Monday, October 3, 2011

ނާރިނގު

ނާރިނގު (ހިތި ނާރިނގު)
ހުތް މޭވާއެއްގެ ގޮތުގައި ގުނާލެވޭ ނާރިނގު އަކީ ދުނިޔޭގެ ހުރިހާ ހިސާބެއްގައި ވެސް ހައްދައިއުޅޭ މޭވާ އެކެވެ. މިއީ ޞިއްޙީ އެތަކެއް ފައިދާތަކެއް އެއިން ލިއްބައިދޭ މޭވާ އެކެވެ. މިއީ ތަފާތު ވިޓަމިންތަކާއި، މަޢުދަންތައް، އަދި ހަށިގަނޑަށް ފައިދާހުރި ތަފާތު މާއްދާތަކުން މުއްސަދި  މޭވާ އެކެވެ.
ދިވެހި ނަން : ނާރިނގު / ހިތި ނާރިނގު
އިގިރޭސި ނަން : Sour Orange / Bitter Orange
ޢިލްމީ ނަން : Citrus Aurantium
ނޯޓް: ލުނބޯ،ކުދި ލުނބޯ، ގްރޭޕް ފުރުޓް، ކުދި އޮރެންޖު، އޮރެންޖު، ދޯޅަނބު، ގޮމަށި، ޔޫސުފުއަފަންދީ، ނިޔަދުރު، ނާރިނގު އަދި ބަނބުޅަބޮސް ނިސްބަތްވަނީ ޢިލްމީ ގޮތުން އެއް އާއިލާ އަކަށެވެ. އެހެންކަމުން މިމޭވާތަކުން ލިބޭ ޞިއްޙީ ފައިދާގައި އެއްގޮތްކަމެއް ހުރުމަކީ ވެދާނެގޮތެކެވެ.







ނާރިނގުން ލިބޭ ޞިއްޙީ ފައިދާތައް
·         ދިފާއީ ނިޒާމް ވަރުގަދަކުރުން: ނާރިނގު ވިޓަމިން ސީ އިން މުއްސަދި ވެފައިވުމަކީ އެކަމުގެ ސަބަބުން ލޭގެ ހުދުތައް އުފެއްދުމަށް ބާރުއަޅާނެ ކަމެކެވެ. ލޭގެ ހުދު ސެލްތަކަކީ ދިފާޢީ ނިޒާމްގައި ޝާމިލްވާ ސެލްތައް ކަމަށްވުމުން ހުދު ސެލްތައް ގިނައިން އުފެދުމުން، ދިފާޢީ ނިޒާމް ރަގަޅުވެ ހަރުދަނާ ވާނެއެވެ.  
·         ވިޓަމިން ސީ ގިނަ އަދަދަށް ހުރުން : މިހެންވުމުން :-
o       ކަށިތަކާއި ދަތްތައް ވަރުގަދަކޮށް ދެއެވެ.
o       ދިފާޢީ ބާރު ވަރުގަދަކޮށް ދެއެވެ.
o       ހަމާއި، ތެތްދުލިފަށަލަ ތައް ވަރުގަދަކޮށް ދެއެވެ.
o       ފްރީ ރެޑިކަލްތަކުން ސެލްތަކަށް ލިބޭ ގެއްލުން ކުޑަކުރެއެވެ. އަދި ކެންސަރުން ހިމާޔަތް ކުރެއެވެ.
o       އަރިދަފުސް ރޯގާ ފަދަ ތަފާތު ބަލިތަކުން ދުރުކޮށް ދެއެވެ.
o       ފާރުގަނޑު އަވަހަށް ފަސޭހަވެ އެވެ.
o       ދަނގަޑު ހަށިގަނޑަށް ނެގުން ހަލުވި ކޮށްދެއެވެ.
·         ހަށިގަނޑުގެ ބަރުދަން ލުއިކުރުމަށް އެހީތެރިވުން: ނާރިނގަކީ ބަރުދަން ލުއިކުރުމަށް އެހީތެރިވެދޭ މޭވާ އެކެވެ. ނާރިނގުގައި އިންސާނާގެ މެޓަބޮލިޒަމްގެ މަސައްކަތް މައްޗަށް ޖެއްސުމަށް ބޭނުންވާ ވިޓަމިންތަކާއި، މަޢުދަންތައް ހުރެއެވެ. މިއީ ހަށިގަނޑުގެ ހަކަތައާއި ބާރު އިތުރުވެ، ހަށިގަނޑުން ހަކަތަ އަންދާ މިންވަރު އިތުރުކުރާނެ ކަމެކެވެ. މާނައަކީ ހަށިގަނޑުން ތެލާއި ސަރުބީ ވިރުވުމެވެ. ނަމަވެސް މިކަން ސައިންސްގެ އަލީގައި އަދި ޔަގީން ކުރެވިފައެއް ނުވެއެވެ. ނާރިނގުގައި ހަކަތަ އެކުލެވެނީ މަދު މިންވަރަކަށެވެ.
·         ހަމުގެ ބަލިތައް: އެއްދުވަސްވަރެއްގައި ހަމުގެ ބަލިތަކަށް ފަރުވާކުރުމަށް ނާރިނގު ބޭނުންކޮށްފައި ވެއެވެ. އެގޮތުން ދަދު، ފައިވަޅު ހަލާކުވުން، އަދި ވެސް އެހެނިހެން ހަމުގެ އިންފެކްޝަންތަކަށް ފަރުވާކުރުމުގައި މީގެ ބޭނުން ހިފާފައި ވެއެވެ.  
·         ހަޖަމުކުރާ ނިޒާމްގެ މައްސަލަތައް : މައިދާއާއި، ގޮހޮރާއި، ހަޖަމުކުރާ ނިޒާމްގެ މައްސަލަތަކަށް ފަރުވާ ކުރުމަށް ކުރިން ނާރިނގު ބޭނުންކޮށްފައި ވެއެވެ. އެގޮތުން، ބޭރަށްހިންގުން، ބަނޑުހިކުން، ގޮހޮރުގެ ފާރު، ބަނޑުގައި ވައިހެދުން، ފަދަ މައްސަލަތަކަށް ފަރުވާކޮށްފައި ވެއެވެ. އިރިޓަބަލް ބަވަލް ސިންޑްރޯމް އަށް ފަރުވާ ކުރުމުގައި ވެސް ނާރިނގު ބޭނުންކޮށްފައިވާ ކަމަށް ވެއެވެ. ނަމަވެސް ޢިލްމީ ހެކިތަކުން މިކަން އަދި ސާބިތުކުރެވިފައެއް ނުވެއެވެ. ހަޖަމުގޯސްވުން ކުރިމަތިވެފައިވާ މީހުން ނާރިނގު ކެއުމުން ހަޖަމުވުން ފަސޭހަވެ ރަގަޅުވާކަމަށް ވެއެވެ.
·         އެންޓި އޮކްސިޑެންޓް އެކުލެވުމުގެ ޚާއްޞިއްޔަތު : ނާރިނގުގައި ތަފާތު އެންޓި އޮކްސިޑެންޓް ތައް ހުރެއެވެ. މީގެ ސަބަބުން ފްރީ ރެޑިކަލްތަކުގެ ސަބަބުން ހަށިގަނޑުގެ ސެލްތަކަށް ލިބޭ ގެއްލުން ކުޑަކޮށް، އުމުރުން ދުވަސްވުން ލަސްކޮށްދީ، ކެންސަރު ފަދަ ބަލިތަކަށް ހުށަހެޅުމަށް މަގުފަހި ވެއެވެ.
·         ކެންސަރުގެ ސެލްތައް އިތުރުވުން ހުއްޓުވުން : ކެންސަރުގެ ސެލްތައް ޚާއްޞަކޮށް ގޮހޮރުގެ ކެންސަރުގެ ސެލްތައް އިތުރުވުން ހުއްޓުވާ ދެކަމްޕައުންޑެއް ނާރިނގުން ސައިންސްވެރިން ވަނީ ހޯދާފައެވެ. އެއީ "އައިސޯލިމޮނިކް އެސިޑް" އަދި "އިކެނެކްސިކް އެސިޑް" އެވެ. ދިރާސާތަކުން އެނގިފައިވާ ގޮތުގައި މިދެމާއްދާ އަކީ ވެސް ރަގަޅު ސެލްތަކަށް ގެއްލުންދިނުމަކާއި ނުލައި، ކެންސަރުގެ ސެލްތައް ހަލާކުކޮށް ނެތިކޮށްލާ މާއްދާތަކެކެވެ.
·         ޖަރާސީމާއި ދެކޮޅަށް މަސައްކަތްކުރުމުގެ ބާރު : ދިރާސާތަކުން އެނގިފައިވާ ގޮތުގައި ނާރިނގު ބޭނުންކޮށްގެން ތައްޔާރުކޮށްފައި ހުންނަ ތެލަކީ އޭގައި ޖަރާސީމާއި ދެކޮޅަށް މަސައްކަތްކުރުމުގެ ބާރު ލިބިފައިވާ އެއްޗެކެވެ.
·         އަރިދަފުސް ރޯގާގެ އުދަނގޫކުޑަކުރުން : ނާރިނގު އަކީ މޭގައި އަރިދަފުސް ހިފުމާއި، ކެއްސުމުގެ އުދަނގޫ ކުޑަކޮށްދޭ މޭވާ އެކެވެ. އެހެންކަމުން ރޯގާ ޖެހިގެން އުޅޭ ދުވަސްވަރު އެހެން ހުތްމޭވާތަކެކޭ އެއްފަދައިން ނާރިނގު ބޭނުންކުރުމުން ރޯގާ އަވަހަށް ފަސޭހަވެ، ރަގަޅު ވެއެވެ. މިއީ ވިޓަމިން ސީ އެކުލެވޭ މޭވާއަކަށް ވުމުން، ދިފާޢީ ބާރު ވަރުގަދަވެ، ބަލިތަކާ ދުރުކޮށްދީ، ބަލިވި ނަމަވެސް އަވަހަށް ފަސޭހަވެއެވެ.
·         އެހެނިހެން ފައިދާތައް:-
o       މޭނުބައިކުރުމާއި، ހަޖަމުގޯސްވުން، ބަނޑުހިކުމަށް ފަރުވާކުރުމަށް ނާރިނގު ބޭނުން ކޮށްފައި ވެއެވެ.
o       މެއިން ދިލަނެގުމާއި، ކާހިތްނުވުން ފަދަ ކަންތައްތަކަށް މިހާރު ވެސް ނާރިނގު ބޭނުންކުރެއެވެ.
o       ނާރިނގުން ތައްޔާރުކޮށްފައި ތެޔޮ ބޭނުންކޮށްގެން ނިދިނައުމުގެ މައްސަލައަށް ހައްލު ގެނެސްދެއެވެ. އެގޮތުން ހޫނު ފެނަށް ތެޔޮ އަޅައިގެން ފެންވަރާލުމުން، ހަށިގަނޑު ހަމައަކަށްއެޅި، ފަސޭހައިން ނިދޭގޮތް ވެއެވެ.
o       ބޮލުގައި ރިހުން ފަދަ ތަފާތު ތަދުތަކަށް ލުއިކަން ގެނެސްދެއެވެ.
o       ބަނޑުގައި ރިހުމާއި، ލޭމައްޗަށްދިއުމަށް ނާރިނގު ތޮށި ބޭނުންކޮށްފައި ވެއެވެ.
o       ނާރިނގުގައި "ޓައިރެމިން" ގެ މެޓަބޮލައިޓް "އެން-މީތައިލް ޓައިރެމިން"، "އޮކްޓަމިން"، އަދި "ސައިނެފްރިން" ހުރެއެވެ. މިއީ "އެޕިނެފްރިން" އާއި އެއްގޮތް މާއްދާތަކެކެވެ. މިމާއްދާތަކުގެ ސަބަބުން ލޭހޮޅިތައް ހަނިކޮށް، ލޭގެ ޕްރެޝަރު މަތިކޮށް، ހިތުގެ ވިންދު އަވަސްކުރުވައެވެ.
މަޢުލޫމާތު:-

No comments:

Post a Comment