މުހިއްމު ސަފުހާތައް

Saturday, July 23, 2022

މާބަނޑު ދުވަސްވަރު : ބަލިވެއިނުން ވިހަވުން

މާބަނޑު ދުވަސްވަރު : ބަލިވެއިނުން ވިހަވުން

ބަލިވެއިނުން ވިހަވުމަކީ މާބަނޑު ދުވަސްވަރު ދިމާވާ ލޭމައްޗަށްދިއުމުގެ ވައްތަރެކެވެ. މާބަނޑު ދުވަސްވަރު ލޭމައްޗަށް ދިއުމަކީ ވަރަށް ގިނަ މީހުންނަށް ދިމާވާ ކަމެކެވެ. މާބަނޑު ދުވަސްވަރު ލޭމައްޗަށް ދިއުމުގެ ތަފާތު ވައްތަރުތައް ހުރެއެވެ. އެގޮތުން ފާހަގަކުރެވޭ ވައްތަރުތައް ތިރީގައި މިވަނީ އެވެ.

1. މާބަނޑުވުމުން ލޭމައްޗަށްދިއުން (gestational hypertension): މާބަނޑުވުމުން ލޭމައްޗަށްދިއުމަކީ މާބަނޑުވުމުގެ ކުރިން ލޭގެ ޕްރެޝަރު ރަނގަޅަށް ހުރެފައި، ބަނޑަށް 20 ހަފްތާ ފުރުނުފަހުން ފުރަތަމަ ފަހަރަށް ލޭގެ ޕްރެޝަރު ހުންނަށްޖެހޭ މިންވަރަށްވުރެ (90/140މމމއަށްވުރެ) މަތިވުމެވެ. މިވައްތަރުގައި ކުޑަކަމުނަޖިހުގައި ޕްރޮޓީން އިތުރެއް ނުވާނެއެވެ. އަދި ގުނަވަންތަކަށް ވެސް ގެއްލުމެއް ނުވާނެއެވެ. މާބަނޑުވުމުން ލޭމައްޗަށްދާ ބައެއް މީހުންނަށް ފަހަރުގައި ބަލިވެއިނުން ވިހަވުން ކުރިމަތިވުމަކީ އެކަށީގެންވާ ކަމެކެވެ.

2. ދާއިމީ ލޭމައްޗަށްދިއުން (chronic hypertension): މިއީ ބަނޑަށް 20 ހަފްތާވުމުގެ ކުރިން ވެސް ލޭމައްޗަށް ގޮސްފައިވުމެވެ. ނޫނީ މާބަނޑުވުމުގެ ކުރިން ވެސް ލޭމައްޗަށް ދިއުން ހުރުމެވެ. ނަމަވެސް ލޭމައްޗަށްދިއުމަކީ އާންމުކޮށް އަލާމާތްތަކެއް ފެންނަ ކަމަކަށްނުވާތީ ލޭމައްޗަށްދާން ފެށީ ކޮންއިރަކުކަން ކަނޑައަޅަން އުދަނގޫވެދާނެ އެވެ. މިވައްތަރުގެ ލޭމައްޗަށްދިއުން ހުރުމަކީ ފަހުކޮޅު ބަލިވެއިނުން ވިހަވުން ކުރިމަތިވުމުގެ ހިރާސް އިތުރުކުރާ ކަމެކެވެ.

3. ބަލިވެއިނުން ވިހަވުން (preeclampsia): ބަލިވެއިނުން ވިހަވުން މާނަކުރެވެނީ ބަނޑަށް 20 ހަފްތާ ފަހުން ލޭގެ ޕްރެޝަރ މައްޗަށް ދިއުމަށެވެ. މިކަމުގެ ސަބަބުން  ލޭމަތިވުމުގެ އިތުރުން، ހަށިގަނޑުގައި ފެންޖަމާވެ، ފޮއްސިވެ، ކުޑަކަމުދާ ތަކެތީގައި ޕްރޮޓީން ހުރިކަން ފާހަގަ ވާނެ އެވެ. ގުނަވަނަށް ތަކަށް މިސާލަކަށް ފުރަމޭ، ގުރުދާ، ލޭ، އަދި ސިކުނޑިއަށް ގެއްލުންވާނެ އެވެ. ފަރުވާނުކޮށް ދޫކޮށްލައިފިނަމަ ބައެއް ފަހަރު ފިޓުޖެހުން ފަދަ ކަމެއް ދިމާވުމަކީ އެކަށީގެންވާ ކަމެކެވެ.

ލޭގެ ޕްރެޝަރު

ލޭގެ ޕްރެޝަރަ(blood pressure)ކީ ލޭހޮޅިތަކުގެ ތެރޭގައި ލޭދައުރުވާ ބާރުމިނެވެ. ހަށިގަނޑުގައި ލޭދައުރުވުމަށް ލޭހޮޅިތަކުގެ ތެރޭގައި ލޭގެ ޕްރެޝަރު އެކަށޭނަ މިންވަރެއްގައި ހުންނަންޖެހެއެވެ. ލޭގެ ޕްރެޝަރު މިންކުރަނީ މިލިމީޓަރު މާކަރީ(mmHg)  އިންނެވެ. ލޭގެ ޕްރެޝަރު ބަލާއިރު ދެ ނަންބަރެއް ފާހަގަވާނެއެވެ. އެއީ މަތީގައި ލިޔެފައި އޮންނަ ނަންބަރަކާއި، ތިރީގައި ލިޔެފައި އޮންނަ ނަންބަރެކެވެ. މިސާލަކަށް ލޭގެ ޕްރެޝަރަކީ 80/120 ކަމަށް ބަލަމާ ހިނގާށެވެ. މިތަނުން މަތީގައި އޮތް ނަންބަރަކީ ހިތުން ހަށިގަނޑުގެ ބައިތަކަށް ލޭފޮނުވާލުމަށް ހިތް ކުރުގެޅޭ ވަގުތު(contraction) ގައި ލޭހޮޅިތަކުގައި ލޭދައުރުވާ ބާރުމިން(systolic)  އެވެ. ތިރީގައި އޮތް ނަންބަރަކީ ހިތް އަނބުރާ ހަމައަކަށް އެޅޭ ހިނދު(relaxation)  ލޭހޮޅިތަކުގައި ލޭދައުރުވާ ބާރުމިން(diastolic)  އެވެ.

މާބަނޑުއިރު ލޭގެ ޕްރެޝަރުގެ މިންތައް ރިޢާޔަތްކުރާގޮތްތައް ތިރީގައި މިވަނީ އެވެ.

·         ހުންނަށްޖެހޭ އެދެވޭ މިންވަރު : 80/120މމމ އަށް ވުރެ ދަށުގައި

·         އާދައިގެ މިންވަރަކަށް ލޭމަތި : 90/140މމމ އަށްވުރެ މަތީގައި

·         ނުރައްކާތެރި މިންވަރަކަށް ލޭމަތި : 110/160މމމ އަށްވުރެ މަތީގައި

ނޯޓް : މާބަނޑު ނޫން މީހުންނަށް ލޭމައްޗަށް ދިއުން ކަނޑައެޅުމުގައި މި ނަންބަރުތައް ތަފާތުވުމަކީ އެކަށީގެންވާ ކަމެކެވެ.

ނޯޓް : މިލިޔުމުގައި ބޮޑަށް އަލިއަޅުވާލެވިފައިވާނީ ބަލިވެއިނުން ވިހަވުން(preeclampsia)  މިމައުޟޫއަށެވެ.

މާބަނޑު ދުވަސްވަރު : ބަލިވެއިނުން ވިހަވުން

ބަލިވެއިނުން ވިހަވުން(preeclampsia) ނިސްބަތް ކުރެވެނީ ބަލިވެއިނުމަށް ފަހު 20 ހަފްތާ ފަހުން ލޭގެ ޕްރެޝަރ މައްޗަށް ދިއުމަށެވެ. މިކަމުގެ ސަބަބުން  ލޭމަތިވުމުގެ އިތުރުން، ހަށިގަނޑުގައި ފެންޖަމާވެ، ފޮއްސިވެ، ކުޑަކަމުދާ ތަކެތީގައި ޕްރޮޓީން ހުރިކަން ފާހަގަ ވާނެ އެވެ.

މާބަނޑު ދުވަސްވަރު ލޭމައްޗަށްދިއުމަކީ މާބަނޑު ދުވަސްވަރު ދިމާވާ ނުރައްކާތެރި، ސަމާލުކަންދޭންޖެހޭ ޞިއްޙީ މައްސަލަތަކުގެ ތެރެއިން މައްސަލައެކެވެ. މިކަމަށް ބަލިވެއިނުން ވިހަވުން ވެސް ކިޔައި އުޅެއެވެ. ބަލިވެއިނުން ވިހަވުމުން ފާހަގަވާނެ ކަންތައްތަކުގެ ތެރޭގައި ލޭގެ ޕްރެޝަރު މަތިވުން ނޫނީ ލޭމައްޗަށްދިއުން، ކުޑަކަމުނަޖިހުގައި ޕްރޮޓީން ގިނަވުން، އަދި ގުނަވަންތަކަށް މިސާލަކަށް ލޭ، ގުރުދާ،ސިކުނޑި، އަދި އެހެނިހެން ގުނަވަންތަކަށް އެކަމުގެ އަސަރު ފޯރައެވެ. އޭގެ ސަބަބުން ފިޓްޖެހުން ފަދަ ނުރައްކާތެރި ކަމެއް މެދުވެރި ވުމަކީ ވެދާނެ ގޮތެކެވެ. މީގެ އިތުރުން ހަށިގަނޑުގައި ފެންޖަމާވެ، އަތްފައި އަދި މޫނު ދުޅަވެ، ފޮއްސިވާ ގޮތް ވެއެވެ. ފަރުވާނުކޮށް ދޫކޮށްލައިފިނަމަ، މަންމައާއި ކުޑަ ދަރިފުޅަށް ތަފާތު ގެއްލުންތައް ކުރިމަތިވުމަކީ އެކަށީގެންވާ ކަމެކެވެ.


ބަލިވެއިނުން ވިހަވުން ކުރިމަތިވެފައިވާނަމަ އާންމުކޮށް ވިހާ ވަރަށްވުރެ އަވަހަށް ވިހެއުމަށް ލަފާދީފާނެ އެވެ. ނޫނީ ދުވަސް ނުފުރެނީސް ވިހެއުމަށް ބާރުއަޅައިފާނެ އެވެ. ވިހެއުމުގެ ދުވަސް ނޫނީ ވަގުތު ކަނޑައަޅަނީ ބަލިވެއިނުން ވިހަވުން ކުރިމަތިވެފައިވާ މިންވަރާއި، ބަނޑަށްވީ ދުވަހެއްގެ މައްޗަށެވެ. ބައެއް ފަހަރު ވިހެއުމަށްފަހު ވެސް ލޭގެ ޕްރެޝަރު މަތީގައި ހުރެދާނެއެވެ. މިހާލަތަށް ކިޔަނީ "ޕޯސްޓް ޕާޓަމް ޕްރީއެކްލެމްސިއާ"(postpartum preeclampsia) އެވެ.

ސަބަބު

ބަލިވެއިނުން ވިހަވުން ކުރިމަތިވަނީ ކަނޑައެޅިގެން ވަކި ސަބަބެއް މެދުވެރިވެގެން ކަމެއް އަދި ހޯދިފައެއް ނުވެއެވެ. ކޮންމެ 80އިންސައްތަ މާބަނޑު އަންހެނުންނަށް މިމައްސަލަ ކުރިމަތިވާކަން ފާހަގަކުރެވިފައި ވެއެވެ. އާންމުގޮތެއްގައި މިމައްސަލަ ކުރިމަތި ވަނީ އަލަށް ބަލިވެ އިންނަ ފަހަރު އެވެ. ލޭގެ ޕްރެޝަރ މައްޗަށް ދިއުން، ހަކުރުބަލި، ގުރުދާގެ ބަލިތައް ހުންނަމީހުން، އަދި އެއްކުއްޖަކަށްވުރެ ގިނަކުދިން ބަނޑުގައިވާ މީހުންނަށް ބަލިވެއިނުން ވިހަވުން ކުރިމަތިވުމުގެ ފުރުސަތު ބޮޑެވެ.

ބަލިވެއިނުން ވިހަވުން ކުރިމަތިވަނީ ވަރަށް ގިނަ ކަންތައްތައް އެކުވެ ލާމެހިގެން ކަމަށް ބެލެވެއެވެ. އެގޮތުން ތަޖުރިބާކާރުން ގަބޫލުކުރައްވާ ގޮތުގައި މިކަން ފެށިގެން އަންނަނީ ވާމަސް ނުވަތަ ރަހިމުގައި މައިމީހާއާއި ދަރިފުޅު ގުޅުވައިދޭ ނުވަތަ ކުޑަ ދަރިފުޅަށް ބޭނުންވާ ކާނާ މައިމީހާގެ ފުށުން ދަރިފުޅަށް ގެންގޮސްދޭ މަހުންނެވެ. މާބަނޑުވާތާ ކުރީކޮޅު އާ ލޭހޮޅިތައް އުފެދެއެވެ. އަދި މި ލޭހޮޅިތަކުން ކާނާ އާއި އޮކްސިޖަން މަހަށް ފޯރުކޮށް ދެއެވެ.

ބަލިވެއިނުން ވިހަވުން ކުރިމަތިވާ މީހުންނަށް މި ލޭހޮޅިތައް ރަނގަޅަށް ނުއުފެދެއެވެ. ނޫނީ ރަނގަޅަށް މަސައްކަތެއް ނުކުރެއެވެ. މަހުގައި ލޭދައުރުވުމަށް ކުރިމަތިވާ މައްސަލަތަކާއި ގުޅިގެން މައިމީހާގެ ލޭގެ ޕްރެޝަރުގެ އިންތިޒާމަށް ބަދަލުއައިސް ލޭގެ ޕްރެޝަރު މަތިވާގޮތް ވެއެވެ.

މަގުފަހިކުރާ ކަންތައްތައް

ބަލިވެއިނުން ވިހަވުމުން ކުރިމަތިވުމުގެ ހިރާސް ވަރަށް ބޮޑަށް އިތުރުވާ ހާލަތްތަކުގެ ތެރޭގައި އަންނަނިވި ކަންތައްތަކާއި، ހާލަތްތައް ހިމެނެއެވެ.

·         ކުރީ ފަހަރަކު ބަލިވެއިން އިރު ބަލިވެއިނުން ވިހަވުން ކުރިމަތިވެފައިވުން

·         އެއްކުއްޖަކަށްވުރެ ގިނަ ކުދިންނަށް އެއްފަހަރާ ބަލިވެއިނުން

·         އާންމުކޮށް ކުރިމަތިވާ ލޭމައްޗަށްދިއުން ކުރިމަތިވެފައި ވަނިކޮށް ބަލިވެއިނުން /ބަލިވެއިން އިރުވެސް ލޭމައްޗަށްދިއުން

·         ބަލިވެއިނުމުގެކުރިން ވެސް ޓައިޕް 1 ނޫނީ ޓައިޕް 2 ހަކުރުބަލި ހުރުން

·         ގުރުދާގެ ބަލިތައް

·         އުޓޯއިމިއޫން ޑިސްއޯޑަރ

·         ބަލިވެއިނުމަށް އައިވީއެފް ފަދަ ކަމެއް ޚިޔާރުކޮށްގެން ބަލިވެއިނުން

މީގެ އިތުރުން އަންނަނިވި ހާލަތްތަކުގެ ސަބަބުން މެދު މިންވަރަކަށް ބަލިވެއިނުން ވިހަވުމުގެ ހިރާސް އޮވެއެވެ.

·         އަލަތު ކައިވެންޏެއްގައި ފުރަތަމަ ފަހަރަށް ބަލިވެއިނުން

·         މާބޮޑަށް ހަށިގަނޑު ބަރުހެލިވެ ފަލަވުން

·         ބަލިވެއިނުން ވިހަވުން ޞިއްހީ މައްސަލައެއްގެ ގޮތުގައި އާއިލާގެ ތެރޭގައި ދައުރުވަމުން އައުން

·         މައިމީހާގެ އުމުރު ބަލިވެއިންއިރު 35 އަހަރަށްވުރެ ދޮށިވުން

·         ކުރީ ފަހަރު ބަލިވެއިން އިރު މާބަނޑު ދުވަސްވަރާއި ވިހެއުމުގެ ތެރޭގައި މައްސަލަތައް ދިމާވުން

·         ކުރީފަހަރު ބަލިވެއިންތާ 10 އަހަރަށްވުރެ ގިނަ ދުވަސްވެފައިވުން

ކަޅު ނަސްލުގެ މީހުންނަށް އަދި ކަޅު މީހުންނަށް ބަލިވެއިނުން ވިހަވުމުގެ ހިރާސް އިތުރުކަމަށް ދިރާސާތަކުން ދައްކައެވެ. މީގެ އިތުރުން އުތުރު އެމެރިކާގެ "އިންޑިޖިނަސް" އަންހެނުންގެ ތެރޭގައި ބަލިވެއިނުން ވިހަވުމުގެ ހިރާސް އިތުރުކަމަށް ކޮންމެވެސް ވަރަކަށް ހެކި ލިބިފައި ވެއެވެ. ފަހުގެ ހޯދުންތަކުން އެނގޭގޮތުގައި ބަލިވެއިނުން ވިހަވުން ކުރިމަތިވުމުގެ ހިރާސްތަކުގެ ތަފާތު ބަރޯސާވަނީ ކޮންމެހެން ހަމައެކަނި "ބަޔޮލޮޖީ" ނޫނީ އެމީހަކު އުފެދިފައިވާ ގޮތުން ކުރިމަތިވާ ކަންތައްތަކަށް ނޫނެވެ. ބައެއް ފަހަރު ޞިއްހީ ޚިދުމަތް ފޯރުކޮށްދިނުމުގައި އަދި ހޯދުމުގައި ނޫނީ ލިބުމުގައި ހުންނަ ހަމަހަމަކަން ނެތުމާއި، އިޖުތިމާޢީ ހަމަހަމަކަން ނެތުން، ދިރިއުޅުމުގެ ހާލަތު ދަށްވުން، އަދި ދިރިއުޅުމުގެ ފިއްތުންތަކުގެ ސަބަބުން ވެސް ބަލިވެއިނުން ވިހަވުން ކުރިމަތިވުމުގެ ހިރާސް އިތުރުކުރުވައެވެ.

އަލާމާތްތައް

ބަލިވެ އިނުމަށްފަހު ޑޮކްޓަރަށް ދައްކާ ކޮންމެ ފަހަރަކު ހަށިގަނޑު ރަގަޅަށް ޓެސްޓްކޮށް ޗެކް ކުރާށެވެ. ބަލިވެއިނުން ވިހަވުން ފަދަ ކަމެއް ހުރިނަމަ އެކަން ޑޮކްޓަރުން ބުނެދެއްވާނެ އެވެ.ބަލިވެއިނުން ވިހަވުމުގެ އަސާސީ އަލާމާތްތަކަކީ ލޭގެ ޕްރެޝަރު މަތިވުން، ކުޑަކަމުނަޖިހުގައި ޕްރޮޓީން އިތުރުވުން އަދި ގުނަވަންތަކަށް އަސަރު ފޯރުމުން ފެންނަ އުދަނގޫތަކެވެ. އާދައިގެ ވަރަކަށް މިހާލަތު ހުރިނަމަ އެއްވެސް އަލާމާތެއް ނުފެނުމަކީ އެކަށީގެންވާ ކަމެކެވެ.

ބަލިވެއިނުން ވިހަވުން އާދައިގެ ވަރެއްގައި ހުރިނަމަ ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި ލޭގެ ޕްރެޝަރ މައްޗަށް ދިއުން، ފަޔާއި، ފައިތިލަ، އަތާއި، މޫނު ފޮއްސިވެ، ދުޅަވުން، އަދި ކުޑަކަމުދާތަކެތީގައި ޕްރޮޓީން ހުރުން ފަދަ ކަންތައްތައް ހިމެނެއެވެ. ބަލިވެއިނުން ވިހަވުން ނުރައްކާތެރި ހާލަތަކަށް ވާސިލްވެފައިވާ ނަމަ ކުރިން ބުނި އަލާމާތްތަކުގެ އިތުރުން ބޮލުގައި ރިހުން، މޭނުބައިކުރުމާއި ހޮނޑުލެވުން، ލޮލުގެ ފެނުމަށް ބަދަލުއައުން، ނޭވާކުރުވުން، ބަނޑުމަތިން ކަނާތްފަރާތުގައި ރިއްސުން، ފަދަ ކަންތައްތައް މެދުވެރި ކުރުވައެވެ.

ބަލިވެއިނުން ވިހަވުމުން ލޭގެ ޕްރެޝަރު މަތިވުމުގެ ސަބަބުން އަންނަނިވި އަލާމާތްތައް ފެނުމަކީ އެކަށީގެންވާ ކަމެކެވެ.

·         ކުޑަކަމުނަޖިހުގައި ޕްރޮޓީން ގިނަވުން ނޫނީ ގުރުދާއަށް ގެއްލުންވުމުގެ ނިޝާންތައް ފާހަގަވުން

·         ލޭގައި ޕްލޭޓްލިޓްގެ މިންވަރު ދަށްވުން

·         ފުރަމޭގެ އެންޒައިމްތައް ލޭގައި ގިނަވުން

·         ވަރަށް ބޮޑަށް ބޮލުގައި ރިހުން

·         ފެނުމަށް ބަދަލުއައުން : ވަގުތީގޮތުން ލޯއަނދިރިވުން ، ލޮލުގެ ފެނުން ފުސްވުން، އަދި އަލިވުމުން އުދަނގޫވުން

·         ނޭވާކުރުވުން : މިއީ ފުއްޕާމޭގައި ފެން ޖަމާވުމުން ދިމާވާ ކަމެކެވެ.

·         ބަނޑުން މަތީގައި މޭކަށިތަކުގެ ދަށަށް ރިހުން

·         މޭނުބައިކުރުން އަދި ހޮޑުލެވުން

ބަރުދަން އިތުރުވުމާއި، ފޮއްސިވުމަކީ އާންމުކޮށް މާބަނޑުވުމުން ކޮންމެ މީހަކަށް ވެސް ކުރިމަތިވެދާނެ ކަންކަމެވެ. ނަމަވެސް ކުއްލިއަކަށް ބަރުދަން އިތުރުވެ، ކުއްލިއަކަށް ފޮއްސިވުން ޚާއްޞަކޮށް މޫނު ފޮއްސިވުން ، ފައިފޮއްސިވުން، ކުރިމަތިވެއްޖެނަމަ ފަހަރުގައި އެއީ ބަލިވެއިނުން ވިހަވުމުގެ އަލާމާތަކަށް ވެދާނެ އެވެ.

ދިމާވެދާނެ ނުރައްކާތައް

ބަލިވެއިނުން ވިހަވުމަކީ އަންނަނިވި ނުރައްކާތައް ކުރިމަތިވުމުގެ ހިރާސް އޮންނަ ކަމެކެވެ.

(ހ) ބަނޑުގައިވާ ތުއްތު ދަރިފުޅު ރަނގަޅަށް ހެދިބޮޑުނުވުން : ބަލިވެއިނުން ވިހަވުމަކީ މަހަށް ލޭ ފޯރުކޮށްދޭ ލޭހޮޅިތަކަށް މައްސަލަތައް ކުރިމަތިވެދާނެ ކަމެކެވެ. މަހަށް ލޭލިބުން ދަތިވާނަމަ، ތުއްތު ދަރިފުޅަށް ބޭނުންވާ އޮކްސިޖަން އާއި ކާނާ އެކަށޭނަ ވަރަކަށް ނުލިބޭނެ އެވެ. ތުއްތު ދަރިފުލަށް އޮކްސިޖަން އާއި ކާނާ ލިބުން މަދުވާނަމަ، ހެދިބޮޑުވުން ލަސްވެ، ހެދިބޮޑުވުން ހުއްޓޭގޮތްވުމަކީ އެކަށީގެންވާ ކަމެކެވެ.

(ށ) ދުވަސްނުފުރާ ވިހެއުން : ބަލިވެއިނުން ވިހަވުމަކީ ދުވަސް ނުފުރާ ވިހެއުން ނޫނީ ދުވަސް ނުފުރާ އުފަންވުން ކުރިމަތިވެދާނެ ކަމެކެވެ. މާނައަކީ ބަނޑަށް 37 ހަފްތާ ހަމަވުމުގެ ކުރިން ވިހެއުމެވެ. ދުވަސްނުފުރަނީ ވިއްސުމަކީ ބަލިވެއިނުން ވިހަވުމުގެ އަސާސީ ފަރުވާގެ ބައެކެވެ. ދުވަސްނުފުރާ އުފަންވުމަކީ ތުއްތު ދަރިފުޅަށް ނޭވާލާން އުދަނގޫވުން، ކާންދޭން އުދަނގޫވުން، ހެދިބޮޑުވުން ލަސްވުން، ސެރެބްރަލް ޕަލްސީ،  އަޑުއިވުން އަދި ފެނުން ފަދަ ކަމުގައި މައްސަލަތަކާ ކުރިމަތިވެދާނެ ކަމެކެވެ.

(ނ) މަސް ރަހިމުން ވަކިވުން (placental abruption): ބަލިވެއިނުން ވިހަވުމަކީ ރަހިމުން މަސް ވަކިވުން މެދުވެރިކޮށްފާނެ ކަމެކެވެ. މިހާލަތުގައި ވިހެއުމުގެ ކުރިން ރަހިމުން މަސް ވަކިވެގެން ދެއެވެ. ރަހިމުން މަސްވަކިވުމަކީ ލޭފައިބައި، މައިމީހާއާއި، ތުއްތު ދަރިފުޅުގެ ފުރާނައަށް ނުރައްކާވެދާނެ ކަމެކެވެ.

(ރ) ހެލްޕް ސިންޑްރޯމް ކުރިމަތިވުން (HELLP syndrome): މީގެ މާނައަކީ ލޭގެ ރަތް ސެލްތައް ހަލާކުވުން(HEemolysis)، ފުރަމޭގެ އެންޒައިމްތައް މަތިވުން(Liver enzymes) އަދި ޕްލޭޓްލިޓް ކައުންޓް ދަށްވުން(Low Platelet) ކުރިމަތިވުމެވެ. މިއީ ބަލިވެއިނުން ވިހަވުމުގެ ނުރައްކާތެރި ހާލަތެކެވެ. ވަރަށް ގިނަ ގުނަވަންތަކުގެ ނިޒާމްތަކަށް މިހާލަތުގައި އަސަރު ކުރެއެވެ. ހެލްޕް ސިންޑްރޯމް އަކީ މައިމީހާއާއި ކުޑަދަރިފުޅުގެ ފުރާނައަށް ވެސް ނުރައްކާވެދާނެ ހާލަތެކެވެ. އަދި މައިމީހާއަށް ވެސް ދިގުދެމިންދާ ޞިއްޙީ މައްސަލަތައް ދިމާވުމަކީ އެކަށީގެންވާ ކަމެކެވެ.

ހެލްޕް ސިންޑްރޯމް ގެ އަލާމާތްތަކުގެ ތެރޭގައި މޭނުބައިކުރުން، ހޮޑުލެވުން، ބޮލުގައި ރިހުން، ބަނޑުގެ މަތިން ކަނާތް ފަރާތުން މޭކަށިތަކުގެ ދަށަށް ރިއްސުން، އަދި ނުތަނަވަސްވުން ހިމެނެއެވެ. ބައެއް ފަހަރު ކުއްލިއަކަށް މިކަން ކުރިމަތިވެދާނެ އެވެ. އެއްވެސް އަލާމާތެއް ދިމާނުވެ ވެސް ހެލްޕް ސިންޑްރޯމް ކުރިމަތިވެދާނެ އެވެ.  

(ބ) އެކްލެމްސިއާ ކުރިމަތިވުން (eclampsia): މިއީ ބަލިވެއިނުން ވިހަވުމުގެ އަލާމާތްތަކާ އެކު ފިޓުޖެހުން ނޫނީ ހޭނެތި ކޯމާއަށް ދިއުމެވެ. ބަލިވެއިނުން ވިހަވުން ހުންނަ މީހަކަށް މިހާލަތު (އެކްލެމްސިއާ) ކުރިމަތިވެދާނޭކަމަށް ދުރާލާ ލަފާކުރުމަކީ ވަރަށް އުދަނގޫ ކަމެކެވެ. ކުރިން ފާހަގަކުރެވޭ ނިޝާންތަކެއް ނޫނީ އަލާމާތްތަކެއް މާބޮޑަށް ފާހަގަ ނުވެވެސް އެކްލެމްސިއާ ކުރިމަތިވެދާނެ އެވެ.

އެކްލެމްސިއާ ކުރިމަތިވެ ފިޓުޖެހުމުގެ ކުރިން ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި ވަރަށް ބޮޑަށް ބޮލުގައި ރިހުން، ލޮލުގެ ފެނުމަށް ބަދަލު އައުން، ނަފްސާނީ ދުޅަހެޔޮކަމަށް އަސަރުކުރުން އަދި އުޅުމަށް ބަދަލުއައުން ފަދަ ކަންތައްތައް ހިމެނެއެވެ. ނަމަވެސް ވަކި ޚާއްޞަ އިންޒާރު ދެނިވި ނިޝާންތަކެއް ނޫނީ ދުރާލާ ވަކި ފާހަގަކުރެވޭ ކަންތައްތަކެއް ނުހުރެއެވެ. ވިހެއުމުގެ ކުރިން (މާބަނޑު ދުވަސްވަރު) ވިހެއުމުގެ ތެރޭގައި އަދި ވިހެއުމަށްފަހު ވެސް އެކްލެމްސިއާ ކުރިމަތިވެދާނެ އެވެ.

(ޅ) އެހެން ގުނަވަންތަކަށް ގެއްލުންވުން : ބަލިވެއިނުން ވިހަވުމަކީ ހިތް، ގުރުދާ، ފުއްޕާމޭ، ފުރަމޭ އަދި ލޯ ފަދަ ގުނަވަންތަކަށް ގެއްލުން ލިބިދާނެ ކަމެކެވެ. މިކަމުގެ ސަބަބުން ސްޓްރޯކް ޖެހުން އަދި އެހެނިހެން ގެއްލުންތައް ސިކުނޑިއަށް ލިބުމަކީ އެކަށީގެންވާ ކަމެކެވެ. އެހެން ގުނަވަނަންތައް ގެއްލުން ލިބޭ މިންވަރު ނުވަތަ ކުޑަބޮޑުމިން ބަރޯސާވަނީ ބަލިވެއިނުން ވިހަވުން ކުރިމަތިވެފައިވާ މިންވަރެއްގެ މައްޗަށެވެ. ނޫނީ ނުރައްކާތެރި ކަމެއްގެ މައްޗަށެވެ.

(ކ) ހިތާއި ލޭހޮޅިތަކުގެ ބަލިތައް : ބަލިވެއިނުން ވިހަވުމަކީ މުސްތަގުބަލްގައި ލޭހޮޅިތަކާއި ހިތުގެ ބަލިތައް ޖެހުމުގެ ހިރާސް އިތުރުވާ ކަމެކެވެ. އެއްފަހަރަށް ވުރެ ގިނަ ފަހަރު ބަލިވެއިނުން ވިހަވުން ކުރިމަތިވިނަމަ، މިހިރާސް އިތުރުވެގެން ދެއެވެ. ނޫނީ ދުވަސްނުފުރާ ވިހެއުން ކުރިމަތިވިނަމަ ވެސް ހިތާއި ލޭހޮޅިތަކަށް ޖެހޭ ބަލިތައް ޖެހުމުގެ ހިރާސް އިތުރުވެގެން ދެއެވެ.

ކޮންމެހެން ޑޮކްޓަރަށް ދައްކަންޖެހޭ ހާލަތްތައް

އަންނަނިވި ހާލަތްތަކުގައި ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށް ސަމާލުވާށެވެ.

1- އާދަޔާއި ޚިލާފަށް ބޮލުގައި ރިހުން

2- ލޮލުގެ ފެނުމަށް ބަދަލުއައުން

3- ވަރަށް ބޮޑަށް ބަނޑުގައި ރިހުން

4- ކުއްލިއަކަށް ބަރުދަން އިތުރުވެގެން ދިއުން

5- ނޭވާކުރުވެ، ނޭވާލާން އުދަނގޫވުން

ދެނެގަތުން

ބަލިވެއިނުމަށްފަހު ޑޮކްޓަރަށް ދައްކާ ކޮންމެ ފަހަރަކު ލޭގެ ޕްރެޝަރ ޗެކްކޮށް ކުޑަކަމުދާ ތަކެތި ތަހްލީލްކުރުމަށް ޑޮކްޓަރު ލަފާދެއްވާނެ އެވެ. ބަލިވެއިނުން ވިހަވުން ހުރިތޯ ޔަގީންކުރުމަށް ލޭގެ ޓެސްޓެއް ވެސް ހަދަން ޖެހެއެވެ. ފުރަތަމަ ހަދާ ޓެސްޓްތަކުން ބަލިވެއިނުން ވިހަވުން ހުރިކަމަށް ޝައްކުކުރެވޭނަމަ އަދި އިތުރު ޓެސްޓްތައް ހަދަން ޖެހެއެވެ.

އަސާސީކޮށް ބަލާ ކަންތައްތައް

އާންމު ގޮތެއްގައި ބަލިވެއިނުން ވިހަވުން ދެނެގަންނަނީ ބަނޑަށް 20 ހަފްތާ ފުރުނު ފަހުން ތިރީގައިވާ ކަންތައްތަކުގެ ތެރެއިން މަދުވެގެން އެއް ކަންތައް ކުރިމަތިވެފައިވާނަމަ އެވެ.

·         ކުޑަކަމުނަޖިހުގައި ޕްރޮޓީން ހުރުން ނޫނީ ކުޑަކަމު ނަޖިހުގައި ޕްރޮޓީން ގިނަވުން

·         ގުރުދާ ބަލީގެ އެހެން އަލާމާތްތައް ހުރުން

·         ޕްލޭޓްލިޓް ދަށްވުން

·         ފުރަމޭގެ އެންޒައިމްތައް މަދުވުން

·         ފުއްޕާމޭގައި ފެންހެދުން

·         ވަރަށް ބޮޑަށް ބޮލުގައި ރިހުން : ރިހުމަށް ބޭސް ކެއުމުން ވެސް ރިހުން ނުފިލުން

·         ލޮލުގެ ފެނުމަށް ބަދަލުއައުން

ލޭގެ ޕްރެޝަރު ޗެކުކުރުން : ބަލިވެއިނުން ވިހަވުން ދެނެގަނެވެނީ އާންމުކޮށް މާބަނޑުވުމަށްފަހު ގަވާއިދުން ހެދޭ ޓެސްޓުތަކުގެ ތެރެއިން ލޭގެ ޕްރެޝަރު ޗެކުކުރާއިރު އެވެ. މިގޮތުން ލޭގެ ޕްރެޝަރު ޗެކުކުރާއިރު މަތިނަމަ، ދެން ގުޅުންހުރި ޓެސްޓުތައް ހަދައި އިތުރަށް ބަލައި، ޔަގީން ކުރާނެއެވެ. މާބަނޑު ދުވަސްވަރު ލޭގެ ޕްރެޝަރު މަތިކަމަށް ބަލަނީ ސިސްޓޯލިކް ޕްރެޝަރު 140 މިލިމީޓަރު ނޫނީ އެއަށްވުރެ މަތީގައި ހުރެފައި އަދި ޑައަސްޓޯލިކް ޕްރެޝަރު 90 މމމ ގައި ނުވަތަ އެއަށްވުރެ މަތީގައި ހުރިނަމަ އެވެ.

އިތުރު ޓެސްޓުތައް

މާބަނޑު ދުވަސްވަރު ލޭމަތިކަން ފާހަގަކުރެވިއްޖެނަމަ އިތުރު ޓެސްޓުތައް ހެދުމަށް ޑޮކްޓަރުން ލަފާދޭނެ އެވެ.

(ހ) ލޭ ޓެސްޓުކުރުން : ލޭގެ ޓެސްޓުގެ އެހީގައި ލޭގެ ޕްލެޓްލިޓް، ފުރަމޭގެ އެންޒައިމްތައް ، އަދި ކިޑްނީގެ މަސައްކަތް ހުރިނެތް ގޮތް ބެލޭނެ އެވެ.

(ށ) ކުޑަކަމުދާތަކެތި ޓެސްޓުކުރުން : މިއީ ވެސް ކިޑްނީގެ މަސައްކަތް ހުރިނެތްގޮތް ބެލުމަށް ހެދޭ ޓެސްޓެކެވެ.

(ނ) ފީޓަލް އަލްޓްރާ ސައުންޑް : ސްކޭންގެ އެހީގައި ތުއްތު ދަރިފުޅުގެ ހެދިބޮޑުވުން ހުރިނެތްގޮތް ބެލޭނެއެވެ. ކުއްޖާގެ ބަރުދަނާއި، ފެންކޮތަޅުގައި ފެންހުރި މިންވަރު ވެސް ސްކޭންގެ އެހީގައި ދެނެގަނެވޭނެ އެވެ.

(ރ) ނަން ސްޓްރެސް ޓެސްޓު(nonstress test) : މިއީ ތުއްތު ދަރިފުޅު ހަރަކާތަށް ތުއްތު ދަރިފުޅުގެ ހިތުގެ ވިންދު އިޖާބަދޭގޮތް ބެލުމަށް ހެދޭ ޓެސްޓެކެވެ. މިޓެސްޓު ހެދުމަށް މައިމީހާގެ ބަނޑުގައި ޚާއްޞަ ޑިވައިސް އެއް ހަރުކުރާނެއެވެ. އެއަށްފަހަ ތުއްތު ދަރިފުޅު ހަރަކާތްތެރި ކުރުވުމަށްޓަކައި އެއްޗެއް ކެއުމަށް ނުވަތަ ބުއިމަށް ލަފާދޭނެ އެވެ. މީގެ އިތުރުން މި ޑިވައިސް އެހީގައި ބަނޑުގައިވާ ތުއްތު ދަރިފުޅު ހޭލައްވައި ހަރަކާތްތެރިވުމަށް ވެސް ހިތްވަރުދޭނެ އެވެ. 

(ބ) ބަޔޯފިޒިކަލް ޕްރޮފައިލް (biophysical profile): ބަޔޯފިޒިކަލް ޕްރޮފައިލްގައި އަލްޓްރާ ސައުންޑް ސްކޭންގެ އެހީގައި ތުއްތު ކުއްޖާ ނޭވާލާ މިންވަރު، ހަރަކާތް، މަސްތަކުގެ ޓޯން ހުރި މިންވަރު އަދި ފެންދުލީގައި ފެން ހުރި މިންވަރު ބެލޭނެއެވެ. ބައެއް ފަހަރު ނަން ސްޓްރެސް ޓެސްޓާ އެކު ވެސް މިޓެސްޓު ހަދައިފާނެ އެވެ.

ފަރުވާ

ބަލިވެއިނުން ވިހަވުން ކުރިމަތިވެފައިވާނަމަ ފަރުވާ އަކީ ވިހަންދެން ދިމާވެފައިވާ ހާލަތު މެނޭޖުކުރުމާއި، ވިއްސުވުމެވެ. މިކަން ނިންމުމުގައި ޑޮކްޓަރުން ބަރޯސާވާ ކަންތައްތަކުގެ ތެރޭގައި ބަލިވެއިނުން ވިހެއުން ކުރިމަތިވެފައިވާ ދަރަޖަ، ކުއްޖާގެ އުމުރު ނޫނީ ބަނޑަށްވީ މުއްދަތު އަދި ކުއްޖާގެ އާންމު ދުޅަހެޔޮކަން ފަދަ ކަންތައްތައް ހިމެނެއެވެ.

ބަލިވެއިނުން ވިހަވުން ކުރިމަތިވެފައިވާނަމަ ވީވަރަކުން އަރާމުކުރުމަށް ޑޮކްޓަރުން ލަފާދެއްވައެވެ. ތަނެއްގައި އޮށޯވެ އޮންނަ އިރު ވާތްފަރާތަށް ބުރަވެ އޮތުމަކީ ރަގަޅުކަމެކެވެ. ބަރާބަރަށް ޑޮކްޓަރަށް ދައްކައިގެން ލޭގެ ޕްރެޝަރ ޗެކްކުރަން ހަދާންކުރާށެވެ. ނުރައްކާތެރި ހާލަތްތަކުގައި ހޮސްޕިޓަލުގައި އެދުމަތިކޮށްގެން ފަރުވާދެއެވެ. ބައެއް ފަހަރު ލޭގެ ޕްރެޝަރ ދަށްކުރުމަށް ބޭސްދީ އުޅެއެވެ. ނަމަވެސް މިފަދަ ހާލަތްތަކުގައި ރަގަޅުވާނީ ލޭގެ ޕްރެޝަރ މަތިވުމުން ފެންނަ އުދަނގޫ ތަކެވެ.

ބަލިވެއިނުން ވިހަވުން ނުރައްކާތެރި މިންވަރަކަށް ކުރިމަތިވެފައިވާނަމަ ހަސްފަތާލުގައި އެދުމަތިކޮށްގެން ފަރުވާކުރަންޖެހިދާނެ އެވެ. މިގޮތަށް އެދުމަތިކޮށްފައި އޮންނައިރު، ލޭގެ ޕްރެޝަރު ބެލުމާއި، ދިމާވެދާނެ މައްސަލަތައް މޮނިޓަރކުރަމުން ގެންދާނެ އެވެ. މީގެ އިތުރުން ތުއްތު ދަރިފުޅު ހެދިބޮޑުވަމުންދާ ގޮތާއި، ދުޅަހެޔޮކަން ބަލަމުން ގެންދާނެ އެވެ.

ބަލިވެއިނުން ވިހަވުމަށް ފަރުވާކުރުމަށް ބޭނުންކުރެވޭ ބޭސްތަކުގެ ތެރޭގައި އަންނަނިވި ބޭސްތައް ހިމެނެއެވެ.

·         ލޭމައްޗަށްދިއުން ކޮންޓްރޯލްކުރުމަށްދޭ ބޭސްތައް

·         ފިޓުޖެހުން ކޮންޓްރޯލްކުރުމަށް ދޭ ބޭސްތައް

·         ކޯޓިކޯސްޓީރޮއިޑް ގެ ގޮތުގައި ދޭ ބޭސްތައް

ވިއްސުން

ބަލިވެއިނުން ވިހެއުން ނުރައްކާތެރި މިންވަރަކަށް ކުރިމަތި ވެފައިވާނަމަ ބަނޑަށް 37 ހަފްތާވުމުގެ ކުރިން ވިހުމަށް ޑޮކްޓަރުން ލަފާދޭނެ އެވެ. އެގޮތުން ވިއްސުން ނޫނީ ސިޒޭރިއަން ސެކްޝަން ހެދުމަށް ލަފާދީފާނެ އެވެ.

ވިހެއުމަށްފަހު

ވިހެއުމަށްފަހު ވެސް ބަލިވެއިނުން ވިހަވުމުގެ އަލާމާތްތައް މޮނިޓަރ ކުރަމުން ގެންދާނެއެވެ. ވިހެއުމަށްފަހު ވެސް ބަލިވެއިނުން ވިހެއުމުގެ އަލާމާތްތައް މޮނީޓަރ ކުރަމުން ގެންދިއުމަށް ޑޮކްޓަރުން ލަފާދޭނެ އެވެ. އަދި ވިހެއުމަށްފަހު ވެސް އެފަދަ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށް ލަފާދޭނެ އެވެ.

ބަލިވެއިނުން ވިހަވުމުން ރައްކާތެރިވުން

ޔަގީންކަމާއި އެކު ބަލިވެއިނުން ވިހަވުމުގެ މައްސަލައިން ރައްކާތެރިވެވޭނޭ ގޮތެއް އަދި ހޯދިފައެއް ނުވެއެވެ. ބަލިވެ އިނުމާއި ގުޅިގެން ލޭގެ ޕްރެޝަރ މައްޗަށް ދިއުމަށް އެހީވެދޭ ވަރަށް ގިނަ ކަންތައްތަކެއް ވެއެވެ. މީގެ ތެރެއިން ބައެއް ކަންތައްތަކަކީ ކޮންޓްރޯލްކުރެވިދާނެ ކަންތައްތަކެވެ. އަނެއްބައި ކަންތައްތަކަކީ ކޮންޓްރޯލް ނުކުރެވޭނެ ކަންތައްތަކެވެ. ޑޮކްޓަރާއި މަޝްވަރާކުރުމަށްފަހު ދެއްވާ ލަފަޔާއި އެއްގޮތަށް ކެއުން ބަދަލުކުރާށެވެ.

ދިރިއުޅުމުގެ ވައްޓަފާޅިއަށް ގެނެވިދާނެ ބަދަލުތައް

ބަލިވެއިނުމާއި ގުޅިގެން ލޭގެ ޕްރެޝަރ މައްޗަށްދިއުން ކުޑަކުރުމަށްޓަކައި ނޫނީ ބަލިވެއިނުން ވިހަވުން ކުރިމަތިވުން ކުޑަކުރުމަށްޓަކައި އަންނަނިވި ކަންތައްތަކަށް ސަމާލުކަން ދިނުމަށް ހަދާންކުރާށެވެ. މިއި ދިރިއުޅުމުގެ ވައްޓަފާޅިއަށް ގެނެވިދާނެ ބައެއް ބަދަލުތަކެވެ.

1- ކާނާގައި ވީވަރަކުން ލޮނު ބޭނުންކުރުން މަދުކުރުން

2- ދުވާލަކު މަދުވެގެން 6 ނުވަތަ 8 ތަށި ފެންބުއިން

3- ވީވަރަކުން އަރާމުކުރުން

4- ބަރާބަރަށް ކަސްރަތުކުރުން

5- ތަނެއްގައި އޮށޯވެ އޮންނަ އިރު ވާތްފަރާތަށް ބުރަވެއޮތުން

6- ކޮފީ ފަދަ ކެފޭއިން އެކުލެވޭ ބުއިންތަކާއި ދުރުހެލިވުން

ބޭސް ބޭނުންކުރުން

ބަލިވެއިނުން ވިހަވުމުން ރައްކާތެރިވުމަށް ދެވޭ ފަރުވާ އަކީ އެސްޕިރިންގެ ލޯ ޑޯޒް އެއް ދިނުމެވެ. ބަލިވެއިނުން ވިހަވުމުގެ ހިރާސް އިތުރު މީހެއް ނަމަ ފަހަރުގައި ބަނޑަށް 12 ހަފްތާ ފުރިހަމަވުމަށްފަހު ކަނޑައެޅޭ މިންވަރަކަށް އެސްޕިރިން ބޭނުންކުރުމަށް ލަފާދީފާނެ އެވެ. އެއްވެސް ކަހަލަ ބޭހެއް ބޭނުންކުރުމުގެ ޑޮކްޓަރާއި މަޝްވަރާކުރުމަކީ ބުއްދިވެރި ކަމެކެވެ.

ނޯޓް : މިއީ މައުލޫމާތު ފެތުރުމުގެ ނިޔަތުގައި ލިޔެފައިވާ ލިޔުމެކެވެ.

ހަވާލާ

·         https://www.mayoclinic.org/diseases-conditions/preeclampsia/symptoms-causes/syc-20355745#:

·         https://my.clevelandclinic.org/health/diseases/17952-preeclampsia

   

No comments:

Post a Comment