Thursday, March 2, 2023

ގުރުދާގައި ސިސްޓް އުފެދޭ ބަލި

ގުރުދާގައި ސިސްޓް އުފެދޭ ބަލި

ގުރުދާގައި ސިސްޓް އުފެދޭ ބަލި(polycystic kidney disease)  ނުވަތަ ޕޮލިސިސްޓިކް ކިޑްނީ ޑިޒީޒް އަކީ ވިރާސީގޮތުން އުފެދޭ ބައްޔެކެވެ. ނުވަތަ ވާރުތަވާ ބައްޔެކެވެ. މިއީ ވިރާސީ ބަހާ އަށް އަންނަ ބަދަލެއްގެ ސަބަބުން ކުރިމަތިވާ ބައްޔެކެވެ. މިބަލީގައި ގުރުދާގައި އާދަޔާ ޚިލާފަށް ގިނައިން ސިސްޓް އުފެދޭގޮތް ވެއެވެ. ސިސްޓް އަކީ އެތެރޭގައި ދިޔައިން-ފުރިފައި ހުންނަ އުފެދުމެކެވެ. ވިރާސީގޮތުން އަންނަ ތަފާތު ބަދަލުތަކުގެ ސަބަބުން ޕޮލީސިސްޓިކް ކިޑްނީ ޑިޒީޒް ކުރިމަތި ކުރުވައެވެ. ޕޮލީސިސްޓިކް ކިޑްނީ ޑިޒީޒް ގެ ސަބަބުން ދުވަސްވީ ކިޑްނީގެ ބަލި އުފަންކުރުވައެވެ.  ނުވަތަ ޕޮލީސިސްޓިކް ކިޑްނީ ޑިޒީޒް އަކީ ދުވަސްވީ ކިޑްނީ ބަލީގެ ވައްތަރެކެވެ. އަދި އޭގެ ސަބަބުން ގުރުދާ ފޭލްވާގޮތް ވެއެވެ. މީގެ އިތުރުން ބަލީގައި ގިނަ ދުވަސްވުމުން ލޭމައްޗަށްދިއުން، ފުރަމޭގައި ސިސްޓް އުފެދުން، އަދި ހިތާއި، ލޭހޮޅިތަކާއި، ސިކުނޑިއާޢި ގުޅުންހުރި މައްސަލަތައް ފެންމަތިކުރުވައެވެ. ގުރުދާގައި އުފެދޭ ސިސްޓް ތައް ގުރުދާއަށް ގެއްލުންދީ ގުރުދާ އާންމުކޮށް ހުންނަ ވަރަށްވުރެ، ސައިޒުން ބޮޑުވެއެވެ. ގުރުދާގައި ހާހެއްހާ ސިސްޓް އުފެދި، އޭގެ ބަރުދަން 13 ކިލޯ އަށްވުރެ ބަރުވެގެން ދެއެވެ. ދެޖިންސްގެ މީހުންނަށް ވެސް މިބަލި ކުރިމަތިވުމުގެ ފުރުޞަތު ދާދި އެއްވަރަކަށް އޮވެއެވެ (ކިޑްނީފަންޑް.އޯރގް، 2022). 

ވައްތަރުތައް

ޕޮލީސިސްޓިކް ކިޑްނީ ޑިޒީޒްގެ ދެވައްތަރެއް ހުރެއެވެ. އެއީ :-

(ހ) އޮޓޯސޯމަލް ޑޮމިނަންޓް ޕޮލީސިސްޓިކް ކިޑްނީ ޑިޒީޒް : މިވައްތަރުގައި ގުރުދާގައި ސިސްޓް ތައް އުފެދޭނެ އެވެ. އަދި މިވައްތަރު ހުންނަ މީހުންގެ ތެރެއިން ½ މީހުންނަށް އުމުރުން 70 އަހަރަށް އަޅާއިރު ނޫނީ 70 ގެ އަހަރުތަކުގެ ތެރޭގައި ގުރުދާ ފޭލްވުން ކުރިމަތިވާކަން ފާހަގަކުރެވެއެވެ. މިވައްތަރުގައި ގުރުދާގައި ސިސްޓް އުފެދުމުން އެހެން ގުނަވަންތަކަށް އަސަރު ކުރެއެވެ. އެގޮތުން ފުރަމޭ އަށް އަސަރުކުރާކަން ފާހަގަ ކުރެވެއެވެ. އަލާމާތްތައް އާންމުކޮށް ފެންނަނީ އުމުރުން 50-30 އަހަރާއި ދެމެދުގައެވެ. އެހެންކަމުން މިވައްތަރަށް "އެޑަލްޓް ޕޮލީސިސްޓިކް ކިޑްނީ ޑިޒީޒް" އޭ ކިޔައެވެ. ޕޮލީސިސްޓިކް ކިޑްނީ ޑިޒީޒްގެ އެންމެ އާންމު ވައްތަރަކީ މިއީ އެވެ (ކިޑްނީފަންޑް.އޯރގް، 2022).   

(ށ) އޮޓޯސޯމަލް ރިސެސިވް ޕޮލީސިސްޓިކް ކިޑްނީ ޑިޒީޒް: މިވައްތަރުގައި ގުރުދާގައި ސިސްޓް ތައް އުފެދޭނެ އެވެ. މިއީ ތުއްތު ކުދިންނަށް ވަރަށް ނުރައްކާތެރި އަދި ގެއްލުން ކުރިމަތިކުރުވާ ބައްޔެކެވެ. މިބަލި ކުރިމަތިވާ ކުދިންނަށް 20-15 އަހަރާއި ހަމައަށް ދާއިރު ގުރުދާ ފޭލްވުން ކުރިމަތިވާގޮތް ވެއެވެ. މިވައްތަރުގައި ގުރުދާގައި ސިސްޓް އުފެދުމުން އެހެން ގުނަވަންތަކަށް އަސަރު ކުރެއެވެ. އެގޮތުން ފުރަމޭ އަށް އަސަރުކުރާކަން ފާހަގަ ކުރެވެއެވެ. އާންމުކޮށް އަލާމާތްތައް ފެންނަނީ ތުއްތު ކުދިންގެ ފުށުންނެވެ. ބައެއް ފަހަރު އުފަންވެސް ނުވަނީސް ވެސް ބަލީގެ އަލާމާތްތައް ފާހަގަވެއެވެ. އެހެންކަމުން މިވައްތަރަށް "އިންފެންޓައިލް ޕޮލީސިސްޓިކް ޑިޒީޒް" އޭ ކިޔައެވެ. މިއީ ޕޮލީސިސްޓިކް ކިޑްނީ ޑިޒީޒް ގެ ތަންކޮޅެއް ނާދިރު ވައްތަރެކެވެ (ކިޑްނީފަންޑް.އޯރގް، 2022).   

ސަބަބު

ޕޮލީސިސްޓިކް ކިޑްނީ ޑިޒީޒް އަކީ އާއިލާތަކުގެ ތެރޭޣައި ދައުރުވާ ބައްޔެކެވެ. މިއީ މައިންބަފައިންގެ ފުށުން ދަރިންނަށް ވިރާސީ ބަހާއެއް ވާރުތަވެގެން ޖެހޭ ނޫނީ ކުރިމަތިވާ ބައްޔެކެވެ. މައިންބަފައިންގެ ފުށުން ދަރިންނަށް ވާރުތަވާ ވިރާސީ ބަހާ ގައިގެ ކުލަ، އިސްތަށީގެ ކުލަ، ލޮލުގެ ކުލަ ފަދަ ކަންކަން ކަނޑައަޅާ އުސޫލުން ބައެއް ކަހަލަ ބަލިތައް ކުރިމަތިވުމުގައި ވާރުތަވާ  ވިރާސީ ބަހާ ގެ ދައުރު އޮވެއެވެ (ކިޑްނީ.އޯރގް، 2022).

ވާރުތަވާ ބަލިތައް ޖެހެނީ މައިންބަފައިންގެ ތެރެއިން އެކެއްގެ ފުށުން ނޫނީ ދެމީޙުންގެ ފުށުން ބަލި ޖެހުމަށް މަގުފަހިކުރާ ވިރާސީ ބަހާ ވާރުތަވެގެންނެވެ. މިގޮތަށް މެދުވެރިވަނީ ދެގޮތަކަށެވެ. އެއީ ޑޮމިނަންޓް އިންހެރިޓެންސް(dominant inheritance)  އަދި ރިސެސިވް އިންހެރިޓެންސް(recessive inheritance)  ކުރިމަތިވެގެންނެވެ.

ޑޮމިނަންޓް އިންހެރިޓެންސްގައި މައިންބަފައިންގެ ތެރެއިން ކޮންމެ ވެސް އެކެއްގެ ފުށުން ވިރާސީ ބަހާ ދަރިންނަށް ވާރުތަކުރާނެއެވެ. މިއީ މައިންބަފައިންގެ ފުށުން ކޮންމެ ވެސް އެކެއްގެ ކިބައިގައި ބަލި (ޕޮލީސިސްޓިކް ކިޑްނީ ޑިޒީޒް) ހުރެފައި ބަލީގެ  ވިރާސީ ބަހާ ދަރިންނަށް ވާރުތަކުރުމެވެ. މިފަދަ ހާލަތުގައި ލިބޭ ކޮންމެ ދަރިއެއްގެ ކިބައިގައި ބަލިހުރުމުގެ %50 ފުރުޞަތު އޮވެއެވެ. ބަލި ކުރިމަތިވާނީ ކިތައްކުދިންނަށްކަން ލަފާކުރަން ނޭގުނަސް ލިބޭ ކޮންމެ ކުއްޖަކަށް ބަލިހުރުމުގެ ފުރުޞަތު ހަމަހަމައަށް އޮންނާނެއެވެ. ރިސެސިވް އިންހެރިޓެންސް ގައި މައިންބަފައިންގެ ތެރެއިން ދެމީހުންގެ ފުށުން  ވެސް ވިރާސީ ބަހާ ދަރިންނަށް ވާރުތަކުރާނެއެވެ. މިއީ މައިންބަފައިންގެ ތެރެއިން ދެމީހުންގެ ކިބައިގައި ވެސް ބަލީގެ ވިރާސީ ބަހާ ހުރެފައި، އެވިރާސީ ބަހާ ދެމީހުންގެ ފުށުން ވެސް ލިބޭ ދަރިންނަށް ވާރުތަކުރުމެވެ. މިހާލަތުގައި ލިބޭ ދަރިންނަށް ބަލި ހުރުމުގެ %25 ފުރުޞަތު އޮންނާނެ އެވެ (ކިޑްނީ.އޯރގް، 2022).

ޕޮލިސިސްޓިކް ކިޑްނީ ޑިޒީޒް ކުރިމަތިވަނީ ވިރާސީ ބަހާ އަށް އަންނަ ބަދަލެއްގެ ސަބަބުންނެވެ. ވިރާސީ ބަހާ އަކީ ދިރުތަކުގައި ޑީއެންއޭ އުފުލާ ބައެވެ. މިއީ (ވިރާސީ ބަހާ އަކީ) ދިރުތަކަށް ކުރަންވީ ކަންކަން އަންގާ އެއްޗެކެވެ. ހަށިގަނޑުގައި ހުންނަ ހުރިހާ ދިރުތަކެއްގައި ޑީއެންއޭ ހުރެއެވެ. އެއް ދަރިފަސްކޮޅުން އަނެއް ދަރިފަސްކޮލަކަށް މައުލޫމާތު އުފުލައިދެނީ ޑީއެންއޭ އިންނެވެ. ހަށިގަނޑުގެ ކުލައާއި، ޖިންސާއި، ހަށިގަނޑުގެ ވައްތަރު ކަނޑައަޅައިދެނީ ޑީއެންއޭ އިންނެވެ (ކިޑްނީފަންޑް.އޯރގް، 2022).  

ޕޮލީސިސްޓިކް ކިޑްނީ ޑިޒީޒް އަކީ އަބަދު ވެސް މައިންބަފައިންގެ ތެރެއިން އެކެއްގެ ފުށުން ނޫނީ ދެމީހުންގެ ފުށުން ދަރިންނަށް ވާރުތަކުރާ ބައްޔެކެވެ. އެހެންކަމުން ޕޮލީސިސްޓިކް ކިޑްނީ ޑިޒީޒް އަކީ ރައްކާތެރިވެވޭނެ ބައްޔެއް ނޫނެވެ (ކިޑްނީފަންޑް.އޯރގް، 2022).   

އާއިލާގެ މެންބަރުންގެ ތެރޭގައި ޕޮލިސިސްޓިކް ކިޑްނީ ޑިޒީޒް ގެ މައްސަލަ ކުރިމަތިވެފައިވާ މީހަކު ހުރިނަމަ، އެމީހަކަށް ޕޮލިސިސްޓިކް ކިޑްނީ ޑިޒީޒް ކުރިމަތިވުމުގެ ހިރާސް އިތުރުވާނެ އެވެ. ނޫނީ ޕޮލިސިސްޓިކް ކިޑްނީ ޑިޒީޒް ކުރިމަތިކުރުވައިފާނެ، ބަދަލުވެފައިވާ ވިރާސީ ބަހާއެއް ހުރުމަކީ އެކަށީގެންވާ ކަމެކެވެ. މިފަދަ މީހުންނަކީ ޕޮލިސިސްޓިކް ކިޑްނީ ޑިޒީޒް ކެރިއަރުންނެވެ. ޕޮލިސިސްޓިކް ކިޑްނީ ޑިޒީޒް ކެރިއަރުންނަކީ ޕޮލިސިސްޓިކް ކިޑްނީ ޑިޒީޒް ކުރިމަތިކުރުވާ އެއް ވިރާސީ ބަހާ އެމީހެއްގެ ކިބައިގައި ހުންނަ މީހުންނެވެ. އަދި އެމީހެއްގެ ފުށުން އެމީހެއްގެ އުފަން ދަރިންނަށް އެ ވިރާސީ ބަހާ ވާރުތަކުރާނެ އެވެ. ނަމަވެސް މިފަދަ ހާލަތުގައި ކެރިއަރުގެ ގޮތުގައި ހުންނަ މައިންބަފައިންގެ ތެރެއިން މީހެއްގެ ފުށުން ޕޮލިސިސްޓިކް ކިޑްނީ ޑިޒީޒްގެ އަލާމާތްތަކެއް ފާހަގަ އެއް ނުކުރެވޭނެ އެވެ. އޮޓޯސޯމަލް ރިސެސިވް ޕޮލީސިސްޓިކް ކިޑްނީ ޑިޒީޒްގެ ކެރިއަރަކަށް ވުމުގެ ފުރުޞަތު އޮތަސް، އޮޓޯސޯމަލް ޑޮމިނަންޓް ޕޮލީސިސްޓިކް ކިޑްނީ ޑިޒީޒްގެ ކެރިއަރަކަށްވުމަކީ ނާދިރު ކަމެކެވެ. ސަބަބަކީ އޮޓޯސޯމަލް ޑޮމިނަންޓް ޕޮލީސިސްޓިކް ކިޑްނީ ޑިޒީޒް ކުރިމަތިވުމަށް ބޭނުންވާނީ މިފަދަ އެންމެ ވިރާސީ ބަހާ އެކެވެ (ކިޑްނީފަންޑް.އޯރގް، 2022).   

އަލާމާތްތައް

ގިނަ މީހުންނަށް މިބަލީގެ އަލާމާތްތައް އުމުރުން 40-30 އަހަރުވަންދެން ވެސް ނުފެނި ހިނގައިދާނެ އެވެ. މިބަލި ހުންނަ މީޙުންގެ ތެރެއިން %25 މީހުންގެ ކިބައިން މޭތެޅުން އަދި މޭގައި ރިހުން ހުންނަކަން ފާހަގަ ކުރެވެއެވެ. މިއަލާމާތްތައް ބައެއް ފަހަރު ނޫނީ ފަހަރުގައި އޭގެ ޒާތުގައި ވެސް ރަނގަޅުވެ ހިނގައިދާނެއެވެ. ނަމަވެސް މިއީ ޕޮލީސިސްޓިކް ކިޑްނީ ޑިޒީޒްގެ ފުރަތަމަ ނިޝާން ނޫނީ އަލާމާތްކަމަށް ވުމަކީ އެކަށީގެންވާ ކަމެކެވެ (ކިޑްނީ.އޯރގް، 2022).

ޕޮލީސިސްޓިކް ކިޑްނީ ޑިޒީޒްގެ އެންމެ އާންމު ނިޝާނަކީ ލޭމައްޗަށްދިއުމެވެ. ލޭމައްޗަށްދާތީ ދޭތެރެއަކުން ބޮލުގައި ރިހިދާނެއެވެ. އާންމުކޮށް ޑޮކްޓަރަށް ދައްކާ އުސޫލުން ޑޮކްޓަރަށް ދެއްކުމުގެ ތެރެއިން ވެސް ލޭމައްޗަށް ގޮސްފައިވާކަން ފާހަގަ ކުރެވިދާނެ އެވެ. ލޭމައްޗަށް ދިއުމަކީ ގުރުދާ ފޭލްވުމަށް މެދުވެރިކުރުވާ ކަމަކަށްވާތީ، ލޭމައްޗަށްދާނަމަ، އެކަމަށް ފަރުވާ ކުރުމަކީ މުހިއްމު ކަމެކެވެ. ލޭމައްޗަށްދިއުމަށް ފަރުވާކުރުމަކީ ގުރުދާ ފޭލްވުން ލަސްކޮށްދީ، ނޫނީ ގުރުދާ ފޭލްވުމުން ރައްކާތެރިކޮށްދީފާނެ ކަމެކެވެ. ޕޮލީސިސްޓިކް ކިޑްނީ ޑިޒީޒްގައި އާންމުކޮށް ފެނިދާނެ އަލާމާތްތައް ތިރީގައި މިވަނީ އެވެ (ކިޑްނީ.އޯރގް، 2022). 

·         ބުރަކަށި، އުނަގަނޑު ނޫނީ އަރިކަށީގައި ރިހުން

·         ބަނޑު ފުއްޕައި، ބަނޑުބޮޑުވުން / ކިޑްނީ ބޮޑުވުމުގެ ސަބަބުން ބަނޑުފުއްޕުން

·         ބަނޑު ފުރިފައި ހުންނަހެން ހީވުން

·         ކުޑަކަމު ނަޖިހުގައި ލޭހުރުން

·         ކުޑަކަމުދާ ނިޒާމުގައި ޚާއްޞަކޮށް މަސާނާ ނޫނީ ގުރުދާގައި އިންފެކްޝަން ހެދުން

·         ލޭމައްޗަށްދިއުން

·         މޭތެޅުން އަދި މޭގައި ރިހުން

·         ބޮލުގައި ރިހުން

·         ގުރުދާގައި ހިލަ އުފެދުން

·         ގުރުދާ ފޭލްވުން

ދިމާވެދާނެ ނުރައްކާތައް

ޕޮލީސިސްޓިކް ކިޑްނީ ޑިޒީޒް އަކީ އެކަމުގެ ސަބަބުން ތަފާތު ނުރައްކާތައް މެދުވެރި ކުރުވައިފާނެ ކަމެކެވެ. ޚާއްޞަކޮށް މާބަނޑު ދުވަސްވަރު މިއުދަނގޫތައް ކުރިމަތިވުމުގެ ފުރުޞަތު ބޮޑެވެ. ޕޮލީސިސްޓިކް ކިޑްނީ ޑިޒީޒް ހުންނަ މީހުންގެ ތެރެއިން %80 މީހުންނަށް އެއްވެސް މައްސަލަ އަކާއި ނުލައި، މާބަނޑު ދުވަސްވަރު ފުރިހަމަކުރެވެއެވެ. ނަމަވެސް ޕޮލީސިސްޓިކް ކިޑްނީ ޑިޒީޒް ހުންނަ ބައެއް މީހުންނަށް މާބަނޑު ދުވަސްވަރު، މާބަނޑު މީހާއަށާއި، ދަރިފުޅަށް ނުރައްކާތައް ކުރިމަތިވުމަކީ އެކަށީގެންވާ ކަމެކެވެ. ޚާއްޞަކޮށް މިފަދަ މީހުންގެ ކިބައިގައި ލޭމައްޗަށްދިއުން އަދި ގުރުދާގެ މަސައްކަތްތައް ދަށްވުން ފަދަ ކަންކަން ހުންނަނަމަ މިހިރާސް އިތުރުވެގެން ދެއެވެ.

ޕޮލީސިސްޓިކް ކިޑްނީ ޑިޒީޒް ހުންނަ މާބަނޑު މީހުންގެ ތެރެއިން %40 މިޙުންނަށް ލޭމައްޗަށްދިއުން ކުރިމަތިވެއެވެ. މިފަދަ މީހުންނަށް މާބަނޑު ދުވަސްވަރު މާބަނޑުވުން ވިހަވުން ނުވަތަ ޕްރިއެކްލެމްސިއާ މާބަނޑު ދުވަސްވަރު ފެންމަތިވާގޮތް ވެއެވެ. މިއީ މާބަނޑު ދުވަސްވަރު ކުއްލިއަކަށް ކުރިމަތިވެދާނެ، އެކަމުގެ ސަބަބުން މައިމީހާއާއި، ތުއްތު ދަރިފުޅަށް ނުރައްކާތައް ކުރިމަތިވެދާނެ ސީރިއަސް ހާލަތެކެވެ. އެހެންކަމުން ޕޮލީސިސްޓިކް ކިޑްނީ ޑިޒީޒް ހުންނަ މީހުން މާބަނޑުވެއްޖެނަމަ، ވަރަށް ގާތުން ބަލައި މޮނީޓަރ ކުރަމުން ގެންދިއުމަކީ މުހިއްމު ކަމެކެވެ.

ޕޮލީސިސްޓިކް ކިޑްނީ ޑިޒީޒް އަކީ އޭގެ އަސަރު ގުރުދާގެ އިތުރުން ހަށިގަނޑުގެ އެހެން ގުނަވަންތަކަށް ވެސް ފޯރާ ކަމެކެވެ. އެގޮތުން ފުރަމޭ، ޗިސްމޭ، ހުންކޮށި، ބިސްރަވަ އަދި ބޮޑުގޮހޮރު ފަދަ ގުނަވަންތަކުގައި ސިސްޓް އުފެދޭގޮތް ވެއެވެ. މިގުނަވަންތަކުގައި ސިސްޓް އުފެދިގެން ގިނަ ފަހަރު މާބޮޑު މައްސަލަތަކެއް ކުރިމައްޗެއް ނުވާނެއެވެ. މީގެ އިތުރުން ސިކުނޑިއާއި ހިތަށް ވެސް މިބަލީގެ އަސަރު ކުރުމަކީ އެކަށީގެންވާ ކަމެކެވެ. އެގޮތުން ސިކުނޑީގެ ލޭހޮޅިތައް ފުފި، އެނިއުރިޒަމް(aneurysm) އޭ ބުނާ ހާލަތަށް ލޭހޮޅިތައް ފުއްޕައި، އާޚިރު ނަތީޖާއެއްގެ ގޮތުން ސްޓްރޯކް ޖެހި، މަރުވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. ހިތަށް ބަލީގެ އަސަރު ކޮށްފިނަމަ، ހިތުގެ ވޭލްތަކަށް އޭގެ އަސަރު ފޯރައި، ހިތުގެ ވިންދަށް ބަދަލު އައިސް، ކަށިގަނޑު އަޅާއިރު، އިތުރުއަޑުތައް ފާހަގަކުރެވި، ހިތް ރަނގަޅަށް މަސައްކަތްނުކުރުމަކީ ވެސް ގާތް ކަމެކެވެ.

ޕޮލީސިސްޓިކް ކިޑްނީ ޑިޒީޒް ހުންނަ މީހުންގެ ތެރެއިން %50 މީހުންނަށް އުމުރުން 60 އަހަރަށް އަޅާއިރު ގުރުދާ ފޭލްވުން ކުރިމަތި ވާކަން ފާހަގަ ކުރެވެއެވެ. އަދި %60 މީހުންނަށް އުމުރުން 70 އަހަރަށް އަޅާއިރު ގުރުދާ ފޭލްވުން ކުރިމަތި ވެއެވެ. ގުރުދާ ފޭލްވުން ކުރިމަތިވެއްޖެނަމަ، ޑަޔަލިސިސް ހަދަންޖެހެއެވެ. ނޫނީ ގުރުދާ ބަދަލުކުރަން ޖެހެއެވެ.

ޕޮލީސިސްޓިކް ކިޑްނީ ޑިޒީޒްގެ ސަބަބުން އާންމުކޮށް ދިމާވެދާނެ ނުރައްކާތައް ތިރީގައި މިވަނީ އެވެ.

·         ލޭމައްޗަށްދިއުން

·         ގުރުދާގެ މަސައްކަތްތައް ދަށްވުން

·         އަރިކަށި ނޫނީ އުނަގަނޑުގައި ނުފިލާ ރިހުމެއް ހުރުން

·         ފުރަމޭގައި ސިސްޓް އުފެދުން

·         ސިކުނޑީގައި އެނިއުރިޒަމް އުފެދުން

·         ހިތުގެ ވޭލްތަކަށް މައްސަލަތައް ދިމާވުން

·         މާބަނޑު ދުވަސްވަރު މައްސަލަތައް ދިމާވުން

·         ބޮޑުގޮހޮރުގެ މައްސަލަތައް ދިމާވުން

ގުރުދާ ފޭލްވުމުގެ ހިރާސް އިތުރު ފަރާތްތަކުގެ ތެރޭގައި:-

·         ފިރިހެނުން

·         ލޭމައްޗަށްދާމީހުން

·         ކުޑަކަމު ނަޖިހުގައި ޕްރޮޓީން ނޫނީ ލޭ ހުންނަ މީހުން

·         ލޭމައްޗަށްދާ އަންހެނުންގެ ތެރެއިން 3 ފަހަރަށްވުރެ ގިނައިން ވިހާފައިވާ މީހުން

ދެނެގަތުން

ޕޮލީސިސްޓިކް ކިޑްނީ ޑިޒީޒް ހުރިކަން ދެނެގަތުމަށް އެންމެ ފުރަތަމަ ހެދޭނެ ޓެސްޓަކީ އަލްޓްރާ ސައުންޑް ސްކޭން ކުރުމެވެ. އުމުރުން 40 އަހަރުން މަތީގެ މީހުންގެ ތެރެއިން ޕޮލީސިސްޓިކް ކިޑްނީ ޑިޒީޒް ކުރިމަތިވުމުގެ ހިރާސް އޮންނަ މީހުންގެ ސްކޭން އިން ގުރުދާ ތަބީޢީ ގޮތެއްގައި ހުރިކަމަށް ދައްކާނަމަ އޭގެ މާނައަކީ އެމީހެއްގެ ކިބައިގައި ޕޮލީސިސްޓިކް ކިޑްނީ ޑިޒީޒް ނުހުރުމެވެ. ބައެއް ފަހަރު ސީޓީ ސްކޭން ނޫނީ އެމްއާރުއައި ހަދަން ޖެހިދާނެއެވެ. ސީޓީ ސްކޭން ނޫނީ އެމްއާރުއައި އިން ފަހަރުގައި ގުރުދާގައި ހުންނަ ކުދިކުދި ސިސްޓް ތައް (އަލްޓްރާ ސައުންޑް ސްކޭން އިން ފާހަގަނުވާ) ދެނެގަނެވިދާނެ އެވެ. އެމްއާރުއައި ގެ އެހީގައި ގުރުދާ އަދި ސިސްޓް ތައް ހެދިބޮޑުވާ މިންތައް ދެނެގަނެ، ބަލަމުން ގެންދެވޭނެ އެވެ.

ބައެއް ފަހަރު ޖެނެޓިކް ޓެސްޓިންގ ވެސް ހަދަންޖެހިދާނެއެވެ. މިއީ ބަލި ޖެހުމަށް މެދުވެރިވާ ވިރާސީ ބަހާ ހުރިތޯ ބެލުމަށް ހެދޭ ޓެސްޓެކެވެ. ކޮންމެ މީހަކަށް ޖެނެޓިކް ޓެސްޓިންގ ހަދަން ނުޖެހިވެސް ހިނގައިދާނެ އެވެ. އަދި ޖެނެޓިކް ޓެސްޓު ހެދިޔަސް ޕޮލީސިސްޓިކް ކިޑްނީ ޑިޒީޒް ހުންނަ މީހުންގެ ތެރެއިން %15 މީހުންނަށް އެކަން ފާހަގަ ނުކުރެވި ވެސް ހިނގައިދާނެ އެވެ. އެހެންކަމުން ޖެނެޓިކް ޓެސްޓު ހަދަންޖެހެނީ ބޮޑަށް އަންނަނިވި ފަރާތްތަކަށެވެ.

·         އިމޭޖިންގ ޓެސްޓުތަކުން ޕޮލީސިސްޓިކް ކިޑްނީ ޑިޒީޒް ހުންނަކަން ޔަގީންނުކުރެވުނު މީހުން

·         އާއިލާގައި ޕޮލީސިސްޓިކް ކިޑްނީ ޑިޒީޒް ދައުރުވާ އަދި ގުރުދާ ބަދަލުކުރުމަށް ގުރުދާ ހަދިޔާކުރަން ބޭނުންވާ މީހުން

·         އާއިލާގައި ޕޮލީސިސްޓިކް ކިޑްނީ ޑިޒީޒް ދައުރުވަމުން އަންނަ، އުމުރުން 30 އަހަރުން ދަށުގެ، ކައިވެންޏެއް ކުރަން ގަސްތުކުރާ އަދި އަލްޓްރާ ސައުންޑް ސްކޭން އިން ޕޮލީސިސްޓިކް ކިޑްނީ ޑިޒީޒް ހުރިކަން ޔަގީންނުކުރެވޭ މީހުން

ފަރުވާ

ޕޮލީސިސްޓިކް ކިޑްނީ ޑިޒީޒް އަށް ސީދާ ފަރުވާއެއް އަދި ހޯދިފައެއް ނުވެއެވެ. ދިރާސާތަކުން ދައްކާގޮތުގައި ގިނައިން ދިޔާތަކެތި ބޭނުންކުރުމާއި، ކެފޭއިން އެކުލެވޭ ބުއިންތައް މަދުކުރުމަކީ ގުރުދާގައި ސިސްޓް އުފެދި ހެދިބޮޑުވުން ލަސްކޮށްދޭނެ ކަމެކެވެ. އާންމު ގޮތެއްގައި ކުރެވޭ ކަމަކީ ބައްޔާއި ގުޅިގެން ކުރިމަތިވާ އުދަނގޫތައް ކުޑަކުރުމަށް މަސައްކަތްކުރުމާއި، ބައްޔާއި ގުޅިގެން ކުރިމަތިވެދާނެ ނުރައްކާތަކުން ދުރުވެ ހުރުމަށް މަސައްކަތް ކުރުމެވެ. މީގެ އިތުރުން ބަލި ޖެހުމަށްފަހު ބަލީގެ ސަބަބުން ގުރުދާ ފޭލްވެގެން ދިއުން ލަސްކުރުމަށް ވެސް މަސައްކަތް ކުރެވެއެވެ (ކިޑްނީފަންޑް.އޯރގް،2022. ކިޑްނީ.އޯރގް، 2022). އެގޮތުން ކުރެވޭ މުހިއްމު ކަންތައްތައް ތިރީގައި މިވަނީ އެވެ.

·         ލޭގެ ޕްރެޝަރު ކޮންޓްރޯލްކުރުން

·         މަސާނާ އަދި ގުރުދާގެ އިންފެކްޝަން އިން ރައްކާތެރިކުރުން

·         ކުޑަކަމު ނަޖިހުގައި ލޭހުންނަކަން ފާހަގަވުމުން ދިޔާތަކެތި ބޭނުންކުރުން އިތުރުކުރުން

·         ރިހުމަށް ބޭސް ބޭނުންކުރުން

·         ދިރިއުޅުމުގެ ވައްޓަފާޅިއަށް ހެޔޮބަދަލުތައް ގެނައުން : ކަސްރަތުކުރުން، ރަނގަޅުކާނާ ކެއުން، ދުންފަތުގެ އިސްތިއުމާލުނުކުރުން، ބަރުދަން އެއްވަރެއްގައި ބެހެއްޓުން، ލޮނުބޭނުންކުރުން މަދުކުރުން

·         ކޮންމެ ދުވަހަކު ވެސް އެކަށޭނަ ވަރަށް ފެންބުއިން

·         ކެފެއިން އެކުލެވޭ ބުއިންތަކާއި ދުރުހެލިވުން

އޮޓޯސޯމަލް ޑޮމިނަންޓް ޕޮލީސިސްޓިކް ކިޑްނީ ޑިޒީޒް

އޮޓޯސޯމަލް ޑޮމިނަންޓް ޕޮލީސިސްޓިކް ކިޑްނީ ޑިޒީޒް އަކީ ޕޮލީސިސްޓިކް ކިޑްނީ ޑިޒީޒް ގެ އެންމެ އާންމު ވައްތަރެވެ. އަދި ވާރުތަވާ ކިޑްނީ ބަލިތަކުގެ ތެރެއިން ވެސް އެންމެ އާންމު ބައްޔެވެ. ޕޮލީސިސްޓިކް ޑިޒީޒް ހުންނަ ކޮންމެ 10 މީހުންގެ ތެރެއިން 9 މީހުންގެ ކިބައިގައި ހުންނަނީ މިވައްތަރުގެ ޕޮލީސިސްޓިކް ކިޑްނީ ޑިޒީޒް އެވެ. މިވައްތަރުގައި ގުރުދާގައި ސިސްޓް އުފެދުމުން އެހެން ގުނަވަންތަކަށް އަސަރު ކުރެއެވެ. އެގޮތުން ފުރަމޭ އަށް އަސަރުކުރާކަން ފާހަގަ ކުރެވެއެވެ (ކިޑްނީފަންޑް.އޯރގް، 2022).   

ސަބަބު

އޮޓޯސޯމަލް ޑޮމިނަންޓް ޕޮލީސިސްޓިކް ކިޑްނީ ޑިޒީޒް ކުރިމަތިވަނީ ވަކި ޚާއްޞަ ވިރާސީ ބަހާ އަކަށް ބަދަލު އައުމުންނެވެ. އެގޮތުން ބަދަލު އަންނަނީ ޕޮލީސިސްޓިކް ކިޑްނީ ޑިޒީޒް ވިރާސީ ބަހާ (PKD1)1، އަދި ޕޮލީސިސްޓިކް ކިޑްނީ ޑިޒީޒް ވިރާސީ ބަހާ (PKD2)2 މި ވިރާސީ ބަހާގެ ތެރެއިން ކޮންމެ ވެސް އެއް ވިރާސީ ބަހާ އަކަށެވެ (ކިޑްނީފަންޑް.އޯރގް، 2022).   

އޮޓޯސޯމަލް ޑޮމިނަންޓް ޕޮލީސިސްޓިކް ކިޑްނީ ޑިޒީޒް އަކީ އާއިލާގެ ތެރޭޣައި ދައުރުވަމުން އަންނަ ބައްޔެކެވެ. އާއިލާގެ ވަކި ދަރިކޮޅަކާއި ހަމައިން ނިމޭނެ ނޫނީ ވަކި ދަރިކޮޅަކަށް ކުރިމަތިނުވެ، ފަހަނައަޅައި ދާނެ ބައްޔެއް ނޫނެވެ. މީގެ މާނައަކީ މީހެއްގެ ކިބައިގައި އޮޓޯސޯމަލް ޑޮމިނަންޓް ޕޮލީސިސްޓިކް ކިޑްނީ ޑިޒީޒް ހުރިނަމަ، އެމީހެއްގެ މައިންބަފައިންގެ ކިބައިގައި މައިންބަފައިން ބައްޔަށް ޑައިގްނޯޒް ކުރެވިފައިނެތަސް ބަލި ޖެހުމަށް މަގުފަހިވަނިވި، ވިރާސީ ބަހާ ތަކުން ބަހާއެއް ހުރުމެވެ. އޮޓޯސޯމަލް ޑޮމިނަންޓް ޕޮލީސިސްޓިކް ކިޑްނީ ޑިޒީޒް ކުރިމަތިވުމަށް ބޭނުންވާނީ ބަދަލުވެފައިވާ (ޕޮލީސިސްޓިކް ކީޑްނީ ޑިޒީޒް ކުރިމަތިވުމަށް ބޭނުންވާ) އެންމެ ވިރާސީ ބަހާ އެކެވެ (ކިޑްނީފަންޑް.އޯރގް، 2022).   

އޮޓޯސޯމަލް ޑޮމިނަންޓް ޕޮލީސިސްޓިކް ކިޑްނީ ޑިޒީޒް އަކީ މައިންބަފައިންގެ ފުށުން ދަރިންނަށް ވާރުތަކުރާނެ ބައްޔެކެވެ.

·         އޮޓޯސޯމަލް ޑޮމިނަންޓް ޕޮލީސިސްޓިކް ކިޑްނީ ޑިޒީޒް މައިންބަފައިންގެ ތެރެއިން އެކެއްގެ ކިބައިގައި ހުރުން

·         މައިންބަފައިންގެ ތެރެއިން އެކެއްގެ ކިބައިގައި އޮޓޯސޯމަލް ޑޮމިނަންޓް ޕޮލީސިސްޓިކް ކިޑްނީ ޑިޒީޒް ހުރިނަމަ، ތިބާއަށް އެބަލި ކުރިމަތިވުމުގެ ފުރުޞަތު %50 އޮތުން

·         މައިންބަފައިންގެ ތެރެއިން ދެމީހުންގެ (މަންމަ އާޢި ބައްޕަގެ) ކިބައިގައި އޮޓޯސޯމަލް ޑޮމިނަންޓް ޕޮލީސިސްޓިކް ކިޑްނީ ޑިޒީޒް ހުރިނަމަ، ތިބާއަށް އެބަލި ކުރިމަތިވުމުގެ ފުރުޞަތު %75 އޮތުން

ވަރަށް މަދު ފަހަރަކު މައިންބަފައިންގެ ފުށުން ދަރިންނަށް މިބަލި ޖެހުމަށް ބޭނުންވާ ވިރާސީ ބަހާ ލިބިފައި ނެތަސް، އޭގެ ޒާތުގައި އުފެދުމުގައި މިބަލި ޖެހުމަށް ބޭނުންވާ ވިރާސީ ބަހާ އަށް ބަދަލު އައުން އެކަށީގެންވެއެވެ. ނަމަވެސް މިގޮތަށް ދިމާވަނީ ވަރަށް މަދުންނެވެ. ފާހަގަކުރެވިފައިވާގޮތުގައި ބަލި ކުރިމަތިވާ މީހުންގެ ތެރެއިން ކޮންމެ 10 މީހުންގެ ތެރެއިން 1 އަކަށް މިބަލި ކުރިމަތިވަނީ އޭގެ ޒާތުގައި ވިރާސީ ބަހާއަށް ބަދަލު އައުމުންނެވެ (ކިޑްނީފަންޑް.އޯރގް، 2022).   

އޮޓޯސޯމަލް ޑޮމިނަންޓް ޕޮލީސިސްޓިކް ކިޑްނީ ޑިޒީޒްގެ އަލާމާތްތައް

މިބަލީގެ އަލާމާތްތައް އާންމުކޮށް ފެންނަށް ފަށަނީ އުމުރުން 50-30 އަހަރާއި ދެމެދުގެ އުމުރުގެ ފުރާގައެވެ. އޮޓޯސޯމަލް ޑޮމިނަންޓް ޕޮލީސިސްޓިކް ކިޑްނީ ޑިޒީޒްގެ އަލާމާތްތަކުގެ ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ.

·         އުނަގަނޑުގައި އަދި އަރިކަށީގައި ރިހުން ހުރުން

·         ބޮލުގައިރިހުން

·         ކުޑަކަމުނަޖިހުގައި ލޭހުރުން

·         ލޭމައްޗަށްދިއުން

·         ކުޑަކަމުދާ ނިޒާމުގައި އިންފެކްޝަން ހެދުން

·         ގުރުދާގައި ހިލައުފެދުން

މިއިން އެއްވެސް އަލާމާތެއް ހުރިނަމަ، ނޫނީ ޕޮލީސިސްޓިކް ކިޑްނީ ޑިޒީޒް ހުންނަ ތިމާގެ މީހަކު ހުރިނަމަ ޑޮކްޓަރަކާ މަޝްވަރާކޮށް ލަފާހޯދުމަކީ ބުއްދިވެރި ކަމެކެވެ (ކިޑްނީފަންޑް.އޯރގް، 2022).   

އޮޓޯސޯމަލް ޑޮމިނަންޓް ޕޮލީސިސްޓިކް ކިޑްނީ ޑިޒީޒްގެ ސަބަބުން ކުރިމަތިވެދާނެ އެހެން ޞިއްޙީ މައްސަލަތައް

·         ގުރުދާގައި ރިހުން

·         ލޭމައްޗަށްދިއުން

·         ގުރުދާ ފޭލްވުން

·         ގުރުދާގައި ހިލައުފެދުން

·         ކުޑަކަމުދާ ނިޒާމުގައި ޖަރާސީމު އެޅުން

·         ޗިސްމޭ ނޫނީ ފުރަމޭ ގައި ސިސްޓް އުފެދުން

·         ހިތުގެ މައްސަލަތައް

·         ގޮހޮރުގެ މައްސަލަތައް

·         ސިކުނޑީގެ ލޭނާރެއް ފުއްޕައި، އެނިއުރިޒަމް އުފެދުން

·         މާބަނޑު ދުވަސްވަރު ޕްރީއެކްލެމްސިއާ ކުރިމަތިވުން

އޮޓޯސޯމަލް ޑޮމިނަންޓް ޕޮލީސިސްޓިކް ކިޑްނީ ޑިޒީޒް ހުރިކަން ދެނެގަތުން

އޮޓޯސޯމަލް ޑޮމިނަންޓް ޕޮލީސިސްޓިކް ކިޑްނީ ޑިޒީޒް ހުރިކަން ދެނެގަތުން އަންނަނިވި ޓެސްޓުތައް ހެދުމަށް ލަފާދެއެވެ.

·         އިމޭޖިންގ ޓެސްޓުތައް : މިއީ ގުރުދާގައި ސިސްޓް އުފެދިފައި ހުރިތޯ ބެލުމަށް ހެދޭ ޓެސްޓުތަކެކެވެ. އެގޮތުން ހަދައިފާނެ އިމޭޖިންގ ޓެސްޓުތަކުގެ ތެރޭގައި އަލްޓްރާ ސައުންޑް ސްކޭންހެދުން، އެމްއާރުއައި ހެދުން އަދި ސީޓީ ސްކޭން ހެދުން ފަދަ ޓެސްޓު ތައް ހިމެނެއެވެ (ކިޑްނީފަންޑް.އޯރގް، 2022). 

·         ޖެނެޓިކް ޓެސްޓުތައް : މިއީ ލޭ، ނޫނީ ކުޅު ބޭނުންކޮށްގެން، އޮޓޯސޯމަލް ޑޮމިނަންޓް ޕޮލީސިސްޓިކް ކިޑްނީ ޑިޒީޒް ކުރިމަތިކުރުވާ ވިރާސީ ބަހާ އަށް ބަދަލު އައިސްފައިވާކަން ނުވަތަ ނޫންކަން ދެނެގަތުމަށް ހެދޭ ޓެސްޓެކެވެ (ކިޑްނީފަންޑް.އޯރގް، 2022).   

އޮޓޯސޯމަލް ޑޮމިނަންޓް ޕޮލީސިސްޓިކް ކިޑްނީ ޑިޒީޒްއަށް ފަރުވާކުރުން

އޮޓޯސޯމަލް ޑޮމިނަންޓް ޕޮލީސިސްޓިކް ކިޑްނީ ޑިޒީޒް އަށް ވަކި ޚާއްޞަ ފަރުވާއެއް ނޯވެއެވެ. އާންމު ގޮތެއްގައި ކުރެވޭ ކަމަކީ ބައްޔާއި ގުޅިގެން ކުރިމަތިވާ އުދަނގޫތައް ކުޑަކުރުމަށް މަސައްކަތްކުރުމާއި، ބައްޔާއި ގުޅިގެން ކުރިމަތިވެދާނެ ނުރައްކާތަކުން ދުރުވެ ހުރުމަށް މަސައްކަތް ކުރުމެވެ. މީގެ އިތުރުން ބަލި ޖެހުމަށްފަހު ބަލީގެ ސަބަބުން ގުރުދާ ފޭލްވެގެން ދިއުން ލަސްކުރުމަށް ވެސް މަސައްކަތް ކުރެވެއެވެ (ކިޑްނީފަންޑް.އޯރގް، 2022).   

އޮޓޯސޯމަލް ޑޮމިނަންޓް ޕޮލީސިސްޓިކް ކިޑްނީ ޑިޒީޒްގެ ސަބަބުން ގުރުދާ ފޭލްވުމުން ރައްކާތެރިކުރުން

އޮޓޯސޯމަލް ޑޮމިނަންޓް ޕޮލީސިސްޓިކް ކިޑްނީ ޑިޒީޒް ހުރިކަން ފާހަގަވާ ހިސާބުން މިބަލީގެ ސަބަބުން ގުރުދާ ފޭލްވުމުގެ ހިރާސް އޮތް މިންވަރާއި، އެކަން ކުރިމަތިވުން ލަސްކުރުމަށް ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުން ޑޮކްޓަރާއި މަޝްވަރާކުރުމަކީ ބުއްދިވެރި ކަމެކެވެ. އެގޮތުން ގުރުދާ ފޭލްވުން ލަސްކުރުމަށް ކުރެވިދާނެ ކަންތައްތައް ތިރީގައި މިވަނީ އެވެ (ކިޑްނީފަންޑް.އޯރގް، 2022). 

·         ލޭގެ ޕްރެޝަރު އަދި ލޭގެ ހަކުރު ކޮންޓްރޯލްކުރުމަށް މަސައްކަތްކުރުން

·         އެކަށޭނަ ބަރުދަނެއްގައި ހިފެހެއްޓުމަށް މަސައްކަތްކުރުން

·         ޑޮކްޓަރުން ލިޔެދީފައިވާ ބޭސްތައް ގަވާއިދުން ބޭނުންކުރުން

·         ގުރުދާއާއި ރައްޓަހިގޮތަށް ކެއުން ބައްޓަންކުރުން

·         ގަވާއިދުން ކަސްރަތުކުރުމާއި، ހެލިފެލިވެއުޅުން އިތުރުކުރުން

·         ދުންފަތުގެ އިސްތިއުމާލުކުރުމުން ދުރުހެލިވުން

·         ފިކުރުތަކާއި ދުރުހެލިވުން

·         ނިދި ފުރިހަމަކުރުން

އޮޓޯސޯމަލް ރިސެސިވް ޕޮލީސިސްޓިކް ކިޑްނީ ޑިޒީޒް

އޮޓޯސޯމަލް ރިސެސިވް ޕޮލީސިސްޓިކް ކިޑްނީ ޑިޒީޒް އަކީ ޕޮލީސިސްޓިކް ކިޑްނީ ޑިޒީޒް ގެ އެހާ އާންމު ވައްތަރެއް ނޫނެވެ. މިވައްތަރުގައި ގުރުދާގައި ސިސްޓް ތައް އުފެދޭނެ އެވެ. މިއީ ތުއްތު ކުދިންނަށް ވަރަށް ނުރައްކާތެރި އަދި ގެއްލުން ކުރިމަތިކުރުވާ ބައްޔެކެވެ. މިބަލި ކުރިމަތިވާ ކުދިންނަށް 20-15 އަހަރާއި ހަމައަށް ދާއިރު ގުރުދާ ފޭލްވުން ކުރިމަތިވާގޮތް ވެއެވެ. މިވައްތަރުގައި ގުރުދާގައި ސިސްޓް އުފެދުމުން އެހެން ގުނަވަންތަކަށް އަސަރު ކުރެއެވެ. އެގޮތުން ފުރަމޭ އަށް އަސަރުކުރާކަން ފާހަގަ ކުރެވެއެވެ. އާންމުކޮށް އަލާމާތްތައް ފެންނަނީ ތުއްތު ކުދިންގެ ފުށުންނެވެ. ބައެއް ފަހަރު އުފަންވެސް ނުވަނީސް ވެސް ބަލީގެ އަލާމާތްތައް ފާހަގަވެއެވެ. އެހެންކަމުން މިވައްތަރަށް "އިންފެންޓައިލް ޕޮލީސިސްޓިކް ޑިޒީޒް" އޭ ކިޔައެވެ. މިއީ ޕޮލީސިސްޓިކް ކިޑްނީ ޑިޒީޒް ގެ ތަންކޮޅެއް ނާދިރު ވައްތަރެކެވެ (ކިޑްނީފަންޑް.އޯރގް، 2022).   

ސަބަބު

އޮޓޯސޯމަލް ރިސެސިވް ޕޮލީސިސްޓިކް ކިޑްނީ ޑިޒީޒް ވެސް ކުރިމަތިވަނީ ވަކި ޚާއްޞަ ވިރާސީ ބަހާ އަކަށް ބަދަލު އައުމުންނެވެ. މިވިރާސީ ބަހާ އަށް ކިޔަނީ " PKHD1 " އެވެ. މިވިރާސީ ބަހާ މައިންބަފައިންގެ ތެރެއިން ދެމީހުންގެ ފުށުން ވެސް ވާރުތަވާނެ އެވެ. ދަރިފުޅަށް އޮޓޯސޯމަލް ރިސެސިވް ޕޮލީސިސްޓިކް ކިޑްނީ ޑިޒީޒް ކުރިމަތިވުމަށް މައިންބަފައިންގެ ތެރެއިން ދެމީހުންނަކީ ވެސް ބަޔާންކުރެވުނު ވިރާސީ ބަހާ އުފުލާ ކެރިއަރުންނަށް ވާންޖެހޭނެ އެވެ. މިފަދަ ކެރިއަރުންނަކީ ބަދަލުވެފައިވާ ވިރާސީ ބަހާ އުފުލާ، ނަމަވެސް އެމީހުންނަށް ބަލީގެ ހާލަތު ކުރިމަތިނުވާ މީހުންނެވެ. އެހެންކަމުން އާއިލާގެ ކޮންމެ ދަރިފަސްކޮޅެއްގެ ފުށުން އޮޓޯސޯމަލް ރިސެސިވް ޕޮލީސިސްޓިކް ކިޑްނީ ޑިޒީޒް ފާހަގަ ނުކުރެވި ހިނގައިދާނެ އެވެ (ކިޑްނީފަންޑް.އޯރގް، 2022).   

މައިންބަފައިންގެ ތެރެއިން ދެމީހުންގެ ކިބައިގައި އޮޓޯސޯމަލް ރިސެސިވް ޕޮލީސިސްޓިކް ކިޑްނީ ޑިޒީޒް ކުރިމަތިކުރުވުމަށް ބޭނުންވާ ބަދަލުވެފައިވާ ވިރާސީ ބަހާ ހުރިނަމަ، ދެމަފިރިންނަށް ލިބޭ ކުދިންގެ ތެރެއިން :

·         ކޮންމެ 4 ކުން 1 ކުއްޖެއް (%25) އޮޓޯސޯމަލް ރިސެސިވް ޕޮލީސިސްޓިކް ކިޑްނީ ޑިޒީޒް އާއެކު އުފަންވުމުގެ ފުރުޞަތު އޮތުން

·         ކޮންމެ 2 ކުން 1 ކުއްޖެއް (%50) އޮޓޯސޯމަލް ރިސެސިވް ޕޮލީސިސްޓިކް ކިޑްނީ ޑިޒީޒް ކުރިމަތިކުރުވާ ބަދަލުވެފައިވާ ވިރާސީ ބަހާ އުފުލާ ކެރިއަރުންގެ ގޮތުގައި އުފަންވުމުގެ ފުރުޞަތު އޮތުން

·         ކޮންމެ 4 ކުން 1 ކުއްޖެއް (%25) އޮޓޯސޯމަލް ރިސެސިވް ޕޮލީސިސްޓިކް ކިޑްނީ ޑިޒީޒް ކުރިމަތިކުރުވާ ބަދަލުވެފައިވާ ވިރާސީ ބަހާ އުފުލާ ކެރިއަރުންގެ ގޮތުގައި ނޫނީ އެބަލިނެތި އުފަންވުމުގެ ފުރުޞަތު އޮތުން

އޮޓޯސޯމަލް ރިސެސިވް ޕޮލީސިސްޓިކް ކިޑްނީ ޑިޒީޒްގެ އަލާމާތްތައް

މިބަލީގެ އަލާމާތްތައް އުފަންވުމުގެ ކުރިން، ނޫނީ ވިހެއުމުގެ ތެރޭގައި، ނޫނީ އުފަންވާތަނުން، ނޫނީ ތުއްތު އިރު ނޫނީ ކުޑައިރު ފާހަގަވުމަކީ އެކަށީގެންވާ ކަމެކެވެ. އޮޓޯސޯމަލް ރިސެސިވް ޕޮލީސިސްޓިކް ކިޑްނީ ޑިޒީޒްގެ އަލާމާތްތަކުގެ ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ (ކިޑްނީފަންޑް.އޯރގް، 2022). 

އުފަންވުމުގެ ކުރިން ފާހަގަވެދާނެ އަލާމާތްތައް

·         މާބަނޑުއިރު ހަދާން ސްކޭންތަކުން ތުއްތު ދަރިފުޅުގެ ގުރުދާ ހުންނަންޖެހޭ މިންވަރަށް ބޮޑުކޮށް ހުރުން

·         ތުއްތު ދަރިފުޅުގެ ވަށައިގެންވާ ފެންދުލީގައި ފެންމަދުވުން : ފެންދުލީގައި ހުންނަ ފެން ނުވަތަ އަމާން ދިޔަ އަކީ ތުއްތު ދަރިފުޅު ރަހިމުގައި އޮންނައިރު އަންނަ ތޮޅުންތަކުން ރައްކާތެރިވުމަށް ފެންދުލީގައި ހުންނަ ފެނެކެވެ. މާބަނޑު ދުވަސްވަރުގެ ފަހު 3 މަހުގެ މެދެއްހާ ހިސާބުން ފެށިގެން ގުރުދާއިން އަމާން ދިޔަ އުފައްދަމުންގެންދާނެ އެވެ. ނަމަވެސް އޮޓޯސޯމަލް ރެސިސިވް ޕޮލިސިސްޓިކް ކިޑްނީ ޑިޒީޒް ހުންނަ ކުދިންގެ ގުރުދާއަށް އުފަންވުމުގެ ކުރިން ވެސް ގެއްލުން ލިބި، ގުރުދާއިން އެކަށޭނަ ވަރަށް އަމާން ދިޔަ އުފައްދައެއް ނުދެއެވެ (ކިޑްނީފަންޑް.އޯރގް، 2022).   

އުފަންވުމުގެ ތެރޭގައި ނޫނީ އުފަންވާއިރު ފާހަގަވެދާނެ އަލާމާތްތައް

·         ތުއްތު ދަރިފުޅުގެ ބަނޑުފުއްޕުން

·         ލޭމައްޗަށްދިއުން

·         ނޭވާލާން އުދަނގޫވުން

·         ކާންދިނުމާއެކު ކާން ދިން އެއްޗެހި (ކިރު) ބޭރުކޮށްލުން

·         ތުއްތު ދަރިފުޅުގެ އަތް، ފައި އަދި މޫނު ހެދިބޮޑުވުމުގައި މައްސަލަތައް ހުރުން

ތުއްތުއިރު ފާހަގަވެދާނެ އަލާމާތްތައް

އޮޓޯސޯމަލް ރިސެސިވް ޕޮލީސިސްޓިކް ކިޑްނީ ޑިޒީޒް ހުންނަ ބައެއް ކުޑަކުދިންގެ ފުށުން އެއްވެސް އަލާމާތެއް ފާހަގަނުވުމަކީ އެކަށީގެންވާ ކަމެކެވެ. މާބޮޑަށް މިބަލީގެ އަސަރު ހުރިނަމަ ތިރީގައި މިވާ އަލާމާތްތައް ފެނުމަކީ އެކަށީގެންވާ ކަމެކެވެ.

·         ލޭމައްޗަށްދިއުން

·         ކުޑަކަމުދާ ނިޒާމުގައި ޖަރާސީމު އެޅުން ނޫނީ އިންފެކްޝަން ހެދުން

·         އުނަގަނޑުގައި ނޫނީ އަރިކަށީގައި ރިހުން

·         ލޭނާރުފުއްޕުން

·         ނިސްބަތުން އިސްކޮޅުން ކުރުވުން އަދި ބަރުދަން ލުއިވުން

އޮޓޯސޯމަލް ރެސިސިވް ޕޮލީސިސްޓިކް ކިޑްނީ ޑިޒީޒްގެ ސަބަބުން ކުރިމަތިވެދާނެ އެހެން ޞިއްޙީ މައްސަލަތައް

·         ބޮޑުމީހަކަށްވުމުގެ ކުރިން ގުރުދާ ފޭލްވުން

·         ދުވަސްވަމުންދާ ވަރަކަށް ފުރަމޭ ހަލާކުވަމުން ދިއުން

·         ލޭމައްޗަށްދިއުން

·         ކުޑަކަމުދާ ނިޒާމުގައި ޖަރާސީމު އެޅުން

·         ފުރާނަދިއުން

އޮޓޯސޯމަލް ރެސިސިވް ޕޮލީސިސްޓިކް ކިޑްނީ ޑިޒީޒް ހުރިކަން ދެނެގަތުން

އޮޓޯސޯމަލް ރެސިސިވް ޕޮލީސިސްޓިކް ކިޑްނީ ޑިޒީޒް ހުރިކަން ދެނެގަތުން އަންނަނިވި ޓެސްޓުތައް ހެދުމަށް ލަފާދެއެވެ.

·         ޖެނެޓިކް ޓެސްޓުތައް : މިއީ ލޭ، ނޫނީ ކުޅު ބޭނުންކޮށްގެން، އޮޓޯސޯމަލް ރެސިސިވް ޕޮލީސިސްޓިކް ކިޑްނީ ޑިޒީޒް ކުރިމަތިކުރުވާ ވިރާސީ ބަހާ " PKHD1 " އަށް ބަދަލު އައިސްފައިވާކަން ނުވަތަ ނޫންކަން ދެނެގަތުމަށް ހެދޭ ޓެސްޓެކެވެ. ބަދަލުވެފައިވާ މިވިރާސީ ބަހާ ހުރެމެ، ބަލީގެ އަލާމާތްތައް ނެތްތަނަމަ އޭގެ މާނައަކީ އެމީހަކު އޮޓޯސޯމަލް ރެސިސިވް ޕޮލީސިސްޓިކް ކިޑްނީ ޑިޒީޒް ގެ ކެރިއަރަކަށް ވުމެވެ (ކިޑްނީފަންޑް.އޯރގް، 2022).   

 އޮޓޯސޯމަލް ރިސެސިވް ޕޮލީސިސްޓިކް ކިޑްނީ ޑިޒީޒްއަށް ފަރުވާކުރުން

އޮޓޯސޯމަލް ރިސެސިވް ޕޮލީސިސްޓިކް ކިޑްނީ ޑިޒީޒް އަށް ވަކި ޚާއްޞަ ފަރުވާއެއް ނޯވެއެވެ. ނޫނީ މިބައްޔަށް ފަރުވާއެއް ނުވެއެވެ. އާންމު ގޮތެއްގައި ކުރެވޭ ކަމަކީ ބައްޔާއި ގުޅިގެން ކުރިމަތިވާ އުދަނގޫތައް ކުޑަކުރުމަށް މަސައްކަތްކުރުމާއި، ބައްޔާއި ގުޅިގެން ކުރިމަތިވެދާނެ ނުރައްކާތަކުން ދުރުވެ ހުރުމަށް މަސައްކަތް ކުރުމެވެ. އޮޓޯސޯމަލް ރިސެސިވް ޕޮލީސިސްޓިކް ކިޑްނީ ޑިޒީޒް މެނޭޖުކުރުމަށް ކުރެވޭ ކަންތައްތަކުގެ ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ (ކިޑްނީފަންޑް.އޯރގް، 2022).  

·         ޑަޔަލިސިސް ހެދުން : އާންމުކޮށް ހަދަނީ ޕެރިޓޯނިއަލް ޑަޔަލިސިސް އެވެ. ނަމަވެސް ބައެއް ކުދިންނަށް ހީމޯޑަޔަލިސިސް ވެސް ހަދައިފާނެއެވެ.

·         ގުރުދާ ބަދަލުކުރުން

·         ފުރަމޭ ބަދަލުކުރުން

·         ގުރޯތު ހޯރމޯން ބޭނުންކުރުން

·         ލޭގެ ޕްރެޝަރު ކޮންޓްރޯލްކުރުމަށް ބޭސް ބޭނުންކުރުން

·         އިންފެކްޝަން އިން ރައްކާތެރިވުމަށް އެންޓިބަޔޮޓިކް ބޭނުންކުރުން

ނޯޓް : މިއީ މައުލޫމާތު ފެތުރުމުގެ ނިޔަތުގައި ލިޔެފައިވާ ލިޔުމެކެވެ.

މައުލޫމާތު

·         https://www.kidneyfund.org/all-about-kidneys/types-kidney-diseases/polycystic-kidney-disease

·         https://www.niddk.nih.gov/health-information/kidney-disease/polycystic-kidney-disease/what-is-pkd

·         https://www.kidney.org/atoz/content/polycystic

·         https://www.mayoclinic.org/diseases-conditions/polycystic-kidney-disease/symptoms-causes/syc-20352820#:~:text=Polycystic%20kidney%20disease%20(PKD)%20is,they%20can%20grow%20very%20large . 

No comments:

Post a Comment