Monday, July 4, 2022

އޮބްސެސިވް ކޮމްޕަލްސިވް ޑިސްއޯޑަރ

 

އޮބްސެސިވް ކޮމްޕަލްސިވް ޑިސްއޯޑަރ

ތައާރަފް

އޮބްސެސިވް ކޮމްޕަލްސިވް ޑިސްއޯޑަރ(obsessive compulsive disorder)  ނުވަތަ އޯސީޑީއަކީ ދުނިޔޭގެ ބޮޑެތި ގައުމުތަކުގައި ވެސް އާއްމު ބައްޔެކެވެ. އޯސީޑީ އަކީ އަންހެނުންނާއި، ފިރިހެނުން އަދި ކުޑަކުދިންނަށް ވެސް ޖެހިދާނެ ބައްޔެކެވެ. ބައެއް މީހުންނަށް ފުރާވަރުގައި ބަލީގެ އުދަނގޫތައް ފެންނަށް ފެށިޔަސް އާންމު ގޮތެއްގައި ބަލީގެ އުދަނގޫތައް ފެންނަށް ފަށަނީ ޒުވާން އުމުރުގެ ކުރީކޮޅުގައެވެ. މިއީ އާންމު ދިރިއުޅުމުގެ ކަންކަން އެދެވޭ ގޮތުގައި ފުރިހަމަކުރުމަށް ހުރަސްއަޅައިފާނެ ބައްޔެކެވެ. އޯސީޑީ އަކީ ބޮޑެތި މީހުންނާއި ކުޑަކުދިންނަށް ވެސް ކުރިމަތިވެދާނެ ބައްޔެކެވެ. އޯސީޑީ އަށް ފަރުވާ ހޯދާ ގިނަ މީހުންނަކީ ބޮޑެތި މީހުން ކަމުގައި ވިޔަސް، ކުޑައިރު ވެސް ބަލީގެ އަލާމާތްތައް މެދުވެރިވެފައިވާ މީހުން ތިބެއެވެ.

އޯސީޑީ އަކީ ނަފްސާނީ ބައްޔެކެވެ. މިއީ ތަކުރާރުކޮށް ނުތަނަވަސް ކުރުވަނިވި ނުވަތަ އުނދަގޫ ކުރުވަނިވި ހިޔާލުތަކެއް އަދި ބައެއް ފަހަރު އެފަދަ ހިޔާލުތަކުގެ ސަބަބުން ތަކުރާރުކޮށް ބައެއް ކަންކަން ކުރުމަށް މެދުވެރި ކުރުވާ ނަފްސާނީ ބައްޔެކެވެ. މީގައި ހިމެނެނީ މައިގަނޑު ދެބަޔެކެވެ.އެއީ" އޮބްސެޝަން"(obsession) އަދި "ކޮމްޕަލްޝަން"(compulsion) އެވެ.

އޮބްސެޝަން އަކީ ބޭއިޚްތިޔާރުގައި ތަކުރާރުކޮށް ވިސްނުމަށް އަންނަ (ސިކުނޑިއަށް ވަންނަ) ނޫނީ ވިސްނުމުގައި ހުންނަ ބޭނުންނުވާ، ނޭދެވޭ ނުވަތަ ގަޔާނުވާ ޚިޔާލުތަކާއި، ނޫނީ ބޭކާރު ވިސްނުންތަކާއި، ފިކުރުތަކާއި، ހީކުރުން ނޫނީ ބިރުގަތުން ތަކުގެ ސަބަބުން ކުރިމަތިވާ ނުތަނަވަސްކަމާ، ހިތްހަމަނުޖެހުމާއި، ތުރާލާއި އުދަނގޫތަކެކެވެ.


ކޮމްޕަލްޝަން އަކީ ތަކުރާރުކޮށް ކުރެވޭ އެކިކަންތައްތަކެވެ. ނޫނީ ތަކުރާރުކޮށް ވިސްނުމަށް އަންނަ ބޭކާރު ޚިޔާލުތަކާއި ފިކުރުތަކުގެ ކުރިމަތިވާ ހިތްހަމަނުޖެހުމާއި ނުތަނަވަސްކަން (އޮބްސެޝަންގެ ސަބަބުން އަންނަ ނުތަނަވަސްކަން) ކުޑަކޮށް އެކަމަށް ލުއިކަން ހޯދުމުގެ ގޮތުން ނޫނީ ދުރުހެލިވުމުގެ ގޮތުން އަމިއްލައަށް ތަކުރާރުކޮށް ކުރެވޭ ކަންތައްތަކެވެ. ނުވަތަ ކަންކަމެވެ. ނޫނީ އަމިއްލަ އުޅުމުގައި ފަރިތަކުރެވޭ ކަންތައްތަކެވެ.

ބައެއް ފަހަރު މިގޮތަށް އަންނަ ބޭކާރު ޚިޔާލުތަކާއި ފިކުރުތަކުން ކުރިމަތިވާ ނުތަވަސްކަމާ ހިތްހަމަނުޖެހުމުން ދުރުހެލިވާން މަސައްކަތްކުރި ކަމުގައި ވިޔަސް ލުއިނުވެ، އިތުރަށް އެކަމުގެ ސަބަބުން އުދަނގޫތަކާއި ނުތަވަސްކަން ކުރިމަތިވުމަކީ އެކަށީގެންވާ ކަމެކެވެ. އޭގެ ނަތީޖާއެއްގެ ގޮތުން އެކަމަށް ލުއިކަން ހޯދުމަށް ވަކި ކަހަލަ ކަންތައްތަކެއް ތަކުރާރުކޮށް ކުރެވޭގޮތް ވެއެވެ. ނޫނީ ކުރުމަށް ބޭނުން ވެއެވެ.

އޯސީޑީ މެދުވެރިވާ ސަބަބު

އޯސީޑީ ޖެހެން މެދުވެރިވާ ސީދާ ސަބަބުތަކެއް އަދި ހޯދިފައެއް ނުވެއެވެ. އޯސީޑީ އަކީ ވަރަށް ބޮޑަށް ވާރުތަކުރާ، ބައިލޮޖިކަލް ބައްޔެކެވެ. އާންމުކޮށް އޯސީޑީ ޖެހެނީ ކަންކަން ވަރަށް ފުރިހަމަކޮށް ކުރަން ބޭނުންވާ މީހުންނަށްކަން ފާހަގަ ކުރެވެއެވެ. ހަޔާތުގައި ދިމާވެފައިވާ ބައެއް ކަންކަމުގެ ސަބަބުން ވެސް މިސާލަކަށް ދިރިއުޅުމުގައި ދިމާވާ ފިއްތުންތައް ނޫނީ ދިމާވާ އެކި ކަހަލަ ހާދިސާތަކުގެ ސަބަބުން ވެސް މީހުންނަށް އޯސީޑީ ކުރިމަތިވެ އެވެ. އެގޮތުން ބުލީކޮށް އެކަމުގެ ޝިކާރަޔަކަށް ވެފައިވާ މީހުންގެ މެދުގައި އަދި އެކި އެކި ގޯނާ އާއި ފުރައްސާރަ ލިބިފައިވާ މީހުންގެ މެދުގައި އޯސީޑީ ގިނަ ކަމަށް ފާހަގަ ކުރެވެ އެވެ.

އޯސީޑީ ޖެހުމާ ގުޅޭ ގޮތުން ފާހަގަކުރެވޭ ބައެއް ކަންތައްތަކާއި ހިރާސް އިތުރުކުރާ ކަންތައްތައް ތިރީގައި މިވަނީ އެވެ.

ފާހަގަކުރެވޭ ކަންތައްތައް

އޯސީޑީ އާއި ގުޅޭ ގަބޫލުކުރެވޭ ބައެއް ނަޒަރިއްޔާތައް ނޫނީ ގޮތްތައް ތިރީގައި މިވަނީ އެވެ.

·         އުފެދުމުގައި ހުރި (ބަޔޮލޮޖިކަލް)ކަމެއްގެ ސަބަބުން : އޯސީޑީ އަކީ ސިކުނޑީގެ ތަބީޢީ މަސައްކަތަށް އަންނަ ބަދަލަކުން ކުރިމަތިވާ ކަމެއް ކަމުގައި ބެލެވިފައި ވެއެވެ.

·         ވާރުތަވުން: އޯސީޑީ އަކީ ވާރުތަވާ ކަމެއްކަމަށް ވެސް ބެލެވިފައިވެއެވެ. ނަމަވެސް ވަކި ވިރާސީ ބަހާއެއް އަދި ހޯދިފައެއް ނުވެއެވެ.

·         ދަސްކުރާ ކަމަކަށްވުން : އޯސީޑީގެ ސަބަބުން ކުރިމަތިވާ ބިރުގަތުން ނޫނީ ހީވުން ތައް އަދި ތަކުރާރުކޮށް ކުރެވޭ ކަންތައްތަކަކީ އޯސީޑީ ހުރި އާއިލާގެ މެންބަރުންގެ ފުށުން ދަސްކުރާ ކަންތައްތަކެއް ކަމަށް ވެސް ބެލެވިފައި ވެއެވެ.

·         އުފެދުމުގައި ސިކުނޑީގައި ތަފާތެއް ހުރުން : އޯސީޑީ ހުންނަ ބައެއް މީހުންގެ ސިކުނޑީގެ ބައެއް ހިސާބުތަކުގައި އާދަޔާ ޚިލާފަށް ހަރަކާތް ގިނަކަން ފާހަގަ ކުރެވެއެވެ. ނޫނީ ސެރޮޓޮނިން ކިޔާ ކެމިކަލްއެއް މަދު ކަމަށް ދިރާސާތަކުން އެނގެ އެވެ. އޯސީޑީ ހުރި މީހުންގެ ސިކުނޑީގެ އިމޭޖް ޓެސްޓުތަކުން އެމީހުންގެ ސިކުނޑީގެ ފްރަންޓަލް ކޯޓެކްސް(frontal cortex)  އޭ ކިޔޭ ހިސާބުގައި ތަފާތު ތަކެއް ހުންނަކަން ހޯދިފައި ވެއެވެ.

ހިރާސް އިތުރުކުރާ ކަންތައްތައް

އޯސީޑީ ކުރިމަތިވުމުގެ ހިރާސް ނޫނީ އޯސީޑީ ހުރިނަމަ އިތުރަށް ގޯސްވުމުގެ ހިރާސް އިތުރުކުރާ ކަންތައްތަކެއް ހުރެއެވެ. އެގޮތުން ފާހަގަކުރެވޭ ބައެއް ކަންތައްތައް ތިރީގައި މިވަނީ އެވެ.

·         އާއިލާގެ ތެރޭގައި ބަލި ދައުރުވުން : އާއިލާގެ މެންބަރުންގެ ތެރޭގައި ބަލި ޖެހުނު މީހަކު ހުރުމަކީ އާއިލާގެ އެހެން މެންބަރުންނަށް ބަލި ކުރިމަތިވުމުގެ ހިރާސް އިތުރުކުރާ ކަމެކެވެ. ޚާއްޞަކޮށް މައިންބަފައިންގެ ތެރެއިން މީހެއް، އެއްބަނޑު އެއްބަފާ މީހެއް އަދި ދަރިއެއްގެ ކިބައިގައި އޯސީޑީ ހުރިނަމަ މިހިރާސް އިތުރުކުރުވައެވެ. މިއިން މީހަކަށް އޯސީޑީ ކުރިމަތިވީ ފުރާވަރުގައި ނަމަ މިހިރާސް  ވަކިން އިތުރުވެގެން ދެއެވެ.

·         ދިރިއުޅުމުގައި ފިއްތުންބޮޑުކަމެއް (ފިކުރުކުރަންޖެހޭބޮޑުކަމެއް) ކުރިމަތިވުން : ދިރިއުޅުމުގައި ކުއްލިއަކަށް ފިކުރުކުރަންޖެހޭ ފަދަ ބޮޑުކަމެއް ނޫނީ ފިއްތުމެއް ކުރިމަތިވުމަކީ އޯސީޑީ ކުރިމަތިވުމުގެ ހިރާސް އިތުރުކުރާ ކަމެކެވެ. މިފަދަ ކަމެއްގެ ސަބަބުން ބައެއް ފަހަރު ބޭކާރު ޚިޔާލުތަކާއި ފިކުރުތައް ކުރިމަތިވެ، އެކަމަށް ލުއިހޯދުމަށް ތަކުރާރުކޮށް އެއްކަމެއް ކުރަން ފަށައިފާނެ އެވެ. މިސާލަކަށް އާއިލާގެ މެންބަރަކު ކޮވިޑްގައި ނިޔާވުމުން އެމީހާ ނިޔާވީ އިންފެކްޝަން ޖެހިގެން ކަމަށް ގަބޫލުކޮށް ތަނެއްގައި އަތްލެވޭއިރަށް ވެސް ބިރުން އަތްދޮވެދޮވެ ހުރެދާނެ އެވެ. ބުލީކުރުން، ގެވެށި އަނިޔާ، ޖިންސީ ގޯނާތައް ދިމާވެފައިވާ މީހުންނަށް އޯސީޑީ ކުރިމަތިވާލެން ބޮޑެވެ. ވިހެއުމާއި ގުޅިގެންނާއި، އާއިލާގެ މީހަކު ނިޔާވުން ފަދަ ކަމަކަށްފަހު ވެސް ބައެއް މީހުންގެ ފުށުން އޯސީޑީ އުދަނގޫތައް ފާހަގަ ކުރެވެއެވެ.

·         އެހެނިހެން ނަފްސާނީ ބައްޔެއް ނޫނީ މައްސަލައެއް ހުރުން : ބައެއް ފަހަރު އޯސީޑީ އަކީ އެހެނިހެން ނަފްސާނީ ބައްޔަކާއި އެކު ކުރިމަތިވާ ކަމަށްވެސް ވެދާނެ އެވެ. މިސާލަކަށް ހާސްވެކަންބޮޑުވުން، ޑިޕްރެޝަން، އަދި މަސްތުވާތަކެތި ބޭނުންކުރުން ފަދަ ކަންކަމުގެ ސަބަބުން ވެސް އޯސީޑީ ކުރިމަތިވެދާނެ އެވެ.

·         މިޒާޖު ނޫނީ ޝަޚްޞިއްޔަތު : ވަކި މިޒާޖެެއް ނޫނީ ޝަޚްޞިއްޔަތު ހުންނަ ގޮތަކުން ވެސް ބައެއް ފަހަރު އެމީހެއްގެ ފުށުން އޯސީޑީގެ އުދަނގޫތައް ފެންނަށް ފަށައެވެ. މިސާލަކަށް ވަރަށް ތަރުތީބު، ވަރަށް ސާފު ތާހިރު، މުއްސަދި ދިރިއުޅުމެއް އުޅޭ މީހުން ފުށުން، ނޫނީ ވަރަށް މަޑުމައިތިރި މީހުން ގެ ފުށުން ވެސް ބައެއް ފަހަރު އޯސީޑީގެ އުދަނގޫތައް ފާހަގަ ކުރެވެއެވެ.

 

އޯސީޑީ ހުންނަ މީހެއްގެ ކިބައިން ފެންނާނެ އަލާމާތްތައް

އޯސީޑީ ގެ އަލާމާތްތައް ބެހިގެންދަނީ ދެބަޔަކަށެވެ. އެއި އޮބްސެޝަންގެ ހާލަތުގައި ފެންނަ އަލާމާތްތަކާއި ، ކޮމްޕަލްޝަން ގެ ހާލަތުގައި ފެންނަ އަލާމާތްތަކެވެ. ނަމަވެސް ބައެއް ފަހަރު ހަމައެކަނި އޮބްސެޝަން ގެ އަލާމާތްތައް ނޫނީ ކޮމްޕަލްޝަންގެ އަލާމާތްތައް ބަލިމީހާގެ ފުށުން ފެނުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. ބައެއް ފަހަރު ބަލިމީހާއަށް އެމީހާގެ ކިބައިގައި އޮބްސެޝަން ނޫނީ ކޮމްޕަލްޝަންގެ އަލާމާތްތައް ހުރިކަން ފާހަގަނުވެ ވެސް ހިނގައިދާނެ އެވެ. ނަމަވެސް ދިމާވާ ކަންކަމުގެ ސަބަބުން ލުއިކަން ހޯދުމަށް ކުރެވޭ ކަންކަމުގައި އެތައް ވަގުތެއް ނޭނގި ހުރެ ހޭދަކޮށްފާނެ އެވެ. އަދި އެކަމުގެ ސަބަބުން ދިރިއުޅުމުގެ އެހެން ޒިންމާތައް ފުރިހަމަކުރުމުގައި ހުރަސް އެޅޭ ހިސާބަށް ދިއުމަކީ އެކަށީގެންވާ ކަމެކެވެ.

އޮބްސެޝަންގެ ހާލަތުގައި ފެނިދާނެ އަލާމާތްތައް

އޮބްސެޝަން އަކީ ބޭއިޚްތިޔާރުގައި ތަކުރާރުކޮށް ވިސްނުމަށް އަންނަ ނޭދެވޭ ޚިޔާލުތަކާއި، ނޫނީ ބޭކާރު ވިސްނުންތަކާއި، ފިކުރުތަކާއި، ހީކުރުން ނޫނީ ބިރުގަތުން ތަކުގެ ސަބަބުން ކުރިމަތިވާ ނުތަނަވަސްކަމާ، ހިތްހަމަނުޖެހުމާއި، ތުރާލާއި އުދަނގޫތަކެކެވެ. މިއުދަނގޫތަކުން އަރައިގަތުމަށް ތަކުރާރުކޮށް ވަކި ކަންތައްތަކެއް ކޮށްފާނެ އެވެ.

އާންމު ގޮތެއްގައި އުދަނގޫތައް ހުންނަނީ ވަކި ތީމް ތަކަކަށެވެ. މިސާލަކަށް

·         ހަޑިން ނޫނީ ޖަރާސީމަކުން ބައްޔެއް ޖެހިދާނެތީ ބިރުގަތުން ނޫނީ ޖެހިދާނެ ކަމުގެ ބިރު ހީވުން

·         ޝައްކުވުން / ވަކިކަމެއް ހުރީ ވަކިގޮތަކަށް ކަން ޔަގީންނުވުން

·         ކަންކަން ވަކި ތަރުތީބަކުންކުރުން / އެއްޗެހި ވަކި ތަރުތީބަކުން ބެހެއްޓުން ނޫނީ ހުންނަށް ބޭނުންވުން

·         ކޮންޓްރޯލް ގެއްލި އަމިއްލަ ނަފުސަށް ނޫނީ އެހެން މީހަކަށް އަނިޔާކުރެވިދާނެކަމަށް ހީވުން

·         ބޭކާރު ޚިޔާލުތައް ކުރެވުން މިސާލަކަށް : ދީނީ ކަންކަމާ/ ޖިންސީ ކަންކަމާ މެދު ތަފާތު ގޮތްގޮތަށް ވިސްނުން

އޮބްސެޝަން ގެ އަލާމާތްތަކާ ނިޝާންތަކުގެ މިސާލުތައް

·         އެހެން މީހުން އަތްލާފައި ހުރި އެއްޗެއްގައި އަތްލެވުމުން ބަލިޖެހިދާނެކަމުގެ ބިރުހީވުން

·         ދޮރު ތަޅުލެވުނުކަން، ނޫނީ އުދުން ނިއްވާލެވުނު ކަމާމެދު ޝައްކުވުން

·         ތަކެތި ވަކި ތަރުތީބަކުން ނުހުންނަމަ އުދަނގޫވުން ނޫނީ އުދަނގޫވެގެން އުޅުން : ފައިފުހި ސީދަލަށް ބާއްވަން ބޭނުންވުން

·         އެއްވެފައި ތިބޭ މީހުންގަނޑެއްގެ ތެރެއަށް ދުއްވަން އިންނަ އުޅަނދު ވަދެފާނެ ކަމުގެ ބިރުހީވުން

·         އާންމު ތަންތަނުގައި އަވަގުރާނަ ގޮވައި، ހަޑިއެއްޗެހި ކިއިދާނެކަމުގެ ބިރުހީވުން

·         ގަޔާނުވާ ޖިންސީ ޚިޔާލުތައް ކުރެވުން

·         އޮބްސެޝަން ކުރިމަތިވެދާނެ ހާލަތްތައް މެދުވެރިވިޔަނުދިނުމަށް އުޅުން މިސާލަކަށް  މީހުންނަށް ސަލާންނުކުރުން

ކޮމްޕަލްޝަންގެ ހާލަތުގައި ފެނިދާނެ އަލާމާތްތައް

ކޮމްޕަލްޝަން އަކީ ތަކުރާރުކޮށް ކުރެވޭ އެކިކަންތައްތަކެވެ. ނޫނީ ތަކުރާރުކޮށް ވިސްނުމަށް އަންނަ ބޭކާރު ޚިޔާލުތަކާއި ފިކުރުތަކުގެ ކުރިމަތިވާ ހިތްހަމަނުޖެހުމާއި ނުތަނަވަސްކަން (އޮބްސެޝަންގެ ސަބަބުން އަންނަ ނުތަނަވަސްކަން) ކުޑަކޮށް އެކަމަށް ލުއިކަން ހޯދުމުގެ ގޮތުން ނޫނީ ދުރުހެލިވުމުގެ ގޮތުން އަމިއްލައަށް ތަކުރާރުކޮށް ކުރެވޭ ކަންތައްތަކެވެ. ނުވަތަ ކަންކަމެވެ. ނޫނީ އަމިއްލަ އުޅުމުގައި ފަރިތަކުރެވޭ ކަންތައްތަކެވެ. އޮބްސެޝަންގެ އުދަނގޫތަކުން ސަލާމަތްވުމަށް ތަކުރާރުކޮށް ކަންތައްތައް ކުރި ނަމަވެސް ބަލިމީހާއަށް ދާއިމީ ލުޔެއް ނުލިބެއެވެ. ބައެއް މީހުންނަށް ފަހަރުގައި ވަގުތީ ލުޔެއް ލިބިދާނެ އެވެ.

 

އޮބްސެޝަން އެކޭ އެއްގޮތަށް ކޮމްޕަލްޝަންގައި ވެސް އުދަނގޫތައް ހުންނަނީ ވަކި ތީމް ތަކަކަށެވެ. މިސާލަކަށް

·         ދޮވުން / ސާފުކުރުން

·         ޗެކުކުރުން

·         ގުނުން

·         ތަރުތީބުތޯ ބެލުން

·         ދިރިއުޅުމުގެ ކަންކަން ވަކި ގޮތަށް ރޭވުން (ސްޓްރިކްޓް ރޫލް ފޮލޯކުރުން)

·         ޔަގީންކޮށް ކަށަވަރުކުރުމަށް ބާރުއެޅުން ނޫނީ ޑިމާންޑްކުރުން

ކޮމްޕަލްޝަން ގެ އަލާމާތްތަކާ ނިޝާންތަކުގެ މިސާލުތައް

·         އަތުގެ ހުދުހަން ފޫދަންދެން އަތްތިލަދޮވުން

·         ދޮރު ތަޅުލާފައި ހުރިތޯ ޔަގީންކުރުމަށް އިރުއިރުކޮޅާ ޗެކުކުރުން

·         އުދުން ނިވާލާފައި ހުރިތޯ ޔަގީންކުރުމަށް އިރުއިރުކޮޅާ ޗެކުކުރުން

·         ވަކި ގޮތަކަށް އެއްޗެހި ގުނައި ހެދުން ނޫނީ ގުނައި ހެދުމުގެ ވެސް ވަކި އުސޫލެއް ގެންގުޅުން

o       ނޭވާލާއިރު ގުނުން / ފިޔަވަޅު ގުނުން / އެސްފިޔަޖަހާވަރު ގުނުން

o       ވަކި ނަންބަރުތަކަކީ ގޯސް ނަންބަރުތަކެއް ކަމަށް ގަބޫލުކުރެވުން : ގުނާއިރު އެފަދަ ނަންބަރަކަށްނުހުއްޓާވޭތޯ ބެލުން

o       މަގުމަތީ އޮންނަ އެއްޗެއް އެއްކައިރި ކުރާއިރު ވަކި އަދަދެއް ހަމަވަންދެން އެކަންކުރުން

·         ސިއްރުން ތަކުރާރުކޮށް އެއްބަހެއް ކިޔުން އެއް ޖުމުލައެއް ކިޔުން، ތަކުރާރުކޮށް ނަމާދުކުރުން

o       ރުކުނެއް އެޅުން / ނުބައިކޮށްކުރެވުނު ކަމަށް ހީކުރެވުން

އޯސީޑީ ގެ އަލާމާތްތަކުގެ ބައެއް މިސާލުތައް

·         ވަށައިގެންވާ މާހައުލު ނޫނީ ގެންގުޅޭ ތަކެތި ތާހިރުކުރުން އިތުރުވުން

·         އަބަދުވެސް އެއްޗެހި ސާފު ނޫންހެން ހީވުން

·         އަބަދު ތަކުރާރުކޮށް އެއްޗެހި ދޮވުން

·         ގިނަގިނައިން އަތްދޮވުން

·         އާދަޔާ ޚިލާފަށް ތަރުތީބުކުރުން

·         މާބޮޑަށް ކަންކަން ފުރިހަމަކުރުން

·         ކުދިކުދި ތަފްސީލްތަކަށް އިސްކަންދިނުން

 

އޯސީޑީ ހުންނަ މީހުންގެ ތެރެއިން ވެސް އެކި މީހުންނަށް އޯސީޑީ ވެވެނީ އެކި ކަންކަމަށެވެ. އޭގެ ތެރެއިން ބައެއް މީހުން ގިނައިން އަތް ދޮންނައިރު އަނެއް ބައި މީހުން ތަންތަން ތަރުތީބުކުރުމުގައި އަވަދިނެތި އުޅެ އެވެ. އެކަންކަން އެގޮތަށް ނުވެއްޖެނަމަ އެ މީހުންގެ ހަމަޖެހުން ގެއްލި ފިކުރުބޮޑުވާ ގޮތްވެ އެވެ. މިފަދަ އޮބްސެޝަންއެއް ހުރި މީހަކަށް އެއްޗިހި ތަރުތީބުކޮށް ރީތިކޮށް ނުހުންނަންނަ ނަމަ ވަރަށް އުދަނގޫވާނެ އެވެ.  އެފަދަ މީހުންގެ ފަރާތުން އަބަދުހެން ފެންނާނީ އަބަދުވެސް އެއްޗިހި ތަރުތީބުކޮށް ރީތި ކުރާ ތަނެވެ (އަހުމަދު ސާއިލް އަލީ، 2022). އަބަދު ދޮރު ތަޅުލެވުނު ބާއޭ ނުވަތަ އުދުން ނިވުނު ބާއޭ ހިތަށް އެރުމާއި އަދި ތަކުރާރުކޮށް އެކަންކަން ޗެކްކޮށް ޔަގީން ކުރިޔަސް އެފަދަ ހިޔާލުތައް އަނެއްކާ ވެސް އައުމަކީ ވެސް އޯސީޑީ ހުންނަ މީހުންނަށް ކުރިމަތިވާ ކަމެކެވެ(އަހުމަދު ސާއިލް އަލީ، 2022).

ދަރިޔަކު ލިބޭ ދުވަސް ވަރަކީ ބައެއް މައިންބަފައިންނަށް އޯސީޑީގެ އުނދަގޫ ވަރަށް ބޮޑަށް ކުރިމަތިވާ ދުވަސްވަރެކެވެ. މިސާލަކަށް ދަރިފުޅަށް އަނިޔާއެއް ވެދާނެތީ އަބަދު ހާސްވުން ނުވަތަ ބުއްފުޅި ކަހަލަ ދަރިފުޅު ބޭނުން ކުރާ އެއްޗިހި އާދަޔާ ހިލާފަށް އަބަދު ސާފުކުރުމަށް ބޭނުންވެ އެވެ. ނުވަތަ ދަރިފުޅު ނޭވާލާތޯ އަބަދު ބަލައި ޗެކް ކުރެވެ އެވެ. ބައެއް މީހުންނަށް ކުރީކޮޅު އެހެން ވުމަށް ފަހު ފަހުން ހަމަޔަކަށް އެޅެ އެވެ. އަނެއް ބައި މީހުންނަށް އެކަން ގިނަ ދުވަހަށް ކުރިމަތިވާ ބައްޔަކަށް ވެ އެވެ(އަހުމަދު ސާއިލް އަލީ، 2022).

މަތީގައި މި ދެވުނު މިސާލުތަކުގައި ހުރި ކަންކަމަކީ އަޅުގަނޑުމެން ކޮންމެ މީހަކަށް ވެސް މެދުވެރިވާ ކަންތައްތަކެވެ. ނަމަވެސް ކަންބޮޑުވާވަރު ވަނީ ނުވަތަ އޯސީޑީ ކަމުގައި ވަނީ މިފަދަ ހިޔާލުތަކާ އަމަލުތައް އަބަދު މެދުވެރިވާނަމަ އަދި މި ހިޔާލުތަކުގެ ސަބަބުން އާންމު ދިރިއުޅުމުގެ ކަންކަން ކުރުމަށް ބުރޫއަރަން ފެށުމުންނެވެ.އާންމު މީހަކާ ހިލާފަށް އޯސީޑީ ހުންނަ މީހުންނަށް މިފަދަ ހިޔާލުތަކާ ދުރުވާން އިންތިހާއަށް އުނދަގޫ ވާނެ އެވެ. އަދި ހަޔާތުގެ ހުރިހާ ދާއިރާއަކުން އެކަމުގެ ނޭދެވޭ އަސަރުތައް ފެނަން ފަށާނެ އެވެ. ހަމައަބަދު އެ ހިޔާލުތައް އުނދަގޫ ކުރާނެ އެވެ. އަދި އޭގެ ސަބަބުން އެންޒައިޓީ މެދުވެރިކުރުވުން ވަރަށް ގާތެވެ. ނަމަވެސް މިފަދަ މީހުންނަކީ މޮޔައިން ނުވަތަ ނުރައްކާތެރި ބައެއް ނޫނެވެ (އަހުމަދު ސާއިލް އަލީ، 2022).

 

ޓިކް ޑިސްއޯޑަރ އަދި އޯސީޑީ

 

އޯސީޑީ ހުންނަ ބައެއް މީހުންގެ ކިބައިގައި "ޓިކް ޑިސްއޯޑަރ "(tic disorder)  ވެސް ހުރެއެވެ. "ޓިކް" އަކީ ކުއްލިއަކަށް ތަކުރާރުކޮށް ގެންނަ (ކުރުކޮށް ނޫނީ ކުުރު މުއްދަތަކަށް) ހަރަކާތްތަކެއް ނޫނީ ލައްވާ އަޑުތަކެކެވެ. މޮޓޯ ޓިކްސް(motor tics) ގެ ތެރޭގައި އެސްފިޔަޖެހުން، ލޯތެޅުވުން، މޫނުމަތިން ނުރުހުމުގެ އަސަރު ފާޅުވުން، ކޮޑު އެރުވުން އަދި ބޯހޫރުން ފަދަ ކަންތައްތައް ހިމެނެއެވެ. ވޯކަލް ޓިކްސް(vocal tics) ގެ ތެރޭގައި ކަރުކެހުން، ނޭފަތް ދެމުން އަދި ދަތްކޭރުވުން ފަދަ ކަންތައްތައް ހިމެނެއެވެ.

 

ދިމާވެދާނެ މައްސަލަތައް

·         ދީނީ ކަންކަމުގައި އާދަޔާ ޚިލާފަށް ގިނަ ވަގުތު ހޭދަކުރުން

·         ތަކުރާރުކޮށް އަތްދޮވުމުގެ ސަބަބުން ކޮންޓެކްޓް ޑާރމަޓައިޓިސް ކުރިމަތިވުން

·         އާންމު ދިރިއުޅުމުގެ ކަންކަން (އޮފީހަށް ދިއުން، މަސައްކަތަށް ދިއުން، ސުކޫލަށްދިއުން) ފުރިހަމަކުރަން އުދަނގޫވުން

·         ދޭދޭ ގުޅުންތައް ދަމަހައްޓަން އުދަނގޫވުން

·         އާންމު ދިރިއުޅުމުގެ ފެންވަރު ދަށްވުން

·         އަމިއްލައަށް މަރުވުމުގެ ޚިޔާލުތައް ކުރެވުން

 

ދެނެގަތުން

އޯސީޑީ ދެނެގަތުމަށް އަންނަނިވި ކަންތައްތައް ކުރެވެއެވެ.

(ހ) ސައިކޮލޮޖިކަލް އިވެލުއޭޝަން އެއް ހެދުން : މީގެ ތެރޭގައި އޮބްސެޝަން ނޫނީ ކޮމްޕަލްޝަން ހުރިތޯ ޔަގީންކުރުމަށް އޮބްސެޝަން އަދި ކޮމްޕަލްޝަންގެ އަލާމާތްތަކާއި ނިޝަންތައް ހުރިތޯ ބެލުމަށް ބަލިމީހާއާއި ވާހަކަ ދައްކައި އެކަންކަން އޮޅުން ފިލުވުން ހިމެނެއެވެ. އަދި އެއުދަނގޫތަކުގެ ސަބަބުން އާންމު ދިރިއުޅުމުގެ ޒިންމާތައް ފުރިހަމަކުރުމަށް ބުރޫއަރައިފައިވޭތޯ ވެސް ބަލާނެ އެވެ. ބަލިމީހާގެ ހުއްދަ އާއި އެކު މިކަންކަން ކުރިމަތިވެފައިވޭތޯ ބެލުމަށް ބަލިމީހާގެ އާއިލާގެ މެންބަރުންނާއި ރަހުމަތްތެރިންނާއި ވާހަކަ ދައްކަން ވެސް ޖެހިދާނެ އެވެ.

(ށ) އޯސީޑީ އަށް ޑައިގްނޯސްކުރުމަށް ބޭނުންކުރާ ކްރައިޓީރިއާ : ޑައިގްނޯސްޓިކް އެންޑް ސްޓެޓިސްޓިކަލް މެނުއަލް އޮފް މެންޓަލް ޑިސްއޯޑަރ (DSM-5)އަކީ ނަފްސާނީ ބަލިތައް ދެނެގަތުމަށް އެމެރިކާގެ ސައިކިއެޓްރިކް އެސޯސިއޭޝަން އިން ތައްޔާރުކޮށް ބައިނަލް އަގްވާމީ ފެންވަރެއްގައި ބޭނުންކުރަމުންގެންދާ ޓޫލް އެކެވެ.

(ނ) ޖިސްމާނީ ގޮތުން ބެލުން : މިއީ އެހެން އެއްވެސް ޞިއްޙީ މައްސަލަ އެއް ހުރިތޯ އާއި، އަދި ބަލީގެ ސަބަބުން އިތުރު އެއްވެސް މައްސަލައެއް ދިމާވެފައިތޯ ބެލުމަށް ކުރެވޭ ކަމެކެވެ.

 

ޑައިގްނޯސްކޮށް ދެނެގަތުމުގައި ހުރި ގޮށްޖެހުންތައް

ބައެއް ފަހަރު އޯސީޑީ ދެނެގަތުމަކީ އެހާ ފަސޭހަ ކަމަކަށް ނުވެއެވެ. އެއީ އޯސީޑީ ގެ ބައެއް އަލާމާތްތައް އެހެން ބައެއް ނަފްސާނީ ބަލި ތަކުގެ އަލާމާތްތަކާއި އެއްގޮތްވުމެވެ. މިސާލަކަށް އޮބްސެސިވް ކޮމްޕަލްސިވް ޕާސަނަލިޓީ ޑިސްއޯޑަރ، ޑިޕްރެޝަން، އެންޒައިޓީ، ސްކިޒޮފްރެނިއާ ފަދަ ބަލިތަކުގައި ކުރިމަތިވާ ބައެއް އަލާމާތްތަކާއި އޯސީޑީގައި ކުރިމަތިވާ ބައެއް އަލާމާތްތައް ދާދި އެއްގޮތެވެ. އަދި ވަރަށް ގިނަ ފަހަރު އެހެން ނަފްސާނީ މައްސަލަތަކާއެކު  ވެސް އޯސީޑީ ހުރުމަކީ އެކަށީގެންވާ ކަމެކެވެ.

އޯސީޑީގެ ފަރުވާ

އޯސީޑީ އަށް ފަރުވާ ހޯދަންޖެހެނީ ބަލާބެލުންތަކާއި، ސައިކޮލޮޖިކަލް އިވެލުއޭޝަން އަދި އޯސީޑީ ހުރިތޯ ބެލުމަށް މިންކުރާ ޑައިގްނޯސްޓިކް ކްރައިޓީރިއާ އިން ބަލާބެލުންތަކުން ނޫނީ ފާހަގަވާ ކަންކަމުން އޯސީޑީ ކަން ޔަގީންވުމުންނެވެ. ހަމަ އޯސީޑީ ގެ އަލާމާތެއް ނޫނީ ނިޝާނެއް ފާހަގަވިޔަސް އަދި ފަރުވާ ހޯދާކަން ނުޖެހޭނެ އެވެ. ނަމަވެސް އޯސީޑީކަމަށް ޝައްކުވާނަމަ ލަސްނުކޮށް ނަފްސާނީ ބަލިތަކުގެ ޚާއްޞަ ޑޮކްޓަރަކަށް ދައްކައިގެން ކުރިޔަށް ދިއުމަކީ ބުއްދިވެރިކަމެކެވެ.

 

އޯސީޑީގައި ފަރުވާކުރަންޖެހޭ ހިސާބަކީ އޯސީޑީ ގެ އުދަނގޫތަކުގެ ސަބަބުން އަމިއްލަ ދިރިއުޅުމުގެ ޒިންމާތައް ނަގަން އުދަނގޫވާ ހިސާބަށް ދިއުމެވެ. މިސާލަކަށް ސާފުތާހިރުވުމާއި ތަންތަން ތަރުތީބު ކުރުން ފަދަ ކަންކަން ކުރުމުގެ ތެރެއިން އެ މީހަކަށް ވޭން އަޅުމާއި އެކަންކަން ކުރުމުގައި ގިނަ ވަގުތު ހޭދަ ކުރުން، އަދި އެކަންކަން ކުރަން އުޅެން ހަދައިގެން އެހެން ޒިންމާތައް އަދާ ކުރަން ދަތިވާ ހިސާބަށް ދިއުމަކީ އޯސީޑީ ބައްޔަކަށް ބަދަލުވާ ހިސާބެވެ. (ޑރ ޢާރިފް މުހައްމަދު، 2022).

"އޭގެ ޒާތުގައި ދެތިން ފަހަރު އަތް ދޮވުމަކީ މައްސަލައެއް ނޫން. އެކަމަކު އަތް ދޮވެދޮވެ އަތުން ހަންފޮޅި އެހާ ހިސާބަށް ދިޔައީމައި އެއީ ފަރުވާ ހޯދަން ޖެހޭ. އެކަމަކު މިއީ ވަރަށް އުނދަގޫ ބައްޔެއް މީހުންނަށް ވިސްނައިދޭން ގިނަ ފަހަރު،" ޑޮކްޓަރު އާރިފް ވިދާޅުވި އެވެ.(ޑރ ޢާރިފް މުހައްމަދު، 2022).

އޯސީޑީ އަކީ އެކަށޭނަ ގޮތެއްގައި ފަރުވާކުރެވިއްޖެނަމަ ރަނގަޅުކުރެވޭނެ ބައްޔެކެވެ. މައިގަނޑު ގޮތެއްގައި ދޭ ފަރުވާ އަކީ ބޭހުގެ އިތުރުން ސައިކޯތެރަޕީ އެވެ. އޯސީޑީ ބައެއް ފަހަރު ބައެއް މީހުންނަށް އެއްކޮށް ރަނގަޅުނުކުރެވުނަސް ބޭހާއި، ސައިކޯތެރަޕީގެ އެހީގައި ބަލީގެ އުދަނގޫތަކަށް ލުއިކަން ގެނެސްދީ ދިރިއުޅުން އާދައިގެ ގޮތަކަށް ކުރިޔަށް ގެންދިއުމަށް އެހީތެރިވެދެއެވެ. ކުރިމަތިވެފައިވާ ދަރަޖައަކަށް ބަލައި ބައެއް މީހުންނަށް ވަރަށް ދިގުމުއްދަތަށް ވެސް ފަރުވާކުރަން ޖެހިދާނެ އެވެ. ފަރުވާ އެންމެ ރަނގަޅަށް މަސައްކަތްކުރަނީ ބޭހާއި އެކުގައި ސައިކޯތެރަޕީ ވެސް ކުރިޔަށް ގެންދިއުމުންނެވެ.

އޯސީޑީ އަށް ފަރުވާކުރުމުގައި އެންމެ މުހިއްމު އެއްކަމަކީ އޯސީޑީ އަކީ ކޮބައިކަން ރަނގަޅަށް ދަސްކުރުމެވެ. އޯސީޑީއަށް އަމިއްލައަށް ކުރެވޭ ފަރުވާތަކުގެ ތެރޭގައި އޯސީޑީގެ ޝައްކުތަކަށް ތަބާނުވުން މުހިއްމެވެ. އޯސީޑީ ހުންނަ މީހުންނަށް އަޅުކަން ކުރުމުގައި ވެސް ދަތިތަކާ ކުރިމަތިވެ އެވެ. އެއީ ވުޟޫ ކުރުމާއި ނަމާދުގެ ރަކުއަތްތަކާ މެދު ސުވާލުތައް އުފެދުން ފަދަ ކަންކަން ވާތީ އެވެ. ދީނީ އިލްމުވެރިން ވިދާޅުވާގޮތުގައި އެފަދަ ޝައްކުތައް އުފެދޭނަމަ އެކަމުގައި އަމަލު ކުރަން ޖެހޭ ގޮތަކީ އެންމެ ބޮޑަށް ބުރަވާ އަދަދަކަށް ބަލައި، ކަންކަން ރަނގަޅަށް ކުރެވުނު ކަމަށް ނިންމުމެވެ.

އޯސީޑީ އަށް ފަރުވާކުރުމުގައި މައިގަނޑު ގޮތެއްގައި ބޭނުންކުރެވެނީ ސައިކޯތެރަޕީ އާއި ބޭހެވެ.

ސައިކޯތެރަޕީ

ސައިކޯތެރަޕީގެ ތެރެއިން ކޮގްނިޓިވް ބިހޭވިއަރަލް ތެރަޕީ އަކީ އޯސީޑީ ހުންނަ ގިނަ މީހުންނަށް ވަރަށް ކާމިޔާބު ފަރުވާ އެކެވެ. ކޮގްނިޓިވް ބިހޭވިއަރަލް ތެރަޕީ ގެ ތެރެއިން އާންމުކޮށް ބޭނުންކުރެވޭ އޯސީޑީގެ ފަރުވާގައި ބޭނުންކުރެވޭ އެއް އުކުޅަކީ "އެކްސްޕޯސަރ އެންޑް ރެސްޕޮންސް ޕްރެވެންޝަން"(exposure and response prevention) އެވެ. މިއުކުޅުގައި ބަލިމީހާއަށް ބިރުހީވާ ކަމަކަށް ހުށަހެޅުން މިސާލަކަށް ހަޑި އެއްޗަކަށް ހުށަހެޅުމަށްފަހު ބިރުހީވާހީވުމުން މިންޖުވުމަށް ކުރާ ކަންތައްތައް މިސާލަކަށް އަތްދޮވުމުން ރައްކާތެރިވުމަށް ކުރެވޭނެ ކަންކަން ނުވަތަ އެކަމާއި ދެކޮޅަށް މަސައްކަތްކުރާނެގޮތް ދަސްކޮށް ދެއެވެ. މިއުކުޅުގެ ތެރެއިން އޮބްސެޝަން އާއި ކޮމްޕަލްޝަންގެ އުދަނގޫތަކުން އަރައިގަންނާނެގޮތް ބަލިމީހާއަށް ދަސްކޮށްދެވި، އެކަމުގެ ސަބަބުން އާދައިގެ ގޮތެއްގައި ދިރިއުޅުމުގެ ކަންކަން ކުރިޔަށް ގެންދިއުމަށް ބަލިމީހާއަށް ފަސޭހަވެގެން ދެއެވެ.

އޯސީޑީގެ ބައްޔަށް ދޭ އެންމެ ރަނގަޅު އެއް ފަރުވާއަކީ ސައިކޮލޮޖިކަލް ތެރަޕީތަކެވެ. އެގޮތުން އާންމުކޮށް ކޮގްނިޓިވް ބިހޭވިއޮރަލް ތެރަޕީ އޯސީޑީ ހުންނަ މީހުންގެ އޮބްސެޝަންސް އާ ކޮމްޕަލްޝަންސްއާ ކުރިމަތިކާ ކޮންޓްރޯލް ކުރުމަށް އެހީތެރިވެދެ އެވެ. މިއީ ރާއްޖޭގައި ވެސް ތެރަޕިސްޓުން އާއްމުކޮށް އޯސީޑީއަށް ދޭ ފަރުވާ އެވެ (އަހުމަދު ސާއިލް އަލީ، 2022).

ބޭހުގެ ފަރުވާ

އޯސީޑީގައި ބޭހުގެ ފަރުވާވެސް ވަރަށް މުހިއްމު ކަން ފާހަގަ ކުރެވެއެވެ. އެހެންކަމުން ސައިކޯތެރަޕީގެ އިތުރުން އޯސީޑީ ކުރިމަތިވެފައިވާ މިންވަރު ބަލައި ޑޮކްޓަރުން ބޭސްވެސް ދެ އެވެ. އެގޮތުން ތަފާތު އެންޓިޑިޕްރެސަންޓްސް ބޭސްތައް ޑޮކްޓަރުން ބަލި މީހާއަށް ދެ އެވެ. އޯސީޑީގައި ބޮޑުވަރު ވެފައިވާނަމަ ބޭހާއި ނުލައި ރަނގަޅުވުމަކީ ވަރަށް އުނދަގޫ އަދި ނާދިރު ކަމެކެވެ. ނަމަވެސް ދާއިމަށް ބޭސްކާކަށް ނުޖެހޭނެ އެވެ.

 

އޯސީޑީގައި ކުރިމަތިވާ އޮބްސެޝަން އަދި ކޮމްޕަލްޝަންގެ އުދަނގޫތައް ކޮންޓްރޯލްކުރުމަށް ނަފްސާނީ ބަލިތަކަށް އާންމުކޮށްދޭ ބައެއް ބޭސްތައް ދީއުޅެއެވެ. އެގޮތުން އެންމެ ފުރަތަމަ މަސައްކަތްކުރަނީ އެންޓިޑިޕްރެޝަންޓްސް ދީގެން އުދަނގޫތައް ލުއިކުރެވޭތޯ އެވެ. އެގޮތުން އޯސީޑީގައި އާންމުކޮށްދޭ އެންޓިޑިޕްރެޝަންޓްސް ގެ ތެރޭގައި "ފުލޫއޮކްސީޓިން"، "ފުލޫވޮކްސަމައިން"، "ސާޓްރަލިން"، "ޕެރޮކްސީޓިން" އަދި "ކްލޮމިޕްރަމައިން" ފަދަ ބޭސްތައް ހިމެނެއެވެ. އާންމު ގޮތެއްގައި މިބޭސްތަކުން ނަތީޖާއެއް ފެންނަށް ގާތްގަނޑަކަށް 3-2 މަސް ދުވަހުގެ މުއްދަތެއް ހޭދަވުމަކީ އެކަށީގެންވާ ކަމެކެވެ.

އެހެނިހެން ފަރުވާތައް

ބައެއް ފަހަރު ސައިކޯތެރަޕީ އަދި ބޭހުން އެކަނި އެންމެ އެދެވޭ ނަތީޖާ ނުލިބެއެވެ. އެފަދަ ހާލަތްތަކުގައި ދެވޭ ފަރުވާތަކުގެ ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ.

(ހ) ޑީޕް ބްރެއިން ސްޓިމިއުލޭޝަން (deep brain stimulation): މިއީ އާންމުކޮށް އޯސީޑީގައި ދެވޭ ސައިކޯތެރަޕީ އާއި ބޭހުން އެންމެ އެދެވޭ ނަތީޖާ ނުލިބޭ އުމުރުން 18 އަހަރުން މަތީގެ މީހުންނަށް ދިނުމަށް ބޭނުންކުރެވޭ ފަރުވާ އެކެވެ. މިފަރުވާގައި ސިކުނޑީގެ ވަކި ހިސާބުތަކުގައި އިލެކްޓްރޯޑް ތަކެއް ހަރުކުރެވެއެވެ. މިއިލެކްޓްރޯޑް ތަކުން ސިކުނޑިން އުފައްދާ ޣައިރު ތަބީޢީ ސިގުނަލްތައް ތަންޒީމުކޮށްދިނުމަށް އިލެކްޓްރިކަލް ސިގުނަލްތަކެއް އުފައްދައިދެއެވެ.

(ށ) ޓްރާންސްކްރެނިއަލް މެގްނެޓިކް ސްޓިމިއުލޭޝަން (transcranial magnetic stimulation): މިއީ އުމުރުން 68 – 22 އަހަރާއި ދެމެދުގެ އޯސީޑީ މީހުންނަށް ބޭނުންކުރުމަށް ތައްޔާރުކޮށްފައިވާ ޚާއްޞަ ޑިވައިސް އެކެވެ. މިއީ ވެސް އާންމުކޮށް އޯސީޑީގައި ދެވޭ ސައިކޯތެރަޕީ އާއި ބޭހުން އެންމެ އެދެވޭ ނަތީޖާ ނުލިބޭ މީހުންނަށް ދީއުޅޭ ފަރުވާ އެކެވެ. މިފަރުވާގައި އިލެކްޓްރޯ މެގްނެޓިކް ކޮއިލް އެއް ނިއްކުރިއާއި ދިމާލުން ބޮލުގެ ނާށިގަނޑުގައި ހަރުކުރެވެއެވެ. މިއިލްކެޓްރޯ މެގްނެޓިކް ކޮއިލް އިން ފޮނުވާ ދަގައްފާނީ ވިންދު ތަކުން ސިކުނޑީގެ ނާރު ސެލް ތައް ހީވާގިކޮށް މުރާލިކުރުވައެވެ.

(ނ) ރިލެކްސޭޝަން ތެރަޕީ (relaxation therapy): އޯސީޑީ ހުންނަ މީހުންނަށް ރިލެކްސޭޝަން ތެރަޕީގެ ތެރޭގައި ހިމެނޭ މެޑިޓޭޝަން، މަސާޖުކުރުން ފަދަ ކަންކަމުން ވެސް ކޮންމެވެސް ވަރަކަށް އުދަނގޫތަކަށް ލުއިކަން ލިބޭކަން ފާހަގަ ކުރެވެއެވެ.  

އޯސީޑީ އިން ރައްކާތެރިވުން

އޯސީޑީ އިން ރައްކާތެރިވެވޭނެ ވަކި ގޮތްތަކެއް ނޫނީ ކަންތައްތަކެއް ހޯދިފައެއް ނުވެއެވެ. ނަމަވެސް އޯސީޑީ ކުރިމަތިވުމަށްފަހު އޭގެ އުދަނގޫތައް އިތުރަށް ގޯސްވިޔަ ނުދިމަށްޓަކައި، ލަސްނުކޮށް ފަރުވާ ފެށުމާއި، ޑޮކްޓަރުންގެ ލަފަޔާއި އިރުޝާދާއި އެއްގޮތަށް އަމަލުކުރުމަކީ މުހިއްމު ކަމެކެވެ. އަދި އެއީ އެކަމުގެ ސަބަބުން އާންމު ދިރިއުޅުމުގެ ކަންކަން ފުރިހަމަކުރުމަށް ދިމާވާ ހުރަސްތައް ނައްތާލުމަށް އެހީތެރިވެދޭނެ ކަމެކެވެ.

ނޯޓް : މިއީ މައުލޫމަތު ފެތުރުމުގެ ނިޔަތުގައި ލިޔެފައިވާ ލިޔުމެކެވެ.

 

ހަވާލާ

·         https://www.mayoclinic.org/diseases-conditions/obsessive-compulsive-disorder/symptoms-causes/syc-20354432

·         https://www.nhs.uk/mental-health/conditions/obsessive-compulsive-disorder-ocd/overview/

·         https://www.nimh.nih.gov/health/topics/obsessive-compulsive-disorder-ocd

·         https://www.webmd.com/mental-health/obsessive-compulsive-disorder

No comments:

Post a Comment