ނީޕާ
ވައިރަސް އިންފެކްޝަން
ނީޕާ ވައިރަސް(Nipah virus) އިންފެކްޝަން އަކީ ޖަނަވާރުންގެ ފުށުން އިންސާނުންނަށް ފެތުރިދާނެ ބައްޔެކެވެ. ނުވަތަ ޖެހިދާނެ ބައްޔެކެވެ. ނީޕާ ވައިރަސް އާއި ތަޣައްޔަރުވެފައިވާ ކާބޯތަކެތި ބޭނުންކުރުމުންނާއި، ނީޕާ ވައިރަސް އިންފެކްޝަންޖެހިފައިވާ މީހުންގެ ފުށުން އަނެކުންނަށް ވެސް މިބަލި ޖެހިދާނެ އެވެ.އަރިދަފުސް ރޯގާ އިން ފެށިގެން ގޮސް، ނުރައްކާތެރި ސިކުނޑި ދުޅަވުން ފަދަ ހާލަތްތަކާއި ހަމައަށް މިބަލީގެ ނުރައްކާތެރި ހާލަތުގައި ވާޞިލްވެއެވެ (ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ، 2026). އިންސާނުންގެ ތެރޭގައި އެކަކު ގައިން އަނެކާގެ ގަޔަށް ވެސް ނީޕާ ވައިރަސް އިންފެކްޝަން ފެތުރެއެވެ (ސީޑީސީ، 2026). ނީޕާ ވައިރަސް އިންފެކްޝަން އަކީ ފުރާނައަށް ނުރައްކާވާ ފަދަ ނުރައްކާތެރި ބައްޔަކަށްވުމުން ބަލިޖެހޭ މީހުންގެ ތެރެއިން 70%-40 މީހުން ދުނިޔެ ދޫކުރެއެވެ (ސީޑީސީ، 2026).
ނީޕާ ވައިރަސް އިންފެކްޝަން އެންމެ ފުރަތަމަ ހޯދުނީ 1998 ވަނަ އަހަރު
މެލޭޝިޔާ އިންނެވެ. 1999 ވަނަ އަހަރު މިބަލި ސިންގަޕޫރުން ފާޙަގަވި އެވެ. އެއީ
މެލޭޝިޔާ އިން ސިންގަޕޫރަށް އެތެރެކުރި ބަލިޖެހިފައިވާ އޫރުތަކެއްގެ ފުށުންނެވެ.
އޭގެ ފަހުން ސިންގަޕޫރު އަދި މެލޭޝިޔާ އިން އިތުރަށް ބަލި ފެނިފައެއް ނުވެއެވެ
(ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ، 2026). އެފަހަރު 300 އޫރަށް
ބަލިޖެހި، 100 އަށްވުރެ ގިނަ މީހުން ބަލިޖެހިގެން މަރުވެފައި ވެއެވެ (ސީޑީސީ،
2026). 2001 ވަނަ އަހަރު އިންޑިޔާ އަދި ބަގްލަދޭޝް އިން ނީޕާ ވައިރަސްގެ ކޭސްތައް ދޭތެރެ
ދޭތެރެއިން ފެނިފައި ވެއެވެ. ނީޕާ ވައިރަސް ގެ އިންފެކްޝަންގެ ކޭސްތައް އޭގެ
ފަހުން އިންޑިޔާ އަދި ބަގްލަދޭޝްގެ އެކި ހިސާބުތަކުން ފާހަގަވެފައިވެއެވެ. އަދި
2026 ވަނަ އަހަރު ވެސް އިންޑިޔާ އިންނާއި، ބަގްލަދޭޝް އިން މިބަލި ފެނިފައިވެއެވެ.
2014 ވަނަ އަހަރު ފިލިޕީންސް އިން ކޭސްތައް ފެނުނަށް އޭގެ ފަހުން މިބަލި
ފިލިޕިންސް އިން ފެނިފައެއް ނުވެއެވެ (ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ، 2026).
ނީޕާ ވައިރަސް ނިސްބަތްވަނީ "ޕެރަމިކްސޯވިރިޑޭ"(paramyxoviridae) އާއިލާގެ
"ހެނިޕަވައިރަސް"(Henipavirus) ޖީނަސް
އަށެވެ.
ބަލި ފެތުރުން
ނީޕާ ވައިރަސް ތަބީޢީ ގޮތެއްގައި އޭގެ ހަށިގަނޑުގައި އުފުލާ މަންމަލި
ޖަނަވާރަކީ ވާ ނުވަތަ ވާލެއެވެ. އިގިރޭސި ބަހުން މިވައްތަރު ގެ ވާލަށް ކިޔަނީ
"ފުރުޓް ބެޓް"(fruit bat / flying foxes) އެވެ.
އާންމުގޮތެއްގައި މިވައްތަރުގެ ވާ އޭޝިޔާގެ އެކި ހިސާބުތަކާއި އޮސްޓްރޭލިޔާ ގައި
ދިރިއުޅެއެވެ. ނީޕާ ވައިރަސް ގެ ސަބަބުން ވާލަށް ބައްޔެއް ނުޖެހެއެވެ (ދުނިޔޭގެ
ޞިއްޙަތު ޖަމްޢިއްޔާ، 2026).
އިންސާނުންނަށް ނީޕާ ވައިރަސް އިންފެކްޝަން ޖެހެނީ ބަލިޖެހިފައިވާ ޖަނަވާރަކާ
(މިސާލަކަށް ވާ، އޫރު، އަސް ފަދަ) ގައިގޯޅިވެ، ނޫނީ ގާތުން އެއްތާކު ވުމުގެ
ސަބަބުންނެވެ. މީގެ އިތުރުން ވައިރަސް އާއި ތަޣައްޔަރުވެފައިވާ މޭވާ ނުވަތަ މޭވާގެ
އުފެއްދުންތައް މިސާލަކަށް ކަދުރު ރުކުރާ، ނޫނީ ވާ ދަތްއަޅައިގެން ވައިރަސް އާއި
ތަޣައްޔަރުވެފައިވާ މޭވާ ފަދަ ތަކެތި ކެއުމުގެ ސަބަބުން ނޫނީ ބޭނުންކުރުމުގެ
ސަބަބުންނެވެ. މީގެ އިތުރުން އޫރުތަކުގެ ތެރޭގައި ވެސް މިބަލި ވަރަށް ބޮޑަށް
ފެތުރެއެވެ. އަދި އޫރުތަކަށް ވަރަށް ބޮޑަށް ނުރައްކާތެރި މިންވަރަކަށް މިބަލި
ޖެހޭކަން ނޫނީ ކުރިމަތިވާކަން ފާހަގަ ކުރެވެއެވެ (ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ،
2026).
އިންސާނުންގެ ތެރޭގައި އެކަކު ގައިން އަނެކާގެ ގަޔަށް ވެސް ނީޕާ ވައިރަސް
އިންފެކްޝަން ފެތުރެއެވެ. ބަލިޖެހިފައިވާ މީހުންނަށް ފަރުވާދިން ޞިއްޙީ ޚިދުމަތްދޭ
ތަންތަނުގައި މަސައްކަތްކުރާ މީހުންނާއި، އަދި ބަލިޖެހިފައިވާ މީހުންނާއި ގާތުން
އެއްތާކުވި ނޫނީ ބަލިޖެހިފައިވާ މީހުންނާއި އަޅާލާ ހެދުމުގައި ބައިވެރިވި މީހުންގެ
ފުށުން ބަލި ފާހަގަ ކުރެވިފައިވެއެވެ. ނޫނީ މިފަދަ މީހުންނަށް ބަލިޖެހިފައިވާ ކަން
ފާހަގަ ކުރެވެއެވެ (ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ، 2026).
ޞިއްޙީ ޚިދުމަތް ދޭ ތަންތަނުގައި ބޮޑަށް ބަލިފެތުރެނީ މީހުން ތޮށްޖެހުމާއި،
ވައިދައުރުވުން ގޯސްކޮށް ހުރުމާއެކު، އިންފެކްޝަން ކޮންޓްރޯލްކުރުން ހަރުދަނާ
ނުވުމުގެ ސަބަބުންނެވެ. މިސާލަކަށް އަތުގެ ސާފުތާހިރުކަމަށް ރައްކާތެރިނުވުން،
ބޭނުންކުރަންޖެހޭ އަދަވާތްތައް ބޭނުންނުކުރުން، ތަނުގެ ސާފުތާހިރުކަން ކުޑަވުން
ފަދަ ކަންކަމުގެ ސަބަބުންނެވެ (ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ، 2026).
ނީޕާ ވައިރަސް އިންފެކްޝަން ޖެހިދާނެ ގޮތްތަކުގެ ތެރޭގައި އަންނަނިވި
ގޮތްތައް ހިމެނެއެވެ (ސީޑީސީ، 2026).
·
ބަލިޖެހިފައިވާ ވާ،
އޫރު ފަދަ ޖަނަވާރުތަކުގައި އަތްލައިހެދުން ނޫނީ އެތަކެއްޗާއި ގައިގޯޅިވެއުޅުން (ސީޑީސީ،
2026).
·
ބަލީގެ ވައިރަސް އާއި
ތަޣައްޔަރުވެފައިވާ ކާބޯތަކެތި ބޭނުންކުރުން: ގިނަ ފަހަރަށް މިގޮތަށް ކާބޯތަކެތި
ތަޣައްޔަރުވަނީ ބަލިޖެހިފައިވާ ޖަނަވާރެއް އެއެއްޗެއްގައި ދޫލުން ނޫނީ
ދަތްއަޅައިހެދުން މިސާލަކަށް ވާ ފަދަ ތަކެތި މޭވާހެފުން ނޫނީ ދަތްއެޅުން ފަދަ
ކަންކަމުގެ ތެރެއިންނެވެ. ނީޕާ ވައިރަސް އާއި ތަޣައްޔަރުވެފައި ހުރި ކަދުރު ރުކުރާ
ބޮއިގެންނާއި، ނީޕާ ވައިރަސް އާއި ތަޣައްޔަރުވެފައި ހުރި މޭވާ ތަކެތި
ބޭނުންކޮށްގެން ބައެއް ހިސާބުތަކުގައި ބަލި ކުރިން ފެތުރިގެން ގޮސްފައިވެއެވެ
(ސީޑީސީ، 2026).
·
ބަލިޖެހިފައިވާ
މީހެއްގެ ހަށިގަނޑުން ބޭރުވިޔަ ދިޔަ އެއް (ކުޅު، އަރިދަފުސް ފަދަ ތަކެތި) ގައި
އަތްލުން ނޫނީ ހޭކުން (ސީޑީސީ، 2026).
ބަޔާންކުރެވުނު ގޮތްތަކުގެ ކުރުގެ ގޮތަކުން މީހަކަށް ނީޕާ ވައިރަސް
އިންފެކްޝަން ޖެހުމަށްފަހު އެމީހެއްގެ ފުށުން އެހެން މީހުންނަށް ބަލި ފަތުރަމުން
ގެންދާނެއެވެ (ސީޑީސީ، 2026).
ނީޕާ ވައިރަސް އިންފެކްޝަން
ޖެހުމުގެ ހިރާސް ބޮޑު ފަރާތްތައް
ނީޕާ ވައިރަސް އިންފެކްޝަން ޖެހުމުގެ ހިރާސް ބޮޑު ފަރާތްތަކުގެ ތެރޭގައި
އަންނަނިވި ފަރާތްތައް ހިމެނެއެވެ (ސީޑީސީ، 2026).
·
އޫރުތައް ގާތުގައި
މަސައްކަތްކުރާ މީހުން
·
ނީޕާ ވައިރަސް
އިންފެކްޝަން ޖެހިފައިވާ މީހުންގެ އާއިލާގެ މެންބަރުންނާއި، އެފަދަ ބަލިމީހުން
ބަލަހައްޓާމީހުން
·
ނީޕާ ވައިރަސް
އިންފެކްޝަން ޖެހިފައިވާ މީހުންނަށް ފަރުވާކުރުމުގައި ބައިވެރިވާ ޞިއްޙީ
އެހީތެރިން
·
ނީޕާ ވައިރަސް އާއި
ތަޣައްޔަރު ވެފައިވާ ކާބޯތަކެތި ބޭނުންކުރުން : މިސާލަކަށް ނީޕާ ވައިރަސް
ތަޣައްޔަރުވެފައިވާ ކަދުރު ރުކުރާ ބުއިން
·
ނީޕާ ވައިރަސް އާއި
ތަޣައްޔަރުވެފައިވާ ވާ އާންމުކޮށް ޖައްސައި އުޅޭ ގަސްގަހަށް އަރައިއުޅޭ މީހުން
(ސީޑީސީ، 2026).
އަލާމާތްތައް
ނީޕާ ވައިރަސް އިންފެކްޝަންގެ އިންކިޔުބޭޝަން ޕީރިއަޑް (ވައިރަސް ހަށިގަނޑަށް
ވަނުމަށްފަހު އަލާމާތްތައް ފެންނަށް ހޭދަވާ މުއްދަތު) އަކީ ގާތްގަނޑަކަށް 3
ދުވަހާއި 14 ދުވަހާއި ދެމެދުގެ މުއްދަތެކެވެ. ނަމަވެސް ބައެއް ފަހަރު ނޫނީ މަދު
ފަހަރަކު މިމުއްދަތުގެ ގިނަވެގެން ގޮސް 45 ދުވަހާއި ހަމައަށް ދިގު
ދެމިގެންދިއުމަކީ ވެސް ވެދާނެ ގޮތެކެވެ (ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ، 2026).
ނީޕާ ވައިރަސް އިންފެކްޝަން ޖެހުނަސް ބައެއް މީހުންނަށް ބަލީގެ އަލާމާތްތައް
ނުފެނި ހިނގައިދާނެއެވެ. ނީޕާ ވައިރަސް އިންފެކްޝަން ޖެހޭ މީހުން ގެ ކިބައިގައި
އާންމު ގޮތެއްގައި 14-3 ދުވަސް ވަންދެން ބަލީގެ އުދަނގޫތައް ހުރެއެވެ (ސީޑީސީ،
2026). ނީޕާ ވައިރަސް އިންފެކްޝަންގެ ސަބަބުން އާންމުކޮށް ފެނިދާނެ އަލާމާތްތައް
ތިރީގައި މިވަނީ އެވެ (ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ، 2026).
·
ހުންއައުން
·
ހީކެރުވުން
·
ބޮލުގައި ރިހުން
·
ވާނުވާ ނޭނގުން
·
ނޭވާލާން އުދަނގޫވުން
·
ކެއްސުން
·
ކަރުގައި ރިހުން
(ސީޑީސީ، 2026)
·
ވަރުބަލިވުން ނޫނީ
ވާޅުވުން
·
ބޯއެނބުރުން
·
ނިދިބަރުވެ، ތާއްޔަށްޖެހުން
·
ތަންދޮރު ނޭނގުން ،
ކޮންތާކުކަން ނޭނގުން، ނުވަތަ އޮޅުންބޮޅުންވުން (ސީޑީސީ، 2026)
·
މޭނުބައިކުރުން
·
ހޮޑުލެވުން
·
ބޭރަށްހިންގުން
(ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ، 2026).
ބައެއް މީހުންނަށް ބަލި ނުރައްކާތެރި މިންވަރަކަށް ކުރިމަތިވެދާނެ އެވެ.
ނަމަވެސް އާންމު ގޮތެއްގައި މިކަން ކުރިމަތިވަނީ ނާރުތަކުގެ ނިޒާމާ ގުޅުންހުރި
އަލާމާތްތައް (މިސާލަކަށް ބޮލުގައި ރިހުން، ވާނުވާނޭގުން) ފެންނަ މީހުންނަށެވެ.
މިފަދަ މީހުންގެ ބަލި އިތުރަށް ބޮޑުވެ، ސިކުނޑިދުޅަވުން ކުރިމަތިވާ ގޮތްވެއެވެ.
އަދި ބައެއް ފަހަރު ފުރާނައަށް ނުރައްކާވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.
އެހެންކަމުން މިފަދަ މީހުންނަށް ބަލީގެ ކުރީކޮޅު އެކަށޭނަ ފަރުވާދީ، ވަރަށް ބޮޑަށް
ބަލިމީހާއަށް އަންނަ ބަދަލުތައް ބަލަމުންގެންދިއުމަކީ މުހިއްމު ކަމެކެވެ. ގިނަ
މީހުން ބަލި އެއްކޮށް ރަނގަޅުވިޔަސް، ބައެއް މީހުންނަށް ނުވަތަ ބަލިޖެހޭ މީހުންގެ
ތެރެއިން ކޮންމެ 5 މީހުންގެ ތެރެއިން 1 އަކަށް ދިގުމުއްދަތަކަށް ނާރުތަކުގެ
ނިޒާމަށް ކުރިމަތިވާ ނުރައްކާތައް ކުރިމަތިވުމުގެ ފުރުޞަތު އޮވެއެވެ (ދުނިޔޭގެ
ޞިއްޙަތު ޖަމްޢިއްޔާ، 2026).
ނީޕާ ވައިރަސް އާއި ގުޅިގެން
ދިމާވާ ސިކުނޑި ދުޅަވުން
ނީޕާ ވައިރަސް އިންފެކްޝަންގެ ސަބަބުން ސިކުނޑި ދުޅަވުން ކުރިމަތިވުމަކީ
އެކަށީގެންވާ ކަމެކެވެ. މިހާލަތުގައި ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި އަންނަނިވި
ކަންތައްތައް ހިމެނެއެވެ (ސީޑީއޭ، ސިންގަޕޫރު، 2026).
ފުރަތަމަ ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި :-
·
ހުންއައުން
·
ބޮލުގައި ރިހުން
·
މަސްތަކުގައި ރިހުން
·
ހޮޑުލެވުން
·
އަދި ކަރުގައި ރިހުން
ހިމެނެއެވެ.
އޭގެ ފަހުން ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި އަންނަނިވި ކަންތައްތައް
ހިމެނެއެވެ (ސީޑީއޭ، ސިންގަޕޫރު، 2026).
·
ބޯއެނބުރުން
·
ވާނުވާ ނޭނގުން،
·
ނިދިބުރަވެ،ތާއްޔަށްޖެހުން،
·
ހޭވެރިކަމަށް
ބަދަލުއައުން
·
ތަންދޮރު ނޭނގުން
·
އަދި ފިޓުޖެހުން ފަދަ
ކަންތައްތައް ހިމެނެއެވެ (ސީޑީއޭ، ސިންގަޕޫރު، 2026).
އެދެވޭ ފަރުވާ ނުދެވިއްޖެނަމަ މިއުދަނގޫތައް ކުރިމަތިވާތާ 48-24 ގަޑިއިރުގެ
ތެރޭގައި އެމީހަކު ކޯމާ އަށް ދިއުމަކީ އެކަށީގެންވާ ކަމެކެވެ (ސީޑީސީ، 2026)
ދެނެގަތުން
ލެބޯޓަރީ ޓެސްޓުތައް ހެދުމަކާ ނުލައި ނީޕާ ވައިރަސް އިންފެކްޝަން އާއި،
ގައިންގަޔަށްއަރާ އެހެން ބަލިތައް ތަފާތު ކުރުމަކީ އުދަނގޫ ކަމެކެވެ. ނޫނީ
ސިކުނޑިދުޅަވުން، ނުވަތަ ނިއުމޯނިޔާ ކުރިމަތިކުރުވާ އެހެން ބަލިތަކާ ވަކިކޮށް
ތަފާތުކޮށް، ދެނެގަތުމަކީ ލެބޯޓަރީ ޓެސްޓު ހެދުމަކާ ނުލައި އުނދަގޫ ކަމެކެވެ. ނީޕާ
ވައިރަސް އިންފެކްޝަން ދެނެގަތުމަށް އެންމެ އާންމުކޮށް ހެދޭ ޓެސްޓަކީ ނުވަތަ
މައިގަނޑުކޮށް ހެދޭ ޓެސްޓަކީ ނޭވާލާ ނިޒާމުން ބޭރުވާ ދިޔަ، ލޭ، ނޫނީ ސިކުނޑީގެ
ތެރޭގައި ހުންނަ ފެން ނަގައިގެން ހެދޭ ރިއަލް ޓައިމް ޕޮލިމެރޭޒް ޗެއިން ރިއެކްޝަން(RT-PCR) ޓެސްޓެވެ.
މީގެ އިތުރުން ލޭގައި އެންޓިބޮޑީ ހުރިތޯ ބެލުމަށް އެންޒައިމް ލިންކްޑް
އިމިޔުނޯސޯބެންޓް އެސޭ(ELISA) ޓެސްޓު ވެސް ހެދިދާނެ އެވެ
(ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ، 2026).
ބަލިޖެހިފައިވާ މީހުންގެ ފުށުން ޓެސްޓު ހެދުމަށް މިބީދައިން ނެގޭ ސާމްޕަލް
އަކީ ބަޔޯހެޒާރޑް ރިސްކް އެކެވެ. ނޫނީ އެގޮތަށް ބެލެވޭނެ އެއްޗެކެވެ. އެހެންކަމުން
މިފަދަ ސާމްޕަލްތައް އުފުލައި ހެދުމުގައި އަދި ނެގުމުގައި ބަލިން ރައްކާތެރިވުމުގެ
ފިޔަވަޅުތައް އެންމެ މަތީ ދަރަޖައަށް ފަރިތަކުރުމަކީ މުހިއްމު ކަމެކެވެ (ދުނިޔޭގެ
ޞިއްޙަތު ޖަމްޢިއްޔާ، 2026).
ފަރުވާ
ނީޕާ ވައިރަސް އިންފެކްޝަން ވަކި ޚާއްޞަ ފަރުވާއެއް ނޯންނާތީ، ދުރާލާ ބަލި
ދެނެގަތުމަކީ ބައްޔަށް ބޭނުންވާ ސަޕޯޓިވް ކެއަރ އަވަހަށް ފޯރުކޮށްދިނުމަށް
ބޭނުންތެރި ކަމެކެވެ. އެހެންކަމުން މިފަދަ ނުރައްކާތެރި ވައިރަލް
އިންފެކްޝަންތަކަށް އެކަށޭނަ ފެންވަރު ރަނގަޅު ސަޕޯޓިވް ކެއަރ ދެވުމަކީ ފުރާނަ
ސަލާމަތްކުރުމަށް އެހީތެރިވެދޭނެ ކަމެކެވެ. އެގޮތުން ކުރެވިދާނެ ކަންތައްތައް
ތިރީގައި މިވަނީ އެވެ (ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ، 2026).
·
އެއްވެސް ކަހަލަ
ނުރައްކަލެއް ( ނިއުމޯނިޔާ،ސިކުނޑި ދުޅަވުން ފަދަ ކަމެއް) ކުރިމަތިވެފައިވޭތޯ
ބެލުން
·
ބަލިމީހާގެ ހުރި
އެހެން ޞިއްހީ ޙާލަތްތަކަށް ވެސް ރިޢާޔަތްކޮށް ފަރުވާ ފަރުމާކުރުން
·
ބޭނުންވެއްޖެ
ހާލަތެއްގައި އޮކްސިޖަން ފޯރުކޮށްދިނުން
·
ބޭނުންޖެހިއްޖެ
ހާލަތެއްގައި ވެންޓިލޭޓަރަށްލުން ނޫނީ ޑަޔަލިސިސް ހަދަންޖެހުން
·
ހަށިގަނޑަށް ފެނުގެ
ބައި އަދި ކާތަކެތި އެކަށޭނަ މިންވަރަށް ފޯރުކޮށްދިނުން
ނީޕާ ވައިރަސް އަށް ޚާއްޞަ ބޭހެއް ނޫނީ ވެކްސިނެއް އަދި އުފައްދާފައެއް
ނުވެއެވެ. މިބައްޔަށް ދެވިދާނެ ބޭސް އަދި ވެކްސިން ފަދަ ތަކެއްޗާއި ގުޅޭ
ދިރާސާތައް މިހާރު ވެސް ދަނީ ކުރެވި، ތަހުލީލު ކުރެވެމުންނެވެ (ދުނިޔޭގެ ޞިއްޙަތު
ޖަމްޢިއްޔާ، 2026).
ރައްކާތެރިވުން
ނީޕާ ވައިރަސް އިންފެކްޝަން އިން ރައްކާތެރިވުމަށް ކުރެވިދާނެ ބައެއް
ކަންތައްތައް ތިރީގައި މިވަނީ އެވެ.
އިންސާނުންގެ ތެރޭގައި ބަލި
ފެތުރުމުގެ ހިރާސް ކުޑަކުރުން
ނީޕާ ވައިރަސް އިންފެކްޝަން ތައް ފަދަ ބަލިތަކުން ރައްކާތެރިވުމަށް
ބަލިފެތުރުމަށް މަގުފަހިވާ ކަންތައްތަކާއި، ބަލިން ރައްކާތެރިކުރުމަށް ކުރެވިދާނެ
ކަންތައްތަކާ ބެހޭގޮތުން އާންމުން ހޭލުންތެރިކުރުވުމަކީ މުހިއްމު ކަމެކެވެ.
އެގޮތުން ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ އިން ލަފާދޭ ކަންތައްތައް ތިރީގައި މިވަނީ
އެވެ (ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ، 2026).
(ހ) ވާލުގެ ފުށުން އިންސާނުންނަށް ބަލި ފެތުރުމުގެ ހިރާސް ކުޑަކުރުން : އެގޮތުން
ކުރެވޭނެ އެންމެ މުހިއްމު ކަމަކީ ގަސްތަކުގައި ވާ ޖެއްސުން ކުޑަކުރުމަށް
މަސައްކަތްކުރުމާއި، ވާލުގެ އާބާދީ މަދުކުރެވޭތޯ މަސައްކަތްކުރުމެވެ. އެގޮތުން ވާ
އާންމުކޮށް ކައިއުޅޭ މޭވާ ގަސްތައް ރައްކާތެރިކުރުމުގެ ގޮތުން އެގަސްތަކުގެ
ވަށައިގެން ރައްކާތެރިކުރުމަށް ދާ ފަދަ އެއްޗެއް ޖެހިދާނެއެވެ. މޭވާ ތަރުކާރީ ފަދަ
ތަކެތި ކެއުމުގެ ކުރިން ތޮށިމެށުމާއި، ރަނގަޅަށް ދޮވުމަކީ ވެސް ކުރެވިދާނެ
ކަންތައްތަކެވެ. އަދި ވާ ދަތްއަޅައިފައި ހުރި އެއްވެސް އެއްޗެއް ބޭނުންނުކޮށް
އެއްލާލުމަކީ ބޭނުންތެރި ކަމެކެވެ (ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ، 2026).
(ށ) ޖަނަވާރުންގެ ފުށުން އިންސާނުންނަށް ބަލި ފެތުރުމުގެ ހިރާސް ކުޑަކުރުން :
ބަލިޖެހިފައިވާ އަސް، އޫރު ފަދަ ތަކެތި އުފުލައި ހެދުމާއި، ކަތިލައި ހެދުން
އަދި ގެންގުޅޭ އިރު ރައްކާތެރިވުމުގެ ގޮތުން ބޭނުންކުރަންޖެހޭ އަދަވާތްތައް
މިސާލަކަށް އަންގި ބޭނުންކުރުން ފަދަ ކަންތައްތައް ކުރެވިދާނެ އެވެ (ދުނިޔޭގެ
ޞިއްޙަތު ޖަމްޢިއްޔާ، 2026).
(ނ) އޫރުތަކަށް ނީޕާ ވައިރަސް އިންފެކްޝަން ޖެހުމުން ރައްކާތެރިކުރުވުން : މިގޮތުން
ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން ލަފާދީފައިވާ ކަންތައްތަކުގެ ތެރޭގައި
އަންނަނިވި ކަންތައްތައް ހިމެނެއެވެ (ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ، 2026).
·
އޫރު ގެންގުޅޭ
ތަންތަން ރަނގަޅަށް ޑިސްއިންފެކްޓްކޮށް ސާފުކުރުން
·
ބައްޔަށް
ޝައްކުކުރެވޭ އޫރުތައް ވަކިކޮށް ކަރަންޓީނު ކުރުން
·
ބަލިޖެހިފައިވާ
އޫރުތައް މަރައި ނައްތާލުން
·
ބަލިޖެހި މަރުވާ،
ނޫނީ މަރާލާ އޫރުތައް ވަޅުލައި، އަންދައި ހެދުމުގެ މަސައްކަތް ރަނގަޅަށް
ބަލަމުންގެންދިއުން
·
ބަލިޖެހިފައިވާ
އޫރުތައް އެހެން ތަންތަނަށް ދިއުން ހުއްޓުވުން ނޫނީ ގެންދިއުން ހުއްޓުވުން
(ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ، 2026).
(ރ) އިންސާނުންގެ މެދުގައި ބަލި ފެތުރުމުން
ރައްކާތެރިކުރުން : މިގޮތުން ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން ލަފާދީފައިވާ
ކަންތައްތަކުގެ ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ (ދުނިޔޭގެ ޞިއްޙަތު
ޖަމްޢިއްޔާ، 2026).
·
ބަލިޖެހިފައިވާ
މީހުންނާއި މާބޮޑަށް ގައިގޯޅިވެ ނޫޅުން ނޫނީ ގިނައިރު ގާތުންއެއްތާކުނުވުން
·
ގިނައިން ގިނައިން
އަތްދޮވުމަށް ސަމާލުވުން
·
ބަލިމީހަކަށް
ޒިޔާރަތްކުރުމަށްފަހު ވެސް ލަސްނުކޮށް އަތްދޮވުން
·
ބަލިވެއްޖެނަމަ
ބޭރުތެރެއަށް ނުކުމެ ނޫޅުން
·
އާންމު
ސާފުތާހިރުކަމަށް ރައްކާތެރިވުން (ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ، 2026).
(ބ) ޞިއްޙީ ޚިދުމަތް ދޭ ތަންތަނުގައި
ބަލިފެތުރުން ކޮންޓްރޯލްކުރުން : މިގޮތުން ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން ލަފާދީފައިވާ
ކަންތައްތަކުގެ ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ.
·
ނީޕާ ވައިރަސް އަށް
ޝައްކުކުރެވޭ ނޫނީ ނީޕާ ވައިރަސް ޖެހިފައިވާ ކޮންމެ މީހަކު ވަކި ކޮޓަރިއެއްގައި
ބާއްވައިގެން ފަރުވާކުރުން
·
ބަލި މީހުންނަށް
ފަރުވާދޭއިރު ޞިއްޚީ ޚިދުމަތްތެރިން ރައްކާތެރިވުމުގެ ގޮތުން އަޅަންޖެހޭ
ފިޔަވަޅުތައް އެޅުން
o
ރަނގަޅަށް ފިޓުވާ
މާސްކެއް އެޅުން
o
މޫނުމަތި އެޅުން
(ލޮލުގެ ރައްކާތެރިކަމަށް)
o
ދިޔާއެއްޗެހި
ލީކުނުވާނެ ފަދަ ގައުން ބޭނުންކުރުން
o
އަތަށް
އަންގިލެއްވުން
o
ފިލްޓަރ ވާގޮތަށް
ހުންނަ ފޭސްޕީސް ރެސްޕިރޭޓަރ މާސްކު ބޭނުންކުރުން
·
ބަލިމީހާއަށް
ޒިޔާރަތްކުރާ އެހީތެރިންނާއި އާއިލާގެ މެންބަރުން ވެސް ބަލިމީހާއަށް
ޒިޔާރަތްކުރާއިރު ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުން
ނޯޓް : މިއީ މައުލޫމާތު
ފެތުރުމުގެ ނިޔަތުގައި ލިޔެފައިވާ ލިޔުމެކެވެ.
ހަވާލާ
·
https://www.who.int/news-room/fact-sheets/detail/nipah-virus
·
https://www.who.int/health-topics/nipah-virus-infection
·
https://www.cdc.gov/nipah-virus/about/index.html
·
https://www.cdc.gov/nipah-virus/hcp/clinical-overview/index.html
·
https://www.cda.gov.sg/professionals/diseases/nipah-virus-infection/

No comments:
Post a Comment