Saturday, September 21, 2013

ތެލެސީމިޔާ

ތެލެސީމިޔާ
ތެލަސީމިޔާ(thalassemia) އަކީ ލޭގައިވާ އާދަޔާ ޚިލާފު ކަމެކެވެ. ނުވަތަ މިއީ ލޭގައި ހުންނަ އާދަޔާ ޚިލާފު އުނިކަމެއްގެ ސަބަބުން މުޅި އުމުރަށް ލޭއަޅަންޖެހޭ ބައްޔެކެވެ.ލޭގައި ހުންނަ މިއުނިކަމަކީ  މައިންބަފައިންގެ ފުށުން (ފަރާތުން) ދަރިންނަށް ވާރުތަވާ ކަމެކެވެ. އެހެން އެއްވެސް ގޮތަކުން ޖެހޭ ބައްޔެއް ނޫނެވެ. ނުވަތަ އެހެން އެއްވެސް ގޮތަކުން މިއުނިކަން ކުއްޖާގެ ހަށިގަނޑުގައި ނުއުފެދެއެވެ.

ތެލެސީމިޔާގައި ވާގޮތަކީ ލޭގައި ހިމެނޭ ހީމަގްލޯބިން ފުރިހަމައަށް އުފައްދައި ނުދެނީ އެވެ. ހީމަގްލޯބިން އަކީ ލެއަށް ރަތްކަން ގެނެސްދީ، ހަށިގަނޑުގެ ހުރިހާ ހިސާބަކަށް އޮކްސިޖަން ފޯރުކޮށްދޭ މާއްދާ އެވެ. ހީމަގްލޯބިން އުފެދިފައިވަނީ ދެބީޓާ އަދި ދެއަލްފާ ޗެއިން ގުޅިގެންނެވެ. ބީޓާ ޗެއިން އުނިވުމުން ވަނީ ބީޓާ ތެލެސީމިޔާ އަށެވެ. އަލްފާ ޗެއިން އުނިވުމުން ވަނީ އަލްފާ ތެލެސީމިޔާ އަށެވެ. މީގެ ތެރެއިން ދިވެހިރާއްޖޭގައި އެންމެ އާންމު ވައްތަރަކީ ބީޓާ ތެލެސީމިޔާ އެވެ. ހީމަގްލޯބިން މަދުވީމާ ހަށިގަނޑަށް އަންނަ ބަދަލުތަކެއް ޙައްލު ކުރުމަށްޓަކައި ބަލި ހުންނަ ކުދީންނަށް ދާއިމީ ގޮތަކަށް ލޭއަޅަން ޖެހެއެވެ.


ލޭއަޅާ ބައްޔާއި ގުޅުންހުރި ތެލެސީމިޔާގެ އެހެން ބައެއް ވައްތަރު ތައް ވެސް ހުރެއެވެ. އެގޮތުން ފާހަގަ ކުރެވޭ ވައްތަރު ތަކުގެ ތެރޭގައި ހީމަގްލޯބިން އީ، ހީމަގްލޯބިން ޑީ، އަދި ސިކްލް ސެލް ބަލި ހިމެނެއެވެ.

ތެލެސީމިޔާގެ ވައްތަރުތައް
(1) - އަލްފާ ތެލެސީމިޔާ : ހީމަގްލޯބިން ގައި ހިމެނޭ އަލްފާ ގްލޯބިން ޕްރޮޓީން ޗެއިން އުފެދުމަށް 4 ޖީން ( މައިން ބަފައިންކުރެ ކޮންމެ މީހެއްގެ ފުށުން 2 ޖީން ) ބޭނުން ވެއެވެ. މި 4 ޖީންގެ ތެރެއިން އެންމެ ޖީންއެއް މަދުވި ނަމަވެސް އޭގެ މާނައަކީ އެކަށޭނަ ވަރަކަށް އަލްފާ ގްލޯބިން ޕްރޮޓީން ނުއުފެއްދުމެވެ.
·         ހަމައެކަނި އެންމެ ޖީން އެއް މަދުވުން : ސައިލެންޓް ކެރިއަރ
·         2 ޖީން މަދުވުން : އަލްފާ ތެލެސީމިޔާ ޓްރެއިޓް / އަލްފާ ތެލެސީމިޔާ މައިނަރ
·         3 ޖީން މަދުވުން : އެޗްބީއެޗް ބަލި
·         4 ޖީން މަދުވުން : އަލްފާ ތެލެސީމިޔާ މޭޖަރ / ހައިޑްރޮޕްސް ފީޓާލިސް

(2) - ބީޓާ ތެލެސީމިޔާ : ހީމަގްލޯބިން ގައި ހިމެނޭ ބީޓާ ގްލޯބިން ޕްރޮޓީން ޗެއިން އުފެދުމަށް 2 ޖީން ( މައިން ބަފައިންކުރެ ކޮންމެ މީހެއްގެ ފުށުން 1 ޖީން ) ބޭނުން ވެއެވެ. މި 2 ޖީންގެ ތެރެއިން އެންމެ ޖީންއެއް މަދުވި/ބަދަލުވި ނަމަވެސް އޭގެ މާނައަކީ އެކަށޭނަ ވަރަކަށް ބީޓާ ގްލޯބިން ޕްރޮޓީން ނުއުފެއްދުމެވެ.
·         ހަމައެކަނި 1 ޖީން މަދުވުން : ބީޓާ ތެލެސީމިޔާ މައިނަރ / ބީޓާ ތެލެސީމިޔާ ޓްރެއިޓް
·         2 ޖީން މަދުވުން : ބީޓާ ތެލެސީމިޔާ އިންޓަރމީޑިޔާ
·         2 ޖީން މަދުވުން : ބީޓާ ތެލެސީމިޔާ މޭޖަރ / ކޫލޭސް އެނީމިޔާ

(3) ތެލެސީމިޔާއާ ގުޅުންހުރި އެހެން ވައްތަރުތައް : ތެލެސީމިޔާ އާ ގުޅުންހުރި އެހެން ވައްތަރުތަކުގެ ތެރޭގައި ހިމެނެނީ:-
·         ހިމޮގްލޮބިން އީ
·         ހިމޮގްލޮބިން ޑީ
* ހިމޮގްލޮބިން ސީ
·         ސިކްލް ސެލް ބަލި

ނޯޓް : ތެލެސީމިޔާ ކޮންމެ ވައްތަރަކާ ބެހޭގޮތުން ތަފްސީލީ ލިޔުން މިބްލޮގްގައި ހިމެނިފައިވާނެ އެވެ.

ތެލެސީމިޔާއާ އެއާ ގުޅުންހުރި ވައްތަރުތަކުގެ ތެރެއިން ލޭއަޅަންޖެހޭ، އަދި ލޭއަޅަންޖެހިދާނެ ހާލަތްތައް
(1) – ބީޓާ ތެލެސީމިޔާ މޭޖަރ : މިއީ ގަވާއިދުން ލޭއަޅަންޖެހޭ ބަލިކުދިންނެވެ. ލޭއަޅާ ބަލި އާންމުކޮށް ނިސްބަތް ކުރެވެނީ މިވައްތަރަށެވެ.

(2) – ބީޓާ ތެލެސީމިޔާ އިންޓަރމީޑިޔާ : މިއީ ޑަކްޓަރީ ފަރުވާ ގަވާއިދުން ބޭނުންވާ މަދުން ނަމަވެސް ލޭއަޅަންޖެހިދާނެ ބީޓާ ތެލެސީމިޔާގެ ނުރައްކާތެރިކަން ކުޑަ ވައްތަރެކެވެ.

(3) – އެޗްބީޑީ ބީޓާ ތެލެސީމިޔާ : މިފަދަ ކުދިންނަށް ލޭއަޅަންޖެހުމުގެ ފުރުޞަތު އޮންނާނެ އެވެ. މިފަދަ ކުދިންނަށް ބައެއް ފަހަރު 3 މަހުން 1 ފަހަރު ނުވަތަ އެއަށްވުރެ މަދުން ވެސް ލޭއަޅަން ޖެހިދާނެ އެވެ. އެޗްބީޑީ ކެރިއަރަކާ، ބީޓާ ތެލެސީމިޔާ ކެރިއަރަކާ ކައިވެނިކޮށް ބަލިވެ އިންނަ ކޮންމެ ފަހަރަކު މިފަދަ ކުދިން ލިބުމުގެ ފުރުޞަތު އޮންނާނެ އެވެ.

(4) - އެޗްބީއީ ބީޓާ ތެލެސީމިޔާ : މއީ މަދުން ނަމަވެސް ލޭއަޅަންޖެހޭ ވައްތަރެކެވެ. މީގެ ތެރޭގައި ނުރައްކާ ވައްތަރަކާ ނުރައްކާތެރިކަން ކުޑަ ވައްތަރެއް ހިމެނެއެވެ. އެއީ މިކުދިންނަށް ލޭއަޅަންޖެހޭ މުއްދަތު ތަފާތު ވުމެވެ. ބައެއް ފަހަރު 3 މަހުން 1 ފަހަރު ނުވަތަ އެއަށްވުރެ މަދުން، ނުވަތަ މަހަކު 1 ފަހަރު ވެސް ލޭއަޅަން ޖެހިދާނެ އެވެ. އެޗްބީއީ ކެރިއަރަކާ، ބީޓާ ތެލެސީމިޔާ ކެރިއަރަކާ ކައިވެނިކޮށް ބަލިވެ އިންނަ ކޮންމެ ފަހަރަކު މިފަދަ ކުދިން ލިބުމުގެ ފުރުޞަތު އޮންނާނެ އެވެ.

(5) – ސިކްލް ސެލް ބީޓާ ތެލެސީމިޔާ : މިއީ މަދުން ނަމަވެސް ލޭއަޅަންޖެހިދާނެ ވައްތަރެކެވެ. ސިކްލް ސެލް ކެރިއަރަކާ ބީޓާ ތެލެސީމިޔާ ކެރިއަރަކާ ކައިވެނިކޮށް ބަލިވެ އިންނަ ކޮންމެ ފަހަރަކު މިފަދަ ކުދިން ލިބުމުގެ ފުރުޞަތު އޮންނާނެ އެވެ.

(6) - އެޗްބީއެޗް ބަލި : އާންމު ގޮތެއްގައި އެޗްބީއެޗް ބަލި(Hb H disease ) ކުދިންނަކީ ޞިއްޙީ ގޮތުން މައްސަލައެއް ހުރި ބައެއް ނޫނެވެ. އަދި އާންމު ގޮތެއްގައި މިކުދިންނަށް ލޭއަޅާކަން ނުޖެހޭނެ އެވެ. ނަމަވެސް މިވައްތަރުގެ ކުދިންގެ ތެރެއިން ވަރަށް މަދު ކުއްޖަކަށް ދިމާވާ މައްސަލަ އަކީ ތުއްތުއިރުއިރު ލޭދަށަށް ނުދިޔަ ނަމަވެސް، ބޮޑުވަމުން އަންނަ ވަރަކަށް ލޭ ދަށްވަމުން ދިއުމެވެ. މިހެން ދިމާވުމުން މިކުދިންނަށް ލޭއަޅަންޖެހެއެވެ. އެހެންކަމުން ކަށިތައް ފުޅާވެ، ހުންކޮށި ދުޅަވެ، ލޭއަޅާ ކުއްޖެއްގެ ސިފަތައް ފެނެއެވެ. ނަމަވެސް މިއީ ވަރަށް މަދުން ދިމާވާ ގޮތެކެވެ. އާންމުގޮތެއްގައި އެޗްބީއެޗް ކުދިންގެ ލޭ ހުންނާނީ އާދައިގެ މީހުންނަށްވުރެ ތަންކޮޅެއް ދަށްކޮށެވެ. ނަމަވެސް މިކުދިންނަކީ އާދައިގެ ކުދިންނެކޭ އެއްފަދައިން ދިރިއުޅެވޭނެ ބައެކެވެ. އަލްފާ ޕްލަސް ކެރިއަރަކާ، އަލްފާ ޒީރޯ ކެރިއަރަކާ ކައިވެނިކޮށް ބަލިވެ އިންނަ ކޮންމެ ފަހަރަކު މިފަދަ ކުދިން ލިބުމުގެ ފުރުޞަތު އޮންނާނެ އެވެ.

(7) – އެޗްބީޑީ ސިކްލް ޑިޒީޒް : އެޗްބީޑީ އެޗްބީއެސް ޑިޒީޒް (އެޗްބީޑީ ސިކްލް ޑިޒީޒް) ކުދިންނަށް މަދުން ނަމަވެސް ލޭއަޅަން ޖެހޭނެއެވެ. އެޗްބީޑީ ކެރިއަރަކާ ސިކްލް ސެލް ކެރިއަރަކާ ކައިވެނިކޮށް ބަލިވެއިންނަ ކޮންމެ ފަހަރަކު މިފަދަ ކުދިން ލިބުމުގެ ފުރުޞަތު އޮންނާނެ އެވެ.

(8) – އެޗްބީއީ ސިކްލް ޑިޒީޒް : އެޗްބީއީ އެޗްބީއެސް ޑިޒީޒް (އެޗްބީއީ ސިކްލް ޑިޒީޒް) ކުދިންނަށް މަދުން ނަމަވެސް ލޭއަޅަން ޖެހޭނެ އެވެ. އެޗްބީއީ ކެރިއަރަކާ ސިކްލް ސެލް ކެރިއަރަކާ ކައިވެނިކޮށް ބަލިވެއިންނަ ކޮންމެ ފަހަރަކު މިފަދަ ކުދިން ލިބުމުގެ ފުރުޞަތު އޮންނާނެ އެވެ.

(9) - އެޗްބީސީ ބީޓާ ތެލެސީމިޔާ : މިފަދަ ކުދިންނަށް މަދުން ނަމަވެސް ލޭއަޅަންޖެހުމުގެ ފުރުޞަތު އޮންނާނެ އެވެ. އެޗްބީސީ ކެރިއަރަކާ ބީޓާ ތެލެސީމިޔާ ކެރިއަރަކާ ކައިވެނިކޮށްގެން ބަލިވެ އިންނަ ކޮންމެ ފަހަރަކު މިފަދަ ކުއްޖަކު ލިބުމުގެ ފުރުޞަތު އޮންނާނެއެވެ.

ތެލެސީމިޔާގެ އަލާމާތްތައް
·         ވާޅުވުން
·         ވަރުބަލިވުން
·         ނޭވާކުރުވުން
·         ދޮންފޫޑުވުން
·         ރީނދޫވުން
·         މޫނުގެ ކަށިތައް އައިބުވުން
·         ކުއްޖާ ބޮޑުވާންވީ ވަރަށް ނުވުން
·         ބަނޑުފުއްޕުން
·         ކުޑަކަމުދާ ތަކެތި ކުލަގަދަކޮށް ހުރުން
·         ކާހިތްނުވުން
·         ބާލިޣުވުން ލަސްވުން
·         ހުންކޮށި، ހިތް، ފުރަމޭ ބޮޑުވުން
ތުއްތު ކުއްޖެއްގެ ކިބައިން މިއިން އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަކީ މުހިއްމު ކަމެކެވެ.

ތެލެސީމިޔާގެ ސަބަބުން ދިމާވެދާނެ ނުރައްކާތައް
(1) - ހަށިގަނޑުގެ ގުނަވަންތަކުގައި ދަގަނޑު ހަރުލުން: ލޭއަޅާ ކުދިންނަކީ މަހަކު 1 ފަހަރު މަދުވެގެން ލޭއަޅަންޖެހޭ ބަޔަކަށް ވުމުން ލޭއެޅުމުގެ ސަބަބުން ހަށިގަނޑުގައި ދަގަނޑުގެ ބައި އިތުރުވެގެން ދެއެވެ. އެގޮތުން ހަށިގަނޑުގައި އިތުރުވެގެންދާ ދަގަނޑުގެ ބައި އެތެރެހަށީގެ ބައެއް ގުނަވަންތަކުގައި ހަރުލާގޮތް ވެއެވެ. އެގޮތުން ހިތް، ފުރަމޭ އަދި އެންޑަކްރިން ގްލޭންޑްތަކުގައި ހަރުލައި އެގުނަވަންތަކުގެ މަސައްކަތަށް ބުރޫއަރުވައެވެ. ނަތީޖާއަކަށްވަނީ އެގުނަވަންތަކުގެ މަސައްކަތް ހުއްޓޭގޮތް ދިމާވުމެވެ. ތެލެސީމިޔާގެ ސަބަބުން ހިތަށް ދިމާވެދާނެ ނުރައްކާތަކުގެ ތެރޭގައި، ހާރޓް އެޓޭކް ޖެހުން، ހިތް ހުއްޓުން، އަދި ހިތުގެ ވިންދުޖަހާ ތަރުތީބު ގެއްލުން ފަދަ ކަންތައް ހިމެނެއެވެ. މީގެ އިތުރުން ފުރަމޭގައި ދަގަނޑު ހަރުލައި ފުރަމޭ ހަލާކުވާގޮތް ވެއެވެ.

(2) - އިންފެކްޝަންތައް : ތެލެސީމިޔާ ކުދިންނަކީ ގިނަގިނައިން ލޭއަޅަންޖެހޭ ކުދިންނަށް ވުމުން ލޭގެ ޒަރީޢާއިން ފެތުރޭ ބަލިތަކަށް ހުށަހެޅުމުގެ ފުރުޞަތު އެފަދަ ކުދިންނަށް ބޮޑުވެފައި ފަސޭހަ އެވެ. މިސާލަކަށް ފުރަމޭ ދުޅަވުންގެ ވައްތަރެއް ކަމުގައިވާ ހެޕަޓައިޓިސް ބީ ފަދަ ބަލިތައް ޖެހުމުގެ ފުރުޞަތު ބޮޑުވެގެން ދެއެވެ. ހުންކޮށްޓަކީ އިންފެކްޝަންއާއި ދެކޮޅަށް މަސައްކަތްކުރާ ގުނަވަނަކަށް ވުމުން ހުންކޮށި ނަގާފައިވާ މީހުން އިންފެކްޝަން އަށް ހުށަހެޅުމުގެ ފުރުޞަތު ބޮޑެވެ.

(3) - ކަށްޓަށް ލިބޭ އުނިކަން : ތެލެސީމިޔާގެ ސަބަބުން ކަށީގެ މަދު ފުޅާވެ، ކަށިތައް ފުޅާވާގޮތް ވެއެވެ. ނަތީޖާއެއްގެ ގޮތުން ހަށިގަނޑުގެ ބައެއް ހިސާބުތަކުގެ ކަށީގެ ބައްޓަމަށް ޚާއްޞަކޮށް ބޮލުގެ ނާށިގަނޑާއި މޫނުގެ ކަށިތަކުގެ ބައްޓަމަށް ބަދަލު އާދެއެވެ. ކަށީގެ މަދު ފުޅާވުމުން ކަށިތައް ތުނިވެ، ފަސޭހައިން ބިނދޭގޮތް ވެއެވެ. ޚާއްޞަކޮށް މައިބަދައިގެ ކަށިތައް ފަސޭހައިން ބިނދޭގޮތް ވެއެވެ. މައިބަދައެއް ބިނދިއްޖެނަމަ އޭގެ ސަބަބުން މައިބަދައިގެ ތެރެއިން ގޮސްފައިވާ ނާރުވާފަށް ނުވަތަ ސްޕައިނަލް ކޯޑް އަށް ފިތި، އޭގެ ސަބަބުން އިތުރު އުދަނގޫތަކާއި ކުރިމަތި ލާންޖެހިދާނެ އެވެ. އަދި ކަށިތައް ތުނިވެ، ފަސޭހައިން ބިނދޭގޮތް ވުމުން ކަށިފީވުން ނުވަތަ ކަށިގިރޭ ބަލީގެ އުދަގޫތައް ފެންނަށް ފަށައެވެ.

(4) - ހުންކޮށި ބޮޑުވުން: ހުންކޮށި އަކީ އިންފެކްޝަންއާއި ދެކޮޅަށް ހަށިގަނޑު މަސައްކަތްކުރުމުގައި އެހީތެރިވެދީ، ހަށިގަނޑުގައި އުފެދޭ ބޭކާރު މާއްދާތައް ހަށިގަނޑުން ސާފުކޮށްދީ، ހަލާކުވެ ދުވަސްވެފައިވާ ލޭގެ ސެލްތައް ފުރާނައި ހަށިގަނޑު ސާފު ކުރުމުގައި ބައިވެރިވާ ގުނަވަނެކެވެ. ތެލެސީމިޔާ އާއި ގުޅިގެން ލޭގެ ރަތްސެލްތައް އާދަޔާ ޚިލާފަށް ގިނައިން ހަލާކުވާތީ ހުންކޮށި އެސެލްތައް ސާފުކުރުމުގައި މަސައްކަތުގައި އަވަދިނެތި އުޅެންޖެހެއެވެ. ނަތީޖާއެއްގެ ގޮތުން ހުންކޮށި ފުއްޕައި ދުޅަވެ ބޮޑުވެގެން ދެއެވެ. ހުންކޮށި ބޮޑުވުމުން ހަށިގަނޑަށް އެޅޭ ލޭގެ ސެލްތަކުގެ ދިރިހުރުމުގެ މުއްދަތު ކުޑަކޮށްދީ، ތެލެސީމިޔާގެ ޙާލަތު އިތުރަށް ގޯސްކުރުވައެވެ. މާބޮޑަށް ހުންކޮށި ބޮޑުވެއްޖެނަމަ އޮޕަރޭޝަން ކޮށްގެން ހުންކޮށި ނަގަންޖެހެއެވެ.

(5) - ބޮޑުވާންވީ ވަރަށް ނުވުން: ތެލެސީމިޔާގެ ސަބަބުން ތުއްތުކުދިން ބޮޑުވާންވީ ވަރަށް ނުވުމަކީ އެކަށީގެންވާ ކަމެކެވެ. އަދި މިފަދަ ކުދިން އާންމުކޮށް އެއުމުރުގެ ކުދިންގެ އިސްކޮޅާއި އެއްވަރަށް ދިގުނުވުމަކީ ވެސް ވެދާނެ ގޮތެކެވެ. ތެލެސީމިޔާއާއި ގުޅިގެން އެންޑަކްރިން ގްލޭންޑް ތަކަށް ދިމާވާ މައްސަލަތަކުން ބާލިޣުވުން ލަސްވެގެން ދެއެވެ.

ތެލެސީމިޔާއަށް ޓެސްޓްކުރުމުގައި ނަތީޖާ ޔަޤީންނުވާ ސަބަބުތައް
ތެލެސީމިޔާއަށް ޓެސްޓްކުރުމުގައި ބައެއް މީހުންގެ ނަތީޖާ ޔަގީންކޮށް ނޭގޭގޮތް ދިމާވެއެވެ. މިއީ ވަރަށް މަދުބަޔަކަށް ދިމާވާ ކަމެކެވެ. މިހެންވާންޖެހޭ ތަފާތު ދެތިން ސަބަބެއް ވެއެވެ. އޭގެ ތެރޭގައި:-
·         ތެލެސީމިޔާގެ ތަފާތު ވައްތަރުތައް ހުރުން
·         ތެލެސީމިޔާ އާއި ގުޅުންހުރި އެހެން މައްސަލައެއް(ވައްތަރުތައް) ހުރުން
·         ޓެސްޓްކުރާއިރު ލޭމަދުވެފައި ހުރުން
·         އެހެން މީހެއްގެ ގައިން ލޭއަޅާފައިވަނިކޮށް ޓެސްޓްކުރުން
ލޭގެ މިފަދަ މައްސަލަތައް ހުރުމާއި ގުޅިގެން ނަތީޖާ ޔަގީންކޮށް ނޭނގެނީއެވެ. މިގޮތުން ނަތީޖާ ނޭގުމުން ނަތީޖާ ހޯދުމަށް ދެންކުރަންޖެހޭ ޓެސްޓަކީ ޑީ.އެން.އޭ ޓެސްޓެވެ.

(ހ) - ތެލެސީމިޔާގެ ވައްތަރުތައް : ތެލެސީމިޔާ ބެހިފައިވަނީ މައިގަނޑު ދެބަޔަކަށެވެ. އެއީ ބީޓާ ތެލެސީމިޔާ އަދި އަލްފާ ތެލެސީމިޔާ އެވެ. ލޭނެގުމަށްފަހު ފުރަތަމަ ޓެސްޓްކުރާނީ ބީޓާ ތެލެސީމިޔާ އަށެވެ. މިޓެސްޓް ހެދުމަށްފަހު އަލްފާ ތެލެސީމިޔާ ކެރިއަރެއްކަމުގެ ނިޝާންތައް ފެންނަނަމަ ޖެހޭނީ އަލްފާ ތެލެސީމިޔާ އަށް ޓެސްޓްކުރުމަށް އަލުން ލޭނަގާށެވެ.
އަލުން ލޭނަގަން ޖެހޭ އެއް ސަބަބަކީ އަލްފާ ތެލެސީމިޔާ ކެރިއަރެއްތޯ ބެލުމަށް ހަދާ ޓެސްޓަކީ ލޭނަގާ ވަގުތު ހަދަންޖެހޭ ޓެސްޓެއްކަމަށް ވާތީ އެވެ. ގިނައިރު ވެފައި ހުންނަ ލޭ މިޓެސްޓް ހަދަން ބޭނުން ނުކުރެވޭނެތީ އެވެ.

(ށ) - ތެލެސީމިޔާއާއި ގުޅުންހުރި އެހެން ވައްތަރުތައް : ތެލެސީމިޔާއާއި ގުޅުންހުރި ލޭގެ މައްސަލައެއް ހުރުމަކީ އެކަށީގެންވާ ކަމެކެވެ. މިއީ ލޭގައި ހުންނަ އުނި ކަންތައްތަކެވެ. މީގެ ސަބަބުން ނަތީޖާ ވަކި ގޮތަކަށް ނިންމަން ނޭގޭގޮތް މެދުވެރިވަނީ އެވެ. ތެލެސީމިޔާއަށް ޓެސްޓްކުރާއިރު މިފަދަ މައްސަލަތައް ލޭގައި ހުންނަނަމަ އެކަން ފާހަގަ ކުރެވޭނެ އެވެ. މިފަދަ މައްސަލަތަކުގެ ތެރޭގައި ހީމަގްލޯބިން އީ، ހީމަގްލޯބިން ޑީ، ޑެލްޓާ ބީޓާ ތެލެސީމިޔާ، އަދި ސިކްލް ސެލް އެނީމިޔާ ހިމެނެއެވެ.

(ނ) - ލޭމަދުވެފައި ހުރުން : މިއީ ތެލެސީމިޔާއަށް ޓެސްޓްކުރާއިރު ބައެއް ފަހަރު ލޭމަދުވެފައި ހުރުން ނުވަތަ ލޭގައި ދަގަނޑުގެ ބައި މަދުވެފައި ހުރުމެވެ. މިއީ ދިވެހިރާއްޖޭގެ މީހުންގެ ވަރަށް ގިނައިން ހުންނަ ކަމެކެވެ. ބައެއް ފަހަރު ބައެއް ރަށްރަށުގައި މިކަން ބޮޑަށް ފާހަގަ ކުރެވެއެވެ. ލޭމަދުވެފައި ހުއްޓައި، ތެލެސީމިޔާއަށް ޓެސްޓްކުރާއިރު ނަތީޖާ ދައްކާގޮތުން ތެލެސީމިޔާ ކެރިއަރެއްކަން ޔަގީން ނުވަނީ އެވެ. ވީމާ ރަގަޅު ނަތީޖާ ޔަގީންކޮށް ވަކިގޮތެއް ނިންމަން ނޭގޭތަން އާދެއެވެ.
މިގޮތަށް ދިމާވުމުން ޖެހޭނީ ލޭ ރަގަޅުކުރުމަށް ފަރުވާކުރުމަށް ފަހު އަލުން ޓެސްޓްކުރާށެވެ. މިކަމަށް ފަރުވާ ކުރުމުގެ ގޮތުން 7 ނުވަތަ 8 ހަފްތާ ވަންދެން ދަގަނޑު އެކުލެވޭ ބޭސް ބޭނުން ކުރުމަށްފަހު އަލުން ޓެސްޓްކުރަން ޖެހެއެވެ. ޑޮކްޓަރެއްގެ ލަފާގެ ދަށުން ދަގަނޑު ބޭސް ކެއުމަށް މަޝްވަރާ ދެވޭނެ އެވެ. ދަގަނޑު އެކުލެވޭ ކާނާ ކެއުމުން ވެސް މިކަން ރަގަޅު ކުރެވޭނެ އެވެ.

(ރ) - އެހެންމީހެއްގެ ގައިން ލޭއަޅާފައިވަނިކޮށް ޓެސްޓްކުރުން: އެހެން މީހެއްގެ ގައިން ލޭއެޅުމަށްފަހު ޓެސްޓްކުރުމުން ނަތީޖާ ނޭގޭގޮތް މެދުވެރި ވެއެވެ. ސަބަބަކީ ޓެސްޓްގެ ނަތީޖާގައި ދައްކާނީ އެހެން މީހެއްގެ ލޭގެ ނަތީޖާއެވެ. ލޭއެޅުމަށްފަހު ލޭގެ އަސަރު ދިއުމަށް ގާތްގަނޑަކަށް 120 ދުވަސް ނަގާނެ އެވެ. އެމުއްދަތަށްފަހު ޓެސްޓްކުރުން ރަގަޅުވާނެ އެވެ.
ނަތީޖާ ޔަގީން ނުވެގެން އުޅޭ ހާލަތްތަކުގައި އެކަމާއި ބެހޭ މަޢުލޫމާތު ހޯދުމަކީ ވަރަށް މުހިއްމު ކަމެކެވެ. އަދި މީހަކާ އިނދެގެން އުޅޭމީހުންގެ ތެރެއިން ދެމަފިރިންނަށް ވެސް މިފަދައިން ދިމާވެފައިވާނަމަ ބަލިވެ އިނދެ ލިބޭ ދަރިފުޅަށް ދިމާވެދާނެ ހާލަތްތައް ދެނެގަތުމަށްޓަކައި ވަކި ޓެސްޓެއް ކުރަންޖެހޭކަން ނުވަތަ ނޫންކަން ބަލައި އޮޅުން ފިލުވާށެވެ. ލޭގެ މިފަދަ މައްސަލަ ތަކަކީ އާއިލީ ގޮތުން ވާރުތަވާ ކަންކަމަށްވާތީ އާއިލާގެ އެހެން މެންބަރުން ވެސް ޓެސްޓްކޮށް ބެލުން ބޭނުންތެރި އެވެ.

ނޯޓް : މިއީ މައުލޫމާތު ފެތުރުމުގެ ނިޔަތުގައި ލިޔެފައިވާ ލިޔުމެކެވެ. މިލިޔުމުގައި ހިމެނޭ މައުލޫމާތު ތަކަކީ ޞިއްޙީ މައުލޫމާތު ފެތުރުމުގެ ގޮތުން ސޮސައިޓީ ފޮރ ހެލްތު އެޑިޔުކޭޝަން އަދި ޑިޕާޓްމަންޓް އޮފް ޕަބުލިކް ހެލްތުން ނެރެފައިވާ ތަފާތު ލީފްލެޓް ތަކާ، މައުލޫމާތު ކަރުދާސް ތަކުން ހޮވައި، އެއްކުރެވި، ބައެއް މައުލޫމާތުތަކަށް އުނި އިތުރުގެނެވި އަލުން ތަރުތީބުކޮށް، އަތުރާލެވިފައިވާ މައުލޫމާތު ތަކެކެވެ.

ލޭއަޅާ ކުދިންނަށް ދެވޭ ފަރުވާ
ތެލެސީމިޔާ މޭޖަރ ނުވަތަ ލޭއަޅާ ބަލީގެ ކުދީންނަކީ އެކުދީން ދުނިޔޭގައި ތިބުމަށް ކޮންމެ 3 ނުވަތަ 4 ހަފްތާއަކު 1 ފަހަރު ލޭއަޅަންޖެހޭ ކުދީންނެވެ. ބައެއް ފަހަރަށް މިއަށްވުރެ އަވަހަށް ވެސް ލޭއަޅަންޖެހެއެވެ.
މިކުދީންގެ  ފުރާނަ ސަލާމަތް ކުރުމަށްޓަކައި އަބަދު ލޭއަޅަން ފެށުމުން ލޭގައި ހުންނަ ދަގަނޑުގެ ބައި ކުއްޖާގެ ހަށިގަނޑުގައި އާދަޔާ ޚިލާފަށް އިތުރުވާން ފަށައެވެ. މިކަމުގެ ސަބަބުން ހިތާއި، ޗިސްމޭ، ފަދަ ހަށިގަނޑުގެ މުހިއްމު ގުނަވަންތަކުގައި ދަގަނޑުގެބައި ހަރުލާގޮތް ދިމާވެއެވެ.
ލޭއެޅުމުން އިތުރުވާ ދަގަނޑުގެ ބައި މަދުނުކޮށްފިނަމަ، މިދެންނެވުނު ގުނަވަންތައް ހަލާކުވެ މަސައްކަތް ނުކުރާގޮތް ދިމާވެދާނެ އެވެ. މިކަމުން ރައްކާތެރިވުމަށް (މިކުދީންގެ ހަށިގަނޑުގައި ދަގަނޑުގެބައި ހުރިވަރަކުން) ހަފްތާއަކު 5 ނުވަތަ 6 ދުވަހު ޑެސްފެރޯލް އިންޖެކްޝަން ޖަހަން ޖެހެއެވެ.
މިއިންޖެކްޝަން ޖަހަނީ މިޖެހުމަށް ޚާއްޞަ ކުރެވިފައިވާ ޕަމްޕެއް ބޭނުން ކޮށްގެންނެވެ. އަދި މިއިންޖެކްޝަން ކުއްޖާގެ ހަށިގަނޑުގެ ތެރެއަށް ޖެހުމަށް، ނުވަތަ ފޮނުވުމަށް 8 ނުވަތަ 10 ގަޑިއިރު ހޭދަވެއެވެ. އިންޖެކްޝަން ޖެހުމުން ކުއްޖާގެ ހަށިގަނޑުގައި އިތުރުވާ ދަގަނޑުގެ ބައި ކުޑަކަމުދާ އެއްޗިއްސާއި ބޮޑުކަމުދާ އެއްޗިއްސާއި، އަދި ދަލާއި އެކު ހަށިގަނޑުން ބޭރުވެގެން ދެއެވެ.

ބޭނުންވާ ފަރުވާ
·         ގަވާޢިދުން ލޭއެޅުން ( މަދުވެގެން މަހަކު އެއް ފަހަރު ) : ހަށިގަނޑުގައި ހީމަގްލޯބިން  10-9 ގްރާމް އަށްވުރެ ދަށްވިޔަނުދީ ހިފެހެއްޓޭވަރަށް ލޭއަޅަމުން ގެންދިއުން. ލޭއަޅަންޖެހޭ ސަބަބަކީ މިފަދަކުދިންގެ ހަށިގަނޑުގައި ހީމަގްލޯބިން އުފައްދައިނުދޭތީ އެވެ.
·         ލޭއެޅުމުގެ ސަބަބުން އިތުރުވާ ދަގަނޑުގެބައި ދުއްވާލުމަށްޓަކައި ޑެސްފެރޯލްގެ ފަރުވާދިނުން : މިއީ ހަފްތާއަކު 5 ދުވަހު ޖަހަން ޖެހޭ އިންޖެކްޝަން އެކެވެ. މިހާރު މިކަމަށް ބޭނުންކުރެވޭނެ ގުޅަ ބޭސް ވެސް ހުރެއެވެ. ގިނައިން ލޭއެޅުމުގެ ސަބަބުން ހަށިގަނޑުގައި އިތުރުވާ ދަގަނޑު ހަށިގަނޑުގެ އެކި ގުނަވަންތަކުގައި ހަރުލައި ހުރުމުގެ ސަބަބުން މިގުނަވަންތަކަށް ގެއްލުން ލިބި ހަލާކުވެއެވެ. ވީމާ މިބައި ނައްތާލުމަށް ބޭހެއް ބޭނުންކުރަން ޖެހެނީ އެވެ. މިހާތަނަށް ދިވެހިރާއްޖޭގައި ތެލެސީމިޔާގެ ގިނަކުދިން ނިޔާވެފައި ވަނީ ދަގަނޑު އިތުރުވުމުގެ ސަބަބުން ޖެހޭ ބަލިތަކުގައެވެ. ވީމާ ދަގަނޑު މަދުކުރުމަށް ގަވާޢިދުން ފަރުވާކުރުން މުހިއްމެވެ. 
·         ދުޅަވެފައިވާ ހުންކޮށި ނަގަން ޖެހިއްޖެ ހާލެއްގައި އޮޕަރޭޝަނަކުން ނެގުން
·         ކަށީގެ މަދު ބަދަލުކުރުން
ފަރުވާގައި ވިސްނާލަންވީ ނުކުތާތައް
·         ލޭއެޅުމުގައި ލިއުކޮސައިޓް ފިލްޓަރު ނުވަތަ ހުދު ސެލްތައް ވަކިކޮށްދޭނެ ވަޞީލަތެއް ބޭނުންކުރުން: މީގެ ސަބަބުން ދިމާވެދާނެ ނޭދެވޭ މައްސަލަތަކުން ރައްކާތެރިކޮށްދެއެވެ. އެގޮތުން:-
-          ހުދު ސެލްގެ ޒަރީޢާއިން ވާޞިލްވެދާނެ ބައެއް ކަހަލަ ޖަރާސީމް އެތެރެވިޔަނުދިނުން
-          ލޭއެޅުމުގައި ދިމާވާ މައްސަލައެއް ކަމުގައިވާ ގައިން ފިތްނެގުން، ހުންއައުން މަދުވުން
·         ލޭއެޅުމުގެ ސަބަބުން އިތުރުވާ ދަގަނޑުގެ ބައި ނައްތާލުމަށް ކަނޑައެޅޭ ގަވާޢިދަކުން ޑެސްފަރޯލް އިންޖެކްޝަން ނުވަތަ ގުޅަ ބޭސް ބޭނުންކުރުން
·         ލޭގައި ދަގަނޑުގެ މިންވަރު ހުރިގޮތް ބަލާ ޗެކްކުރުން
·         ހަދަންޖެހޭ ޓެސްޓްތައް ޑޮކްޓަރުގެ ލަފާގެ މަތީން ހެދުމަށް ފަރުވާތެރިވުން
·         ނަގަންޖެހޭ ވިޓަމިންތައް ޑޮކްޓަރުގެ ލަފާގެ މަތީން ނެގުން

ކަށީގެ މަދު ބަދަލުކުރުން
ކަށީގެ މަދު ބަދަލުކުރުމުގެ އޮޕަރޭޝަން ކޮށްގެން މިބަލި މުޅިން ރަގަޅު ކުރެވެއެވެ. ނަމަވެސް މިއީ ވަރަށް އަގުބޮޑު އަދި އެހާމެ ނުރައްކާތެރިކަން ބޮޑު އޮޕަރޭޝަނެކެވެ. މި އޮޕަރޭޝަން ކުރެވޭނީ ބަލިކުއްޖާގެ ކަށީގެ މަދާއި ހުރިހާ ގޮތަކުން ވެސް ގުޅޭ ކަށީގެ މަދު ލިބިގެންނެވެ. މިގޮތަށް ގުޅޭނީ އެއްމާބަނޑު ނުވަތަ އެއްބަނޑު އެއްބަފާ ކުދިންނާއެވެ. ނަމަވެސް ވަރަށް ނާދިރު ގޮތެއްގައި ގާތްތިމާގެ މީހަކާ ވެސް ގުޅިދާނެ އެވެ. މިއޮޕަރޭޝަނަށް ފަހު ވެސް ބަލިކުއްޖާ ޑޮކްޓަރުންގެ ޚާއްޞަ ބެއްލެވުމުގެ ދަށުގައި އެއް އަހަރަށްވުރެ މަދު ނޫން މުއްދަތެއްގައި ގެންގުޅެން ޖެހެއެވެ.
ދަގަނޑު އިތުރުވުން ކުޑަކުރުމަށް ދެވޭ ޑެސްފަރޯލްގެ ފަރުވާ ގަވާޢިދުން ބޭނުންކުރާ ކުދިންނަށް ކަށީގެ މަދު ބަދަލުކުރުމަށް ކުރާ އޮޕަރޭޝަން ކާމިޔާބުވުމުގެ ފުރުޞަތު ބޮޑެވެ. ސަބަބަކީ ފެށުނީއްސުރެ ފުރިހަމަ ފަރުވާ ދެވިފައިވުމުގެ ސަބަބުން ހަށިގަނޑުގެ ގުނަވަންތަކަށް ގެއްލުންނުވެ ހުރުމެވެ.
ތެލެސީމިޔާއިން ރައްކާތެރިވުން
ކޮންމެ ފަހަރަކު ލޭހޯދުމާއި، އަދި ހަފްތާއަކު 5 ނުވަތަ 6 ދުވަހު ޑެސްފަރޯލް އިންޖެކްޝަން ޖަހަން 8 ގަޑިއިރު ހޭދަވުމަކީ ކުއްޖާގެ އާއިލާއަށް އެހާމެ ދަތި އުދަގޫ މައްސަލަ އެކެވެ.
ކޮންމެ ދުވަހަކު އިންޖެކްޝަން ޖެހުމުން ލިބޭ ތަދާއި، މިކަމުގައި ހޭދަވާ ވަގުތަކީ ވެސް ކޮންމެ މީހަކަށްވެސް އިހްސާސް ކުރެވޭނެ ކަމެކެވެ. ކުއްޖާ ބޮޑުވަމުންދާ ވަރަކަށް ޖަހަން ޖެހޭ ޑެސްފަރޯލް އިންޖެކްޝަންގެ އަދަދުވެސް އިތުރުކުރަން ޖެހެއެވެ. ޑެސްފެރޯލް އަކީ ވަރަށް އަގުބޮޑު އިންޖެކްޝަނެކެވެ. މިއިންޖެކްޝަން ޖެހުމަށް ބޭނުންކުރާ ޕަމްޕަކީ އަދި އެއަށްވުރެ އަގުބޮޑު އެއްޗެކެވެ.
ކަން މިހެން ހުރުމާއެކު ކޮންމެ މީހަކު ވެސް އާއިލާ ރޭވުމުގައި ތެލެސީމިޔާއިން ރައްކާތެރި ވެވޭނޭގޮތްތައް އޮޅުން ފިލުވައިގެން މިކަމާމެދު ވިސްނައިގެން އާއިލާ ރޭވުމަކީ މިކަމުން ރައްކާތެރިވުމަށް އެޅޭ އެންމެ މުހިއްމު ފިޔަވަޅެވެ.

މައުލޫމާތު
·         "ތެލެސީމިއާ" ލީފްލެޓް : ކުލުނު 118 – ޖަނަވަރީ 1998 – ޝީ – މާލެ – ދިވެހިރާއްޖެ
·         'އަލްފާ ތެލެސީމިޔާ" ލީފްލެޓް : ކުލުނު 135 – ޖޫން 1999 – ޝީ – މާލެ – ދިވެހިރާއްޖެ
·         "ހިމޯގްލޮބިން އީ" ލީފްލެޓް : ކުލުނު 143 – ފެބުރުއަރީ 2000 – ޝީ – މާލެ – ދިވެހިރާއްޖެ
·         "ތެލެސީމިޔާ އަށް ޓެސްޓުކުރުމުގައި ނަތީޖާ ޔަގީންނުވާ ސަބަބުތައް" ލީފްލެޓް : ކުލުނު 177 – ޑިސެމްބަރ 2002 – ޝީ – މާލެ – ދިވެހިރާއްޖެ
·         "ހިމޯގްލޮބިން ޑީ" ލީފްލެޓް : ކުލުނު 198 – ސެޕްޓެމްބަރ 2004– ޝީ – މާލެ – ދިވެހިރާއްޖެ
·         "ތެލެސީމިއާގެ ފަރުވާ " ލީފްލެޓް : ކުލުނު 235 – އޮކްޓޯބަރ 2007 – ޝީ – މާލެ – ދިވެހިރާއްޖެ
·         "އަލްފާ ތެލެސީމިޔާ" އާ ބެހޭގޮތުން ތައްޔާރު ކުރެވިފައިވާ މައުލޫމާތު ގަނޑެއް

No comments:

Post a Comment