Monday, May 27, 2013

ތާއޫން ބަލި

ތާއޫން ބަލި
ތާއޫން ބައްޔަކީ(Plague) އިންސާނުންނާ ޖަނަވާރުންނަށް ވެސް ޖެހޭ ބައްޔެކެވެ. މިއީ މައިގަނޑު ގޮތެއްގައި ޖަނަވާރުތަކުގެ ހަށިގަނޑުގައި އަށަގަންނަ ބައްޔެކެވެ. މިއީ އެއް ޖަނަވާރުގެ ގައިން އަނެއް ޖަނަވާރުގެ ގަޔަށް ބަލީގެ ޖަރާސީމު ހުރި ސެއްޅިއެއް ދަތްއެޅުމުން ވާޞިލްވާ ބައްޔެކެވެ. މިބަލި ޖެހެނީ "ޔާރސިނީއާ ޕެސްޓިސް"(Yersinia pestis) ކިޔާ ޖަރާސީމަކުންނެވެ. މިއީ ރަގަޅަށް ފަރުވާ ނުކުރެވިއްޖެނަމަ ފުރާނަޔަށް ގެއްލުންވެދާނެ ބައްޔެކެވެ.

ތާއޫން ބަލި ފެތުރޭގޮތް
އިންސާނުންނަށް ތާއޫން ބަލި ޖެހެނީ (އިންސާނާގެ ގަޔަށް ތާއޫން ބަލީގެ ޖަރާސީމު ވާޞިލްވަނީ) އަންނަނިވި ގޮތްތަކުގެ ތެރެއިން ގޮތެއް މެދުވެރިވެގެންނެވެ.
 
ބަލީގެ ޖަރާސީމު އުފުލާ ސެއްޅިއެއް ދަތްއެޅުން : ތާއޫން ބަލީގެ ޖަރާސީމު އެންމެ އާންމުކޮށް އިންސާނާގެ ހަށިގަނޑަށް ވާޞިލްވަނީ ބަލީގެ ޖަރާސީމު އުފުލާ (ޖަރާސީމުހުރި) ސެއްޅިއެއް ދަތް އެޅުމުންނެވެ. ސެއްޅި އެއެއްޗަކުން ލޭބޮއިގެން ދިރިއުޅޭ ޖަނަވާރު މަރުވުމުން އެހެން އެފަދަ އެއްޗަކުން ލޭބުއިމަށް ބޭނުންވެއެވެ. އެގޮތުން ތާއޫން ބަލިޖެހިގެން މަރުވެފައިވާ ޖަނަވާރުތައް ހުންނަ ހިސާބަކަށް ގޮސް އުޅޭ މީހުންނާ އެހެން ޖަނަވާރުތަކަށް ތާއޫން ބަލި ޖެހުމުގެ ފުރުޞަތު ބޮޑެވެ. ގޭގައި ގެންގުޅޭ ބުޅާ، އަދި ގޯތިތެރޭގައި އުޅޭ މީދަލުގެ ހަށިގަނޑުގައި ތާއޫން ބަލި ޖައްސާ ޖަރާސީމު ހުރުމަކީ ވެދާނެ ގޮތެކެވެ. މިގޮތަށް ބަލީގެ ޖަރާސީމު ހުރި ސެއްޅި ދަތްއެޅުމުން އާންމު ގޮތެއްގައި ޖެހެނީ ތާއޫން ބަލީގެ ވައްތަރުތަކުގެ ތެރެއިން "ބިޔޫބޮނިކް ޕްލޭގް"(Bubonic plague) އަދި "ސެޕްޓިސިމިކް ޕްލޭގް"(Septicemic plague)  އެވެ.

ބަލީގެ ޖަރާސީމާ ތަޣައްޔަރުވެފައިވާ ތަކެތީގައި ބީހުން : ތާއޫން ބަލި ޖެހިފައިވާ ޖަނަވާރެއްގެ ހަށިގަނޑުން ބޭރުވި ދިޔަ، އަދި އެފަދަ ޖަނަވާރެއްގެ ހަށިގަނޑުގެ ބައެއްގައި އަތްލައި، އުފުލައި ހެދުމަކީ އިންސާނުންނަށް ތާއޫން ބަލި ޖެހިދާނެ ކަމެކެވެ. މިސާލަކަށް ރައްކާތެރިވުމުގެ ގޮތުން ބޭނުންކުރެވޭ އާލަތަކާ ނުލައި ބަލިޖެހިފައިވާ ޖަނަވާރެއްގެ ހަން ނޮޅައި ހެދުމަކީ އެމީހަކަށް ތާއޫން ބަލި ޖެހިދާނެ ކަމެކެވެ. މިއުސޫލުގެ މަތީން އާންމު ގޮތެއްގައި ޖެހެނީ ތާއޫން ބަލީގެ ވައްތަރުތަކުގެ ތެރެއިން "ބިޔޫބޮނިކް ޕްލޭގް"(Bubonic plague) އަދި "ސެޕްޓިސިމިކް ޕްލޭގް"(Septicemic plague)  އެވެ.

ބަލީގެ ޖަރާސީމު ހުރި ދަވަ، ކުޅު، އަރިދަފުސް ފަދަ ތަކެތިން : ތާއޫން ބަލި ޖެހިފައިވާ މީހަކު ކެއްސާ ކިނބިހި އެޅުމުގެ ތެރޭގައި ބަލީގެ ޖަރާސީމު ވައިގެ ތެރެއަށް ދޫކުރެއެވެ. މިފަދަ ޖަރާސީމު ވައިގެ ޒަރީއާއިން ސަލާމަތުން ހުރި މީހެއްގެ ހަށިގަނޑަށް ވާޞިލް ވެއްޖެނަމަ އެމީހަކަށް "ނިއުމޯނިކް ޕްލޭގް"(Pneumonic plague) ޖެހިދާނެ އެވެ. އިންސާނުންގެ ތެރޭގައި ގައިންގަޔަށް ތާއޫން ބަލިއަރާ ހަމައެކަނި ގޮތަކީ މިއީ އެވެ. ބުޅަލަކީ ވަރަށް ފަސޭހައިން ތާއޫން ބަލިޖެހޭ ޖަނަވާރެކެވެ. ބުޅަލަށް މިބަލިޖެހެނީ ބަލީގެ ޖަރާސީމުހުރި މީދާ ހިކަނދި ފަދަ ތަކެތި ކެއުމުންނެވެ.

ތާއޫން ބަލީގެ އަލާމާތްތަކާ ވައްތަރުތައް
ތާއޫން ބައްޔާ ގުޅިގެން ފެންނަ އަލާމާތްތައް ބަރޯސާވަނީ އެމީހަކަށް ތާއޫން ބަލިޖެހުނު ގޮތެއްގެ މައްޗަށެވެ. ނުވަތަ އެމީހަކަށް ޖެހިފައިވާ ތާއޫން ބަލީގެ ވައްތަރަކަށެވެ. ތާއޫން ބަލީގެ ވައްތަރުތަކުގެ އެންމެ އާންމު ވައްތަރުތައް ތިރީގައި މިވަނީ އެވެ.

ބިޔޫބޮނިކް ޕްލޭގް (Bubonic plague): ތާއޫން ބަލީގެ މިވައްތަރު ޖެހުމުން ކުއްލިއަކަށް ހުންއައުން، ހީކެރުވުން، ބޮލުގައި ރިހުން، އަދި ވަރުބަލިވުން މެދުވެރި ކުރުވައެވެ. އެންމެ ގޮށެއް ނުވަތަ އެއަށްވުރެ ގިނަ ގޮށް ދުޅަވެ، ހަށިގަނޑުގެ އެކި ހިސާބުތަކުގައި ގޮށްލާގޮތް ވެއެވެ. ބިޔޫބޮނިކް ޕްލޭގް ކަން އެނގޭނެ އެންމެ ފަސޭހަ ގޮތަކީ (ބިޔޫބޮނިކް ޕްލޭގް ޖެހުމުން ދިމާވާ އެންމެ އާންމުކަމަކީ) ދުޅަވެ ގޮށްލާފައިވާ ލިމްފް ގޮށްތައް ފެންނަން ހުރުމެވެ. މިގޮތުން ދުޅަވެފައި ހުންނަ ލިމްފް ގޮށްތަކަށް ކިޔަނީ "ބިޔޫބޯ"(Bubo) އެވެ. އާންމު ގޮތެއްގައި މިގޮތަށް ދުޅަވެ ފުއްޕާފައި ހުންނަ ލިމްފް ގޮށްތަކުގައި ވަރަށް ބޮޑަށް ރިއްސައި ތަދުވާނެ އެވެ. މިފަދަ ގޮށްތައް އެންމެ ގިނައިން ނަގަނީ ކަރުދޮށް، ކިހިލިފަތްދޮށް، އަދި ފައިވަޅުގައެވެ. ތާއޫން ބަލީގެ ވައްތަރުތަކުގެ ތެރެއިން ބިޔޫބޮނިކް ޕްލޭގް ޖެހިއްޖެނަމަ ބަލީގެ ޖަރާސީމު ހަށިގަނޑަށް ވަނުމަށްފަހު، ބިޔޫބޮނިކް ޕްލޭގް ގެ އަލާމާތްތައް ފެންނަށް ފެށުމަށް 6-2 ދުވަހާ ދެމެދުގެ މުއްދަތެއް ހޭދަވެއެވެ.
މިވައްތަރު ގެ ތާއޫން ބަލިޖެހެނީ ބަލީގެ ޖަރާސީމު ހުރި ސެއްޅިއެއް ދަތްއެޅުމުންނެވެ. ހަށިގަނޑަށް ޖަރާސީމު ވަތް ހިސާބާ އެންމެ ކައިރީގައި ހުރި ލިމްފް ގޮށުގެ ތެރޭގައި ޖަރާސީމުތައް އިތުރުވެ ގިނަވެއެވެ. އެކަށޭނަ ގޮތެއްގައި އެންޓިބަޔޮޓިކް ބޭނުންކޮށްގެން ފަރުވާ ނުކުރެވިއްޖެނަމަ ހަށިގަނޑުގެ އެހެން ހިސާބުތަކަށް ޖަރާސީމު ފެތުރިގެން ދެއެވެ. ލޭގެތެރެއަށް ތާއޫން ބަލީގެ ޖަރާސީމު ހިގައްޖެނަމަ، މިކަމުގެ ނަތީޖާއެއްގެ ގޮތުން ސެޕްޓިސިމިކް ޕްލޭގް ފެންމަތި ވެއެވެ. އަދި ފުއްޕާމެޔަށް ބަލީގެ ޖަރާސީމު ހިގައްޖެނަމަ ނިއުމޯނިކް ޕްލޭގް ފެންމަތި ވެއެވެ.

ސެޕްޓިސިމިކް ޕްލޭގް (Septicemic plague) : ތާއޫން ބަލީގެ މިވައްތަރު ޖެހުމުން ހުންއައުން، ހީކެރުވުން، ވަރުބަލިވުން، ބަނޑުގައި ރިހުން، ޝޮކުޖެހުން، އަދި ހަމަށް ލޭއަރައި، އެތެރެހަށީގެ ގުނަވަންތަކަށް ލޭހިލޭގޮތް ވެއެވެ. ހަމުގެ ކުލަ (ޚާއްޞަކޮށް އަތްފައިގެ އިގިލިތަކާ، ނޭފަތުގެ) ކަޅުވެ، އެހިސާބެއްގެ ޓިޝޫތައް މަރުވުމަކީ ވެދާނެ ގޮތެކެވެ. ބައްޔާ ގުޅިގެން ފުރަތަމަ ދިމާވާ ކަމެއްގެ ގޮތުގައި ވެސް ސެޕްޓިސިމިކް ޕްލޭގް ކުރިމަތިވެދާނެ އެވެ. ނުވަތަ ބިޔޫބޮނިކް ޕްލޭގް ޖެހިފައި ރަގަޅުނުވެ ދުވަސްވުމުން، ސެޕްޓިސިމިކް ޕްލޭގް އަށް ބަދަލުވުމަކީ ވެސް ވެދާނެ ގޮތެކެވެ. މިވައްތަރުގެ ތާއޫން ބަލި ޖެހެނީ ބަލީގެ ޖަރާސީމު ހުރި ސެއްޅިއެއް ދަތްއެޅުމުން، ނުވަތަ ބަލީގެ ޖަރާސީމާ ތަޣައްޔަރުވެފައިވާ ތަކެތި އުފުލައި، ބީހި ހެދުމުންނެވެ.
ސެޕްޓިސިމިކް ޕްލޭގް ގެ ސަބަބުން ބައެއް ފަހަރު މޭނުބައިކުރުން، ހޮނޑުލެވުން، ބޭރަށްހިންގުން އަދި ބަނޑުގައި ރިހުން ފަދަ އުދަނގޫތައް މެދުވެރިވުމަކީ ވެސް ވެދާނެ ގޮތެކެވެ.

ނިއުމޯނިކް ޕްލޭގް (Pneumonic plague): ތާއޫން ބަލީގެ މިވައްތަރު ޖެހުމުން ހުންއައުން، ބޮލުގައި ރިހުން،  އަދި ވަރުބަލިވުން ކުރިމަތި ކުރުވައެވެ. އެއަށްފަހު ނޭވާކުރުވެ، ނޭވާލާން ދަތިވެ، ކެއްސައި، މޭގައި ރިއްސައި، މޭގައި އަރިދަފުސް އަޅައި، ނިއުމޯނިޔާ ޖެހޭގޮތް ވެއެވެ. ކެއްސާއިރު އަންނަ އަރިދަފުހުގައި ލޭ ހުރުމަކީ ބައެއް ފަހަރު ވެދާނެ ގޮތެކެވެ. މިވައްތަރުގެ ތާއޫން ބަލި ޖެހެނީ ބަލިޖެހިފައިވާ މީހާ ކެއްސާ ކިނބިހިއަޅާއިރު ބޭރުވި ޖަރާސީމު ވައިގެ ޒަރީޢާއިން ސަލާމަތުން ހުރި މީހާގެ ހަށިގަނޑަށް ވާޞިލް ވުމުންނެވެ. ތާއޫން ބަލީގެ ވައްތަރުތަކުގެ ތެރެއިން ބިޔޫބޮނިކް ޕްލޭގް ، އަދި ސެޕްޓިސިމިކް ޕްލޭގް ޖެހި، ރަގަޅުނުވެ ގިނަދުވަސް ވުމުން، ހަށިގަނޑުގެތެރެއަށް ފެތުރިގެންދާ ޖަރާސީމު ފުއްޕާމެޔަށް ހިގައްޖެނަމަ ވެސް މިވައްތަރުގެ ތާއޫން ބަލި ޖެހިދާނެ އެވެ. ނިއުމޯނިޔާ ޖެހިއްޖެނަމަ، ޝޮކަށް ގޮސް، ނޭވާލުމުގެ މަސައްކަތް ހުއްޓުމަކަށް އައިސް ފުރާނަޔަށް ނުރައްކާވުމަކީ ވެދާނެ ކަމެކެވެ. ތާއޫން ބަލީގެ ވައްތަރުތަކުގެ ތެރެއިން އެންމެ ނުރައްކާތެރި އަދި ހަމައެކަނި ގައިންގަޔަށްއަރާ ވައްތަރަކީ މިއީ އެވެ.

ތާއޫން ބަލި ޖެހިފައިވާކަން ދެނެގަތުން
ތާއޫން ބަލި ޖެހިފައިވާ މީހާގެ ހަށިގަނޑު ޗެކްކޮށް ބަލާ ބެލުންތަކުން ބިޔޫބޮނިކް ޕްލޭގް ކަން އެނގޭނެ އެންމެ ފަސޭހަ ގޮތަކީ (ބިޔޫބޮނިކް ޕްލޭގް ޖެހުމުން ފެންނަ އެންމެ އާންމުކަމަކީ) ތަދާއެކު ދުޅަވެ ގޮށްލާފައިވާ ލިމްފް ގޮށްތައް ފެންނަން ހުރުމެވެ. މިގޮތުން ދުޅަވެފައި ހުންނަ ލިމްފް ގޮށްތަކަށް ކިޔަނީ "ބިޔޫބޯ" އެވެ. މިފަދަ ބިޔޫބޯ ހުރުން ނުވަތަ ބަލީގެ ޖަރާސީމު ހުރި ސެއްޅި ހަފާފައި ނުވަތަ ދަތްއަޅާފައި ހުރި ތަން ފެންނަން ހުރުމަކީ ތާއޫން ބަލިކަން ކަނޑައެޅުމަށް އެހީތެރިވެދޭނެ ކަމެކެވެ. އާންމު ގޮތެއްގައި މިގޮތަށް ދުޅަވެ ފުއްޕާފައި ހުންނަ ލިމްފް ގޮށްތަކުގައި ވަރަށް ބޮޑަށް ރިއްސައި ތަދުވާނެ އެވެ. މިފަދަ ގޮށްތައް އެންމެ ގިނައިން ނަގަނީ ކަރުދޮށް، ކިހިލިފަތްދޮށް، އަދި ފައިވަޅުގައެވެ.
ވަރަށް ގިނަ ފަހަރު ޚާއްޞަކޮށް ސެޕްޓިސިމިކް އަދި ނިއުމޯނިކް ޕްލޭގް ގައި ކަނޑައެޅިގެން އެއީ ތާއޫން ބަލިކަން އެނގޭނެ ކަމެއް ހަށިގަނޑުން ފެންނަން ނުހުރެދާނެ އެވެ. މިފަދަ ހާލަތުގައި ބަލި ދެނެގަންނަނީ ލޭ، ނުވަތަ ދުޅަވެފައިވާ ގޮށުން ދިޔަކޮޅެއް ނަގައި، ޓެސްޓުކޮށްގެންނެވެ. ބައެއް ފަހަރު ކުޅު ނަގައިގެން ވެސް ޓެސްޓުކޮށްފާނެ އެވެ. ތާއޫން ބަލިކަން ޔަގީންވާ ހިސާބުން ފެށިގެން އެކަމަށް ޚާއްޞަ އެންޓިބަޔޮޓިކް ފަށަން ވާނެއެވެ.  

ތާއޫން ބަލީގެ ފަރުވާ
ތާއޫން ބައްޔަކީ ފުރާނަޔަށް ނުރައްކާވާފަދަ ބައްޔަކަށް ވިޔަސް މިއީ އެންޓިބަޔޮޓިކް ބޭނުންކޮށްގެން ފަރުވާކުރެވިދާނެ ބައްޔެކެވެ. އަވަހަށް ފަރުވާ ފެށިވަރަކަށް ރަގަޅުވާލެން ވެސް އަވަސްވާނެ އެވެ. ތާއޫން ބަލީގެ ވައްތަރުތަކުގެ ތެރެއިން ނިއުމޯނިކް ޕްލޭގް ޖެހިފައިވާ މީހުންނާ އެކުގައި އުޅޭ (ގައިގޯޅިވެ އުޅޭ/ އުޅުނު) މީހުންގެ ޞިއްޙީ ހާލަތު ބަލަމުން ގެންދިއުމަކީ މުހިއްމު ކަމެކެވެ. ބަލިމީހާއާ އެކުގައި އުޅުނު ވަގުތާ، ތާއޫން ބަލީގެ ވައްތަރަށް ރިއާޔަތްކޮށް، ރައްކާތެރިވުމުގެ ގޮތުން އެފަދަ މީހަކަށް އެންޓިބަޔޮޓިކް ދުރާލާ ދެވިދާނެ އެވެ. އާންމު ގޮތެއްގައި ބަލީގެ ފަރުވާގައި އެންޓިބަޔޮޓިކް ދެވެނީ 10 ދުވަހުގެ މުއްދަތަށެވެ.

ތާއޫން ބަލިން ރައްކާތެރިވުން
ތާއޫން ބަލިން ރައްކާތެރިވުމަށް އަދި މިހާތަނަށް ވެކުސިނެއް އުފައްދާފައެއް ނުވެއެވެ. ތާއޫން ބަލިން ރައްކާތެރިވުމަށް އަންނަނިވި ކަންތައްތަކަށް ސަމާލުކަން ދެވިދާނެ އެވެ.
·         ބުޅާ މީދާ ފަދަ ތަކެތި މަދުކުރުން : މިފަދަ ތަކެތި މަދުކުރުމަށްޓަކައި ގެޔާއި ގޯތި ތެރޭގައި ކުނި އުފެދޭނެ ގޮތަށް ނުބެހެއްޓުން ރަގަޅެވެ. އަދި މީދާ ބުޅާ ފަދަ ތަކެއްޗަށް ހާލި ހެދޭނެ ތަންތަން ނުބެހެއްޓުން ރަގަޅެވެ. ބުޅާ މީދާ ފަދަ ތަކެތި މަދުކުރުމަށް ޚާއްޞަ ޕްރޮގްރާމްތައް ދޭތެރެ ދޭތެރެއިން ހިންގިދާނެ އެވެ.
·         ބުޅާ ފަދަ ތަކެތީގައި އަތްލައި އުރައި، ނުހެދުން
·         ޖަންގައްޔަށް ގޮސް އުޅޭއިރު ރައްކާތެރިވުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅު އެޅުން : މިސާލަކަށް ގަން ބޫޓު ފަދަ އެއްޗަކަށް އެރުން، ބިމަށް އަތްލައި ހަދާއިރު އަންގި ފަދަ އެއްޗެއް ބޭނުންކުރުމަކީ މުހިއްމު ކަމެކެވެ. މިގޮތަށް ހެދުމުން ސެއްޅި ހެފުމުން ކޮންމެ ވެސް ވަރަކަށް ރައްކާތެރިކޮށްދޭނެ އެވެ. އަދި ހަމުގައި ސެއްޅި ފަދަ ތަކެތި ގާތްވިޔަ ނުދިނުމަށް އެކަމަށް ޚާއްޞަ ކްރީމް އުގުޅާފައި ބެހެއްޓިދާނެ އެވެ.

ނޯޓް: މިއީ މައުލޫމާތު ފެތުރުމުގެ ނިޔަތުގައި ލިޔެފައިވާ ލިޔުމެކެވެ.

މައުލޫމާތު :
CDC. (2012, 11 28). http://www.cdc.gov/plague/. Retrieved 5 26, 2013, from http://www.cdc.gov/: http://www.cdc.gov/plague/


No comments:

Post a Comment