Saturday, June 7, 2025

އިންޓަރސްޓިޝަލް ލަންގް ޑިޒީޒް

 

އިންޓަރސްޓިޝަލް ލަންގް ޑިޒީޒް

އިންޓަރސްޓިޝަލް ލަންގް ޑިޒީޒް (interstitial lung disease) އަކީ ފުއްޕާމޭ ދުޅަވެ، ފުއްޕާމޭގައި ލަކުނުލުން ކުރިމަތި ކުރުވާ ބައިވަރު ހާލަތްތަކަށް ކިޔާ ނަމެކެވެ. ފުއްޕާމޭގައި ލަކުނުލުމުން ފުއްޕާމޭ ހަރުއަރައި، ނޭވާލާން އުދަނގޫވެ، ލެޔަށް އޮކްސިޖަން ފޮނުވާދިނުމަށް ހުރަސްއަޅައެވެ (ލަންގް.އޯރގް، 2024، (މެޔޯކްލިނިކް،2024). އިންޓަރސްޓިޝަލް ލަންގް ޑިޒީޒް ފުއްޕާމެޔަށް ލިބޭ ގެއްލުމަކީ އަނބުރާ އިޢާދަނުކުރެވޭ، އަދި ދުވަސްވާ ވަރަކަށް ގޯސްވަމުންދާ ކަމެކެވެ(މެޔޯކްލިނިކް،2024).އާންމު ގޮތެއްގައި ފުއްޕާމޭގައި ލަކުނުލުމުން ފުއްޕާމޭގެ ސެލޯށި، ބޯވެ، ހަރުވެ، ފުއްޕާމޭ ފުފި، އެއަށް ވައި ވަނުމަށް ހުރަސްއަޅައެވެ (މެޔޯކްލިނިކް،2024).


އިންޓަރސްޓިޝަލް ލަންގް ޑިޒީޒް ހުންނަ ގިނަ މީހުންގެ ފުށުން ނޭވާލާން އުދަނގޫވުން ފާހަގަ ވެއެވެ. އަދި މަސައްކަތެއް ކޮށްލުމުން ފަހަރުގައި އުދަނގޫވާ ކަހަލަ ހިކި ކެއްސުމެއް ހުރެދާނެ އެވެ.

އިންޓަރސްޓިޝަލް ލަންގް ޑިޒީޒް ކުރިމަތިކުރުވާ ވަރަށް ގިނަ ސަބަބުތައް ހުރެއެވެ. އެގޮތުން ދިގުމުއްދަތަކަށް އެސްބެސްޓޯސް އަށް ހުށަހެޅުން ފަދަ ކަންތައްތައް ހިމެނެއެވެ. މީގެ އިތުރުން ރޫމަޓޮއިޑް އާތުރައިޓިސް ފަދަ އުޓޯއިމިޔޫން ޑިޒީޒް ތަކުގެ ސަބަބުން ވެސް އިންޓަރސްޓިޝަލް ލަންގް ޑިޒީޒް ކުރިމަތި ކުރުވައެވެ. ބައެއް ފަހަރު އިންޓަރސްޓިޝަލް ލަންގް ޑިޒީޒް ކުރިމަތިކުރުވާ ސީދާ ސަބަބެއް ނޭނގެއެވެ. އިންޓަރސްޓިޝަލް ލަންގް ޑިޒީޒް ކުރިމަތިކުރުވާ ސަބަބުތައް ގިނަ ކަމުން ދެވޭ ފަރުވާ ތައް ވެސް ތަފާތު ވެއެވެ (މެޔޯކްލިނިކް،2024).

އިންޓަރސްޓިޝަލް ލަންގް ޑިޒީޒް އަކީ ބަލީގެ ހާލަތު ލަސްލަހުން ވެސް ގޯސްވެދާނެ ބައްޔެކެވެ. ނޫނީ ކުއްލިއަކަށް ހުރެފައި ވެސް ގޯސްވެގެން ހިނގައިދާނެ ބައްޔެކެވެ. އިންޓަރސްޓިޝަލް ލަންގް ޑިޒީޒް  ފަދަ ބަލިތަކާއި ގުޅިގެން ފުއްޕާމޭގައި އުފެދޭ ލަކުނަކީ އަނބުރާ ރަނގަޅުވެ ފަސޭހަވެދާނެ އެއްޗެއް ނޫނެވެ. އެހެންކަމުން ފަރުވާ އަމާޒުކުރެވެނީ އިތުރަށް ލަކުނުލުން ހުއްޓުވުމާއި، ބަލީގައި ކުރިމަތިވާ އުދަނގޫތަކަށް ލުއިކަން ހޯދައިދިނުމާއި، ބައްޔާއެކު ވެސް ދިރިއުޅުން ފަސޭހަކޮށްދީ ފެންވަރު ރަނގަޅުކޮށްދިނުމަށެވެ. ފަރުވާގައި ދޭ ބޭހުގެ ސަބަބުން ބައްޔަށް ލުއިކަމެއް ލިބުނަސް، ކުރީގައި ހުރިގޮތަށް އެމީހެއްގެ ފުއްޕާމޭ މަސައްކަތް ކުރުމަކީ ނާދިރު ކަމެކެވެ. އެހެންކަމުން ފަރުވާގެ ގޮތުގައި ބައެއް ފަހަރު ފުއްޕާމޭ ބަދަލުކުރުމަކީ ކުރެވިދާނެ ކަމެކެވެ (މެޔޯކްލިނިކް،2024).

ސަބަބު

ބެލެވޭގޮތުގައި އިންޓަރސްޓިޝަލް ލަންގް ޑިޒީޒް ކުރިމަތިވަނީ ފުއްޕާމެޔަށް ލިބޭ އަނިޔާއަކާއި ވިދިގެން އެއަނިޔާއިން ފަސޭހަވުމަށް ކުރާ މަސައްކަތް އެންމެ އެދެވޭގޮތުގައި ނުދިއުމުންނެވެ. އާންމު ގޮތެއްގައި ލިބިފައި ހުންނަ ގެއްލުމުން މިންޖުވުމަށް އެކަށޭނަ ވަރަށް ހަށިގަނޑުން (ލިބުނު އަނިޔާ އިން މިންޖުވުމަށް މަރާމާތުކޮށް ހެދުމަށް) ސެލޯށި އުފައްދާނެއެވެ. ނަމަވެސް އިންޓަރސްޓިޝަލް ލަންގް ޑިޒީޒް ގައި މަރާމާތުކޮށް ލިބުނު އަނިޔާއިން ފަސޭހަކުރުމުގެ މަސައްކަތް އެކަށޭނަ ގޮތުގައި ކުރިޔަކަށް ނުދެއެވެ. އެގޮތުން އިންޓަރސްޓިޝަލް ލަންގް ޑިޒީޒް އާޢި ގުޅިގެން ފުއްޕާމޭގެ އެތެރޭގައި ހުންނަ ވައިކޮތަޅުތަކުގައި ހުންނަ ސެލޯށިތައް ދުޅަވެ، ލަކުނުހެދި، ބޯވެގެން ދެއެވެ. މިކަމުގެ ސަބަބުން ލޭގެ ތެރެއަށް އޮކްސިޖަން ދިއުމަށް ނޫނީ ފޯރުވުމަށް ހުރަސްއަޅައެވެ (މެޔޯކްލިނިކް،2024).

އިންޓަރސްޓިޝަލް ލަންގް ޑިޒީޒްގެ ވަރަށް ގިނަ ވައްތަރުތައް ހުރެއެވެ. މިބަލިތައް ބެހިފައި ހުންނަނީ ސަބަބު އެނގޭ އަދި އޭގެ ސަބަބު ނޭނގޭ ހާލަތްތަކަށް ރިއާޔަތްކޮށެވެ. އެގޮތުން ބެހިފައިވާ ބައެއް ބައިތައް ނޫނީ ގޮތްތައް ތިރީގައި މިވަނީ އެވެ.

·         ކުރާ މަސައްކަތް ނޫނީ ދިރިއުޅޭ މާހައުލުގެ ސަބަބުން ބަލި ކުރިމަތިވުން

·         ހުންނަ ބައްޔެއްގެ ސަބަބުން ބަލި ކުރިމަތިވުން

·         ބޭނުންކުރާ ބޭހެއް ނޫނީ ހޯދި ފަރުވާއެއް (ރޭޑިއޭޝަންގެ ފަރުވާ) ގެ ސަބަބުން ބަލި ކުރިމަތިވުން

އިންޓަރސްޓިޝަލް ލަންގް ޑިޒީޒް ބައެއް ފަހަރު ދުންފަތުގެ އިސްތިއުމާލުކުރުމުގެ ސަބަބުން ވެސް ކުރިމަތިވާކަން ހޯދިފައި ވެއެވެ.

ކުރާ މަސައްކަތް ނޫނީ ދިރިއުޅޭ މާހައުލުގެ ސަބަބުން އިންޓަރސްޓިޝަލް ލަންގް ޑިޒީޒް ކުރިމަތިވުން

ދިރިއުޅޭ މާހައުލުން ނޫނީ މަސައްކަތު މާހައުލުން ތަފާތު ވިހަތަކާއި، ނޫނީ ވައިނުސާފުވާ މާއްދާތަކަށް ދިގުމުއްދަތަކަށް ހުށަހެޅުމަކީ އިންޓަރސްޓިޝަލް ލަންގް ޑިޒީޒް އަށް މަގުފަހިވާ ކަމެކެވެ. ނޫނީ ކުރިމަތިކުރުވައިފާނެ ކަމެކެވެ.

·         ނޫމޯކަނީއޯސިސް (pneumoconiosis): ދިރިއުޅޭ މާހައުލުން ނޫނީ މަސައްކަތުގެ މާހައުލުން ދިގުމުއްދަތަކަށް ވަކި ބާވަތެއްގެ ހިރަފުސް ނޭވާލާ ނިޒާމުގެ ޒަރީޢާއިން ފުއްޕާމެޔަށް ހުށަހެޅުމަކީ ނޫނީ އެތެރެވުމުން އުފެދޭ އިންޓަރސްޓިޝަލް ލަންގް ޑިޒީޒް އަށް ކިޔަނީ "ނޫމޯކަނީއޯސިސް" އެވެ. މިގުރޫޕްގެ ބަލިތަކުގެ ސަބަބުން ގިނަ ދުވަސްވުމުން ފުއްޕާމޭގައި ލަކުނުލައި، ފުއްޕާމެޔަށް ގެއްލުން ވެއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ލެޔަށް އޮކްސިޖަން ލިބުން މަދުވެ، ނޭވާކުރުވުން މެދުވެރި ވެއެވެ. މިގޮތުން ހުންނަ އުދަނގޫތައް ރަނގަޅުވެ، ކުރިން ހުރި ހާލަތަށް އަނބުރާ އިއާދައެއް ނުވެއެވެ. މިގުރޫޕްގެ ބަލިތަކަށް ނަންދީފައި ހުންނަނީ ކުރާ މަސައްކަތުގެ ބާވަތަށް ނޫނީ ހުށަހެޅޭ ވިހައިގެ ބާވަތަށް ރިޢާޔަތްކޮށެވެ. މިސާލަކަށް ބޯޓުދެލީގެ ހިރަފުހަށް ހުށަހެޅުމުން ކުރިމަތިވާ "ކޯލް މައިނަރސް ލަންގް" އަދި ފައިބަރު ކުނޑިއަށް ހުށަހެޅުމުން ކުރިމަތިވާ އެސްބެސްޓޯއީސިސް ހިމެނެއެވެ. މީގެ އިތުރުން ސިލިކާ ހިރަފުހަށް ހުށަހެޅުމުން ކުރިމަތިވާ ސިލިކޯސިސް ހިމެނެއެވެ (މެޔޯކްލިނިކް،2024).

·         ހައިޕަރސެންސިޓިވިޓީ ނިއުމޮނައިޓިސް (hypersensitivity pneumonitis): މިއީ ވައިގެ ޒަރީޢާއިން އިރިޓެންޓް ތައް ފުއްޕާމޭގެ ތެރެއަށް ނޭވަޔާއެކު އެތެރެވެގެން ފުއްޕާމޭ ދުޅަވުމުން ކުރިމަތިވާ ހާލަތެކެވެ. މިގޮތުން އެންމެ އާންމުކޮށް ވައިގެ ޒަރީޢާއިން އެތެރެވާ އިރިޓެންޓް ތަކުގެ ތެރޭގައި ދޫނި ޕްރޮޓީން، މޯލްޑް އަދި ބެކްޓީރިޔާ ހިމެނެއެވެ. މިގޮތަށް ދިމާވާ ހާލަތްތަކަށް ނަންދީފައި ހުންނަނީ ފުއްޕާމެޔަށް ހުށަހެޅުނު އިރިޓެންޓްގެ މަސްދަރަކާއި ރިއާޔަތްކޮށްގެންވެ. މިސާލަކަށް ދޫނީގެ ޕްރޮޓީން އަށް ހުށަހެޅިގެން ކުރިމަތިވާ ޕިޖަން ބްރީޑާރސް ނުވަތަ ބާރޑް ލަވަރސް ޑިޒީޒް އަދި ދަނޑުތަކުގައި ވިނަކުނޑީ އަށް ހުށަހެޅިގެން ކުރިމަތިވާ ފާރމާރސް ލަންގް ފަދަ ބަލިތައް ހިމެނެއެވެ. މިފަދަ އިރިޓެންޓްތަކަށް ހުށަހެޅިގެން ކުރިމަތިވާ މައްސަލަތައް އެއިރިޓެންޓް އަކާއި ދުރުހެލިވުމުން ލުއިވެގެން ދެއެވެ. އަދި އެ އިރިޓެންޓް އަކަށް ހުށަހެޅުން ކުރިޔަށް ގޮސް ދެމިހުރިނަމަ، އެއާއި ގުޅިގެން ފުއްޕާމެޔަށް ލިބޭ ގެއްލުންތައް އިތުރުވެ، ގޯސްވެގެން ދެއެވެ(މެޔޯކްލިނިކް،2024).

ހުންނަ ބައްޔެއްގެ ސަބަބުން އިންޓަރސްޓިޝަލް ލަންގް ޑިޒީޒް ކުރިމަތިވުން

ބައެއް ކަހަލަ ބަލިތަކާއި ހާލަތްތަކުގެ ސަބަބުން އިންޓަރސްޓިޝަލް ލަންގް ޑިޒީޒް ކުރިމަތިކޮށްފާނެ އެވެ. މިފަދަ ހާލަތްތައް ތިރީގައި މިވަނީ އެވެ.

(ހ) ގުޅުވައިދެނިވި ސެލޯށިތަކުގެ ބަލިތައް (connective tissue disease): މިފަދަ ބަލިތަކުގެ ތެރޭގައި އުޓޯއިމިޔޫން ޑިޒީޒް ގެ ގޮތުގައި ބެލެވޭ ރޫމަޓޮއިޑް އާތުރައިޓިސް(ރާއްޖެބަލި)، ސްކެލިރޯޑާރމާ، އަދި މިކްސްޑް ކަނެޓިވް ޑިޒީޒް ހިމެނެއެވެ. މިބަލިތަކުގެ ސަބަބުން އަމިއްލަ ހަށިގަނޑު، ހަށިގަނޑުގެ ދިފާޢީ ނިޒާމަށް ދެކޮޅަށް އުފައްދާ އިޖާބަ ފުރިހަމަ ނުވެދެއެވެ. އޭގެ ސަބަބުން ހަށިގަނޑުގައި ދުޅަ އާއި ލަކުނު ލައެވެ. ނޫނީ ލަކުނު އުފައްދައެވެ. އެގޮތުން ދުޅައާއި، ލަކުނު ފުއްޕާމޭގައި ވެސް އުފެދޭގޮތް ވެއެވެ (މެޔޯކްލިނިކް،2024).

(ށ) ސާރކޮއިޑޯސިސް (sarcoidosis): މިބަލީގައި ހަށިގަނޑުގެ އެކި ހިސާބުތަކުގައި ގްރެނިއުލޯމާ އުފެދޭގޮތް ވެއެވެ. ގްރެނިއުލޯމާ އަކީ ދުޅަ އުފައްދާ ދިރު ތަކުން ކުޑަ އެއްވުމަކުން އުފެދިފައިވާ އުފެދުމެކެވެ. މިގޮތުން އެންމެ އާންމުކޮށް ގްރެނިއުލޯމާ އުފެދެނީ ފުއްޕާމޭ އަދި ހަށިގަނޑުގެ އެކި ހިސާބު ތަކުގައި އުފެދިފައިވާ ގޮށް ތަކުގައެވެ. މީގެ އިތުރުން ގްރެނިއުލޯމާ އުފެދޭ އެހެން ހިސާބުތަކުގެ ތެރޭގައި ފުރަމޭ، ހުންކޮށި، ހިތް، ހަން އަދި ލޯ ހިމެނެއެވެ (މެޔޯކްލިނިކް،2024).

ބޭހެއް ނޫނީ ރޭޑިއޭޝަންގެ ސަބަބުން އިންޓަރސްޓިޝަލް ލަންގް ޑިޒީޒް ކުރިމަތިވުން

ބައެއް މީހުންނަށް ބޭހެއް ނޫނީ ރޭޑިއޭޝަންގެ ސަބަބުން އިންޓަރސްޓިޝަލް ލަންގް ޑިޒީޒް ކުރިމަތިވުމަކީ ދިމާވެދާނެ ކަމެކެވެ. ބޭނުންކުރި ބޭހުގެ ވައްތަރާއި، މުއްދަތަށް ރިއާޔަތްކޮށް މިގޮތަށް ދިމާވާ އިންޓަރސްޓިޝަލް ލަންގް ޑިޒީޒް ފަހަރުގައި ރަނގަޅުވެދާނެ އެވެ. ނޫނީ ރަނގަޅު ނުވެވެސް ހިނގައިދާނެ އެވެ. އިންޓަރސްޓިޝަލް ލަންގް ޑިޒީޒް ކުރިމަތިވުމަށް އާންމުކޮށް ދިމާވެދާނެ ބޭސްތައް ތިރީގައި މިވަނީ އެވެ (މެޔޯކްލިނިކް،2024).  

(ހ) ކެންސަރުގެ ފަރުވާގައި ދޭ ކީމޯތެރަޕީގެ ބޭސްތައް : މިއީ އާންމު ގޮތެއްގައި ކެންސަރުގެ ދިރުތައް މެރުމަށް ހުންނަ ބޭސް ތަކެކެވެ. މިފަދަ ބޭސްތަކުގެ ތެރޭގައި ބްލީއޯމައިސިން، ޖެމްސިޓަބިން، އަދި އިމިޔޫން ޗެކްޕޮއިންޓް އިންހިބިޓަރސް ފަދަ ފުއްޕާމޭގެ ސެލޯށިތަކަށް ގެއްލުންދޭ ބޭސްތައް ހިމެނެއެވެ (މެޔޯކްލިނިކް،2024).

(ށ) ހިތުގެ ބަލިތަކަށް ބޭނުންކުރާ ބޭސްތައް : ހިތުގެ ވިންދު ތަރުތީބުނުވުމަށް ބޭނުންކުރާ ބައެއް ބޭސްތައް މިސާލަކަށް އެމިއެޑެރޯން ފަދަ ބޭސްތަކުގެ ސަބަބުން ފުއްޕާމެޔަށް ގެއްލުންވާގޮތް ވެއެވެ (މެޔޯކްލިނިކް،2024).  

(ނ) ބައެއް އެންޓިބަޔޮޓިކްތައް : އެންޓިބަޔޮޓިކްގެ ތެރޭގައި ހިމެނޭ ނައިޓްރޯފިއުރަންޓޮއިން އަދި ޑެޕްޓޯމައިސިން ފަދަ އެންޓިބަޔޮޓިކްތަކުގެ ސަބަބުން ފުއްޕާމެޔަށް ގެއްލުންވާގޮތް ވެއެވެ.(މެޔޯކްލިނިކް،2024).

(ރ) އެންޓިއިންފްލެމޭޓަރީ ބޭސްތައް : އެންޓިއިންފްލެމޭޓަރީ ބޭސްތަކުގެ ގޮތުގައި ގުނާލެވޭ މިތޮޓްރެކްސޭޓް އަދި ސަލްފަސެލޭޒިން ފަދަ ބޭސްތަކުގެ ސަބަބުން ފުއްޕާމެޔަށް ގެއްލުންވާގޮތް ވެއެވެ(މެޔޯކްލިނިކް،2024).

ބައެއް ވައްތަރުގެ ކެންސަރާ (އުރަމަތީގެ ކެންސަރު އަދި ފުއްޕާމޭގެ ކެންސަރުތައް)އި ގުޅިގެން މޭމަތި ހިމެނޭ ހިސާބަށް ރޭޑިއޭޝަންގެ ފަރުވާ ދިނުމަކީ ފުއްޕޭމެޔަށް ގެއްލުންވެ، ފުއްޕާމޭގައި ލަކުނުލުން ބައެއް މީހުންނަށް ކުރިމަތިވެދާނެ ކަމެކެވެ. ނަމަވެސް މިފަދަ ހާލަތްތަކުގައި ފުއްޕާމެޔަށް ގެއްލުންވުން ބަރޯސާވަނީ އަންނަނިވި ކަންތައްތަކަށެވެ (މެޔޯކްލިނިކް،2024).

·         ފުއްޕާމެއިން ރޭޑިއޭޝަން އަށް ހުށަހެޅުނު ނޫނީ ދެވުނު މިންވަރު

·         ރޭޑީއޭޝަން ދެވުނު ޖުމުލަ މިންވަރު

·         ކީމޯތެރަޕީ ދިންކަން ނުވަތަ ނޫންކަން

·         ފުއްޕާމޭގެ އެހެން އިތުރު މައްސަލައެއް ހުރިކަން ނުވަތަ ނޫންކަން  (މެޔޯކްލިނިކް،2024).

ސަބަބެއް ނޭނގި އިންޓަރސްޓިޝަލް ލަންގް ޑިޒީޒް ކުރިމަތިވުން

އިންޓަރސްޓިޝަލް ލަންގް ޑިޒީޒް ކުރިމަތިވުމަށް މެދުވެރިވާ މާއްދާތަކާއި ހާލަތްތަކުގެ ލިސްޓު ވަރަށް ދިގެވެ. ނަމަވެސް ބައެއް މީހުންނަށް ސީދާ ވަކި ސަބަބެއް ހޯދިފައެއް ނުހުރެއެވެ. ނޫނީ އެމީހުންނަށް އިންޓަރސްޓިޝަލް ލަންގް ޑިޒީޒް ކުރިމަތިވަނީ ސީދާ ވަކި ކަމެއްގެ ސަބަބުންނޭ ބުނަން އުދަނގޫވެއެވެ. ނޫނީ ދެނެއެއް ނުގަނެވެއެވެ. މިފަދަ ހާލަތްތަކަށް ނޫނީ މިގޮތަށް ސަބަބު ނޭނގި އިންޓަރސްޓިޝަލް ލަންގް ޑިޒީޒް ކުރިމަތިކުރުވާ ހާލަތްތަކަށް ނިސްބަތްކުރަނީ "އިޑިއޯޕެތިކް އިންޓަރސްޓިޝަލް ނިއުމޯނިޔާ"(idiopathic interstitial pneumonia) ނަމުންނެވެ. އޭގެ ބައެއް މިސާލުތައް ތިރީގައި މިވަނީ އެވެ. މިހާލަތުގައި ފުއްޕާމޭގައި ލަކުނުލައި، ބޯވެ، ހަރުއަރާފައިވާ ސެލޯށިތަކުގެ ސަބަބުން ފުއްޕާމެޔަށް ބާރުބޮޑުވެ، ނޭވާލުމަށް ހުރަސްއަޅައެވެ. މިއީ އާންމު ގޮތެއްގައި ފަރުވާކޮށްގެން ރަނގަޅުކުރެވޭ ހާލަތެއް ނޫނެވެ (މެޔޯކްލިނިކް،2024).

(ހ) އިޑިއޯޕެތިކް ޕަލްމޮނަރީ ފައިބްރޯސިސް (idiopathic pulmonary fibrosis): މިއީ ފުއްޕާމޭގައި ލަކުނުލައި، ފުއްޕާމެޔަށް ގެއްލުންވުމުން ކުރިމަތިވެދާނެ، ތަރައްގީވަމުން ނޫނީ ކުރިއަރަމުން ގޮސްދާނެ ފުއްޕާމޭގެ ބައްޔެކެވެ. މިއީ އާންމު ގޮތެއްގައި އޭގެ ސަބަބުން ނޭނގޭ ހާލަތަކަށްވާތީ،  ނަމުގެ ކުރިޔަށް "އިޑިއޯޕެތިކް" އޭ ކިޔައެވެ. އިޑިއޯޕެތިކް މާނައަކީ ސަބަބު ނޭނގުމެވެ. އިމޭޖިންގ ޓެސްޓުތަކުން ނޫނީ ބަޔޮޕްސީ ހަދައިގެން މިހާލަތު ދެނެގަނެވިދާނެ އެވެ(މެޔޯކްލިނިކް،2024).  

(ށ) ކްރިޕްޓޯޖެނިކް އޯގަނައިޒިންގ ނިއުމޯނިޔާ (cryptogenic organizing pneumonia): މިއީ ވަރަށް މަދުން ނޫނީ ނާދިރުކޮށް މެނުވީ ދިމާވާ ހާލަތެއް ނޫނެވެ. މިހާލަތުގައި ފުއްޕާމޭގައި ވައިދައުރުކުރުވާ ކުދި މަގުތައް ނޫނީ ވައިނޮޅީގެ ކުދިކަފިތައް އަދި ފުއްޕާމޭގެ ވައިކޮތަޅުތައް ދުޅަވާގޮތް ވެއެވެ. މިދުޅައިގެ ސަބަބުން ނޭވާލާން ދަތިވެއެވެ. ނޫނީ އުދަނގޫ ވެއެވެ. ނަމަވެސް ކްރިޕްޓޯޖެނިކް ނިއުމޯނިޔާ އަކި އިންފެކްޝަން އެއް ނޫނެވެ. އަދި ސީދާ ސަބަބެއް ހޯދިފައެއް ނުވެއެވެ. މިހާލަތުގައި ފުއްޕާމޭގައި ލަކުނުލުން ނޫނީ ސެލޯށިތައް ލަކުނުލައި ހަރުއެރުމަކީ ވަރަށް މަދުން ނޫނީ ނުވާނެ ކަމެކެވެ (މެޔޯކްލިނިކް،2024).

(ނ) ނަންސްޕެސިފިކް އިންޓަރސްޓިޝަލް ނިއުމޯނިޔާ (nonspecific interstitial pneumonia): މިވައްތަރުގެ އިންޓަރސްޓިޝަލް ލަންގް ޑިޒީޒް ގައި ފުއްޕާމޭގެ ސެލްތައް ދުޅަވެ، ނޫނީ ވައިކޮތަޅުތަކުގެ ދެމެދުގައި ހުންނަ ހުސް ޖާގައިގެ ތެރޭގައި ލަކުނުލާގޮތް ވެއެވެ. ގުޅުވައިދެނިވި ސެލޯށީގެ ބަލިތައް ހުންނަ މީހުންނަށް މިހާލަތު ކުރިމަތިވުމުގެ ހިރާސް އިތުރެވެ. ނަމަވެސް އެހެން ބައެއް ހާލަތްތަކުގައި ނަންސްޕެސިފިކް ނިއުމޯނިޔާ ކުރިމަތިވެދާނެ އެވެ (މެޔޯކްލިނިކް،2024).

މަގުފަހިކުރާ ކަންތައްތައް

އިންޓަރސްޓިޝަލް ލަންގް ޑިޒީޒް އަށް މަގުފަހިކޮށްދާނެ ބައެއް ކަންތައްތައް ތިރީގައި މިވަނީ އެވެ.

(ހ) އުމުރު : ތުއްތު ކުދިންނާއި ކުޑަކުދިންނަށް ބައެއް ފަހަރު އިންޓަރސްޓިޝަލް ލަންގް ޑިޒީޒް ކުރިމަތިވިޔަސް އާންމު ގޮތެއްގައި އިންޓަރސްޓިޝަލް ލަންގް ޑިޒީޒް ކުރިމަތިވަނީ ބޮޑެތި މީހުންނަށެވެ (މެޔޯކްލިނިކް،2024).

(ށ) މަސައްކަތުގެ މާހައުލުން ނޫނީ ދިރިއުޅޭ މާހައުލުން ވިހަތަކަށް ހުށަހެޅުން : މައިން ތަކުގެ ތެރޭގައި މަސައްކަތްކުރުން، ދަނޑުވެރިކަންކުރުން، އިމާރާތް ކުރުމުގެ މަސައްކަތުގައި އުޅުން ފަދަ ކަންކަމަކީ ފުއްޕާމެޔަށް ގެއްލުންދޭ ތަފާތު ވައްތަރުތަކުގެ ވައިނުސާފު ކުރުވަނިވި މާއްދާތަކަށް ނޫނީ ވިހަތަކަށް ހުށަހެޅުމުގެ ފުރުޞަތު އޮންނަ މަސައްކަތްތަކެވެ. އެހެންކަމުން މިފަދަ މަސައްކަތުގައި އުޅޭ މީހުންނަށް ވިހަތަކަށް ހުށަހެޅި އެކަމުގެ ސަބަބުން ފުއްޕާމެޔަށް ގެއްލުންވެ، އިންޓަރސްޓިޝަލް ލަންގް ޑިޒީޒް ކުރިމަތިވުމުގެ ހިރާސް އިތުރުކުރުވައެވެ (މެޔޯކްލިނިކް،2024).

(ނ) ދުންފަތުގެ އިސްތިއުމާލުކުރުން : ދުންފަތުގެ އިސްތިއުމާލުކުރުމަކީ އިންޓަރސްޓިޝަލް ލަންގް ޑިޒީޒް ގެ ބައެއް ވައްތަރުތައް ކުރިމަތިވުމުގެ ހިރާސް އިތުރުކުރުވާ ކަމެކެވެ. ދުންފަތުގެ އިސްތިއުމާލުކުރުމަކީ އިންޓަރސްޓިޝަލް ލަންގް ޑިޒީޒް ހުންނަ މީހުންނަށް އެބަލީގެ އުދަނގޫތައް އިތުރަށް ގޯސްކުރުވާކަމެކެކެވެ. ޚާއްޞަކޮށް އެމްފަޒީމާ ކަހަލަ ހާލަތެއް ހުންނަ ނަމަ މިފުރުޞަތު އިތުރުވެގެން ދެއެވެ (މެޔޯކްލިނިކް،2024).

(ރ) ރޭޑިއޭޝަން ނޫނީ ކީމޯތެރަޕީ ނެގުން : ފުއްޕޭމެޔަށް ރޭޑިއޭޝަން ތެރަޕީ ދިނުން ނޫނީ ކީމޯތެރަޕީގެ ގޮތުގައި ނަގާ ބައެއް ބޭސްތަކުގެ ސަބަބުން އިންޓަރސްޓިޝަލް ލަންގް ޑިޒީޒް ކުރިމަތިވުމުގެ ހިރާސް އިތުރުކުރުވައެވެ (މެޔޯކްލިނިކް،2024).

(ބ) ގުޅުވައިދެނިވި ސެލޯށިތަކުގެ ބަލިތައް : މިފަދަ ބަލިތަކުގެ ތެރޭގައި އިންޓަރސްޓިޝަލް ލަންގް ޑިޒީޒް ކުރިމަތިވުމުގެ ހިރާސް އިތުރުކުރުވާ އުޓޯއިމިޔޫން ޑިޒީޒް ތައް ހިމެނެއެވެ (މެޔޯކްލިނިކް،2024).  

އަލާމާތްތައް

އިންޓަރސްޓިޝަލް ލަންގް ޑިޒީޒް ގެ އަލާމާތްތަކުގެ ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ.

·         ނޭވާކުރުވުން : އެގޮތުން އެއްވެސް ކަމެއް ނުކޮށް އަރާމުކުރާ ހާލަތުގައި ވެސް ނޭވާކުރުވާގޮތް ވެއެވެ. އަދި ކަމެއް ކޮށްލުމުން ނޭވާކުރުވުން އިތުރަށް ގޯސްވާގޮތް ވެއެވެ.

·         ހިކި ކެއްސުމެއް ހުރުން ނޫނީ ހިކިކޮށް ކެއްސުން (މެޔޯކްލިނިކް،2024).

އިންޓަރސްޓިޝަލް ލަންގް ޑިޒީޒްގެ އެންމެ އާންމު އަލާމާތަކީ ނޭވާކުރުވުމެވެ. މީގެ އިތުރުން ހިކިކެއްސުން، މެޔަށް އުދަނގޫވުން، ވަރުބަލިވެ ވާޅުވުން އަދި ދޭތެރެއަކުން ބަރުދަން ލުއިވުމަކީ ވެދާނެ ގޮތެކެވެ. ގިނަ ފަހަރު އަލާމާތްތައް ފެންނައިރު ހުންނާނީ ފުއްޕާމެޔަށް ގެއްލުން ލިބިފައެވެ. އެހެންކަމުން ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަކީ މުހިއްމު ކަމެކެވެ (ލަންގް.އޯރގް، 2024).

ދިމާވެދާނެ ނުރައްކާތައް

އިންޓަރސްޓިޝަލް ލަންގް ޑިޒީޒް ހުރުމަކީ އެކަމުގެ ސަބަބުން އަންނިނިވި ނުރައްކާތައް ކުރިމަތިވުމުގެ ފުރުޞަތު އޮންނަ ކަމެކެވެ. ނޫނީ ބައެއް ފަހަރު ފުރާނަޔަށް ނުރައްކާވެދާނެ ހާލަތްތައް ކުރިމަތި ކުރުވައިފާނެ ކަމެކެވެ (މެޔޯކްލިނިކް،2024).

·         ފުއްޕާމޭގެ އެތެރޭގެ ޕްރެޝަރު މަތިވުން : އާންމުކޮށް ލޭމައްޗަށް ދިއުމާއި ނޫނީ ލޭގެ ޕްރެޝަރު މައްޗަށް ދިއުމާއި ޚިލާފަށް ފުއްޕާމޭގެ އެތެރޭގެ ޕްރެޝަރު މަތިވާއިރު، ލޭގެ ޕްރެޝަރު މަތިވަނީ ހަމައެކަނި ފުއްޕާމޭގެ އެތެރޭގައި ހުންނަ ސާފުލޭދައުރުކުރުވާ ލޭހޮޅިތަކުގެ ތެރޭގައެވެ. ފުއްޕާމޭގައި ލަކުނުލުމުން ނޫނީ ހިމަލޭހޮޅިތަކުގައި އޮކްސިޖަން ދައުރުނުވުމުން ފުއްޕާމެޔަށް ލޭލިބުން ދަށްވެއެވެ. މީގެ ސަބަބުން ޕަލްމޮނަރީ ލޭހޮޅިތަކުގެ ޕްރެޝަރު މަތިވެ، ވައިކޮތަޅުތަކުގެ ތެރޭގައި އޮކްސިޖަން ބަދަލުކުރުމުގެ މަސައްކަތަށް (ލޭގެ ތެރެއަށް އޮކްސިޖަން ފޮނުވައިދީ، ލެއިން ކާބޮން މޮނޮކްސައިޑް ބޭރުކޮށް ދިނުމުގެ މަސައްކަތް) ބުރޫއަރައި، ލޭގައި އޮކްސިޖަންގެ މިންވަރު ދަށްވެއެވެ. ޕަލްމޮނަރީ ހައިޕަރޓެންޝަން އަކީ ގިނަ ދުވަސްވުމުން ހާލަތު ގޯސްވަމުން ގޮސް، އެކަމުގެ ސަބަބުން ހިތުގެ ކަނާތް ފަރާތުގެ މަސައްކަތް ހުއްޓުވުމަކަށް ގެނުވައިފާނެ ކަމެކެވެ (މެޔޯކްލިނިކް،2024).

·         ހިތުގެ ކަނާތް ފަރާތުގެ މަސައްކަތް ފޭލްވުން : މިހާލަތު ކުރިމަތިވަނީ ހިތް ބެހިފައިވާ މައިގަނޑު 4 ބައިގެ ތެރެއިން ހިތުގެ ކަނާތް ފަރާތުގެ ތިރީގައި ބައި ނުވަތަ ކަނާތު ވެންޓްރިކަލް އިން ބެދިފައިވާ ޕަލްމޮނަރީ ލޭހޮޅިތަކަށް ލޭދައުރުކުރުވުމަށް އާދަޔާ ޚިލާފަށް ބާރަށް މަސައްކަތްކުރަން ޖެހުމުންނެވެ. ނޫނީ ލޭ ޕަމްޕުކުރަން ޖެހުމުންނެވެ. މިހެންވުމުން މަޑުމަޑުން ހިތުގެ ކަނާތު ވެންޓްރިކަލް އަށް ބާރުބޮޑުވެ، އޭގެ މަސައްކަތް ފޭލްވެ ހުއްޓުމަކަށް އަންނަގޮތް ވެއެވެ (މެޔޯކްލިނިކް،2024).

·         ނޭވާލުމުގެ މަސައްކަތް ފޭލްވުން : އިންޓަރސްޓިޝަލް ލަންގް ޑިޒީޒްގެ ފަހު މަރުހަލާގައި ލޭގައި އޮކްސިޖަންގެ މިންވަރު އާދަޔާ ޚިލާފަށް ދަށްވެ، އެއާއެކު ޕަލްމޮނަރީ ހައިޕަރޓެންޝަން ކުރިމަތިވެ، ހިތުގެ ކަނާތް ފަރާތުގެ މަސައްކަތް ހުއްޓުމަކަށް އައިސް، އާޚިރު ނަތީޖާއެއްގެ ގޮތުން ނޭވާލުމުގެ މަސައްކަތް ފޭލްވެގެން ދެއެވެ (މެޔޯކްލިނިކް،2024).

ދެނެގަތުން

އިންޓަރސްޓިޝަލް ލަންގް ޑިޒީޒް ދެނެގަނެ، ބަލި ކުރިމަތިވީ ކޮން ސަބަބަކާހުރެ ކަން ހޯދުމަކީ އުދަނގޫ ގޮށްޖެހުން ގިނަ ކަމެކެވެ. ބައެއް ފަހަރު އެއްވެސް ސަބަބެއް ނުހޯދުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. ފުއްޕާމޭގެ ވަރަށް ގިނަ ބަލިތަކަކީ އިންޓަރސްޓިޝަލް ލަންގް ޑިޒީޒް ގެ ގިންތި އަށް ފެތޭނެ ބަލިތަކެކެވެ. އަދި ވަރަށް ގިނަ ބަލިތަކުގެ އަލާމާތްތައް ވެސް އިންޓަރސްޓިޝަލް ލަންގް ޑިޒީޒްގެ އަލާމާތްތަކާއި ދާދި އެއްގޮތް ކަމެއް ހުރެއެވެ. އެހެންކަމުން އިންޓަރސްޓިޝަލް ލަންގް ޑިޒީޒް ކަން ކަނޑައެޅުމުގެ ކުރިން ބައްޔާއި އެއްގޮތް އަލާމާތްތައް ހުންނަ އެހެން ބަލިތަކާއި ހާލަތްތައް ދެނެގަނެ، ކަށަވަރުކުރުމަކީ މުހިއްމު ކަމެކެވެ.

އިންޓަރސްޓިޝަލް ލަންގް ޑިޒީޒް އާއި ގުޅިގެން އަންނަނިވި ޓެސްޓުތައް ހެދުމަކީ އެކަށީގެންވާ ކަމެކެވެ.

ލެބޯޓަރީ ޓެސްޓުތައް

ލޭގެ ޓެސްޓު : ލޭގެ ޓެސްޓުތަކުގެ އެހީގައި އިންޓަރސްޓިޝަލް ލަންގް ޑިޒީޒް އާއި ގުޅިގެން ލޭގައި އުފެދިދާނެ ޕްރޮޓީން، ހަށިދަމަނަތައް ފަދަ މާއްދާތައް ދެނެގަނެވިދާނެ އެވެ. މިފަދަ މާއްދާތައް ހަށިގަނޑަށް ހުށަހެޅޭ ތަފާތު ވިހަ މާއްދާތައް ، ނޫނީ ވައިނުސާފުވާ މާއްދާތައް ނުވަތަ އިރިޓެންޓް ތަކާއި ގުޅިގެން ލޭގައި އުފެދުމަކީ އެކަށީގެންވާ ކަމެކެވެ (މެޔޯކްލިނިކް،2024).  

އިމޭޖިންގ ޓެސްޓުތައް

ސީޓީ ސްކޭން ހެދުން : ސީޓީ ސްކޭން ހެދުމަކީ އިންޓަރސްޓިޝަލް ލަންގް ޑިޒީޒް ދެނެގަތުމަށް ހެދޭ އަސާސީ އެއް ޓެސްޓެވެ. އަދި މިއީ ބައެއް ފަހަރު ބަލި ދެނެގަތުމަށް އެންމެ ފުރަތަމަ ހެދޭ ޓެސްޓު ވެސް މެއެވެ. ހައި ރިޒޮލިޔުޝަން ސީޓީ ސްކޭންގެ އެހީގައި ފުއްޕާމޭގައި ލަކުނުލައި، ހަރުއަރާފައިވާ މިންވަރު އަދި ފުއްޕާމެޔަށް ގެއްލުން ލިބިފައިވާ މިންވަރު ދެނެގަނެވެއެވެ. އަދި ބަލި ދެނެގަތުމުގައި ކުރަންޖެހޭ މަސައްކަތްތައް ކުޑަވެ، ބަލީގެ ފަރުވާ ބައްޓަންކުރުމުގައި އެހީތެރިކަން ލިބިދެއެވެ (މެޔޯކްލިނިކް،2024).  

އީކޯކާޑިއޯގްރާމް ހެދުން : މިއީ ބައްޔާއި ގުޅިގެން ހިތުގެ ބައިތަކަށް އަސަރުކޮށްފައިވޭތޯ ބެލުމަށް ހެދޭ ޓެސްޓެކެވެ. މިޓެސްޓުގެ އެހީގައި ހިތުގެ ކަނާތް ފަރާތަށް ޕްރެޝަރު ހުރި މިންވަރު ދެނެގަނެވޭނެ އެވެ (މެޔޯކްލިނިކް،2024).

ފުއްޕާމޭގެ މަސައްކަތް ހުންނަގޮތް ބެލުން

ސްޕައިރޯމެޓްރީ ހެދުން : މިޓެސްޓު ހެދުމަށްޓަކައި މެޝިނަކާއި ގުޅިފައިވާ ހޮޅިއެއްގައި އަނގަޔަށް ޖެހުމަށްފަހު ހޮޅީގެ ތެރެއަށް ނުވަތަ އަނގައިން ބޭރަށް (ހޮޅީގެ ތެރެއަށް ވާގޮތަށް) ނޭވާލުމަށް ބުނެއެވެ. މިމެޝިންގެ އެހީގައި ފުއްޕާމެއިން ހިފަހައްޓައިދެނީ ކިހާ މިންވަރެއް ވައެއް ކަމާއި، އަދި ފުއްޕާމެއިން ވައި ބޭރުކޮށްދެނީ ކިހާ އަވަސް މިނެއްގައި ކަން މިންކޮށްދޭނެ އެވެ. މިޓެސްޓުގެ އެހީގައި ފުއްޕާމެއިން ލޭގެ ތެރެއަށް އޮކްސިޖަން ފޯރުކޮށްދެނީ ކިހާ އަވަސް މިނެއްގައިކަން މިންކޮށްދޭނެ އެވެ (މެޔޯކްލިނިކް،2024).  

އޮކްސިމެޓްރީ : މީގެ މާނައަކީ އޮކްސިޖަން ހުރި މިންވަރު ބެލުމެވެ. މިޓެސްޓު ހެދުމަށް އިގިލީގެ ކޮޅަށް ޕަލްސިއޮކްސިމީޓަރެއް ލެއްވޭނެއެވެ. ފުއްޕާމޭގައި ހުރި ބަލީގެ ހާލަތު ދެނެގަތުމަށް ބައެއް ފަހަރު މިޓެސްޓު ހަދައި އުޅެއެވެ (މެޔޯކްލިނިކް،2024).   

ފުއްޕާމޭގެ ބަޔޮޕްސީ ހެދުން

އިންޓަރސްޓިޝަލް ލަންގް ޑިޒީޒް ދެނެގަތުމަށް ބައެއް ފަހަރު ފުއްޕާމެއިން އެތިކޮޅެއް ނަގައިގެން ޓެސްޓު ކުރެވެއެވެ. އެގޮތުން ބަޔޮޕްސީ އަށް ފުއްޕާމޭގެ ސިލޯށީގެ ނަމޫނާ ނަގަނީ އަންނަނިވި ގޮތްތަކުގެ ތެރެއިން ގޮތަކުންނެވެ (މެޔޯކްލިނިކް،2024).  

ބްރޮންކޮސްކަޕީ (bronchoscopy): މި ޓެސްޓުގައި ފުއްޕާމެއިން  ފުއްޕާމޭގެ ސިލޯށިން ވަރަށް ކުޑަ އެތިކޮޅެއް ނުވަތަ ގާތްގަނޑަކަށް ޕިނެއްގެ ބޮލުގެ މިންވަރު އެތިކޮޅެއް ނެގެއެވެ. މިޓެސްޓު ހެދެނީ ނޭފަތުން ނޫނީ އަނގައިގެ ތެރެއިން ވަރަށް ހިމަހޮޅިއެއް(bronchoscope)  ފުއްޕާމޭގެ ތެރެއަށް ފޯރުވައިގެންނެވެ. މިޓެސްޓުގެ ހިރާސް ތަކުގެ ތެރޭގައި އަޑުކުރަކިވުން، ކަރުތެރެ ހަލާކުވުން ފަދަ ކަންތައްތައް ހިމެނެއެވެ. ނަމަވެސް ފުއްޕާމެއިން ނެގޭ ސެލޯށީގެ ނަމޫނާ ބައެއް ފަހަރު ކުޑަވެގެން ބަލިދެނެގަނެވޭ ވަރު ނުވެއެވެ (މެޔޯކްލިނިކް،2024).    

ބްރޮންކައަލްވިއޮލަރ ލަވޭޖް (bronchoalveolar lavage): މި އިޖުރާއާތުގައި ފުއްޕާމޭގެ ބަޔަކަށް މޭޒުމަތީ ސަމުސަލެއްގެ ސްޓެރައިލް ސޯލްޓް ވޯޓަރ ބްރޮންކަސްކޯޕް އަކުން އިންޖެކްޓް ކުރެވެއެވެ. އަދި އެއަށްފަހު ވަގުތުން އެ ދަމާލެވެއެވެ. މިގޮތުން އެތެރެކުރުމަށްފަހު ދަމާލެވޭ ފެންކޮޅުގައި ފުއްޕާމޭގެ އެތެރޭގައި ހުންނަ ވައިކޮތަޅުގައި ހިމެނޭ ދިރުތައް އެކުލެވޭނެ އެވެ. އެހެން އިޖުރާއާތު ތަކަށްވުރެ ފުއްޕާމޭގެ ބޮޑު ބަޔަކުން ނަމޫނާ ނެގުނަސް މިޓެސްޓުން ވެސް ފުއްޕާމޭގައި ޕަލްމޮނަރީ ފައިބްރޯސިސް އުފެދެނީ ކީއްވެގެކަން ދެނެގަނެވޭނެ މިންވަރަށް މައުލޫމާތު ނުލިބުމަކީ އެކަށީގެންވާ ކަމެކެވެ(މެޔޯކްލިނިކް،2024).

އޮޕަރޭޝަން ކޮށްގެން ބަޔޮޕްސީ ނެގުން (surgical biopsy): ބަލި ރަނގަޅަށް ދެނެގަތުމަށްޓަކައި ފުއްޕާމެއިން ސެލޯށި ކޮޅެއް ނެގުމަށް އޮތް ހަމައެކަނި ގޮތަކީ ލޯވަޅު އަޅައިގެން އޮޕަރޭޝަންކޮށްގެން ނެގުން ނޫނީ ފަޅާލައިގެން ނެގުން ކަމުގައިވާނަމަ އެގޮތަށް ވެސް ފުއްޕާމޭގެ ސެލޯށީގެ ނަމޫނާ ކޮޅެއް ނަގަން ޖެހިދާނެ އެވެ. މިޓެސްޓު ހެދުމަށްޓަކައި ބަލިމީހާ ހޭނައްތާލަން ޖެހޭނެ އެވެ. މިއޮޕަރޭޝަން ކުރުމަށްޓަކައި މޭމަތީގެ ކަށިތަކުގެ ދެމެދުން އުފެދޭ ހުސް ޖާގައެއްގައި ކުޑަ ތަންކޮޅެއް ކަފާލައި، އެކަފާލި ތަނުން އޮޕަރޭޝަންކުރަން ބޭނުންވާ އަދަވާތްތަކާއި، ކެމެރާ އެތެރެއަށް ފޮނުވެއެވެ. އެތެރެއަށް ފޮނުވޭ ކެމެރާއާއި، ވީޑިއޯ މޮނީޓަރު މެދުވެރިކޮށް، އޮޕަރޭޝަން ޑޮކްޓަރަށް ފުއްޕާމޭ ފެންނަމުންދާނެއެވެ (މެޔޯކްލިނިކް،2024).  

ފަރުވާ

އިންޓަރސްޓިޝަލް ލަންގް ޑިޒީޒް ގައި ފުއްޕާމޭގައި ލަކުނު އުފެދުމަށްފަހު، އެކަން އަނބުރާ ކުރީގެ ހާލަތަށް އަނބުރާ އިޢާދައެއް ނުވާނެ އެވެ. ބައްޔަށްދޭ ފަރުވާ އިން ކޮންމެ ފަހަރަކު ބަލި އިތުރަށް ގޯސްވެގެން ދިއުމެއް ނުހުއްޓުވައެވެ. ބައެއް ފަރުވާއިން ކުރު މުއްދަތަކަށް ބައްޔަށް ލުއިކަން ލިބެއެވެ. ބައެއް ފަހަރު ދޭ ފަރުވާ އިން ބަލިމީހާގެ ދިރިއުޅުމުގެ ހާލަތު ރަނގަޅު ކުރުވައެވެ. ނޫނީ އާންމު ދިރިއުޅުން އުޅެވޭނެ ވަރު ކޮށްދެއެވެ. އިންޓަރސްޓިޝަލް ލަންގް ޑިޒީޒްގެ ފަރުވާގައި ބޭނުންކުރެވޭ ގޮތްތައް ތިރީގައި މިވަނީ އެވެ (މެޔޯކްލިނިކް،2024).

ބޭސް ބޭނުންކުރުން

އިންޓަރސްޓިޝަލް ލަންގް ޑިޒީޒް އަށް ޚާއްޞަ ފަރުވާއެއް ހޯދުމުގެ ދިރާސާތައް އަދިވެސް ދަނީ ކުރެވެމުންނެވެ. ފުއްޕާމެޔަށް ލިބިފައިވާ ގެއްލުމާއި އިންޓަރސްޓިޝަލް ލަންގް ޑިޒީޒް ކުރިމަތިވި ސަބަބަށް ރިޢާޔަތްކޮށް ދޭ ފަރުވާ ތަފާތުވުމަކީ އެކަށީގެންވާ ކަމެކެވެ. އިންޓަރސްޓިޝަލް ލަންގް ޑިޒީޒް އާއި ވިދިގެން ދީފާނެ ފަރުވާތައް ތިރީގައި މިވަނީ އެވެ (މެޔޯކްލިނިކް،2024).

(ހ) ކޯޓިކޯސްޓީރޮއިޑް ބޭސްތައް : އިންޓަރސްޓިޝަލް ލަންގް ޑިޒީޒް ކުރިމަތިވާ ގިނަ މީހުންނަށް ފަރުވާ ކުރުމުގައި ކޯޓިކޯސްޓީރޮއިޑް ދީއުޅެއެވެ. އެގޮތުން އެންމެ އާންމުކޮށްދީ އުޅެނީ "ޕްރެޑްނިސޯން" އެވެ. މިއީ ދިފާޢީ ބާރު ދަށްކޮށްދޭ ބޭސްތަކެކެވެ. ބައެއް ފަހަރު ދިފާޢީބާރު ދަށްކޮށްދޭ އެހެން ބޭސްތައް ވެސް ފަރުވާގެ ގޮތުގައި ދީއުޅެއެވެ. އިންޓަރސްޓިޝަލް ލަންގް ޑިޒީޒް ކުރިމަތިވި ސަބަބަށް ރިއާޔަތްކޮށް، މިފަދަ ބޭސްތައް ދިނުމުން ބަލި އިތުރަށް ގޯސްވެގެން ދިއުން ލަސްކޮށްދީ ކުޑަކޮށްދެއެވެ (މެޔޯކްލިނިކް،2024).

(ށ) އިޑިއޯޕެތިކް ޕަލްމޮނަރީ ފައިބްރޯސިސް ގޯސްވުން ކުޑަކުރާ ބޭސްތައް : އިޑިއޯޕެތިކް ޕަލްމޮނަރީ ފައިބްރޯސިސް ގެ ހާލަތު ގޯސްވެގެން ދިއުން ކުޑަކުރުމަށް އެންމެ އާންމުކޮށްދީ އުޅޭ ދެބޭހަކީ ޕިރްފެނިޑޯން، އަދި ނިންޓިޑެނިބް އެވެ. މިގޮތަށް ދޭ ބޭސްތަކުގެ ސަބަބުން ވެސް ނޭދެވޭ އަސަރުތައް ކުރިމަތިވުމަކީ އާންމު ކަމެކެވެ. އެހެންކަމުން މިބޭސްތައް ބޭނުންކުރުމުގެ އޭގެ ފައިދާ އަދި ނޭދެވޭ އަސަރުތަކާ ބެހޭގޮތުން ޑޮކްޓަރުންނާއި ވާހަކަ ދައްކައި އޮޅުން ފިލުވުމަކީ މުހިއްމު ކަމެކެވެ (މެޔޯކްލިނިކް،2024).

(ނ) ބަނޑުގައި ގޭސް ނޫނީ ވައިހެދުން ކުޑަކުރާ ބޭސްތައް : އިޑިއޯޕެތިކް ޕަލްމޮނަރީ ފައިބްރޯސިސް ހުންނަ ގިނަ މީހުންނަށް މަތިންއަރާ ބަލީގެ އުދަނގޫތައް ކުރިމަތިވެއެވެ. ފުއްމޭޔަށް ލިބިފައިވާ ގެއްލުން ގޯސްވުމާއި، މަތިންއަރާ ބައްޔާއި ގުޅުމެއް ވާކަމަށް ބެލެވިފައި ނޫނީ ހޯދިފައި ވެއެވެ. އެހެންކަމުން މިހާލަތުގައި ބަނޑުގައި ވައިހެދުން ކުޑަކުރާ ބޭސްތައް ބޭނުންކުރުމަށް ލަފާދިނުމަކީ އެކަށީގެންވާ ކަމެކެވެ (މެޔޯކްލިނިކް،2024).

އޮކްސިޖަންގެ ފަރުވާ

އޮކްސިޖަންގެ ފަރުވާ އިން ފުއްޕާމޭ އަށް ލިބޭ ގެއްލުން ނުހުއްޓުވޭނެ އެވެ. ނަމަވެސް އޮކްސިޖަން ފަރުވާއިން އަންނަނިވި ކަންކަން ހާޞިލް ކުރެވިދާނެ އެވެ.

·         ކަސްރަތުކުރުމާއި، ނޭވާލުން ފަސޭހަކޮށްދިނުން

·         އޮކްސިޖަން މަދުވެގެން ކުރިމަތިވާ އެއްވެސް ނުރައްކަލެއް ކުރިމަތިވުން ކުޑަކުރުން ނޫނީ އެކަމުން ރައްކާތެރިކޮށްދިނުން

·         ހިތުގެ ކަނާތް ފަރާތުގެ ލޭގެ ޕްރެޝަރު ދަށްކޮށްދިނުން

·         ނިދި ރަނގަޅުކުރުވުމާއި، ދުޅަހެޔޮ ދިރިއުޅުމެއް ހޯދައިދިނުން  (މެޔޯކްލިނިކް،2024).

ޕަލްމޮނަރީ ރިހެބިލިޓޭޝަން

ޕަލްމޮނަރީ ރިހިބެލިޓޭޝަންގެ ބޭނުމަކީ އިންޓަރސްޓިޝަލް ލަންގް ޑިޒީޒް ހުންނަ މީހުންނަށް ހިތްހަމަޖެހޭ ފަދަ ދިރިއުޅުމެއް ހޯދައި ދިނުމެވެ. އެހެންކަމުން ޕަލްމޮނަރީ ރިހިބެލިޓޭޝަން މައިގަނޑު ގޮތެއްގައި އަމާޒުކުރެވެނީ އަންނަނިވި ކަންކަމަށެވެ.

·         އެމީހެއްގެ ކިބައިގައި ހުރި ފުއްޕާމޭގެ ބައްޔާއި ބެހޭގޮތުން އިތުރަށް ހޯދުން

·         ކަސްރަތުކުރުން ނޫނީ ކަސްރަތުކުރުވުން

·         ބްރޭތިންގ ޓެކްނީކް އިތުރަށް ހަރުދަނާކޮށް ރަނގަޅުކުރުން

·         އިމޯޝަނަލް ސަޕޯޓް ފޯރުކޮށްދިނުން

·         ނިއުޓްރިޝަނަލް ކައުންސެލިންގ ފޯރުކޮށްދިނުން  (މެޔޯކްލިނިކް،2024).

އޮޕަރޭޝަންކުރުން

ނުރައްކާތެރި މިންވަރަކަށް އިންޓަރސްޓިޝަލް ލަންގް ޑިޒީޒް ހުންނަ މީހުންނަށް ފަރުވާގެ ގޮތުގައި ފުއްޕާމޭ ބަދަލުކުރުމަކީ އެންމެ ފަހުން ދެވޭ ފަރުވާގެ ގޮތުގައި ކުރެވޭ ކަމެކެވެ. ޚާއްޞަކޮށް މިކަން ކުރެވެނީ އެހެން ފަރުވާތަކުން އެއްވެސް ނަތީޖާއެއް ނުލިބުމުންނެވެ (މެޔޯކްލިނިކް،2024).

ރައްކާތެރިވުން

އިންޓަރސްޓިޝަލް ލަންގް ޑިޒީޒް ފަދަ ފުއްޕާމޭގެ ބަލިތަކުން ރައްކާތެރިވުމަށް އަންނަނިވި ކަންތައްތައް ކުރެވިދާނެ އެވެ.

·         މަސައްކަތުގެ މާހައުލުން ފައިބަރުކުނޑި، ސިލިކާ ކުނޑި ނުވަތަ މުށިކުނޑި، އަދި ބޯޓުދެލީގެ ކުނޑި ނޫނީ ހިރަފުހަށް ހުށަހެޅުމުން ރައްކާތެރިވުން

·         ގޭތެރެއިން ބާރޑް ޕްރޮޓީން، ބެކްޓީރިޔާ އަދި މޯލްޑް އަށް ހުށަހެޅުމުން ރައްކާތެރިވުން

·         އަދި މިފަދަ ވިހަތަކަށް ހުށަހެޅޭ ފަދަ މާހައުލެއްގައި އުޅޭނަމަ ރައްކާތެރިވުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން

·         މަސައްކަތުގެ މާހައުލުގައި ރައްކާތެރިވުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން

·         ދުންފަތުގެ އިސްތިއުމާލުނުކުރުން

·         ދުންފަތުގެ ދުމުން ރައްކާތެރިވުން

·         އިންފުލުއެންޒާ ، ކޮވިޑް އަދި ނިއުމޯކޯކަލް ވެކްސިން ފަދަ ވެކްސިންތައް ޖެހުން

·         އުޓޯއިމިޔޫން ޑިޒީޒް އެއް ހުންނަމަ އިންޓަރސްޓިޝަލް ލަންގް ޑިޒީޒް އިން ރައްކާތެރިވުމަށް ކުރެވިދާނެ ކަންތައްތައް ހޯދުން

ނޯޓް : މިއީ މަޢުލޫމާތު ފެތުރުމުގެ ނިޔަތުގައި ލިޔެފައިވާ ލިޔުމެކެވެ.

މައުލޫމާތު

·         https://www.mayoclinic.org/diseases-conditions/interstitial-lung-disease/symptoms-causes/syc-20353108

·         https://www.lung.org/lung-health-diseases/lung-disease-lookup/interstitial-lung-disease  

 

 

 

No comments:

Post a Comment