Sunday, January 10, 2016

ދަރިން ތަރުބިއްޔަތުކުރުން : ދެވަނަ އަހަރުގެ ތެރޭގައި



ދަރިން ތަރުބިއްޔަތު ކުރުމުގައި މައިންބަފައިންގެ ދައުރު : ދެވަނަ އަހަރުގެ ތެރޭގައި ( އެއް އަހަރާއި، ދެއަހަރާއި ދެމެދުގައި)
ހެދިބޮޑުވަމުން އަންނަގޮތް
ފުރަތަމަ ފިޔަވަޅު އެޅުން، ހިނިތުންވުން، "ބައިބައި" ކިޔަމުން އަތް ހޫރާލުން ފަދަ ހުނަރުތަކަކީ ކުއްޖެއްގެ "ހެދިބޮޑުވުން ދެނެގަތުމަށް ބޭނުންކުރާ މިންގަނޑު"(developmental milestone) ތަކެކެވެ. ހެދިބޮޑުވުން ދެނެގަތުމަށް ބޭނުންކުރާ މިންގަނޑު ތަކަކީ އެކުއްޖެއްގެ އުމުރާ ގުޅޭގޮތުން ގިނަ ކުދިންނަށް އެއުމުރުގައި ޙާޞިލްކުރެވޭނެ (ކުރެވެންޖެހޭނެ) ކަންތައްތަކެކެވެ. ކުޑަކުދިން ހެދިބޮޑުވުން ދެނެގަތުމަށް ބޭނުންކުރާ މިންގަނޑުތައް ޙާޞިލްކުރަނީ ކުޅިވަރާއި، އުގެނުމާއި، ވާހަކަ ދެއްކުމާއި، އެހެންމީހުންނާއި އެކުވެ އުޅުމާއި، ފިރުކުމާއިމ ހިނގުމާއި،ފުންމުން ފަދަ ހަރަކާތްތަކުގެ ތެރެއިންނެވެ. 

ތުއްތު ދަރިފުޅުގެ ދެވަނަ އަހަރުގައި ހަރަކާތްތެރިވެ އުޅޭ މިންވަރު އިތުރުވާނެ އެވެ. އެމީހުންގެ އަމިއްލަ ނަފުސާއި، ވަށައިގެންވާ މާހައުލުގައި ހިނގާކަންކަން ހޯދާ ބަލައި، ނަގައިގަންނަލެން އަވަސްވާނެ އެވެ. އާ ކަންކަމާއި، މީހުންނާއި، ތަކެއްޗަށް ހުންނަ ޝައުގުވެރިކަން އިތުރުވާނެ އެވެ. މިމަރުހަލާގައި ކުޑަކުދިން އެމީހުންގެ އަމިއްލަ ނަފުސުގެ މޮޅުކަން ދައްކަން މަސައްކަތްކުރާނެ އެވެ. ލޯގަނޑުން ނޫނީ ފޮޓޯއިން އަމިއްލަ ނަފުސު ފާހަގަކޮށް، އެހެން މީހުން ކުރާ ކަންތައްތައް ކުރާނެއެވެ. ގާތްތިމާގެ މީހުންގެ ނަންތައް އެނގި، އާންމުކޮށް ގިނައިން ބޭނުންކުރެވޭ، ނޫނީ ފެންނަ ތަކެތީގެ ނަންތައް އެނގޭނެ އެވެ. ނޫނީ ދަސްކުރާނެއެވެ. ކުދި ބަސްބަހާއި، ޖުމުލަ ކިޔުމުގެ އިތުރުން، ބުނާ ކަންތައްތައް ކުރާނެ އެވެ. 

ތަރުބިއްޔަތު ކުރުމުގައި ބެލިދާނެ ކަންތައްތައް
·         ކޮންމެ ދުވަހަކު ވެސް ކޮންމެވެސް ކަހަލަ ފޮތެއް ކިޔައިދޭށެވެ.
·         ލޯ، ކަންފަތް، ނޭފަތް ފަދަ ހަށިގަނޑުގެ ބައިތައް، ނުވަތަ ގޭތެރޭގައި ހުރި ފަންކާ، ގޮނޑި، މޭޒު ފަދަ އެއްޗެއް ދެއްކުމަށްފަހު އެތަނެއް ކޮބައިތޯ ދައްކަން ބުނާށެވެ.
·         ގުޅުވަން ހުންނަ ކަހަލަ (މިސާލަކަށް އެއް ބައްޓަމަށް ހުންނަ އެއްޗެހި ވަކިކުރުން ފަދަ) ގޭމް ތައް ދަރިފުޅާއެކު ކުޅޭށެވެ.
·         އާކަންތައްތައް ހޯދައި، ދަސްކުރުމަށް އެހީތެރިވެދޭށެވެ.
·         ދަރިފުޅު ވާހަކަ ދައްކަން ދަސްކުރުމުގައި އެހީތެރިވެދޭށެވެ. ދަރިފުޅު ބުނާބަހަކާ ގުޅުވައިގެން އެއާއި ގުޅޭގޮތަށް ޖަވާބުދޭށެވެ. އޭރުން އާބަސްތައް ދަސްކުރުމަށް ފަސޭހަ ވާނެއެވެ. 
·         ދަރިފުޅު އަމިއްލައަށް ކަންކަން ކުރުމަށް އެއްބާރުލުން ދޭށެވެ. މިސާލަކަށް އަމިއްލައަށް ސޯޓުލުން، އަމިއްލައަށް ކެއުން ފަދަ ކަމެއްކުރަން އުޅޭހިނދު އެކަން ހުއްޓުވައި، އެކަމަށް އެހީތެރިވެދޭށެވެ.
·         ނުރަގަޅު ކަންތައްތަކަށް އަދަބު ދިނުމުގެ ބަދަލުގައި ރަގަޅު ކަންތައްތައް ކުރަން ބާރުއަޅައި، އެފަދަ ކަންކަމަށް ދަރިފުޅު އެދޭހިނދު އެކަމަށް އިޖާބަދޭށެވެ. އަދި ނުރަގަޅު ކަމެއް ކުރަން ބޭނުންވެގެން އުޅޭހިނދު އޭގެ ބަދަލުގައި ކުރެވިދާނެ ރަގަޅުކަމަކަށް މަގުފަހިކޮށްދޭށެވެ.
·         ޕާރކު ފަދަ ތަނަކަށް ދިއުން، ދަތުރުދިއުން ، ހިނގާލުން، ފަދަ ކަންކަމުގެ ތެރެއިން އާކަންކަމާ، ބަސްތައް ދަސްކުރުމުގައި ދަރިފުޅަށް އެހީތެރިވެދޭށެވެ.
ދަރިފުޅުގެ ރައްކާތެރިކަން
·         ފެންވަރާ ބިލިގާ، މަސްފެންގަނޑު، ފަތާފެންގަނޑު، އަދި މޫދު ކައިރިއަށް މީހަކާނުލައި، އެކަނި ދޫކޮށްނުލާށެވެ. އެހެނީ މިއިން ކޮންމެ ތަނަކީ އެކަނި ދޫކޮށްލައިފިނަމަ ދަރިފުޅު ގެނބުމުގެ ފުރުޞަތު އޮތްތަންތަނެވެ.
·         ސިނޑިން އެރުމަށް އެކަނި ދޫކޮށްނުލާށެވެ. ސިނޑިން އަރަން ބޭނުންވާނަމަ ދަރިފުޅުގެ އަތުޖެހޭ ހިސާބުގައި އެހީތެރިޔަކު ހުންނަންވާނެ އެވެ. ސިނޑި ފެށޭ ހިސާބުގައި ދަގަނޑު ނުވަތަ ލަކުނޑިން ހަދާފައިވާ ގޭޓެއް ފަދަ އެއްޗެއް ހުރަހެއްގެ ގޮތުގައި ބެހެއްޓިދާނެ އެވެ.
·         ބެލްކަނި ފަދަ ތަންތަނަށް އެކަނި ނިކުތަ ނުދޭށެވެ. ބެލްކަނި ފަދަ ތަންތަނުގައި ވެސް ރެއިލިންގ ހަރުކޮށްފައި ބެހެއްޓިދާނެ އެވެ.
·         ގޭގައި ދަރިފުޅު އެކަނި ބަހައްޓާފައި ބޭރަށްނުދާށެވެ. ބޭރަށްދާންވާނީ އިތުބާރުކުރެވޭފަދަ މީހަކު ދަރިފުޅުގެ ގާތުގައި ބަހައްޓާފައެވެ.
·         ގޭގައި ހުންނަ ކަރަންޓްބޯޑު، ކަރަންޓް ޕްލަގު ފަދަ ތަކެތި ދަރިފުޅުގެ އަތްފޯރާ ހިސާބުގައި ނުބަހައްޓާށެވެ. ފާރުގައި ހަރުކޮށްފައި ހުންނަ ކަރަންޓް ޕްލަގު ފަދަ ތަކެތީގެ މަތިން ނިވާކުރެވޭގޮތަށް ޕްލަގު ކަވަރު ހަރުކޮށްފައި ބަހައްޓާށެވެ.
·         ގޭގައި ހުންނަ ކަރަންޓުން ބޭނުންކުރާ އެއްވެސް އެއްޗެއް (އިސްތިރި، ހީޓަރު، އުދުން، މިކްސްޗަރު، ކަރަންޓް ކުރާ، އަވަން، އެއަރ ފްރަޔަރ ފަދަ ތަކެތި) ދަރިފުޅުގެ އަތްފޯރާ ހިސާބުގައި ނުބަހައްޓާށެވެ.
·         ގޭގައި ބޭނުންކުރާ ތޫނު އެއްވެސް އެއްޗެއް (ވަޅި، ކަތުރު، ކަޓަރު، އިސްކުރު އަނބުރާ ކަށިގަނޑު ފަދަ ތަކެތި) ދަރިފުޅުގެ އަތްފޯރާ ހިސާބުގައި ނުބަހައްޓާށެވެ.
·         ގޭތެރެ ސާފުކުރުމަށް ބޭނުންކުރާ އެއްވެސް ކަހަލަ އެއްޗެއް ( ދިޔާ އޯމޯ، ސޮފްނަރ، ޝެލްޓެކްސް، އެއަރފްރެޝްނަރ، ލައްފިލުވާ، ހާރޕިކް ފަދަ ތަކެތި) ދަރިފުޅުގެ އަތްފޯރާ ހިސާބުގައި ނުބަހައްޓާށެވެ.
·         އެއްވެސް ކަހަލަ ބޭހެއް ދަރިފުޅުގެ އަތްފޯރާ ހިސާބުގައި ނުބަހައްޓާށެވެ.
·         ދަރިފުޅު ގޮވައިގެން ސައިކަލް ދުއްވަންވާނީ ބެލްޓުއަޅުއްވައިގެންނެވެ. ދަރިފުޅު ގޮވައިގެން ބާރު ދުވެއްޔެއްގައި ސައިކަލް ދުއްވުމަކީ ރައްކާތެރިކަމެއް ނޫނެވެ. ދުއްވާތަކެތި ދުއްވުމުގައި ހެދިފައިވާ ގަވާއިދުތަކަށް އަމަލުކުރަންޖެހޭނެ އެވެ.
ދުޅަހެޔޮ ހަށިގަނޑު
·         ހަކުރު އެޅި ބުއިންތަކުގެ ބަދަލުގައި ދަރިފުޅަށް ފެނާއި، ސާދާ ކިރު ދޭށެވެ. އެއްއަހަރުވެގެން އޮށްޓަރުހުރި ކާއެއްޗެތި ރަގަޅަށް ކަމުން ގެންދިޔަސް، ދެއަހަރު ވަންދެން ގާތުންދިނުން ހުއްޓާނުލާ ކުރިޔަށްގެންދަން ޖެހޭނެ އެވެ.
·         ބައެއް ކުދިންނަކީ ކާންދޭން ވަރަށް އުދަނގޫ، ކެއުމާ ދުރު، އަދި ކާންދިނުމަށް ރުއްސަން ވަރަށް އުދަނގޫ ކުދިންނެވެ. މިފަދަ ހާލަތްތަކުގައި ކެތްތެރިކަމާއެކު، ހަށިގަނޑަށް ފައިދާހުރި އާ ބާވަތްތައް ދަރިފުޅުގެ ކެއުމަށް އިތުރުކުރަމުން ގެންދެވިދާނެ އެވެ. އަލަށްދޭން ފަށާ ކާތަކެއްޗަށް ހޭނި، އެއަށް ގަޔާވުމަށް ދުވަސްކޮޅެއް ނަގާފާނެކަން ވިސްނުމުގައި ބަހައްޓަން ޖެހޭނެ އެވެ.
·         ގިނައިރު ޓީވީ، ކޮމްޕިއުޓަރު، ޓެބްލެޓް، އައިޕެޑް، ފޯން ފަދަ ތަކެއްޗަށް ބެލިޔަނުދޭށެވެ. 2 އަހަރުން ދަށުގެ ކުދިން އެއްވެސް ކަހަލަ ސްކްރީން މީޑިޔާއެއް ބަލައި ބޭނުންކޮށް ހެދުމަކީ ރަގަޅު ކަމެއް ނޫނެވެ.
މައުލޫމާތު :

No comments:

Post a Comment