Thursday, July 17, 2025

ވައިނޮޅީގެ ކުދިކަފި ދުޅަވުން

 

ވައިނޮޅީގެ ކުދިކަފި ދުޅަވުން

ވައިނޮޅީގެ ކުދިކަފި ދުޅަވުން (bronchiolitis) ނުވަތަ ބްރޮންކިއަލައިޓިސް އަކީ ކުޑަކުދިންނާއި ތުއްތު ކުދިންގެ ތެރޭގައި އާންމު ފުއްޕާމޭގެ އިންފެކްޝަނެކެވެ. މިއިންފެކްޝަންގެ ސަބަބުން ފުއްޕާމޭގައި ވައިހިނގާ ހަނިމަގުތައް ދުޅަވެ، ހިލިގަނެ، އެމަގުތަކުގައި ދަވަޖަމާވާގޮތް ވެއެވެ. ވައިނޮޅީގެ ކުދިކަފި ތައް އާންމު ގޮތެއްގައި ދުޅަވަނީ ކޮންމެވެސް ވައިރަސް އެއްގެ ސަބަބުން ޖެހޭ އިންފެކްޝަނެއްގައެވެ (މެޔޯކްލިނިކް، 2024).

ވައިނޮޅީގެ ކުދިކަފި ދުޅަވުން ފެށިގެން އަންނަނީ އަރިދަފުސް ރޯގާ އިންނެވެ. ނަމަވެސް ވައިނޮޅީގެ ކުދިކަފި ދުޅަވާ ހާލަތްތަކުގައި ރޯގާ ރަނގަޅުނުވެ، ކެއްސައި، ނޭވާ ބޭރަށްލާއިރު ތޫލިއަޑު ހުރެއެވެ. ބައެއް ފަހަރު ކުޑަކުދިންނަށް ނޭވާލާން އުދަނގޫވެދާނެ އެވެ. އާންމު ގޮތެއްގައި ވައިނޮޅީގެ ކުދިކަފިތައް ދުޅަވުމުގެ އަލާމާތްތައް ދެމިހުންނަނީ 2-1 ހަފްތާގެ މުއްދަތަށް ކަމަށްވިޔަސް ބައެއް ފަހަރު އެއަށްވުރެ ގިނަ ދުވަހަށް ދެމިގެންދިއުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. ގިނަކުދިންނަށް ގޭގައި ބޭސްދީގެން ރަނގަޅު ކުރެވޭއިރު ބައެއް ކުދިން ބައެއް ފަހަރު ހަސްފަތާލުގައި އެދުމަތިކޮށްގެން ފަރުވާ ދޭންޖެހެއެވެ (މެޔޯކްލިނިކް، 2024).


ވައިނޮޅީގެ ކުދިކަފި ދުޅަވުން (bronchiolitis) ނުވަތަ ބްރޮންކިއަލައިޓިސް އަކީ އާންމު ގޮތެއްގައި އުމުރުން 2 އަހަރުން ދަށުގެ ކުދިންނަށް ޖެހޭ ވައިރަލް އިންފެކްޝަން އެކެވެ. މިއިންފެކްޝަންގެ ސަބަބުން ވައިހިނގާ މަގު ނުވަތަ ވައިނޮޅީގެ ކުދިކަފި ތައް ހިމަވެ، ހަނިވެ، ވައިހިނގުމަށް ދަތިވެ، ނޭވާލާން އުދަނގޫވެއެވެ. މިއީ އާންމު ގޮތެއްގައި ފިނި މޫސުން އަންނަ ގައުމުތަކުގައި ފިނި ދުވަސްވަރު ފެތުރިދާނެ ނޫނީ ކުރިމަތިވުން އިތުރުވެދާނެ އިންފެކްޝަނެކެވެ (މައި.ކްލެވެލެންޑްކްލިނިކް.އޯރގް،2023).

ވައިނޮޅީގެ ކަފި ދުޅަވުމާއި ވައިނޮޅީގެ ކުދިކަފިތައް ދުޅަވުމާ ހުރި ތަފާތަކީ ކޮބާ؟

ވައިނޮޅީގެ ކަފި ދުޅަވުމާއި ވައިނޮޅީގެ ކުދިކަފިތައް ދުޅަވުމަކީ އެއް އަލާމާތްތަކެއް ހުންނަ ވަރަށް އެއްގޮތް ދެބައްޔެވެ. ނޭވާހިނގާ މަގު ނުވަތަ ކަފިތަކަށް ކުރިމަތިވާ މި ދެބަލި ވެސް ކުރިމަތިވަނީ ވައިރަހުންޖެހޭ އިންފެކްޝަން ގެ ސަބަބުންނެވެ. އާންމު ގޮތެއްގައި ވައިނޮޅީގެ ކަފި ދުޅަވުމަކީ ނޭވާހިނގާ މަގުގެ ބޮޑު ނޫނީ މައި މަގަށް ނުވަތަ "ލާޖު އެއަރ ވޭސް"(large airways) ގައި އިންފެކްޝަން ހެދުމެވެ. ވައިނޮޅީގެ ކުދި ކަފިތައް ދުޅަވުމަކީ ނޭވާހިނގާ މަގުގެ ކުދި މަގުތަކުގައި ނުވަތަ "ސްމޯލް އެއަރ ވޭސް"(small airways) ގައި އިންފެކްޝަން ހެދުމެވެ (މައި.ކްލެވެލެންޑްކްލިނިކް.އޯރގް،2023).

ސަބަބު

ވައިނޮޅީގެ ކުދިކަފި ތައް ދުޅަވަނީ ވައިރަސްގެ ސަބަބުން ވައިނޮޅީގެ ކުދިކަފިތަކުގައި އިންފެކްޝަން އުފެދުމުންނެވެ. ވައިނޮޅީގެ ކުދިކަފި ތަކަކީ ފުއްޕާމޭގެ ތެރޭގައި ނޭވާހިނގާ ނޫނީ ވައިދައުރުވާ އެންމެ ހަނި މަގުތަކެވެ. މިއިންފެކްޝަންގެ ސަބަބުން ވައިހިނގާމަގު ދުޅަވެ، ހިލިގަނެއެވެ. އަދި މިމަގުތަކުގައި ދަވަ ޖަމާވެ ފުއްޕާމޭގެ އެތެރެއާއި ބޭރަށް ވައި ވައްދައި ބޭރުކުރުމުގައި ހުރަސްތަކާ ކުރިމަތި ވެއެވެ (މެޔޯކްލިނިކް، 2024).  

ވައިނޮޅީގެ ކުދިކަފި ތައް ދުޅަވުން އާންމު ގޮތެއްގައި ކުރިމަތިވަނީ ރެސްޕިރޭޓަރީ ސިންސިޝީއަލް ވައިރަސް ގެ ސަބަބުންނެވެ. މިއީ އުމުރުން 2 އަހަރުވުމުގެ ކުރިން ވަރަށް ގިނަ ކުދިންނަށް ޖެހޭ އިންފެކްޝަން އެކެވެ. ފިނި ހިސާބުތަކުގައި ފިނި ދުވަސްވަރު އާންމު ގޮތެއްގައި މި ވައިރަސްގެ ސަބަބުން އައުޓް ބްރޭކް ތައް މެދުވެރި ކުރުވައެވެ. ނޫނީ ވިއްސާރަ ދުވަސްވަރު ވެސް މިވައިރަސް ފެތުރުން އިތުރުވެއެވެ. އެއް ފަހަރަށް ވުރެ ގިނަ ފަހަރު ވެސް ރެސްޕިރޭޓަރީ ސިންސިޝީއަލް ވައިރަސްގެ ސަބަބުން އިންފެކްޝަން ޖެހިދާނެއެވެ. މީގެ އިތުރުން އަރިދަފުސް ރޯގާ ޖައްސާ ވައިރަސްތަކާއި، އިންފުލުއެންޒާ ވައިރަސްތަކުގެ ސަބަބުން ވެސް ވައިނޮޅީގެ ކުދިކަފި ތައް ދުޅަވެދާނެ އެވެ(މެޔޯކްލިނިކް، 2024).  

ވައިނޮޅީގެ ކުދިކަފިތަކުގައި ދުޅަވުން ކުރިމަތިކުރުވާ ވައިރަސް ތަކަކީ ވަރަށް ފަސޭހައިން ފެތުރޭ ވައިރަސް ތަކެކެވެ. ބަލިޖެހިފައިވާ މީހަކު ކެއްސާ ކިނބިހިއެޅުމުގެ ތެރޭގައި ވައިގެ ތެރެއަށް ބޭރުވާ ޖަރާސީމު ސަލާމަތުން ހުރި މީހެއްގެ ހަށިގަނޑަށް ގޮސްގެން ބަލިޖެހިދާނެ އެވެ. މީގެ އިތުރުން ބަލިޖެހިފައިވާ ކުއްޖާ ގެންގުޅުނު އެއްޗެއްގައި ނޫނީ އަތްލާފައިވާ ތަނެއްގައި މިސާލަކަށް ތަށި، ކުޅޭއެއްޗެހި، ދޮރުގެ އަތްގަނޑު، ވަތްގަނޑުގެ ގޮބު، ތަޅު، ހުޅު ފަދަ އެއްޗެއްގައި އަތްލުމަށްފަހު ސަލާމަތުން ހުރި މީހަކު އެއަތް ނުދޮވެ، އަނގަޔަށް، ލޮލަށް ނޫނީ ނޭފަތަށް ލައިފި ނަމަވެސް ބަލިޖެހިދާނެ އެވެ (މެޔޯކްލިނިކް، 2024).

ވައިނޮޅީގެ ކުދިކަފިތައް ދުޅަކުރުވާ ވައިރަސްތައް

ވައިނޮޅީގެ ކުދިކަފިތައް ދުޅަކުރުވާ ވައިރަސްތަކުގެ ތެރޭގައި އަންނަނިވި ވައިރަސްތައް ހިމެނެއެވެ (މައި.ކްލެވެލެންޑްކްލިނިކް.އޯރގް،2023).

·         ރެސްޕިރޭޓަރީ ސިންސިޝިއަލް ވައިރަސް

·         އިންފުލުއެންޒާ ވައިރަސް

·         އެޑީނޯވައިރަސް

·         ޕެރައިންފުލުއެންޒާ ވައިރަސް

·         މެޓަނިއުމޯ ވައިރަސް

·         ސާރސް ކޮރޯނާވައިރަސް 2 (ކޯވިޑް 19ޖައްސާ ވައިރަސް)  (މައި.ކްލެވެލެންޑްކްލިނިކް.އޯރގް،2023).

މަގުފަހިކުރާ ކަންތައްތައް

އާންމު ގޮތެއްގައި ވައިނޮޅީގެ ކުދިކަފިތައް ދުޅަވުން ކުރިމަތިވަނީ އުމުރުން 2 އަހަރުން ދަށުގެ ކުދިންނަށެވެ. ބަލިޖެހުމުގެ ހިރާސް އެންމެ ބޮޑީ އުމުރުން 3 މަހުން ދަށުގެ ކުދިންނަށެވެ. ސަބަބަކީ މިއުމުރުގައި އަދި އެކުދިންގެ ފުއްޕާމޭ އެންމެ ފުރާ ފުރިހަމަ ނުވާތީ އެވެ. ބޮޑެތި މީހުންނަށް މިބަލި ޖެހުމަކީ ވަރަށް ނާދިރު ކަމެކެވެ. ކުޑަކުދިންނާއި ތުއްތު ކުދިންނަށް މިބަލި ޖެހުމުގެ ހިރާސް އިތުރުކުރާ ކަންތައްތަކުގެ ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ (މެޔޯކްލިނިކް، 2024).  

·         ދުވަސްނުފުރާ ވިހެއުން (ބަނޑަށް 37 ހަފްތާގެ ކުރިން ވިހެއުން)

·         ފުއްޕާމޭގެ ނޫނީ ހިތުގެ ބައްޔެއް އުފެދުމުގައި ހުރުން

·         ދިފާޢީ ބާރު ދަށްވާ ފަދަ ހާލަތެއް ހުރުން

·         ދުންފަތުގެ ދުމަށް ހުށަހެޅުން

·         ގިނަ ކުދިންނާއި މާބޮޑަށް ގައިގޯޅިވެއުޅުން

·         މީހުންގިނަ ތޮށްޖެހިފައިވާ ހިސާބުތަކުގައި ގިނަ ވަގުތު ހޭދަކުރުން

·         ގޭގައި އުޅޭ ކުދިން ސުކޫލް މަދަރުސާތަކުން އިންފެކްޝަނަށް ހުށަހެޅުން

އަލާމާތްތައް

ވައިނޮޅީގެ ކުދިކަފިތައް ދުޅަވުމުން ކުރީކޮޅުގައި ފެންނަ އަލާމަތްތައް އަރިދަފުސް ރޯގާގެ އަލާމާތްތަކާ އެއްގޮތެވެ. އެގޮތުން ފެނިދާނެ އަލާމާތްތައް ތިރީގައި މިވަނީ އެވެ (މެޔޯކްލިނިކް، 2024).  

·         ނޭފަތުން ފެންއައުން

·         ނޭފަތް ބެދުން

·         ކެއްސުން

·         ބައެއް ފަހަރު މަޑުމަޑު ހުމެއް ހުރުން ނޫނީ ހުންއައުން  (މެޔޯކްލިނިކް، 2024). 

·         ވަރުބަލިވެ ވާޅުވުން

·         ނުތަނަވަސްވުން (މައި.ކްލެވެލެންޑްކްލިނިކް.އޯރގް،2023).

އެއަށްފަހު ހަފްތާއެއް ނުވަތަ އެއަށްވުރެ ދިގުމުއްދަތަކަށް ނޭވާކުރުވެ، ނޭވާލާއިރު ތޫލިއަޑުހުރުން ފާހަގަވެދާނެ އެވެ. ވައިނޮޅީގެ ކުދިކަފިތައް ދުޅަވާ ވަރަށް ގިނަ ކުދިންނަށް ކަންފަތުގެ މެދުބައިގައި އިންފެކްޝަން އުފެދޭގޮތް ވެއެވެ (މެޔޯކްލިނިކް، 2024).  

ވައިނޮޅީގެ ކުދިކަފިތައް ދުޅަވެ ނޭވާހިނގާ ކުދި މަގުތަކުގައި އިންފެކްޝަން އުފެދި، ނޭވާލާން އުދަނގޫވެ، އަންނަނިވި އުދަނގޫތައް ކުރިމަތިވުމަކީ އެކަށީގެންވާ ކަމެކެވެ (މައި.ކްލެވެލެންޑްކްލިނިކް.އޯރގް،2023).

·         ނޭވާލާއިރު ތޫލިއަޑުހުރުން

·         އަވަސް އަވަހަށް ފުންކޮށް ކުރު ނޭވާލުން

·         ނޭވާލާއިރު ގިސްލާ ކަހަލަ އަޑެއްހުރުން

·         ނޭފަތުގެ ހިނދުރި ފުޅާވެ ބޮޑަށް ހުޅުވިފައި ހުރުން (މައި.ކްލެވެލެންޑްކްލިނިކް.އޯރގް،2023).

ނޭވާލާން ދަތިވެ، ނުރައްކާތެރި ދަރަޖައަކަށް ވައިނޮޅީގެ ކުދިކަފިތައް ދުޅަވެފައިވާނަމަ އަންނަނިވި ކަންތައްތައް ކުރިމަތިވުމަކީ އެކަށީގެންވާ ކަމެކެވެ. މިހާލަތުގައި ކުޑަ ދަރިފުޅު ވީ އެންމެ އަވަހަށް ހަސްފަތާލަށް ގެންދިއުމަކީ މުހިއްމު ކަމެކެވެ (މައި.ކްލެވެލެންޑްކްލިނިކް.އޯރގް،2023). 

·         ކާތަކެތި ދިރުވަން ނޫނީ އެއްޗެހީގައި އަނގަޖަހައިގެން ދަމަން އުދަނގޫވުން

·         ނޭވާލާއިރު ނޭފަތުގެ ހިނދުރި ހުޅުވެ ފުޅާވުން

·         ނޭވާލާއިރު މޭގެ ތަންކޮޅެއް ވަޅުކޮޅެއް ހެދުން (އަޑިއަށް ގޮސް މައްޗަށް އެރުން)

·         އަތްފައިގެ އިގިލިތައް، ތުންފަތް ދޮންފޫޑުވުން، ނޫވުން ނޫނީ އަޅިވުން

·         ހަށިގަނޑުން ފެންމަދުވުމުގެ ނިޝާންތައް ފެނުން (މައި.ކްލެވެލެންޑްކްލިނިކް.އޯރގް،2023).

o       ރޯއިރު ކަރުނަ ނައުން

o       އަނގަޔާއި ދޫ ހިކުން

o       ދެތިން ހަތަރު ގަޑިއިރު ވާއިރު ވެސް ނެޕީ ތެމިފައި ނެތުން (ކުޑަކަމުނުދިއުން) (މައި.ކްލެވެލެންޑްކްލިނިކް.އޯރގް،2023).

ދިމާވެދާނެ ނުރައްކާތައް

ވައިނޮޅީގެ ކުދިކަފިތައް ދުޅަވެ، މާބޮޑަށް ގޯސްވުމުން ދިމާވެދާނެ ނުރައްކާތައް ތިރީގައި މިވަނީ އެވެ.

·         ހަށިގަނޑުގައި އޮކްސިޖަންގެ މިންވަރު ދަށްވުން

·         ނޭވޭލުން ހުއްޓުން

·         އެކަށޭނަ ވަރަށް ދިޔާތަކެތި ނުބުއިން ނޫނީ ނުބޮވުން

·         ހަށިގަނޑުން ފެންމަދުވުން

·         ބޭނުންވާ ވަރަށް އޮކްސިޖަން ނުލިބި ނޭވާލުމުގެ މަސައްކަތް ހުއްޓުމަކަށް އައުން (މެޔޯކްލިނިކް، 2024).

·         ނޭވާހިއްލުން (މައި.ކްލެވެލެންޑްކްލިނިކް.އޯރގް،2023).

މިއިން ކަމެއް ފާހަގަވެއްޖެނަމަ ލަސްނުކޮށް ހަސްފަތާލަށް ދިއުމަކީ ނޫނީ ގެންދިއުމަކީ މުހިއްމު ކަމެކެވެ (މެޔޯކްލިނިކް، 2024).

ދެނެގަތުން

ވައިނޮޅީގެ ކުދިކަފިތައް ދެނެގަންނަނީ ބަލިޖެހިފައިވާ ކުއްޖާއަށް ކުރިމަތިވެފައިވާ އަލާމާތްތަކާއި، އެކުއްޖެއްގެ ފުއްޕާމޭގައި ކަށިގަނޑު އަޅައި އަޑުއަހައިގެން ފާހަގަވާ ކަންތައްތަކަށް ބަލައިގެންނެވެ. އާންމު ގޮތެއްގައި ޓެސްޓުތަކާއި، އެކްސްރޭ ފަދަ ތަކެތި މިބަލި ދެނެގަތުމަށް ކޮންމެހެން ބޭނުމެއް ނުވާނެއެވެ. ނަމަވެސް ނުރައްކާތެރި މިންވަރަކަށް ވައިނޮޅީގެ ކުދިކަފިތައް ދުޅަވެފައިވާކަމަށް ބެލެވޭނަމަ ނޫނީ ބަލީގެ އުދަނގޫތައް އިތުރަށް ގޯސްވާހެން ހީވާނަމަ، މިޓެސްޓުތައް ހަދަން ދީފާނެއެވެ (މެޔޯކްލިނިކް، 2024).

ވައިނޮޅީގެ ކުދިކަފިތައް ދުޅަވުމުން ހަދައިފާނެ ޓެސްޓުތަކުގެ ތެރޭގައި އަންނަނިވި ޓެސްޓުތައް ހިމެނެއެވެ.

·         ފުއްޕާމޭގެ އެކްސްރޭ ނެގުން : ފުއްޕާމޭގެ އެކްސްރޭ އިން ފުއްޕާމޭގައި ޖަރާސީމު އެޅުން ނޫނީ ނިއުމޯނިޔާގެ އަސަރު ހުރިނަމަ އެނގޭނެ އެވެ (މެޔޯކްލިނިކް، 2024).

·          ވައިރަލް ޓެސްޓިންގ : ވައިނޮޅީގެ ކުދިކަފިތައް ދުޅަވުން މެދުވެރިކުރުވާ ވައިރަސް ހުރިތޯ ބެލުމަށް ބަލިޖެހިފައިވާ ކުއްޖާގެ ނޭފަތުން ދަވަކޮޅެއް ނޫނީ އަރިދަފުސް ކޮޅެއް ނަގައިގެން ޓެސްޓު ކުރެވެއެވެ. މިކަންކުރުމަށް ސާމްޕަލް ނަގަނީ ސްވަބް އެއް ބޭނުންކޮށްގެންނެވެ. ނޫނީ ސްވަބެއް ނޭފަތަށް ވައްދައިގެންނެވެ (މެޔޯކްލިނިކް، 2024).  

·         ލޭގެ ޓެސްޓުތައް : ބައެއް ފަހަރު ލޭގެ ހުދުސެލް ތަކުގެ މިންވަރު ބެލުމަށް ލޭގެ ޓެސްޓެއް ހަދައިފާނެއެވެ. ލޭގެ ހުދު ސެލްތައް އިތުރުވެފައި ހުރުމުގެ މާނައަކީ ހަށިގަނޑު އިންފެކްޝަނެއް ހުރުމެވެ (މެޔޯކްލިނިކް، 2024).  

ވައިނޮޅީގެ ކުދިކަފިތައް ދުޅަވުމާއި ގުޅިގެން ކުޑަކުދިން ޑޮކްޓަރަށް ދައްކާއިރު ކުއްޖޭގެ ކިބައިގައި ފެންމަދުވުން ފަދަ ކަމެއް ހުރިތޯ ބަލާނެއެވެ. ޚާއްޞަކޮށް ކެއުންބުއިމާއި ދުރުހެލިވުން ނޫނީ ހޮޑުލެވުން ފަދަ ކަމެއް ހުންނަ ނަމަ ފެންމަދުވުމުގެ ނިޝާންތައް ހުރިތޯ ބަލާނެއެވެ. ފެންމަދުވުމުގެ ނިޝާންތަކުގެ ތެރޭގައި އަނގަޔާއި ދޫ، އަދި ހަންގަނޑު ހިކުން، ވަރުބަލިވުން، އަދި ކުޑަކަމުނުދެވުން ފަދަ ކަންތައްތައް ހިމެނެއެވެ  (މެޔޯކްލިނިކް، 2024).

ފަރުވާ

ވައިނޮޅީގެ ކުދިކަފިތައް ދުޅަވުމުގެ އަލާމާތްތައް ދެމިހުންނަނީ 2-1 ހަފްތާގެ މުއްދަތަށް ކަމަށްވިޔަސް ބައެއް ފަހަރު އެއަށްވުރެ ގިނަ ދުވަހަށް ދެމިގެންދިއުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. ވައިނޮޅީގެ ކުދިކަފިތައް ދުޅަވުން ކުރިމަތިވާ ގިނަ ކުދިންނަށް ގޭގައި ފަރުވާ ކުރެވިދާނެ އެވެ. ނަމަވެސް ނޭވާކުރުވުން ފަދަ ކަންކަމަށް ސަމާލުވުމަކީ މުހިއްމު ކަމެކެވެ. މިސާލަކަށް ވަރަށް އުދަގުލުން ދަތިކަމާއެކު ނޭވާލުން، ނޭވާކުރުވުމުގެ ސަބަބުން ވާހަކަދެއްކުން ނޫނީ ރުއިން ފަދަ ކަންކަން ފުރިހަމަކުރަން އުދަނގޫވުން، އަދި ނޭވަޔާއެކު ތޫލިއަޑެއްހުރުން ފަދަ ކަންކަމަކީ ކޮންމެހެން ސަމާލުވެ ހުންނަށްޖެހޭނެ ކަންކަމެވެ (މެޔޯކްލިނިކް، 2024).  

ވައިނޮޅީގެ ކުދިކަފިތައް އާންމުކޮށް ދުޅަވަނީ ވައިރަސްގެ ސަބަބުން ކަމަށްވާތީ، އާންމު ގޮތެއްގައި މިބައްޔަށް ފަރުވާކުރުމަށް އެންޓިބަޔޮޓިކް އެއް ބޭނުމެއް ނުވާނެއެވެ. ނަމަވެސް ބައްޔާއި ގުޅިގެން ކުރިމަތިވާ ކަންފަތުގެ އިންފެކްޝަން އަދި ފުއްޕާމޭގެ އިންފެކްޝަން ނޫނީ ނިއުމޯނިޔާ ފަދަ ހާލަތްތަކުގައި އެންޓިބަޔޮޓިކް ބޭނުންވާނެ އެވެ (މެޔޯކްލިނިކް، 2024).  

ފުއްޕާމޭގެ ބަލިތަކުގައި އާންމުކޮށްދީ އުޅޭ ނޭވާހިނގާމަގު ފުޅާކޮށްލާ ބޭސްތައް ނުވަތަ ބްރޮންކޯޑައިލޭޓަރސް އާންމު ގޮތެއްގައި ވައިނޮޅީގެ ކުދިކަފި ދުޅަވާ ހާލަތްތަކުގައި ދީއެއް ނޫޅެއެވެ. ބަލީގެ ހާލަތު މާ ގޯސްވެއްޖެނަމަ، އަލްބިއުޓެރޯލް ބޭނުންކޮށްގެން އާވި އަރުވަންޖެހިދާނެ އެވެ. މީގެ އިތުރުން ސްޓީރޮއިޑް އަނގައިން ދޭ ބޭހުގެ ގޮތުގައި އަދި ޗެސްޓް ފިޒިއޮތެރަޕީ ފަދަ ކަންކަން ވެސް ވައިނޮޅީގެ ކުދިކަފިދުޅަވުން ފަދަ ހާލަތުގައި މާބޮޑު ފައިދާއެއް ކުރާކަމަށް ހޯދިފައެއް ނުވެއެވެ (މެޔޯކްލިނިކް، 2024).  

ބައެއް ފަހަރު، ބަލިކުރިމަތިވެފައިވާ ހާލަތަށް ރިއާޔަތްކޮށް ހަސްފަތާލުގައި އެދުމަތިކޮށްގެން ފަރުވާ ދީފާނެ އެވެ. ހަސްފަތާލުގައި އެދުމަތިކުރުމުން އޮކްސިޖަން ތެރަޕީ، ފެންމަދުވުމުން ރައްކާތެރިކުރުމަށް އައިވީދިނުން ފަދަ ފަރުވާތައް ކުރިޔަށް ގެންގޮސްފާނެ އެވެ (މެޔޯކްލިނިކް، 2024).  

ރައްކާތެރިވުން

ވައިނޮޅީގެ ކުދިކަފިތައް ދުޅަވުން މެދުވެރިވަނީ އެކަކު ގައިން އަނެކާގެ ގަޔަށް އަރާ ވައިރަލް އިންފެކްޝަން އަކުން ކަމަށްވާތީ، ބަލިން ރައްކާތެރިވުމަށް ކުރެވޭނެ އެންމެ މުހިއްމު ކަމަކީ އަތް ދޮވުމެވެ. ޚާއްޞަކޮށް ބޮޑެތި މީހުން އަރިދަފުސް ރޯގާ، އިންފުލުއެންޒާ، ކޮވިޑް 19 ފަދަ ރޯގާ ޖެހިފައި ތިބޭ ދުވަސްވަރު ތުއްތު ކުއްޖެއް ނޫނީ ކުޑަކުއްޖެއްގައި އަތްލައި ހަދާނަމަ، އަތްލުމުގެ ކުރިން އަތް ދޮވުމަކީ މުހިއްމު ކަމެކެވެ. އަދި މިފަދަ ރޯގާތައް ޖެހުމުން ރައްކާތެރިވުމުގެ ގޮތުން މާސްކު އެޅުމަކީ ވެސް މުހިއްމު ކަމެކެވެ (މެޔޯކްލިނިކް، 2024).

ތުއްތު ކުއްޖަކަށް ނޫނީ ކުޑަކުއްޖަކަށް ވައިނޮޅީގެ ކުދިކަފި ދުޅަވުން ކުރިމަތިވެއްޖެނަމަ، ރަނގަޅުވަންދެން ބޭރުތެރެއަށް ނުނެރެ ( ސުކޫލަށް، ޓިއުޝަނަށް ނުފޮނުވައި) ގޭގައި ބެހެއްޓުމަކީ މުހިއްމު ކަމެކެވެ. މިއީ ބަލިޖެހިފައިވާ ކުއްޖާގެ ފުށުން އެހެން ކުދިންނަށް ބަލި ފެތުރުން ކުޑަކޮށްދޭނެ ކަމެކެވެ (މެޔޯކްލިނިކް، 2024).  

ވައިނޮޅީގެ ކުދި ކަފިތައް ދުޅަވުމުން ރައްކާތެރިވުމަށް ކުރެވިދާނެ ކަންތައްތައް ތިރީގައި މިވަނީ އެވެ.

·         ބަލިޖެހިފައިވާ ކުދިންނާއި، މީހުންނާއި (ހުންއައިސް ރޯގާ ޖެހިފައިވާ) ގައިގޯޅިވެއުޅުން މަދުކުރުން : ތުއްތު ކުދިން ޚާއްޞަކޮށް ދުވަސް ނުފުރާ އުފަންވެފައިވާ ކުދިން ހުންއައިސް ރޯގާ ޖެހިފައިވާ މީހުންނާއި ކައިރި ނުކުރުން ރަނގަޅެވެ. ޚާއްޞަކޮށް އުމުރުން ފުރަތަމަ 2 މަހުގެ ތެރޭގައި (ފުއްޕާމޭ ފުރާ ފުރިހަމަނުވާތީ) މިކަމަށް ޚާއްޞަ ސަމާލުކަމެއް ދިނުން މުހިއްމެވެ.

·         އާންމުކޮށް ކުދިން އަތްލައިފާނެ ތަންތަން ރީތިކޮށް ގިނަގިނައިން ސާފުކުރުން : އާންމުކޮށް ކުދިން އަތްލައިފާނެ ތަންތަން މިސާލަކަށް ދޮރުގެ ގޮބު، އަތްގަނޑު، ހުޅު، ތަޅު، މޭޒުމަތި، ގޮޑީގެ އަތްގަނޑު، ކުޑަކުދިން ގެންގުޅޭ ކުޅޭ އެއްޗެހި ފަދަ ތަކެއްޗާއި ތަންތަން ރީތިކޮށް ގިނަގިނައިން ސާފުކުރުމަކީ މުހިއްމު ކަމެކެވެ. ޚާއްޞަކޮށް އާއިލާގެ މެންބަރެއް ހުންއައިސް ރޯގާ ޖެހި ބަލިވެއުޅޭ ދުވަސްވަރު މިކަމަށް ސަމާލުކަން ދިނުމަކީ މުހިއްމު ކަމެކެވެ.

·         ގިނަގިނައިން އަތްދޮވުން : ބޮޑެތި މީހުންނާއި ، ކުޑަކުދިން ވެސް ގިނަގިނައިން އަތްދޮވުމަކީ މުހިއްމު ކަމެކެވެ. ފެނާއި ސައިބޯނި ބޭނުންކޮށްގެން މަދުވެގެން 20 ސިކުންތު ވަންދެން އަތްދޮންނާށެވެ. ބޭރުފުށުން ފެންނައިރު އަތް މާބޮޑަށް ހަޑި ނޫންނަމަ، ސެނިޓައިޒަރ ބޭނުންކޮށްގެން (ޚާއްޞަކޮށް ގެއިން ބޭރުގައި އުޅޭއިރު) އަތް ސާފުކުރެވިދާނެ އެވެ. މިގޮތަށް އަތް ސާފުކުރުމަށް ބޭނުންކުރެވޭ ސެނިޓައިޒަރ ގައި މަދުވެގެން %60 އަލްކޮހޯލް ހިމެނިފައި ހުރުން މުހިއްމެވެ.

·         ކެއްސާ ކިނބިހި އަޅާއިރު އަނގަޔާއި ނޭފަތް ނިވާކުރުން: ކެއްސާ ކިނބިހި އަޅާއިރު އަނގަޔާއި ނޭފަތް ޓިޝޫ އެއް ފަދަ އެއްޗަކުން ނިވާކުރާށެވެ. އަދި އޭގެ ފަހުން އަތް ދޮންނާށެވެ. ނޫނީ އަތް ސާފުކުރާށެވެ. ކެއްސާ ކިނބިހި އަޅާއިރު ޓިޝޫއެއް ފަދަ އެއްޗެއް ނެތްނަމަ، އަތްތިލައިން އަނގަޔާއި ނޭފަތް ނިވާކުރުމުގެ ބަދަލުގައި އުޅަބޮއްޓާއި ދިމާލަށް ކެއްސާ ކިނބިހިއެޅިދާނެއެވެ. އޭރުން އަތްތިލަ ޖަރާސީމުން ތަޣައްޔަރުވުމުގެ ފުރުޞަތު ކުޑަވާނެ އެވެ.

·         ފެންބޯތަށި ފަދަ އެއްޗެހި ބޭނުންކުރުމުގެ ކުރިން ރީތިކޮށް ދޮވެލުން : ފެންބޯ ތަށި ފަދަ ތަކެތި ބަލިޖެހިފައިވާ މީހާ ނޫނީ ކުއްޖަކު ބޭނުންކުރުމަށްފަހު ނުދޮވެ ހުއްޓައި އެތަށިން އެހެން މީހަކު ފެން ބުއިފިނަމަ ފަހަރުގައި ބަލިޖެހުމުގެ ފުރުޞަތު އޮވެދާނެއެވެ.

·         ތުއްތު ކުދިންނަށް ގާތުން ދިނުން : ތުއްތު ކުދިންނަށް ގާތުންދިނުމަކީ ނޭވާލާ ނިޒާމަށްޖެހޭ އިންފެކްޝަން ނޫނީ ރޯގާ ތަކުން ދުރުކޮށްދޭނެ ކަމެކެވެ.

ވެކްސިން

 

ނޯޓް : މިއީ މަޢުލޫމާތު ފެތުރުމުގެ ނިޔަތުގައި ލިޔެފައިވާ ލިޔުމެކެވެ.

މައުލޫމާތު

·         https://www.mayoclinic.org/diseases-conditions/bronchiolitis/symptoms-causes/syc-20351565#:~:text=Bronchiolitis%20is%20a%20common%20lung,much%20like%20a%20common%20cold.

·         https://my.clevelandclinic.org/health/diseases/8272-bronchiolitis

 

 

 

No comments:

Post a Comment