Sunday, August 15, 2021

ތަލީވައި

ތަލީވައި

ތަލީވައި (Uterine prolapsed) އަކީ އާންމު ގޮތެއްގައި އުމުރުން ދުވަސްވުމުން އަންހެނުންނަށް އާންމުކޮށް ދިމާވެދާނެ ހާލަތެކެވެ. ނަމަވެސް ކޮންމެ އުމުރެއްގެ މީހަކަށްވެސް މިކަން ދިމާވެދާނެ އެވެ. އުމުރުން ދުވަސްވެ، އަދި ކުރީގައި ގިނަ ކުދިންތަކެއް ވިހާފައިވުމުން ރަހިމުގެ މަސްތަކާއި، ރަހިމު ހިފެހެއްޓުމަށް ހުންނަ އެއްސުންތައް ނުވަތަ ލިގަމެންޓް ތަކުގެ ބާރުދޫވެ، ވަރުދެރަވެގެންދެއެވެ. ރަހިމު ހިފެހެއްޓުމަށް ހުންނަ އެއްސުންތަކާއި، އޭގެ މަސްތަކުގެ ބާރުދޫވުމުން ރަހިމު އޭގެ ޒާތުގައި  (އަންހެނާގެ ޖިންސީ ގުނަވަނުގެ ތެރެއިން ) ބޭރަށް ނިކުމެ، ނޫނީ ކުރިމަތި ފަރާތުން ބޭރަށް ފައިބާގޮތް ވެއެވެ. ތަލީވައި އަކީ މިގޮތަށް ރަހިމު ބޭރަށް ނިކުތުމެވެ. އެހެންކަމުން ތަލީވައި ކުރިމަތިވަނީ ޅިނދުގެ މަސްތަކާއި ލިގަމެންޓް ތައް ދެމި، ބާރުދޫވެ، އެއިން ރަހިމު ހިފެހެއްޓުމަށް ލިބެންޖެހޭ ބާރާއި، އެހީތެރިކަން ނުލިބުމުންނެވެ.

ރަހިމަކީ އަންހެނާގެ ޅިނދުގެ ތެރޭގައި ނާސްޕަތީ ބައްޓަމަށް އޮންނަ ގުނަވަނެކެވެ. މާބަނޑުވުމަށްފަހު ވިހެއުމާއި ހަމައަށް ތުއްތު ދަރިފުޅު ހެދިބޮޑުވަމުން އަންނަނީ ރަހިމުގެ ތެރޭގައެވެ. މާބަނޑު ދުވަސްވަރު ރަހިމުގެ ތެރޭގައި ދަރިފުޅު ހެދި ބޮޑުވަމުން އަންނަ ވަރަކަށް ރަހިމު ދެމި، ފުޅާވެ، ބޮޑުވަމުންދާނެ އެވެ. އަދި ވިހެއުމަށްފަހު ރަހިމު މަޑުމަޑުން ހިނދި ކުރީގެ ހާލަތަށް ރުޖޫޢަވާނެއެވެ.


ރަހިމުގެ އެތެރޭގެ މަސްތަކާއި އޭގެ ވަށައިގެންވާ ލިގަމެންޓްތަކުގެ ބާރުމިން ހުރި މިންވަރަކަށް ރިޢާޔަތްކޮށް ތަލީވައި ކުރިމަތިވުމުގައި ތަފާތުވުމަކީ އެކަށީގެންވާ ކަމެކެވެ. އެގޮތުން ރަހިމުން ބައެއް(incomplete uterine prolapsed)  ނޫނީ ރަހިމު އެއްކޮށް(complete uterine prolapsed) ވެސް ބޭރަށް ނިކުތުމަކީ އެކަށީގެންވާ ކަމެކެވެ. އުމުރުން ދުވަސްވުމާއި، ގިނައިން ވިހެއުމަކީ ތަލީވައި ކުރިމަތިވުމަށް މަގުފަހިވާ ކަންކަމެވެ.

ތަލީވައި ބެހިފައިވާ ދަރަޖަތައް

ފުރަތަމަ ދަރަޖަ : މިއީ ރަހިމުގެ ދޮރު ނުވަތަ ކަރު އަންހެނާގެ ޖިންސީ ގުނަވަން (ވެޖައިނާ) ގެ ތެރެއަށް ފޭބުމެވެ.

ދެވަނަ ދަރަޖަ : މިއީ ރަހިމުގެ ދޮރު އަންހެނާގެ ޖިންސީ ގުނަވަނުގެ ދޮރާއި ހަމައަށް ފޭބުމެވެ.

ތިންވަނަ ދަރަޖަ : މިއީ ރަހިމުގެ ދޮރު ޖިންސީ ގުނަވަނުން ބޭރަށް ފޭބުމެވެ. ނުވަތަ ނިކުތުމެވެ.

ހަތަރުވަނަ ދަރަޖަ : މިއީ މުޅި ރަހިމު އެއްކޮށް އަންހެނާގެ ޖިންސީ ގުނަވަނުން ބޭރަށް ނިކުމެފައި ވުމެވެ. މިހާލަތު ކުރިމަތިވަނީ ރަހިމު ހިފެހެއްޓުމަށްޓަކައި ހުންނަ ހުރިހާ މަސްތަކުގެ ބާރު ދޫވުމުންނެވެ.

ތަލީވައި ކުރިމަތިވުމުގެ ފުރުޞަތު ބޮޑު ފަރާތްތައް

·         އެއްފަހަރު ނުވަތަ އެއަށްވުރެ ގިނަފަހަރު ވިހާފައިވާ މީހުން

·         އިއްދައިންކެނޑިފައިވާ މީހުން

·         އާއިލާގެ މެންބަރަކަށް ކުރިން ތަލީވައި ކުރިމަތިވެފައިވާ އާއިލާގެ މެންބަރުން

އިއްދައިންކެނޑުން ކުރިމަތިވަނީ މައްސަރުކަންތައް ކޮންޓްރޯލްކޮށް ތަންޒީމުކޮށްދޭ ހޯރމޯން ތައް ބިސްރަވަ އިން ދޫކުރުން ނުވަތަ އުފެއްދުން ހުއްޓުމުންނެވެ. ޖެހިޖެހިގެން 12 މަސްވަންދެން މައްސަރު ކަންތައް ކުރިމަތިނުވާނަމަ އެއީ އިއްދައިންކެނޑުނީ ކަމުގައި ބެލެވިދާނެ އެވެ. އިއްދައިންކެނޑުމުން އުފެއްދުިން ހުއްޓިގެންދާ އެއް ހޯރމޯން އަކީ އެސްޓްރަޖަން ހޯރމޯން އެވެ. މިއީ ޅިނދުގެ މަސްތައް ވަރުގަދަކޮށްދޭ ހޯރމޯން އެކެވެ. އެހެންކަމުން އިއްދައިންކެނޑުމުން  އެސްޓްރަޖަން ހޯރމޯން އުފެއްދުން ހުއްޓުމަކީ ތަލީވައި ކުރިމަތިވުމަށް މަގުފަހިވާނެ ކަމެކެވެ.

ސަބަބު

ރަހިމު އަންހެނާގެ ޅިނދުގެ ތެރޭގައި ހިފެހެއްޓިފައި އިންނަނީ ވަރަށް ބައިވަރު މަސްތަކާއި، ލިގަމެންޓް ތަކުގެ އެހީގައެވެ. ބުނެވުނު މަސްކޮޅުތަކަކީ ޅިނދުގެ ތަޅުމުގައި ހުންނަ މަސް(pelvic floor muscles)ތަކެވެ. މިމަސްތަކުގެ ބާރުދޫވުމުން ރަހިމު އޭގެ މަގާމުގައި މިމަސްތަކުގެ އެހީގައި ހިފެހެއްޓުމަށް ދަތިވެއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ރަހިމު ތިރިއަށް އެލި، ނޫނީ ތިރިއަށްޖެހި ބޭރަށް ނިކުންނަށް ފަށައެވެ. ޅިނދުގެ ތަޅުމުގައި ހުންނަ މަސްތަކުގެ ބާރުދޫވުމަށް ވަރަށް ގިނަ ކަންތައްތައް މަގުފަހި ކުރެއެވެ. އެގޮތުން ފާހަގަކުރެވޭ ބައެއް ކަންތައްތައް ތިރީގައި މިވަނީ އެވެ.

·         މާބަނޑުވުން / މާގިނައިން ވިހެއުން

·         އުމުރުން ދުވަސްވުމުން މަސްތަކުގެ ބާރުދަށްވުން ނޫނީ ބާރުދޫވުން  

·         ވިހެއުމަށް ދަތިވެ، ވިހެއުމުގެ ތެރޭގައި މަސްތަކަށް އަނިޔާވުން

·         މާބަރުދަން އިތުރު ކުއްޖެއް ވިހެއުން

·         ހަށިގަނޑު މާބޮޑަށް ފަލަވެ ބަރުހެލިވުން

·         ދިގު މުއްދަތަކަށް ކެއްސުން، ނޫނީ ކެއްސާއިރު ބަނޑަށް ބާރުލުން

·         ދިގުމުއްދަތަކަށް ބަނޑުހަރުވުން ނޫނީ ބޮޑުކަމުދާއިރު މާބޮޑަށް ހިފާލުން ނޫނީ ބާރުލާންޖެހުން

·         އިއްދައިންކެނޑުމަށްފަހު އެސްޓްރަޖަން ހޯރމޯންގެ މިންވަރު ދަށްވުން

·         ދިގުމުއްދަތަކަށް ނުފިލާ ކެއްސުމެއް ހުރުން ނޫނީ ކެއްސުން

·         ތަކުރާރުކޮށް ބަރުތަކެތި އުފުލުން ނޫނީ އަބަދު ބަރުތަކެތި އުފުލާފަދަ ކަމެއްކުރުން

·         ގިނަކުދިންތަކެއް ވިހާފައިވުން

·         ކުރިން ޅިނދު ހިމެނޭ ހިސާބުގެ އޮޕަރޭޝަނެއް ކޮށްފައިވުން

·         ދޮން ނަސްލުގެ މީހަކަށްވުން

·         އާއިލާގެ މެންބަރަކަށް ކުރިން ތަލީވައި ކުރިމަތިވެފައިވުން

·         ބަނޑަށް ބާރުވެ، ފިތިދާނެ ފަދަ ހާލަތްތައް : މިސާލަކަށް ގަދަޔަށް ކެއްސުން، ބޮޑުކަމުދާއިރު ހިފާލަން ޖެހުން، ބަނޑުގައި ފެންހެދުން ، ނޫނީ ޅިނދުހިމެނޭ ހިސާބުގައި ޓިއުމަރެއް އުފެދުން

·         ދުންފަތުގެ އިސްތިއުމާލުކުރުން

އަލާމާތްތައް

ތަލީވައި ކުރިމަތިވެފައިވަނީ އާދައިގެ މިންވަރަކަށް ނަމަ އެއްވެސް އުނދަގުލެއް ކުރިމަތިނުވުމަކީ އެކަށީގެންވާ ކަމެކެވެ. ނޫނީ އެއްވެސް އަލާމާތެއް ނުފެނި ހިނގައިދާނެއެވެ. ނަމަވެސް ރަހިމު އޭގެ މަގާމުން ނެއްޓި ތިރިއަށް ޖެހުމުން، ނޫނީ ތިރިއަށް ފޭބުމުން، ޅިނދުގައި ހިމެނޭ އެހެން ގުނަވަންތަކަށް މިސާލަކަށް މަސާނާ ނޫނީ ގޮހޮރަށް ފިއްތުމަކީ ނޫނީ ފިތި ބާރުވުމަކީ ވެދާނެ ގޮތެކެވެ.

ތަލީވައި ކުރިމަތިވުމުން އަންނަނިވި އަލާމާތްތައް ފެނުމަކީ އެކަށީގެންވާ ކަމެކެވެ.

·         ދަށްބަނޑާއި،އުކުޅުވަޅު، އުނަގަނޑުމަތި، އަދި ޅިނދު ހިމެނޭ ހިސާބަށް ބަރުވެފައި ހުރުން ނޫނީ ފިއްތާހެން ހީވުން

·         ދަށްބަނޑުގައި ރިހުން

·         އުނަގަނޑުގައި ރިހުން

·         ޖިމާއުވާއިރު ތަދުވުން

·         ކުރިމަތި ފަރާތުން ރަހިމު ބޭރަށް ނިކުތުން ނޫނީ ބޭރަށް ފައިބައިފައިހުރުން

·         ގާތްގާތުގައި މަސާނާގައި އިންފެކްޝަން ހެދުން

·         ކުރިމަތި ފަރާތުން އާދަޔާ ޚިލާފަށް ހަޑިއެއްޗެހި އައުން

·         ބަނޑުހަރުވުން / ރަނގަޅަށް ބޮޑުކަމުނުދެވުން

·         ކުރިމަތި ފަރާތުން އެއްޗެއް ނިކުންނަހެން އިހުސާސްވުން

·         ޖިމާއުވާއިރު ކުރިމަތި ފަރާތުގައި ނުވަތަ ޖިންސީ ގުނަވަނުގައި ވާންކަމެއް ނުހުންނަހެން (ދޫކަމެއް ހުންނަހެން) ހީވުން

·         ކުޑަކަމުދާ ނިޒާމުގެ އުނދަގޫތައް ކުރިމަތިވުން

o       ބޭއިޚުތިޔާރުގައި ގަޔަށް ފަހަރުވާދެވުން ނުވަތަ ކުޑަކަމުދެވުން

o       އަވަސް އަވަހަށް ކުޑަކަމުދާން ޖެހުން

o       ކުޑަކަމުދާންޖެހުމަށްފަހު ލަސްނުކުރެވުން

ގިނައިރު ކޮޅަށް ހުންނަޖެހުން، ނޫނީ ގިނައިރު ހިގަން ޖެހުމަކީ ތަލީވައިގެ އުދަނގޫތައް އިތުރަށް ގޯސްވެގެން ހިނގައިދާނެ ކަމެކެވެ. އެއީ މިފަދަ ހާލަތްތަކުގައި ދަމާބާރުގެ ސަބަބުން ޅިނދުގެ މަސްތަކަށް އިތުރަށް ބާރުބޮޑުވެ، ފިއްތާތީ އެވެ.

ތަލީވައިގެ އުދަނގޫތައް އަންނަނިވި ގޮތަށް ( ގުނަވަންތަކާ ގުޅޭގޮތަށް) ވެސް ބަހާލެވިދާނެއެވެ.

(ހ) އަންހެނާގެ ޖިންސީ ގުނަވަނާއި ގުޅުންހުރި އުދަނގޫތައް

·         އަންހެނާގެ ޖިންސީ ގުނަވަނުން ނުވަތަ ކުރިމަތި ފަރާތުން އެއްޗެއް ނިކުންނަހެން ހީވުން

·         ކުރިމަތި ފަރާތުން ފުއްޕުމެއް އިހުސާސްވުން ނުވަތަ ފެންނަންހުރުން

·         ކުރިމަތި ފަރާތުގައި ޕްރެޝަރެއް ހުރުން

·         ކުރިމަތި ފަރާތުގައި ބަރުކަމެއްހުރުން

(ށ) ކުޑަކަމުދާ ނިޒާމާއި ގުޅުންހުރި އުދަނގޫތައް

·         ބޭއިޚްތިޔާރުގައި ގަޔަށް ފަހަރުވާ ދެވުން

·         އަވަސް އަވަހަށް ކުޑަކަމުދާންޖެހުން

·         ކުޑަކަމުދާންޖެހުމަށްފަހު ލަސްނުކުރެވުން

·         ވަރަށް މަޑުމަޑުން ލަސްލަހުން ކުޑަކަމުދެވުން

·         ކުޑަކަމުދެވުމަށްފަހު ރަނގަޅަށް ހުސްނުވާހެން ހީވުން

·         ކުޑަކަމުދިއުމަށްޓަކައި ރަހިމުން ބޭރަށް ނިކުމެފައިވާބައި އިގިލިން އެތެރެއަށް ޖައްސާލަން ޖެހުން

(ނ) ބޮޑުގޮހޮރާއި ގުޅުންހުރި އުދަނގޫތައް

·         ބޭއިޚުތިޔާރުގައި ގަޔަށް ބޮޑުކަމުދެވުން

·         ބޭއިޚުތިޔާރުގައި ފުރަގަހުން ވައިލެވުން

·         ބޮޑުކަމުދިއުމަށްފަހު ހުސްނުވާހެން ހީވުން

·         ބޮޑުކަމުދިއުމަށް ހިފާލަންޖެހުން

·         ބޮޑުކަމު ނަޖިސް ހުސްކުރުމަށްޓަކައި ފުރަގަހަށް އިގިލިލާންޖެހުން

·         ބޮޑުކަމުދިއުމަށްޓަކައި ރަހިމުން ބޭރަށް ނިކުމެފައިވާބައި އިގިލިން އެތެރެއަށް ޖައްސާލަން ޖެހުން

(ރ) ޖިމާއުވުމާއި ގުޅުންހުރި އުދަނގޫތައް

·         ޖިމާއުވާއިރު ތަދުވުން

·         ޖިމާއުވާއިރު ކުރިމަތިފަރާތުގައި ތެތްކަމެއް ނުހުރުން

ނުރައްކާތައް

ތަލީވައިގެ ސަބަބުން ބައެއް ކަހަލަ ނުރައްކާތައް މެދުވެރިވުމަކީ އެކަށީގެންވާ ކަމެކެވެ. އެގޮތުން ދިމާވެދާނެ ނުރައްކާތައް ތިރީގައި މިވަނީ އެވެ.

(ހ) އެންޓީރިއަރ ޕްރޯލެޕްސް (ސިސްޓޯސީލް) (cystocele): އަންހެނާގެ ޖިންސީ ގުނަވަނާއި، މަސާނާ ވަކިކޮށްދޭ ގުޅުވާދެނިވި ސެލޯށިތަކުގެ ބާރު ދޫވެއްޖެނަމަ، މަސާނާ އަންހެނާގެ ޖިންސީ ގުނަވަނާއި ދިމާލަށް ނުވަތަ އެތެރެއަށް ފުއްޕުމަކީ އެކަށީގެންވާ ކަމެކެވެ. އެންޓީރިއަރ ޕްރޯލެޕްސް އަށް ބައެއް ފަހަރު "ޕްރޮލެޕްސްޑް ބްލެޑަރ"(prolapsed bladder) މިހެން ކިޔައި އުޅެއެވެ. މިހާލަތުގައި ދިމާވެދާނެ އުނދަގޫތަކުގެ ތެރޭގައި އަވަސް އަވަހަށް ކުޑަކަމުދާންޖެހުން، ކުޑަކަމުނަޖިސް އެތެރޭގައި ޖަމާވުން، އަދި ބޭއިޚުތިޔާރުގައި ގަޔަށް ކުޑަކަމުދެވުން ފަދަ ކަންތައްތައް ހިމެނެއެވެ.

(ށ) ޕޯސްޓީރިއަރ ވެޖައިނަލް ޕްރޯލެޕްސް (ރެކްޓޯސީލް) (Rectocele):އަންހެނާގެ ޖިންސީ ގުނަވަނާއި، ފުރަގަސްފަރާތުހޮޅި ވަކިކޮށްދޭ ގުޅުވާދެނިވި ސެލޯށިތަކުގެ ބާރު ދޫވެއްޖެނަމަ، ފުރަގަސްފަރާތު ހޮޅި އަންހެނާގެ ޖިންސީ ގުނަވަނާއި ދިމާލަށް ނުވަތަ އެތެރެއަށް ފުއްޕުމަކީ އެކަށީގެންވާ ކަމެކެވެ. މިހާލަތުގައި ބޮޑުކަމުދާން އުދަނގޫވުމަކީ އެކަށީގެންވާ ކަމެކެވެ.

(ނ) އެންޓީރޯސީލް (Enterocele): މިއީ ކުޑަ ގޮހޮރުން ބައެއް އަންހެނާގެ ޖިންސީ ގުނަވަނާއި ދިމާލަށް ނުވަތަ އެތެރެއަށް ފުއްޕުމެވެ. މިހާލަތުގައި ކޮޅަށް ހުންނައިރު ބުރަކަށީގައި ރިހިފައި، އޮށޯތުމުން ބުރަކަށީގައި ހުންނަ ރިހުން ލުއިވުން ކުރިމަތިކުރުވައެވެ.

ދެނެގަތުން

ރަހިމުން ތިރިއަށް ޖެހިފައި ހުރިކަން ދެނެގަތުމަށްޓަކައި ޑޮކްޓަރުން ރަހިމު ހިމެނޭ ހިސާބު ނުވަތަ ޅިނދޭ ކިޔޭ ހިސާބު ބަލައި ހަދާނެއެވެ. މިހިސާބު ބެލުމަށް ކިޔަނީ "ޕެލްވިކް އެގްޒަމިނޭޝަން"(pelvic examination) ނުވަތަ "ޕެލްވިކް އެގްޒާމް" އެވެ. ޕެލްވިކް އެގްޒާމް ހެދުމުގެ ތެރޭގައި ކުރިމަތި ފަރާތަށް ސްޕެކިޔުލަމް އެއް ލެއްވުމަށްފަހު، އަންހެނާގެ ޖިންސީ ގުނަވަނާއި، ރަހިމު ބަލައި ޗެކުކުރާނެ އެވެ. އަންހެނާގެ ޖިންސީ ގުވަނާއި ހަމައަށް ތިރިއަށް ރަހިމު ޖެހިފައިވޭތޯ ނުވަތަ އެގޮތަށް ރަހިމު ތިރިއަށް ޖެހުމުގެ ސަބަބުން އަންހެނާގެ ޖިންސީ ގުނަވަނުގައި ނިކުތުމެއް ނުވަތަ ފުއްޕުމެއް ފަދަ ކަމެއް ފާހަގަވާން ހުރިތޯ ބަލާނެއެވެ. ހިފެހެއްޓުމެއްނެތި ގަޔަށް ފަހަރުވާ ދެވޭނަމަ މަސާނާއި ގުރުތާގެ ހާލަތު ދެނެގަތުމަށް "ސިސްޓޮސްކަޕީ"(cystoscopy) ހެދުމަކީ އެކަށީގެންވާ ކަމެކެވެ. ބައެއް ފަހަރު ސްކޭންކުރުމުގެ އިތުރުން ، ޕެލްވިކް މެގްނެޓިކް ރިސޮނަންސް އިމޭޖިންގ ނުވަތަ އެމްއާރުއައި ހަދަން ވެސް ޖެހިދާނެ އެވެ.

ފަރުވާ

އާދައިގެ މިންވަރަކަށް ތަލީވައި ގެ އުދަނގޫތައް ކުރިމަތިވިނަމަ އެއްވެސް ފަރުވާ އެއް ބޭނުމެއް ނުވާނެ އެވެ.ތަލީވައި ހުރެއްޖެނަމަ އޮޕަރޭޝަންކޮށްގެން ދެވޭ ފަރުވާ އާއި، އޮޕަރޭޝަނާއި ނުލައި ދެވިދާނެ ފަރުވާތައް ހުރެއެވެ. އެހެންކަމުން ތަލީވައި އަށް ދޭނެ ފަރުވާ ކަނޑައަޅާނީ ބަލިމީހާގެ  ޞިއްޙީ ހާލަތާއި، އުމުރާއި، ބައްޔާއި ގުޅިގެން ކުރިމަތިވެފައިވާ ހާލަތަށް މާނައަކީ ބަލިމީހާއަށް ތަލީވައި ކުރިމަތިވެފައިވާ ކުޑަ ބޮޑުމިނެއްގެ މައްޗަށް ރިޢާޔަތްކޮށްގެންނެވެ. މީގެ އިތުރުން ދަރިމައިވުމަށް ބޭނުންވުމާއި ނުވުން ފަދަ ކަންކަމަށް ވެސް ރިޢާޔަތްކުރާނެއެވެ. ތަލީވައިގެ ފަރުވާގެ ގޮތުގައި ކުރެވޭ ބައެއް ކަންތައްތައް ތިރީގައި މިވަނީ އެވެ.

ސާޖަރީ ނޫން އެހެން ގޮތްގޮތަށްދެވޭ ފަރުވާތައް

(ހ) އަމިއްލައަށް ކުރެވިދާނެ ކަންތައްތައް ކުރުން މިސާލަކަށް ކަސްރަތުކުރުން (self care measures):ތަލީވައިގެ ސަބަބުން އާދައިގެ ވަރަކަށް އުދަނގޫތައް ހުރިނަމަ އަމިއްލައަށް ކުރެވިދާނެ ކަންތައްތައް ކުރުމަށް ލަފާދީފާނެއެވެ. އެގޮތުން ކުރެވޭނެ އެއްކަމަކީ ކަސްރަތުކުރުމެވެ. ކަސްރަތުގެ ގޮތުގައި އާންމު ގޮތެއްގައި ކުރުމަށް ލަފާދެނީ "ކީޖެލް އެކްސަސައިޒް"(Kegel exercise) އެވެ. މިއީ ޅިނދުގެ ތަޅުމުގެ މަސްތައް ވަރުގަދަކުރުމަށް އެހީތެރިވެދޭ ކަސްރަތެކެވެ. އާދައިގެ މިންވަރަކަށް ތަލީވައި ކުރިމަތިވެފައިވާނަމަ ދެވޭ ހަމައެކަނި ފަރުވާ އަކީ މިއީ އެވެ. ކީޖެލް އެކްސަސައިޒު ކުރުމަށްޓަކައި ފުރަގަސްފަރާތުގެ ވަށައިގެންވާ މަސްތަކަށް ވާންކޮށް ހިފަހައްޓާލާނީ އެވެ. މިސާލަކަށް ކުޑަކަމުދާން ޖެހުމުން ކުޑަކަމު ނުގޮސް ހިފަހައްޓައިގެން ހުންނަގޮތަށް ހުންނާނީ އެވެ. އެގޮތަށް މަސްތަކަށް ވާންކޮށް، ފިއްތައި ހިފަހައްޓާލައިގެން ދެތިން ސިކުންތު ވަންދެން ހުރުމަށްފަހު ދޫކޮށްލާނީ އެވެ. މިގޮތަށް ތަކުރާރުކޮށް 10 ފަހަރު ހަދާށެވެ. މިއީ ކޮންމެ ތާކުމެ، އަދި ކޮންމެ ވަގުތަކުމެ ކުރެވިދާނެ ކަސްރަތެކެވެ. މިކަސްރަތު ކުރުން އެދެވިގެންވަނީ ގިނަވެގެން ދުވާލަކު 4 ފަހަރު އެވެ.

(ށ) ވެޖައިނަލް ޕެޝަރީ ލެއްވުން (Vaginal pessary):ވެޖައިނަލް ޕެޝަރީ އަކީ ރަހިމުގެ ދޮރަށް ފިޓުވާގޮތަށް ނުވަތަ ރަހިމުގެ ދޮރަށް ވަށައިގެން ލެއްވޭގޮތަށް އަކީ ރަބަރުން ނުވަތަ ޕްލާސްޓިކުން ޑޯނަޓް ބައްޓަމަށް ހަދާފައި ހުންނަ ޑިވައިސް އެކެވެ. މިއީ ރަހިމު ތިރިއަށްޖެހުނަނުދީ އޭގެ މަގާމުގައި ހިފެހެއްޓުމަށް އެހީތެރިވެދޭނެ ޑިވައިސް އެކެވެ. ވެޖައިނަލް ޕެޝަރީ ލެއްވިޔަސް ދޭތެރެ ދޭތެރެއިން މިޑިވައިސް ސާފުކުރަން ޖެހޭނެ އެވެ. އަދި ޖިންސީ ގުޅުން ހިންގުމުގެ ކުރިން ވެޖައިނަލް ޕެޝަރީ ނަގަން ޖެހޭނެ އެވެ.

(ނ) އެސްޓްރަޖަން ކްރީމް ބޭނުންކުރުން : މިއީ ހަމައެކަނި އިންދައިން ކެނޑިފައިވާ މީހުންގެ ތެރެއިން ތަލީވައި ކުރިމަތިވާ ވަކިބަޔަކަށް ބޭނުންކުރެވިދާނެ އެއްޗެކެވެ.

ސާޖަރީ ހެދުން ނުވަތަ އޮޕަރޭޝަންކުރުން

(ހ) ރަހިމުނެގުމާއެކު ތަލީވައި މަރާމާތުކުރުން (ރަނގަޅުކުރުން) : ތަލީވައި ހުރެއްޖެނަމަ އޮޕަރޭޝަންކޮށްގެން ރަހިމު ނަގަންޖެހިދާނެ އެވެ. އަންހެނާގެ ޖިންސީ ގުނަވަނާއި ދިމާލުން ނުވަތަ ކުރިމަތި ފަރާތުން ތަންކޮޅެއް ކަފާލައިގެން ނުވަތަ ބަނޑުން ތަންކޮޅެއް ކަފާލައިގެން ވެސް ރަހިމު ނެގުމަށްޓަކައި އޮޕަރޭޝަން ކޮށްފާނެ އެވެ. ރަހިމު ނެގުމަކީ ބޮޑު އޮޕަރޭޝަނެކެވެ. އަދި ރަހިމު ނެގުމަށްފަހު ދަރިމައެއް ނުވާނެއެވެ.

(ށ) ރަހިމުނެގުމަކާ ނުލައި، ތަލީވައި މަރާމާތުކުރުން (ރަނގަޅުކުރުން) :މިޕްރޮސީޖަރގައި ތިރިއަށްޖެހި ވެއްޓިފައިވާ ނުވަތަ ބޭރަށްފައިބައިފައިވާ ރަހިމު އޭގެ މަގާމަށް ގެންގޮސް ހިފެހެއްޓޭގޮތް ހަދާނެ އެވެ. ރަހިމު އޭގެ މަގާމުގައި ހިފެހެއްޓުމަށްޓަކައި، އެހިސާބުގެ ލިގަމެންޓްތައް ރަހިމުގެ ތިރީ ބަޔާއި އަލުން ތަތްކޮށް ހަރުކުރެވޭނެ އެވެ. އަންހެނާގެ ޖިންސީ ގުނަވަނާއި ދިމާލުން ނުވަތަ ކުރިމަތި ފަރާތުން ތަންކޮޅެއް ކަފާލައިގެން ނުވަތަ ބަނޑުން ތަންކޮޅެއް ކަފާލައިގެން ވެސް މި އޮޕަރޭޝަން ކޮށްފާނެ އެވެ.

ރައްކާތެރިވުން

ތަލީވައި ކުރިމަތިވުމުން އެއްކޮށް ރައްކާތެރިވުމަކީ ފަހަރުގައި ނުކުރެވިދާނެ ކަމެކެވެ. ނަމަވެސް ތަލީވައި ކުރިމަތިވުން ކުޑަކުރެވިދާނެ ގޮތްތައް ނޫނީ ކުޑަކުރުމަށް ކުރެވިދާނެ ކަންތައްތައް ހުރެއެވެ. އެގޮތުން އަންނަނިވި ކަންތައްތައް ކުރެވިދާނެ އެވެ.

·         ހަށިގަނޑުގެ ބަރުދަން އެއްވަރެއްގައި ހިފެހެއްޓުމަށް މަސައްކަތްކުރުން

·         ގަވާއިދުން ކަސްރަތުކުރުން

·         ކީޖެލް އެކްސަސައިޒު ގަވާއިދުން ކުރުން

·         ފައިދާހުރި ކާނާ ބޭނުންކުރުން

·         ބަނޑުހިކުމުން ރައްކާތެރިވުމަށް މަސައްކަތްކުރުން

·         ދުންފަތުގެ އިސްތިއުމާލުކުރުމާ ދުރުހެލިވުން

·         ބަރުތަކެތި އުފުލުމުން ދުރުހެލިވުން

·         ބަރު ތަކެތި އުފުލައި ހެދުމުގައި ޞިއްޙީ ގޮތުން އެންމެ ރަނގަޅުގޮތްތައް ޚިޔާރުކުރުން

ނޯޓް : މިއީ މައުލޫމާތު ފެތުރުމުގެ ނިޔަތުގައި ލިޔެފައިވާ ލިޔުމެކެވެ. 

ހަވާލާ

·         https://my.clevelandclinic.org/health/diseases/16030-uterine-prolapse

·         https://www.mayoclinic.org/diseases-conditions/uterine-prolapse/symptoms-causes/syc-20353458

·         https://www.webmd.com/women/guide/prolapsed-uterus

·         https://www.ncbi.nlm.nih.gov/pmc/articles/PMC2034734/


No comments:

Post a Comment