Thursday, July 17, 2025

ޕަލްމަނަރީ ހައިޕަޓެންޝަން

ޕަލްމަނަރީ ހައިޕަޓެންޝަން

ޕަލްމަނަރީ ހައިޕަޓެންޝަން (Pulmonary Hypertension) އަކީ ލޭމައްޗަށް ދިއުމުގެ ވައްތަރެކެވެ. މިވައްތަރުގެ ލޭމައްޗަށް ދިއުމުގައި ފުއްޕާމެޔާއި ހިތުގެ ކަނާތް ފަރާތުގެ އާޓަރީ ތަކަށް އަސަރުކުރުވައެވެ. ޕަލްމަނަރީ ހައިޕަޓެންޝަންގެ އެއްވައްތަރަކީ ޕަލްމަނަރީ އާޓެރިއަލް ހައިޕަޓެންޝަން(pulmonary arterial hypertension)  އެވެ. މިވައްތަރުގައި ފުއްޕާމޭގެ ލޭހޮޅިތައް ހިމަވެ، ހަނިވެ، ބެނދި، ގެއްލުންވެއެވެ. މިގެއްލުމުގެ ސަބަބުން ފުއްޕާމޭގެ ތެރޭގައި ލޭދައުރުވުމަށް ދަތިވެއެވެ. އަދި ފުއްޕާމޭގެ އާޓަރީތަކުގެ އެތެރޭގެ ޕްރެޝަރު މަތިވެގެން ދެއެވެ. މިހާލަތުގައި ފުއްޕާމެޔަށް ލޭފޮނުވުމަށް ހިތުން ބުރަކޮށް މަސައްކަތް ކުރަންޖެހެއެވެ. ހިތުގެ މަސައްކަތަށް ބާރުބޮޑުވެ، ބުރަވުމަކީ ހިތުގެ މަސްތައް ދެރަވެ، ހިތުގެ މަސައްކަތް ފޭލްވުމަށް މަގުފަހިވާނެ ކަމެކެވެ(މެޔޯކްލިނިކް.އޯރގް، 2025).  

ޕަލްމަނަރީ ހައިޕަޓެންޝަން ހުންނަ ބައެއް މީހުންގެ ބަލީގެ ހާލަތު ދުވަހެއް ދުވަހަކަށް ގޯސްވަމުން ދެއެވެ. އަދި މިއީ ފަހަރުގައި ފުރާނަޔަށް ވެސް ގެއްލުންވެދާނެ ކަމެކެވެ. ޕަލްމަނަރީ ހައިޕަޓެންޝަން އަކަށް ސީދާ ފަރުވާއެއް ނޯވެއެވެ. ނަމަވެސް ފަރުވާއާއި އެކު ބަލީގެ އުދަނގޫތަކަށް ލުއިކަމެއް ލިބި، ގިނަ ދުވަހުގެ ދުޅަހެޔޮކަމާއެކު ދިރިއުޅުމުގެ ފުރުޞަތު ފަހިވެގެން ދެއެވެ (މެޔޯކްލިނިކް.އޯރގް، 2025).


ޕަލްމަނަރީ ހައިޕަޓެންޝަންގެ މާނައަކީ ހިތުން ފުއްޕާމެޔަށް ނުސާފުލޭ އުފުލާ ލޭހޮޅި ނުވަތަ ޕަލްމަނަރީ އާޓަރީ ގެ އެތެރޭގެ ޕްރެޝަރު މައްޗަށް ދިއުމެވެ. ޕަލްމަނަރީ ހައިޕަޓެންޝަން ކުރިމަތިވާ ވަރަށް ގިނަ ސަބަބުތައް ހުއްޓަސް އާންމު ގޮތެއްގައި މިއީ ފުއްޕާމޭ ނޫނީ ހިތުގެ ބަލިތަކުގައި ދިމާވާ ނުރައްކަލެކެވެ. ޕަލްމަނަރީ ހައިޕަޓެންޝަން އަކީ ނުރައްކާތެރި ކަމެކެވެ. ސަބަބަކީ ޕަލްމަނަރީ ހައިޕަޓެންޝަންގެ ސަބަބުން ފުއްޕާމެޔާއި، ހިތުގެ ލޭހިނގުމަށް ހުރަސްއަޅާތީ އެވެ. ނުވަތަ ބުރޫއަރާތީ އެވެ. ލޭގެ ޕްރެޝަރު މަތިވުމުން ޕަލްމަނަރީ އާޓަރީ ހިމަވެ ހަނިވެ، އެކަމުގެ ސަބަބުން ހިތުން ފުއްޕާމެޔަށް ޕަލްމަނަރީ އާޓަރީ މެދުވެރިކޮށް ނުސާފުލޭ ފޮނުވުމުގައި އުފުލަންޖެހޭ ބުރަ ބޮޑުވެއެވެ (މައި.ކްލެވެލެންޑްކްލިނިކް.އޯރގް، 2022).   

ސަބަބު

ޕަލްމަނަރީ ހައިޕަޓެންޝަން ކުރިމަތިވަނީ ފުއްޕާމޭގެ އާޓަރީތަކުގެ ބަތާނަ ފަށުގައި ހުންނަ ދިރުތަކަށް އަންނަ ބަދަލުތަކެއްގެ ސަބަބުންނެވެ. މިބަދަލުތަކުގެ ސަބަބުން ފުއްޕާމޭގެ އާޓަރީތަކުގެ ފާރު ހަނިވެ، ހިމަވެ، ދުޅަވެ، ބޯވެ، ހަރުއަރައެވެ. އޭގެ ސަބަބުން ފުއްޕާމޭގައި ލޭދައުރުވުމަށް ހުރަސްއަޅައެވެ (މެޔޯކްލިނިކް.އޯރގް، 2025). 

ވައްތަރުތައް ނުވަތަ ގުރޫޕްތައް

ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން ވަނީ ސަބަބަށް ރިޢާޔަތްކޮށް ޕަލްމަނަރީ ހައިޕަޓެންޝަން 5 ގުރޫޕަކަށް ބަހާލާފައެވެ.  

(ހ) ގުރޫޕް(1) – ޕަލްމަނަރީ އާޓެރިއަލް ހައިޕަޓެންޝަން (PAH): ޕަލްމަނަރީ އާޓެރިއަލް ހައިޕަޓެންޝަން މެދުވެރިކުރުވާ ވަރަށް ގިނަ ސަބަބުތައް ހުރެއެވެ. ޕަލްމަނަރީ އާޓެރިއަލް ހައިޕަޓެންޝަންގެ ސަބަބުން ޕަލްމަނަރީ އާޓަރީގެ ފާރު ބޯވެ، ލޭހިނގާ މަގު ހަނިވެ، ލޭހޮޅި ހަރުއަރަ އެވެ. ދައުރުވާ ލޭމަދުވެ، ލޭހޮޅީގެ އެތެރޭގެ ޕްރެޝަރު މަތިވެގެން ދެއެވެ (މައި.ކްލެވެލެންޑްކްލިނިކް.އޯރގް، 2022).

ޕަލްމަނަރީ އާޓެރިއަލް ހައިޕަޓެންޝަން ކުރިމަތިވާ ސަބަބުތަކުގެ ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ (މެޔޯކްލިނިކް.އޯރގް، 2025). 

·         ސަބަބެއް ނޭނގި ޕަލްމަނަރީ އާޓަރިއަލް ހައިޕަޓެންޝަން ކުރިމަތިވުން ނުވަތަ އިޑިއޯޕެތިކް ޕަލްމަނަރީ އާޓެރިއަލް ހައިޕަޓެންޝަން

·         އާއިލާގެ ތެރޭގައި ވާރުތަވަމުން އަންނަ ވިރާސީ ބަހާއެއްގެ ސަބަބުން ޕަލްމަނަރީ އާޓެރިއަލް ހައިޕަޓެންޝަން ކުރިމަތިވުން

·         ބައެއް ކަހަލަ ބޭސްތައް ބޭނުންކުރުން

·         މެތްއެމްފެޓަމިން ފަދަ މަސްތުވާތަކެތި ބޭނުންކުރުން

·         އުފެދުމުގައި ހިތުގައި އުފެދިފައި ހުންނަ ޢައިބުތައް

·         އެހެނިހެން ޞިއްޙީ މައްސަލަތައް : ސްކެލީރޯޑާރމާ، ފުރަމޭގައި ލަކުނުލައި ހަލާކުވުން، އަދި ސިސްޓެމިކް ލޫޕަސް އެރިތުމަޓޯސިސް ފަދަ ބަލިތައް (މެޔޯކްލިނިކް.އޯރގް، 2025). 

·         ގްލައިކޯޖަން ސްޓޯރޭޖް ޑިޒީޒް

·         ފުރަމޭގެ ބަލިތައް

·         ސްކެލީރޯޑާރމާ

·         ސިސްޓޯސޯމިއޭސިސް

·         ޕަލްމަނަރީ ވީނޯ-އޮކްލޫސިވް ޑިޒީޒް

·         ޕަލްމަނަރީ ކެޕިލަރީ ހީމަންޖީއޯމަޓޯސިސް

·         ލޫޕަސް އެރިތުމަޓޯސިސް

·         އޭޑްސް ބަލި

·         ޕޯޓަލް ހައިޕަޓެންޝަން

·         އުފެދުމުގައި ހިތުގައި އުފެދޭ ޢައިބުތައް ނޫނީ ބަލިތައް (މައި.ކްލެވެލެންޑްކްލިނިކް.އޯރގް، 2022).

(ށ) ގުރޫޕް (2) – ހިތުގެ ވާތްފަރާތުގެ ބަލިތަކުގެ ސަބަބުން ކުރިމަތިވާ ޕަލްމަނަރީ ހައިޕަޓެންޝަން  (PH due to left side HD): މިއީ ޕަލްމަނަރީ ހައިޕަޓެންޝަންގެ އެންމެ އާންމު ވައްތަރެވެ (މެޔޯކްލިނިކް.އޯރގް، 2025). ހަށިގަނޑުގެ އެކި ހިސާބުތަކަށް ލޭ ފޮނުވަނީ އާންމު ގޮތެއްގައި ހިތުގެ ވާތްފަޅިން ކުރިފަޅައި ނިކުމެފައިވާ ބޮޑު ލޭހޮޅި އެއޯޓާ އިންނެވެ. ހިތުގެ ވާތްފަޅިއަށް މައްސަލައެއް ދިމާވިޔަސް އޭގެ އަސަރު ހިތުގެ ކަނާތްފަޅި އަދި ފުއްޕާމެޔަށް ކުރާނެއެވެ. އެގޮތުން ހިތުގައި ލޭތައް ޖަމާވެ، ހަރުލައި ހިފެހެއްޓި، އޭގެ ނަތީޖާއެއްގެ ގޮތުން ޕަލްމަނަރީ އާޓަރީގެ އެތެރޭގެ ޕްރެޝަރު މައްޗަށް ދެއެވެ (މައި.ކްލެވެލެންޑްކްލިނިކް.އޯރގް، 2022).

މިވައްތަރުގެ ޕަލްމަނަރީ ހައިޕަޓެންޝަން ކުރިމަތިވާ ސަބަބުތަކުގެ ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ. (މެޔޯކްލިނިކް.އޯރގް، 2025). 

·         ހިތުގެ ވާތްފަޅީގެ މަސައްކަތްތައް ހުއްޓި ފޭލްވުން

·         ހިތުގެ ވާތްފަޅީގެ ވޭލްތައް މިސާލަކަށް އެއޯޓިކް ވޭލް ނޫނީ މައިޓްރަލް ވޭލް ގެ ބަލިތައް(މެޔޯކްލިނިކް.އޯރގް، 2025).

·         އެއޯޓިކް ވޭލް ޑިޒީޒް

·         މައިޓްރަލް ވޭލް ޑިޒީޒް

·         ލެފްޓް ވެންޓްރިކިޔުލަރ ހައިޕަޓްރަފީ  (މައި.ކްލެވެލެންޑްކްލިނިކް.އޯރގް، 2022).

(ނ) ގުރޫޕް (3) – ފުއްޕާމޭގެ ބަލިތަކުގެ ސަބަބުން ކުރިމަތިވާ ޕަލްމަނަރީ ހައިޕަޓެންޝަން (PH due to lung disease): ފުއްޕާމޭގެ ބައެއް ބަލިތަކުގެ ސަބަބުން ފުއްޕާމޭގެ އާޓަރީތަކަށް ވާންވެއެވެ. އޭގެ ސަބަބުން ފުއްޕާމޭގައި ލޭހިގުން ދަށްވެ، ޕަލްމަނަރީ އާޓަރީގެ އެތެރޭގެ ޕްރެޝަރު މަތިވެގެން ދެއެވެ (މައި.ކްލެވެލެންޑްކްލިނިކް.އޯރގް، 2022). މިވައްތަރު ކުރިމަތިވާ ސަބަބުތަކުގެ ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ (މެޔޯކްލިނިކް.އޯރގް، 2025). 

·         ފުއްޕާމޭގައި ލަކުނުލުން ނުވަތަ ޕަލްމޮނަރީ ފައިބްރޯސިސް

·         ކްރޯނިކް އޮބްސްޓްރަކްޓިވް ޕަލްމޮނަރީ ޑިޒީޒް ނުވަތަ ސީއޯޕީޑީ

·         ނިދީގައި ނޭވާ ހުއްޓުން ނުވަތަ ސްލީޕް އެޕްނިއާ

·         ގިނަ ދުވަސްތަކެއް ވަންދެން އުސް ހިސާބުތަކުގައި ދިރިއުޅުން (މެޔޯކްލިނިކް.އޯރގް، 2025). 

(ރ) ގުރޫޕް (4) – ޕަލްމަނަރީ އާޓަރީ ބެނދިގެން ކުރިމަތިވާ ޕަލްމަނަރީ ހައިޕަޓެންޝަން (PH due to blockage in lungs): ފުއްޕާމޭގެ ލޭހޮޅިއެއްގެ ތެރޭގައި ގަނޑުލޭކޮޅެއް ދައުރުވުމަކީ ފުއްޕާމޭގެ ލޭ ހިނގުމަށް ބުރޫއަރާނެ ކަމެކެވެ. މިއީ ހިތުގެ ކަނާތް ފަޅިއަށް ބާރުބޮޑުވެ، ޕަލްމަނަރީ އާޓަރީގެ ޕްރެޝަރު މަތިވެގެން ހިނގައިދާނެ ކަމެކެވެ (މައި.ކްލެވެލެންޑްކްލިނިކް.އޯރގް، 2022). މިވައްތަރުގެ ޕަލްމަނަރި ހައިޕަޓެންޝަން އާންމުކޮށް ކުރިމަތިވަނީ ކްރޯނިކް ތްރަމްބައެމްބަލިކް ޕަލްމަނަރީ ހައިޕަޓެންޝަންގެ ސަބަބުންނެވެ (މައި.ކްލެވެލެންޑްކްލިނިކް.އޯރގް، 2022). މިވައްތަރުގެ ޕަލްމަނަރީ ހައިޕަޓެންޝަން މެދުވެރިވުމުގެ ޝާމިލްވަނީ ލޭހޮޅީގައި ދައުރުވާ ގަނޑުލޭކޮޅު އަދި ލޭހޮޅީގައި ފާރުގައި ލާ ލަކުނު ފަދަ ކަންކަމެވެ (މައި.ކްލެވެލެންޑްކްލިނިކް.އޯރގް، 2022).

މިވައްތަރު ކުރިމަތިވާ ސަބަބުތަކުގެ ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ (މެޔޯކްލިނިކް.އޯރގް، 2025). 

·         ފުއްޕާމޭގައި ގަނޑުލޭކޮޅެއް އުފެދިފައި އިނުން

·         ޕަލްމަނަރީ އާޓަރީ ބެދޭފަދަ ޓިއުމަރެއް އުފެދިފައިހުރުން (މެޔޯކްލިނިކް.އޯރގް، 2025). 

(ބ) ގުރޫޕް (5) – އެހެން ޞިއްހީ މައްސަލައަކާހުރެ ފެށިގެން އަންނަ ޕަލްމަނަރީ ހައިޕަޓެންޝަން(PH due to other disorder): މިވައްތަރު ކުރިމަތިވާ ސަބަބުތަކުގެ ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ (މެޔޯކްލިނިކް.އޯރގް، 2025). 

·         ޕޮލިސައިތީމިއާ ވެރާ، އަދި އެސެންޝަލް ތުރޮމްބަސައިޓަޕީނިއާ ފަދަ ލޭގެ މައްސަލަތައް

·         ސާރކޮއިޑޯސިސް ފަދަ އިންފްލެމޭޓަރީ ބަލިތައް

·         ގުރުދާ ނުވަތަ ކިޑްނީގެ ބަލިތައް (މެޔޯކްލިނިކް.އޯރގް، 2025). 

·         ގޯޝޭ ޑިޒީޒް ފަދަ ބަލިތައް

·         ތައިރޮއިޑްގެ ބަލިތައް

·         ލެންގަހެންސް ސެލް ހިސްޓިއޯސައިޓޯސިސް

·         ޓިއުމަރުތައް : އާދައިގެ ޓިއުމަރު އަދި ކެންސަރުގެ ޓިއުމަރު (މައި.ކްލެވެލެންޑްކްލިނިކް.އޯރގް، 2022).

އައިޒެންމެންގަރ ސިންޑްރޯމް އަދި ޕަލްމަނަރީ ހައިޕަޓެންޝަން

އައިޒެންމެންގަރ ސިންޑްރޯމް(Eisenmenger syndrome) ގެ ސަބަބުން ވެސް ޕަލްމަނަރީ ހައިޕަޓެންޝަން އަށް މަގުފަހި ކުރެއެވެ. އައިޒެންމެންގަރ ސިންޑްރޯމް އަކީ އުފެދުމުގައި ހިތުގައި އުފެދިފައި ހުންނަ ޢައިބެއް ރަނގަޅުނުކޮށް ހުރުމުގެ ސަބަބުން ދާއިމަށް ދިގުދެމިދާގޮތަށް ދިމާވާ ނުރައްކަލެކެވެ (މެޔޯކްލިނިކް.އޯރގް، 2025).   

މަގުފަހިކުރާ ކަންތައްތައް

ޕަލްމަނަރީ ހައިޕަޓެންޝަން އާންމުކޮށް ފާހަގަވަނީ އުމުރުން 60-30 އަހަރާ ދެމެދުގެ އުމުރުފުރާގެ މީހުންގެ ފުށުންނެވެ. އުމުރުން ދުވަސްވުމަކީ ޕަލްމަނަރީ އާޓެރިއަލް ހައިޕަޓެންޝަން ކުރިމަތިވުމުގެ ހިރާސް އިތުރުވާ ކަމެކެވެ. ސަބަބެއްނެތި ނޫނީ ސަބަބެއް ބުނެދޭން ނޭނގި ޕަލްމަނަރީ އާޓެރިއަލް ހައިޕަޓެންޝަން ކުރިމަތިވުން ޒުވާނުންގެ ތެރޭގައި މާބޮޑަށް އާންމުކަން ފާހަގަ ކުރެވެއެވެ (މެޔޯކްލިނިކް.އޯރގް، 2025). 

ޕަލްމަނަރީ ހައިޕަޓެންޝަން ކުރިމަތިވުމުގެ ހިރާސް އިތުރުކުރާ އެހެން ކަންތައްތައް ތިރީގައި މިވަނީ އެވެ (މެޔޯކްލިނިކް.އޯރގް، 2025). 

·         އާއިލާގެ ތެރޭގައި ޕަލްމަނަރީ ހައިޕަޓެންޝަން ބައްޔެއްގެ ގޮތުގައި ދައުރުވަމުން އައުން

·         ބަރުދަން ހުންނަށްޖެހޭ މިންވަރަށްވުރެ ބަރުވުން ނޫނީ ބަރުހެލިވުން

·         ދުންފަތުގެ އިސްތިއުމާލުކުރުން

·         ލޭގަނޑުވުމަށް މަގުފަހިވާ މައްސަލައެއް ހުރުން ، ނޫނީ އާއިލާގެ ތެރޭގައި ފުއްޕާމޭގައި ގަނޑުލޭކޮޅު އުފެދުމުގެ މާޒީއެއް އޮތުން

·         މަސައްކަތުގެ މާހައުލުން ނަމަވެސް އެސްބެސްޓޯސް އަށް ހުށަހެޅިފައިވުން

·         އުފެދުމުގައި ހިތުގެ ޢައިބުތައް ހުރުން

·         އާންމުކޮށް 8000 ފޫޓަށްވުރެ އުސް ހިސާބުތަކުގައި ދިރިއުޅުން

·         ބަރުދަން ލުއިކުރަން ބޭނުންކުރާ ބޭސްތައް ބޭނުންކުރުން

·         ކޮކެއިން އަދި މެތްއެމްފެޓަމިން ފަދަ މަސްތުވާތަކެތި ބޭނުންކުރުން  (މެޔޯކްލިނިކް.އޯރގް، 2025). 

އަލާމާތްތައް

ޕަލްމަނަރީ ހައިޕަޓެންޝަން ގެ އަލާމާތްތައް ކުރިމަތިވަމުން އަންނަނީ ލަސްލަހުން ނޫނީ މަޑުމަޑުންނެވެ. ދެތިން މަސް ނޫނީ ދެތިން އަހަރުވެގެން ދާއިރު ވެސް ޕަލްމަނަރީ ހައިޕަޓެންޝަން އަލާމާތްތައް ފާހަގަނުވެ ހުރެދާނެއެވެ. އަދި ބަލީގައި ކުރިޔަށް ދާވަރަކަށް އަލާމާތްތައް ގޯސްވަމުން ދާނެއެވެ (މެޔޯކްލިނިކް.އޯރގް، 2025).  

ޕަލްމަނަރީ ހައިޕަޓެންޝަން ގެ އަލާމާތްތަކުގެ ތެރޭގައި އަންނަނިވި އަލާމާތްތައް ހިމެނެއެވެ (މެޔޯކްލިނިކް.އޯރގް، 2025).  

·         ނޭވާކުރުވުން : ފުރަތަމަ ފެށިގެން އަންނަނީ ކަސްރަތުކުރުން ފަދަ ކަމެއް ކުރާއިރު ގައެވެ. ނަމަވެސް ފަހުން އެއްވެސް ކަމެއް ނުކޮށް ހުންނައިރު ނޫނީ އަރާމުކުރަން އޮންނަ އިރު ވެސް ނޭވާކުރުވެދާނެ އެވެ.

·         ހަމުގެ ކުލަ ނޫވުން ނޫނީ ހަމުގެ ކުލަ އަޅިވުން

·         މެޔަށް ވާންވެ، ފިތި، އުދަނގޫވެ ރިހުން

·         ބޯއެނބުރުން ނޫނީ އަނބުރައިގަތުން

·         ވިންދު އަވަސްވުން ނޫނީ މޭތެޅުން

·         ފައިތިލަ، ތަނބިކަށި، ފައި، އަދި ބަނޑު ފުފި ފޮއްސިވުން

މިއަލާމާތްތައް އެހެން ވަރަށް ގިނަ ޞިއްހީ މައްސަލަތަކުގެ ސަބަބުން ވެސް ކުރިމަތިވެދާނެ އެވެ (މެޔޯކްލިނިކް.އޯރގް، 2025). މީގެ އިތުރުން ފެނިދާނެ އެހެން އަލާމާތްތަކުގެ ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ (މައި.ކްލެވެލެންޑްކްލިނިކް.އޯރގް، 2022). 

·         ވަރުބަލިވެ ވާޅުވުން

·         އާންމުކޮށް ވާވަރަށް ބަނޑުހައިކަން އިހުސާސްނުވުން

·         ބަނޑުގެ ކަނާތްފަރާތުން މަތީގައި ރިހުން (މައި.ކްލެވެލެންޑްކްލިނިކް.އޯރގް، 2022). 

ޕަލްމަނަރީ ހައިޕަޓެންޝަންގެ ސަބަބުން ފުރަތަމަ ފެންނާނެ އަލާމާތަކީ އާންމުކޮށް އުޅޭއުޅުމުގައި ވެސް ނޭވާކުރުވުމެވެ. މިސާލަކަށް ސިނޑިން އެރުން، ފިހާރައަކަށް ދިއުން ފަދަ ކަމެއްކޮށްލުމުން ވެސް ނޭވާކުރުވެދާނެ އެވެ. ފަހަރުގައި ކަސްރަތުކޮށްލުމުން ވެސް ނޭވާ ކުރުވެދާނެ އެވެ. ޕަލްމަނަރީ ހައިޕަޓެންޝަން ފެށިގެން އަންނައިރު އެއްވެސް އަލާމާތެއް ފާހަގަ ނުވެ ހިނގައިދާނެ އެވެ. އަލާމާތްތައް ފެންނަށް ފަށާއިރު އާދައިގެ މިންވަރަކަށް ފެންނަށް ފަށައިފާނެ އެވެ. ނަމަވެސް ދުވަސްވާވަރަކަށް އަލާމާތްތައް ގޯސްވެ، އާންމު ދިރިއުޅުމުގައި ކުރާ ކަންތައްތައް ފުރިހަމަ ކުރަން ވެސް އުދަނގޫވެދާނެ އެވެ (މައި.ކްލެވެލެންޑްކްލިނިކް.އޯރގް، 2022).  

ނުރައްކާތައް

ޕަލްމަނަރީ ހައިޕަޓެންޝަން ގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތަކުގެ ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ (މެޔޯކްލިނިކް.އޯރގް، 2025).   

·         ހިތުގެ ކަނާތްފަޅި ބޮޑުވުން އަދި ހިތުގެ މަސައްކަތް ފޭލްވުން : މިހާލަތުގެ ސަބަބުން ހިތުގެ ކަނާތްފަޅީގެ ތިރީބައި ބޮޑުވާގޮތް ވެއެވެ. ފުއްޕާމޭގެ ތެރޭގައި ބެދިފައިވާ ނޫނީ ހަނިވެފައިވާ ކުދި އާޓަރީ ތަކުގެ ތެރޭގައި ލޭދައުރުކުރުވުމަށް ހިތުގެ ކަނާތް ފަރާތުގެ ތިރީ ބައިން އުފުލަންޖެހޭ ބުރަ ބޮޑުވެގެންދެއެވެ. މީގެ ނަތީޖާއެއްގެ ގޮތުން ހިތުގެ ފާރު ބޯވެ، ފަލަވެއެވެ. މީގެ ސަބަބުން ހިތުގެ ކަނާތްފަޅީގެ ތިރީބައިގައި ލޭ ހިފެހެއްޓޭ މިންވަރު މަތިކުރުމަށް އޭގެ ފާރު ދެމޭގޮތް ވެއެވެ. މިކަމުގެ ސަބަބުން ހިތުން (ލޭދައުރުކުރުވުމަށް)  އުފުލަންޖެހޭ ބުރަ ބޮޑުވެ، ހިތަށް ބާރު ބޮޑުވެއެވެ. އޭގެ އާޚިރު ނަތީޖާއަކީ ހިތުން ކުރަންޖެހޭ މަސައްކަތްތައް ފޭލްވެގެން ދިއުމެވެ (މެޔޯކްލިނިކް.އޯރގް، 2025). 

·         ގަނޑުލޭކޮޅު އުފެދުން ޕަލްމަނަރީ ހައިޕަޓެންޝަންގެ ސަބަބުން ފުއްޕާމޭގެ ކުދި އާޓަރީތަކުގެ ތެރޭގައި ގަނޑުލޭކޮޅު އުފެދުމުގެ ހިރާސް އިތުރުކުރުވައެވެ (މެޔޯކްލިނިކް.އޯރގް، 2025). 

·         ހިތުގެ ވިންދު ތަރުތީބު ގެއްލުން : ޕަލްމަނަރީ ހައިޕަޓެންޝަން ގެ ސަބަބުން ހިތުގެ ވިންދު ޖެހުމަށް ބަދަލުއައިސް، ވިންދުގެ ތަރުތީބު ގެއްލި ފުރާނައަށް ނުރައްކާވުމަކީ އެކަށީގެންވާ ކަމެކެވެ (މެޔޯކްލިނިކް.އޯރގް، 2025).   

·         ފުއްޕާމެޔަށް ލޭއެޅުން: ޕަލްމަނަރީ ހައިޕަޓެންޝަން ގެ ސަބަބުން ފުއްޕާމެޔަށް ލޭއެޅި، ކެއްސާއިރު ލޭއައިސް ފުރާނަ އަށް ނުރައްކާވުމަކީ އެކަށީގެންވާ ކަމެކެވެ (މެޔޯކްލިނިކް.އޯރގް، 2025).   

·         މާބަނޑު ދުވަސްވަރު ދިމާވާ ނުރައްކާތައް : ޕަލްމަނަރީ ހައިޕަޓެންޝަން ކުރިމަތިވުމަކީ މާބަނޑު މީހާއަށާއި، ބަނޑުގައިވާ ދަރިފުޅުގެ ފުރާނަޔަށް ނުރައްކާހުރި ކަމަކަށް ވެދާނެއެވެ (މެޔޯކްލިނިކް.އޯރގް، 2025).    

ދެނެގަތުން

ޕަލްމަނަރީ ހައިޕަޓެންޝަން ކުރިމަތިވާތާ ކުރީކޮޅު މިކަން ދެނެގަތުމަކީ އުދަނގޫ ކަމެކެވެ. އާންމު ގޮތެއްގައި ޑޮކްޓަރަށް ދައްކާ ދެއްކުމުގެ ތެރެއިން ގިނަ ފަހަރު މިކަން ފާހަގަ ނުކުރެވިދާނެ އެވެ. އަދި ގިނަ ފަހަރު ނުރައްކާތެރި މިންވަރަކަށް ޕަލްމަނަރީ ހައިޕަޓެންޝަން ކުރިމަތިވެފައި ވާއިރު ވެސް ދެނެގަންނަށް އުދަނގޫވެދާނެއެވެ. އެއީ ޕަލްމަނަރީ ހައިޕަޓެންޝަންގެ އަލާމާތްތަކާއި ، ހިތުގެ ނޫނީ ފުއްޕާމޭގެ ތަފާތު ބަލިތަކުގެ އަލާމާތްތަކާއި އެއްގޮތްކަމެއް ހުންނާތީ އެވެ (މެޔޯކްލިނިކް.އޯރގް، 2025).     

ޕަލްމަނަރީ ހައިޕަޓެންޝަން ދެނެގަތުމަށްޓަކައި ޑޮކްޓަރުން ބަލިމީހާގެ ހަށިގަނޑު ބަލާ ބެލުންތަކުގެ އިތުރުން ބަލިމީހާގެ ޞިއްޙަތާއި ދުޅަހެޔޮކަމާއި ގުޅޭ ތަފާތު މައުލޫމާތުތައް ޑޮކްޓަރުން އަހައި އޮޅުން ފިލުވާނެއެވެ. އަދި އާއިލާގެ މެންބަރުންގެ ދުޅަހެޔޮކަމާއި ގުޅޭ ސުވާލުތައް ވެސް ކޮށް މައުލޫމާތު ހޯދައި އޮޅުން ފިލުވައިފާނެ އެވެ (މެޔޯކްލިނިކް.އޯރގް، 2025).     

ޓެސްޓުތައް

ޕަލްމޮނަރީ ހައިޕަޓެންޝަން ދެނެގަތުމަށްޓަކައި އަންނަނިވި ޓެސްޓުތައް ހަދައިފާނެއެވެ.

·         ލޭގެ ޓެސްޓުތައް : ލޭގެ ޓެސްޓުތަކުގެ އެހީގައި ޕަލްމަނަރީ ހައިޕަޓެންޝަން ކުރިމަތިވި ސަބަބު އަދި ބަލީގައި ދިމާވެދާނެ ނުރައްކާތައް ދެނެގަނެވިދާނެ އެވެ (މެޔޯކްލިނިކް.އޯރގް، 2025).   

·         ފުއްމާގެ އެކްސްރޭ ނެގުން : ފުއްޕާމޭގެ އެކްސްރޭ ގެ އެހީގައި ޕަލްމަނަރީ ހައިޕަޓެންޝަން މެދުވެރިކުރުވާ ފުއްޕާމޭގެ ބަލިތައް ދެނެގަނެވިދާނެ އެވެ (މެޔޯކްލިނިކް.އޯރގް، 2025).     

·         އީސީޖީ ހެދުން (ECG): އީސީޖީ އަކީ ހިތުގައި ހިނގާ ކަރަންޓްގެ މަސައްކަތް ނުވަތަ ހަރަކާތް ރިކޯޑްކޮށްދޭ ޓެސްޓެކެވެ. މިޓެސްޓުގެ އެހީގައި ހިތުގައި ވިންދުޖަހަމުންދާގޮތް (ވިންދު ލަސްވުން، ވިންދު އަވަސްވުން، ވިންދުގައި ހުއްޓުމެއްހުރުން) ފަދަ ވިންދުގެ ތަރުތީބުގެއްލުމުގެ ގޮތްތައް ދެނެގަނެވޭނެ އެވެ (މެޔޯކްލިނިކް.އޯރގް، 2025).     

·         އީކޯކާޑިއޯގްރާމް ޓެސްޓު ހެދުން (Echocardiogram): އީކޯކާޑިއޯގްރާމްގައި އަޑުގެ ރާޅުބާނި ތައް ބޭނުންކޮށްގެން ވިންދުޖަހަމުންދާ ހިތުގެ ތަސްވީރެއް ކުރަހަލާއެވެ. އީކޯކާޑިއޯގްރާމްގެ އެހީގައި ހިތާއި، ހިތުގެ ވޭލްތައް ހުރަސްކޮށް ލޭދައުރުކުރާގޮތް ދެނެގަނެވޭނެ އެވެ. ޕަލްމަނަރީ ހައިޕަޓެންޝަން ދެނެގަތުމަށް ނޫނީ ދެވޭ ފަރުވާ އެކަށޭނަ ގޮތުގައި މަސައްކަތްކުރާތޯ ބެލުމަށް ވެސް އީކޯކާޑިއޯގްރާމް ހެދެއެވެ. ބައެއް ފަހަރު ސްޓޭޝަނަރީ ބައިކެއް ނޫނީ ތްރެޑްމިލް މެޝިނުގައި ކަސްރަތުކުރަމުންދާ ވަގުތު އީކޯކާޑިއޯގްރާމް ޓެސްޓު ހެދެއެވެ. މީގެ ބޭނުމަކީ އެކަމުގެ ސަބަބުން ހިތުގެ މަސައްކަތަށް އަސަރުކުރާގޮތް ނޫނީ އައިބަދަލު ދެނެގަތުމެވެ. މިޓެސްޓު ހަދާއިރު ފަހަރުގައި މާސްކެއް އަޅަން ބުނެފާނެއެވެ. މިމާސްކުގެ އެހީގައި ހިތުން އޮކްސިޖަން ބޭނުންކުރާ މިންވަރު އަދި ކާބަންޑައިއޮކްސައިޑް ފުއްޕާމެއިން ބޭރުކުރާ މިންވަރު ނުވަތަ އެދެމާއްދާ ބޭނުންކުރާގޮތް ދެނެގަނެވެއެވެ (މެޔޯކްލިނިކް.އޯރގް، 2025).    

·         ހިތުގެ ކަނާތްފަޅިއަށް ކެތީޓަރު ލެއްވުން (right heart catheterization): އީކޯކާޑިއޯގްރާމް ޓެސްޓުން ޕަލްމަނަރީ ހައިޕަޓެންޝަން ހުރިކަމަށް ދައްކާނަމަ، އެކަން ކަށަވަރު ކުރުމަށް ފަހަރުގައި ހިތުގެ ކަނާތްފަޅިއަށް ކެތީޓަރު ލައްވައިގެން ބަލަންޖެހިދާނެއެވެ. މިޓެސްޓު ހެދުމަށް ކަރުގެ ލޭހޮޅިއަކުން ހިމަ ފަހެލި ހޮޅިއެއް އެތެރެއަށް ލެއްވެއެވެ. އެއަށްފަހު ލޭހޮޅީގެ ތެރެއަށް ލެއްވުނު ހިމަހޮޅި، މަޑުމަޑުން ކުރިޔަށް ގެންގޮސް، ހިތުގެ ކަނާތް ފަޅީގެ ތިރީބައި ނުވަތަ ކަނާތު ވެންޓްރިކަލް އަދި ޕަލްމޮނަރީ އާޓަރީގެ ތެރެއަށް ވާޞިލް ކުރެވެއެވެ. މިޓެސްޓުގެ އެހީގައި މައި ޕަލްމަނަރީ އާޓަރީ ތަކުގައި އަދި ހިތުގެ ކަނާތު ވެންޓްރިކަލް ގައި ލޭގެ ޕްރެޝަރު ހުރިގޮތް މިންކުރެވޭނެ އެވެ (މެޔޯކްލިނިކް.އޯރގް، 2025).    

މީގެ އިތުރުން ޕަލްމޮނަރީ ހައިޕަޓެންޝަން ކުރިމަތިވާ ސަބަބުތައް ދެނެގަތުމަށްޓަކައި އަންނަނިވި ޓެސްޓުތައް ހަދައިފާނެ އެވެ.

·         އެކްސަސައިޒް ސްޓްރެސް ޓެސްޓު (exercise stress test): މި ޓެސްޓު ހެދުމަށް ސްޓޭޝަނަރީ ބައިކެއްގައި ދުއްވަންޖެހެއެވެ. ނޫނީ ތްރެޑްމިލް މެޝިނެއްގައި ހިނގަންޖެހެއެވެ. މިއިން ކޮންމެ ހާލަތެއްގައި ހިތުގެ ވިންދު ހުރިގޮތް ނޫނީ ޖަހަމުންދާގޮތް ބަލަމުންގެންދާނެ އެވެ. މީގެ އިތުރުން ކަސްރަތުކުރުމުން އެކަމަށް ހިތް އިޖާބަދޭ ގޮތް ނޫނީ ހިތަށް އަންނަ ބަދަލުތައް މިޓެސްޓުގެ އެހީގައި ހޯދޭނެ އެވެ. ނޫނީ ބަލާލެވޭނެ އެވެ (މެޔޯކްލިނިކް.އޯރގް، 2025).    

·         ސީޓީ ސްކޭން ހެދުން (CT scan): ހަށިގަނޑުގެ ވަކި ހިސާބުތަކެއްގެ ނޫނީ ބޭނުންވާ ޚާއްޞަ ބައިތަކެއްގެ (ސީޓީ ސްކޭންގައި ބަލަން ބޭނުންވާ ހިސާބުގެ) ތަސްވީރެއް އެކްސްރޭ ބޭނުންކޮށްގެން ކުރަހާލައެވެ. މި ޓެސްޓުގައި "ކޮންޓްރަސްޓް" ކިޔާ ޑައި އެއް ނުސާފުލޭ ދައުރުވާ ލޭހޮޅި "ވެއިން"ގެ ތެރެއަށް ފޮނުވާލައެވެ. ޑައި ގެ ސަބަބުން ލޭހޮޅިތައް ސާފުކޮށް ފެންނަށް ހުންނާނެ އެވެ.

ހިތުގެ ސީޓީ ސްކޭން އަށް ކިޔަނީ "ކާޑިއެކް ސީޓީ ސްކޭން"(cardiac CT scan)  އެވެ. ހިތުގެ ސީޓީ ސްކޭން އިން ހިތުގެ ސައިޒު އަދި ޕަލްމަނަރީ އާޓަރީގައި އެއްވެސް ކަހަލަ ހުރަހެއް ނޫނީ ބެދުމެއް ހުރިނަމަ ފެންނާނެ އެވެ. ޕަލަމްނަރީ ހައިޕަޓެންޝަން އަށް މަގުފަހިކުރާ ފުއްޕާމޭގެ ބަލިތައް ދެނެގަތުމަށް ވެސް ސީޓީ ސްކޭން ހެދެއެވެ. މިސާލަކަށް މިފަދަ ބަލިތަކުގެ ތެރޭގައި ސީއޯޕީޑީ އަދި ޕަލްމަނަރީ ފައިބްރޯސިސް ހިމެނެއެވެ (މެޔޯކްލިނިކް.އޯރގް، 2025).      

·         އެމްއާރުއައި ހެދުން (MRI): އެމްއާރުއައި ގެ އެހީގައި ޕަލްމަނަރީ އާޓަރީގެ ތެރޭގައި ލޭދައުރުވާގޮތް ބަލާލެވޭނެ އެވެ. ހިތުގެ ކަނާތްފަޅިން ތިރީގައިވާ ކަނާތު ވެންޓްރިކަލް މަސައްކަތްކުރަނީ ކިހާ ރަނގަޅަކަށްތޯ ބެލުމަށް ވެސް ފަހަރުގައި މިޓެސްޓު ހަދައިފާނެ އެވެ (މެޔޯކްލިނިކް.އޯރގް، 2025).      

·         ފުއްޕާމޭގެ މަސައްކަތް ހުންނަ ނުހުންނަގޮތް ބެލުން (lung function test): މިޓެސްޓު ހެދުމަށްޓަކައި އަނގަޔަށް ލެއްވިފައިވާ ހޮޅިއަކުން ވަކި ޚާއްޞަ މެޝިނަކަށް އަނގަފުރާ ފުންނޭވާއެއް އެތެރެއަށް ނެގުމަށްފަހު، އިރުކޮޅަކު ހިފަހައްޓާލާފައި ގުޅާފައިވާ ހޮޅި މެދުވެރިކޮށް ހޮޅިއާއި ގުޅިފައިވާ ޑިވައިސްއަށް އަނގައިގެ ތެރޭގައި ފުރިފައިވާ ވައި ދޫކޮށްލަންޖެހެއެވެ. މިޓެސްޓުގެ އެހީގައި ފުއްޕާމެޔަށް ހިފެހެއްޓެނީ ކިހާ ވައެއްކަން އަދި ފުއްޕާމެޔަށް ވައި އެތެރެވެ ބޭރުވަނީ ކިހިނެއްކަން ބަލާލެވޭނެ އެވެ. ނޫނީ ހޯދޭނެ އެވެ (މެޔޯކްލިނިކް.އޯރގް، 2025).    

·         ސްލީޕް ސްޓަޑީ ހެދުން (sleep study): ސްލީޕް ސްޓަޑީގެ އެހީގައި ނިދާފައި އޮންނައިރު، ސިކުނޑީގެ ހަރަކާތް، ހިތުގެ ވިންދު، ލޭގެ ޕްރެޝަރު، އަދި ލޭގެ އޮކްސިޖަން މިންވަރު ފަދަ ކަންތައްތައް ބެލެއެވެ. މިޓެސްޓުގެ އެހީގައި ނިދީގައި ނޭވާހުއްޓުން ދެނެގަނެވެއެވެ. ނިދީގައި ނޭވާ ހުއްޓުމަކީ ޕަލްމަނަރީ ހައިޕަޓެންޝަން މެދުވެރިކުރުވާ ސަބަބެކެވެ (މެޔޯކްލިނިކް.އޯރގް، 2025).    

·         ވެންޓިލޭޝަން/ޕާފިއުޝަން ސްކޭން ހެދުން (ventilation/perfusion(V/Q) scan): މިޓެސްޓު ހެދުމަށް ރޭޑިއޯއެކްޓިވް ޓްރޭސަރ އެއް އައިވީކޮށް ހަށިގަނޑުގެ ތެރެއަށް ފޮނުވެއެވެ. ޓްރޭސަރ އިން ލޭދައުރުވާގޮތް ބަލާލެވޭނެ އެވެ. ނޫނީ ދެނެގަނެވޭނެ އެވެ. މީގެ އިތުރުން ޓްރޭސަރ އިން ނޭވަޔާއެކު އެތެރެކުރުމުން ފުއްޕާމޭގައި ވައި ދައުރުވާގޮތް ބަލާލެވޭނެ އެވެ. މިޓެސްޓުގެ އެހީގައި ޕަލްމަނަރީ ހައިޕަޓެންޝަން ގެ އުދަނގޫތައް ކުރިމަތިވަނީ ގަނޑުލޭކޮޅެއްގެ ސަބަބުންކަން ނުވަތަ ނޫންކަން ބުނެދޭނެ އެވެ (މެޔޯކްލިނިކް.އޯރގް، 2025).    

·         ފުއްޕާމޭގެ ބަޔޮޕްސީ ހެދުން (lung biopsy): ޕަލްމަނަރީ ހައިޕަޓެންޝަން ކުރިމަތިވި ސަބަބު ދެނެގަތުމަށް ބައެއް ފަހަރު ފުއްޕާމެއިން އެތިކޮޅެއް ނަގައިގެން ބަޔޮޕްސީ ހަދަންޖެހެއެވެ (މެޔޯކްލިނިކް.އޯރގް، 2025).      

ޖެނެޓިކް ޓެސްޓިންގ ހެދުން

ޕަލްމަނަރީ ހައިޕަޓެންޝަން ކުރިމަތިކުރުވާ ފަދަ ވިރާސީ ބަހާއަކަށް ބަދަލު އައިސްފައިވާ ވޭތޯ ބެލުމަކީ ބައެއް ފަހަރު ލަފާދެވޭ ކަމެކެވެ. މިފަދަ ވިރާސީ ބަހާއެއް ފާހަގަ ކުރެވިއްޖެނަމަ، އާއިލާގެ އެހެން މެންބަރުންގެ ޖެނެޓިކް ޓެސްޓިންގ ނޫނީ ސްކްރީނިންގ ހެދުމަކީ މުހިއްމު ކަމެކެވެ (މެޔޯކްލިނިކް.އޯރގް، 2025).      

ޕަލްމަނަރީ ހައިޕަޓެންޝަން ފަންކްޝަނަލް ކްލެސިފިކޭޝަން

ޕަލްމަނަރީ ހައިޕަޓެންޝަން ކަން ޔަގީންކުރެވުމުން ޕަލްމަނަރީ ހައިޕަޓެންޝަންގެ އުދަނގޫތައް އެމީހަކަށް ކުރިމަތިވެފައިވާ މިންވަރާއި މިއުދަނގޫތަކުން އެމީހެއްގެ ދުވަހުގެ ދިރިއުޅުމަށް އަސަރުކުރާ މިންވަރަށް ރިޢާޔަތްކޮށް ޕަލްމަނަރީ ހައިޕަޓެންޝަން އަންނަނިވި ގުރޫޕްތަކަށް ބަހާލެވެއެވެ (މެޔޯކްލިނިކް.އޯރގް، 2025).    

·         ކުލާސް1 : ޕަލްމަނަރީ ހައިޕަޓެންޝަން ޑައިގްނޯޒް ކުރެވިފައި ވިޔަސް، އަލާމާތެއް ނުފެންނާނެއެވެ. ނޫނީ ބަލީގެ އުދަނގޫތައް އެއްވެސް ކަމެއް ނުކޮށް ހުންނައިރު ނޫނީ ކަސްރަތުކުރާ އިރު ވެސް ފާހަގަ އެއް ނުވާނެއެވެ (މެޔޯކްލިނިކް.އޯރގް، 2025).    

·         ކުލާސް2 : ޕަލްމަނަރީ ހައިޕަޓެންޝަން ޑައިގްނޯޒް ކުރެވިފައި ވިޔަސް، ބަލީގެ އުދަނގޫތައް އެއްވެސް ކަމެއް ނުކޮށް ހުންނައިރު ނުފެންނާނެ އެވެ. ނަމަވެސް ކުދިކުދި ކަންތައްތައް މިސާލަކަށް ގޭތެރޭގައި ކަމެއްކޮށްލުން، މަސައްކަތަށް ދިއުން، ފިހާރައަށް ދިއުން ފަދަ ކަމެއްކޮށްލުމުން ކޮންމެ ވެސް ވަރަކަށް މޭގައި ރިއްސައި، ނޭވާކުރުވެދާނެ އެވެ (މެޔޯކްލިނިކް.އޯރގް، 2025).      

·         ކުލާސް3 : ޕަލްމަނަރީ ހައިޕަޓެންޝަން ޑައިގްނޯޒް ކުރެވިފައި ވިޔަސް، ބަލީގެ އުދަނގޫތައް ކަމެއްނުކުރާއިރު ނުފެންނާނެއެވެ. ނަމަވެސް ފެންވެރުން، ހެދުންއެޅުން، ކެއްކުން ފަދަ ކަމެއްކުރާއިރު، ވަރުބަލިވުން، ނޭވާކުރުވުން އަދި މޭގައި ރިހުން ފާހަގަ ކުރެވިދާނެއެވެ. އާންމުކޮށް އުޅޭ އިރު ތަފާތު ކަންކަން ކުރަން ނުވަތަ ޖިސްމާނީ ހަރަކާތްތައް ކުރަން އުދަނގޫވެދާނެ އެވެ (މެޔޯކްލިނިކް.އޯރގް، 2025).      

·         ކުލާސް4: ޕަލްމަނަރީ ހައިޕަޓެންޝަން ޑައިގްނޯޒް ކުރެވިފައިވުމާއެކު ބަލީގެ އުދަނގޫތައް އެއްވެސް ކަމެއް ނުކޮށް ހުންނައިރު އަދި ކަމެއްކޮށްލުމުން ވެސް ފެންނާނެއެވެ. ކޮންމެ ކަހަލަ ކަމެއް ކޮށްލިޔަސް ބަލީގެ އުދަނގޫތައް ފާހަގަވާނެ އެވެ (މެޔޯކްލިނިކް.އޯރގް، 2025).      

ފަރުވާ

ޕަލްމަނަރީ ހައިޕަޓެންޝަން އަކީ ފަރުވާއެއް އޮންނަ ބައްޔެއް ނޫނެވެ. ނަމަވެސް ދެވޭ ފަރުވާގެ އެހީގައި ބަލީގެ އުދަނގޫތައް ލުއިކޮށްދީ، ދިރިއުޅުން ފަސޭހަކޮށް، ބައްޔާއެކު ވެސް ގިނަ ދުވަހު އުޅުމުގެ މަގުފަހިކުރުވައެވެ. މީގެ އިތުރުން ފަރުވާގެ އެހީގައި ބަލި އިތުރަށް ގޯސްވިޔަނުދީ ހިފަހައްޓައިދެއެވެ (މެޔޯކްލިނިކް.އޯރގް، 2025).     

ބައެއް ފަހަރު ޕަލްމަނަރީ ހައިޕަޓެންޝަން އާއި ގުޅިގެން އެމީހަކަށް އެންމެ ރަނގަޅު ފަރުވާ އަކީ ކޮބައިކަން ކަނޑައަޅަން ދުވަސްކޮޅެއް ނަގައެވެ. އަދި އާންމު ގޮތެއްގައި ފަރުވާގައި ބައިވަރު ކަންކަން ހިމެނެއެވެ. އެހެންކަމުން ގަވާއިދުން ޑޮކްޓަރަށް ދެއްކުން ނޫނީ އެންމެ އެކަށޭނަ ފަރުވާ ކަނޑައަޅައި ކުރިޔަށް ގެންދިއުން ނިންމުމަށް ވެސް އެތައް ފަހަރަކު ޑޮކްޓަރަށް ދައްކަން ޖެހިދާނެއެވެ (މެޔޯކްލިނިކް.އޯރގް، 2025).     

ބޭސް ބޭނުންކުރުން

ޕަލްމަނަރީ ހައިޕަޓެންޝަން ހުރިނަމަ، އުދަނގޫތައް ކުޑަކޮށް ލުއިކޮށް ދިނުމަށްޓަކައި ބޭސް ބޭނުންކުރަން ޖެހެއެވެ. އުދަނގޫތައް ލުއިކުރުމުގެ އިތުރުން ބައްޔާއި ގުޅިގެން ކުރިމަތިވާ ނުރައްކާތައް ވެސް ކުޑަކުރަން ބޭސް ބޭނުންކުރެއެވެ. އެގޮތުން ބޭހުގެ ގޮތުގައި ދެވޭ ފަރުވާތަކުގެ ތެރޭގައި އަންނަނިވި ފަރުވާތައް ހިމެނެއެވެ (މެޔޯކްލިނިކް.އޯރގް، 2025).   

·         ލޭހޮޅިތައް ފުޅާކޮށް، ލޭހިނގުން ރަނގަޅުކޮށްދޭ ބޭސްތައް (vasodilators): މިބޭސްތަކުގެ ސަބަބުން ހިމަވެ، ހަނިވެފައިވާ ލޭހޮޅިތައް ހުޅުވައި ފުޅާކޮށްދީ، އެލޭހޮޅިތަކުގެ ތެރޭގައި ލޭދައުރުވުން ރަނގަޅުކޮށް ހަރުދަނާކޮށް ދެއެވެ. މިބޭސްތައް އިންޖެކްޝަން، ގުޅަބޭސް، ނޫނީ އިންހޭލްކޮށްގެން ވެސް ބޭނުންކުރުމަށް ތައްޔާރުކޮށްފައި ހުރެއެވެ. ބައެއް ފަހަރު ހަށިގަނޑާއި ގުޅުވައިލެވިފައިވާ ކުޑަ ޕަމްޕެއްގެ އެހީގައި މެދުކެނޑުމެއްނެތި ވެސް މިފަދަ ބޭސްތައް ނަގަން ޖެހިދާނެ އެވެ. ނޫނީ ބަލިމީޙާގެ ހަށިގަނޑށް ފޯރުކޮށްދީފާނެ އެވެ. މިފަދަ ބޭސްތަކުގެ ތެރޭގައި އީޕޯޕްރޮސްޓިނޯލް އަދި ޓްރެޕްރޮސްޓިނިލް ފަދަ ބޭސްތައް ހިމެނެއެވެ (މެޔޯކްލިނިކް.އޯރގް، 2025).     

·         ސޮލިޔުބަލް ގުއަނައިލޭޓް ސައިކްލޭޒް ސްޓިމިއުލޭޓަރސް (soluble guanylate cyclase stimulators): މިބޭސްތަކުގެ ސަބަބުން ޕަލްމަނަރީ އާޓަރީ ފުޅާކޮށްލައި، ފުއްޕާމޭގެ އެތެރޭޣެ ޕްރެޝަރު ދަށްކުރުވައެވެ. މާބަނޑު ދުވަސްވަރު މިބޭސް ބޭނުންކުރުން އެދެވިގެން ނުވެއެވެ. މިފަދަ ބޭސްތަކުގެ ތެރޭގައި ރިއޯސިގުއޭޓް ފަދަ ބޭސްތައް ހިމެނެއެވެ (މެޔޯކްލިނިކް.އޯރގް، 2025).     

·         ލޭހޮޅިތައް ފުޅާކޮށްލުމަށް ދޭ ބޭސް ތައް : މިފަދަ ބޭސްތަކަށް "އިންޑޯތިލިން ރިސެޕްޓަރ އެންޓަގަނިސްޓް"(endothelin receptor antagonist) އޭ ކިޔައެވެ. މިބޭސްތަކުގެ އެހީގައި ލޭޙޮޅިތަކުގެ ފާރުގައި ހުންނަ ލޭހޮޅިތައް ހިމަކޮށް ހަނިކޮށްލާ މާއްދާގެ ނުވަތަ އިންޑޯތިލިން ގެ އަސަރު އިދިކޮޅަށް ޖަހާލައެވެ. ނޫނީ އޭގެ އަސަރު ކަނޑުވައި ބަދަލުކޮށްލައެވެ. މިފަދަ ބޭސްތަކުގެ ތެރޭގައި ބޮސެންޓާން، މެސިޓެންޓާން އަދި އެމްރިސެންޓާން ފަދަ ބޭސްތައް ހިމެނެއެވެ. މާބަނޑު ދުވަސްވަރު މިބޭސް ނެގުމަކީ ރަނގަޅު ކަމެއް ނޫނެވެ (މެޔޯކްލިނިކް.އޯރގް، 2025).   

·         ލޭހިނގުން ހަލުވިކޮށްދޭ ބޭސްތައް: މި ފަދަ ބޭސްތަކަށް ފޮސްފޯޑައިއެސްޓިރޭޒް 5 އިންހިބިޓަރޒް(phosphodiesterase 5 inhibitors) އޭ ކިޔައެވެ. މިއީ ފުއްޕާމޭގައި ލޭހިނގުން ރަނގަޅުކުރުމަށް ފަހަރުގައި ބޭނުންކޮށްފާނެ ބޭސް ތަކެކެވެ. އަދި މިއީ ފިރިހެނުންގެ ޖިންސީ ބަލިކަމަށް ފަރުވާ ކުރުމަށް ވެސް ބޭނުންކުރެވޭ ބޭސް ތަކެކެވެ. މިފަދަ ބޭސްތަކުގެ ތެރޭގައި ސިލްޑިނަފިލް އަދި ޓެޑަލަފިލް ހިމެނެއެވެ (މެޔޯކްލިނިކް.އޯރގް، 2025).     

·         މަތީ ޑޯޒްގެ ކެލްސިއަމް ޗެނެލް ބްލޮކަރސް ( high dose calcium channel blockers): މިއީ ލޭހޮޅީގެ ފާރުގައި ކުރުގެޅިފައި ހުންނަ މަސްތައް ހަމައަކަށް އަޅުވައިދޭ ބޭސް ތަކެކެވެ. މާނައަކީ އޭގެ ސަބަބުން ލޭހޮޅި ފުޅާވުމުގެ ފުރުޞަތު އޮވެއެވެ. މިފަދަ ބޭސްތަކުގެ ތެރޭގައި އެމްލަޑިޕިން، ޑިލްޓިއެޒީމް، އަދި ނިފެޑިޕިން ފަދަ ބޭސްތައް ހިމެނެއެވެ. މިބޭސްތައް ބޭނުންކުރުމުން ކުރިއެރުން ލިބި އުދަނގޫތަކަށް ލުއިކަން ލިބެނީ ފަލްމަނަރީ ހައިޕަޓެންޝަން ހުންނަ މީހުންގެ ތެރެއިން ވަރަށް މަދުބަޔަކަށެވެ (މެޔޯކްލިނިކް.އޯރގް، 2025).     

·         ލޭދިޔާކުރާ ބޭސް (blood thinners): ލޭދިޔާކުރާ ބޭހަށް ލޭގަނޑުވިޔަނުދޭ ބޭސް މިހެންވެސް ކިޔައި އުޅެއެވެ. މިއީ ހަށިގަނޑުގައި ގަނޑުލޭކޮޅު އުފެދުމުން ދުރުކޮށްދޭނެ ބޭސް ތަކެކެވެ. މިފަދަ ބޭހުގެ އެއް މިސާލަކީ ވާރފެރިން އެވެ. ވާރފެރިން ބޭނުންކުރުމަކީ ހަށިގަނޑުން ލޭހިލުމުގެ ހިރާސް އިތުރުކުރާނެ ކަމެކެވެ. ހަށިގަނޑުން ތަނެއް ކަނޑައިގެން ނޫނީ ފަޅައިގެން އޮޕަރޭޝަންކުރާނަމަ މިހިރާސް ބޮޑަށް އިތުރުވެގެން ދެއެވެ (މެޔޯކްލިނިކް.އޯރގް، 2025).     

·         ޑައިގޯސިން(digoxin): މިއީ ހިތުގެ ވިންދު ބާރުގަދަކޮށްދީ، ހިތުން ލޭ އިތުރަށް ޕަމްޕްކުރުމަށް އެހީތެރިވެދޭ ބޭހެކެވެ. އިންތިޒާމެއް ނެތި ޖަހަމުންދާ ހިތުގެ ވިންދު ތަރުތީބުކޮށް ކޮންޓްރޯލްކުރުމަށް ވެސް މިބޭސް އެހީތެރިވެދެއެވެ (މެޔޯކްލިނިކް.އޯރގް، 2025).     

·         ޑަޔުރެޓިކްސް(diuretics): ހަށިގަނޑުގައި އިތުރުވާ ދިޔާބައި ނުވަތަ ފެނުގެ ބައި ގުރުދާ މެދުވެރިކޮށް ހަށިގަނޑުން ބޭރުކުރުމަށް މިބޭސްތައް އެހީތެރިވެދެއެވެ. މިހެންވުމުން ހިތުން ކުރަންޖެހޭ މަސައްކަތް ކުޑަ ދަށްވެގެން ދެއެވެ. ފުއްޕާމޭ، ފައި އަދި ބަނޑުގައި ފެންހެދުން ކުޑަކުރުމަށް ނޫނީ ފެންހަރުލުން ކުޑަކުރުމަށް ވެސް ޑަޔުރެޓިކްސް ބޭނުންކުރެއެވެ (މެޔޯކްލިނިކް.އޯރގް، 2025).     

·         އޮކްސިޖަންގެ ފަރުވާ (oxygen therapy): ޕަލްމަނަރީ ހައިޕަޓެންޝަން ހުންނަ މީހުންގެ ތެރެއިން އުސް ހިސާބުތަކުގައި އުޅޭ މީހުން ، ނޫނީ ނިދީގައި ނޭވާ ހުއްޓޭ މީހުން، ފަރުވާގެ ގޮތުގައި އޮކްސިޖަން ބޭނުންކުރުމަށް ލަފާދެއެވެ. ޕަލްމަނަރީ ހައިޕަޓެންޝަން ހުންނަ ބައެއް މީހުންނަށް އަބަދުވެސް އޮކްސިޖަންގެ ފަރުވާ ކުރިޔަށް ގެންދަންޖެހިދާނެ އެވެ (މެޔޯކްލިނިކް.އޯރގް، 2025).     

އޮޕަރޭޝަންކުރުން އަދި އެހެނިހެން އިޖުރާއަތްތައް

ޕަލްމަނަރީ ހައިޕަޓެންޝަން ހުންނަ މީހުންނަށް ބޭސް ބޭނުންކޮށްގެން ކުރިއެރުން ނުލިބިއްޖެނަމަ ފަހަރުގައި އޮޕަރޭޝަން ކުރަން ލަފާދީފާނެ އެވެ. އެގޮތުން ޕަލްމަނަރީ ހައިޕަޓެންޝަން އާއި ވިދިގެން ކުރެވިދާނެ އޮޕަރޭޝަންތައް އަދި ހެދިދާނެ އިޖުރާއާތްތައް ތިރީގައި މިވަނީ އެވެ (މެޔޯކްލިނިކް.އޯރގް، 2025).     

·         އެޓްރިއަލް ސެޕްޓަސްޓަމީ (atrial septostomy): މިއީ ޕަލްމަނަރީ ހައިޕަޓެންޝަންގެ އުދަނގޫތައް ބޭހުން ލުއިނުވެއްޖެނަމަ ފަހަރުގައި ފަރުވާގެ ގޮތުގައި ކޮށްފާނެ ކަމެކެވެ. މިއިޖުރާއާތުގައި ހިތުގެ މަތީ ދެބައިގެ ދެމެދުގައި (ދެ އެޓްރީއަމްގެ ދެމެދުގައި) ލޯވަޅެއް އަޅައެވެ. ނޫނީ މަތީ ދެބައިގެ ދެމެދުގައިވާ ސެޕްޓަމްގައި ލޯވަޅެއް އަޅައެވެ. މިލޯވަޅުގެ ސަބަބުން ހިތުގެ ކަނާތްފަޅީގެ އެތެރޭގެ ޕްރެޝަރު ދަށްކުރެއެވެ. މިއިޖުރާއާތުގައި ދިމާވެދާނެ ނުރައްކަލަކީ ހިތުގެ ވިންދުގެ ތަރުތީބު ގެއްލުމެވެ (މެޔޯކްލިނިކް.އޯރގް، 2025).   

·         ލަންގް ނުވަތަ ހާރޓް-ލަންގް ޓްރާންސްޕްލާންޓް ކުރުން(lung or heart-lung transplant): ބައެއް ފަހަރު ޕަލްމަނަރީ ހައިޕަޓެންޝަން ކުރިމަތިވާ ބައެއް މީހުންނަށް ލަންގް ނުވަތަ ހާރޓް-ލަންގް ޓްރާންސްޕްލާންޓް ކުރަން ޖެހިދާނެ އެވެ. ޚާއްޞަކޮށް ސަބަބު ނޭނގި ކުރިމަތިވާ ޕަލްމަނަރީ އާޓެރިއަލް ހައިޕަޓެންޝަން ކުރިމަތިވާ ޒުވާނުންނަށް މިކަން އިޚްތިޔާރަކަށް ވެދާނެއެވެ. މިގޮތަށް ފުއްޕާމޭ ބަދަލުކުރުމަށްފަހު ހަށިގަނޑު ލެއްވުނު ގުނަވަނާ ދެކޮޅު ހެދުން ކުޑަކުރުމަށްޓަކައި މުޅި އުމުރަށް ބޭސް ކާންޖެހޭނެ އެވެ (މެޔޯކްލިނިކް.އޯރގް، 2025).     

ރައްކާތެރިވެ ހުރުމަށް ދިރިއުޅުމަށް ގެނެވިދާނެ ބަދަލުތައް

ޕަލްމަނަރީ ހައިޕަޓެންޝަން ފަދަ މައްސަލަ ތައް ކުރިމަތިވުމުން އޭގެ އުދަނގޫތައް ލުއިކޮށް ކުޑަކުރުމަށދިރިއުޅުމުގެ ވައްޓަފާޅިއަށް ހެޔޮ ބަދަލުތަކެއް ގެނެވިދާނެ އެވެ. އެގޮތުން ކުރެވިދާނެ ކަންތައްތައް ތިރީގައި މިވަނީ އެވެ (މެޔޯކްލިނިކް.އޯރގް، 2025).   

·         މިންހެޔޮ ކާނާ ބޭނުންކުރުން ނުވަތަ ފައިދާ ހުރި ކާނާ ބޭނުންކުރުން

·         ގަވާޢިދުން ކަސްރަތުކުރުން އަދި ހެލިފެލިވެއުޅުން އިތުރުކުރުން

·         ހަށިގަނޑުގެ ބަރުދަން އެއްވަރެއްގައި ހިފެހެއްޓުމަށް މަސައްކަތްކުރުން

·         ދުންފަތުގެ އިސްތިއުމާލުކުރުމާ ދުރުހެލިވުން

·         ވީވަރަކުން އަރާމުކުރުން

·         އުސް ހިސާބުތަކަށް ނޭރުން ނޫނީ ނުދިއުން

·         މާބޮޑަށް ލޭދަށްވެދާނެ ހަރަކާތްތަކާ ކަންކަމާ ދުރުހެލިވުން

·         ގަވާއިދުން ޑޮކްޓަރަށް ދެއްކުން

·         ދީފައިވާ ބޭސްތައް ގަވާއިދުން ބޭނުންކުރުން

·         ޖަހަން ލަފާދީފައި ހުންނަ ވެކްސިންތައް ޖަހައި ފުރިހަމަކުރުން

·         މާބަނޑުވުމުގެ ކުރިން ޞިއްހީ އެހީތެރިޔަކާ ވާހަކަ ދެއްކުން (މެޔޯކްލިނިކް.އޯރގް، 2025).   

ނޯޓް : މިއީ މަޢުލޫމާތު ފެތުރުމުގެ ނިޔަތުގައި ލިޔެފައިވާ ލިޔުމެކެވެ.

މައުލޫމާތު

·         https://www.mayoclinic.org/diseases-conditions/pulmonary-hypertension/symptoms-causes/syc-20350697

·         https://my.clevelandclinic.org/health/diseases/6530-pulmonary-hypertension-ph

 

  

No comments:

Post a Comment