Thursday, July 17, 2025

ޕަލްމަނަރީ އިޑީމާ

ޕަލްމަނަރީ އިޑީމާ

ޕަލްމަނަރީ އިޑީމާ (Pulmonary Odema) އަކީ ފުއްޕާމޭގެ އެތެރޭގައި މާގިނައިން ދިޔަ ނޫނީ ފެން ޖަމާވުމުން ދިމާވާ ޙާލަތެކެވެ. ކުރުގޮތަކަށް ބުނާނަމަ ޕަލްމަނަރީ އިޑީމާގެ މާނައަކީ ފުއްޕާމޭގައި ފެންޖަމާވެ، ފޮއްސިވެ ދުޅަވުމެވެ. އާންމުގޮތެއްގައި ފުއްޕާމޭގައި މި ދިޔަ ޖަމާވަނީ ފުއްޕާމޭގެ އެތެރޭގައި ހުންނަ ކުދި ވައިކޮތަޅުތަކުގައެވެ. މިކަމުގެ ސަބަބުން ނޭވާލާން ދަތިވެއެވެ (މެޔޯކްލިނިކް.އޯރގް، 2022).

ވަރަށް ގިނަ ފަހަރު ޕަލްމަނަރީ އިޑީމާ ކުރިމަތިވަނީ ހިތުގެ މައްސަލަ ތަކުގެ ސަބަބުންނެވެ. އެހެން ނަމަވެސް އެހެން ސަބަބުތަކާ ހުރެ ވެސް ފުއްޕާމޭގައި ދިޔަ ޖަމާވެދާނެއެވެ. މިސާލަކަށް ނިއުމޯނިޔާ ޖެހުން، ތަފާތު ވިހަތަކަށް ހުށަހެޅުން، ބައެއް ކަހަލަ ބޭސްތައް ބޭނުންކުރުން، މެޔަށް އަނިޔާއެއްވުން، އުސް ހިސާބުތަކަށް ދަތުރުކުރުން އަދި އުސް ހިސާބުތަކުގައި ކަސްރަތުކުރުން ފަދަ ކަންތައްތައް ހިމެނެއެވެ (މެޔޯކްލިނިކް.އޯރގް، 2022).  

ކުއްލިއަކަށް ކުރިމަތިވާ ޕަލްމަނަރީ އިޑީމާ އަކީ ފުރާނައަށް ނުރައްކާ ވެދާނެ އަދި ވަގުތުން ފަރުވާ ބޭނުންވާނެ ޞިއްޙީ ޙާލަތެކެވެ. ބައެއް ފަހަރު ޕަލްމަނަރީ އިޑީމާގެ ސަބަބުން މަރުވުމަކީ އެކަށީގެންވާ ކަމެކެވެ. އާންމު ގޮތެއްގައި ފަރުވާ ބަރޯސާވަނީ އިޑީމާ ކުރިމަތިވި ސަބަބަކަށެވެ. އާންމު ގޮތެއްގައި ބޭސްތަކުގެ އިތުރުން އޮކްސިޖަން ދޭންޖެހިދާނެ އެވެ (މެޔޯކްލިނިކް.އޯރގް، 2022).  


ޕަލްމަނަރީ އިޑީމާ އަކީ ފުއްޕާމޭގައި ފެން ނުވަތަ ދިޔަ ޖަމާވުމެވެ. ޕަލްމަނަރީ އިޑީމާގެ މައިގަނޑު ސަބަބަކީ ހިތުގެ މަސައްކަތް ފޭލްވުމެވެ. ނޭވާކުރުވުން ކުރިމަތިވާ މިހާލަތަކީ އަވަސް ފަރުވާ ވަގުތުން ބޭނުންވާނެ ހާލަތެކެވެ (މައި.ކްލެވެލެންޑްކްލިނިކް.އޯރގް، 2022).

ސަބަބު

ޕަލްމަނަރީ އިޑީމާ ކުރިމަތިވާ ސަބަބު ތަފާތު ވެދާނެ އެވެ. ޕަލްމަނަރީ އަޑީމާ ކުރިމަތިވުން ފެށިގެން އަންނަ ހިސާބު ނޫނީ ސަބަބަށް ރިއާޔަތްކޮށް ޕަލްމަނަރީ އިޑީމާ ދެބަޔަކަށް ބެހިގެން ދެއެވެ (މެޔޯކްލިނިކް.އޯރގް، 2022).  

·         ހިތުގެ ބައްޔެއް ނޫނީ ހިތުގެ މައްސަލައެއްގެ ސަބަބުން ޕަލްމަނަރީ އިޑީމާ ކުރިމަތިވިނަމަ ކިޔަނީ "ކާޑިއޯޖެނިކް ޕަލްމަނަރީ އިޑީމާ"(cardiogenic pulmonary edema) އެވެ. މިހާލަތުގައި ފުއްޕާމޭގައި ދިޔަ ނޫނީ ފެން ހަރުލަނީ ހިތުގައި ހުންނަ މައްސަލައެއްގެ ސަބަބުންނެވެ (މެޔޯކްލިނިކް.އޯރގް، 2022).  

·         ހިތުގެ މައްސަލައެއްގެ ސަބަބުން ނޫން ގޮތަކަށް ޕަލްމަނަރީ އިޑީމާ ކުރިމަތިވި ނަމަ ކިޔަނީ " ނޮން-ކާޑިއޯޖެނިކް ޕަލްމަނަރީ އިޑީމާ" (non-cardiogenic pulmonary edema)އެވެ (މެޔޯކްލިނިކް.އޯރގް، 2022).

·         ބައެއް ފަހަރު ހިތުގައި ހުންނަ މައްސަލައެއްގެ ސަބަބުންނާއި، އެނޫން ސަބަބެއް ހުރެގެން ވެސް (ދެކަމެއް ހުރުން) ޕަލްމަނަރީ އިޑީމާ ކުރިމަތިވެދާނެ އެވެ (މެޔޯކްލިނިކް.އޯރގް، 2022).  

ޕަލްމަނަރީ އިޑީމާ ކުރިމަތިވާ ގޮތް އޮޅުންފިލައި ދޭހަވުމަށް ހިތާއި ފުއްޕާމޭ މަސައްކަތްކުރާގޮތް އަދި މި ދެގުނަވަން އެއް ގުނަވަން އަނެއް ގުނަވަނާއި އޮންނަ ގުޅުން އެނގި ދޭހަވުމަކީ މުހިއްމު ކަމެކެވެ (މެޔޯކްލިނިކް.އޯރގް، 2022).  

ފުއްޕާމޭ މަސައްކަތްކުރާ ގޮތް

ފުއްޕާމޭގެ ތެރޭގައި ބައިވަރު ކުދި، ފަހެލި ވައިކޮތަޅު(air sac) ނޫނީ ވައިބޮކި(alveolus) ތަކެއް ހުރެއެވެ. ކޮންމެ ނޭވަޔަކާއެކު މިވައިބޮކި ތަކަށް އޮކްސިޖަން ވަދެ ނޫނީ އެތެރެވެ، އެއިން ކާބަންޑައިއޮކްސައިޑް ހަށިގަނޑުން ބޭރުކުރެއެވެ. އާންމު ގޮތެއްގައި ދުޅަހެޔޮ ފުއްޕާމެޔެއްގައި މިގޮތަށް ގޭސް ބަދަލުކުރުން ( އޮކްސިޖަން އެތެރެވެ، ކާބަންޑައިއޮކްސައިޑް ބޭރުކުރުން) މައްސަލައެއްނެތި ގަވާއިދުން ކުރިޔަށް ދާނެއެވެ (މެޔޯކްލިނިކް.އޯރގް، 2022).  

ނަމަވެސް ބައެއް ފަހަރު ވައިގެ ބަދަލުގައި ދިޔަ ނޫނީ ފެނުން މި ވައިބޮކިތައް ފުރެއެވެ. އޭގެ ސަބަބުން ވައިބޮކި ތަކަށް އޮކްސިޖަން އެތެރެވުމަށް ނޫނީ ނެގުމަށް ހުރަސްއަޅައެވެ (މެޔޯކްލިނިކް.އޯރގް، 2022).  

ހިތް މަސައްކަތްކުރާ ގޮތް

ހިތް މައިގަނޑު ގޮތެއްގައި އުފެދިފައި އިންނަނީ މަތީގައިވާ ދެބައި(upper chambers) އަދި ތިރީގައިވާ ދެ ބައި(lower chambers)ން ނެވެ. ހިތަށް އަންނަ ލޭ އެޅޭނީ މަތީ ދެބަޔަށެވެ. އެއީ ކަނާތު އެޓްރީއަމް(right atrium) އަދި ވާތު އެޓްރީއަމް(left atrium) އެވެ. އެއަށްފަހު މަތީ ދެބަޔަށް އެޅުނު ލޭ ފޮނުވަނީ ތިރީ ދެ ބަޔަށެވެ. އެއީ ހިތުގެ ކަނާތްފަޅީގައިވާ ކަނާތު ވެންޓްރިކަލް(right ventricle) އަދި ވާތްފަޅީގައިވާ ވާތު ވެންޓްރިކަލް(left ventricle) އެވެ. ހިތުން ބޭރަށް ލޭ ފޮނުވައިދެނީ ތިރީ ދެބައި މެދުވެރިކޮށެވެ.

ކަނާތު އެޓްރީއަމް(right atrium) އަކީ  ހިތް ބެހިފައިވާ 4 ބައިގެ ތެރެއިން ކަނާތް ފަރާތުން މަތީގައި އިންނަ ބައެވެ. އާންމު ގޮތެއްގައި ކަނާތު އެޓްރީއަމް އަށް ހަށިގަނޑުގެ އެކި ހިސާބުތަކުން ''އޮކްސިޖަން އެކުނުލެވޭ''(deoxygenated blood) ލޭ "އިންފީރިއާ ވީނާ ކޭވާ"(inferior vena cava) އަދި "ސްޕީރިއާ ވީނާ ކޭވާ"(superior vena cava) މެދުވެރިގެން ގެނެސް ދެއެވެ. އެއަށްފަހު އެ ލޭ (އޮކްސިޖަން އެކުނުލެވޭ ލޭ) ހިތުގެ ކަނާތް ފަރާތުގެ ދެބައިގެ ދެމެދުގައި ހިމެނޭ ވޭލް(valve) އެއް ކަމުގައިވާ "ޓްރައިކަސްޕިޑް ވޭލް"(Tricuspid valve) ހުރަސްކޮށް ހިތުގެ ކަނާތް ފަރާތުގެ ތިރީބައި ނުވަތަ ކަނާތު ވެންޓްރިކަލް(right ventricle) އަށް ފޮނުވައެވެ. އެއަށްފަހު ކަނާތު ވެންޓްރިކަލް އަށް ވާޞިލްވި ލޭ ދެން ފޮނުވާލަނީ ސެމިލޫނަރ ޕަލްމޮނަރީ ވޭލް(Semi-lunar pulmonary valve) ހުރަސްކޮށް ހިތުން ފުއްޕާމެޔަށް ލޭފޮނުވާ ލޭހޮޅީ(Pulmonary artery) ގެ ޒަރީޢާއިން ފުއްޕާމެއަށެވެ. އެއަށްފަހު ލޭ ފުއްޕާމޭގައި ދައުރުވެ، ފުއްޕާމޭގެ ކުދި ވައިކޮތަޅުތަކުގެ ތެރެއަށް ކާބަންޑައިއޮކްސައިޑް ބޭރުކޮށް، އަދި ވައިކޮތަޅުތަކުގެ ތެރެއިން އޮކްސިޖަން ލެޔާ އެއްކުރުވައެވެ. ނޫނީ ލޭގެ ތެރެއަށް އޮކްސިޖަން ފޮނުވައެވެ.

ފުއްޕާމޭގައި ލޭ އޮކްސިޖަންއާއި އެއްވެ، އޮކްސިޖަން އިން މުއްސަދި ކުރެވުނު ލޭ(oxygenated blood)  ފުއްޕާމޭ އިން ހިތަށް ލޭފޮނުވާދޭ ލޭހޮޅީ(Pulmonary vein) ގެ ތެރެއިން ގޮސް ހިތުގެ ވާތް ފަޅިން މަތީބައި ނުވަތަ ވާތު އެޓްރީއަމް(left atrium) އަށް ވާޞިލްވެއެވެ. އެއަށްފަހު މިލޭ ''މައިޓްރަލް ވޭލް''(Mitral valve) ނުވަތަ  ''ބައިކަސްޕިޑް ވޭލް''(Bicuspid valve) ހުރަސްކޮށް ހިތުގެ ވާތް ފަރާތު ތިރީބައި ނުވަތަ ވާތު ވެންޓްރިކަލް(left ventricle) އަށް ފޮނުވާލައެވެ. އެއަށްފަހު ''އެއޯޓިކް ވޭލް''(Aortic valve) ނުވަތަ ސެމިލޫނަރ އެއޯޓިކް ވޭލް(Semi-lunar aortic valve ހުރަސްކޮށް، ހިތުން ހަށިގަނޑުގެ ބައިތަކަށް ލޭ ފޮނުވައިދޭ އެންމެ ބޮޑު ލޭހޮޅި ލޭހޮޅި(Aorta)އަށް ވާޞިލްވެ، ހަށިގަނޑުގެ ބައިތަކަށް ތަފާތު ލޭހޮޅި ތަކާއި، ލޭނާރުތަކުގެ އެހީގައި ފެތުރިގެން ދެއެވެ.

 

ކާޑިއޯޖެނިކް ޕަލްމަނަރީ އިޑީމާ

ކާޑިއޯޖެނިކް ޕަލްމަނަރީ އިޑީމާ(cardiogenic pulmonary edema)  ކުރިމަތިވަނީ ހިތުގެ އެތެރޭގައި ޕްރެޝަރު މަތިވެގެންނެވެ. މިއީ ހިތުގެ މަސައްކަތް އެދެވޭގޮތަށް ނުކުރެވި ފޭލްވުމުން ކުރިމަތިވާ ކަމެކެވެ. ދެރަވެ،ބާރުދަށްވެފައިވާ، ނޫނީ މަސައްކަތް ބުރަބޮޑުވެފައިވާ ހިތުގެ ވާތްފަރާތުގެ ތިރީބައި ނުވަތަ ވާތު ވެންޓްރިކަލް އަށް ފުއްޕާމެއިން ފޮނުވާ ލޭ، ހިތުން ބޭރަށް އެކަށޭނަ ވަރަށް ނުފޮނުވޭނަމަ، ހިތަށް ބާރު ބޮޑުވެ، ހިތުގެ އެތެރޭގެ ޕްރެޝަރު މަތިވެއެވެ. ހިތުގެ އެތެރޭގައި ޕްރެޝަރު މަތިވުމުން ފުއްޕާމެއިން ހިތަށް ފޮނުވާ ލޭހޮޅިތަކުގެ ފާރު ހުރަސްކޮށް ދިޔަ ނޫނީ ފެން ފުއްޕާމޭގެ ވައިކޮތަޅުތަކަށް ނޫނީ ވައިބޮކިތަކުގެ ތެރެއަށް ދޫކުރެއެވެ (މެޔޯކްލިނިކް.އޯރގް، 2022).

ކާޑިއޯޖެނިކް ޕަލްމަނަރީ އިޑީމާ ކުރިމަތިކުރުވާ އެންމެ އާންމު ސަބަބަކީ ކަސްޖެސްޓިވް ހާޓް ފޭލިއަރ(congestive heart failure)  އެވެ. މިހާލަތުގައި ހިތުގެ ވާތްފަޅިން ހަށިގަނޑުގެ ބައިތަކަށް އެކަށޭނަ ގޮތެއްގައި ލޭ ޕަމްޕް ކޮށެއް ނުދެއެވެ. ނޫނީ ފޮނުވައެއް ނުދެއެވެ. މިހެންވުމުން ހިތުގެ ވާތްފަރާތުގައި ޖަމާވެ، ގިނަވާ ލޭ އަނބުރާ ފުއްޕާމޭގެ ތެރެއަށް ދާގޮތް ވެއެވެ. އަދި ފުއްޕާމޭގެ ތެރޭގައި ލޭހޮޅިތަކުގައި ލޭގިނަވެ، ލޭހޮޅީގެ ޕްރެޝަރު މަތިވެ، އެކަމުގެ ސަބަބުން ލޭހޮޅިން ލީކުވެ، ވައިކޮތަޅުގައި ފެން ނޫނީ ދިޔަ ޖަމާވެ، ހަރުލާގޮތް ވެއެވެ (މައި.ކްލެވެލެންޑްކްލިނިކް.އޯރގް، 2022).  

ހިތުގެ މަސައްކަތް ފޭލްވެ، ޕަލްމަނަރީ އިޑީމާ ކުރިމަތިކުރުވާ ޞިއްޙީ ހާލަތްތަކުގެ ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ.

·         ހިތުގެ ލޭހޮޅިތަކުގެ ބަލިތައް (coronary artery disease): ދުވަސްވާވަރަކަށް ހިތުގެ މަސްގަނޑަށް ލޭފޮނުވައިދޭ އާޓަރީ ތަކުގެ އެތެރޭގައި ސަރުބީ ޖަހައި، އާޓަރީގެ ލޭގެ ހިނގާ މަގު ހަނިކުރުވައެވެ. މިގޮތަށް އާޓަރީގެ އެތެރޭގެ މަގު މަޑުމަޑުން ހަނިވަމުން ދިއުމަކީ ހިތުގެ ވާތު ވެންޓްރިކަލް ގެ ބާރު ދަށްވެ ބާރުދެރަވާނެ ކަމެކެވެ. ބައެއް ފަހަރު މިގޮތަށް ހިމަވެފައިވާ އާޓަރީގެ ތެރޭގައި ގަނޑުލޭކޮޅު އުފެދެއެވެ. މިގޮތަށް ގަނޑުލޭކޮޅު އުފެދުމުން އެހިސާބަކަށް ލޭދިއުން ހުއްޓި، އެހިސާބުގެ މަސްގަނޑަށް ގެއްލުންވެ، ހާޓް އެޓޭކް ޖެހޭގޮތް ވެއެވެ. ގެއްލުންވެފައިވާ މަސްގަނޑުން އެކަށޭނަ ވަރަށް މަސައްކަތްނުކުރާތީ ކުރިން ފޮނުވަމުން ދިޔަގޮތަށް ލޭ ހިތުން ފޮނުވައިދިނުމަށް ނުކުޅެދެއެވެ (މެޔޯކްލިނިކް.އޯރގް، 2022).  

·         ހިތުގެ މަސްގަނޑަށް ދިމާވާ މައްސަލަތައް (cardiomyopathy): މީގެ މާނައަކީ ހިތުގެ މަސްގަނޑަށް އަނިޔާވުމެވެ. ނޫނީ ގެއްލުންވުމެވެ. މިހާލަތުގައި ހިތުން ލޭ ޕަމްޕުކުރާނީ ވަރަށް ބާރަށެވެ. އޭގެ ސަބަބުން ޕްރެޝަރު މަތިވާނެ އެވެ. އޭގެ ސަބަބުން ކަސްރަތުކުރުން ފަދަ ހިތް ބޮޑަށް ނޫނީ ބުރަކޮށް މަސައްކަތްކުރަންޖެހޭ ހާލަތުގައި އެގޮތަށް މަސައްކަތް ނުކުރެވޭގޮތް ވެއެވެ. މިގޮތަށް ވާތު ވެންޓްރިކަލް ބޭރުކުރަންޖެހޭ ވަރަށް ލޭ ހަށިގަނޑުގެ ބައިތަކަށް ފޮނުވަން ނުކުޅެދުމުން ލޭތައް (ދިޔަ) ތައް ފުއްޕާމެޔަށް ގޮސް ޕަލްމަނަރީ އިޑީމާ ކުރިމަތިވުމުގެ ފުރުޞަތު އޮވެއެވެ (މެޔޯކްލިނިކް.އޯރގް، 2022).  

·         ހިތުގެ ވޭލްތަކަށް ދިމާވާ މައްސަލަތައް (heart valve disease): އެއޯޓިކް ވޭލް ނޫނީ މައިޓްރަލް ވޭލް ހިމަވެ ހަނިވުން، ވޭލްއަކުން ލީކުވުން، ނޫނީ ވޭލްއެއް ރަނގަޅަށް ބަންދުނުވުން ފަދަ ކަންކަމަކީ ހިތުގެ ލޭދައުރުކުރުމަށް އަސަރުކުރުވާނެ ކަންކަމެވެ. ކުއްލިއަކަށް ވޭލްއަކުން ލީކުވާން ފެށުމަކީ އެކަމުގެ ސަބަބުން ފަހަރުގައި ވަރަށް ބޮޑަށް ޕަލްމަނަރީ އިޑީމާ ކުރިމަތިވެގެން ހިނގައިދާނެ ކަމެކެވެ (މެޔޯކްލިނިކް.އޯރގް، 2022).  

·         ލޭމައްޗަށްދިއުން (hypertension): ލޭމައްޗަށްދިއުމަށް ފަރުވާ ނުކުރެވި، ނޫނީ ކޮންޓްރޯލްނުވެ ހުރުމަކީ އެކަމުގެ ސަބަބުން ހިތުގެ ވާތްފަޅި ބޮޑުވެ، ޕަލްމަނަރީ އިޑީމާ ކުރިމަތިވުމަށް މަގުފަހިވެދާނެ ކަމެކެވެ (މެޔޯކްލިނިކް.އޯރގް، 2022).  

·         އެހެނިހެން ހިތުގެ މައްސަލަތައް : ހިތުގެ މަސްގަނޑު ދުޅަވުން، އުފެދުމުގައި ހުންނަ ހިތުގެ ޢައިބުތައް، ހިތުގެ ވަށައިގެންވާ ދުލީގައި ފެންހަރުލުން އަދި ހިތުވިންދުގެ ތަރުތީބު ގެއްލުން ފަދަ ކަންކަމުގެ ސަބަބުން ވެސް ޕަލްމަނަރީ އިޑީމާ ކުރިމަތި ކުރުވައެވެ (މެޔޯކްލިނިކް.އޯރގް، 2022).  

·         ގުރުދާގެ ބަލިތައް (kidney disease): ގުރުދާގެ އާޓަރީ ހިމަވެ ހަނިވުމުން ކުރިމަތިވާ ލޭމައްޗަށްދިއުން އަދި ގުރުދާގައި ދިޔަ ނޫނީ ފެންޖަމާވުން ފަދަ ކަންކަމާއި ގުޅިގެން ޕަލްމަނަރީ އިޑީމާ ކުރިމަތިވެދާނެ އެވެ (މެޔޯކްލިނިކް.އޯރގް، 2022).  

·         އެހެނިހެން ދާއިމީ ޞިއްޙީ މައްސަލަތައް : ތައިރޮއިޑްގެ ބަލިތައް ، ހަށިގަނޑުގައި ދަގަނޑުހަރުލުން، ހަށިގަނޑުގައި "އަމައިލޮއިޑް" ކިޔާ ޕްރޮޓީން ހަރުލުން ފަދަ ހާލަތްތަކާއި ގުޅިގެން ހިތުގެ މަސައްކަތްތައް ދަށްވެ، ފޭލްވެ، ޕަލްމަނަރީ އިޑީމާ ކުރިމަތިވުމުގެ ހިރާސް އިތުރުވެއެވެ (މެޔޯކްލިނިކް.އޯރގް، 2022).

ނޮން-ކާޑިއޯޖެނިކް ޕަލްމަނަރީ އަޑީމާ

ނޮން-ކާޑިއޯޖެނިކް ޕަލްމަނަރީ އިޑީމާ(non-cardiogenic pulmonary edema)  އަކީ ހިތުގެ އެތެރޭގެ ޕްރެޝަރު މަތިވުން ނޫން ސަބަބަކާހުރެ މެދުވެރިވާ ޕަލްމަނަރީ އިޑީމާ އެވެ (މެޔޯކްލިނިކް.އޯރގް، 2022). މިވައްތަރުގެ ޕަލްމަނަރީ އިޑީމާ ކުރިމަތިވަނީ ފުއްޕާމޭގެ ލޭހޮޅިތައް ދުޅަވެ، އަނިޔާވެ، ގެއްލުންވުމުންނެވެ. މިހެންވުމުން ލޭހޮޅިތަކުން ލީކުވެ، ވައިކޮތަޅުތަކުގެ ތެރެއަށް ދިޔަ ނޫނީ ފެން ދާގޮތް ވެއެވެ (މައި.ކްލެވެލެންޑްކްލިނިކް.އޯރގް، 2022).  

ނޮން-ކާޑިއޯޖެނިކް ޕަލްމަނަރީ އިޑީމާ ކުރިމަތިކުރުވާ ސަބަބުތަކުގެ ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ (މެޔޯކްލިނިކް.އޯރގް، 2022).

·         އެކިޔުޓް ރެސްޕިރޭޓަރީ ޑިސްޓްރެސް ސިންޑްރޯމް (acute respiratory distress syndrome): މިނުރައްކާތެރި ހާލަތު ކުރިމަތިވަނީ ކުއްލިއަކަށް ދިޔަ ނޫނީ ފެނުން ފުއްޕާމޭ ފުރުމުންނެވެ. ކުއްލިއަކަށް ފުއްޕާމޭގައި ފެން ހަރުލުމުންނެވެ. އެކިޔުޓް ރެސްޕިރޭޓަރީ ޑިސްޓްރެސް ސިންޑްރޯމް ކުރިމަތިވުމަށް މެދުވެރިވާ ސަބަބުތަކުގެ ތެރޭގައި ފުއްޕާމެޔަށް ވަރަށް ބޮޑަށް އަނިޔާވުން، ލޭގައި ޖަރާސީމު ހެދުން، ފުއްޕާމޭގައި ޖަރާސީމު އަޅައި ނިއުމޯނިޔާ ކުރިމަތިވުން ، އަދި ވަރަށް ބޮޑަށް ހަށިގަނޑުން ލޭފޭބުން ފަދަ ހާލަތްތައް ހިމެނެއެވެ (މެޔޯކްލިނިކް.އޯރގް، 2022). މީގެ އިތުރުން ޗިސްމޭ ދުޅަވުން، ފުރަމޭގެ ބަލިތައް، ސިކުނޑިއަށް ލޭއެޅުން ފަދަ ކަންކަމުގެ ސަބަބުން ވެސް އެކިޔުޓް ރެސްޕިރޭޓަރީ ޑިސްޓްރެސް ސިންޑްރޯމް ކުރިމަތިވެދާނެ އެވެ. ބައެއް ފަހަރު ނޮން-ކާޑިއޯޖެނިކް ޕަލްމަނަރީ އިޑީމާ އަށް "އެކިޔުޓް ރެސްޕިރޭޓަރީ ޑިސްޓްރެސް ސިންޑްރޯމް" އޭ ވެސް ކިޔައެވެ (މައި.ކްލެވެލެންޑްކްލިނިކް.އޯރގް، 2022).   

·         ބޭހެއް ބޭނުންކުރުން ނޫނީ މަސްތުވާ ތަކެތި ބޭނުންކޮށްގެން އޯވަޑޯޒްވުން : އެސްޕިރިން މާގިނައިން ބޭނުންކުރުން، މަސްތުވާތަކެތި މިސާލަކަށް ހެރޮއިން، ކޮކެއިން ފަދަ މަސްތުވާތަކެތި ބޭނުންކޮށް އޯވަޑޯޒްވުމަކީ ޕަލްމަނަރީ އިޑީމާ ކުރިމަތިކުރުވައިފާނެ ކަމެކެވެ (މެޔޯކްލިނިކް.އޯރގް، 2022).  

·         ފުއްޕާމޭގައި ގަނޑުލޭކޮޅެއް އުފެދުން ނޫނީ ތާށިވުން (blood clot in lungs): ފައިގައި އުފެދޭ ގަނޑުލޭކޮޅު ލޭގައި ދައުރުވަމުން ގޮސް ފުއްޕާމެޔަށް ވާޞިލްވުމަކީ ޕަލްމަނަރީ އިޑީމާ ކުރިމަތިވުމަށް މެދުވެރިވެދާނެ ސަބަބެކެވެ (މެޔޯކްލިނިކް.އޯރގް، 2022).  

·         ބައެއް ކަހަލަ ވިހަތަކަށް ހުށަހެޅުން : ބައެއް ކަހަލަ ވިހަތަކަށް ހުށަހެޅުން، ހޮޑުލުމުގެ ތެރޭގައި ހޮޑު ފުއްޕާމެޔަށް އެޅުން ނޫނީ ނޭވާހިނގާ މަގަށް އެޅުމަކީ ނޭވާހިނގާ މަގު ހިލިގަނެ، ފުއްޕާމޭގައި ފެން ހަރުލުމަށް މަގުފަހިވާނެ ކަމެކެވެ (މެޔޯކްލިނިކް.އޯރގް، 2022).  

·         އުސް ހިސާބެއްގައި ދިރިއުޅުން (high altitude): ފަރުބަދަތަކަށް އަރާމީހުން، އުސްތަންތަނަށް އަރާމީހުން، ސްކައިކުރާމީހުން މިނޫނަސް އުސް ހިސާބުތަކަށް  (800 ފޫޓަށްވުރެ އުހަށް) އަރާ މީހުންގެ ފުށުން ޕަލްމަނަރީ އިޑީމާ ކުރިމަތިވާކަން ފާހަގަ ކުރެވިފައި ވެއެވެ. މިގޮތަށް ގިނަ ފަހަރު ދިމާވަނީ އާދަކޮށް އުހަށް އަރައި ނޫޅޭ މީހުން ކުއްލިއަކަށް (ހަށިގަނޑު އުހަށް އެރުމަށް ހޭނުމަށް ފަރިތަކުރުމަކާ ނުލައި) އުހަށް ނޫނީ އުސް ހިސާބަކަށް އަރާނަމަ އެވެ. ނޫނީ އަރައިފިނަމަ އެވެ. ނަމަވެސް އުސް ހިސާބުތަކުގައި އުޅޭ މީހުންނަށް ވެސް ނޭވާލާ ނިޒާމުގެ ބައްޔެއް ނޫނީ އިންފެކްޝަން ކުރިމަތިވެއްޖެނަމަ ފަހަރުގައި ޕަލްމަނަރީ އިޑީމާ ކުރިމަތިވެދާނެ އެވެ (މެޔޯކްލިނިކް.އޯރގް، 2022).  

·         ލޮނު ނޫނީ ފެން ފުއްޕާމެޔަށް އެޅުން ނޫނީ ގެނބުން (near drowning): ލޮނުބޮވުން ނޫނީ ފެން، ލޮނު ފަދަ އެއްޗެއް ގެނބިގެން ނަމަވެސް ފުއްޕާމެޔަށް އެޅުމަކީ ފުއްޕާމޭގައި ދިޔަ ޖަމާވެ، ޕަލްމަނަރީ އިޑީމާ ކުރިމަތިވެދާނެ ކަމެކެވެ (މެޔޯކްލިނިކް.އޯރގް، 2022).   

·         ނާރުގެ މައްސަލަތަކާއި، ނާރުގެ އޮޕަރޭޝަންތައް : ނާރުގެ މައްސަލަތައް މިސާލަކަށް ބޮލަށް ލިބޭ އަނިޔާ، ފިޓުޖެހުން ނޫނީ ސިކުނޑީގެ އޮޕަރޭޝަނަކަށް ފަހު ކުރިމަތިވާ އިޑީމާ އަށް "ނިއުރޯޖެނިކް ޕަލްމަނަރީ އިޑީމާ" ކިޔައި އުޅެއެވެ (މެޔޯކްލިނިކް.އޯރގް، 2022).  

·         ވިހަ ދުންތައް ނޭވަޔާއެކު އެތެރެވުން (smoke inhalation): ތަފާތު ވިހަ ކެމިކަލްތައް އެކުލެވޭ ދުމުން ފުއްޕާމޭގެ އެތެރޭގައި ހުންނަ ވައިބޮކިތަކާއި، ފުއްޕާމޭގެ ތެރޭގައި ހުންނަ އެންމެ ކުދި ލޭހޮޅިތަކާއި ދެމެދުގައިވާ ދުލިފަށަލަ އަށް ގެއްލުން ވެއެވެ. މިކަމުގެ ސަބަބުން ފުއްޕާމޭގެ ތެރެއަށް ދިޔަ ދިއުމަށް މަގުފަހިވެއެވެ. ނޫނީ ވައިކޮތަޅުތަކުގައި ދިޔަ އަށަގަތުމަށް މަގުފަހިވެއެވެ (މެޔޯކްލިނިކް.އޯރގް، 2022).  

·         ލޭއެޅުމާއި – ގުޅިގެން ފުއްޕާމެޔަށް ލިބޭ ގެއްލުން (transfusion-related lung injury): ލޭއެޅުމަކީ ހިތުގެ ވާތު ވެންޓްރިކަލް (ވާތް ފަޅިން ތިރީބައި) ގައި މާގިނައިން ދިޔަ ޖަމާވެ، އެކަމުގެ ސަބަބުން ޕަލްމަނަރީ އިޑީމާ އަށް މަގުފަހިވެދާނެ ކަމެކެވެ (މެޔޯކްލިނިކް.އޯރގް، 2022).

·         ވައިރަހުން ޖެހޭ ބަލިތައް (viral illness): ވައިރަހުން ޖެހޭ ބަލިތައް މިސާލަކަށް ޑެންގީ ވައިރަހުންޖެހޭ ޑެންގީ ހުން އަދި ހަންޓާވައިރަސް އިން ޖެހޭ ވައިރަލް އިންފެކްޝަންގެ ސަބަބުން ޕަލްމަނަރީ އިޑީމާ ކުރިމަތިވެދާނެ އެވެ (މެޔޯކްލިނިކް.އޯރގް، 2022).  

·         ނެގެޓިވް ޕްރެޝަރ ޕަލްމަނަރީ އިޑީމާ (negative pressure pulmonary edema): ނޭވާހިނގާމަގުގެ މަތީ ބައި ހަނިވެ ހިމަވެ، ބެދިފައި ވަނިކޮށް އެހަނި މަގުން ނޭވާލާން މަސައްކަތްކުރުމުން ފުއްޕާމޭގެ ތެރޭގައި ނައްސި ޕްރެޝަރެއް އުފެދެއެވެ (މެޔޯކްލިނިކް.އޯރގް، 2022).  އަދި ފުއްޕާމޭގެ ލޭހޮޅިތަކަށް ގެއްލުންވެ، ލޭހޮޅިތަކުން ވައިކޮތަޅުތަކަށް ދިޔަ ލީކުވެއެވެ (މައި.ކްލެވެލެންޑްކްލިނިކް.އޯރގް، 2022). އެދެވޭ ފަރުވާ ދެވިއްޖެނަމަ، މިވައްތަރުގެ ޕަލްމަނަރީ އިޑީމާ 24 ގަޑިއިރުގެ ތެރޭގައި ރަނގަޅުވެދެއެވެ (މެޔޯކްލިނިކް.އޯރގް، 2022).  

މޫދު ހަރަކާތަކުން ދިމާވެދާނެ ޕަލްމަނަރީ އިޑީމާ

މޫދު ހަރަކާތަކުން ދިމާވެދާނެ ޕަލްމަނަރީ އެޑީމާ އަކީ އިމާރޝަން ޕަލްމަނަރީ އިޑީމާ(immersion pulmonary edema) ނުވަތަ ސްވިމިންގ އިންޑިއުސްޑް ޕަލްމަނަރީ އިޑީމާ(swimming induced pulmonary edema)  އެވެ. މިއީ ފެތުން، ފީނުން ފަދަ ކަންކަން ކުރާމީހުންގެ ފުއްޕާމޭގެ ކުދި ލޭހޮޅިތައް ފަޅައިގެން ގޮސް، ފުއްޕާމެޔަށް ގެއްލުންވުމުން ކުރިމަތިވާ ޙާލަތެކެވެ. ފީނާއިރު، ބަނޑު އަދި ފައިން ލޭ ފުއްޕާމެޔަށް ފޮނުވައެވެ. މިގޮތަށް ފުއްޕާމެޔަށް އިތުރަށް ލޭލިބުމަކީ ފުއްޕާމޭގެ ލޭހޮޅިތަކުގެ ޕްރެޝަރު އިތުރުކުރާނެ ކަމެކެވެ. އޭގެ ސަބަބުން ލޭހޮޅިތަކުން ލީކުވެ، ފުއްޕާމޭގެ ވައިކޮތަޅު ތަކުގެ ތެރެއަށް ދިޔަ ނޫނީ ފެން ދާގޮތް ނޫނީ ވައިކޮތަޅުތަކުގައި ފެންހަރުލާގޮތް ވެއެވެ (މައި.ކްލެވެލެންޑްކްލިނިކް.އޯރގް، 2022).

މަގުފަހިކުރާ ކަންތައްތައް

ހިތުގެ މަސައްކަތް ދަށްވެ، ހިތުގެ މަސައްކަތްތައް ފޭލްވުމާއި، ހިތުގެ އެތެރޭގެ ޕްރެޝަރު މަތިކުރާ އެހެން ހާލަތްތަކުގެ ސަބަބުން ޕަލްމަނަރީ އިޑީމާ ކުރިމަތިވުމުގެ ހިރާސް އިތުރު ކުރުވައެވެ. ހިތުގެ މަސައްކަތް ދަށްވެ، ހިތުގެ މަސައްކަތްތައް ފޭލްވުމަށް މަގުފަހިކުރާ ކަންތައްތަކުގެ ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ (މެޔޯކްލިނިކް.އޯރގް، 2022).  

·         ހިތުގެ ވިންދުގެ ތަރުތީބު ގެއްލުން

·         ބަނގުރާ ބޭނުންކުރުން

·         އުފެދުމުގައި ހުންނަ ހިތުގެ މައްސަލަތައް

·         ހިތުގެ ލޭހޮޅިތަކުގެ ބަލިތައް

·         ހިތުގެ ވޭލްތަކުގެ ބަލިތައް

·         ހަކުރުބަލި

·         ލޭމައްޗަށްދިއުން

·         ނިދީގައި ނޭވާހުއްޓުން

މީގެ އިތުރުން ނާރުތަކުގެ މައްސަލަތައް، މަސްތުވާ ތަކެތި ބޭނުންކުރުން، ގެނބުން ނުވަތަ ލޮނުބޮވިގެން ފުއްޕާމެޔަށް ގެއްލުންވުން، ވައިރަހުން ޖެހޭ ބަލިތައް ، ވިހަ ދުންތައް ފުއްޕާމެޔަށް އެތެރެވުން އަދި ފުއްޕާމޭގައި ގަނޑުލޭކޮޅު އުފެދުން ފަދަ ކަންކަމަކީ ވެސް ޕަލްމަނަރީ އިޑީމާ ކުރިމަތިވުމުގެ ހިރާސް އިތުރުކުރާ ކަންތައްތަކެވެ (މެޔޯކްލިނިކް.އޯރގް، 2022).  

 

އުސް ހިސާބުތަކަށް ދަތުރުކޮށްއުޅޭ ނޫނީ ދިރިއުޅޭ ޚާއްޞަކޮށް 8000 ފޫޓަށްވުރެ (2400 މީޓަރަށްވުރެ) އުސް ހިސާބުތަކުގައި ދިރިއުޅޭ ނޫނީ ދަތުރުކޮށް އުޅޭ މީހުންނަށް ޕަލްމަނަރީ އިޑީމާ ކުރިމަތިވުމުގެ ހިރާސް ބޮޑެވެ. އާންމު ގޮތެއްގައި މިފަދަ ހާލަތާ ގުޅިގެން ޕަލްމަނަރީ އިޑީމާ ކުރިމަތިވަނީ އުސް ހިސާބުތަކަށް އެރުމަށް އާދަވެފައި ނުވާ މީހަކު ކުއްލިއަކަށް ހުރެފައި އުސް ހިސާބަކަށް ދާނަމަ ނުވަތަ އަރާނަމަ އެވެ. ނޫނީ އެފަދަ ގޮތަކަށް އުސް ހިސާބަކަށް އެރުމުންނެވެ. އުފެދުމުގައި ހިތުގެ މައްސަލަތައް ހުންނަ ކުދިންނާއި، ޕަލްމަނަރީ ހައިޕަޓެންޝަން ހުންނަ ކުދިންނަށް އުސް ހިސާބުތަކަށް އެރުމުން ޕަލްމަނަރީ އިޑީމާ ކުރިމަތިވުމުގެ ހިރާސް އިތުރުކަން ފާހަގަ ކުރެވެއެވެ (މެޔޯކްލިނިކް.އޯރގް، 2022).  

އަލާމާތްތައް

ޕަލްމަނަރީ އިޑީމާ ގެ އަލާމާތްތައް ކުއްލިއަކަށް ކުރިމަތިވެދާނެ އެވެ. ނޫނީ މަޑުމަޑުން ފެންނަމުން ހިނގައިދާނެއެވެ. އަލާމާތްތައް ބަރޯސާވަނީ ޕަލްމަނަރީ އިޑީމާގެ ވައްތަރަށެވެ (މެޔޯކްލިނިކް.އޯރގް، 2022).  

(ހ) ކުއްލިއަކަށް ކުރިމަތިވާ ޕަލްމަނަރީ އިޑީމާ(sudden/acute pulmonary edema) ގެ އަލާމާތްތައް

·         ނޭވާކުރުވެ، ނޭވާލާން ދަތިވުން : ޚާއްޞަކޮށް ކަމެއްކޮށްލުމުން ވަރަށް ބޮޑަށް ނޭވާކުރުވެ އެވެ. ނޫނީ އޮށޯވެ އޮންނަ އިރު ވެސް ނޭވާކުރުވެއެވެ.

·         ނޭވާ ހާސްވާން އުޅޭހެން ނޫނީ ގެނބެން އުޅޭ ކަހަލަ އިހުސާސެއްވުން : މިއިހުސާސް އޮށޯތުމުން ވަކިން ބޮޑަށް ގޯސްވެއެވެ.

·         ކެއްސާފައި ވަރަށް ބޮޑަށް އޮލަކޮށް ހުންނަ އަރިދަފުސް އައުން : މިއަރިދަފުހާއެކު ބައެއް ފަހަރު ނޫނީ ފަހަރުގައި ލޭ ހުރެދާނެ އެވެ.

·         ހިތުގެ ވިންދުގެ ތަރުތީބު ގެއްލި ވިންދު އަވަސްވުން ނުވަތަ މޭތެޅުން

·         ހާސްވެ ކަންބޮޑުވެ ނުތަނަވަސްވުން

·         ހަންގަނޑު ފިނިވުން

·         ނޭވާލާއިރު ތޫލިއަޑުހުރުން އަދި ފުންކޮށް ކުރުކުރުކޮށް ނޭވާލުން (މެޔޯކްލިނިކް.އޯރގް، 2022).

·         މޭގައި ރިހުން (މައި.ކްލެވެލެންޑްކްލިނިކް.އޯރގް، 2022).

(ށ) ދިގުމުއްދަތަށް ދެމިގެންދާ ނޫނީ ދެމިހުންނަ ޕަލްމަނަރީ އިޑީމާ(Long-term/chronic pulmonary edema) ގެ އަލާމާތްތައް

·         ކެއްސައި، ނޭވާކުރުވާ ކަހަލަ އިހުސާސެއްވެ ރޭގަނޑު ހޭލެވުން : ތެދުވެ އިށީނުމުން މި އިހުސާސް ނޫނީ އުދަނގޫ ރަނގަޅުވެއެވެ.

·         ކަމެއްކޮށްލުމުން ނޫނީ އޮށޯތުމުން ނޭވާކުރުވުން

·         ވަރުބަލިވެ ވާޅުވުން

·         ކަސްރަތެއް ކޮށްލުމުން މާބޮޑަށް ނޫނީ މާގިނައިން ނޭވާކުރުވުން

·         ކުރިން ނުހުންނަ ކެއްސުމެއް ހުރުން ނޫނީ ކުރިން ކެއްސުމެއް އިތުރަށް ގޯސްވުން

·         ކުއްލިއަކަށް ބަރުދަން އިތުރުވުން

·         ފަޔާއި ފައިތިލަ ފޮއްސިވެ ދުޅަވުން

·         ނޭވާލާއިރު ތޫލިއަޑުހުރުން (މެޔޯކްލިނިކް.އޯރގް، 2022).

(ނ) އުސް ހިސާބުތަކުގައި އުޅޭއިރު ކުރިމަތިވާ ޕަލްމަނަރީ އިޑީމާ(high-altitude pulmonary edema) ގެ އަލާމާތްތައް

މިއީ އުސް ހިސާބުތަކަށް ދަތުރުކޮށްއުޅޭ ބޮޑެތި މީހުންނާއި، ކުޑަކުދިންނަށް ނޫނީ އުސް ހިސާބުތަކުގައި ކަސްރަތުކޮށް އުޅޭ މީހުންނަށް ކުރިމަތިވެދާނެ ޕަލްމަނަރީ އިޑީމާ އެވެ (މެޔޯކްލިނިކް.އޯރގް، 2022). ނުވަތަ ފަރުބަދައެއް ފަދަ އުސް ތަނަކަށް ކުއްލިއަކަށް ، ނޫނީ ވަރަށް އަވަހަށް ( މަޑުކުރުމެއްނެތި) ހަލުވި ބާރުމިނުގައި އެރުމުން ދިމާވެދާނެ ޕަލްމަނަރީ އިޑީމާ އެވެ. މިއީ ވަކި އުސްމިނަކަށްވުރެ މަތީގައި އޮކްސިޖަންގެ މިންވަރު ދަށްވުމުން ކުރިމަތިވާ "މައުންޓެއިން ސިކްނެސް"(mountain sickness) ގެ ނުރައްކާތެރި ވައްތަރެކެވެ. މިވައްތަރުގެ ޕަލްމަނަރީ އިޑީމާގެ ސަބަބުން ވަރުބަލިވެ، ވަރުދެރަވެ، ނޭވާކުރުވެދާނެ އެވެ. މެޔަށްވާންވެ، ރިއްސައި ކެއްސައިފާނެ އެވެ. މިއީ އަވަސް ފަރުވާ ވަގުތުން ދޭންޖެހޭ އަދި ފުރާނައަށް ނުރައްކާވެދާނެ ހާލަތެކެވެ. މިހާލަތުގައި ވީއެންމެ އަވަހަކަށް ތިރި ހިސާބަކަށް ގޮސް، ފަރުވާ ހޯދުމަކީ މުހިއްމު ކަމެކެވެ (މައި.ކްލެވެލެންޑްކްލިނިކް.އޯރގް، 2022).  

މިވައްތަރުގެ ޕަލްމަނަރީ އިޑީމާ ގައި ފެނިދާނެ އަލާމާތްތައް ތިރީގައި މިވަނީ އެވެ (މެޔޯކްލިނިކް.އޯރގް، 2022).  

·         ބޮލުގައި ރިހުން: މިއީ މިވައްތަރުގެ ޕަލްމަނަރީ އަޑީމާގައި ފެނިދާނެ ފުރަތަމަ އަލާމާތަށް ވެދާނެ އެވެ.

·         ކަމެއްކޮށްލުމުން ނޭވާކުރުވެފައި އަރާމުކޮށްލަށް އޮންނައިރު ވެސް ނޫނީ ކަމެއް ނުކޮށް ހުންނަ އިރު ވެސް ނޭވާކުރުވުން

·         ކަސްރަތުކުރަން އުދަނގޫވުން

·         ހިކި ކެއްސުމެއް ފުރަތަމަ ވެސް ފާހަގަވުން

·         އެއަށްފަހު ކެއްސާފައި ވަރަށް ބޮޑަށް އޮލަކޮށް ހުންނަ އަރިދަފުސް އައުން : މިއަރިދަފުހާއެކު ބައެއް ފަހަރު ނޫނީ ފަހަރުގައި ލޭ ހުރެދާނެ އެވެ.

·         ހިތުގެ ވިންދު އަވަސްވުން ނޫނީ މޭތެޅުން

·         ވަރުދެރަވުން

·         މޭގައި ރިހުން

·         މަޑު ހުމެއް ހުރުން (މެޔޯކްލިނިކް.އޯރގް، 2022).

އުސް ހިސާބުތަކުގައި އުޅޭއިރު ކުރިމަތިވާ ޕަލްމަނަރީ އިޑީމާ ގެ އުދަނގޫތައް ބޮޑަށް ގޯސްވަނީ ރޭގަނޑުގެ ވަގުތުތަކުގައެވެ (މެޔޯކްލިނިކް.އޯރގް، 2022).  

ނުރައްކާތައް

ޕަލްމަނަރީ އިޑީމާ އާއި ގުޅިގެން ކުރިމަތިވާ ނުރައްކާތައް ބަރޯސާވަނީ އެކަން މެދުވެރިވި ސަބަބަށެވެ (މެޔޯކްލިނިކް.އޯރގް، 2022).   

އާންމު ގޮތެއްގައި ޕަލްމަނަރީ އިޑީމާ ރަނގަޅުނުވެ ދެމިހުރެއްޖެނަމަ، ޕަލްމަނަރީ އާޓަރީގެ އެތެރޭގެ ޕްރެޝަރު މަތިވެ، ޕަލްމަނަރީ ހައިޕަޓެންޝަން ކުރިމަތިވާނެ އެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ހިތުގެ މަސައްކަތްތައް ދަށްވެ، ހިތުގެ މަސައްކަތް ފޭލްވުމާއި ދިމާލަށް ދެއެވެ. އަދި ހިތާއި، ފުއްޕާމޭގެ އެތެރޭގެ ޕްރެޝަރު މަތިވެގެން ދެއެވެ (މެޔޯކްލިނިކް.އޯރގް، 2022).   

ޕަލްމަނަރީ އިޑީމާ އާއި ގުޅިގެން ދިމާވެދާނެ ނުރައްކާތައް ތިރީގައި މިވަނީ އެވެ.

·         ނޭވާލާން އުދަނގޫވުން

·         ފައި، ފައިތިލަ، ބަނޑު ފުއްޕައި ފޮއްސިވެ، ދުޅަވުން

·         ފުއްޕާމޭގެ ވަށައިގެންވާ ދުލީގައި ފެންހަރުލުން

·         ފުރަމޭ ފުއްޕައި ދުޅަވުން (މެޔޯކްލިނިކް.އޯރގް، 2022). 

ކުއްލިއަކަށް ކުރިމަތިވާ ޕަލްމަނަރީ އިޑީމާ އަށް ފުރާނަ ސަލާމަތް ކުރުމަށްޓަކައި ވީއެންމެ އަވަހަށް ފަރުވާ ދިނުމަކީ ކޮންމެހެން ކުރަންޖެހޭނެ ކަމެކެވެ (މެޔޯކްލިނިކް.އޯރގް، 2022).   

ދެނެގަތުން

ނޭވާލާން ދަތިވުމާއި ގުޅިގެން ކުރިމަތިވާ މައްސަލަތަކަކީ ވީއެންމެ އަވަހަށް ދެނެގަނެ، ފަރުވާ ބޭނުންވާނެ ކަންކަމެވެ. ޕަލްމަނަރީ އިޑީމާ ދެނެގަތުން ބަރޯސާވަނީ ބައްޔާއި ގުޅިގެން ފެންނަ އަލާމާތްތަކާއި، ބަލިމީހާގެ ހަށިގަނޑު ބަލާ ބެލުންތަކުން ފާހަގަވާ ކަންކަމާއި އަދި ހެދޭ ޓެސްޓުތަކުން ފެންނަ ނަތީޖާ ތަކަށެވެ. އެގޮތުން އެންމެ ފުރަތަމަ ދޭންޖެހޭ ފަރުވާ ދިނުމަށްފަހު، ބަލިމީހާ ޞިއްޙަތު މާޒީގައި ހުރިނެތްގޮތް، ހިތުގެ ނޫނީ ފުއްޕާމޭގެ ބައްޔެއް ހުރިކަން ނުވަތަ ނޫންކަން އަހައި އޮޅުން ފިލުވާނެއެވެ (މެޔޯކްލިނިކް.އޯރގް، 2022). 

ޕަލްމަނަރީ އިޑީމާ ހުރިކަން ދެނެގަތުމަށް ހެދޭ ބައެއް ޓެސްޓުތައް ތިރީގައި މިވަނީ އެވެ (މެޔޯކްލިނިކް.އޯރގް، 2022). 

·         ފުއްޕާމޭގެ އެކްސްރޭ ނެގުން(chest x ray): ފުއްޕާމޭގެ އެކްސްރޭ ގެ އެހީގައި ޕަލްމަނަރީ އިޑީމާ ހުރިކަން ކަށަވަރު ކުރެވޭނެ އެވެ. އަދި ނޭވާކުރުވަން ދިމާވާ އެހެން ސަބަބުތައް ވެސް ދެނެގަނެވޭނެ އެވެ. ޕަލްމަނަރީ އިޑީމާ ހުރިކަމަށް ޝައްކުވާ ހިސާބުން ފުރަތަމަ ހެދޭ ޓެސްޓަކީ ފުއްޕާމޭގެ އެކްސްރޭ ނެގުމެވެ (މެޔޯކްލިނިކް.އޯރގް، 2022).   

·         ފުއްޕާމޭގެ ސީޓީ ސްކޭން ހެދުން(CT lung): ފުއްޕާމޭގެ ސީޓީ ސްކޭންގެ އެހީގައި ފުއްޕާމޭގެ ހާލަތު ތަފްޞީލުކޮށް ދެނެގަނެވޭނެ އެވެ. ސީޓީ ސްކޭންގެ އެހީގައި ވެސް ޕަލްމަނަރީ އިޑީމާ ހުރިކަން ނުވަތަ ނޫންކަން ދެނެގަނެވޭނެ އެވެ. ނޫނީ ޔަގީންކުރެވޭނެ އެވެ (މެޔޯކްލިނިކް.އޯރގް، 2022).   

·         ޕަލްސް އޮކްސިމެޓްރީ (pulse oximetry): ޕަލްސް އޮކްސިމެޓްރީ އަކީ އިގިލީގެ ކޮޅަށް ކުޑަ ޑިވައިސް އެއް ލައްވައިގެން ނޫނީ ހަރުކޮށްގެން ހެދޭ ޓެސްޓެކެވެ. މިޓެސްޓުގެ އެހީގައި ލޭގައި އޮކްސިޖަން ހުރި މިންވަރު ދެނެގަނެވޭނެ އެވެ (މެޔޯކްލިނިކް.އޯރގް، 2022).   

·         އާޓެރިއަލް ބްލަޑް ގޭސް ޓެސްޓު(arterial blood gas test): މިއީ އަތުކުރީގައި ހިމެނޭ ސާފުލޭ ދައުރުވާ ލޭހޮޅި ނޫނީ އާޓަރީ އިން ލޭ ނަގައިގެން ހެދޭ ލޭގެ ޓެސްޓެކެވެ.މިޓެސްޓުގެ އެހީގައި ލޭގައި އޮކްސިޖަން އަދި ކާބަންޑައިއޮކްސައިޑް ހުރި މިންވަރު ދެނެގަނެވޭނެ އެވެ (މެޔޯކްލިނިކް.އޯރގް، 2022).   

·         ބީޓައިޕް ނެޓްރިޔުރެޓިކް ޕެޕްޓައިޑް ބްލަޑް ޓެސްޓު(b-type natriuretic peptide blood test) : ބީޓައިޕް ނެޓްރިޔުރެޓިކް ޕެޕްޓައިޑް ލޭގައި މަތިވުމަކީ ހިތުގެ މައްސަލައެއް ހުރިކަމުގެ ސިގުނަލެކެވެ (މެޔޯކްލިނިކް.އޯރގް، 2022). 

·         އެހެނިހެން ލޭގެ ޓެސްޓުތައް: ޕަލްމަނަރީ އިޑީމާ އަށް ޝައްކުވާނަމަ އިތުރަށް ހަދައިފާނެ ޓެސްޓުތަކުގެ ތެރޭގައި ކޮމްޕްލީޓް ބްލަޑް ކައުންޓް، ގުރުދާ މަސައްކަތްކުރާގޮތް ދެނެގަތުމަށް ހެދޭ ޓެސްޓު، އަދި ތައިރޮއިޑް މަސައްކަތްކުރާގޮތް ދެނެގަތުމަށް ހެދޭ ޓެސްޓު ހިމެނެއެވެ (މެޔޯކްލިނިކް.އޯރގް، 2022).   

·         އީސީޖީ ހެދުން (ECG): އީސީޖީ ގެ އެހީގައި ހިތުގެ ވިންދުގެ ބާރު، އަދި ވަގުތު ދެނެގަނެވެއެވެ. ނޫނީ ރިކޯޑް ކުރެވެއެވެ. އީސީޖީގެ އެހީގައި ހިތުގެ ފާރު ބޯވެފައިހުރުން، ހާޓްއެޓޭކްޖެހުން، ފަދަ ކަންކަމުގެ ނިޝާންތައް ދެނެގަނެވޭނެ އެވެ. މެދުނުކެނޑި ގޭގައި ހުރެގެން ވެސް ހިތުގެ ވިންދު މޮނީޓަރ ކުރެވޭ ޕޯޓަބަލް އީސީޖީ ޑިވައިސް ނުވަތަ ހޯލްޓަރ މޮނީޓަރ ފަދަ ތަކެތި މިހާރު ފަސޭހަ ކަމާއެކު ގޭގައި ވެސް ބޭނުންކުރެވިދާނެ އެވެ (މެޔޯކްލިނިކް.އޯރގް، 2022).   

·         އީކޯ ކާޑިއޯގްރާމް ހެދުން(echocardiogram): އީކޯކާޑިއޯގްރާމް ޓެސްޓުގައި އަޑުގެ ރާޅުބާނި ތައް ބޭނުންކޮށްގެން ހިތުގެ ތަސްވީރެއް ކުރަހަލާއެވެ. މިޓެސްޓުގެ އެހީގައި ހިތުގައި ލޭހިނގުން ދަށް ހިސާބުތައް، ހިތުގެ ވޭލްތަކުގެ މައްސަލަތައް، އަދި ހިތުގެ މަސްގަނޑުން ރަނގަޅަށް މަސައްކަތް ނުކުރާ ހިސާބު ދެނެގަނެވޭނެ އެވެ. އީކޯކާޑިއޯގްރާމްގެ އެހީގައި ހިތުގެ ވަށައިގެންވާ ދުލިފަށަލައިގެ ތެރެއަށް ފެންއެޅުން ފަދަ ކަންތައްތައް ވެސް ދެނެގަނެވޭނެ އެވެ (މެޔޯކްލިނިކް.އޯރގް، 2022). 

·         ކާޑިއެކް ކެތީޓެރައިޒޭޝަން އަދި ކާޑިއޯގްރާމް (cardiac catheterization and cardiogram): މިޓެސްޓު ހަދަނީ އެހެން ޓެސްޓުތަކުން ޕަލްމަނަރީ އިޑީމާ ދެނެނުގަނެވުނު ނަމައެވެ. ނޫނީ އުދަނގޫތަކުގެ ތެރޭގައި މޭގައި ރިހުން ހުރިނަމަ އެވެ. މިޓެސްޓުގެ އެހީގައި ހިތުގެ ލޭހޮޅިތަކުގެ ތެރޭގައި ބެދުމެއް ނޫނީ ހުރަހެއް (ގަނޑުލޭކޮޅެއް) ހުރިނަމަ އެކަން ދެނެގަނެވޭނެ އެވެ. އާންމު ގޮތެއްގައި މިޓެސްޓު ހެދުމަށްޓަކައި ހިމަ، ފަހެލި ހޮޅިއެއް (ކެތީޓަރ) ފައިގެ އުކުޅުވަޅު ނޫނީ އަތުގެ ކުޑަހުޅާއި ހިސާބު ލޭހޮޅިއަކުން ހަށިގަނޑަށް ލެއްވެއެވެ. ނޫނީ ވެއްދެއެވެ. އެއަށްފަހު އެހޮޅި ލޭހޮޅިތަކުގެ ތެރެއިން ހިތާއި ހަމައަށް ފޯރުވެއެވެ. މިޓެސްޓު ހެދެނީ ލޭހޮޅިތަކުގެ ތެރެއަށް ޑައި އެއް ދޫކުރެވިގެންނެވެ. ޑައި ގެ އެހީގައި ލޭހޮޅިތައް ސާފުކަމާއެކު އެކްސްރޭ އިން އަދި ވީޑިޔޯ އިން ފެންނަށް ހުންނާނެ އެވެ (މެޔޯކްލިނިކް.އޯރގް، 2022). 

·         ފުއްޕާމޭގެ އަލްޓްރާ ސައުންޑް ސްކޭން ހެދުން : ފުއްޕާމޭގެ އަލްޓްރާ ސައުންޑް ސްކޭން ގެ އެހީގައި ފުއްޕާމޭގައި ލޭދައުރުވާގޮތް ދެނެގަވޭނެ އެވެ. ނޫނީ ބަލާލެވޭނެ އެވެ. މީގެ އިތުރުން ފުއްޕާމޭ އަދި ފުއްޕާމޭގެ ވަށައިގެންވާ ދުލިފަށަލައިގެ ތެރޭގައި ފެން ހަރުލާފައި ހުރިކަން ނުވަތަ ނޫންކަން ދެނެގަނެވޭނެ އެވެ (މެޔޯކްލިނިކް.އޯރގް، 2022).   

ފަރުވާ

ކުއްލިއަކަށް ކުރިމަތިވާ ޕަލްމަނަރީ އިޑީމާ ގެ ފުރަތަމަ ފަރުވާ އަކީ އޮކްސިޖަން ދިނުމެވެ. އޮކްސިޖަން ދިނުމަކީ ކޮންމެވެސް ވަރަކަށް އުދަނގޫތައް ލުއިކޮށްދޭނެ ކަމެކެވެ. ނޫނީ ބައެއް އުދަނގޫތައް ލުއިވާނެ ކަމެކެވެ. ބައެއް ފަހަރު ވެންޓިލޭޓަރަށް ވެސް ލާންޖެހިދާނެ އެވެ. ނޫނީ ލައިފާނެއެވެ. އަދި އަނެއްބައި ފަހަރު ޕޮޒިޓިވް އެއަރވޭ ޕްރެޝަރު ފޯރުކޮށްދޭ ޑިވައިސް އެއް މިސާލަކަށް ބައިޕެޕް މެޝިން ނޫނީ ސީޕެޕް މެޝިން ފަދަ ޑިވައިސް އެއް ބޭނުންކުރަން ޖެހިދާނެއެވެ (މެޔޯކްލިނިކް.އޯރގް، 2022).   

ޕަލްމަނަރީ އިޑީމާ ކުރިމަތިވި ސަބަބާއި އޭގެ ކުރިމަތިވެފައިވާ ނުރައްކާތެރި ކަމަށް ބަލައި ފަރުވާގައި އަންނަނިވި ބޭސްތައް ބޭނުންކުރަން ލަފާދީފާނެ އެވެ (މެޔޯކްލިނިކް.އޯރގް، 2022). 

·         ޑަޔުރެޓިކްސް (diuretics): ޑަޔުރެޓިކްސް މިސާލަކަށް ފިއުރޯސިމައިޑް ބޭނުންކުރުމުން ހިތާއި ފުއްޕާމޭގައި އިތުރަށް ޖަމާވެފައި ހުރި ދިޔާ(ފެން)ބައި ބޭރުކޮށްގެން މަތިވެފައިވާ ޕްރެޝަރު ދަށްކޮށްދެއެވެ (މެޔޯކްލިނިކް.އޯރގް، 2022). 

·         ލޭގެ ޕްރެޝަރުގެ ބޭސް : ލޭގެ ޕްރެޝަރު ގެ ބޭހުގެ އެހީގައި މަތިވެފައިވާ ނޫނީ ދަށްވެފައިވާ ލޭގެ ޕްރެޝަރު (ޕަލްމަނަރީ އިޑީމާޣައި ލޭމައްޗަށް ނޫނީ ލޭދަށަށް ވެސް ގޮސްފާނެ) ހަމައަކަށް އަޅުވައިދެއެވެ. މީގެ އިތުރުން ހިތަށް ފޯރުކޮށްދޭއިރު އުފެދޭ މަތީ ޕްރެޝަރު އަދި ހިތުން ބޭރަށް ލޭފޮނުވާއިރު އުފެދޭ މަތީ ޕްރެޝަރު ދަށްކުރުމަށް ވެސް ބޭސް ދީފާނެއެވެ. މިފަދަ ބޭސްތަކުގެ ތެރޭގައި ނައިޓްރޯގްލައިސިރިން އަދި ނައިޓްރޯޕްރުސައިޑް ފަދަ ބޭސްތައް ހިމެނެއެވެ (މެޔޯކްލިނިކް.އޯރގް، 2022).   

·         އައިނަޓްރޯޕްސް(inotropes): މިއީ ވަރަށް ބޮޑަށް ހިތުގެ މަސައްކަތްތައް ފޭލްވެ، ދަށްވެފައިވާ ހާލަތުގައި ހަސްފަތާލުގައި އެދުމަތިކޮށްގެން އައިވީކޮށް ދެވޭ ބޭހެކެވެ.ނޫނީ ފަރުވާ އެކެވެ. މިބޭސްތަކުގެ އެހީގައި ހިތުން ލޭ ޕަމްޕްކޮށްދޭ މިންވަރު ރަނގަޅުކޮށްދީ، ލޭގެ ޕްރެޝަރު އެއް ހަމައެއްގައި ހިފަހައްޓައިދެއެވެ (މެޔޯކްލިނިކް.އޯރގް، 2022). 

·         މޯރފިން : ހާސްވެ ކަންބޮޑުވުން، ނޭވާކުރުވުން ފަދަ ކަންތައްތައް ހައްލުކުރުމަށް ނާކޮޓިކް ބޭހެއްގެ ގޮތުގައި ބެލެވޭ މިބޭސް އައިވީ މެދުވެރިކޮށް ނޫނީ ގުޅަބޭހުގެ ގޮތުގައި ވެސް ދީއުޅެއެވެ. ނަމަވެސް މޯރފިން ދިނުމުގެ ކުރިން އެކަމުގެ ފައިދާ އާއި ގެއްލުން އަޅާ ކިޔުމަށްފަހު ދިނުން ބުއްދިވެރި އެވެ (މެޔޯކްލިނިކް.އޯރގް، 2022).   

އުސް ހިސާބުތަކުގައި ކުރިމަތިވާ ޕަލްމަނަރީ އިޑީމާ އަށް ފަރުވާކުރުން

އުސް ހިސާބުތަކުގައި ކުރިމަތިވާ ޕަލްމަނަރީ އިޑީމާ އަށް ފަރުވާކުރުމަށް ވެސް އެންމެ ފުރަތަމަ ދެވޭ ފަރުވާ އަކީ އޮކްސިޖަން އެވެ. އޮކްސިޖަން ނެތްނަމަ، ޕޯޓަބަލް ހައިޕަރބެރިކް ޗެމްބަރ އެއް ބޭނުންކުރެވިދާނެ އެވެ. އުސް ހިސާބުތަކުގައި ކުރިމަތިވާ ޕަލްމަނަރީ އިޑީމާ އަށް ފަރުވާކުރުމަށް އާންމުކޮށް ކުރެވޭ ކަންތައްތަކުގެ ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ (މެޔޯކްލިނިކް.އޯރގް، 2022). 

·         ވީ އެންމެ އަވަހަކަށް ހުރި އުސް ހިސާބުން ތިރި ހިސާބަކަށް ދިއުން : އެގޮތުން މިފަދަ ޕަލްމަނަރީ އިޑީމާ ކުރިމަތިވާ ބައެއް މީހުންނަށް ހުރި ހިސާބުން ތިރިއަށް ( 3000 ފޫޓް – 1000 ފޫޓްއާއި ދެމެދުގެ މިންވަރަކަށް) ވީއެންމެ އަވަހަކަށް ދިއުމުން ލުއިކަން ލިބެއެވެ. ފަރުބަދަ ފަދަ އުސް ހިސާބެއްގައި ހުއްޓައި، ނުރައްކާތެރި ދަރަޖައަކަށް ޕަލްމަނަރީ އިޑީމާ ކުރިމަތިވެއްޖެނަމަ، އެހިސާބުން ތިރިއަށް ވީއެންމެ އަވަހަކަށް ގެންނަން މަސައްކަތްކުރަން ޖެހެއެވެ (މެޔޯކްލިނިކް.އޯރގް، 2022). 

·         ކަސްރަތުކުރުން ހުއްޓާލައި ކޮންމެވެސް ވަރެއްގެ ހޫނުކަމެއް ހަށިގަނޑުގައި ބެހެއްޓުމަށް މަސައްކަތްކުރުން : މާބޮޑަށް ހަށިގަނޑު ފިނިވުމާއި، ކަސްރަތުކުރުން ފަދަ ކަންކަމަކީ ޕަލްމަނަރީ އިޑީމާ އިތުރަށް ގޯސްވެގެން ހިނގައިދާނެ ކަމެކެވެ (މެޔޯކްލިނިކް.އޯރގް، 2022).   

·         ބޭސްތައް : އާންމުކޮށް ފަރުބަދަ ފަދަ ތަންތަނަށް އަރައި އުޅޭމީހުން، އުސް ހިސާބުތަކުގައި ކުރިމަތިވާ ޕަލްމަނަރީ އިޑީމާ އިން ދުރާލާ ރައްކާތެރިވުމުގެ ގޮތުން އެފަދަ ތަންތަނަށް އެރުމުގެ މަދުވެގެން 1 ދުވަސްކުރިން ބޭސް (އެސީޓަޒޮލަމައިޑް ނުވަތަ ނިފެޑިޕިން ފަދަ ބޭސް) ބޭނުންކުރެއެވެ (މެޔޯކްލިނިކް.އޯރގް، 2022).   

ރައްކާތެރިވުން

އެމީހެއްގެ ކިބައިގައި ހުރި ހިތުގެ ބަލި، ފުއްޕާމޭގެ ބަލި ފަރުވާކޮށް މެނޭޖުކުރުން އަދި ދިރިއުޅުމުގައި ދުޅަހެޔޮ ވައްޓަފާޅި ތައް ޚިޔާރުކޮށްގެން ޕަލްމަނަރީ އިޑީމާ ކުރިމަތިވުމުން ރައްކާތެރިވެވިދާނެ އެވެ. މިސާލަކަށް ލޭމައްޗަށްދިއުން، ސަރުބީމަތިވުން ކޮންޓްރޯލް ކުރެވުމަކީ ހިތުގެ މައްސަލަތައް ކުރިމަތިވުމުގެ ހިރާސް ކުޑަކޮށްދޭނެ ކަމެކެވެ. އެހެންކަމުން ދިރިއުޅުމުގައި ދުޅަހެޔޮ ވައްޓަފާޅިއެއް ގެންގުޅުން މުހިއްމެވެ. އެގޮތުން ކުރެވިދާނެ ބައެއް ކަންތައްތައް ތިރީގައި މިވަނީ އެވެ (މެޔޯކްލިނިކް.އޯރގް، 2022).   

·         ދުޅަހެޔޮ، މިންހެޔޮ ކާނާ ބޭނުންކުރުން

·         ދުންފަތުގެ އިސްތިއުމާލުނުކުރުން

·         ގަވާއިދުން ކަސްރަތުކުރުން

·         ކެއުމުގައި ތެޔޮ، ލޮނު ހިމެނޭ މިންވަރު މަދުކުރުން

·         ބަނގުރާ ބޭނުން ނުކުރުން

·         ބަރުދަން އެއްވަރެއްގައި ބެހެއްޓުމަށް މަސައްކަތްކުރުން

·         ފިކުރުތަކާ ދުރުހެލިވުން (މެޔޯކްލިނިކް.އޯރގް، 2022). 

އުސް ހިސާބުތަކަށް އެރުމުން ކުރިމަތިވާ ޕަލްމަނަރީ އަޑީމާ އިން ރައްކާތެރިވުން

އުސް ހިސާބުތަކަށް އެރުމުން ކުރިމަތިވާ ޕަލްމަނަރީ އިޑީމާ އިން ރައްކާތެރިވުމަށް އުސް ހިސާބުތަކަށް އަރާއިރު، މަޑުމަޑުން އަރަމުން ގެންދިއުން މުހިއްމެވެ. މާނައަކީ އެއްދުވަހުން އެހާ ނޫނީ އެންމެ އުހަށް (ދާން ބޭނުންވާ ހިސާބަށް) އެރުމުގެ ބަދަލުގައި ކޮންމެ ދުވަހަކު ވަކި އުސްމިނަކަށް އަރަމުން ، ހަށިގަނޑު އެކަމަށް ހޭނެމުން ދާވަރަކަށް ދާން ބޭނުންވާ އެންމެ އުހަށް ވާޞިލްވުމަށް މަސައްކަތް ކުރުން މުހިއްމެވެ. މިގޮތަށް އުސް ހިސާބުތަކަށް އެރުވުމަށް ހަށިގަނޑު ހޭނެވުމަށް އުހަށް އަރާއިރު ދުވާލަކު 1200- 1000 ފޫޓަށްވުރެ ދުރު މިނަކަށް ނޭރުމަށް ގިނަ ޞިއްހީ ތަޖުރިބާކާރުން ލަފާދެއެވެ (މެޔޯކްލިނިކް.އޯރގް، 2022). 

އުސް ހިސާބުތަކަށް އެރުމުން ކުރިމަތިވާ ޕަލްމަނަރީ އިޑީމާ ގެ އުދަނގޫތަކުން ރައްކާތެރިވުމަށް އާންމުކޮށް ފަރުބަދަތަކަށް އަރައި އުޅޭ މީހުން އެކަމަށް ޚާއްޞަ ބޭސް ނަގައި އުޅެއެވެ. އެގޮތުން ނަގާ ބޭސް އުސްތަނަކަށް އެރުމުގެ މަދުވެގެން 1 ދުވަސް ކުރިން ނެގުން މުހިއްމެވެ. ދާން ބޭނުންވާ އުހަށް އެރުމަށްފަހު ބޭސް ކުރިޔަށް ގެންދަންވީ ކިހާ ދުވަހަކަށް ކަން ޑޮކްޓަރުން ކިބައިން އޮޅުން ފިލުވުން މުހިއްމެވެ (މެޔޯކްލިނިކް.އޯރގް، 2022). 

އަމިއްލައަށް ކުރެވިދާނެ ކަންތައްތަކާއި ދިރިއުޅުމަށް ގެނެވިދާނެ ބަދަލުތައް

ހިތުގެ ދުޅަހެޔޮކަން ދެމެހެއްޓުމަށް ދިރިއުޅުމުގެ ވައްޓަފާޅިއަށް ހެޔޮބަދަލުތައް ގެނައުމަކީ ޕަލްމަނަރީ އިޑީމާ ފަދަ ހާލަތްތަކުން މިންޖުވެ ހުރުމަށް ވެސް އެހީތެރިވެދޭނެ ކަމެކެވެ. އެގޮތުން ކުރެވިދާނެ ބައެއް ކަންތައްތައް ތިރީގައި މިވަނީ އެވެ (މެޔޯކްލިނިކް.އޯރގް، 2022). 

·         ލޭމައްޗަށްދިޔަނުދީ، ލޭގެ ޕްރެޝަރު ކޮންޓްރޯލްގައި ބެހެއްޓުން : އެގޮތުން ލޭމައްޗަށްދާނަމަ، ގަވާއިދުން ބޭސް ބޭނުންކުރުން، އަދި ގަވާއިދުން ލޭގެ ޕްރެޝަރު ބަލަމުން ގެންދިއުން މުހިއްމެވެ (މެޔޯކްލިނިކް.އޯރގް، 2022). 

·         އެހެނިހެން ދާއިމީ ބަލިތައް ކޮންޓްރޯލްކުރުން : ލޭމައްޗަށްދިއުމާއެކު އެހެނިހެން ބައްޔެއް މިސާލަކަށް ހަކުރުބަލި، ސަރުބީ މަތިވުން ފަދަ ކަމެއްހުރިނަމަ، އެބައްޔެއް ނޫނީ އެކަމެއް ކޮންޓްރޯލްގައި ބެހެއްޓުމަށް މަސައްކަތް ކުރުމަކީ ވެސް މުހިއްމު ކަމެކެވެ (މެޔޯކްލިނިކް.އޯރގް، 2022).   

·         ޕަލްމަނަރީ އިޑީމާ ކުރިމަތިކުރުވާ ސަބަބާ ދުރުހެލިވުން : މިސާލަކަށް އުސް ހިސާބަށް އެރުމުން ޕަލްމަނަރީ އިޑީމާ ކުރިމަތިވާނަމަ، ނޫނީ މަސްތުވާތަކެތި ބޭނުންކުރުން ފަދަ ކަމެއްކުރާނަމަ، އުސްތަންތަނަށް އެރުމާއި، މަސްތުވާތަކެތި ބޭނުންކުރުމުން ދުރުހެލިވުމަކީ މުހިއްމު ކަމެކެވެ. މިއީ އިތުރަށް އެކަމުން ފުއްޕާމެޔަށް ގެއްލުންވުން ކުޑަކޮށްދޭނެ ކަމެކެވެ (މެޔޯކްލިނިކް.އޯރގް، 2022). 

·         ދުންފަތުގެ އިސްތިއުމާލުކުރުމުން ދުރުހެލިވުން : ދުންފަތުގެ އިސްތިއުމާލުކުރުމުން ދުރުހެލިވުމަކީ ފުއްޕާމެޔަށް ގެއްލުންވުން ކުޑަކޮށްދޭނެ ކަމެކެވެ (މެޔޯކްލިނިކް.އޯރގް، 2022). 

·         ކެއުމުގައި ލޮނު ހިމެނޭ މިންވަރު މަދުކުރުން: ލޮނަކީ ހަށިގަނޑުގައި ފެންހަރުލާފައި ހުރުމަށް ބާރުއަޅާ އެއްޗެކެވެ. ހިތުގެ ވާތްފަޅީގެ ތިރީބައި ވާތު ވެންޓްރިކަލް އަށް ގެއްލުންވެފައި ތިބޭމީހުން މާގިނައިން ލޮނު ބޭނުންކުރުމަކީ ކަންޖެސްޓިވް ހާޓް ފޭލިއަރ ކުރިމަތިވުމަށް މަގުފަހިވެދާނެ ކަމެކެވެ. އެހެންކަމުން ކެއުމުގައި ލޮނު ހިމެނޭ މިންވަރު މަދުކުރުމަކީ ކުރެވިދާނެ ކަމެކެވެ. ދުވާލެއްގެ މައްޗަށް ކެއުމުގައި ލޮނު ނުވަތަ ސޯޑިއަމް ހިމަނަންޖެހޭނީ 2300 މިލިގްރާމް ނުވަތަ 2.3ގްރާމަށް ވުރެ މަދުންނެވެ. ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ އިން ލަފާދެނީ ދުވާލެއްގެ މައްޗަށް 2000 މިލިގްރާމަށްވުރެ މަދުންނެވެ. އެއީ ދުވާލަކަށް 5 ގުރާމަށްވުރެ މަދު މިންވަރާ އެއްވަރު ވަރެކެވެ (މެޔޯކްލިނިކް.އޯރގް، 2022). 

·         މިންހެޔޮ ކާނާ ބޭނުންކުރުން : މިންހެޔޮ ކެއުމުގައި މޭވާ ތަރުކާރީގެ ބާވަތްތައް އަދި ހޯލް ގްރެއިން ގިނައިން ހިމެނޭނެ އެވެ. މީގެ އިތުރުން ކެއުމުގައި ސެޗުރޭޓަޑް ފެޓް، ޓްރާންސްފެޓް، ހަކުރުއެޅި ބުއިންތަކާ ކެއުންތައް، އަދި ލޮނު ހިމެނޭ ކެއުންތައް ބޭނުންކުރުން މަދުކުރަންޖެހޭނެ އެވެ (މެޔޯކްލިނިކް.އޯރގް، 2022). 

·         ބަރުދަން އެއްވަރެއްގައި ބެހެއްޓުން : ހަށިގަނޑު ހުންނަށްޖެހޭ މިންވަރަށް ވުރެ ބަރުހެލިވުމަކީ ހިތާއި ލޭހޮޅިތަކުގެ ބަލިތަކަށް މަގުފަހިކުރާނެ ކަމެކެވެ. ބަރުދަން ލުއިވުމަކީ ލޭމައްޗަށްދިއުން، ހަކުރުބަލި އަދި ސަރުބީމަތިވުން ފަދަ ބަލިތައް ކޮންޓްރޯލްކޮށްދޭނެ ކަމެކެވެ (މެޔޯކްލިނިކް.އޯރގް، 2022).   

·         ގަވާޢިދުން ކަސްރަތުކުރުން : ދުޅަހެޔޮކޮށް ހުރުމަށްޓަކައި ހަފްތާއަކު 5 ދުވަލު ދުވާލަކު 30 މިނިޓްވަރު (މެދު މިންވަރުގެ ބާރުމިނުގެ ކަސްރަތު) ނުވަތަ ހަފްތާއަކު 5 ދުވަހު ދުވާލަކު 15 މިނިޓް ( ގަދަޔަށް ކުރެވޭ ކަސްރަތު) ކަސްރަތުކުރުން އެދެވިގެންވެއެވެ. މިހާރު ކަސްރަތު ނުކުރެވޭނަމަ މަޑުމަޑުން ކަސްރަތުކުރަން ފެށިދާނެ އެވެ. އަދި އެއަށްފަހު ގަވާއިދުން ކަސްރަތުކުރަމުން ގެންދެވިދާނެ އެވެ (މެޔޯކްލިނިކް.އޯރގް، 2022).   

ނޯޓް : މިއީ މަޢުލޫމާތު ފެތުރުމުގެ ނިޔަތުގައި ލިޔެފައިވާ ލިޔުމެކެވެ.

މައުލޫމާތު

·         https://www.mayoclinic.org/diseases-conditions/pulmonary-edema/symptoms-causes/syc-20377009

·         https://my.clevelandclinic.org/health/diseases/24218-pulmonary-edema 

No comments:

Post a Comment