Tuesday, May 28, 2013

ކަށީގެ މަދު

ކަށީގެ މަދު
ކަށީގެ މަދަކީ(Bone marrow) ކަށީގެ އެތެރޭގައި ހުންނަ މާއްދާއެކެވެ. ލޭގެ ހުދުސެލްގެ ވައްތަރުތައް އުފައްދަނީ ކަށީގެ މަދުގަނޑުގެ ތެރޭގައެވެ. ކަށީގެ މަދުގައި މައިގަނޑު ގޮތެއްގައި ހުންނަނީ ދެވައްތަރެއްގެ ސްޓެމް ސެލް ހުރެއެވެ. އެއީ ލޭގެ ސެލްތައް އުފައްދާ ސްޓެމް ސެލް ތަކާ އަދި ސްޓްރޯމަލް ސްޓެމް ސެލް ތަކެވެ. ކަށީގެ މަދުގެ މައިގަނޑު ދެވައްތަރެއް ހުރެއެވެ. އެއީ ރީނދޫކުލައިގައި ހުންނަ ވައްތަރަކާ(Yellow marrow) އަދި ރަތް ކުލައިގައި ހުންނަ ވައްތަރެ (Red marrow) ކެވެ.

ލޭގެ ރަތް ސެލްތައް، ޕްލޭޓްލިޓް ތައް، އަދި ލޭގެ ހުދުސެލްގެ ގިނަ ވައްތަރުތައް އުފެދެނީ  ކަށީގެ މަދުގެ ރަތްކުލަޔަށް ހުންނަ ވައްތަރުންނެވެ. އަދި ލޭގެ ހުދު ސެލްގެ ބައެއް ވައްތަރުތައް ކަށީގެ މަދުގެ ރީނދޫކުލަޔަށް ހުންނަ ވައްތަރުން އުފައްދައެވެ. ރީނދޫ ކުލަށް ހުންނަ ކަށީގެ މަދު ރީނދޫ ކުލައިގެ ހުރުމުގެ އަސްލަކީ ގިނަ އަދަދަށް ފެޓް(ސަރުބީ) އެކުލެވޭ ސެލްތައް ހުރުމެވެ. ދެވައްތަރު ކަށީގެ މަދުގައި އެތައް ބައިވަރު ލޭހޮޅިތަކާ ހިމަ ލޭނާރުތައް ހުރެއެވެ. އުފަންވާއިރު ކަށީގެ މަދު ހުންނަނީ އެއްކޮށް ރަތް ކުލައިގައެވެ. އުމުރުން ދުވަސްވާވަރަކަށް މަޑުމަޑުން އެއިން ބައެއް ރީނދޫ ކުލައަށް ބަދަލުވަމުންދެއެވެ. ބޮޑު މީހެއްގެ ހަށިގަނޑުގައި ހުންނަ ކަށީގެ މަދުގެ ބަރުދަނުގައި ގާތްގަނޑަކަށް 2.6 ކިލޯ ހުރެއެވެ. އޭގެތެރެއިން ½ ބަޔަކީ ރަތްކުލަޔަށް ހުންނަ ކަށީގެ މަދެވެ.

ރީނދޫކުލަޔަށް ހުންނަ ކަށީގެ މަދު
ކަށީގެ މަދުގެ ރީނދޫ ކުލައިގެ ވައްތަރު(Yellow marrow) ހުންނަނީ ބޮޑެތި މީހުންގެ ހަށިގަނޑުގައިވާ ދިގުކަށި(Long bone)ތަކުގެ ތެރޭގައެވެ. މިއީ ލޭގެ ސެލްތައް އުފެއްދުމުގައި ބައިވެރިނުވާ ކަށީގެ މަދެވެ. މިވައްތަރުގެ މަދު އެކުލެވިގެންވަނީ ރެޓިކިޔުލަރ ސެލް(Reticular cell)ތަކާއި، ލޭގެ ސެލްތައް އުފައްދާ ސްޓެމް ސެލް(Haematopoietic stem cell)ތަކާއި، އަދި ގިނަ އަދަދެއްގެ ފެޓްސެލް(Fat cell)ތަކެއްގެ މައްޗަށެވެ.
ލޭއުފެއްދުމުގެ މަސައްކަތުގައި ބައިވެރިވާ ޓިޝޫ ތަކުގެ ރިޒާވަރެއްގެ ގޮތުގައި ރީދޫ މަދު ހަރަކާތްތެރި ވެއެވެ. ނުރައްކާތެރި މިންވަރަކަށް ހަށިގަނޑުން ލޭބޭރުވުން ފަދަ ހާލަތްތަކުގައި މިވައްތަރުގެ މަދު ރަތްކުލައިގެ ހުންނަ ކަށީގެ މަދަށް ބަދަލުވުމަކީ ވެދާނެ ކަމެކެވެ.

ރަތްކުލަޔަށް ހުންނަ ކަށީގެ މަދު
ތުއްތު ދަރިފުޅުގެ ހަށިގަނޑުގެ ގިނަ ކަށިތަކުގެ ތެރޭގައި ހުންނަނީ ކަށީގެ މަދުގެ ރަތްކުލައިގައި(Red marrow) ހުންނަ ވައްތަރެވެ. ފުރާ ފުރިހަވެފައިވާ މީހުންގެ ހަށިގަނޑުގައި މިވައްތަރުގެ މަދު ހުންނަނީ ސްޓާރނަމް(Sternum)އާއި، ބޮލުގެ ނާށިގަނޑު(Skull) އާއި، ޅިނދުކަށިގަނޑު(Pelvic bone)އާއި، ކޮނޑުކަށިގަނޑު(Clavicle)އާއި، މޭމަތީގެ ކަށި(Rib)ތަކާއި، އަދި މައިބަދައިގެ ކަށި(Vertebra)ތަކުގެ ތެރޭގައެވެ.

ރަތްކުލަޔަށް ހުންނަ ކަށީގެ މަދު އުފެދިފައިވާ ގޮތް
ރަތްކުލަޔަށް ހުންނަ ކަށީގެ މަދު އުފެދިފައިވަނީ އަންނަނިވި ބައިތަކުންނެވެ.

(1) ސްޓްރޯމާ (Stroma) : މިއީ ކަށީގެ މަދު އެއެއްޗެއްގެ ބާރުގައި ހިފަހައްޓައި، ސާބިތުކަންމަތީ ދަމަހައްޓައި ދޭ ބައެވެ. ސްޓްރޯމާ އުފެދިގެންވަނީ ވަރަށް ގިނަ އަދަދެއްގެ ސާބިތު ސެލް(Fixed cell) ތަކެއްގެ މައްޗަށެވެ. އޭގެ ތެރޭގައި ހިމެނެނީ އަންނަނިވި ބާވަތްތަކުގެ ސެލްތަކެވެ.
(ހ) ރެޓިކިޔުލަރ ސެލްތައް (Reticular cells) : މިއީ ބޮޑު ކުލަ ފަނޑު ނިއުކްލިއަސް އަކާއި، ކުލަފަނޑު ސައިޓޯޕްލާޒަމްއެއް ލިބިގެންވާ އަފިވެފައިވާ ސެލްތަކެކެވެ. މި ސެލްތަކުން ''ރެޓިކިޔުލަރ ފައިބަރ''(Reticular fibres) ތައް އުފައްދައެވެ. ހަމަމިހެން ''ކޮލެޖަން ޓައިޕް3'' ބޭރުކުރެ އެވެ.
(ށ) ކަށި އުފައްދާ ސެލްތައް (Ostenogenic cells) :މިއީ ފުރިހަމަނުވާ ކަށީގެ ސެލްތަކެވެ.
(ނ) ފެޓް އެކުލެވޭ ސެލްތައް (Fat cells) : މިއީ ކަށީގެ މަދުގައި ހުންނަ އެންމެ ބޮޑެތި ސެލްތަކެވެ.
(ރ) އެތެރޭގެ ބަތާނަފަށުގެ ސެލްތައް (Endothelial cells) : މިއީ ކުދި ލޭހޮޅިތަކާއި، ލޭގެ ސައިނޫސޮއިޑްގެ ބަތާނަ ފަށުގައި ހުންނަ ސެލްތަކެވެ.
(ބ) ޕެރިސައިޓް ސެލްތައް (Pericyte cells) : މިއީ ކުދި ލޭހޮޅިތަކުގެ ވަށައިގެން ހުންނަ ސެލްތަކެވެ.
(ޅ) ފައިބްރޯބްލާސްޓްތައް(Fibroblasts) : މިސެލްތަކުން ލޭހޮޅިތަކާއި، ސްޓްރޯމާ އަށް ބާރުދީ ހިފަހައްޓައިދޭ ކޮލެޖަން އުފައްދައެވެ.
(ކ) މެކްރޯފޭޖްތައް(Macrophages) : މިއީ މޮނޯސައިޓްތަކުން އުފެދޭ ސެލްތަކެކެވެ. މި މެކްރޯފޭޖްތަކަށް ''ސޫޑޯޕޯޑިއާ''(Pseudopodia) ގެ ސިފަ ލިބިގެންވެއެވެ. މިކަމުގެ ސަބަބުން ބަތާނަފަށުގެ ސެލްތައް ހުރަސްކޮށް ލޭގައި ދައުރުވާ ޖަރާސީމް ފަދަތަކެތި ދިރުވާލުމުގެ ބާރު ލިބިދެއެވެ.

(2) ލޭގެ ސައިނޫސޮއިޑް (Blood sinusoid) : މިއީ ތަރުތީބެއްނެތި އެތުރިފައިވާ ފުޅާ ލޭގެ ޗެނަލް ތަކެކެވެ. މިޗެނަލްތަކުގެ އެތެރޭ ކައިރިފަށުގައި ''ސިމްޕަލް ސްކޭމަސް އިންޑޯތީލިއަލް ސެލް''(Simple squamous endothelial cells)އޭ ކިޔޭ ސެލްތަކުން ފަށެއް ލެވިފައި ވެއެވެ. އަދި މިބުނި ފަށުގެ ބޭރުން މެކްރޯފޭޖް(Macrophage) ތަކެއް ވެއެވެ. މިމެކްރޯޖްފޭޖްތައް ލޭގެ ތެރޭގައި ދައުރުވާ ޖަރާސީމް ފަދަތަކެތި ދިރުވާލައެވެ.

(3) މިނިވަން ސެލްތައް (Free cells): މިއީ އުފެދި ބޮޑުވަމުން އަންނަ ލޭގެ ސެލްތަކެވެ.

ނޯޓް : މިއީ މައުލޫމާތު ފެތުރުމުގެ ނިޔަތުގައި ލިޔެފައިވާ ލިޔުމެކެވެ. 

No comments:

Post a Comment