Monday, June 10, 2013

ރަހިމު


ރަހިމު

ރަހިމަ(uterus)ކީ އަންހެނާގެ ނަސްލު އުފައްދާ ނިޒާމްގައި ހިމެނޭ މައި އެއް ގުނަވަނެވެ. އަދި މިއީ މިނިޒާމްގައި ހިމެނޭ އެންމެ މުހިއްމު އެއްގުނަވަނެވެ. ރަހިމަކީ އެތެރެ ހުހަށް އޮންނަ ނާސްޕަތީ- ބައްޓަމަށް އިންނަ ގުނަވަނެކެވެ. ދިވެހި ބަހުގެ ރަދީފުގައި ރަހިމަށް "މައުގަޅަ" މިނަން ބޭނުންކޮށްފައި ވެއެވެ. ރަހިމުގެ މަތިން ދެފަރާތުގައި ދެ ބިސްދަތުރުކުރާ ހޮޅި ނުވަތަ ބިސްހޮޅި ރަހިމާއި ގުޅިފައި ވެއެވެ. ރަހިމުގެ ތިރީ ބަޔަކީ ރަހިމުގެ ދޮރެވެ. މިބައި އިންނަނީ އަންހެނާގެ ޖިންސީ ގުނަވަނަށް ނުވަތަ ކުރިމަތި ފަރާތަށް ހުޅުވޭ ގޮތަށެވެ.

ބިސް އުފައްދާ ތަނުން އުފައްދާ ބިސް ބިސް ދަތުރުކުރާ ހޮޅީގެ ތެރޭގައި ފިރިހެނާ ޖިންސީ ގުޅުމުގެ ތެރޭގައި އަންހެނާގެ ހަށިގަނޑަށް ދޫކޮށްލާ ދަރިފަންޏާ ބައްދަލުވެއްޖެނަމަ ދަރިންފަންޏާ މުޑުވައްވެ، ބިސްދަތުރުކުރާ ހޮޅި ކަނޑަތުކޮށް ރަހިމަށް ވާޞިލްވެ، ރަހިމުގައި ފާރުގައި މުޑުވައްވެފައިވާ ބިސް އިންދައި، ގަރުބަގަނެއެވެ. އަދި ރަހިމުގެ ތެރޭގައި ދަރިފުޅު އަށަގަނެ ބޮޑުވަމުން އާދެއެވެ.

ރަހިމަކީ ސާނަވީ ޖިންސީ ގުނަވަނެކެވެ. ސާނަވީ ޖިންސީ ގުނަވަނެކޭ ބުނެވެނީ ބާލިޣުވުމަށްފަހު އަސާސީ ގުނަވަންތަކުން (އަންހެނުންގެ ނަމަ ބިސްރަވަ، ފިރިހެނުންގެ ނަމަ އޮށް) އުފައްދާ ހޯރމޯންތަކުގެ ބާރުން ހެދިބޮޑުވާތީ އެވެ.


ރަހިމު އޮންނަނީ (އިންނަނީ) ފުރަގަސް ފަރާތާ، މަސާނާ އާ ދެމެދުގައެވެ. އާންމު ގޮތެއްގައި ރަހިމުގެ ދިގުމިނުގައި 7.5 ސެންޓިމީޓަރު، ފުޅާމިނުގައި 5 ސެންޓިމީޓަރު، އަދި ބޯމިނުގައި 2.5 ސެންޓިމީޓަރު ހުރެއެވެ. ރަހިމުގެ ބަރުދަނުގައި ގާތްގަނޑަކަށް 40-30 ގްރާމު ހުރެއެވެ.

ރަހިމު އުފެދިފައިވާގޮތް  

ރަހިމު އެކުލެވިގެންވަނީ މައިގަނޑު 3 ބައެއްގެ މައްޗަށެވެ.

(ހ) - ފަންޑަސް (Fundus): ފަންޑަސް އަކީ ބިސްދަތުރުކުރާ ހޮޅި ދެފަރާތުން ރަހިމަށް ހުޅުވިފައިވާއިރު އެއަށްވުރެ މަތި ހުރަހަށް އެއްފަޅިން އަނެއްފަޅިއަށްވާގޮތަށް އޮންނަ ބައެވެ.

(ށ) - ރަހިމުގެ ޖިސްމު (Body of uterus): މިއީ ރަހިމުގެ މައި ބައެވެ. ރަހިމުގެ ޖިސްމު ތިރިއަށްދާ ވަރަކަށް އިންނާނީ ހިމަކޮށެވެ. ރަހިމުގެ ޖިސްމާ ވިދިގެން ތިރިއަށް އިންނަނީ ރަހިމުގެ ދޮރެވެ. އާންމު ގޮތެއްގައި ރަހިމުގައި ދަރިފުޅު ގަރުބަ ގަންނަ ބަޔަކީ ނުވަތަ ތަނަކީ މިއީ އެވެ.  

(ނ) - ރަހިމުގެ ދޮރު (Cervix): ރަހިމުގެ ކަރު ނުވަތަ ރަހިމުގެ ދޮރަ(cervix)ކީ ރަހިމުގެ ތިރީގައި ހިމަކޮށް އިންނަ ބައެވެ. ރަހިމުގެ ދޮރު ހުޅުވިފައި އިންނަނީ އަންހެނާގެ ޖިންސީ ގުނަވަނަށެވެ. ރަހިމުގެ ކަރު އިންނަނީ ސިލިންޑަރެއް (ކޯންއެއް) ގެ ބައްޓަމަށެވެ. ރަހިމުގެ ދޮރުން އަންހެނާގެ ޖިންސީ ގުނަވަނުގެ ތެރެއަށް ނިކުމެފައި އިންނަ ބަޔަށް ކިޔަނީ ''އެކްޓަސާރވިކްސް''(ectocervix) އެވެ. މިބައިގެ ދިގުމިނުގައި 3 ސެންޓިމީޓަރު އަދި ފުޅާމިނުގައި 2.5 ސެންޓިމީޓަރު ހުރެއެވެ. ރަހިމުގެ ދޮރުން ރަހިމުގެ ތެރެއަށް ހުޅުވާދޭ ތަނަށް ކިޔަނީ ''އިންޓާރނަލް އޮސް''(internal Os) އެވެ. އަދި ރަހިމުގެ ކަރުން އަންހެނާގެ ޖިންސީ ގުނަވަނަށް ހުޅުވާދޭ ތަނަށް ކިޔަނީ ''އެކްސްޓާރނަލް އޮސް''(external Os) އެވެ.

ގުޅުންތައް

ރަހިމު އޮންނަނީ މަސާނާގެ ފަހަތުން މައްޗަށްވާގޮތަށެވެ. އަދި ރަހިމުގެ ތިރިން ކުރިމައްޗަށްވާގޮތަށް އޮންނަނީ ނުވަތަ އިންނަނީ ފުރަގަސްފަރާތެވެ.

ރަހިމުގެ ފާރުގެ އުފެދިފައިވާގޮތް

ރަހިމުގެ ފާރު އެކުލެވިގެންވަނީ 3 ފަށަލައެއްގެ މައްޗަށެވެ. އެއީ:-

(ހ) - ޕެރިމީޓްރީއަމް (perimetrium): މިއީ އެތެރެ ހަށީގެ އެހެން ގުނަވަންތަކެކޭ އެއްގޮތަށް ރަހިމުގެ ވަށައިގެން ބޭރުފުށުން ލެވިފައިވާ ތުނި ދުލި ފަށަލަ އެކެވެ. މިއީ އެތެރެހަށީގެ ހުރިހާ ގުނަވަންތަކުގެ ބޭރު ފުށުން ލެވިފައިވާ "ޕެރިޓޮނީއަމް"(peritoneum) އޭ ކިޔާ ތުނި ދުލިފަށަލައިގެ ބައެކެވެ

(ށ) - މެޔޯމީޓްރީއަމް (myometrium): މިއީ ރަހިމުގެ މަސް ފަށަލަ އެވެ. ރަހިމުގެ ފާރުގައި ހިމެނޭ ފަށަލަ ތަކުގެ ތެރެއިން އެންމެ ބޯ ފަށަލަ އަކީ މިމަސް ފަށަލަ އެވެ. މަހުން އުފެދިފައިވާ މިފަށަލައިގެ ތެރޭގައި ލޭހޮޅިތަކާ، ނާރު ތައް އެކުލެވިގެން ވެއެވެ.

(ނ) - އެންޑޯމީޓްރީއަމް (endometrium): މިއީ ރަހިމުގެ އެންމެ އެތެރެއިން ލެވިފައިވާ ތެތް ދުލިފަށަލަ އެކެވެ. އެހެން ގޮތަކަށް ބުނާނަމަ މިއީ ރަހިމުގެ ފާރުގެ އެތެރެއިން ލެވިފައިވާ ބަތާނަ ފަށެވެ. މިފަށަލައިގެ ތެރޭގައި ދަވަދޫކުރާ ގްލޭންޑުތައް ހުރެއެވެ. ކުރާ މަސައްކަތަށް ރިއާޔަތްކޮށް މިފަށަލަ ދެބަޔަކަށް ބެހިގެންވެއެވެ.

ފަންކްޝަނަލް ލޭޔަރ (functional layer): މިއީ އެތެރެއަށް ވާގޮތަށް އިންނަ ފަށަލަ އެވެ. މައްސަރު ކަންތައް ކުރިމަތިވާތާ ކުރީކޮޅުގައި މިފަށަލަ ބޯވެ، ލެއިން މުއްސަނދި ވެގެންދާނެ އެވެ. ބިސް މުޑުވައްނުވެއްޖެނަމަ، އަދި ރަހިމުގެ ފާރުގައި ގަރުބަ ނުގަނެއްޖެނަމަ، މިފަށަލަ މައްސަރުގެ ތެރޭގައި ބީވެނެތިދާނެ އެވެ.

ބޭސަލް ލޭޔަރ (basal layer): މިއީ ރަހިމުގެ މަސް ފަށަލައާ ޖެހިގެން އިންނަ ފަށަލަ އެކެވެ. މައްސަރުގެ ތެރޭގައި މިފަށަލަ ބީވެނެތިގެނެއް ނުދާނެ އެވެ. މައްސަރުގެ ތެރޭގައި ފަންކްޝަނަލް ލޭޔަރ ބީވެ ނެތިދިއުމުން އަލުން އުފެދިގެން އަންނަނީ މިފަށައިންނެވެ.

ރަހިމު ހިފަހައްޓައިދޭ ބައިތައް ނުވަަތަ ލިގަމެންޓް ތައް

ރަހިމުގެ އަންހެނާގެ ޅިނދުގެ ތެރޭގައި ހިފެހެއްޓިފައި ހުންނަނީ ވަށައިގެންވާ ގުނަވަންތަކާ، ޅިނދުގެ މަސްތަކާ، ތަފާތު ލިގަމެންޓް ތަކުގެ އެހީގައެވެ. އެގޮތުން ރަހިމު ހިފެހެއްޓުމަށް ހުންނަ މުހިއްމު ބައިތަކުގެ ތެރޭގައި ބްރޯޑް ލިގަމެންޓް، ރައުންޑް ލިގަމެންޓް، ޔުޓީރޯސެކްރަލް ލިގަމެންޓް، ޓްރާންސްސަރވިކަލް ލިގަމެންޓް، އަދި ޕިޔުބޯސަރވިކަލް ލިގަމެންޓް ފަދަ ބައިތައް ހިމެނެއެވެ.

(ހ) - ބްރޯޑް ލިގަމެންޓް(broad ligament) : ބްރޯޑް ލިގަމެންޓް އަކީ ރަހިމުގެ ކުރިމައްޗާ ފަހަތުން އައިސްފައިވާ ޕެރިޓޮނީއަމް ނުވަތަ ދުލި ފަށަލައިގެ ދެފަށަލަ ގުޅިގެން އުފެދިފައިވާ ލިގަމެންޓެކެވެ. ބިސް އުފައްދާ ތަން ތަތްވެ ހަރުލާފައި އިންނަނީ ރަހިމުގެ ކޮންމެ ފަޅިއަކުން(ވާތު ފަޅި އަދި ކަނާތު ފަޅީގައި) މި ލިގަމެންޓްގެ ފަހަތު ފަށަލައިގައެވެ. ރަހިމަށް ގޮސްފައި ހުންނަ ލޭހޮޅިތަކާ، ލިމްފް ހޮޅިތައް އަދި ރަހިމުގެ ހަރަކާތްތަކަށް އެހީވެދޭ ނާރުތައް ގޮސްފައި ހުންނަނީ މިލިގަމެންޓްގެ ދެފަށަލަ ދޭތެރެ އިންނެވެ. ރަހިމު އޭގެ މަގާމުގައި ހިފަހައްޓައިދިނުމަށް މިލިގަމެންޓް މުހިއްމު ދައުރެއް އަދާކުރެއެވެ.

(ށ) - ރައުންޑް ލިގަމެންޓް(round ligament): ރައުންޑް ލިގަމެންޓް އަކީ ރަހިމުގެ ކޮންމެ ފަޅިއެއްގައި ބްރޯޑް ލިގަމެންޓްގެ ދެފަށަލަ ދޭތެރޭގައި ހަރުލާފައި އިންނަ ލިގަމެންޓެކެވެ. މިލިގަމެންޓްގެ މައިގަނޑު މަސައްކަތަކީ "އެންޓިވާޓެޑް ޕޮޒިޝަން"(anteverted) ގައި ރަހިމު ހިފަހައްޓައިދިނުން ނުވަތަ ބަހައްޓައިދިނުމެވެ.

(ނ) - އޯވެރިއަން ލިގަމެންޓް (Ovarian ligament): މިއީ ދެފަރާތުގެ ބިސްރަވައިން ރަހިމާއި ގުޅުވައިދޭ ލިގަމެންޓް އެކެވެ.

(ރ) - ކާޑިނަލް ލިގަމެންޓް (Cardinal ligament): މިއީ ބްރޯޑް ލިގަމެންޓްގެ ބޭސް އިންނަ ލިގަމެންޓް އެކެވެ. މިލަގެމެންޓް  ދެމިގެން ގޮސްފައިވަނީ ނުވަތަ ގުޅިފައިވަނީ ރަހިމުގެ ދޮރުން ފެށިގެން ގޮސް، ކަށިވަތުގެ އަރިމަތީ ފާރަށެވެ. މިލިގަމެންޓް ގެ ތެރޭގައި ޔުޓެރައިން ވެއިން، އަދި ޔުޓެރައިން އާޓަރީ ހިމެނެއެވެ. މީގެ އިތުރުން މިއީ ވެސް ރަހިމު އޭގެ މަގާމު ގައި ހިފަހައްޓައި ދިނުމަށް އެހީތެރިވެދޭ ލިގަމެންޓެކެވެ.

(ބ) - ޔުޓީރޯސެކްރަލް ލިގަމެންޓް (Uterosacral ligament): މިއީ ރަހިމުގެ ދޮރުން ފެށިގެން ގޮސް ސެކްރަމް ކަށިގަނޑާއި ހަމައަށް ގޮސްފައިވާ ލިގަމެންޓް އެކެވެ. ނޫނީ މިދެބައި ގުޅުވައިދޭ ލިގަމެންޓް އެކެވެ.

ރަހިމުގެ ވަޒީފާ

އަންހެން ކުއްޖަކު ބާލިޣުވާ އުމުރަށް އެޅުމާއެކު، ގަވާއިދުން މަހަކު އެއްފަހަރު މައްސަރު ކަންތައް ޖެހެމުންދާނެ އެވެ. މިގޮތަށް މައްސަރު ކަންތައް ޖެހުމުން ބަދަލު އަންނަނީ ރަހިމުގެ އެތެރޭގެ ބަތާނަ ފަށަށެވެ. މައްސަރު ކަންތައް ޖެހުން ކޮންޓްރޯލް ކުރަނީ ސިކުނޑީގެ ތެރޭގައިވާ ހައިޕޯތަލަމަސް، އަދި ޕިޓޫއިޓަރީ ގްލޭންޑުން ދޫކުރާ ހޯރމޯން ތަކުންނެވެ. މައްސަރު ކަންތައް ޖެހުމަކީ، މުޑުވައްވެފައިވާ ބިސް ، ރަހިމުގައި އަށަގަތުމާ، އެއަށް ކާނާހޯދައިދީ، އެބިހަށް ބޭނުންވާ ރައްކާތެރިކަން ހޯދައިދިނުމަށް ރަހިމު ތައްޔާރު ކުރުމެވެ. އާންމު ގޮތެއްގައި ކޮންމެ 30-26 ދުވަހަކުން ގަވާޢިދުން މައްސަރު ކަންތައް ޖެހެމުންދާނެ އެވެ. ބިހަށް ދަރިފަންޏާ މުޑުވައްވާނެ ފުރުޞަތު ނުލިބިއްޖެނަމަ، މައްސަރުގެ ލޭފެނުމަށްފަހު އަނެއްކާވެސް އަލުން މައްސަރުގެ ބުރު ފެށިގެންދާނެ އެވެ. މައްސަރުގެ ތެރޭގައި ބޭރުވާ ލޭގެ ތެރޭގައި ހިމެނެނީ، ރަހިމުގެ އެތެރޭގެ ބަތާނަ ފަށުގައި ހުންނަ ގްލޭންޑުތަކުން ދޫކުރާ ދަވަ، ރަހިމުގެ އެތެރޭގެ ބަތާނަ ފަށުގެ ސެލްތައް، އެބަތާނަ ފަށުގައި ހުންނަ ހިމަލޭހޮޅިތައް ފެޅިގެން ބޭރުވާ ލޭ، އަދި މުޑުވައްނުވާ ބިސް ހިމެނެއެވެ.

ބިސް ދަތުރުކުރާ ހޮޅީގެ ތެރޭގައި ބިހާ، ދަރިފަނި ބައްދަލުވެ މުޑުވައްވެއްޖެނަމަ ރަހިމަށް ވާޞިލްވެ، ރަހިމުގެ ފާރުގައި މުޑުވައްވެފައިވާ ބިސް އަށަގަންނާނެ އެވެ. ބިސް ރަހިމުގެ ފާރުގައި މުޑުވައްވުމުގެ ކުރިން ރަހިމުން ބޭރުކުރާ ދިޔައިން އެބިހަށް ކާނާ ފޯރުކޮށްދޭނެ އެވެ. ބިސް ރަހިމުގެ ފާރުގައި މުޑުވައްވާތާ ކުރީކޮޅު އެއަށް ބޭނުންވާ ކާނާ ފޯރުކޮށްދެނީ ރަހިމުގެ އެތެރޭގެ ބަތާނަ ފަށަލައިންނެވެ. އަދި އެއަށްފަހު ރަހިމުގައި މަސް އުފެދުމުން މަހުން ރަހިމުގައި ބޮޑުވަމުން އަންނަ ތުއްތު ދަރިފުޅަށް ބޭނުންވާ ކާނާ ފޯރުކޮށްދެމުން ގެންދާނެ އެވެ. މަސް އެއްކޮޅުން ފޫޅު ދަނޑި މެދުވެރިކޮށް ތުއްތު ދަރިފުޅުގެ ހަށިގަނޑާ ގުޅިފައިވާއިރު އަނެއްކޮޅުން ގުޅިފައި އިންނަނީ ރަހިމުގެ ފާރާ އެވެ. އެހެންކަމުން ތުއްތު ދަރިފުޅަށް ބޭނުންވާ ކާނާ އާ އޮކްސިޖަން ރަހިމުގައި އޮންނައިރު ފޯރުކޮށްދެނީ މަސް ހުރަސްކޮށެވެ.

މާބަނޑުވާތާ ކުރީކޮޅު ދަރިފުޅު ބައިގެންދިޔަ ނުދީ ހިފަހައްޓައިދެނީ މަހުން ދޫކުރާ ޕްރޮޖެސްޓަރޯންގެ މިންވަރު މަތިވެ، ރަހިމުގެ ފާރުގެ މަސްތައް ކުރުގެޅި،ހިމަވެ ފިތިގެންދިޔަ ނުދޭތީ އެވެ. ވިހަން ކައިރިވުމުން އެސްޓްރަޖަން ހޯރމޯން ގެ މިންވަރު ލޭގައި މަތިވެ، ރަހިމުގެ ފާރުގެ މަސްތައް ކުރުގެޅި، ފިތިގެންދިއުން އިތުރުވެ، ވިހެއުމުގެ ރިހުން ކުރިމަތި ކުރުވައެވެ. މީގެ އިތުރުން ސިކުނޑީގައިވާ ޕިޓޫއިޓަރީ ގްލޭންޑުން ދޫކުރާ "އޮކްސިޓޯސިން"(oxytocin) ހޯރމޯންގެ ސަބަބުން ވެސް ރަހިމުގެ ފާރުގެ މަސްތައް ކުރުގެޅި، ފިތިގެންދިއުން އިތުރުވެ، ވިހެއުމުގެ ރިހުން މެދުވެރި ކުރުވައެވެ. ވިހެއުމުގެ ތެރޭގައި އަންނަ ރިހުންގަނޑުގެ ސަބަބުން މަޑުމަޑުން ދަރިފުޅު ރަހިމުން ބޭރުކުރާނެ އެވެ.

ލޭދައުރުވުން އަދި ލިމްފް ދައުރުވުން

ރަހިމަށް ސާފުލޭ ފޯރުކޮށްދެނީ ހައިޕޯގެސްޓްރިކް އާޓަރީ އިން ގޮފިވެގެން ނިކުމެފައިވާ "ޔުޓެރައިން އާޓަރީ"(uterine artery)، އިންނާއި، އެބްޑޯމިނަލް އެޔޯޓާ(abdominal aorta)  އިން ނިކުމެފައިވާ އޯވަރިއަން އާޓަރީ(Ovarian artery)  އިންނެވެ. ނުސާފުލޭ އަނބުރާ ހިތާއި ދިމާލަށް ދައުރުކުރަވަނީ ނުވަތަ ގެންގޮސްދެނީ ޔުޓެރައިން ވެއިން(uterine vein) އިންނެވެ.

ރަހިމުން ލިމްފް ދިޔަ ދައުރުވެ ގޮސް ހުސްވަނީ 3 ދިމާލަކަށެވެ. އެގޮތުން ރަހިމުން ލިމްފް ދިޔަތައް ހުސްވަނީ " އިލިއެކް ލިމްފް ގޮށް"(iliac lymph node) ،ސެކްރަލް ލިމްފް ގޮށް(sacral lymph nodes) ތަކާއި، އެއޯޓިކް ލިމްފް ގޮށް (Aortic lymph nodes)ތަކާއި އަދި "އުކުވަޅުވަޅުގައި ތިލަކޮށް ހުންނަ ލިމްފް ގޮށް"(superficial inquinal lymph node) ތަކަށެވެ.

ނޯޓް : މިއީ މައުލޫމާތު ފެތުރުމުގެ ނިޔަތުގައި ލިޔެފައިވާ ލިޔުމެކެވެ.

މައުލޫމާތު :

·         https://teachmeanatomy.info/pelvis/female-reproductive-tract/uterus/

·         https://www.bartleby.com/107/268.html

·         Anatomy, G. (2013, 06 10). http://education.yahoo.com/reference/gray/. Retrieved from http://education.yahoo.com/: http://education.yahoo.com/reference/gray/

·          Anne Waugh, A. G. (2009). Ross and Wilson ANATOMY and PHYSIOLOGY in Health and illness. Galasgow: CHURCHIL, LIVINGSTONE.

 



No comments:

Post a Comment