Thursday, October 5, 2023

އަވިން އެނދުން

އަވިން އެނދުން

އަވިން އެނދުން މިއީ ހޫނުވުމުގެ ސަބަބުން ދިމާވެދާނެ ޞިއްޙީ މައްސަލަ އެކެވެ. އަވިން އެނދުމަކީ ހޫނުވުމުގެ ސަބަބުން ހަންގަނޑު އަދައި، ރަތްވެ، ހަންގަނޑު ދުޅަވެ، ހަމުގައި ރިހުމެވެ. ހަންގަނޑުގައި އަތްލުމުން ހޫނުކަން އިހުސާސް ކުރެވޭނެ އެވެ. އާންމު ގޮތެއްގައި މިކަން އިހުސާސް ވާނީ ހޫނު ދުވަސްވަރެއްގައި ގިނައިރު ހޫނުގެ ތެރޭގައި ނޫނީ އަވީގެ ތެރޭގައި އުޅުމުންނެވެ.

އަވިން އެނދުމުން ދިމާވާ އުނދަގޫތަކަށް ލުއިކަން ލިބެނީ ހަންގަނޑު ފިނިކޮށްގެންނާއި، ކުރިމަތިވާ ރިހުމަށް ތަދުކެނޑުވުމަށް ޕެނަޑޯލް ފަދަ ބޭހެއް ބޭނުންކުރުމުންނެވެ. ނަމަވެސް އަވިން އެނދުމުގެ ސަބަބުން ހަންގަނޑަށް އަންނަ ބަދަލު ފިލައި ދިއުމަށް ދުވަސްކޮޅެއް ނެގުމަކީ އެކަށީގެންވާ ކަމެކެވެ.


ސަބަބު

އަވިން އެނދުން ކުރިމަތިވަނީ މާގިނައިރު އަވީގައި އުޅުމުންނެވެ. ނޫނީ އިރުގެ އަލިން އަންނަ އަލްޓްރާ ވައިލެޓް ދޯދި ތަކަށް މާގިނައިރު ހުށަހެޅުމުންނެވެ. އަލްޓްރާ ވައިލެޓް ދޯދިތަކަށް ޓެނިންގ ބެޑް ނޫނީ ސަންލޭމްޕް ފަދަ މަޞްނޫޢީ އާލަތްތަކުން ވެސް ހުށަހެޅިދާނެ އެވެ. އަލްޓްރާ ވައިލެޓް ދޯދި ތަކުގެ ވައްތަރުތަކުގެ ތެރެއިން އަލްޓްރާ ވައިލެޓް އޭ ދޯދި ތަކަކީ ހަމުގެ ފުން ފަށަލައަށް ވާޞިލްވުމުގެ ބާރު ލިބިގެންވާ، ގިނަ ދުވަހު އެއަށް ހުށަހެޅުމުން ހަމަށް ގެއްލުން ލިބެނިވި ދޯދި ތަކެކެވެ. ހަމުގެ މަތީ ފަށަލަތަކަށް އާންމުކޮށް ވަންނަނީ ނުވަތަ ވާޞިލްވަނީ އަލްޓްރާ ވައިލެޓް ބީ ދޯދި ތަކެވެ. އަވިން އެނދުން ކުރިމަތިވަނީ މިދޯދި ތަކުގެ ސަބަބުންނެވެ.

މަގުފަހިކުރާ ކަންތައްތައް

އަވިން އެނދުން ކުރިމަތިވުމުގެ ހިރާސް އިތުރުކުރާ ކަންތައްތަކުގެ ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ.

·         ހަންގަނޑު ދޮންކޮށް އަދި ރަތް އިސްތަށި ގަނޑެއް ހުރުން

·         ކުރިން އަވިން އެނދުން ކުރިމަތިވުން

·         ހޫނު ގަދަ ހިސާބެއްގައި ދިރިއުޅުން

·         އާންމުކޮށް ބޭރުގައި ހޫނުގެ ތެރޭގައި މަސައްކަތްކުރުން

·         ހޫނުއިރު ފެތުން

·         އާދަކޮށް ބަނގުރާ ބުއިމާއެކު ބޭރުތެރޭގައި ކުޅޭ ކުޅިވަރުތައް ކުޅެހެދުން

·         އާންމުކޮށް އުޅޭ އުޅުމުގައި ވެސް އަވީގެ ތެރޭގައި ގިނައިރު އުޅެންޖެހުން

·         އަވިން އެނދުމަށް ބާރުލިބޭ ފަދަ ބޭހެއް ބޭނުންކުރުން

އަލާމާތްތައް

·         ހަންގަނޑު ރަތްވެ އެނދުން

·         ހަންގަނޑު ހޫނުވެ، ހަމުގައި އަތްލުމުން ހޫނުކަން އިހުސާސްވުން

·         ހަމުގައި ރިހުމާއި، ބީހިލުމުން ތަދު އިހުސާސްވުން

·         ހަންގަނޑު ހިރުވައި ކެހުން

·         ހަންގަނޑު ދުޅަވުން

·         ހަމުގައި ފެންއެރިފައި ހުންނަ ފެންފޮޅުތަކެއް ނެގުން އަދި ބައެއް ފަހަރު މިފެންފޮޅުތައް ފަޅައިގެން ހިނގައިދާނެއެވެ.

·         ބޮލުގައި ރިހުން، ހުންއައުން، ވާޅުވުން، މޭނުބައިކުރުން : މިއުދަނގޫތައް ކުރިމަތިވަނީ މާބޮޑަށް އަވިން އެނދުން ކުރިމަތިވެފައިވާ ނަމަ އެވެ.

·         ލޮލުގައި ރިހުން އަދި ލޮލުގައި އެއްޗެއް ޖެހޭހެން އިހުސާސްވުން

ހަށިގަނޑުން ހާމައަށް ފެންނަން ހުންނަ ހިސާބުތައް މިސާލަކަށް ކަންފަތުފޫޅު، ބޮލުގެ ހަންގަނޑު އަދި ތުންފަތް ފަދަ ހިސާބުތައް އަވިން އެނދުމަކީ ގާތް ކަމެކެވެ. ހެދުން އަޅާފައި ހުންނައިރު ވެސް މާތުނި ދޫކޯށް ހުންނަ ހެދުން ލާފައި ހުންނަނަމަ، ފަހަރުގައި އިރުގެ ދޯދިތައް މިފަދަ ހެދުން ކަނޑަތުކޮށް ހަމަށް ވާޞިލްވުމަކީ ގާތް ކަމެކެވެ. އިރުގެ އައްޔަށް އެންމެ ނާޒުކު ލޯ ވެސް އަވިން އެނދުމަކީ ގާތް ކަމެކެވެ.

އަވިން އެނދުމުގެ އަލާމާތްތައް އާންމުކޮށް ފެންނަށް ފަށަނީ އަވީގައި ނޫނީ ހޫނުގައި އުޅޭތާ މަދުގަޑިއިރު ތަކެއްގެ ތެރޭގައެވެ. އަވިން އެނދުން ކުރިމަތިވާތާ ދެތިން ދުވަހުގެ ތެރޭގައި ހަށިގަނޑު އޭގެ ޒާތުގައި ރަނގަޅުވާން ފަށާނެ އެވެ. އެގޮތުން ހަމުގެ މަތީ ފަށަލަ ފޮޅި ނެއްޓިދާނެއެވެ. ބައެއް ފަހަރު އަވިން އެނދުން އެއްކޮށް ރަނގަޅުވެ، ފަސޭހަވާން ދުވަސްކޮޅެއް ނެގުމަކީ އެކަށީގެންވާ ކަމެކެވެ.

ނުރައްކާތައް

ތަކުރާރުކޮށް އިރުގެ އައްޔަށް ހުށަހެޅުމަކީ ހަންގަނޑު އަވިން އަނދައި، ހަމަށް ގެއްލުންވެ، އެހެން ބަލިތަކަށް މަގުފަހިކުރާނެ ކަމެކެވެ. އެގޮތުން ކުރިމަތިވެދާނެ ކަންތައްތަކުގެ ތެރޭގައި ހަންގަނޑު މާއަވަހަށް މުސްކުޅިވުން، ޕްރިކެންސަރަސް ސްކިން ލީޒަން އަދި ހަމުގެ ކެންސަރު ފަދަ ކަންތައްތައް ހިމެނެއެވެ.

ހަންގަނޑު މާއަވަހަށް މުސްކުޅިވުން

ތަކުރާރުކޮށް އިރުގެ އައްޔަށް ހުށަހެޅި، ހަންގަނޑު އަވިން އެނދުމަކީ ހަންގަނޑު މުސްކުޅިވުން އަވަސްވާނެ ކަމެކެވެ. އަލްޓްރާ ވައިލެޓް ދޯދިތަކަށް ހުށަހެޅިގެން ހަމަށް އަންނަ ބަދަލަށް ކިޔަނީ "ފޮޓޯ އޭޖިންގ" އެވެ. ފޮޓޯ އޭޖިންގ ގެ ސަބަބުން ނިކުންނަ ނަތީޖާގެ ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ.

·         ހަމުގެ ވާންކަން ގެއްލި ހަމުގެ ވަރުދެރަވުން

·         ހަމުގައި ރޫޖެހުން

·         ހަންގަނޑު ހިކި ކުރަކިވުން

·         ކޯތާފަތް، ނޭފަތް، ކަންފަތް ފަދަ ހިސާބުގައި ހަމުން ކުދިކުދި ހިމަ ލޭހޮޅިތައް ފާޅުވެ ފެންނަން ހުރުން

·         މޫނު، އަތްތިލައިގެ ނުފުށް، މުލައްދަނޑި، މޭމަތި އަދި ބުރަކަށި ފަދަ ހިސާބުތަކުގައި އަދިރި ލައްތަކެއް ޖެހުން

ޕްރިކެންސަރަސް ސްކިން ލީޒަން

ޕްރިކެންސަރަސް ސްކިން ލީޒަން އަކީ އިރުގެ އައްޔަށް ހުށަހެޅޭ ހިސާބުތަކުގެ ހަމުގައި ކުރަކިކޮށް، ތޮށިލައިފައި،  ހުންނަ ޕެޗްތަކެކެވެ. އެގޮތުން މިފަދަ ޕެޗްތައް ހުންނަނީ ބޯ، މޫނު، ކަދުރާ، އަތްތިލަ ފަދަ އިރު އައްޔަށް ހުށަހެޅުމުގެ ހިރާސް ބޮޑު ހިސާބު ތަކުގައެވެ. މިފަދަ ޕެޗުތައް ގިނަ ދުވަސްވުމުން ހަމުގެ ކެންސަރަށް ބަދަލުވުމަކީ އެކަށީގެންވާ ކަމެކެވެ. މިޕެޗްތަކަށް "އެކްޓިނިކް ކެރަޓޯސީޒް"(actinic keratoses) އަދި "ސޯލަރ ކެރަޓޯސީޒް"(solar keratoses) ކިޔައި އުޅެއެވެ.

ހަމުގެ ކެންސަރު

އަވިން އެނދުމަކާ ނުލައި ވެސް ތަކުރާރުގެ އިރުގެ އައްޔަށް ހުށަހެޅުމަކީ ނޫނީ ގިނައިރު އަވީގައި އުޅުމަކީ "މިލާނޯމާ" ފަދަ ހަމުގެ ކެންސަރު ޖެހުމުގެ ހިރާސް އިތުރުކުރާނެ ކަމެކެވެ. އިރުގެ އައްޔަށް ތަކުރާރުކޮށް ހުށަހެޅުމަކީ ހަމުގައި ހިމެނޭ ޑީއެންއޭ އަށް ބަދަލުގެނުވާނެ ކަމެކެވެ. ކުޑައިރު ގިނައިން އަވީގައި އުޅުމަކީ ބޮޑުވުމުން ހަމުގެ ކެންސަރުގެ ހިރާސް އިތުރުކުރާނެ ކަމެކެވެ.

ހަމުގެ ކެންސަރު އާންމުގޮތެއްގައި އުފެދެނީ ހަމުން ބޮޑަށް އިރުގެ އައްޔަށް ހުށަހެޅޭ ހިސާބުތަކުގައެވެ. މިސާލަކަށް ބޮލުގެ ހަންގަނޑު، މޫނު، ތުންފަތް، ކަންފަތް، ކަދުރާ، މޭމަތި، އަތް، އަތްތިލަ، ފައި، ފައިތިލަ  އަދި ބުރަކަށި ފަދަ ހިސާބުތަކުގައެވެ.

ބައެއް ވައްތަރުގެ ހަމުގެ ކެންސަރު ފާހަގަވަނީ ހަމުގައި އިންނަ ކުޑަ އުފެދުމެއް ނޫނީ ފަސޭހައިން ލޭހިލޭ ފާރުކޮޅެއްގެ ސިފައިގައެވެ. މިފަދަ ތަންތަން ތޮށިލައި، ފަސޭހަވެ، އަނެއްކާ ވެސް އެގޮތަށް އުފެދި ދެއެވެ. ހަމުގެ ކެންސަރުގެ ވައްތަރުތަކުގެ ތެރެއިން މިލަނޯމާ ގައި ހަމުގައި އިންނަ ކަޅުތިލަ އެއް ފަދަ އެއްޗެއް ބަދަލުވެގެން ދެއެވެ. ނޫނީ އަލަށް، އަދި ޝައްކުކުރެވޭ ފަދަ ގޮތަކަށް އިންނަ ކަޅުތިލައެއް އުފެދޭގޮތް ވެއެވެ.

ލޮލަށް ގެއްލުންވުން

މާގިނައިން އިރުގެ އައްޔަށް ހުށަހެޅުމަކީ ލޮލުގެ ހާމަ ދުއްޔަށް ގެއްލުންވެދާނެ ކަމެކެވެ. އިރުގެ އަލީގެ ސަބަބުން ލޮލުގެ ލެންސް އަށް ގެއްލުންވުމުން ލޯފުސްވުން ކުރިމަތި ކުރުވައެވެ. އަވިން އަނދާފައިވާނަމަ ލޮލުގައި ރިހުން އަދި ލޮލުގައި އެއްޗެއް ޖެހޭ ކަހަލަ އިހުސާސެއް ކުރެވޭނެ އެވެ. ލޯ އަވިން އެނދުމަށް ބައެއް ފަހަރު "ސްނޯ ބްލައިންޑްނަސް" ވެސް ކިޔައި އުޅެއެވެ. މިގޮތަށް ލޮލަށް ގެއްލުން ލިބިދާނެ ކަންކަމުގެ ތެރޭގައި އިރުގެ އައްޔަށް ހުށަހެޅުން، ވެލްޑިންގ ވިދުވަރަށް ހުށަހެޅުން، ޓެނިންގ ލޭމްޕް ބޭނުންކުރުން އަދި ބްރޯކަން މާކަރީ ވެޕަރ ލޭމްޕް ބޭނުންކުރުން ފަދަ ކަންތައްތައް ހިމެނެއެވެ.

ދެނެގަތުން

އަވިން އެނދުން އާންމުކޮށް ދެނެގަންނަނީ ބޭރުފުށުން ހަށިގަނޑު ބަލާ ބެލުންތަކުންނެވެ. ކުރިމަތިވެފައިވާ އުދަނގޫތަކާއި ބޭނުންކުރާ ބޭސްތަކުގެ މައުލޫމާތު އޮޅުން ފިލުވައިފާނެ އެވެ. މީގެ އިތުރުން އިރުގެ އަތްވަށް ހުށަހެޅޭތާ ހޭދަވީ މުއްދަތާއި ކުރާ މަސައްކަތް، އަވީގައި އުޅޭ މިންވަރު ފަދަ ކަންތައްތައް ވެސް އަހައި އޮޅުން ފިލުވާނެއެވެ.

އިރުގެ އައްޔަށް ހުށަހެޅި އަވިން އެނދުން ކުރިމަތިވެފައިވާ ކަމަށް ޝައްކު ކުރެވޭނަމަ، ފޮޓޯޓެސްޓިންގ ހެދުމަށް ލަފާދެއެވެ. މިއީ ހަމުގެ ކުޑަ ތަންކޮޅަކަށް އަލްޓްރާ ވައިލެޓް ދޯދީގެ ދެވައްތަރު އަލްޓްރާ ވައިލެޓް ދޯދި އޭ އަދި އަލްޓްރާ ވައިލެޓް ދޯދި ބީ ހުށަހަޅައިގެން ހަދާ ޓެސްޓެކެވެ. ފޮޓޯ ޓެސްޓިންގ އަށް ހަންގަނޑު އިޖާބަދީފިނަމަ އޭގެ މާނައަކީ ހަންގަނޑު އިރުގެ އައްޔަށް ނާޒުކު ވުމެވެ. ނުވަތަ ފޮޓޯ ސެންސިޓިވް ވުމެވެ.

އަވަސްފަރުވާ

ހޫނުވެގެން އަނބުރައިގަންނަ މީހުން އާންމުކޮށް ވަރަށް އަވަހަށް (ގާތްގަނޑަކަށް 15-10 މިނިޓްގެ މުއްދަތެއްގެ ތެރޭގައި) އެކަށޭނަ ފަރުވާ އާއި އެކު ރަނގަޅު ކުރެވެއެވެ. މަސައްކަތުގެ މާހައުލުގައި އުޅެނިކޮށް ހޫނުވެގެން އަނބުރައިގަތުމުން އަވަސްފަރުވާގެ ގޮތުގައި ކުރެވިދާނެ ކަންތައްތައް ނުވަތަ އަމަލުކުރަންވީ ގޮތް ތައް ތިރީގައި މިވަނީ އެވެ.

·         ހޫނުވެގެން އަނބުރައިގަތް މީހާ ފިނި ހިޔާ ލިބޭ ހިސާބަކަށް ގެންދިއުން

·         އަނބުރައިގަންނަހެން ހީވުމުން، ފިނި ތަނެއްގައި ނޫނީ ހިސާބެއްގައި އިށީނުން ނޫނީ އޮށޯތުން

·         ހިތަށް އަނބުރާ ލޭ ފޮނުވުމަށް އިތުރުކުރުމަށް އޮށޯވެ ބޭއްވުމަށްފަހު ފައި މައްޗަށް އުފުލާލުން

·         ލަސްލަހުން ފެން ، ސްޕޯޓްސް ޑްރިންކް ނޫނީ ޖޫސް ފަދަ އެއްޗެއް ބުއިން

އަވިން އެނދުމުން ރައްކާތެރިވުމަށް ކުރެވިދާނެ ކަންތައްތައް

·         ހެދުނު 10 އާއި ހަވީރު 4 އާއި ދެމެދު އަވީގައި ނުއުޅުން

·         ސަން ޓެނިންގ އަދި ޓެނިންގ ބެޑް ބޭނުންކުރުމާއި ދުރުހެލިވުން

·         އަވީގެ ތެރެއަށް ނިކުންނައިރު ސަންސްކްރީން ބޭނުންކުރުން

·         އިރުގެ އަވީގެ ދޯދިތަކުން ކުޑަކުދިންނާއި ތުއްތު ކުދިން ރައްކާތެރިކުރުވުން

·         އަވީގެ ތެރޭގައި އުޅޭއިރު، ތޮފި، ކުޑަ ފަދަ ރައްކާތެރިވުމުގެ ގޮތުން ބޭނުންކުރާ އާލަތްތައް ބޭނުންކުރުން

·         ބޭރުތެރޭގައި އުޅޭއިރު އަވިއައިނު އެޅުން

ގޭގައި ކުރެވިދާނެ ކަންތައްތައް

·         ތަދުތަކާއި ރިހުން ކުޑަކުރުމަށް ތަދުކަނޑުވާ ބޭސް ބޭނުންކުރުން : އަސިޓަމިނޯފަން ނުވަތަ އައިބުޕްރޯފެން ފަދަ ބޭހެއް ބޭނުންކުރެވިދާނެ އެވެ. ނޫނީ ހަމުގައި އުގުޅާ ތަދުކަނޑުވާ ބޭހެއް ވެސް ބޭނުންކުރެވިދާނެ އެވެ.

·         ހަންގަނޑު ފިނިކުރުން : ކޫލް ފެނުން ތެތްމާފައިވާ ފޮތިގަނޑެއް އަވިން އަނދާފައިވާ ހިސާބުގައި އެޅިދާނެއެވެ. 60 ގުރާމް ބޭކިން ސޮޑާ ޓަބް އަށް އަޅައިގެން ކޫލް ބާތު އެއް ވެސް ނެގިދާނެއެވެ. ހަންގަނޑު ފިނިކުރަން ކޮންމެ ދުވަހަކު ވެސް މަދުވެގެން 10 މިނިޓް ވަންދެން މަސައްކަތްކުރާށެވެ.

·         މޮއިސްޗަރައިޒަރ، ނޫނީ ލޯޝަނެއް ފަދަ އެއްޗެއް ހަމުގައި އުގުޅުން : އެލޯވެރާ ލޯޝަން ނޫނީ ކެލަމިން ލޯޝަން ފަދަ ލޯޝަނެއް ހަމުގައި އުގުޅިދާނެއެވެ. ހަމުގައި އުގުޅުމުގެ ކުރިން ލޯޝަން ފުޅި އައިސް އަލަމާރި ފަދަ އެއްޗެއްގައި ބަހައްޓައި ކޮންމެވެސް ވަރަކަށް ފިނިކޮށްލެވިދާނެއެވެ.

·         ގިނައިން ދިޔާތަކެތި ބޭނުންކުރުން : މިއީ ހަށިގަނޑުން ފެނާއި ލޮނުގެ ބައި މަދުވުން ކުޑަކޮށްދޭނެ ކަމެކެވެ.

·         ހަމުގައި ހުންނަ ފެންބިހި ނޫނީ ފެންފޮޅުތަކާ ނުކުޅެ ހުރިގޮތަށް ބެހެއްޓުން : ފެންފޮޅުތަކާއި ނުކުޅެ ހުރިގޮތަށް ބެހެއްޓުމުން ހަންގަނޑު އަވިން އެނދުމުން ލިބުނު ގެއްލުމުން ފަސޭހަވުމަށް އަވަސްކޮށްދެއެވެ. ފެންފޮޅުތައް ފެޅިއްޖެނަމަ، ފަޅައިގެން ދިޔަ ފޮޅުތަކުގެ ވަށައިގެން ހުރި މަރުވެފައިވާ ހަންތައް ކުޑަ ކަތުރަކުން ނައްޓައި ސާފުކުރަން ވާނެއެވެ. ބާރުގަދަ ނޫން ސައިބޯންޏަކުން ފަޅައިގެންގޮސްފައިވާ ފެންފޮޅުތައް ހުރި ހިސާބު ރަނގަޅަށް ދޮވެ ސާފުކޮށްލެވިދާނެ އެވެ. އެއަށްފަހު އެންޓިބަޔޮޓިކް އޮއިންޓްމަންޓް އެއް އެހިސާބުގައި އުގުޅިދާނެއެވެ.

·         ނޮޅިފައިވާ ހަންގަނޑަށް ފަރުވާކުރުން : އަވިން ހަންގަނޑު އަނދާތާ ދުވަސްކޮޅެއްގެ ތެރޭގައި އަވިން އެނދި ހަންގަނޑު ނޮޅެން ފަށާނެއެވެ. މިއީ އަވިން އެނދުމުގެ ސަބަބުން ހަލާކުވި، ހަމުގެ މަތީ ފަށަލަ ނެއްޓޭތީ ވާގޮތެކެވެ. ހަންގަނޑު ނޮޅެމުންދާ ވަރަކަށް ނޫނީ ނޮޅެމުންދާއިރު ހަމުގައި މޮއިސްޗަރައިޒިންގ ލޯޝަން އުގުޅަމުން ގެންދާށެވެ.

·         ހިރުވައި ކެހުން ކުޑަކުރުމަށް ބޭސް ބޭނުންކުރުން : ހަމުގައި އުފެދޭ ހިރުވުމާއި ކެހުން ކުޑަކުރުމަށް  ސެޓްރިޒިން ފަދަ އެންޓިހިސްޓަމައިންގެ ގޮތުގައި ގުނާލެވޭ ބޭހެއް ނެގިދާނެއެވެ.

·         ހަމުގައި ސޫތިންގ މެޑިކޭޓެޑް ލޯޝަން އެއް ގުޅުން : އެގޮތުން އަވިން އަނދާފައިވާ ހިސާބުގައި ހައިޑްރޯކޯޓިޒޯން %1 ފަދަ ކްރީމެއް އުގުޅިދާނެއެވެ. މިކްރީމް ގުޅާނީ ދުވާލަކު 3 އިރު 3 ދުވަހުގެ މުއްދަތަށެވެ. އުގުޅުމުގެ ކުރިން ފިނިކޮށްލުމަށް އައިސް އަލަމާރީގައި އިރުކޮޅެއް ވަންދެން ބޭއްވިދާނެއެވެ.

·         އަވިން އަނދާފައިވާ ލޮލަށް ފަރުވާކުރުން : ކޫލް ފެނުން ތެތްމާފައިވާ ސާފު ފޮތިގަނޑެއް ލޮލުގައި އަޅާށެވެ. ނޫނީ އެފަދަ ފޮތިގަނޑަކުން ލޯކައިރި ސާފުކުރާށެވެ. ލޯ ނުއުގުޅާށެވެ. އަދި ރަނގަޅުވަންދެން ކޮންޓެކްޓް ލެންސް ބޭނުން ނުކުރާށެވެ.

·         އިތުރަށް އަވިން އެނދުމުން ރައްކާތެރިވުން : އިތުރަށް އަވިން އެނދުމުން ރައްކާތެރިވުމަށް ބޭރުތެރެއަށް ޚާއްޞަކޮށް އަތްވަށް ނިކުންނައިރު ރައްކާތެރިވުމުގެ ބޭނުންކުރެވޭ އަދަވާތްތައް މިސާލަކަށް ކުޑަ، އަވިއައިނު، ތޮފި ފަދަ ތަކެތި ބޭނުންކުރާށެވެ. ހާމައަށް ފެންނަން ހުންނަ ހިސާބުތަކުގައި ސަންސްކްރީން ލޯޝަން އުގުޅާށެވެ.  

އާންމުކޮށް ހޫނުކަމާ ގުޅުންހުރި ބަލިތަކުން ރައްކާތެރިވެވޭނެ ގޮތްތައް

·         ގިނައިން ފެންބުއިން (ފެންމަދުވިޔަނުދިނުމަށް ކަރުނުހިއްކި ނަމަވެސް)

·         ޔޫވީ ރޭޑިއޭޝަން ފިލްޓަރކޮށްދޭ ފަދަ އަވިއައިނެއް ބޭނުންކުރުން

·         އަވީތެރޭގައި އުޅޭއިރު  ތޮފި، އަވި އައިނު، ކުޑަ ފަދަ ތަކެތި ބޭނުންކުރުން

·         ގިނައިރު އަވީގެ ތެރޭގައި އުޅެންޖެހޭނަމަ އެސްޕީއެފް 15 އަށްވުރެ މަތި ސަންސްކްރީން ލޯޝަން ބޭނުންކުރުން

·         ބޮޑަށް ހިޔާވާ ކަހަލަ ފުޅާ ތޮއްޕެއް ބޭނުންކުރުން

·         ގަދަ އަތްވާއި ހޫނުގެ ތެރޭގައި ގިނައިރު ހޭދަނުކުރުން

·         ކުލަމަޑު ހަށިގަނޑު ނިވާވާ ފަދަ ދޫހެދުންލުން

·         ކޮފީ، ކޯލާ، އެނާޖީ ޑްރިންކްސް ފަދަ ކެފެއިން އެކުލެވޭ ބުއިންތަކާ ދުރުހެލިވުން

·         ގަޔަށްދޫކޮށް ހުންނަ ކަފަ ބޭނުންކޮށްގެން ތައްޔާރުކޮށްފައި  އަދި ތުނިކޮށް ހުންނަ އަންނައުނު ބޭނުންކުރުން

·         ހޫނު ދުވަސްވަރު ވެސް އެކަށޭނަ ވަރަށް އަރާމުކުރުމަށް ވަގުތު ހޭދަކުރުން

·         ހަށިގަނޑަށް ފައިދާހުރި ތަރުކާރީ އާއި މޭވާގެ ބާވަތްތައް އެކަށޭނަ ވަރަށް ކެއުމުގައި ހިމެނުން

ނޯޓް : މިއީ މައުލޫމާތު ފެތުރުމުގެ ނިޔަތުގައި ލިޔެފައިވާ ލިޔުމެކެވެ.

މައުލޫމާތު

·         https://www.cdc.gov/niosh/topics/heatstress/heatrelillness.html

·         https://www.mayoclinic.org/diseases-conditions/sunburn/symptoms-causes/syc-20355922

  

No comments:

Post a Comment