މުހިއްމު ސަފުހާތައް

Saturday, December 24, 2022

މޮލިބްޑިނަމް

 މޮލިބްޑިނަމް

މޮލިބްޑިނަމް އަކީ އަޅިކުލައެއް ފާއްދާލާ ރިހިކުލައިގެ މައުދަނެކެވެ. މިއީ ދުޅަހެޔޮކަންމަތީ ހަށިގަނޑު ބެހެއްޓުމަށް ކާންޖެހޭ 21 މައުދަންގެ ތެރޭގައި ހިމެނޭ ޒާރީ ވަށްތިއެކެވެ. ހަށިގަނޑަށް ބޭނުންވަނީ މިމާއްދާގެ ވަރަށް ކުޑަ އެތިކޮޅެކެވެ.


މަޞްދަރު

މޮލިބްޑިނަމް ލިބޭ ކާނާގެ ތެރޭގައި ކިރު، މޭގަނޑު، ތޮޅި، އަދި ޕާން ހިމެނެއެވެ. މިމާއްދާއިން ވިހަވާވަރެއް ކަމަށްބަލަނީ 10 މިލިގްރާމް އާއި، 15 މިލިގްރާމް އާއި ދޭތެރޭގައި ދުވަހެއްގެ މައްޗަށް ބޭނުން ކުރެވިގެންނެވެ.

ދިވެހިރާއްޖެއިން ލިބޭ ބައެއް ކާބޯތަކެތީގައި މޮލިބްޑިނަމް ހުންނަ މިންވަރު

100ގ ގައި

މައިކްރޯގްރާމް

100ގ ގައި

މައިކްރޯގްރާމް

ހިމެރިތޮޅި

800

ސޯޔާ ބީންސް

290

ރަތްހަނޑޫ

800

ރަތްމުގު

283

ބޯވެލިފަތް

500

ގްރީން ޕީސް

280

ހިކި މޭބިސްކަދުރު

500

ރީނދޫމުގު

195

ޒުވާރި

300

 

 

މޮލިބްޑިނަމް އަކީ ގިނަ ގޮވާމާއި، ތަރުކާރީ ފަތުގައި ހުންނަ ބާވަތެކެވެ. މޮލިބްޑިނަމް ގިނައިން ލިބޭ ކާނާގެ ތެރޭގައި ބަކަރި މަސް، ގެޜިގެ މޭގަނޑު، ފެހިތޮޅި، ކިޔުކަމްބާ، ބޯވެލިފަތް، މުގު، ކިރު، ލެގިޔޫމްސް (ލީމާ ބީންސް، ބްލެކް އައިޑް ބީންސް، ޕީނަޓްސް)، ހޯލް ގްރެއިންސް އަދި ޕާން ހިމެނެއެވެ. ގުރުދާއާއި، ސިކުނޑި އަކީ މިމާއްދާ ކޮށާރުކޮށް ބަހައްޓާ ގުނަވަންތަކަށްވާތީ ޖަނަވާރުގެ މިފަދަ ގުނަވަންތަކުގައި މޮލިބްޑިނަމް ގިނައިން ހުރެއެވެ (ސާލިހު އަދި ވަހީދު، 2014). މީގެ އިތުރުން ތޮއްޓާއެކު ހުންނަ އަލުވި، ޔޯގަޓް، ކިރު، ފޯޓިފައިޑް ހޯލް ގްރެއިން ސީރިއަލް އަދި ދޮންކޭލުގައި މޮލިބްޑިނަމް ހުރެއެވެ. (ހާވަރޑް.އެޑިޔު، 2022).

މޮލިބްޑިނަމްގެ ވަޒީފާ

މޮލިބްޑިނަމް ހަށިގަނޑަށް ބޭނުންވަނީ ޔޫރިކް އެސިޑް އުފައްދާ އެންޒައިމްތަކަށް އެހީވުމަށާއި، ޕްރޮޓީން ބޭނުންކުރެވޭގޮތް ހެދުމަށް، ނައިޓްރޯޖަން އެންދުމަށް ފަހު އޭގެ އަޅިތައް ހަށިގަނޑުން ނެރުމަށެވެ. މޮލިބްޑިނަމް އަކީ ލޭހޮޅިތަކުގައި ސަރުބީ ހަރުވިޔަ ނުދިނުމަށް އެހީވާ މާއްދާ އެކެވެ. އަދި މިއީ ފިރިހެނުންގެ ޖިންސީ ހަރަކާތަށް ވެސް ބޭނުންވާ މާއްދާ އެކެވެ (ސާލިހު އަދި ވަހީދު، 2003).

މޮލިބްޑިނަމް އަކީ ހުރިހާ މަންމަލި (ގާތުންކިރުދޭ ޖަނަވާރު) ތަކުގައި ހުންނަ ޅިންތާ (އެންޒައިމް) ތަކުގެ މަސައްކަތަށް ބޭނުންވާ މާއްދާ އެކެވެ. ވާރުތީ ވިސަތައް ދަރިންނަށް ވާރުތަކޮށްދިނުމަށާއި، ޕްރޮޓީން ގިރިބިން ކުރުމަށާއި، ލޭހޮޅިތަކުގައި ސަރުބީ ހަރުވިޔަނުދިނުމަށް ވެސް މޮލިބްޑިނަމް ބޭނުންވެއެވެ. ނައިޓްރޯޖަން "އެންދުމަށް" ފަހު އޭގެ "އަޅިތައް" ހަށިގަނޑުން ނެރެލުމަށާއި، ނޭސަރުގެ އަލާމާތްތައް ނެތިކޮށްލުމަށް، މޮލިބްޑިނަމް ބޭނުންވެއެވެ. އަދި ކާބޯތަކެތި ނުބައިވުން ލަސްކުރުވުމަށް އަޅާފައި ހުންނަ ތަކެތި، ނައްތާލުމަށް މިމާއްދާ އެހީތެރި ވެދެއެވެ. މީ ގޮހޮރުގެ ކެންސަރުން ދުރުކޮށްދީ، ދުވަސްވީ މީހުންގެ ފުރަހަ (ޖިންސީ ގުނަވަނާއި، އޭގެ ބާރު)، ގަދަކުރުމަށް އެހީތެރިވެދޭ މާއްދާ އެކެވެ (ސާލިހު އަދި ވަހީދު، 2014).

މޮލީބްޑިނަމް އަކީ ތަފާތު މުހިއްމު 4 ޅިންތާއެއްގެ މަސައްކަތް ފުރިހަމަކުރުމަށް ބޭނުންވާ މާއްދާ އެކެވެ. އެގޮތުން ޕްރޮޓީން، އަލްކޮހޯލް، ބޭސްތައް އަދި ވިހަތައް ބައިބައިކުރުމަށް ބޭނުންވާ އެންޒައިމްތަކުގައި މޮލިބްޑިނަމް ބައިވެރި ވެއެވެ. މޮލިބްޑިނަމް ހިމެނޭ ޅިންތާތައް ޕިޔުރިން އަދި ސަލްފައިޓް ބައިބައިކުރުމުގައި ވެސް ބައިވެރިވެއެވެ.

ހަށިގަނޑުގައި މޮލިބްޑިނަމް

އެވްރެޖް ބޮޑުމީހެއްގެ ހަށިގަނޑުގައި 5.25 މިލިގްރާމްގެ މޮލިބްޑިނަމް ހުރެއެވެ. ނުވަތަ ހަށިގަނޑުގެ ބަރުދަނުގެ ކޮންމެ ކިލޯއަކަށް 0.07 މިލިގްރާމް އެވެ. މިމިންވަރު އެކުލެވިގެންވަނީ މޭގަނޑު ގައްޔާއި، ގުރުދާ ގައި، ކަށިތަކުގައި، ދަތްތަކުގެ ބޭރު ފަށަލައިގައި އަދި ހަންގަނޑު ގައެވެ. (ސާހިލު އަދި ވަހީދު، 2003). މޮލިބްޑިނަމް ކޮށާރު ކުރެވިފައި ހުންނަނީ ސިކުނޑި، ޗިސްމޭ، ފުރަމޭ، ގުރުދާ، ކަށިތައް އަދި ހަމުގައެވެ (ސާލިހު އަދި ވަހީދު، 2014).

ހަށިގަނޑަށް ބޭނުންވާ މިންވަރު

މޮލިބްޑިނަމް ކެލަމިން ( ދުވަހެއްގައި ކެއުމަށް ލަފާދޭ މިންވަރު ) ކެލަމިން އަކީ 13-9 އަހަރާއި ދެމެދު ކުދިންނަށް ދުވާލަކަށް 34 މައިކްރޯގްރާމް އެވެ. 50-19 އަހަރާއި ދެމެދުގެ ބޮޑެތި މީހުންނަށް ދުވާލަކަށް 45 މައިކްރޯގްރާމް އެވެ. މާގަމައިންނާއި، ކިރުމައިންނަށް ދުވާލަކަށް 50 މައިކްރޯގްރާމް އެވެ (ސާލިހު އަދި ވަހީދު، 2014). ދުވަހެއްގެ ކާބޯތަކެތީގައި 75 އާއި 250 މައިކްރޯގްރާމްގެ މޮލިބްޑިނަމް ހިމެނޭ ނަމަ، ފުދޭނެ ކަމަށް ވެއެވެ. ކާބޯތަކެތީގައި ހުންނަ މޮލިބްޑިނަމް ގެ 88 އިން 93 އިންސައްތަ ހަށިގަނޑަށް ނެގޭކަމަށް ވެއެވެ (ސާލިހު އަދި ވަހީދު، 2003). މޮލިބްޑިނަމްގެ ރައްކާތެރި މަމިން އަކީ 13-9 އަހަރާއި ދެމެދުގެ ކުދިންނަށް ދުވާލަކަށް 1100 މައިކްރޯގްރާމް އެވެ. އަދި ބޮޑެތި މީހުންނަށް ދުވާލަކަށް 2000 މައިކްރޯގްރާމް އެވެ (ސާލިހު އަދި ވަހީދު، 2014).

މޮލިބްޑިނަމް މަދުވުން

މޮލިބްޑިނަމް މަދުވުމަކީ ވަރަށް ދުރު ކަމެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި މޮލިބްޑިނަމް މަދުވުމުގެ އަލާމާތްތަކުގެ ތެރޭގައި ލޭފަނޑުވުން، ދަތްފަނިކެއުން، ފޫހިވުން، ފުރަހައިގައި ބާރުނެތުން އަދި ވަރުދެރަވުން ފަދަ ކަންތައްތައް ހިމެނެއެވެ (ސާލިހު އަދި ވަހީދު، 2014). މީގެ އިތުރުން ފިޓްޖެހުން، ހިތުގެ ވިންދުގެ ތަރުތީބު ގެއްލުން ފަދަ ކަންކަން ކުރިމަތިވުމަކީ ދިމާވެދާނެ ކަމެކެވެ (ހާވަރޑް.އެޑިޔު، 2022).

މޮލިބްޑިނަމް ގިނަވުން

މޮލިބްޑިނަމް އަށް ވިހަވުމަކީ ވަރަށް ދުރު ކަމެކެވެ. ވިހަވާވަރެއްކަމަށް ބަލަނީ ދުވާލަކު 15 މިލިގްރާމް ހަށިގަނޑަށް އެތެރެވެގެންނެވެ. މިއީ ކާނާ ކައިގެން ހަށިގަނޑަށް ލިބޭނެ ވަރެއް ނޫނެވެ. އެކަމަކު މިމައުދަނުގެ މަސައްކަތްކުރާ މީހުންގެ ދުމާއި، ހިރަފުހުގެ ސަބަބުން އެމީހުންގެ މޫންދުރަ (ކުޑަކަމުނަޖިހުގައި) ގައި މިމާއްދާ ހުންނަންވާވަރަށް ވުރެ ގިނަވެއެވެ (ސާލިހު އަދި ވަހީދު، 2014).

ގިނަ މަލްޓިވިޓަމިން ތަކުގައި ފުދޭވަރަކަށް މޮލިބްޑިނަމް ހުންނާނެ އެވެ. މޮލިބްޑިނަމް ބޭހެއްގެ ގޮތުގައި ނެގުމުގައި ފަރުވާތެރި ވާންޖެހޭނެ އެވެ. އެއީ މޮލިބްޑިނަމް ކެވޭވަރު މާގިނަވެއްޖެނަމަ، ހަށިގަނޑަށް ކޮޕަރ ގިރިބިންކުރެވޭ ވަރު މަދުވާނެތީ އެވެ. އޭރުން މޫންދުރައިގައި އެސިޑް ގިނަވެގެން ހުޅުހުޅު ޚާއްޞަކޮށް ފައިގެ އިގިލިތަކުގެ ކުޑަހުޅުތައް ދުޅަވާގޮތް ދިމާވެދާނެ އެވެ (ސާލިހު އަދި ވަހީދު، 2014).

ނޯޓް : މިއީ މައުލޫމާތު ފެތުރުމުގެ ނިޔަތުގައި ލިޔެފައިވާ ލިޔުމެކެވެ. މިލިޔުމުގެ މައިގަނޑު ބިނާވަނީ 2003 ވަނަ އަހަރު މިނިސްޓްރީ އޮފް ހެލްތު އިން ނެރެފައިވާ "ކާނާގެ ފައިދާ" އަދި 2014 ވަނަ އަހަރު ނެރެފައިވާ "މުއްތިކުރުން ކާންވީ: ކޮންއެއްޗެއް؟ ކިހާވަރަކަށް؟ ކީއްވެ؟" މިދެފޮތަށެވެ. އެދެފޮތުން ނެގުނު މައުލޫމާތަށް އިންޓަނެޓް އިން ހޯދައި އިތުރުކޮށްފައިވާ މައުލޫމާތުތައް ލިޔުމުގައި ހިމެނޭނެ އެވެ.  

މައުލޫމާތު :

·         އަހުމަދު ޞާލިހް، ޑރ ޢަބުދުﷲ ވަހީދު. ކާނާގެ ފައިދާ. 2003. މިނިސްޓްރީ އޮފް ހެލްތު

·         އަހުމަދު ޞާލިހް، ޑރ ޢަބުދުﷲ ވަހީދު. މުއްތިކުރުން ކާންވީ: ކޮންއެއްޗެއް؟ ކިހާވަރަކަށް؟ ކީއްވެ؟. 2014. މިނިސްޓްރީ އޮފް ހެލްތު

·         https://www.hsph.harvard.edu/nutritionsource/molybdenum/


ސެލެނިއަމް

 ސެލެނިއަމް

ސެލެނިއަމް އަކީ ހަށިގަނޑަށް ބޭނުންވާ ޓްރޭސް އެލިމެންޓެއްކަމަށް ހޯދުނީ 1960ގެ އަހަރު ތަކުގެ ތެރޭގައެވެ. ސެލެނިއަމް އަކީ ސާފުނުކުރާ ސަލްފައިޑްގައި ހުންނަ ތޮބީޢީ ގޮތުން މުޅިން މައުދަނަކަށްނުވާ ނުމައުދަނެކެވެ. މިއީ ދުޅަހެޔޮކަންމަތީ ހަށިގަނޑު ބެހެއްޓުމަށް ކާންޖެހޭ 21 މައުދަނުގެ ތެރޭގައި ހިމެނޭ ޒާރީ ވަށްތިއެކެވެ. ކާބޯތަކެތީގެ އޮށްޓަރުގެ ތެރޭގައި ސެލެނިއަމް ހުންނަކަން އެނގުނީ 1930 ވަނަ އަހަރުގައެވެ. އޭރު އެނގިފައި އޮތީ ސެލެނިއަމް ގިނައިން ހުންނަ ވައްތަރުތަކުގެ  ވިނައާއި، ފަތް ގެރިބަކަރި ކާނަމަ، އެތަކެތި ވިހަވެގެން ބަލިވާ ކަމެވެ. އެކަމަކު މީގެ ފައިދާ އިންސާނުންނަށް ހުރިކަމަށް ހޯދީ 1970 ވަނަ އަހަރު ޗައިނާގެ ސައިންސްވެރިންނެވެ. ޗައިނާގެ ބިމުގައި ސެލެނިއަމް މަދުކަމުން އެގައުމުގެ މީހުންގެ ކިބައިން ސެލެނިއަމް މަދުވުމުގެ އަލާމާތްތައް ފެނެއެވެ. ނަމަވެސް އެމެރިކާގެ ބިމުގައި ސެލެނިއަމް ގިނަކަމުން އެގަމުގެ މީހުން ކެއުމުގައި ކެލަމިން އަށްވުރެ އިތުރަށް ކައެވެ (ސާލިހު އަދި ވަހީދު، 2014).


ސެލެނިއަމް އަކީ ހަށިގަނޑުގައިވާ ޅިންތާ (އެންޒައިމް) ތަކާއި، ޕްރޮޓީންތަކުގެ މުހިއްމު ބައެކެވެ. މިފަދަ ޕްރޮޓީންތަކަށް ސެލެނޯޕްރޮޓީން އޭ ކިޔައެވެ. މިޕްރޮޓީންތައް ދިރުތަކުގެ ވާރުތީ ސިފަތައް އަށަގެންނެވުމަށް އެހީތެރިވެދީ، ދިރުތަކަށް ލިބޭ ގެއްލުންތަކުން ހިމާޔަތްކޮށްދީ، އިންފެކްޝަންތަކުން ރައްކާތެރި ކޮށްދެއެވެ. މީގެ އިތުރުން ދަރިމައިވުމުގެ މަސައްކަތާއި، ތައިރޮއިޑް ހޯރމޯން ގިރިބިންކުރުމުގައި ވެސް ބައިވެރިވެއެވެ(ހާވަރޑް.އެޑިޔު، 2022).   

މަސްދަރު

ސެލެނިއަމް ލިބޭ ކާނާގެ ތެރޭގައި ކަނޑުފަޅުގައި އުޅޭ ބާވަތްތަކާއި، ގެރިބަކަރީގެ އެތެރޭގެ ގުނަވަންތައް، ހިމެނެއެވެ (ސާލިހު އަދި ވަހީދު، 2003، ސާލިހު އަދި ވަހީދު، 2014). ރަތްމަހާއި، ހަނޑުލަކީ އާންމުކޮށް ސެލެނިއަމް ލިބޭ ދެބާވަތްކަމަށް ބެލެވެއެވެ. (ސާލިހު އަދި ވަހީދު، 2014). ސެލެނިއަމް އެކުލެވޭ އެހެން ކާބޯތަކެތީގެ ތެރޭގައި ބްރެޒިލް ނަޓް، ބޮލިމަސް، ފިން ފިޝް، ގެރިމަސް، ކުކުޅު މަސް، ޓާރކީ، ތޮޅިއާއި، މުގުގެ ވައްތަރުތައް، ފޯޓިފައިޑް ސީރިއަލް އަދި ހޯލްވީޓް ބްރެޑް ހިމެނެއެވެ (ހާވަރޑް.އެޑިޔު، 2022).

ދިވެހިރާއްޖެއިން ލިބޭ ބައެއް ކާބޯތަކެތީގައި ސެލެނިއަމް ހުންނަ މިންވަރު

100ގ ގައި

މައިކްރޯގްރާމް

100ގ ގައި

މައިކްރޯގްރާމް

ބޯވަ

44.9

އަކުރޯދުމަދު

17.0

އިހި

41.4

ގެރި މަސް

15.9

ފަރުމަސް

38.8

އަސްދޫނި މަސް

13.9

ކަންނެލި

36.5

ކުކުޅު މަސް

12.1

ހަނޑޫ

23.4

ބަކަރި މަސް

4.0

 

ސެލެނިއަމްގެ ވަޒީފާ

ސެލެނިއަމް އަކީ ހަށިގަނޑުގެ ދިފާޢީ ނިޒާމް ވަރުގަދަ ކުރުމަށާއި، ހަށިގަނޑަށް ބޭނުންވާ ހޯރމޯން އުފެއްދުމުގައި ވަރަށް މުހިއްމު ރޯލެއް އަދާކުރާ އެއްޗެކެވެ. މިމައުދަންގެ ސަބަބުން ހިތުގެ ބަލިތަކާއި، ޕްރޮސްޓޭޓް ކެންސަރު، އަދި ރާއްޖެ ބަލި ފަދަ ބަލިތަކުން ދިފާޢުކޮށްދެއެވެ (ސާލިހު އަދި ވަހީދު، 2003، ސާލިހު އަދި ވަހީދު، 2014).

ސެލެނިއަމް މަސައްކަތްކުރަނި ވިޓަމިން ސީ އަދި ވިޓަމިން އީ އާއެކު ހަށިގަނޑުގައި އުޅޭ މިނިވަން ނޭއްދާރުން(free radicals)  ގެ ކިބައިން ހަށިގަނޑު ސަލާމަތް ކުރުމަށެވެ. އެހެންކަމުން މިއީ ލޭހޮޅިތަކުގައި ދޯޅަޖެހުމުން ދުރުކޮށްދޭ(Antioxidants) އެއްޗެއް ވެސް މެއެވެ.

ހަށިގަނޑަށް ބޭނުންވާ މިންވަރު

ސެލެނިއަމް ގެ ކެލަމިން ( ދުވަހެއްގައި ކެއުމަށް ލަފާދޭ މިންވަރު ) އަކީ ފިރިހެނުންނަށް 70 މައިކްރޯގްރާމް، އަދި އަންހެނުންނަށް 55 މައިކްރޯގްރާމް އެވެ. ހާވަރޑް ޔުނިވަސިޓީގެ ވެބްސައިޓުގައި ވާގޮތުން ދެޖިންސުގެ އުމުރުން 19 އަހަރުން މަތީގެ މީހުންނަށް ސެލެނިއަމް ބޭނުންވާ މިންވަރަކީ ދުވާލަކަށް 55 މައިކްރޯގްރާމް އެވެ (ހާވަރޑް.އެޑިޔު، 2022). ސެލެނިއަމް ގިނަވެގެން ދުވަހެއްގެ ކެއުމުގައި ކެއުމަށް ލަފާދޭ ރައްކާތެރި މަތީ މިންވަރަކީ 400 މައިކްރޯގްރާމް އެވެ. (ސާލިހު އަދި ވަހީދު، 2014، ހާވަރޑް. އެޑިޔު، 2022). ކިރުމައިންނަށް 70 މައިކްރޯގްރާމްގެ ސެލެނިއަމް ކެއުމަށް ލަފާދެއެވެ. އަދި މާބަނޑު މީހުންނަށް ދުވާލަކަށް 60 މައިކްރޯގްރާމްގެ ސެލެނިއަމް ބޭނުންވެއެވެ (ހާވަރޑް.އެޑިޔު، 2022). އެމެރިކާ މީހުން ކެއުމުގައި ދުވާލަކު 125 މައިކްރޯގްރާމްގެ ސެލެނިއަމް ހިމަނާއިރު، ޗައިނާ އަދި ކޮރެޔާ ފަދަ ގައުމުތަކުގެ މީހުން ކެއުމުގައި ދުވާލަކު 90-60 މައިކްރޯގްރާމް އާއި ދެމެދުގެ މިންވަރެއް ހިމަނައެވެ. ނަމަވެސް މިމީހުންގެ ކިބައިން ވެސް ސެލެނިއަމް މާގިނަވެ، އިތުރުވި ކަމުގެ އަލާމާތްތަކެއް ނުފެނެއެވެ (ސާލިހު އަދި ވަހީދު، 2014).

އިންސާނާގެ ހަށިގަނޑުގައި ސެލެނިއަމް

ބޮޑުމީހެއްގެ ހަށިގަނޑުގައި 20 މިލިގްރާމްގެ ސެލެނިއަމް ހުރެއެވެ. ގިނައިން ހުންނަނީ ގުރުދާ، މޭގަނޑު، ހިތް އަދި އުރަވަޅީގެ ތެރޭގައިވާ ދެއޮށުގައެވެ (ސާލިހު އަދި ވަހީދު، 2014). މީގެ އިތުރުން މަސްތަކުގައި ވެސް ސެލެނިއަމް ހުރެއެވެ. އަދި ތައިރޮއިޑް ގްލޭންޑްގައި ވެސް ހުރެއެވެ (ހާވަރޑް.އެޑިޔު، 2022).

ސެލެނިއަމް މަދުވުން

ސެލެނިއަމް މަދުވުމުން ކުދިން ހެދިބޮޑުވުމުން ގުރުޑުވުމާއި، ކުއްޖާ އުފެދުމުގައި އައިބުވުން ފަދަ ކަންތައްތައް ކުރިމަތިވެއެވެ. ޚާއްޞަކޮށް ކެޝާން ޑިޒީޒް(keshan disease) ކިޔާ ހިތްބޮޑުވާ ބައްޔެއް ކުޑަކުދިންނަށް ޖެހެއެވެ.  މީގެ އިތުރުން ހުޅުގެ ބައްޔެއް ކަމުގައިވާ "ކެޝިން-ބެކް ޑިޒީޒް(kashin-beck disease)  ޖެހުމުން ވެސް ސެލެނިއަމްގެ މިންވަރު ދަށްވެގެންދެއެވެ. ބޮޑެތި މީޙުންނަށް ކެންސަރު، ހިތުގެ ބަލިތައް ޖެހުން، ކޮލެސްޓްރޯލް މަތިވުން، އަވަސްއަވަހަށް ބަލިޖެހުން، މޭގަނޑާއި، ހުންކޮށީގެ މަސައްކަތް ހީނަރުވުން، މަސްތަކުގެ ވާގި ކުޑަވުން ފަދަ ކަންތައްތައް ދިމާވުން ހިމެނެއެވެ (ސާލިހު އަދި ވަހީދު، 2014). ސެލެނިއަމް މަދުވުމުން ކެންސަރު، ހިތުގެ ބަލިތައް ޖެހުން އަދި ކުއްޖާގެ އުފެދުމުގައި ޢައިބުވުން ހިމެނެއެވެ (ސާލިހު އަދި ވަހީދު، 2003). ފިރިހެނުންނަށް ދަރިން ނުލިބުމުގައި ސެލެނިއަމް ހަށިގަނޑުގައި މަދުވުން ހިމެނެއެވެ (ސާލިހު އަދި ވަހީދު، 2014). އޭޑްސް ޖެހިފައިވާ މީހުންގެ ގައިގައި ސެލެނިއަމް ހުންނަލެއް މަދެވެ. އަދި އޭޑްސް ބަލީގައި ގިނަ ދުވަސްވެ، ބަލި ބޮޑުވާވަރަކަށް ސެލެނިއަމްގެ މިންވަރު ދަށްވެއެވެ (ސާލިހު އަދި ވަހީދު. 2014). ގުރުދާގެ ބަލި ތަހައްމަލުކުރާ މީހުންނާއި، ޑަޔަލިސިސް ހަދާ މީހުންނަށް ވެސް ސެލެނިއަމް މަދުވުމުގެ މައްސަލަ ދިމާވުމުގެ ހިރާސް އިތުރެވެ (ހާވަރޑް.އެޑިޔު، 20122).

ފެނިދާނެ އަލާމާތްތައް

·         މޭނުބައިކުރުން

·         ހޮޑުލެވުން

·         ބޮލުގައި ރިހުން

·         ވާނުވާނޭނގުން

·         ވަރުބަލިވުން

·         ފިޓުޖެހުން

·         ޚަބަރުހުސްވުން

ސެލެނިއަމް ގިނަވުން

ސެލެނިއަމް މާގިނަވެއްޖެނަމަ، އިސްތަށި ފައިބާ، ނިޔަފަތި ހަލާކުވުން ފަދަ ކަންތައް ދިމާވުން ހިމެނެއެވެ. އަނގައިން ވަސް ދުވުމާއި، ނާރުތަކުގެ މައްސަލަ ޖެހުމަކީ ވެސް ސެލެނިއަމް ގިނަވުމުން ދިމާވާ ކަމެކެވެ (ސާލިހު އަދި ވަހީދު، 2003، ސާލިހު އަދި ވަހީދު، 2014). އިތުރު ކާނާއެއްގެ ގޮތުގައި ސެލެނިއަމް ކެއުމުގައި ސަމާލުވާންޖެހެއެވެ. އެއީ ސެލެނިއަމް މާގިނަވެއްޖެނަމަ މަނީގައި ހުންނަ ދަރިފަނިތައް މަރުވާލެއް އަވަސްވާތީ އެވެ (ސާލިހު އަދި ވަހީދު، 2014).

ސެލެނިއަމް ހަށިގަނޑުގައި މާގިނަވުމުން ދިމާވެދާނެ މައްސަލަތަކުގެ ތެރޭގައި ތުރުތުރުއެޅުން، އިސްތަށި ފޭބުން، ބަނޑުގައި ރިހުން، ބޮލުގައި ރިހުން ފަދަ އާދައިގެ ކަންކަމާއި، ހާޓް އެޓޭކްޖެހުން، ނޭވާލާ ނިޒާމުގެ މައްސަލަތައް އަދި ގުރުދާ ފޭލްވުން ފަދަ ނުރައްކާތެރި ޞިއްޙީ މައްސަލަތައް ހިމެނެއެވެ (ހާވަރޑް. އެޑިޔު2022)، ބްރެޒިލް ނަޓްގައި ގިނަ އަދަދަކަށް ސެލެނިއަމް ހުރެއެވެ. މިވައްތަރުގެ ނަޓު މާގިނައިން ކެއުމުން ސެލެނިއަމް އަށް ވިހަވުމަކީ އެކަށީގެންވާ ކަމެކެވެ (ހާވަރޑް. އެޑިޔު2022)،

ފެނިދާނެ އަލާމާތްތައް

·         އަނގައިން ނުބައި ވަސްދުވުން

·         އިސްތަށި ފޭބުން

·         މޭނުބައިކުރުން

·         ބޭރަށްހިންގުން

·         ނިޔަފަތިތައް ބިދުން

·         ނިޔަފަތިތަކުގެ ކުލަ ބަދަލުވުން

·         ހަންގަނޑު ރަތްވުން

·         ހަންގަނޑުގައި ބިހިނެގުން

·         ވަރުބަލިވެ، ވާޅުވުން

·         ނުތަނަވަސްވުން

·         މަސްތަކުގައި ރިހުން

 

ނޯޓް : މިއީ މައުލޫމާތު ފެތުރުމުގެ ނިޔަތުގައި ލިޔެފައިވާ ލިޔުމެކެވެ. މިލިޔުމުގެ މައިގަނޑު ބިނާވަނީ 2003 ވަނަ އަހަރު މިނިސްޓްރީ އޮފް ހެލްތު އިން ނެރެފައިވާ "ކާނާގެ ފައިދާ" އަދި 2014 ވަނަ އަހަރު ނެރެފައިވާ "މުއްތިކުރުން ކާންވީ: ކޮންއެއްޗެއް؟ ކިހާވަރަކަށް؟ ކީއްވެ؟" މިދެފޮތަށެވެ. އެދެފޮތުން ނެގުނު މައުލޫމާތަށް އިންޓަނެޓް އިން ހޯދައި އިތުރުކޮށްފައިވާ މައުލޫމާތުތައް ލިޔުމުގައި ހިމެނޭނެ އެވެ.  

މައުލޫމާތު :

·         އަހުމަދު ޞާލިހް، ޑރ ޢަބުދުﷲ ވަހީދު. ކާނާގެ ފައިދާ. 2003. މިނިސްޓްރީ އޮފް ހެލްތު

·         އަހުމަދު ޞާލިހް، ޑރ ޢަބުދުﷲ ވަހީދު. މުއްތިކުރުން ކާންވީ: ކޮންއެއްޗެއް؟ ކިހާވަރަކަށް؟ ކީއްވެ؟. 2014. މިނިސްޓްރީ އޮފް ހެލްތު

·         https://www.hsph.harvard.edu/nutritionsource/selenium/

 

 

ޒިންކް

 ޒިންކް

ޒިންކް އަކީ ދަޅައެއް ހުންނަ ހުދު ނޫކުލައިގެ މައުދަނެކެވެ. މިއީ ހަށިގަނޑު ދުޅަހެޔޮކަންމަތީ ބެހެއްޓުމަށް ކާންޖެހޭ 21 މައުދަނުގެ ތެރޭޣައި ހިމެނޭ މާމަދުން ބޭނުންވާ ޒާރީ އުންސުރެކެވެ. ޒިންކް އަކީ އިންސާނުންނާއި، ޖަނަވާރުންނާއި އަދި ގަސްގަހާ ގެއްސަށް ވެސް މުހިއްމު ޒާރީ ވަށްތި އެއްކަން ނޫނީ އުންސުރެއްކަން އެނގުނީ 1905 ވަނަ އަހަރުގައެވެ. އެހެން ނަމަވެސް މިއީ ހަށިގަނޑަށް ކޮންމެހެން ބޭނުންވާ އޮށްޓަރެއްކަން ސައިންސްވެރިންނަށް ސާބިތުކުރެވުނީ 1956 ވަނަ އަހަރުގައެވެ. 1961 ވަނަ އަހަރު (ޕްރަސާދު) ހަދާފައިވާ ދިރާސާއަކުން ދައްކާގޮތުގައި އިރުމަތީ ރަށްތަކުގެ މީހުން އިސްކޮޅުން ކުރުވެ، ގުރުޑުވަނީ ކާނާގައި ޒިންކު މަދުވީމަ އެވެ (ސާލިހު އަދި ވަހީދު، 2014).

ފަހުގެ ހޯދުންތަކުން ދައްކާގޮތުގައި ދުނިޔޭގެ އާބާދީގެ 2 ބިލިޔަން މީހުންގެ ގައިގައި ޒިންކު ހުންނަނީ ހުންނަށްވާވަރަށްވުރެ މަދުންނެވެ. މީގެ ގިނަ މީހުން އުޅެނީ ތަރައްގީވަމުން އަންނަ ގައުމުތަކުގައެވެ. ނޫނީ ފަގީރު ގައުމުތަކުގައެވެ (ސާލިހު އަދި ވަހީދު، 2014).


މަޞްދަރު

ޒިންކް ހިމެނޭ ކާބޯތަކެތީގެ ތެރޭގައި ކަނޑުފަޅުގައި އުޅޭ ތަކެތި، އެއްގަމުމަސް، ނުކަނޑާހުރި ގޮވާން ހިމެނެއެވެ.ޒިންކް ބޭހެއްގެ ގޮތުގައި ވެސް ލިބެން ހުރެއެވެ (ސާލިހު އަދި ވަހީދު، 2003، ސާލިހު އަދި ވަހީދު، 2014).

ދިވެހިރާއްޖެއިން ލިބޭ ބައެއް ކާބޯތަކެތީގައި ޒިންކު ހުންނަ މިންވަރު

100ގ ގައި

މިލިގްރާމް

100ގ ގައި

މިލިގްރާމް

ކާށި

5.0

ކާފޫރުތޮޅި

2.8

ކޮތަނބިރި

4.3

ކުކުޅުމަސް

2.5

ބަދަންމަދު

3.5

ކޮތަރުމަސް

2.7

ބިލެތް

3.4

ބޯވަ

1.7

އިހި

3.0

ޑިނގާ

1.1

ޒިންކު އިން މުއްސަދި ކާބޯތަކެތީގެ ތެރޭގައި ކަނޑުކާނާ، އެއްގަމު މަސް، އަދި ދޫނިމަސް ފަދަ ބާވަތްތައް ހިމެނެއެވެ. ގަސްގަހާ ގެހިން ލިބޭ ކާނާގެ ބާވަތްތައް މިސާލަކަށް ލެގިޔޫމްސް އަދި ހޯލް ގްރެއިންސް އަކީ ޒިންކު ލިއްބައިދޭ ރަނގަޅު މަޞްދަރުތަކެވެ. ޒިންކު ހިމެނޭ އެހެން ބާވަތްތަކުގެ ތެރޭގައި ބޮލިމަސް، އިހިމަސް، ކަކުނި މަސް، ގެރިމަސް، ދޫނި މަސް، އޮށާއި މަދުގެ ވައްތަރުތައް، ފަދަ ބާވަތްތައް ހިމެނެއެވެ. (ހާޥަރޑް.އެޑިޔު، 2022).

ޒިންކުގެ ވަޒީފާ

ޒިންކް އަކީ ހަށިގަނޑުގެ މަސައްކަތްތަކަށާއި، ދިފާޢީ ބާރު ގަދަކުރުމަށާއި، އަދި ހޯރމޯންތައް އުފެއްދުމަށް ބޭނުންވާ އެއްޗެކެވެ. ހަމަ މިގޮތަށް ކަށި، ދަތް، ހަން، އަދި ސިކުނޑި ފުރިހަމަ ކުރުމަށް ޒިންކް ބޭނުންވެއެވެ. 200 އަށްވުރެ ގިނަ އެންޒައިމްގެ މަސައްކަތުގައި ޒިންކް ހަރަކާތްތެރި ވެއެވެ (ސާލިހު އަދި ވަހީދު، 2003).

ޒިންކު އަކީ ދިރުތައް ބައިބައިވެ ގިނަވެގެންދާއިރު، އޭގައި ވާރުތީ ސިފަތައް އަށަގެންނެވުމުގައި މުހިއްމު ރޯލެއް ކުޅޭ މައުދަނެކެވެ. އަދި ސިކުނޑީގެ ދިރުތަކާއި، ހަމާއި، އިސްތަށްޓާއި، ނިޔަފަތިތައް ފުރިހަމަވުމަށް ވެސް ބޭނުންތެރި މާއްދާ އެކެވެ. މީގެ އިތުރުން ޒިންކު އަކީ ހަށިގަނޑުގެ ޅިންތާ (އެންޒައިމް) ތަކުގެ މަސައްކަތްތަކަށާއި، ދިފާޢީ ނިޒާމު ބާރުގަދަ ކުރުމަށާއި، އަދި ތަފާތު ހޯރމޯންތައް އުފެއްދުމަށް ވެސް ބޭނުންވާ އެއްޗެކެވެ. ހަށިގަނޑުގައި 200 އަށްވުރެ ގިނަ ޅިންތާ ގެ މަސައްކަތްތަކުގައި ޒިންކު ހަރަކާތްތެރި ވެއެވެ (ސާލިހު، އަދި ވަހީދު، 2014).

ޒިންކް އަކީ ކުޑަކުދިން ހެދިބޮޑުވުމަށާއި، ތޫނުފިލިކަން އަށަގެނެނެވުމަށް ވެސް ވަރަށް ބޭނުންތެރި މާއްދާ އެކެވެ. އަދި ގައިގާ ހެދޭ ފާރުގަނޑު ފަދަ ތަންތަން އަވަހަށް ފަސޭހަވުމާއި، ދިފާޢީ ނިޒާމު ފުރިހަމަވުމަށް ވެސް ޒިންކް އަކީ ވަރަށް ބޭނުންތެރި މާއްދާ އެކެވެ (ސާލިހު އަދި ވަހީދު، 2003، ސާލިހު އަދި ވަހީދު، 2014). ޒިންކް އަކީ ލޭހޮޅިތަކުގައި ދޯޅަޖެހުން ދުރުކުރާ މާއްދާތަކުގެ ތެރޭގައި ހިމެނޭ ބާވަތެކެވެ. މިފަދަ މާއްދާތައް ކަމަށް ބެލެވޭ މާއްދާތަކުގެ ތެރޭގައި ވިޓަމިން އޭގެ ބީޓާ ކެރޮޓީން، ވިޓަމިން އީ، ވިޓަމިން ސީ، ސެލެނިއަމް، ކޮޕަރ، މެންގަނީޒް، އަދި ޒިންކު އެވެ. މީގެ އިތުރު ބާވަތްތައް ފެނޭތޯ މިހާރު ވެސް ދަނީ މަސައްކަތް ކުރެވެމުންނެވެ (ސާލިހު އަދި ވަހީދު، 2014).

ޒިންކު އަކީ ހަށިގަނޑުގެ ވަރަށް ގިނަ މަސައްކަތްތަކުގައި ބައިވެރިވާ ކަނީޒެކެވެ. އެގޮތުން ޒިންކު ބައިވެރިވާ މަސައްކަތްތަކުގެ ތެރޭގައި ދިރުތަކުގެ ވާރުތީ ސިފަތައް އުފެއްދުން، ޕްރޮޓީން ބިނާކުރުން، ދިރުތައް ހެދިބޮޑުވުން، ހަލާކުވެފައިވާ ސެލޯށިތައް މަރާމާތުކޮށް ރަނގަޅުކުރުވުން، އަދި ދިފާޢީ ނިޒާމު ފުރިހަމަކުރުވުން ފަދަ ކަންތައްތައް ހިމެނެއެވެ (ހާވަރޑް.އެޑިޔު، 2022).

ހަށިގަނޑުގައި އެކުލެވޭ ޒިންކު

އާދައިގެ ބޮޑުމީހެއްގެ ހަށިގަނޑުގައި 3-1.5 ގްރާމް އާއި ދޭތެރޭގެ މިންވަރަކަށް ޒިންކް ހުރެއެވެ. މީގެ ތެރެއިން %60 ހުންނަނީ މަސް އަދި ކަށި ތަކުގައެވެ. %20 ހުންނަނީ ހަންގަނޑު ގައެވެ. ނިސްބަތުން ފިރިހެނުންގެ ގައިގައި އެންމެ ގިނައިން ޒިންކް ހުންނަނީ މަނި އަދި ޕްރޮސްޓޭޓް ގްލޭންޑް ގައެވެ (ސާލިހު އަދި ވަހީދު، 2003، ސާލިހު އަދި ވަހީދު، 2014).

ކާބޯތަކެތީގެ ތެރޭގައި ހިމެނޭ ޒިންކް އިން ހަށިގަނޑަށް ނަގައިދެނީ ނޫނީ ގިރިބިންކޮށްދެނީ ހަމައެކަނި %20 އެވެ. މިހެން ދިމާވަނީ ވެސް ކެވޭ ބާވަތަކުންނެވެ. ނޫނީ ކެވޭ ބައިތަކަކުންނެވެ. ކަނޑުމަހާއި އެއްގަމުމަހުގައި ހިމެނޭ ޒިންކް މޭވާ އާއި ތަރުކާރީގައި ހިމެނޭ ޒިންކް އަށްވުރެ ހަށިގަނޑަށް ނެގޭލެން ގިނައެވެ(ސާލިހު އަދި ވަހީދު، 2003، ސާލިހު އަދި ވަހީދު، 2014).  

ޒިންކް އެންމެ ގިނައަދަދަކަށް ބޭނުންވަނީ ހެދިބޮޑުވަމުން އަންނަ ކުދިންނަށާއި، މާބަނޑު އަންހެނުންނަށާއި، އަދި ގާތުންކިރުދޭ މައިންނަށެވެ. ޒިންކް ހަށިގަނޑުގައި މަސައްކަތްކުރަނީ ދަގަނޑު އާއި އެއްގޮތަކަށެވެ. ދަނގަޑަށްފަހު ހަށިގަނޑަށް އެންމެ ބޭނުންވާ މައުދަނަކީ ޒިންކެވެ (ސާލިހު އަދި ވަހީދު، 2003، ސާލިހު އަދި ވަހީދު، 2014).   

ހަށިގަނޑަށް ބޭނުންވާ މިންވަރު

ޒިންކްގެ ކެލަމިން (ދުވަހެއްގައި ކެއުމަށް ލަފާދޭ މިންވަރު) އަކީ ފިރިހެނުންނަށް 11 މިލިގްރާމް، އަދި ބޮޑެތި ވަމުން އަންނަ ކުދިންނާއި، އަންހެނުންނަށް 8 މިލިގްރާމް އެވެ ސާލިހު އަދި ވަހީދު، 2014). މާބަނޑު ދުވަސްވަރު ދުވާލަކަށް 11 މިލިގްރާމް ބޭނުންވާއިރު، ގާތުންދޭއިރު ދުވާލަކަށް 12 މިލިގްރާމް ބޭނުންވެއެވެ (ހާވަރޑް.އެޑިޔު، 2022). ޒިންކުގެ ރައްކާތެރި މަމިން އަކީ ނުވަތަ މަތީ މިނަކީ ދުވާލަކަށް 40 މިލިގްރާމް އެވެ (ސާލިހު އަދި ވަހީދު، 2014). މިމިނުގައި ދެޖިންސުގެ މީހުންނަށް ވެސް ތަފާތެއް ނެތެވެ.

ޒިންކު މަދުވުން

ޒިންކު މަދުވުން ކުރިމަތިވަނީ ގޮހޮރުގައި ހުންނަ މައްސަލައެއްގެ ސަބަބުން ( މިސާލަކަށް އިންފްލެމޭޓަރީ ބަވަލް ޑިޒީޒް، ބަނޑުގެ އޮޕަރޭޝަނެއްކުރުން) ޒިންކު ހަށިގަނޑަށް ނެގުމަށް ނުކުޅެދުމުންނެވެ. މީގެ އިތުރުން ދާއިމީ ސިފައެއްގައި ގުރުދާ އަދި ފުރަމޭގެ މައްސަލަތައް ހުންނަ މީހުންނަށް ވެސް ޒިންކު މަދުވުމުގެ މައްސަލަ ދިމާވުމަކީ ވެދާނެ ގޮތެކެވެ. މާގިނައިން ބޭރަށް ހިންގުމާއި، ލޭވިހަވުން، ފިހުން ފަދަ ކަންކަމުގެ ސަބަބުން ވެސް ޒިންކު މަދުވުމަށް މަގުފަހިކުރެއެވެ (ހާވަރޑް. އެޑިޔު، 2022).  

ޒިންކު މަދުވުމަށް މަގުފަހިކުރާ އެހެން ހާލަތްތަކުގެ ތެރޭގައި މާބަނޑުވުން، ގާތުންދިނުން، އުރަމަތިން ބޭރުވާ ކިރުގައި ޒިންކު އެކުލެވޭ މިންވަރު މަދުވުން، ވެޖިޓޭރިއަނުން ހުސް ތަރުކާރީ ފަދަ ތަކެތި ކެއުމުގައި ހިމެނުން، ހަށިގަނޑަށް ޒިންކު ނެގޭ މިންވަރު މަދުވުން، އަދި ކުޑަކަމުނަޖިހާއެކު ޒިންކު ބޭރުވާ މިންވަރު އިތުރުވުން ފަދަ ކަންތައްތައް ހިމެނެއެވެ (ހާވަރޑް.އެޑިޔު، 2022).

ހަށިގަނޑުން ޒިންކް މަދުވުމުން ދިމާވެދާނެ ބައެއް ކަންތައްތަކުގެ ތެރޭގައި، އޮށާޅަނެގުން، އިސްތަށި ފޭބުން، ނިޔަފަތި މުރަނަވުން، ނިޔަފަތީގައި ހުދުތިކި ޖެހުން، ހަންގަނޑު ތޮށިވުން ފަދަ ހަމުގެ މައްސަލަތައް ދިމާވުން، ކާހިތްނުވުން، ރަހަނުލުމާއި، ވަސްނުދުވުން ، ދަރިވެހިވުމުގެ މައްސަލަތައް ޖެހުން، ބާލިޣުވުން ލަސްވުން، ފުރަހަ ހީނަރުވުން ނޫނީ ޖިންސީ ވަޅޯކަންކުރިމަތިވުން، ލިބޭކުދިން ޢައިބުވުން،  ރޯނާވުން ފަދަ ލޮލުގެ މައްސަލަތައް ޖެހުން، ހަދާން ބަލިވުން އަދި ކަށީގެ މައްސަލަ ޖެހުން ހިމެނެއެވެ (ސާލިހު އަދި ވަހީދު، 2003، ސާލިހު އަދި ވަހީދު، 2014). ދިފާޢީ ނިޒާމު ފުރިހަމައަށް ނުހުރުމުގެ ސަބަބުން އެކިއެކި ބަލިތައް ޖެހުން ޚާއްޞަކޮށް ބޭރަށް ހިންގުމާއި، ނިއުމޯނިޔާ ޖެހުން ފަދަ މައްސަލަތައް ކުރިމަތިވާގޮތް ވެއެވެ. ތަފާތު ހިސާބުތަކުން ދައްކާގޮތުގައި އަހަރަކު 800 މިލިޔަންކުދިން ޒިންކު މަދުވުމުގެ ސަބަބުން މަރުވެއެވެ (ސާލިހު، އަދި ވަހީދު، 2014).

ފެނިދާނެ އަލާމާތްތައް

·         ރަހަނުލުން

·         ވަސްނުދުވުން

·         ކާހިތްނުވުން

·         މޮޅިވެރިވުން / މާޔޫސްވެ ދެރަވުން

·         ދިފާޢީ ބާރު ދަށްވުން

·         ފާރުގަނޑު ފަސޭހަވުން ލަސްވުން

·         ބޭރަށްހިންގުން

·         އިސްތަށި ފޭބުން

ޒިންކު ގިނަވުން

ޒިންކު ގިނަވަނީ އާންމު ގޮތެއްގައި ކާބޯތަކެތީގެ ތެރެއިން ލިބޭ ޒިންކަށްވުރެ ބޮޑަށް ގުޅަބޭހުގެ ގޮތުގައި ޒިންކު ބޭނުންކުރެވޭ މިންވަރު އިތުރުވެގެންނެވެ. ކާބޯތަކެތީގެ ތެރެއިން ޒިންކު ނެގޭ މިންވަރު އިތުރުވެގެން ޒިންކު ގިނަވެގެން ރިޕޯޓްކޮށްފައިވަނީ ވަރަށް މަދުންނެވެ (ހާވަރޑް.އެޑިޔު، 2022).

ޒިންކު ގިނަވެގެން ދިމާވެދާނެ އަލާމާތްތައް

·         މޭނުބައިކުރުން

·         ހޮޑުލެވުން

·         ކާހިތްނުވުން

·         ބަނޑުގައި ރިހުން

·         ބޮލުގައި ރިހުން

·         ބޭރަށްހިންގުން

(ހާވަރޑް.އެޑިޔު، 2022).

ނޯޓް : މިއީ މައުލޫމާތު ފެތުރުމުގެ ނިޔަތުގައި ލިޔެފައިވާ ލިޔުމެކެވެ. މިލިޔުމުގެ މައިގަނޑު ބިނާވަނީ 2003 ވަނަ އަހަރު މިނިސްޓްރީ އޮފް ހެލްތު އިން ނެރެފައިވާ "ކާނާގެ ފައިދާ" އަދި 2014 ވަނަ އަހަރު ނެރެފައިވާ "މުއްތިކުރުން ކާންވީ: ކޮންއެއްޗެއް؟ ކިހާވަރަކަށް؟ ކީއްވެ؟" މިދެފޮތަށެވެ. އެދެފޮތުން ނެގުނު މައުލޫމާތަށް އިންޓަނެޓް އިން ހޯދައި އިތުރުކޮށްފައިވާ މައުލޫމާތުތައް ލިޔުމުގައި ހިމެނޭނެ އެވެ.  

މައުލޫމާތު :

·         އަހުމަދު ޞާލިހް، ޑރ ޢަބުދުﷲ ވަހީދު. ކާނާގެ ފައިދާ. 2003. މިނިސްޓްރީ އޮފް ހެލްތު

·         އަހުމަދު ޞާލިހް، ޑރ ޢަބުދުﷲ ވަހީދު. މުއްތިކުރުން ކާންވީ: ކޮންއެއްޗެއް؟ ކިހާވަރަކަށް؟ ކީއްވެ؟. 2014. މިނިސްޓްރީ އޮފް ހެލްތު

·         https://www.hsph.harvard.edu/nutritionsource/zinc/