މުހިއްމު ސަފުހާތައް

Saturday, December 24, 2022

ފޮސްފަރަސް

 ފޮސްފަރަސް                  

ފޮސްފަރަސް(Phosphorus) އަކީ ކެމިކަލް ޢުންޞުރެކެވެ. ފޮސްފަރަސްގެ ރަމްޒަކީ P އެވެ. އޭގެ އެޓަމިކް ނަންބަރަކީ 15 އެވެ. ފޮސްފަރަސް އަކީ ހުދު ނޫނީ ރީނދޫ ކުލައިގެ މަސްނޫޢީ އުން ފަދަ މައުދަނެކެވެ. (ސާލިހު އަދި ވަހީދު، 2014). ފޮސްފަރަސް އަކީ އޮކްސިޖަން ގޭސް އަށް މިމައުދަން ހުށަހެޅުމުން، ތިން ހަތަރު ކުލައެއްގައި ހުންނަ އަލިކަމެއް ނުވަތަ ހުޅުކޮޅެއް ފާޅުވާ މައުދަނެކެވެ. މިއަލިކަމާ ހެދި ޔޫނާނީ ބަހުން "ބައްތި އުފުލާމީހާ" ގެ ނަމުން މިމައުދަނުން ނަން ދިނީ އެވެ. ހުރިހާ ޖަނަވާރެއްގަޔާއި، ގަސްގަހާގެހީގެ ދިރު ތަކުގައި މިއީ ހުންނަ މައުދަނެކެވެ. ފޮސްފަރަސް އަކީ ހަށިގަނޑަށް ބޭނުންވާ މަހާ މައުދަނުގެ 3 ބާވަތުން އެއް ބާވަތެވެ(ސާލިހު އަދި ވަހީދު، 2014).


ފޮސްފަރަސް އަކީ ހަށިގަނޑުގެ ތަފާތު މަސައްކަތްތައް ފުރިހަމަކުރުމުގައި ބައިވެރިވާ މައުދަނެކެވެ. އެގޮތުން ފޮސްފަރަސް އަކީ ދަތްތައް، ކަށިތައް އަދި ދިރުތަކުގެ ތުނާލީގައި ހިމެނޭ އަސާސީ މާއްދާ އެކެވެ. ފޮސްފަރަސް އަކީ ހަށިގަނޑުގައި ހިމެނޭ އެންޒައިމްތައް ހީވާގި ކުރުމަށް އެހީތެރިވެދޭ ކަނީޒެކެވެ. އަދި ލޭގެ ބަފަރ ތަބީއީ ރާޖީގެ ތެރޭގައި ބަހައްޓައިދެއެވެ. މަސްތަކާއި، ނާރުތަކުގެ ތަބީޢީ މަސައްކަތްތައް ތަންޒީމުކޮށް ދިނުމުގައި ވެސް ފޮސްފަރަސް ބައިވެރިވެއެވެ (ހާވަރޑް.އެޑިޔު، 2022).

ހަށިގަނޑުގައި ފޮސްފަރަސްގެ މިންވަރު ތަންޒީމުކުރަނީ ގުރުދާ، ކަށިތައް، އަދި ކުޑަގޮހޮރު ގުޅިގެން ކުރާ މަސައްކަތުންނެވެ. ކާނާއިން ހަށިގަނޑަށް އެކަށޭނަ ވަރަށް ފޮސްފަރަސް ނުލިބޭނަމަ، ނޫނީ ހަށިގަނޑަށް އެތެރެވާ ފޮސްފަރަސް ހަށިގަނޑަށް އެކަށޭނަ ވަރަށް ނުނަގާނަމަ، ފޮސްފަރަސްގެ މިންވަރު ހަމައަކަށް އަޅުވައި އެއްވަރަކަށް ހިފެހެއްޓުމަށް ނޫނީ ބެހެއްޓުމަށް ވަރަށް ގިނަ ކަންކަން ހިންގައެވެ. އެގޮތުން ގުރުދާއިން ކުޑަކަމުނަޖިހާއެކު ފޮސްފަރަސް ބޭރުކުރާ މިންވަރު ދަށްކުރެއެވެ. ހަޖަމުކުރާ ނިޒާމުން ހަށިގަނޑަށް ފޮސްފަރަސް ނެގުން ހަރުދަނާކޮށް ރަނގަޅުކުރެއެވެ. އަދި ކަށީގައި ހުންނަ ފޮސްފަރަސް ކަށީގެ ކޮށާރުން ލޭގެ އާރަށް ދޫކުރެއެވެ. ހަށިގަނޑުގައި އެކަށޭނަ ވަރަށް ފޮސްފަރަސް ހުރިކަމުގައިވާނަމަ ކަންހިނގާނީ މިބަޔާންކުރެވުނު ގޮތާއި ދިމާއިދިކޮޅަށެވެ. މާނައަކީ ކުޑަކަމުނަޖިހާއެކު ފޮސްފަރަސް ބޭރުވުން އިތުރުކޮށްދީ، ހަށިގަނޑަށް ފޮސްފަރަސް ނަގާމިންވަރު ދަށްކޮށް، ކަށީގައި ފޮސްފަރަސް ލޭގެ ތެރެއަށް ދޫކުރުން މަދުކުރުވައެވެ (ހާވަރޑް.އެޑިޔު، 2022).

މަޞްދަރުތައް

ފޮސްފަރަސް އަކީ ގިނަ ކާނާގައި ހިމެނޭ މާއްދާ އެކެވެ. ގިނައިން ހުންނަ ކާނާގެ ބާވަތްތަކުގެ ތެރޭގައި އަންނަނިވި ބާވަތްތައް ހިމެނެއެވެ.

·         ފޮސްފަރަސް ހިމެނޭ ކާނާގެ ތެރޭގައި އެއްގަމު މަސް، ކަމީރު، ސޯޔާތޮޅި އޮށް، ފުށް، ޗީޒް، ކިރު، ދަޅުގައި ބަންދުކޮށްފައި ހުންނަ މަސް، އެކިވައްތަރުގެ މަދު ހިމެނެއެވެ.

·         އެކިވައްތަރުގެ ސޮޑާގައި މިމާއްދާ ވަރަށް ގިނައިން ހުރެއެވެ. އެހެންކަމުން ސޮޑާގެ ވައްތަރުތައް މާގިނައިން ބޯ މީހުންނަށް ބޭނުންވާ ވަރަށްވުރެ ގިނައިން މިބައި ލިބުމަކީ އެކަށީގެންވާ ކަމެކެވެ. މިމާއްދާ މާގިނައިން ކެއުމުން ކެލްސިއަމް މަދުވާގޮތް ދިމާވެއެވެ. އެހެންވުމުން އަކުނިވަޔަށްދެމުން، އަދި ލޭމައްޗަށްދިއުން ދިމާވެއެވެ.

ދިވެހިރާއްޖެއިން ލިބޭ ބައެއް ކާބޯތަކެތީގައި ފޮސްފަރަސް ހުންނަ މިންވަރު

100ގ ގައި

މިލިގްރާމް

100ގ ގައި

މިލިގްރާމް

ބަރަބޯއޮށް

1172

ފަޅުމަސް

248

ދަވިއްގަދު

499

ކަނޑުމަސް

222

ކޮތަނބިރި

409

ބިންމަދު

200

ކޮތަރުމަސް

307

ލޮނުމެދު

150

ބިލެތް

300

ދޮންކެޔޮ

27

ކާބޯތަކެތީގެ ވަރަށް ގިނަ ވައްތަރުތަކުގައި ތަބީޢީ ގޮތެއްގައި ފޮސްފަރަސް ހުރެއެވެ. އެންމެ ގިނައިން ފޮސްފަރަސް ހުންނަ ކާބޯތަކެތީގެ ތެރޭގައި  ކިރު، ޔޯގަޓް، ޗީޒް ފަދަ ކިރާއި، ކިރުގެ އުފެއްދުންތައް، އެއްގަމު މަހުގެ ބާވަތްތައް (ރަތްކުލައިގެ އެއްގަމުމަސް، ގެރި މަސް، އަސްދޫނި މަސް)، ކަނޑުކާނާ، ލެގިޔޫމް އަދި އޮށާއި މަދުގެ ވައްތަރުތައް ހިމެނެއެވެ (ހާވަރޑް. އެޑިޔު، 2022). މީގެ އިތުރުން ސަތާވަރީ (އެސްޕެރަގަސް)، ޓޮމާޓޯ، އަދި ކޮލިފްލާވަރު ފަދަ ތަރުކާރީގައި ވެސް ފޮސްފަރަސް ހުރެއެވެ (ހާވަރޑް.އެޑިޔު، 2022).

ފޮސްފަރަސް ހަށިގަނޑަށް ނަގައިދިނުން

ކާބޯތަކެއްޗާއި އެކު ހަށިގަނޑަށް އެތެރެވާ ފޮސްފަރަސް ގެ 70 އިންސައްތަ ހަށިގަނޑަށް ނަގައިދެއެވެ. އެކަމަކު މިނެގޭވަރު ބިނާވެފައިވަނީ ހަށިގަނޑުގައި ކެލްސިއަމް އަދި ވިޓަމިން ޑީ އަދި ޕެރަތައިރޮއިޑް ހޯރމޯން ހުރި މިންވަރެއްގެ މައްޗަށެވެ. ހަމަ އެހެންމެ އެހެން ބައެއް މާއްދާތައް ވެސް ފޮސްފަރަސްގެ ރޯލަށް އަސަރުކުރުވައެވެ(ސާލިހު އަދި ވަހީދު، 2014).

ފޮސްފަރަސް ހަށިގަނޑުގައި ގިރިބިން ކުރުމަށް އަސަރުކުރުވާ ބައެއް މާއްދާތަކާއި ބާވަތްތައް ތިރީގައި މިވަނީ އެވެ.

·         މެއިން ދިލަނަގާތީ ކައިއުޅޭ އެންޓެސިޑް ބޭސްތަކުގައި މެގްނީޒިއަމް ނޫނީ އެލްމިނިއަމް ހުރެއެވެ. މި ދެވައްތަރަކީ ވެސް ފޮސްފަރަސް ގިރިބިންކުރުމަށް ހުރަސްއަޅާ އެއްޗިއްސެވެ.

·         ފޮސްފަރަސް ގިރިބިން ކުރުމުގައި އަޔަން ހުރަސް އަޅައެވެ.

·         ކެލްސިއަމް އާއި ފޮސްފަރަސް ހުންނަނީ ކަށިތަކާއި ދަތްތަކުގައި ވަކި މީޒާނެއްގައެވެ. ފޮސްފަރަސް މާގިނައިން ހުންނަ ތަކެތި އާދަކޮށް ގިނައިން ކާނަމަ، ލޭގެ ތެރޭގައި ހުންނަ ފޮސްފަރަސް މީޒާންކުރުމަށް، ކަށިތަކުގައި ހުންނަ ކެލްސިއަމް ނިކުމެއެވެ. އެހެންވުމުން ކަށިތައް ބަލިވާގޮތް ވެއެވެ.

·         ފޮސްފަރަސް އަކީ ވިޓަމިން ޑީ އާއި އަޔަޑިން އަދި ޒިންކު ފަދަ މާއްދާތައް ގިރިބިންކުރުމަށް ވެސް ބޭނުންވާ މާއްދާ އެކެވެ.

ހަށިގަނޑުގައި އެކުލެވޭ ފޮސްފަރަސް

ބޮޑު މީހެއްގެ ހަށިގަނޑުގައި 500 އާއި 750 ގްރާމް އާއި ދޭތެރޭގައި ފޮސްފަރަސް ހުރެއެވެ. މީގެ ތެރެއިން 85 އިންސައްތަ ހުންނަނީ ކަށީގަޔާއި ދަތްތަކުގައެވެ (ސާލިހު އަދި ވަހީދު، 2003، 2014). ބާކީ 20 އިންސައްތަ ހުންނަނީ ހަށިގަނޑުގައި އުފެދޭ ދިޔަތަކާއި، އެހެނިހެން ޓިޝޫތަކުގައެވެ. ލޭގައި 5-3 ގްރާމްގެ ފޮސްފަރަސް ކޮންމެ ޑެސިލިޓަރަކަށް ހުރެއެވެ (ސާލިހު އަދި ވަހީދު، 2003). ބާކީވާ ފޮސްފަރަސް މަސައްކަތްކުރަނީ ލޭގެ ތެރޭގައި ޅިންތާ (އެންޒައިމް) ތަކާ އެކުވެގެން ހަށިގަނޑުގެ ހުރިހާ މަސައްކަތްތަކެއް ހިންގުމުގައެވެ. އޭގެ ތެރޭގައި އެއް ބާވަތް އަނެއް ބާވަތަކަށް ބަދަލުކުރުމާއި، ކާބޯތަކެތީގައި ހުންނަ ކާބޯސް، ފެޓް، އަދި ޕްރޮޓީން ގިރިބިންކޮށްދީ، އެތަކެތިން ހަށިގަނޑަށް ބޭނުންވާ ހަކަތަ ނެރެދީ ހަދައެވެ. އަދި ފަހުގެ ދިރާސާތަކުން ދައްކާ ގޮތުގައި ވިޓަމިން ބީ ގެ ވައްތަރުތައް ހަށިގަނޑަށް ފުރިހަމައަށް ގިރިބިން ކޮށްދެނީ ވެސް ފޮސްފަރަސް ފުދޭވަރަށް ހަށިގަނޑުގައި ހުރުމުންނެވެ. މީގެ އިތުރުން ގުރުދާ ބަރާބަރަށް ހިނގުމަށާޢި، މަސްތައް ކުރުގެޅުމަށާޢި، ނާރުތަކުގެ ސިގުނަލް ދަތުރުކުރުމަށާއި، ހިތުގެ ރާގު ހިފެހެއްޓުން ހިމެނެއެވެ.

ފޮސްފަރަސް އަކީ ކެލްސިއަމް ނަގާފައި ހަށިގަނޑުގައި އެންމެ ގިނަ މަޢުދަނެކެވެ. ހަށިގަނޑުގެ ބަރުދަންގެ %1 އަކީ ފޮސްފަރަސް އެވެ. ފޮސްފަރަސް އެންމެ ގިނައިން ހުންނަނީ ކަށިތަކުގަޔާއި، ދަތްތަކުގައެވެ. ފޮސްފަރަސް ހުންނަނީ ފޮސްފަރަސް 1 ކެލްސިއަމް 2 ގެ ރޭޝިއޯގައެވެ. ފޮސްފަރަސް އަކީ ކެލްސިއަމް އާއި މްގްނީޒިއަމް އާއެކު މަސައްކަތްކުރާ މާއްދާ އެކެވެ. އަދި މި 3 ބާވަތަކީ މަދަނަ (ދުޅަހެޔޮ) ކައްޓާއި، ވަރުގަދަ ދަތްތަކެއް އުފެއްދުމަށް އެންމެ ބޮޑަށް އެހީވެދޭ ބާވަތްތަކެވެ (ސާލިހު އަދި ވަހީދު، 2014).

ފޮސްފަރަސްގެ ވަޒީފާ

·         ކަށިތަކާއި ދަތްތަކުގެ އޮނިގަނޑުގެ ތެރޭގައި ފޮސްފަރަސް ހުރެއެވެ.

·         ލޭގައި ބަފަރ ތައް އުފެދުމުގައި ފޮސްފަރަސް ބައިވެރި ވެއެވެ.

·         އަންނަނިވި މާއްދާތައް އުފެދުމުގައި ފޮސްފަރަސް ބައިވެރިވެއެވެ.

o       ފޮސްފޯ ޕްރޮޓީން

o       ކޯއެންޒައިމްތައް

o       ފޮސްފޯ ލިޕިޑް - ލެސިތިން، ސެފަލިން

o       ސައިކްލިކް އެޑިނަސިން މޮނޮފޮސްފޭޓް

o       ގުލޫކޯޒް-6- ފޮސްފޭޓް

o       ޑިއޮކްސީ ރައިބޯ ނިއުކްލިއިކް އެސިޑް، އަދި ރައިބޯ ނިއުކްލިއިކް އެސިޑް

 

·         ފޮސްފަރަސް އަކީ އެންޒައިމް ތަކާއި އެކުވެގެން ހަށިގަނޑުގެ ހުރިހާ މަސައްކަތެއް ހިންގުމުގައި ބައިވެރިވާ މާއްދާ އެކެވެ. ފޮސްފަރަސް އަކީ ކެލްސިއަމް އާއި ވިޓަމިން އާއި އެކު މަސައްކަތްކުރާ މާއްދާ އެކެވެ. އަދި މި3 ބާވަތަކީ ޞިއްހަތު ރަގަޅު ކަށްޓާއި، ވަރުގަދަ ދަތްތަކެއް އުފެއްދުމަށް އެންމެ ބޮޑަށް އެހީވެދޭ ވައްތަރު ތަކެވެ. ކާބޯތަކެތީގައި ހުންނަ ކާބޯސް އާއި، ފެޓް އަދި ޕްރޮޓީން އިން ހަށިގަނޑަށް ހަކަތަ ހޯދައި ދިނުމުގައި ފޮސްފަރަސް ވަރަށް މުހިއްމު ރޯލެއް އަދާކުރެއެވެ.

ފޮސްފަރަސް ހަށިގަނޑުން ބޭރުކުރުން

ހަށިގަނޑުގައި އެކުލެވޭ ފޮސްފަރަސްގެ 90 އިންސައްތަ ފޮސްފަރަސް ހަށިގަނޑުން ބޭރުވަނީ ކުޑަކަމުދާ ތަކެތި ގެ ޒަރީޢާއިންނެވެ.

ފޮސްފަރަސް ހަށިގަނޑަށް ބޭނުންވާ މިންވަރު

ފޮސްފަރަސް ގެ ކެލަމިން ތައް ތިރީގައި މިވަނީ އެވެ.

·         13-9 އަހަރާއި ދެމެދުގެ ކުދިންނަށް : ދުވާލަކު 1250 މިލިގްރާމް

·         50 އަހަރުން މަތީގެ އުމުރުފުރާގެ ދެޖިންސުގެ މީހުންނަށް : ދުވާލަކު 800 މިލިގްރާމް

·         ކުޑަކުދިން،މާބަނޑު މީހުން(މާގަމައިން)، ގާތުންދޭ މީހުން (ކިރުދޭމައިން) : ދުވާލަކު 1200-800 މިލިގްރާމް އާ ދެމެދު

·         50-19 އަހަރާއި ދެމެދުގެ އުމުރުފުރާގެ ފިރިހެނުންނާއި އަންހެނުންނަށް : ދުވާލަކު 700 މިލިގްރާމް

ފޮސްފަރަސް އިން ވިހަވާ ވަރެއް އެނގިފައެއް ނުވެއެވެ. އެކަމަކު ރައްކާތެރި މަމިން ކަމަށް ބަލަނީ ދުވާލަކު 4000 މިލިގްރާމްގެ މިންވަރެވެ. މިއީ އުމުރުން 70-19 އަހަރާއި ދެމެދުގެ އަންހެނުންނާއި ފިރިހެނުންނަށް ވެސް ކަނޑައެޅިފައިވާ މިންވަރެވެ. އުމުރުން 70 އަހަރުން މަތީގެ މީހުންނަށް ރައްކާތެރި މަމިން ކަމުގައި ބަލަނީ ދުވާލަކު 3000 މިލިގްރާމްގެ މިންވަރެވެ (ހާވަރޑް. އެޑިޔު، 2022).

ހާވަރޑް ޔުނިވަސިޓީގެ ވެބްސައިޓެއްގައި ހާމަކޮށްފައިވާގޮތުގައި އުމުރުން 19 އަހަރުންމަތީގެ އަންހެނުންނާއި ފިރިހެނުންނަށް ވެސް ދުވާލަކު 700 މިލިގްރާމްގެ ފޮސްފަރަސް ބޭނުންވެއެވެ. މާބަނޑު މީހުންނާއި، ގާތުންދޭމީހުންނަށް ވެސް ހަމަ މިންވަރު (700މިލިގްރާމް) ބޭނުންވާނެއެވެ (ހާވަރޑް. އެޑިޔު، 2022).

ފޮސްފަރަސްގެ މަމިން (ކެއުމަށް ރައްކާތެރި އެންމެ މަތީ މިންވަރު) އަކީ އުމުރުން 70-19 އަހަރާއި ދެމެދުގެ އަންހެނުންނާއި، ފިރިހެނުންނަށް ވެސް ދުވާލަކަށް 4000 މިލިގްރާމް އެވެ. އަދި އުމުރުން 70 އަހަރުން މަތީގެ ދެޖިންސުގެ މީހުންނަށް ވެސް ދުވާލަކަށް 3000 މިލިގްރާމް އެވެ. މާބަނޑު މީހުންނަށް (އުމުރުން 50-14 އަހަރާ ދެމެދުގެ) މިމިން 3500މިލިގްރާމްގައި އުޅޭއިރު، ގާތުންދޭ މައިންނަށް މިމިން އުޅެނީ 400 މިލިގްރާމް ގައެވެ (ހާވަރޑް. އެޑިޔު، 2022).

ފޮސްފަރަސް މަދުވުން

ފޮސްފަރަސް ހަށިގަނޑުގައި ހުންނަންވާ ވަރަށްވުރެ މަދުވެއްޖެކަން އެގޭގޮތްތައް މަދެވެ.ގިނަ ކާނާގައި ފޮސްފަރަސް ހުންނާތީ ހަށިގަނޑުން މިމާއްދާ މަދުވުމަކީ ދުރުކަމެކެވެ. ފޮސްފަރަސް މަދުވުން ކަމުގައި ބަލަނީ ލޭގައި ފޮސްފަރަސް ހުންނަންޖެހޭ ތަބީޢީ ރާޖީއަށް ވުރެ މަދުވުމުމަށެވެ. ނޫނީ ދަށްވުމަށެވެ. ފޮސްފަރަސްގެ ބޮޑު މިންވަރެއް ދަތްތަކާއި ކަށިތަކުގައި ކޮށާރު ކުރެވިފައި ހުންނާތީ، ލޭގެ ފޮސްފޭޓްގެ މިންވަރު ބަލައިގެން، މުޅި ހަށިގަނޑުގައި ހިމެނޭ ޖުމުލަ ފޮސްފަރަސްގެ މިންވަރު ހާމަކޮށެއް ނުދެއެވެ.

ފޮސްފަރަސް ހަށިގަނޑުގައި މަދުވާ ސަބަބުތަކުގެ ތެރޭގައި:-

·         ކާޑުބަލި ޖެހުން

·         ގިރިބިން ނުކުރެވުން

·         އޮއްޓަރުހުރި ކާނާ ނުލިބި ގާތުން ކިރުދިނުން

·         ގުރުދާގެ މައްސަލަތައް

·         ހައިޕަޕެރަތައިރޮއިޑިޒަމް ކުރިމަތިވުން

·         އެލުމިނިއަމް އެކުލެވޭ އެންޓަސިޑްގެ ބޭސްތައް މާގިނައިން ބޭނުންކުރުން 

ފެނިދނެ އަލާމާތްތައް

·         ވަރުބަލިވުން

·         ކާހިތްނުވުން

·         ކަށިތަކުގައި ރިހުން

·         ކަށިތައް މުރަނަވުން

·         އައްސިވުން

·         ހީލިކެރުވުން

·         ކަންބޮޑުވުން

·         ހަށިގަނޑުގައި ހުޅުތަކުގައި މައްސަލަޖެހުން

·         މަސްތަކުގެ ވަރުދެރަވުން

·         ލޭމަދުވުން

·         ވާނުވާނޭނގުން

·         ފަސޭހައިން އިންފެކްޝަންޖެހުން

ފޮސްފަރަސް ގިނަވުން

ފޮސްފަރަސް މަދުވުމަށްވުރެ ބޮޑަށް ވިސްނަންޖެހެނީ ފޮސްފަރަށް ގިނަވެދާނެތީ އެވެ. މިއީ ވެސް މަދުން ނަމަވެސް ދިމާވެދާނެ ކަމެކެވެ.

ފޮސްފަރަސް ހަށިގަނޑުގައި ގިނަވާ ސަބަބުތަކުގެ ތެރޭގައި :

·         މާގިނައިން ފޮސްފަރަސް ހުންނަ ތަކެތި ކެއުން،

·         ކެލްސިއަމް ހުންނަ ތަކެތި ކެވޭލެން މަދުވުން

·         ގުރުދާގެ ބަލިތައް ޖެހުން : ހަމައެކަނި ފާހަގަކުރެވެނި ގުރުދާ ފޭލްވެފައިވާ މީހުންގެ ކުޑަކަމުދާ ތަކެތީގައި ފޮސްފަރަސް މީޒާންނުވެ ގިނަވާ ކަމެވެ.

·         މާގިނައިން ސޮޑާ ބުއިން : ސޮޑާގައި ފޮސްފަރަސް ހުންނާތީ، މާގިނައިން ސޮޑާ ބޯމީހުންނަށް ބޭނުންވާ ވަރަށްވުރެ ގިނައިން މިބައި ލިބުމަކީ އެކަށީގެންވާ ކަމެކެވެ. މިމާއްދާ މާގިނައިން ކެއުމުން ކެލްސިއަމް މަދުވާގޮތްވެއެވެ. އެހެން ކަމުން އަކުނިވަޔަށްދެމުން، އަދި ލޭމައްޗަށްދިއުން މެދުވެރުމަކީ ވެދާނެ ގޮތެކެވެ.

ފެނިދާނެ އަލާމާތްތައް

·         އަކުނިވަޔަށްދެމުން

·         ލޭމައްޗަށްދިއުން

ނޯޓް : މިއީ މައުލޫމާތު ފެތުރުމުގެ ނިޔަތުގައި ލިޔެފައިވާ ލިޔުމެކެވެ. މިލިޔުމުގެ މައިގަނޑު ބިނާވަނީ 2003 ވަނަ އަހަރު މިނިސްޓްރީ އޮފް ހެލްތު އިން ނެރެފައިވާ "ކާނާގެ ފައިދާ" އަދި 2014 ވަނަ އަހަރު ނެރެފައިވާ "މުއްތިކުރުން ކާންވީ: ކޮންއެއްޗެއް؟ ކިހާވަރަކަށް؟ ކީއްވެ؟" މިދެފޮތަށެވެ. އެދެފޮތުން ނެގުނު މައުލޫމާތަށް އިންޓަނެޓް އިން ހޯދައި އިތުރުކޮށްފައިވާ މައުލޫމާތުތައް ލިޔުމުގައި ހިމެނޭނެ އެވެ.

ހަވާލާ

·         އަހުމަދު ޞާލިހް، ޑރ ޢަބުދުﷲ ވަހީދު. ކާނާގެ ފައިދާ. 2003. މިނިސްޓްރީ އޮފް ހެލްތު

·         އަހުމަދު ޞާލިހް، ޑރ ޢަބުދުﷲ ވަހީދު. މުއްތިކުރުން ކާންވީ: ކޮންއެއްޗެއް؟ ކިހާވަރަކަށް؟ ކީއްވެ؟. 2014. މިނިސްޓްރީ އޮފް ހެލްތު

·         https://www.hsph.harvard.edu/nutritionsource/phosphorus/

No comments:

Post a Comment