުވުމަކީ އެކަށީގެންވާ ކަމެކެވ. ބައެއް މީހުންނަށް ފިޓުޖެހޭ ވަގުތު ހަމައެކަނި ލޯ ކަޅިއަޅައިގެން އިނދެފާނެ އެވެ. އަނެއްބައި މީހުންނަށް އަތްފަޔަށް ބާރުގަނޑެއް އަރައިފާނެއެވެ. އެންމެ ފަހަރަކު ފިޓުޖެހުން އޭގެ މާނައަކީ އަދި އެމީހެއްގެ ވެއްޓޭބައްޔެއް ހުރުމެއް ނޫނެވެ. ވެއްޓޭބަލި ކަމަށް ބެލެވެނީ އެންމެ މަދުވެގެން 24 ގަޑިއިރުގެ ދުރުމިނެއްގެ ތެރޭގައި މަދުވެގެން 2 ފަހަރު ވަކި ސަބަބެއް ބަޔާންކުރަން ނޭނގި ފިޓުޖެހުން ކުރިމަތިވެއްޖެ ނަމައެވެ.
ވެއްޓޭބަލީ ގައި ސިކުނޑީގެ ކަރަންޓް ވިންދުތަކުގެ ހަމަހަމަކަން ގެއްލުމުގެ
ފުރުޞަތު އޮވެއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ދޭތެރެ ދޭތެރެއިން ފިޓްޖެހޭގޮތް
ވެއެވެ. ފިޓުޖެހޭ މީހުންގެ ސިކުނޑީގެ ކަރަންޓް ހަކަތަ އަށް އަންނަ ބަދަލުގެ
ސަބަބުން ސިކުނޑީގެ ތަބީޢީ ކަރަންޓް މަސައްކަތަށް ބުރޫއަރައެވެ. މިހެންވުމުން
އެމީހެއްގެ ހަރަކާތް، އިހުސާސް، އަދި ހޭވެރިކަން ފަދަ ކަންކަމަށް އަސަރު ކުރެއެވެ.
ވެއްޓޭބަލި ކަމަށް ބަލަނީ އާންމުކޮށް ޞިއްޙީ ހާލަތެއް މެދުވެރިވުމަކާއި
ނުލައި، މަދުވެގެން ދެފަހަރު ފިޓްޖެހުން ކުރިމަތިވި ނަމައެވެ. ފިޓްޖެހުން
މެދުވެރިވެދާނެ ހާލަތްތަކުގެ ތެރޭގައި އާންމުކޮށް ބަނގުރާ ބޮމުން އައި މީހަކު،
ބަނގުރާ ބުއިން ހުއްޓާލުން، އަދި ލޭގެ ހަކުރުގެ މިންވަރު ދަށްވުން ފަދަ
ކަންތައްތައް ހިމެނެއެވެ.
ފިޓުޖެހުން ފެށިގެން އައީ ސިކުނޑީގެ ވަކި ހިސާބަކަށް އައި ބަދަލަކުން
ކަމުގައިވާނަމަ، އެންމެ ފުރަތަމަ ފެންނަ އަލާމާތްތައް ގުޅުވޭނީ އެ ފިޓް ޖެހުން
ފެށިގެން އައި ހިސާބަކުން ކުރާ މަސައްކަތްތަކަށެވެ. އާންމު ގޮތެއްގައި ސިކުނޑީގެ
ކަނާތް ފަރާތުން ކޮންޓްރޯލްކުރާނީ ހަށިގަނޑުގެ ވާތް ފަރާތުގެ މަސައްކަތްތަކެވެ.
އަދި ވާތް ފަރާތުން ކޮންޓްރޯލްކުރާނީ ހަށިގަނޑުގެ ކަނާތް ފަރާތުގެ
މަސައްކަތްތަކެވެ. މިސާލަކަށް ފިޓުޖެހުން ފެށިގެން އައީ ސިކުނޑީގެ ކަނާތް
ފަރާތުން، އަތުގެ ބޮޑުވައި އިގިލީގެ ހަރަކާތް ކޮންޓްރޯލް ކުރާ ހިސާބުން
ކަމުގައިވާނަމަ، ފިޓުޖެހުމުގެ އަސަރު ފާޅުވާނީ ވާތް ފަރާތުގެ އަތްތިލައިން ނުވަތަ
އަތުގެ ބޮޑުވައި އިގިލިންނެވެ.
އުމުރުން ދުވަސްވާވަރަކަށް ސްޓްރޯކްޖެހުން، ސިކުނޑީގައި ޓިއުމަރު އުފެދުން
އަދި އަލްޒައިމާ ބަލި ކުރިމަތިވުމުގެ ހިރާސް އިތުރުވެއެވެ. މިހުރިހާ ކަމަކީ ވެސް
ވެއްޓޭބަލި މެދުވެރި ކުރުވައިފާނެ ހާލަތްތަކެވެ. އަންހެނުންނަށްވުރެ
ފިރިހެނުންނަށް ވެއްޓޭބަލި ޖެހޭ މިންވަރު އިތުރެވެ. ވިރާސީ ބަހާއެއްގެ ސަބަބުން
(ވާރުތަވުމުގެ ސަބަބުން) ނޫނީ އެއްވެސް ސަބަބެއް ބުނެދޭން ނޭނގި ވެއްޓޭބަލި
ކުރިމަތިވުމުގެ ފުރުޞަތު ކުޑަކުދިންނާއި، ފުރާވަރު ކުދިންގެ މެދުގައި އިތުރުކަން
ފާހަގަ ކުރެވެއެވެ. ސިކުނޑިއަށް ލިބޭ އަނިޔާ، ނޫނީ އިންފެކްޝަން ޖެހުމުގެ ސަބަބުން
ވެއްޓޭބަލި ކޮންމެ އުމުރެއްގެ މީހަކަށް ވެސް ކުރިމަތިވެދާނެ އެވެ.
އެކިއުމުރުގެ މީހުންނަށް ވެއްޓޭބަލި ފެށިގެން އަންނަ ގޮތް ނޫނީ ސަބަބުތައް
ތަފާތެވެ. ނަމަވެސް ހޯދިފައިވާ ހަގީގަތަކީ ވަކި އުމުރަކަށް ރިޢާޔަތްކުރުމެއްނެތި،
ވެއްޓޭބަލި ކުރިމަތިވާ މީހުންގެ ތެރެއިން ½ މީހުންނަށް އެކަން ކުރިމަތިވާ ސަބަބު ނުހޯދޭ ކަމެވެ. ކުޑަކުއްޖަކު
އުފަންވާއިރު ފަހަރުގައި އޭނާގެ ސިކުނޑީގެ އޮނިގަނޑުގައި އުފެދުމުގައި ޢައިބެއް
ހުރެދާނެ އެވެ. ނޫނީ ސިކުނޑިއަށް އަނިޔާއެއް ލިބިދާނެއެވެ. ނޫނީ ސިކުނޑީގައި
އިންފެކްޝަން އަށަގެންފާނެއެވެ. މިއިން ކޮންމެ ކަމަކީ ވެއްޓޭބަލި
މެދުވެރިކުރުވައިފާނެ ކަންތައްތަކެވެ. ޒުވާނުންނަށް ވެއްޓޭބަލި މެދުވެރިވާ އެންމެ
އާންމު ސަބަބަކީ ބޮލަށް ނޫނީ ސިކުނޑިއަށް އަނިޔާވުމެވެ. މެދުއުމުރުގެ މީހުންނަށް
ވެއްޓޭބަލި އެންމެ އާންމުކޮށް ކުރިމަތިވަނީ ސްޓްރޯކްޖެހުން، ސިކުނޑީގެ ޓިއުމަރު
އަދި ބޮލަށް ލިބޭ އަނިޔާތަކުގެ ސަބަބުންނެވެ. އަދި 65 އަހަރުން މަތީގެ މީހުންނަށް
ވެއްޓޭބަލި އެންމެ އާންމުކޮށް ކުރިމަތިވަނީ ސްޓްރޯކް ޖެހުމުގެ ސަބަބުންނެވެ. ދެން
އެއަށްފަހު އަލްޒައިމާ ބަލީގެ ސަބަބުންނެވެ.
ދުނިޔޭގެ 4 ވަނަ އަށް އެންމެ އާންމު ނިއުރޮލޮޖިކަލް ޑިސްއޯޑަރ އަކީ ވެއްޓޭ
ބައްޔެވެ. ދުނިޔޭގެ އާބާދީގެ 50 މިލިޔަން މީހުންނަށް ކޮންމެވެސް އިރެއްގައ
ފިޓުޖެހުނުކަން ހޯދިފައި ވެއެވެ. އަދި އާބާދީގެ%10 މީހުންނަށް ހަޔާތުގެ ކޮންމެވެސް
ހިސާބެއްގައި ފިޓުޖެހުން ކުރިމަތިވާކަމަށް ހޯދިފައި ވެއެވެ. ދުނިޔޭގެ އާބާދީގެ 15
އަހަރުން ދަށުގެ 3 މިލިޔަން ކުދިންނަށް ފިޓުޖެހުން ކުރިމަތި ވެއެވެ. އޭގެ ތެރެއިން
9 ލައްކަ ކުދިންނަށް ކުރިމަތިވާ ފިޓުޖެހުމަށް އެކަށޭނަ ގޮތުގައި ފަރުވާއެއް
ނުދެވެއެވެ. ރިޕޯޓްތައް ދައްކާގޮތުގައި އުމުރުން 65 އަހަރުން މަތީ އާބާދީގެ 570
ހާސް މީހުންނަށް ވެއްޓޭބަލި ކުރިމަތި ވެފައި ވެއެވެ. ބޭރުގެ ބައެއް
މުއައްސަސާތަކުން ހޯދި ހޯދުންތަކުން އެނގިފައިވާ ގޮތުގައި ވެއްޓޭ ބަލި ހުންނަ
މީހުންގެ ތެރެއިން %20 މީހުންނަށް ކުރިމަތިވާ ފިޓުޖެހުން ފަރުވާއަކަށް ނުގުޑައެވެ.
ނޫނީ އިޖާބައެއް ނުދެއެވެ.
ސަބަބު
ވެއްޓޭބަލި ހުންނަ ½ މީހުންނަށް އެބަލި
ކުރިމަތިވާ ސަބަބު ސީދާ ނޭނގެއެވެ. ނަމަވެސް ވެއްޓޭބަލި ހުންނަ މީހުންނަށް
ވެއްޓޭބަލި މެދުވެރިވުމަށް ދިމާވާ ސަބަބުތަކެއް ހުރެދާނެ އެވެ. އެގޮތުން
ފާހަގަކުރެވޭ ސަބަބުތައް ތިރީގައި މިވަނީ އެވެ.
(ހ) ވާރުތަވުން : ވެއްޓޭބަލީގެ ބައެއް
ވައްތަރުތައް އާއިލާތަކުގެ ތެރޭގައި ދައުރުވަމުން އަންނަކަން ފާހަގަ ކުރެވެއެވެ.
މިގޮތަށް ދައުރުވަނީ ވިރާސީ ބަހާއެއްގެ ނުފޫޒު އޮވެގެންނެވެ. ދިރާސާތަކުން
ހޯދިފައިވާގޮތުގައި ބައެއް ވައްތަރުގެ ވެއްޓޭ ބައްޔާއި، ވަކި ޚާއްޞަ ވިރާސީ
ބަހާއަކާއި ގުޅުން އޮތުން އެކަށީގެން ވެއެވެ. ބައެއް ކަހަލަ ވިރާސީ ބަހާ ވެށީގައި
ހުންނަ ފިޓުޖެހުމަށް މަގުފަހިވާ ކަންކަމަށް ހައްސާސް ކުރުވުމަކީ އެކަށީގެންވާ
ކަމެކެވެ.
(ށ) ބޮލަށް އަނިޔާވުން : މަގުމަތީގެ
އެކްސިޑެންޓް ފަދަ ހާދިސާތައް ނޫނީ އެހެން ވެސް ގޮތަކުން ބޮލަށް ލިބޭ އަނިޔާތަކުގެ
ސަބަބުން ވެއްޓޭބަލި ޖެހުމަށް މަގުފަހިވެއެވެ.
(ނ) ސިކުނޑީގައި އުފެދޭ ނޫނީ ހުންނަ އާދަޔާ ޚިލާފު
ކަންތައްތައް : މިސާލަކަށް ސިކުނޑީގެ ޓިއުމަރު، ލޭހޮޅިތަކުގައި
އުފެދުމުގައި ހުންނަ ޢައިބުތައް ނޫނީ މައްސަލަތަކުގެ ސަބަބުން ވެސް ވެއްޓޭބަލި
ޖެހޭގޮތް ވެއެވެ. އުމުރުން 35 އަހަރުން މަތީގެ މީހުންނަށް ވެއްޓޭބަލި ޖެހޭ އެންމެ
އާންމު ސަބަބަކީ ސްޓްރޯކް ޖެހުމެވެ.
(ރ) ބައެއް ކަހަލަ އިންފެކްޝަންތައް : މިސާލަކަށް ސިކުނޑީގެ ވަށައިގެންވާ ދުލިފަށަލަ ދުޅަވުން، ސިކުނޑި ދުޅަވުން،
އޭޑްސް ބަލި، އަދި ބައެއް ބާވަތުގެ ފަނިވުން ފަދަ އިންފެކްޝަންތަކުގެ ސަބަބުން
ވެއްޓޭބަލި ޖެހުމަށް މަގުފަހި ވެއެވެ.
(ބ) ބަނޑުގައި އޮއްވާ (އުފަންވުމުގެ ކުރިން) ލިބޭ
އަނިޔާތައް : ބަނޑުގައި އޮންނައިރު ތުއްތު ކުދިންނަކީ ސިކުނޑިއަށް ލިބޭ
ގެއްލުންތަކަށް ވަރަށް ނާޒުކު ބައެކެވެ. މިސާލަކަށް މައިމީހާ ރަނގަޅަށް ނުކެއުން،
މައިމީހާގެ ކިބައިގައި އަށަގަންނަ އިންފެކްޝަން، އަދި އޮކްސިޖަން ލިބުން ދަތިވުން
ކުރިމަތިވާ ހާލަތްތަކުގެ ސަބަބުން ވެއްޓޭބަލި އަދި ސެރެބްރަލް ޕަލްސީ ފަދަ
މައްސަލަތައް ދިމާވުމުގެ ފުރުޞަތު އިތުރުވެއެވެ.
(ޅ) ހެދިބޮޑުވުމުގައި ހުންނަ މައްސަލަތައް : ހެދިބޮޑުވުމުގައި ހުންނަ މައްސަލަތައް މިސާލަކަށް އޯޓިޒަމް ފަދަ ބަލިތަކުގެ
ސަބަބުން ވެއްޓޭބަލި ޖެހުމުގެ ފުރުޞަތު އޮވެއެވެ.
މަގުފަހިކުރާ ކަންތައްތައް
·
އުމުރު : އެންމެ އާންމު ގޮތެއްގައި ވެއްޓޭބަލި ކުރިމަތިވަނީ ކުޑަކުދިންނާއި، އުމުރުން
ދުވަސްވީ މީހުންގެ ފުށުންނެވެ. ނަމަވެސް ކޮންމެ އުމުރެއްގައި ވެއްޓޭބަލި
ކުރިމަތިވެދާނެ އެވެ.
·
އާއިލާގެ
ތެރޭގައި ބަލި ދައުރުވުން : އާއިލާގެ ތެރޭގައި ވެއްޓޭބަލި ދައުރުވާނަމަ
ވެއްޓޭބަލި ޖެހުމުގެ ފުރުޞަތު އިތުރުވެއެވެ.
·
ބޮލަށް
އަނިޔާވުން : ވެއްޓޭބަލީގެ ބައެއް ހާލަތްތައް ކުރިމަތިވުމުގެ މައިގަނޑު
ސަބަބަކީ ބޮލަށް އަނިޔާވުމެވެ.
·
ސްޓްރޯކް
ޖެހުން އަދި ލޭހޮޅިތަކަށް ކުރިމަތިވާ އެހެން ބަލިތައް : ސްޓްރޯކްޖެހުމާއި،
ލޭހޮޅިތަކަށްޖެހޭ އެހެން ބަލިތަކުގެ ސަބަބުން ވެއްޓޭބަލި ޖެހުމަށް މަގުފަހި
ވެއެވެ.
·
ހަދާންނެތޭ ބަލި: ހަދާންނެތޭ ބަލި ޖެހުމަކީ ވެއްޓޭބަލި
ކުރިމަތިވުމަށް މަގުފަހިވާ ކަމެކެވެ.
·
ސިކުނޑިއަށް
ޖެހޭ އިންފެކްޝަންތައް : ސިކުނޑީގެ ވަށައިގެންވާ ދުލިފަށަލަ ދުޅަވުމަކީ
ވެއްޓޭބަލި ޖެހުމަށް މަގުފަހިވާ ކަމެކެވެ.
·
ކުޑައިރު
ފިޓުޖެހުން : ކުޑައިރު ހުންގަދަވުމަކީ ބައެއް ފަހަރު ފިޓުޖެހުން
ކުރިމަތިވެދާނެ ކަމެކެވެ. ނަމަވެސް އާންމު ގޮތެއްގައި މިގޮތަށް ހުންގަދަވެމ
ފިޓުޖެހޭ ކޮންމެ ކުއްޖަކަށް ވެއްޓޭބަލި ކުރިމައްޗެއް ނުވެއެވެ. ދިގުމުއްދަތަކަށް
ހުން ދެމިހުރެ، ފިޓުޖެހޭނަމަ، ވެއްޓޭބަލި ކުރިމަތިވުމުގެ ހިރާސް އިތުރުވަނީ
ނާރުތަކުގެ އެހެން ބައްޔެއް ހުރުމާއި، އާއިލާގެ ތެރޭގައި ބަލި ދައުރުވުން ފަދަ
ކަމެއް އެކުވާނަމަ އެވެ.
·
އެހެނިހެން
ކަންތައްތައް
o ދުވަސްނުފުރާ އުފަންވުން
o އުފަންވާއިރު ބަރުދަން ލުއިވުން
o ވިހެއުމުގެ ތެރޭގައި އަނިޔާއެއްވެ ސިކުނޑިއަށް އޮކްސިޖަން
ލިބުން ދަށްވުން
o އުމުރުން ފުރަތަމަ މަހުގައި ފިޓުޖެހުން
o އުފެދުމުގައި ސިކުނޑީގެ އޮނިގަނޑުގައި އައިބެއްހުރުން ނޫނީ
ޣައިރު ތަބީޢީ ކަމެއްހުރުން
o ސިކުނޑިއަށް ލޭއެޅުން
o ސިކުނޑީގެ ލޭހޮޅިތަކުގައި ޣައިރު ތަބީޢީ ކަމެއްހުރުން
o ވަރަށް ބޮޑަށް ބޮލަށް ނޫނީ ސިކުނޑިއަށް އަނިޔާވުން ،
އެކަމުގެ ސަބަބުން ސިކުނޑިއަށް އޮކްސިޖަން ނުލިބުން
o ސިކުނޑީގައި ޓިއުމަރެއް އުފެދުން
o ސިކުނޑީގައި އިންފެކްޝަން ހެދުން : މިސާލަކަށް ސިކުނޑީގެ
ވަށައިގެންވާ ދުލިފަށަލަ ދުޅަވުން، ނޫނީ ސިކުނޑި ދުޅަވުން
o ސެރެބްރަލް ޕަލްސީ
o ނަފްސާނީ މައްސަލަތައް
o ބޮލަށް ލިބޭ އަނިޔާއަކަށްފަހު ދެތިން ދުވަހުގެ ތެރޭގައި
ފިޓުޖެހުން
o ވެއްޓޭބަލި އާއިލާގެ ތެރޭގައި ދައުރުވުން ނޫނީ
ހުންޖެހުމަށްފަހު ފިޓުޖެހުން އާއިލާގެ ތެރޭގައި ދައުރުވުން
o އަލްޒައިމާ ބަލި ޖެހުން
o ދިގުދެމިދާ ހުމުގައި ކުރިމަތިވާ ފިޓުޖެހުން
o މަސްތުވާތަކެތި ބޭނުންކުރުން
o ބަނގުރާ ބުއިން
ފިޓުޖެހުމުގެ ވައްތަރުތައް
ފިޓުޖެހުން އަސާސީ ގޮތެއްގައި ބެހެނީ މައިގަނޑު 4 ބަޔަކަށެވެ.
(ހ) ޕްރައިމަރީ ޖެނެރަލައިޒްޑް އެޕިލެޕްސީ (primary
generalized epilepsy): މިއީ އެއްފަހަރާ
ސިކުނޑީގެ ދެފަރާތުގައި ހިނގާ ކަރަންޓްގެ މަސައްކަތަށް އަންނަ ބަދަލުން ފެށިގެން
އަންނަ ނޫނީ ކުރިމަތިވާ ފިޓުޖެހުމެވެ. ނުވަތަ މިއީ ސިކުނޑީގެ ދެފަރާތް ހިމެނޭ
ގޮތަށް ފެށިގެން އަންނަ ފިޓުޖެހުމެކެވެ. ނޫނީ ސިކުނޑީގެ ދެފަރާތުގެ ނާރުތަކުގެ
ވިއުގައަށް އަސަރުކުރުމުން ފެށިގެން އަންނަ ފިޓުޖެހުމެކެވެ. މިވައްތަރު އިތުރަށް
އަސާސީ ދެބަޔަކަށް ބެހިގެން ގޮސްފައި ވެއެވެ.
·
ޖެނެރަލައިޒްޑް
މޮޓޯރ ސީޒަރ (generalized motor seizure):
މިވައްތަރަށް ކުރިން އާންމުކޮށް ކިޔައި އުޅުނީ ގްރޭންޑް މަލް ސީޒަރ(grand
mal seizure) އެވެ. މިވައްތަރުގެ ފިޓުޖެހުމުން ކޮންޓްރޯލް
ނުކުރެވޭ މިންވަރަށް ބައެއް ފަހަރު ވަރަށް ބޮޑަށް ބަލިމީހާގެ ހަށިގަނޑު ހަރަކާތް
ކުރެއެވެ. މިވައްތަރުގެ އެއް މިސާލަކީ ޓޮނިކް ކްލޮނިކް ސީޒަރ(tonic
clonic seizure) އެވެ. މިވައްތަރުގެ ފިޓުޖެހުމުން ހޭނެތި، މަސްތައް
ހަރުއަރައި، ވާގިއެރުން ކުރިމަތި ވެއެވެ. އެހެން ވައްތަރު ތަކުގެ ތެރޭގައި ޓޮނިކް
ސީޒަރ(tonic seizure)، ކްލޮނިކް ސީޒަރ(clonic
seizure)،
އަދި މެޔޯކްލޮނިކް ސީޒަރ(myoclonic seizure) ހިމެނެއެވެ. މިއީ އެންމެ އަވަހަށް ނޫނީ
ކުއްލިއަކަށް ކުރިމަތިވާ ފިޓުޖެހުމެވެ. މިވައްތަރުގައި ކުއްލިއަކަށް ހޭނެތި،
ހަށިގަނޑަށް ބާރުއަރައި، ހަރުއަރައި، ވާގިއަރައި ހަށިގަނޑު ތެޅި ހެލޭނެ އެވެ.
ބައެއް ފަހަރު މަސާނާ ކޮންޓްރޯލް ނުކުރެވި، ކުޑަކަމު ގަޔަށް ދެވިދާނެއެވެ. ނޫނީ ދޫ
ހެފިދާނެއެވެ.
·
ޖެނެރަލައިޒްޑް
ނަން-މޮޓޯރ ސީޒަރ (generalized non motor seizure):
މިވައްތަރަށް ކުރިން އާންމުކޮށް ކިޔައި އުޅުނީ ޕެޓިޓް މަލް ސީޒަރ(petit
mal seizure) އެވެ. މިވައްތަރުގެ
މިސާލުތަކުގެ ތެރޭގައި ޓިޕިކަލް ސީޒަރ(typical
seizure)،
އެޓިޕިޓިކަލް ސީޒަރ(atypical seizure) އަދި މެޔޯކްލޮނިކް ސީޒަރ(myoclonic
seizure) ހިމެނެއެވެ. މިވައްތަރުގެ ފިޓުޖެހުމުން ކުރަމުން އައިކަމެއް
ހުއްޓާލައި، ކަޅިއަޅައިގެން އިނދެފާނެ އެވެ. ތަކުރާރުކޮށް އެއް ހަރަކާތެއް
ކޮށްލަކޮށްލާ މިސާލަކަށް އަމިއްލައަށް ތުންފަތް ދަމާލާ ދަމާލާ ހުރެފާނެ އެވެ.
މިވައްތަރުގެ ފިޓުޖެހުމަށް އާންމު ގޮތެއްގައި އެބްޒެންސް ސީޒަރ ކިޔައި އުޅެއެވެ. މިވައްތަރަށް
އެބްޒެންސް ސީޒަރ(absence seizure) ވެސް ކިޔައި އުޅެއެވެ. މިވައްތަރުގެ ފިޓުޖެހުން
އާންމުކޮށް ކުރިމަތިވަނީ ކުޑަކުދިންނަށެވެ. އާންމު ގޮތެއްގައި 10-5 ސިކުންތަށް
ދެމިގެންދާ މިވައްތަރުގެ ފިޓުޖެހުން ކުރިމަތިވުމުން ކަޅިމައްޗަށްއަރައި
(ކަޅިއަޅައިގެން އިންނަހެން)، އެސްފިޔަ ޖަހާލާ ޖަހާލާ އަދި އަމިއްލައަށް ތުންފަތް
ދަމާލަ ދަމާލާ ހުރެދާނެ އެވެ. މިވައްތަރުގައި ހިނދުކޮޅަކަށް ފަހަރުގައި ހޭނެތިދާނެ
އެވެ. އަދި ދުވާލަކު 100 ވަރަކަށް ފަހަރު ވެސް މިވައްތަރުގެ ފިޓުޖެހުން
ކުރިމަތިވެދާނެ އެވެ.
·
ޓޮނިކް
ސީޒަރ (tonic seizure): މިވައްތަރުގެ ފިޓުޖެހުމުގެ ސަބަބުން މަސްތައް ހަރުއަރާނެ އެވެ. ފަހަރުގައި
ހޭވެރިކަމަށް ވެސް އަސަރުކޮށްފާނެ އެވެ. މިވައްތަރުގެ ފިޓުޖެހުމުން މައިގަނޑު
ގޮތެއްގައި އަސަރުކުރަނީ ބުރަކަށި އަދި އަތްފަޔަށެވެ. އޭގެ ސަބަބުން
ފިޓުޖެހުމާއެކު ބިއްމައްޗަށް ވެއްޓުމަކީ އެކަށީގެންވާ ކަމެކެވެ.
·
އެޓޯނިކް
ސީޒަރ (atonic seizure): މިވައްތަރަށް ޑްރޮޕް ސީޒަރ މިހެން ވެސް ކިޔައެވެ. މިވައްތަރުގެ ފިޓުޖެހުން
ކުރިމަތިވުމުން މަސްތަކުގެ ކޮންޓްރޯލް ގެއްލެއެވެ. މިވައްތަރުގެ ފިޓުޖެހުމުން
މައިގަނޑު ގޮތެއްގައި އަސަރުކުރަނީ ފަޔަށް ކަމަށްވުމުން ފިޓުޖެހުމާއެކު
އަނބުރައިގަނެފާނެ އެވެ. ނޫނީ މީހާ ބިންމައްޗަށް ވެއްޓުމަކީ އެކަށީގެންވާ
ކަމެކެވެ.
·
ކްލޮނިކް
ސީޒަރ (clonic seizure)،:މިވައްތަރުގައި ތަކުރާރުކޮށް ހަށިގަނޑުގެ މަސްތަކަށް ބާރުއަރައި
ހަރަކާތްކުރާނެއެވެ. މިވައްތަރުގެ ފިޓުޖެހުމުން އަސަރުކުރަނީ މޫނު، ކަދުރާ އަދި
އަތަށް ނުވަތަ މުލައްދަނޑީ އާޢި އަތްދަނޑިއަށެވެ.
·
މެޔޯކްލޮނިކް
ސީޒަރ (myoclonic seizure): މިވައްތަރުގައި ކުއްލިއަކަށް ހަށިގަނޑަށް ބާރުގަނޑެއް އަރައި، ނޫނީ ވާގި
އަރައިފާނެއެވެ. އަދި މިވައްތަރުގެ އަސަރު ކުރާނީ ހަށިގަނޑުގެ މަތީބައި އަދި
އަތްފަޔަށެވެ.
(ށ) ފޯކަލް އެޕިލެޕްސީ (focal
epilepsy): މިއީ ސިކުނޑީގެ ކޮންމެވެސް އެއްފަރާތެއްގެ
ކަނޑައެޅޭ ވަކި އެއް ސަރަހައްދެއްގެ ކަރަންޓްގެ މަސައްކަތަށް އަންނަ ބަދަލުން
ފެށިގެން އަންނަ ނޫނީ ކުރިމަތިވާ ފިޓުޖެހުމެވެ. މިވައްތަރަށް ކުރިން ޕާޝަލް
ފިޓުޖެހުން(partial seizure) ވެސް ކިޔައި އުޅުނެވެ.
މިވައްތަރުގެ ވެއްޓޭބަލި މައިގަނޑު 4 ގިންތިއަކަށް ބަހާލެވިފައި ވެއެވެ.
·
ފޯކަލް
އެވެއަރ ސީޒަރ (focal aware seizure): މިވައްތަރުގައި ފިޓުޖެހުމުން ހިނގި ކަންތައްތައް ނޫނީ ވި ކަންތައްތައް ނުވަތަ
ވީގޮތް އެމީހަކަށް އެގޭނެއެވެ. މިވައްތަރަށް ކުރިން ސިމްޕަލް ޕާޝަލް ސީޒަރ(simple
partial seizure) އޭ ކިޔައި އުޅުނެވެ. މިވައްތަރުގައި މީހާގެ
ހޭވެރިކަމެއް ނުގެއްލޭނެ އެވެ. ނަމަވެސް މިވައްތަރުގެ ފިޓުޖެހުމުން އިހުސާސް
ތަކަށް ނޫނީ ޖަޒުބާތީ ޝުޢޫރުތަކަށް ބަދަލު އަތުވެދާނެ އެވެ. އެއްޗެހި ފެންނަ،
އަޑުއިވޭ، ވަސްދުވާ،ރަހަލާ، ނޫނީ އިހުސާސް ވާގޮތް ތަފާތު ވެދާނެ އެވެ. މިވައްތަރުގައި
ހަށިގަނޑުގެ ކޮންމެ ވެސް އެއް ހިސާބަކަށް މިސާލަކަށް އަތް ފަޔަށް ބާރުގަނޑެއް ވެސް
އަރައިފާނެ އެވެ. މީގެ އިތުރުން ކަށިހަރާހެން ހީވުން، ބޯއެނބުރުން
އަދި މޫނުމައްޗަށް އަދިރިވުން ފަދަ ކަންތައްތައް ފާހަގަވުމަކީ އެކަށީގެންވާ
ކަމެކެވެ.
·
ފޯކަލް
އިމްޕެއާރޑް އެވެއަރނަސް ސީޒަރ (focal impaired awareness seizure):
މިވައްތަރުގެ ފިޓުޖެހުމުން ހިނގި ކަންތައްތައް ނޫނީ ވީގޮތް އެމީހަކަށް
ނޭނގޭނެއެވެ. ނުވަތަ ހަދާނެއް ނުހުންނާނެ އެވެ. މިވައްތަރަށް ކުރިން ކޮމްޕްލެކްސް
ޕާޝަލް ސީޒަރ(complex partial seizure) އޭ ކިޔައި އުޅުނެވެ. މިވައްތަރުގައި މީހާގެ
ހޭވެރިކަން ގެއްލޭނެ އެވެ. އަދި ކަޅި މައްޗަށް އަރައި، ވަށައިގެން ހިނގާ
ކަންތައްތަކެއް ނޭނގޭނެއެވެ. ނޫނީ ތަކުރާރުކޮށް އެއް ހަރަކާތެއް ކޮށްދާނެ އެވެ.
މިސާލަކަށް ދެއަތްތިލަ ހޭކުން، ދަތްކޭރުވުން، ހެފުން، ދިރުވުން އަދި ވަށްބުރަކަށް
ހިނގުން ފަދަ ހަރަކާތްތައް ކޮށްފާނެ އެވެ.
·
ފޯކަލް
މޮޓޯރ ސީޒަރ (focal motor seizure): މިވައްތަރުގައި ފިޓުޖެހުމުން ކޮންމެވެސް ވަރަކަށް ހަށިގަނޑު ހަރަކާތްކޮށް
ތަޅުވައި ހަދާނެއެވެ. އެގޮތުން ހަށިގަނޑަށް ބާރުއެރުން، ކުރުގެޅުމުން ފެށިގެން
ގޮސް، ދެއަތްތިލަ އުގުޅުން އަދި ވަށައިގެން ހުއްޓިނެތި މީހާ އެނބުރުން ފަދަ
ހަރަކާތްތައް ގެންނާނެ އެވެ. ނޫނީ ކުރާނެ އެވެ. މިވައްތަރަށް ނިސްބަތްވާ
ފިޓުޖެހުމުގެ ވައްތަރުތަކުގެ ތެރޭގައި އެޓޮނިކް ސީޒަރ، ކްލޮނިކް ސީޒަރ،
އެޕިލެޕްޓިކް ސްޕާޒްމް، މެޔޯކްލޮނިކް ސީޒަރ އަދި ޓޮނިކް ސީޒަރ ހިމެނެއެވެ.
·
ފޯކަލް
ނަން މޮޓޯރ ސީޒަރ (focal non motor seizure): މިވައްތަރުގެ ފިޓުޖެހުމުން ހަށިގަނޑަށް ބާރުއެރުން ނޫނީ އެހެން އެއްވެސް
ހަރަކާތްތަކެއް ވެސް ނުކުރާނެއެވެ. ނަމަވެސް މިވައްތަރުގެ ފިޓުޖެހުމުން މީހާއަށް
އިހުސާސްވާގޮތާއި، ވިސްނާގޮތަށް ބަދަލު ގެނުވައެވެ. މީހާގެ ޖަޒުބާތީ ޝުއޫރުތައް
މަތިވެ، އާދަޔާ ޚިލާފު އިހުސާސް އެއް ކުރެވޭނެ އެވެ. މީގެ އިތުރުން ހިތުގެވިންދު
އަވަސްވުން ނޫނީ މޭތެޅުން، އިސްތަށިތައް ކޮޅަށް ޖެހުން، މާބޮޑަށް ފިނިވުން ނޫނީ
މާބޮޑަށް ހޫނުވުން ފަދަ ކަންތައްތައް ކުރިމަތިވާނެއެވެ.
(ނ) ޖެނެރަލައިޒްޑް އަދި ފޯކަލް އެޕިލެޕްސީ (generalized
and focal epilepsy): މިވައްތަރުގައި
ޖެނެރަލައިޒްޑް (މުޅި ސިކުނޑީގެ ދެފަރާތް ހިމެނޭނެހެން ފިޓުޖެހުން ފެށިގެން
އައުން) އަދި ފޯކަލް (ސިކުނޑީގެ ކޮންމެވެސް އެއް ފަރާތެއްގެ ވަކި ހިސާބަކުން
ފިޓުޖެހުން ފެށިގެން އައުން) ސީޒަރ ކުރިމަތިވާނެ އެވެ.
(ރ) ޖެނެރަލައިޒްޑް ނޫނީ ފޯކަލް އެޕިލެޕްސީކަން ނޭނގޭ
ވައްތަރު (unknown if generalized or focal): ބައެއް
ފަހަރު ޑޮކްޓަރުންނަށް ވެއްޓޭބަލި ހުރިކަން ޔަގީން ނުކުރެވެއެވެ. އަދި ކުރިމަތިވީ
ޖެނެރަލައިޑް ނޫނީ ފޯކަލް އެޕިލެޕްސީ ކަން ބުނެދޭކަން ނޭނގެއެވެ. ނޫނީ ކަނޑައެއް
ނޭޅެއެވެ. މިގޮތަށް އާންމުކޮށް ދިމާވަނީ ފިޓުޖެހުނުއިރު އެމީހަކު އެކަނިމާއެކަނި
ހުރިނަމަ އެވެ. މިހާލަތުގައި ވީގޮތް އެއްވެސް މީހަކަށް ބުނެދޭން ނޭނގިދާނެ އެވެ.
އަލާމާތްތައް
ވެއްޓޭބަލީގެ މައިގަނޑު އަލާމާތަކީ ފިޓުޖެހުމެވެ. ފިޓުޖެހުމުން ފެނިދާނެ
އަލާމާތްތަކުގެ ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ.
·
ވަގުތީ ގޮތުން
(ހިނދުކޮޅަކަށް) ވާނުވާނޭނގުން
·
ކަޅިއެރުން
(ކަޅިއަޅައިގެން އިންނަހެން ހީވުން)
·
މަސްތައް ހަރުއެރުން
·
ކޮންޓްރޯލް ނުކުރެވޭ
މިންވަރަށް އަތް ފަޔަށް ބާރުގަނޑެއް އެރުން ނޫނީ ވާގިއެރުން
·
ހޭނެތުން ނުވަތަ
ހޭވެރިކަން ގެއްލުން
·
ނަފްސާނީ
އަލާމާތްތައް : މިސާލަކަށް ހާސްވެކަންބޮޑުވުން ، ބިރުގަތުން
ފިޓުގެ ވައްތަރާއި ގުޅިގެން އަލާމާތްތައް ތަފާތުވުމަކީ އެކަށީގެންވާ
ކަމެކެވެ. ވެއްޓޭބަލި ހުންނަ ގިނަ މީހުންނަށް އާންމު ގޮތެއްގައި ކުރިމަތިވާނީ
ކޮންމެ ފަހަރަކުމެ ހަމަ އެއްވައްތަރެއްގެ ފިޓުޖެހުމެވެ. އެހެންކަމުން ކޮންމެ
ފަހަރަކު ފިޓުޖެހޭ އިރު ވެސް ހުންނާނީ ނޫނީ ފެންނާނީ ހަމަ އެއް އަލާމާތްތަކެކެވެ.
ދިމާވެދާނެ ނުރައްކާތައް
ވެއްޓޭބަލި ހުރެ ފިޓުޖެހުމުން ދިމާވެދާނެ ނުރައްކާތަކުގެ ތެރޭގައި އަންނަނިވި
ކަންތައްތައް ހިމެނެއެވެ.
·
ވެއްޓުން
·
ގެނބުން
·
ކާރު އެކްސިޑެންޓް
ފަދަ ހާދިސާތައް ހިނގުން
·
މާބަނޑު ދުވަސްވަރު
ދިމާވާ ނުރައްކާތައް ނުވަތަ މައްސަލަތައް
·
ނަފްސާނީ
މައްސަލަތައް
·
ހުއްޓިނެތި 5
މިނިޓަށްވުރެ ގިނައިރު ފިޓުޖެހިފައި ހުރުން
·
މަރުވުން
ދެނެގަތުން
ވެއްޓޭބަލި ދެނެގަންނަނީ ބަލީމީހާއަށް ކުރިމަތިވެފައިވާ އަލާމާތްތަކާއި،
ނިޝާންތަކަށް ރިޢާޔަތްކޮށްގެންނެވެ. މީގެ އިތުރުން ވެއްޓޭބަލި ދެނެގަތުމަށް ހެދޭ
ތަފާތު ޓެސްޓުތަކުގެ އެހީގައެވެ. ވެއްޓޭބަލީގެ ސަބަބުން ފިޓުޖެހުން ކުރިމަތިވި
ނަމަ ވެއްޓޭބަލި ދެނެގަތުމަށްޓަކައި ޑޮކްޓަރުން 3 ފިޔަވަޅެއް ފުރިހަމަކުރާނެ އެވެ.
1.
ކުރިމަތިވީ ކޮން
ވައްތަރެއްގެ ފިޓުޖެހުމެއްކަން ހޯދުން
2.
ފިޓުގެ ވައްތަރަށް
ބަލައި ކުރިމަތިވީ ކޮންވައްތަރެއްގެ ވެއްޓޭ ބައްޔެއްކަން ހޯދުން
3.
ސްޕެސިފިކް
އެޕިލެޕްސީ ސިންޑްރޯމް ކުރިމަތިކަން ނުވަތަ ނޫންކަން ކަނޑައެޅުން
އާންމުކޮށް ކުރެވޭ ކަންތައްތަކާއި އަދި ހެދޭ ޓެސްޓުތަކުގެ ތެރޭގައި
އަންނަނިވި ޓެސްޓުތައް ހިމެނެއެވެ.
(ހ) ނިއުރޮލޮޖިކަލް އެގްޒާމް ހެދުން : ނިއުރޮލޮޖިކަލް އެގްޒާމް ތެރެއިން މީހާގެ އުޅުމާއި ގުޅުން، ހަރަކާތްތައް
ކުރުމުގެ ގާބިލިއްޔަތުކަން، އަދި ނަފްސާނީ ދުޅަހެޔޮކަން ޗެކުކުރެވެއެވެ.
(ށ) ލޭގެ ޓެސްޓުތައް : ފިޓުޖެހުމާއި އެކު
އެކުވާ އެހެން ކަންތައްތައް ދެނެގަތުމަށް މިސާލަކަށް އިންފެކްޝަން، ވިރާސީގޮތުން
ކުރިމަތިވާ ކަމެއްތޯ ލޭގެ ޓެސްޓުތަކުގެ އެހީގައި ބެލެ އެވެ.
(ނ) އިލެކްޓްރޯއެންކެފަލޮގްރާމް ހެދުން : މިއީ ވެއްޓޭބަލި ހުންނަ ކޮންމެ މީހަކަށްމެ ހެދޭ ޓެސްޓެކެވެ. މިޓެސްޓު ހަދަނީ
ހަމައެކަނި ވެއްޓޭ ބަލި ދެނެގަންނާކަން ނޫނެވެ. އޭގެ އިތުރުން ވެއްޓޭބަލީގެ
ފިޓުޖެހުން ފެށިގެން އަންނަނީ ސިކުނޑީގެ ވަކި ތަންކޮޅަކުންތޯ ނޫނީ މުޅި ސިކުނޑީގެ
ހުރިހާ ހިސާބަކުންތޯ ދެނެގަތުމަށެވެ. މާނައަކީ ޕްރައިމަރީ ޖެނެރަލައިޒްޑް
ފިޓުޖެހުން ނޫނީ ޕާޝަލް ފިޓުޖެހުން ކަން ދެނެގަތުމަށެވެ. މިޓެސްޓު ހަދާއިރު ގިނަ
މީހުންނަށް ފިޓުނުޖެހުނަސް، މިޓެސްޓުގެ އެހީގައި ސިކުނޑީގައި ޣައިރު ތަބީޢީ
ހަރަކާތެއް (މިސާލަކަށް އީއީޖީ އިން ތޫނު ރާޅުބާނި ފެންނަށް ހުރުން) ހިނގާނަމަ
އެކަން ދެނެގަނެއެވެ. ސިކުނޑީގައި ހިނގާ މި ޣައިރު ތަބީޢީ ހަރަކާތްތަކުން
އެމީހަކަށް ފިޓުޖެހުމުގެ ފުރުޞަތު އޮތްކަން ނުވަތަ ނޫންކަން ދެނެގަނެވެއެވެ.
އީއީޖީ ގައި މިހަރަކާތް ހިނގާފައި ހުރި ތަނަށް (ސިކުނޑީގެ ހިސާބަށް) ރިއާޔަތްކޮށް
ބަލިމީހާ އަށް ކުރިމަތިވެފައިވަނީ ޕާޝަލް ފިޓުޖެހުން ނޫނީ ޕްރައިމަރީ
ޖެނެރަލައިޒްޑް ފިޓުޖެހުން ކަން އަންގައިދޭނެ އެވެ.
(ރ) ސީޓީ ސްކޭން ހެދުން : ސީޓީ ސްކޭންގައި ސިކުނޑީގެ ތަސްވީރު ކްރޮސް-ސެކްޝަނަލްކޮށް އެކްސް ރޭ ގެ
އެހީގައި ނެގެއެވެ. ސީޓީ ސްކޭންގެ އެހީގައި ފިޓުޖެހުން ކުރިމަތި ކުރުވައިފާނެ
ސިކުނޑީގައި ހުންނަ ޣައިރު ތަބީޢީ (މިސާލަކަށް ސިކުނޑީގެ ޓިއުމަރު، ލޭއެޅުން،
ސިސްޓް ފަދަ) ކަންކަން ދެނެގަނެވެއެވެ.
(ބ) މެގްނެޓިކް ރިސޮނަންސް އިމޭޖިންގ ހެދުން :
އެމްއާރުއައިގައި ބާރުގަދަ ދަގައްފާނާއި، ރޭޑިޔޯ ރާޅުބާނި ތައް
ބޭނުންކޮށްގެން ސިކުނޑީ ތަފްސީލީ މަންޒަރެއް ކުރެހެއެވެ. އެގޮތުން އެމްއާރުއައި ގެ
އެހީގައި ސިކުނޑީގައި ހުރެދާނެ ފިޓުޖެހުން ކުރިމަތި ކުރުވައިފާނެ ކަންތައްތައް
ދެނެގަނެވެއެވެ.
(ޅ) ޕޮސިޓްރޯން އެމިޝަން ޓޮމޮގްރަފީ ހެދުން
/ޕެޓް ސްކޭން ހެދުން : ޕެޓް ސްކޭން ހަދާއިރު ރޭޑިއޯއެކްޓިވް މާއްދާގެ ދަށް
ޑޯޒެއްގެ ކުޑަ މިންވަރެއް ލޭގެ ތެރެއަށް އިންޖެކްޓް ކުރެވެއެވެ. މި އިންޖެކްޓް
ކުރެވޭ މާއްދާގެ އެހީގައި ސިކުނޑީގެ މެޓަބޮލިކް ހަރަކާތްތައް ނަގައިގަނެވި،
އެއްވެސް ކަހަލަ އާދަޔާ ޚިލާފު ކަމެއް ހުރިނަމަ ދެނެގަނެވޭނެ އެވެ. ސިކުނޑިން
މެޓަބޮލިކް ހަރަކާތް ދަށް ހިސާބެއް ފާހަގަކުރެވޭނަމަ ފަހަރުގައި އެއީ ފިޓުޖެހުން
ފެށިގެން އަންނަ ހިސާބަށް ވުމަކީ ގާތްކަމެކެވެ.
(ކ) ސިންގަލް ފޮޓޯ އެމިޝަން ކޮމްޕިއުޓަރައިޒްޑް ޓޮމޮގްރަފީ
ހެދުން / ސްޕެކްޓް ސްކޭން ހެދުން : މިއީ އެމްއާރުއައި އަދި އީއީޖީ ޓެސްޓު ހަދައިގެން
ވެސް ސިކުނޑީގެ ތެރެއިން ފިޓުޖެހުން ފެށިގެން އަންނަ ހިސާބު ފާހަގަ ނުކުރެވުނުނަމަ
ހެދޭ ޓެސްޓެކެވެ. މިޓެސްޓުގައި ވެސް ރޭޑިއޯއެކްޓިވް މާއްދާގެ ދަށް ޑޯޒެއްގެ ކުޑަ
މިންވަރެއް ލޭގެ ތެރެއަށް އިންޖެކްޓް ކުރެވެއެވެ. މި އިންޖެކްޓް ކުރެވޭ މާއްދާގެ
އެހީގައި ފިޓުޖެހުނު ވަގުތު ސިކުނޑީގެ ލޭހޮޅިތަކުގައި ލޭދައުރުވާ ގޮތުގެ ތަފްޞީލީ
3 ޑީ ޗާޓެއް އުފައްދައި ދެއެވެ. އާންމުކޮށް ލޭދައުރުވާގޮތަށްވުރެ މަތިން ނޫނީ
ބޮޑަށް ލޭދައުރުވާ ހިސާބެއް ފާހަގަކުރެވުނުނަމަ، ފަހަރުގައި އެއީ ސިކުނޑީގެ
ތެރޭގައި ފިޓުޖެހުން ފެށިގެން އައި ހިސާބަށް ވުމަކީ އެކަށީގެންވާ ކަމެކެވެ.
(އ) ނިއުރޮލޮޖިކަލް ޓެސްޓު ތައް : މިޓެސްޓުތަކުގެ
އެހީގައި ވާހަކަދެއްކުން، ވިސްނުން، އަދި ހަދާންހުރުން ފަދަ ކަންތައްތައް
ހުރިނެތްގޮތް ބެލޭނެއެވެ. މިފަދަ ޓެސްޓުތަކުގެ ނަތީޖާއިން ވެސް ސިކުނޑީގައި
ފިޓުޖެހުން ފެށިގެން އައި ހިސާބު ދެނެގަތުމަށް އެހީތެރިވެދޭނެ އެވެ.
(ވ) އެހެނިހެން ޓެސްޓުތައް : މީގެ އިތުރުން ބައެއް
ފަހަރު އަންނަނިވި ޓެސްޓުތަކުގެ ތެރެއިން ބައެއް ޓެސްޓުތައް ވެސް ހަދައިފާނެއެވެ.
·
ސްޓެޓިސްޓިކަލް
ޕެރަމެޓްރިކް މެޕިންގ
·
އިލެކްޓްރިކަލް ސޯރސް
އިމޭޖިންގ
·
މެގްނެޓޯއެންކެފަލޮގްރަފީ
ފަރުވާ
ވެއްޓޭބައްޔަށް ފަރުވާކުރުމުގައި ވެއްޓޭބައްޔާއި ދެކޮޅަށްދޭ ބޭސްތައް، އަދި
އޮޕަރޭޝަންކުރުން ހިމެނެއެވެ. މިދެކަމުން އެދެވޭ ނަތީޖާއެއް ނުލިބިއްޖެނަމަ އެހެން
ފަރުވާތައް ވެސް ނަގަންޖެހިދާނެއެވެ. ނޫނީ ކުރަންޖެހިދާނެއެވެ.
ބޭހުގެ ފަރުވާ
ގިނައިން ފިޓުޖެހޭ ހުރިހާ މީހުންނަށް ފުރަތަމަ ދެވޭ ފަރުވާ އަކީ ބޭހުގެ
ފަރުވާ އެވެ. އެންމެ ފަހަރަކު ފިޓުޖެހިލާ މީހުން، ޓެސްޓުތަކުން އިތުރަށް
ފިޓުޖެހުމުގެ ފުރުޞަތު އޮތްކަމަށް ނުދައްކާނަމަ އެއްވެސް ބޭހެއް ބޭނުންކުރަން
ނުޖެހިދާނެ އެވެ. ބޭހުން ކޮންދޭ ކަމަކީ ވެއްޓޭބަލީގެ އަލާމާތްތަކަށް ނުވަތަ
ފިޓުޖެހުމަށް ފަރުވާކުރުމެވެ. ވެއްޓޭބަލި އެއްކޮށް ބޭހުން ރަނގަޅުކޮށްދެނީކީ
ނޫނެވެ. ވެއްޓޭބަލި ހުންނަ %70 މީހުންނަށް ބޭހުގެ ފަރުވާ އަކީ ފިޓުޖެހުން
ކޮންޓްރޯލްކޮށްދޭ، އެކަށޭނަ ފަރުވާ އެކެވެ. ބޭސްދިނުމުން ނޫނީ ބޭހުން ފިޓުޖެހުން
ކޮންޓްރޯލްކޮށްދެނީ ސިކުނޑީގެ ނާރު ސެލްތަކުގައި ހުންނަ މާގިނައިން އަދި
އޮޅުންއަރަނިވި ކަރަންޓް ސިގުނަލްތައް ފޮނުވުމަށް ހުންނަ ހިތްޖެހުން
ދަށްކޮށްދީގެންނެވެ.
ފިޓުޖެހުމާއި ދެކޮޅަށް ދޭ ބޭސްތައް ބޭނުންކުރުމުން ފިޓުޖެހުނަ ނުދީ
ހިފަހައްޓައިދެއެވެ. ނޫނީ ފިޓުޖެހުން ކޮންޓްރޯލްކޮށް ދެއެވެ. މީގެ އިތުރުން
ފިޓުޖެހޭ މިންވަރު މަދުކޮށްދީ، ފިޓުޖެހުމުގެ ދޭތެރެ ވެސް ދުރުކޮށްދެއެވެ.
ވެއްޓޭބަލި ހުންނަ ގިނަ ކުޑަކުދިން، ފިޓުނުޖެހި ގިނަ ދުވަސްވުމުން ބޭސް
ހުއްޓާލެވެއެވެ. ބޮޑެތި މީހުންނަށް ވެސް 2 އަހަރު ނުވަތަ އެއަށްވުރެ ގިނަ ދުވަސް
ފިޓުނުޖެހި ހޭދަވެއްޖެނަމަ، ބޭސް ހުއްޓާލެވިދާނެ އެވެ. މިފަދަ ހާލަތްތަކުގައި
ވެއްޓޭބައްޔަށް ބޭސް ބޭނުންކުރަމުން އަންނަ ބޮޑެތި މީހުންނާއި، ކުޑަކުދިންގެ ވެސް
ބޭސް ހުއްޓާލަންވާނީ ޑޮކްޓަރުގެ ލަފާގެ ދަށުންނެވެ.
ވެއްޓޭބައްޔަށް ފަރުވާކުރުމަށް ތަފާތު ބޭސްތައް މިހާރު ލިބެންހުންނާތީ ކޮންމެ
ބަލިމީހަކަށް އެންމެ އެކަށޭނަ ބޭސް ޚިޔާރުކުރުން ބައެއް ފަހަރު ޑޮކްޓަރުންނަށް
އަންނަ ގޮށްޖެހުމަކަށް ވެއެވެ. ވެއްޓޭބައްޔަށް ފަރުވާކުރުމަށް ބޭހެއް
ޚިޔާރުކުރުމުގައި ވަރަށް ގިނަ ކަންތައްތަކަށް ރިއާޔަތް ކުރެއެވެ. އެގޮތުން ބަލާ
ކަންތައްތަކުގެ ތެރޭގައި ވެއްޓޭބަލީގެ ވައްތަރު، ޖެހުނު ފިޓުގެ ވައްތަރު، ބޭހުގެ
ނޭދެވޭ އަސަރު، ބަލިމީހާގެ ހުރި އެހެން ޞިއްޙީ މައްސަލަތައް، ބަލިމީހާ ބޭނުންކުރާ
އެހެން ބޭސްތަކާއި ވެއްޓޭ ބައްޔާއި ދެކޮޅަށްދޭ ބޭސް އެކުގައި ބޭނުންކުރުމުން
ކުރިމަތިވެދާނެ ފުށުއެރުން، ބަލިމީހާގެ އުމުރު، ބަލިމީހާގެ ޖިންސް އަދި ބޭޙުގެ
އަގު ފަދަ ކަންތައްތައް ހިމެނެއެވެ.
އާންމު ގޮތެއްގައި ޑޮކްޓަރުން އެންމެ ފުރަތަމަ ލިޔެދޭނީ އެންމެ ބޭހެއް، ނިސްބަތުން ދަށް ޑޯޒެއްގައެވެ. އެއަށްފަހު ފިޓުޖެހުން ރަނގަޅަށް ކޮންޓްރޯލް
ކުރެވެންދެން މަޑުމަޑުން ޑޯޒު މަތިކުރަމުން ގެންދާނެ އެވެ. ފިޓުޖެހުމާއި
ދެކޮޅަށްދޭ ތަފާތު 20 އަށްވުރެ ގިނަ ވައްތަރުގެ ބޭސް މިހާރު ލިބެން ހުރެއެވެ.
ކޮންމެ ބޭހަކީ ވެސް އޭގެ ސަބަބުން ނޭދެވޭ އަސަރުތައް ދިމާވެދާނެ
ބޭސްތަކެކެވެ. އެގޮތުން މިފަދަ ބޭސްތަކުން ކުރިމަތިވެދާނެ ނޭދެވޭ އަސަރުތަކުގެ
ތެރޭގައި ވާޅުވުން، ބަރުދަން އިތުރުވުން، ބޯއެނބުރުން، ކަށިތައް ދެރަވުން،
ބިހިނެގުން، ވާހަކަ ދައްކަން އުދަނގޫވުން، ވިލަރެސްކަން ގެއްލުން، ހަދާނާއި
ވިސްނުމުގެ މައްސަލަތައް ހިމެނެއެވެ. އިތުރު ނޭދެވޭ އަސަރުތަކުގެ ތެރޭގައި
ޑިޕްރެޝަން، ވަރަށް ބޮޑަށް ގައިގައި ބިހިނެގުން، މަރުވުމުގެ ޚިޔާލުތައް ކުރެވުން،
އަދި ފުރަމޭ ދުޅަވުން ފަދަ ކަންތައްތައް ހިމެނެއެވެ.
ބޭސް ބޭނުންކުރުމުން އެންމެ އެކަށޭނަ ގޮތަށް ފިޓުޖެހުން ކޮންޓްރޯލް
ކުރުމަށްޓަކައި އަންނަނިވި ގޮތަށް އަމަލުކުރުން މުހިއްމެވެ.
·
ޑޮކްޓަރުން
ލިޔެދީފައިވާ ގޮތަށް ބޭސް ބޭނުންކުރުން
·
ބޭސް ބަދަލުކުރާނަމަ
ޑޮކްޓަރުގެ ލަފަޔާއި އެއްގޮތަށް ބަދަލުކުރުން
·
ޑޮކްޓަރުގެ ލަފަޔާއި
ނުލައި އަމިއްލައަށް ބޭސް ހުއްޓާނުލުން
·
ބޭސް
ބޭނުންކުރުމަށްފަހު އެއްވެސް ނޭދެވޭ އަސަރެއް ފާހަގަވާނަމަ ޑޮކްޓަރާއި
މަޝްވަރާކުރުން
އޮޕަރޭޝަންކުރުން
ބޭހުން އެކަށޭނަ ނަތީޖާއެއް ނުލިބޭ މީހުންނަށް އެންމެ ރަނގަޅު ފަރުވާ އަކީ
އޮޕަރޭޝަންކުރުމެވެ. އާންމު ގޮތެއްގައި އޮޕަރޭޝަންކުރަނީ
ޓެސްޓުތަކުން އަންނަނިވި ކަންތައްތައް ފާހަގަވާނަމަ އެވެ.
·
ސިކުނޑީގެ ކަނޑައެޅޭ
ވަކި ތަންކޮޅަކުން ފިޓުޖެހުން ފެށިގެންއައުން
·
ސިކުނޑިން
އޮޕަރޭޝަންކުރަންޖެހޭ ތަންކޮޅުން އާންމު އަސާސީ ކަންކަން މިސާލަކަށް ވާހަކަ
ދެއްކުން، ބަހުރުވަ، ފެނުން، އަޑުއިވުން ފަދަ ކަންކަން ފުރިހަމަކުރުމަށް
ބާރުނުފޯރުން
ބައެއް ވައްތަރުގެ ވެއްޓޭބައްޔަށް އެމްއާރުއައިގެ ބެލުމުގެ ދަށުން ލޭޒަރ
ބޭނުންކޮށްގެން އެކަށޭނަ ފަރުވާ އެއް ލިބުމަކީ އެކަށީގެންވާ ކަމެކެވެ. މި
ޕްރޮސީޖަރ ގައި ތާރމަލް ލޭޒަރ ޕްރޯބެއްގެ އެހީގައި ސިކުނޑީގައި މައްސަލަ ހުރި
ހިސާބުގެ ނުވަތަ ފިޓުޖެހުން ފެށިގެން އައި ހިސާބުގެ ޓިޝޫތައް ހަލާކުކޮށްލައިގެން
ފިޓުޖެހުން ކޮންޓްރޯލް ކުރުމަށް މަސައްކަތް ކުރެއެވެ.
އެހެނިހެން ފަރުވާ ތައް
ވެއްޓޭބައްޔަށް ދޭ އެހެނިހެން ފަރުވާތަކުގެ ތެރޭގައ އަންނަނިވި ކަންތައްތައް
ހިމެނެއެވެ.
·
ވޭގަސް ނާރވް
ސްޓިމިއުލޭޝަން
·
ޑައެޓް ތެރަޕީ
·
ޑީޕް ބްރެއިން
ސްޓިމިއުލޭޝަން
·
ރެންސްޕޮންސިވް
ނިއުރޯޓްރާންސްމިއުލޭޝަން
ނޯޓް : މިއީ މައުލޫމާތު ފެތުރުމުގެ ނިޔަތުގައި ލިޔެފައިވާ
ލިޔުމެކެވެ.
ހަވާލާ
·
https://www.aans.org/en/Patients/Neurosurgical-Conditions-and-Treatments/Epilepsy#
·
https://www.epilepsy.com/what-is-epilepsy/seizure-types
·
https://www.webmd.com/epilepsy/guide/types-epilepsy
·
https://www.mayoclinic.org/diseases-conditions/epilepsy/symptoms-causes/syc-20350093
No comments:
Post a Comment