މޮލިބްޑިނަމް
މޮލިބްޑިނަމް އަކީ އަޅިކުލައެއް ފާއްދާލާ ރިހިކުލައިގެ މައުދަނެކެވެ. މިއީ ދުޅަހެޔޮކަންމަތީ ހަށިގަނޑު ބެހެއްޓުމަށް ކާންޖެހޭ 21 މައުދަންގެ ތެރޭގައި ހިމެނޭ ޒާރީ ވަށްތިއެކެވެ. ހަށިގަނޑަށް ބޭނުންވަނީ މިމާއްދާގެ ވަރަށް ކުޑަ އެތިކޮޅެކެވެ.
މަޞްދަރު
މޮލިބްޑިނަމް
ލިބޭ ކާނާގެ ތެރޭގައި ކިރު، މޭގަނޑު، ތޮޅި، އަދި ޕާން ހިމެނެއެވެ. މިމާއްދާއިން
ވިހަވާވަރެއް ކަމަށްބަލަނީ 10 މިލިގްރާމް އާއި، 15 މިލިގްރާމް އާއި ދޭތެރޭގައި
ދުވަހެއްގެ މައްޗަށް ބޭނުން ކުރެވިގެންނެވެ.
ދިވެހިރާއްޖެއިން ލިބޭ ބައެއް ކާބޯތަކެތީގައި މޮލިބްޑިނަމް ހުންނަ މިންވަރު
100ގ ގައި |
މައިކްރޯގްރާމް |
100ގ ގައި |
މައިކްރޯގްރާމް |
ހިމެރިތޮޅި |
800 |
ސޯޔާ ބީންސް |
290 |
ރަތްހަނޑޫ |
800 |
ރަތްމުގު |
283 |
ބޯވެލިފަތް |
500 |
ގްރީން ޕީސް |
280 |
ހިކި މޭބިސްކަދުރު |
500 |
ރީނދޫމުގު |
195 |
ޒުވާރި |
300 |
|
|
މޮލިބްޑިނަމް
އަކީ ގިނަ ގޮވާމާއި، ތަރުކާރީ ފަތުގައި ހުންނަ ބާވަތެކެވެ. މޮލިބްޑިނަމް ގިނައިން
ލިބޭ ކާނާގެ ތެރޭގައި ބަކަރި މަސް، ގެޜިގެ މޭގަނޑު، ފެހިތޮޅި، ކިޔުކަމްބާ،
ބޯވެލިފަތް، މުގު، ކިރު، ލެގިޔޫމްސް (ލީމާ ބީންސް، ބްލެކް އައިޑް ބީންސް،
ޕީނަޓްސް)، ހޯލް ގްރެއިންސް އަދި ޕާން ހިމެނެއެވެ. ގުރުދާއާއި، ސިކުނޑި އަކީ
މިމާއްދާ ކޮށާރުކޮށް ބަހައްޓާ ގުނަވަންތަކަށްވާތީ ޖަނަވާރުގެ މިފަދަ
ގުނަވަންތަކުގައި މޮލިބްޑިނަމް ގިނައިން ހުރެއެވެ (ސާލިހު އަދި ވަހީދު، 2014). މީގެ
އިތުރުން ތޮއްޓާއެކު ހުންނަ އަލުވި، ޔޯގަޓް، ކިރު، ފޯޓިފައިޑް ހޯލް ގްރެއިން
ސީރިއަލް އަދި ދޮންކޭލުގައި މޮލިބްޑިނަމް ހުރެއެވެ. (ހާވަރޑް.އެޑިޔު، 2022).
މޮލިބްޑިނަމްގެ
ވަޒީފާ
މޮލިބްޑިނަމް
ހަށިގަނޑަށް ބޭނުންވަނީ ޔޫރިކް އެސިޑް އުފައްދާ އެންޒައިމްތަކަށް އެހީވުމަށާއި،
ޕްރޮޓީން ބޭނުންކުރެވޭގޮތް ހެދުމަށް، ނައިޓްރޯޖަން އެންދުމަށް ފަހު އޭގެ އަޅިތައް
ހަށިގަނޑުން ނެރުމަށެވެ. މޮލިބްޑިނަމް އަކީ ލޭހޮޅިތަކުގައި ސަރުބީ ހަރުވިޔަ
ނުދިނުމަށް އެހީވާ މާއްދާ އެކެވެ. އަދި މިއީ ފިރިހެނުންގެ ޖިންސީ ހަރަކާތަށް ވެސް
ބޭނުންވާ މާއްދާ އެކެވެ (ސާލިހު އަދި ވަހީދު، 2003).
މޮލިބްޑިނަމް
އަކީ ހުރިހާ މަންމަލި (ގާތުންކިރުދޭ ޖަނަވާރު) ތަކުގައި ހުންނަ ޅިންތާ
(އެންޒައިމް) ތަކުގެ މަސައްކަތަށް ބޭނުންވާ މާއްދާ އެކެވެ. ވާރުތީ ވިސަތައް
ދަރިންނަށް ވާރުތަކޮށްދިނުމަށާއި، ޕްރޮޓީން ގިރިބިން ކުރުމަށާއި، ލޭހޮޅިތަކުގައި
ސަރުބީ ހަރުވިޔަނުދިނުމަށް ވެސް މޮލިބްޑިނަމް ބޭނުންވެއެވެ. ނައިޓްރޯޖަން
"އެންދުމަށް" ފަހު އޭގެ "އަޅިތައް" ހަށިގަނޑުން ނެރެލުމަށާއި،
ނޭސަރުގެ އަލާމާތްތައް ނެތިކޮށްލުމަށް، މޮލިބްޑިނަމް ބޭނުންވެއެވެ. އަދި
ކާބޯތަކެތި ނުބައިވުން ލަސްކުރުވުމަށް އަޅާފައި ހުންނަ ތަކެތި، ނައްތާލުމަށް މިމާއްދާ
އެހީތެރި ވެދެއެވެ. މީ ގޮހޮރުގެ ކެންސަރުން ދުރުކޮށްދީ، ދުވަސްވީ މީހުންގެ ފުރަހަ
(ޖިންސީ ގުނަވަނާއި، އޭގެ ބާރު)، ގަދަކުރުމަށް އެހީތެރިވެދޭ މާއްދާ އެކެވެ (ސާލިހު
އަދި ވަހީދު، 2014).
މޮލީބްޑިނަމް
އަކީ ތަފާތު މުހިއްމު 4 ޅިންތާއެއްގެ މަސައްކަތް
ފުރިހަމަކުރުމަށް ބޭނުންވާ މާއްދާ އެކެވެ. އެގޮތުން ޕްރޮޓީން، އަލްކޮހޯލް،
ބޭސްތައް އަދި ވިހަތައް ބައިބައިކުރުމަށް ބޭނުންވާ އެންޒައިމްތަކުގައި
މޮލިބްޑިނަމް ބައިވެރި ވެއެވެ. މޮލިބްޑިނަމް ހިމެނޭ ޅިންތާތައް ޕިޔުރިން އަދި
ސަލްފައިޓް ބައިބައިކުރުމުގައި ވެސް ބައިވެރިވެއެވެ.
ހަށިގަނޑުގައި
މޮލިބްޑިނަމް
އެވްރެޖް
ބޮޑުމީހެއްގެ ހަށިގަނޑުގައި 5.25 މިލިގްރާމްގެ މޮލިބްޑިނަމް ހުރެއެވެ. ނުވަތަ
ހަށިގަނޑުގެ ބަރުދަނުގެ ކޮންމެ ކިލޯއަކަށް 0.07 މިލިގްރާމް އެވެ. މިމިންވަރު
އެކުލެވިގެންވަނީ މޭގަނޑު ގައްޔާއި، ގުރުދާ ގައި، ކަށިތަކުގައި، ދަތްތަކުގެ ބޭރު
ފަށަލައިގައި އަދި ހަންގަނޑު ގައެވެ. (ސާހިލު އަދި ވަހީދު، 2003). މޮލިބްޑިނަމް
ކޮށާރު ކުރެވިފައި ހުންނަނީ ސިކުނޑި، ޗިސްމޭ، ފުރަމޭ، ގުރުދާ، ކަށިތައް އަދި
ހަމުގައެވެ (ސާލިހު އަދި ވަހީދު، 2014).
ހަށިގަނޑަށް
ބޭނުންވާ މިންވަރު
މޮލިބްޑިނަމް ކެލަމިން ( ދުވަހެއްގައި ކެއުމަށް ލަފާދޭ މިންވަރު ) ކެލަމިން އަކީ 13-9 އަހަރާއި ދެމެދު ކުދިންނަށް ދުވާލަކަށް 34 މައިކްރޯގްރާމް އެވެ. 50-19 އަހަރާއި ދެމެދުގެ ބޮޑެތި މީހުންނަށް ދުވާލަކަށް 45 މައިކްރޯގްރާމް އެވެ. މާގަމައިންނާއި، ކިރުމައިންނަށް ދުވާލަކަށް 50 މައިކްރޯގްރާމް އެވެ (ސާލިހު އަދި ވަހީދު، 2014). ދުވަހެއްގެ ކާބޯތަކެތީގައި 75 އާއި 250 މައިކްރޯގްރާމްގެ މޮލިބްޑިނަމް ހިމެނޭ ނަމަ، ފުދޭނެ ކަމަށް ވެއެވެ. ކާބޯތަކެތީގައި ހުންނަ މޮލިބްޑިނަމް ގެ 88 އިން 93 އިންސައްތަ ހަށިގަނޑަށް ނެގޭކަމަށް ވެއެވެ (ސާލިހު އަދި ވަހީދު، 2003). މޮލިބްޑިނަމްގެ ރައްކާތެރި މަމިން އަކީ 13-9 އަހަރާއި ދެމެދުގެ ކުދިންނަށް ދުވާލަކަށް 1100 މައިކްރޯގްރާމް އެވެ. އަދި ބޮޑެތި މީހުންނަށް ދުވާލަކަށް 2000 މައިކްރޯގްރާމް އެވެ (ސާލިހު އަދި ވަހީދު، 2014).
މޮލިބްޑިނަމް
މަދުވުން
މޮލިބްޑިނަމް
މަދުވުމަކީ ވަރަށް ދުރު ކަމެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި މޮލިބްޑިނަމް
މަދުވުމުގެ އަލާމާތްތަކުގެ ތެރޭގައި ލޭފަނޑުވުން، ދަތްފަނިކެއުން، ފޫހިވުން،
ފުރަހައިގައި ބާރުނެތުން އަދި ވަރުދެރަވުން ފަދަ ކަންތައްތައް ހިމެނެއެވެ (ސާލިހު
އަދި ވަހީދު، 2014). މީގެ އިތުރުން ފިޓްޖެހުން، ހިތުގެ ވިންދުގެ ތަރުތީބު ގެއްލުން
ފަދަ ކަންކަން ކުރިމަތިވުމަކީ ދިމާވެދާނެ ކަމެކެވެ (ހާވަރޑް.އެޑިޔު، 2022).
މޮލިބްޑިނަމް
ގިނަވުން
މޮލިބްޑިނަމް
އަށް ވިހަވުމަކީ ވަރަށް ދުރު ކަމެކެވެ. ވިހަވާވަރެއްކަމަށް ބަލަނީ ދުވާލަކު 15
މިލިގްރާމް ހަށިގަނޑަށް އެތެރެވެގެންނެވެ. މިއީ ކާނާ ކައިގެން ހަށިގަނޑަށް ލިބޭނެ
ވަރެއް ނޫނެވެ. އެކަމަކު މިމައުދަނުގެ މަސައްކަތްކުރާ މީހުންގެ ދުމާއި، ހިރަފުހުގެ
ސަބަބުން އެމީހުންގެ މޫންދުރަ (ކުޑަކަމުނަޖިހުގައި) ގައި މިމާއްދާ
ހުންނަންވާވަރަށް ވުރެ ގިނަވެއެވެ (ސާލިހު އަދި ވަހީދު، 2014).
ގިނަ މަލްޓިވިޓަމިން ތަކުގައި ފުދޭވަރަކަށް މޮލިބްޑިނަމް ހުންނާނެ އެވެ. މޮލިބްޑިނަމް ބޭހެއްގެ ގޮތުގައި ނެގުމުގައި ފަރުވާތެރި ވާންޖެހޭނެ އެވެ. އެއީ މޮލިބްޑިނަމް ކެވޭވަރު މާގިނަވެއްޖެނަމަ، ހަށިގަނޑަށް ކޮޕަރ ގިރިބިންކުރެވޭ ވަރު މަދުވާނެތީ އެވެ. އޭރުން މޫންދުރައިގައި އެސިޑް ގިނަވެގެން ހުޅުހުޅު ޚާއްޞަކޮށް ފައިގެ އިގިލިތަކުގެ ކުޑަހުޅުތައް ދުޅަވާގޮތް ދިމާވެދާނެ އެވެ (ސާލިހު އަދި ވަހީދު، 2014).
ނޯޓް : މިއީ މައުލޫމާތު ފެތުރުމުގެ ނިޔަތުގައި ލިޔެފައިވާ
ލިޔުމެކެވެ. މިލިޔުމުގެ މައިގަނޑު ބިނާވަނީ 2003 ވަނަ އަހަރު މިނިސްޓްރީ އޮފް
ހެލްތު އިން ނެރެފައިވާ "ކާނާގެ ފައިދާ" އަދި 2014 ވަނަ އަހަރު
ނެރެފައިވާ "މުއްތިކުރުން ކާންވީ: ކޮންއެއްޗެއް؟ ކިހާވަރަކަށް؟ ކީއްވެ؟"
މިދެފޮތަށެވެ. އެދެފޮތުން ނެގުނު މައުލޫމާތަށް އިންޓަނެޓް އިން ހޯދައި
އިތުރުކޮށްފައިވާ މައުލޫމާތުތައް ލިޔުމުގައި ހިމެނޭނެ އެވެ.
މައުލޫމާތު :
·
އަހުމަދު ޞާލިހް، ޑރ
ޢަބުދުﷲ ވަހީދު. ކާނާގެ ފައިދާ. 2003. މިނިސްޓްރީ އޮފް ހެލްތު
·
އަހުމަދު ޞާލިހް، ޑރ
ޢަބުދުﷲ ވަހީދު. މުއްތިކުރުން ކާންވީ: ކޮންއެއްޗެއް؟ ކިހާވަރަކަށް؟ ކީއްވެ؟. 2014.
މިނިސްޓްރީ އޮފް ހެލްތު
·
https://www.hsph.harvard.edu/nutritionsource/molybdenum/