Showing posts with label ދަރިން ހެދިބޮޑުވުން. Show all posts
Showing posts with label ދަރިން ހެދިބޮޑުވުން. Show all posts

Sunday, January 10, 2016

ދަރިން ތަރުބިއްޔަތުކުރުން : ފުރާވަރު އުމުރުފުރާ



ދަރިން ތަރުބިއްޔަތު ކުރުމުގައި މައިންބަފައިންގެ ދައުރު : ފުރާވަރުގެ އުމުރު ފުރާ (ފަނަރަ އަހަރާއި، ސަތާރަ އަހަރާއި ދެމެދުގައި)
ހެދިބޮޑުވަމުން އަންނަގޮތް
މިއީ ފުރާވަރު ކުދިންގެ ވިސްނުމާއި، އިހުސާސްތަކާއި، އެހެން މީހުންނާއި އޮންނަ ގުޅުމާއި، ހަށިގަނޑަށް ބޮޑެތި ބަދަލުތަކެއް އަންނަ ދުވަސްވަރެކެވެ. ގިނަ އަންހެންކުދިން މިއުމުރު ފުރާގައި ތިބޭނީ ޖިސްމާނީ ގޮތުން ފުރާ ފުރިހަމަވެފައެވެ. ނަމަވެސް ބައެއް ފިރިހެން ކުދިން މިއުމުރުގައި އަދި ވެސް ޖިސްމާނީ ގޮތުން ފުރިހަމަވަމުން ދިއުމަކީ އެކަށީގެންވާ ކަމެކެވެ. ހަށިގަނޑުގެ މިނާއި، ބައްޓަމާއި، ބަރުދަނާއި މެދު މިއުމުރުގައި ފުރާވަރުގެ ކުދިން ކަންބޮޑުވުމަކީ ނޫނީ ވިސްނުމަކީ އެކަށީގެންވާ ކަމެކެވެ. ކެއުމާއި ގުޅުން ހުރި މައްސަލަތައް ޚާއްޞަކޮށް އަންހެންކުދިންގެ ފުށުން ފާހަގަވުމަކީ އެކަށީގެންވާ ކަމެކެވެ. މިދުވަސްވަރަކީ ކޮންމެ ކުއްޖެއް ވެސް އެކުއްޖެއްގެ ކިބައިގައި ހުންނަ ޚާއްޞަ ކަންތައްތަކެއް އުފެދިގެން އަންނަ ދުވަސްވަރެވެ. ރަހުމަތްތެރިންނާއި އޮންނަ ގުޅުން ބަދަހިވެ، ގާތް ގުޅުންތައް ގާއިމުވެގެން ދިއުމަކީ އެކަށީގެންވާ ކަމެކެވެ. މިއީ އަމިއްލައަށް އިސްނަގައިގެން، އަމިއްލައަށް ޒިންމާ ނަގައިގެން ކަންކަން ފަށާ، ބައެއް ކުދިން މަސައްކަތްކުރަން ފަށާ ދުވަސްވަރު ވެސް މެއެވެ. ބައެއް ފަހަރު ބައެއް ކުދިން ސުކޫލް ނިމުމާއެކު އިތުރަށް ކިޔެވުމަށްޓަކައި ރަށްރަށުން މާލެއަށް ނޫނީ ރާއްޖެއިން ބޭރަށް ދިއުމަކީ އެކަށީގެންވާ ކަމެކެވެ. މިފަދަ ހާލަތްތަކުގައި ކުދިން އުޅެންޖެހޭނެ ރަނގަޅު ގޮތްތައް މައިންބަފައިންގެ ކިބައިން އެނގި ދަސްވެފައި ހުރުމަކީ މުހިއްމު ކަމެކެވެ. 


އާތިފީ، އިޖުތިމާޢީ ގޮތުން އަންނަ ބަދަލުތައް
o       އިދިކޮޅު ޖިންސުގެ ކުދިންނަށް ހުންނަ ޝައުގުވެރިކަން ބޮޑުވުން
o       މައިންބަފައިންނާއި މެދު އޮންނަ ގުޅުން ކުރިޔަށްވުރެ ރަނގަޅުވުން
o       އަމިއްލަ އިސްނެގުމާއި، ކަންކަންކުރުމުގެ ޝައުގުވެރިކަން އިތުރުވުން
o       ގާތް ރަހުމަތްތެރިކަން ގާއިމުކުރުމުގައި އަޅާލުމާއި އޯގާތެރިކަން ކުދިންގެ ފުށުން ފެނުން
o       މައިންބަފައިންނާއެކު ހޭދަވާ ވަގުތު މަދުވެ، ރަހުމަތްތެރިންނާއެކު ގިނަވަގުތު ހޭދަކުރުން
o       މާޔޫސްވެ، ދެރަވެ، މޮޅިވެރިވެ، ކިޔެވުމުގައި ދަށް ނަތީޖާ ލިބުން
o       އެކި ކަހަލަ ނޭދެވޭ އާދަތަކުގެ ތެރެއަށް ކުއްޖާ ދިއުމަށް މަގުފަހިވުން
ވިސްނުމާއި، އުނގެނުމަށް އަންނަ ބަދަލުތައް
o       ކަންކަމާމެދު ފުންކޮށް ވިސްނައި ހެދުން، އަދި ކަންކަން ތަރުތީބުން ރީތިކޮށް ކުރަން އެނގުން
o       ކުއްޖާގެ މުސްތަގުބަލާއި މެދު ވިސްނައި ފިކުރު ކުރަން ފެށުން
o       ކަންކަމުގެ ހެވާއި ނުބައި ރަނގަޅަށް ވަކިކުރަން އެނގުން އަދި އެކަމުގެ ސަބަބު ބުނެދޭން އެނގުން
ތަރުބިއްޔަތު ކުރުމުގައި ބެލިދާނެ ކަންތައްތައް
·         ދަރިފުޅުގެ ކަންކަމަށް ޚާއްޞަ ސަމާލުކަމެއް ދޭށެވެ. ދަރިފުޅަށް އަންނަ ބަދަލުތައް ގާތުން ބަލަމުން ގެންދާށެވެ. ދަރިފުޅު މާބޮޑަށް ދެރަވެ މާޔޫސްވެގެން އުޅޭނަމަ އެކަން މެދުވެރިވި ސަބަބު ހޯދާށެވެ. ޞިއްޙީ އެހީތެރިއަކަށް ދައްކަން ޖެހިއްޖެ ހިނދެއްގައި އެފަދަ ފަރާތެއްގެ ލަފާ ހޯދުމަކީ އެންމެ ބުއްދިވެރި ގޮތެވެ.
·         ދަރިފުޅު ސުކޫލްގައި ހިންގާ ހަރަކާތްތަކުގައި ބައިވެރިވުމަށް ބާރުއަޅައި އެކަމަށް ހިތްވަރުދީ އެހީތެރިވެދޭށެވެ.
·         ދަރުމަވެރިވުމުގެ މަސައްކަތްތަކުގައި ބައިވެރިވުމަށް ހިތްވަރުދޭށެވެ.
·         ދަރިފުޅަށް ލިބޭ ކާމިޔާބީތައް އުފަލާއެކު ފާހަގަކޮށް، އެކަމަށް މަރުހަބާ ކިޔާށެވެ.
·         ދަރިފުޅާއެކު ވަގުތު ހޭދަކޮށް، ދަރިންނަށް މައިންބަފައިންގެ ފުށުން ބޭނުންވާ ލޯބި ދޭށެވެ.
·         ދަރިފުޅުގެ ޚިޔާލާ ފިކުރަށް އިހުތިރާމް ކުރާށެވެ. ދަރިފުޅުގެ ކަންބޮޑުވުން އަޑުއަހައި، އެކަމުގައި އެހީތެރިކަން ފޯރުކޮށް ދޭށެވެ.
·         ކުރިމަތިވާ ދެބަސްވުންތަކާ، އަރާރުންތައް އަމިއްލައަށް ހައްލުކުރުމަށް ހިތްވަރުދޭށެވެ. ކަންކަމުގައި ރަގަޅު ނިންމުންތައް ނިންމަން ދަރިފުޅަށް އެހީތެރިވެދޭށެވެ. އަމިއްލައަށް ގޮތްނިންމަންޖެހޭ ކަހަލަ ފުރުޞަތުތައް ފަހިކޮށްދޭށެވެ. އަދި އެފަދަ ހާލަތްތަކުގައި ގޮތް ނިންމުމަށް އެހީތެރިވެދޭށެވެ.
·         ރަގަޅު ފައިދާހުރި ގޮތުގައި އިންޓަނެޓް ބޭނުންކުރުމަށް ބާރުއަޅާށެވެ. ފޭސްބުކް ފަދަ ތަކެތި ބޭނުންކުރާއިރު ބަލައިގެން އުޅުމަށް، އަދި ވަކި ވަގުތެއް އެކަމަށް ހޭދަކުރުމަށް ބާރުއަޅާށެވެ.
·         ކުރިމަތިވާ ގޮށްޖެހުންތަކުގައި ކެތްތެރިކަމާއެކު ކުރިޔަށް ދިއުމަށް ލަފާދީ، އެގޮށްޖެހުންތަކާ އެކު ވެސް ދިރިއުޅުން ވޭތިކުރާނެ ރަގަޅުގޮތްތައް ބުނެ އޮޅުން ފިލުވައިދޭށެވެ.
ދަރިފުޅުގެ ރައްކާތެރިކަން
·         މިއުމުރުގައި އެކަނި ސައިކަލް ދުއްވުމަކީ މަނާކަމެއްކަން ދަރިފުޅު ގާތުގައި ބުނާށެވެ. ބައިސްކަލް ދުއްވުން، ކުޅިވަރުތަކުގައި ބައިވެރިވުން، މޫދަށްއެރުން ފަދަ ކަންތައްތަކުގައި ރައްކާތެރިވުމުގެ ގޮތުން އަމަލުކުރަންޖެހޭ އުސޫލްތަކަށް ތަބާވުން މުހިއްމެވެ.
·         ދުންފަތުގެ އިސްތިއުމާލުކުރުން، މަސްތުވާތަކެތި ބޭނުންކުރުން، ނަހަމަގޮތުގައި ޖިންސީ ގުޅުންހިންގުން ފަދަ ކަންކަމުގައި ހުރި ނުރައްކާތެރިކަން ދަރިފުޅަށް ވިސްނާދީފައި ބާއްވާށެވެ. މިކަންކަމާ ގުޅޭގޮތުން ދަރިފުޅުގެ ޚިޔާލު ހޯދައި، ތިބާއަށް ފެންނަގޮތް، އަދި އަމަލުކުރަންޖެހޭގޮތް ދަރިފުޅަށް ކިޔާދީފައި ބާއްވާށެވެ. ދަރިފުޅު ކުރާ  ދައްކާ ވާހަކަތައް އަޑުއަހައި، ކުރާ ސުވާލުތަކަށް ބީރުކަންފަތެއް ނުދީ، ތެދުވެރިކަމާއެކު، ސީދަލަށް ޖަވާބުދޭށެވެ.
·         ރަގަޅު ކަންކަމަށް ޝައުގުވެރިކަން ހުންނަކުދިން ރަހުމަތްތެރިންގެ ގޮތުގައި ޚިޔާރުކުރުމާއި ގެންގުޅުމަށް ދަރިފުޅަށް ބާރުއަޅާށެވެ.
·         ދަރިފުޅު އެހެން މީހަކު/ބަޔަކާއެކު ފޮނުވާނަމަ ދާތަނެއް/އުޅޭތަނެއް އެގެންވާނެ އެވެ. އަދި ތަނަކަށް ފޮނުވާނަމަ ފޮނުވަންވާނީ އިތުބާރުކުރެވޭ، ޒިންމާ ނެގޭވަރުގެ މީހަކާ އެކުގައެވެ. ސުކޫލް މަދަރުސާގެ ހަރަކާތަކަށް ދާނަމަ، ނިމޭގަޑިއާއި، ބަލައިދާންޖެހޭ ވަގުތާއި، ގެއަށް އަންނާނެ ވަގުތު ހޯދާފައި ބޭއްވުން މުހިއްމެވެ.
·         ގޭގައި އެކަނި ހުންނަން ޖެހިއްޖެނަމަ އަމަލުކުރަންޖެހޭގޮތް ރަގަޅަށް ކިޔާދީފައި ބާއްވާށެވެ. ގެއަށް ރައްޓަހި ކުދިން ގެނައުމާއި، ދިމާވާ ނުރައްކާތެރި ހާދިސާތަކުގައި އަމަލުކުރަންޖެހޭގޮތް ކިޔާދީފައި ބާއްވާށެވެ. ގޭގައި ހަދަން ދީފައި ހުންނަ ފިލާވަޅުތައް ހަދައި މުތާލިއާކޮށް، ގޭތެރޭގެ ހުންނަ ކުދިކުދި މަސައްކަތްތައް ކުރުމަށް ބާރުއަޅާށެވެ.
ދުޅަހެޔޮ ހަށިގަނޑު
·         ރަގަޅަށް ނިދުމަށް ބާރުއަޅާށެވެ. ފައިދާހުރި ކާނާ ބޭނުންކުރުމަށް ބާރުއަޅާށެވެ. ހަރަކާތްތެރިވެ އުޅުމަށް ބާރު އަޅާށެވެ. ދުވާލަކު މަދުވެގެން 1 ގަޑިއިރު ކޮންމެވެސް ކަހަލަ ކަސްރަތެއް ކުރުމަށް ބާރުއަޅާށެވެ.
·         ދަރިފުޅު ކޮޓަރީގައި ޓީވީ ނުބަހައްޓާށެވެ.
·         އާއިލާގެ އެންމެން އެކުގައި ކެއުމުގެ އާދަ އަށަގަންނުވާށެވެ. ދިރާސާތަކުން ދައްކާގޮތުގައި މައިންބަފައިންނާއި އެއް ސުފުރާމަތިން ދަރިން އެއްވަގުތެއްގައި ކައި ހެދުމަކީ ސުކޫލްގައި ރަގަޅު ނަތީޖާ ހޯދުމަށް އެހީތެރިވެދޭ ކަމެކެވެ. ދުންފަތުގެ އިސްތިއުމާލުކުރުމާއި، މަސްތުވާތަކެތި ބޭނުންކުރުން ފަދަ އާދަތަކުން ދުރުކޮށްދޭނެ ކަމެކެވެ.
މައުލޫމާތު :

ދަރިން ތަރުބިއްޔަތުކުރުން : ފުރާވަރުފެށޭ އުމުރުފުރާ



ދަރިން ތަރުބިއްޔަތު ކުރުމުގައި މައިންބަފައިންގެ ދައުރު : ފުރާވަރު ފެށޭ ނޫނީ ފުރާވަރުގެ ކުރީކޮޅުގެ އުމުރު ފުރާ (ބާރަ އަހަރާއި، ސާދަ އަހަރާއި ދެމެދުގައި)
ހެދިބޮޑުވަމުން އަންނަގޮތް
މިއީ ޖިސްމާނީ، ނަފްސާނީ، އާތިފީ، އަދި އިޖުތިމާޢީ ގޮތުން ވަރަށް ގިނަ ބަދަލުތަކެއް ކުދިންނަށް އަންނާނެ ދުވަސްވަރެކެވެ. ހޯރމޯން އަންނަ ބަދަލުތަކާއި ގުޅިގެން މިއުމުރަށްދާއިރު ތިބޭނީ ބާލިޣުވެފައެވެ. ފިރިހެންކުދިންގެ އަޑުބަރުވެ، މޫނާއި، ކުރިމަތި ފަރާތް ހިމެނޭ ހިސާބުގައި އިސްތަށި ފަޅާނެއެވެ. އަންހެންކުދިންގެ އުރަމަތި ނިކުންނަށް ފަށާނެ އެވެ. ކުރިމަތި ފަރާތުގައި އިސްތަށި ފަޅައި، މައްސަރު ކަންތައް ޖެހެން ފަށާނެ (ބާލިޣުވާނެ) އެވެ. ބައެއް ކުދިން މިއުމުރުގައި މިބަދަލުތަކާއި ގުޅިގެން އެކުދިންގެ ސިފަޔާއި މެދު ކަންބޮޑުވުމަކީ ވެދާނެ ގޮތެކެވެ. މިއީ ރަހުމަތްތެރިންގެ ފަރާތުން ނުފޫޒާއި، ފިއްތުންތައް އެންމެ ބޮޑަށް ކުރިމަތިވާ ދުވަސްވަރެވެ. ބައެއް ފަހަރު މިފަދަ ފިއްތުންތަކުގެ ސަބަބުން ދުންފަތުގެ އިސްތިއުމާލުކުރުމާއި، ޖިންސީގުޅުން ހިންގުމާއި، މަސްތުވާތަކެތި ބޭނުންކުރުން ފަދަ ގޯސް އާދަތަކުގެ ތެރެއަށް ކުއްޖާ ދިއުމަކީ އެކަށީގެންވާ ކަމެކެވެ. ކުދިން އަމިއްލައަށް އެކުދިން ބޭނުންވާ ޚިޔާރުތައް އިޚްތިޔާރު ކުރެއެވެ. އަމިއްލަ ނަފުސަށް އޮންނަ އިތުބާރު ބޮޑުވެ، އަމިއްލަ ޝަޚުޞިއްޔަތު ދެނެގަނެ، ކަންކަމަށް ހުންނަ ޝައުގުވެރިކަން އިތުރުވެއެވެ. 
  
އާތިފީ، އިޖުތިމާޢީ ގޮތުން އަންނަ ބަދަލުތައް
o       ކުއްޖާގެ ސިފަޔާއި ހުންނަ ގޮތަށް ދޭ ސަމާލުކަން އިތުރުވުން
o       އެކިކަންކަމާ މެދު ފުންކޮށް ވިސްނައި، ބައެއް ފަހަރު ވަކިގޮތެއް ޚިޔާރުކުރަން ނޭނގިގެން އުޅުން
o       ހިތްހަމަނުޖެހުމާއި ނުތަނަވަސްކަން ތަޖުރިބާކުރެވޭ މިންވަރު އިތުރުވުން
o       ރަހުމަތްތެރިންގެ ފަރާތުން ނުފޫޒާއި، ފިއްތުންތައް އިތުރުވުން
o       މައިންބަފައިން ބުނާއެއްޗަކަށް މާބޮޑު ސަމާލުކަމެއް ނުދިނުން، ރުންކުރުވެ، ރުޅިއައިސްފައިހުރުން
o       ސުކޫލްގެ ވާދަވެރިކަން އިތުރުވެ، ސްޓްރެސް ބޮޑުވުން
o       ކެއުމާއި ގުޅުންހުރި މައްސަލަތައް ކުރިމަތިވުން
o       މާޔޫސްވެ، ދެރަވެ، މޮޅިވެރިވެ، ކިޔެވުމުގައި ދަށް ނަތީޖާ ލިބުން
o       އެކި ކަހަލަ ނޭދެވޭ އާދަތަކުގެ ތެރެއަށް ކުއްޖާ ދިއުމަށް މަގުފަހިވުން
ވިސްނުމާއި، އުނގެނުމަށް އަންނަ ބަދަލުތައް
o       ކަންކަމާމެދު ފުންކޮށް ވިސްނައި ހެދުން
o       ވާހަކަ ދައްކައިގެން އިހުސާސްތަކާއި ޝުޢޫރުތައް ހާމަކުރުމުގެ ގާބިލިއްޔަތު އިތުރުވުން
o       ކަންކަމުގެ ހެވާއި ނުބައި ރަނގަޅަށް ވަކިކުރަން އެނގުން
ތަރުބިއްޔަތު ކުރުމުގައި ބެލިދާނެ ކަންތައްތައް
·         ދުންފަތުގެ އިސްތިއުމާލުކުރުން، މަސްތުވާތަކެތި ބޭނުންކުރުން، ޖިންސީ ގުޅުންހިންގުން ފަދަ ހައްސާސީ (ނާޒުކު) ކަންކަމާބެހޭގޮތުން ސީދާ ދަރިފުޅާ ވާހަކަ ދައްކާށެވެ. މަޑުމައިތިރިކަމާ ތެދުވެރިކަމާއެކު ވާހަކަ ދައްކާށެވެ.
·         ދަރިފުޅުގެ ރަހުމަތްތެރިންގެ ތެރެއިން ފުރާވަރަށްދާއުމުރުގެ ރަހުމަތްތެރިންނާއި ބައްދަލުކޮށް އެއީ ކޮންކަހަލަ ބައެއްކަން ދެނެގަންނާށެވެ.
·         ދަރިފުޅުގެ ސުކޫލްގައި ހިންގާ ކަންކަމަށް ޚާއްޞަ ޝައުގުވެރިކަމެއް ބަހައްޓާށެވެ.
·         އަމިއްލައަށް ކަންކަން ނިންމުމުގައި އިސްނެގުމަށް ބާރުއެޅުމާއެކު، ރަގަޅު ގޮތްތައް ޚިޔާރުކުރުމަށް ލަފާދޭށެވެ.
·         ދަރިފުޅުގެ ޚިޔާލާއި، ފިކުރަށް އިހުތިރާމް ކުރާށެވެ.ދަރިފުޅު ދައްކާ ވާހަކަ އަޑުއަހާކަން އެނގުން އެއީ ވަރަށް މުހިއްމު ކަމެކެވެ.
·         ދެބަސްވުމެއް ، ހިތްހަމަނުޖެހޭ ކަމެއް ދިމާވެއްޖެނަމަ އެކަން ހައްލުކުރާނެގޮތް ކިޔައިދޭށެވެ. ވަކި ލަނޑުދަނޑިތަކެއް ކަނޑައަޅައި، އެކަން ހާޞިލްކުރުމުގައި އެހީތެރިކަން ފޯރުކޮށްދޭށެވެ.
ދަރިފުޅުގެ ރައްކާތެރިކަން
·         މިއުމުރުގައި އެކަނި ސައިކަލް ދުއްވުމަކީ މަނާކަމެއްކަން ދަރިފުޅު ގާތުގައި ބުނާށެވެ. ބައިސްކަލް ދުއްވުން، ކުޅިވަރުތަކުގައި ބައިވެރިވުން، މޫދަށްއެރުން ފަދަ ކަންތައްތަކުގައި ރައްކާތެރިވުމުގެ ގޮތުން އަމަލުކުރަންޖެހޭ އުސޫލްތަކަށް ތަބާވުން މުހިއްމެވެ.
·         ދުންފަތުގެ އިސްތިއުމާލުކުރުން، މަސްތުވާތަކެތި ބޭނުންކުރުން، ނަހަމަގޮތުގައި ޖިންސީ ގުޅުންހިންގުން ފަދަ ކަންކަމުގައި ހުރި ނުރައްކާތެރިކަން ދަރިފުޅަށް ވިސްނާދީފައި ބާއްވާށެވެ. މިކަންކަމާ ގުޅޭގޮތުން ދަރިފުޅުގެ ޚިޔާލު ހޯދައި، ތިބާއަށް ފެންނަގޮތް، އަދި އަމަލުކުރަންޖެހޭގޮތް ދަރިފުޅަށް ކިޔާދީފައި ބާއްވާށެވެ. ދަރިފުޅު ކުރާ  ދައްކާ ވާހަކަތައް އަޑުއަހައި، ކުރާ ސުވާލުތަކަށް ބީރުކަންފަތެއް ނުދީ، ތެދުވެރިކަމާއެކު، ސީދަލަށް ޖަވާބުދޭށެވެ.
·         ރަގަޅު ކަންކަމަށް ޝައުގުވެރިކަން ހުންނަކުދިން ރަހުމަތްތެރިންގެ ގޮތުގައި ޚިޔާރުކުރުމާއި ގެންގުޅުމަށް ދަރިފުޅަށް ބާރުއަޅާށެވެ.
·         ދަރިފުޅު އެހެން މީހަކު/ބަޔަކާއެކު ފޮނުވާނަމަ ދާތަނެއް/އުޅޭތަނެއް އެގެންވާނެ އެވެ. އަދި ތަނަކަށް ފޮނުވާނަމަ ފޮނުވަންވާނީ އިތުބާރުކުރެވޭ، ޒިންމާ ނެގޭވަރުގެ މީހަކާ އެކުގައެވެ. ސުކޫލް މަދަރުސާގެ ހަރަކާތަކަށް ދާނަމަ، ނިމޭގަޑިއާއި، ބަލައިދާންޖެހޭ ވަގުތާއި، ގެއަށް އަންނާނެ ވަގުތު ހޯދާފައި ބޭއްވުން މުހިއްމެވެ.
·         ގޭގައި އެކަނި ހުންނަން ޖެހިއްޖެނަމަ އަމަލުކުރަންޖެހޭގޮތް ރަގަޅަށް ކިޔާދީފައި ބާއްވާށެވެ. ގެއަށް ރައްޓަހި ކުދިން ގެނައުމާއި، ދިމާވާ ނުރައްކާތެރި ހާދިސާތަކުގައި އަމަލުކުރަންޖެހޭގޮތް ކިޔާދީފައި ބާއްވާށެވެ. ގޭގައި ހަދަން ދީފައި ހުންނަ ފިލާވަޅުތައް ހަދައި މުތާލިއާކޮށް، ގޭތެރޭގެ ހުންނަ ކުދިކުދި މަސައްކަތްތައް ކުރުމަށް ބާރުއަޅާށެވެ.
ދުޅަހެޔޮ ހަށިގަނޑު
·         ޖިސްމާނީ ގޮތުން ހަރަކާތްތެރި މީހަކަށްވުމަށް ދަރިފުޅަށް ބާރުއަޅާށެވެ. ކޮންމެވެސް ކަހަލަ ކުޅިވަރެއް ކުޅެވިދާނެ އެވެ. ގޭތެރޭގެ ބައެއް މަސައްކަތްތަކުގައި (ގަސްތަކަށް ފެންދިނުން، އެއްޗެހި ދޮވުން، ތަށިތެލިތައް ދޮވެހެދުން، ގޭތެރެ ފޮޅައި ސާފުކުރުން،) މައިންބަފައިންނަށް އެހީތެރިވެދީ ހެދިދާނެ އެވެ.
·         ދަރިފުޅަށް ގިނައިން ތަރުކާރީއާއި މޭވާގެ ބާވަތްތައް ދޭށެވެ. ލޮނާއި، ތެޔޮ، އަދި ހަކުރު ހުންނަ ބާވަތްތައް ވަކި މިންގަނޑަކަށް ދޭށެވެ. ހަށިގަނޑަށް ފައިދާހުރި ކާތަކެތި ބޭނުންކުރުމަށް އިސްކަން ދޭށެވެ. އާއިލާގެ އެންމެން އެކުގައި ކެއުމުގެ އާދަ އަށަގަންނުވާށެވެ.
·         ދަރިފުޅުގެ ކޮޓަރީގައި ޓީވީ ނުބަހައްޓާށެވެ. ޓީވީ ބެލުން، ކޮމްޕިއުޓަރު ކުޅުން ފަދަ ކަންތައްތަކަށް ހޭދަވާ ވަގުތު ދުވާލަކު 2-1 ގަޑިއިރަށްވުރެ އިތުރުވިޔަ ނުދޭށެވެ.
މައުލޫމާތު :

ދަރިން ތަރުބިއްޔަތުކުރުން : މެދުމަދަރުސީ އުމުރުފުރާ



ދަރިން ތަރުބިއްޔަތު ކުރުމުގައި މައިންބަފައިންގެ ދައުރު : މެދު މަދަރުސީ  އުމުރު ފުރާ (ނުވައަހަރާއި، އެގާރަ އަހަރާއި ދެމެދުގައި)

ހެދިބޮޑުވަމުން އަންނަގޮތް
މައިންބަފައިންނާއި، އާއިލާގެ ބޭރުން ރަހުމަތްތެރިން ހޯދައި، އަމިއްލައަށް ކަންކަންކުރުމާއި، ކަންކަމަށް އިސްނެގުން ކުރިޔަށްވުރެ އިތުރުވާނެއެވެ. ދުޅަހެޔޮކޮށް ހެދިބޮޑުވުމަށް މިއުމުރުގައި އެހެންކުދިންނާއި، އޮންނަ ގާތް ރަހުމަތްތެރިކަމުގެ ގުޅުމަކީ ވަރަށް މުހިއްމު ކަމެކެވެ. ނަމަވެސް މިއުމުރުގައި ރަހުމަތްތެރިންގެ ނުފޫޒު ކުދިންގެ މައްޗަށް އިތުރުވެގެން އައުން ގާތެވެ. އަމިއްލަ ނަފުސަށް އިތުބާރު އޮންނަ ކުދިންނަށް ރަހުމަތްތެރިންގެ ފުށުން އަންނަ ނުފޫޒުތަކާއި، ފިއްތުންތަކަށް ކުރިމަތިލާން އެނގޭނެ އެވެ. އަމިއްލައަށް ކަންކަންކުރަން ފެށުމާއެކު، ކުދިންނަށް އެކުދިންގެ ޒިންމާތައް އެނގިފައި އޮތުމަކީ މުހިއްމު ކަމެކެވެ. ބާލިޣުވުމުގެ އަލާމާތްތައް މިއުމުރުގައި ޚާއްޞަކޮށް އަންހެންކުދިންގެ ކިބައިން ފެނުމަކީ އެކަށީގެންވާ ކަމެކެވެ. މިއީ އާންމު ގޮތެއްގައި މެދު މަދަރުސީ ތަޢުލީމު ކުއްޖާ ފަށައިގަންނަ ދުވަސްވަރެވެ.  

އާތިފީ، އިޖުތިމާޢީ ގޮތުން އަންނަ ބަދަލުތައް
o       އެހެން ކުދިންނާއި އެކު އޮންނަ ގުޅުން ރަނގަޅުވެ، ގާތް ރަހުމަތްތެރިން ތިބުން
o       ރަހުމަތްތެރިންގެ ފަރާތުން އަންނަ ނުފޫޒު އިތުރުވުން
o       ބާލިޣުވާން އުޅޭއިރު ހަށިގަނޑަށް އަންނަ ބަދަލުތައް ފާހަގަވުން
o       ކެއުމަށްދޭ ސަމާލުކަން ކުޑަވެ، ކެއުމާއި ގުޅުންހުރި މައްސަލަތައް ދިމާވާން ފެށުން
ވިސްނުމާއި، އުނގެނުމަށް އަންނަ ބަދަލުތައް
o       ކިޔެވުމުގެ ވާދަވެރިކަން ބޮޑުވުން
o       އަމިއްލައަށް ކަންކަންކޮށް ނިންމުން ކުރިޔަށްވުރެ ބޮޑުވުން
o       ކަންކަމުގައި ދެކޭގޮތް ފާޅުކުރަން އެނގުން
o       ކަންކަމަށް ސަމާލުކަން ދިނުން އިތުރުވުން
ތަރުބިއްޔަތު ކުރުމުގައި ބެލިދާނެ ކަންތައްތައް
·         ދަރިފުޅަށް ވަގުތު ދޭށެވެ. ދަރިފުޅުގެ ރަހުމަތްތެރިންނާއި، ދަރިފުޅުގެ އުއްމީދުތަކާ، ދިމާވާ މައްސަލަތަކާ ބެހޭގޮތުން ވާހަކަ ދައްކާށެވެ.
·         ދަރިފުޅުގެ ސުކޫލުން ރާވާ ހިންގާ ހަރަކާތްތަކުގައި ބައިވެރިވާށެވެ. ދަރިފުޅުގެ ކަންކަމުގައި މުދައްރިސުންނާއި ބައްދަލުކޮށް މަޝްވަރާ ކުރާށެވެ.
·         ސުކޫލްގައި އަދި މުޖުތަމަޢުގައި ހިންގާ އެކި ކަހަލަ ޖަމްޢިއްޔާ ޖަމާޢަތްތަކުގެ ހަރަކާތްތަކުގައި ބައިވެރިވުމަށް ދަރިފުޅަށް ބާރުއަޅާށެވެ. އެއީ ދަރުމަވެރިވުމަށް ލިބޭ ފުރުޞަތުގެ ބޭނުން ހިފުމަށްޓަކައެވެ.
·         ރަގަޅު ކަންތައްތަކާއި، ގޯސްތައް ކަންތައްތައް ކަނޑައަޅައި ނިންމުމުގައި ދަރިފުޅަށް އެހީތެރިވެދޭށެވެ. ރަހުމަތްތެރިންގެ ނުފޫޒު ފޯރައިފާނެ ގޯސް ކަންތައްތަކާއި ބެހޭގޮތުން (ދުންފަތުގެ އިސްތިއުމާލުކުރުން / މަސްތުވާތަކެތި ބޭނުންކުރުން/ ގޭންގުތަކުގައި ބައިވެރިވުން / މާރާމާރީ ހިންގުން) ދަރިފުޅާ ބެހޭގޮތުން ވާހަކަ ދައްކާށެވެ.
·         ކޮންމެ މީހެއްގެ ވެސް ޒިންމާއެއް އޮންނަކަން ދަރިފުޅަށް އަންގައިދިނުމަށް (ވިސްނައިދިނުމަށް) މަސައްކަތްކުރާށެވެ. ގޭތެރޭގެ ބައެއް ކަންތައްތަކުގައި (މިސާލަކަށް މޭޒެއް ރާވާލުން، މޭޒުމަތި ތަރުތީބުކޮށްލުން، ތަންމަތި ރީތިކޮށްލުން، ފަދަ ކަންތައްތައް + ކެއްކުން ، ގޭތެރެ ސާފުކުރުން، ތަންމަތި އެޅުން) ދަރިފުޅު ބައިވެރިކުރާށެވެ. ނުވަތަ ދަރިފުޅު ލައްވައި ގޭތެރޭގެ ބައެއް ކަންކަން ކުރުވާށެވެ. ފައިސާ ޚަރަދުކުރެވޭގޮތާއި، ފަހަށް ރައްކާކުރުމުގެ މުހިއްމު ދަރިފުޅަށް ވިސްނައިދޭށެވެ.
·         ދަރިފުޅުގެ ރަހުމަތްތެރި ކުދިންގެ އާއިލާ އާއި ބައްދަލުކުރާށެވެ.
·         އެހެންމީހުންނަށް އިހުތިރާމު ކުރުމަށް ދަރިފުޅަށް ދަސްކޮށްދޭށެވެ. އަދި އެހެން މީހުންނަށް އިހުތިރާމުކުރުމާއި، ބޭނުންޖެހިފައިވާ މީހުންނަށް އެހީތެރިވުމަށް ބާރުއަޅާށެވެ. + އެހެންމީހަކު އިހުތިރާމުކުޑަކޮށް، ނުރަގަޅުކޮށް ކަމެއްކޮށްފިނަމަ ހަދާނެގޮތް ބުނެކިޔައިދީފައި ބާއްވާށެވެ.
·         ދަރިފުޅު އަމިއްލައަށް ޙާޞިލްކުރަން ބޭނުންވާ އަމާޒުތަކެއް ކަނޑައެޅުމަށް އެހީތެރިވެދޭށެވެ. ދަސްކުރަންބޭނުންވާ ކަންތައްތަކާއި، ހުނަރުތަކާ މެދު ވިސްނައި، އެކަންކަން ދަސްކޮށް ކުރިއެރުވުމުގައި އެހީތެރިވެދޭށެވެ.
·         ދަރިފުޅުގެ އަޚްލާގު ބައްޓަންކުރުމުގައި ހަރުދަނާކަމާއެކު، އެއްގޮތެއްގައި ދެމިހުންނާށެވެ. ދަރިފުޅު ފަރާތުން ދެކެން ބޭނުންވާ އުޅުމާއި، ކަންތައްތައް ކިޔައިދީ އޮޅުން ފިލުވައިދޭށެވެ. ބޮޑުމީހަކު ނެތް ހާލަތްތަކުގައި އަމަލުކުރަންޖެހޭނެ ގޮތް ކިޔާދީފައި ބާއްވާށެވެ. ކުރަންޖެހޭ ކަންކަމާއި، ނުކުރަންޖެހޭ ކަންކަން ސަބަބާއެކު ބުނެދެވިފައި އޮންނަ ކަމުގައިވާނަމަ، ކަމެއް ދިމާވުމުން ގިނަ ފަހަރު ކަންކުރަންޖެހޭގޮތް ދަރިފުޅަށް އޮޅުންފިލާފައި އޮންނާނެ އެވެ.
·         ދަރިފުޅު ގޯސްކަމެއް ކުރުމުން އަދަބުދީ، ދެރަކޮށް ދަށްކޮލުމުގެ ބަދަލުގައި، ކަންކުރަންޖެހޭގޮތް ރަގަޅަށް އޮޅުންފިލުވައިދީ ކިޔައިދީ، އެކަމެއް ރަގަޅުކުރުމަށް ހިތްވަރު ދޭށެވެ.
·         ދަރިފުޅު ކުރާ ރަގަޅު ކަންތައްތައް ފާހަގަކޮށް އެކަމަށް ތައުރީފުކޮށް އެގޮތުގައި ދެމިހުރުމަށް ހިތްވަރުދޭށެވެ. މިގޮތަށް ހެދުމުން ރަގަޅު ކަންތައްތައް ކުރުމަށް ދަރިފުޅަށް ހިތްވަރު ލިބޭނެ އެވެ.
·          ފުރާވަރަށް އަޅާއިރު ތަބީއީ ގޮތުން ހަށިގަނޑަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ދަރިފުޅާ ވާހަކަ ދައްކާށެވެ.
·         ކޮންމެ ދުވަހަކު ވެސް ފޮތްކިޔުމަށް ދަރިފުޅަށް ބާރުއަޅާށެވެ. ގޭގައި ހަދަން ސުކޫލުން ދީފައި ހުންނަ މަސައްކަތްތަކާ ބެހޭގޮތުން ދަރިފުޅާ ވާހަކަ ދައްކާށެވެ.
·         ދަރިފުޅާ ތެދުވެރިކަމާއެކު ރީތި ބަހުން ވާހަކަ ދައްކާށެވެ. ކަންތައްތައް ކުރުމުގައި އެންމެ އެކުގައި ގުޅިގެން އެއްއާއިލާއެއްގެ ގޮތުގައި މަސައްކަތް ކުރާށެވެ.
ދަރިފުޅުގެ ރައްކާތެރިކަން
·         ދަރިފުޅު ގޮވައިގެން ސައިކަލް ދުއްވާއިރު، ދުއްވާތަކެތި ދުއްވުމުގައި ހެދިފައިވާ ގަވާއިދުތަކަށް އަމަލުކުރަންޖެހޭނެ އެވެ. ދަރިފުޅު ގޮވައިގެން ބާރު ދުވެއްޔެއްގައި ސައިކަލް ދުއްވުމަކީ ރައްކާތެރިކަމެއް ނޫނެވެ.
·         ދުވާރު މަތިން ހިނގުމަށް ދަރިފުޅަށް ލަފާދޭށެވެ. ދުވާރު ނެތްނަމަ މަގުގެ އެއްކައިރިން ދިއުން ބުއްދިވެރި އެވެ.
·         މަގުހުރަސްކުރާއިރު ކަފިހުރަސް މަތިން މަގުގެ ދެކޮޅު ބަލާފައި ހުރަސްކުރުމަށް ދަރިފުޅުގެ ގާތުގައި ބުނާށެވެ.
·         މަގުމަތީގައި ހިނގާބިނގާވެ އުޅޭއިރު، ދުއްވާތަކެތި ދުއްވުމުގަޔާއި، މަގުމަތީގެ ހިނގާބިނގާވެ އުޅޭ މީހުންނަށް ހެދިފައިވާ ހުންނަ ގަވާއިދުތަކަށް އިހުތިރާމުކޮށް، އެއަށް އަމަލުކުރުމަށް ދަރިފުޅަށް ބާރުއަޅާށެވެ.
·         ދަރިފުޅު އެހެން މީހަކު/ބަޔަކާއެކު ފޮނުވާނަމަ ދާތަނެއް/އުޅޭތަނެއް އެގެންވާނެ އެވެ. އަދި ތަނަކަށް ފޮނުވާނަމަ ފޮނުވަންވާނީ އިތުބާރުކުރެވޭ، ޒިންމާ ނެގޭވަރުގެ މީހަކާ އެކުގައެވެ. ސުކޫލް މަދަރުސާގެ ހަރަކާތަކަށް ދާނަމަ، ނިމޭގަޑިއާއި، ބަލައިދާންޖެހޭ ވަގުތާއި، ގެއަށް އަންނާނެ ވަގުތު ހޯދާފައި ބޭއްވުން މުހިއްމެވެ.
·         ވަރަށް ގިނަފަހަރު އޮފީސްތަކަށްދާ މައިންބަފައިން އޮފީސް ނިންމާފައި ގެއަށް އައުމުގެކުރިން ދަރިން ސުކޫލް ނިންމާފައި ގެޔަށްދެއެވެ. މިގޮތުން ދާއިރު ބައެއް ފަހަރު ދަރިފުޅު އެކަނި ގޭގައި ހުންނަން ޖެހިދާނެ އެވެ. އެފަދަ ހާލަތުގައި ކަންތައް ކުރާނެގޮތް އޮޅުންފިލުވާދީފައި ބޭއްވުން މުހިއްމެވެ.
ދުޅަހެޔޮ ހަށިގަނޑު
·         ދަރިފުޅަށް ގިނައިން ތަރުކާރީއާއި މޭވާގެ ބާވަތްތައް ދޭށެވެ. ލޮނާއި، ތެޔޮ، އަދި ހަކުރު ހުންނަ ބާވަތްތައް ވަކި މިންގަނޑަކަށް ދޭށެވެ. ހަށިގަނޑަށް ފައިދާހުރި ކާތަކެތި ބޭނުންކުރުމަށް އިސްކަން ދޭށެވެ.
·         ދަރިފުޅުގެ ކޮޓަރީގައި ޓީވީ ނުބަހައްޓާށެވެ. ޓީވީ ބެލުން، ކޮމްޕިއުޓަރު ކުޅުން ފަދަ ކަންތައްތަކަށް ހޭދަވާ ވަގުތު ދުވާލަކު 2-1 ގަޑިއިރަށްވުރެ އިތުރުވިޔަ ނުދޭށެވެ.
·         ކޮންމެ ދުވަހަކު ވެސް ކޮންމެވެސް ކަހަލަ ކަސްރަތެއް ކުރުމަށް ބާރުއަޅާށެވެ. އެގޮތުން ހަފްތާއަކު 3 ދުވަހު ދުވުން، ހިނގުން، ފެތުން، ފުއްމުން ފަދަ ކަސްރަތެއް ކޮށްލެވިދާނެ އެވެ.
މައުލޫމާތު :