Saturday, July 23, 2022

މާބަނޑު ދުވަސްވަރު : މާބަނޑުވުމުން ލޭމައްޗަށްދިއުން

 

މާބަނޑު ދުވަސްވަރު : މާބަނޑުވުމުން ލޭމައްޗަށްދިއުން

މާބަނޑު ދުވަސްވަރު ލޭމައްޗަށް ދިއުމަކީ ވަރަށް ގިނަ މީހުންނަށް ދިމާވާ ކަމެކެވެ. މާބަނޑު ދުވަސްވަރު ލޭމައްޗަށް ދިއުމުގެ ތަފާތު ވައްތަރުތައް ހުރެއެވެ. އެގޮތުން ފާހަގަކުރެވޭ ވައްތަރުތައް ތިރީގައި މިވަނީ އެވެ.

1. މާބަނޑުވުމުން ލޭމައްޗަށްދިއުން (gestational hypertension): މާބަނޑުވުމުން ލޭމައްޗަށްދިއުމަކީ މާބަނޑުވުމުގެ ކުރިން ލޭގެ ޕްރެޝަރު ރަނގަޅަށް ހުރެފައި، ބަނޑަށް 20 ހަފްތާ ފުރުނުފަހުން ފުރަތަމަ ފަހަރަށް ލޭގެ ޕްރެޝަރު ހުންނަށްޖެހޭ މިންވަރަށްވުރެ (90/140މމމއަށްވުރެ) މަތިވުމެވެ. މިވައްތަރުގައި ކުޑަކަމުނަޖިހުގައި ޕްރޮޓީން އިތުރެއް ނުވާނެއެވެ. އަދި ގުނަވަންތަކަށް ވެސް ގެއްލުމެއް ނުވާނެއެވެ. މާބަނޑުވުމުން ލޭމައްޗަށްދާ ބައެއް މީހުންނަށް ފަހަރުގައި ބަލިވެއިނުން ވިހަވުން ކުރިމަތިވުމަކީ އެކަށީގެންވާ ކަމެކެވެ.

2. ދާއިމީ ލޭމައްޗަށްދިއުން (chronic hypertension): މިއީ ބަނޑަށް 20 ހަފްތާވުމުގެ ކުރިން ވެސް ލޭމައްޗަށް ގޮސްފައިވުމެވެ. ނޫނީ މާބަނޑުވުމުގެ ކުރިން ވެސް ލޭމައްޗަށް ދިއުން ހުރުމެވެ. ނަމަވެސް ލޭމައްޗަށްދިއުމަކީ އާންމުކޮށް އަލާމާތްތަކެއް ފެންނަ ކަމަކަށްނުވާތީ ލޭމައްޗަށްދާން ފެށީ ކޮންއިރަކުކަން ކަނޑައަޅަން އުދަނގޫވެދާނެ އެވެ. މިވައްތަރުގެ ލޭމައްޗަށްދިއުން ހުރުމަކީ ފަހުކޮޅު ބަލިވެއިނުން ވިހަވުން ކުރިމަތިވުމުގެ ހިރާސް އިތުރުކުރާ ކަމެކެވެ.

3. ބަލިވެއިނުން ވިހަވުން (preeclampsia): ބަލިވެއިނުން ވިހަވުން މާނަކުރެވެނީ ބަނޑަށް 20 ހަފްތާ ފަހުން ލޭގެ ޕްރެޝަރ މައްޗަށް ދިއުމަށެވެ. މިކަމުގެ ސަބަބުން  ލޭމަތިވުމުގެ އިތުރުން، ހަށިގަނޑުގައި ފެންޖަމާވެ، ފޮއްސިވެ، ކުޑަކަމުދާ ތަކެތީގައި ޕްރޮޓީން ހުރިކަން ފާހަގަ ވާނެ އެވެ. ގުނަވަނަށް ތަކަށް މިސާލަކަށް ފުރަމޭ، ގުރުދާ، ލޭ، އަދި ސިކުނޑިއަށް ގެއްލުންވާނެ އެވެ. ފަރުވާނުކޮށް ދޫކޮށްލައިފިނަމަ ބައެއް ފަހަރު ފިޓުޖެހުން ފަދަ ކަމެއް ދިމާވުމަކީ އެކަށީގެންވާ ކަމެކެވެ.

ލޭގެ ޕްރެޝަރު

ލޭގެ ޕްރެޝަރަ(blood pressure)ކީ ލޭހޮޅިތަކުގެ ތެރޭގައި ލޭދައުރުވާ ބާރުމިނެވެ. ހަށިގަނޑުގައި ލޭދައުރުވުމަށް ލޭހޮޅިތަކުގެ ތެރޭގައި ލޭގެ ޕްރެޝަރު އެކަށޭނަ މިންވަރެއްގައި ހުންނަންޖެހެއެވެ. ލޭގެ ޕްރެޝަރު މިންކުރަނީ މިލިމީޓަރު މާކަރީ(mmHg)  އިންނެވެ. ލޭގެ ޕްރެޝަރު ބަލާއިރު ދެ ނަންބަރެއް ފާހަގަވާނެއެވެ. އެއީ މަތީގައި ލިޔެފައި އޮންނަ ނަންބަރަކާއި، ތިރީގައި ލިޔެފައި އޮންނަ ނަންބަރެކެވެ. މިސާލަކަށް ލޭގެ ޕްރެޝަރަކީ 80/120 ކަމަށް ބަލަމާ ހިނގާށެވެ. މިތަނުން މަތީގައި އޮތް ނަންބަރަކީ ހިތުން ހަށިގަނޑުގެ ބައިތަކަށް ލޭފޮނުވާލުމަށް ހިތް ކުރުގެޅޭ ވަގުތު(contraction) ގައި ލޭހޮޅިތަކުގައި ލޭދައުރުވާ ބާރުމިން(systolic)  އެވެ. ތިރީގައި އޮތް ނަންބަރަކީ ހިތް އަނބުރާ ހަމައަކަށް އެޅޭ ހިނދު(relaxation)  ލޭހޮޅިތަކުގައި ލޭދައުރުވާ ބާރުމިން(diastolic)  އެވެ.

މާބަނޑުއިރު ލޭގެ ޕްރެޝަރުގެ މިންތައް ރިޢާޔަތްކުރާގޮތްތައް ތިރީގައި މިވަނީ އެވެ.

·         ހުންނަށްޖެހޭ އެދެވޭ މިންވަރު : 80/120މމމ އަށް ވުރެ ދަށުގައި

·         އާދައިގެ މިންވަރަކަށް ލޭމަތި : 90/140މމމ އަށްވުރެ މަތީގައި

·         ނުރައްކާތެރި މިންވަރަކަށް ލޭމަތި : 110/160މމމ އަށްވުރެ މަތީގައި

ނޯޓް : މާބަނޑު ނޫން މީހުންނަށް ލޭމައްޗަށް ދިއުން ކަނޑައެޅުމުގައި މި ނަންބަރުތައް ތަފާތުވުމަކީ އެކަށީގެންވާ ކަމެކެވެ.

ނޯޓް : މިލިޔުމުގައި ބޮޑަށް އަލިއަޅުވާލެވިފައިވާނީ މާބަނޑުވުމުން ލޭމައްޗަށްދިއުން(gestational hypertension)  މިމައުޟޫއަށެވެ.

މާބަނޑުވުމުން ލޭމައްޗަށްދިއުން

މާބަނޑުވުމުން ލޭމައްޗަށްދިއުން(gestational hypertension)  މިއީ  މާބަނޑު ދުވަސްވަރު ދިމާވެދާނެ ޞިއްޙީ މައްސަލަ އެކެވެ.  މާބަނޑުވުމުން ލޭމައްޗަށްދިއުން ކަމަށް ބަލަނީ މާބަނޑުވުމުގެ ކުރިން ލޭގެ ޕްރެޝަރު ރަނގަޅަށް ހުރެފައި، މާބަނޑުވުމަށްފަހު ބަނޑަށް 20 ހަފްތާ ފުރިހަމަވި ފަހުން ފުރަތަމަ ފަހަރަށް ލޭގެ ލޭގެ ޕްރެޝަރު 90/140 މިލިމީޓަރު މާކަރީއަށްވުރެ މަތިވެއްޖެނަމަ އެވެ. ކޮންމެ 50 މާބަނޑުމީހުންގެ ތެރެއިން 3 މީހަކަށް މާބަނޑުވުމުން ލޭމައްޗަށްދިއުން ކުރިމަތިވެއެވެ. މާބަނޑުވުމުން ލޭމައްޗަށްދިއުން ކުރިމަތިވަނީ މާބަނޑުވުމުގެ ފަހު ½ ދުވަސްވަރުގައެވެ. އާންމު ގޮތެއްގައި ވިހައި ގަދަވުމުން މިވައްތަރުގެ ލޭމައްޗަށްދިއުން ރަނގަޅުވެއެވެ.

މާބަނޑުވުމުން ލޭމައްޗަށް ދިއުމަކީ ދާއިމީ ލޭމައްޗަށްދިއުމާއި މުޅިން ދެކަމެކެވެ. ދާއިމީ ލޭމައްޗަށްދިއުމަކީ މާބަނޑުވުމުގެ ކުރިން ނޫނީ ބަނޑަށް 20 ހަފްތާ ހަމަވުމުގެ ކުރިން ވެސް ލޭމައްޗަށްދިއުން ހުރުމެވެ. މިއީ ޕްރީއެކްލެމްސިއާ ނުވަތަ ބަލިވެއިނުން ވިހަވުމާއި، އަދި އެކްލެމްސިއާ ނުވަތަ ބަލިވެއިނުން ވިހަވުމާއެކު ފިޓްޖެހުން ކުރިމަތިވުމާއި ވެސް މުޅިން ތަފާތު ހާލަތެކެވެ.


މާބަނޑުވުމުން ލޭމައްޗަށްދިއުން ކަމަށް ބަލަނީ އަންނަނިވި ކަންތައްތައް ބަޔާންކުރެވިފައިވާ ގޮތަށް ދިމާވިނަމަ އެވެ.

·         ލޭގެ ޕްރެޝަރު 90/140މމމ އަށްވުރެ މަތިވުން

·         ލޭގެ ޕްރެޝަރު މަތިކަން ބަނޑަށް 20 ހަފްތާވި ފަހުން ފުރަތަމަ ފަހަރަށް ފާހަގަވުން

·         ބަލިވެއިނުމުގެ ކުރިން ލޭގެ ޕްރެޝަރު ރަނގަޅަށްހުރުން

ލޭގެ ޕްރެޝަރު

ލޭގެ ޕްރެޝަރަ(blood pressure)ކީ ލޭހޮޅިތަކުގެ ތެރޭގައި ލޭދައުރުވާ ބާރުމިނެވެ. ހަށިގަނޑުގައި ލޭދައުރުވުމަށް ލޭހޮޅިތަކުގެ ތެރޭގައި ލޭގެ ޕްރެޝަރު އެކަށޭނަ މިންވަރެއްގައި ހުންނަންޖެހެއެވެ. ލޭގެ ޕްރެޝަރު މިންކުރަނީ މިލިމީޓަރު މާކަރީ(mmHg)  އިންނެވެ. ލޭގެ ޕްރެޝަރު ބަލާއިރު ދެ ނަންބަރެއް ފާހަގަވާނެއެވެ. އެއީ މަތީގައި ލިޔެފައި އޮންނަ ނަންބަރަކާއި، ތިރީގައި ލިޔެފައި އޮންނަ ނަންބަރެކެވެ. މިސާލަކަށް ލޭގެ ޕްރެޝަރަކީ 80/120 ކަމަށް ބަލަމާ ހިނގާށެވެ. މިތަނުން މަތީގައި އޮތް ނަންބަރަކީ ހިތުން ހަށިގަނޑުގެ ބައިތަކަށް ލޭފޮނުވާލުމަށް ހިތް ކުރުގެޅޭ ވަގުތު(contraction) ގައި ލޭހޮޅިތަކުގައި ލޭދައުރުވާ ބާރުމިން(systolic)  އެވެ. ތިރީގައި އޮތް ނަންބަރަކީ ހިތް އަނބުރާ ހަމައަކަށް އެޅޭ ހިނދު(relaxation)  ލޭހޮޅިތަކުގައި ލޭދައުރުވާ ބާރުމިން(diastolic)  އެވެ.

މާބަނޑުއިރު ލޭގެ ޕްރެޝަރުގެ މިންތައް ރިޢާޔަތްކުރާގޮތްތައް ތިރީގައި މިވަނީ އެވެ.

·         ހުންނަށްޖެހޭ އެދެވޭ މިންވަރު : 80/120މމމ އަށް ވުރެ ދަށުގައި

·         އާދައިގެ މިންވަރަކަށް ލޭމަތި : 90/140މމމ އަށްވުރެ މަތީގައި

·         ނުރައްކާތެރި މިންވަރަކަށް ލޭމަތި : 110/160މމމ އަށްވުރެ މަތީގައި

ނޯޓް : މާބަނޑު ނޫން މީހުންނަށް ލޭމައްޗަށް ދިއުން ކަނޑައެޅުމުގައި މި ނަންބަރުތައް ތަފާތުވުމަކީ އެކަށީގެންވާ ކަމެކެވެ.

ސަބަބު

މާބަނޑުވުމުން ލޭމައްޗަށްދިއުން މެދުވެރިވާ ސަބަބެއް ކަނޑައެޅިގެން ބުނާކަން ނޭނގެއެވެ. ނަމަވެސް މިކަމަށް މަގުފަހިކުރާ ކަންތައްތަކެއް ފާހަގަކުރެވިފައި ވެއެވެ. އެގޮތުން މާބަނޑުވުމުން ލޭމައްޗަށްދިއުމަށް މަގުފަހިވާ ބައެއް ކަންތައްތައް ތިރީގައި މިވަނީ އެވެ.

·         ކުރީފަހަރަކު ބަލިވެއިންއިރު ލޭމައްޗަށްދިއުން ކުރިމަތިވުން

·         ބަލިވެއިނުމުގެ ކުރިން ވެސް ބަރުހެލިވެ، މާބޮޑަށް ފަލަވުން : އެގޮތުން ބޮޑީ މާސް އިންޑެކްސް 35 އަށްވުރެ މަތިނަމަ މިހިރާސް ވަކިން ބޮޑަށް އިތުރުވެގެން ދެއެވެ.

·         ފުރަތަމަ ފަހަރަށް ބަލިވެއިނުން

·         ގުރުދާގެ ބައްޔެއް ހުރުން

·         ހަކުރުބަލިޖެހުން

·         އުމުރުން 20 އަހަރަށްވުރެ ހަނގުވުން ނުވަތަ 40 އަހަރަށްވުރެ ދޮށިވުން

·         އެއްކުއްޖަކަށްވުރެ ގިނަ ކުދިންނަށް އެއްފަހަރާ ބަލިވެއިނުން

·         އެފްރިކަން އެމެރިކަން ނަސްލުގެ މީހަކަށްވުން

އަލާމާތްތައް

ބަލިވެއިންނަ ކޮންމެ ފަހަރަކު މާބަނޑުވުމުން ލޭމައްޗަށްދިއުން ކުރިމަތިވެ ފެންނަ އަލާމާތްތައް ތަފާތުވުމަކީ އެކަށީގެންވާ ކަމެކެވެ. އެންމެ މައި އަލާމާތަކީ މާބަނޑު ދުވަސްވަރުގެ ފަހު ½ ގައި ލޭގެ ޕްރެޝަރު މަތިވުމެވެ. ނަމަވެސް ބައެއް އަންހެނުންނަށް އެއްވެސް ކަހަލަ އަލާމާތެއް ނުފެނިދާނެއެވެ. މާބާނޑު ދުވަސްވަރު ލޭމައްޗަށްދިއުމަކީ އެހެނިހެން މައްސަލަތައް ދިމާވެދާނެ ކަމެކެވެ. އޭގެތެރެއިން އެއް ކަމަކީ ބަލިވެއިނުން ވިހަވުން ނުވަތަ ޕްރީއެކްލެމްސިއާ އެވެ.

މާބަނޑުވެފައި ވަނިކޮށް ލޭމައްޗަށްދިއުމުން ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި އަންނަނިވި ކަންތައްތައް ފާހަގަ ކުރެވެއެވެ.

·         ނުފިލާ ބޮލުގައި ރިހުމެއް ހުރުން

·         ފޮއްސިވުން (ދުޅަވުން)

·         ކުއްލިއަކަށް ބަރުދަން އިތުރުވުން

·         ފެނުމަށް ބަދަލުވުން : މިސާލަކަށް ލޮލުގެ ފެނުން ފުސްވުން، ނޫނީ ފުސްކޮށްފެނުން، އަދި އެއްޗެހި ތަކުރާރުކޮށްފެނުން

·         މޭނުބައިކުރުން އަދި ހޮޑުލެވުން

·         ބަނޑުގެ ކަނާތް ފަރާތުން މައްޗަށް ތަދުވުން ނޫނީ ރިހުން

·         ކުޑަކަމުދެވޭ މިންވަރު މަދުވުން

ނުރައްކާތައް

މާބަނޑުވުމުން ލޭމައްޗަށް ދިއުމަކީ ލޭހޮޅިތަކަށް އަސަރުކުރުވާނެ ކަމެކެވެ. މިއީ މައިމީހާގެ ފުރަމޭ، ގުރުދާ، ސިކުނޑި، ރަހިމު އަދި މަހުގައި ލޭދައުރުވުން ކުޑަކޮށްދީ، ދަށްކޮށްދޭނެ ކަމެކެވެ. މާބަނޑުވުމުން ލޭމައްޗަށްދިއުން ބައެއް ފަހަރު އިތުރަށް ގޯސްވެ، ބަލިވެއިނުން ވިހަވުން އަދި ބަލިވެއިނުން ވިހަވުން ކުރިމަތިވުމާއެކު ފިޓްޖެހުން ފަދަ ކަންތައްތައް މެދުވެރިވުމަކީ އެކަށީގެންވާ ކަމެކެވެ. މާބަނޑުވުމުން ލޭމައްޗަށް ގޮސްފިނަމަ ދިމާވެދާނެ ނުރައްކާތައް ތިރީގައި މިވަނީ އެވެ.

·         ރަހިމުން މަސްވަކިވުން

·         ތުއްތު ދަރިފުޅުގެ ހެދިބޮޑުވުން ލަސްވުން ނޫނީ ހުއްޓުން : މިގޮތަށް ދިމާވަނީ މަހަށް ލޭލިބުން މަދުވެ، ކާނާ އާއި އޮކްސިޖަން ލިބުން ދަށްވާތީ އެވެ.

·         ތުއްތު ދަރިފުޅު ބަނޑަށް މަރުވުން

·         ދުވަސްނުފުރާ ވިހެއުން ނޫނީ އުފަންވުން

·         މައިމީހާގެ ގުރުދާ އަދި އެހެނިހެން ގުނަވަންތަކަށް ގެއްލުންވުން

·         މައިމީހާއަށް މުސްތަގުބަލްގައި ލޭމައްޗަށްދިއުމުގެ ފުރުޞަތު ބޮޑުވެ، ހިތުގެ ބަލިތަކުގެ ހިރާސް އިތުރުވުން

·         ބަލިވެއިނުން ވިހަވުން (ޕްރީއެކްލެމްސިއާ) ކުރިމަތިވުން

·         ބަލިވެއިނުން ވިހަވުމާއެކު ފިޓުޖެހުން (އެކްލެމްސިއާ ކުރިމަތިވުން)

·         ފުރާނަޔަށް ނުރައްކާވުން (މައިމީހާއާއި، ތުއްތު ދަރިފުޅަށް ނިޔާވުން)

މަތީގައި ބަޔާންކުރެވުނު ނުރައްކާތައް ކުރިމަތިވުމުގެ ހިރާސް ބޮޑުވާތީ ފަހަރުގައި ބަނޑަށް 37 ހަފްތާ ފުރިހަމަވުމުގެ ކުރިން ދަރިފުޅު ވިއްސައިގެން ނޫނީ އޮޕަރޭޝަންކޮށްގެން ނަގަން ޑޮކްޓަރުން ލަފާދީފާނެ އެވެ. މިފަދަ މީހުންނަށް ވިހައި ގަދަވުމުން (ގާތްގަނޑަކަށް 6 ހަފްތާގެ ފަހުން) ލޭގެ ޕްރެޝަރު އާންމު ހާލަތަށް ދިޔަ ނަމަވެސް މުސްތަގުބަލްގައި ލޭމައްޗަށްދިއުމުގެ ހިރާސް ބޮޑެވެ.

ދެނެގަތުން

މާބަނޑު ދުވަސްވަރު ލޭގެ ޕްރެޝަރު މައްޗަށްދާނަމަ އެކަން ދެނެގަތުމަށް އަންނަނިވި ޓެސްޓުތައް ހެދުމަށް އަދި ކަންތައްތައް ކުރުމަށް ލަފާދީފާނެ އެވެ. ލޭގެ ޕްރެޝަރު ރީޑިންގ ތައް ބަލައި ޗެކުކުރުން

·         ކުޑަކަމު ނަޖިހުގައި ޕްރޮޓީން ހުރިތޯ ބެލުން

·         ބަރުދަން ބަލަމުން  ގެންދިއުން

·         ފޮއްސިވުން ހުރިނެތްގޮތް ބެލުން

·         ލޭގަނޑުވުމާއި ގުޅުންހުރި ޓެސްޓުތައް ހެދުން

·         ފުރަމޭ އަދި ގުރުދާގެ މަސައްކަތް ހުރިނެތްގޮތް ބެލުން

ފަރުވާ

މާބަނޑުވުމުން ލޭމައްޗަށްދިއުމަށް ދޭ ވަކި ޚާއްޞަ ފަރުވާއެއް ނޯވެއެވެ. ފަހަރުގައި ލޭގެ ޕްރެޝަރު ދަށްކުރުމަށް ބޭސް ދީފާނެއެވެ.

ލޭގެ ޕްރެޝަރު މޮނީޓަރކުރުން : ޑޮކްޓަރުން ވަރަށް ގާތްގާތުގައި ލޭގެ ޕްރެޝަރު ޗެކުކޮށް މޮނީޓަރ ކުރަމުން ގެންދާނެއެވެ. އިތުރު އެއްވެސް އުދަނގުލެއް ފާހަގަވާނަމަ ލަސްނުކޮށް ޑޮކްޓަރަށް ދައްކަން ވާނެއެވެ.

ތުއްތު ދަރިފުޅު މޮނީޓަރކުރުން : ތުއްތު ދަރިފުޅުގެ ޞިއްޙީ ހާލަތު ބެލުމުގެ ގޮތުން ނުވަތަ މޮނީޓަރ ކުރުމުގެ ގޮތުން އަންނަނިވި ކަންތައްތައް ނުވަތަ ޓެސްޓުތައް ކުރުމަކީ އެކަށީގެންވާ ކަމެކެވެ.

·         ދަރިފުޅު ތޮޅޭ މިންވަރު ގުނުން : ދަރިފުޅު ތޮޅޭ ނޫނީ ހަރަކާތްކުރާ މިންވަރު ގުނަމުން ގެންދިއުމަށް ޑޮކްޓަރުން ލަފާދީފާނެ އެވެ. ތޮޅޭ މިންވަރަށް ބަދަލެއް އައުމުގެ މާނައަކީ ދަރިފުޅަށް ކޮންމެވެސް ކަހަލަ ފިއްތުމެއް ކުރިމަތިވެފައި ވުމެވެ.

·         ނަން ސްޓްރެސް ޓެސްޓު : މިޓެސްޓުގައި ހަރަކާތާއި ގުޅިގެން ދަރިފުޅުގެ ހިތުގެ ވިންދަށް އަންނަ ބަދަލު މިންކުރާނެއެވެ.

·         ބަޔޯފިޒިކަލް ޕްރޮފައިލް : މިއީ ނަން ސްޓްރެސް ޓެސްޓާއި އެކު އަލްޓްރާ ސައުންޑްގެ އެހީގައި ދަރިފުޅުގެ ނޭވާލުން، ހަރަކާތް އަދި މަސްތަކުގެ ޓޯން ހުރިނެތްގޮތް ބެލުމަށް ހެދޭ ޓެސްޓެކެވެ.

·         ޑޮޕްލަރ ފްލޯ ސްޓަޑީޒް : މިއީ ދަރިފުޅުގެ ލޭހޮޅިތަކުގައި ލޭދައުރުވުން ހުރިނެތްގޮތް ބެލުމަށް އަލްޓްރާ ސައުންޑްގެ އެހީގައި ހެދޭ ޓެސްޓެކެވެ.

ލެބޯޓަރީ ޓެސްޓުތައް : ކޮންމެ ފަހަރަކު ޑޮކްޓަރަށް ދައްކާއިރު ލޭ އަދި ކުޑަކަމު ނަޖިސް ޓެސްޓުކޮށް ބަލައިފާނެއެވެ. މިއީ އިތުރު ބަދަލުތަކެއް އާދޭތޯ މިސާލަކަށް ކުޑަކަމު ނަޖިހުގައި ޕްރޮޓީން ހުރުން ފަދަ ކަމެއް ފާހަގަވޭތޯ ބެލުމަށް ހެދޭ ޓެސްޓު ތަކެކެވެ.

ބޭސް ބޭނުންކުރުން : ފަހަރުގައި ތުއްތު ދަރިފުޅުގެ ފުއްޕާމޭ ފުރިހަމަކުރުމަށްޓަކައި ކޯޓިކޯސްޓީރޮއިޑް ބޭނުންކުރުމަށް ލަފާދީފާނެ އެވެ. ނަމަވެސް މިފަދަ ބޭސްތައް ބޭނުންކުރުމަށް ލަފާދޭނީ މާއަވަހަށް ދަރިފުޅު ވިއްސައިގެން ނޫނީ އޮޕަރޭޝަންކޮށްގެން ނަގަން ޖެހޭކަމަށް ލަފާކުރެވޭނަމަ އެވެ.

ނޯޓް : މިއީ މައުލޫމާތު ފެތުރުމުގެ ނިޔަތުގައި ލިޔެފައިވާ ލިޔުމެކެވެ.

ހަވާލާ

·         https://www.cedars-sinai.org/health-library/diseases-and-conditions/g/gestational-hypertension.html  

·         https://www.stanfordchildrens.org/en/topic/default?id=gestational-hypertension-90-P02484

·         https://www.webmd.com/baby/potential-complication-gestational-hypertension

·         https://www.acog.org/womens-health/faqs/preeclampsia-and-high-blood-pressure-during-pregnancy

·         https://www.babycenter.com/pregnancy/health-and-safety/chronic-high-blood-pressure-inpregnancy_1427404#:~:text=Gestational%20hypertension%20is%20high%20blood,during%20pregnancy%20but%20not%20preeclampsia.

No comments:

Post a Comment