Monday, August 4, 2014

އިބޯލާ ބަލި

އިބޯލާ
އިބޯލާ އަކީ ވައިރަސް އަކުން ޖެހޭ ގައިންގަޔަށްއަރާ ބައްޔެކެވެ. މިބައްޔަށް " އިބޯލާ ވައިރަސް ޑިޒީޒް"(EVD) އަދި " އިބޯލާ ހީމޮރެޖިކް ފީވަރ" ވެސް ކިޔައި އުޅެއެވެ. މިބަލި މިހާތަނަށް ގިނައިން ފެނިފައިވަނީ އެފްރިކާގެ ގައުމުތަކުންނެވެ. މިބަލިޖެހޭ މީހުންގެ ތެރެއިން ގިނަ މީހުން ބަލީގައި މަރުވެދާކަން ފާހަގަ ކުރެވެއެވެ.

އިބޯލާ ފުރަތަމަ ފެނިފައިވަނީ 1976 ވަނަ އަހަރު އެފްރިކާ ބައްރުގެ ތަފާތު ދެ ހިސާބަކުން އެއް ފަހަރާ ބަލިޖެހިފައިވާ މީހުން ފެންނަން ފެށުމުންނެވެ. އެގޮތުން ސޫދާންގެ ނަޒާރާ އަދި ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ ގެ ޔަމްބޫކް އިން މިބަލި 1976 ވަނަ އަހަރު ފުރަތަމަ ފަހަރަށް މިބަލި ފާހަގަ ކުރެވިގެން ދިޔައެވެ. އިބޯލާ އަށް ނަންދެވިފައިވަނީ ފަހުން މިބުނެވުނު ޔަމްބޫކު އަކީ " އިބޯލާ ކޯރު" ކައިރީގައި އޮންނަ އަވަށަކަށްވުމުން އެކޯރާއި ގުޅުވައިގެންނެވެ.

މިފަހަރު އިބޯލާ ބަލި ފުރަތަމަ ފެނުނީ ފެބުރުއަރީ 2014 ގައި ގިނީ އިންނެވެ. މިހާރު އިބޯލާ ބަލި ހަލުވިކަމާއެކު ފެތުރެމުންދަނީ އެފްރިކާގައި ހިމެނޭ ގިނީ، ލައިބީރިޔާ، ސިއެރެލިއޯން، އަދި ނައިޖީރިޔާ ގައެވެ. ޖުލައި 31 ، 2014 ގެ ނިޔަލަށް މިބަލި 1441 މީހަކަށް ޖެހިފައިވާއިރު އޭގެތެރެއިން 827 މީހުން ވަނީ ބަލީގައި ދުނިޔެދޫކޮށްފައެވެ.


އިބޯލާ ޖައްސާ "އެބޯލާ ވައިރަސް"(Ebola virus) ނިސްބަތްވަނީ "ފިލޯވައިރަސް"(filovirus) ގެ އާއިލާ އަށެވެ. މިހާތަނަށް އިބޯލާ ވައިރަސް ޑިޒީޒް ނުވަތަ އިބޯލާ ޖައްސާ ތަފާތު 5 ވައްތަރުގެ ވައިރަސް ފާހަގަ ކުރެވިފައިވެއެވެ. އެއީ:-
·         ބުންޑިބުގްޔޯ އިބޯލާ ވައިރަސް
·         ޒަޔަރ އިބޯލާ ވައިރަސް
·         ސޫދާން އިބޯލާ ވައިރަސް
·         ރެސްޓަން އިބޯލާ ވައިރަސް
·         ޓާއީ ފޮރެސްޓް އިބޯލާ ވައިރަސް
މީގެ ތެރެއިން އެފްރިކާގައި މިބަލި އެންމެ ގިނައިން ޖެހިފައިވަނީ ފުރަތަމަ އަށް ބަޔާންކޮށްފައިވާ އިބޯލާ ވައިރަސްގެ 3 ވައްތަރުގެ ސަބަބުންނެވެ. ރެސްޓަން އިބޯލާ ވައިރަސް ފިލިޕީންސް އަދި ޗައިނާ އިން ފެނުނެއްކަމަކު ބަލިޖެހިގެން މީހަކު މަރުވިކަމަށް މިހާތަނަށް ރިޕޯޓްކޮށްފައެއް ނުވެއެވެ.

ފެތުރުން
އިންސާނީ ދަރިފަސްކޮޅަށް އިބޯލާ ތައާރަފްވެގެން އައީ ބަލިޖެހިފައިވާ ޖަނަވާރުތަކުގެ ގައިން ބޭރުވާ ލޭ، އެޖަނަވާރުތަކުގެ ގުނަވަން، އެޖަނަވާރުތަކުގެ ހަށިގަނޑުން ބޭރުވާ ތަފާތު ޖިސްމީ ދިޔަ (މަނި، ދަވަ، ދޮސްފަދަ) ތަކުގައި އަތްލައި ބީހި ހެދުމާއި، އަދި އެފަދަ ތަކެތި ގައިގައި ހޭކި އުގުޅިގެން ދިއުމުންނެވެ. މާނަ އަކީ ބަލިޖެހިފައިވާ ޖަނަވާރު ފަދަ ތަކެތި ކަތިލައި، އުފުލާ، ގެންގުޅެ ހެދުމުގެ ތެރޭގައި ބަލިޖެހުމުގެ ފުރުޞަތު އޮތުމެވެ. މިބަލި އިންސާނުންގެ ތެރޭގައި އެކަކުގެ ގައިން އަނެކާގެ ގަޔަށް ވެސް ފެތުރެއެވެ. އެގޮތުން އިންސާނުންގެ ތެރޭގައި ބަލި ގައިންގަޔަށް އަރަނީ ބަލިޖެހިފައިވާ މީހެއްގެ ލޭ، ނުވަތަ ހަށިގަނޑުން ބޭރުވި ދިޔައެއް (މަނި، ދޮސް، ދަވަ ފަދަ ތަކެތި)ގެ ސަބަބުން، ނުވަތަ ބަލިޖެހިފައިވާ މީހަކު ބޭނުންކޮށްފައިވާ ތޫނު އެއްޗެއް (އިންޖެކްޝަން ކަށި، ރޭޒަރު ތިލަ ފަދަ ތަކެތި)ގެ ޒަރިއްޔާއިން ނެވެ. އެހެންކަމުން މިދެންނެވި ފަދަ އެއްޗަކާއި ސަލާމަތުންހުރި މީހާގެ އަތް ތަޣައްޔަރުވެފައިވަނިކޮށް އެއަތް ނުދޮވެ، ލޯ، ނޭފަތް، އަނގަޔަށް ލައި ހަދައިފިނަމަ ބަލިޖެހުމުގެ ފުރުޞަތު އޮންނާނެ އެވެ. ހަމަ މިހެން އެފަދަ ތަކެއްޗާއި ތަޣައްޔަރުވެފައިވާ ތުވާލި، ޓިޝޫ، ރުމާ، ފޮތި ފަދަ ތަކެތީގައި އަތްލުމަށްފަހު، އެއަތްނުދޮވެ ލޯ، ނޭފަތް، އަނގަޔަށް ލައި ހަދައިފިނަމަ ވެސް ބަލިޖެހުމުގެ ފުރުޞަތު އޮންނާނެ އެވެ. ބުނެވޭގޮތުގައި ބަލިޖެހިގެން މަރުވާ މީހުންގެ ގައިގައި ހިނެއުމުގެ ތެރޭގައި އަތްލައި ހެދުމަކީ (ރައްކާތެރިވުމުގެ ގޮތުން ބޭނުންކުރަންޖެހޭ އަންގި ފަދަ ތަކެތި ބޭނުންކުރުމެއްނެތި) ވެސް ބަލިޖެހިދާނެ ކަމެކެވެ.

ހޯދިފައިވާ ގޮތުގައި ބަލިޖެހި ރަގަޅުވާ މީހުންގެ މަނީގެ ޒަރިއްޔާއިން ވެސް ބަލިރަގަޅުވުމަށްފަހު 7 ހަފްތާ ވަންދެން އިބޯލާ ވައިރަސް ފަތުރައެވެ.އިބޯލާ ޖެހިފައިވާ މީހުންނަށް ފަރުވާކުރުމުގައި ޞިއްޙީ ދާއިރާގައި ހަރަކާތްތެރިވި ގިނަބަޔަކަށް ބަލިޖެހިފައިވާކަން ފާހަގަ ކުރެވެއެވެ. މިފަދަ މީހުންނަށް ބަލިޖެހިފައިވާ ރައްކާތެރިވުމުގެ ގޮތުން ބޭނުންކުރަންޖެހޭ، އަންގި، މާސްކު،ހެލްމެޓް، މޫނުމަތި، ގޯޒު، ފަދަ ތަކެތި ބޭނުންކުރުމަކާ ނުލައި، ބަލިޖެހިފައިވާ މީހުންނަށް ފަރުވާކުރުމުގައި ޝާމިލްވެފައިވާތީ އެވެ. ނުވަތަ ރައްކާތެރިވުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް ނޭޅުމުގެ ސަބަބުންނެވެ.

އަލާމާތްތައް
ކުރިން ވެސް ބުނި ފަދަ އިން އިބޯލާ އަކީ ވައިރަހަކުން ޖެހޭ ވަރަށް ނުރައްކާތެރި ބައްޔެކެވެ. އާންމު ގޮތެއްގައި މިބަލި ފެށިގެން އަންނަނީ ގަދަ ހުމާއެކުގައެވެ. އެއާއެކު ވަރަށް ބޮޑަށް ވަރުބަލިވުން، މަސްތަކުގައި ރިހުން (ގައިގައި ރިހުން)، ހުޅުތަކުގައި ރިހުން، އަދި ބޮލުގައި ރިހުން ފަދަ އުދަނގޫތައް ކުރިމަތި ކުރުވައެވެ. އެއަށްފަހު ހޮނޑުލުމާއި ބޭރަށްހިންގުން، ބަނޑުގައި ރިހުން، ކާހިތްނުވުން، ފަދަ ކަންތައްތައް ކުރިމަތި ކުރުވައެވެ. ބައެއް ފަހަރު (ބައެއް މީހުންގެ ފުށުން) ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި ބިހިނެގުން، ލޯރަތްވުން، އުކުޑިކޮއްޓުން، ކެއްސުން، ކަރުތެރެ ހަލާކުވުން، ކެއްސުން، ނޭވާލާން އުދަނގޫވުން، ކާތަކެތި ދިރުވަން އުދަނގޫވުން، ފަދަ ކަންތައްތައް ހިމެނެއެވެ. މޭގަނޑު އަދި ގުރުދާ(ކިޑްނީ) ގެ މަސައްކަތަށް ބުރޫއަރާގޮތް ވެއެވެ. ބައެއް ފަހަރު ހަށިގަނޑު އެކި ހިސާބުތަކުން ލޭއައުމާއެކު، އެތެރެހަށްޓަށް ވެސް ލޭހިލޭގޮތް ވެއެވެ.

ބަލިޖެހިފައިވާ މީހެއްގެ ލޭ، އަދި އެހެނިހެން ޖިސްމީ ދިޔަ (މަނި، ކުޅު، އަރިދަފުސް ފަދަ ތަކެތި) ތަކުގައި ވައިރަސް ނުފިލާ ހުރިހާ ހިނދަކު، އެބަލިމީހެއްގެ ފުށުން އެހެން މީހުންނަށް ބަލިފަތުރަމުން ގެންދާނެއެވެ. ބަލިޖެހިފައިވާ މީހެއްގެ މަނިން ބަލިޖެހުނުތާ 61 ދުވަސް ފަހުން ވެސް އެބޯލާ ވައިރަސް ފެނިފައިވާކަން ފާހަގަ ކުރެވެއެވެ. އިބޯލާ ބަލީގެ ވައިރަސް ހަށިގަނޑަށް ވަނުމަށްފަހު، ބަލީގެ އަލާމާތްތައް ފެނުމާ ދެމެދު ގާތްގަނޑަކަށް 21-2 ދުވަހާއި ދެމެދުގެ މުއްދަތެއް ހޭދަވާކަން ފާހަގަ ކުރެވެއެވެ.

ދެނެގަތުން
އިބޯލާ ވައިރަސް ހުރިތޯ ދެނެގަތުމަށް މަސައްކަތްކުރާއިރު، މެލޭރިޔާ، ޓައިފޮއިޑް ހުން، ކޮލެރާ، ޝިގެއްލާ، ލެޕްޓޯސްޕައިރޯސިސް، ތާޢޫން ބަލި، މެނިންޖައިޓިސް، އަދި ހެޕަޓައިޓިސް ފަދަ ބަލިތައް ޖައްސާ ޖަރާސީމުތަކުގެ އަސަރު އެމީހެއްގެ ހަށިގަނޑުގައި ހުރިތޯ ބެލުން މުހިއްމެވެ.

އާންމު ގޮތެއްގައި އިބޯލާ ވައިރަސް ހުރިތޯ ބެލުމަށް ލޭގެ ތަފާތު ޓެސްޓުތައް ހެދެއެވެ. އެގޮތުން ހެދޭ ޓެސްޓުތަކުގެ ތެރޭގައި:-
·         އެލައިޒާ ޓެސްޓު
·         އެންޓިޖެން ޑިޓެކްޝަން ޓެސްޓް
·         ސީރަމް ނިއުޓްރަލައިޒޭޝަން ޓެސްޓު
·         ރިވާސް ޓްރާންސްކްރިޕްޓޭޒް ޕޮލިމަރޭޒް ޗެއިން ރިއެކްޝަން އެސޭ
·         އިލެކްޓްރޯން މައިކްރޮސްކަޕީ
·         ވައިރަސް ކަލްޗަރ
ފަރުވާ
މިބައްޔަށް އަދި ފަރުވާއެއް ހޯދިފައެއް ނުވެއެވެ. ބަލިން ރައްކާތެރިކޮށްދޭނެ ވެކްސިނެއް ތައްޔާރު ކުރެވިފައެއް ވެސް ނުވެއެވެ. ބަލީގެ ފަރުވާގައި ބޭނުންކުރެވިދާނެ ބޭސްތައް މިހާރު ވެސް ދިރާސާކުރެވެމުން ދެއެވެ. ބަލިން ރައްކާތެރިކޮށްދީފާނެ ވެކްސިން ތައްޔާރުކޮށް ޓެސްޓުކުރިނަމަވެސް، ތަފާތު ސަބަބު ތަކާހުރެ، ބަލިން ރައްކާތެރިކުރުމުގެ ނިޔަތުގައި އަމަލީގޮތުން އެފަދަ ވެކްސިނެއް އަދި ބޭނުންކުރެވިފައެއް ނުވެއެވެ. ބަލިޖެހުމުން ހަށިގަނޑުން ފެން ހުސްވުން ފަދަ ކަންކަން ކުރިމަތިވާތީ ދިޔާތަކެތި ދިނުމަށް ސަމާލުވާން ޖެހޭނެ އެވެ.

ރައްކާތެރިވުން
ބަލިން ރައްކާތެރިކޮށްދޭނެ ވެކްސިނެއް ނެތުމާއި، ބައްޔަށް ވަކި ޚާއްޞަ ފަރުވާއެއް އަދި ހޯދިފައިނުވުމާއެކު އިބޯލާ ބައްޔާއި މެދު އާންމުން ހޭލުންތެރިކުރުވުމަކީ ބަލިން ރައްކާތެރިވުމަށް ކުރެވޭނެ އެންމެ މުހިއްމު މަސައްކަތެވެ. އެގޮތުން އިބޯލާ ބަލިން ރައްކާތެރިވެ ތިބުމަށް އަންނަނިވި ކަންކަމަށް ސަމާލުވުމަކީ ވަރަށް މުހިއްމު ކަމެކެވެ.

·         ބަލިޖެހިފައިވާ ޖަނަވާރު ފަދަ ތަކެތި އުފުލައި ހެދުމުގައި ރައްކާތެރިވުން (އަންގި، ގޯޒު،މާސްކު، ހެލްމެޓް ބޭނުންކުރުން)
·         އެއްގަމު މަސް ފަދަ ތަކެތި ރަގަޅަށް ކައްކައިގެން ބޭނުންކުރުން
·         ބަލިޖެހިފައިވާ މީހުންނާއި ގައިގޯޅިވެ ނޫޅުން
·         ބަލިޖެހިފައިވާ މީހުންނަށް އަޅާލައި،ފަރުވާ ދީހަދާއިރު ރައްކާތެރިވުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން
·         ބަލިޖެހިފައިވާ މީހަކަށް އަޅާލައި އެހީތެރި ހެދުމަށްފަހު ރަގަޅަށް އަތްދޮވުން
·         ގިނަގިނައިން އަތްދޮވުން
·         ބަލިޖެހި، މަރުވާ މީހުން ހިނަވައި ވަޅުލައި ހަދާއިރު ރައްކާތެރިވުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން
·         އަނގަ، ނޭފަތް، ލޯ ފަދަ ތަންތަނުގައި އަތްނުލުން
·         ބަލިޖެހިފައިވާ މީހުން އެހެން މީހުންނާއި ވަކިން ބޭތިއްބުން
·         ޞިއްޙީ ރަގަޅު އާދަތައް ހިފެހެއްޓުން
މައުލޫމާތު :



5 comments:

  1. Hello,
    Please give us an email address to contact you at your profile here.
    I can give you an opportunity.
    Thanx

    ReplyDelete