Monday, January 6, 2014

ކޮރޯނާ ވައިރަސް އިންފެކްޝަން

އަލަށް ފެނިގެން އުޅޭ ކޮރޯނާ ވައިރަސް އިންފެކްޝަން
ސ: އިންސާނުންގެ ގައިން އަލަށް ފެނިގެން އުޅޭ ކޮރޯނާ ވައިރަސް އަކީ ކޮބާ؟
ޖ: ކޮރޯނާ ވައިރަސް އަކީ އެތައް ބައިވަރު ވައިރަސްތަކެއް ހިމެނޭ އާއިލާ އެކެވެ. މިއީ އިންސާނުންނާ ޖަނަވާރުންނަށް ވެސް ބަލިޖައްސާ ވައިރަސް ތަކެކެވެ. އިންސާނުންގެ ގައިން އަލަށް ފެނިގެން އުޅޭ ކޮރޯނާ ވައިރަސް އަކީ "ބީޓާ ކޮރޯނާ ވައިރަސް" އެކެވެ. މިއީ އިންސާނުންގެ ހަށިގަނޑުން ކުރިން ފެނިފައިވާ ކޮރޯނާ ވައިރަސްތަކާ ތަފާތު (ކޮރޯނާ ވައިރަސްގެ މުޅިން އާ ސްޓްރެއިން އެއް) ވައިރަހެކެވެ. އަދި ކުރިން އިންސާނުން ނުވަތަ ޖަނަވާރެއްގެ ހަށިގަނޑުން ވެސް މިވައިރަސް ފެނިފައެއް ނުވެއެވެ.

ސ: މިއީ ސާރސް އާ އެއްގޮތް ވައިރަހެއްތަ؟
ޖ: މިއީ 2003 ވަނަ އަހަރު ފެންމަތިވި ނޭވާލާ ނިޒާމަށް ބަލިޖައްސާ ސާރސް ވައިރަސް އާ އެއްގޮތް ވައިރަހެއް ނޫނެވެ. އަދި ވިރާސީ ގޮތުން ބަލާއިރު ވައިރަސް އުފެދިފައިވާ ގޮތް ސާރސްގެ ވައިރަސް އާ ތަފާތު ކަމެއް ހުރެއެވެ. ނަމަވެސް ސާރސް އެކޭ އެއްގޮތަށް އަލަށް ފެނިގެން އުޅޭ ކޮރޯނާ ވައިރަސް ވެސް އުދުހޭ ވަލުގެ ހަށިގަނޑުން ފެންނަ ވައިރަސް އާ އެއްގޮތް ކަމެއް ހުރެއެވެ. އެމެރިކާ ބަލިތައް ކޮންޓްރޯލްކުރާ މަރުކަޒުން މިހާރު ވެސް ދަނީ މިވައިރަސް އިތުރަށް ދިރާސާ ކުރަމުންނެވެ.

ސ: މިހާތަނަށް ކިހާ މީހުންނަކަށް މިބަލި ޖެހިއްޖެތަ؟
ޖ: އެޕްރީލް 2012 އިން ފެށިގެން މެއި 2013 އާ ހަމައަށް ތަފާތު ގައުމުތަކުން ޖުމުލަ 41 މީހުންނަށް މިބަލިޖެހިފައިވާކަން ޔަގީން ކުރެވިފައި ވެއެވެ. އޭގެ ތެރެއިން 21 މީހުން މަރުވެފައިވާއިރު އެންމެ ގިނައިން މީހުމް މަރުވެފައިވަނީ (16 މީހުން) ސައުދީ އަރަބިއްޔާ އިންނެވެ. މިވައިރަސް ފުރަތަމަ ފެނުނީ ވެސް ސައޫދީ އަރަބިއްޔާ އިންކަން ފާހަގަ ކޮށްލަންޖެހެއެވެ.

ސ: އަލަށް ފެނިގެން އުޅޭ ކޮރޯނާ ވައިރަސް އިންފެކްޝަން ޖެހުމުން ފެނިދާނެ އަލާމާތްތަކަކީ ކޮބާ؟
ޖ: އަލަށް ފެނިގެން އުޅޭ ކޮރޯނާ ވައިރަސްގެ ސަބަބުން މައްސަލަތައް ކުރިމަތިވަނީ ނޭވާލާ ނިޒާމަށެވެ. އާންމުކޮށް ކުރިމަތިވަނީ އަރިދަފުސް ރޯގާގެ އުދަނގޫތަކެވެ. އެގޮތުން އެންމެ އާންމުކޮށް ފެނިދާނެ އަލާމާތްތަކަކީ ހުންއައުން، ކެއްސުން، އަދި ނޭވާކުރުވުން ނުވަތަ ނޭވާލާން އުދަނގޫވުމެވެ. ބައެއް މީހުންނަށް އާދައިގެ މިންވަރަކަށް އަރިދަފުސް ރޯގާގެ އުދަނގޫ ކުރިމަތިވާކަން ފާހަގަ ކުރެވެއެވެ. ބަލިޖެހުނު ބައެއްމީހުންގެ ގުރުދާ(ކިޑްނީ) ފޭލްވުމުގެ ސަބަބުން މަރުވެފައިވާކަން ފާހަގަ ކުރެވެއެވެ.

ސ: އަލަށް ފެނިގެން އުޅޭ ކޮރޯނާ ވައިރަސް ގައިންގަޔަށް އަރާތަ؟
ޖ: އިގިރޭސި ވިލާތުގައި ބަލިޖެހުނު މީހެއްގެ ފުށުން އޭނާގެ އާއިލާގެ ދެމީހަކަށް ބަލިޖެހިފައިވާ ކަމަށް ލަފާކުރެވެއެވެ. ސައުދީ އަރަބިއްޔާގައި ބަލިޖެހިފައިވާ މީހުންނަށް ފަރުވާ ދިނުމުގައި ބައިވެރިވި، (ޞިއްޙީ ޚިދުމަތްތެރިން) ދެމީހަކަށް ފަހުން ބަލިޖެހިފައި ވެއެވެ. މިބަލި ގައިންގަޔަށްއަރާތޯ މުޅިން ޔަގީން ކުރުމަށް އިތުރަށް ދިރާސާ ކުރެވެމުން އެބަދެއެވެ. އެހެންކަމުން އިންސާނުންގެ މެދުގައި ގައިންގަޔަށް އަރާކަން އަދި މުޅި ޔަގީން ކުރެވިފައެއް ނުވެއެވެ.

ސ: ބަލި ފެތުރިފައިވާ ގައުމުތަކަށް ދަތުރުކުރެވިދާނެތަ؟
ޖ: ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން ބަލިފެތުރިފައިވާ ގައުމުތަކަށް ދަތުރުނުކުރުމަށް ލަފާދީފައި ނުވާތީ އަދި އެގައުމުތަކަށް ދަތުރުކުރުމުގައި އެއްވެސް ކަހަލަ ބިރެއްނެތް ކަމަށް ބެލެވެއެވެ.

ސ: ބަލިފެތުރިފައިވާ ގައުމަކަށް ވަރަށް ފަހުން ދަތުރުކޮށްފައިވަނިކޮށް ބަލިވެއްޖެނަމަ ހަދާނީ ކިހިނެއް؟
ޖ: ބަލިޖެހިފައިވާ ގައުމަކަށް ދަތުރުކުރިތާ 10 ވަރަށް ދުވަހުގެ ތެރޭގައި ހުންއައުން، ކެއްސުން، ނޭވާކުރުވުން ފަދަ ކަމެއް ކުރިމަތިވެއްޖެނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަކީ މުހިއްމު ކަމެކެވެ.

ސ: މިބަލީގެ ފަރުވާ އަކީ ކޮބާ؟
ޖ: އަލަށް ފެނިގެންއުޅޭ ކޮރޯނާ ވައިރަސް އިންފެކްޝަން ޖެހުމުން ދެވޭ ވަކި ޚާއްޞަ ފަރުވާއެއް ނޯވެއެވެ. މައިގަނޑު ގޮތެއްގައި ފަރުވާ ދެވެނީ އަރިދަފުސް ރޯގާ އެކޭ އެއްގޮތަށް ބަލިމީހާއަށް ކުރިމަތިވާ އުދަނގޫތައް ކުޑަކުރުމަށް ނުވަތަ ލުއިކުރުމަށެވެ. ނަމަވެސް ބަލިޖެހުމުން ގިނައިން ދިޔާތަކެތި ބޭނުންކުރުމާ، އަދި އެހެން މީހުންނަށް ބަލިފެތުރުމަށް މަގުފަހިވެދާނެ ކަންތައްތަކުން ދުރުހެލިވުން މުހިއްމެވެ.  

ސ: މިބަލި ޖެހުމުން ހަދަންޖެހޭ އެއްވެސް ލެބޯޓްރީ ޓެސްޓެއް އޮވޭތަ؟

ޖ: ބަލި ޖެހުމުން ހަދަނީ "ޕޮލިމެރޭޒް ޗެއިން ރިއެކްޝަން" ކިޔާ ޓެސްޓެކެވެ. މިއީ ބަލި ޔަގީންކުރުމަށް ހަދާ ޓެސްޓެކެވެ. ދިވެހި ރާއްޖެއިން މިޓެސްޓެއް ނުހެދެއެވެ.

ސ: ޞިއްޙީ ދާއިރާގައި މަސައްކަތްކުރާ މީހުންނަށް މިބަލިޖެހުމުގެ ފުރުޞަތު ބޮޑުތޯ؟
ޖ: މިބަލި ގައިންގަޔަށްއަރާކަން އަދި މުޅިން ޔަގީން ކުރެވިފައިވާ ނުވާތީ ޞިއްޙީ ދާއިރާގައި މަސައްކަތްކުރާ މީހުންނަށް ބަލިޖެހުމުގެ ފުރުޞަތު އިތުރޭ ބުނެވޭނެ ޖާގައެއްނެތެވެ. ނަމަވެސް ބޮޑަށް އެދެވިގެންވަނީ އަރިދަފުސް ރޯގާ ފަދަ ބަލިތަކުން ރައްކާތެރިވުމަށް އާންމުކޮށް ކުރެވޭ ކަންތައްތައް ކުރަމުން ގެންދިއުމެވެ. މިސާލަކަށް ކެއްސާ ކިނބިހިއަޅާއިރު، އަނގަޔާ ނޭފަތް ނިވާކުރުން، ގިނަގިނައިން އަތްދޮވުން ފަދަ ކަންތައްތައް ކުރުމެވެ.

ސ: މިބަލިން ރައްކާތެރިވުމަށް އެއްވެސް ވެކްސިނެއް ހުރޭތަ؟
ޖ: އަލަށް ފެނިގެންއުޅޭ ކޮރޯނާ ވައިރަސް އާ ދެކޮޅަށް އެއްވެސް ވެކްސިނެއް އަދި އުފައްދާފައެއް ނުވެއެވެ.

އަލަށް ފެނިގެންއުޅޭ ކޮރޯނާ ވައިރަސް އިންފެކްޝަން ފެށިގެން އައިގޮތަށް ބަލާލުމެއް
އަލަށް ފެނިގެން އުޅޭ ކޮރޯނާ ވައިރަސް އިންފެކްޝަން ޖެހިފައިވާ ދެމީހަކު ފުރަތަމަ ފެނުނީ އުރުދުންގެ އަމާން އިން 2012 ވަނަ އަހަރުގެ އެޕްރީލް މަހުގެ ތެރޭގައެވެ. މިދެމީހުންގެ ޓެސްޓުތައް ދައްކައިފައިވަނީ އެމީހުންގެ ހަށިގަނޑުގައި ކޮރޯނާ ވައިރަސް ހުރި (ޕޮޒިޓިވް) ކަމަށެވެ. އޭގެފަހުން އޮކްޓޯބަރ 2012 ގައި ސައޫދީ އަރަބިއްޔާ އިން 4 މީހަކަށް ބަލިޖެހުނެވެ. އެއް އާއިލާގެ 4 މީހުންގެ ތެރެއިން 3 މީހަކުގެ ޓެސްޓުތައް ދައްކާފައިވަނީ ޕޮޒިޓިވްކޮށެވެ. އަދި އޭގެ ތެރެއިން 2 މީހަކު މަރުވި އެވެ. އޭގެ ފަހުން ފެބުރުއަރީ 2013 ގައި އިގިރޭސި ވިލާތުން އެއްއާއިލާއެއްގެ 3 މެންބަރުންނަށް ބަލިޖެހުނެވެ. އޭގެތެރެއިން 2 މީހަކު މަރުވެ، އަނެއްމީހާ ރަގަޅުވި އެވެ. ހަމަ އެމަހުގެ ތެރޭގައި ސައުދީ އަރަބިއްޔާ އިން އިތުރު ދެމީހެއްގެ ގައިން ބަލިފެނި އެކަކު ރަގަޅުވެ އަނެކަކު މަރުވި އެވެ. އަދި އޭގެ ފަހުން މެއި 2013 ގައި ސައުދީ އަރަބިއްޔާއިން އިތުރު ބައެއްގެ ކިބައިން ބަލީގެ އަސަރު ފެނިފައި ވެއެވެ. އަދި އޭގެ ފަހުން މެއި 2013 ގައި ފްރާންސް އިން ދެމީހެއްގެ ގައިން ބަލި ފެނިފައި ވެއެވެ. ފްރާންސް އިން ބަލިޖެހުނު ދެމީހުންގެ ތެރެއިން ދެވަނަ އަށް ބަލިޖެހުނީ ފުރަތަމަ ބަލިޖެހުނު މީހާ އެދުމަތިކޮށްފައި ހުރި ކޮޓަރި ބޭނުންކުރުމަށްފަހު ގައެވެ. އަދި ފްރާންސް އިން ފުރަތަމަ ބަލިޖެހުނު މީހާ ބަލިވުމުގެ ކުރިން ޔުނައިޓެޑް އަރަބި އެމިރޭޓްސް އަށް ދަތުރުކޮށްފައިވާކަން ފާހަގަ ކުރެވެއެވެ.
ބަލިފެތުރިފައިވާ ގޮތަށް ބަލާއިރު ގައިންގަޔަށް އަރާފާނެކަމަށް ލަފާކުރެވެއެވެ. (އިންސާނުންގެ މެދުގައި ގައިންގަޔަށްއަރާ ކަން އަދި މުޅިން ޔަގީންކުރެވިފައެއް ނުވެއެވެ) އެގޮތުން ކެއްސާ ކިނބިހިއަޅާއިރު ބޭރުވާ ޖަރާސީމުން (ޑްރޮޕްލެޓް އިންފެކްޝަން) އަދި ބަލިޖެހިފައިވާ މީހުންނާ ގައިގޯޅިވެ އުޅުމުން (ކޮންޓެކްޓް ޓްރާންސްމިޝަން) ބަލިޖެހިދާނެ ކަމަށް ބެލެވެއެވެ. އެހެންކަމުން ބަލި ފެތުރޭގޮތާއި، ކަންކަން މިހާރު ވެސް ދަނީ އިތުރަށް ދިރާސާ ކުރެވެމުންނެވެ.
ނޯޓް: މިއީ އާންމު މަޢުލޫމާތު ފެތުރުމުގެ ނިޔަތުގައި ލިޔެވިފައިވާ ލިޔުމެކެވެ.
މައުލޫމާތު
CDC. (2013, 5 20). http://www.cdc.gov/coronavirus/ncv/case-def.html. Retrieved 5 22, 2013, from http://www.cdc.gov/: http://www.cdc.gov/coronavirus/ncv/case-def.html
CDC. (2013, 5 22). http://www.cdc.gov/coronavirus/ncv/overview.html. Retrieved 5 22, 2013, from http://www.cdc.gov/: http://www.cdc.gov/coronavirus/ncv/overview.html
WHO. (2012, 9 28). http://www.who.int/csr/disease/coronavirus_infections/faq/en/index.html. Retrieved 5 22, 2013, from http://www.who.int: http://www.who.int/csr/disease/coronavirus_infections/faq/en/index.html
WHO. (2012, 12 3). http://www.who.int/csr/disease/coronavirus_infections/faq_dec12/en/index.html. Retrieved 5 22, 2013, from http://www.who.int/: http://www.who.int/csr/disease/coronavirus_infections/faq_dec12/en/index.html






No comments:

Post a Comment