މުހިއްމު ސަފުހާތައް

Saturday, July 23, 2022

މާބަނޑު ދުވަސްވަރު : ނުބައިތަނެއްގައި މަސް އުފެދުން

މާބަނޑު ދުވަސްވަރު : ނުބައިތަނެއްގައި މަސް އުފެދުން

ނުބައިތަނެއްގައި މަސްއުފެދުމަކީ މާބަނޑު ދުވަސްވަރު ދިމާވާ ނުރައްކާތެރި ޞިއްޙީ މައްސަލައެކެވެ. ނުބައިތަނެއްގައި މަސްއުފެދުން(placenta previa)  މާނަ ކުރެވެނީ މަހުން ރަހިމުގެ ދޮރުން ބައެއް ނުވަތަ ރަހިމުގެ ދޮރުގެ އަނގަމަތި އެއްކޮށް ނިވާވުމަށެވެ. ނޫނީ ރަހިމުގެ ދޮރު އެއްކޮށް ނިވާވުމަށެވެ.

ވާމަސް(placenta) ނުވަތަ މަހަކީ މާބަނޑުވުމުން ރަހިމުގެ ތެރޭގައި އުފެދޭ ގުނަވަނެކެވެ. މިއީ ތުއްތު ދަރިފުޅުގެ ހަށިގަނޑަށް ބޭނުންވާ އޮކްސިޖަން އާއި ކާނާ މައިމީހާގެ ހަށިގަނޑުން ގެންގޮސްދީ، އަދި ތުއްތު ދަރިފުޅުގެ ހަށިގަނޑުން ބޭނުންނުވާ ބޭކާރު މާއްދާތައް ބޭރުކޮށްދޭ ގުނަވަނެވެ. ތުއްތު ދަރިފުޅާއި މަސް ގުޅުވައިދޭ ވަޞީލަތަކީ "ފޫޅުދަނޑި"(umbilical cord)  އެވެ. އާންމު ގޮތެއްގައި މަސް ރަހިމުގައި ތަބީޢީ ޣޮތުން ހަރުލާފައި އިންނަނީ ރަހިމުގެ އެތެރޭ ފާރުގެ މަތީބައި، ނުވަތަ އަރިމަތީގައެވެ. ނުވަތަ އެތެރޭގެ ބިއްދޮށު ފާރުގެ މަތީބައިގައެވެ. ނުވަތަ މަތީފާރުގެ ބިއްދޮށު ފަރާތުގައެވެ. ނޫނީ ރަހިމުގެ މަތީބައިގައެވެ. މަސް އުފެދިފައި ހުންނަނީ ދަރިފުޅުގެ ބަޔަކުންނާއި މަންމަގެ ބަޔަކުންނެވެ.


ނުބައިތަނެއްގައި މަސްއުފެދުމުން މަސް ހަރުލަނީ އާންމުކޮށް ވާމަސް ރަހިމުގައި ހަރުލާފައި އިންނަ ރަހިމުގެ މަތީބައިގެ ބަދަލުގައި ރަހިމުގެ ތިރީގެ ހިސާބެއްގައެވެ. ނޫނީ ތިރީ ބައިގައެވެ. މީގެ ނަތީޖާއެއްގެ ގޮތުން މަހުން ބަޔަކުން ރަހިމުގެ ދޮރުން ބައެއް ނޫނީ ރަހިމުގެ ދޮރުގެ އަނގަމަތި އެއްކޮށް ނިވާވުން އެކަށީގެންވެއެވެ. އަދި ބައެއް ފަހަރު ރަހިމުގެ ދޮރުގެ ކައިރީގައި (ރަހިމުގެ ދޮރު ނިވާނުވެ) 2ސމ ވަރުގެ ދުރުމިނުގައި ވެސް މަސް ހަރުލާފައި އިނދެފާނެ( low lying placenta)  އެވެ. އޭގެ ނަތީޖާއެއްގެ ގޮތުން މާބަނޑު ދުވަސްވަރު، ވިހެއުމުގެ ތެރޭގައި، އަދި ވިހެއުމަށްފަހު ކުރިމަތި ފަރާތުން ލެއިފޭބުން އެކަށީގެންވެއެވެ.

ނުބައިތަނެއްގައި މަސް އުފެދުމަކީ ކުރީކޮޅުގައި އެއްވެސް މައްސަލައެއް ދިމާވާ ކަމެއް ނޫނެވެ. ނަމަވެސް ފަހުކޮޅުގައި މިހެން ހުރެއްޖެނަމަ މަހުން ލޭއައުމަކީ އެކަށީގެންވާ ކަމެކެވެ. އަދި މިއީ ދުވަސް ނުފުރެނިސް ވިއްސަން ޖެހިދާނެ ކަމެކެވެ. އަދި ނުވިއްސައިފިނަމަ އިތުރު މައްސަލަތައް ދިމާވުމަކީ ވެދާނެ ކަމެކެވެ. އަދި ދުވަސްފުރެއިރު މަސް ނުބައި ތަނެއްގައި ހުރި ނަމަ އޮޕަރޭޝަން ކޮށްގެން ދަރިފުޅު ނަގަން ޖެހުމަކީވެސް އެކަށީގެންވާ ކަމެކެވެ (ޑރ މުހައްމަދު ފައިޞަލް އަހުމަދު)

މަސް އުފެދޭ ބައެން ނުބައި ތަންތަނުގެ ތެރޭގައި ރަހިމުގެ އެތެރޭ ކުރިމަތީ ފާރު، އަރިމަތީފާރު، އަދި ރަހިމުގެ ކަރުގެ އަނގަމަތި ހިމެނެއެވެ. އަދި އަރިމަތީފާރުގައި އެހެނަސް ކަރުގެ އަނގައިން ބައެއް ހިމެނޭގޮތަށްވެސް މަސް އުފެދިދާނެއެވެ. މިއިން ނުރައްކާތެރީ ރަހިމުގެ ކަރު ހުރި ހިސާބުގައި މަސް އުފެދިފައިވާ ނަމައެވެ. މަސް ހުރީ ރަނގަޅު ތަނުގައި އުފެދިފައިތޯ ބެލުމަށް މާބނޑު މީހުން ސްކޭން ކުރުމަކީ ވަރަށް މުހިންމު ކަމެކެވެ.(ޑރ މުހައްމަދު ފައިޞަލް އަހުމަދު). 

ވައްތަރުތައް

ނުބައިތަނެއްގައި މަސްއުފެދުން ކަމަށް ބަލަނީ މަސް ރަހިމުގެ ދޮރާއި ކައިރީގައި ހަރުލާފައި އިނުން ނޫނީ ރަހިމުގެ ދޮރުގެ އަނގަމަތީގައި ހަރުލައި ރަހިމުގެ ދޮރު ނިވާވެ ފޮރުވޭނަމަ އެވެ. ނޫނީ މަހުން ރަހިމުގެ ދޮރުން ބައެއް ނުވަތަ ރަހިމުގެ ދޮރުގެ އަނގަމަތި އެއްކޮށް ނިވާވުމަށެވެ. ނޫނީ ރަހިމުގެ ދޮރު އެއްކޮށް ނިވާވުމަށެވެ. ނުބައިތަނެއްގައި މަސްއުފެދުމުގެ 3 ވައްތަރެއް ހުރެއެވެ.

·         ޓޯޓަލް ޕްލަސެންޓަ ޕްރީވިއާ (total placenta previa): މިއީ މަހުން ރަހިމުގެ ދޮރު އެއްކޮށް ފޮރުވުމެވެ.

·         ޕާޝަލް ޕްލަސެންޓަ ޕްރީވިއާ (partial placenta previa): މިއީ މަހުން ބައެއް ރަހިމުގެ ދޮރުމަތީގައި ތަތްވެފައި އިނުމެވެ. ނޫނީ ރަހިމުގެ ދޮރުން ބައެއް މަހުން ނިވާވުމެވެ.

·         މާޖިނަލް ޕްލަސެންޓަ ޕްރީވިއާ (marginal placenta previa): މިއީ ރަހިމުގެ ދޮރުގެ ކައިރީގައި މަސް ހަރުލާފައި އިނުމެވެ.

ނުބައިތަނެއްގައި މަސް އުފެދިއްޖެނަމަ ވާނީ ކިހިނެއް؟

މިކަންބިނާވެގެން ވަނީ މަސްއުފެދިފައި ހުރިތަނަކާއި ބަނޑަށް ވީ ދުވަހެއްގެ މައްޗަށެވެ. ބަނޑަށް ކުރީކޮޅު ސްކޭން ކުރާއިރު މަސް ނުބައިތަނެއްގައި އުފެދިފައި ހުއްޓަސް ކަންބޮޑު ނުވާށެވެ. ބަނޑަށް ދުވަސް ވަމުންދާ ވަރަކަށް މަޑުމަޑުން މަސް ރަނގަޅު ދިމާލަށްދާނެއެވެ. އެއީ ރަހިމު ބޮޑުވާވަރަކަށް މަސް ރަހިމުގެ ކަރާއި ދުރަށް ދާނެއެވެ. އަދި މަހަކީ ބޮޑުވަމުންދާ އެއްޗަކަށް ވެފައި ބޮޑުވާއިރު ބޮޑުވަނީ ގިނައިން ލޭ ލިބޭ ދިމާލަކުން ކަމަށް ވާއިރު މަސް ބޮޑުވަމުން ބޮޑަށް ދާނީ ރަހިމުގެ ކަރާއި ދުރުފަރާތުންނެވެ. ވުމާއެކު އާއްމު ގޮތެއްގައި ބަނޑަށް ދުވަސްވާ ވަރަކަށް މަސްދާނީ ނުރައްކާ ދިމާލާއި ދުރުވަމުންނެވެ (ޑރ މުހައްމަދު ފައިޞަލް އަހުމަދު)

ކުރީކޮޅު ނުރައްކާތެރި ދިމާލުގައި މަސް އުފެދިފައި ހުންނަ މީހުންގެ ތެރެއިން %90 މީހުންގެ މަސް މާބަނޑުގެ ފަހުކޮޅަށް ދާއިރު އެދިމާލުން ދުރަށް ދެއެވެ. އާއްމުގޮތެއްގައި ރަނގަޅު ނުވަނީ ރަހިމުގެ ކަރުގެ އަނގަމަތީގައި މަސް އުފެދިފައި ހުންނަ ނަމައެވެ. ނަމަވެސް އަނގަމަތީ ކައިރީގައިނަމަ ގިނަފަހަރު އަމިއްލައަށް ރަނގަޅުވާނެއެވެ (ޑރ މުހައްމަދު ފައިޞަލް އަހުމަދު).

ރަހިމު ނުބައިތަނެއްގައި އުފެދިފައިވާ މީހަކު ކުރިމަތި ފަރާތުން ލޭފައިބާނަމަ ލަސްނުކޮށް ޑޮކުޓަރަށް ދައްކައި ސްކޭން ކުރަންވާނެއެވެ. އަދި ދެން ކަންތައް ކުރާނެ ގޮތެއް ކަޑައަޅަންވާނި ސްކޭނުގެ ނަތީޖާގެ މައްޗަށް ބަލަފައެވެ (ޑރ މުހައްމަދު ފައިޞަލް އަހުމަދު).

ސަބަބު

ނުބައިތަނެއްގައި މަސްއުފެދެން ދިމާވާ ސީދާ ސަބަބެއް އަދި ހޯދިފައެއް ނުވެއެވެ.

މަގުފަހިކުރާ ކަންތައްތައް

އަންނަނިވި ފަރާތްތަކަށް ނޫނީ ކަންތައްތައް ހުރިނަމަ ނުބައިތަނެއްގައި މަސްއުފެދުމުގެ ހިރާސް އިތުރުވެއެވެ.

·         ކުރިން ދަރިޔަކު ލިބުން

·         ކުރިން ވިހެއުމަށް ސިޒޭރިއަން ހެދުން ނޫނީ އޮޕަރޭޝަންކޮށްގެން ދަރިފުޅު ނަގައިފައިވުން

·         ކުރިން ކުރި އޮޕަރޭޝަނެއް (ފައިބްރޮއިޑް ނެގުން/ޑީއެންސީ ހެދުން) ނޫނީ ދިމާވި ކަމެއްގެ ސަބަބުން ރަހިމުގައި ލަކުނުލާފައިވުން

·         ކުރިން ފަހަރު ބަލިވެއިންއިރު ނުބައިތަނެއްފައި މަސްއުފެދުން ކުރިމަތިވެފައިވުން

·         ދަރިމައިނުވުމުގެ ފަރުވާގައި "އެސިސްޓަޑް ރިޕްރޮޑަކްޓިވް ޓެކޮނޮލޮޖީ"(ART) ބޭނުންކޮށްގެން ބަލިވެއިނުން

·         ރަހިމުގެ އޮޕަރޭޝަނެއް ކޮށްފައިވުން

·         ރަހިމުގައި ފައިބްރޮއިޑް އުފެދުން ފަދަ ކަމެއް ދިމާވުން

·         އެއްކުއްޖަކަށްވުރެ ގިނަ ކުދިންނަށް ބަލިވެއިނުން

·         އުމުރުން 35 އަހަރަށްވުރެ ދޮށިވުން / އުމުރުން ދުވަސްވުން

·         ދުންފަތުގެ އިސްތިއުމާލުކުރުން

·         މަސްތުވާތަކެތި ބޭނުންކުރުން / ކޮކެއިން ބޭނުންކުރުން

·         ގިނައިން ވިހާފައިވުން

·         ފިރިހެން ކުއްޖަކަށް ބަލިވެއިނުން

އަލާމާތްތައް

ނުބައިތަނެއްގައި މަސްއުފެދުމުން ފެންނާނެ މައި އަލާމާތަކީ ބަނޑަށް 20 ހަފްތާ ހަމަވާ ފަހުން ރިހުމެއްނެތި، ކުރިމަތި ފަރާތުން (ޖިންސީ ގުނަވަނުން) މަޑު ރަތްކުލައިގެ ލޭފެއިބުމެވެ. ބައެއް ފަހަރު ވަރަށް ބައިވަރު ލޭފެއިބުމަކީ އެކަށީގެންވާ ކަމެކެވެ.

ވިހެއުމުގެ ކުރިން ބަނޑުގައި ރިހުމާއެކު ވެސް ކުރިމަތި ފަރާތުން ލޭފައިބައިފާނެ އެވެ. މާބަނޑު ދުވަސްވަރު ކުރިމަތި ފަރާތް ބެލުން، ނޫނީ ޖިންސީގުޅުން ހިންގުން ފަދަ ކަމަކަށްފަހު ވެސް ކުރިމަތި ފަރާތުން ލެއިފައިބައިފާނެ އެވެ. ބައެއް މީހުންނަށް ވިހަންދެން ވެސް ލޭ ނުފައިބައި ހުރެދާނެ އެވެ. އަނެއްބައި މީހުންނަށް މިފަދަ އެއްވެސް ކަމެއް ދިމާވުމެއްނެތި ވެސް ކުރިމަތި ފަރާތުން ލޭފޭބުމަކީ އެކަށީގެންވާ ކަމެކެވެ.

އާންމު ގޮތެއްގައި ކުރިމަތި ފަރާތުން ލޭފައިބާން ފަށަނީ މާބަނޑުވުމަށްފަހު އަންނަ 2 ވަނަ 3 މަހުގެ ތެރޭގައެވެ. ލޭފައިބަނީ ރަހިމުގެ ކަރު ނޫނީ ދޮރު ތުނިވާން ފެށުމުން ނޫނީ ފޭވެ، ކުޑަކޮށް ހުޅުވެން ފެށުމުންނެވެ. މިކަމުގެ ސަބަބުން އެހިސާބުގެ ލޭހޮޅިތައް ފަޅައިގެން ގޮސް ލޭފައިބައެވެ. ނުބައިތަނެއްގައި މަސްއުފެދުން ކުރިމަތިވާ %20-10 މީހުންނަށް ރަހިމުގެ ކުރުގެޅި، ވާންވެ އެކަމުގެ ސަބަބުން ދަށްބަނޑުގައި ރިހުން ކުރިމަތި ކުރުވައެވެ. ކުއްލިއަކަށް މިގޮތަށް ލޭއައިސް ބަނޑުގައި ރިއްސާނަމަ ލަސްނުކޮށް ޑޮކްޓަރެއްގެ އެހީތެރިކަން ހޯދުން މުހިއްމެވެ.

ދިމާވެދާނެ ނުރައްކާތައް

ނުބައިތަނެއްގައި މަސް އުފެދިފައިވާނަމަ ދިމާވެދާނެ ނުރައްކާތަކުގެ ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ.

(ހ) ކުރިމަތި ފަރާތުން ލޭފެއިބުން : ނުބައިތަނެއްގައި މަސްއުފެދިފައިވާނަމަ، މާބަނޑު ދުވަސްވަރު، ވިހެއުމުގެ ތެރޭގައި އަދި ވިހެއުމަށްފަހު ވެސް ވަރަށް ބޮޑަށް ކުރިމަތި ފަރާތުން ލޭފައިބައި، ފުރާނަޔަށް ނުރައްކާވުމަކީ އެކަށީގެންވާ ކަމެކެވެ. މާގިނައިން ލޭފައިބާނަމަ ފަހަރުގައި ލޭއަޅަންޖެހުމަކީ އެކަށީގެންވާ ކަމެކެވެ.

(ށ) ދުވަސްނުފުރާ ވިހެއުން : ކުރިމަތި ފަރާތުން އާދަޔާ ޚިލާފަށް ގިނައިން ލޭފައިބާނަމަ، ދަރިފުޅާއި މައިމީހާގެ ރައްކަލަކަށް ބަނޑަށް ދުވަސް ނުފުރެނީސް، އޮޕަރޭޝަންކޮށްގެން ނޫނީ ސިޒޭރިއަން ހަދައިގެން ދަރިފުޅު ނަގަންޖެހިދާނެ އެވެ. ދުވަސްނުފުރާ ވިހެއުމަކީ އުފަންވާއިރު ބަރުދަން ލުއިވުން، އަދި ނޭވާލާން އުދަނގޫވުން ފަދަ މައްސަލަތައް ތުއްތު ދަރިފުޅަށް ދިމާވެދާނެ ކަމެކެވެ.

(ނ) ޕްލަސެންޓަ އެކްރީޓާ ސްޕެކްޓްރަމް (placenta accrete spectrum): މިއީ ވަރަށް ފުންކޮށް ރަހިމުގެ މަސްގަޑުގެ ތެރެއަށް މަސް ވަދެފައި ހުރުމެވެ. މިއީ މާބަނޑު ދުވަސްވަރު، ވިހެއުމުގެ ތެރޭގައި އަދި ވިހެއުމަށްފަހު ވެސް ކުރިމަތި ފަރާތުން ލޭފޭބުމަށް ދިމާވެދާނެ ކަމެކެވެ. މިއީ ވިހެއުމުގެ ތެރޭގައި ތަކުރާރުކޮށް ލޭއަޅަންވެސް ޖެހިދާނެ ހާލަތެކެވެ. މިހާލަތުގެ ސަބަބުން ލޭއައުން ހުއްޓުވުމަށްޓަކައި، ބައެއް ފަހަރު ފުރާނައަށް ނުރައްކާވެ، ފަހަރުގައި އޮޕަރޭޝަންކޮށްގެން ރަހިމުގެ ވެސް ނަގަންޖެހިދާނެ އެވެ.

(ރ) ދަރިފުޅު ހެދިބޮޑުނުވުން : ނުބައިތަނެއްގައި މަސްއުފެދުމަކީ އެކަށޭނަ ވަރަށް ބަނޑުގައިވާ ތުއްތު ދަރިފުޅު ހެދިބޮޑު ނުވެދާނެ ކަމެކެވެ.

(ބ) ފެންދުލި ފަޅައިގެންދިއުން : ނުބައިތަނެއްގައި މަސްއުފެދުމަކީ ތުއްތު ދަރިފުޅުގެ ވަށައިގެން ލެވިފައި އިންނަ ދުލިފަށަލަ ނުވަތަ ފެންދުލި ފަޅައިގެން ދިއުމުގެ ފުރުޞަތު އިތުރުކުރާ ކަމެކެވެ.

(ޅ) ވޭސާ ޕްރީވިއާ (vasa previa): މީގެ މާނައަކީ ވާމަހާއި، ފޫޅުދަނޑި ގުޅުވައިދޭ ލޭހޮޅިތަކުގެ ސަބަބުން ރަހިމުގެ ދޮރުން ދަރިފުޅު ބޭރުވުމަށް ހުރަސް އެޅުމެވެ.

(ކ) މުސްތަގުބަލުގައި ދުވަސްނުފުރާ ވިހެއުން : ފެންނަން ހުރި ހެކިތަކަށް ބަލާއިރު ނުބައިތަނެއްގައި މަސްއުފެދިފައި ހުރެގެން އެއް ފަހަރު ދުވަސް ނުފުރާ ވިހައިފިނަމަ މުސްތަގުބަލްގައި ވެސް އެގޮތަށް ދުވަސްނުފުރާ ވިހެއުމުގެ ހިރާސް އިތުރުވެގެން ދެއެވެ.

ދެނެގަތުން

ނުބައިތަނެއްގައި މަސްއުފެދުން ދެނެގަންނަނީ އާންމު މާބަނޑު ދުވަސްވަރު ކުރާ އަލްޓްރާ ސައުންޑް ސްކޭން(USG) ތަކުގެ ތެރެއިންނެވެ. ނޫނީ ކުރިމަތި ފަރާތުން ލޭ ފޭބުމުން އަލްޓްރާސައުންޑް ސްކޭން ހަދައިގެންނެވެ. ނުބައިތަނެއްގައި މަސްއުފެދުން ގިނަ ފަހަރު ދެނެގަނެވެނީ މާބަނޑު ދުވަސްވަރު 2 ވަނަ 3 މަހުގެ ތެރޭގައި (މެދު 3 މަހުގެ ތެރޭގައި) ހެދޭ އަލްޓްރާ ސައުންޑް ސްކޭންގެ ތެރެއިންނެވެ. އާންމު ގޮތެއްގައި މިސްކޭން ކުރެވެނީ ބަނޑަށް 22-18 ވަނަ ހަފްތާއި ދެމެދުގެ މުއްދަތެއްގެ ތެރޭގައެވެ. ސްކޭން ކުރުމުގެ ތެރެއިން ނުބައިތަނެއްގައި މަސްއުފެދިފައިވާނަމަ، ފަހު 3 މަހުގެ ތެރޭގައި އަނެއްކާވެސް (ވާމަސް ހަރުލާފައި ހުރި ހިސާބެއް ބެލުމަށް) ސްކޭން ކުރެވޭނެ އެވެ.

އެންމެ ފުރަތަމަ ފެށުމުގެ ގޮތުން ބަނޑުގެ ސްކޭން ހެދިޔަސް ފަހުން ބައެއް ފަހަރު "ޓްރާންސްވެޖައިނަލް އަލްޓްރާ ސައުންޑް ސްކޭން" (transvaginal ultrasound scan)ހެދެއެވެ. މި ސްކޭން ހެދުމަށް ދަނޑިކޮޅެއް ނޫނީ ދޮށްޓެއްގެ ސިފަޔަށް އޮންނަ ޑިވައިސް އެއް ކުރިމަތި ފަރާތަށް ލައިގެން ރަހިމުގެ އެތެރެ ބަލައި ހެދޭނެ އެވެ. މިގޮތަށް ބަލާއިރު މަސްއުފެދިފައި ހުރިތަން ބަލައި ކަށަވަރު ކުރެވޭނެ އެވެ.

ފަރުވާ

އާންމުކޮށް މާބަނޑު ދުވަސްވަރު ބަލާބެލުންތަކުގެ ތެރެއިން ނުބައިތަނެއްގައި މަސްއުފެދުން ފާހަގަވިނަމަ، ރަހިމުގައި މަސްހުރި ތަން، ނޫނީ މަހަށް އަންނަ ބަދަލުތައް ބަލަމުން ގެންދިއުމަށް އިތުރު ސްކޭންތައް ހަދަމުން ގެންދިއުމަށް ލަފާދީފާނެ އެވެ. މާބަނޑުވާތާ ކުރީކޮޅު ނުބައިތަނެއްގައި މަސްއުފެދުން ފާހަގަވާ ގިނަ މީހުން ވިހަންވާއިރަށް މަސް ރަހިމުގެ ކަރާއި ދުރަށްޖެހި ނޫނީ ފޭވެ، އެހާލަތު ރަނގަޅުވެދެއެވެ. އެއީ ރަހިމު ބޮޑުވާވަރަކަށް މަހާއި، ރަހިމުގެ ދޮރާއި ދޭތެރޭގެ ދުރުމިން ވެސް ފޭވެ ދުރުވަމުން ދާނެތީ އެވެ. މީގެ އިތުރުން މަސް ބޮޑުވަމުންދާ މިސްރާބު ހުންނާނީ ރަހިމުގެ މައްޗާއި ދިމާލަށެވެ. އަދި ރަހިމުގެ ކަރުގެ ކައިރީގައި ހުރި މަހުގެ ސެލޯށިތައް ހިނދި ނެތިދާނެއެވެ.

ވިހަންކައިރިވާ އިރަށް ނުބައިތަނެއްގައި މަސްއުފެދުން ރަނގަޅުވެއްޖެނަމަ އާންމުކޮށް ވިހާ އުސޫލުން އެމީހަކަށް ވިހޭނެ އެވެ. ނަމަވެސް ނުބައިތަނެއްގައި މަސްއުފެދުން ރަނގަޅުނުވާނަމަ ދެންޖެހޭނީ އޮޕަރޭޝަންކޮށްގެން ދަރިފުޅު ނަގާށެވެ.

ތަކުރާރުކޮށް ސްކޭން ކުރާއިރުވެސް ރަހިމުގެ ކަރާއި މަސް ދުރުނުވެ ހުރެއްޖެ ނަމަ ވަރަށް ފަރުވާތެރި ވަން ޖެހޭނެއެވެ. މިފަދަ ހާލަތުގައި ބެޑް ރެސްޓް ކުރުމަށް ބުނާނެއެވެ. އަދި ގަވާއިދުން ސްކޭން ކުރަމުން ވާނުވާ ބަލަމުން ދަން ޖެހޭނެއެވެ. އަދި ކުރިމަތި ފަރާތުން ކިތައްމެ ކުޑަކޮށް ނަމަވެސް ލޭފައިބައިފިނަމަ ލަސް ނުކޮށް ޑޮކުޓަރަށް ދައްކަން ޖެހޭނެއެވެ. ހަމައެއާއިއެކު އެއްގޮތަކަށް ވެސް ޖިންސީ ގުޅުން ހިންގައިގެން ނުވާނެއެވެ. ފަރުޖަށް އެއްވެސް އެއްޗެއް ލައްވައިގެން ކުރާ ޓެސްޓެއް ކޮށްގެން ނުވާނެއެވެ. އަދި ވީހާވެސް ގިނައިން އަރާމު ކުރަން ޖެހޭނެއެވެ. އެއްވެސް ކަހަލަ ބުރަކަމެއް އިހުސާސް ކުރެވޭ އެއްވެސް ކަމެއް ކޮށްގެން ނުވާނެއެވެ. އެއީ މިއިން ކޮންމެ ކަމަކީވެސް އަނގަކައިރީގައި ނުވަތަ އަނގަ މަތީގައި އުފެދިފައިވާ މަހުން ވަރަށް ފަސޭހައިން ލޭ އަތުވެދާނެ ކަމެކެވެ. އަދި މިފަދަ ކަމަކާއި ހުރެ ލޭ އަންނައިރު ކޮންޓުރޯލު ނުކުރެވޭވަރަށް ލޭއައުމަކީ ވަރަށް ގާތް ކަމެކެވެ (ޑރ މުހައްމަދު ފައިޞަލް އަހުމަދު).

މަހުން އާއްމުގޮތެއްގައި ލޭ އަންނަނީ ބަނޑަށް ދުވަސް ވަމުންދާ ވަރަކަށް ރަހިމާއި ރަހިމުގެކަރު ތުނިވުމާއި އެކު ރަހިމުގެ ކަރު ފޭވާގޮތް ވުމުންނެވެ. އެއީ ލޭހޮޅިތައް ހުންނާނީ ވަރަށް ތުނިވެފައެވެ. ވަރަށް އާދައިގެ ކަމަކާއި ހުރެވެސް މިފަދަ ހާލަތުގައި ރަހިމުގެ ކަރުގައި ހުންނަ ލޭ ހޮޅިތައް ފަލައިގެން ހިގައިދާނެއެވެ. އަދި މިގޮތަށް ފަޅައިގެންދާއިރު އެއްގޮތަކަށްވެސް ތަދު އިހުސާސް ނުކުރެވުމަކީ ވެދާނެ ކަމެކެވެ. ލޭގިނައިން އަތުވެއްޖެނަމަ ބަނޑަށް ވީދުވަހެއް ބެލުމެއްނެތި ވިއްސަން ޖެހިދާނެއެވެ. އެއީ ދަރިފުޅު ރަނގަޅަށް ފުރިހަމަ ނުވިޔަސްވެހެވެ. އަދި ލޭއަޅަން ޖެހުމަކީ ވަރަށް ގާތް ކަމެކެވެ (ޑރ މުހައްމަދު ފައިޞަލް އަހުމަދު).

ބަލައިގެން އުޅޭނަމަ 7 މަސްވުމުގެ ކުރިން ލޭ މިގޮތަށް ފާބުމަކީ ވަރަށް ނުވާނެ ކަމެކެވެ. އަދި މީގެ ކުރިން ލޭއަންނައިރު ގިނަފަހަރަށް އަމިއްލައަށް ލޭމަނާވާނެއެވެ. ނަމަވެސް ނުރައްކަލަކީ ލޭއަތުވެއްޖެނަމަ ލޭމަނާވިޔަސް ދެވަނަފަހަރަށް ލޭއައުމަކީ ވަރަށް ގާތް ކަމެކެވެ. އަދި އެއްވެސް ވަރަކަށް ލޭފައިބައިފިނަމަ މަންމަގެ ލެޔަކީ އާރްއެޗް ނެގެޓިވް ލޭ ކަމަށްވާނަމަ މަންމައަށް އާރްއެޗް އިމިއުން ގުލޮބިއުލިން ދޭން ޖެހޭނެއެވެ (ޑރ މުހައްމަދު ފައިޞަލް އަހުމަދު).

ރަހިމުގެ ކަރުކައިރީގައި މަސް އުފެދިފައި ހުރެ ކުރިމަތިފަރާތުން ލޭއަތުވެއްޖެނަމަ މައިމީހާ ހޮސްޕިޓަލުގައި އެޑުމިޓު ކުރަން ޖެހޭނެއެވެ. ދެންއެއަށް ފަހު ކަންތައް ކުރާނެ ގޮތެއް ކަޑައަޅާނީ ބަނޑަށްވީ ދުވަހެއްގެ މައްޗަށް ބިނާ ކޮށެވެ. ބަނޑުގައިވާ ދަރިފުޅު ފުރިހަމަ ވެފައިވާ ނަމަ އޮޕަރޭޝަން ކޮށްގެން ދަރިފުޅު ނަގަން ޖެހޭނެއެވެ. އަދި ދަރިފުޅު ފުރިހަމަ ވެފައި ނެތަސް މައިމީހާގެ ފުރާނައަށް ނުރައްކާވާނަމަ ނުވަތަ ލޭމަނާ ނުކުރެވުނު ނަމަ އޮޕަރޭޝަންކޮށްގެން ދަރިފުޅު ނަގަން ޖެހޭނެއެވެ (ޑރ މުހައްމަދު ފައިޞަލް އަހުމަދު).

ބަނޑަށް 34 ހަފުތާ ނުވާނަމަ ލޭމަނާ ކުރެވޭތޯ ބެލުމާއިއެކު މައިމީހާއަށް ކޯޓިކޯސްޓިރޮއިޑް ދޭން ޖެހޭނެއެވެ. އެއީ ކުޑަދަރިފުލުގެ ފުއްޕާމެއި އަވަހަށް ފުރިހަމަ ކުރުމަށްޓަކައެވެ. އަވަހަށް ވިއްސަން ޖެހިއްޖެ ހާލަތެއްގައި ވިއްސިއަސް ދަރިފުޅަށް އަމިއްލައަށް ނޭވާ ލެވޭވަރު ހެދުމަށްޓަކައެވެ (ޑރ މުހައްމަދު ފައިޞަލް އަހުމަދު).

ލާމަނާ ވުމާއިއެކު މައިމީހާއާއި ދަރިފުޅުގެ ސިއްހަތަށް އެއްވެސް ނުރައްކަލެއް ނެތްނަމަ ގެއަށް ދިއުމަކުން މައްސަލައެއް ނެތެވެ. ނަމަވެސް ދެވަނަ ފަހަރަށް ލޭއަންނަން ފަށައިފިނަމަ ކުއްލި ހާލަތެއްގެ ގޮތުގައި ވަގުތުން ހޮސްޕިޓަލަށް ދާން ޖެހޭނެއެވެ. މައިމީހާއާއި ދަރިފުޅު ނުރައްކަލެއް ނެތި ރަނގަޅަށް ބޮޑުވަމުންދާނަމަ 37 ހަފުތާވުމުން ލޭނަޔަސް އޮޕަރޭޝަންކޮށްގެން ދަރިފުޅު ނަގަން ޖެހޭނެއެވެ (ޑރ މުހައްމަދު ފައިޞަލް އަހުމަދު).

ރަހިމުގެ ކަރުމަތީގައި މަސް އުފެދުފައިވާނަމަ ޠަބީގޮތަކުން ނުވިހޭނެއެވެ. އެއީ މަހުގެ ސަބަބުން ދަރިފުޅު ވިހެއުމުގެ މަގު އިންނާނީ ބެދިފައެވެ. އަދި ކަރުން ބައެއް ހިމަނޭގޮތަށް މަސް އުފެދިފައިވީ ނަމަވެސް ބޮޑަށް ރަނގަޅު ގޮތަކީ އޮޕަރޭޝަން ކޮށްގެން ދަރިފުޅު ނެގުމެވެ. އެއީ މިފަދަ ހާލަތުގައިވެސް ވިއްސަން އުޅެއްޖެނަމަ ކޮންޓުރޯލް ނުވާވަރަށް ލޭފެއިބުމަކީ ވަރަށް ގާތް ކަމެކެވެ. އަދި މައިމީހާގެ ފުރާނައަށް ނުރައްކާ ވުމަކީ ވަރަށް ގާތް ކަމެކެވެ (ޑރ މުހައްމަދު ފައިޞަލް އަހުމަދު).

ލޭފައިބާ ހާލަތްތަކުގައި ފަރުވާކުރުން

މާބަނޑު މީހެއްގެ ބަނޑަށް 20 ހަފްތާވުމަށްފަހު ލޭފައިބާނަމަ، އެއީ ކުއްލި ޞިއްޙީ ފަރުވާ ބޭނުންވާނެ ޙާލަތެކެވެ. މިހާލަތުގައި ހަސްފަތާލުގައި އެދުމަތިކޮށް، މައިމީހާއާއި، ދަރިފުޅުގެ ހާލަތު މޮނީޓަރ ކުރަމުން ގެންދާނެ އެވެ. ބީވެގެންދާ ލޭ އަނބުރާ ހަށިގަނޑަށް ހޯދައިދިނުމަށް ފަހަރުގައި ލޭއަޅަން ވެސް ޖެހިދާނެ އެވެ.

ލޭފައިބާން ފެށިއިރު ބަނޑަށް 36 ހަފްތާ ވެފައިވާނަމަ އޮޕަރޭޝަންކޮށްގެން (ސިޒޭރިއަން ހަދައިގެން) ދަރިފުޅު ނަގަންޖެހިދާނެ އެވެ. އާދަޔާ ޚިލާފަށް ގިނައިން ލޭބޭރުވެއްޖެނަމަ ތުއްތު ދަރިފުޅުގެ ފުރާނައަށް ނުރައްކާވުމުގެ ފުރުޞަތު އޮވެދާނެތީ ފަހަރުގައި އިމަޖެންސީކޮށް ސިޒޭރިއަން ހަދައިގެން ދަރިފުޅު (މައިމީހާގެ ބަނޑަށް 36 ހަފްތާވުމުގެ ކުރިން ވެސް) ނަގަންޖެހިދާނެ އެވެ.

ފުރަތަމަ ފަހަރު ލޭފައިބައިގެން އެދުމަތިކުރުމަށްފަހު، ލޭނާންނަތާ 48 ގަޑިއިރު ހޭދަވުމުން އާންމުކޮށް ހަސްފަތާލުން ދޫކޮށްލާނެ އެވެ. މިގޮތަށް ދޫކޮށްލާއިރު އާންމު ގޮތެއްގައި ބެޑް ރެސްޓް ކުރުމަށް ލަފާދޭނެ އެވެ. ނަމަވެސް ހުއްޓިނެތި ލޭފައިބާނަމަ ހަސްފަތާލުގައި ބާއްވައިގެން ލޭއައުން ހުއްޓެންދެން ފަރުވާ ކުރިޔަށް ގެންދާނެއެވެ.

އާންމު ގޮތެއްގައި ލޭފައިބަނީ ކުޑަކޮށް ކަމުގައިވާނަމަ ހަސްފަތާލުގައި އެދުމަތިކުރުމާއެކު ލޭމަނާވަންދެން ނޫނީ ލޭއައުން ހުއްޓެންދެން ބެޑް ރެސްޓުކުރުމަށް ލަފާދޭނެއެވެ. ލޭއައުން ހުއްޓުމުން ކުދިކުދި ކަންތައްތައް ކޮށްލެވިދާނެއެވެ. ނޫނީ މަޑުމަޑުން ކަންތައްތައް ކުރަމުން ގެންދެވިދާނެ އެވެ. އެއްކޮށް ލޭއައުން ހުއްޓުމުން ގެޔަށް ދޫކޮށްލާނެއެވެ. ގޭގައި ވަރަށް ފަރުވާތެރިވާން ޖެހޭނެ އެވެ. ލޭގެ އަސަރެއް ފެނިއްޖެނަމަ ލަސްނުކޮށް ހޮސްޕިޓަލަށް ދާންޖެހޭނެ އެވެ. ލޭއައުމަށް މަގުފަހިވާ ފަދަ ކަންތައްތަކާ (ޖިންސީގުޅުން ހިންގުން، ބަރުތަކެތި އުފުލުން ފަދަ) ދުރުހެލިވާން ޖެހޭނެ އެވެ.

ދޫކޮށްލުމަށްފަހު އަލުން ލޭފައިބައިފިނަމަ ފަހަރުގައި ވިހަން ދެން ވެސް ހަސްފަތާލުގައި އެދުމަތިވެގެން އޮންނަށް ޖެހިދާނެ އެވެ. ބަނޑަށް 34 ހަފްތާ ހަމަވުމުގެ ކުރިން (ލޭމަނާނުވުމުގެ ސަބަބުން ) ވިހަން ޖެހިއްޖެނަމަ ނޫނީ އޮޕަރޭޝަންކޮށްގެން ދަރިފުޅު ނަގަން ޖެހިއްޖެނަމަ ފަހަރުގައި ތުއްތު ދަރިފުޅުގެ ފުއްޕާމޭ ފުރިހަމަކުރުމަށްޓަކައި ތުއްތު ދަރިފުޅަށް ކޯޓިކޯސްޓީރޮއިޑް ފަރުވާގެ ގޮތުގައި ބޭނުންކުރަންޖެހިދާނެ އެވެ. ނަމަވެސް ލޭއައުން ހުއްޓިއްޖެނަމަ ދެން އޮޕަރޭޝަންކޮށްގެން ދަރިފުޅު ނަގާނީ ބަނޑަށް 37-36 ހަފްތާއާއި ދެމެދުގެ މުއްދަތުގެ ތެރޭގައެވެ.   

ލޭނުފައިބާ ހާލަތްތަކުގައި ފަރުވާކުރުން

ލޭނުފައިބާނަމަ ފަރުވާގެ މައިގަނޑު އަމާޒަކީ ލޭފޭބުމުގެ ހިރާސް ކުޑަކޮށް، ލޭފޭބުމަކާ ނުލައި ވިހަންދެން ނޫނީ ދުވަސް ފުރެންދެން ހިފެހެއްޓޭތޯ މަސައްކަތްކުރުމެވެ. މިހާލަތުގައި އަންނަނިވި ކަންތައްތަކާ ދުރުހެލިވުމަށް ޑޮކްޓަރުން ލަފާދޭނެ އެވެ.

·         ޖިންސީގުޅުން ހިންގުން

·         މާގަދަޔަށް ކަސްރަތުކުރުން

·         ބަރުތަކެތި އުފުލައި ހެދުން

·         ގިނައިރުތަކެއް ވަންދެން ކޮއްޅަށްހުރުން

ލޭފޭބުމުގެ ސަބަބުން ފުރަތަމަ ފަހަރަށް ހަސްފަތާލުގައި އެދުމަތިކޮށް ގެއަށް ދޫކޮށްލުމަށްފަހު ވެސް އިތުރަށް ލޭފޭބުމުގެ ހިރާސް ކުޑަކުރުމަށްޓަކައި މިކަންތައްތަކަށް ސަމާލުވުމަކީ މުހިއްމު ކަމެކެވެ.

ސިޒޭރިއަން ހެދުން

ނުބައިތަނެއްގައި މަސްއުފެދުމުގެ ސަބަބުން މާބަނޑު ދުވަސްވަރު ލޭނުފޭބިޔަސް، ފުރަތަމަ ފަހަރު ލޭފޭބުމަށްފަހު އިތުރަށް ލޭނުފޭބިޔަސް، ނުބައިތަނެއްގައި މަސްއުފެދިފައިވާނަމަ، ބަނޑަށް 37-36 ހަފްތާއާއި ދެމެދުގެ މުއްދަތެއްގެ ތެރޭގައި ސިޒޭރިއަން ހަދައިގެން ދަރިފުޅު ނަގަންޖެހޭނެ އެވެ.

ކޮންމެހެން އޮޕަރޭޝަންކޮށްގެން ދަރިފުޅު ނަގަންޖެހޭނެ ހާލަތްތަކުގެ ތެރޭގައި އަންނަނިވި ހާލަތްތައް ހިމެނެއެވެ.

·         ހުއްޓިނެތި ވަރަށް ބައިވަރު ލޭފޭބުން

·         ތުއްތު ދަރިފުޅުގެ ހިތުގެ ވިންދު ދަށްވަމުންދިއުން

·         މައިމީހާގެ ލޭގެ ޕްރެޝަރު އާދަޔާ ޚިލާފަށް ދަށްވުން ނޫނީ ދަށްވަމުންދިއުން

ވަރަށް ބައިވަރު ލޭފައިބައިފައިވާނަމަ ފަހަރުގައި ލޭއަޅަންޖެހުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.

ރަހިމުގައި ނުބައިތަނެއްގައި މަސްއުފެދިފައިވާނަމަ، މަސްއުފެދިފައިވާތަން ބަދަލުކުރުމަށް ދެވޭނެ ވަކި ފަރުވާއެއް ނޯވެއެވެ. ނަމަވެސް ނުބައިތަނެއްގައި މަސްއުފެދިފައިވާނަމަ ކުރެވިދާނެ ނޫނީ ކުރެވޭ ކަންތައްތަކެއް ހުރެއެވެ. އެގޮތުން ފާހަގަކޮށްލެވޭ ބައެއް ކަންތައްތައް ތިރީގައި މިވަނީ އެވެ.

·         ދޭތެރެ ދޭތެރެއިން ސްކޭން ހަދައި، މަސްހުރި ހިސާބު ބަލަމުން ގެންދިއުން

·         ބެޑް ރެސްޓު ނެގުން ނޫނީ ހަސްފަތާލުގައި އެދުމަތިވެގެން އޮތުން

·         ދުވަސް ނުފުރެނީސް އޮޕަރޭޝަންކޮށްގެން ދަރިފުޅު ނެގުން ނޫނީ ނަގަން ޖެހުން

·         ސިޒޭރިއަން ހަދަންޖެހުން

·         ލޭއަޅަންޖެހުން

ނޯޓް : މިއީ މައުލޫމާތު ފެތުރުމުގެ ނިޔަތުގައި ލިޔެފައިވާ ލިޔުމެކެވެ.

ހަވާލާ

·         https://www.mayoclinic.org/diseases-conditions/placenta-previa/symptoms-causes/syc-20352768#

·         https://www.msdmanuals.com/home/women-s-health-issues/complications-of-pregnancy/placenta-previa

·         https://www.babycenter.com/pregnancy/health-and-safety/placenta-previa_830

·         https://www.stanfordchildrens.org/en/topic/default?id=bleeding-in-pregnancyplacenta-previaplacental-abruption-90-P02437

·         ޑރ މުހައްމަދު ފައިޞަލް އަހުމަދު - ނުބައިތަނެއްގައި މަސްއުފެދުން – ކަވާސާ.ކޮމް 

No comments:

Post a Comment