ހުދުބަލި
ހުދުބަލި(vitiligo) ހުދު ބައްޔަކީ ހަށިގަނޑުގެ ހަން ހުދުވާ
ބައްޔެކެވެ. ނުވަތަ ހަމުގެ ހަގީގީ ކުލަދާ ބައްޔެކެވެ. މިބަލިޖެހުމުން ހަމުގެ އެކި
ހިސާބުތަކުގައި ހުދުކުލައިގެ ލައްތަކެއް ޖަހައެވެ. މިލައްތައް ހުންނަނީ
ހުދުކުލައިގެ ތިކިތަކެއް ނޫނީ ޕެޗްތަކެއްގެ ގޮތުގައެވެ. އަދި މިހުދުކުލައިގެ
ލައްތައް ހުންނާނީ އާދައިގެ ހަންގަނޑެކޭ އެއްގޮތަކަށެވެ. މިގޮތަށް ހަން ހުދުވަނީ
އެހިސާބުގައި ހުންނަ މުށިކުލަ ފިލައިދިއުމުންނެނެވެ. ނުވަތަ އެހިސާބުގައި ހުންނަ
މެލަނިން ޕިގްމެންޓްތައް ފިލައި ދިއުމުންނެވެ.
ހުދުބަލީގައި ބައެއް މީހުންގެ ހަމުގައި ކުދިކުދި ތިކިތަކެއްގެ މިންވަރަށް ހަން ހުދުވިޔަސް އަނެއްބައި މީހުންގެ ހަމުގައި ބޮޑެތި ޕެޗްތަކެއް ގޮތަށް ހަން ހުދުވެފައި ހުރެއެވެ. ހުދު ބައްޔަކީ ގައިންގަޔަށް އަރާ ބައްޔެއް ނޫނެވެ.
ހުދުބަލި ފެށިގެން އަންނަނީ ހަމުގައި ނަގާ އަލި، ހުދު ކުދި ދެތިން
ޕެޗްތަކެއްގެ ގޮތަށެވެ. މިގޮތަށް ހަމުގައި ނަގާ ޕެޗްތައް އެއް ވަރަށް ދެތިން
އަހަރު ވަރުވެސް ހުރެދާނެ އެވެ. ނޫނީ އޭގެ ސައިޒުން ބޮޑުވެސް ވެދާނެ އެވެ.
ހަމުގައި އަލިކޮށް ހުންނަ އާޕެޗް ތައް ނަގާނެއެވެ. މިޕެޗްތައް ކުރިން ނަގާފައި
ހުރި ޕެޗްތައް ކައިރީގައި ނޫނީ އެޕެޗްތަކާއި ދުރުގައި ވެސް ނަގައިފާނެ އެވެ.
ކޮންމެ އުމުރެއްގައި ވެސް ހުދުބަލީގެ އުނދަގޫތައް ކުރިމަތިވެދާނެ އެވެ. ބައެއް
އާއިލާތަކުގެ ތެރޭގައި ހުދުބަލި ކުރިމަތިވުން އާންމުކަން ފާހަގަ ކުރެވެއެވެ.
އެމެރިކާ ފަދަ ގައުމުތަކުގައި ކޮންމެ 100 މީހުންގެ ތެރެއިން އެކަކަށް ހުދުބަލި
ޖެހޭކަމަށް ދިރާސާތަކުން ދައްކައެވެ. ކޮންމެ ނަސްލެއްގެ އަދި ކޮންމެ ކަހަލަ ހަމެއް
ހުންނަ މީހަކަށް ވެސް ހުދުބަލި ކުރިމަތިވެދާނެ އެވެ. ހުދުބަލި ކުރިމަތިވާ ½ މީހުންނަށް އެމީހުންގެ އުމުރުން 20 އަހަރުވުމުގެ ކުރިން
ހަން ހުދުވާން ފަށައެވެ. ގިނަ މީހުންނަށް ހުދުބަލި ކުޑަކުއްޖެއްގެ ގޮތުގައި
ހުއްޓައި ފެންނަށް ފަށައެވެ.
ވައްތަރުތައް
(ހ) ލޮކަލައިޒްޑް ވިޓިލައިގޯ (localized
or focal vitiligo): މިއީ އެއްތަނެއްގައި
ނޫނީ ދެތިން ތަނެއްގައި ހުދުކުލައިގެ ދެތިން ހުދުތިކި، ނޫނީ ހުދުކުލައިގެ ދެތިން
ޕެޗް ނެގުމެވެ. ނުވަތަ ހަށިގަނޑުގެ މަދު ތަނެއްގައި ވަރަށް ކުޑަކޮށް ހަން
ހުދުވުމެވެ. މިއީ ވަރަށް މަދުން ފެންނަ ވައްތަރެކެވެ. ހަން ހުދުވާނީ ހަމުގެ ވަރަށް
ކުޑަ ތަންކޮޅެއްގެ އެވެ. އެއްއަހަރު ދެއަހަރު ވާއިރު ވެސް އިތުރަށް ނުފެތުރި
ހުރެދާނެ އެވެ.
(ށ) ޖެނެރަލައިޒްޑް ވިޓިލައިގޯ (generalized
vitiligo): މިއީ ހަށިގަނޑުގެ ތަފާތު
ހިސާބުތަކުގައި ހުދުކުލައިގެ ޕެޗްތައް ނެގުމެވެ. ނޫނީ އުފެދުމެވެ. ނޫނީ
ހަށިގަނޑުގެ ތަފާތު ހިސާބުތަކުގެ ހަން ހުދުވުމެވެ.
(ނ) ޔުނިވަސަލް ވިޓިލައިގޯ (universal
vitiligo): މިއީ ހަށިގަނޑުގެ ބޮޑު
ބައެއްގެ ހަން ހުދުވުމެވެ. ނުވަތަ ހަމުގެ %80 އަށްވުރެ ބޮޑުބައެއް ހުދުވުމެވެ.
މިއީ ވެސް ނިސްބަތުން މަދު ވައްތަރެކެވެ.
(ރ) މިއުކޯޒަލް ވިޓިލައިގޯ (mucosal
vitiligo): މިއީ ހަށިގަނޑުގެ
ތެތްދުލިފަށަލަ ހިމެނޭ ހިސާބުތަކުގެ ހަން ހުދުވުމެވެ. މިސާލަކަށް ތުންފަތުގެ ނޫނީ
ކުރިމަތި ފަރާތުގެ ހަން ހުދުވުމެވެ.
(ބ) ނަން-ސެގްމެންޓަލް ވިޓިލައިގޯ (non-segmental
vitiligo): މިއީ ވަރަށް ލަހުން ފެތުރޭ
ހުދު ޕެޗްތަކެއް ތަކެއް، ދޭތެރެ ދޭތެރެއިން އާޕެޗްތައް ފެންނަމުންދާ ހެން ހަން
ހުދުވަމުން ދިއުމެވެ. މިހާލަތުގައި ހަށިގަނޑުގެ ދެފަރާތުގެ ނޫނީ ދެފަޅީގެ ހަމުގައި
ވެސް ހުދުކުލައިގެ ޕެޗްތައް އުފެދިދާނެ އެވެ. މިސާލަކަށް ދެކަކޫ ނޫނީ
ދެއަތްތިލައިގެ ހަން ހުދުވެދާނެ އެވެ. ނޫނީ މޫނުގެ ހަން ހުދުވެދާނެ އެވެ. ހުދުބަލީގެ
އެންމެ އާންމު ވައްތަރަކީ މިއީ އެވެ.
(ޅ) ސެގްމެންޓަލް ވިޓިލައިގޯ (segmental
vitiligo): މިއީ ވަރަށް އަވަހަށް
ފެތުރި،
ހަށިގަނޑުގެ އެއްފަޅީގެ ނޫނީ އެއްބައިގެ ހަން ހުދުވުމެވެ. ނޫނީ އެގޮތަށް ހަން
ހުދުވާ ބައްޔެކެވެ. މިވައްތަރުގެ ހަން ހުދުވުން ހުންނާނީ އެއްވަރަކަށެވެ. ނޫނީ
ހަން ހުދުވުން ހުއްޓޭނެ އެވެ. ހުއްޓުމަށްފަހު ގިނަ މީހުންގެ ހަމުގައި ހުދުކުލައިގެ
އިތުރު ޕެޗްތަކެއް ނުއުފެދޭނެ އެވެ. މިވައްތަރަށް ޔުނިލެޗްރަލް ވިޓިލައިގޯ އޭ ވެސް
ކިޔައެވެ.
(ކ) މިކްސްޑް ވިޓިލައިގޯ (mixed
vitiligo): މިއީ މަތީގައި
ބަޔާންކުރެވުނު ދެވައްތަރު އެއްކޮށް ޝާމިލްވާނެހެން ހަން ހުދުވުމެވެ.
ސަބަބު، މަގުފަހިކުރާ ކަންތައްތައް
ހުދުބަލި ކުރިމަތިވާ ހަގީގީ ސަބަބު އަދި ހޯދިފައެއް ނުވެއެވެ. ނަމަވެސް
ހުދުބަލި ކުރިމަތިވުމުގެ ހިރާސް އިތުރުކުރާ ނޫނީ މަގުފަހިކުރާ ކަންތައްތަކެއް
ވެއެވެ. އެގޮތުން ފާހަގަކުރެވޭ ބައެއް ކަންތައްތައް ތިރީގައި މިވަނީ އެވެ.
(ހ) އުޓޯއިމިއޫން ޑިސްއޯޑަރ : ހުދުބަލި
ކުރިމަތިވަނީ ދިފާޢީ ނިޒާމުގެ ސެލްތަކުން މެލާނޯސައިޓް އުފައްދާ ސެލްތައް
ހަލާކުކޮށްލުމުންނެވެ. މިލާނޯސައިޓް(melanocyte) ސެލް ތަކަކީ ހަމަށް އޭގެ ތަބީޢީ ކުލަ ގެނެސްދޭ
"މެލަނިން"(melanin) އުފައްދާ ސެލްތަކެވެ. އެހެންކަމުން
ގަބޫލުކުރެވޭގޮތުގައި މިއީ އިންސާނާގެ ހަށިގަނޑުގެ ދިފާޢީ ނިޒާމްގެ ސެލްތައް
އެމީހާގެ އަމިއްލަ ހަށިގަނޑަށް ހަމަލާދިނުމުން ދިމާވާ ގޮތެކެވެ. މީގެ އިތުރުން
އާއިލާގެ މެންބަރުންގެ ތެރޭގައި އެހެން އުޓޯއިމިއޫން ޑިސްއޯޑަރ އެއް ހުރުން
މިސާލަކަށް ތައިރޮއިޑް ގްލޭންޑް އަށް ކުރިމަތިވާ އުޓޯއިމިއޫން ޑިސްއޯޑަރ އެއް
(ހަޝިމޮޓޯސް ތައިރޮއިޑައިޓިސް)، ނޫނީ ބޮލުން ބައެއްގެ އިސްތަށި ފޭބުން ފަދަ ކަމެއް
ހުރުމަކީ ހުދުބަލި ކުރިމަތިވުމުގެ ހިރާސް އިތުރުކުރާ ކަމެކެވެ.
(ށ) ވާރުތަވުން : ހުދު ބައްޔަކީ އާއިލާތަކުގެ
ތެރޭގައި ދައުރުވަމުން އަންނަ ބައްޔެކެވެ. އެގޮތުން ހުދުބަލި ޖެހޭ %30 މީހުންނަކީ
އެމީހުންގެ އާޢިލާގެ ތެރޭޣައި ބަލި ދައުރުވަމުން އަންނާތީ ބަލީގެ އަސަރު ފެންނަ
މީހުންނެވެ. އާއިލާގެ ތެރޭގައި ބަލި ދައުރުވަމުން އަޔަސް އެއާއިލާގެ އެންމެންނަށް
ނޫނީ ހުރިހާ މެންބަރުންނަށް ހުދުބަލި ކުރިމައްޗެއް ނުވާނެ އެވެ. ހުދުބަލި
ކުރިމަތިވުމަށް މަގުފަހިކުރާ ބައެއް ކަހަލަ ވިރާސީ ބަހާތައް ހުރެއެވެ. ހުދުބަލި
ކުރިމަތިވަނީ މިވިރާސީ ބަހާތަކަށް ބަދަލެއް އައުމުންނެވެ. ވިރާސީ ބަހާތައް
ހުރުމާއެކު، ބައެއް ކަހަލަ ކަންތައްތައް ހުރުމުން ނޫނީ ކުރިމަތިވުމުން ހުދުބަލި
ފެށުމުގެ ނޫނީ ހުދުބަލި ހުރިނަމަ އިތުރަށް ގޯސްވުމުގެ ހިރާސް އިތުރުކުރުވައެވެ.
އެގޮތުން ފާހަގަކުރެވޭ ކަންތައްތަކުގެ ތެރޭގައި އަންނަނިވި ކަންތައްތައް
ހިމެނެއެވެ.
·
ހަންގަނޑު އަވިން
ނޫނީ އިރުގެ އަލިން އެދުން
·
ހަމަށް އަނިޔާއެއް
ލިބުން : ހަންމެށުން، ކަނޑައިގެންދިއުން
·
ހަމުގައި ފީނޯލް ފަދަ
ބާރުގަދަ ކެމިކަލްތައް އުގުޅުން
(ނ) ވިހަމާއްދާތައް : ފަތިނާރުތަކުގެ
ކޮޅުން ދޫކުރާ މިލާނޯސައިޓް އަށް ވިހަ މާއްދާއެއްގެ ސަބަބުން ވެސް ހަން ހުދުވުމަށް
މަގުފަހިވެދާނެ އެވެ.
(ރ) އަމިއްލައަށް ހަލާކުވުން : މިލާނޯސައިޓް
ސެލްތަކުގައި ހުންނަ ޢައިބަކުން އެސެލްތައް އަމިއްލައަށް އެސެލްތައް ފަހަރުގައި
ހަލާކުކޮށްފާނެ އެވެ. އަދި މީގެ ސަބަބުން ވެސް ހަންހުދުވުމަށް މެދުވެރިވެދާނެ
އެވެ.
(ބ) ބައެއް ކަހަލަ ކެންސަރުތައް ޖެހުން : ބައެއް ކަހަލަ ކެންސަރުތައް ޖެހުން މިސާލަކަށް ހަމުގެ އެންމެ ނުރައްކާތެރި
ކެންސަރު މިލަނޯމާ ޖެހުން، އަދި ނޮން ހޮޖްކިން ލިމްފޯމާ ފަދަ ވައްތަރުތައް
ހުރުމަކީ ހުދުބަލި ޖެހުމުގެ ހިރާސް އިތުރުކުރާ ކަމެކެވެ. މިލާނޯމާ ހުރެމެ އެކަމަށް
"އިމިއުނޯތެރަޕީ" ފަރުވާއެއްގެ ގޮތުގައި ދިނުމަކީ ވެސް ހުދުބަލި
ކުރިމަތިވުމުގެ ހިރާސް އިތުރުކުރާ ކަމެކެވެ.
ފިކުރުބޮޑުވުމަކީ ހުދުބަލި ހުންނަ މީހުންނަށް ބަލީގެ ހާލަތު އިތުރަށް
ގޯސްވެދާނެ ކަމެކެވެ.
އަލާމާތްތައް
ކުއްލިއަކަށް ނުވަތަ ދޭތެރެއަކުން ހަމުގެ ތަންކޮޅެއް ހުދުވެފައި ހުއްޓައި
ފެނިދާނެ އެވެ. ހުދުވެފައިވާ ހަމުގެ ވަށައިގެން އަދިރި ބޯޑަރެއް ލެވިފައި އިންނާނެ
އެވެ. ރީތިކޮށް ބޭރުކައިރި ފާހަގަވާން ހުރެއެވެ. ހުދުބަލީގެ އަސަރު ބޮޑަށް ކުރަނީ،
މޫނު، އަތް، މުލައްދަނޑި، އުޅަބޮށި، ކަކޫ، އަތްތިލަ، ފައިތިލަ، އަދި ޖިންސީ
ގުނަވަން ހިމެނޭ ހިސާބަށެވެ. ކަނާތް ނުވަތަ ވާތް ފަރާތަށް ވެސް ބަލީގެ
އަސަރުކުރަނީ އެއް ވަރަކަށެވެ. ހަން ހުދުވުން ފިޔަވައި އިތުރު ބަދަލެއް ނާދެއެވެ.
އާންމުކޮށް ކަޅުމީހުންގެ ފުށުން ހުދުބަލި ވަރަށް ފަސޭހައިން ފާހަގަ ކުރެވޭނެ އެވެ.
އާންމު ގޮތެއްގައި ހަން ހުދުވަން ފުރަތަމަ ފާހަގަވަނީ އަންނަނިވި
ހިސާބުތަކުންނެވެ.
·
މޫނު
·
މުލައްދަނޑި
·
އަތްތިލަ
·
ފައިތިލަ
ނަމަވެސް ދުވަސްކޮޅެއްގެ ތެރޭގައި ހަމުގައި އުފެދުނު ހުދު ތިކިތައް ނޫނީ ހުދު
ލައްތައް އަދި ހަމުގައި ނަގާ ހުދު ޕެޗްތައް ބޮޑުވެ، އުފެދި ހަށިގަނޑުގެ އެހެން
ހިސާބުތަކުން ވެސް ފާޅުވާން ފަށާނެ އެވެ. ބައެއް މީހުންގެ ތުންފަތް، ނޭފަތް، އަދި
ކުރިމަތި ފަރާތުގެ ތެތް ދުލިފަށަލަތަކުގެ ގެ ހަމުގެ ކުލަވެސް އަލިވެ، ހުދުވާން
ފަށައިފާނެ އެވެ. ނޫނީ ހުދުވެދާނެ އެވެ. ހުދުބަލީގެ އަސަރު އިސްތަށިތަކަށް ވެސް
ކުރެއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން މާއަވަހަށް އިސްތަށިތައް ނުރަވާން ފަށައެވެ.
ބައެއް މީހުންގެ ލޮލުގެ ކުލަ ވެސް ބަދަލުވާން ފަށައެވެ. އެގޮތުން އަލި
ލައްތައް ލޮލުގެ ކަޅުބައިން ވެސް ފާހަގަވެދާނެ އެވެ. ހުދުބަލީގެ އަސަރު ކަންފަތަށް
ވެސް ކޮށްފާނެ އެވެ. އަދި އެކަމުގެ ސަބަބުން އަޑުއިވުމުގައި މައްސަލަތަކާ
ކުރިމަތިލާން ޖެހިދާނެ އެވެ.
ހުދުބަލީގެ އެންމެ ފާހަގަވާނެ އަލާމާތަކީ ހަމުގެ އެއް ތަންކޮޅެއް ނޫނީ
އެއަށްވުރެ ގިނަ ތަނުގެ ހަމުން އަލިކަމެއް (އާންމުކޮށް ހަމުގެ ކުލަ ހުންނަ
މިންވަރަށްވުރެ ފަޑުވުން) ފާހަގަވުމެވެ. ނަމަވެސް އާންމުކޮށް ފާހަގަވާނެ
އަލާމާތްތައް ތިރީގައި މިވަނީ އެވެ.
(ހ) އާންމުކޮށް ހަން ހުންނަ ވަރަށްވުރެ އަލި ތިކިތައް އަދި
ޕެޗްތައް ހަމުގައި ނެގުން : ހުދުބަލި ޖެހުމުން އެމީހެއްގެ ހަމަށް ކުލަ ގެންނަ
ޕިގްމެންޓް މެނަނިން އުފައްދާ ސެލްތައް މެލާނޯސައިޓް ތަކަށް ގެއްލުން ވެއެވެ. އޭގެ
ނަތިޖާއެއްގެ ގޮތުން ހަމުގައި ހުދު ލައް(ތިކި)ތަކާއި، ޕެޗުތައް ނަގަން ފަށައެވެ.
ހަމުގެ ކޮންމެ ހިސާބެއްގައި ވެސް (ކުރިމަތި ފަރާތުގައި ވެސް) މި ހުދު ލައްތަކާއި
ޕެޗުތައް ނަގައިފާނެ އެވެ.
(ށ) ޕެޗުތައް ހުދުކުލަ އަށް ބަދަލުވުން : ހުދުބަލި ހީވާގީވާ ދުވަސްވަރު ހަމަށް އޭގެ ކުލަ ގެނެސްދޭ ސެލްތައް
ހަލާކުކުރަމުން ދާއިރު އަލިކޮށް ހުރި ޕެޗުތަކުގެ ކުލަ މަޑުމަޑުން ފިޔާތޮށި
ކުލައަކަށް ނޫނީ 3 ކުލަ ހިމެނޭ ގޮތަށް ( އާންމުކޮށް ހިމެނޭ ހަމާއި، ހުދުވެފައިވާ
ހަމާއި ދެމެދު ހަމުގެ ކުލަ ފަނޑުވެފައި ނޫނީ ބަދަލުވެފައި ހުރުން ނުވަތަ ހުދުކުލަ+
ފަޑުއަލިކުލަ، އަދި ހަމުގެ އާންމު ކުލަ ފެންނަށް ހުރުން) ބަދަލުވަމުން ގޮސްފާނެ
އެވެ. ހުދުބަލީގެ ހީވާގިކަން ދިއުމުން ހަން އެއްކޮށް ހުދުވާނެ އެވެ.
(ނ) އަނގަޔާއި ނޭފަތުގައި އަލި ޕެޗުތަކެއް ނެގުން : ހުދުބަލީގެ ސަބަބުން އަނގަ، ތުންފަތް، އަނގަކައިރި، ނޭފަތް އަދި ނޭފަތު
އެތެރޭގެ ކުލަ ހުދުކުލަ އަށް ބަދަލުވެއެވެ. ނޫނީ މިހިސާބުތަކުގެ ހަމުގައި ނޫނީ
ތެތްދުލިފަށަލައިގައި ވެސް ހުދުކުލައިގެ ޕެޗްތަކެއް ނަގައެވެ.
(ރ) ހުދުވެފައިވާ ޕެޗްތައް ހިރުވައި ކެހުން : ހުދުބަލި ހީވާގީ ވާ ދުވަސްވަރު ޕެޗްތައް ހިރުވައި ކެހުމަކީ އެކަށީގެންވާ
ކަމެކެވެ. އެހެން ނޫނީ މިޕެޗުތައް ނޫނީ ލައްތަކުގެ ސަބަބުން މާބޮޑު އުދަނގޫތަކެއް
އިހުސާސެއް ނުވާނެއެވެ.
(ބ) އިސްތަށިތައް ހުދުވުން ނޫނީ ނުރަވުން : ހުދުބަލި ޖެހުމަކީ އިސްތަށިތަކުގެ ކުލަ ހުދުވާނެ ކަމެކެވެ. ހަމުގެ ހިސާބެއް
ހުދުވުމުން އެހިސާބުގެ އިސްތަށިތައް ވެސް ހުދުވާނެ އެވެ. ހުދުބަލީގެ ސަބަބުން
އިސްތަށިތައް މާއަވަހަށް ނުރަވުމަކީ އެކަށީގެންވާ ކަމެކެވެ.
(ޅ) އެސްފިޔަ، ބުމަ، ތުބުޅި، އަދި
ބޮލުގެ އިސްތަށިތަކުން ބައެއް ހުދުވުން : އެސްފިޔަތަކުން ބައެއް ނޫނީ
ހުރިހާ އެސްފިޔަތަކެއް ، ބުމައިން ބައެއް ނޫނީ މުޅި ބުމަ އެއްކޮށް އަދި ބޮލުން
ބައެއްގެ އިސްތަށިތަކުން ބައެއް ހުދުވުމަކީ ނޫނީ ބޮލުގެ އިސްތަށިތަކުގެ ތެރޭގައި
ހުދު އިސްތަށި ހުރުމަކީ ހުދުބަލި ޖެހުމުން
ވެދާނެ ގޮތެކެވެ.
ދިމާވެދާނެ ނުރައްކާތައް ނޫނީ މައްސަލަތައް
(ހ) ބީރުވުން : މެލާނޯސައިޓް އަކީ ހަން،ލޯ،
އަދި އިސްތަށިތަކަށް އޭގެ ކުލަ ގެނެސްދޭ މެލަނިން ދޫކުރާ ސެލްތަކެވެ. ކަންފަތުގެ
އެންމެ އެތެރޭގައި ވެސް މިސެލްތައް ހުރެއެވެ. ހުދުބަލި ޖެހުމުން ދިފާޢީ ނިޒާމުން
މިސެލްތަކަށް ހަމަލާ ދެއެވެ. އެގޮތުން ކަންފަތުގެ އެންމެ އެތެރޭގައި ހުންނަ މިލާނޯސައިޓް
ތަކަށް ދިފާޢީ ނިޒާމުން ހަމަލާ ދީފިނަމަ، ބީރުވުން ކުރިމަތިވުމަކީ އެކަށީގެންވާ
ކަމެކެވެ.
(ށ) ލޮލުގެ ކުލަ ބަދަލުވުން : ހުދުބަލީގެ އަސަރު
ލޮލަށް ކޮށްފިނަމަ ލޮލުގެ ކުލަ ބަދަލުވުމަކީ އެކަށީގެންވާ ކަމެކެވެ. ލޮލަށް
ހުދުބަލީގެ އަސަރު ކުރުމުން ލޮލުގެ ފެނުމަށް އަސަރުކުރުމަކީ ވެސް އެކަށީގެންވާ
ކަމެކެވެ.
(ނ) ހަމުގައި ނަގާ ލައްތަކާއި ޕެޗުތައް އަވިން އެނދުން : ހުދުވެފައިވާ ހަމަކީ އިރުގެ އައްޔަށް ވަރަށް ނާޒުކު ނޫނީ ހައްސާސީ
އެއްޗެކެވެ. އެހެންކަމުން މިފަދަ ހަން ވަރަށް ފަސޭހައިން އިރުގެ އަވި ޖެހުމުން
އަނދާގޮތް ވެއެވެ. މިގޮތަށް ހުދުވެފައިވާ ހިސާބު އަވިން އެނދުމަކީ އިތުރަށް ހަން
ހުދުވުން ނޫނީ ހަމުގައި ޖެހިގެން ހުރި ހިސާބު ހުދުވުން ކުރިމަތިވާނެ ކަމެކެވެ.
(ރ) ދިރިއުޅުމަށް އަސަރުކުރުން : ހުދުބަލި
ކުރިމަތިވުމަކީ އެމީހެއްގެ ދިރިއުޅުމަށް އޭގެ ނޭދެވޭ އަސަރު ކުރާ ކަމެކެވެ.
ނަފްސާނީ ދުޅަހެޔޮކަމާއި ޖަޒުބާތީ ޝުޢޫރުތައް އެމީހެއްގެ ފުށުން ފާޅުވުމަކީ
އެކަށީގެންވާ ކަމެކެވެ. އެގޮތުން ފާހަގަވެދާނެ ކަންތައްތައް ތިރީގައި މިވަނީ އެވެ.
·
އަމިއްލަ ނަފުސާމެދު ކަންބޮޑުވުން
·
ހާސްވެކަންބޮޑުވުން
·
މާޔޫސްވެ މޮޅިވެރިވެ
ދެރަވުން
·
ހިތްހަމަނުޖެހުން
·
ރުއްކުރުވެ،
ފަސޭހައިން ރުޅިއައުން
·
ނުތަނަވަސްވުން
·
އެކަނިވެރިކަން
އިހުސާސްވުން
·
އެކަނިވެރިކަން
ޚިޔާރުކުރުން
ދެނެގަތުން
އާންމު ގޮތެއްގައި ހުދުބަލި ދެނެގަންނަނީ ބޭރު ފުށުން ޑޮކްޓަރުން ބަލާ
ބެލުންތަކުންނެވެ. މިގޮތަށް ބަލާއިރު ޑޮކްޓަރުން ބޭނުންކުރާނީ އަލްޓްރާ ވައިލެޓް
ލައިޓް އެކުލެވޭ ވޫޑްސް ލޭމްޕް އެކެވެ. މިލޭމްޕް ބޭނުންކޮށްގެން ބެލުމުން ހުދު
ބައްޔާއި، ހަމުގެ އެހެން ހާލަތްތަކާއި ނޫނީ ބަލިތަކާއި ދެމެދު ހުންނަ ތަފާތު
ދެނެގަނެވޭނެ އެވެ. އާދައިގެ ބައްތިއެއް ނޫނީ ޓޯޗަކުން ބެލުމުން ތަފާތު ނުފެނިދާނެ
އެވެ. ނަމަވެސް މިކަމަށް ޚާއްޞަ ލައިޓެއް ބޭނުންކުރުމުން ތަފާތު ވަކިކުރެވޭނެ
އެވެ.
ވޫޑް ލޭމްޕް ޓެސްޓުން ހުދުބަލި ކަމަށް ދައްކާނަމަ ފަހަރުގައި ލޭގެ ޓެސްޓުތައް
ހަދަން އިރުޝާދު ދީފާނެ އެވެ. އެގޮތުން ހުދު ބައްޔާއި އެކު އެހެން އުޓޯއިމިއޫން
ބަލިތައް ޖެހުމުގެ ފުރުޞަތު އޮންނާތީ ތައިރޮއިޑް ގެ މައްސަލަ އެއް ހުރިތޯ ލޭގެ
ޓެސްޓު ކޮށްގެން ބަލާނެ އެވެ.
ފަރުވާ
ހުދު ބައްޔަކީ ފަރުވާ ކުރަން އުނދަގޫ ބައްޔެކެވެ. މިއީ އެއްކޮށް
ރަނގަޅުކުރެވޭ ބައްޔެއް ނޫނެވެ. ހުދުބައްޔަށް ފަރުވާ ކުރުމުގައި ޑޮކްޓަރުން
އަމާޒުކުރަނީ މައިގަނޑު 2 ކަމަކަށެވެ. އެއީ ބީވެގެންދިޔަ ހަން އަލުން އިއާދަކުރުން
އަދި ހުދުކުލައިގެ ލައްތަކާއި ޕެޗްތައް އިތުރަށް ބޮޑުވިޔަނުދިނުމާއި އާޕެޗްތައް
އިތުރަށް އުފެދުނަ ނުދިނުމެވެ.
މިއީ ހުދުބައްޔަށް ވަކި ރަނގަޅު ނޫނީ ވަކި ޚާއްޞަ ފަރުވާއެކޭ ބުނެވޭނެ
ފަރުވާއެއް ނޯވެއެވެ. ކޮންމެ މީހަކަށް ވެސް އެންމެ އެކަށޭނަ ރަނގަޅު ފަރުވާ
ކަނޑައަޅާނީ ޑޮކްޓަރުން ބަލާ ބެލުންތަކަށް ފަހުގައެވެ. އެގޮތުން ފަރުވާ
ކަނޑައެޅުމުގައި ރިޢާޔަތްކުރާނެ ކަންތައްތަކުގެ ތެރޭގައި އުމުރު، އާންމު ޞިއްޙީ
ހާލަތު، ހުދުބަލީގެ އަސަރުކޮށްފައިވާ މިންވަރު، ކުރިމަތިވެފައިވާ ހުދުބަލީގެ
ވައްތަރު، ހުދުބަލި ނަގާފައިވާ ހިސާބު ފަދަ ކަންތައްތައް ހިމެނެއެވެ. ހުދުބަލީގެ
ފަރުވާގައި ދެވޭ ބޭސްތަކާއި ކުރެވޭ ކަންތައްތަކަކީ އޭގެ ނޭދެވޭ އަސަރު ބޮޑު ކަންކަމަށްވާތީ
ޑޮކްޓަރުން ފުރަތަމަ ލަފާދެނީ ހަންގަނޑު ޓޭން ވާނެ އުފެއްދުންތަކާއި، މޭކަޕް ފަދަ
ކަންކަން ކޮށްގެން ހަމުގެ ހުންނަ ތަފާތު ނައްތާލައި، އެކަމަށް ހައްލެއް ލިބޭތޯ
މަސައްކަތްކުރުމަށެވެ. ނަމަވެސް ޑޮކްޓަރުން ބޭސް، އޮޕަރޭޝަން ، ނޫނީ ލައިޓް
ތެރަޕީގެ ވައްތަރެއް ބޭނުންކޮށްގެން ފަރުވާކުރަން ނިންމިޔަސް، އޭގެ ފައިދާ އެނގޭ
ވަރުވާނީ ދެތިން މަހެއް ވަންދެން ފަރުވާ ކުރިޔަށް ގެންދިއުމުންނެވެ. އެމީހަކަށް
އެންމެ ރަނގަޅު ފަރުވާއަކީ ކޮބައިތޯ ބެލުމަށް އެއް ފަރުވާ އެއް ވަކިވަކިން ނޫނީ
އެތަކެއް ވައްތަރުގެ ފަރުވާއެއް އެއްކޮށް އެއްފަހަރާ ވެސް ކުރިޔަށް ގެންދަން
ޖެހިދާނެ އެވެ.
ހުދުބައްޔަށް އާންމުކޮށް ދެވޭ ނޫނީ ދީއުޅޭ ފަރުވާތައް ތިރީގައި މިވަނީ އެވެ.
ބޭސް ބޭނުންކުރުން
ވިޓިލައިގޯގެ ޕްރޮސެސް (ޕިގްމެންޓް ސެލްތައް ބީވެގެންދިއުން) ހުއްޓުވޭނެ
ބޭހެއް ނުހުރެއެވެ. ނަމަވެސް ބައެއް ބޭސްތައް އެކަނި ބޭނުންކުރުމުން ނޫނީ ލައިޓް
ތެރަޕީ އާއެކު ބޭނުންކުރުމުން ހުދުވެފައިވާ ހަން އަނބުރާ އާންމު ހާލަތަށް
ބަދަލުވެއެވެ.
·
އިންފްލެމޭޝަން
ކޮންޓްރޯލްކުރާ ބޭސްތައް : އެގޮތުން ކޯޓިކޯސްޓީރޮއިޑް ކްރީމް ހުދުބަލީގެ
އަސަރު ހުރި ހަމުގައި އުގުޅުމުން ހުދުވެފައިވާ ހަން އަނބުރާ އާންމު ހާލަތަށް ނޫނީ
އާންމުކޮށް ހުންނަ ހަމުގެ ކުލައަށް ބަދަލުވުމަކީ އެކަށީގެންވާ ކަމެކެވެ. މިބޭހުގެ
ފައިދާ އެންމެބޮޑީ ހުދުވަން ފަށާތާ ކުރީކޮޅު ބޭނުންކުރެވިއްޖެނަމަ އެވެ. މިއީ
ވަރަށް ފައިދާހުރި އަދި ބޭނުންކޮށްލަން ފަސޭހަ ފަރުވާއެކެވެ. ނަމަވެސް މީގެ ފަރުވާ
ދޭތާ ހައެއްކަ މަސް ފާއިތުވެދާއިރު ވެސް އެއްވެސް ތަފާތެއް ފާހަގަ ނުކުރެވިދާނެ
އެވެ. މިބޭޙުގެ ނޭދެވޭ އަސަރުތަކުގެ ތެރޭގައި ހަން ތުނިވުން އަދި ހަމުގައި
ރޮނގުތަކެއް ފާޅުވުން ފަދަ ކަންތައްތައް ހިމެނެއެވެ. ކުޑަކުދިންނާއި، ވަރަށް
ބޮޑަށް ހަންހުދުވެފައިވާ މީހުންނަށް މިބޭހުގެ ތަންކޮޅެއް ބާރުދަށް ފޯރމް
ދީއުޅެއެވެ. ވަރަށް އަވަހަށް ހަން ހުދުވަމުން ދާނަމަ ކޯޓިކޯސްޓީރޮއިޑް
އިންޖެކްޝަން ނޫނީ ގުޅަބޭސް ބޭނުންކުރަން ޖެހިދާނެ އެވެ.
·
ދިފާޢީ
ނިޒާމަށް އަސަރުކުރުވާ ބޭސްތައް : މިފަދަ ބޭސްތަކުގެ ތެރޭގައި "ކެލްސިނިއުރިން
އިންހިބިޓަރ" ގެ ގޮތުގައި ބެލެވޭ " ޓެކްރޯލިމަސް" އަދި
"ޕިމެކްރޯލިމަސް" ފަދަ ބޭސްތައް ހިމެނެއެވެ. މިބޭސްތައް އެންމެ
އާންމުކޮށް ދެނީ ތަންކޮޅެއް ކުޑަ ސަރަހައްދެއްގެ ހަން ހުދުވެފައިވާ ނަމަ އެވެ.
ޚާއްޞަކޮށް މޫނާއި ކަދުރާ ފަދަ ހިސާބުތަކުގައި ހަން ހުދުވެފައިވާނަމަ އެވެ.
ތަފާތު ފަރުވާތައް
·
ލައިޓް
ތެރަޕީ : ލައިޓް ތެރަޕީ ނެރޯވް ބޭންޑް އަލްޓްރާ ވައިލެޓް ބީ އަށް
ހުދުވެފައިވާ ހަން ހުށަހެޅެއެވެ. މީގެ ސަބަބުން ހުދުވެފައިވާ ހަން އާންމު ހަމަށް
ބަދަލުވުމުގެ ފުރުޞަތު އޮވެއެވެ. ހަމުގެ ބޮޑުބައެއް ހުދުވެފައިވާނަމަ
"ފޮޓޯތެރަޕީ" ފަރުވާގެ ގޮތުގައި ޚިޔާރުކުރަން ޖެހިދާނެ އެވެ.
ފޮޓޯތެރަޕީގައި ހުދުވެފައިވާ ހަން ވަކި ވަގުތެއް
ވަންދެން އަލްޓްރާ ވައިލެޓް ލައިޓް އަށް ހުށަހެޅެއެވެ. ކޮންމެ މީހަކަށް ވެސް
އެންމެ އެކަށޭގަނަ ވަގުތު ކަނޑައަޅާނީ ޑޮކްޓަރުންނެވެ. ފޮޓޯތެރަޕީ ނަގަނީ ލައިޓް
ބޮކްސް އެއްގެ ތެރޭގައި ބަލިމީހާ ކޮށްޅަން ހުރެގެންނެވެ.
ހަށިގަނޑުގެ ވަކި ހިސާބަކަށް އަމާޒުކޮށްގެން ފަރުވާ
ދޭނަމަ ބޭނުންކުރަނީ ލޭޒަރ ތެރަޕީ އެވެ. ލޭޒަރ ފަރުވާ އަމާޒުކުރަނީ ހަމުން
ހުދުވެފައިވާ ތަންކޮޅަށް އެކަންޏެވެ. މިގޮތަށް ހެދުމުން ހުދުނުވެ ހުންނަ ހިސާބަށް
ލޭޒަރ ގެ އަސަރު ކުރުން ކުޑަވާނެއެވެ.
މޫނާއި ކަދުރާގެ ހަން ހުދުވެފައިވާ ނަމަ އެންމެ
ރަނގަޅީ ލައިޓް ތެރަޕީ ގެ ފަރުވާ ދިނުމެވެ. ނަމަވެސް ތުންފަތާއި، އަތްފައިގެ
އިގިލިތަކުގެ ކޮޅު ހުދުވުން ފަދަ ހާލަތްތަކުގައި ލައިޓް ތެރަޕީ އިން މާބޮޑު
ކުރިއެރުމެއް ނުލިބިދާނެ އެވެ.
ލައިޓް ތެރަޕީ އަކީ ވަރަށް ލަހުން އޭގެ އަސަރު
ފެންނަ ފަރުވާ އެކެވެ. ނޫނީ ވަރަށް ލަސްލަހުން މަސައްކަތްކުރާ ފަރުވާ އެކެވެ.
ހުދުވެފައިވާ ހަން ތަންކޮޅެއް އަވަހަށް އާންމު ހާލަތަކަށް ގެންނަން ބޭނުންވާނަމަ
ލައިޓް ތެރަޕީ އާއެކު ބޭސް ބޭނުންކުރުމަށް ޑޮކްޓަރުން ލަފާދެއެވެ.
ލައިޓް ތެރަޕީގެ ފަރުވާ ހަފްތާއަކު 3-2 ފަހަރު
ކުރިޔަށް ގެންދަން ޖެހިދާނެއެވެ. ވަރަށް ބޮޑު ސަރަހައްދެއް ހުދުވެފައިވާނަމަ
ފަރުވާ ގައި އަލްޓްރާ ވައިލެޓް އޭ ލައިޓް އާއެކު ސޮރަލީން(PUVA) ބޭނުން ކުރެވެއެވެ. ފަހުން މިބުނެވުނު ފަރުވާ
އަކީ ބޯ، ކަދުރާ، ބުރަކަށި އަދި އަތްފައި ގައި ހުދުވެފައިވާ ނަމަ ދެވިދާނެ ރަނގަޅު
ފަރުވާއެކެވެ.
·
ކެމަފްލޭޖް
ތެރަޕީ : މިފަރުވާގައި އެސްޕީއެފް 30 ނުވަތަ އެއަށްވުރެ މަތި
ސަންސްކްރީން ބޭނުން ކުރެވެއެވެ. ސަންސްކްރީންގައި އަލްޓްރާ ވައިލެޓް ބީ ލައިޓް(UVB) އަދި
އަލްޓްރާ ވައިލެޓް އޭ(UVA) ލައިޓް ހިމެނެންޖެހޭނެ އެވެ.
ސަންސްކްރީން ބޭނުންކުރުމުން ހަން ޓޭންވުން ކުޑަކުރެއެވެ. މިހެންވުމުން
ހުދުވެފައިވާ ހަމާއި، ތަބީޢީ ހަމާއި ދެމެދު ހުންނަ ފަރަގު ފާހަގަވުން
ކުޑަވާނެއެވެ. ހުދުވެފައިވާ ހަން ކެމަފްލޭޖްކުރަން މޭކަޕް ވެސް ކުރެވިދާނެ އެވެ.
އެގޮތަށް ބޭނުންކުރެވޭ އުފެއްދުންތައް ތައްޔާރުކޮށްގެން ނެރެފައި ވެސް ހުރެއެވެ.
ހުދުބަލީގެ އަސަރު އިސްތަށި ތަކަށް ކޮށްފައިވާނަމަ އިސްތަށިތައް ޑައި ކުރެވެއެވެ.
·
ޑިޕިގެމެންޓޭޝަން
ތެރަޕީ : މީގެ މާނައަކީ ހަމުން އެއްކޮށް ޕިގެމެންޓްގެ އަސަރު
ދުއްވާލުމެވެ. ނޫނީ ހަންގަނޑު އެއްކޮށް ހުދުކޮށްލުމެވެ. ނުވަތަ ހުދުވެފައިވާ
ހިސާބެކޭ އެއްގޮތަށް ހުދުނުވެ ހުރި ހިސާބު ހުދުކޮށްލުމެވެ. މިއީ ވަރަށް ބޮޑަށް
ހުދުވެފައިވާނަމަ ހުދުނުވެ ހުންނަ ތަންތަންކޮޅު ނޫނީ ހިސާބު ހުދުވެފައިވާ ހިސާބާއި
އެއްގޮތް ކޮށްލުމަށް ދެވޭ ފަރުވާ އެކެވެ. މިފަރުވާގައި އެންމެ އާންމުކޮށް
ބޭނުންކުރަނީ "މޮނޯބެންޒީން" ކިޔާ ބޭހެކެވެ. މިބޭސް އުގުޅަނީ ހަމައެކަނި
ހަމުން ހުދުނުވެ ހުންނަ ހިސާބުތަކުގައެވެ. އޭރުން އެހިސާބުތައް ވެސް ހުދުވާނެ
އެވެ.
·
ރިޕިގްމެންޓޭޝަން
ތެރަޕީ : މިފަރުވާ ބޭނުންކޮށްގެން ވެސް ހުދުވެފައިވާ ހަން ތަބީޢީ
ހަމެކޭ އެއްގޮތް ކުރެވެއެވެ. އާންމު ގޮތެއްގައި މިފަރުވާގައި ބޭނުންކުރެވެނީ ކާ
ބޭހުގެ ގޮތުގައި ނޫނީ އުގުޅާ ބޭހުގެ ގޮތުގައި ހުންނަ ކޯޓިކޯސްޓީރޮއިޑް އެވެ. މީގެ
ނަތިޖާ ފެންނަށް ގާތްގަނޑަކަށް 3 މަސްވަރު ހޭދަވާނެ އެވެ. އަދި މީގެ ނޭދެވޭ
އަސަރުތަކުގެ ތެރޭގައި ހަން ތުނިވުމާއި، ހަމުގައި ރޮނގުތަކެއް ފާޅުވުން
ހިމެނެއެވެ.
އޮޕަރޭޝަންކުރުން
އެހެން ފަރުވާތަކުން އެދެވޭ ނަތީޖާއެއް ނުލިބިއްޖެނަމަ އޮޕަރޭޝަން ކުރުމަކީ
ވެސް ކުރެވިދާނެ ކަމެކެވެ. ހުދުބަލީގެ ފަރުވާގައި ދެވައްތަރެއްގެ އޮޕަރޭޝަން ކުރެވެއެވެ.
·
ހަންކޮޅެއް
އިންދުން : މިފަރުވާގައި ދުޅަހެޔޮ ހަން ހުރި ހިސާބަކުން ހަންކޮޅެއް
ނަގައި، ހުދުވެފައިވާ ހިސާބުގައި އިންދައެވެ.
·
ސެލް
ޓްރާންސްޕްލާންޓްކުރުން : މިފަރުވާގައި ދުޅަހެޔޮކޮށް ހުރި ހިސާބަކުން
ހަންކޮޅެއް ނެގުމަށްފަހު އެހަންކޮޅުން ސެލްތަކެއް ވަކިކުރެއެވެ. އެއަށްފަހު
ހުދުވެފައިވާ ހަމުގެ ތެރެއަށް މިސެލްތައް ލެވެއެވެ. މިގޮތަށް ލެވޭ ސެލްތަކުން ހަން
ދިރި ރީތި ހަންގަނޑެއް އުފެދެން ގާތްގަނޑަކަށް 6 މަސްވަރު ނަގާނެ އެވެ. ނަމަވެސް
ބައެއް ފަހަރު މިގޮތަށް ރީތި ހަން އުފެދެން 12 މަސް ވަރު ވެސް ނަގައިފާނެ އެވެ.
މިއީ ކޮންމެ ވައްތަރެއްގެ ހުދުބައްޔެއް ހުއްޓަސް ދެވިދާނެ ފަރުވާ އެކެވެ. ނަމަވެސް
ކޮންމެ ކޮންމެ މީހަކަށް މިފަރުވާ ނުދެވިދާނެ ކަން ނޫނީ ނުނެގިދާނެކަން
ހަދާންކުރަން ޖެހެއެވެ.
ނޯޓް : މިއީ މައުލޫމާތު ފެތުރުމުގެ ނިޔަތުގައި ލިޔެފައިވާ
ލިޔުމެކެވެ.
ހަވާލާ
·
https://www.aad.org/public/diseases/a-z/vitiligo-overview
·
https://my.clevelandclinic.org/health/diseases/12419-vitiligo
·
https://www.mayoclinic.org/diseases-conditions/vitiligo/symptoms-causes/syc-20355912#
No comments:
Post a Comment