Monday, March 9, 2015

ފިރިހެނުންގެ ޖިންސީ އެދުންވެރިކަން ދަށްވުން


ފިރިހެނުންގެ ޖިންސީ އެދުންވެރިކަން ދަށްވުން
ޖިންސީ އެދުންވެރިކަމުގެ ވާހަކަ އަކީ ގިނަ މީހުން ދައްކަން ބޭނުންވާނެ ވާހަކަ އެއް ނޫނެވެ. މައްސަލަ އެއް ހުއްޓަސް އެމައްސަލަ އެއް ޑޮކްޓަރު ގާތުގައި ބުނުމަށް ވެސް ގިނަ މީހުން ފަސްޖެހެއެވެ. އެއީ ޖިންސީ ޣަރީޒާ އާއި ގުޅޭ ވާހަކަތައް އާންމުކޮށް ދެއްކުމަކީ ގިނަ މީހުންގެ ތަބީޢަތާއި ދުރުކަމަކަށް ވާތީ އެވެ. ބައެއް ޞިއްޙީ މާހިރުން ބުނާގޮތުގައި ޖިންސީ އެދުންވެރިކަން ދަށްވުމުގެ ޝަކުވާ އަކީ އެންމެ ގިނަ ދެމަފިރިންގެ ދެމެދުގައި އަރާރުންވެ، ދެބަސްވާން ޖެހޭ މައްސަލަ އަށް އޮންނަނީ ވެފައެވެ. އަދި އެކަމުގެ ސަބަބުން ދެމަފިރިންގެ ދެމެދުގައި މައްސަލަޖެހި، ދެމަފިރިން ވަކިވާންޖެހުމަކީ ވެސް މަދުން ނަމަވެސް ހިނގާ ކަންކަމެވެ. 

ޖިންސީ އެދުންވެރިކަން އެކި މީހުންނަށް ހުންނާނީ އެކިވަރަށެވެ. ބައެއް މީހުންގެ ޖިންސީ އެދުންވެރިކަން އާދައިގެ ވަރެއްގައި ހުންނައިރު އަނެއް ބައި މީހުންގެ ޖިންސީ އެދުންވެރިކަން އާދަޔާ ޚިލާފަށް މަތިކަން ފާހަގަ ކުރެވެއެވެ. އަނެއްކޮޅުން ޖިންސީ އެދުންވެރިކަމާއި، ޝައުގުވެރިކަން ވަރަށްކުޑަ މީހުން ވެސް ތިބެއެވެ. މިފަދަ މީހުންނަކީ "ހައިޕޯއެކްޓިވް ސެކްސުއަލް ޑިޒަޔަރ ޑިސްއޯޑަރ" ނުވަތަ " ޖިންސީއެދުންވެރިކަމާއި ޝައުގުވެރިކަން ކުޑަވާ ބަލި" ހުންނަ މީހުންނެވެ. އުމުރުން ދުވަސްވާރަކަށް ނިސްބަތުން ޖިންސީ އެދުންވެރިކަން ކުޑަވަމުން ދިއުމަކީ ވެދާނެ ގޮތެކެވެ. 


ޖިންސީ އެދުންވެރިކަމާއި ޝައުގުވެރިކަން ނުހުރުމަކީ އަންހެނުންނާއި އަޅާކިޔާއިރު، ފިރިހެނުންނަށް އެހާ އާންމު ކަމެއް ނޫނެވެ. ދިރާސާތަކުން ދައްކާގޮތުގައި ފިރިހެނުންގެ ތެރެއިން % 16- 15 މީހުންނަކީ ޖިންސީ އެދުންވެރިކަމާއި ޝައުގުވެރިކަން ދަށް މީހުންނެވެ. ބައެއް ދިރާސާތައް ބުނާގޮތުން ފިރިހެނުންގެ ތެރެއިން ކޮންމެ 5 މީހުންގެ ތެރެއިން އެކަކަށް ހަޔާތުގެ ކޮންމެވެސް ދުވަސްވަރެއްގައި ޖިންސީ އެދުންވެރިކަން ދަށްވުން ކުރިމަތި ވެއެވެ. ފިރިހެނުންނަށްވުރެ އަންހެނުންނަށް ޖިންސީ އެދުންވެރިކަން ކުޑަވުމުގެ މައްސަލަ ކުރިމަތިވާ މިންވަރު މަތިވި ނަމަވެސް، ފިރިހެނުންނަށް ޖިންސީ އެދުންވެރިކަން ދަށްވުން ކުރިމަތިވުމަކީ މާބޮޑަށް ކަންބޮޑުވެ ފިކުރުބޮޑުވާ ކަމަކަށް އޮންނަނީ ވެފައެވެ. މިހެންވަނީ ގިނަ ފަހަރު ފިރިހެނުންގެ ފިރިހެންވަންތަކަން ދައްކައިދޭ މަސްދަރަކަށް ޖިންސީބާރާއި، ޖިންސީ ފޯރުންތެރިކަން ވެފައި ވުމެވެ. އެހެންކަމުން ފިރިހެނުންގެ ޖިންސީ އެދުންވެރިކަން ކުޑަވުމަކީ އެމީހުންނަށް އެކަމުގެ ސަބަބުން ނަފްސާނީ ގޮތުން ނޭދެވޭ އަސަރުތަކެއް ކުރާކަމަކަށް އޮންނަނީ ވެފައެވެ. 

ފިރިހެނާގެ ޖިންސީ އެދުންވެރިކަން ދަށްވުމަށް ކަނޑައެޅިގެން ވަކި އުމުރެއް ނުވެއެވެ. ނަމަވެސް އާންމު ގޮތެއްގައި އުމުރުން ދުވަސްވުމުން މީހާގެ ޖިންސީ އެދުންވެރިކަން ކުޑަވާގޮތް ވެއެވެ. އެއީ އުމުރުން ދުވަސްވުމުން ހަށިގަނޑުގައި އެކުލެވޭ ފިރިހެން ޖިންސީ ހޯރމޯންގެ މިންވަރު ދަށްވާތީ އެވެ. ހަމަމިހެން އުމުރުން ދުވަސްވުމުން ކުރިމަތިވާ ބައެއް ބަލިތަކުގެ ސަބަބުން ވެސް މިހޯރމޯންގެ މިންވަރު ހަށިގަނޑުގައި ދަށްވާގޮތް ވެއެވެ. މިސާލަކަށް ލޭމައްޗަށް ދިއުން، ހަކުރުބަލި އަދި ލޭހޮޅިތައް ގަނޑުވުން ފަދަ ބަލިތަކެވެ.
މިޒަމާނުގައި އުފައްދާފައިވާ އަދަވާތްތައް ބޭނުންކޮށްގެން އުމުރުން ދުވަސްވެފައިވީ ނަމަވެސް ފިރިހެނާއަށް އޭނާގެ ޖިންސީ ކުޅަދާނަކަން ރައްކާތެރި ކަންމަތީ ދެމެހެއްޓިދާނެއެވެ. ދަރިން ލިބުމުގެ ގާބިލިއްޔަތު ވެސް ވަރަށް ދިގުމުއްދަތެއް ވަންދެން ބައެއްމީހުންނަށް ލިބިފައި ހުރެއެވެ. 80ވުރެ މައްޗަށް ދިޔަނަމަވެސް ބައެއް މީހުންނަށް ދަރިން ލިބުމުގެ ގާބިލިއްޔަތު ލިބިފައި ހުރެއެވެ.
ޖިންސީއެދުންވެރިކަން ދަށްވުން ކުރިމަތިވާގޮތް
ޖިންސީ އެދުންވެރިކަން ކުޑަވުމަކީ ކުއްލިއަކަށް ކުރިމަތިވާނެ ކަމެއް ނޫނެވެ. އެހެނެއްކަމަކު މަޑުމަޑުން ލަސްލަހުން ކުރިމަތިވަމުން އަންނަ ކަމެކެވެ. ބައެއް ޞިއްޙީ މާހިރުން ޖިންސީ އެދުންވެރިކަން ކުޑަވުން ތަޢާރަފްކޮށްފައިވަނީ "ފާއިތުވި އަހަރުގެ ގިނަ މަސްތަކެއްގައި ޖިންސީ ޝައުގުވެރިކަން ނުހުރުން" މިބީދައިންނެވެ.
ޖިންސީގުޅުން ހިންގާ ގިނަމަދުމިނަކީ ޖިންސީ ޝައުގުވެރިކަން މިންކޮށްދޭ އެންމެ ރަގަޅު މިންގަނޑެއް ނޫނެވެ. ޖިންސީ އެދުންވެރިކަން ދަށްވުން ކުރިމަތިވެފައިވޭތޯ ބަލައި އެކަން އަވަހަށް ދެނެގަތުމަށް އަންނަނިވި ސުވާލުތަކަށް ޖަވާބުދީގެން ނަތީޖާއެއް ނެރެވިދާނެ އެވެ.
(1)   - ދެމަފިރިން އެކަކު އަނެކަކުގެ ގައިގައި އަތްލައި، ބީހި ހަދަނީ ހަމައެކަނި ކޮޓަރީ ގައެވެ.
(2)   - ޖިންސީ ގުޅުމުގެ ސަބަބުން ދެމަފިރިން އެކަކު އަނެކަކާ ގުޅިލާމެހިފައިވާ ކަމުގެ އިހުސާސެއް ގެނެސްނުދެއެވެ.
(3)   - ދެމަފިރިންގެ ދެތެރެއިން އަބަދު ވެސް (ޖިންސީގުޅުން ހިންގުމަށް) އިސްނަގަނީ އެކަކެވެ. އަނެކަކަށް އިހުސާސް ކުރެވެނީ (ޖިންސީގުޅުންހިންގުން) މަޖުބޫރުވެފައިވާ ކަމެއްގެ ގޮތުގައެވެ.
(4)   -ތިބާ (އެއްފަހަރު ޖިންސީގުޅުން ހިންގުމަށްފަހު) ދެން ޖިންސީ ގުޅުން ހިންގާނެ ވަގުތަކާމެދަކު ނުވިސްނައެވެ.
(5)   - ޖިންސީ ގުޅުންހިންގުމަކީ މެޝިނެއް އޮޕަރޭޓްކުރާހެން ކަނޑައެޅިފައިވާ ވަކިވަގުތަކު ކުރާކަމެކެވެ.
(6)   - ތިބާއަށް ބައިވެރިޔާއާމެދު، ޖިންސީ ނަޒަރަކުން ވިސްނައި ޚިޔާލުކޮށް ފިކުރުކޮށެއް ނުހެދެއެވެ.
(7)   - ގިނަ ފަހަރު ތިބާ ޖިންސީގުޅުން ހިންގަނީ މަހަކު އެއްފަހަރު ނުވަތަ ދެފަހަރު އެވެ.
މަތީގައި ބަޔާންކުރެވުނު ސުވާލުތަކުގެ ތެރެއިން ގިނަ ސުވާލުތަކުގެ ޖަވާބަކީ "އާއެކޭ" ކަމުގައި ވާނަމަ، ތިބާ އަކީ ޖިންސީ އެދުންވެރިކަން ދަށްވުމުގެ މަގުމަތީގައިވާ މީހެކޭ ބުނެވިދާނެ އެވެ. 

ޖިންސީއެދުންވެރިކަން ދަށްވާ ސަބަބުތައް
ޖިންސީއެދުންވެރިކަން ދަށްވުމާއި، "ފިރިހެން ހަށީގައި ވަރުނުޖެހުން" މިއީ ތަފާތު ދެކަމެކެވެ. ނަމަވެސް މިއިން އެއްކަމެއް ހުންނަ ނަމަ އަނެއް ކަންތައް ކައިރި މުސްތަގުބަލެއްގައި ތަޖުރިބާ ކުރަންޖެހުމަކީ ގާތް ކަމެކެވެ. ޖިންސީ އެދުންވެރިކަން ދަށްވުމަށް މެދުވެރިވާ ސަބަބުތަކުގެ ތެރޭގައި ޖިސްމާނީ އަދި ނަފްސާނީ ސަބަބުތަކާއި، އެހެނިހެން ކަންތައްތައް ވެސް ހިމެނެއެވެ. 

ފިރިހެނުންގެ ޖިންސީ އެދުންވެރިކަން ދަށްވާ ސަބަބުތަކުގެ ތެރޭގައި:-
(ހ) - ނަފްސާނީ މައްސަލަތައް : ދިރިއުޅުމުގައި ދިމާވާ ފިއްތުންތައް، ކަންބޮޑުވުމާއި، ފިކުރުބޮޑުވުން، މާޔޫސްވުމާއި، ދެރަވުން، ފަދަ ނަފްސާނީ މައްސަލަތަކަކީ އެކަންތައްތަކުގެ ސަބަބުން ފިރިހެނުންނަށް ޖިންސީ އެދުންވެރިކަމަށް އަސަރުކުރާ ކަންކަމެވެ. 

ކަންބޮޑުވުން : ވަރަށް ގިނަ ފަހަރު ޖިންސީގުޅުން ހިންގާ ވަގުތު އެމީހެއްގެ ޖިންސީ ބާރު ދައްކައި ނުދެވިދާނެތީ، އަދި މާއަވަހަށް ކުންނަށް ވާޞިލްވެދާނެތީ ފިރިހެނުން ކަންބޮޑުވާގޮތް ވެއެވެ. ކޮންމެ 3 މީހުންގެ ތެރެއިން އެކަކު "އަވަހަށް މަނިބޭރުވުން" ކުރިމަތިވާކަމަށް ބުނާއިރު، ކޮންމެ 5 މީހުންގެ ތެރެއިން އެކަކު "ޖިންސީގުޅުން ހިންގާ ވަގުތު ޖިންސީބާރު ދައްކައިނުދެވޭ" ކަމަށް ބައެއް ދިރާސާތަކުގައި ބުނެފައި ވެއެވެ. ކަންބޮޑުވުމަކީ މިހިސާބުން އަދި ނިންމާލެވެން އޮތް ކަމެއް ނޫނެވެ. ވަރަށް ގިނަ ފިރިހެނުންނަށް ކަންބޮޑުވުމަށް ދިމާވާ އަނެއްކަމަކީ ޖިންސީ ގުޅުން ހިންގުމުގެ ތެރޭގައި، ބައިވެރިޔާއާއި، އެކު އެކީގައި ކުންނާ ހަމައަށް ވާޞިލްނުވެވުމެވެ. 

ފިއްތުންތައް : ދިރިއުޅުމުގައި ދިމާވާ ފިއްތުންތަކުގެ ސަބަބުން ޖިންސީ އެދުންވެރިކަން ދަށްވުމަކީ ވެދާނެ ގޮތެކެވެ. މިސާލަކަށް ގޭތެރޭގައި ، އާއިލާގެ ތެރޭގައި ޖެހޭ މައްސަލައެއް، ރައްޓަހި ރަހުމަތްތެރިންނާއި އޮންނަ ގުޅުމަށް ބުރޫއެރުން، ފަދަ ކަންކަމަކީ އެކަމުގެ ސަބަބުން ފިއްތުންތައް ކުރިމަތިކުރުވައި، ޖިންސީ އެދުންވެރިކަން ދަށްވުމަށް މަގުފަހިކޮށްފާނެ ކަންކަމެވެ. 

ފިއްތުންތައް ކުރިމަތިވުން އެއަށް ހަށިގަނޑު އިޖާބަ ދިނުމަށް "އެޑްރީނަލިން" އަދި "ކޯޓިޒޯލް" ހޯރމޯން ދޫކުރެއެވެ. ދިގު މުއްދަތަކަށް ފިއްތުންތައް ކުރިމަތިވުމަކީ ހަށިގަނޑު ހޯރމޯންތަކުގެ ނިސްބަތަށް ބަދަލު ގެނުވާނެ ކަމެކެވެ. އެގޮތުން ޓެސްޓޮސްޓަރޯން ހޯރމޯން ފަދަ ހޯރމޯންގެ މިންގަނޑަށް ބަދަލު އައުމަކީ ޖިންސީ އެދުންވެރިކަން ދަށްވާނެ ކަމެކެވެ. ފިއްތުންތައް ކުރިމަތިވާ ހިނދު ލޭހޮޅިތައް ހިމަވެ، ޖިންސީ ގުނަވަނަށް ލޭފޮނުވައިދިނުން ދަށްވެ، "ފިރިހެން ހަށީގައި ވަރުނުޖެހުން" ކުރިމަތި ކުރުވައެވެ. 

މާޔޫސްވެ ދެރަވުން : މާޔޫސްވެ ދެރަވުމަކީ ޖިންސީ އެދުންވެރިކަން ކުޑަވުމާއި ގުޅިފައިވާ ކަމެކެވެ. އެހެނީ ދެރަވެ ހިތާމައިގެ ތެރޭގައި އުޅޭ ވަގުތެއްގައި ޖިންސީ ޚިޔާލާއި ފިކުރު ކުރުމަކީ ނާދިރު ކަމެކެވެ. މީގެ އިތުރުން މާޔޫސްވެ ދެރަވުން ކުރިމަތިވުމުން ދީއުޅޭ ބޭސްތަކުގެ ނޭދެވޭ އަސަރެއްގެ ގޮތުގައި ވެސް ޖިންސީ އެދުންވެރިކަން ކުޑަވުން ކުރިމަތިވެދާނެ އެވެ. 

އަމިއްލަ ނަފުސަށް އިތުބާރު ކުޑަވުން : އަމިއްލަ ނަފުސަށް އޮންނަ އިތުބާރު ކުޑަވެ، ތިމާ އަކީ އެއްވެސް މީހެއް ނޫން ކަމުގައި އިހުސާސް ކުރެވޭނަމަ، ޖިންސީ ޚިޔާލުތަކާއި ފިކުރުތަކާއި މީހާ ދުރަށް ގެންދެއެވެ. ތިމާގެ ސިފަ ހުތުރުކަމުގައި ހީވެ، ތިމާގެ ބައިވެރިޔާ ތިމާ ބަލައިނުގަނެފާނެ ކަމަށް ހީވާނަމަ، އަމިއްލަ ނަފުސުދެކެ ފޫހިވާގޮތް ވެއެވެ. މިކަންކަން މިބުނިގޮތަށް ހުރުމަކީ ޖިންސީ އެދުންވެރިކަން ދަށްވާނެ ކަމެކެވެ. 

ދެމަފިރިން ދެމެދުގައި މައްސަލަ ޖެހުން : ދެމަފިރިން ދެމެދުގައި މައްސަލަ ޖެހުމަކީ ފިރިހެނުންގެ ޖިންސީ އެދުންވެރިކަމަށް އަސަރުކުރުވާ ކަމެކެވެ. މިސާލަކަށް ތަޅާފޮޅުމާއި، އަރާރުމާއި، ދެބަސްވުމާއި، ޒުވާބު ކުރުމުގެ ތެރޭގައި އުޅޭ ދުވަސްވަރަކު ދެމަފިރިން ގާތްވެ އުޅުމަށް ބޭނުމެއް ނުވާނެ އެވެ. އެކަމުގެ ސަބަބުން ޖިންސީ އެދުންވެރިކަން ދަށްވުމަކީ ގާތް ކަމެކެވެ.

(ށ) - ޞިއްޙީ މައްސަލަތައް : ހަކުރު ބަލި، ލޭމައްޗަށްދިއުން، ސަރުބީ މަތިވުން، އަދި ފަލަވުން ފަދަ މައްސަލަތަކުގެ ސަބަބުން ވެސް ޖިންސީ އެދުންވެރިކަން ދަށްވެއެވެ. މިގޮތަށް ދިމާވަނީ މިފަދަ ބަލިތަކުގެ ސަބަބުން ހަށިގަނޑުގެ ބައިތަކަށް ލޭފޮނުވައިދިނުން ދަށްކޮށްދޭތީ އެވެ. ޖިންސީ ގުނަވަނަށް ލޭނުލިބޭނަމަ ޖިންސީ އެދުންވެރިކަން ކުޑަވާނެ އެވެ. ކެންސަރުގެ ވައްތަރުތައް، ތައިރޮއިޑްގެ މައްސަލަތައް، ހިތުގެ ބަލިތައް، ކިޑްނީގެ ބަލިތައް، އަދި ޕިޓޫއިޓަރީ ގްލޭންޑްގައި ޓިއުމަރު އުފެދުން ފަދަ ބަލިތަކަކީ ވެސް އެބަލިތަކުގެ ސަބަބުން ޖިންސީ އެދުންވެރިކަމާއި ޝައުގުވެރިކަން ކުޑަކޮށްދޭ ބަލިތަކެކެވެ. މާބޮޑަށް ފަލަވުމަކީ ޓެސްޓޮސްޓަރޯން ހޯރމޯންގެ މިންވަރު ދަށްވެ، ޖިންސީ އެދުންވެރިކަން ދަށްކުރުވާނެ ކަމެކެވެ. މީގެ އިތުރުން ފަލަވުމަކީ ލޭމައްޗަށްދިއުމާއި ހިތުގެ ބަލިތަކަށް މަގުފަހިކުރާ ކަމެކެވެ. މިކަންކަމުގެ ސަބަބުން ވެސް ޖިންސީ އެދުންވެރިކަން ދަށްވާގޮތް ވެއެވެ. 

(ނ) - ހޯރމޯންގެ މައްސަލަތައް :ތަފާތު ހޯރމޯންތަކުގެ މިންގަނޑަށް ބަދަލު އައުމަކީ ޖިންސީ އެދުންވެރިކަން ބާރުފޯރުވާނެ ކަމެކެވެ. މިސާލަކަށްޓެސްޓޮސްޓަރޯން ހޯރމޯންގެ މިންވަރު ދަށްވުމާއި، ތައިރޮއިޑް ހޯރމޯންގެ މިންވަރު ދަށްވުމާއި، ޕްރޮލެކްޓިން ހޯރމޯންގެ މިންވަރު ، އެސްޓްރަޖަން ހޯރމޯންގެ މިންވަރު މަތިވުމަކީ ވެސް ޖިންސީ އެދުންވެރިކަން ދަށްކުރުވާ ކަންކަމެވެ. 

ޓެސްޓޮސްޓަރޯން ހޯރމޯން ދަށްވުން :ޓެސްޓޮސްޓަރޯން ހޯރމޯން އަކީ ޖިންސީ އެދުންވެރިކަމާއި ސީދާ ގޮތެއްގައި ގުޅުންހުރި ހޯރމޯން އެކެވެ. ޓެސްޓޮސްޓަރޯން ހޯރމޯން އުމުރުން ދުވަސްވަމުންދާ ވަރަކަށް އަހަރަކު %2-1 ދަށްވަމުން ދަށްވަމުން ދާނެއެވެ. ޓެސްޓޮސްޓަރޯން ހޯރމޯންގެ ނިސްބަތް ދަށްވާވަރަކަށް ޖިންސީ އެދުންވެރިކަން ދަށްވެއެވެ. ޓެސްޓޮސްޓަރޯން މަދުވުމަށް މެދުވެރިވާ ސަބަބުތަކުގެ ތެރޭގައި، އޮށަށް އަނިޔާވުން، އޮށުގައި އިންފެކްޝަން ހެދުން، އަދި އޮށުގައި ޓިއުމަރު އުފެދުން ފަދަ ކަންތައްތައް ހިމެނެއެވެ. ޕިޓޫއިޓަރީ ގްލޭންޑްގެ ބަލިތަކުގެ ސަބަބުން ވެސް ޓެސްޓޮސްޓަރޯން ހޯރމޯންގެ މިންވަރު ދަށްވެއެވެ. 

(ރ) - ބަނގުރާ ބުއިމާއި، މަސްތުވާތަކެތި ބޭނުންކުރުން :އާދައިގެ ވަރަކަށް ބަނގުރާ ބުއިމުން ވަގުތީ ގޮތުން ޖިންސީ އެދުންވެރިކަން އިތުރުވެދާނެ އެވެ. ނަމަވެސް ދާއިމީގޮތަކަށް މާގިނައިން ބަނގުރާ ބުއިމަކީ ވެސް ޖިންސީ އެދުންވެރިކަން ދަށްކޮށްދޭ ކަމެކެވެ. މާގިނައިން ބަނގުރާ ބޭނުންކުރުމުން، ނާރުތަކުގެ ނިޒާމުގެ މަސައްކަތަށް ބުރޫއަރައި، ވާޅުކަމާއި، ވަރުބަލިކަން ކުރިމަތި ވެއެވެ. ވަރުބަލިކަމާއި، ވާޅުކަމަކީ ޖިންސީ އެދުންވެރިކަމާއި، ދުރުކޮށްދޭ ކަމެކެވެ. މަސްތުވާތަކެތީގެ ތެރޭގައި ހިމެނޭ ހިރޮއިން، ކޮކެއިން، އަދި މެރިޖުއާނާ ފަދަ ބާވަތްތައް ބޭނުންކުރުމަކީ ވެސް ޖިންސީ އެދުންވެރިކަން ދަށްކޮށްދޭ ކަމެކެވެ. މެރިޖުއާނާ ގެ ސަބަބުން ޓެސްޓޮސްޓަރޯން ހޯރމޯން އުފެއްދުން އިންތިޒާމުކުރާ ޕިޓޫއިޓަރީ ގްލޭންޑްގެ މަސައްކަތް ދަށްކޮށްލައެވެ. 

(ބ) - ބޭސްތައް : ބޮލުން ފަތް ފައިބާތީ ދޭބޭސްތައް، އޭޑްސް ބައްޔަށްދޭ ބޭސްތަކުގެ ސަބަބުން ވެސް ޖިންސީ އެދުންވެރިކަމަށް ސަލަބީކޮށް ބާރުފޯރުވައެވެ. މީގެ އިތުރުން ޑިޕްރެޝަން (މާޔޫސްވެ ދެރަވުން ނުވަތަ ހިތާމަ ކުރުމުގެ ބަލި) އަށް ދޭ ބޭސްތަކުގެ ސަބަބުން ވެސް ޖިންސީ އެދުންވެރިކަން ދަށްވުމަކީ ވެދާނެ ގޮތެކެވެ. ލޭމައްޗަށްދާތީ ބޭނުންކުރާ ބޭސްތަކާއި، ޕްރޮސްޓޭޓް ދުޅަވެ ބޮޑުވުމުގެ ފަރުވާގައި ބޭނުންކުރާ ބޭސްތަކުގެ ސަބަބުން ވެސް ޖިންސީ އެދުންވެރިކަން ދަށްވުމަކީ ވެދާނެ ގޮތެކެވެ.

(ޅ) - ޑޮޕަމީންގެ މިންވަރު ދަށްވުން : ޖިންސީ އެދުންވެރިކަން ކުރިމަތިވުމުގައި ސިކުނޑި ބައިވެރި ވެއެވެ. ހަށިގަނޑުގެ އެކި ހިސާބުތަކަށް އެކި ކަންކަމާއި ގުޅިގެން ބޭނުންވާ މެސެޖު ފޮނުވައިދޭ ކެމިކަލް ތަކެއް ސިކުނޑީގައި ހުރެއެވެ. އެގޮތުން ހުންނަ ފާހަގަ ކުރެވޭ އެއް ކެމިކަލް އަކީ "ޑޮޕަމީން"(dopamine) އެވެ. ދިރާސާއެއްގައިތުރުތުރުއަޅާ ބައްޔަށް ޑޮޕަމީން – ހީވާގިކުރުވާ ބޭސްތައް ބޭނުންކޮށްގެން ފަރުވާ ކުރުމުން އެމީހުންގެ ޖިންސީ އެދުންވެރިކަން ރަގަޅުވިކަން ޑޮކްޓަރުންނަށް ފާހަގަ ކުރެވިފައި ވެއެވެ. ޑޮޕަމީން-ހީވާގިކުރުވާ ބޭސްތަކަކީ " ޖިންސީއެދުންވެރިކަމާއި ޝައުގުވެރިކަން ކުޑަވާ ބައްޔަށް" ފަރުވާ ކުރުމަށް ވެސް އެހީތެރިވެދީފާނެ ބޭސްތަކެކެވެ. 

(ކ) - ނިދިނައުން : ނިދިނައުމަކީ ނުވަތަ ނުނިދުމަކީ ހަށިގަނޑުގައި ކޯޓިޒޯލް ހޯރމޯންގެ މިންވަރު މަތިވާ ކަމެކެވެ. ކޯޓިޒޯލް ހޯރމޯން މަތިވުމަކީ ޖިންސީ އެދުންވެރިކަން ދަށްވާނެ ކަމެކެވެ. 

ޖިންސީ އެދުންވެރިކަން ދަށްވުމުންދެވޭ ފަރުވާ
ފިރިހެނުންނަށް ޖިންސީ އެދުންވެރިކަން ދަށްވުމުން ދެވޭ ފަރުވާ މައިގަނޑު ގޮތެއްގައި ބިނާވަނީ ޖިންސީ އެދުންވެރިކަން ދަށްވުމަށް މެދުވެރިވި ސަބަބެއްގެ މައްޗަށެވެ. ނަފްސާނީ ސަބަބުތަކެއްގެ ސަބަބުން މައްސަލަ ކުރިމަތިވެފައިވާނަމަ، ކައުންސެލިންގ ހޯދަންޖެހިދާނެ އެވެ. ދެމަފިރިން ދެމެދުގައި ވާހަކަ ދައްކައިގެން ވެސް ދިމާވެފައިވާ މައްސަލަ އަށް ހައްލު ހޯދިދާނެ އެވެ.
ޖިސްމާނީ ސަބަބެއްގެ ސަބަބުން ޖިންސީ އެދުންވެރިކަން ދަށްވުން ކުރިމަތިވެފައިވާނަމަ، އެކަމަކަށް (ބައްޔަކަށް) ފަރުވާކުރުން މުހިއްމެވެ. މިސާލަކަށް ހަކުރު ބަލި، ކިޑްނީގެ ބަލި، ހިތުގެ ބަލިތައް ފަދަ މައްސަލަތަކަށް ފަރުވާ ކުރުމުން ކުރިމަތިވެފައިވާ ޖިންސީ ނުކުޅެދުންތެރިކަމަށް ލުއި ލިބުމަކީ ވެދާނެ ގޮތެކެވެ. ޓެސްޓޮސްޓަރޯން ހޯރމޯން މަދުވުން ކުރިމަތިވެއްޖެނަމަ، ޓެސްޓޮސްޓަރޯން ހޯރމޯން ފަރުވާގެ ގޮތުގައި ނަގަންޖެހެއެވެ. 

ނޯޓް: މިއީ މައުލޫމާތު ފެތުރުމުގެ ނިޔަތުގައި ލިޔެފައިވާ ލިޔުމެކެވެ.
މައުލޫމާތު:
·         އިންޓަނެޓްގެ ބައެއް ވެބްސައިޓްތައް



No comments:

Post a Comment