Monday, August 15, 2022

ކައިރިފުސްވުން

ކައިރިފުސްވުން

ކައިރިފުސްވުން (hyperopia) މިއީ ދުރުގައި ހުންނަ އެއްޗެހި/ތަންތަން ސާފުކޮށް ފެނިފައި ކައިރީގައި ހުންނަ އެއްޗެހި/ތަންތަން ފުސްކޮށް ފެނުމެވެ. އެހެންކަމުން ކައިރިފުސްވުމަށް ބައެއް ފަހަރު "ދުރު ރަނގަޅަށް ފެނުން"(farsightedness) މިހެން ވެސް ކިޔައި އުޅެއެވެ. ކައިރިފުސްވުމަކީ ކައިރިފުސްވެފައި، ދުރު ސާފުކޮށް ފެންނަ ހާލަތެކެވެ.

ދުރުފުސްވުމަކީ އާންމުކޮށް ވާރުތަވާ ކަމެކެވެ. މާނައަކީ އުފަންވާއިރު ވެސް ހުރުން ގާތް ކަމެކެވެ. އަދި އާންމު ގޮތެއްގައި ކުޑައިރު މިކަން ފާހަގަކުރެވޭނެ އެވެ. ނަމަވެސް ބޮޑުވާވަރަކަށް މިކަން ކުޑަވަމުން ދިއުމަކީ އެކަށީގެންވާ ކަމެކެވެ. އާދައިގެ ވަރަކަށް ކައިރި ފުސްވުން ކުރިމަތިވެއްޖެނަމަ، ދުރުގައި ހުންނަ އެއްޗެހި/ތަންތަން ސާފުކޮށް ފެނިގައި ކައިރީގައި ހުންނަ އެއްޗެހި/ތަންތަން ފެންނާނީ ފަޑުކޮށް ނޫނީ ފުސްކޮށެވެ. ނަމަވެސް ވަރަށް ބޮޑަށް ކައިރިފުސްވުން ކުރިމަތިވެއްޖެނަމަ ހުރިހާ ދުރުމިނެއްގައި ގައިވެސް (ކައިރި އަދި ދުރުވެސް) ފެންނާނީ ފަނޑުކޮށް ނޫނީ ފުސްކޮށެވެ.


ސަބަބު

ލޮލަށް ފެންނަ މަންޒަރެއް ނުވަތަ ތަސްވީރެއް އަމާޒުކޮށް (ފޯކަސްކޮށް) ހެދުމަށްޓަކައި ލޮލުގައި ދެބައެއް ވެއެވެ.

·         ލޮލުގެ ހާމަދުލި : މިއީ ގުއްބެއްގެ ބައްޓަމަން ލޮލުގެ ކުރިމަތީ ސަތަހައިގައި އިންނަ ސާފު ދުއްޔެކެވެ.

·         ލޮލުގެ ލެންސް : މިއީ ލޮލުގެ ކަޅުކަޅީގެ ފަހަތުގައި ދެފަރާތުން ވަށްބުރެއްގެ ސިފަޔަށް އެތެރެ ފެންނަގޮތަށް އިންނަ ސާފު ޖިސްމެކެވެ. ނުވަތަ އޮނިގަނޑެކެވެ.

އާންމު ގޮތެއްގައި ލޮލުގެ ބައްޓަން ހުންނަށްޖެހޭ ރަނގަޅު ގޮތުގައި ހުންނައިރު މިއިން ކޮންމެ އުންސުރެއްގައި ރަނގަޅު ލެބުމެއް (އެއްވަރަކަށް) ހުންނާނެ އެވެ. ލޮލަށް ވަންނަ އަލި ލޮލުގެ ފަހަތުގައިވާ އަލިދުއްޔަށް އަމާޒުކުރުވުމަށްޓަކައި ލޮލުގެ ހާމަ ދުއްޔާއި، ލޮލުގެ ލެންސް އިން ލޮލަށް ވަންނަ އަލިތައް ރިފެރިކުރަމުން ގެންދާނެއެވެ.

ލޮލުގެ ހާމަދުލި އަދި ލޮލުގެ ލެންސް އެއްވަރަކަށް ރީތިކޮށް އޭގެ ސަތަހަ ނުލެބޭނަމަ، ލޮލަށް ވަންނަ އަލީގެ ދޯދިތައް ރަނގަޅަށް ރިފެރިނުވާނެއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ރިފެރިކުރުމުގައި އުނިކަމެއް ނޫނީ ގޯހެއް(refractive error)  ފެންމަތިވެގެންދާނެއެވެ.

ދުރުފުސްވުން ކުރިމަތިވަނީ ލޮލުގެ ގޮބޮޅި، ނޫނީ ބޯޅަ(eyeball) ކުރިމަތިން ފަހަތަށް ހުންނަށްޖެހޭ ވަރަށް ކުރުކޮށް ހުރުމުންނެވެ. ނޫނީ އެގޮތަށް އުފެދުމުންނެވެ. މީގެ އިތުރުން ލޮލުގެ ހާމަދުލީގެ ބައްޓަމުގައި ހުންނަ މައްސަލައެއްގެ ސަބަބުން އަދި ލެންސްގައި ހުންނަ މައްސަލައެއްގެ ސަބަބުން ވެސް މިހެން ދިމާވެދާނެ އެވެ. މިފަދަ މައްސަލަތަކުގެ ސަބަބުން  ނުވަތަ މިފަދަ މައްސަލަތަކުގެ ސަބަބުން ލޮލުގެ ބައްޓަމަން އަންނަ ބަދަލުގެ ސަބަބުން ލޮލަށް ވަންނަ އަލި ސީދާ ލޮލުގެ އަލިދުލީގެ މައްޗަށް އަމާޒުވުމުގެ ބަދަލުގައި އޭގެ ފަހަތަށް އަމާޒުވެގެން ދެއެވެ. މިހެންވުމުން ކައިރީގައި ހުންނަ ތަކެތި ފުސްވާގޮތް ވެއެވެ. ނޫނީ ފުސްކޮށް ފެންނަގޮތް ވެއެވެ.

ދުރުފުސްވުމަކީ އާންމުކޮށް ވާރުތަވާ ކަމެކެވެ. މާނައަކީ އުފަންވާއިރު ވެސް ހުރުން ގާތް ކަމެކެވެ. އަދި އާންމު ގޮތެއްގައި ކުޑައިރު މިކަން ފާހަގަކުރެވޭނެ އެވެ. މާނައަކީ އާއިލާގެ މެންބަރެއްގެ ކިބައިގައި ކުރިން ކައިރިފުސްވުން ހުރިނަމަ ފަހަރުގައި އެއާއިލާގެ އެހެން މެންބަރުންގެ ކިބައިން ކައިރިފުސްވުން ފާހަގަވުމަކީ އެކަށީގެންވާ ކަމެކެވެ.

އަލާމާތްތައް

·         ކައިރީގައިވާ ތަންތަނާއި، ތަކެތި ފުސްކޮށް، ނޫނީ ފަނޑުކޮށް ފެނުން، ނޫނީ ފެނުމަށް ދަތިވުން

·         ލޯ(ފަސޭހައިން) ވާޅުވުން : އެގޮތުން ލޮލުގައި ރިހުން އަދި ލޮލުން ދިލަނެގުން ކުރިމަތިވެދާނެ އެވެ.

·         ރަނގަޅަށް އެއްޗެހި ފެނުމަށްޓަކައި ނޫނީ ބެލުމަށްޓަކައި ލޯއަވަރުކޮށްލަންޖެހުން

·         ބޮލުގައި ރިހުން : ޚާއްޞަ ލޯކައިރިކޮށްގެން ކުރަންޖެހޭ ކަންތައްތައް މިސާލަކަށް ލިޔުން، ކިޔުން، ކުރެހުން، ކޮމްޕިއުޓަރު ބޭނުންކުރުން ފަދަ ކަމަކަށްފަހު ބޮލުގައި ރިހުމަކީ އެކަށީގެންވާ ކަމެކެވެ.

އާދައިގެ ވަރަކަށް ކައިރިފުސްވުން ކުރިމަތިވެފައި ވިޔަސް ބައެއް ފަހަރު އެއްވެސް އަލާމާތެއް ފާހަގަނުވުމަކީ އެކަށީގެންވާ ކަމެކެވެ. އެހެންކަމުން ދޭތެރެ ދޭތެރެއިން ޑޮކްޓަރަށް ދައްކައި ލޮލުގައި އެއްވެސް މައްސަލައެއް ނޫނީ ރިފެރިކުރުމުގެ މައްސަލައެއް ދިމާވެފައިވާކަން ކަށަވަރު ކުރެވިދާނެ އެވެ. ކުޑަކުދިންނަށް ވަރަށް ބޮޑަށް ކައިރިފުސްވުން ކުރިމަތިވުމަކީ އެކަމުގެ ސަބަބުން ލޮލުގެ މައްސަލަތަކުގެ ތެރެއިން އެއްލޮލުގެ ފެނުން ދަށްވާ ހާލަތެއްކަމުގައިވާ "އެމްބްލިއޯޕިއާ" ފަދަ ނުރައްކާތައް ކުރިމަތި ކުރުވައިފާނެ ކަމެކެވެ.

ދެނެގަތުން

ރިފެރިކުރުމުގައި ހުންނަ މައްސަލަތައް (އުނިކަން ނޫނީ ގޯސްތައް) ދެނެގަނެވެނީ އާންމުކޮށް ލޯ ޗެކުކޮށް ބަލާ ބެލުންތަކުގެ ތެރެއިންނެވެ. އެގޮތުން ވިޝަން ޗާޓު ބޭނުންކޮށްގެން ލޮލުގެ ފެނުން ހުރިނެތްގޮތް ބަލައި ދެނެގަނެވޭނެ އެވެ. ރިފެރިކުރުން ހުރިގޮތް ބެލުމަށް ރިފްރެކްޝަން އެސެސްމެންޓް ހެދުން އަދި އިތުރަށް ވެސް ގުޅުންހުރި ބެލުންތައް ބަލައި، ޓެސްޓުތައް ހެދޭނެ އެވެ. ރިފްރެކްޝަން އެސެސްމެންޓް ހެދުމުން ލޮލުގައި ނަންބަރެއް ހުރި ނަމަ ނުވަތަ ރިފްރިކުރުމުގައި އުނިކަމެއް (ކައިރިފުސްވުން، ދުރުފުސްވުން، ފުސްވުން އަދި އުމުރާއިގުޅިގެން ކައިރި ފުސްވުން ފަދަ ކަމެއް) ހުރިނަމަ އެކަމެއް ދެނެގަނެވޭނެ އެވެ. އަދި މިފަދަ ހާލަތެއް ހުރިނަމަ ލޮލުގެ ނަންބަރު ނަގަން ލަފާދޭނެ އެވެ. ނޫނީ ލޮލުގެ ނަންބަރެއް ނަގައިދޭނެ އެވެ.

ލޮލުގެ ދުޅަހެޔޮކަން ދެނެގަތުމަށް ނުވަތަ ލޮލުގެ ހާލަތު ދެނެގަތުމަށް ބެލުމަށްޓަކައި ލޮލުގެ ކޮއި ފުޅާކޮށްލުމަށްޓަކައި ފަހަރުގައި ލޮލަށް ތިއްކެއް ޖައްސައި، ލޯބެލުމުގެ ކުރިން ވަކިއިރެއްވަންދެން މަޑުކުރަން އިރުޝާދު ދީފާނެ އެވެ. މިގޮތަށް ލޮލުގެ ކޮއި ފުޅާކޮށްލުމަކީ ލޮލުގެ އެތެރޭގެ ބައިތައް ފެނުމަށް ނޫނީ ބެލުމަށް ފަސޭހަކޮށްދޭނެ ކަމެކެވެ.

ފަރުވާ

ރިފެރިކުރުމުގައި ހުންނަ ދަތިތައް ނޫނީ އުނިކަން ހައްލުކުރުމުގެ ގޮތުން މައިގަނޑު ގޮތެއްގައި ކުރެވޭ ކަމަކީ ނަންބަރު އައިނު އެޅުމާއި، ލޮލަށް ލެންސް ލެއްވުމެވެ. މީގެ އިތުރުން ރިފެކުރުމުގައި ހުންނަ އުނިކަން ރަނގަޅުކުރުމަށް އޮޕަރޭޝަން ވެސް ކުރެވެއެވެ. އާންމު ގޮތެއްގައި އޮޕަރޭޝަން ކުރާއިރު ލޮލުގެ ހާމަދުލީގެ ބައްޓަން ބަދަލުކުރެވެއެވެ. މިހެން ހެދުމުން ހާމަދުލިން އައްޔަށް ފޯކަސްކުރުން ހަރުދަނާވެ ރަނގަޅުވެގެން ދެއެވެ.  އުމުރުން ދުވަސްވުމުން ކައިރި ފުސްވުން ކުރިމަތިވެފައި، އިތުރު އެހެން މައްސަލައެއް ނެތްކަމުގައިވާނަމަ ހަމައެކަނި ފޮތްކިޔުމަށް އައިނު ބޭނުންކުރެވިދާނެ އެވެ. އެހެންކަމުން ރިފެރިކުރުމުގައި ހުންނަ އުނިކަންކަމަށް ފަރުވާ ކުރުމުގައި މައިގަނޑު ގޮތެއްގައި ބޭނުންކުރެވޭ ގޮތްތައް ތިރީގައި މިވަނީ އެވެ.

·         ލޮލުގެ ނަންބަރެއް ނަގައި އައިނު ހެއްދުން

·         ލޮލަށް ލެންސް ލެއްވުން

·         ލޮލުގެ އޮޕަރޭޝަނެއް ކުރަންޖެހުން

ދުރުފުސްވުމަށް ދެވޭ ފަރުވާގެ ތެރޭގައި ލޮލުގެ އިތުރު މައްސަލަތައް ކުރިމަތިވުމުން މިންޖުކުރުމަށް މަސައްކަތްކުރުން ހިމެނެއެވެ. އެގޮތުން ލޮލަށް ދިމާވާ ތަފާތު ނުރައްކާތެރި ހާލަތްތަކުގެ ތެރޭގައި ހިމެނޭ ލޮލަށް ފުސްއެރުން، ގުލަކޯމާ، ލޮލުގެ އަލިދުލި ވީދައިގެންދިއުން، ލޮލުގެ އަލިދުލި އޭގެ މަކާނުން ނެއްޓުން އަދި ލޮލުގެ އަލިދުލީގެ މެދަށް ގެއްލުންވުން ފަދަ ހާލަތެއް ކުރިމަތިވޭތޯ ބެލުމަށް ގަވާއިދުން މޮނީޓަކުރަމުން ގެންދިއުމަކީ މުހިއްމު ކަމެކެވެ. ރިފެރިކުރުމުގައި ހުންނަ އުނިކަމަށް ފަރުވާކުރުމަށް އާންމުކޮށް ބޭނުންކުރެވޭ ޕްރިސްކްރިޕްޝަން ލެންސްތަކުގެ ތެރޭގައި ހިމެނެނީ އައިނު އަދި ލޮލަށް ލައްވާ ލެންސް އެވެ.

ރިފެރިކުރުމުގައި ހުންނަ އުނިކަން ރަނގަޅުކުރުމަށް އޮޕަރޭޝަންކުރުން

މިއޮޕަރޭޝަންތަކުގެ ސަބަބުން ރިފެރިކުރުމުގައި ހުންނަ އުނިކަމުގެ ސަބަބުން އޭގެ ފަރުވާގެ ގޮތުގައި އަޅަންޖެހޭ އައިނު ނުވަތަ ލޮލަށް ލައްވަންޖެހޭ ލެންސް އަށް އޮންނަ ބޭނުން ކުޑަކޮށްދެއެވެ. ނޫނީ އައިނު އެޅުމާއި ލެންސް ލައްވަންޖެހުމުގެ ފުރުޞަތު ދަށްކޮށްދެއެވެ. މިއޮޕަރޭޝަންތަކުގައި ލޭޒަރ ބީމް ބޭނުންކޮށްގެން ލޮލުގެ ހާމަދުލި އަލުން ބައްޓަންކުރެވެއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން އައިނު އަޅަންޖެހުން ނޫނީ ލެންސް ލައްވަންޖެހުމުގެ ބޭނުން ކުޑަކޮށްދެއެވެ. ނަމަވެސް އޮޕަރޭޝަނަށް ފަހުވެސް ބައެއް ފަހަރު ބައެއް ހާލަތުގައި އައިނު އަޅަންޖެހުމަކީ އެކަށީގެންވާ ކަމެކެވެ. މިގޮތުން އާންމުކޮށް ކޮށްއުޅޭ 3 އޮޕަރޭޝަން ތިރީގައި މިވަނީ އެވެ.

·         ލޭޒަރ އެސިސްޓަޑް އިންސިޓޫ ކެރަޓޯމައިލިއުސިސް

·         ލޭޒަރ އެސިސްޓަޑް ސަބްއެޕިތީލިއަލް ކެރަޓެކްޓަމީ

·         ފޮޓޯރެފްރެކްޓިކް ކެރަޓެކްޓަމީ

ހަވާލާ

·         https://www.nei.nih.gov/learn-about-eye-health/eye-conditions-and-diseases/refractive-errors#:

·         https://www.umkelloggeye.org/conditions-treatments/refractive-errors

·         https://www.nei.nih.gov/learn-about-eye-health/eye-conditions-and-diseases/refractive-errors/types-refractive-errors

·          https://www.nei.nih.gov/learn-about-eye-health/eye-conditions-and-diseases/farsightedness-hyperopia

·         https://www.mayoclinic.org/diseases-conditions/farsightedness/symptoms-causes/syc-20372495#:

  

No comments:

Post a Comment