Saturday, August 24, 2013

ނިދިނައުން

ނިދިނައުން
ނިންޖަކީ އަހަރެމެން ގެ ހަޔާތަށް ވަރަށް މުހިއްމު އެއްޗެކެވެ. ދުވާލުގެ ވަގުތުތައް ހިތްހަމަޖެހުމުގައި ހޭދަކޮށްލެވޭނީ ރޭގަނޑު ގެ ނިދި ފުރިހަމައަށް ލިބިގެންކަން ޔަގީނެވެ. އެކިމީހުންނަށް ނިދަން ބޭނުންވާ މިންވަރު ތަފާތު ވެއެވެ. އެވްރެޖްގޮތެއްގައި ރެއަކާއި ދުވާލު 7 ގަޑިއިރު ނުވަތަ 6 ގަޑިއިރުގެ ނިދިން ފުދޭނެ ކަމުގައި ތަޖުރިބާކާރުން ބުނެވެއެވެ. ނަމަވެސް ބައެއް މީހުންނަށް 4 ނުވަތަ 5 ގަޑިއިރު ނިދާލުމުން ވެސް ފުދެއެވެ.


ނިދިނައުން ކުރިމަތިވުމުން ފެނިދާނެ އަލާމާތްތައް
ނިދިނައުން މިއީ ވަރަށް ގިނަ މީހުންނަށް މިހާރަކަށް އައިސް ކުރިމަތިވާ މައްސަލައެކެވެ. ނިދިނައުން ކުރިމަތިވުމުން ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި، ނިދަން އޮށޯތުމަށް ފަހު ނިދަން އުދަގޫވުން، ރޭގަނޑު ދޭތެރެއަކުން ހޭލެވުމަށް ފަހު އަލުން ނިދަން އުދަގޫވުން، ފަދަ ކަންކަންތައްތައް ހިމެނެއެވެ. ބައެއް މީހުންނަށް މާހެދުނާއި، ހޭލެވުން، އަދި ރަގަޅަށް ނުނިދުމުގެ ސަބަބުން ހެދުނު ހޭލާއިރު ވަރުބަލި ކަން އިހްސާސް ވުމަކީ ވެސް ވެދާނެ ގޮތެކެވެ. އަދި ނިދި ފުރިހަމައަށް ނުލިބުމުން މުޅި ދުވަސް ވަރުބަލި ކަމުގައި ހޭދަކުރަން ޖެހުމަކީ ވެސް ވެދާނެ ގޮތެކެވެ. ދުވާލުގެ ވަގުތުތަކުގައި ނިދުމާ، ދުވާލު ބޮލުގައި ރިހުން، ހިތް ހަމަނުޖެހިފައި ހުރުން، ކަންކަމަށް ހުންނަ ޝައުގުވެރިކަން ކުޑަވުމާ، ސުކޫލް، މަދަރުސާ، އޮފީސް ފަދަ ތަންތަނުގައި ރަގަޅަށް މަސައްކަތްކުރެވޭގޮތް ނުވުމާ، ކަންކަމަށް ވިސްނުން ކުޑަވުމާއި، ސަމާލުކަން ކުޑަވުމަކީ ވެސް ފުރިހަމައަށް ނިދި ނުލިބިއްޖެ ނަމަ ވެދާނެ ކަންތައްތަކެވެ.

ނިދިނައުމުގެ ވައްތަރުތައް
ނިދިނައުމުގެ މައިގަނޑު ދެވައްތަރެއް ވާކަން ފާހަގަ ކުރެވެއެވެ. ފުރަތަމަ ވައްތަރު(primary insomnia) ގައި ނިދި ނައުން ކުރިމަތިވަނީ އެއްވެސް ބައްޔެއް ނުވަތަ ޞިއްޙަތަށް އަންނަ ބަދަލެއްގެ ސަބަބަކުން ނޫނެވެ. އެހެންކަމުން މިވައްތަރުގެ ނިދިނައުން ކުރިމަތިވުމަކީ އޭގެ ފަހަތުގައި އެއްވެސް ސަބަބެއް އޮންނަ ކަމެއް ނޫނެވެ. ދެވަނަ ވައްތަރު(secondary insomnia) ގައި ނިދިނައުން ގުޅިފައިވަނީ، ބައްޔެއް ފަދަ ކަމެއްގެ ސަބަބުން ޞިއްޙަތަށް ބަދަލު އައުން، ބޭހެއް ބޭނުންކުރުން، ނުވަތަ ބަނގުއާވި، ފަދަ އެއްޗެއް ބޭނުންކުރުން ކަހަލަ ކަންކަމާއި އެވެ.

ނިދިނައުން ކުރިމަތިވާ މިންވަރާ، ދިމާވާ އަވަސް ލަސްމިން އެކިމީ ހުންނަށް ތަފާތެވެ. ބައެއް މީހުންނަށް ކުޑަ ދުވަސްކޮޅަކަށް ނުވަތަ ކުރުމުއްދަތަކަށް ނިދިނައުން(acute insomnia) ކުރިމަތިވެދާނެ އެވެ. އެގޮތުން އެންމެ ރެޔަކުން ފެށިގެން ގޮސް ދެތިން ހަފްތާގެ މުއްދަތަށް ބައެއް މީހުންނަށް ނިދިނައުން މެދުވެރިވެދާނެ އެވެ. އަނެއްބައި މީހުންނަށް ދިގުމުއްދަތަކަށް ނިދިނައުން(chronic insomnia) ކުރިމަތިވެ، ދާއިމީ ކަމަކަށް ވެސް ވެދާނެ އެވެ. ދާއިމީ ގޮތެއްގައި ނުވަތަ ދިގުމުއްދަތަކަށް ނިދިނައުން މެދުވެރިވެފައިވާކަމަށް ބަލާނީ ހަފްތާއަކު 3 ރެޔަށްވުރެ ގިނައިން ނިދިނައުން މަހަކަށްވުރެ ގިނަދުވަހަށް ކުރިމަތިވެއްޖެނަމަ އެވެ. ބައެއް މީހުންނަށް ނިދިނައުމުގެ މައްސަލަ އަކީ ދޭތެރެއަކުން ކުރިމަތިވެފައި، ރަގަޅުވެ، އަނެއްކާ ވެސް ކުރިމަތިވާ އުދަގުލަކަށް ވެއެވެ.

ނިދިނައުން ކުރިމަތި ކުރުވާ ކަންތައްތައް
ކުރުމުއްދަތަކަށް ނިދިނައުން ކުރިމަތިކުރުވާ ސަބަބުތައް
(1) - ދިރިއުޅުމުގައި ދިމާވާ އެކިއެކި ކަންތައްތައް(ފިއްތުންތައް) : މިސާލަކަށް ތިމާގެ މީހަކު މަރުވުން، އަދާކުރަމުން އައި ވަޒީފާ ގެއްލުން، ދެމަފިރިން ވަރިވުން، ހިޖުރަކުރުން، ފަދަ ކަންކަމަކީ ބައެއް މީހުންނަށް ނިދިނައުމަށް މެދުވެރިވާ ސަބަބަކަށް ވަނީ ވެފައެވެ.
(2) - ބައެއް ކަހަލަ ބަލިތައް: މިސާލަކަށް ނޭވަޔަށް އުދަގޫކުރުން، ހުޅުތައް ދުޅަވުން، މެއިން ދިލަނެގުން، ތުރުތުރުއަޅާ ބަލި، އަލްޒައިމާ ބަލި، ތައިރޮއިޑް މަތިވުން، ހިތުގެ މައްސަލަތައް، އަދި ކެންސަރު ފަދަ ބަލިތަކުގެ ސަބަބުން ނިދުމަށް ދަތިވެ، އުދަގުލާއި ބައެއް ފަހަރު ކުރިމަތިލާން ޖެހެއެވެ.
(3) - މާހައުލަށް އަންނަ ބަދަލު: ނިދުމަށް ކަނޑައެޅޭ މާހައުލުގައި އަނޑުގަދަވުން، އަލިގަދަވުން، ފަދަ ކަންކަމަކީ ނިދުމަށް ހުރަސް އަޅާ ކަންކަމެކެވެ. ހަމަމިހެން މާބޮޑަށް ފިނިވުން، ނުވަތަ ހޫނުވުމަކީ ވެސް ބައެއް ފަހަރު ނިދަން އުދަގޫވާ ކަންކަމެވެ.
(4) - ބައެއް ކަހަލަ ބޭސްތައް: ނޭވަޔަށް އުދަގޫކުރުން، ލޭގެ ޕްރެޝަރ މައްޗަށް ދިއުން، ހާސްވެ، ކަންބޮޑުވުން، އަދި ބައެއް ކަހަލަ ނުގުޅޭއަސަރު(އެލާޖީ) އަށް ދީއުޅޭ ބޭސްތައް، އަދި މިނޫން ބައެއް ބޭސްތަކުގެ ސަބަބުން ވެސް ނިދިނައުން މެދުވެރިވެދާނެ އެވެ.
(5) - މިޒާޖާއި އުޅުމަށް އަންނަ ބަދަލު: މާބޮޑަށް ރުޅިއައުން، ކަމަކާއި މާބޮޑަށް ދެރަވެ ފިކުރުކޮށް ވިސްނައި ހަދާނަމަ ވެސް ބައެއް ފަހަރު ނިދިނައުން މެދުވެރިވެދާނެ އެވެ. ހަމަމިހެން ނަފްސާނީ ބައެއް ބަލިތަކުގެ ސަބަބުން ވެސް ނިދިނައުމުގެ މައްސަލަ ވަރަށް ގިނަ ބަޔަކަށް ކުރިމަތިވާކަން ފާހަގަ ކުރެވެއެވެ.
(6) - މަސްތުވާ ތަކެތި ބޭނުންކުރުން: މަސްތުވާ ތަކެތީގެ ތެރޭގައި ހިމެނޭ ހަޝިޝް، ހިރޮއިން، ކޮކޭއިން، އަދި އެލްއެސްޑީ ފަދަ ތަކެތި ބޭނުންކުރުމުން ރޭގަނޑު ވަގުތުތަކުގައި ނިދުމަށް އުދަގޫވެގެން ދެއެވެ.
(7) - ނިދުމުގެ ވައްޓަފާޅިއަށް ބަދަލުއައުން : މިސާލަކަށް ދުވާލު ޑިއުޓީ ކޮށްފައި ދަންވަރު ޑިއުޓީ ކުރަން ފެށުމަށްފަހު، ނިދިނައުން މެދުވެރިވުމަކީ ވެދާނެ ގޮތެކެވެ.

ދިގުމުއްދަތަކަށް ނިދިނައުން ކުރިމަތިކުރުވާ ސަބަބުތަކުގެ ތެރޭގައި:-
v     ކަންކަމާ ހިތްހަމަނުޖެހި، މާޔޫސްވުން
v     ފިއްތުންތަކެއްގެ ތެރޭގައި ދިރިއުޅުން ބައްޓަންވެފައިވުން ނުވަތަ ދިރިއުޅެންޖެހުން
v     ރޭގަޑު ތަދެއް ނުވަތަ އުދަނގުލެއް އިހުސާސްވުން

ބަލިވެއިނުމާ، ނިދިނައުން
ބަލިވެއިނުމަށް ފަހު ފުރަތަމަ 3 މަހާއި ފަހު 3 މަހުގެ ތެރޭގައި ނިދިނައުމުގެ މައްސަލަ ވަރަށް ގިނަ އަންހެނުންނަށް ކުރިމަތިވެއެވެ. ދިރާސާތަކުން ދައްކާގޮތުގައި ބަލިވެއިނުމަށްފަހު ވަރަށް ގިނަ މީހުންނަށް ނިދިނައުމުގެ މައްސަލަ ކުރިމަތި ވެއެވެ.  

މާބަނޑު ދުވަސްވަރު ނިދިނައުން މެދުވެރިވާ ސަބަބުތައް
ބަލިވެއިންނަތާ ކުރީކޮޅު ކުރިމަތިވާ މޭނުބައިކުރުމާއި ހޮޑުލެވުން، މެއިން ދިލަނެގުން، އަދި ވަރުބަލިވުން ފަދަ ކަންކަމަކީ ނިދި ފުރިހަމައަށް ލިބުމަށް ހުރަސް އަޅާ ކަންކަމެވެ.. ފަހުކޮޅު ނިދިނައުމަށް މެދުވެރިކުރުވާ ސަބަބުތަކުގެ ތެރޭގައި ވިހެއުމަށް ނަފްސާނީގޮތުން ބިރުގަތުން، ފައިގައި ރިއްސުން، ވަރުބަލިވުން، ރަހިމުގެ ސައިޒު ބޮޑުވުމުން ލިބޭ ހާސްކަން، ފަދަ ކަންތައްތައް ހިމެނެއެވެ.

މީގެ އިތުރުން ނިދަން އޮށޯވެ އޮވެވޭ ގޮތަކުން ، އިރުއިރުކޮޅާ ކުޑަކަމުދާންޖެހުން ފަދަ ކަންކަމަކީ ވެސް ނިދިނައުމަށް ހުރަސްއަޅާ ކަންކަމެވެ. ފިކުރު ބޮޑުވުމާ ހާސްވެ ކަންބޮޑުވުމަކީ ވެސް ނިދިނައުން މެދުވެރިކޮށްފާނެ ކަންތައްތަކެވެ. އެހެންކަމުން މާބަނޑު ދުވަސްވަރު އާންމު ގޮތެއްގައި ނިދިނައުން މެދުވެރިވަނީ ޖިސްމާނީ ގޮތުންނާ، ނަފުސާނީ ގޮތުން މެދުވެރިވާ ނުތަނަވަސްކަމެއްގެ ސަބަބުންކަން އެނގެއެވެ.

މާބަނޑު ދުވަސްވަރު ނިދަން ކައިރިވެފައިވަނިކޮށް ކަސްރަތުކުރުމަކީ މީހާ ވަރުބަލިވެ، އެކަމުގެ ސަބަބުން ބައެއް ފަހަރު ނިދިން މަހުރޫމު ކުރުވާ ކަމެކެވެ. ފާހަގަ ކުރެވިފައިވާ ގޮތުގައި މާބަނޑު ދުވަސްވަރު ދިމާވާ ނިދިނައުމުގެ އުދަނގޫތައް، ނިދަން އޮށޯތުމަށްފަހު ގަޑީގެ ކަށްޓަށް ބަލަމުންދާނަމަ އިތުރަށް ބޮޑުވެގެން ދެއެވެ.

މާބަނޑު ދުވަސްވަރު ދިމާވާ ނިދިނައުމުން ދުރުހެލިވުމަށް ކުރެވިދާނެ ކަންތައްތައް
މާބަނޑު ދުވަސްވަރު ކުރިމަތިވާ ނިދިނައުމުގެ މައްސަލައިން މިންޖުވުމަށް ޓަކައި ކުރެވިދާނެ ކަންތައް ތަކުގެ ތެރޭގައި:-
v     ނިދުމުގެ ކުރިން ތާފަނާ ފެނުން ފެންވެރުން
v     އާދައިގެ ކަސްރަތެއް އަބަދުވެސް ކުރުން
v     ކަޅުސައި، ކޮފީ ފަދަ ކެފޭއިން އެކުލެވޭ ބުއިންތަކާ ދުރުހެލިވުން
v     ދުންފަތުގެ އިސްތިއުމާލުކުރުމާ ދުރުހެލިވުން
v     ހަވީރާ ރޭގަނޑު ދިޔާތަކެތި ބުއިން މަދުކުރުން
v     ނިދުމުގެ ކުރިން ތެޔޮ ކުޅިކާނާ ނުކެއުން
v     ހަވީރާ ރޭގަނޑު ބުރަމަސައްކަތް ނުކުރުން
v     އެއްގަޑިއަކަށް ނިދާފައި އެއްގަޑިއެއްގައި ހޭލަން އާދަކުރުން
v     ނިދާކޮޓަރިއަކީ ނިދުމަށް އެކަށޭނަ މާހައުލަކަށް ހެދުން
v     ނިދަށް އޮންނަ އިރު ދެފައި ދޭތެރެއަށް ބާލީހެއް ލުމަށް ފަހު ވާތްފަރާތަށް ބުރަވެއޮވެ، ނިދުން

މީގެ އިތުރުން:-
" މާބަނޑު ދުވަސްވަރު ދިމާވާ ނިދިނައުމަށް ހައްލެއް ހޯދަން ބޭނުންނަމަ ފުރަތަމަ ކަމަކަށް ގަޑިއަށް ބެލުން ހުއްޓާލާށެވެ. އެއީ ގަޑިއަށް ބެލުމުން މިނެޓަކަށްފަހު މިނެޓަކު ނުތަނަވަސްކަމާއި ހާސްކަން ދާނީ އިތުރުވަމުންނެވެ. އަދި ނިދި ދާނީ އިރެއްއިރެކަށް ލޮލާއި ދުރުވަމުންނެވެ. ވުމާއިއެކު ލޯމަރާލައިގެން ނިދޭތޯ މަސައްކަތްކޮށްލާށެވެ. މިގޮތުން ނުނިދިއްޖެނަމަ ތެދުވެ ތާފަނާ ފެނުން ފެންވަރާލާށެވެ. އަދި ދެމަފިރިންނަށް ފޫހިކަމަކަށް ނުވަތަ އުދަގުލަކަށް ނުވާނަމަ ފިރިމީހާގެ އެހީޔާއި އެކު ގައި މަސާޖުކޮށް ބޮޑިތާން ކޮށްލާށެވެ.
އަދި ނިދަން އޮށޯވުމުގެ ކުރިން ކޮޓަރީގެ މާހައުލު ހުރީ ނިދަން އެކަށީގެންވާ ގޮތަށް ތައްޔާރު ކުރެވިފައިތޯ ބަލާށެވެ. ފިނިހޫނުމިނާއި އަދިރިކަން މިގޮތުން ބަލާލުން ބުއްދިވެރިއެވެ. އަދި އެކިއެކި އަޑުތަށް ކޮޓަރިއަށް ނުއިވޭގޮތަށް ހަދާށެވެ. މިއީ ހައްތަހާވެސް ނިދުމަށް ހުރަސް އަޅާކަންތައްތަކެކެވެ.
މިހުރިހާކަމަކަމެއް ކުރުމާއިއެކުވެސް ނިދަން އޮށޯވެ ބައިގަޑިއެއްހާއިރުވާއިރު ނިދިނައިނަމަ އެނދުންތެދުވާށެވެ. އަދިބޭރުގެއަށްގޮސް ވާހަކަފޮތެއް ނުވަތަ މަޖައްލާއެއް ކިޔާލާށެވެ. އިސާހިތަކު ލޮލަށް ނިދިބަރުވެދާނެއެވެ.
ދެންވެސް ނިދިނައިނަމަ ހާސް ނުވާށެވެ. މާދަމަޔާއިމެދު ނުވިސްނާށެވެ. މިކަމާއިމެދު ވިސްނާވަރަކަށް ދާނީ ގޯސްވަމުންނެވެ. އަދި ފަހަރުގައި ޑޮކުޓަރެއްގެ ލަފާވެސް ހޯދަން ޖެހިދާނެއެވެ." (ޑރ ފައިޞަލް)
އުމުރުން ދުވަސްވުމާ، ނިދިނައުން
އުމުރުން 65 އަށްވުރެ މަތީގެ މީހުންގެ ތެރެއިން ގާތްގަނޑަކަށް 50 އިންސައްތަ މީހުންނަށް ނިދިނައުމުގެ މައްސަލަ ކުރިމަތިވާ ކަމަށް ދިރާސާތަކުން ދައްކައެވެ. އުމުރުން ދުވަސްވުމުން ތަބީއީ ގޮތެއްގައި ވެސް ނިދުމުގެ އާދައަށް ބަދަލު އާދެއެވެ. ދުވާލެއްގެ މައްޗަށް ނިސްބަތުން ނިދޭ މިންވަރު މަދުވެ، އަދި ފުރިހަމަ ނިދި ލިބުމަށް ހުރަސްތަކާއި ކުރިމަތި ވެއެވެ. އުމުރުން ދުވަސްވެ ދިއުމުން ނިދިނައުން ނުވަތަ ނިދުމަށް ބަދަލުގެނުވާ ކަންތައްތަކުގެ ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ.

(1) - ނިދުމުގެ އާދައަށް ބަދަލުއައުން: އާންމުކޮށް ނިދޭ މިންވަރު އުމުރުން ދުވަސްވުމުން ތަބީއީ ގޮތެއްގައި ވެސް މަދުވެއެވެ. ފުން ނުވަތަ އަރާމް ނިންޖެއްގައި ވަގުތުތައް ހޭދަކުރުން އުދަގޫ ކަމަކަށްވެއެވެ. މީގެ އިތުރުން ދުވާލުގެ ވަގުތުތަކުގައި ނިދުމަކީ ވެސް ރޭގަނޑު ނިދި އުމުރުން ދުވަސްވީ މީހުންނަށް މަހްރޫމްކުރުވާ ކަމަކަށް ވަނީ ވެފައެވެ.

(2) - ބައެއް ކަހަލަ ދާއިމީ ބަލިތައް: އުމުރުން ދުވަސްވުމުން ދިމާވާ ހަދާން ނެތޭ ބަލި،ތުރުތުރު އަޅާ ބަލި، ހުޅުތައް ދުޅަވުން، މޭ އެންދުން، ހާރޓް ފޭލްވުން، އަދި އިއްދައިން ކެނޑުން ފަދަ ކަންކަމަކީ ނިދުމަށް ހުރަސް އަޅާ ކަންކަމެކެވެ. މިކަންކަމަކީ ނިދަށް އޮށޯތުމަށް ނިދެން އުދަގޫވެ، ގިނައިރު ނެގުމުގެ އިތުރުން ނިދީގައި ގިނަ ވަގުތު ހޭދަކުރުމަށް ވެސް ހުރަސް އަޅާ ކަންކަމެވެ. މީގެ އިތުރުން އުމުރުން ދުވަސްވުމުން އެކިބަލިތަކާއި ގުޅިގެން ދޭ ބޭސްތަކުގެ ސަބަބުން ވެސް ނިދިނައުން މެދުވެރި ކުރުވައެވެ.

(3) - ނަފްސާނީ މައްސަލަތައް: އުމުރުން ދުވަސްވުމުން ކުރިމަތިވާ ބައެއް ކަހަލަ ނަފްސާނީ މައްސަލަ ތަކުގެ ސަބަބުން ވެސް ނިދި ނައުން މެދުވެރި ކުރުވައެވެ. ގާތްތިމާގެ މީހަކު މަރުވުން، ނުވަތަ ދަރިޔަކު މަރުވުން، އުޅޭގެ ކޮންމެ ވެސް ސަބަބަކާއި ހުރެ ބަދަލު ކުރުން ފަދަ ކަންތައްތަކަކީ މުސްކުޅިވެ، ދުވަސްވެފައިވާ މީހުންނަށް ނިދިނައުމަށް މެދުވެރިވާ ކަންތައްތަކެއް ކަމުގައި ވަނީ ވެފައެވެ.
(4) - ވަޒީފާއިން ވަކިވުން: އަދާކުރަމުން އައި ވަޒީފާއިން ވަކިވެ، އުޅެން ޖެހުމުން އެކަނިވެރިކަމާއި، ހުސްވަގުތުތައް ކަމެއް ނެތި ހޭދަކުރަން ޖެހުމަކީ މުސްކުޅިވެ، ދުވަސްވުމުން ތަހައްމަލު ކުރަން އުދަގޫކަމަކަށް ވެއެވެ. ނަތީޖާއެއްގެ ގޮތުން ނިދިނައުން މެދުވެރި ކުރުވައެވެ.

ކުޑަކުދިންނާ، ނިދިނައުން
ކުޑަކުދިންނަށްނާއި، ސުކޫލަށްދާ އުމުރުގެ ކުދިންނަށް ރެޔަކާއި، ދުވާލު މަދުވެގެން 8 ނުވަތަ 9 ގަޑިއިރުގެ ނިދި ބޭނުންވެއެވެ. ފުރިހަމަ ނިދި ނުލިބުމަކީ ކުޑަކުދިންނަށް ދުވާލުގެ ވަގުތުތަކުގައި އެކިއެކި އުދަގޫތަކާއި ކުރިމަތިލާން ޖެހޭ ކަމެކެވެ.ފުރިހަމަ ނިދި ނުލިބިއްޖެ ނަމަ ކުޑަކުދިންނަށް ދިމާވެދާނެ ކަންތައްތަކުގެ ތެރޭގައި އުޅުމާއި، މިޒާޖަށް ބަދަލު އައުން، ވިސްނުމާއި، ހަދާނަށް ބަދަލުއައުން، ކަންކަން ފުރިހަމަ ކުރުމުގައި ހުރަސްތަކާއި، ކުރިމަތިވުން، އަދި އެކިއެކި ނުރައްކާތެރި ހާދިސާތައް ކުރިމަތިވުން ފަދަ ކަންތައްތައް ހިމެނެއެވެ.

ކުޑަކުދިންނަށް ރޭގަނޑު ފުރިހަމަ ނިންޖެއް ހޯދައި ދިނުމަށްޓަކައި އަންނަނިވި ކަންތައްތައް މައިން ބަފައިންނަށް ކޮށްދެވިދާނެ އެވެ.
v     ކަނޑައެޅިފައިވާ ވަކިވަގުތެއްގައި ނިދަން ބާއްވައި، އަދި ވަކިގަނޑިއަކަށް ހޭލެއްވުން
v     ކެފޭއިން އެކުލެވޭ ބުއިންތައް ނުދިނުން
v     ނިދަން ބޭއްވުމުގެ ކުރިން ތާފަނާ ފެނުން ފެންވެރުވުން
v     ދުވާލުގެ ވަގުތު ތަކުގައި މާގަދަޔަށް ނުނިންދުން
v     ނިދާ ކޮޓަރި އަޑުމަޑުކަމާއި، ހިމޭންކޮށް ބޭއްވުން
v     ނިދާ ކޮޓަރީގެ ފިނިހޫނު މިން އެކަށޭނަ ވަރަކަށް ބެހެއްޓުމުގެ އިތުރުން ކުޑަކޮށް އަދިރިކޮށް ބެހެއްޓުން
v     ނިދަން ވުމުގެ ކުރިން އޮންނަ ވަގުތު ޓީވީ ބެލިޔަނުދިނުން
v     ނިދަންވުމުގެ ކުރިން އޮންނަ ވަގުތުގައި އެކިއެކި ކުޅިވަރު ކުޅުމުގައި ވަގުތު ހޭދަކުރިޔަ ނުދިނުން

ނިދިނައުމުގެ މައްސަލަ ހައްލުކުރުމަށް ކުރެވިދާނެ ބައެއް ކަންތައްތައް
(ހ) - ވީވަރަކުން ކެފެއިން އެކުލެވޭ ކާނާ އަދި ބުއިންތަކާއި ދުރުހެލިވާށެވެ. ޚާއްޞަކޮށް ރޭގަނޑު ކެއުމަށް ފަހު ނިދުމާއި ދޭތެރޭގައި މިފަދަ ބުއިންތަކާއި މުޅިން ދުރުހެލިވާށެވެ. ކެފެއިން އެކުލެވޭ ބާވަތް ތަކުގެ ތެރޭގައި ޗޮކްލެޓް، ކޮފީ އަދި ކަޅުސައި ފަދަ ބުއިންތައް ހިމެނެއެވެ. ދުންފަތުގެ އިސްތިއުމާލު ކުރުމުން ވެސް ދުރުހެލިވާށެވެ. އޭގައި އެކުލެވޭ ނިކޮޓިން އަކީ ނިދުމަށް ހުރަސްއަޅާ މާއްދާ އެކެވެ.

(ށ) - ދުވާލުގެ ވަގުތުތަކުގައި މާގަދަޔަށް ނިދުމަކީ ރަގަޅު ކަމެއްނޫނެވެ. ޚާއްޞަކޮށް މެންދުރު ފަސް ނުވަތަ ހަވީރުގެ ވަގުތުތަކުގައި ނިދުމަކީ ރޭގަނޑުގެ ނިދި ޚަރާބުވެގެން ދިއުމަށް މަގު ފަހިކުރުވާ ކަމެކެވެ. ކޮންމެ ހެން ނިދާލަން ބޭނުންވެއްޖެ 30 ވަރަކަށް މިނިޓް މެންދުރު ފަހު ނިދާލެވިދާނެ އެވެ.

(ނ) - ނިދަށް އޮށޯތުމުގެ ކުރިން ތާފަނާ ފެނުން ރަގަޅަށް ފެންވަރާލާށެވެ.މިކަމުގެ ސަބަބުން ހަށިގަނޑަށް ލުއިކަން ލިބި ފަސޭހަކަމާއި ނިދޭގޮތް ވެއެވެ. ބައެއް ފަހަރު ފެންވަރައިގެން ނިމިގެން މަސާޖުވެސް ކޮށްލެވިދާނެ އެވެ.

(ރ) - ކޮންމެ ވެސް ބާވަތެއްގެ ފޮތެއް ކިޔާލާށެވެ. ނުވަތަ ތިނޯސް ބޭނުންކޮށްގެން އެއްޗެއް ފެހުން ފަދަ ކަވި މަސައްކަތެއް ކުރަން ފަށާށެވެ. ނިދިނާންނަމަ އެކަމުން ސަލާމަތްވުމަށް ޓީވީ ބެލުން ނުވަތަ ރޭޑިޔޯ އަޑު އެހުމަކީ ރަގަޅު ކަމެއްނޫނެވެ. އެއީ މިފަދަ ކަންކަމުގެ ސަބަބުން ޓީވީ އިން ފެންނަ ނުވަތަ ރޭޑިޔޯ އިން އިވޭ އެއްޗަކަށް ސަމާލުކަން ދެވި ނިދިއައުމަށް ހުރަސް އެޅޭގޮތް ވެއެވެ.

(ބ) - ފަނޑުއައްޔެއް އެކުލެވޭ ބޮތްކެއް ނިދާގަނޑީގައި ބޭނުންކުރަން އާދަކުރާށެވެ. ހަމަމިހެން ކޮޓަރީގެ ފިނިހޫނުމިން މެދުމިނެއްގައި ބެހެއްޓުމަށް އާދަކުރާށެވެ. ކޮޓަރިން ވައިބޭރުވާނޭ ގޮތް ހުންނަން ޖެހޭނެ އެވެ. އެދުގައި އަޅާ ބެޑްޝީޓް، ބާލީއުރަ ފަދަ ތަކެއްޗަކީ އަބަދުވެސް ސާފު ކަންމަތީގައި ބެހެއްޓޭ ތަކެތި ކަމުގައި ހަދާށެވެ.

(ޅ) - ނިދަން އޮށޯތުމަށް ފަހު މާބޮޑަށް ކަންކަމާއި ވިސްނަށް ނުހަދާށެވެ. މިގޮތަށް ކަންކަމާއި، ވިސްނަން ފެށުމުން ނިދަން އުދަގޫވެއެވެ. އަދި އެރޭގެ ނިދި އެއްކޮށް ގެއްލޭގޮތް ބައެއް ފަހަރު ވެއެވެ.

(ކ) - އަބަދުވެސް ވަކިގަޑިއެއްގައި ހޭލަން އާދަކުރާށެވެ. ހަމަމިހެން ވަކިގަޑިއެއްގައި ނިދަށްއޮށޯތުމަށް ހަދާން ކުރާށެވެ. ހޭލާން ބޭނުންވާ ގަޑިއަށް ހޭނުލެވި ތަކުރާރު ވާނަމަ ސޯނާ ގަޑިއެއްގެ އެހީގައި ހޭލާންޖެހޭ ގަޑިއަށް ހޭލެވޭތޯ ބަލާށެވެ.

(އ) - އަބަދުވެސް ކަސްރަތު ކުރަން އާދަކުރާށެވެ. ދުވާލަކު މަދުވެގެން 20 ވަރަކަށް މިނިޓް ކަސްރަތު ކުރުމުގައި ހޭދަކުރާށެވެ. އަދި ދުވާލުގެ ވަގުތުތަކަކީ ހަރަކާތްތެރި ވަގުތުތަކަކަށް ހަދާށެވެ. ނަމަވެސް ނިދަން މާގާތްވެފައި ވަނިކޮށް ކަސްރަތު ކުރުމަކީ ރަގަޅު ކަމެއް ނޫނެވެ. ނިދަން އޮށޯންނަށް 5 ނުވަތަ 4 ގަޑިއިރަށް ކައިރިވެފައި ވަނިކޮށް ކަސްރަތު ކުރުމަކީ ރަގަޅު ކަމެއް ނޫންކަމަށް ތަޖުރިބާކާރުން ވިދާޅުވެއެވެ.

(ވ) - ހަވީރުކޮޅު އަދި އިރާކޮޅު ގެ ވަގުތުތަކުގައި މާގަދަޔަށް ކެއުމަކީ ވެސް ރަގަޅު ކަމެއް ނޫނެވެ. ނަމަވެސް ނިދަން އޮށޯތުމުގެ ކުރިން ލުއިކެއުމެއް ނުވަތަ ސަޔެއް ފަދަ އެއްޗެއް އިޚްތިޔާރު ކުރެވިދާނެ އެވެ. މިގޮތުން ކިރުތައްޓަކާއި، ޕާން ފޮއްޗެއް ފަދަ އެއްޗެއް ނިދަން އޮށޯތުމުގެ ކުރިން ބޭނުންކޮށް ލެވިދާނެ އެވެ.

(މ) - ކޮޓަރީގައި ހުންނަ އަލީގެ ސަބަބުން އުދަގޫވާނަމަ މާސްކެއް ފަދަ އެއްޗެއް ބޭނުންކުރެވިދާނެ އެވެ. އަދި މާއަޑުގަދަ ނަމަ ''އިއަރ ޕްލަގް'' ފަދަ އެއްޗެއް ބޭނުންކުރެވިދާނެ އެވެ.

(ފ) - ނިދަން އޮށޯތުމަށް ފަހު ނުނިދެ ގިނައިރު ވާންފަށައިފިނަމަ ތެދުވާށެވެ. އެއަށްފަހު ދެން ނިދަން އޮށޯތުމުގެ ކުރިން ކުރެވިދާނެ ކަންތައްތަކުގެ ލިސްޓެއް ހަދާށެވެ. އަދި އެއަށްފަހު އެލިސްޓްގައިވާ ކަންތައްތައް މަޑުމަޑުން ފުރިހަމަ ކުރާށެވެ. މިގޮތަށް ހެދުމުން ބައެއް ފަހަރު އެހެން ޚިޔާލުތަކާއި، ދުރުވެ، އަދި އެކަންކަން ފުރިހަމަކުރުމަށް ހޭދަކުރާ ވަގުތުގެ ތެރޭގައި ނިދިއަންނަގޮތްވެ، ނިދުމަށް މަގުފަހިވެގެން ދެއެވެ.

ނޯޓް : މިއީ މައުލޫމާތު ފެތުރުމުގެ ނިޔަތުގައި ލިޔެފައިވާ ލިޔުމެކެވެ.

No comments:

Post a Comment