Thursday, January 2, 2014

ބީޓު ރޫޓު

ބީޓު ރޫޓު
ބީޓު ރޫޓަކީ ދިވެހިންގެ އާންމު ކެއުމުގައި ވަރަށް ގިނައިން ބޭނުންކުރާ ތަރުކާރީގެ ބާވަތެކެވެ.  
ދިވެހި ނަން : ބީޓު ރޫޓު
އިގިރޭސި ނަން : Beetroot
ޢިލްމީ ނަން : Beta Vulgaris
ބީޓުރޫޓުގެ ކޮންމެ 100 ގްރާމް ގައި
އަސާސީ މާއްދާތައް
ލޮނުގެ ބާވަތްތައް
ހަކަތަ
43 ކިލޯކެލަރީ
ސޯޑިއަމް
78 މިލިގްރާމް
ކާބޯހައިޑްރޭޓް
9.56 ގްރާމް
ޕޮޓޭސިއަމް
325 މިލިގްރާމް
ޕްރޮޓީން
1.61  ގްރާމް
މަޢުދަންތައް
ފެޓް
0.17 ގްރާމް
ކެލްސިއަމް
16 މިލިގްރާމް
ފައިބަރު
2.80 ގްރާމް
ކޮޕަރ
0.075 މިލިގްރާމް
ވިޓަމިންތައް
ދަނގަޑު
0.80 މިލިގްރާމް
ފޮލިކް އެސިޑް
109 މައިކްރޯ ގްރާމް
މެގްނީޒިއަމް
23 މިލިގްރާމް
ނިއެސިން
0.334 މިލިގްރާމް
މެންގަނީޒް
0.329 މިލިގްރާމް
ޕެންތޮނިކް އެސިޑް
0.155 މިލިގްރާމް
ފޮސްފަރަސް
     -
ޕައިރިޑޮކްސިން
0.067 މިލިގްރާމް
ސިލެނިއަމް
-
ރައިބޯފްލެވިން
0.057 މިލިގްރާމް
ޒިންކް
0.35 މިލިގްރާމް
ތިއެމިން
0.031 މިލިގްރާމް
ފައިޓޯނިއުޓްރިއެންޓްތައް
ވިޓަމިން އޭ
33 އައިޔޫ
ކެރޮޓީން އަލްފާ
0 މައިކްރޯ ގްރާމް
ވިޓަމިން ސީ
4.9 މިލިގްރާމް
ކެރޮޓީން ބީޓާ
20 މައިކްރޯ ގްރާމް
ވިޓަމިން އީ
0.04 މިލިގްރާމް
ބީޓެއިން
128.7 މިލިގްރާމް
ވިޓަމިން ކޭ
0.2 މައިކްރޯ ގްރާމް
ލުޓީން-ޒިއެޒެންތިން
0 މައިކްރޯ ގްރާމް

























ބީޓު ރޫޓުން ލިބިދޭ ބައެއް ޞިއްޙީ ފައިދާތައް
ލޭގެ ޕްރެޝަރު ދަށްކޮށްދިނުން : އިގިރޭސި ވިލާތުގެ "ބްރިޓިޝް ހާރޓް ފައުންޑޭޝަން" ބުނާގޮތުން "ނައިޓްރޭޓް" ގިނައިން ހިމެނޭ ތަރުކާރީ ބޭނުންކުރުމަކީ ލޭގެ ޕްރެޝަރު ދަށްވާ ކަމެކެވެ. މިކަމަށް ވާގިވެރިވެދެނީ 2010 ވަނަ އަހަރު ކްއީން މޭރީ ޔުނިވަސިޓީގައި ހަދާފައިވާ ދިރާސާ އެކެވެ. މިދިރާސާ ހެދިފައިވަނީ ލޭގެ ޕްރެޝަރާ، ބީޓު ރޫޓާއި ދެމެދު އޮތް ގުޅުމުގެ މައްޗަށެވެ. ބީޓު ރޫޓަކީ ނައިޓްރޭޓްގެ ރަގަޅު މަޞްދަރެކެވެ. ބީޓު ރޫޓު ކެއުމުން އޭގައި ހުންނަ ނައިޓްރޭޓް ހަށިގަނޑުގައި "ނައިޓްރައިޓް" އަދި "ނައިޓްރިކް އޮކްސައިޑް" އަށް ބަދަލުވެއެވެ. ނައިޓްރައިޓް އަދި ނައިޓްރިކް އޮކްސައިޑަކީ ލޭހޮޅިތައް ފުޅާކޮށްދީ، ލޭގެ ޕްރެޝަރު ދަށްކުރުމަށް އެހީތެރިވެދޭ މާއްދާ އެކެވެ. ދިރާސާކުރާ ފަރާތްތަކުން އިތުރަށް ހޯދާފައިވާ ގޮތުގައި ދުވާލަކު 500 ގުރާމުގެ ބީޓު ރޫޓު ކާނަމަ، އެމީހެއްގެ ލޭގެ ޕްރެޝަރު 6 ގަޑިއިރުގެ ތެރޭގައި ދަށްކޮށްލާނެ އެވެ.

ލޭގެ ސަރުބީ ދަށްކުރުން : ބީޓު ރޫޓުގައި ގިނަ އަދަދަކަށް ފައިބަރު، ފްލޭވޮނޮއިޑް ތައް، އަދި ބީޓާސައެނިން ހުރެއެވެ. ބީޓު ރޫޓަށް އޭގައި ހިމެނޭ ރަތް-ދަނބުކުލަ ގެނެސްދޭ ބީޓާސައެނިން އަކީ ބާރުގަދަ އެންޓިއޮކްސިޑެންޓެކެވެ. ބީޓާސައެނިން ގެ ސަބަބުން ލޭހޮޅިތަކުގެ ފާރުގައި ސަރުބީ ތަތްވެ ހަރުލުން ކުޑަކޮށްދީ، ލޭގައި ނުރަގަޅު ސަރުބީގެ މިންވަރު ދަށްކޮށްދެއެވެ. މިއީ ހާރޓް އެޓޭކް ޖެހުމާއި، ސްޓްރޯކް ޖެހުމުގެ ފުރުޞަތު ކުޑަކޮށްދޭނެ ކަމެކެވެ.
ކަށިފީވުމުން ރައްކާތެރިކޮށްދިނުން : ބީޓު ރޫޓުގައި ސިލިކާ ކިޔާ މައުދަނެއް ހުރެއެވެ. މިއީ ކެލްސިއަމް ގެ ބޭނުން އެދެވޭ ގޮތެއްގައި ހިފުމަށް ހަށިގަނޑަށް ބޭނުންވާ މާއްދާ އެކެވެ. ކެލްސިއަމް އަކީ ދަތްތަކާ، ކަށިތައް ވަރުގަދަކޮށްދޭ މާއްދާ އަކަށްވީ ހިނދު، ދުވާލަކު ބީޓު ރޫޓު ޖޫސް ތަށްޓެއް ބޯނަމަ، ކަށިފީވުމާއި، ދަތްތައް ބިނދި ގިރުން ފަދަ ކަންކަމުން ދުރުކޮށްދޭނެ އެވެ.

ހަކުރު ބަލި : ހަކުރު ބަލީގެ މީހުން ފޮންޏަށް ހުންނަ އަލާ ކަނޑުވާލުމަށް ކޮންމެ ދުވަހަކު ވެސް ކުޑަ މިންވަރަކަށް ބީޓު ރޫޓު ބޭނުން ކުރެވިދާނެ އެވެ. ބީޓު ރޫޓަކީ ހަކުރު ހުންނަ، ފެޓު ނުހުންނަ، ހަކަތަ މަދު، އަދި ގްލައިސިމިކް އިންޑެކްސް މެދު މިންގަނޑެއްގައި ހުންނަ ކާނާގެ ބާވަތެކެވެ. ގްލައިސިމިކް އިންޑެކްސް މެދުމިންގަޑެއްގައި ހުރުމޭ ބުނެވޭ ބަހުގެ މާނައަކީ ލޭގެ ތެރެއަށް ލަސްލަހުން ހަކުރު ދޫކުރަމުން ގެންދިއުމެވެ. މިއީ ހަށިގަނޑުގައި ހަކުރު ދަށްކޮށް، އެއްހަމައެއްގައި ހިފެހެއްޓުމަށް އެހީތެރިވެދޭނެ ކަމެކެވެ. ނަމަވެސް ހަކުރު ބަލީގެ މީހުން މާގިނައިން ބީޓު ރޫޓު ކެއުމަކީ ރަގަޅުކަމެއް ނޫނެވެ.

ލޭދަށްވުމަށް ފަރުވާކުރުން : ބީޓު ރޫޓު ރަތް ކުލައަށް ހުންނާތީ އެއީ ލޭރަގަޅުކޮށްދޭ އެއްޗެއްކަމަށް ވަރަށް ގިނަ މީހުން ބުނެއެވެ. އަދި އެއީ ކުށްހީއެއް ކަމަށް ބަލާ މީހުން ވެސް އުޅެއެވެ. ނަމަވެސް ހަގީގަތަކީ ބީޓު ރޫޓުގައި ގިނަ އަދަދަކަށް ދަގަނޑު ހުރެއެވެ. ދަގަނޑަކީ ހީމްއެގުލޫޓިނިން އުފެއްދުމަށް އެހީތެރިވެދޭ މައުދަނެކެވެ. ހީމްއެގުލޫޓިނިން އަކީ ލޭގައި އޮކްސިޖަން އާއި، ކާނާ ހަށިގަނޑުގެ އެކި ހިސާބުތަކަށް ފޮނުވައި ދިނުމަށް އެހީތެރިވެދޭ މާއްދާ އެކެވެ. އެހެންކަމުން ޖުމުލަކޮށް ބުނާނަމަ ލޭމަދުވުމަށް ބީޓު ރޫޓު ބޭނުންކުރެވެނީ އޭގައި ހުންނަ ރަތް ދަނބުކުލައިގެ ސަބަބަކުންނޫނެވެ. އަދިކިއެއްތަ އޭގައި ހިމެނޭ ދަގަނޑުގެ ސަބަބުންނެވެ.

ވަރުބަލިކަމާ ވާޅުކަން ފިލުވައިދިނުން : އެމެރިކަން ޑައެބީޓިކް އެސޯސިއޭޝަން އިން ހަދާފައިވާ ދިރާސާއެއް ބުނާގޮތުގައި ބީޓު ރޫޓު ބޭނުންކުރުމަކީ ހަށިގަނޑަށް ހަކަތައާއި، ބާރު ލިއްބައިދޭނެ ކަމެކެވެ. އެދިރާސާގައި ބުނެފައިވާ ގޮތުގައި ބީޓު ރޫޓުގައި ހިމެނޭ ނައިޓްރޭޓްގެ ސަބަބުން ލޭހޮޅިތައް ފުޅާވެ، ލޭދައުރުވުން ފަސޭހަވެ، ހަށިގަނޑުގެ ހުރިހާ ހިސާބަކަށް އޮކުސިޖަން ވާޞިލްވެ، މީހާގެ ހަކަތައާއި ބާރު އިތުރުކުރުވައެވެ.


ޖިންސީ ކުޅެދުންތެރިކަން އިތުރުކުރުން : ބީޓު ރޫޓަށް "ތަބީއީ ވިއަގުރާ" ގެ ނަމުން މުޚާތަބު ކުރެވެއެވެ. ގަދީމީ އާދައެއްގެ ގޮތުގައި ޖިންސީ ދުޅަހެޔޮކަމާ، ކުޅެދުންތެރިކަން އިތުރުކުރުމަށް ބީޓު ރޫޓު ކުރީ ޒަމާނުގައި ބޭނުންކޮށް އުޅުނެވެ. ބީޓުރޫޓުގައި ނައިޓްރޭޓް ހުރެ، އޭގެ ސަބަބުން ލޭހޮޅިތައް ފުޅާވެ، ފިރިހެން ހައްޓަށް ލޭދައުރުވުން އިތުރުގެން ދިއުމަކީ ފިރިހެންހަށީގައި ވަރުޖެހި ވާންވުމަށް އެހީތެރިވެދޭނެ ކަމެކެވެ. މީގެ އިތުރުން ފިރިހެނާގެ ޖިންސީ ހޯރމޯން އުފެއްދުމަށް އެހީތެރިވެދޭ މައުދަނެއް ކަމުގައިވާ ބޯރޯން ވެސް ބީޓު ރޫޓު ގައި ހުރެއެވެ. އެހެންކަމުން ޖިންސީ ހަޔާތަށް އާރޯކަމާ ތާޒާކަން ގެނައުމަށް ބީޓު ރޫޓު ޖޫސް ޚިޔާރު ކުރެވިދާނެ އެވެ.

ކެންސަރުން ރައްކާތެރިކޮށްދިނުން : އެމެރިކާގެ ހޮވާރޑް ޔުނިވަސިޓީ އިން ހަދާފައިވާ ދިރާސާއެއް ބުނާގޮތުގައި ބީޓު ރޫޓުގައި ހިމެނޭ "ބީޓާސައެނިން" ގެ ސަބަބުން އުރަމަތީގެ ކެންސަރާޢި، ޕްރޮސްޓޭޓް ކެންސަރުގެ ޓިއުމަރު ހެދިބޮޑުވުން 12.5 އިންސައްތަ ދަށްކޮށްދެއެވެ.

ބަނޑުހިކުމުން ރައްކާތެރިކޮށްދިނުން : ބީޓު ރޫޓުގައި ފައިބަރު ހުރުމުން އެއާއިމެދު ބެލެވިފައިވަނީ "ބަނޑު ފަސޭހަކޮށްދޭ" އެއްޗެއްގެ ގޮތުގައެވެ. ފައިބަރަކީ ގޮހޮރުގައި ތަފާތު ވިހަތައް ތަތްވެ ހަރުލުން ކުޑަކޮށްދީ، ހަޖަމުކުރުން ރަގަޅުކޮށް ފަސޭހަކޮށްދޭ މާއްދާ އެކެވެ.

އެހެނިހެން ފައިދާތައް
·         ބީޓު ރޫޓުގައި ގިނަ އަދަދަކަށް ފައިޓޯކެމިކަލް އެއްކަމަށްވާ "ގްލައިސިން ބީޓެއިން" ހިމެނެއެވެ. ބީޓެއިން އަކީ ލޭގައި ހޯމޯސިސްޓެއިން ގެ މިންވަރު ދަށްކުރާ އެއްޗެކެވެ. ހޯމޯސިސްޓެއިން އަކީ ގަނޑުލޭކޮޅު އުފެދުމާއި، ލޭހޮޅިތައް ހަރުއެރުން ކުރިމަތިވުމަށް މަގުފަހިކުރާ މާއްދާ އެކެވެ. ލޭގައި ހޯމޯސިސްޓެއިންގެ މިންވަރު މަތިވުމަކީ ހިތުގެ ބަލިތަކާއި، ސްޓްރޯކް ޖެހުމުގެ ފުރުޞަތު އިތުރުކުރާނެ ކަމެކެވެ.
·         ރޯ، ތާޒާ ބީޓު ރޫޓުގައި ފޮލިކް އެސިޑް ވަރަށް ގިނައިން ހުރެއެވެ. ނަމަވެސް މާގިނައިން ބީޓު ރޫޓު ފަދަ ތަކެތި ކެއްކުމަކީ އޭގައި ހުންނަ ފޮލިކް އެސިޑްގެ މިންވަރު ދަށްވާނެ ކަމެކެވެ. މާބަނޑު ދުވަސްވަރު ފޮލިކް އެސިޑް ބޭނުންކުރުމަކީ ބަނޑުގައިވާ ތުއްތު ދަރިފުޅުގެ ހަށިގަނޑުގައި ޢައިބު އުފެދުން ކުޑަކޮށްދޭނެ ކަމެކެވެ.
·         ބީޓު ރޫޓުގައި ވިޓަމިންބީގެ ވައްތަރުތަކުގެ ތެރޭގައި ހިމެނޭ، ނިއެސިން، ޕެންތޮނީކް އެސިޑް، އަދި ޕައިރިޑޮކްސިން ހުރެއެވެ. މީގެ އިތުރުން ދަގަނޑު، ކޮޕަރ، މެގްނީޒިއަމް، އަދި މެންގަނީޒް ފަދަ މައުދަންތައް ހުރެއެވެ.
·         ބީޓު ރޫޓުގައި ޕޮޓޭސިއަމް ވެސް ގިނަ އަދަދަކަށް ހުރެއެވެ. ޕޮޓޭސިއަމް އަކީ ހިތުގެ ވިންދު ތަރުތީބުކޮށްދީ، ލޭގެ ޕްރެޝަރު ކޮންޓްރޯލްކުރުމަށް އެހީތެރިވެދޭ މާއްދާ އެކެވެ.

މައުލޫމާތު :

No comments:

Post a Comment