Wednesday, November 18, 2015

މާބަނޑުދުވަސްވަރު ފޮއްސިވެދުޅަވުން



މާބަނޑު ދުވަސްވަރު - މޫނާއި،ފަޔާއި،ފައިތިލަ ފޮއްސިވެ ދުޅަވުން
ބަނޑަށް 7 މަސް ފުރުމަށް ފަހު ވިހެއުމާއި، ދޭތެރޭގައި މޫނާއި،ފަޔާއި،ފައިތިލަ ފޮއްސިވެ ދުޅަވުމަކީ ވަރަށް ގިނަ މީހުންނަށް ކުރިމަތިވާ ކަމެކެވެ. ފައިތިލައާއި، ފައިގެ ކުޑަހުޅު ދުޅަވާގޮތް ވަރަށް ގިނަ މީހުންނަށް ދިމާވެއެވެ. ޚާއްޞަކޮށް ދުވަސްފުރެން ކައިރިވާއިރު އެވެ. މިހެންވަނީ ހަށިގަނޑުގައި ފެން ހިފެހެއްޓޭތީ އެވެ. ޕްރެޝަރު ބަލާ ކުޑަކަމުދާ އެއްޗެހި ޓެސްޓުކުރާއިރު މައްސަލައެއް ނެތްނަމަ މިއީ ކަމެއް ނޫނެވެ. 

ސަބަބު  
މާބަނޑު ދުވަސްވަރު ހަށިގަނޑު ފޮއްސިވެ ދުޅަވަނީ ހަށިގަނޑުގެ ޓިޝޫތަކުގައި ދިޔާތަކެތި މާގިނައިން ހަރުލުމުންނެވެ. މާބަނޑު ދުވަސްވަރު ހަށިގަނޑުގައި ފެން ހިފެހެއްޓޭގޮތްވާތީ، ކޮންމެވެސް ވަރަކަށް ފޮއްސިވެ ދުޅަވުމަކީ ވެދާނެ ގޮތެކެވެ. އެއީ އާދައިގެ ގޮތެއްގައި ބަލިވެއިނުމުން ހަށިގަނޑުގައި ދިޔާތަކެތި ރައްކާކުރާ މިންވަރު އިތުރުވެގެން ދާތީއެވެ. މާބަނޑުވެ ބަނޑުބޮޑުވަމުން އަންނައިރު، ހަށިގަނޑުގެ ތިރީބައިތަކުން ހިތާއި ދިމާލަށް ނުސާފުލޭ ގެންގޮސްދޭ މައިލޭހޮޅިއަށް ބޮޑުވަމުން އަންނަ ރަހިމުން ފިއްތާގޮތް ވެއެވެ. މިގޮތަށް މިލޭހޮޅިއަށް ފިއްތުމުން، ހަށިގަނޑުގެ ތިރީބައިން (ފައިން) ހިތާއި ދިމާލަށް ނުސާފުލޭ ގެންގޮސްދިނުން ލަސްވެ، ފައިގައި ލޭތައް ހަރުލާގޮތް ވެއެވެ. މިހެންވުމުން ލޭނާރުގެތެރެއިން ދިޔާތަކެތި (ފެން) ފައިތިލަ އަދި ތަބިކަށީގެ ޓިޝޫތަކުގެ ތެރެއަށް ފޭދިގެންދާގޮތް ވެއެވެ. މިސަބަބާހުރެ ފޮއްސިވެ ދުޅަވުން އެންމެ ބޮޑަށް ފާހަގަކުރެވެނީ ބަނޑަށް އެންމެ ފަހު 3 މަހުގެ ތެރޭގައެވެ. 

މަގުފަހިކުރާ ކަންތައްތައް
ފެންކޮތަޅުގައި މާގިނައިން ފެން ހުންނަ އަންހެނުންނަށް ފޮއްސިވުމުގެ އުނދަގޫތައް އިތުރުކަން ފާހަގަ ކުރެވެއެވެ. އަދި އެއްކުއްޖަކަށްވުރެ ގިނަ ކުދިންނަށް ބަލިވެ އިނުމުން ވެސް ފޮއްސިވުމުގެ އުނދަގޫތައް އިތުރުކަން ފާހަގަ ކުރެވެއެވެ. ހޫނުދުވަސްތަކުގަޔާއި، ހަވީރުކޮޅާއި، އިރުއޮއްސޭ ވަގުތުގައި ފޮއްސިވެ ދުޅަވުމުގެ އުނދަގޫ އިތުރުވާކަން ފާހަގަ ކުރެވެއެވެ. 

ގިނައިރު މަސައްކަތުގައި އުޅުމާއި، ގިނައިރު ކޮށްޅަށް ހުރުމާއި، ގިނައިރު ތަކެއް ވަންދެން އިށީދެއިނުން ފަދަ ކަންކަމަކީ ފޮއްސިވެ ދުޅަވުމަށް މަގުފަހިކުރާ ކަންތައްތަކެވެ. މީގެ އިތުރުން ކެއުމުގައި ލޮނު (ސޯޑިއަމް) މާގިނައިން ހިމެނުން، ޕޮޓޭސިއަމް މާމަދުން ހިމެނުން، އަދި ކެފެއިން ހުންނަ ކާބޯތަކެތި މާގިނައިން ބޭނުން ކުރުމަކީ ވެސް ފޮއްސިވެ ދުޅަވުމަށް މަގުފަހިކުރާ ކަމެކެވެ. 

ވިހެއުމާއެކު ފޮއްސިވެ ދުޅަވުން މަޑުމަޑުން ނެތިދާން ފަށައެވެ. ވިހެއުމަށްފަހު ފުރަތަމަ ދެތިން ދުވަހުގެ ތެރޭގައި މާގިނައިން ކުޑަކަމުދެވުމާއި، ދާހިއްލުން އިތުރުކަން ފާހަގަކުރެވޭނެ އެވެ.
އަލާމާތްތައް
·        ފައިތިލައާއި ކުޑަހުޅާއި، އިނގިލިތައް ދުޅަވެ ފޮއްސިވުން
·        އަތްތިލަ ދުޅަވުން
·        މޫނު ފޮއްސިވެ ދުޅަވުން
މާބަނޑު ދުވަސްވަރު ފޮއްސިވެ ދުޅަވުމުން ސަމާލުވާންޖެހޭ ހާލަތްތައް
މާބަނޑު ދުވަސްވަރު ތަބިކަށްޓާއި، ފައިތިލަ ކޮންމެވެސް މިންވަރަކަށް ފޮއްސިވުމަކީ ވެދާނެ ގޮތެކެވެ. ބައެއް ފަހަރު އަތްތިލައިގައި ވެސް ފޮއްސިކަމެއް ހުރެދާނެ އެވެ. މާބަނޑު ދުވަސްވަރު މޫނު ފޮއްސިވެ، ލޯވަށައިގެން ދުޅަވެ، އަތާއި، ފައިތިލަ މާބޮޑަށް ފޮއްސިވެއްޖެނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަކީ މުހިއްމު ކަމެކެވެ. ސަބަބަކީ މާބޮޑަށް ފޮއްސިވުމަކީ "ފޮއްސިބަލި" ކަމުގައި ވެސް ވެދާނެ އެވެ. އެއްފަޔަށްވުރެ އަނެއްފައި މާބޮޑަށް ފޮއްސިވެ ދުޅަވުން، ޚާއްޞަކޮށް ކުޑަކަޅުވާ އަދި މާކަޅުވާ މަސްގަނޑުގައި ރިހުމެއް ހުރުން ނޫނީ ބީހިލުމުން ތަދުވުން ފަދަ ކަމެއް ހުރިނަމަ، ލަސްނުކޮށް ޑޮކްޓަރަށް ދެއްކުން މުހިއްމެވެ. ސަބަބަކީ ފަހުން މިބަޔާންކުރެވުނު ކަންކަމަކީ ފަހަރުގައި ފައިގެ ލޭނާރެއްގައި ގަނޑުލޭކޮޅެއް އުފެދުމުގެ ސަބަބުން ދިމާވާ ކަމަކަށް ވެސް ވެދާނެތީ އެވެ. 

ބަޔާންކުރެވުނު ހިސާބެއްގައި (އަތްތިލަ، ފައިތިލަ، ތަބިކަށި، މޫނު، ލޮލުގެ ވަށައިގެންވީ ހިސާބު) ކުއްލިއަކަށް އާދަޔާޚިލާފަށް ދުޅައުފެދި ފޮއްސިވެފައި ހުރިނަމަ ލަސްނުކޮށް ޑޮކްޓަރެއްގެ މަޝްވަރާ ހޯދަން ހަދާންކުރާށެވެ. އެއީ ފަހަރެއްގައި މިގޮތަށް ދުޅަވެފައިވަނީ ބަލިވެއިނުމާއި،ގުޅިގެން މައްޗަށްދާ ލޭގެ ޕްރެޝަރު ގެ ސަބަބުން (ފޮއްސިބަލީގެ ސަބަބުން) ކަމަށް ވެދާނެތީއެވެ. ދުޅަތިރިކުރުމަށް ޑޮކްޓަރެއްގެ ލަފާ ހޯދުމަކާއި ނުލައި އެއްވެސް ބާވަތެއްގެ ބޭސް ބޭނުން ނުކުރާށެވެ.

މާބަނޑު ދުވަސްވަރު ދިމާވާ ފޮއްސިވުމާއި، ދުޅަވުން ކުޑަކުރުމަށް ކުރެވިދާނެ ކަންތައްތައް
·        ތަނެއްގައި އޮށޯވެ އޮންނައިރު ވާތް ފަރާތަށް ބުރަވެއޮތުން : ތަނެއްގައި އޮށޯވެއޮންނަނަމަ ފައިދަށަށް ބާލީހެއް ފަދަ އެއްޗެއްލުމަށް ފަހު އޭގެ މަތީގައި ފައިބާއްވައިގެން ފައިއުފުލާއިގެން އޮންނާށެވެ.
·        ތަނެއްގައި އިށީދެ އިންނައިރު ފައި އުފުލާލައިގެން އިނުން : އޮފީސް މޭޒު ދޮށުގައި އިންނައިރު ފައިދަށަށް ކުޑަ ގޮނޑިއެއް ފަދަ އެއްޗެއް ލައި ފައި އުފުލާލައިގެން އިދެވިދާނެއެވެ.
·        ތަނެއްގައި އިށީދެ އިންނައިރު ފައި ހުރަސްކޮށްގެން (އެއްފައިމައްޗަށް އަނެއްފައިލައިގެން) ނުއިނުން : މިގޮތަށް އިނުމުން ލޭދައުރުވުމަށް ހުރަސް އަޅައެވެ.
·        ތަނެއްގައި އިށީދެގެން އިންނައިރު ގިނަގިނައިން ފައި ސްޓްރެޗްކުރުން (ދަމާލުން) : މިގޮތަށް ފައި ދަމާލާ ހަރަކާތްކުރާއިރު، ފައިތިލަ ވެސް ގޮތްގޮތަށް އަނބުރައި، އިނގިލިތަކާއެކު ހަރަކާތްކޮށް ހަދާލެވިދާނެ އެވެ.
·        ގިނައިރު އެއްގޮތަކަށް ކޮށްޅަށް ނުހުރުން ނޫނީ އިށީދެ ނުއިނުން : މިގޮތަށް އިންނަން ނޫނީ ހުންނަން ޖެހިއްޖެނަމަ ދޭތެރެ ދޭތެރެއިން ހިނގާލުން ބުއްދިވެރި އެވެ. މިގޮތަށް ހެދުމުން ލޭދައުރުވުން ރަނގަޅުކޮށް ދެއެވެ.
·        ފަޔަށް ފަސޭހަ ބޫޓަކަށް ނޫނީ ފައިވާނަކަށް އެރުން
·        ފަޔަށް މާބާރުކޮށް ހުންނަ އިސްޓާކީން ނޫނީ ސްޓޮކިންގ އަށް ނޭރުން
·        މާބަނޑު ދުވަސްވަރު ބޭނުންކުރުމަށް ޚާއްޞަ އުނަގަނޑާ ހިސާބަށް އަރާ ވަރުގެ ސްޓޮކިންގ ބޭނުންކުރުން
·        ގިނައިން ދިޔާތަކެތި ބޭނުންކުރުން
·        ގަވާއިދުން ކަސްރަތުކުރުން : އެގޮތުން ހިނގާލުން، ފަތާލުން، ބައިސްކަލް ދުއްވުން ފަދަ ކަސްރަތެއް ކޮށްލެވިދާނެ އެވެ.
·        ހަށިގަނޑަށް ފައިދާހުރި ކާނާގެ ބާވަތްތައް ބޭނުންކުރުން : ޖަންކު ފުޑްގެ ބާވަތްތައް ބޭނުންކުރުން ރަނގަޅެއް ނޫނެވެ. ކޮންމެ ދުވަހަކު ތަރުކާރީއާއި މޭވާ އެކުލެވޭގޮތަށް 5 ބައި (5 މުށުގެ ތަރުކާރީއާއި މޭވާ) ކެއުމުގައި ހިމެނޭތޯ މަސައްކަތް ކުރެވިދާނެއެވެ.
·        ވީވަރަކުން އަރާމުކުރުން
·        ފޮއްސިވެ ދުޅަވެފައިވާ ހިސާބު ފިނިފެނުން ބޮޑިތާންކުރުން
·        ލޭގެ ހިނގުން ރަނގަޅުކުރުމަށްޓަކައި ފައިގެ ކުޑަހުޅާ ހަމައިން ވަށްބުރަށް ވާގޮތަށް ހަރަކާތްކުރުން
·        ކުއްލިއަކަށް އަދި މާބޮޑަށް ދުޅަވާގޮތް ހީވާނަމަ، ޑޮކްޓަރަށް ދެއްކުން
މައުލޫމާތު :
·        ނުވަމަހާއި ނުވަ ދުވަސް-ދަރިމައިވުމުގެ ޞިއްޙަތު-ޑިޕާޓްމަންޓް އޮފް ޕަބްލިކް ހެލްތު-މާލެ ދިވެހިރާއްޖެ {2008}

No comments:

Post a Comment