Wednesday, January 8, 2014

ސައިނަސް ދުޅަވުން

ސައިނަސް ދުޅަވުން
ސައިނަސް މައްސަލަ ހުރުން ނުވަތަ ސައިނަސް ތައް ދުޅަވުން(sinusitis) ކަމުގައި ބުނެވެނީ ނޭފަތާއި، ވައިކޮތަޅު ތަކުގެ އެތެރެއިން ލެވިފައިވާ ތެތްދުލިފަށް ތަކުގައި އިންފެކްޝަން އަށަގަނެ ދުޅަވުމަށް ނިސްބަތްކޮށެވެ. މިބުނި ވައިކޮތަޅު ތަކަކީ ލޮލާއި، ނޭފަތުގެ ވަށައިގެން ކައިރީގައި އަދި ކޯތާފަތުގައި ހުންނަ ކުދިކުދި ވައިކޮތަޅު ތަކެކެވެ.

އެންމެ ވައިކޮތަޅެއްގެ އެތެރެއިން ލެވިފައިވާ ތެތް ދުލިފަށް ދުޅަވި ނަމަވެސް ސައިނަސް ޖެހިފައިވާ ކަމުގައި ބެލެވިދާނެއެވެ. ވައިކޮތަޅުތަކުގައި އިންފްލެމޭޝަން އުފެދުމުން އެ ކޮތަޅުދުޅަވެ، އެއިން ބޭރުކުރާ ދިޔަތައް ނޭފަތާއި، އަރުގެ ތެރެއަށް ވާސިލްވުމަށް ހުރަސް އަޅައެވެ. ނަތީޖާއެއްގެ ގޮތުން ވައިކޮތަޅުތަކުގެ އެތެރޭގެ ޕްރެޝަރ މަތިވެ، ރިހުން އުފެދޭގޮތް ވެއެވެ. ވައިކޮތަޅު ތަކުގެ ތެރޭގައި އުފެދޭ ދިޔަތައް ރަގަޅަށް ބޭރުނުވާނަމަ ބެކްޓީރިއާ، އަދި ފަންގަސް ފަދަ ޖަރާސީމް އޭގެ ތެރޭގައި އާލާވުމަށް މަގުފަހިވެގެން ދެއެވެ.

އަރިދަފުސް ރޯގާ ފަދަ ބަލިތަކުގެ ސަބަބުން މިބުނި ވައިކޮތަޅުތައް ބެދުމަކީ އެކަށީގެންވާ ކަމެކެވެ. އަރިދަފުސް ރޯގާ ޖެހުމަށް ފަހު ބައެއް ފަހަރު ސައިނަސް އަށް ބަދަލުވާގޮތް ވެއެވެ. އާންމުގޮތެއްގައި އަރިދަފުސް ރޯގާއާއި، ވިދިގެން ކުރިމަތިވާ އުދަގޫތައް 7-5 ދުވަހުގެ ތެރޭގައި ރަގަޅުވެދެއެވެ. ނަމަވެސް ސައިނަސް އާއި ގުޅިގެން ކުރިމަތިވާ އުދަގޫތައް ދިގުދެމިދެއެވެ. އަދި 7 ދުވަސްވުމަށްފަހު އަލާމާތްތައް އިތުރަށް ނުރައްކާވާގޮތް ވެއެވެ.

ސައިނަސް ކުރިމަތިވާ މުއްދަތާއި، ޖެހޭ މުއްދަތަށް ރިޢާޔަތްކޮށް ދެވައްތަރަކަށް ސައިނަސް ޖެހުން ބެހިފައި ވެއެވެ. އެއީ ވަގުތީ އަދި ދާއިމީ ވައްތަރު އެވެ. ދާއިމީ ވައްތަރުގެ ސައިނަސް ހުރި ނަމަ އަބަދުވެސް އޭގެ އުދަގޫތައް ކޮންމެ ވެސް މިންވަރަކަށް ފޯރައެވެ.

ސައިނަސް މައްސަލަ ކުރިމަތިކުރުވާ ސަބަބު
ސައިނަސް މައްސަލަ އާންމުކޮށް ކުރިމަތިވަނީ ވައިރަހުން ޖެހޭ އިންފެކްޝަން އެއްގެ ސަބަބުންނެވެ. ވައިރަސް އިންފެކްޝަން އެއް ޖެހިއްޖެ ނަމަ ވައިކޮތަޅު ތަކާއި، ނޭފަތުގެ އެތެރެއިން ލެވިފައިވާ ތެތްދުލިފަށަލަތަކުގައި އިންފްލެމޭޝަން އުފެދިގެން ދެއެވެ. މީގެ އިތުރުން ބެކްޓީރިއާގެ ސަބަބުންޖެހޭ އިންފެކްޝަން އަކީ ވެސް ސައިނަސް މެދުވެރި ކުރުވާ ސަބަބެކެވެ.

ސައިނަސް މައްސަލަ ދިމާވުމުން އަންނަނިވި ކަންތައްތައް މެދުވެރިކުރުވައެވެ.
Ø    ވައިކޮތަޅުގެ ތަކުގެ އެތެރެއިން ލެވިފައިވާ ތެތް ދުލިފަށްތައް ދުޅަވެ، ވައިކޮތަޅުތަކުން ބޭރުވާ ދިޔަ، ނޭފަތާއި، ކަރުގެ ތެރެއަށް ވާސިލްވުމަށް ހުރަސް އަޅައެވެ.
Ø    ތެތް ދުލިފަށްތަކުން ބޭރުވާ ދަވަ، އަދި ދިޔަ ވައިކޮތަޅު ތަކުގެ އެތެރޭގައި ޖަމާވެ، އޭގައި ޕްރެޝަރ އުފެދި، ރިހުން ކުރިމަތި ކުރުވައެވެ.
Ø    ދިޔަ ބޭރުކުރުން ނުކުޅެދިފައިވާ ވައިކޮތަޅުތަކުގެ ތެރޭގައި ބެކްޓީރިއާ އަދި ފަންގަސް ފަސޭހަ ކަމާއި އެކު އާލާވާގޮތް ވެއެވެ. ނަތީޖާއެއްގެ ގޮތުން ދޮހާއި، އަރިދަފުސް އަދި ދަވަ، އުފެދި ނޭފަތާއި، ވައިކޮތަޅުތައް ބެދި ދުޅަވެ، ސައިނަސްގެ ސަބަބުން ކުރިމަތިވާ އުދަގޫތައް ފެންނަށް ފަށައެވެ.

ސައިނަސް ޖެހުމަށް މަގުފަހިކުރާ ކަންތައްތަކުގެ ތެރޭގައި، ނޭފަތަށް ކުރިމަތިވާ ނުގުޅޭ އަސަރުތައް(އެލާޖީ)، ނޭފަތުގެ ތެރޭގައި ''ޕޯލިޕް'' އުފެދުން، ނޭފަތަށް އެއްޗެއް ވަނުން، ނޭފަތް އެއް އަރިއަކަށް ޖެހިފައި އިނުން، އަދި ފަންގަސް އިންފެކްޝަން އަށަގަތުން ފަދަ ކަންތައްތައް ހިމެނެއެވެ. މީގެ އިތުރުން ދުންފަތުގެ އިސްތިޢުމާލު ކުރުން، ވައި ނުސާފުވުން، ފިނިވެއްޓަކަށް ހުށަހެޅުން ނުވަތަ މާބޮޑަށް ފިނިމާހައުލެއްގައި އުޅެންޖެހުން، ކުއްލިއަކަށް ވައިގެ ޕްރެޝަރަށް ބަދަލު އައުން، އަދި މިނޫނަސް ތަފާތު ކަންތައްތައް ހިމެނެއެވެ.

ސައިނަސް މައްސަލަ ދިމާވުމަށް މަގުފަހިކުރާ ބައެއް ކަންތައްތައް
(ހ) - ދަތުގެ މައްސަލަތައް : މަތީ ކޮލުދަތްތަކުގައި އިންފެކްޝަން އަށަގަތުމަކީ ބައެއް ފަހަރު ކޯމަތީގައި އިންނަ ސައިނަސް(maxillary sinus) ގައި އިންފެކްޝަން އުފެދުމަށް މަގުފަހިވާ ކަމެކެވެ. އެއީ މިބުނި ދަތްތައް ހުންނަނީ ކޯމަތީގައި އިންނަ ސައިނަސްގެ ތިރިން ކަމުގައިވާތީ އެވެ. މިބުނި ދަތްތަކުގެ ބުނޑާއި، ކޯމަތީގައި އިންނަ ސައިނަސް އާއި ދެމެދުގައިވާ ކަށީގެ ފާރު ތުނިކޮށް ހުރުމަކީ ދަތުގައި އުފެދޭ އިންފެކްޝަން ކޯމަތީގައި އިންނަ ސައިނަސް އަށް ވާޞިލްވުމަށް އެހީވެދޭ ކަމަކަށް ވެއެވެ. ސައިނަސްގެ ސަބަބުން ( މެކްސިލަރީ ސައިނަސް ދުޅަވުން ) ދަތުގައި ރިހުން ކުރިމަތިވަނީ މިސަބަބާއި ހެދި ކަމުގައިވަނީ ފާހަގަކުރެވިފައެވެ.

(ށ) - އުދުހުން އަދި ފީނުން : މަތިންދާ ބޯޓުން ދަތުރުކުރުމަށްފަހު، ނުވަތަ އަޑިއަށް ފީނުން ،ޑައިވްކުރުން ފަދަ ކަމަކަށް ފަހު ބައެއް މީހުންނަށް ސައިނަސް މައްސަލަ ކުރިމަތިވާގޮތް ވެއެވެ. މިއީ ވައިގެ ޕްރެޝަރަށް ބަދަލު އައުމުން ކުރިމަތިވާ ކަމެކެވެ. ބޯޓް ނައްޓާލާއިރު ކަންފަތުގެ އެތެރޭގެ ޕްރެޝަރަށް އަންނަ ބަދަލު އަހަރެމެންނަށް ފާހަގަވާނެއެވެ. އެއީ ކަންފަތާއި، ނޭފަތާއި ދެމެދުގައިވާ ''ވައިހޮޅި"(Eustachian tube) ޕްރެޝަރަށް އަންނަ ބަދަލު ހަމަހަމަކުރުމަށް މަސައްކަތްކުރާތީ އެވެ. މިގޮތަށް މަސައްކަތްކުރަނީ ޕްރެޝަރަށް އަންނަ ބަދަލުގެ ސަބަބުން އެހިސާބުގެ އެތެރޭގައިވާ ނާޒުކު ބައިތަކަށް ގެއްލުން ވިޔަ ނުދިނުމަށްޓަކައެވެ. ވައިގެ ޕްރެޝަރަށް ބަދަލު އައުމަކީ ސައިނަސްގެ އެތެރެއިން ލެވިފައިވާ ތެތްދުލިފަށް ދުޅަވެ، އިންފެކްޝަން އަށަގަތުން މެދުވެރިކުރުވާ ކަމެކެވެ. އަރިދަފުސް ރޯގާ ޖެހިފައިވާނަމަ މިކަން އިތުރަށް ނުރައްކާވެގެން ދެއެވެ.

(ނ) - ބަލިވެއިނުން : މާބަނޑު ދުވަސްވަރު ވަރަށް ގިނަ އަންހެނުންނަށް ނޭފަތުގެ އެތެރެއިން ލެވިފައިވާ ދުލިފަށް ދުޅަވެ، ނޭފަތުން އަރިދަފުސް ބޭރުވާގޮތް ވެއެވެ. މިއީ މާބަނޑުވުމުން ހޯރމޯނަށް އަންނަ ބަދަލާއި ގުޅިގެން ކުރިމަތިވާ ކަމެއްކަމަށް ވަނީ ފާހަގަކުރެވިފައެވެ. ބަޔާންކުރެވުނު ގޮތަށް ނޭފަތުގައި އިންފްލެމޭޝަން އުފެދި، ދުޅަވުމަކީ ސައިނަސް މައްސަލަ މެދުވެރިވުމަށް މަގުފަހިވެގެންދާ ކަމެކެވެ. އަދި މިހާލަތުގައި ފަރުވާކުރުން އުދަގޫ ކަމަކަށް އޮންނަނީ ވެފައެވެ. އެއީ މާބަނޑު ދުވަސްވަރު ކޮންމެ ކޮންމެ ބޭހެއް ނެގުން އެއީ ނުރައްކާތެރިކަމަށް ވެދާނެތީ އެވެ.


(ރ) - ދިފާޢީ ބާރު ދަށްވުން : ދިފާޢީ ނިޒާމްގެ ބާރު އާއްމު ގޮތެއްގައި ދެރަވަނީ ކީމޯތެރަޕީ ނެގުން، ރޭޑިއޭޝަން ގެ ފަރުވާ ލިބިގަތުން، ގުނަވަނެއް ބަދަލުކުރުން، އެއިޑްސް ޖެހުން، ފަދަ ހާލަތްތަކުގައެވެ. ދިފާޢީ ނިޒާމްގެ ބާރުދަށްވުމުން ވައިކޮތަޅު ތަކުގައި ތަފާތު ޖަރާސީމްތައް އަށަގަތުމަށް މަގުފަހިކުރުވައެވެ.ދިފާޢީ ނިޒާމްގެ ބާރު ދެރަވުމަކީ އިންފެކްޝަން ތަކާއި، ހަށިގަނޑު ހަގުރާމަކުރުމަށް އުދަގުލާއި ކުރިމަތިކުރުވާ ކަމެކެވެ. އެހެންކަމުން މިފަދަ މީހަކަށް ސައިނަސް ޖެހިއްޖެނަމަ ވަރަށް ފަރުވާތެރިކަމާއެކު އަވަސް ފަރުވާ ދެވެންޖެހޭނެ އެވެ. އަދި ފަރުވާ ނުކޮށް ދޫކޮށްލައިފިނަމަ އިންފެކްޝަން ސިކުނޑިއާއި، ލޮލަށް ވާޞިލްވުމަކީ ވެދާނެ ގޮތެކެވެ.

(ބ) - ނޭވަޔަށް އުދަނގޫކުރުން : ނޭވަޔަށް އުދަގޫ ކުރުން، ނުވަތަ ނޭވާ ހިއްލުން ހުރުމަކީ ނޭފަތުގައި ޕޯލިޕް އުފެދުން، ނުގުޅޭ އަސަރު ކުރިމަތިވުން، އަދި ސައިނަސް މައްސަލަ މެދުވެރިކުރުވާ ކަމެއްކަމަށް ވަނީ ފާހަގަކުރެވިފައެވެ. އަދި ސައިނަސް މައްސަލަ މެދުވެރިވެއްޖެނަމަ ބައެއް ފަހަރު ވައިނޮޅީގައި އަރިދަފުސްތައް ޖަމާވެ، ނޭވާ ހިއްލުން އިތުރަށް ނުރައްކާވެގެން ދިއުމަކީ ވެސް ވެދާނެ ގޮތެކެވެ.

ސައިނަސް މައްސަލަ ހުރިނަމަ ކުރިމަތިވެދާނެ އުދަނގޫތައް
މޫނުގެ މަސްތަކަށް ފިތިވާންވެ، މޫނުގައި ރިހުމާއި، ނޭފަތުން ފެން ފޭބުން މިއީ އެންމެ ޢާއްމު ދެއަލާމާތެވެ. ބައެއް ފަހަރު ނޭފަތުން ބޭރުވާ ދަވަ، ނުވަތަ އަރިދަފުސް ރީދޫ، ނުވަތަ ފެހިކުލައިގައި ހުރެދާނެއެވެ. ކުރިއަށް ލެބުން، ނުވަތަ ބޯ އެކިފަރާތް ފަރާތަށް އެބުރުން ފަދަ ކަންތައްތަކުގެ ސަބަބުން މޫނުގައި އުފެދިފައި ހުންނަ ރިހުން އިތުރުވާގޮތް ވެއެވެ. މީގެ އިތުރުން ބައެއް ފަހަރު މޫނުގައި ބީހިލުމުން ވެސް ރިހުން އުފެދޭގޮތް ވެއެވެ.

މޫނުގައި ރިހުން އުފެދޭ ހިސާބު ބިނާވެފައި އޮންނަނީ ސައިނަސްގެ އަސަރުކޮށްފައިވާ ވައިކޮތަޅެއްގެ މައްޗަށެވެ.
(ހ) - ކޯމަތީގައި އިންނަ ސައިނަސް(maxillary sinus) ދުޅަވުން : ރިހުން ހުންނާނީ ލޮލުގެ ތިރިން މޫނުގެ މެދާއި، ކޯތާފަތާއި، މަތީ ދަތްޕިލަ ހިމެނޭ ހިސާބުގައެވެ.
(ށ) - ނިއްކުރިމަތީގައި އިންނަ ސައިނަސް(frontal sinus) ދުޅަވުން : ރިހުން ހުންނާނީ ބުމައިގެ މަތިން ނިއްކުރީގައެވެ.
(ނ) - ލޮލުގެ ކަރުނަވަޅާ ދިމާލުން މަތީގައި އިންނަ ސައިނަސް(sphenoidal sinus) ދުޅަވުން : ރިހުން ހުންނާނީ ލޮލުގެ ފަހަތާއި، ބޮލުގެ ދެއަރިމަތީގައި ނުވަތަ ބޮލުގެ ފަހަތުގައެވެ.
(ރ) - ލޮލުގެ ކަރުނަވަޅާއި ދިމާލުން ތިރީގައި އިންނަ ސައިނަސް(ethmoidal sinus) ދުޅަވުން : ރިހުން ހުންނާނީ ލޮލުގެ ވަށައިގެން ނުވަތަ ލޮލުގެ ފަހަތުގައެވެ. ނުވަތަ ދެލޮލުގެ ދެމެދުގައި ނޭފަތާއި ކައިރިވީ ހިސާބުގައެވެ.

ސައިނަސް ޖެހުމުން ކުރިމަތިވެދާނެ އިތުރު އުދަގޫތަކުގެ ތެރޭގައި ބޮލުގައި ރިހުން، އަނގައިން ނޭވާ ބޭރުކުރާއިރު ނުބައިވަސްދުވުން، ހުންއައުން، ދަތުގައި ރިހުން، އަރިދަފުސް އައުމާއެކު ކެއްސުން، އަދި އެއްޗެތީގެ ރަހައާއި، ވަސް ރަގަޅަށް ނުދުވުން ފަދަ ކަންތައްތައް ހިމެނެއެވެ.

ކުރު މުއްދަތަކަށް ސައިނަސް މައްސަލަ ކުރިމަތިވުން
ކުރު މުއްދަތަކަށް ސައިނަސް ދުޅަވުން( Acute sinusitis) މެދުވެރިވަނީ ޢާއްމު ގޮތެއްގައި ވައިރަސް އިން ޖެހޭ އިންފެކްޝަން އެއްގެ ސަބަބުންނެވެ. އާންމުގޮތެއްގައި 4 ހަފްތާ ނުވަތަ އެއަށްވުރެ މަދު ދުވަސްކޮޅަކަށް މިވައްތަރު ދެމިހުރެއެވެ. އަދި ހަފްތާއެއްގެ ތެރޭގައި ފަރުވާއެއް ނުކުރިޔަސް އޭގެ ޒާތުގައި މިވައްތަރާއި ގުޅިގެން ކުރިމަތިވާ އުދަގޫ ރަގަޅުވާން ފަށައެވެ. ބެކްޓީރިއާ ގެ ސަބަބުން ކުރު މުއްދަތަކަށް ސައިނަސް ޖެހުން މެދުވެރިވެއްޖެނަމަ އޭގެ ޒާތުގައި ރަގަޅުވާން ފެށުމަކީ ނާދިރު ކަމެކެވެ. އަދި ގިނަ ފަހަރު ދިގު މުއްދަތަކަށް ސައިނަސް ޖެހުން (Chronic sinusitis) ، ނުވަތަ ސައިނަސް އާއި ގުޅިގެން މެދުވެރިވާ އެހެނިހެން ނުރައްކާތެރި އުދަގޫތައް މިކަމުގެ ސަބަބުން މެދުވެރި ކުރުވާގޮތް ވެދާނެއެވެ.

ބެކްޓީރިއާ ގެ ސަބަބުން ކުރު މުއްދަތަކަށް ސައިނަސް ދުޅަވެއްޖެނަމަ ނޭފަތުން ދޮހާއި އެއްވެފައިވާ އަރިދަފުސް ބޭރުވުން 10 ދުވަހަށްވުރެ ދިގުމުއްދަތަށް ކުރިމަތިވުމަކީ ވަރަށް ގާތްކަމެކެވެ. އަދި މިއީ ބެކްޓީރިއާގެ ސަބަބުން ސައިނަސް ޖެހިފައިވާކަން ފާހަގަކޮށްދޭނެ ވަރުގަދަ ހެއްކެކެވެ.

ކުރު މުއްދަތަކަށް ސައިނަސް ދުޅަވުން ކުރިމަތިވެއްޖެނަމަ އޭގެ ކުރީކޮޅުގައި ނޭފަތް ބެދުން، ކަރާއި، ނޭފަތުން ދަވަ، ބޭރުވާ މިންވަރު އިތުރުވުން، ކިބިހިއެޅުން، ހިތްނުތަނަވަސްވުން، ވަރުބަލިވުން ފަދަ ކަންތައްތައް މެދުވެރިވެއެވެ. ބައެއް ފަހަރު ހުންއައުމަކީ ވެސް ވެދާނެ ގޮތެކެވެ. މޫނުގައި ރިހުން، ނުވަތަ ބޮލުގައި ރިހުން ހުރިނަމަ އޭގެ މާނައަކީ ސައިނަސްގެ ހާލަތު އިތުރަށް ނުރައްކާވެގެން އައުމެވެ. އަރިދަފުސް ރޯގާ ޖެހުމަށް ފަހު ހަފްތާއަކަށްވުރެ ގިނަދުވަސް ވެއްޖެނަމަ ސައިނަސް ހުރިކަމުގައި ޝައްކު ކުރެވިދާނެއެވެ. މިހާލަތުގައި ހުން މަތިވެ، ކަރާއި ނޭފަތުން ބޭރުވާ ދަވަ، ގިނަވެ، އޭގެ ކުލަ ފެހި ނުވަތަ ރީދޫ ކުލައަށް ހުރެދާނެއެވެ. ބައެއް ފަހަރު އަޑު ކުރަކިވެ، ކެއްސުން ކުރިމަތި ވެދާނެއެވެ. މިގޮތުން ކުރިމަތިވާ ކެއްސުން ހެދުނާއި، ރޭގަނޑު ދަންވަރުގެ ވަގުތުގައި އިތުރުވެއެވެ. އެއީ ދަވަތައް ބޭރުނުވެ، ވައިނޮޅީގެ ތެރޭގައި ޖަމާވެފައި ހުންނާތީ އެވެ. ސައިނަސްގެ ސަބަބުން ކަރުގައި ހުންނަ ލިމްފް ގޮށްތައް ދުޅަވެ ''ގޮށްލުން'' މެދުވެރިވުމަކީ ވެސް ވެދާނެ ގޮތެކެވެ.
ދިގު މުއްދަތަކަށް ސައިނަސް މައްސަލަ ކުރިމަތިވުން
ދިގު މުއްދަތަކަށް ސައިނަސް ދުޅަވުން (Chronic sinusitis) މެދުވެރިވަނީ ޢާއްމު ގޮތެއްގައި ބެކްޓީރިއާ ނުވަތަ ފަންގަސް އިން ޖެހޭ އިންފެކްޝަން އެއްގެ ސަބަބުންނެވެ. ދިގު މުއްދަތަކަށް ސައިނަސް ޖެހުން ކަމުގައި ބެލެވެނީ 8 ހަފްތާއަށްވުރެ ދިގު މުއްދަތަކަށް ސައިނަސް ދިގުދެމިގެން ގޮސްފިނަމަ އެވެ. ކުރިން ބުނި އިންފެކްޝަންތަކަށް ފަރުވާކުރުމަކީ ބައެއް ފަހަރު އުދަގޫކަމަށް ވެދާނެއެވެ.ތިން ހަތަރު ފަހަރު ތަފާތު އެންޓިބަޔޮޓިކް ތައް ބޭނުންކޮށްގެން ވެސް ދިގު މުއްދަތަކަށް ސައިނަސް ޖެހުން ރަގަޅު ނުކުރެވިއްޖެ ނަމަ ޑޮކްޓަރާއި އެކަމާއި މަޝްވަރާކޮށް ފަރުވާ އަށް އެހެންގޮތެއް އޮތްތޯ ބެލިދާނެއެވެ.

ދިގު މުއްދަތަކަށް ސައިނަސް ދުޅަވުމަކީ ވައިކޮތަޅު ތަކުގެ އެތެރެއިން ލެވިފައިވާ ތެތް ދުލިފަށް ތަކުގައި ދާއިމީ ބަދަލުތަކެއް އުފައްދާނެ ކަމެކެވެ. އަދި އެކަމުގެ ސަބަބުން އަވަސް އަވަހަށް ސައިނަސް ދުޅަވުމަށް މަގުފަހިވެގެން ދެއެވެ.

ކުޑަކުދިންނަށް ސައިނަސް ދުޅަވުމުން ފެނިދާނެ ޢަލާމާތްތަކުގެ ތެރޭގައި ނޭފަތުން ފެން އަދި އަރިދަފުސް ފޭބުން، ކެއްސުން، ބޮލާއި، މޫނުގައި ރިހުން ފަދަ ކަންތައްތައް ހިމެނެއެވެ. މިކަންތައްތައް 10-7 ދުވަހާއި، ދެމެދުގެ މުއްދަތަކަށް ދެމިހުރެއެވެ. ބައެއް ކުދިންނަށް ނުގުޅޭ އަސަރުތައް، އަދި ކަންފަތުގެ އިންފެކްޝަން ފަދަ މައްސަލަތައް ކުރިމަތިވުމަކީ ވެދާނެ ގޮތެކެވެ.

ދިގު މުއްދަތަކަށް ސައިނަސް ދުޅަވުމުން ފާހަގަކުރެވޭ އެންމެ އާއްމު އެއް އަލާމާތަކީ ނޭފަތް ބެދި، ކަރާއި، ނޭފަތުން ދަވަ، ނުވަތަ އަރިދަފުސް ބޭރުވާ މިންވަރު އިތުރުވެ، އެދަވަތައް ބޭރުވުމަށް ހުރަސްއެޅި، ވައިނޮޅީގައި ޖަމާވެފައި ހުރުމެވެ. ނަތީޖާއެއްގެ ގޮތުން ހެދުނާއި، ރޭގަނޑު ދަންވަރުގެ ވަގުތުތަކު ކެއްސުން އިތުރު ކުރުވައެވެ. މީގެ އިތުރުން އަނގައިން ނޭވާ ބޭރުކުރާއިރު ނުބައިވަސްދުވުން، ބޮލުގައި ރިހުން، އަދި މޫނުގައި ރިހުން މިއީ ވެސް ކުރިމަތިވެދާނެ ކަންތައްތަކެވެ.

ސައިނަސް ދުޅަވެފައި ހުރިތޯ ބަލައި ދެނެގަތުން އާއްމުކޮށް ބަރޯސާވެފައި އޮންނަނީ ކުރިމަތިވާ އުދަގޫތަކާއި، ހެދޭ ޓެސްޓްތަކުގެ މައްޗަށެވެ. ކުރިމަތިވި އުދަގޫތަކުން އެއީ ކަނޑައެޅިގެން ސައިނަސް ކަން އެގިއްޖެ ނަމަ އެހެން ޓެސްޓްތައް ހަދާކަން ނުޖެހޭނެ އެވެ. އަލާމާތްތަކުން ސައިނަސް ކަން ކަނޑައެޅިގެން ބުނަން ނޭގުން، އެންޓިބަޔޮޓިކް ބޭނުންކުރުމުން ރަގަޅުނުވުން، އަދި ސައިނަސް އާއި ގުޅިގެން ކުރިމަތިވާ އިތުރު ނުރައްކާތެރި އުދަގޫތައް ކުރިމަތިވެފައިވާ ކަމަށް ޝައްކުވުން (މިސާލަކަށް ކަށިތަކަށް އިންފެކްޝަން ވާޞިލްވުން)، އަދި އޮޕަރޭޝަން ކުރަން ޖެހުން ފަދަ ކަންތައްތަކަކީ އިތުރު ޓެސްޓްތައް ފަހަރުގައި ހަދަން ޖެހިދާނެ ކަންކަމެވެ.

ދެނެގަތުން
ސައިނަސް ދުޅަވުމުން ބައެއް ފަހަރު ހަދަން ޖެހިދާނެ ޓެސްޓްތަކުގެ ތެރޭގައި އަންނަނިވި ޓެސްޓްތައް ހިމެނެއެވެ.
(ހ) - ސީޓީ ސްކޭން : މިއީ ސައިނަސް ނުވަތަ ވައިކޮތަޅު ތަކުގެ އެތެރެ ހުރިނެތްގޮތް ދައްކާދޭނެ ޓެސްޓެކެވެ. ސީޓީ ސްކޭން އަކީ ދިގު މުއްދަތަކަށް ސައިނަސް ޖެހިފައިވޭތޯ ދެނެގަތުމަށް ޢާއްމުކޮށް ހަދައި އުޅޭ ޓެސްޓެކެވެ.
(ށ) - ވައިކޮތަޅުތަކުގެ އެކްސް-ރޭ ނެގުން : މިއީ ސައިނަސް ޖެހިފައި ހުރިތޯ ޔަގީން ކުރުމަށް ބައެއް ފަހަރު ހަދާ ޓެސްޓެކެވެ. އެކްސް-ރޭ އަކީ ހަށިގަނޑުގެ އެކި ޓިޝޫތަކުގެ ޙާލަތު ދެނެގަތުމަށް ނަގައި އުޅޭ އެއްޗެކެވެ.
(ނ) - އިންޑޮސްކޯޕްގެ އެހީގައި ވައިކޮތަޅު ތަކުގެ އެތެރެ ބެލުން : މިގޮތުން ވައިކޮތަޅު ތަކާއި، ނޭފަތުގެ ހިދުރީގެ އެތެރެ ހުރިނެތްގޮތް ބެލެވެއެވެ، ޢާއްމު ގޮތެއްގައި މިޓެސްޓް ވެސް ހެދެނީ ދިގު މުއްދަތަކަށް ސައިނަސް ޖެހިފައިވާނަމަ އެވެ.
(ރ) - ތިނޯހެއް ފަދަ އެއްޗެއް ވައިކޮތަޅަށް ފޯރުވައިގެން އޭގެ ހުރިތަކެތި ނަގައި، އެ އިންދުން ނުވަތަ ކަލްޗަރ ކުރުން : ބައެއް ފަހަރު ހެދޭ މިޓެސްޓްގެ ބޭނުމަކީ ސައިނަސް ޖެހުން މެދުވެރި ކުރުވީ ކޮން ކަހަލަ ބެކްޓީރިއާ ނުވަތަ ފަންގަސް ނުވަތަ ވައިރަސް އެއްގެ ސަބަބުންތޯ ބެލުމެވެ.
(ބ) - މެގްނެޓިކް ރިޒޮނެންސް އިމޭޖް : މިޓެސްޓްގެ އެހީގައި އިންފެކްޝަން ވައިކޮތަޅުގެ ވަށައިގެންވާ ހިސާބުތަކަށް ފެތުރިފައިވޭތޯ ބެލިދާނެއެވެ. އަދި މީގެ އިތުރުން ނޭފަތް އަދި ވައިކޮތަޅުތަކުގެ ތެރޭގައި އެއްވެސް ކަހަލަ ގޮށްގަނޑެއް ނުވަތަ ޓިއުމަރެއް ފަދަ އެއްޗެއް އުފެދެމުން އާދޭތޯ ވެސް ބެލިދާނެއެވެ.

ސައިނަސް ދުޅަވުމުން ދެވޭ ފަރުވާ
ސައިނަސް ދުޅަވުމުން ދެވޭ ފަރުވާގެ މައިގަނޑު އަމާޒަކީ:-
·         ކަރުތެރެ، ނޭފަތުގައި ހުރި ދަވަތައް ބޭރުކޮށް، ވައިކޮތަޅުގައި އުފެދިފައި ހުރި ދުޅަތިރިކުރުން
·         މޫނާއި، ބޮލުގައި ހުރި ރިހުން ކުޑަކުރުން
·          އިންފެކްޝަން ހުރިނަމަ އެކަން ފިލުވާލުން
·         ނޭފަތާއި، ވައިކޮތަޅުތަކުގެ އެތެރެއިން ލެވިފައިވާ ތެތްދުލިފަށް ދާއިމީ ސިފައެއްގައި ހަލާކުވިޔަ ނުދިނުން

ޢާއްމު ގޮތެއްގައި ސައިނަސް ދުޅަވުމުން ބޭސް ދެވެނީ ބެކްޓީރިއާގެ ސަބަބުން ސައިނަސް ދުޅަވުން މެދުވެރި ވެފައިވާނަމަ އެވެ. ފަރުވާކުރެވޭ މުއްދަތު ޖެހިފައިވާ މިންވަރާއި ގުޅިގެން ތަފާތު ވެއެވެ. ކުރުވެގެން 3 ދުވަހަށް އަދި ދިގުވެގެން ދެތިން ހަފްތާ ވަންދެން ވެސް މިބައްޔަށް ފަރުވާކުރަން ޖެހިދާނެއެވެ.

ސައިނަސް ދުޅަވުމުން ފަރުވާކުރުމަށް ބޭނުންކުރެވޭ ބޭސްތަކުގެ ތެރޭގައި ބެކްޓީރިއާ މަރައި ނެތިކޮށްލުމަށްދެވޭ ''އެންޓިބަޔޮޓިކް''، ތަދުކެނޑުވުމަށްދެވޭ ''އެނަލްޖީޒިކްސް''، ނޭފަތުގެ އެތެރޭގެ އިންފްލެމޭޝަން ކުޑަކުރުމަށް ދެވޭ ''ކޯޓިކޯސްޓީރޮއިޑް''، ދަވަތައް ވިރުވައި ބޭރުކުރުމަށްދެވޭ ''މިއުކޯލިޓިކްސް'' އަދި މިނޫން ބޭސްތައް ވެސް ހިމެނެއެވެ.

ކުރު މުއްދަތަކަށް ސައިނަސް ދުޅަވުން މެދުވެރިވީ ބެކްޓީރިއާގެ ސަބަބުން ނަމަ 10- 5 ދުވަހާ ދެމެދުގެ މުއްދަތަކަށް އެންޓިބަޔޮޓިކް ބޭނުން ކުރަން ޖެހެއެވެ. ދިގު މުއްދަތަކަށް ސައިނަސް ޖެހުން މެދުވެރިވެއްޖެނަމަ 4-3 ހަފްތާ ވަންދެން އެންޓިބަޔޮޓިކް ބޭނުން ކުރަން ޖެހެއެވެ.
ގޭގައި އަމިއްލައަށް ލިބިގަނެވިދާނެ ފަރުވާ
- ގިނަގިނައިން ދިޔާތަކެތި ބޯށެވެ.
- ހޫނު ތުވާއްޔެއް ފަދަ އެއްޗަކުން ކޮންމެ ދުވަހަކު މޫނު މަސާޖް ކުރާށެވެ.
- ތާފަނާ ފެނާއި، ލޮނު ކޮޅެއް އެއްކޮށްގެން އެއިން އަގަޔާއި ނޭފަތް ދޮންނާށެވެ.
- ބޮލާއި މޫނުގައި ރިހި ތަދުވާނަމަ ބޭހެއް ބޭނުންކުރެވިދާނެއެވެ.
- މާބާރަށް ނޭފަތް ސާފުކުރުމަށް ނޭފަތް ނުފޮޅާށެވެ. ނޭފަތް ފޮޅާއިރު ނޭފަތުގެ ހިނދުރި ހުންނަށްވާނީ ހުޅުވިފައެވެ.

ސައިނަސް ޖެހުމުން ބޭހުން ކުރެވޭ ފަރުވާއިން ހައްލެއް ނުލިބިއްޖެ ނަމަ ބައެއް ފަހަރު އޮޕަރޭޝަން ވެސް ކުރަން ޖެހެއެވެ. މިގޮތުން އާއްމުކޮށް ހެދެނީ ''އިންޑޯސްކޯޕިކް ސާޖަރީ'' އެވެ.

ސައިނަސް ޖެހުމުން ދުރުހެލިވެ، އެކަމުން ރައްކާތެރިވެ ހުރުން
ސައިނަސް ޖެހުމުން ދުރުހެލިވެ، އެކަމުން ރައްކާތެރިވެ ހުރުމަށް ކުރެވިދާނެ ކަންތައްތަކުގެ ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ.
(1) - އަރިދަފުސް ރޯގާ ފަދަ ބަލިތަކުން މިންޖުވެ ހުރުމަށް މަސައްކަތްކުރުން : ބަލިން މިންޖުވެ ހުރުމަށް މަސައްކަތް ކުރުމުގެ އިތުރުން އަރިދަފުސް ރޯގާ ޖެހިއްޖެނަމަ ވީވަރަކުން ދިޔާތަކެތި ބޭނުންކުރުމާއި އަރާމްކުރުމަށް އާދަކުރާށެވެ. އަދި އެފަދަ ބަލި ޖެހިފައި ތިބިމީހުންނާއި މާބޮޑަށް ގައިގޯޅިވެ ނޫޅޭށެވެ.

(2) - ހަމަހަމަ ކެއުމެއް އިޚްތިޔާރު ކުރުން : މިގޮތުން ކެއުމުގައި ތަފާތު ބާވަތްތައް ހިމަނަށް ޖެހޭނެއެވެ. އެއީ ހަށިގަނޑަށް ބޭނުންވާ ކާނާގެ މުހިއްމު ބައިތައް ބަރާބަރަށް ފޯރުކޮށްދިނުމަށްޓަކައެވެ.

(3) - ދާއިމީ ސިފައެއްގައި ވިޓަމިން ސީ ފަދަ ތަކެތި ބޭނުންކުރުން : މިކަމުގެ ސަބަބުން ނޭފަތާއި، ކަރުތެރެ، ސާފުކޮށް އަރިދަފުސް ޖަމާވިޔަނުދީ ހިފަހައްޓައިދެއެވެ.

(4) - ދުންފަތުގެ އިސްތިޢުމާލު ކުރުމާއި ދުރުހެލިވުން : ދުންފަތުގެ އިސްތިޢުމާލު ކުރުމަކީ ސައިނަސް ޖެހުމަށް މަގުފަހިކުރުމުގެ އިތުރުން ސައިނަސް ގެ ހާލަތު އިތުރަށް ނުރައްކާކުރާ ކަމެކެވެ.

(5) - ގިނަގިނައިން ދިޔާތަކެތި ބުއިން : ދިޔާތަކެތި ބޭނުންކުރުމަކީ އަރިދަފުސް ރޯގާ ފަދަ ބަލިތަކުން ދުރުކޮށްދޭނެ ކަމެކެވެ


ނޯޓް : މިއީ މައުލޫމާތު ފެތުރުމުގެ ނިޔަތުގައި ލިޔެފައިވާ ލިޔުމެކެވެ. 

No comments:

Post a Comment