މާބަނޑު
ދުވަސްވަރު : އާދަޔާ ޚިލާފަށް ގިނައިން ހޮޑުލެވުން
މާބަނޑު
ދުވަސްވަރު އާދަޔާ ޚިލާފަށް ގިނައިން ހޮޑުލެވުން (hyperemesis gravidarum) މާނަކުރެވެނީ މާބަނޑު ދުވަސްވަރު ދިގުމުއްދަތަށް ދެމިހުންނަ
މޭނުބައިކުރުމާއި ހޮޑުލުމަށެވެ. ނޫނީ ހޮޑުލެވުމަށެވެ. މާބަނޑު ދުވަސްވަރު އާދަޔާ
ޚިލާފަށް ގިނައިން ހޮޑުލެވުމަކީ އެކަމުގެ ސަބަބުން މައިމީހާގެ ގައިން ފެނާއި
ލޮނުގެ ބައި މަދުވުން، ބަރުދަން ލުއިވުން، އަދި ހަށިގަނޑުގައިވާ ކަރައިވަރުގެ
ހަމަހަމަކަން ގެއްލުން ފަދަ ކަންތައްތައް މެދުވެރި ކުރުވައިފާނެ ކަމެކެވެ. މާބަނޑު
ދުވަސްވަރު ކުރީކޮޅުގައި އާދައިގެ މިންވަރަކަށް ކުރިމަތިވާ މޭނުބައިކުރުމާއި
ހޮޑުލެވުމަށް "ހެދުނުގެ ބަލި"(morning sickness) މިހެން ކިޔައި އުޅެއެވެ.
މާބަނޑު ދުވަސްވަރު މޭނުބައިކޮށް ހޮނޑުލެވުމަކީ ތަބީޢީ ކަމެކެވެ. ނަމަވެސް ބައެއް ފަހަރު މާގިނައިން ހޮނޑުލެވި، ކައިބޮއި ހެދުމަށް އުދަނގޫ ވެއެވެ. މިއީ ބަލިވެއިނުމުން އާދަޔާ ޚިލާފަށް ގިނައިން ހޮޑުލެވޭ ބަލި(hyperemesis gravidarum)ކަމަށް ވެދާނެ އެވެ. މިއީ ފަރުވާނުކޮށްފިނަމަ، ބަނޑުގައިވާ ދަރިފުޅާއި، މައިމީހާއަށް ގެއްލުންވެދާނެ ޙާލަތެކެވެ. އެއީ މާގިނައިން މޭނުބައިކޮށް ހޮނޑުލެވުމުން، ހަށިގަނޑަށް ބޭނުންވާ މުހިއްމު ބައިތައް ނުލިބުމާއި، ހަށިގަނޑުގެ ލޮނުގެ މިންގަނޑަށް ބަދަލު ގެނުވާތީ އެވެ. ބައެއް ފަހަރު ބަރުދަން ލުއިވުމަކީ ވެސް ވެދާނެ ގޮތެކެވެ. އެހެންކަމުން މާގިނައިން ހޮނޑުލެވި، ކެއުމަށް ނުކުޅެދިއްޖެ ހާލަތެއްގައި ލަސްނުކޮށް ޑޮކްޓަރެއްގެ ލަފަޔާ އިރުޝާދު ހޯދުމަކީ މުހިއްމު ކަމެކެވެ.
ސަބަބު
ގިނަ މީހުންނަށް މާބަނޑުވާތާ ފުރަތަމަ 3
މަސް ދުވަހުގެ ތެރޭގައި އާދައިގެ މިންވަރަކަށް މޭނުބައިކުރުމާއި ހޮޑުލެވުން
ކުރިމަތިވެއެވެ. މިއީ ހެދުނުގެ ބައްޔެވެ. މާބަނޑު ދުވަސްވަރު މޭނުބައިކުރުމާއި
ހޮޑުލެވުން ކުރިމަތިވާ ސީދާ ސަބަބެއް އަދި ހޯދިފައެއް ނުވެއެވެ. ނަމަވެސް ގަބޫލު
ކުރެވިފައިވާ ގޮތުގައި މިކަން ކުރިމަތިވަނީ ކުއްލިއަކަށް "ހިއުމަން ކޮރިއޮނިކް
ގޮނާޑޯޓްރޮޕިން ހޯރމޯން"(HCG) ނުވަތަ
މާބަނޑު ހޯރމޯން އަދި އެސްޓްރަޖަން ހޯރމޯން ލޭގައި ގިނަވުމުންނެވެ. މާބަނޑު
ހޯރމޯން އަކީ މާބަނޑުވުމުން މަހުން ދޫކުރާ ހޯރމޯން އެކެވެ. އާދައިގެ ވަރަކަށް
މޭނުބައިކޮށް ހޮޑުލެވުމަކީ އާންމުކޮށް ދިމާވެދާނެ ކަމެކެވެ. ނަމަވެސް އާދަޔާ
ޚިލާފަށް ގިނައިން މޭނުބައިކޮށް ހޮޑުލެވުމަކީ އެހާ އާންމު ކަމެއް ނޫނެވެ. އަދި
އެއީ ނުރައްކަލާ ކުރިމަލާންޖެހިދާނެ ކަމެކެވެ.
އާދަޔާ ޚިލާފަށް ގިނައިން މާބަނޑު
ދުވަސްވަރު މޭނުބައިކޮށް ހޮޑުލެވުމަކީ އެކަމުގެ ސަބަބުން ބަރުދަން ލުއިވުމަށް
މެދުވެރިވާ ކަމެކެވެ. އެގޮތުން މިހާލަތުގައި ހަށިގަނޑުގެ ބަރުދަނުގެ %5 އަށްވުރެ
ބޮޑަށް ބަރުދަން ލުއިކޮށްލާކަން ފާހަގަ ކުރެވެއެވެ. މާބަނޑުވާ ކޮންމެ ފަހަރަކު
ވެސް މިގޮތަށް ދިމާވެދާނެ އެވެ. ނަމަވެސް އެއްކުޖަކަށްވުރެ ގިނަ ކުދިންނަށް
އެއްފަހަރާ ބަލިވެއިނުން، ހައިޑޭޓިޑް ފޯރމް މޯލް އުފެދުން (މިއީ ޣައިރު ތަބީޢީކޮށް
ރަހިމުގައި އުފެދޭ އުފެދުމެއް) އަދި ކުރިން ފަހަރަކު މިގޮތަށް ދިމާވެފައިވާނަމަ ،
މާބަނޑުވުމުން އާދަޔާ ޚިލާފަށް ގިނައިން ހޮޑުލެވުމުގެ ހިރާސް އިތުރުވެގެން ދެއެވެ.
މަގުފަހިކުރާ ކަންތައްތައް
·
ކުރިން ފަހަރަކު ބަލިވެއިން އިރު އާދަޔާ ޚިލާފަށް ގިނައިން
ހޮޑުލެވުން ކުރިމަތިވެފައިވުން
·
އާދަޔާ ޚިލާފަށް ހަށިގަނޑު ބަރުހެލިވެ ފަލަވުން
·
އެއްކުއްޖަކަށްވުރެ ގިނަ ކުދިންނަށް އެއް ފަހަރާ
ބަލިވެއިނުން
·
ފުރަތަމަ ފަހަރަށް ބަލިވެއިނުން
·
ހައިޑޭޓިޑް ފޯރމް މޯލް އުފެދުން (މިއީ ޣައިރު ތަބީޢީކޮށް
ރަހިމުގައި އުފެދޭ އުފެދުމެކެވެ).
އަލާމާތްތައް
ހެދުނުގެ ބަލީގެ ސަބަބުން ކާހިތްނުވުން،
އާދައިގެ ވަރަކަށް މޭނުބައިކުރުމާއި ހޮޑުލެވުން ކުރިމަތިވެދާނެ އެވެ. އަދި
މާބަނޑުވުމުން އާދަޔާ ޚިލާފަށް ގިނައިން ހޮޑުލެވުމާއި ޚިލާފަށް ހެދުނުގެ ބަލި
ކުރިމަތިވުމުން ކޮންމެ ވެސް މިންވަރަކަށް ކެއުންބުއިން ކުރިޔަށް ގެންދެވޭނެ އެވެ.
ބޮޑަށް މިކަން ވެސް ކުރިމަތިވަނީ މާބަނޑު ވުމަށްފަހު ފުރަތަމަ 3 މަސް ދުވަހުގެ
ތެރޭގައި ކަން ފާހަގަ ކުރެވެއެވެ. އާދަޔާ ޚިލާފަށް ގިނައިން މޭނުބައިކޮށް
ހޮޑުލެވުން ކުރިމަތިވެދާނެ އަލާމާތްތައް ތިރީގައި މިވަނީ އެވެ.
·
މާބަނޑު ދުވަސްވަރު ދެމެހެއްޓެނިވި ގޮތެއްގައި
މޭނުބައިކުރުމާއި ހޮޑުލެވުން ދެމިހުރުން ނޫނީ މޭނުބައިކުރުމާއެކު ވަރަށް ގިނައިން
ހޮޑުލެވުން : އެގޮތުން ދުވާލަކު 4 ފަހަރަށްވުރެ ގިނައިން ހޮޑުލެވިދާނެ އެވެ.
·
އާންމުކޮށް އުފެދޭ ވަރަށްވުރެ ގިނައިން ކުޅު އުފެދި،
އަނގައިގެ ތެރޭގައި ކުޅު ގިނަވެ، ކުޅުދިޔާވުން
·
ބަރުދަން ލުއިވުން : އެގޮތުން 2.7 ކިލޯގްރާމަށްވުރެ ބޮޑަށް
ބަރުދަނުން ލުއިވުން
·
ހަށިގަނޑުން ފެންމަދުވުމުގެ އަލާމާތްތައް ފެނުން :
ކުޑަކަމުނަޖިސްގެ ކުލަ ގަދަވުން، ބޯއެނބުރުން، ވަރުބަލިވުން، ވަރުދެރަވުން
·
ބަނޑުހަރުވުން : އެގޮތުން އަބަދު ބޯއަނބުރާފައި
ހުރެދާނެއެވެ. ނޫނީ ވެއްޓިދާނެހެން ހީވެދާނެ އެވެ.
·
ކެއުންބުއިމަށް ނުކުޅެދުން
ދެނެގަތުން
މާބަނޑު ދުވަސްވަރު އާދަޔާ ޚިލާފަށް
ގިނައިން ހޮޑުލެވުން ކުރިމަތިވެފައިވާނަމަ އަންނަނިވި ޓެސްޓުތައް ހެދުމަށް
އިރުޝާދު ދޭނެ އެވެ.
·
ހަށިގަނޑު ބަލައި ޗެކުކުރުން : އެގޮތުން ހަށިގަނޑު ބަލައި
ޗެކުކުރުމުގެ ތެރެއިން ލޭގެ ޕްރެޝަރު ދަށްވެ، ހިތުގެވިންދު ފަހަރުގައި
އަވަސްވެފައި ހުރިކަން ފާހަގަކުރެވިދާނެ އެވެ. އަދި ބަރުދަން ޗެކުކޮށް ހަދާނެއެވެ.
·
މީގެ އިތުރުން އަންނަނިވި ޓެސްޓުތައް ހެދުމަށް ލަފާދޭނެ
އެވެ.
o ކޮމްޕްލީޓް ބްލަޑް ކައުންޓް
ޗެކުކުރުން
o ކުޑަކަމު ނަޖިހުގައި
ކީޓޯންހުރިތޯ ޓެސްޓުކުރުން
o ހަށިގަނޑުގެ ލޮނުގެ މިންތައް
ޗެކުކުރުން
·
ސްކޭންކުރުން
ކޮންމެހެން ޑޮކްޓަރަށް
ދައްކަންޖެހޭނެ ހާލަތްތައް
·
ހަށިގަނޑުން ފެންމަދުވުމުގެ އަލާމާތްތައް ފެނުން
·
އެއްވެސް ނުކެވި، ނުބޮވި 12 ގަޑިއިރަށްވުރެ ގިނައިރުވުން
·
ބޯއެނބުރުން
·
ހޮޑުގައި ލޭހުރުން
·
ބަރުދަނުން 2.7 ކިލޯގްރާމަށްވުރެ ބޮޑަށް ލުއިވުން
·
އާދަޔާ ޚިލާފަށް ބޮޑަށް ދަށްބަނޑުގައި ރިހުން
ފަރުވާ
އާދައިގެ މިންވަރަކަށް މޭނުބައިކުރުމާއި
ހޮޑުލެވުން ކުރިމަތިވިނަމަ، އުދަނގޫތަކަށް ލުއިވުމުން ބޮޑަށް ބާރުއަޅަނީ އިތުރަށް
އެހާލަތު ކުރިމަތިވުމަށް މަގުފަހިކޮށްފާނެ ކާބޯތަކެއްޗާއި ދުރުހެލިވުމާއި، އަދި
ގިނައިން ދިޔާތަކެތި ބޭނުންކުރުމަށެވެ. މޭނުބައިކުރުމާއި ހޮޑެލެވުމުގެ ސަބަބުން
ހަށިގަނޑުން ފެނާއި ލޮނުގެ ބައި މަދުވެފައިވާނަމަ އައިވީ ގުޅައިގެން
ފަރުވާކުރިޔަށް ގެންދަންޖެހިދާނެ އެވެ. މީގެ އިތުރުން ހޮޑު މަނާކުރުމަށް ބޭސް
ދީފާނެ އެވެ. މަންމައާއި ދަރިފުޅަށް ނުރައްކާ މިންވަރަށް ހޮޑުލެވޭނަމަ
ހަސްފަތާލުގައި އެދުމަތިކޮށްގެން ފަރުވާކުރިޔަށް ގެންދަން ޖެހިދާނެ އެވެ. މިހާލަތުގައި
އައިވީ ގުޅައިގެން ފަރުވާ ކުރިޔަށް ގެންދަންޖެހޭނެ އެވެ.
ފަރުވާގައި ހިމެނޭ މުހިއްމު ބައިތައް
ތިރީގައި މިވަނީ އެވެ.
·
ރައްކާތެރިވުމުގެ ގޮތުން ކުރެވޭ ކަންތައްތައް ކުރުމަށް
ބާރުއެޅުން އަދި އެކަންތައްތައް ކުރުން
·
ކެއުންބުއިމުގައި އިރުއިރުކޮޅުން އެތިކޮޅުކޮޅުން ކަމުން
ގެންދިއުން
·
އައިވީ ގުޅައިގެން ފަރުވާކުރިޔަށްގެންދިއުން
·
ހޮޑުލެވުން މަނާކުރާ ބޭސް ބޭނުންކުރުން
މޭނުބައިކުރުމާއި، ހޮޑުލެވުން
ކުޑަކުރުމަށް ކުރެވިދާނެ ކަންތައްތައް
މޭނުބައިކުރުމާއި ހޮޑުލެވުން
ކުޑަކުރުމަށް އަންނަނިވި ކަންތައްތައް އެހީއަކަށް ވާނެއެވެ.
މޭނުބައިކޮށް ހޮޑުލެވުމަށް
މަގުފަހިވާ ފަދަ ކަންކަމާއި، ތަކެއްޗާއި ދުރުހެލިވުން
·
ބައެއް ކަހަލަ އަޑުތައް : މިސާލަކަށް ރޭޑިޔޯ
ނޫނީ ޓީވީ އިން އަންނަ އަޑުތައް
·
ބައެއް ވައްތަރުގެ އަލިތައް : މިސާލަކަށް
ފަނޑުއަލި ނޫނީ ވިދާ ބަބުޅާ އަލިތައް
·
ދަތްއުގުޅާ ބޭސް
·
ބައެއް ކަހަލަ ވަސްތައް : މިސާލަކަށް އަތަރު،
ސެންޓް، ސާފުކުރަން ނޫނީ ދޮންނަށް ގެންގުޅޭ ތަކެތީގެ ވަސްތައް
·
ދަތުރުކުރުން
·
ބަނޑަށް ބާރުވުން
·
ފެންވެރުން
ކެއިންބުއިމަށް ކުޅަދާނަވަރު
ވުމުން ކެއުންބުއިން ކުރިޔަށްގެންދާނެގޮތް
·
ލުއިކޮށް ގިނަގިނައިން ކެއުން : އެގޮތުން
ދުވާލަކު 8-6 ފަހަރު ކެވިދާނެ އެވެ. މިގޮތަށް ކެއުމުން ބަނޑުހައިނުވެ، ހުންނާނެ
އެވެ. މާބޮޑަށް ހައިވުމަކީ މޭނުބައިކޮށް ހޮނޑުލެވިދާނެ ކަމެކެވެ. ކާއިރު
ލަސްލަހުން ކެއުމަކީ މުހިއްމު ކަމެކެވެ.
·
އެއްފަހަރު ކެއުމާއި، އަނެއްފަހަރު ކެއުމާއި
ދޭތެރޭ ގިނަގިނައިން ދިޔާތަކެތި ބުއިން: މިގޮތުން އިގުރުސައި، އަދި ކުދީނާ
ސައި ބޭނުންކުރެވިދާނެއެވެ. ކެއުމުގެ ½ ގަޑިއިރު
ކުރިންނާއި، އަދި ކެއުމުގެ ފަހުން ދިޔާތަކެތި ބުއިން ރަގަޅެވެ. ކަމުންދާ
ވަގުތުގައި ދިޔާތަކެތި ބުއިމަކީ ރަގަޅު ކަމެއް ނޫނެވެ.
·
ޕާން،ބަނަސް،ފާރޮށި،ޗީޒް، ކްރީކް ކްރޭކަރު
ބިސްކޯދު ފަދަ ސްޓާޗް އެކުލެވޭ ކާނާ ބޭނުންކުރުން : މިފަދަ ކާނާ އެދުކައިރީގައި
އަތުޖެހޭ ފަށުގައި ބެހެއްޓިދާނެއެވެ. ހެދުނުހޭލާ އެދުން ތެދުވުމުގެ ކުރިންނާއި،
މެންދަމު ހޭލެވިއްޖެ ނަމަ މިފަދަ ކާނާ ބޭނުންކުރުމަކީ ފައިދާހުރި ކަމެކެވެ.
ހަމަމިހެން މޭނުބައިކުރަން އުޅޭހެން ހީވާނަމަ ވެސް މިކާނާ ބޭނުންކުރެވިދާނެއެވެ.
ކްރީމް ކޭކަރު ބިސްކޯދު ކަހަލަ އެއްޗެއް އެދު ކައިރީ އަތުޖެހޭ ހިސާބުގައި
ބަހައްޓާށެވެ. ހޭލައިގެން އެދުން ތެދުވުމުގެ ކުރިން ދެތިން ބިސްކޯދު ކެއުމަށްފަހު
ތެދުވުމުގެ ކުރިން، 30-20 މިނިޓްވަރު ވަންދެން އަރާމުކޮށްލާށެވެ. ދަންވަރު ހޭލެވި،
މޭނުބައިކޮށްފިނަމަ ވެސް މިފަދަ ބިސްކޯދެއް ކެއުމުން ލުއިކަން ލިބުމަކީ ވެދާނެ
ކަމެކެވެ. އެދުން ތެދުވާންޖެހޭނީ ލަސްލަހުންނެވެ. ކުއްލިއަކަށް އެދުން ތެދުވެ،
ހިނގައިގަތުމުގެ ބަދަލުގައި، 5 ވަރަކަށް މިނިޓްވަންދެން ފުރަތަމަ އެދުމަތީގައި
އިށީދެ އިންނާށެވެ. އެއަށްފަހު ތެދުވާށެވެ.
·
ޕްރޮޓީން އެކުލެވޭ ކާނާ ގިނައިން ބޭނުންކުރުން
: މިގޮތުން ބަދަން،ޕީނަޓް ބަޓަރު ފަދަ ކާނާ ބޭނުންކުރެވިދާނެ
އެވެ.
·
އިގުރު އެކުލެވޭ ކާނާ ބޭނުންކުރުން، އަދި އިނގުރާއި، ލުބޮއިގެ ވަސްބެލުން، އަދި
ކަރާކެއުން
·
ހެދުނު އެދުން ތެދުވުމުގެ ކުރިން
ކޯދޮވެލައިގެން، މުރަނަ ރޮށިކޮޅެއް ނޫނީ ފާރޮށި ކޮޅެއް ފަދަ އެއްޗެއް ކައިލުން
·
އެކަށޭނަ ވަރަށް ދިޔާތަކެތި ބުއިން : ގިނައިން
ދިޔާތަކެތި ބޭނުންކުރުމަކީ މޭނުބައިކުރުން ކުޑަކޮށްދޭނެ ކަމެކެވެ.
·
ތެޔޮ،ހަވާދު އެކުލެވޭ ކުޅި ކާނާއާއި،
ދުރުހެލިވުން : ތެޔޮ ކާނާގެ ބާވަތްތައް ހަޖަމުވުމަށް ގިނައިރު ނަގާނެ އެވެ.
·
ކޮފީ،ކަޅުސައި ފަދަ ބުއިންތަކާއި،
ދުރުހެލިވުން
·
އެއްފަހަރު ވެސް ނުކައި ދޫކޮށްނުލުން
·
ކައިނިމިގެން ދަތްއުގުޅައި، އަނގަ ރަގަޅަށް
ދޮވުން
·
ކައިރިކައިރީގައި ކުދިއެތިކޮޅުން ކެއުން
·
ހަޖަމުކުރަން ފަސޭހަ އެއްޗެހި ކެއުން
·
ގިނައިން ތެޔޮ ހުންނަ އެއްޗެހި ނުކެއުން
ކުރެވިދާނެ އެހެނިހެން
ކަންތައްތައް
·
ކައިނިމޭގޮތަށް ނުއޮށޯތުން : ކައިނިމޭގޮތަށް އޮށޯތުމަކީ
ހަޖަމުވުން ލަސްކޮށްދޭ ކަމެކެވެ.
·
އެކަށޭނަ ވަރަށް އަރާމުކުރުން : އެގޮތުން
މެންދުރުފަހު ½ ގަޑިއެއްހާއިރު ނިދާލެވިދާނެ އެވެ.
·
ގަވާއިދުން ކަސްރަތުކުރުން
·
މޭނުބައިކުރުވާ ކާނާއާއި، ވަސްތަކާއި، ވީވަރަކުން
ދުރުހެލިވުން
·
އެކިޔުޕްރެޝަރ ބޭންޑް ބޭނުންކުރުން
·
ތާޒާ ވައި ލިބޭ ހިސާބެއްގައި ވަގުތު
ހޭދަކުރުން
·
މަތީގައި
ބަޔާންކުރެވުނު ކަމަކުން މޭނުބައިކުރުމާއި، ހޮޑުލެވުމަށް ބަދަލެއް ނާންނަމަ
ވިޓަމިން-ބީ(B6) ބޭނުންކުރުމަށް ޑޮކްޓަރެއްގެ ކިބައިން ލަފާހޯދިދާނެއެވެ.
މާގިނައިން ހޮޑުލެވޭނަމަ
ހަށިގަނޑުން ލޮނާއި، ފެން ހުސްވާގޮތް (ފެންމަދުވުން) މެދުވެރިވުމަކީ
އެކަށީގެންވާކަމެކެވެ. މިފަދަ ހާލަތުގައި ލަސްނުކޮށް ޑޮކްޓަރަކާއި، މަޝްވަރާކޮށް
އެކަމުގެ އިރުޝާދު ހޯދިދާނެއެވެ. ހަމަމިހެން ބަރުދަން ލުއިވުން، ކުޑަކަމުދާތަކެތި
ކުލަގަދަވެފައި ހުރުން ފަދަ ކަންތައްތައް ކުރިމަތިވުމަކީ
ވެދާނެކަމެކެވެ.މޭނުބައިކުރުމާއި، ހޮޑުލެވުން ކުޑަވެ، އެކަމުގެ އަސަރު ފިލަން ފެށުމުން
ގަވާއިދުން ކާތަކެތި ބޭނުންކުރަން ފެށިދާނެއެވެ. އަދި ބަލިވެއިންނަ ދުވަސްވަރު
ނަގަންޖެހޭ ވިޓަމިންސް ވެސް ނެގިދާނެއެވެ.
ނޯޓް : މިއީ މައުލޫމާތު ފެތުރުމުގެ ނިޔަތުގައި
ލިޔެފައިވާ ލިޔުމެކެވެ.
ހަވާލާ
·
https://medlineplus.gov/ency/article/001499.htm#:~:text=Hyperemesis%20gravidarum
No comments:
Post a Comment