Wednesday, June 6, 2012

ޝެންކްރޮއިޑް

ޝެންކްރޮއިޑް
ޝެންކްރޮއިޑް(Chancroid) އަކީ ޖިންސީގުޅުމުގެ ޒަރިއްޔާއިން ފެތުރޭ ވަރަށް ނުރައްކާތެރި ބައްޔެކެވެ. މިއީ ޖިންސީ ގުނަވަނުގައި ވޭންހުންނަ ފާރުކޮޅެއް އުފެދުމާއެކު، ފައިވަޅުގައި ގޮށްލުން މެދުވެރިކުރުވާ ބައްޔެކެވެ. ކަޅު ފިރިހެނުންނަށް ޚާއްޞަކޮށް ޚިތާނުނުކޮށް ތިބޭމީހުންނަށް އަދި ކާވެނިކޮށްގެން އުޅޭ މީހުންނަށް މިބަލި ޖެހުމުގެ ފުރުޞަތު ނުވަތަ ޖެހޭ މިންވަރު އިތުރުކަން ފާހަގަ ކުރެވެއެވެ. ފަގީރުންނާއި ރަށްފުށުގެ މީހުންގެ މެދުގައި މިބަލި އާންމުކަން ފާހަގަ ކުރެވެއެވެ. ނަމަވެސް ދިވެހިރާއްޖޭގައި ޖިންސީގުޅުމުން އަރާ ބަލިތައް ބޮޑަށް ޢާންމުވެފައިވަނީ މީހުން ގިނަ ބައިބޯ ހިސާބުތަކުގައިކަމަށް ދިރާސާތަކުން ދައްކައެވެ. ކަސްބީންގެ ގޮތުގައި އުޅޭ ފިރިހެނުންނާއި އަންހެނުންގެ މެދުގައި ވެސް މިބަލި އާންމުކަން ފާހަގަ ކުރެވެއެވެ. ކޮންމެ އުމުރެއްގެ މީހަކަށް ވެސް ޖެހުމުގެ ފުރުޞަތު އޮތް މިބަލި ބޮޑަށް އާންމުވެފައިވަނީ ޒުވާނުންގެ މެދުގައިކަން ފާހަގަ ކޮށްލެވެއެވެ. ޝެންކްރޮއިޑް އަކީ އެޗްއައިވީ ފެތުރުމަށް މަގުފަހިކޮށްދޭ ބައްޔެއްކަން ވަނީ ހޯދިފައެވެ. ނުވަތަ އޭޑްސް ޖެހުމުގެ ފުރުޞަތު އިތުރުކުރާ ބައްޔެކެވެ.
 
ސަބަބު
ޝެންކްރޮއިޑް ޖެހެނީ ''ހީމޯފިލަސް ޑޫކްރައި''(Haemophilus ducreyi) ކިޔާ ބެކްޓީރިއާއެއްގެ ސަބަބުން ނެވެ. މިއީ އޮކްސިޖަން ނުވަތަ ވަޔާއި ނުލައި ވެސް ދިރިހުރުމުގެ ގާބިލްކަން ލިބިފައިވާ ގްރާމް ނެގެޓިވް ބެކްޓީރިޔާ އެކެވެ. މިބެކްޓީރިޔާ އިން ހަށިގަނޑަށް ގެއްލުން ދެނިވި ވިހަތައް އުފައްދަ އެވެ. މިޖަރާސީމު ހޯދާފައިވަނީ 1889 ވަނަ އަހަރު އުގަސްޓް ޑުކްރޭ ކިޔާ ޢިލްމުވެރި އެކެވެ.

ޝެންކްރޮއިޑް ޖެހޭގޮތް
·        ބަލި ޖެހިފައިވާ މީހަކާއެކު ޖިންސީ ގުޅުން ހިންގުން
·        ބައްޔާއި ގުޅިގެން ޖިންސީ ގުނަވަނުގައި އުފެދޭ ދޮސް އެކުލެވޭ ފާރުކޮޅުގައި ބީހުން
·        ބައްޔާއި ގުޅިގެން އުފެދޭ ފާރުކޮޅުގައި ހުރި ދޮސް ލޯ، އަދި ކެނޑިފައިވާ ތަނެއް ހުރަސްކޮށް ހަށިގަނޑަށް އެތެރެވުން
·        އަނގަ ބޭނުންކޮށްގެން ޖިންސީގުޅުން ހިންގުމުން ވެސް ބަލި ފެތުރޭކަން މިފަހަކަށް އައިސް ފާހަގަ ކުރެވިފައި ވެއެވެ.

މަގުފަހިކުރާ ކަންތައްތައް
·        ހަށިވިއްކުމުގެ ވިޔަފާރިކުރުން
·        ބަލި އާންމު ހިސާބުތަކުގައ ދިރިއުޅުން
·        ދިރިއުޅުމުގެ ހާލަތު ދަށް ފަގީރު މުޖުތަމަޢުގައި އުޅެންޖެހުން
·        މަސްތުވާތަކެތި ބޭނުންކުރުން
·        ނަސްލު : ކަޅު މީހުންނަށް ޖެހޭ ނިސްބަތް އިތުރެވެ.
·        އުމުރު : ޒުވާން އުމުރު ފުރާގެ މީހުންނަށް ޖެހޭ ނިސްބަތް އިތުރެވެ.

އަލާމާތްތައް
ބަލީގެ އުދަނގޫތައް ފެންނަން ހޭދަވާ މުއްދަތު (Incubation period): ބަލީގެ ޖަރާސީމް ހަށިގަނޑަށް ވަނުމަށްފަހު، ހަށިގަނޑުގައި ގިނަވެ، އިތުރުވެ، އޭގެ ސަބަބުން ބަލީގެ އުދަނގޫތައް ބަލިމީހާ އަށް ކުރިމަތިކުރުވުމަށް ވަކި މުއްދަތެއް ބޭނުން ވެއެވެ. އެގޮތުން ޝެންކްރޮއިޑްގެ ކުރިމަތިކުރުވާ ޖަރާސީމު ހަށިގަނޑަށް ވަނުމަށްފަހު އޭގެ އަލާމާތްތައް ފެނުމާއި ދެމެދު، 1 ދުވަހުން ފެށިގެން 2 ހަފްތާއާއި ދެމެދުގެ މުއްދަތެއް ހޭދަވެއެވެ. މިމުއްދަތު އެވްރެޖްކޮށް އުޅެނީ 10-4 ދުވަހާއި ދެމެދުގައެވެ.
ޝެންކްރޮއިޑް ޖެހުމުން ފެނިދާނެ އަލާމާތްތައް
ކުރިމަތި ފަރާތުގައި އުފެދޭ ފާރުކޮޅު: ބަލިޖެހޭ ފިރިހެނުންގެ ޖިންސީ ގުނަވަނުގައި އާންމު ގޮތެއްގައި އެކެއް ނުވަތަ އެއަށްވުރެ ގިނަ ފާރުކޮޅު އުފެދިފައި ހުންނާނެ އެވެ. ޝެންކްރޮއިޑް އާއި ގުޅިގެން ނަގާ ފާރުކޮޅު ފެށިގެން އަންނަނީ ކުޑަ ތުންބިއްސެއްގެ ސިފައިގައެވެ. އެއަށްފަހު ބިހީގެ ވަށައިގެން ރަތްވެ، ދުޅަވެ، ބިއްސަށް ދޮސްއެރި ދޮސްލައެވެ. އެއަށްފަހު ދޮސްފޮޅު ފަޅައިގެން ގޮސް ފުން ރިހުންހުރި ފާރުކޮޅެއް އުފެދެއެވެ. މަޑުމަޑުކޮށް ހުންނަ މިފާރުކޮޅުގެ ތެރޭގައި ރީނދޫ-އަޅި ކުލައިގެ ދޮސް ނުވަތަ ހަޑިއެއްޗެތި ހުރެއެވެ. ބައެއް ފަހަރު އެންމެ ފާރުކޮޅެއް ހުރެދާނެ އެވެ. އަނެއް ބައި ފަހަރު ގިނަވެގެން ގޮސް 10 ފާރުކޮޅު ހުރުމަކީ ވެސް ވެދާނެ ގޮތެކެވެ. އެގޮތުން އާންމުކޮށް ފިރިހެނުންގެ ހުންނަނީ އެންމެ ފާރުކޮޅެއް އުފެދިފައެވެ. އަންހެނުންގެ ގިނަ ފާރުކޮޅު އުފެދިފައި ހުންނަކަން ފާހަގަ ކުރެވެއެވެ. މިފާރުކޮޅުގެ ބޮޑުމިނުގައި 2-1 ސެންޓި މީޓަރު ވަރުހުރެއެވެ. ޚިތާނުކޮށްފައި ތިބޭ ފިރިހެނުންގެ ކުރިމަތިފަރާތުގައި މިފާރުކޮޅު އުފެދެނީ ބޯގަނޑުގެ ދަށްފުށުގައެވެ. ޚިތާނުނުކޮށް ތިބޭމީހުންގެ ކުރިމަތި ފަރާތުގައި މިފާރުކޮޅު އުފެދެނީ ބޯގަނޑުގެ ކޮޅު ނިވައިކޮށްދޭ ހަންކޮޅުގައެވެ. މިފާރުކޮޅުގެ ވަށައިގެން ވަރަށް ސާފުކޮށް އެނގެން ހުންނަ ބޯޑަރެއް ލެވިފައި ހުރެއެވެ. ބަލިޖެހޭ ފިރިހެނުންގެ ތެރެއިން 50 އިންސައްތަ މީހުންގެ ހަށިގަނޑުން ހަމައެކަނި ފެންނަނީ އެންމެ ފާރުކޮޅެކެވެ. އަންހެނުންނަށް އާންމުކޮށް 4 ފާރުކޮޅު ނުވަތަ އެއަށްވުރެ ގިނަ ފާރުކޮޅު އުފެދިފައި ހުންނާނެ އެވެ.
ފިރިހެނުންގެ ހަށިގަނޑުގައި މިފާރުކޮޅު އާންމުކޮށް އުފެދޭ ހިސާބުތަކުގެ ތެރޭގައި، ފިރިހެންހަށީގެ ބޯނިވައިކޮށްދޭ ހަންކޮޅު، ބޯގަނޑުގެ ދަށްފުށް، ފިރިހެންހަށީގެ ދަނޑި، ބޯގަނޑު، ކުޑަކަމުދާ ހޮޅީގެ ލޯވަޅު، އަދި އުރަވަޅި ފަދަ ތަންތަން ހިމެނެއެވެ.
ބަލިޖެހޭ ގިނަ އަންހެނުންނަށް މިބަލީގެ އަލާމާތްތައް ނުފެންނާތީ ފަހަރެއްގައި ބަލި ޖެހިފައި ހުރިނަމަވެސް ނޭގި ދިއުމަކީ ވެދާނެ ގޮތެކެވެ. ބަލިޖެހޭ އަންހެނުންގެ ފުށުން ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި ފަރުޖު، ފަރުޖުގެ ތުންފަތް، ފުރަގަސްފަރާތު ދޮރު، ކުޅަދިލި، ޖިންސީގުނަވަން، ދެދޮރު ދޭތެރެ، ރަހިމުގެ ކަރު، ނުވަތަ ފައިވަޅުގައި ފާރުކޮޅެއް ހެދުމާއެކު، ކުޑަކަމުދާއިރު ދިލަނަގައި ރިހުން، އަދި ޖިމާޢުވާއިރު ތަދުވުން ފަދަ ކަންތައްތައް ހިމެނެއެވެ. ބައެއް ފަހަރު ކުރިމަތި ފަރާތުން ހަޑި އެއްޗެތި އައުން، ބޮޑުކަމުދާއިރު ތަދުވުން، ފުރަގަސް ފަރާތުން ލޭއައުން ފަދަ ކަންތައްތައް ވެސް ކުރިމަތި ވެއެވެ.

އުކުޅުވަޅުގައި ގޮށްލުން : އުކުޅުވަޅުގައި ގޮށްލުން، އަދި ބައެއް ފަހަރު މިގޮށްތައް ފަޅައިގެން ގޮސް ދޮސް ބޭރުވާ ގޮތް ވެއެވެ. ޢާންމު ގޮތެއްގައި ގޮށްލަނީ ކޮންމެވެސް އެއްފަރާތެއްގެ އުކުޅުވަޅު ގައެވެ. ނަމަވެސް ދެފަރާތުގެ އުކުޅުވަޅުގައި ވެސް ގޮށްލުމަކީ ވެދާނެ ގޮތެކެވެ. ޝެންކްރޮއިޑް ޖެހޭ މީހުންގެ ތެރެއިން 60-30 އިންސައްތަ މީހުންނަށް ބަލިޖެހޭތާ 2-1 ހަފްތާގެ ތެރޭގައި އުކުޅުވަޅުގައި ގޮށްލުން ކުރިމަތި ކުރުވައެވެ. ފައިވަޅުގައި ގޮށްލުން ކުރިމަތިވާ މިންވަރު ފިރިހެނުންނަށް އިތުރެވެ. ގޮށްލުން ކުރިމަތިވާ މީހުންގެ ތެރެއިން 25 އިންސައްތަ މީހުންގެ ހަށިގަނޑުގައި މިގޮށް ދުޅަވެ، ބޮޑުވެ، މުލިއްސަކަށް ބަދަލުވެ، އޭގެ ޒާތުގައި ފެޅި ފާރުކޮޅަކަށް ބަދަލުވެއެވެ.

ދެޖިންސްގެ މީހުންނަށް ނުތަނަވަސްވުމާއި، ހުންއައުން، އަދި މާޔޫސްވުން ފަދަ ކަންކަން ކުރިމަތިވުމަކީ ވެދާނެ ގޮތެކެވެ.

ނޯޓް: މިބައްޔަށް "ޝެންކްރޮއިޑް"(Chancroid) އޭ ކިޔަނީ ސިފިލިސް އާއި ގުޅިގެން އުފެދޭ "ޝެންކަރ"(Chancre) އޭ ކިޔޭ ފާރުކޮޅާއި އެއްގޮތްކަމެއް ހުންނާތީ އެވެ.

ޝެންކްރޮއިޑްގެ ވައްތަރުތައް
(ހ) – ޓްރާންސިއެންޓް ޝެންކްރޮއިޑް (Transient chancroid): މިވައްތަރުގައި ޖިންސީ ގުނަވަނުގައި އުފެދޭ ފާރުކޮޅު 6-4 ދުވަހުގެ ތެރޭގައި ރަގަޅުވެއެވެ. އަދި 20-10 ދުވަހުގެ ތެރޭގައި ފައިވަޅުގައި ގޮށްލައި ދުޅަވެ ފާރުވާގޮތް ވެއެވެ.
(ށ) – ޑްވާރފް ޝެންކްރޮއިޑް (Dwarf chancroid): މިވައްތަރުގައި ހާރޕީޒް ޖެހުމުން އުފެދޭ ފާރުކޮޅު ފަދަ އެކެއް ނުވަތަ އެއަށްވުރެ ގިނަ ފާރުކޮޅު ޖިންސީ ގުނަވަނުގައި އުފެދޭގޮތް ވެއެވެ. ބައެއް ފަހަރު ފައިވަޅުގައި ގޮށްލުމަކީ ވެދާނެ ގޮތެކެވެ. އަދި އަނެއް ބައިފަހަރު ފައިވަޅުގައި ގޮށެއް ނުލާނެއެވެ.
(ނ) – ފޮލިކިޔުލަރ ޝެންކްރޮއިޑް (Follicular chancroid): މިވައްތަރުގައި ހަށިގަނޑުގައި އިސްތަށި ގިނައިން ހުންނަ ހިސާބުތަކުގައި ފާރުކޮޅު ތައް އުފެދޭގޮތް ވެއެވެ.
(ރ) – ޖަޔަންޓް ޝެންކްރޮއިޑް (Giant chancroid): މިވައްތަރުގައި ކުދި ބައިވަރު ފާރުކޮޅުތައް އެކުވެގެން ބޮޑު އެއް ފާރުކޮޅު ޖިންސީ ގުނަވަނުގައި އުފެދޭގޮތް ވެއެވެ.

ޝެންކްރޮއިޑް ޖެހިފައިހުރިކަން ދެނެގަތުން
ޝެންކްރޮއިޑް ޖެހިފައިހުރިކަން ދެނެގަތުން ބަރޯސާވަނީ ބަލިމީހާދޭ މަޢުލޫމާތާއި، ކުރިމަތިވެފައިވާ އުދަނގޫ، އަދި ހަށިގަނޑު ޗެކްކޮށް ބަލާ ބެލުންތަކުގެ މައްޗަށެވެ. ޖަރާސީމު ހުރިތޯ ކަލްޗަރކޮށްގެން ބެލުމާއި، ޕޮލިމެރޭޒް ޗެއިން ރިއެކްޝަން ޓެސްޓަކީ ވެސް ހަދައި އުޅޭ ޓެސްޓުތަކެވެ. ނަމަވެސް ވަރަށް ގިނަ ފަހަރު ކަލްޗަރކޮށްގެން ބަލީގެ ޖަރާސީމު ހޯދުން އޮންނަނީ އުދަނގޫ ކަމަކަށްވެފައެވެ.
އެމެރިކާގެ ސެންޓަރ ފޮރ ޑިޒީސް ކޮންޓްރޯލް އިންވަނީ ޝެންކްރޮއިޑް ދެނެގަތުމަށްޓަކައި ކްރައިޓީރިއާ އެއް ކަނޑައަޅާފައެވެ. އެއީ އަންނަނިވި ކަންތައްތައް ހިމެނިފައިވުމެވެ.
·        އެކެއް ނުވަތަ އެއަށްވުރެ ގިނަ ފާރުކޮޅު ޖިންސީ ގުނަވަން ހިމެނޭ ހިސާބުގައި ހުރުން
·        ފައިވަޅުގައި ނުވަތަ އުކުޅުވަޅުގައި ގޮށްލުން
·        ޝެންކްރޮއިޑް ސިފަތައް ހުރުން (ތަދުވެ ރިހޭ ފާރުކޮޅެއް + ބީހުމުން ތަދުވާ ގޮށެއް)
·        ޓްރެޕޮނީމާ ޕެލީޑަމް(ސިފިލިސްގެ ޖަރާސީމު) ހުރިތޯ ބަލާ ޓެސްޓު ނެގެޓިވްވުން
·        ހާރޕީޒް ސިމްޕްލެކްސް އަށް ހަދާ ޓެސްޓު ނެގެޓިވްވުން
ޝެންކްރޮއިޑް ޖެހިފައިވާ މީހުންނަށް ޝެންކްރޮއިޑް ހުރިތޯ ބެލުމަށް ޓެސްޓުކުރުމުގެ އިތުރުން ޖިންސީގުޅުމުންއަރާ އެހެން ބައްޔެއް (މިސާލަކަށް ސިފިލިސް، ހާރޕީޒް، ކިހުނުވުން، ކްލަމީޑިއާ، އަދި އޭޑްސް) ހުރިތޯ ޓެސްޓުކުރުމަކީ މުހިއްމު ކަމެކެވެ.

ނޯޓް: ސިފިލިސް އަދި ހާރޕީޒް ސިމްޕްލެކްސް އަކީ ޝެންކްރޮއިޑް އާއި އެއްގޮތް އުދަނގޫ ތަކެއް ކުރިމަތިވާ ވަރަށް އެއްވައްތަރުގެ ބަލިތަކެކެވެ.

ޝެންކްރޮއިޑް އަށް ފަރުވާކުރުން
ޝެންކްރޮއިޑް ޖެހޭ މީހުންނަށް ބޭސް ފެށުމުގެ ކުރިން ޖިންސީގުޅުމުން އަރާ އިތުރު ބައްޔެއް ހުރިތޯ ޓެސްޓުކޮށް ޔަގީންކުރަން ޖެހެއެވެ. އަދި ޝެންކްރޮއިޑް ޖައްސާ ޖަރާސީމު ހަށިގަނޑުން ފިލުވާލުމަށްޓަކައި އެކަށޭނަ އެންޓިބަޔޮޓިކްގެ ފަރުވާ ދޭން ޖެހެއެވެ. އެމެރިކާގެ ސެންޓަރ ފޮރ ޑިޒީސް ކޮންޓްރޯލް ޔުނިޓުން މިބައްޔަށް ފަރުވާކުރުމުގައި ބޭނުންކުރުމަށް ލަފާދީފައިވާ އެންޓިބަޔޮޓިކް ތަކުގެ ތެރޭގައި ހިމެނެނީ އެޒިތްރޯމައިސިން، ސެފްޓްރިއެކްސޯން، އިރިތްރޯމައިސިން، އަދި ސިޕްރޯފްލޮކްސަސިން އެވެ. އެގޮތުން މިއެންޓިބަޔޮޓިކްތައް ބޭނުންކުރުމަށް އިރުޝާދު ދީފައިވާގޮތް ތިރީގައި މިވަނީ އެވެ.
·        އެޒިތްރޯމައިސިން – 1 ގްރާމް – އެންމެ ފަހަރަކު ގުޅަ ބޭހުގެ ގޮތުގައި
·        ސެފްޓްރިއެކްސޯން – 250 މިލިގްރާމް – މަސްގަނޑަށް ޖަހާ އިންޖެކްޝަނެއްގެ ގޮތުގައި އެންމެ ފަހަރަކު
·        ސިޕްރޯފްލޮކްސަސިން – 500 މިލިގްރާމް ދުވާލަކު 2 ފަހަރު 3 ދުވަސްވަންދެން
·        އެރިތްރޯމައިސިން – 500 މިލިގްރާމް ދުވާލަކު 3 ފަހަރު 7 ދުވަސްވަންދެން

މާބަނޑު މީހުންނާއި ގާތުންކިރުދޭ މައިންނަށް ސިޕްރޯފްލޮކްސަސިން ދިނުން އެދެވިގެނެއް ނުވެއެވެ. އެޒިތްރޯމައިސިން އަދި ސެފްޓްރިއެކްސޯންގެ ފަރުވާ ބޮޑަށް ކުރަނީ އެންމެ ޑޯޒެއްގެ ސިފައިގައި ދިނުމުންނެވެ. ދުނިޔޭގެ ބައެއް ހިސާބުތަކުގައި ސިޕްރޯފްލޮކްސަސިން އަދި އެރިތްރޯމައިސިން އަށް ޝެންކްރޮއިޑްގެ ޖަރާސީމު ނުގުޑާކަން ފާހަގަ ކުރެވިފައި ވެއެވެ. 2009 ވަނަ އަހަރު ބްރެޒިލްގައި ހަދާފައިވާ ދިރާސާއެއް ދައްކާގޮތުން ތިއެމްފެނިކޯލް ގެ އެންމެ ޑޯޒެއް ދީގެން ޝެންކްރޮއިޑް އަށް ފަރުވާކުރުމުގެ ފައިދާ އެޒިތްރޯމައިސިން ބޭނުންކުރުމަށްވުރެ ބޮޑުކަމަށް ވަނީ ދައްކާފައެވެ. ޚިތާނުނުކޮށް ތިބޭމީހުންނާއި، އޭޑްސް ޖެހިފައިވާ މީހުންނަށް އެންޓިބަޔޮޓިކް ބޭނުންކޮށް ބަލި ރަގަޅުވާ ފަހުން ވެސް އަނެއްކާ ވެސް ޝެންކްރޮއިޑް ޖެހުމަކީ ވެދާނެ ގޮތެކެވެ.

މިބައްޔާއި ގުޅިގެން ދުޅަވެ ދޮސްލާފައިވާ ގޮށް ފަޅާލައި، ނުވަތަ އިންޖެކްޝަން ކަށްޓެއް ފަދަ އެއްޗެއް ހަރައިގެން އޭގައި ހުރި ދިޔަތައް ނެރެ ސާފުކުރުމަކީ ކުރަންޖެހޭ ކަމެކެވެ. އަދި އުފެދިފައިވާ ފާރުގަނޑު ރަގަޅަށް ސާފުކޮށް ބެލެހެއްޓުމަކީ ވަރަށް މުހިއްމު ކަމެކެވެ. ފަރުވާ ނަގަމުންދާ ދުވަސްވަރު ޖިންސީގުޅުމުން ދުރުހެލިވުމަކީ މުހިއްމު ކަމެކެވެ.

ޝެންކްރޮއިޑްގެ ފަރުވާ އަމާޒުކުރެވެނީ ޝެންކްރޮއިޑްގެ ޖަރާސީމު ހަށިގަނޑުން ނައްތާލުމަށެވެ. ބޭހުގެ ފަރުވާ ފަށާތާ 3 ދުވަހުގެ ތެރޭގައި ބަލި ފަސޭހަވާކަން އެނގޭނެ އެވެ. ހަފްތާއެއްގެ ތެރޭގައި ފާރުކޮޅު ފަސޭހަ ވެދެއެވެ. އެކަށޭނަ މުއްދަތަށް ފަރުވާ ނުކުރުން، އަދި ނުބައި ޑައިގްނޯސް އެއް ކުރުމަކީ ބަލި ފަސޭހަނުވެ ހިގައިދާނެ ކަމެކެވެ. ބަލިޖެހިފައިވާ މީހުންނަށް ފަރުވާ ކުރާއިރު، އޭނާއެކު ޖިންސީގުޅުން ހިންގާފައިވާ ފަރާތްތަކަށް، ފަރުވާ ދޭންޖެހެއެވެ.

ޝެންކްރޮއިޑް އިން ރައްކާތެރިވުން
ޝެންކްރޮއިޑް އިން ރައްކާތެރިވުމަށް އަންނަނިވި ކަންތައްތައް ކުރެވިދާނެއެވެ.
·        އިސްލާމީ ހަމަތަކާއި އުޞޫލްތަކާއި އެއްގޮތްވާގޮތުގެ މަތިން ޖިންސީ ގުޅުން ހިންގުން
o       އެއްޖިންސުން ގުޅުން ނުހިންގުން
o       ފުރަގަސްފަރާތުން ޖިންސީގުޅުން ނުހިންގުން
o       ވަފާތެރި އެކަކު ޚިޔާރުކުރުން
o       ހަށިނުވިއްކުން
·        ޖިންސީ ގުޅުން ހިންގާއިރު ހުރަސް ފަދަ ތަކެތި ބޭނުންކުރުން
·        ބަލި ޖެހިފައިވާނަމަ ރަގަޅުވަންދެން ޖިންސީ ގުޅުން ހިންގުމާއި ދުރުހެލިވުން 
·        ބަލީގެ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ޑަކްޓަރެއްގެ އިރުޝާދާއި ލަފާހޯދުން

މަޢުލޫމާތު:
·        ޖިންސީ ގުޅުން ހިންގުމުން ޖެހޭ ބަލިތައް – ދުނިޔޭގެ އޭޑްސް ދުވަސް 2004– ލީފްލެޓް – ޑިޕާޓްމަންޓް އޮފް ޕަބުލިކް ހެލްތު – 2004
·        ޖިންސީ ގުޅުމުން އަރާ ބަލިތައް - – ލީފްލެޓް – ޑިޕާޓްމަންޓް އޮފް ޕަބުލިކް ހެލްތު – 2002
·        ކަވާސާ.ކޮމް
·        އިންޓަނެޓްގެ ބައެއް ވެބްސައިޓް ތައް


No comments:

Post a Comment